"މިބުނަނީނު އަހަންނެއް ކިޔާރާމެން މަރައެއް ނުލަމޭ. ބޭނުމޭ މޫނުދެކެލަން ދާން. ކަލޭމެންނަށް ކޮން ހެއްކެއް ފެނިގެން އަހަރެން ހިފަހައްޓައިގެން އުޅެނީ؟ " ޒޯހަން އަތްމުއްކަވާފައި މޭޒުމަތީގައި ޖެހުމުން ކަރުދާސްތައް ބުރަބުރައިގެން ދިޔައެވެ. އެދެލޮލުން ފެންނަނީ އަލިފާނުގެ ކުލައެވެ. އެހާވެސް ރުޅިގަދައެވެ. ނަފްރަތާއި ރުޅިވެރިކަން އޭނަ ހަމަ ވިސްނުމުން އެއްކިބާކޮށްފައިވެއެވެ. ކަރުގެ ނާރުތައް ފުއްޕާލާ އަތް މުއްކަވައިގެން ހުރިއިރު އެދެލޮލުން އެންމެން ފިއްސާލާފާނެހެން ހީވިއެވެ. ޒޯހަންގެ އަނދިރި ފަރާތްތައް ހާމަވަމުން ދާގޮތުން އަމީރާވެސް ހުރީ ހައިރާންވެފައެވެ. އަންހެނުންނާއި ކޮއްކޮ ގޮވައިގެން ހަވީރު ހިނގާލަން ދިޔައީ ޒޯހަންގެ ރަގަޅު ފަރާތެވެ. މިވަގުތު މިފެންނަނީ އަނދިރި ފަރާތެވެ.
"ދެލޯ ކަނުވެ ބީތާވެފައި ތިބި ބަޔެއްތަ؟ ގަމާރުންވީމަ އެކަން ކުރި މީހަކު ހޯދާކަށް ނޭގުނު، ހުރިހާކަމެއް މަގޭ ބޮލުގައި އެޅުވީ. ހަޔާތްކުޑަ ބަޔެއް. ކިޔާރާއާއި ރާދްގެ މޫނު ނުފެނުނިއްޔާ ކަލޭމެން ހޭ އަރުވާލާނަން....." ޒޯހަން އެތަނުން ފުލުހެއްގެ މޫނުމަތީގައި އިނގިލި ހިންގާލަމުން ވާހަކަދެއްކީ ދަތްކުނޑިވިކާފައެވެ. ފުލުހުން އެވަރުންވެސް ކެތްކުރިއެވެ. ނޫނީ އެމީހުންނަށްވެސް މި ރުޅިވެރި ޒުވާނާގެ ލޮލުގައި ހުރި ގޮތަކުންނާއި ބާރަކުން ޖެހިލުންވީއެވެ. އެދެލޮލަށް ބަލަން ތިބުމަކީ އެކަކަށްވެސް ކުޅަދާނަކަމަކަށް ނުވިއެވެ. އަމީރާ ބޭނުންވީ އެކަނި ޒޯހަންއާއި ކުރިމަތިލާށެވެ. އޭނަގެ ލޮލަށް ބަލާފައި ތިމަންނަ އެކަން ނުކުރަމޭ ޒޯހަންއަށް ބުނަން ކެރޭނެހެއްޔެވެ؟ ހިތްވަރުގަދަމީހުން އެގޮތަށް ދޮގެއް ނަހަދާނެއެވެ. އެއީ ފިރިހެންކަމަށްވެސް ލިބޭ ހުތުރެކެވެ.
ޒޯހަންދެކެ އަމީރާ ފޫހިވީ އިންތިހާއަށެވެ. ބޭރުފުށުން ބަލާފައި އެއްވެސް މީހެއްގެ ހަގީގަތެއް ނޭގޭނެއެވެ. ކޮއްކޮދެކެ ލޯބިން އުޅުނީވެސް ދެއްކުންތެރިކަމެވެ. ރުޅިދައްކާލާއިރު އެކަމާއި ދެރަވެ ހިތާމަކުރާކަމުގެ އެއްވެސް ހެއްކެއް ނުފެނުނެވެ. ފޫހިވީވަރުން ޒޯހަންއާއި ސުވާލުކުރާކަށްވެސް ބޭނުމެއްނުވިއެވެ. ފުލުހުންނާއި ވާހަކަދައްކާގޮތުން މީހާގެ ހުރި ފެންވަރު އެނގިއްޖެއެވެ. އެވަރުމީހަކު އެއްވެސް މީހަކާއި ރީތިކޮށް ވާހަކަދައްކާކަށް ނޫޅޭނެއެވެ. އަމީރާ ޚިޔާލު ބަދަލުކޮށްލާފައި އެތަނުން ނުކުމެ ހަށިފުރާ ނޭވާއެއް ލިއެވެ.
ޒޯހަން އެނުބައި ޖަރީމާ ނުހިންގާކަމަށް ކިތަންމެ ވަރަށް ހުވާކުރިޔަސް ހެކިތަކެއްވަނީ އޭނައާއި އިދިކޮޅަށެވެ. ޑީއެންއޭ ޓެސްޓުވެސް މެޗްވެއެވެ. ނޫސްތަކުގައި އެވާހަކަ ފެތުރުނީ ޖަންގައްޔެއްގައި އަލިފާން ރޯވާ ބީދައިން ހަލުވިކަމާއިއެކުގައެވެ. ޒޯހަންފަދަ މަޝްހޫރު ވިޔަފާރިވެރިއެއްގެ ދަރިއަކު އެފަދަ ކުށެއްގައި ބެދުމަކީ އާދައިގެ ކަމެއްނޫނެވެ. އޭނަގެ ބައްޕައަކީ މުޅި ރާއްޖެ ދަންނަ ނަމެކެވެ. ޒޯހަންއަކީ އެންމެ ނުރައްކާތެރި އެއް ކުށްވެރިޔެއް ކަމުގައި މުޖުތަމައުގައި ނަންވެއްޖެއެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދެވި ޝަރީއަތާއި ހަމަޔަށް އައިއިރު ވާރިސުން ބޭނުންވިގޮތުން އެންމެނަށް ލިބުނީ ޝޮކެކެވެ. ޒޯހަންއަށް ދެ ޢާއިލާއިންވެސް މާފުދިނީއެވެ. ވާރިސުން މާފު ދީފިއްޔާ ދެން ކުރާނެ އެހެން ކަމެއް އޮންނާނެ ހެއްޔެވެ؟ އެޚަބަރު އިވުމުން އަމީރާ ނިންމީ ޒޯހަންގެ އާއިލާގެ ނުފޫޒުގެ ބޭނުންކޮށްގެން ޝަރީއަތް ނާއިންސާފުން ކުރިކަމުގައެވެ. އެނުބައި ކުށުގެ ސަޒާ ނުލިބި ޒޯހަން މިނިވަނެއްގެ ގޮތުގައި މުޖުތަމައަށް ނުކުތީ އެތައް ބަޔެއްގެ އިހުސާސްތަކަށް ގޮން ޖަހާލާފާއެވެ.
ޒޯހަންގެ ޝަރީއަތް ނިމުމާއިއެކު އޭނަގެ ދިރިއުޅުން ދެވަނަފަހަރަށްވެސް ބަދަލުކުރީ ކޮޓެޖަށެވެ. އެހާބޮޑު ހާދިސާއެއް ހިނގުމުން އެހެން މީހަކުނަމަ ދެވަނަފަހަރަށް އެ ބިރުވެރި ހަނދާންތައް އާކުރުވާނެ ތަނަކަށް ކައިރިވާކަށް ބޭނުމެއް ނުވާނެއެވެ. އެކަމަކު ޒޯހަން ތަފާތެވެ. އަދި އެގޭގައި ދިރިއުޅޭ މުސްކުޅިމީހާގެ ނުލަފާކަމުން އެގެއާއި ވައިއެޅޭކަށްވެސް މީހުންނަކަށް ނުކެރެއެވެ. އެކަމަކު ޒޯހަންއަށް އޭނަ މަރުހަބާ ކިއެވެ. ޒޯހަން އައިކަން އެނގިފައި އެންމެ ބޮޑަށް ނުތަނަވަސްވި މީހަކީ ރޮޒާލިއާއެވެ. އެހާ ނުރައްކާތެރި އިންސާނަކާއި އަވަށްޓެރިއެއްގެ ގޮތުގައި އުޅުން ފިޔަވާ އަމިއްލަ ދެ އަންހެންދަރިންނާއި މެދުވެސް ވިސްނަން ޖެހިފައިވެއެވެ. އަމީރާއާއި ހެނާއަށް ޒޯހަންގެ ފަރާތުން ކުރިމަތިވެދާނެކަމަކަށް އޭނަ ހުންނަނީ ހޭލައެވެ. ފައިސަލް އެގެ ދޫކޮށްފައި ދުރަށް ދާކަށް ގަބޫލެއްނުވިއެވެ. ރޮޒާލިއާ ދަރިންނަށް ވިސްނާދިނީ ޒޯހަންއާއި ދުރުން އުޅުމަށެވެ. އެފަދަ މީހުން އަންހެންކުދިން ހައްލަން ވަރަށް މޮޅުވާނެކަމަށާއި އޮމާން ރީތި ވާހަކަތަކުން ދަޅަދައްކައިގެން ގެންގޮސް އިއްފަތްތެރިކަން ނަގާލާފައި މަރާލާނެކަމަށް ބުނެދިނެވެ. ޒޯހަން އައުމުން ހެނާގެ ހިތަށް ސިއްރު އުފަލެއް ލިބުނަސް މަންމަގެ އިންޒާރުތައް އަހާފައި އަސަރުކުރިއެވެ.
އިރުއޮއްސެމުންދިޔައިރު ރަތްވިލާތަކުގެ ރަތްދަޅަތައް ގަސްތަކަށް ފޯރުވާލާފައިވާއިރު ފެންނަލެއް ރީތިކަމުން އާޝޯޚުވާވަރުވެއެވެ. އަމީރާ ސައިބޯން އިންއިރު އޭނަގެ ހަމަށް އެޅިފައިވާ ރަތްކުލައިން އަމިއްލަ އަތަށްވެސް ހިތް ތައުރީފުކުރެވުނެވެ. އެހެން އިނދެލާފައި އެއްލި ކަޅިއަކުން ފެނުނު މަންޒަރަކުން އަމީރާގެ ގައިން ހީބިހި ހަލުވާލައިފިއެވެ. އާޒްއާއި ކޮންމެވެސް އަންހެންކުއްޖަކު އަނބުގަސް ކައިރީގައި ވާހަކަދައްފާއި ހޭންތިއްބެވެ. އެއަންހެންކުއްޖާގެ އިސްތަށިގަނޑު އޮތީ ބިންމަތީގައި ކޭއްތިކޭއްތިއެވެ. ފިލްމުތަކުން ފެންނަ ޕަރީއެއްފަދައިންނެވެ. ވިގެއް އަޅާފަހެއްޔެވެ؟ ހާސްވިވަރުން އަމީރާ ލޫވާތައް ތިރިކޮށްލާފައި ބާރުބާރަށް އާޒްއަށް ގޮވާލާއިރަށް އެކުއްޖާ ގަހުގެ ނިވަލަށްވަދެ ފިލައިފިއެވެ. އާޒް ދުވަމުން ދުވަމުން އައިސް ހުއްޓުމުން އަމީރާ އެކުއްޖާއާއި ބެހޭގޮތުން ސުވާލުކުރިއެވެ.
"ނޭގޭ، ބުނީ އާޒްއަކީވެސް ބްރަދަރ އެކޯ ސަބަބަކީ އަމީރާއަކީ މަގޭ ސިސްއިން ލޯ އޭ........" އާޒްގެ ޖުމްލައިން އަމީރާ ސިހިއްޖެއެވެ. އޭމޮންގެ މުޅި އާއިލާވެސް މިގެއާއި އަވަލީހެއްޔެވެ؟ އެގެއާއި އިންވެގެން ހުރި ބޮޑެތި ފުނަމާ އަޅާފައި ހުރި ގަހަށް އަމީރާގެ ނަޒަރު އަމާޒުވިއެވެ. އެޖިންނި އާއިލާ ދިރިއުޅެނީ އެގަހުގައި ކަމަށްވުމީވެސް އެކަށިގެންވާކަމެކެވެ. އެފަދަބޮޑެތި ގަސްތަކުގައި ޖިންނިން އުޅޭވާހަކަ މާމަވެސް ދައްކާތީ އޭނަ އަޑުއަހާފައިވެއެވެ. އެފަދަ ގަހެއް ކަނޑާލުންވެސް ފަސޭހައެއްނުވާނެއެވެ.
ޒޯހަންއަށް ރޭގަނޑު ކެއުން ގެންގޮސްދޭން ނިކްޒާދު އެންގީ ސީދާ ހެނާއަށް ގުޅާފައެވެ. ހެނާ ހައިރާންވިއެވެ. ނިކްޒާދު އޭނަ ޚިޔާރުކުރުމުގެ މަގުސަދެއް ނުވިސްނުނެވެ. ޒޯހަންގެ "ޓާގެޓް" އަކަށް އޭނަ ވީއޭ ހިތަށް އަރާފައި ހަށިގަނޑުގައި ފިނި ރާޅެއް ދުވެލިއެވެ. ނޫނެކެވެ. އެހާ ނުބައި އެއްޗެއް ހިތަށް އަރުވާކަށް ނުވާނެއެވެ. މަންމަ އޮތީ ޒޯހަންއާއި ވައި ނޭޅެން އަންގާފައެވެ. ނަމަވެސް ވަޒީފާގައި ހުންނަން ބޭނުމިއްޔާ އޭނަގެ ސާހިބުން އަންގާގޮތަށް އަމަލުކުރަންވާނެއެވެ. މަންމައަށް އަންގާކަށް ނުޖެހޭނެއެވެ. މަންމަ އޭނަދެކެ ލޯބިވާ މީހެއްވެސް ނޫނެވެ. ވީއިރު މަންމައަށް އޭނަ މަރުވިޔަސް ހެޔޮވާނެއެވެ. އޭނަ ހިމަނާފައި މަންމަ ދެއްކި ކަމުގައިވިޔަސް މަންމަ ބިރުގަންނަނީ ރަންދަރިފުޅަށް ކަމެއްވެދާނެތީއެވެ. މަންމަގެ އަންހެންދަރިއަކީ އަމީރާއެވެ. ޒޯހަން ކޮޓެޖްގައި ހުރިނަމަ ހެނާއަށް އެގެއަށް ދާކަށް ނުކެރޭނެކަން ގައިމެވެ. ހޮޓަލުގައި ހުންނަ އޭނައަށް ޚާއްސަ ބައިގާ ހުރީ ނަސީބެކެވެ.
ހެނާ ފާޑުވެރިކަމާއިއެކު ތަބައް ތައްޔާރުކުރަން ހުއްޓާ އާސާއަށް ފެނިފައި ދިމާކުރަންފެށިއެވެ.
"ކާކަށް ތިގެންދަނީ؟ " އާސާ ހެނާގެ އުޅަބޮށީގައި ކޮށްޓާލިއެވެ.
"ކޮންމެވެސް ގެސްޓަކަށް...." ހެނާގެ މޫނަށް ރަތްކުލަވެރިވާން ފެށިއެވެ.
"ޒޯހަންއަށްދޯ. ހެނާ. ޔޫ އާ ބްލަޝިން....." އާސާ ހެނާގެ މޫނަށް ބަލާފައި އަދި ހެނާގެ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ.
"އާސާ. މޮޔަނުވޭ. އަހަންނަށް ކަމެއްނުވޭ....." ހެނާ ރަކިވިޔަސް ހޭންފެށިއެވެ.
"ހެނާ ކަމެއް ނުފޮރުވާނަމަ އަހަންނަށް އޮޅުވާލާކަށް ނޫޅޭނެ. އެކަމަކު ބުނަންތަ؟ ހެނާ ތިކަމާއި އުޅެންޏާ އަހަރެން ޖެހޭނެ އޭނައަށް ލަނޑެއްދޭން. ހެނާ ބޮނޑިއެއް ބުއިމުގެ ކުރިން. އެނގޭތަ؟ ނިކްޒާދު މިތާ އަންހެންކުދިން ކޮންމެ ރެއަކު އެރޫމަށް ފޮނުވާ. ރަންނަމާރިހެން އޭނަވެސް ބޭނުންވަނީކަން ނޭގޭ ކޮންމެ ރެއަކަށް އާކުއްޖެއް. ނިކްޒާދަކީ އޭނަގެ އެސިސްޓެންޓަށްވާތީ އޭނައަށްވެސް ފައިދާވާނެކަން ޔަގީނޭ، ވަރަށް ފާޑަކަށް ބަލަން ހުންނަނީވެސް. އޭނަ ކައިރީ ހެނާއަށް ބުނެލަން ކެރޭނެތަ؟ އެންމެނާއި ހެދި އުޅުނަސް އާސާއާއި އަޅައިގެން ނޫޅޭށޭ. ނޫނިއްޔާ އެކަމާ ހިތާމަކުރަން ޖެހޭނެއޭ. ގެނޭ. ހެނާއަށް ވެގެން މިރޭ ދާނީ އަހަރެން....." އާސާ ގަދަކަމުން ތަބައް އަތުލަން އުޅުނެވެ. ދެމީހުން އެގަނޑެއްގައި އުޅެނިކޮށް ތަބައް ބިންމަތީގައި ޖެހުނު އަޑުފަށްގަނޑާއިއެކު އެތައްބަޔެއްގެ ލޯތައް އެދިމާލަށް ހުއްޓުނެވެ. ހެނާ ވަރަށް ލަދުގަތެވެ. ސުޕަވައިޒަރުވެސް ނުރުހުމުގެ ދެތިން ބަހެއް ބުނެލާފައި އަނެއްކާ އުޅެގަތީ އޯޑަރު ކޮށްފައިވާ ތަކެތި ތައްޔާރުކުރުމުގައެވެ. ހެނާ މަޑު ހިނގުމެއްގައިގޮސް އެސުއިޓްގެ ބެލް ޖެހުމުން ދޮރު ހުޅުވައިލީ ޒޯހަންއެވެ. އެތަނުގައިވަނީ ލޮލަށް އަރާމުވާފަދަ އޮރެންޖް އައްޔެކެވެ. އެކަނި ޖިންސެއްލައިގެން އޭނަ ހުރިއިރު އޮރެންޖް އަލީގެ ސަބަބުން އެހަށިގަނޑު ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ދެލޮލުގެ މުށިކުލަ ހާދަ ނަލައެވެ. ޒޯހަން ހުރީ ލާނެތް ގޮތަކަށް ހިނިއައިސްފައެވެ.
އޭނަ ތަބައް ހިފައިގެންގޮސް މޭޒުމަތީގައި ބެހެއްޓިއެވެ.
"ކޮފީ ނެތްތަ؟ "ޒޯހަން އަހައިލިއެވެ.
"އަޅުގަނޑު ކޮފީ ގެންނަންތޯ...." އޭރުވެސް ހެނާގެ ހިތުގެ ތެޅުން ބާރުކަމުން ބޭރަށް އިވޭނެކަމުގައި އޭނަ ހީކުރިއެވެ. ޒޯހަންގެ ތޫނު ބެލުމުން އޭނަ ހުރީ ރަކިވެ އެހާ ފިނިވެފައެވެ.
"ނޫނޭ، މިރޫމްގައި ކޮފީ އާއި ހޫނު ފެން އެބަހުރި. ކޮފީއެއް ހަދާދީ. ތިހާ ނާޒުކް ކުއްޖެއްގެ އަތުން ހަދާދޭ ކޮފީ ވަރަށްމީރު ވާނެހެން ހީވޭ މަށަކީ ކޮފީ އެޑިކްޓެއް......" ޒޯހަން ހީވަނީ ހެނާ ލަދުގަންނަވަން ބަލާހެންނެވެ. ރަކިކުރާފަދަ ނަޒަރަކުން އެވަރަށް ބަލަނީ ކީއްވެބާވައެވެ. ހެނާ ހުރީ ގަބޫލުކުރުން ދަތިވެފައެވެ. ޒޯހަންފަދަ މީހަކު އޭނައާއި ގަޔާވެގެން އެގޮތަށް ބެލުމަކީ ހުވަފެނެއްގައިވެސް އޭނަ ހިތަށް އަރުވާފައިވާކަމެއް ނޫނެވެ. އަދި ނާޒުކޭވެސް ބުނެލައިފިއެވެ. ހެނާފަދަ ޅަ އަންހެންކުއްޖަކު އަނބުރާލަފާނެ ހުރިހާ އުކުޅެއް ޒޯހަންގެ ވެއެވެ. ތައުރީފުކޮށް ޚުޝާމަދުކޮށްގެންވެސް އޭނަ އަންހެންކުއްޖަކު ހައްލާލަފާނެކަން ނޭގެއެވެ. ހެނާ ކޮފީތަށި ހަދަން ހުރިއިރުވެސް ރަކި ހިންޏެއް ތުންފަތުގައިވިއެވެ. ކޮފީތަށި ގެނައުމުން އަދި ރަހަ ބަލާލާފައި ޝުކުރިއްޔާއޭ ބުނެލީ އެހާ އިޝްގީ ނަޒަރަކުން ބަލައިލާފައެވެ. ފުރަތަމަ ދުވަހު އޭނައާއި ދިމާވެގެން ހަޅޭއްލެވި ޒޯހަންއަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ނޫނެކެވެ. މީހުންގެ މިޒާޖު އެކި ދުވަހު ތަފާތުވާނެއެވެ. އަބަދު ރުޅިއެއްވެސް ނުދައްކާނެތާއެވެ. ޒޯހަންގެ މިރޭގެ ސޫރައަކީ ހެނާއަށް ކަމުދިޔަ މީހެކެވެ.
"ދެން ކޮންމެ ރެއަކު އަންނައްޗޭ...." ޒޯހަން އެދުނެވެ.
"ކީކޭތޯ..." ހެނާ ލަދުން މަރުވާވަރުވިއެވެ.
"އަހަރެން ހެނާވެސް ރޭޕްކޮށްފަ ދޫކޮށްލާނީ. އެކަކަށްވެސް މިފަހަރު ނޭގޭގޮތަށް........ " ޒޯހަން އަނގަޔަށް ގޮތެއް ހަދައިލިއެވެ. ބަލައިލީވެސް ޝިކާރައަކަށް ބަލާ އުސޫލުންނެވެ. އެ ޖުމްލައާއެކު ހެނާގެ ދެލޯ ބޮޑުވެ މޫނު ހުދުވާގޮތްވިއެވެ. އަނބުރައިނުގަތީ ހަމަކިރިޔާއެވެ. ވާނީވެސް އެހެންނެވެ. ޒޯހަންވަނީ އޭނައަށް އެކަން ކުރެވޭނެކަން ސާބިތުކޮށްދީފައެވެ. އޭނަގެ ކޮއްކޮއާއި އަންހެނުންގެ ކުއްލި ވަކިވުމާއިމެދު ހިތާމަކުރާހެނެއްވެސް ހިޔެއްނުވެއެވެ. އެކަމަށް އިޝާރާތްކޮށްފައި ވާހަކަދައްކާފައި އަދި އެފެށީ ހޭށެވެ. ކޮންފަދަ ހިލަ ހިތެއްގެ ވެރިޔެއް ހެއްޔެވެ؟
"ހޭއި. ޖަސްޓް ކިޑިން އިނގޭ. އެނގެއެއްނު އަހަރެން އެކަހަލަ ކަމެއް ނުކުރާނެކަން. އެކަމަކު މިރޭ ހެނާގެ ކައިރީ އަހަރެން ވާހަކައެއް ބުނެފާނަން. އަހަންނަށް ވަރަށް ކަމުދާ އަންހެންކުއްޖަކަށް ހެނާ ވެއްޖެ. ދުވަސްކޮޅެއްވެއްޖެ ހެނާއަށްޓަކާ ހިތުގައި ކޮންމެވެސް ކަހަލަ ޖަޒުބާތުތަކެއް އުފެދިގެން އުޅޭތާ. ހެނާގެ މަންމަ ހާދަ ފާޑެއްގެ މީހެކޭ ދޯ. އަންގާފައި ދޯ އޮތީ އަހަންނާއި ކައިރި ނުވާން. އެކަމަކު އަހަންނަށް އެނގޭހާވެސް އެއްޗަކީ ހެނާ އަހަރެން ދެކެ ލޯބިވާކަމާއި އަހަރެންވެސް ހެނާއާއި އިންނަން ނިންމާފައިވާކަން. އެކަމަކު ދަސްކުރަންވެސް ޖެހޭނެއްނު. ކޮންމެ ރެއަކު މި ސުއިޓަށް އަންނާށޭވެސް ބުނީ އެހެންވެ. އޭރުން ހެނާއަށް އެނގޭނެ އަހަންނަކީ އެހެން މީހުން ހީކުރާހާ ނުބައި މީހެއް ނޫންކަމާއި އަންހެންކުއްޖެއްގެ ނުރުހުމުގައި އަތް ނުލާނެކަން. ކޮންމެ ރެއަކު އަންނާނަންތަ؟ ނިކްޒާދު ކައިރީ ބުނެގެން ހެނާ އަހަންނަށް ޚާއްސަ ކޮށްފައި ބެހެއްޓުމަކީ އަހަންނަށް އުދަގޫކަމެއްވެސް ނޫން. ސޯ ކީ ކޭ ބުނަނީ؟ " ޒޯހަން ލަސްލަހުން ކޮފީ ބޮމުންދާއިރު ތަނުގައި އެވަސް ހަރުލާފައިވެއެވެ. ޒޯހަން އެބުނާހެން ހުންނަނީ އަބަދުވެސް ދެފޫޓެއްހާ ދުރުމިނުގައެވެ. ކައިރިވާކަށްވެސް މަސައްކަތެއް ނުކުރެއެވެ. އެންމެން އެބުނާހާ ހިތްކާފަރު މީހެއްނަމަ އޭނަ އަންހެންކުއްޖަކާއި އެކު މިހާ އެކަނިވެރި ތަނެއްގައި ހުރިއިރު ނޮފޮށި ނުހުންނާނެކަން ގައިމެވެ.
ޒޯހަންގެ ބޭބެ ބުނިފަދައިން ކޮންމެވެސް ބަޔަކު ޒޯހަން ފްރޭމްކުރީއެވެ.
"ހެނާ ކޯންޗެއް ތިވިސްނަނީ؟ އާންސާ މީ. އަހަންނަކީ ބަޔެއް ކަންތައްތަކުގައި ވަރަށް ކެތްތެރިކަން ކުޑަމީހެއް....." ޒޯހަން ބުމަ އަރުވައިލިއެވެ.
"އަޅުގަނޑަށް ނޭގޭ. ދެން ބުނާނެ އެއްޗެއް......" ހެނާ ހުރީ ލަދުން މަރުވާވަރުވެފައެވެ. އިސްޖެހުނުގޮތަށް ދެވަނަފަހަރަށް ޒޯހަންއާއި ދިމާލަށް ބަލައިލާނެ ހިތްވަރެއްވެސް ނުކުރެވުނެވެ. އޭނައާއި މިހާ އެކަށީގެންނުވާ ފަރާތަކަށް ހިތް ލެނބުނު ސަބަބެއް ނޭގެއެވެ. އަދި ޒޯހަންގެ ވާހަކަތަކުން އޭނައާއި އިންނަން އުޅެ ވާހަކަ ބުނުމުން އަދިވެސް ހެނާގެ ސިކުނޑިއަކަށް އެހުރިހާ ކަމެއް ނަގައިގަންނަން ފަސޭހައެއްވެސް ނޫނެވެ. ހުރިހާ ކަމެއް މިދަނީ ހާދަ ހަލުވިކޮށެވެ.
"ހޫމް އެކަމަކު ކޮންމެ ރެއަކު ހެނާ އަންނަންވާނެ. ގަދަކަމުންވެސް އެކަން ކުރުވާނަން. ކޮންމެ ރެއަކު ފެނިލުމަކީވެސް ހިތަށް ލިބޭނެ އުފަލެއް...." ޒޯހަން އެއް ލޯ މަރައިލިއެވެ. ޒޯހަން ބުނީ ހެނާ މާ ގިނައިރުވާން ވެއްޖެނަމަ އެހެން މީހުންނަށް ޝައްކުވެދާނެކަމަށާއި ދެން އެތަނުން ދިޔުމަށެވެ.
"ގުޑްނައިޓް ހެނާ....." ޒޯހަން ހުރީ ތަފާތު ނަޒަރަކުން ހެނާއަށް ބަލަހައްޓައިގެންނެވެ. އޮރެންޖް އަލީގެ ތެރެއިން އެދެލޮލަށް ތަފާތު ކުލައެއްވެރިވިހެން ހީވިއެވެ. ހެނާ ނުކުތުމާއިއެކު ކޮޓަރީގެ ހުރިހާ ބޮކިތައް ނިވުނީ ހަމަ ކުއްލިއަކަށެވެ. ކަނު އަނދިރިކަމުގެ ތެރެއަށް އެތަން ގެނބިގެން ދިޔައިރު އެހެން އެއްވެސް ތާކުން ކަރަންޓު ގޮސްފައެއްނުވެއެވެ. ހެނާ ލިފްޓަށް ވަންއިރުވެސް އެކުއްޖާ ހާސްވެފައި ހުރިވަރުން ނިތްކުރިން ދާހިއްލާލާފައިވެއެވެ. ލިފްޓުން ކަރަންޓު ދިޔުމުން ބިރުން ހިތް ވިރިވިރި ދެލޯ ބޮޑުކޮށްލައިގެން ހުއްޓާ އަދި ކޮންމެވެސް މީހަކު އަތުގެ މުލައްދަނޑީގައި ހިފެހެއްޓިކަމުގެ އިހުސާސްކުރެވުނެވެ. ހެނާގެ ތޫނު ހަޅޭކުގެ އަޑު ހޮޓަލުގެ ތެރޭ ގުގުމާލައިފިއެވެ.
އާސާ ޑިއުޓީ ނިންމާލާފައި ނުކުތުމުން ނިކްޒާދު އޭނަގެ ފަހަތުގައި އަޅުވާލައިފިއެވެ. ސިގިރެޓުގެ ދުންތައް ޖައްވުތެރެއަށް ފޮނުވަމުން އެއް އަތުން ފޯނާއި ކުޅެމުންދާއިރު އޭނަގެ މަގުސަދެއް އާސާއަށް ނުވިސްނޭނެކަމުގައި ނިކްޒާދު ޔަގީންކުރިއެވެ. އާސާ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އެ އޮމާންކަމާއި ތަފާތު ރީތިކަން ނިކްޒާދުގެ ހިތް ގޯސްކުރުވިއެވެ. ނަމަވެސް އާސާއަކީ އޭނަގެ ފެންވަރުނޫން ކަން އެނގޭތީ ރައްޓެހިވުމަށްވުރެ އޭނަ ބޭނުންވީ ވަގުތީ އުފަލެކެވެ. އާސާގެ ހުންނަ މިޒާޖުގެ ސަބަބުން އެފަދަ ކަމަކަށް ނިކްޒާދަށްވަނީ ފުރުސަތު ނުލިބިފައެވެ. އާސާ މޫދާއި ދިމާލަށް އޮންނަ ވަލުތެރެއަށް ވަދެގެން ދާން ފެށުމުން ނިކްޒާދު ހައިރާންވިއެވެ. މިހާ ދަންވަރު އެކުއްޖާ ބިރުކުޑަކޮށްލާފައި އެދަނީ ކޮންތާކަށް ކީއްކުރަންހެއްޔެވެ؟ ލޯބިވެރިޔަކާއި ބައްދަލުކުރަން ކަމަށްވެދާނެއެވެ. ނިކްޒާދު ގޮނޑުދޮށަށް ފޭބިއިރު އާސާ ކޮޓެޖްގެ ފާރުމަތިން ފަސޭހަކަމާއެކު އަރާފައި އެތެރެއަށް ފުންމާލައިފިއެވެ.
"ވަޓް ދަ ......" ނިކްޒާދު ބޯ ހޫރާލިއެވެ.
ނިކްޒާދު ފާރުމައްޗަށް އަރާ އިށީދެފާ ވަށައިގެން ހޯދާ ބަލައިލިއިރު ތަންކޮޅެއް ދުރުގައި އާސާ ހުރީ އެގޭގެ ރަތްއީޓު ޖަހާފައި ހުރި ބިތަށް ލެނގިލައިގެން އެހެން ދިމާލަށް ބަލަހައްޓައިގެންނެވެ. ހަނދުވަރުގެ އަލި އެމޫނަށް އެޅިފައިވާއިރު އޮމާންކަމުން ވިދައެވެ. ނިކްޒާދުގެ ތުންފަތް މައްޗަށް ނުލަފާ ހިނިތުންވުމެއްވެރިވިއެވެ. އާސާ ކޮޓެޖަށް އައިކަން ރަގަޅެވެ. ޝިކާރަ ރަގަޅަށް ދަލުގައި ޖެހުނީއެވެ. އާސާ ސަލާމަތްކޮށްދޭނެ އެއްވެސް އިންސާނަކު ދެން މިރެއަކު މިހިސާބާއި ގާތްނުވާނެއެވެ. މިއީ ސިހުރާއި ނާމާންކަމަށް އަޑުއަރާފައިވާ ގެއަކަށްވިކަމީ ނިކްޒާދުގެ ނަސީބެވެ. އަންހެންކުދިން ޝިކާރަކުރަން ޒޯހަންވެސް ހޯދީ މި ޖަގަހައިގެ ހިޔާވަހިކަމެވެ.
ހެނާ ގެއަށް އައިގޮތަށް ހެދުން ބަދަލުކޮށް ފެންވަރާލައިގެން ނަމާދުކުރިއެވެ. އެނދުގައި ޖައްސާލިގޮތަށް މާ ފުން ޚިޔާލެއްގައި އޮތްތަން ފެނިގެން އަމީރާ ސުވާލުކުރަންފެށިއެވެ. އަމީރާވެސް އޮތީ އުފާވެރި މޫޑެއްގައެވެ. ހެނާއަށް ސަބަބު އެނގެއެވެ. މިހާރަކަށް އައިސް އަމީރާ އަބަދުހެން ޗެޓްކުރަނީ އޭނަގެ ބޮސްއާއެވެ. ރަފައެލް ކިޔާ ޒުވާނަކާއެވެ. އަމީރާވެސް ރުހޭ ފާޑުގެ މީހެއް ދިރިއުޅުމަށް މިއައީ އަލަށެވެ.
"ކަމެއް ނުވޭ. ހަމަ ޓަޔަޑްވެފައި...." ހެނާ ފުންނޭވައެއް ދޫކޮށްލައިފިއެވެ.
"އަހަންނަށްވެސް ތިކަހަލަ ދުވަހެއް އައޭ ހެނާ. ލަންކާގައި އުޅުނުއިރު ލޫސިއަން ކިޔާ ފިރިހެންކުއްޖަކާއި ދިމާވި. ފިލްމުތަކުގައި ވެސް ސްޕެޝަލް އެޕެއަރެންސަށް ބައެއް މީހުން އަންނަ ފަދައިން މި ހަޔާތަށް އޭނަވެސް އައީ އެންމެ ދުވަހެއްގައި އެކަމަކު ދިޔައީ ހިތް ހިފައިގެން، އޭރު ހަމަ ތިހެން އޮންނަނީ ޚިޔާލުކުރަން. ނުކައި ނުބޮއި. ރޮމުންގޮސް ދެލޮލުން ކަރުނަ ހިކުނު. ދެން ވިސްނުނު އެގޮތަށް އެންމެ ދުވަހެއްގައި ފެނުނު މެހުމާނަކަށްޓަކާ މޮޔަވިޔަސް އޭގެއިން ކުރާނެ ފައިދާއެއް ނެތްކަން. މިހާރު ރަފައެލްއަށް ޚާއްސަކަމެއް ބެހެއްޓިޔަސް ލޫސިއަންގެ ހަނދާންތައް ހިތުގެ ކަނެއްގައި ފޮރުވިފައިވޭ. އޭނަ އަބަދުވެސް ވާނީ ފަސްޓް ލަވް ކަމުގައި. އެކަމަކު ދެން އެނބުރި އަޔަސް ހިޔެއް ނުވޭ އޭނައަށް ފޯލްވާނެހެނެއް. އެހާވެސް ހާޓްކޮށްފައި އޭރުވަނީ. ވަރަށް މިސްޓީރިޔަސް ގޮތަކަށް ދިމާވީ އަދި......" އަމީރާ ވަކި ހިސާބަކުން ހުއްޓާލައިފިއެވެ. ހެނާގެ ކައިރީ ބުނަންވާވަރަށް ވުރެ އިތުރަށްވެސް ކިޔާދެވިއްޖެއެވެ. މިހުރިހާ ދުވަހު އޭނަ ހުރީ ލޫސިއަން އޭނައަށްޓަކާ މަރުވެފައިވާ ކަމަށް ނިންމާފައެވެ. އެތައް ޒަމާނެއްގެ ފަހުން ހެނާއަށް ވެފައިވާ ގޮތްތައް ފެނިފައި އޭނަ މާޒީ ހަނދާންވީއެވެ. އެއީ އޭނަ ފަސް އަޅާ ފޮރުވާފައިވާ މާޒީއެކެވެ. އަލުން އިއާދަވާން ވެއްޖެއްޔާ އޭނަގެ ދިރިއުޅުން ފުނޑުފުނޑުވެގެން ފައިބާނެއެވެ.
"ލޫސިއާން؟ "ހެނާ ކިޔައިލިއެވެ.
"އެވާހަކަ ބާއްވާ. ހެނާ ބުނަން ވާހަކައެއް. ހިތްކިޔާ ކަހަލަ ބޯއި އެއް ފެނިއްޖެއްޔާ ބުނައްޗޭ. ފަހުން ރިގްރެޓްކުރާވަރުގެ މީހަކާއި ރައްޓެހިވާކަށް ނުވާނެ. ނޫނީ ހިތުން ނުފިލާވަރުގެ ދެރައެއްވެސް ލިބިދާނެ.. " އަމީރާ ވާހަކަދެއްކިޔަސް ޝައުގުވެރިކަން ހުރީ ފޯނަށެވެ. ރަފައެލް މިރޭވެސް ބީޗްގައި ބައްދަލުކޮށްލަން ބޭނުންވީއެވެ. ބޮސް އެހާވަރުން އޭނައާއި އެކަނި ބައްދަލުކުރާއިރުވެސް ލޯބި ހުށަހަޅަން ނުކެރޭތީ ހައިރާންވެއެވެ. ކުރީދުވަހު ރަފައެލްގެ މޭމަތީގައި ބޯ އަޅާލައިގެން ރޯން ހުރުމަށްފަހު ކޮފީއަކަށް ދައުވަތުދީފައި މިހާރު ބޭނުންވީ ބީޗްގައި ހިނގާލަން ދިޔުމަށެވެ. ރަފައެލް ދައްކަން އުޅެނީ ކޮންވާހަކައެއް ހެއްޔެވެ؟ އޭނައަށް އޮވެވުނީ ގަޑީގެ ކަށި ހިނގާލެއް ލަސްވެފައެވެ. މިފަހަކަށް އައިސް އޭމޮންގެ އުދަގުލެއް ނުފޯރާތީވެސް އުފާވެއެވެ. އޭމޮން މަރުވީހެއްޔެވެ؟ އަންހެންކުދިންނަށް ގޯނާކުރަނިކޮށް މީހަކު އޭނަ އަންދާލީކަމަށް ވެދާނެއެވެ.
އަމީރާ ތައްޔާރުވާން ހުރިއިރު ހައްތަހާ ހީވަނީ މީހަކު ފަހަތުގައި ހުންނަހެންނެވެ. އެއްފަހަރު އެނބުރުނުއިރު ކަޅު އަނދިރި ހިޔަނިގަނޑެއް އޭނަގެ ހަށިގަނޑާއި އެކުވެފައިވާހެން ހީވެ އަމީރާގެ ހިތަށް ނުބައިގޮތެއް ވިއެވެ. އޭމޮން ސިއްރުސިއްރުން އެހާ ކައިރީގައި އުޅެނީ ބާވައެވެ. ޖިންނިންނަކީ އިންސާނުންފަދަ ބަޔެއްނޫނެވެ. ހަށިގަނޑުތެރެއަށް ވަދެ ލެޔާއިއެކުވެގެން އުޅުމުގެ ބާރުވެސް ދެއްވާފައިވާ މަޚުލޫގުންތަކެވެ. ވީއިރު އޭމޮން ހިތްއެދޭހާ ވަރަކަށް ކައިރިވުމަށް ހުރިހާ ބާރެއްލިބިފައިވެއެވެ. އެކަން ހުއްޓުވަން އަމީރާ ކުރާނެ ކަމެއް ނެތެވެ. އޭމޮންގެ ސިއްރު ހޯދާހިތުންވެސް ކެތްވަނީއެއް ނޫނެވެ. މައިކަލް ސަލާމުގައި ހުރި ސަބަބަކާއި އުޅުމުގައި އެހުންނަ ސިއްރުވެރިގޮތުގެ ސަބަބެއް އެނގެންވެސް އޭނަ ބޭނުމެވެ. އަދި ޒޯހަން އަންހެނުންނާއި ކޮއްކޮ މަރައިލި ސަބަބުވެސް ދެނެގަތުން އެހާ މުހިއްމެވެ. އޭމޮންގެ ސަބަބުން އޭނަވަނީ ކޮންމެވެސް ވަރަކަށް ބިރު ކެނޑިފައެވެ. ފަހަތުން އުޅުނަސް އޭނައަށް ހެވެވެ. ގަޔަށް އަތްނުލާ ހުރީމަ އެވީއެވެ. އަމީރާ ކުރުސި ކިޔަވައިގެން ގަޔަށް ފުމެލިއެވެ. ޖިންނި ޝައިތާނުގެ އުދަގުލާއި ދުއްތުރާތަކުން ސަލާމަތްވެވޭނެއެވެ.
އަމީރާ ގެއިން ނުކުތްއިރު ހަނދުވަރު ރީތިކަމުން ހުރިހާ ތަނެއްފެންނަނީ އުޖާލާކޮށެވެ. ރަތްފިނިފެންމާގަހުގައިވާ މާތައްވެސް އެ އަލިކަމުގައި ކުޑަކޮށް ނަށާލާއިރު ސިއްރުތައް ބުނާހެން ހީވިއެވެ. ވައިރޯޅީގައިވެސް ވަނީ ހުވަދުލެވިފައެވެ. ގުދުރަތީ އެރީތިކަމުގެ ބަޔެއްކަމުގައި އަމީރާވެސް ވިއެވެ. އެފަން އިސްތަށިގަނޑު ނިއުޅުވާލައިގެން ރަތް ފިނިފެންމަލެއް ހިފައިގެން އޭނަ ކުރިއަށް ފިޔަވަޅުއަޅަމުން ދިޔައީ އެއްވެސް ބިރެއްނެތިއެވެ. ކުއްލިއަކަށް ގަސްތަކުގެ ތެރެއިން ރަތްދެލޯ ދިއްލިގެންދިޔަހެން އަމީރާއަށް ހީވިއެވެ.
"އޯ ނޯ އޭމޮން....." އަމީރާއަށް ދަތްތަކަށް ބާރުލެވުނެވެ. އެ އިފްރީތު އުޅެނީ އޭނަގެ މިރީތި ރޭ ޚަރާބުކޮށްލާށެވެ.
އަމީރާ އުޅުނީ ދުވެފާ އައިގޮތަށް ގޭތެރެއަށް ވަންނާށެވެ. ނަމަވެސް އޭނަ ހައިރާންވެ އަންތަރީސްވިއެވެ. ގެއަށް ވަދެވުމުގެ ބަދަލުގައި މިދުވެވެނީ ވަލުތެރެއަށް ވަދެގެންނެވެ. ދެވޭނުދެވޭ ތަނެއްވެސް ނޭގެއެވެ. ވަށައިގެން ފެންނަނީ ބިޔަ ގަސްތަކެވެ. ދުވެ ދުވެ ވަރުބަލިވާއިރުވެސް އަނދިރިކަމާއި ގަސްތައް ނޫން އެއްޗެއް ނުފެނެއެވެ. އެއޮތް ރީތި ހަނދުވަރުވެސް ގެއްލި ކަނު އަނދިރިކަން މުޅި އާސްމާނު ވަށާލަން ނެގީ ހަމަ ސިކުންތުކޮޅެކެވެ. އަމީރާއަށް މޫދުވެސް ނުފެނުނެވެ. ދުޢާކުރާ ހާލުގައި ރޮވިފައިހުރެ އަމީރާ ދުވަމުން ދިޔައީ އުއްމީދުގެ ދޯދިފަށުގައި ހިފަހައްޓައިގެން ހުރެއެވެ. މިކަންތަކުން ސަލާމަތްވާން އަޒުމް ކަނޑައަޅައިގެންނެވެ. އެންމެފަހުން ވަރުބަލިވެ ދެފައިގާ ކޮޅަށް ހުންނާނެހާ ހަކަތަނެގިގެން ގަސްގަނޑެއްގެ މައްޗަށް ދެމުމުން ދެލޯ ހުޅުވާލެވުނުއިރު ކުރިމަތީގައި ފެންނަން ހުރީ ކޮޓެޖެވެ. އެދިމާލުގައިވާ ގަސްތައް ފެންނަމުން ދިޔައީ ކަޅުދެޔޯތަކެއް ފަދައިން ނާމާންކޮށެވެ. ޖެހެމުންދާ ވައިވެސް "އަމީރާ" ގެ ނަމުން ގޮވަނީއެވެ. ނޫނީ އޭނައަށް ހީވާގޮތެއްހެއްޔެވެ؟ ކުއްލިއަކަށް ކަންފަތުގައި ޖެހުނީ އޭމޮންގެ ޝައިތާނީ ހުނުމުގެ އަޑެވެ.
"މައި ބިއުޓިފުލް ވައިފް.........." އޭމޮން ހުރީ ހަށަން ބަދެލައިގެން ވަރަށް ފޮނިވެލާފައެވެ. އަމީރާއަށް ކޮންފަދަ ބާރެއް ލިބިގެންކަމެއްވެސް ނޭގެއެވެ. ކުއްލިއަކަށް ތެދުވެވިއްޖެއެވެ. ވައިގެ ތެރޭގައި އަތް ހިންގާލުމާއިއެކު އޭމޮންގެ މޫނަށް އަރައިގެން ދިޔަ ބާރު އެތިފަހަރުގެ އަޑު އެހިސާބުގެ ހިމޭންކަމުގެ ތެރޭން އިވިގެން ދިޔައެވެ.
"އައުޗް. ޔޫ ހާޓް މައި ފީލިންގްސް. ނައު އެޕޮލޮޖައިސް....." އޭމޮން މަލާމާތުގެ ހުނުމަކާއެކު ބުނެލިއެވެ.