ދޮރުފަތުގެ ނިވަލުގައި އެއަޑުއަހަން ހުރި ހެނާގެ ހިތް ހުއްޓުނުކަމުގެ އިހުސާސްކުރެވުނެވެ. އަމީރާ ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ އަމީރާ ނޫނެކޭ ބުނެފިއްޔާ އޭނައަށް މަންމަ ކުރާނެ މަޖުބޫރީ ހިތަށް އަރާފައި ދެފައިގާ ކޮޅަށް ހުންނާނެ ހަކަތަނެތި ނުބައި ގޮތެއްވެއްޖެއެވެ. ދޮރުކަނީގައި ބާރަށް ހިފަހައްޓައިލެވުނީ ހަޔާތުގެ އެންމެފަހުގެ ދޯދިތައް އޮއްސޭފަދަ ނުބައި އިހުސާސްތައް ކުރެވިފައެވެ. ތުންފަތުގައި ދައިގަނެވުނުއިރު ލޮލުގެ ކަނުގައި ކަރުނައިގެ ތިކިތައް އެއްވެއްޖެއެވެ.
"މައިކަލް މޮޔަވީތަ؟ މި ދުނިޔެއިން އަންހެނުން ހުސްވެގެންތަ ތިމާގެ ދެބެންގެ ދެދަރި ކޮއްކޮމެންނާއި ކައިވެނިކުރަން އޭނަ އުޅެނީ؟ އަހަރެން ނީންނާނަން އޭނައާއި، ހެނާއަކީވެސް ކުޑަކުއްޖެއް. މައިކަލް ލަދުވެސް ގަންނަން ޖެހޭނެ ހެނާއޭ ކިޔައިގެން އަނގަ ހުޅުވަންވެސް. މައިކަލް ސިއްރުވެރިކަމުން އޭނަ ފޮރުވައިގެން އުޅެނީ ކޮންކަމެއް ބާވައޭވެސް ހިތަށް އަރާ. މަންމައާއި ދައްތަގެ ގުޅުން ރަގަޅުކުރަން ކުރާ ކައިވެންޏެއްނަމަ އެކަން ކުރުމުގެ މާނައެއް ކޮންމެހެން ނެތް. މިހާރު އެގުޅުންވެސް އާލާވާން ފަށާފައި މިއޮތީ. މަންމާ ޕްލީޒް އެކަން ހުއްޓުވާ......" އަމީރާ ތަށި ތަޅުވާވަރުން ތަށިތައް ތަޅާލަފާނެކަހަލައެވެ. އެނާޒުކް އަތް މިހާރު ދަގަނޑެކޭ ތަފާތެއްނެތެވެ. އޭނަ ރުޅިގަދަވެފައިހުރި ވަރު ހެނާއަށް އިހުސާސްކުރެވުނެވެ. މަންމަ ކީ އެއްޗެއް ނާހަންވެގެން އޭނަ އެތަނުން ދުރަށް ދިޔައީއެވެ.
އަމީރާއާއި ހެނާ ކޮޓަރީގައި އެކަނިވުމުން އަމީރާ އެއްބަސްކުރުވަން ހެނާ މަސައްކަތްކުރިއެވެ.
"ހެނާ. އެއްވެސް މީހަކަށްޓަކާ ލައިފް ސެކްރިފައިސްއެއް ނުކުރެވޭނެ. މައިކަލްއާއި އިންނަން ޖެހިއްޖެއްޔާ މިގެ ދޫކޮށްލާފައި ދުރަށް ދާނީ. ހެނާވެސް ގޮތުގައި ހިފަހައްޓާ. މެރީކުރާ އުމުރަކަށް ނުދެއޭ ބުނޭ، ހެނާއާއި ބަލާއިރު މައިކަލްގެ އުމުރު ކިހާ ބޮޑުވާނެ. އެކަމަކު ބުނެފިއެއްނު އަމީރާ ނޫނީ ހެނާއާއި އިންނާށޯ ބޭނުމީ. ބައްޕަގެ ވަލީނެތިވެސް އެކަމެއް ނުވާނެ. ޔަގީނޭ ބައްޕަ ވަލީވެސް ނުދޭނެކަން. އެނީވޭސް މަރުވިޔަސް އޭނައާއި އިންނާކަށް އެއްބަހެއް ނުވާނަން. މިހާރުވެސް މިއުޅެނީ ފާޑެއްގެ ނަފްސާނީ ކަންތައްގަނޑަކުން އަރައިނުގަނެވި ވާނުވާ ނޭގޭ ހާލުގައި. އެވަރުން އަދި އެފިރިހެނާ އެބައުޅޭ މަންމަ ބޮލަށް ވަދެގެން ކައިވެނިކުރަން، އެވެސް ދަރިން ހޯދަންވެގެންނޯ. ދަރިން ހޯދާ މެޝިނެއްކަމަށް ހީކުރީ. ދެން މީހުން އުޅޭ ވައްތަރެއްވެސް ނޫނެއްނު، ވަރަށް ފޫހިވޭ. ބޯދާ ޚިޔާލެއް ހުންނަ މީހާ ގަނޑެއް......" އަމީރާ އޮތީ ލެޕް ހުޅުވާލައިގެން ކޮންމެވެސް މަސައްކަތެއްކުރާށެވެ.
"އެމީ. ސިކްރެޓެއް ބުނަންތަ؟ ޒޯހަންވަނީ ޕްރޮޕޯސްކޮށްފައި. އައި ލަވް ހިމް...." ހެނާގެ އެ ޖުމްލައިން އަމީރާއަށް ހީވީ ކައިރީގައި ބޮމެއް ގޮއްވައިލެވުނުހެންނެވެ. ޒޯހަން ގެ އަންހެނުން މަރުވިތާ ދުވަސްތަކެއްނުވެ އެހެން މީހަކާއި އިންނަން އަވަސްއަރުވާލިލެއް ބަލާށެވެ. އޭނައަށްވެސް ފެންނަންވީ ކުޑަ ކުޑަ ހެނާހެއްޔެވެ؟ އަދި ހެނާގެ މޮޔަކަމާއިމެދު އޭނައިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ހެނާގެ އުމުރުގެ ކުއްޖަކަށް ލޯތްބަކީ ކޯންޗެއްކަން އެނގޭނީއެއްވެސް ނޫނެވެ. އެއުމުރުގައި ފިރިހެނެއްގެ ރީތިކަމަށް ހިތްކިޔާފާނެއެވެ. އެއީ ލޯތްބެއްނޫނެވެ. އެހެން ކޮންމެ މީހެއްގެ ނަން ބުނިނަމަވެސް އަމީރާ އެކަމާއި ހިތާއި ރުހުމުން ގަބޫލުވީހެވެ. ނަމަވެސް އޭނަގެ ކޮއްކޮ އެފަދަ މުޖުރިމެއްދެކެ ލޯބިވުމަކީ އޭނަވެސް އެކަމާއި މުޅިން ދެކޮޅުހަދާނެ ކަމެކެވެ. އެއަށްވުރެ މައިކަލްވެސް ރަގަޅުވާނެއެވެ. ޒޯހަން އޭނަގެ ކޮއްކޮއަށް ކުރި އަނިޔާ އަމީރާވަނީ ލޮލުން ދެކެފައެވެ. އެވަރަށް ވިސްނާދިނީމަ ހެނާގެ މޮޔަ ބަސްނާހާ ހިތް އެވާހަކަތައް ގަބޫލެއްނުކޮށް ޒޯހަންގެ ޖާދޫގައި ޖެހުނީއެވެ. މައިކަލްއާއި ކައިވެނިކުރުވުންވެސް މާ ބުއްދިވެރިއެވެ.
"ރިއަލީ؟ "އަމީރާ އެއްބުމަ އަރުވައިލިއެވެ.
"ހޫމް......" ހެނާއަށް އެއްގޮތަކަށްވެސް އަމީރާ ވިސްނާގޮތެއް ނޭގުނެވެ.
"ނޮޓް ބޭޑް...." އަމީރާ ރުޅިގަދަވި ނަމަވެސް އެކަމެއްނުދެއްކިއެވެ. ކިތަންމެ ގިނައިން ވިސްނާދިނަސް ކޮއްކޮއަކަށް ނުވިސްނޭނެއެވެ. އެހެންނޫންނަމަ އޭނަ އެދުވަހު ދެއްކި ވާހަކަތައް ހެނާ ހަނދާން ނައްތައެއް ނުލާނެއެވެ. މަންމަ ކޮންމެފަދަ ނިންމުމެއް މިއަދު ނިންމިޔަސް ބޭއިންސާފަކަށް ވާނެގޮތެއް ނެތެވެ. ހެނާއަށް އަދަބުލިބެން ޖެހޭކަމަށް މިއަދު އަމީރާވެސް ގަބޫލުކުރެއެވެ. ނޫނެކެވެ. މިހާ ހިތްހަރުވާކަށް ނުވާނެއެވެ. ހެނާ އޭނަގެ ވާހަކަ ގަބޫލުކުރާނެއެވެ. އަމީރާ ދެވަނަފަހަރަށްވެސް ހެނާއަށް ވިސްނައިދިނީ ނިކަން ލޯބިންނެވެ. ޒޯހަންގެ ޚިޔާލު ދޫކޮށްލާފައި އެހެން ފަރާތެއް ހޯދަން އަމީރާ އާދޭސްކުރިއެވެ. ޒޯހަން ރާދް ރޭޕްކުރިތަން އޭނަގެ ލޮލުން ދުށްކަމަށް ބުނެ ހުވާކުރިއެވެ. ހެނާގެ ލޮލުން ކަރުނައައުމާއިއެކު ބުނީ ޒޯހަން ކުށްވެރިޔަކަށްވިޔަސް ހިތަކީ އޭނަގެ ބާރެއް ފޯރާ އެއްޗެއް ނޫންކަމަށާއި ހިތުގައިވާ ލޯބި ފަނޑުނުވާނެކަމުގައެވެ. ހެނާގެ ކަރުނަތަކުން އަމީރާއަށް އަސަރުކުރިޔަސް އޭނަ ދުވަހަކުވެސް ހެނާ ޒޯހަންއާއި ގުޅެން ގަބޫލެއް ނުވާނެއެވެ. އޭނަގެ ލޮލުގެ ކުރިމަތިން ތާޒާކޮށް އެމަންޒަރުތައް ފެންނަހާ ހިނދަކު އޭނަ ޒޯހަން ޅިޔަނަކަށް ވާކަށް އެއްބަހެއް ނުވާނެއެވެ.
ކަޅުފޮއިރެއެކެވެ. ޖެހިގެން ހުންނަމީހާވެސް ސާފުވާވަރެއް ނޫނެވެ. މައިކަލްއާއި ޒޯހަން މަސްޖަހަން ކަނޑުގެ އަޑިޔަށް ފީނާފައި މައްޗަށް އަރައިގެން އައިއިރު ގަސްތަކުގެތެރެއަށް ވެރިވެފައިވާ އަނދިރިކަން ފޫއަޅުވާލީ އެމީހުންގެ އަތުގައި އޮތް ޓޯޗު ބައްތިންނެވެ. ދެމީހުން މަސްއަޅާފައިވާ ފުޅިމަދު ފޮށިގަނޑު ހިފައިގެން ވަލުތެރެއަށް ވަދެގެން ދިޔައިރު ފައިދަށުވެ ހަނާވަމުންދިޔަ ފަތްތަކުގެ މުރުމުރުއަޑު ފިޔަވާ ހިސާބުގައި ރަސްކަންކުރަނީ ފުން ހިމޭންކަމެކެވެ. ސޫފާސޫފިތައްވެސް މަރުނިދީގައިވާ ފަދައެވެ. މައިކަލް ސައިކަލަށް އަރާފައި ސްޓާޓްކުރަން އުޅެއުޅެ އެކަމަށް ނުކުޅެދުނެވެ. ދެމީހުންވެގެން ޖެހުނު މައްސަލައެއް ބަލަންވެގެން ޓޯޗުން އަލިކޮށްގެން އުޅެއުޅެ މައްސަލައެއް ހުރިކަމަކަށް ނުދެއްކިއެވެ. ވަރަށް މަސައްކަތްކޮށްގެން ކާމިޔާބު ނުވުމުން މިރޭ ގެއަށް ދެވޭނެކަމުގެ އުއްމީދު ކެނޑިއެވެ. ހަތަރުވަރަކަށް ކިލޯމީޓަރަށް މިދަންވަރު ހިނގާފައި ދާވަރަށްވުރެ ދެމީހުން ތިބީ ކަންނެތްވެފައެވެ. ޒޯހަން ހަނދާންނެތިގެން ފޯނު ގޭގައި ބާއްވާފައި އައިއިރު މައިކަލްގެ ފޯނު އޮތީ ނިވިފައެވެ.
ދެމީހުން ވެގެން ގޮނޑުދޮށުގައި ބޮޑު އަލިފާންގަނޑެއް ރޯކޮށްލުމަށްފަހު ޖައްސާލިއިރު މޫނަށް އަލިފާނުގެ އޮރެންޖްއަލި އެޅިފައިވެއެވެ. ދެމީހުން ކިތަންމެ ހަމަޖެހިލައިގެން ތިބިއިރު ވަށައިގެން ހިނގާ ނާމާންކަންތައްތަކަށް ސަމާލުކަމެއްނުދެއެވެ. ފާޑުފާޑު އަޑުތަކުން ކަންފަތް ބައްކޮށްލަން އުޅޭހެން ހީވިފަހަރުވެސް އައެވެ. ކައިރިއަށް ކާށި އިހާތައް ވައްޓާފައި އެވަރުން ނުފުދިގެން ރުކެއް ކަނޑާލާފައި ވެއްޓުމުން އަރާނެ ލޮޅުމާއި އަޑުއިވުނީ ކިތަންމެހާވެސް ރީތިކޮށެވެ. ތަފާތަކީ އެވެއްޓުނު ރުކެއް ނުވަތަ ކާށި އިހައްޔެއް ފެންނަން ނެތްކަމެވެ. ވަލުތެރޭގައި އޮތް ހިމޭންކަން ނަގާލާފައި މަޚުލޫގުންތަކެއް އުޅުނަސް ތިބީ ޣައިބުގައެވެ. ޒޯހަން ނިވެމުންދާ އަލިފާނަށް ދަރުލާންފެށިއެވެ. މައިކަލް ދޮންވެލި މުށްވަރެއް ނަގާފައި ފުމެލާފައި ދުރަށް ވިއްސާލައިފިއެވެ.
"ޒޭން. އަހަރެން މިއުޅެނީ މީހަކާއި އިންނަން......." މައިކަލް ފެށި ވާހަކައަކުން ޒޯހަންގެ ފުރިހަމަ ސަމާލުކަން ލިބުނެވެ.
"ކާކާތަ؟ "ޒޯހަން ޝައުގުވެރިވިއެވެ.
"ހެނާ....." މައިކަލް ވިސްނާލާފައި ބުނެލުމުން ޒޯހަން އަނގަޔަށް ގޮތެއް ހަދައިލިއެވެ.
"އެ ކުޑަކުއްޖާތަ؟ އަހަރެމެން ރެސްޓޯރެންޓުގައި އުޅޭ ބޭބީދޯ. ގޯހެއްނޫން. އެކަމަކު އެއީ މައިކްގެ ޓައިޕެއް ނޫނެއްނު. ތެދަށް ބުނަންޏާ އޭނަގެ ސިސްއާއި މައިކް މާ ގުޅޭ......" ޒޯހަންއަށް އެ ޚަބަރުން އުދަގޫތަކެއްވިނަމަވެސް އޭނަ އެކަން ސިއްރުކުރިއެވެ. ހެނާ ފެނުނުއިރުން ފެށިގެން ޒޯހަންއަށް އެކުއްޖާގެ ދެލޮލުން އޭނައަށްޓަކާ ވާ ލޯބި އޭނަވަނީ ދެކެފައެވެ. އޭނަ މައިކަލްއާއި ކައިވެނިކުރަނީ ރުހުމުގައި ހެއްޔެވެ؟ ދިރިއުޅުމަކީ އަރަތެކެވެ. ބައެއްފަހަރު ހީނުކުރާފަދަ މީހުން އެކަކު އަނެކަކާއި ގުޅެން މާގިނަ އިރެއްނުނަގާނެއެވެ. އޭނަގެ ބަދުނަސީބުކަމާއި އެކަނިވެރިކަމުން އަރައިނުގަނެވިފައި ހުއްޓާ އެކުވެރިޔާ މިއުޅެނީ މީހަކާއި އިންނާށެވެ. އެވެސް އޭނަ ދެކޭގޮތުން އިންސާފުން ކުރެވޭކަމެއް ނޫނެވެ. ހެނާ މައިކަލްއާއިހެދި އުޅޭނެއޭ ހިތް ނުބުނަނީއެވެ.
"ޒޭންގެ ސޮއިވެސް ބޭނުންވާނެ.." މައިކަލް އެއްމިޔަކަނުން ހީލިއެވެ.
"އެއީ ކީއްކުރަންށޯ....." ޒޯހަން އެގުނުކަމަކަށް ނެހެދިއެވެ.
"ހެކިވެރިޔަކަށް. މަންމަ ދަރިއަކު ހޯދާށޭ ކިޔާވަރުން މީހަކާއި އިންނަން ހިތަށް އެރީ. ދެން މަންމަ ބޭނުންވަނީ ގެވެހި ރަގަޅުކުއްޖެއް. އަމީރާއަށްވުރެ ހެނާ މާ ރަގަޅުވާނެހެން ހީވޭ. އެކަނި ބެޑް ފަޅުފިލުވަންކުރާ ކަމެއްނަމަ ތާ ރީތި އަންހެނަކު ހޯދާނީ. މިއީ މަންމައަށްޓަކާ ކޮށްދޭކަމެއް. ވިސްނާލީމަ އެނގުނު އެކަމަށް އަމީރާ އެކަށީގެން ނުވާކަން. މާބޮޑަށް ކެރިއާއަށް ގޮސް ހުސްވެފައި............" މައިކަލްގެ ވާހަކަތަކުން ޒޯހަން އިނީ ވިސްނާށެވެ. އޭނައާއި މައިކަލްއާއި ދެމީހުންގެ މިޒާޖުން އެންމެ އެއްގޮތްވަނީ މަންމައަށްޓަކާ ދެމީހުންވާ ގުރުބާނީއާއި ހިތުގައިވާ ލޯތްބެވެ. އޭނަވެސް ކިޔާރާއަށްވުރެ މަންމަ އިސްކުރިއެވެ. މަންމައަށްޓަކާ އޭނަހުރީ ފުރާނަވެސް ގުރުބާންކުރާށެވެ. މައިކަލްވެސް އާދައިގެ އަންހެންކުއްޖަކާއި އިންނަން ނިންމީ އަމިއްލަ ނަފުސަށްޓަކައެއްނޫނެވެ. މަންމަގެ ހައްގުގައެވެ. މައިކަލް އޭނައަށްވެސް އޮޅުވާލަނީއޭ ޒޯހަންގެ ހިތަށް އެރިއެވެ. މައިކަލް ކޮންމެވެސް ކަމެއް އެބަފޮރުވައެވެ. އެސިއްރު އަހަން ޒޯހަން ކިތަންމެހާވެސް ބޭނުންވިއެވެ.
ފަތިސްވާންދެން ދެމީހުން އެތާތިބިއިރު ބަލިކަށި އިންސާނެއްގެ ހިތް ހުއްޓިދާނެފަދަ ކަންތައްތަކެއް ފެނުނެވެ. ތަނަށްވެރިވެފައިވާ ނާމަންކަން ކެނޑުނީ ފަޖުރުގެ އަލިކަން ފައުޅުވާންފެށުމުންނެވެ. ނަމަވެސް ދެމީހުންވެސް ތިބީ އެކަން އެނގުނުކަމަކަށް ނަހަދައެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ކަންތައްތަކެއް ސިއްރުކުރާތީ އާއި އެކު އެވާހަކަތައް ހިއްސާކުރަން ބޭނުންނުވީއެވެ.
ރޮޒާލިއާ ދައްކަންފެށީ މައިކަލްގެ ވާހަކައެވެ. މައިކަލްގެ މުއްސަދިކަމާއި ރީތިކަމާއި ކާމިޔާބުކަމުގެ ވާހަކައެވެ. އެވާހަކަ ދާން އުޅެނީ ކިހާ ހިސާބަކަށްކަން އެނގުމުން ސަލާމަތްވެގެން އެތަނުން ދުވެދާން ހެނާ ބޭނުންވިއެވެ. އަމީރާ ދެކޮޅުހެދުމުން ރޮޒާލިއާ އެހާ ބާރުއަޅާކަށް ނޫޅެ ހެނާއަށް އަމުރުކުރީ މައިކަލްއާއި އިންނަން އެއްބަސްވުމަށެވެ.
"މަންމާ. އަހަރެން ބޭނުމީ އޭލެވެލް ހަދާފައި ކިޔެވޭނެ އެންމެ މައްޗަކަށް ކިޔަވަން. އަދި މީހަކާއި އިންނާކަށް ޚިޔާލެއްނުކުރަން......." ހެނާ ޖަވާބުދިނީ ވިސްނާލާފައެވެ.
"ކަލޭ މައިކަލްއާއި އިންނަން ޖެހޭނެ. ނޫނީ އަހަރެންގެ ދެއަތުން ކަލޭ މަރާލާފައި ވަޅުލަންވެސް ފަހެއްނުޖެހޭނަން........." ރޮޒާލިއާގެ ހަރުކަށި ޖުމްލައިން ހެނާގެ ހިތް ގަނޑުވިއެވެ. މަންމަ ހާދަ ރަހުމްކުޑައެވެ. އޭނަގެ މުސްތަގުބަލް އަންދާ އަޅިޔަށް ހެދުމެކޭ ދިރިހުއްޓާ ވަޅުލުމެކޭ ހުރީ ކޮން ތަފާތެއްހެއްޔެވެ؟
"ހެނާ. ޓްރަސްޓްމީ، މައިކަލް މާ ބޮޑަށްވެސް ރަގަޅުވާނެ. ހީޒް ފެމިލީ......" އަމީރާ ބުނެލީ ހެނާއާއި ދިމާލަށް ފާޑަކަށް ބަލަން އިނދެފައެވެ. ހެނާއަށް ލިބުނީ ޝޮކެކެވެ. އަމީރާވެސް އޭނަގެ އުފާތައް ކަތިލާން މަންމައާއި ބައިވީހެއްޔެވެ. އެންމެން އެކަމާއި އެއްކޮޅަށް ހިފިޔަސް އަމީރާ އޭނަ ސަލާމަތްކުރަން މަސައްކަތްކުރާނެކަމުގައި ހެނާ އުއްމީދުކުރިއެވެ. ހިތަށްވެސް ސިއްރުކޮށްގެން އުޅުނު ވާހަކައެއް އޭނަ އަމީރާއާއި ހިއްސާކުރީވެސް މައިކަލްގެ މައްސަލައިގައެވެ.
"އެމީ. އެހާ ރަގަޅިއްޔާ އެމީ ކީއްވެ އެއްބަސްނުވީ؟ " ހެނާގެ ހިތުގައި އެޅުނު ކޫރުމާއި އުދާސްތައް އެދެލޮލުން ވޭނީ ކަރުނަ ތިކިތަކުގެ ސިފައިގާ ފެންނަންފެށިއެވެ.
"ދެން ހެނާ ޖަދަލުކުރަން އުޅޭނެކަމެއްނެތް. އަމީރާ އެހެރީ ރަގަޅު ވަޒީފާއެއްގައި. އިރާދަކުރެއްވިއްޔާ މައިކަލްއަށްވުރެ މާ ރަގަޅުމީހުންވެސް އަމީރާއާއި އިންނަން އަދި އަންނާނެ. އެކަމަކު ހެނާ ތިއުޅެނީ ވޭޓަރުކަން ކުރަން. އެހާ ކަޓު ވަޒީފާއެއްގައި ހުއްޓާ ރަގަޅެއްނު ތަނެއްގެ އިސްވެރިއަކު އިންނަން އެހިކަން. ހެނާއަށް މައިކަލް ކަހަލަ މީހެއް ނުލިބޭނެ، ވީމާ މޮޔަ ބޭކާރު ވާހަކަ ނުދައްކާ މައިތިރިވެގެން ހުރޭ. ދެކޮޅަށް ޗުއްޕު ބުނެލިޔަސް އިލޮށިފަތި ހުސްވަންދެން ތަޅާނަން........" ރޮޒާލިއާ ދެލޯ އަޅާލައިގެން ހުރީ ރުޅިވެރިކަމާއިއެކުގައެވެ. އަމީރާއާއި ދިމާލަށް އެގޮތަށް ރުޅިވެރިކަމާއިއެކު ބަލައިލިތަނެއް ހެނާ ދުވަހަކުވެސް ދެކެފައެއްނުވެއެވެ. އޭނައަކީ ދޮންދަރިއެކޭ ތަފާތެއްނެތެވެ. އެއީ ކީއްވެހެއްޔެވެ؟ އެއްވެސް މީހަކު އޭނައަށް ރަހުމެއްނުކުރާނީހެއްޔެވެ؟ ތަގުދީރުވެސް އޭނައާއި ދެކޮޅެވެ. ވީއިރު އޭނައަށް ކާމިޔާބުވާނީ ކިހިނެއްހެއްޔެވެ؟
ހެނާ އޭނަގެ މަންމަދެކެ ހިތްހަމަނުޖެހިފައި ހުރިވަރުން އެތަނުން ނުކުމެގެން ދިޔަގޮތަށް ހުރީ މަގުމަތީގައެވެ. އާސާއަށް ގުޅުމުންވެސް ޚަބަރެއްނުވިއެވެ. އޭނަގެ ހިތާމަތައް ހިއްސާކުރާނީ ކާކާބާވައޭ ހިތަށް އެރިއެވެ. ކޮންމެ ކަމެއްވާނީ ރަގަޅަށޭ ބުނެއުޅެއެވެ. ދުނިޔެއަށް އައުމަށްފަހު މީހާ ކަށްވަޅަށްދާންދެން އެމީހާގެ ހަޔާތުގައި ހިނގާ ކޮންމެކަމެއްވާނީ ލައުހުލް މަހުފޫޒުގައި ލިޔުއްވާފައެވެ. ވާންހުރިކަންތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހެއްދެވިފަރާތުންނެވެ. ވީއިރު އެފަރާތަށް އިތުބާރުކުރަންޖެހޭނެއެވެ. މިފަދަ ހިތްދަތިކަމެއް މެދުވެރިވުމުގެ ކޮންމެވެސް ހިކުމަތެއްވާނެއެވެ. އޭނަ ނަމާދުކޮށް އަޅުކަންތައްތަކަށް ފަރުވާ ބަހައްޓައެވެ. ނަމަވެސް އެއްވެސް ފަރާތަކުން އުފަލެއް ނުލިބެނީ ކޮންމެވެސް ސަބަބަކާހުރެކަމަށް ގަބޫލުކުރަން ޖެހެއެވެ.
ހަވީރު ފިނިޖެހިލާފައިވާތީ ހިތްގައިމު އަތްވެއް ދީފައިވެއެވެ. އެހިސާބުގައި ދުވަނީ މާމެލާމެލީގެ މީރުވަހެވެ. ވައިރޯޅިތައް ހެނާ ލައިގެން ހުރި ހެދުމާއި ޝޯލާއި ކުޅެމުން ދާއިރު ބައެއްފަހަރު އޭނަވެސް އުދުހިގެން ހިނގައިދާނެހެން ހީވިއެވެ. އިންސާނުން އެކަންޏެއް ނޫނެވެ. ވައިރޯޅިތައްވެސް އޭނައަކަށް ހަމްދަރުދީއެއްނުވެއެވެ. ހެނާ ލޮލުގައި ގިނަވެގަތް ކަރުނަތައް ހެދުމުގެ އަތުކުރިން ފޮހެލިއެވެ. ނަމަވެސް ތާޒާ ކަރުނަތައް ލޮލުގައި ގިނަވެގަންނަން ހިނދުކޮޅެއްވެސް ނުނަގައެވެ. ހިތުގައި ރިއްސައިގަތީ ގޮތެއް ބަލާފައެއްނޫނެވެ. ކުއްލިއަކަށް ގޯޅިން ލަނބައިލި ސައިކަލް މަޑުކޮށްލީ އޭނައާއި ދާދި ކައިރިއަށެވެ. ސައިކަލް ދުއްވަން މައިކަލް އިންއިރު ޒޯހަން އިނީ ފަހަތުގައެވެ. ޒޯހަންގެ ރީތި ސޫރަ އެހާ ކައިރިން ފެނުމާއިއެކު ހެނާގެ ހިތް ހުއްޓުނުހެން ހީވިއެވެ. ހިތް ހުއްޓިފައި ދެން ވިންދު ޖަހަންފެށިއިރު ހިތް މަތަނުވެ ތެޅިގަތީ ލޯބީގެ އާއިހުސާސްތަކެއް ކުރުވަމުންނެވެ.
"ހައި......" މައިކަލް ބަލައިލީ އެފަރުވާކުޑަ ނަޒަރުންނެވެ. ދުވަހަކު ހީލާފައި އަނގައިން ބުނާނެ މީހެއްވެސް ނޫނޭ ހެނާގެ ހިތަށް އެރިއެވެ. އެހާ ރުންކުރުވެ ސީރިޔަސް ގޮތަކަށް އޭނަ ހުންނަނީ ކޮންކަމަކާބާވައެވެ. މައިކަލްއާއިމެދު މިއަދު ހެނާގެ ވިސްނުން ދެކޮޅުވީ ފުރަތަމަ ފަހަރަށެވެ. ކުރިން އެއީ އެންމެ ލޯބިވާ ބޭބެއެވެ. ބޭބެއެއްގެ ގޮތުގައި ދެކެމުން އައި ފަރާތެކެވެ. އެކަން ބަދަލުވާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ.
"މަންމަ ކޮބާތަ؟ މިހާ ވައި ގަދަ އިރު އެކަނި މަގުގައި ހުންނަން ވެއްޖެއްޔާ އުދުހިގެން ގެންގޮސް މާދުރަށް އެއްލާލަފާނެއްނު........." ހެނާގެ ޝޯލް މަތަނުކުރެވިގެން އުޅޭތަން ފެނިފާ މައިކަލް ބުނެލިއިރު މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ. އެކުވެރިޔާގެ ވާހަކަތަކުން މަޖާވީ ޒޯހަންއަށެވެ. ޒޯހަން ހީލިގޮތުން ހެނާގެ ހިތަށް އުދަގޫގޮތެއްވިއެވެ. އޯގާތެރިކަމުން ފުރިފައިވާ ހިނިތުންވުމެކެވެ. އެކުޑަ އަދާއިން އޭނަ ހެނާގެ ހިތަށް ހެދި ޖާދޫ ޒޯހަންއަކަށް ރޭކާލީހެން ހިޔެއްނުވެއެވެ. މިއީ އަނިޔާވެރި ގާތިލެކޭ ބުނާކަށް ޔަގީނުންވެސް އޭނަގެ ހިތް އެއްބަހެއްނުވެއެވެ.
"މަންމަ އެބައުޅޭ..... " ހެނާ އިސްޖަހައިލިއެވެ. އޭރުވެސް ހިތް ކޮންޓްރޯލްވާގޮތެއް ނުވިއެވެ.
"ލޮލަށް ކިހިނެއްވީ؟ "މައިކަލް ހުރިހާކަމެއް ފާހަގަކުރިއެވެ.
"ވެލި އެޅުނީ....." ހެނާ އަވަހަށް ބުނެލިއެވެ. އޭނަގެ ލޮލުގައިވި ކަރުނަތައް މައިކަލްއަށް ފެނިއްޖެއެވެ. ހުރިހާވެސް މައްސަލައަކީ މައިކަލްއާއި ހެދިއޭ ބުނަން ބޭނުންވިއެވެ. މައިކަލް ފެނުނީމަވެސް ނަފްރަތުގެ އޮއިވަރު ނާރުތަކުގައި ހިނގައިލިއެވެ. އޭނަގެ ލޯތްބަށް އެޅެންއޮތް އެންމެ ބޮޑު ހުރަހަކީ މިހާރު މައިކަލްއެވެ. މައިކަލްއަށް ހުރިހާ ވާހަކައެއް ކިޔާދޭންވީއެވެ. ނޫނެކެވެ. އޭނަ ގަބޫލެއްނުކުރާނެއެވެ. ޒޯހަންއާއި އަނގައިން ނުބުނަން ހަރުކަށިކަމާއިއެކު އެންގި ހަނދާންވެފައި ހެނާގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ. ޒޯހަން އެހާ ވިޔާނުދާމީހެއް ވެއްޖެއްޔާ މައިކަލް އޭނައާއިއެކު އުޅެނީ ކީއްވެހެއްޔެވެ؟ އެދެމީހުންނަކީ އެންމެ ގާތް އެކުވެރިންހެން ހީވެއެވެ. ކުރީރޭގައިވެސް ބީޗްމައުންޓް ހޮޓަލުން ހެނާވަނީ މައިކަލް ދެކެފައެވެ. ލިފްޓަށް އެރީ ޒޯހަންއާއި ބައްދަލުކުރަން ކަމަށްވެދާނެއެވެ. ނަމަވެސް ބައްދަލުނުކޮށް އޭނަ ތިރިއަށް އައީ ހެނާއާއި އެކުގައެވެ. އެރޭވެސް މައިކަލް ހުރީ ރުޅިގަދަވެގެން މޫނު ރަތްކޮށްގެންނެވެ.
"ޑޮކްޓަރަށް ދައްކާ ހެނާ. ފުރާ ދުވަސްވެސް އެބަޖެހެއެއްނު. މަންމަ މެސެޖްކޮށްފައި އެބައޮތް ހެނާ ގަބޫލުކަމަށް.. ތޭންކްސް ހެނާ. ސޯ ފުރަން ރެޑީވައްޗޭ........." މައިކަލްގެ އެ ޖުމްލައިން ފުރަތަމަ ހެނާއަށް އެކައްޗެއްވެސް ދޭހައެއްނުވިއެވެ. މައިކަލް ބުނި އެއްޗެއް ސިކުނޑިއަށް ފޭދިގަންނަން އިރުކޮޅެއްނެގިއެވެ. އޭނަގެ ލޯބިވާ ޒޯހަންގެ ކުރިމަތީގައި މައިކަލް އެމެސެޖް ހުޅުވާލާފައި ހެނާއަށް ދެއްކުމުން ހިތަށް ހާދަ ބޮޑަށް ތަދުވިއެވެ. މަންމަ ދޮގުހަދާފައި އޭނަ މައިކަލްއާއި އިންނަން ބޭނުންވާކަމަށާއި ގަބޫލުކަމަށް ބުނެފައި އެއޮތީ ދޮގު ވާހަކަތަކެއް ލިޔެފައެވެ. އޭނަ ގަބޫލޭ ކިޔާފައި މައިކަލްއަށް މެސެޖްކުރުމުގެ ހައްގު މަންމައަކަށް ވެސް ނޯންނާނެއެވެ. މަންމަ ވާ ކުޅަދާނައެވެ. އަޑުކޮޅަށް ތިއީ ދޮގެކޭ ބުނެ މަންމަ ކުށްވެރިކުރަން އުޅެފާވެސް ހެނާ ހިމޭންކަން ޚިޔާރުކުރިއެވެ.
"ހީޒް ސްޓްރޭންޖް. އެމީ ބުނާހެން މައިކަލްގެ އެބަހުރި ސިއްރުވެރިގޮތެއް. އެކަން އެނގޭނެނަމަ. ޒޯހަންއަށް ލަނޑެއްދޭން އުޅެނީބާ. ޒޯހަންދެކެ އެހާ ނަފްރަތުކުރާއިރު ސައިކަލްގެ ފަހަތަށް ލައިގެން ބުރުތަޅަންދާން ޖެހޭތަ؟ މޭބީ ހީޒް ގޭ. އެހެންވެ ޖެލަސްވީކަމަށްވާނީ. އޯނޯ. ހަގީގަތުގައިވެސް މައިކަލްއާއި ޒޯހަންއާއި ދެމީހުން އެހެން ރިލޭޝަނެއް އޮތީތަ. މިކަހަލަ އެއްޗެހި ހިތަށް އަރުވާކަށްވެސް ނުވާނެ....." ހެނާގެ ހިތުގައި ކިތަންމެ ގިނަ އެއްޗެއް ފުނިޖެހިފާ ހުއްޓަސް އޭނަ ހުރީ ފޮރުވައިގެންނެވެ. ބުނުމުގެ ފައިދާއެއްނެތެވެ. އޭނަ އެކަނި ހުރެ އެންމެނަކާއި ހަގުރާމައެއް ނުކުރެވޭނެއެވެ. ކޮޓަރިއަށް ވަންގޮތަށް ހެނާ މުސައްލަމަތީގައި ނަމާދަކަށްފަހު ނަމާދެއްކުރަމުން އޭނަ މިކަންތަކުން ސަލާމަތްކުރެއްވުން އެދި އާދޭސް ދަންނަވަމުން ދުޢާކުރުމުގައި އުޅުނެވެ. އެކަންތަކުން ހިތަށް ފިނިކަން ލިބި ރޫހާނީ ހިތްހަމަޖެހުން ފޯރުކޮށްދިނެވެ. ހޫނުގަދަ ދުވަހެއްގައި ފިނިފިނި ފެންއާރަކަށް ފީނުމުން ލިބިގެންދާފަދަ އަރާމެއް ޖިސްމާއި ހިތަށް ލިބުނެވެ.
އިރުއޮއްސެމުން ދިޔައިރު "ރަން ކުރި" ގެ ގޯތިތެރެއިން ފެންނަނީ އާދަޔާ ޚިލާފު މަންޒަރެކެވެ. މައިކަލް ގޭގެ ވަށައިގެން ހިނގާލަހިނގާލާ ހުރެފައިގޮސް ގޭގެ ހަތަރުކަނަށް އޭނަ ހިފައިގެން ހުރި ލޮނު ފެންފުޅިއެއް އޮއްސާލައިފިއެވެ. ކިޔަވަކިޔަވާފައި ދޮންވެލި ގޯތިތެރެއަށް ވިއްސާލުމަށްފަހު ފައި ދޮވެލައިގެން ގެއަށް ވަނީ އުދަރެހަށް ބަލާލާފައެވެ. އޭރު އުދަރެހަށް ވެރިވެފައިވަނީ މަޑު ރަތްކުލައެކެވެ.
"ގެޓް ލޮސްޓް......." މައިކަލް ލޯ ހަނިކޮށްލަމުން އެ މުޚާތަބުކުރީ ކާކާކަމެއްވެސް ނޭގެއެވެ.
ގެއަށް ވަދެފާ އިރުކޮޅެއްނުވަނީސް މައިކަލް ނުކުމެގެން އައީ މުށިކުލައަކުން ކުރެހުން އަޅާފައިވާ ކަޅުކުލައިގެ ދުން ވަށިގަނޑެއް އެއް ހިފައިގެންނެވެ. ބާވެގެންގޮސް ބައެއް ދިމާލުން ކޫރުން އެޅިފައިވާވަރުން އެއީ ޒަމާންވެފައިވާ އާސާރީ އެއްޗަކާ ވައްތަރެވެ. މައިކަލް ވަލުތެރެއަށް ވަދެގެންގޮސް ވަކި ހިސާބެއްގައި އެ މުބުޚަރާ ބެހެއްޓުމަށްފަހު ބަޚޫރު އަންދަންފެށުމުން އޮލަދުންގަނޑެއް ފަޒާގެތެރެއަށް އަރާ މީރުވަހެއް ފަތުރަންފެށިއެވެ. އެއާއިއެކު މައިކަލް އަތުގައިވާ ތޫނު ވަޅި އަކުން ރުކުގައި އަކަތަކެއް ކުރެހިއެވެ. އަދި މަޑުމަޑުން ކިޔަވަންފެށުމާއެކު ކުއްލިއަކަށް ހީވީ ތަންކޮޅެއްދުރުން ފާރުގައި ރެދަންލިހެންނެވެ. ނޫ އައްޔެއް އަރައިގެން ދިޔުމާއިއެކު ތަންކޮޅެއް ދުރުން ބޯމަތިން ތަފާތުކުލަކުލައިގެ އަލި ގުޅަތަކާއި ހިޔަނިތައް ފެންނާންފެށިއެވެ. ނާމާންކަމުން ފުރިފައިވާ އަޑުތައް އިވުނެވެ. ނުބައި އަޑަކުން ހޭރޭފަދަ އަޑާއިއެކު އެހެން ކަހަލަ އަޑުތައްވެސް ފަޒާގެ ހިމޭންކަން ނައްތާލައިފިއެވެ. އުދަގޫވެގެން ގޮސް ކަންފަތްފަޅައިގެން ދާވަރުވީއިރުވެސް މައިކަލް ހުރިތަނުން ގުޑާނުލިތާގައި މޫނުމަތިން ކުޑަކޮށްވެސް ކަންބޮޑުވިކަމުގެ އަސަރެއް ނުފެނެނެވެ. އޭނަ ހުރީ ވަރަށް ހަމަޖެހިލާފައެވެ. ބަޔަކަށް އުދަގޫކުރެވުމުން ހިތަށް ފިނިކަމެއް ލިބިއްޖެއެވެ.
"އަދި އެންމެން ކޮންޓްރޯލް ކުރާނަން...." މައިކަލް ވަޅި ރުކަށް ހަރާލިއިރު ދެލޮލުން ފެނުނީ ޔަގީންކަމެކެވެ.
"ހޭއި މައިކް. ކީއްތިކުރަނީ؟ "ޒޯހަން ގެ އަޑު އިވުމުން މައިކަލް ކުއްލިއަކަށް އެނބުރި ބަލާލައިފިއެވެ.
"ހޫމް. މަދިރި ގިނަކަމުން ދުންއަޅަނީނު...." މައިކަލް ބުނެދިނެވެ.
"ފޮގިން ކުރުމަށްވުރެ މާ ރަގަޅުކަމެއް ތިކުރަނީ އިނގޭ މައިކް. ހާދަ މީރުވަހެކޭ މިއޮތް ދުވަނީ....." ޒޯހަން ނޭފަތް ދަމައިލަމުން ކައިރިވެލިއެވެ. އޭނަ ކަރުތެރެއަށް ދުމުގެ އަސަރުކޮށްގެން ކުޑަކޮށް ކެއްސައިލިއެވެ. އޭގައި ހިމެނޭ އެތައް ބާވަތުގެ މީރުވަސްދުވާ ގޮމަކަސްތޫރި ބޮކަރު އަދި ކެލާފަދަ ވަސްތަކުން މީރުވަސްދުވިޔަސް އަތަރަށްވުރެ މާ ވަސްގަދައެވެ. ބޯ ދުމުގެ ރޮގުތައް ވަޔާއިއެކު އެކިދިމާލަށް ދަތުރުކުރަމުން ފަޒާ ހުވަދުކުރަންފެށިއެވެ. އެއާއިއެކު ހީވީ އެހިސާބަށް ބިންހެލުމެއް އައިހެންނެވެ. އެއޮތް ބޮޑު ގޯތީގައިވާހާ ގަސްތައް ހަލުވަން ފެށިގޮތުން މައިކަލްއަށް ވަގުތުން އެއީ ނާމާން ސިގުނަލެއްކަން ދެނެގަނެވުނެވެ. އޭނައަށްވުރެ އެމީހުން ގަދަކުރަން މަސައްކަތްކުރަނީއެވެ.
މައިކަލް ޒޯހަން އަތުގައި ހިފައިގެންގޮސް އަވަހަށް ގޭގެ ފަހަތުބައިގާ ހުރި ދޮރުން އެތެރެއަށް ދެމިގެންފާ ތަންޑުއަޅުވަމުން ވައިގެ ތެރޭގައި އަކައެއް ކުރެހިއެވެ. އެއީ އިހުޒަމާނުގޮތަށް ހަދާފައިވާ އުދޯލިގެއެކެވެ. އުނދޯލީގައި ގޮދަޑި ޖަހާ ބާލީސް ޖަހާލާފައިވާއިރު ދެފަރާތުގައި ދިގު ގޮނޑިތައް ބަހައްޓާފައިވެއެވެ. ބައްތިތައް އެލުވަން ހަދާފައިވާތަންތާ އަދިވެސް ހުރީ ކަރާސީނުތެލުން ދިއްލާފަދަ ބައްތިތަކެވެ. "ކޮޓެޖް"ގެ ތިރީބައިފަދައިން މިގެވެސް މިވަނީ އާސާރީކޮށޭ ޒޯހަންގެ ހިތަށް އެރިއެވެ. ތަފާތަކީ އެގޭގެ ތަންތަން ހަދާފައިވާ ޝާހީކަމެވެ. ރަސްކަލެއްގެ ގަނޑުވަރު ފަދައިންނެވެ. މިގެއަށް ވަދެވުމުންވެސް އެހެން ޒަމާނަކަށް ހިޖުރަކުރެވުނީ ކަމުގައި ހީކުރެވުނެވެ. ކުއްލިއަކަށް ދާދި ކައިރިން އިވުނީ ބާރުގަދަ ބޮމެއް ގޮއްވާލިފަދަ އަޑެކެވެ. ބިންގަނޑުވެސް ހަލުވައިލީ ޒަލްޒަލާއެއް ފަދައިންނެވެ. އެލުވާފައިވާ ބައްތިތައްވެސް ދެކޮޅަށް ކިރެންފެށިއެވެ.
"މިހުރިހާކަމެއްގެ އަސްލަކީ ކަލޭކަން މަށަށް އެނގޭ. މަރާލިޔަސް ފާފަވެރިއެއްނުވާނެ. ތިއީ އިންސާނެއްގެ ސިފައިގާ ހުރި ޝައިތާނެއް. ކޮންދުވަހެއް މިކަން ނުކުރެވިގެން އުޅޭތާ.........." ކުއްލިއަކަށް މައިކަލް ޒޯހަންގެ މޭގައި ވަޅި ޖައްސާލިއިރަށް ޒޯހަން ފަހަތަށް ފިޔަވަޅެއް އަޅާ ފާރަށް ލެނގިލިއެވެ. މޭގައި ޖައްސާފައިވާ ތުނޑުތޫނު ފިޔޮހިން ދަޅައަޅާތަން ފެނިފައިކަން ނޭގެއެވެ. ނޫނީ މާބޮޑަށް ހޫނުވީއެވެ. ޒޯހަންގެ މޫނުގައި ދާތިކިތައް ވިދަންފެށިއެވެ. ކިރިޔާ ހިރިލިޔަސް އެވަޅި މެޔަށް ހެރިދާނެއެވެ. ދެމީހުންގެ ހަތަރުކަޅިހަމަވީއިރު މައިކަލްގެ ލޮލުގައިވި ޝުޢޫރުތައް ތަރުޖަމާ ކުރުމުގައި ކާމިޔާބުވިއެވެ.