އަމީރާ ދުވަމުން އައިސް ލޫސިއާންގެ ކުރިމަތީގައި ހުއްޓިލަމުން އެދެއަތުގައި ހިފައިލިއެވެ. ލޫސިއާންއާއި އަމީރާގެ އިނގިލިތައް ލާމެހި ގުޅިގެން ހިގައްޖެއެވެ. އަމީރާއަށް ލޫސިއާންގެ ދެލޮލަށް ބަލައިލެވުނުއިރު އެލޮލަށް މާމުއި ނުވަތަ ރަންކުލަވެރިވިހެން ހީވިއެވެ. ތުންފަތުގެ ރީތިކަމާއި މަޑުކަމުން ދުރުގައި އުޅެން ކެތްނުވާވަރު ކުރުވައެވެ. ކުޑަކޮށް ދިގުކޮށްލެވިފައިވާ އިސްތަށިގަނޑުގެ ސަބަބުން ތަފާތު ގޮތެއްހުއްޓެވެ. ބޮޑަށް ވައްތަރުވަނީ ފިލްމުތަކުން ފެންނަފަދަ ވެމްޕަޔަރަކާއެވެ. ކޮންފަދަ ފުރިހަމަ މޫނެއްހެއްޔެވެ؟ އަމީރާއަށް އެފިރިހެންވަންތަ މޫނުގައި ފިރުމައިލެވުނެވެ. ދެން ވިސްނާލާފައި އޭނަ ކުޑަކޮށް ދުރަށް ޖެހިލިއެވެ. އޭނަ ކައިވެނިކުރަންދެން އުޅޭނީ ދުރުންނެވެ.
"ބީޗްގައި ހިނގާލަން ދާނީ ދޯ...." ލޫސިއާންއަށް އަމީރާގެ ހިތުގައިވާ އެއްޗެއް ކިތަންމެ ރަގަޅަށްވެސް އެނގުނެވެ.
"ނަމާދުގަޑި ޖެހުނީމަ ދެން ނަމާދުކޮށްލައިގެން ނޫނީ ދާކަށް ނުވާނެ. ލެންވެސް އާޒް ގޮވައިގެން މިސްކިތަށް ގޮސްލަންވީނު. ޖިންނިންގެ އުދަގޫތައް ކުޑަވާނީ ވީހާވެސް ރަގަޅަށް އުޅުނީމަ...." އަމީރާ ހީލިއެވެ.
"އޭޒް ޔޫ ވިޝް ބޭބީ..." ލޫސިއާންގެ މޫނުގެ ކުލަ އޮއްސި މާޔޫސްވިއެވެ. އެކަން އަމީރާއަކަށް ފާހަގައެއް ނުކުރެވުނެވެ. ދުއްވައިގަތީ ކޮއްކޮ ވުޟޫކުރުވާފައި ލޫސިއާންއާއިއެކު ފޮނުވުމުގެ ނިޔަތުގައެވެ. އާޒް ގޭމްކުޅެން އިންދާ ނަމާދުގެ ވާހަކަ ބުނުމުން އަރާނީ ފަހުންނޭ ބުނެލީ ފޫހިވެފައެވެ.
"ނޫން. ޓެން ވީމަ ކޮންމެހެންވެސް ނަމާދުކުރަން ޖެހޭނެ. ނަމާދުނުކޮށް ގޭމް ކުޅެން އިންދާ މަރުވެއްޖެއްޔާ ވަގުތުން ނަރަކައަށް ވެއްޓޭނީ. އަވަހަށް ބަސްއަހައިގެން ހިނގާ. ޕްލީޒް......." އަމީރާ އާޒްއަށް ލޯބިން ވިސްނާދިނުމުން ދޮންތަގެ ބަސްއަހައިގެން އެތަނުން ތެދުވެއްޖެއެވެ.
އަމީރާ ނަމާދުކޮށްލުމަށްފަހު ކުޑަގޮތަކަށް ތައްޔާރުވެލައިގެން ނުކުތްއިރު ލޫސިއާންވެސް އާޒް ގެނެސް ގެއަށް ލައިފިއެވެ. އަމީރާ ބުނީ އާޒް ދެ ނަމާދު ދޭތެރޭގައި ގުރުއާން ނުކިޔަވަންޏާ މައިކަލް ބޭބެއައިސް ގޭމް އަތުލާނެކަމުގައެވެ. އާޒް ބަސްއަހައިގެން ގުރުއާން ހިފައިގެން އައިގޮތަށް ބާރުބާރަށް ބަގަރާ ސޫރަތްކިޔަވަން ފެށިއެވެ. އެއަޑު ކަންފަތުގައި ޖެހުމުން ލޫސިއާން ހުރީ އަވަހަށް ދުރަށް ނުދެވިފައެވެ. އަމީރާ ލޫސިއާންއާއިއެކު ހިނގާލަން ދިޔައީ އަތިރިމައްޗަށެވެ. ދެ ލޯބިވެރިން އަތުގުޅުވާލައިގެން ހިނގާލާފައި ދިޔައިރު ކުދި ސަމާސާތައް ކޮށްލައެވެ. ލޫސިއާން ދޮންވެލިގަނޑުން ނަގާފައި ދިން އޮމާން ބޮލިވެސް އަމީރާއަށް އަގުނުކުރެވޭފަދަ ހަދިޔާއަކަށެވިއެވެ. މާވަހަރެކޭ ކިޔާފައި ކުޑަ ގާގަނޑެއް ދިނުމުން އަމީރާ ހީކުރީ ސަމާސާއެއްކަމުގައެވެ. ގައިގާ އަތްނުލިޔަސް ދެމީހުންނަށް އެވަގުތުތައްވީ ބުނަން ނޭގޭފަދަ އުފާވެރި ވަގުތުތަކަށެވެ. ރުއްގަނޑެއްގެ މަތީގައި ތިބެފާ އެކަކު އަނެކަކަށް ލޯބީގެ ވައުދުތައް ކުރިއިރު އުޑުން ފެންނަން ހުރި ތަރިތަކާއި ކަނޑުގެ ރާޅުތައްވެސް އެކަމަށް ހެކިދޭނެއެވެ. ދޭތެރެއަކުން ގަސްތަކުގެ ތެރެއިން މީހަކު ބަލަން ހުންނަކަމުގައި އަމީރާއަށް އިހުސާސްކުރެވި ބިރުގަންނަގޮތްވިއެވެ. އޭމޮން މި މަންޒަރު ބަލަން ހުރެފައި ލޫސިއާންއަށް ގެއްލުމެއްނުދޭނެ ހެއްޔެވެ؟ ލޫސިއާން ބުނެފައިވަނީ އޭނައަށް ސިހުރުގެ އުދަގުލެއްނުޖެހޭނެ ކަމުގައެވެ. ޖިންނިއަކަށްވެސް ވައިއެޅެން ނުކެރޭނެ ކަމުގައެވެ. ޖިންނިން އަބަދުވެސް ގޯނާކުރާނީ ބަލިކަށިމީހުންނަށެވެ. ނޫނީ ބިރު ގަތީމައެވެ.
"ބޭބީ. އަހަރެންގެ ފެމިލީއާއި ބައްދަލުކުރަން ކޮންމެހެންވެސް އެގެއަށް އަންނަންވާނެ. ނޫނެކޭ ނުބުނައްޗޭ. އެކަމަކު ނެކްސްޓް ވީކްގައި. މިހާރު މަންމަވީ ލަންކާއަށް ގޮސްފައި......." ލޫސިއާން ދައުވަތުދިނުމުން އަމީރާ ގަބޫލުކުރީ ވަރަށް އުފާވެފައި އިނދެއެވެ. އެއާއިލާއިން އޭނަ ބައްދަލުވެފައިވަނީ ރަފައެލް އާއި މާމައާއެވެ. މާމަގެ ސިނގުރުޅި އަދިވެސް އަމީރާ ހަދާން އެބަހުއްޓެވެ. އެގޭ ގަހުން މާ ބިނުމުން މާމަ ރުޅިއައިސްގެން ފަހައިގަތް ވާހަކަ ބުނުމުން ލޫސިއާން ހީލިއެވެ. އަމީރާ އެގޮތަށް ވާހަކަދައްކާއިރު ލޫސިއަން އިންނަނީ ވަރަށް ހިތްގައިމު ނަޒަރަކުން ބަލާށެވެ.
އަމީރާ ޒޯހަންގެ ފޮޓޯއަކާއެކު އެ އާޓިކަލް ޖެހީ މީހަކު ބުނެފާނެ އެއްޗަކަށް އެއްވެސް ފަރުވާލެއްނެތި ދުނިޔެއަށް އޭނަގެ ނުބައިކަން ހަނދާންކޮށް ދިނުމަށެވެ. އެމައުސޫމް ދެ އަންހެންކުދިން ބިމުގެ ހަތަރު ފޫޓްއަޑީގައި ނިދާފައިވަނީ މި އަނިޔާވެރި ނުބައި މީހާގެ ސަބަބުންނެވެ. މީހަކު ބުނި އެއްޗަކަށް ނޫނެވެ. އޭނަވަނީ ޒޯހަން އެ ޖަރީމާ ހިންގި މަންޒަރު ލޮލުން ދެކެފައެވެ. އަދިވެސް އޭނަގެ ހިތުން އެބިރުވެރި މަންޒަރު ފިލައިގެނެއް ނުދެއެވެ. ރާދްގެ ވޭނީ ހަޅޭކުގެ އަޑު އަދިވެސް ކަންފަތުގައި ގުގުމާފައިވެއެވެ. އެ އާޓިކަލް އެތައް ސަތޭކަ ބަޔަކު ސޯޝަލް މީޑިއާގައި ހިއްސާކޮށް އެތައް ބަޔަކު ކޮމެންޓު ކުރިއެވެ. ކޮންމެ ކޮމެންޓަކަށް އެތައްބަޔަކު ލައިކް ކުރިއެވެ. އެކަމަކު އިދިކޮޅަށް ކޮމެންޓްކޮށްފައިވާ މީހުންވެސް ތިއްބެވެ. ގިނަފަހަރަށް އަސްލް ކުށްވެރިޔާ ސަލާމަތްވެ މައުސޫމް މީހަކު ފްރޭމްކުރެވޭތަން އަންނަ ކަމަށާއި ޒޯހަން ދަންނަ އެކުވެރިންގެ ހައިސިއްޔަތުން އެމީހުން ޒޯހަން އެ ޖަރީމާ ހިންގިކަމަށް ގަބޫލުނުކުރާނެ ކަމަށް ލިޔެފައިވެއެވެ. އަމީރާ ހީކުރި ވަރަށްވުރެވެސް ބޮޑަށް އެ އާޓިކަލް މައްސަލައަކަށްވިއެވެ. ޒޯހަންގެ އާއިލާ މީހުންނާއި އެކުވެރިން އެ އާޓިކަލް ހިއްސާކުރަން ފަށާފައި އަމީރާއަށް އެފަދަ ހިތްވަރެއް ލިބުނު ގޮތަކާއިމެދު ސުވާލުކުރިއެވެ. އަމީރާއަށް މަލާމާތްކުރިއެވެ.
ޖެހިގެން އައި ދުވަހު އޮފީހުގައިވެސް އޮތީ އެވާހަކައެވެ. އަމީރާއަށް އިންޒާރުދީފައިވެސް ޕްރައިވެޓް ނަމްބަރަކުން މީހަކު މެސެޖްކުރިއެވެ.
"އެމީ. ޑޭން ސަލްވަޓޯރ ކިޔާ މީހާގެ އެފްބީއަށް ވަދެފައި ބަލާލަބަލަ. އެމީ މަގުން ހިނގާފައި ދަނިކޮށް ކޮންމެވެސް މީހަކު ނެގި ފޮޓޯއެއް އެބައިން. އެމީ އަށް ޖެއްސުންކޮށް ލިޔެފައިހުރީ....." ރީޝާ އަމީރާ އޭނަގެ ކެބިންގައި އިންދާ ހާސްވެފައިހުރެ ބުނެލުމުން އަމީރާ އަވަހަށް އެފްބީ ހުޅުވާފައި ބެލުމާއިއެކު ސިހުނީ އަދި އެހެން ކަމަކާއި ހުރެއެވެ. އެއީ އާޒް ކުރީ ރޭ މިސްކިތުން އައިސް އޭނައާއި ލޫސިއާން އެކީގައި ވާހަކަދައްކަން ތިއްބާ ނެގި ފޮޓޯއެކެވެ. އޭނަ ހީލާފައި ލޫސިއާންއަށް ބަލާލާފައި ކޮންމެވެސް އެއްޗެކޭ ބުނެލިތަނާ އެއްފަރާތުގައި ހުރެ އާޒް ނެގި ފޮޓޯއެކެވެ. އެކަމަކު ލޫސިއާން ހުރި ފަޅި ވަނީ ހުހަށެވެ. އެމީހުން އެޑިޓްކުރީހެއްޔެވެ؟ ނޫނީ ލޫސިއާން ކުރިކަމެއް ހެއްޔެވެ؟ ލޫސިއާން އަބަދުވެސް ފޮޓޯތައް ނަގަން އިންކާރުކުރެއެވެ. އެކަމަކު ކީއްވެބާވައެވެ. މި ޑޭންއަކަށް އާޒްނެގި ފޮޓޯއެއް ލިބުނީ ކިހިނެއްބާވައެވެ. ސިކުނޑީގައި ފުނިޖެހިގަތް އެތައް ސުވާލުތަކަކާއިއެކު ބޮލުގައި ރިއްސާގޮތްވެފައި އިންދާ ރަފައެލް އަންނަތަން ފެނުނެވެ. ރަފައެލް ހުރީ އާދައިގެ މަތިން ވަރަށް ރަސްމީކޮށެވެ. ފެންވަރާލައިގެން އައުމާއިއެކި އިސްތަށިގަނޑު އަދި މުޅިން ނުހިކި އައުމުން ވަކިން ތާޒާކޮށް ފެނުނެވެ. މުޅިތަނުގައި ހިފައިލީ އޭނަގެ މީރުވަހެވެ.
"އެމީ އެންމެފަހުން މަޝްހޫރުވާކަހަލަ ކަމެއް ކޮށްލީ ދޯ. ޒޯހަންގެ ފެމިލީ ނުފޫޒު ވަރަށް ގަދަވާނެ. ދެން ނޫހުން އެ އާޓިކަލް ނެގިޔަސް އެމީހުން ދުލެއްނުކުރާނެ....." ރަފައެލް ކުޑަދޮރުގެ ބްލައިންޑްސްތައް ދުރުކޮށްލަމުން ބޭރަށް ބަލައިލިއެވެ. މިއަދު އޮތީ ކުޑަކޮށް ވިއްސާރަކޮށެވެ. އުޑުމަތި އަޅި ވިލާތަކުން ފުރެމުން ދިޔައީ ވާރޭވެހެން އުޅޭކަމުގެ އިންޒާރުދެމުންނެވެ.
"ސަރ، އައި ޑޯންޓް ކެއަރ. ހަގީގަތަކީ އެއީ. މިކަމުގައި މަރުވެދާން ޖެހުނަސް ޒޯހަންއަށް ހަމަޖެހިގެން އުޅެވުނަ ނުދޭނަން. އަދިވެސް އޭނަގެ އަގު ވައްޓާ ކުށުގެ ސަޒާ ލިބެންދެން މިކަންތައް ކުރިއަށް ގެންދާނަން........" އަމީރާގެ އަޑުގައި ޔަގީންކަމެއްވިއެވެ. ރަފައެލްއަކީ ތަނުގެ ވެރިޔާއަށް ވުމުން ގަދަރުކުރަންވެގެން އޭނަވެސް ހުރީ ކޮޅަށް ތެދުވެ ފައިލެއް ބަލާކަމަށް ހެދިގެންނެވެ. އެހެން ހުރެފައި ފޯނު ނަގައިގެން ތަންކޮޅެއް ދުރަށް ޖެހިލީ މަންމަ ފޯނުކުރުމުންނެވެ. މަންމަކިޔާ އެއްޗެއް އަމީރާއަކަށް ސާފެއްނުވިއެވެ.
އަމީރާ ފޯނު ކަނޑާލާފައި ސިއްރުކަމެއްކުރިއެވެ. ރަފައެލްގެ ފޮޓޯއެއް ނެގީއެވެ. ފްލޭޝް ކެނޑުނު އަޑަށް ރަފައެލް އެނބުރި ބަލައިލުމުން އަމީރާ ލަދުން ވިރޭގޮތްވިއެވެ. އެއްކޮށް މޫނު ރަތްވިއެވެ.
"ސޮ...ސޮރީ ސަރ. އަޅުގަނޑު ފޯނާއި ކުޅެނިކޮށް. ކޮންމެހެން ފޮޓޯއެއް ނެގުމުގެ ނިޔަތުގައެއް ނޫން........" އަމީރާ މާފަށް އެދިފައި ފޯނަށް ބަލައިލުމާއިއެކު ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. ރަފައެލްގެ ތަސްވީރުވެސް ފޯނުގައި ނެތެވެ. ރަފައެލް ހުރި ދިމާ ފެނުނީ ހިޔަންޏެއް ގޮތުގައެވެ. އޭމޮން މަތިން ހަނދާންވެފައި އޭނަގެ ގަޔަށް ހީލިގަނޑެއް އެރިއެވެ.
"ކިހިނެއްވެފައި ތިހިރީ؟ " އަމީރާއަށް ވީގޮތް ފެނުމުން ރަފައެލް ސުވާލުކުރިއިރު މާނަވީ ހިނިތުންވުމެއް ތުންފަތުގައިވިއެވެ.
"ނަތިން......." އަމީރާ ގަދަކަމުން ހީލިއެވެ. އޭރުވެސް އޭނަގެ ހިތްތެޅެމުން ދިޔައީ އާދަޔާ ޚިލާފަށެވެ. ރަފައެލްއާއި ލޫސިއާންއަކީ ހަގީގަތުގައިވެސް ޖިންނިންހެއްޔެވެ؟ އެމީހުންގެ ތަސްވީރު ފޯނަށް ނާރަނީ އެހެންވީމަތާއެވެ. ނޫނީ ކެމެރާ ޓްރިކަކީ ހެއްޔެވެ؟ އޭމޮންގެ ސިފައިގާ އޭނަގެ ކައިރިއަށް އަންނަނީ ރަފައެލްހެއްޔެވެ؟ ލޫސިއާންއަކީ ޖިންނިއަކަށްވާއިރު އޭނައާއި ލޫސިއާންއަށް ގުޅިގެން ދުނިޔޭގައި އުޅެވޭނެބާވައެވެ. ރަފައެލް އާއި ލޫސިއާން ދިމާވި ދުވަސްތައް ވަކިވަކިން އޭނަ ހަދާންކުރިއެވެ. އެދެމީހުންނާއި އެހެން އިންސާނުންނާއި ހުރި ފަރަގު ވިސްނަން އުޅުނަސް އެހާ ފަސޭހަކަމަކަށް ނުވިއެވެ. އެކަނި ރަފައެލް އަތް ހޫނުކަމެވެ. ދެން ރަފައެލް ކުރިން އުޅުނީ އެހާ ސިއްރުވެރިގޮތަކަށެވެ. އޭނަގެ ބޮސްގެ ގޮތުގައި ކުރިން އުޅުނުއިރު ޚަބަރުތައް އޭނަ ހޯދާލެއް ފަސޭހަކަމުން ހައިރާންވާވަރުވިއެވެ. ފަހުން ކުއްލިއަކަށް ޕްރޮފެޝަން ނަފްސާނީ ޑޮކްޓަރަކަށް ބަދަލުކޮށްލީވެސް ޖިންނިއަކަށް ވީމަ ކަމަށް ވެދާނެއެވެ. ރަފައެލް ޖިންނިއަކަށް ވެއްޖެއްޔާ ލޫސިއާންވެސް ވާނީ އޭގެ މީހަކަށެވެ. އެއީ ދެބެއިންނެވެ. ހިތުގައި ބިރުވެރިކަން ވަކި ހިއްޕާލިއިރުވެސް އަމީރާ އިނީ އެކަން ފޮރުވައިގެންނެވެ.
"އެމީ ކައިރީ އަދި މިހިރީ ވާހަކައެއް ބުނަން. ނޫހުގައި އެ އާޓިކަލް ޖެހުމުން ހިތަށް އެރި ހަމަ ރަގަޅުކަމެކޭ، ކެރޭ ހިތްވަރުގަދަ ޖާނަލިސްޓުންނަކީ ތިއީ. ހަގީގަތް ހާމަކުރަން ބައެއްފަހަރު ފުރާނަވެސް ގުރުބާންކުރާނެ. ކިތަންމެ ނޫސްވެރިން ޖަލަށް ލާފައިވެސް އެބަހުރި. ކިތައްމެ ޖާނަލިސްޓުންނެއް މަރުވެފައިވޭ ހަގުރާމަކުރާ ގައުމުތަކުގައި ގޮސް އުޅެނިކޮށް. އެމީ އެއްވެސް ބިރެއްނެތި ޒޯހަންގެ ވާހަކަ ލިޔުނީ. އައި ރިއަލީ އެޑްމަޔާ ޔޫ........ " ރަފައެލް އޯގާތެރި ހިނިތުންވުމަކާއިއެކު ބަލައިލުމުން އަމީރާއަށް ހީލެވުނެވެ. ރަފައެލްގެ ފަރާތުން އަބަދުވެސް ފެންނަނީ އެ ހިތްހެޔޮކަމެވެ. ޑޮކްޓަރެއްގައި ހުންނަން ޖެހޭނެ އެންމެ ފުރިހަމަ ސިފައަކީ އެއީއެވެ. ރަފައެލް ހާދަ ރަގަޅެވެ. ވީއިރު މިއީ އޭމޮން ކަމުގައި ވެދާނެހެއްޔެވެ؟
"އެކަމަކު ބައެއްފަހަރު ލޯމައްޗަށް ފެންނަ ކަންތައްތަކަކީ ހަގީގަތަކަށް ނުވެ ހިނގައިދާނެ....." ރަފައެލް މަޑުމަޑުން ބުނެލިއެވެ.
"ސަރ ތިބުނި އެއްޗެއް ނޭގުނު...." އަމީރާ ލޯ ކުޑަކޮށްލިއެވެ.
"މިސާލަކަށް ޒޯހަން އެކަން ކުރަނިކޮށް އެމީއަށް ފެނުނީޔޯ. މޭބީ އެގަޑީގައި އެކަން ކުރީ ނަފްސާނީ މައްސަލައެއްގެ ސަބަބުންނޯ. އެހެންވެއްޖެއްޔާ ހަގީގަތުގައި އެކަމުގައި ޕޭޝަންޓުގެ މާ ބޮޑު ކުށެއްނެތް. އެމީއަށް އެނގޭތަ؟ ހަމަ މިކަހަލަ ހާދިސާއެއް. ތިމާގެ ދެތިން މީހަކު މަރައިލި ސީރިއަލް ކިލަރއެއް ޖަލަށް ލާފައި ހުރީ. ދެން އޭނަ ބަލިވާތީ ސައިކެޓްރިސްޓެއްގޮސް އޭނަ ޗެކްކުރިއިރު މިއެނގުނީ އޭނަގެ ސިކުނޑީގައި ބޮޑު ޓިއުމަރެއްހުރިކަން. އެ ޓިއުމަރުގެ ސަބަބުން ސައިކޯވެގެން އޭނަ އެކަންތައްކުރީ. ހަމަ ހޭގައި ހުރެގެނެއްނޫން. ކުރެވޭ ނުކުރެވޭކަމެއް އޭނައަކަށް ނޭގި......." ރަފައެލް އޭނަގެ ފަލްސަފާ ކިޔައިދިނުމުން އަމީރާ ކުޑަކޮށް ހިނިތުންވެލިއެވެ. ޒޯހަންއަކީ ނަފްސާނީ ބަލިމީހެއްކަމަށް އޭނަ ދުވަހަކު ގަބޫލެއްނުކުރާނެއެވެ. ނަމަވެސް ރަފައެލްއާއި ދެކޮޅުވާކަށް ބޭނުމެއްނޫނެވެ. ރަފައެލްގެ މިޒާޖު ހުންނަ ގޮތުން ހިތުގައިވާ ގަދަރު ކުރިއަށްވުރެ އުފުލިފައިވެއެވެ. ވީއިރު ޒުވާބުކުރާކަށް އޭނަ ނޫޅުނެވެ.
"ސަރ ތިބުނީ ހަމަ ރަގަޅު ވާހަކައެއް. ހޯޕް ކޮންމެވެސް ޑޮކްޓަރަކުގެ ރިޕޯޓެއްވެސް އޭނައަށް ލިބޭނެކަމަށް. އަޅުގަނޑަށް ލޮލުން އެ މަންޒަރު ފެނުނީމަ ދެން އެހެން ގޮތަކަށް ގަބޫލުކުރުން ފަސޭހަ ނުވެ ހިނގައިދާނެ. އެކަމަކު އެހެން މީހުންނަށް ކޮންވިންސްކުރެވިދާނެ...." އަމީރާ ވިސްނާލާފައި ޖަވާބެއްދިނެވެ. ނަމަވެސް އޭނަދެކޭ ގޮތުން އެހާ އަނިޔާވެރި ޖަރީމާތައް ހިންގާ ހިސާބަށް ގިނަފަހަރު އެދަނީވެސް މީހާގެ އީމާންތެރިކަން ކުޑަވެ އުޅެވޭ ގޮތަކުންނެވެ. ޖިންނިންވެސް އުޅޭ ކަމަކަށް ނަފްސާނީ މާހިރުންގެ ގިނަ ބަޔަކު ގަބޫލެއްނުކުރެއެވެ. ސައިކޮލޮޖީ ފޮތްތަކުގައި އެހުންނަ ވާހަކަތަކަށް ތަބާވާން ވެއްޖެއްޔާ ގިނަފަހަރު ކުށްވެރިންނާއި ފާފަވެރިންނަކީ ނެތްބަޔެކެވެ. އެބީދައިން ނުލަފާ މީހެއް ދުނިޔެއަކު ނުހުންނާނެއެވެ. އެންމެނަކީ މޮޔައިން ކަމުގައި އޭނަ ނުނިންމާނެއެވެ. ޚާއްސަކޮށް ޒޯހަންގެ އެފަދަ ކުޑަ މޮޔަކަމެއްވެސް ނުހުރެއެވެ. އެދެލޮލަށް ބަލައިޔަސް އޭނަގެ ވިސްނުންތޫނުކަން ހާމަވާން ހުރެއެވެ.
ހެނާ ފޯނުން ނޫސްކިޔަން ހުޅުވާލިތަނާ ޒޯހަންގެ ފޮޓޯއެއް ޖަހާފައި އަމީރާ ލިޔެފައިވާ އާޓިކަލްއެއް ފެނުމުން ކިޔަން ފެށިގޮތަށް އަމީރާއާއިމެދު ހިތުގައި އެތައް ޝަކުވާތަކެއް އުފެދުނެވެ. ޒޯހަންއަކީ ކޮންމެފަދަ މީހަކަށްވިޔަސް އޭނަގެ ހިތުގެ ވެރިޔާއެވެ. ހިތް އެންމެ އެދޭފަރާތެވެ. މައިކަލްއާއި ކައިވެނިކުރިޔަސް އޭނަގެ ހިތުގެ މައްޗަށް ބާރު ފޯރުވެނީއެއް ނޫނެވެ. ހިތުގައި އެ ލޯބި ދިޔައީ އިތުރުވަމުންނެވެ. އެކަނިމާއެކަނި ހެނާ ހުރެ ކަރުނަ އޮއްސަނީ ހިތްއެދޭ ލޯބި ނުލިބިފައެވެ. އެކަމަކު މިހާރު ޒޯހަން ފެނުމުން ހިތްދަތިވާވަރުން ޒޯހަންއަށް ނުފެނި އުޅެން އޭނަ މަސައްކަތްކުރެއެވެ. ނަމަވެސް ހަނީމޫން ދަތުރުގައިވެސް މައިކަލް ޒޯހަން ބައިވެރިކުރިއެވެ. ހެނާ ޒޯހަންއާއި ދިމާލަށް ނުބަލަން ކިތަންމެ މަސައްކަތްކުރިޔަސް މައިކަލް ހީވަނީ އެދެމީހުން ރައްޓެހިކުރަން މަސައްކަތްކުރާހެންނެވެ. އޭނަ ބިޒީއޭ ކިޔާފައި ޒޯހަންއާއިއެކު ހިނގާލަންވެސް ފޮނުވަފާނެއެވެ. ބައެއްފަހަރު ޒޯހަންއާއިއެކު ކާން ދާންވެސް ޖެހެއެވެ. އެކަހަލަ ވަގުތުތަކުގައި ޒޯހަން ވާހަކަދައްކަން މަސައްކަތްކުރެއެވެ. ކުރިއާއި އަޅާބަލާއިރު ޒޯހަންވެސް ބަދަލުވެއްޖެއެވެ. އޭނަ ހެނާއާއި ވާހަކަދައްކަނީ އެކުވެރިކޮށެވެ. ކުރިން ހަދާހެން ޖައްސުންކޮށެއް ނަހަދައެވެ. ހެނާއާއި އަޅާލާހެންވެސް ހީވެއެވެ. ވަގުތު ފާއިތުވީފަހުން މިހެން އުޅުމުގެ ބޭނުމެއްނެތޭވެސް ހެނާގެ ހިތަށް އެރިއެވެ.
އާދައިގެމަތިން އެރޭވެސް ހެނާ އިނީ ބަންގަލޯގެ ސަންޑެކްގައި ވާ ބީޗްޗެއަރއެއްގައި އިށީދެލިއެވެ. ކުރިމަތީގައި އޮތީ މޫދެވެ. ވަކަރާއި ރަންކުލައިގެ ބަންގަލޯގައި ދިއްލާފައިވާ އޮރެންޖް ލެންޓަންތަކުގެ ސަބަބުން ތަން ފެންނަނީ ހުވަފެނީކޮށެވެ. ފިނިހޫނުމިންވެސް ބަރާބަރެވެ. ހެނާ ވިސްނުމެއްގައި އިންދާ މައިކަލް ދެކޮފީތަށް ހިފައިގެން އައިސް އެއްތަށި ހެނާގެ ކައިރީގައި ބެހެއްޓިއެވެ. ޓީޝާޓަކާއި ދިގު ސޯޓެއްލައިގެން ހުރިއިރު އެ ޓޭން މޫނު ފެންނަގޮތުން ބޭރުގެ ފިލްމީތަރިއެއް ފަދައެވެ. މައިކަލް އެފަރާތަށް އެނބުރުނީ ފޯނެއް އައުމުންނެވެ. ވަގުތުބޭކާރުކޮށްނުލާ އަވަސް ހަރަކާތަކާއިއެކު ހެނާ ދެކޮފީތަށި ބަދަލުކޮށްލިތަނާހެން މައިކަލް އެނބުރުނެވެ. ނަސީބަކުން އޭނައަށް ހެނާ ކުރިކަމެއް ނުފެނުނެވެ. އިރުކޮޅެއްވާންދެން ވާހަކަދައްކަން އިންއިރު މައިކަލް ލަސްލަހުން ކޮފީތަށި ބޮމުން ދިޔައެވެ. މައިކަލް އާފުރެން ފެށިއިރު ހެނާވެސް ނިދި އަންނަ ވާހަކަ ބުނެފައި އަވަހަށް ސަދުވާ ދަމާލާފައިވާ އެނދާއި ދިމާލަށް ހިނގައިގަތެވެ.
ހެނާ ނިދާހެދުން ބަދަލުކޮށްލިގޮތަށް ރަޖާގެ ދަށަށް ވަންއިރު އެދެލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. ހިތް އަވަސްވެފައިވާވަރުން އޭނައަށް ހިމޭނުން އޮވުންވެސް އުދަގޫކަމަކަށްވިއެވެ. ހަނދުވަރުގެ އަލިން ކޮޓަރި ޖަރީވެފައިވާއިރު ފެންނަލެއް ވަރަށް އިޝްގީއެވެ. މިރޭ މައިކަލް އެކުރާކަމެއް ބަލައިލަން އޭނަ ކިތަންމެހާވެސް ބޭނުމެވެ. ފަސްވަރަކަށް މިނިޓްފަހުން ފިޔަވަޅުތަކެއްގެ އަޑު އިވުމުން ހެނާ ދެލޯ މަރާ ތަގުޅިކޮށްލިއެވެ. މައިކަލް ކައިރިވެލުމުން އޭނައަށް ދުވަންފެށީ މީރުވަހެކެވެ. ކައިރިވެލާފައި ހެނާގެ އަތުގައި މަޑުމަޑުން ފިރުމަންފެށިއެވެ. އެއަތުގެ އެންމެ ބީހިލުމަކުންވެސް ހެނާގެ ގައިގާ ކަރަންޓުގެ ރާޅު ބާނިތަކެއް ދަތުރުކުރަންފެށިއެވެ. ނޫނެކެވެ. މައިކަލް އަތްލުމުން މިހެން ވެގެން ނުވާނެއެވެ. އެހެން މީހަކު ދެކެ ލޯބިވާއިރު ކޮންމެ ފިރިހެނަކު އަތްލުމުން ގޮތްގޮތްވާން ވެއްޖެއްޔާ އޭނަވާނީ ކޮންކަހަލަ އަންހެނަކަށް ހެއްޔެވެ؟
މައިކަލް ކައިރީގައި އޮށޯވެލިއެވެ. ހެނާގެ މޫނުގަޔާއި ހަށިގަނޑުގެ އެތަން މިތާ ބޮސްދޭންފެށީ ލަސްލަހުންނެވެ. އަތުގެ ފިރުމުންތައްވެސް އިތުރުވިއެވެ. ހެނާ ކިތަންމެ މަޑުމަޑުން އޮތަސް މައިކަލް ކުރިކޮންމެ ކަމަކާއި ގަޔާވިއެވެ. ހިތްވެސް އަވަސްވެފައިވިއެވެ. އެހެން ރޭ އޭނައަށް ވާނުވާ ނޭގުނަސް މިރޭ އޭނަ މިއޮތީ ހޭލައެވެ. އެ އަމަލުތަކަށް ހިތުގެ ފުންމިނުން ރުހުންދީގެންނެވެ. އެންމެފަހުން މައިކަލްއާއި ދެމީހުންގެވެސް ހިތްފުރޭވަރުވީއިރު ހެނާއަށްވެސް އޮޅުމަކުން ލޯ ހުޅުވާލެވުނެވެ. ހަތަރުކަޅި ހަމަވީ ޒޯހަންއާއިއެވެ. މައިކަލްގެ ބަދަލުގައި ދާދި ކައިރިން ޒޯހަންގެ މޫނު ފެނުމުން ލިބުނު ސިހުމާއިއެކު ތެޅިގެންފާ ފަހަތަށް ދެމިގަތްގޮތަށް ރަޖާއިން މުޅިން ފޮރުވިގަނެގެން ހެޑްބޯޑަށް ލެނގިލިއެވެ. މިހުރިހާ އިރުވާންދެން އޭނައަށް އުޅެވުނީ ޒޯހަންއާއި އެކުގައި ހެއްޔެވެ؟ ޒޯހަންވެސް ނުތަނަވަސްކަމާއިއެކު ހެނާގެ މޫނަށް ބަލާލައިފިއެވެ. ސިހުމާއި ހާސްކަން އެކުލެވިފައިވާ ދެލޮލެވެ. ހެނާއަށް ޒޯހަން ފެނުނީ އޭލިއަންއެއްގެ ގޮތުގައި ހެއްޔެވެ؟ އަރާ ކާއެއްޗެއް ފެނުނަސް ހެނާއަށް އެހާވަރުވާނެހެނެއް ހިޔެއްނުވެއެވެ. އެހާވެސް ބޮޑަށް އޭނަ އެއިނީ ގަނޑުވެފައެވެ. ޒޯހަން މިނިޓެއްނުވަނީސް ހެދުންތައް ލައިގެން ހަމަޖެހިލައިގެން އެނދުގައި އިށީދެއްޖެއެވެ.
"ސޮރީ. އައިމް ސޮރީ...." ޒޯހަން މާފަށް އެދުނެވެ.
"މައިކަލް ކައިރީ ނުބުނައްޗޭ. ހެނާ. ބޮޑު މައްސަލައަކަށްވާނީ....." ޒޯހަން ހަގީގަތުގައިވެސް ހެނާއަށް މިކަންތައް އެނގުނުކަން މައިކަލްއަށް އަންގާކަށް ބޭނުމެއްނުވިއެވެ. މައިކަލްވަނީ އެކަން އެންމެނަށް ސިއްރުކުރަން ބާރުއަޅާފައެވެ. ހެނާ ދެލޯ ބޮޑުކޮށްލައިގެން އަދިވެސް އިނީ މިފެންނަ ކަންތައް ގަބޫލުނުކުރެވިފައެވެ. އޭނަ ކުރިކަމަކުން މިރޭ މައިކަލްއަށް ނިދުނީކަން ޔަގީންވެއްޖެއެވެ. ޒޯހަންވެސް ހާދަ ގޮތްކުޑައެވެ. މައިކަލްއަށް ނިދުމުން ޒޯހަން ފައިދާ ނެގީއެވެ. އޭމޮން ދެއްކި ވާހަކަތައް ސިކުނޑީގައި ނިއުޅެންފެށިއެވެ.
"މިއީ ނުވާކަމަކަށް ހަދާލާ ހެނާ. މައިކަލްއަށް އަހަރެމެން ދެމީހުން ގުޅުން ހިންގިކަން އެނގިއްޖެނަމަ އަހަރެންވެސް ބުނާނީ ހެނާ ގަބޫލުވެގެންނޭ ކުރީ. ހެނާ އޮތީ ނިދާކަމަށް ހެދިގެން އަހަންނަށް ފުރުސަތުދީގެން. ނޫންތަ؟ އާއެކޭ ބުނެބަލަ ހެނާ. ޔޫ ލަވް މީ ރައިޓް؟ އެހެންވެ އަހަރެން ހުއްޓުވަން ބޭނުންނުވީ. މިކަން ބަސްޓްވެއްޖެއްޔާ އެކަނި އަހަންނެއްނޫން ކުށްވެރިވާނީ. އަހަންނަށް ބުނެވިދާނެ ހެނާ ދައުވަތުދިނީއޭވެސް. ދެމީހުންވެސް ބޭޒާރުވާނީ. ހެނާއަށްވެސް ރަގަޅަކަށް މިބުނީ. މިރޭގެ މަތިން ހަނދާންނައްތާލާ. އަހަރެމެންނަށްވެސް އެންޖޯއި ކުރެވިއްޖެ އެއްރޭ. އިތުރު މީހަކަށް ނޭގޭނެ. ދެމީހުންގެ ތެރޭގައި ހިނގިކަމެއް މިއީ. މައިކަލް އެއޮތީ ކޮފީ ބޯންއިން ގޮތަށް ނިދިގެން ވެއްޓިފައި............. " ޒޯހަންގެ ވާހަކައިން ނަގަންވީ މާނައެއް ނޭގުނަސް އެޖުމްލަތަކުން ހެނާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ދެލޮލުގައި ގިނަވެގަތް ކަރުނަތައް އެސްފިޔަ ފުރާނާލަފައި އޮހިގަތްތަން ޒޯހަންއަށްވެސް ފެނުނެވެ.
ޒޯހަން އިތުރު އެއްޗެކޭ ބުނަން އުޅެފައިވެސް ނުކުތީ ބޭރަށެވެ. ހެނާ ހިރިލާން ނޭގި އިންދާ އިވުނީ މީހަކު މޫދަށް ޑައިވެއް އެޅިއަޑެވެ. ހެނާ ބިރުވެސް ގަތެވެ. ޒޯހަން އަމިއްލައަށް މަރުވާން އުޅުނީހެއްޔެވެ؟ ރޮއިރޮއި އިނދެވެސް ހެނާ ތެދުވެގެންގޮސް ސަދުވާ ދުރުކޮށްލާފައި ބޭރަށް ބަލައިލީ ޒޯހަންއަށް ކަމެއްވެދާނެތީ ބިރުންނެވެ. އޭރު މައިކަލް އޮތީ ސަންބެޑުގެ ހުރަހަށް ކަހަލަ ގޮތަކަށް އޮށޯވެލައިގެން ގަދަނިދީގައެވެ. ކުރިމަތީގައި އޮތް މޫދުގައި ޒޯހަން ފަތަން އޮތްތަން ފެނުނެވެ. ހެނާ ސަދުވާ ވައްޓާލާފައިގޮސް ފާޚާނާއަށް ވަންގޮތަށް އަދި އަޑު ވީއްލާ ރޯންފެށިއެވެ. ހިތް ފަޅަފަޅައިގެން ދާވަރުއެބަވެއެވެ. އޭމޮން ދެއްކި ވާހަކަތަކުގައިވަނީ ކޮން ހަގީގަތެއް ހެއްޔެވެ؟ އޭނަ ނިދީމަ މައިކަލްއާއި ޒޯހަންވެސް އޭނަގެ ފަރާތުން ފައިދާ ނަގަނީ ހެއްޔެވެ؟ ނޫނީ މިރޭ އެކަނި ހިނގި ހާދިސާއެއްހެއްޔެވެ؟
މިރޭ އޭނަގެ ގައިގާ ހިފާފައިވާ މީރުވަހަކީ ޒޯހަންގެކަން އެނގުމުން ހެނާ ހުރީ ފެންވަރާހިތްވެސް ނުވެފައެވެ. އެކަމަކު އެކަހަލަ އެއްޗެހި ހިތަށް އަރަންފެށުމުން ހެނާ އަމިއްލަ ނަފުސަށް ލައުނަތްދިނެވެ. ހަލާލު ފިރިމީހާ ހުއްޓާ މިގޮތަށް އެހެން މީހަކާއިއެކު ގުޅުން ހިންގާފައި އެކަމުން އުފާ ލިބިގަތުމަކީވެސް ފާފައެއްކަމުގައި ނޫނީ ނުވާނެއެވެ. ނަމަވެސް ހިތުގެ މައްޗަށް ބާރުފޯރުވާނެ ގޮތެއްވެސް ހެނާއަކަށް ނުވިސްނުނެވެ. ޒޯހަން އޭނަގެ ކައިރިއަށް އައީ ކީއްވެހެއްޔެވެ؟ ޒޯހަންއަކީ އެހާ ދަށް ފެންވަރުގެ މީހެއްކަމަށް ގަބޫލުކުރަން ބޭނުމެއްވެސް ނުވެއެވެ. ގަސްތުގައި ފާފަ ކުރިއިރު ހިތަށް އެއްވެސް އެއްޗެއް ނޭރީހެއްޔެވެ؟ ޒޯހަންއަށްޓަކާ ހިތުގައި އޮތް މަގާމު ކިލަބުވާން އުޅުނެވެ. އެފަދަ ކޮންމެ ވަގުތެއްގައި ހިތްދަތިކަން އޭގެ އިންތިހާއަށްގޮސް ކަރުނަތައް އޮހިގަންނަނީ ހިފެހެއްޓުމެއްނެތިއެވެ.
ރޮއިރޮއި ހުރެފާ ހެނާ ގަސްތުކުރީ އަމީރާއަށް ގުޅައިގެން އެ ވާހަކަ ދައްކާށެވެ. އެހެން މީހަކާއި ހިއްސާނުކުރަންޏާ އޭނަ މޮޔަވެދާނެއެވެ.
އެތައް ފަހަރު ރިންގުވެފާ ކެނޑުނުއިރުވެސް އަމީރާ ފޯނެއް ނުނެގިއެވެ.
އަމީރާއަށް މޫމިނާދައްތަ އެކަނިކޮށްލާފައި އެގެއިން ދާކަށް ނުކެރުނެވެ. މައިކަލްމެން އަންނަ އިރަކަށް އޭނަހުރީ ބަލަބަލައެވެ. ޕެކްކޮށްލައިގެން ގަޑި ގުނަގުނާ ހުރެފައި މައިކަލް މެން ރިޒޯޓުން ފުރުމާއިއެކު މަންމަ ހައްލާލައިގެން އަވަހަށް އޭނަ އެނބުރި ގެއަށް ދިޔައީ އާޒްވެސް ގޮވައިގެންނެވެ. އިރުކޮޅަކަށް މޫމިނާދައްތައަށް އެކަނި ނީދެވެންވީ ސަބަބެއްނެތެވެ. މައިކަލްމެން ގެއަށް އައުމާއިއެކުހެން ރޮޒާލިއާމެން ގަޑިއެއްހާއިރު ކުރިން ޕެކްކޮށްލައިގެން ދިޔަޚަބަރު މަންމަގެ ފަރާތުން ލިބިފައި ހައިރާންވިއެވެ. ވީއިރު ރޮޒާލިއާމެން އެތިބީ ލަސްވެގެންތާއެވެ. ހެނާ ދަތުރުމަތީގައިވެސް އިނީ އެހެން ދުވަހަށްވުރެވެސް މަޑުންނެވެ. ގެއަށް އައިގޮތަށް އޭނަ ބޮލުގައި މާ ގަދަޔަށް ރިއްސަނީއޭ ކިޔާފައި ކޮޓަރިއަށްވަން ގޮތަށް ނުވެސް ނުކުތެވެ. ހެނާގެ ފަރާތުން އެފެނުނު ކަންތައްތަކުން ހައިރާންވެގެން މައިކަލް ޒޯހަންއާއިވެސް ސުވާލުކުރިއެވެ. ހެނާއަށް ޝައްކުވީހެއްޔޭ އަހާލުމުން ޒޯހަން ބުނީ ނުވާނެކަމުގައެވެ. އެރޭ ކަންތައް ހިނގިގޮތް އޭނަ މައިކަލްއަށް ސިއްރުކުރިއެވެ.
އިރުއޮއްސުމަށްފަހުވެސް ހެނާ އޮތީ ނުތެދުވެއެވެ. މައިކަލް އަހާލުމުން ބުނީ އަދިވެސް ބޮލުގައި ރިއްސާވަރުން ތެދުވާނެ ވަރެއް ނެތްކަމުގައެވެ. ހޮޓަލުން އެއްޗެއް ގަންނަން އުޅެފައިވެސް މައިކަލް ޚިޔާލު ބަދަލުކުރިއެވެ. ބިރިޔާނި ހެދީ މައިކަލް އަމިއްލައަށެވެ. ޒޯހަންވެސް ވެވުނުވަރަކުން އެހީތެރިވެދިނެވެ. މިރޭވެސް އޭނަ ހުރީ ހޮޓަލަށް ދާހިތްނުވެފައެވެ. މައިކަލް އެންމެ ފުރަތަމަ ކާންދިނީ އޭނަގެ މަންމައަށެވެ. އަނގައިގާ ލައްވާފައި ކާންދިނީ ކުޑަކުއްޖަކަށް ކާންދޭ ފަދައިން އެހާ ލޯބިންނެވެ. މަންމަ ކުޑައިރު އޭނައަށް ކާންދިން ފަދައިންނެވެ. އެއަށްފަހު ތުންދޮއްވާފައި މަންމަ ގެންގޮސް ކޮޓަރިއަށް ލިއެވެ. މައިކަލް ހެނާއަށްވެސް ބަތްތަށްޓެއް ގެންގޮސްދިނެވެ. އެހެން އެންމެންގެ ކަންތައް ފުރިހަމަކޮށްދެވުމުގެ އުފާވެރިކަން މައިކަލްއަށް އިހުސާސްކުރެވި އެލޮލުގައި ތޫނު ވިދުވަރެއްވިއެވެ. މައިކަލްއާއި ޒޯހަން ހަމަޖެހިލައިގެން ކާން ޖައްސާލިއިރުވެސް ޒޯހަން އިނީ ފުން ވިސްނުމަކަށް ގެއްލިފައި އިންހެންނެވެ. އޭނަގެ މޫނުމަތިން ފެނުނު ހިތްހަމަނުޖެހުން މައިކަލް ދެނެގަތެވެ.
"ކޮބާ ކިހިނެއްވަނީ؟ މިފަހަރު ކާމިޔާބުވިހެން ހީވޭތަ؟ " މައިކަލް ސުވާލުކުރިއެވެ.
"ނޭގޭ......" ޒޯހަން މާޔޫސީ ރާގަކަށް ބުނެލިއެވެ.
"ޒޭން ބޭނުން ނޫންކަމެއް ކުރުވާކަށް އަހަރެންވެސް ބޭނުމެއްނޫން. މިއީ ހަމަ އެންމެ ފަހު ފަހަރު. އަހަންނަށްވެސް އެނގޭ މިކުރެވުނީ ރަގަޅުކަމެއް ނޫންކަން. އެކަންތައް ހުއްޓާލަން ޖެހޭ. އަބަދު ހެނާ އޮޅުމެއްގެ ތެރޭގައި ބަހައްޓާކަށް އަހަރެންވެސް ނޭދެން. އޭނައަށްވެސް އޭނަގެ ފިރިމީހާއަކީ ކާކުކަން އެނގެން ޖެހޭ. ޒޭން. އަހަރެން ބޭނުން ވާހަކައެއް ބުނެލަން........... " މައިކަލް ޒޯހަންގެ މޫނަށް ބަލައިލީ ސީރިޔަސް ނަޒަރަކުންނެވެ.