އަމީރާ ފާޚާނާއަށްވަދެފައި ކުޑަކޮށް މޫނުދޮވެލާ ހަދާލައިގެން ނުކުތްއިރު ކޮންމެވެސް ވަރަކަށް ވާރޭވެހެން ފަށައިފިއެވެ. ތެމުނަސް ހެޔޮކަމަށް އޭނަ ދިޔައީ ގެއަށެވެ. އޭނަ ހިތްހަމަޖެހޭނީ ހެނާ ކައިރީ ހިތް ބަންޑުންކޮށްގެންނެވެ. އިތުބާރުކުރެވޭ ކޮންމެވެސް މީހަކާއި މިވާހަކަތައް ހިއްސާނުކޮށް އެންމެ މިނިޓަކަށްވެސް ކެތްނުކުރެވޭނެއެވެ. ކޮޓަރިއަށް ވަންތަނާ ހެނާ ފެނުމުން ގޮސް ހެނާގެ ގައިގާ ބައްދާލުމާއިއެކު ލޮލަށް ކަރުނަ ނައީ ހަމަ ކިރިޔާއެވެ. އެއްޗެކޭ ބުނަން އުޅެނިކޮށް ކޮޓަރީގެ ކުޑަދޮރަށް ހުދު އައްޔެއް އެޅުނުތަން ފެނުމުން އަމީރާއަށް އެދިމާލަށް ބަލައިލެވިއްޖެއެވެ. ކުޑަދޮރަށް ބިޔަ ހިޔަންޏެއް އެޅުމާއިއެކު ދެވަނަ ސިކުންތުކޮޅުގައި ދޮރު އަޑާއަށް ހުޅުވުނެވެ. ވަގުންގެ ފަރާތުން ރައްކާތެރިކަން ކަށަވަރުކުރަން އަޅާފައިވާ ދަގަނޑު ތޭރިތައް ލޫސިއާން ނައްޓާލީ ދާދި ފަސޭހައިންނެވެ.
"ލެން......" އަމީރާ ދެލޯ ބޮޑުކޮށްލިއެވެ.
"އެމީ. ވަރަށް އާޖެންޓްކޮށް ވާހަކައެއް ދައްކައިލަންވެގެން. އިންތިޒާރުގައި ހުރެހުރެ ލަސްވެގެން އޮފީހަށްދިޔައިރު އެނގުނީ ގެއަށް އައިކަން..." ލޫސިއާން ތެމިލައިގެންހުރިއިރު މޫނުމަތީގައި ފެންތިކިތައްވިދަމުން ދިޔައީ މުތީތައް ފަދައިންނެވެ. ލޫސިއާންގެ ހާޒިރުގައި އެއްވެސް ވާހަކައެއް ހިއްސާކުރެވެން ނެތްކަން އެނގުމުން އަމީރާ ގަސްތުކުރީ އެތަނުން ދާށެވެ. އޭނަ ލޫސިއާންއާއި ކުރަންވީ ސުވާލުތައް މަދެއްނޫނެވެ.
"ހެނާ. ފަހުން އަންނާނަން އިނގޭ. ލެން އެބުނަނީނު އާޖެންޓް ކަމެއްގައޭ....." އަމީރާ ހެނާގެ ބޮލުގައި ފިރުމާލާފައި އަވަސްވެގެން ނުކުންނާން ދިޔުމުން ހެނާ އެނބުރި ބަލައިލުމުން ފެނުނީ ލޫސިއާންގެ ކުޅަދާނަކަމެވެ. އެހާ ހަލުވިކޮށް އޭނަ ކުޑަދޮރުގެ ތޭރިތައް އެހުރިގޮތަށް ޖަހާފައި ދޮރުވެސް ލައްޕައިލަނީއެވެ. ހެނާ ބަލައިލުމުން އެއްލޯ މަރައިލީ ލާނެތްގޮތަކަށެވެ. ހެނާގެ ތުންފަތް މައްޗަށް ކުޑަހިނިތުންވުމެއް ވެރިވިއެވެ. ކޮންމެވެސް ސަބަބަކާހުރެ އޭނަގެ ހިތުން ލޫސިއާންއަށް ބޭބެއެއްގެ މަގާމުދެވިއްޖެއެވެ. އާރާއި ބާރުލިބިފައި ހުރުމާއިއެކުވެސް ދުވަހަކުވެސް މި ނުލަފާ އިންސާނުން ފަދައިން އޭނައާއި ދިމާލަށް އެހެން ނަޒަރަކުން ބަލާފައެއްވެސް ނުވެއެވެ. ހިތުގައި ގަދަރު ދެވުނީ އެހެންވެއެވެ.
ލޫސިއާންއާއި އަމީރާ އެކީގައި ހިގާފައި ކަހަލަގޮތަކަށް ގޮސް ކޮޓެޖްގެ މައިދޮރުން އެތެރެއަށް ވަންއިރުވެސް އަނގަޔަކުން ނުބުނެއެވެ. އަމީރާހުރީ ހީކަރުވައިގެން ހަލާކުވާވަރުވެފައެވެ. ކޮޓަރިއަށް ވަންގޮތަށް އޭނަ ތެތް އެއްޗެހި ބަދަލުކުރުމަށްފަހު ނުކުތްއިރު ލޫސިއާން ހޫނު ޗޮކްލެޓް ގެނެސްފައި ހުއްޓެވެ. އޭރުވެސް ވާރޭގެ ހިތްގައިމު އަޑު އެއް ރާގަކަށް ފަޒާގައި ނާނާ އަޅުވާލާފައިވިއެވެ. އޭސީ އަދި ވާރޭގެ ފިނިކަން އެއްވެފައިވާއިރު ތަނުގައި ހިފާފައި ހުރީ މަލެއްގެ މީރުވަހެވެ. އަރާމުކަމުގެ އިންތިހާއެވެ.
"ބޯހިތެއް ނެތް..." އަމީރާ ބޭނުންވިޔަސް ހިތާއި ދެކޮޅަށް ބުނެލިއެވެ.
"ބޭބީ ދޮގުހެދިޔަސް ހިތުގައިވާ ހާ އެއްޗެއް އެނގޭ...." ލޫސިއާން އެތަށި އަމީރާގެ ތުނބުގައި ޖެއްސިއެވެ. ލޫސިއާން ގޮތްދޫނުކުރާނެކަން އެނގޭތީ އެތަށި ހިފައިގެންގޮސް ކައުޗްގައި އިށީދެ ލަސްލަހުން ބޯންފެށިއެވެ.
"ލެން. އާޖެންޓްވެގެން ކޮންވާހަކައެއް ބުނަން ގެނައީ....." އަމީރާ އެހިއެވެ.
"އެނގެއެއްނު. ހެނާ ކައިރީ އަހަރެމެންގެ އާއިލީ ވާހަކަދައްކައިގެން ނުވާނެކަން. މިހާރުވެސް އެކުއްޖާ އުޅެނީ އެހާ ސްޓްރެސްގައި އެހެން ހުއްޓާ ގޮސް ފާޑުފާޑުގެ ވާހަކަ ދެއްކީމަ ހެޑޭކް އިތުރުވުން ނޫންކަމެއްނުވާނެ އެކުއްޖާއަށް ކެތްނުވެއްޖެއްޔާ ؟ ޝީ ލަވްސް ޔޫ އެލޮޓް ދޯ. އެހެންވީމަ ހެނާއަށްވެސް އުފަލުގައި އުޅެވުނަދީބަލަ ބޭބީ. އަހަރެމެންގެ ފެމިލީ ތެރޭގައި ހިނގާ ގިނަކަންތައްތައް އަދިވެސް ނަގައިނުގަނެވެއެއްނު. ގިނަކަންތައް ތައް އަދި ލޮލަށް ފެންނަގޮތަކަށް ނޫން އޮންނަނީ. ސަބަބަކީ ޖިންނިންގެ ދުނިޔޭގައި ލޮލަށް ފެންނަ ކޮންމެ މަންޒަރެއް ހަގީގަތަކަށް ނުވާނެތީ. މިބުނާ އެއްޗެއް އަދި އެމީއަށް ނުވިސްނި ހިގައިދާނެ. ސަބަބަކީ އިންސާނާގެ ސިކުނޑި މަސައްކަތްކުރާލެއް ހަނިވީމަ. މިސާލަކަށް ގިނަމީހުން ގަބޫލެއްވެސް ނުކުރޭ ދޯ ޖިންނިން އުޅޭކަމަށާއި ޖިންނިންނަށް އިންސާނާގެ ލެޔާއިއެކުވެ އެމީހުންގެ ހަށިތަކުގައި އުޅުމުގެ ކުޅަދާނަކަން ލިބިގެންވާކަމަށް. ލޮލަށް ނުފެންނަ އެއްޗެހި އުޅޭކަމަށް ގަބޫލުނުކުރާ ބަޔަކަށް އަދި އެއަށްވުރެ ކޮމްޕްލިކޭޓެޑް ކަންތައް ވިސްނައިގަންނަން އުދަގޫވާނެ. ވިލްބީ ބެކް............." ލޫސިއާން އެބައަންނަމޭ ކިޔާފައި ނުކުތެވެ. ލޫސިއާންގެ ވާހަކަ ހުރިގޮތުން އަމީރާއަށް އޮޅިއްޖެއެވެ. ހަގީގަތުގައިވެސް އޭނަގެ ސިކުނޑީގައި ދުރަށް ވިސްނާނެ ބާރު ހުސްވެފައިވާ ކަހަލައެވެ. އަމީރާ ޚިޔާލެއްގައި އިންދެފައި ޓީވީ ހުޅުވާލައިފިއެވެ. އިރުކޮޅެއްފަހުން ލޫސިއާން އެނބުރިއައިއިރު އަމީރާ ޓީވީއަށް ގެއްލިފައި އިންތަން ފެނުމުން އަމީރާގެ ބޮލުގައި ފިރުމައިލިއެވެ. ދުރުގައި ފޯނެއްގައި ހުރިއިރުވެސް އެ ދެލޯ ހުއްޓިފައިވަނީ އަމީރާއަށެވެ. އެލޮލުން ފެނުނީ ލޯތްބެވެ. ފޯނު ނިންމާލާފައި އެނދުމައްޗަށް އެއްލާލުމުން އަމީރާއަށް ބަލައިލެވުނެވެ.
"ބޭބީ ކަމަކާއި ހިތްހަމަނުޖެހިފައި ދޯ. ތިހެން ނީދެބަލަ. ހިތުގައިވާ އެއްޗެއް ބުނީމަ އެނގޭނީވެސް. ބޭނުމެއްނޫންތަ ބުނާކަށް؟ ޝެއަރކުރަން؟ " ލޫސިއާން އަމީރާގެ ކައިރީގައި އިށީދެފައި ގަޔާއި ކައިރިކޮށްލުމުން ދުރުވާހިތެއްނުވިއެވެ. ލޫސިއާންގެ ހަށިގަނޑުގެ ހޫނުކަމުން ހީފިލިއެވެ. އެބާރުގަދަ އަތުގެ ހިމާޔަތުގައި ހުންނަން ހިތް ނޭދޭންވީ ސަބަބެއްނެތެވެ. ދެރައީ ލޫސިއާން އޭނައާއި ދޭތެރޭގައި ކަންތައްކުރާ ނިކަމެތިގޮތުންނެވެ.
"ހުރިހާކަމެއް ފޮރުވާތީ. އެންމެ ކުޑަވެގެން ލިބުނު ޖިންނި ކުއްޖާގެ ހަގީގަތްވެސް ބުނާކަށް ލެން ބޭނުމެއްނުވި. އެކުއްޖާ ބަލިކަމަށް ބުނެ ދޮގުހެދީ ކީއްވެކަމެއްވެސް ނޭގުނު....." އަމީރާ ހިތްހަމަނުޖެހިފައިވާ ރާގެއްގައި ބުނެލިއެވެ. އަމީރާގެ އެވާހަކައަށް ރައްދުދޭން ލޫސިއާން އުޅެނިކޮށް އަމީރާއަށް ހަޅޭއްލަވައިގަނެވުނީ ސީލިން ފަޅާލާފައި ކަހަލަގޮތަށް ތިރިއަށް ވެއްޓިގެން އައި ކުޑަ މަޚުލޫގުފެނިފައެވެ. ގަތްބިރުން އަނބުރައިގަންނަގޮތްވިއެވެ. ލޫސިއާންގެ ގައިގާ ހިފައިގަތްތަނާ އަދި އެކުޑަ އެތިވެސް އައިސް ލޫސިއާންގެ އުނގަށް އަރައިފިއެވެ. އަމީރާ ބިރުވެރިކަމާއި ފަކުރުން ފުރިފައިވި ނަޒަރަކުން ބަލާލާފައި ދުރަށް ޖެހިގަތީ އެކުއްޖާއާއި ގާތްވާންވެސް ހިތް ނޭދޭތީއެވެ. ލޫސިއާން އެކުއްޖާ ގެނެސް މޭގައި ޖައްސާބާރުކޮށްލަމުން އެދެލިކޮޅެއްފަދަ މޫނުގައި ބޮސްދެމުން ފިރުމަމުން ދިޔަތަން ބަލަން އަމީތާ އާގަމަވެފައި ހުއްޓެވެ. އެ ކުއްޖާގެ ކޮލާއި ލޮލާއި ތުންފަތުގައިވެސް ބޮސްދިނެވެ. އިސްތަށިގަނޑުގައިވެސްމެއެވެ. ބައްޕައަކާއި ދަރިއެއްގެ ކުލުނު ދައްކުވާދިން ހިތްގައިމު ވަގުތުކޮޅެކެވެ. ނަމަވެސް އަމީރާ ހުރީ އެލޯބި ނަގައިގަންނަން އުދަގޫވެފައެވެ.
"އެމީ ތިއުޅޭ ފާޑުން ހައިރާންވެއްޖެ. އަހަރެމެންގެ ދަރިފުޅުގެ ސިފަ ހުތުރުވިއޭ ކިޔާފައި ލޯބިން މަހުރޫމް ކުރަންޖެހޭތަ؟ އެމީގެ ބަނޑުން ވިހާފައި ހުރި ދަރިއެއް މިވެސް. ކީއްވެ އެއްވެސް ފީލިންގްސްއެއްވެސް ނެތީ؟ ހީޒް އަވަރ ސަން. މަންމަގެ ލޯބިވެސް ބޭނުންވާނެ. އެހެންނޫނީ ކިހާދެރަވާނެ. މިބޭބީގެ ނަންވެސް އެނގެން ބޭނުމެއްނޫންތަ؟ މިއީ ޖާދިން.......އަހަރެމެންގެ ޖާން...ދޯ ޑެޑީގެ ސްވީޓްހާޓް.............." ލޫސިއާން ދަރިފުޅުގެ ބުރަކަށީގައި ފިރުމަމުން އަމީރާއާއި ވާހަކަދެއްކިއިރު އަމީރާގެ ހިތަށްވެސް އެވަގުތު އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. ލޫސިއާންގެ އެ ލޯބި ފެނުމުން ވަގުތުން ހިތް ބަދަލުވާން އުޅުނެވެ. ތެދެކެވެ. އެއީ އޭނައާއި ލޫސިއާންގެ ލޯބީގެ ނިޝާނެވެ. ކިތަންމެ ނުބައި ސިފައެއްގައި އޮތަސް ޖިންނިއަކަށްވިޔަސް އެދެމަފިރިންގެ ދަރިފުޅެވެ. އިންސާނަކަށް ނުވީތީ ނޫނީ ލޫސިއާންގެ ސިފައިގާ ނެތުމަކީ އެކުއްޖާގެ ކުށެއް ނޫނެވެ. އަމީރާގެ ހިތް ބަދަލުވާން އުޅުނަސް އެހާ ފަސޭހައިން އެކަން އަންގާކަށް ނޫޅުނީ އެވަގުތު ކުޑަކުއްޖާ ބަލާލާފައި ނުލަފާ ފާޑަކަށް ހޭންފެށުމުންނެވެ. ހީވީ އަމީރާގެ ސިކުނޑީގައިވާ އެއްޗެއް ފަހުމްވީހެންނެވެ. އޭނަ އަވަހަށް ކޮޓަރިން ބޭރަށް ނުކުތެވެ. ރަތްއަލިން ފެންވެރިފައިވާ އެގޭގެ ކޮންމެތާކުން ފެންނަ ހިޔަނިތަކާއި ސޫރަތައްވެސް މިރޭ އަމީރާގެ ހިތް އިތުރަށް ސިއްސުވާލިއެވެ.
އަމީރާ ގަސްތުކުރީ މާމައާއި ވާހަކަދައްކާލަން އެކޮޓަރިއަށް ގޮސްލާށެވެ. މާމަގެ އެދުގައި އިށީދެ ދުފާލަން އިންއިރު މާމަ ކުރީގެ ވާހަކަތައް ކިޔާދިނެވެ. މާޒީ ހިއްސާކުރިއެވެ. މާމަގެ މާޒީވެސް ހާދަ ޝައުގުވެރިއެވެ. އެގޭގައި ގެންގުޅުނު އާރިސްއަށް ވީގޮތް ކިޔައިދިނުމުން އަމީރާއަށް އަސަރުކުރިއެވެ. ވީއިރު އަދިވެސް އާރިސް އޮންނާނީ ފުޅިއަކަށް ލާފައި ކަނޑުގައި ހެއްޔެވެ؟ ފަހަރެއްގައި ކޮންމެވެސް ދުވަހަކު އެފުޅި އެއްގަމަށް ލައްގައިގެން އަންހެންކުއްޖަކު އާރިސް ފުޅިން ނެރެފިއްޔާ އާލޯބީގެ ވާހަކައެއް އުފަންވާނެއެވެ. މާމަ ނާޒިމްގެ ވާހަކަތައްވެސް ކިޔައިދިނެވެ. މާމަ ބުނިގޮތުން ރަފައެލްގެ ބައްޕަ ނާޒިމްއަކީ ވަރަށް މާތް އިންސާނެކެވެ. ނަމަވެސް ނަބީލާގެ ހަޔާތަށް ޖިންނި ބައިވެރިޔަކު އަންނަން ހުރިކަމުން އެކަންތައް އެއްވެސް މީހަކަށް ބަދަލުނުކުރެވުނީއެވެ. ސަބަބަކީ ނަބީލާގެ ބައްޕަ ސިހުރުވެރިޔަކަށް ވީކަމެވެ. އަމީރާ އެތާ އިންދާ ރަފައެލްވެސް މާމަގެ ހާލުދެކެން އެކޮޓަރިއަށް އައެވެ. އަމީރާއާއި ދެމީހުންގެ ހަތަރުކަޅި ބައްދަލުވީ ވަގުތު އަމީރާގެ ހިތަށް ނުބައިގޮތެއްވިއެވެ. ލަދެއްވެސް ނުގަންނަ މީހެކެވެ. އަދި އަމީރާއަށް ހާދަ ރީތިކޮށް ހީލައިފިއެވެ. މާތްގޮތެއް ހުއްޓެވެ. ވަގުތުން ތެދުވެ ރަފައެލްގެ މޫނުމަތީގައި ޖެހުނު އެންމެ ބާރަކަށް ޖެހުމަށް ހިތް އެދުނެވެ. ނަމަވެސް މާމަގެ ނާޒުކް ހިތަށް ދަތިވެދާނެއެވެ. އެހެންވެ ތުންފަތުގައި ދަތްއަޅާލަމުން އިސްޖަހައިލީއެވެ.
"މާމަގެ ބީޕީ ޗެކްކޮށްލަން މިއައީ. އިރުކޮޅަކުން މެއިޑް އަންނާނެ ކިރުތަށި ހިފައިގެން..ވަރަށް އުފާވެއްޖެ މިރޭ. ސަބަބަކީ........" ރަފައެލް އަލަމާރި ހުޅުވާލާފައި މާމައަށް ޚާއްސަކޮށްފައިވާ ބީޕީ އެޕެރޭޓާސްނެގިއެވެ. ރަގަޅު މާމަދަރިއެކެވެ. އަދި ޑޮކްޓަރަކަށްވިކަމީ މާމަގެ ނަސީބެވެ. އެވަގުތުވެސް އޮޅިގެންނަމަވެސް ރަފައެލްއަށް އަމީރާއާއި ހަތަރުކަޅިހަމަކޮށްލެވުނެވެ.
"އިޑިއަޓް. ލަދެއް ހަޔާތެއްވެސް ނެތް މީހާގަނޑެއް......." އަމީރާ ހިތާހިތުން އަނދައިގަތެވެ. ރަފައެލް ނުސީދާކޮށް ނަމަވެސް އެބުނީ އޭނަ ހަވީރު ހިންގި ނުބައި އަމަލުގެ ސަބަބުން އުފާވި ވާހަކަހެއްޔެވެ؟ އަމީރާ ވަގުތުން އެނދުން ތެދުވުގެން ދާން ހިނގައިގަންނަމުން މާމައަށް ހިނިތުންވެލީވެސް ގަދަކަމުންނެވެ.
"ގުޑްނައިޓް މާމާ....." އަމީރާ ބާރުބާރަށް ހިނގާފައިގޮސް ދޮރުޖެހިލެއް ބާރުކަމުން ރަފައެލްވެސް ހައިރާންވެފައި ކަހަލަގޮތަކަށް ބަލައިލިއެވެ. އަމީރާ ބޭރަށް ނުކުމެފާ ރަފައެލްއާއި ދޭތެރޭގައި އެހާ އިހުތިރާމް ކުޑަވާފަދަ ގޮތަކަށް ކަންތައް ކުރެވުނީތީ އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. ނަމަވެސް ހަވީރުގެ ހާދިސާ ލޮލުގެ ކުރިމަތީގައި ނިއުޅެން ފެށުމުން އޭނަ ކަންތައްކުރީ ރަގަޅަށްކަމަށް ނިންމިއެވެ. އެވަރުމީހަކާއި ބަލާއިރު އަދި ހައްގު އަދަބަކާއި ކައިރިއަކަށްވެސް ކަމެއްކުރެވުނީއެއް ނޫނެވެ. ނަމަވެސް ބައެއްފަހަރު ރަފައެލްގެ ކުރިމައްޗަށް އެރުމުން އެހުންނަ މާތްކަމާއި ޝަޚުސިއްޔަތުގެ ވަރުގަދަކަމުން އިހުތިރާމްކުރަން މަޖުބޫރުވާފަދަ ގޮތެއްވެސް ހުރެއެވެ.
ލޫސިއާންގެ ކޮޓަރިއާއި އަރާ ހަމަވާއިރަށް ކުއްލިއަކަށް ދޮރުހުޅުވުނެވެ. ނުފެންނަ ގާޑަކު އެތާގައިވެސް ހުންނަނީނޫން ކަމެއްވެސް ނޭގެއެވެ. ކޮޓެޖުން ފެންނަ އެފަދަ ކަންތައްތަކުން ކުޑަކޮށް ފޮނިވެވުނު ޒަމާނެއްވެސް އައެވެ. މިހާރު އަނެއްކާ ހިތުގައި ބިރުވެރިކަން އަށަގަންނަން ފަށައިފިއެވެ. ކޮޓަރިއަށްވަންއިރު ލޫސިއާން ހުރީ އަދިވެސް ދަރިފުޅު އުރާލައިގެންނެވެ. ކޮނޑުމަތީގައި ކުއްޖާ ބާއްވާލައިގެން ހުރިއިރު ބޮކީގެ އަލި އަދިވެސް ބޮޑަށް ފަނޑުކޮށްލާފައި އޮތުމުން ލޯ ހޭނެން އިރުކޮޅެއްނެގިއެވެ. ރަގަޅަށް ވިސްނައިލެވުނުއިރު ކޮނޑުމަތީގައި އޮތް ކުއްޖާގެ ވަރުގަދަ ފަންއިސްތަށިގަނޑު ދިގުކަމާއިއެކު އެކުއްޖާ އޮތީ ރަތް ޓީޝާޓެއްލައްވާފައެވެ.
"އެމީ. ބޭބީ ނަގާބަލަ....." ލޫސިއާން ކައިރިއަށް ޖެހިލިއެވެ. ޔަގީނެވެ. މިހާރު އެބިރުވެރި ސޫރައިގެ ކުޑަކުއްޖާގެ ސިފައެއޮތީ ކޮންމެވެސް ގޮތަކަށް ބަދަލުކޮށްފައެވެ. ލޫސިއާންމެން އެކަމަށް ކުޅަދާނަވާނެއެވެ. ލޫސިއާން އެކުއްޖާ ގަޔާއި ވަކިކޮށްލިތަނުން ކުއްލިއަކަށް އަމީރާ އެކުއްޖާ ކޮށްޕާލީ ދެއަތުގައި ހުރި ހުރިހާ ބާރެއްލާފައެވެ.
"އަހަރެން ބޭނުމެއްނޫން. ތިކުއްޖާ މިތަނުންގެންދޭ..." އަމީރާ ހަޅޭއްލަވައިގަތެވެ. ލޫސިއާންގެ ހުޝިޔާރުކަމުން ނޫންނަމަ އެކުޑަކުއްޖާ ބިންމަތީގައިޖެހުނީހެވެ. ލޫސިއާން ގުދުވިގޮތަށް އެދަރިފުޅު އަތްމައްޗަށް ނެގިއިރު މޫނަށް ބަލާލާފައި އަމީރާއަށްވެސް ކުޑަ ސިހުމެއްލިބުނެވެ. މޫނުމަތި މައުސޫމްކަމުން ފުރިފައިވާ ރީތި ފިރިހެންކުއްޖެކެވެ. އަމީރާހެދިގޮތުންކަމަށްވެސް ވެދާނެއެވެ. ކުއްލިއަކަށް އެކުއްޖާ ތުންފިތާފައި ރޯންފެށުމުން ލޫސިއާން ދަރިފުޅު މޭގައި ޖައްސައިލީ ނިކަން ލޯބިންނެވެ.
"ލެން. ތީ ކާކުގެ ކުއްޖެއްތަ؟ "އަމީރާއަށް އަހާލެވުނެވެ.
"އެމީގެ ދަރިފުޅު...." ލޫސިއާން ހުރީ ނިކަން ހަމަޖެހިލާފައެވެ.
"އާން މިއީ އަހަރެމެންގެ ދަރިފުޅު ޖުއާން. ބުނީމެއްނު ބޭބީ ބަލިވާހަކަ. އެހެންވެ ކާފަ ކައިރީ އޮވެފައި ބޭބީ މިއައީ. އެކަމަކު މަންމި ކިހާގޯސް. ކިރިޔާއެއްނު މި ފުށްގަނޑު މަރައިނުލީ...." ލޫސިއާންގެ ތުންފަތަށް ވެރިވީ ލާނެތްކަމުން ފުރިފައިވާ ހިނިތުންވުމެކެވެ. ލޫސިއާންގެ މޫނުމަތިންވެސް އެ "ނުލަފާ" ކަން ކެނޑި ވަރަށް މަޑުވިއެވެ. ހީލާއިރު އެހެން މީހަކަށް މުޅިން ސިފަތައްވެސް ބަދަލުވާހާ ހިތްގައިމެވެ. ކަޅި އަޅާލައިގެން ބުމަ ގޮށްޖަހާލައިގެން ހުންނަ ލޫސިއާން މުޅިންހެން ބަދަލުވަނީ އެކަނި އެހިނިތުންވުމުންނެވެ.
"ވަރަށް ކޮންފިއުސްވެފައިދޯ ބޭބީ ތިހިރީ. އޯކޭ މިހާރު ހަގީގަތް ބުނުމުގެ ވަގުތު މިޖެހުނީ. ކެން ޔޫ ފީޑް ހިމް. ހާދަވަރަކަށޭ މިރޮނީ....." ލޫސިއާން ދެރަވިއެވެ.
"ނޯ......." އަމީރާއަށް ބުނެވުނެވެ.
"ޑޭމިޓް އެމީ. ވަޓްސް ރޯންގް ވިދް ޔޫ. ޖިންނި ކުއްޖެއްގެ ސިފައިގަ ނެތަސް އެމީ ގަބޫލުނުކުރާނީތަ؟ އަހަރެމެންގެ ދަރިންނާއިމެދު އެމީ ތިގެންގުޅޭ އުސޫލް އަހަންނަށްވެސް ވިސްނޭ ގޮތެއްނެތް. މިދަރިފުޅު މިއޮތީ އިންސާނެއްގެ ސިފައިގާ. އެމީގެ ދަރިފުޅޭ ކިޔާފައި އެހެންމީހެއްގެ ދަރިއެއް ގެނެސް އަހަރެން ދައްކަންވީ ސަބަބެއްނެތް. އެމީ ޕްލީޒް ތި ބޮޑާހޭކުން ހުއްޓާލާފައި ބުނާގޮތަށް ހަދާ. އެހާވަރަށް ރޮއްވާލާފައި އަދި ދެކެން ހުންނައިރު މަންމައެއްގެ ހިތަށް ކުޅަދާނަވާތީވެސް ހައިރާންވެއްޖެ. ތީ ކޮންކަހަލަ މަންމައެއްތަ...." ލޫސިއާން ލޯ ހަނިކޮށްލާފައި ވާހަކަދައްކަން ފެށުމުން އަމީރާގެ ހިތަށް އަސަރުކުރިއެވެ. ނަމަވެސް ލޫސިއާން އަދިވެސް ހަގީގަތް ފާޅެއްނުކުރެއެވެ. މިކުއްޖާ ހާދަ ތަފާތެވެ. އިންސާނީ ތުއްތުކުއްޖެއްގެ ސިފަތަކެވެ. ތަފާތުވަނީ އެކަނި ވަރުގަދަ އިސްތަށިގަނޑެވެ. އެހާ ތުއްތުކުއްޖެއްގެ އެއޮތް ދިގު އިސްތަށިގަނޑުގެ ރީތިކަމުން އެސްފީނާއެޅޭ ވަރުވިއެވެ. އެކަމަކު އަމީރާގެ ދަރިފުޅަކީ ލޫސިއާންފަދައިން ދެސިފައެއްގެ ވެރިއަކީހެއްޔެވެ؟ އޭނަގެ ދެލޮލަށް ކަރުނަ ޖަމާވާންފެށިއެވެ.
"ބޭބީ ނުރޮއި......." ދެވަނަ ސިކުންތުކޮޅުގައި ލޫސިއާން އަމީރާ ގެނެސް މޭގައި ޖައްސާ ބާރުކޮށްލީ އެއްއަތުން ދަރިފުޅުގެ ގައިގާ ހިފަހައްޓާލައިގެން ހުރެއެވެ. އޭރުވެސް އެކުއްޖާގެ ރުއިމުގެ އަޑު މުޅިހިސާބުގައި ހިފާލާފައިވާތީ ނަބީލާއާއި މިހުރީޒްވެސް އެތަނަށް އައިސް ސުވާލުކުރިއެވެ. ލޫސިއާން ބުނީ އާ ތަނަކަށްވުމުން އަދި ނުހޭނެނީ ކަމުގައެވެ. މިހުރީޒްމެން އެކުއްޖާ މަސަލަސްކުރަން އުޅެގަތެވެ. އިރުކޮޅަކުން ހުއްޓާލުމުން ދީފައި އެމީހުން ނުކުތެވެ. ލޫސިއާންގެ ދަރިފުޅު އިނގިލި ބޯން ފެށުމުން ލޯބިކަމުން އަމީރާއަށް ބަލަން އިނދެވުނެވެ. ކުޝަން މޭގައި ޖައްސާ ބާރުކޮށްލައިގެން އިންއިރު އެތައް ޚިޔާލުތައް އުދަގޫކުރަމުންދިޔައެވެ. އެދަރިފުޅު އޭނަ އިމްތިހާނުކުރީހެއްޔެވެ؟ ސިފަ ބަދަލުކުރުމުގެ ކުޅަދާނަކަން ލިބިފައިވާތީ އެކުއްޖާ ހުތުރު ސިފައެއްގައި އައިސް އޭނައަށް ގޯނާކުރީހެއްޔެވެ؟ މިއީ އެކުއްޖާގެ އަސްލު ސޫރަބާވައެވެ. މިވަގުތު ލޯބިންގޮސް އުރާލާފައި ގާތުން ދީފިއްޔާ އެއީ އިންސާފެއްވެސް ނޫނެވެ. ނޫނީ ލޫސިއާން ގަސްތުގައި ކުރިކަމެއްބާވައެވެ. ލޫސިއާން ހާދަ ގޯހެވެ.
ލޫސިއާން ދެތިންފަހަރު ބުނުމުން އެންމެފަހުން އަމީރާ ޕަމްޕްކޮށްފައި ބުއްފުޅި ދިއްކޮށްލުމުން އެކުއްޖާއަށް ފުޅިދޭންފެށުމާއިއެކު މަޑުމަޑުންގޮސް އެކުއްޖާއަށް ނިދިއްޖެއެވެ. ތަންމަތީގައި ބާއްވާފައި ރީތިކޮށް ރަޖާއަޅާދިނުމަށްފަހު އޭސީވެސް މަޑުކޮށްލީ ދަރިފުޅަށްޓަކާ ބާވައޭ އަމީރާގެ ހިތަށްއެރިއެވެ.
"އެމީ. އަހަރެން އެމީ ޓެސްޓްކުރަން ކުރިކަމެއްނޫން..އައިމް ސޮރީ ބޭބީ. އަހަރެން ހުރީ ބޭބީ އޯކޭވަންދެން އެމީ ކައިރި ހަގީގަތް ނުބުނަންވެގެން....." ލޫސިއާން އަމީރާ ގެނެސް އުނގުގައި ބޭންދިއެވެ.
"ޕްލީޒް އިތުރަށް ނުތަޅުވާ ވެގެން އުޅޭގޮތް ކިޔާދީބަލަ. ނޫނީ ބޯ ހަލާކުވެދާނެ......." އަމީރާ ވަރުބަލިގޮތަކަށް ލޫސިއާންގެ ތަނަވަސް މޭމައްޗަށް ހަށިގަނޑުގެ ހުރިހާ ބާރެއް ދޫކޮށްލިއެވެ. ލޫސިއާންގެ ވާހަކަތައް އަޑުއަހަން އިންއިރު އަމީރާއަށް ކޮށްފައިވާ ފުންއަސަރުތަކާއި ލިބުނު ޝޮކްގެ އޭނަގެ ދެލޮލުން ފާޅުވާންހުއްޓެވެ. ލޫސިއާން ހާމަކުރިގޮތުން އަމީރާ ވިހެއީ ދެފިރިހެންކުދިންނެވެ. ބަނޑުގައި އޮތްއިރުވެސް ޖާދިން ވަރުގަދަވެފައި ޖިންނި އެތައް ސިފަތަކެއް ހުރުމުން ކޮއްކޮ ޖުއާންއަށް އުދަގޫކޮށް ގޯނާކުރަންފެށިއެވެ. ތަޅާފޮޅާ އެކުއްޖާ މަރުވާވަރުކުރިއެވެ. އުފަންވިއިރު މަރުނުވެ ކިރިޔާ އޮތްކަމެވެ. ނޭވާވެސްނުލައެވެ. އެތައްވަރަކަށް ބޭސްކޮށްގެން އެތައް މަސައްކަތުން ކުއްޖާގެ ފުރާނަ ސަލާމަތްކުރެވުނީ ހަމަކިރިޔާއެވެ. އެކުއްޖާގެ ބާރުތައް އަދި މުޅިން ނުލިބެނީއެވެ. ނަމަވެސް ޖާދިންއަށް ހެއްދެވިފަރާތުން ދެއްވާފައިވަނީ އާދަޔާ ޚިލާފުބާރެކެވެ. އެހާ ކުޑައިރުވެސް އެކުއްޖާއަށް ސިފަބަދަލުކުރުމުގެ ކުޅަދާނަކަން ލިބިފައި އެހާ ހަލުތްވެވެ. އެހާ ބާރުގަދައެވެ. ވަރުގަދަ ޖިންނިންވެސް އޭނަދެކެ ޖެހިލުންވާގޮތްވެއެވެ. ކާފަމެން ބުނާގޮތުން ޖާދިން ޒުވާންވާއިރަށް ޖިންނީން ބާރުގަދަ ރަސްކަލަކަށްވާނެއެވެ. އެއްމާބަނޑު ދެބެން ތަފާތުކަމާއިއެކު މިހާރުއްސުރެ އެއޮތް ދުޝްމަންކަމުން އަދި ބޮޑުވެގެން ދެބެން ހަދާނެގޮތެއްވެސް އެނގެނީއެއް ނޫނެވެ. ޖާދިންގެ ފަރާތުން ޖުއާން ސަލާމަތްކުރަންވެގެން އެކުއްޖާ ކާފަމެން ގެންގޮސް ރައްކާތެރިކޮށްގެން ގެންގުޅުނީއެވެ. ބާރުގަދަވެފައި ހުނަރުތައް ދެއްވާފައިވިޔަސް ޖާދިންގެ ސިކުނޑި ޅައެވެ. އަދި ހެޔޮނުބައިވަކިކުރާކަށް ނޭގެއެވެ. ކޮއްކޮ މަރާލާކަށް އެކުއްޖާ ފަހެއްނުޖެހޭނެއެވެ. އަމިއްލަ އާއިލާ މަރާލަންވެސް ޖާދިންއަށް މާބޮޑުކަމަކަށް ނުވާނެއެވެ. ނަމަވެސް ލޫސިއާންއަށް ޔަގީންވީ ޖާދިން އަމީރާއަށް ކިތަންމެ އުދަގޫކުރިޔަސް އަމީރާދެކެ ލޯބިވާކަމެވެ. މަންމައަށް އެކުއްޖާވެސް ބޭނުންވާކަމެވެ. ކިރުބުއިމުން އެގުޅުން ހައްތަހާ ވަރުގަދަވާނެއެވެ. ދުރުމީހަކު ކިރުމަޔަކަށްވިޔަސް ގުޅުން އޮންނަނީ އެހެންވީމައެވެ.
އަމީރާއޮތީ އެވާހަކަތައްއަހަން އަޖައިބުވެފައެވެ.
"އެމީ. ހަގީގަތަކީ ޖާދިންއާއި ޖުއާން އެއްވެސް ތަފާތެއްނެތްކަން. އައިޑެންޓިކަލް ޓްވިންސްއިން. އަދި ޖުއާންއަކަށް އޭނަގެ ބާރު ބޭނުންކުރާކަށް ނޭގޭ، އެކަމަކު އޭނަވެސް އަދި ޖާދިން އުދަގޫކުރަންޏާ އަމިއްލަ ނަފުސް ސަލާމަތްކުރަން އެނގޭނެ. މިހާރު އަހަރެމެން ޖުއާން ރަގަޅަށް ބަލަން ޖެހެނީ. އަމިއްލަ ބޭބެގެ ފަރާތުން ލިބިދާނެ ނުރައްކަލަކުން ޕްރޮޓެކްޓްކޮށްދޭން ޖެހެނީ........" ލޫސިއާން އަމީރާއަށް ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު އަމީރާއަށް ރަގަޅަށްވެސް ރޮވިއްޖެއެވެ.
"އެމީ. އަހަންނަށް ކަމެއް ކޮށްދީފާނަންތަ؟ ޖާދިންއަށް އޭނަ ތަފާތުކުރާކަން އެނގިއްޖެއްޔާ އަދި ވަކިން ބޮޑަށް ޖުއާންއަށް އަނިޔާކުރާނެ. ވީމަ ދެކުދިންނަށް އެއްވަރަކަށް ލޯތްބާއި އަޅާލުން ދީ. ބޭބީ......." ލޫސިއާން އަމީރާގެ ކޯތާފަތްމަތިން ދެމެމުން ދިޔަ ކަރުނަތައް ފޮހެލަދިނީ ނިކަން ލޯބިންނެވެ.
"ކުރިން ނުބުނީ ކީއްވެތަ ލެން..." އަމީރާ ޝަކުވާކުރިއެވެ.
"މިބުނީނު. ކުރިން ބޭބީ އެހާ ބަލިކަން އެނގުނީމަ އެމީ ކިހާ ދެރަވާނެ. ޖުއާން ކިރިޔާ މިދުނިޔެއަށް އަލުން އައިކަން....." ލޫސިއާންގެ ޖުމްލައިން އަމީރާ ކަރުނައިގެ ތެރެއިންވެސް ހީލައިފިއެވެ. އެއީ ކިހާވަރެއްގެ ހަގީގަތެއްކަން އޭނައަށް ގަބޫލުކުރެވިއްޖެއެވެ. ދެރައީ އެންމެ ކަމަކާއިއެވެ. އޭނައަށް ލިބުނު ދެކުދިންނަކީވެސް ޖިންނި ސިފަތައް ހުރިކުދިންނަށް ވީތީއެވެ. ޖުއާންއަށް ވެސް އަދި ބާރު ނުލިބެނީއެވެ. ތަންކޮޅެއް ބޮޑުވުމުން އެކުއްޖާވެސް ވާނީ ހަމަ ލޫސިއާންފަދަ ޒުވާނަކަށެވެ. ކޮންމެގޮތެއްވިޔަސް އެއީ އޭނަގެވެސް ދަރިންނެވެ. ބަނޑުއަޅާ ވިހޭ މަންމަގެ ހިތުގައި ކޮންމެވެސް ކަހަލަ ކުލުނަކާއި ލޯތްބެއް އެކުދިންނަށްވެސް އޮންނާނެއެވެ. ޖާދިން ސިފަބަދަލުކޮށްލައިގެން ބިރުދައްކަމުން އުޅުނެއްކަމަކު އަމީރާގެ ހިތުގައި އެކުއްޖާއަށްޓަކާ ވެސް ކޮންމެވެސް ކަހަލައިހުސާސްތަކެއް އުފެދެން ފެށިއެވެ. ދެކުދިން ތަފާތުނުކުރަން އޭނަގެ ލޯބިވާ ފިރިމީހާ ބުނެފައިވާއިރު އޭނަ އެކަން ކުރަން ބޭނުންވިއެވެ. ޖާދިންވެސް އަދި ޅައީއެވެ. މޮޔައީއެވެ. އެއުމުރުގެ ކުދިންނަށް އެފަދަ ބާރުތަކާއި ކުޅަދާނަކަން ލިބުމުން ވާނީވެސް އެކަހަލަ ގޮތެކެވެ. ވިސްނޭވަރެއް އަދި ނުވަނީއެވެ.
ވާރޭ ބޯކަމުން ފުރާޅުތަކުގައި އެތައް ހާސް ކުދި ވެލިތަކަކުން ތެޅުމުން އިވޭފަދަ އަޑުފަށްގަނޑެއް ފަޒާގައި އެއްއަޑަކަށް ހަރުލާފައިވިއެވެ. ދޭތެރެއަކުން ވިދާލާ ވިދުވަރާއިއެކު ދޮރުގެ ބޯފޮތިތައް ފުރާނާލާފައި ކޮޓަރިތެރެއަށް އަލިފޭދިގެން ދެއެވެ. އެހިތްގައިމު ރޭގައި ލޫސިއާންއާއި އަމީރާ ކައުޗްގައި ރަޖާގަނޑުދަށުގައި ހީފިލުވަންތިބިއިރު ރަފައެލް އޮތީ ނުނިދިފައެވެ. އޭނަގެ ޚިޔާލުގައި އަމީރާނޫން އެހެން އެއްވެސް އެއްޗެއްނުވެއެވެ. ކޮއްކޮގެ އަންހެނުންނާއިމެދު އެފަދަ ނަޒަރަކުން ދެކެވޭތީ އޭނަ ކިތަންމެ ވަރަކަށް ނަފުސަށް ލައުނަތް ދިނަސް ޚިޔާލުގައި ވަނީ މުޅިން އެހެން ކަހަލަ އެއްޗެއްސެވެ. މިރޭވެސް އަމީރާ ލޫސިއާންގެ ދާން ފަޅުފިލުވައިދޭނެކަން އެނގޭތީ އެހިތަށްވަނީ ފުން އަސަރުތަކެއްކޮށްފައެވެ. އެލޯބީގެ ސަބަބުން އޭނަގެ ހުރިހާ އުފާތަކެއްވަނީ އަޅިޔަށްވެފައެވެ. އެހެން އަންހެންކުދިންނަށް ނޫނެކޭ ބުނަނީ އަމީރާގެ ސަބަބުންނެވެ. އެކަމަކު އޭނަގެ ހިތުގައިވާ ލޯތްބަށް އަމީރާ ގަދަރެއްނުކުރެއެވެ. އޭނަދެކެ އަމީރާ ނަފްރަތުކުރާހެންވެސް ހީވާން ފަށައިފިއެވެ.
ފަތިސް ނަމާދަށް ބަންގިދިންއިރު ވާރޭ އެއްކޮށް ތުނިކޮށްލައިފިއެވެ. ފަޒާ އޮތީ ފިނިވެލާފައެވެ. ރަފައެލް އެހާ ވިއްސާރައިރުވެސް ގަސްތުކުރީ ނަމާދަށް މިސްކިތަށް ދިޔުމަށެވެ. ހިތަށް އެންމެ ބޮޑު ފިނިކަމެއްލިބެނީ ނަމާދުކޮށް ހެއްދެވި ފަރާތަށް ކުއްތަންވުމުންނެވެ. އެނޫންގޮތަކަށް އޭނަގެ ހަލަބޮލިވެފައިވާ ހިތަކަށް އަރާމެއް ނުލިބޭނެއެވެ. ނަމާދުކޮށްގެން ގެއަށް އައި މަގުމަތީގައި މޫދަށް އެރިލީ ހުކުރުދުވަސްކަމަށް ވެފައި ޑިއުޓީ ނެތް ހަނދާންވެފައެވެ. ވަރަށް ގިނައިރުވާންދެން ފަތާލާފައި އެއްގަމަށް އަރައިގެން އައިއިރު ފެންޑާގައި ލޫސިއާންއާއި އަމީރާ ކޮފީ ބޯންތިބި މަންޒަރު ފެނިފާ ރަފައެލްގެ ހިތަށް އުދަގޫތަކެއްވިއެވެ. ދެމަފިރިން ހެމޮކްގައި ތިބިއިރު ކައިރީގައި ހުރި ކުޑަމޭޒުމަތީގައި ދުންއަރަ އަރާ ހުރި ދެކޮފީއެވެ. އެދެމީހުންވެސް ތިބީ އެކަކު އަނެކަކާއި ސަމާސާކުރަން ދެލޯބިވެރިން ފަދައިންނެވެ.
"މޯނިން ރަފޭލް...." ލޫސިއާން ރަފައެލްއަށް ބަލައިލަމުން ހީލިއެވެ. އަމީރާ ރަފައެލްއާއި ދިމާލަށް ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ. ދެލޯ އަޅާލާފައެވެ. ރަފައެލް އޭނަގެ ގާތުގައި ދޮގުހަދާފައި ލޫސިއާންއަށް ވަރިހަމައޭ ބުންޏަސް ލުސިއާން އަމީރާ ހިއްސާކުރާކަށް އެއްބަހެއްނުވާނެއެވެ. ލޫސިއާން ކައިރީގައި ރަފައެލް ބޭޒާރުކޮށްލަންވީއެވެ. ނޫނީ ރަފައެލްގެ ފަރާތުން އެކަހަލަ ކިތަންމެ ދުވަހެއް ފެންނާނެއެވެ. ކުއްލިއަކަށް އަމީރާ ލޫސިއާންގެ އަތުގައި ހިފާ ބާރުކޮށްލަމުން ރަފައެލްއާއި ހަތަރުކަޅި ހަމަކުރިއެވެ.
"ހައި ލިޓްލް ބްރަދަރ..ހާދަ އަވަހަކަށް މޯނިންވެގެން؟ ކޮބާ ބޭބީސް..." ރަފައެލްގެ ހިނިތުންވުމުން އެ ވިއްސާރަ ދުވަހުވެސް ތަންއަލިކޮށްލިފަދައެވެ. އެހާ ރީތި ހިނިތުންވުމެކެވެ.
"ރަފައެލް. ކޮންމެހެން މާ ރަގަޅު ޑޮކްޓަރަކަށްވެގެން އެންމެނަށް ތިމާވަރުގެ މާތް މީހަކު ނެތްކަމަށް ދައްކައިގެން ހުންނާނެކަމެއްނެތް. އަސްލު ކުލަ ދައްކާނުލާ ހުރުމުގެ މާނައެއްނެތް. ލެންވިއްޔާ ހުރި ސިފަތައް އެންމެނަށް އަންގައިގެން އުޅެނީ. ހުރިހާ ނުބައި ސިފަތަކާއިއެކުވެސް ލޯބިވާމީހުން ލޯބިވާނެ. ތީ ފޭކް މީހެއް. ލެން ހައިރާންވާނެ ރަފައެލް ކުރިކަންތައް އެނގިއްޖެއްޔާ........." އަމީރާގެ ވާހަކަތަކުން އެތަނުގައި ފެތުރިގެން ދިޔަ ހިމޭންކަން ގަރުނަކަށް ދިގު ދެމިގެން ދިޔަހެން ހީވިއެވެ. އެންމެ ފަހު ޖުމްލަތައް އެތަނަށް އައިސް ހުއްޓުނު އެހެން މީހަކަށް އެނގިގެން އޭނަވެސް ބަލައިލީ އެހާ ހައިރާންވެފައި ހުރެގެންނެވެ. ރަފައެލް ހަމަ ރަގަޅަށްވެސް އޭނަގެ ފަހަރިއާއި ގަދަކަމުން ބެހުނީހެއްޔެވެ؟
"އެމީ ވަޓް ޑިޑް ޔޫ ޖަސްޓް ސޭ.........."