"ހެނާ ހީކުރަނީ އަހަންނަށް އެއްވެސް އެއްޗެއް ނޭގޭކަމަށްތަ؟ އޭމޮންގެ ފަރާތުން އަހަންނަށް ހުރިހާކަމެއް އޮޅުން ފިލައިފި. އަހަންނަށް އެނގޭ ހެނާމެން އިންޑިއާއަށް ކައިވެނި ކުރަން ދިޔައީ ކީއްވެކަން. އެހެން މީހުންގެ ލޮލުގައި އަނދުން އަޅުވާފައި ކިތައް ދުވަހަށް ހަގީގަތް ފޮރުވޭނެކަމަށް ހީކުރީ. އަދި ހެނާ އެބައުޅެއެއްނު އަހަންނަށް ދޮގު ހަދަން. އެނގޭތަ؟ ދޮގު ހެދިޔަސް ކޮންމެވެސް ދުވަހަކުން ހަގީގަތް ފަޅާއަރާނެ. ބުނެބަލަ ހެނާ. ހެނާ.............." އަމީރާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. ކުއްލިއަކަށް މައިކަލް ނުކުތްގޮތުން ހީވީ އެވާހަކަ އަޑުއަހަން ހުރެފާ އައީހެންނެވެ. މައިކަލް އަމީރާ ފެނުމުން ހީލާފައި ހާދަ ނުފެންނަ މެހުމާނެކޭ ކިޔައިގެން ވަރަށް ރީތިކޮށް ވާހަކަދައްކަންފެށިއެވެ. މަންމަވެސް ބަލިވެއުޅޭ ކަމަށާއި އެކޮޓަރިއަށް ވަދެލަންވާނެ ކަމުގައި ބުނެފާ އަމީރާ ގޮވައިގެން އެތެރެއަށް ދާން ހިނގައިގަތެވެ. މައިކަލް އަމީރާ ގޮވައިގެން ދިޔައީ އުނދޯލިގެއަށެވެ.
"އަމީރާ އަހަރެން ވާހަކައެއް ބުނެފާނަން. ހެނާއަށް ހަގީގަތް ކިޔާދޭކަށް ނުޖެހޭ، ހެނާއަކަށް ނޭގޭނެ އޭނަގެ ހަޒްބެންޑަކީ ކާކުކަން. އޭނަ ހީކުރަނީ އަހަރެން ކަމަށް. އަމީރާގެ ޖިންނި ފިރިމީހާ ހުރިހާ ހަގީގަތެއް ކިޔައިދޭއިރު އެއީ ވަކި މާ ރަގަޅު މީހެއްތަ؟ އޭނަ މީހުންނަށް އޮޅުވާލާވަރާއި މަކަރުވެރިކަމާއި ނުލަފާކަން އަދި އަމީރާއަށްވެސް ސިއްރުކޮށްލައިގެން އެހުންނަނީ. އޭނަ ކައިރިން އަހާބަލަ އޭނަ ފޮރުވައިގެން އެހެރީ ކޮންކަމެއްހެއްޔޭ. އޭނަ ކައިރިން އަހާބަލަ އޭނަ އަމީރާ ލައްވާ ކައިވެންޏަށް އެއްބަސް ކުރުވީ ކިހިނެއްހެއްޔޭ. ކިތަންމެ ލޯބިވިޔަސް ލޫސިއާންއަކީ ރީތި ސިފައެއްގައި ހުރި ޑެވިލްއެއް. އޭނަ ކައިރީގައި ބުނޭ ނުބެހޭ ކަންތައްކާ ނުބެހި ހުންނާށޭ. ނޫނީ އަންދާލާނަމޭ...." މައިކަލް ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ.
"ޝަޓަޕް މައިކަލް. ޖަސްޓް ޝަޓަޕް. ފާޑުފާޑަށް ތްރެޓްކުރާނެ ކަމެއްނެތް. އެއްވެސް ކަމެއް ނުކުރެވޭނެ. ލޫސިއާންއަކީ އެކަނި ޖިންނިއެއްނޫން. އިންސާނަކަށް ލިބިފައިވާ ދަރިއެއް އޭނަގެ ހުންނާނެ އިންސާނުންގެ ބާރުވެސް. ދެބާރު އެކުވީމަ އިންސާނުންނަށްވުރެ މާ ވަރުގަދަވާނެ. އެކަމަކު ބުނެފާނަން. އަހަރެން ކައިރީ ހުރިހާ ވާހަކައެއް ބުނީ ލޫސިއާންއެއް ނޫން. ތި ކޮޓަރިއަށްވަދެ ލޮލުން ސެޓްފިކެޓް ފެނުނީ....." އަމީރާ އެދުވަހު އޭނަ ހެދިގޮތް ކިޔައިދިނުމުން ތަޅުދަނޑިފަތިން ތަޅުދަނޑި ގެއްލުނީ ކީއްވެކަން މައިކަލްއަށް އެގުނެވެ. އޭނަ މިހުރިހާދުވަހު ހުރީ އެކަން ވީގޮތް ނޭގި ސުވާލުމާކެއްގެ ތެރޭގައެވެ.
"ހެނާއަށް ކައިވެނި ކުރި މީހާ ނޭގެއޭ ތިބުނީ ކީއްވެތަ؟" އަމީރާ ސުވާލުކުރިއެވެ. އޭނަ އުނދޯލީގައި އިށީދެ ބާލީސް އުނގުމަތީގައި ބޭއްވިއެވެ.
"ކައިވެނި ކުރިތާގައި ހެނާއެއްނެތް. އެނގެއެއްނު އިންޑިއާގައި އެގޮތަށް ކައިވެނި ކުރެވޭކަން. ކޮންމެހެން އަންހެންކުއްޖާ ގާޒީންގެ ކުރިމައްޗަށް ނުގެނެޔަސް އެކަން ކުރެވޭ. އަމީރާވެސް އެންމެ ރަގަޅުވާނީ ހެނާގެ ކައިރީގައި މިވާހަކަ ނުބުނެ ސިއްރުކުރުން. އަހަރެން ބޭނުންވަނީ ހެނާ ވިހެއުމަށްފަހު ޒޯހަން ފޮނުވާލާފައި އަލުން ހެނާއާއި ކައިވެނިކުރަން. އަހަރެން މިގޮތަށް ހަދަން ޖެހުނު ސަބަބު އެނގޭތަ؟ " މައިކަލް އޭނަގެ އެންމެ ބޮޑު ސިއްރު އަމީރާއަށް ކިޔައިދޭންޖެހުނީ މަޖުބޫރުވީވަރުން އެހެންގޮތެއް ނެތިގެންނެވެ.
"އޯލްރައިޓް. ސޯ ދައްތައަށް މާމަ ދަރިއަކު ހޯދަން ކުރިކަމެއް ތީ. މައިކަލްއަށް ކުއްޖެއް ނުލިބޭނެކަން ޔަގީންވާތީ. އެކަމަކު ތިކައިވެނި ހަލާލު ނުވާނެކަމެއް ނޭގޭތަ؟ ހެނާއަށް އެނގެންޖެހޭނެ ދޯ އޭނަގެ ފިރިމީހާއަކީ ކާކުކަން. އެންމެ ފުރަތަމަ ކައިވެނީގެ ރުކުންގައިވެސް އޮވޭ ފިރިމީހާ ކަނޑައެޅިގެން އެގެންވާނެކަމަށް. ހެނާއަށް ތިމާއިނީ ކާކާކަން ނޭގި ތި ކައިވެނި ހުއްދަވާނެ އެއްވެސް ގޮތެއްނެތް. އެކަން ރަގަޅަށް އެނގިހުރެ ޒޯހަންވެސް އަދި ޒިނޭކުރަން ކެރުނީތަ؟ ދެމީހުންނަށްވެސް އެނގެންވާނެއްނު ހުއްދަނޫން ކައިވެންޏެއްކަން.. އެހެން ބުނާއިރުވެސް އެނގޭ އެފިރިހެނާއަކީ މަރުގެ ހުކުމް ތަންފީޒްކުރަންވެފައި ހުރި ކުށްވެރިއެއްކަން. އަމިއްލަ ކޮއްކޮ ރޭޕްކޮށްލި މީހަކަށް ކުރަން ނުކެރޭނެކަމެއް އޮންނާނެތަ؟ ޗީޑި. އެ މަންޒަރު އަދިވެސް ލޮލަށް ފެނޭ........." އަމީރާ ކުއްލިއަކަށް ދަތްތައް ވިކައިގެންފާ ތެދުވެއްޖެއެވެ.
"ޒޯހަންއަށް އެއްވެސް ވަރަކަށް ދީނުގައި އެކަން އޮންނަގޮތެއް އޮޅުން ފިލާފައެއްނެތް. އޭނަ ހީކުރަނީ ހަލާލު އަނބިމީހާކަމަށް. އަހަންނަކީ ދީނީ އެއްވެސް ކަމަކަށް ފަރުވާ ބަހައްޓާމީހެއްނޫން. އަހަރެން ކުރާ މަސައްކަތުންވެސް އަމީރާއަށް އެކަން އެނގެއެއްނު....." މައިކަލް އެއްލޯ މަރައިލިއެވެ. ތެދެކެވެ. މައިކަލްއާއި ޒޯހަންއަކީ އެއްކަހަލަ ލާދީނީ ދެމީހުންނެވެ. ހެނާއާއި މިދެމީހުންވެސް އެކަށީގެނެއްނުވެއެވެ. އޭނަ ދެން ވީ މޫމިނާއަށްޓަކާ މިހާ ބޮޑުކަމެއް ހެނާއަށް ސިއްރުކުރަންހެއްޔެވެ؟ ހެނާގެ ކޮފީއަށް ނިދާ ބޭސްއަޅައިގެން ނިންދަވާފައި އެކުއްޖާ ނިދީމަ ޒޯހަން އެކޮޓަރިއަށްވަނުމަކީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ ހެނާއާއިމެދު ހަމްދަރުދީވެ ސަހަރޯހީވިއެވެ. ހެނާ އަބަދު ދެރަވެފައި ހުންނަ ސަބަބަކީ އެއީއެވެ. އަމީރާ ހެނާދެކެ ރުޅިއައީ ހެނާގެ އެއްވެސް ކުށެއް އޮވެގެނެއްނޫނެވެ. ދެރަވީވަރުންގޮސް އަމީރާގެ ލޯ ފެންކަޅިވިއެވެ. ހެނާ އެހާލުގައި އުޅޭއިރު އޭނަގެ މަންމަ ނުވަންނަތާގައި އޭނަވެސް ހެނާގެ ހާލު ދެކެން އައީއެއް ނޫނެވެ. ހެނާއަށް ލިބޭނީ ކޮން އުފަލެއްހެއްޔެވެ؟ ހަގީގަތަކީ ހެނާއަށް އޭނަގެ ފިރިމީހާއަކީ ޒޯހަންކަން އެނގުމުން ގައިމު އުފާވާނެއެވެ. ހެނާ ލޯބިވަނީ ޒޯހަން ދެކެ ނޫންހެއްޔެވެ؟ އެކަމަކު ޒޯހަންގެ ނުބައިކަމާއި ނުލަފާކަން ހަނދާންވުމާއިއެކު އަމީރާގެ ހިތް ނަފްރަތުން ފުރުނެވެ.
ހެނާ ޖެހޭނީ އެދެމީހުންނާއިވެސް ވަކިވާށެވެ. ނަމަވެސް މައިކަލް ބުނިހެން މިއީ ހެނާއަށް އެކަން އެންގުން އެންމެ ރަގަޅު ވަގުތެއްނޫނެވެ. ހެނާ މޮޔަވެދާނެއެވެ. އެހާ ބަލިހާލުގައި އިންދާ އެފަދަ ޝޮކެއް ދޭކަށްނުވެސް ވާނެއެވެ. ހެނާގެ އެއްވެސް ކުށެއްނެތެވެ. ހެނާ އެހެރީ މޮޔަހައްދާލާފައެވެ. ލާދީނީ ދެމީހުންގެ ނުބައި ދަލެއްގައި ޖެހި ޝިކާރަވެފައެވެ. އެކުއްޖާ އެތަނުން ސަލާމަތްކުރެވޭނީ އަދި ފަހުންނެވެ.
"މައިކަލްއަށް ތިކަމުގެ ސަޒާ ނުބައިގޮތަކަށް ލިބޭނެ. ހެނާއަށް ތިޔަދެނީ ކޮންފަދަބޮޑު އަނިޔާއެއް. އެންމެ ކުޑަވެގެން ކައިވެނީގެ އުފާތައްވެސް ލިބުމެއްނެތް. އޮޅުވާލާ މަކަރު ހަދައިގެން ހެނާގެ ދިރިއުޅުން ހަލާކުކޮށްލީ. ނުވީތާކަށް ހެނާފަދަ ރަގަޅު އަންހެންކުއްޖަކު ވިހަންޖެހުނީ ނަހަލާލު ދަރިއެއް. ކަލޭމެން ދެމީހުންނަކީ އެއް ގިންތީގެ ނުބައި ނުލަފާ މީހުން. ޖަލަށް ލާންޖެހޭނީ. ދެން ހެނާ ގެންދާނީ ގެއަށް. އެކަކުވެސް ހެނާގެ ގައިގާ އަތްލައިގެނެއްވެސް ނުވާނެ. ތިދެމީހުންނަކަށްވެސް އެހައްގެއް ނެތް.........." އަމީރާ އަތުގައި އޮތް ބާލީސް ބިމަށް ޖަހާލާފައި ބާރުބާރަށް އެތަނުން ނުކުތްއިރު އޭނަ ނުކުތްއިރުވެސް ހެނާ އޮތްގޮތަށް ފޯނާއި ކުޅެން އޮތެވެ. މޫނުމަތީގައި އެއްވެސް ދިރުމެއްނެތެވެ.
އަމީރާ މިފަހަރު އިށީނީ ހެނާ އޮށޯވެއޮތް ސޯފާގައި ހެނާގެ ފައިކައިރީގައެވެ. މޫނުމަތިން ފެނުނީ މުޅިން ތަފާތު ޝުއޫރުތަކެވެ. ހެނާއަށް އޯގާތެރިވި ލޯބިވި އަމީރާގެ ގޮތުގައެވެ. އަމީރާ ބުނީ ހުރިހާ އަންހެންކުދިންވެސް ބަލިވެއިނީމަ ދާންވާނީ މަންމަގެ ކައިރިއަށް ކަމަށާއި ހެނާވެސް އޭނައާއިއެކު ގެއަށް ދިޔުމަށެވެ. ހެނާ ދެކޮޅުހެދިއެވެ. ނަޝީދު އެގޭގައި ހުއްޓާ ދާން ނުކެރޭނެކަމުގައި ބުނެ އޭނަ ފެނަށް ބޭސްއަޅާ ވާހަކަ ކިޔައިދިނެވެ.
"ޝިޓް. ހުރިހާ ފިރިހެނުންނަކީވެސް ނުބައި ބަޔެއް. އެމީހުންގެ ސިކުނޑީގައި އެނޫން ކަމެއް ނޯންނަނީތަ؟ އެމީހާގަނޑު އެވަރުކުރާއިރުވެސް މަންމައަކަށް ނުކެރޭ ވަރިވާކަށް. އަންހެނުން މަޖުބޫރީކަން. އެވާގޮތަކީ އަމިއްލަ ފައިމައްޗަށް ނުތެދުވެ ފިރިމީހާއަށް ޑިޕެންޑްވާތީ. އެހެންވެ ނޫސްވެރިކަމުން ޑިގްރީ މިހަދަނީވެސް. އޭރުން ފަހުން ދުވަހަކުންވެސް ދަރިންގެ ހައްގުގައިވެސް ތެދުވެވޭނެ. ހެނާވެސް ކިޔަވައްޗޭ. އެންޑް ބީ ކެއަރފުލް އިނގޭ. ޒޯހަންއާއި މައިކަލްއާއި ދެމީހުން މިގޭގައި އުޅޭއިރު ވަރަށް ވިސްނަންވާނެ....." އަމީރާ ހުރީ އެވާހަކަ ބުނާހިތުން ކެތްމަދުވެފައެވެ.
ހެނާއޮތީ އެއްވެސް އެއްޗެއް ނުވިސްނޭކަމަށް ހެދިގެންނެވެ. އެކަމަކު އޭނައަށް ކޮންމެވެސް ކަމެއް އެނގިއްޖެއެވެ. މައިކަލްއާއި ޒޯހަން އޮޅުވާލައިގެން އުޅޭކަމެއް ހޯދާހިތުން ކެތްތެރިކަން ކޮޅުންލައިގެން ދާންފެށިއެވެ. ކޮންމެ ރެއަކު އޭނަ ނިދީމަ އޭނަގެ ކައިރިއަށް ވަންނަނީ ޒޯހަން ހެއްޔެވެ؟ އެހެން ހަދަންވީ ކޮން ސަބަބަކާހެދިހެއްޔެވެ؟ ޒޯހަން އެހާ ގިނައިގެން އެގޭގައި އުޅޭތީވެސް ހިތުގައި ސުވާލު އުފެދިއްޖެއެވެ. މައިކަލް ދުވަހަކު ފިރިމީހާގެ ހައިސިއްޔަތުން އޭނަގެ ގައިގާ އަތްލާފައެއްވެސް ނުވެއެވެ. ޒޯހަންގެ ނަޒަރުވެސް ތަފާތެވެ.
އަމީރާ ނުކުތްއިރު ތުނިކޮށް ވާރޭ ވެހެން ފަށައިފިއެވެ. ޒޯހަން ކާރުގައި އައިސް މަޑުކޮށްލީއެވެ. އަމީރާ ރުޅިއައިސްފާ ހުރިވަރު ބޭލުނީ އަދި ޒޯހަންއަށެވެ. އެދިޔަ ބާރުމިނުގައިގޮސް ޒޯހަންގެ މޫނު މައްޗަށް އެތިފަހަރެއް ބާލާފައި އިންޒާރު ދިނެވެ.
"ކަލެއަށް ރަގަޅަށް އެނގޭނެ ތިކައިވެނި ހުއްދަނޫންކަން. މީގެ ފަހުން ހެނާގެ ގައިގާ އަތްލައިގެން ނުވާނެ. ތިއީ ހެނާގެ ފިރިމީހާގެ ގޮތުގައި ހުއްޓަސް ހިލޭމީހެއް. ހެނާއަށް ކޮފީ ދީ ނިންދަވައިގެން ރޭޕްކުރާއިރު އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތްތަ؟ ހެނާއަށް އެނގޭ ދުވަހަކުން ކަލޭދެކެ ނަފްރަތުކުރާނެ. ތީ ހަމަ ޝައިތާނެއް. މޮންސްޓާއެއް......." އަމީރާ ކަޅިއަޅައިގެން ހުރެ ހިތަށް އައިހާ އެއްޗެއް ކިޔާފައި ދިޔުމުން ޒޯހަން ހުރީ ސްތެޗޫއެއްހެން ހިރިލާންވެސް ނޭގިފައެވެ. މައިކަލް އަމީރާއަށް ހުރިހާ ވާހަކައެއް ކިޔައިދިނީހެއްޔެވެ؟ އަމީރާއަށް އެނގުނީ ކިހިނެއްބާވައެވެ.
ޒޯހަން މާ ގިނައިރު އެސުވާލުގެ ޖަވާބުގެ އިންތިޒާރުގައި ހުންނާކަށް ނުޖެހުނެވެ. މައިކަލް ޒޯހަންއާއިއެކު ކޮފީއެއް ބޯންއިންއިރު ހުރިހާ ވާހަކައެއް ކިޔައިދީފިއެވެ. ޒޯހަންއަށް އެކައިވެނި ހުއްދަނޫންކަން އެނގުމުން ދެރަވިއެވެ. މައްސަލައަކީ އޭނަ ދީނީނުވުމެއް ވެސް ނޫނެވެ. ހެނާ އެކަމާއި ދެކޭނެ ގޮތް އެނގޭތީ ނުތަނަވަސްވީއެވެ. ހެނާއަށްޓަކާ އޭނަގެ ހިތުގައި މިވާ ޖަޒުބާތުތަކަށް ދޭނެނަމެއްވެސް އެނގެނީއެއް ނޫނެވެ. އެއިހުސާސްތައް އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ވަރުގަދަވަމުންނެވެ. އެކަމުގެ ސަބަބުން ދީނާއިމެދު އޮތް ލޯބިވެސް އައީ ގަދަވަމުންނެވެ. ނަމާދުކުރަން މިސްކިތަށް ދެވޭލެއް ގިނަވާންފެށިއެވެ. އެކަނިހުރެ ހަޔާތާއިމެދު ވިސްނާއިރު އެންމެ ގިނައިން ހިތަށް ވެރިވަނީ ހެނާގެ ޚިޔާލުތަކެވެ. އެކަން އެހެން އޮތްވާ މައިކަލްގެ ހިތުގައިވެސް ހެނާއާއިމެދު ގާތްކަމެއް އުފެދޭހެން ހީވެ އެކަމާއި ޒޯހަން ބިރުހީވިއެވެ. މައިކަލް ކައިރީ ބުނަންވީއެވެ. ހިތުގެ ހާލު ބަޔާންކޮށް ދޭންވީއެވެ. އެކަމަކު އޭރުން އޭނައަށް ވުރެ އަމިއްލަ އެދުންބޮޑު މީހެއް ނެތްކަމުގައި މައިކަލް ދެކޭނެއެވެ.
ޑިޕްރެޝަންގެ ސަބަބުން ނުނިދި އުދަގޫވާން ފެށުމުން ޒޯހަން ރަފައެލްއަށް އެޕޮއިންޓްމެންޓެއް ހަދައިގެން އެކްލިނިކަށް ދިޔައެވެ. އެއީ ހުކުރު ދުވަހަކަށް ވިޔަސް އެތަން ހުޅުވާފައި ހުރުމަކީ އޭނަގެ ނަސީބުކަމުގައި ދެކުނެވެ. އެއީވެސް ވިއްސާރަ ރެއެއްކަމުން އެހިސާބުން ދިރޭ އެއްޗެއްގެ ނިޝާނެއްވެސް ނުފެނެއެވެ. ފަޅުކަމާއި ނާމާންކަން ވެރިވެފައި އޮތެވެ. ރަފައެލްގެ ކޮޓަރިއަށް ވަންނަ އިރަށް ފަހަތުން ދޮރު ލެއްޕުމުން ޒޯހަން ކުޑަކޮށް ސިހޭގޮތްވިއެވެ. ރަފައެލް ހީލާފައި ބުނީ ވައިރޯޅިއަކާއިއެކު ދޮރު ލެއްޕުނީކަމުގައެވެ. ރަފައެލް ޒޯހަންއަށް ކޮފީތަށްޓެއްވެސް ދިއްކޮށްލިއެވެ. އެއަށްފަހު އެ ބޮޑުގޮނޑީގައި ހަމަޖެހިލިއިރު އެ ތޫނު ދެލޮލަށް ބަލައިލަން ޒޯހަންއަށް އުދަގޫވިއެވެ. ރަފައެލް ކުރި ސުވާލުތަކަށް ޖަވާބުދެމުންގޮސް އެންމެފަހުން ހިތް ހުޅުވައިލެވުނީ ރަފައެލްއަށް ކުރެވުނު އިތުބާރެއްގެ ބޮޑުކަމުންނެވެ. ނަފްސާނީ ޑޮކްޓަރަކަށްވާ ހިނދު އޭނަގެ އެއްވެސް ސިއްރެއް ފާޅުނުކުރާނެކަމުގެ ޔަގީންކަން ލިބިފައިއޮތް ވަރުންނެވެ. ޒޯހަންގެ ވާހަކަތައް އަޑުއަހަން ރަފައެލް އިނީ ވަރަށް ޝައުގުވެރިކަމާއިއެކުގައެވެ. ހަމްދަރުދީގެ ނަޒަރަކުން ބަލަހައްޓައިގެންނެވެ. ދޭތެރެއަކުން ޒޯހަން ކުރިއަށް ނުގެންދެވިގެން ހުއްޓާލުމުން ހިތްވަރުދިނެވެ. ނަމަވެސް ކުއްލިއަކަށް އެތަނުގައި ހޫނު ވައިރޯޅިއެއް ވަދެ މުޅި ތަން ފުރައިލިހެން ހީވިއެވެ. ބޮކީގެ އަލިވެސް ފަނޑުވާގޮތްވިއެވެ. ރަފައެލްގެ މޫނަށް ކުޑަ ބަދަލުތަކެއް އައިސް ހަރުކަށިކަމެއް އެދެލޮލަށް ވެރިވިއެވެ. އެއާއިއެކު އޭނައަށް ނޭވާނުލެވިގެން ކަހަލަ ގޮތަކަށް ގަމީހުގެ ގޮށްތައް ނައްޓާލަމުން އަނެއް ފަރާތަށް އެނބުރުނެވެ.
"ކިހިނެއްވީ؟ "ޒޯހަންވެސް ހައިރާންކަމާއިއެކު ކޮޅަށް ތެދުވެ ވަށައިގެން ހޯދައިލިއެވެ.
ރަފައެލް ޖަވާބެއްނުދިނެވެ. ކުއްލިއަކަށް އޭނަ ނާމާންގޮތަކަށް ހޭންފެށިއެވެ. ޒޯހަންގެ ހިތްއަވަސްވިއެވެ. ރަފައެލް އެނބުރުނުއިރު އޭނަގެ ދެލޮލުގެ ކުލަވަނީ އޮރެންޖްކުލައަކަށް ބަދަލުވެފައެވެ. ބާރުބާރަށް މޭޒުމަތީގައި އަތުން ޖެހުމުން މޭޒުގައި ރެނދެއްލައިގެން ދިޔަތަން ފެނުމުން ޒޯހަންއަށް ފަހަތަށް ދެފިޔަވަޅު އަޅައިލެވުނެވެ.
"ކަލެއާއި މައިކަލްވެގެން ކޮންހާ ގޭމެއް ތިކުޅެނީ؟ އަދި މައިކަލް އަހަރެންގެ ކޮއްކޮ ލޫސިއާންއަށްވެސް ތްރެޓް ކުރަންފެށީ. އަންދާލާނަމޯ. ކަލޭގޮސް ބުނޭ އެ ސިހުރުވެރިޔާ ކައިރީ މައިތިރިވެގެން ހުންނާށޭ. ނޫނީ ކުކުޅެއްހެން ނޮޅާލާނަމޭ. ވަރަށް ކެތްކޮށްގެން މިހުންނަނީ. ލޫސިއާންގެ ވައިފްއަށް ކިޔާދޭކަށް ނުޖެހޭ . އޭނައާއި ވައިފް ކަނޑުވާލަން ކަލޭމެން ނޫޅޭތީ ނޫނީ ހިތާމަކުރާވަރުގެ ކަމެއް ދެންވެސް ހިނގާނީ. އާނ. އަހަރެން ކަލޭގެ ކޮއްކޮއާއި އަންހެނުންވެސް މަރައިލީ. ކަލޭގެ ހަށިގަނޑުގެ ތެރެއަށް ވަދެގެން. އެހެނޭ ކިޔާފައި ކަލެއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. ކަލޭގެ ބައްޕަ އަހަރެންގެ މަންމަ ރޭޕްކުރި ދުވަހު އަހަންނަށް އާދެވުނުއިރު ވީކަމެއް ވެއްޖެ. އެދުވަސްފަހުން އަހަރެން ހުރީ އެމީހާގެ ދެލޮލުން އެހާވަރަށް ކަރުނަ އޮހޭތަން ދެކެން. ކިޔާރާ މަރައިލީ ކީއްވެކަން އެނގޭތަ؟ ކަލޭގެ ބައްޕަގެ ކޮއްކޮގެ ހުރި އެންމެ އަންހެންދަރި އެއީ. އެކޮއްކޮ މަރުވުމުން ކިޔާރާ ބަލާބޮޑުކުރީ އަމިއްލަ ދަރިއެއްހެން. އެހެންވެ އެފިރިހެނާ މޮޔަކުރަންވެގެން އެކަމެއް އަހަރެންކުރީ. މިހާރު އެނގިއްޖެތަ؟ އެފިރިހެނާ ކުރި ކަންތައްތަކުގެ ބަދަލުވެސް އަހަރެން ހިފިން. ވީއިރު ދެންވެސް ކަލޭގެ އެކުވެރިޔާ ކައިރީ ބުނޭ އަހަރެމެންނަކާއި ނުކުޅެވޭނެއޭ. އަހަރެމެންގެ ގައިގާވަނީ އެކަނި ޖިންނިންގެ ބާރެއްނޫން. އިންސިންގެ ލޭވެސް ހިނގާ. އަހަރެމެން ބަލިކޮށްލާކަށް ކުޅަދާނައެއްނޫން....." ރަފައެލް ކަރުތެއިން ޝައިތާނީ ބަރު އަޑަކުން ވާހަކަދެއްކިއިރު ޒޯހަން ހުރީ ހިރިލާންވެސް ނޭގިފައެވެ.
އޭނަ ދެން އިތުބާރުކުރާނީ ކާކަށްހެއްޔެވެ؟ އެންމެ އިތުބާރުކުރެވުނު ނަފްސާނީ ޑޮކްޓަރަކީވެސް ޖިންނިއެކެވެ. އިންސާނުގެ ތެރޭގައިވެސް ޝައިތާނުން އެބައުޅެއެވެ. މިވާހަކަ ކިޔައިދިނަސް އެއްވެސް މީހަކު ގަބޫލެއްނުކުރާނެއެވެ. ބުނާނީ އޭނަވެސް މޮޔަވީކަމުގައެވެ. ލޯމައްޗަށް ކަންތައް ފެންނަނީކަމުގައެވެ.
ރަފައެލް އެއައިގޮތަށް ޒޯހަންގެ ކަރުގައި ހިފާފައި ބިންމަތިން އުފުލައިލިއެވެ. އޭނަގެ ނޭވާ އުފުރިއަރަންފެށިއެވެ. ސިކުނޑިއަށް އޮކްސިޖަން ނުލިބި އިރުކޮޅެއްވިޔަސް އޭނަގެ ފުރާނަ އުދުހިގެން ހިނގައިދާނެއެވެ. ޒޯހަންއަށް ވާވަރު ފެނިފައި ރަފައެލް ނުބައިގޮތަކަށް ހީގަނެފާ ޒޯހަން ބިންމައްޗަށް ވައްޓާލާފައި އަދި ބޫޓުން ޒޯހަންގެ ބުރަކަށްޓަށް އެރިއެވެ.
"ނިކަމެތި އިންސާނުން މާ ވަރަކަށް ފޮނިކަނޑަނީ. ކަލޭގެ އެކުވެރި މައިކަލްގެ މަންމައާއިމެދު ނުވިސްނާނަމަ މިހާރު އެ ކަލޭގެ އޮންނާނީ ކުދިކުދިކޮށް ބާޒުތަކަށް ކާންދީފައި....." ރަފައެލް ދެންވެސް ޖަހައިލީ ޝައިތާނީ ހިނިގަނޑެކެވެ. މުޅި އެތާ އެއަޑު ގުގުމައިލިއެވެ. އެއްފަހަރާ ދެމީހުން ހެމުންދާކަހަލައެވެ. އެއަޑު ބިރުވެރިކަމުން ޒޯހަން ދެކަންފަތުގައި އަތްއަޅާ ބާރުކޮށްލިއެވެ.
"އޯކޭ ޑޮކްޓަރ. އަޅުގަނޑު މައިކް ކައިރީ....ބުނާނަން ." ޒޯހަން އެއްޗެކޭ ބުނުމުން އަނގަމަތީގައި ޖަހާ ފަޅާލުމުން ލޭގަނޑު އޮހިގަތެވެ.
"ކަލޭވެސް ތީ މަރަންވެފައި ހުރި މީހެއް. ކަލޭގެ ބައްޕަ އެންމެ ހިތާމަކުރާނީ އަދި ކަލޭ މަރުވީމަކަން ނޭގޭ. އެފިރިހެނާ ރޯއަޑު އިވުނު ދުވަހު ވަރަށް އުފާވި. އަހަރެންގެ މަންމަ ރޮއްވާލިވަރަށް ނޫން ދޯ ކަލޭގެ ބައްޕަ ރުއީ. އަމިއްލައަށް ފަޚުރުވެރިވި ފިރިހެންދަރިވިއްޔާ މަލެއްފަދަ ދެއަންހެން ދަރި މަރައިލީ. ކެތްކުރާނީވެސް ކިހިނެއް. ރާދްމެން މަރުވީމަ ބޮލުގައި ހުރި އިސްތަށިތަކަށް ދަމާ ރޯން ބިންމަތީގައި އޮތީ. އެވަރުގެ އުފާވެރި މަންޒަރެއް ދުވަހަކު ނުދެކެން.......ހައް ހައް..." ރަފައެލް ޒޯހަންގެ ޓީޝާޓުގައި ހިފާ ބިންމަތިން ނެގިއެވެ. ރަފައެލް ރަހުމެއްނެތި ޒޯހަން ފާރުގައި ދެތިންފަހަރުޖެހިއެވެ. އަނިޔާކުރަމުންގޮސް ޒަޚަމްވެ ބޮލަށް އެނބުރުންއަރާވަރު ވުމުން އަތުކޮޅަށް ހޫރާލީ މަގުމެދުގައިވާ ޗަކަ ފެންގަނޑަކާއި ދިމާލަށެވެ. އޭރު ބޯކޮށް ވާރޭވެހެމުންދިޔައެވެ. ޒޯހަންގެ ޒަޚަމްތަކާއިއެކުގައިވެސް ވާރޭގެ ފިނި ތިކިތައް ޖެހުމުން ލޯ ހުޅުވައިލެވޭވަރުވިއެވެ. މި ފަޅުމަގުގައި އެއްވެސް މީހެއްގެ ހިލަމެއްނުވާކަން ޔަގީންވާތީ އޭނަ ވަރަށް މަސައްކަތުން ތެދުވެގެންގޮސް އެގޯޅިގަނޑުން ނުކުތްތަނާ އެހެން ލާފައި އައި ކާރެއް ފެނުމުން އަތްނެގިއެވެ.
އަމީރާ ކޮންމެ ދުވަހަކު އޮފީސް ނިންމާލާފައި މައިކަލްގެ ގެއަށްދާއިރު ހެނާއަށް ކެވޭކަހަލަ އެއްޗެހި ގެންގޮސް ވާހަކަދައްކަން އިނދެއެވެ. އަމީރާ ބާރު އަޅައިހެން ރޮޒާލިއާވެސް ތަންކޮޅެއް ރަގަޅަށް ކަންތައް ކުރާ ދުވަސްކޮޅެކެވެ. އެކަމަކު ނަޝީދުގެ ނުލަފާކަމުން އެކަން އެނގިގެން ގެއިން ބޭރަށް ނުކުތުން މަނާކުރިއެވެ. އާޒްގޮވައިގެން ސިހުރުވެރިޔެއްގެ ގެއަށް ގޮސްގެން ނުވާނެކަމުގައި އެންގިއެވެ. ރަފައެލް ނޫހުގެ އިތުރުން ޓީވީ ހުޅުވުމުން އަމީރާވަރަށް އުފާވިއެވެ. އެއީވެސް އޭނަގެ ހުވަފެނެކެވެ. ޓީވީ ޕްރޮގްރާމެއް ހަދަމުން ނޫހާއި ޓީވީއަށް މަސައްކަތްކުރަން ފެށުމުން އެތާ މުވައްޒަފުން ދުވާލުގެ ހަތަރުދަން ހޭދަކުރެވެނީ މަސައްކަތުގައެވެ. ގެއަށް އައުމަށްފަހު ވަގުތުދޭންޖެހެނީ ފިރިމީހާ ނޫނީ އާއިލާއަށެވެ. އެހެންވުމުގެ ސަބަބުން ގިނަކުދިން ނަމާދުކުރުމަށް ފަރުވާކުޑަވެ އީމާންތެރިކަން ބަލިކަށިވާގޮތްވިއެވެ.އީމާންތެރިކަމަކީވެސް ގަހެއްފަދަ އެއްޗެކެވެ. ފެންނުދޭނަމަ އިސާހިތަކު ގަސްބަލިކަށިވެ މަރުވާން ފަށާފާނެއެވެ. އެގޮތުން ދެވޭ ފެނަކީ ނަމާދާއި ދީނީ އެހެން އަޅުކަންތައްތަކެވެ. އެކުދިންނަކަށް އެހެން ކަމަކަށް ވަގުތެއްނޯވެއެވެ. ލިބޭ ހުސްވަގުތެއްވިޔަސް ވައިބާ ނޫނީ އެފްބީގަ އޭނަގެ ނޫސް ކުރިއެރުވުމުގައެވެ. ނަމަވެސް އަމީރާ ތަފާތެވެ. ކިތަންމެ އަވަދިނެތި އުޅެމުންވެސް ނަމާދުގަޑިއަށް ނަމާދުކުރަން ސަމާލުކަންދެއެވެ. އަދި ގެއަށް އައުމަށްފަހުވެސް އޭނަ ލިބޭ ހުސްވަގުތު އެފްބީގައި ހޭދަކުރުމުގެ ބަދަލުގައި ގުރުއާން ކިޔަވާހަދައެވެ. އެކަމާއި ލޫސިއާން ހުންނަނީ ރުޅިގަދަވެފައެވެ. އަމީރާ ގުރުއާން ކިޔަވާއަޑު އިވުނަސް އޭނަ އުދަގޫވެގެން އެތާކުން ދުރަށް ހިނގައިދާނެއެވެ.
އަމީރާ ކޮޓެޖަށް ވަންނައިރަށް އާދައިގެމަތިން ގައިން ހީބިހި ނެގިއެވެ. ހަށިގަނޑުގައި ތަފާތު ވައިރޯޅިއެއް ބީހިލިއެވެ. ގެއަށް ވަނުމާއިއެކު ޖިންނިންގެ ދުނިޔެއަކަށް އާދެވޭފަދަ އިހުސާސެއް ކުރެވެއެވެ. ދުވަސްތަކެއް ވިކަމުގައިވިޔަސް އެކަމަށް އޭނަ އެހާ ނުހޭނެނީއެވެ. އަމީރާ ކޮޓަރިއާއި އަރާ ހަމަވެފައި ތަޅުދަނޑި ނަގާއިރަށް ދޮރު ހުޅުވުނެވެ. އަމީރާ ކުޑަކޮށް ހިނިއައެވެ.
"ލެން. ނުފެނި ތިހެން ނޫޅޭށޭ ކިތައް ފަހަރު ބުނާނީ؟ " އަމީރާ އެތެރެއަށް ވަންއިރު ލޫސިއާން ފެންވަރާލައިގެން ފާޚާނާއިން ނުކުތީއެވެ. ތުވާއްޔެއް އޮޅާލައިގެން ހުރިއިރު އެ ކަސްރަތީ ހަށިގަނޑުގައި ފެންތިކިތައް ވިދާބަބުޅައެވެ. މަސްތައް އެތުރިފައިވާލެއް ފުރިހަމަކަމާއި ފިރިހެންވަންތަކަމުން އަމީރާގެ ހިތް ތައުރީފުކުރިއެވެ. ލޭގެ ހިނގުން އަވަސްވެލިއެވެ. ލޫސިއާން އައިގޮތަށް އަމީރާ އަތްދަނޑިމައްޗަށް އުފުލައިލިއެވެ.
"އަހަންނަށް އެނގޭ ބޭބީ ތިހިރީ ވަރުބަލިވެފައިކަން. ހަށިގަނޑަށް ދެން އެންމެ އަރާމުވާނީ ތެޔޮލާފައި މަސާޖުކޮށްލަދިނީމަ. އެންމެކުރިން ހިނގާ ފެންވަރާލަން. ލެވެންޑާ ކަހަލަ ތެޔޮ އަޅައިގެން ފެންވަރާލައިގެން މަސާޖްކޮށްލާފައި ރޭގަނޑު ކަސްރަތުކޮށްލުމުން އަދި ވަރަށް ހިތްގައިމުކޮށް ނިދޭނެ....." ލޫސިއާން ގެ ރީތި ދެލޮލުން ބަލައިލިގޮތަކުންވެސް އަމީރާގެ ހިތް ވިރޭވަރުވިއެވެ. މިފަދަ ވަގުތެއްގައި ލޫސިއާންއަކީ ޖިންނިއެއްކަން އޭނަ ހަނދާނެއްވެސް ނުހުރެއެވެ. އެކަން ހަދާންވަނީ ބައެއް ވަގުތުތަކުގައެވެ. އިންސީންނާއި ޚިލާފަށް އެމީހުންގެ ހަށިގަނޑު ހޫނުވެފައި ހަށިގަނޑު ވިރިގެންދާފަދަ އިހުސާސް ދުވާލު ދެތިންފަހަރު ކުރެވޭލެއް ވާތީއެވެ. ނަމަވެސް އެހޫނުކަމަށް ކެތްނުވާންވީ ކީއްވެހެއްޔެވެ؟ ލޫސިއާންގެ ފަރާތުން ލިބޭ އުފަލާއި ހިތްހަމަޖެހުން އަދި ލޯބީގެ މަސްތުގައި އަމީރާވަނީ މޮޔަވާވަރުވެފައެވެ. ދަރިއަކު ހޯދުމުގެ ނިޔަތުގައި މިހާރު ލޫސިއާންވަނީ ކުރިން އަމިއްލައަށް ދޭތެރެ ދުރުކުރިނަމަވެސް އެކަން ހުއްޓާލާފައެވެ. މިހާރު ލޫސިއާން ދެކޭގޮތުގައި އެންމެ ރަގަޅީ އެދެމީހުންގެ ކުއްޖަކު ހުރުމެވެ. އެ ގުޅުން ދާއިމީ ކުރަން ލޫސިއާން ނުކުރާނެ ކަމެއް ނޯންނާނެއެވެ. އަމީރާ ފަހަރެއްގައިވެސް ގެއްލޭކަށް ލޫސިއާން ނޭދެއެވެ. އެހެންވުމުގެ ސަބަބުން ލޫސިއާންއާއި އަމީރާގެ ދޭތެރޭގައި މިހާރު ކުރިއަށްވުރެ ގުޅުން އިތުރުވެ ލޯބިވެސް އިތުރުވެއްޖެއެވެ.
މިހުރީޒް ނަބީލާއާއި އެލްސާ ގޮވައިގެން އެމީހުންގެ ދުނިޔެއަށް ދަތުރުކުރުމުން ގޭތެރެއަށް ކޮންމެވެސް ވަރެއްގެ ފަޅުކަމެއް ލިބުނެވެ. ރަފައެލްއަށް އެއީ ރަނުގެ ފުރުސަތަކަށްވިއެވެ. އޭނަ ހުންނަނީ މަންމަގެ ޑައިރީ ލިޔާކަން އެނގޭތީ އެޑައިރީ ކިޔާ ހިތްވެފައެވެ. ކުރިން އެކަމަށް ޝައުގެއް ނެތަސް މަންމައާއި ޖިންނީގެ ދުނިޔެއާއި އޮތް ގުޅުމުގެ ސަބަބުން މަންމަގެ ހަޔާތުގެ ސަފުހާތައް ކޮންމެވެސް ވަރަކަށް ކިޔާލަން ބޭނުންވީއެވެ. އޭނަ ހާވަ ހާވާވެސް އެޑައިރީ އޮތްތަނެއް ނުފެނުނެވެ. މާޔޫސްކަމާއިއެކުގައި އެނބުރިލިތަނާ ބާލީސް ދަށުގައި އެއްޗެއް އޮތްހެން ހީވެގެން ބަލައިލިއިރު އެއީ މުށިކުލައިގެ ކުޑަ ފޮތެކެވެ. އެފޮތްވަނީ ދުވަސްވުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ކުލަ ބަދަލުވެފައެވެ. ލޫސިއާން ތަންކޮޅެއް ދުރުގައި ހީހީ ހުރިތަނެއް ރަފައެލްއަކަށް ނުފެނުނެވެ. ރަފައެލްއަށް އެޑައިރީ ހޯދަދިނީ ލޫސިއާންގެ ބާރުންނެވެ.
ރަފައެލް އޭނަގެ ކޮޓަރިއަށް ވަންގޮތަށް ކޮފީއެއް ހިފައިގެން އެނދުގައި އޮށޯވެލާފައި ނަބީލާގެ ޑައިރީ ހުޅުވައިލިއެވެ.