"ނަޝީދު، ނަޝީދު......." ރޮޒާލިއާ އަޑުކޮޅަށް ގޮވަންފެށިއެވެ. ހޭލެވުނުއިރު ކޮޓަރީގެ އެނދުގައެވެ. އޭނަ އޮތީ ކޮޓްން ޕިޖާމާއެއް ލައްވާފައެވެ. ހެދުން ބަދަލުކުރީ ކާކުބާވައޭ ހިތަށް އަރާފައި ހާސްވެގެންގޮސް އަމީރާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ.

"ހެނާ. ކާކު އަހަރެން މިތަނަށް ގެނައީ....." އަމީރާ ސުވާލުކުރިއެވެ.

"އެމީ ސަކަރާތްވީމަ މަންމަ ދޮންބައްޕައަށް ގޮވީ. ދޮންބައްޕަ އެމީ ބިންމަތިން ނަގަންވެގެން ކައިރިވެލާއިރަށް ތެދުވެގެން ދުއްވައިގަތީމަ އެނގުނު ސްލީޕްވޯކިންގް ގައިކަން. ދިޔަގޮތަށް ފާޚާނާއަށްވަދެ އަމިއްލައަށް ހެދުން ބަދަލުކޮށްލައިގެން ނުކުމެ އައިސް ނިދީމަ އަހަރެން ރަޖާ އަޅާލަދިނީ. އެމީ އެއްވެސް ކަމެއް ހަމަ ހަނދާނެއްނެތްތަ؟ ދޮންބައްޕަ ބުނީ އޭރު އެމީއަށް ފިޓް ޖެހުނީޔޯ....." ހެނާ ކިޔައިދިންއިރު އަމީރާ އިނީ ބާލީސް މޭގައި ޖައްސާ ބާރުކޮށްލައިގެން ދެލޯ ބޮޑުވެފައެވެ. ވީއިރު އޭނަ ތެދުވެގެން ފާޚާނާއަށް ދިޔައީ އަމިއްލަ ބާރުގައެއް ނޫނެވެ. އޭނަ ގޮވައިގެން ގެނެސް ހެދުން ބަދަލުކުރުވި މީހަކީ އޭމޮންއެވެ. އޭނަގެ ބަލިކަށިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން އެކުރާ ނުބައިކަންތައްތަކުގެ ސަބަބުން ދިރިއުޅުން ޚަރާބުކޮށްލައިފިއެވެ. ފަންޑިތައިގެ ބާރުން އޭމޮން ނައްތާލުން އޭނައަށް މަޖުބޫރެވެ. އެކަމަކު އެފަދަ ކޮންމެ ވަގުތެއްގައި އޭމޮންގެ އިންޒާރުތައް އޭނަގެ ހިތްވަރު ބަލިކޮށްލައެވެ. އަމީރާ ފޯނު ހުޅުވާލުމަށްފަހު ބަގަރާ ސޫރަތް ޖެހިއެވެ. ފޯނު ސައިޑްޓޭބަލް މަތީގައި ބޭއްވުމަށްފަހު އޭނަ ހެނާއާއި ދިމާލަށް ބަލައިލިއެވެ.

"ސްލީޕް ވޯކިންއެއް ނޫން. ސްލީޕް ރަނިން އެއްނު ކުރީ. ޕްލީޒް ހެން. އެމީހުން ކިޔާ އެއްޗެހިއަޑު ނާހާ. އަހަރެން ހަމަ ނޯމަލް އެކަމަކު....."

"ހެނާ، މިވާހަކަ ބުނެފިއްޔާ ފެމިލީއަށް ގެއްލުމެއްވެދާނެ. އެހެންވެ ނުބުނެވިގެން މިއުޅެނީ، އިންސާނަކަށް ދިމާވެދާނެ އެންމެ ބޮޑު ބިރާއި ކުރިމަތިލާން ޖެހިފައިމިވަނީ، ކޮންމެ ރެއަކު. ކޮންމެ ވަގުތަކު ހުންނަން މިޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި. ހެނާއަށްވެސް ކިޔާދެވޭނީ މިވަރަށް....." އަމީރާ ތުންފަތުގައި ދަތްއަޅައިލިއެވެ. ކިތަންމެ އުފާވެރި ދިރިއުޅުމެއް ބޭނުންވެ އެހެން އަންހެންކުދިން ފަދައިން ހުވަފެންތައް ދެކުނަސް އެހުރިހާކަމަކަށް މިވަނީ ނުފެންނަ ފަރާތަކުން ހުރަސް އަޅާފައެވެ. ހުރިހާ އުފާތަކެއް ނިގުޅައިގެންފިއެވެ. ހެނާވެސް ކަންނޭލުގައި ބައްދާލައިގެން އަމީރާއާއި ދިމާލަށް އެނބުރިގެން އޮތީ އެދައްކާ ވާހަކައެއް ނުވިސްނިފައި ވައްތަރަކަށެވެ. އޭނައަށް ދޮންބައްޕަގެ ވާހަކަ ގަބޫލުކުރެވެނީ އަމީރާގެ އަމަލު ހުންނަ ގޮތަކުންނެވެ. ފިޓްޖެހޭގޮތް ހެނާއަށް އެހާ ސާފުނުވިޔަސް ފިޓްޖެހުމުން ޚަބަރުހުސްވެ ވެއްޓޭކަން ދަނެއެވެ. އަމީރާ ނިދީގައި ހިނގަނީ އޭނަގެ ލޮލުގެ ކުރިމަތީގައެވެ. އަމީރާ އެބުނަނީ ޖިންނިއެއްގެ ވާހަކަބާވައެވެ. ނޫނީ މީހަކު އޭނަގެ ދޮންތައަށް ސިހުރުހަދަނީބާވައެވެ.

"އާސާބުނި ކޮޓެޖަކީ ހޯންޓެޑް ގެއެއް ކަމަށް. އެގޭގައި ދިރިއުޅެނީ ޖިންނިންކަމަށް ވަނީ. އެހެންވެގެންނޯ ތިރީބައިގާ މީހަކު ނޫޅެނީ. އެމީއަށްވެސް އެނގެއެއްނު މޫދާއި އެހާ ކައިރީގައި އެމީހުން އެ އިންދާ މާގަސްތަކާއި ހެދިފައި ހުންނަލެއް ވަރުގަދަކަން. މިތާގައި އާއްމުކޮށް ނެހެދޭ ގަސްތައްވެސް އެހެރީނު ހައްދާފައި. އެމީ ގޮސް އެމާތައްވެސް ބިނީ އިރުއޮއްސުނު ގަޑީގައިކަން ހަނދާން އެބަހުރި. އަހަރެންވެސް ބިރުގަނެއްޖެ. އަނެއްކާ އެމީއާއި އަވަލީތަ؟ "ހެނާ ސިއްރުން ވާހަކަދައްކާފަދަ ގޮތަކަށް ބުނެލިއިރު ދެލޯ ބޮޑުވެފައި ފަނޑު އަލީގެ ތެރެއިން ވިދައެވެ.

"ހިޔެއްނުވޭ......" އަމީރާ ކަންބޮޑުވިއެވެ.

"ދެން ކީއްވެ އެމީ ބިރުން ތިއުޅެނީ. ކޮންކަހަލަ ކަމެއްތަ ފެންނަނީ؟ ނައިޓްމެއާސްތަ؟ "ހެނާ އެކިގޮތްގޮތަށް ސުވާލުކުރަންފެށިއެވެ.

"ސޯޓް އޮފް. އެނގެއެއްނު. ހޮސްޕިޓަލުގައި އޮތްވާ ހިނގި ހާދިސާ. ސްލީޕް ޕެރެލިސިސްގައި ވާގޮތްތައް ހެނާއަށްވެސް އެނގޭ. އެގޮތަށް ބިރުވެރި އެއްޗެއް މޭމައްޗަށް އަރާ އަނގަޔަށް ފިތާ ހާސްކޮށް އުދަގޫކުރާ ވައްތަރުކަން ނޭގޭ. ނިދާއިރަށް އެހެން އަންނަނީ. ވެދާނެ ޑިސްއޯޑާއެއްކަމަށް. ތެދަށް ބުނަންޏާ ނިދަންވެސް ބިރުގަނޭ. ރޭނގަނޑުނުވެ އަބަދު އިރުއަރާފައި އޮންނާނެނަމަ. އިރުއޮއްސުމަށްފަހު ދެން ވެދާނެގޮތެއް ނޭގިފައި ހުންނަން ޖެހެނީ. ހެނާ އެއްވެސް މީހެއްގެ ކައިރީ ނުކިޔައްޗޭ......" އަމީރާ ކުޑަކޮށް ހިނިތުންވެލިއެވެ. އެފަދަ މަޚުލޫގެއްގެ ފަރާތުން އަނިޔާ ލިބެމުންދާ އަންހެންކުއްޖަކަށްވުމާއި އެކުގައިވެސް އޭނައަށް ލިބިފައިވަނީ ބުނަންނޭގޭފަދަ ހިތްވަރެކެވެ. އެމަގާމުގައި އެހެން އަންހެންކުއްޖަކު ހުރެއްޖެއްޔާ އެގޮތަށް ކެތްކޮށްގެން ހުންނާނެކަމެއްވެސް ނޭގެއެވެ. އެހާލުގައި ގަނަތެޅެނިކޮށް އަދި މަންމަ އެއުޅެނީ ގޮތްނޭގޭ މައިކަލްއާއި އޭނަ ހަވާލުކުރާށެވެ. މައިކަލްގެ ފަރާތުންވެސް އެއްވެސް އެހީތެރިކަމެއް ލިބެނީއެއް ނޫނެވެ. ބިރުދެއްކުމާއި އިންޒާރުތައް ދޭނެ މީހެއް ނޫނީ އޭނަގެ ހަޔާތަށް ނާންނާނެބާވައެވެ. ރަފައެލްގެ މަތިން ހަނދާންވެފައި އަމީރާގެ ލޮލުން ކަރުނަ ހިލުނެވެ. ރަފައެލްގެ ދިރިއުޅުން ހުންނަގޮތުން އޭނައަކީ އެތަން މިތަނަށް ދަތުރުކުރަން ޖެހޭ ޒުވާނެކެވެ. އަދި އޭނަ އަމީރާއާއި ދޭތެރޭ ދެކެނީ ކިހިނެއްކަމެއް ލަފާކޮށްލާކަށްވެސް ނޭގެއެވެ. ރަފައެލް ހުސްހަށިބައިކަމަށް ވަންޏާ ހާދަ ގިނަ އަންހެންކުދިން އޭނައާއި ހެދި އުޅޭނެއެވެ. ފިރިހެންވަންތަ މީހެކެވެ. އެހާ ސްމާޓެވެ. މައިކަލްމެންހެން ރުންކުރުވެ ރުޅިމޫނު ދައްކާލައިގެނެއް ނުތިބެއެވެ.

ނަޝީދު ކައިރީ އަމީރާއާއި މައިކަލްގެ ކައިވެނީގެ ވާހަކަދެއްކުމުން ނަޝީދު އައީ އަމަށަކު ރުޅިއެއްނޫނެވެ. ނަމަވެސް އޭނަ އެކަމެއް ނުދައްކާ ބުނީ އަމީރާގެ ޒާތީ ކަންތައްތަކުގެ ތެރެއަށް މައިމީހާކަމުގައި ވިޔަސް ވަންނަން ނުޖެހޭކަމުގައެވެ. އަދި ޚާއްސަކޮށް އަމީރާގެ ނުގަބޫލުގައި ގަދަކަމުން ކައިވެނި ކުރުވަން އޭނަ ފާޅުގައި ދެކޮޅުހެދިއެވެ. ރޮޒާލިއާ ހުރީ ފޫހިވެފައެވެ. ނަޝީދުގެ މުށުތެރެއިން ސަލާމަތްވާނެ ގޮތަކާއިމެދުވެސް އޭނަ ވިސްނައެވެ. ނަމަވެސް ތިންކުދިން މިއަށްވުރެ ނިކަމެތިވެދާނެއެވެ. އޭނަ ޖެހޭނީ ކެތްކޮށްލައިގެން ހުންނާށެވެ. މަޑުން ހުންނަނީ ނަޝީދު އުޅޭގޮތާއިމެދު އޭނަ ހިތްހަމަޖެހޭތީއެއް ނޫނެވެ. އަންހެނުންނާއި އަޅުވާކިޔާތީ ބޯ ހަލާކުވާވަރުވެއެވެ.

ހެނާ ބީޗްމައުންޓް ރެސްޓޯރެންޓުގައި މަސައްކަތްކުރަން ފެށިފަހުން އަމިއްލަ ނަފުސަށް ކުރާ އިތުބާރުބޮޑުވެ ތަންކޮޅެއް ކެރޭ ކުއްޖަކަށްވިއެވެ. ތަފާތު ފެންވަރުގެ ތަފާތު މީހުން އެރެސްޓޯރެންޓަށް ވަދެ ހަދާއިރުވެސް ހެނާގެ ހިތްކިޔާ ފާޑުގެ ފިރިހެނަކު ފެނިފައެއްނުވެއެވެ. ޒޯހަންފިޔަވައެވެ. އެންމެ ރީތިވީ ޒުވާނާ ވީ ފޮނި ކިބުރުވެރި މީހަކަށެވެ. އަދި އޭނަދެކެ ނަފްރަތުކުރާ މީހަކަށެވެ. ހެނާ ކަންބޮޑުވެ އެކަމާ ވިސްނާނަހަދަނީވެސް އޭނައާއި ޒޯހަންގެ ހުރި ތަފާތު ބޮޑުކަމާއި އެކުގައެވެ. އަދި އެއީ އެފަދަ ނަޒަރަކުން ހެނާ މީހުންނާއިމެދު ވިސްނަން ބޭނުންވެސް ނުވާތީއެވެ. ދޭތެރެއަކުން ޒޯހަންގެ ޚިޔާލު ސިކުނޑީގެ ކަނުގައި ކޮށްޓާލިޔަސް ހެނާބަލަނީ އެކަމުން މުންޖިވުމަށެވެ.

ޒޯހަންގެ ޚިޔާލުން ހުސްނުވެ ހުރިއިރު ކޮންމެވެސް ގޮތަކުން ޒޯހަންގެ ރުހުން އޭނައަށް ލިބިއްޖެއްޔާ ރަގަޅޭހިތަށް އަރާ ފަހަރު އާދެއެވެ. ދުނިޔެއަށް ސިއްރުން އޭނަ ބައެއްފަހަރު ރީތި ހުވަފެންތައް ދެކުނެވެ. ޒޯހަންއާއި ގުޅުވާފައެވެ. ޒޯހަން ހުންނަނީ ކައިވެނިކޮށްގެން ކަމަށާއި އޭނަގެ އަންހެނުންނާއި ކޮއްކޮއަކު ކޮޓެޖްގައި އުޅޭ ވާހަކަ އާސާ ބުނުމުން ހެނާ މާޔޫސްވިއެވެ. ހިތުގައި ރިއްސައިލިއެވ. އެހާވަރަށް މެޔަށް ބާރުކުރި ވަގުތުކޮޅެކެވެ. ނަމަވެސް އޭނަ ހީލީ އެކަން ފޮރުވުމަށެވެ. އާސާއަށް ހެނާގެ ހިތުގައި ވާ އެއްޗެއް އެއްގޮތަކަށްވެސް ރޭކާނުލާތީ އަދި ޒޯހަންގެ އަންހެނުންނާއި ގުޅޭވަރު ބުނެދިނެވެ.

"އެކުއްޖާ ހީވަނީ ކެޓްރީނާ ކައިފްގެ ކުޑަ ވާޝަންއެއްހެން. އެހާ ޕްރިޓީ. އަދި އެއޮތް ސްޓައިލެއްވެސް ދޯ، ޒޯހަންއާއި ވަރަށް ގުޅޭ އަންހެންކުއްޖެއް. އޭނަގެ ސިސް ނުއެއްދެކެން. ހެނާގެ އަވަށްޓެރިންވީމަ ދެން ފެންނާނެ ދޯ. އަދި ކޮންމެވެސް މީހަކު ބުނި ކޮކަޑޫއެއްވެސް ގެނައި ވާހަކަ....." އާސާ އެއީ ދޫންޏަކަށް ކިޔާނަން ކަމުގައި ބުނުމުން ހެނާ ދެލޯ ބޮޑުކޮށްލިއެވެ.

"ސާބަހޭ އާސާ. ކޮކަޑޫއެއް ނޫނޭ. ދޫންޏެއް ވިއްޔާ ކޮކަޑޫއެއް ނޫން ކިޔާނީ. ތިބުނާ ވައްތަރަށް ކިޔާނީ ކޮކަޓޫ. އަހަންނަށް ނޭގޭ އާސާ ޕްރަނައުންސް ކުރާގޮތެއްވެސް....." އާސާ އިނގިރޭސި ބަހުން ނުބައިކޮށް ކިޔާކޮންމެ ފަހަރަކު ހެނާ ކުށްރަގަޅުކޮށްދެއެވެ. ރީއްޗަށް އިނގިރޭސިން ވާހަކަދައްކުވަން މަސައްކަތްކުރެއެވެ. އެހެން މީހުން އާސާއަށް މަލާމާތްކޮށްފައި ހޭއިރު އާސާ ހިތަށް އެއްޗެކޭ ނާރައެވެ. އެނގުނުވަރަކުން ގެސްޓުންނާއިވެސް އޭނަ އަނގަތަޅާހަދައެވެ. އެހެން ހެދުމުގެ ސަބަބުން ކުރިއަށްވުރެ ވަރަށް ބޮޑުތަންވަނީ ރަގަޅުކޮށްލާފައެވެ.

"މިއީ އޮސްޓްރޭލިއަން އިންގްލިޝް....." އާސާ އެއްލޯ މަރައިލިއެވެ.

އެދުވަހު ހެނާ އެދިމާލުން ބީޗަށް އެރުނުއިރު ކޮޓެޖް ދޮރުމަތީގައި ތޭރަވަރަކަށް އަހަރުގެ އަންހެންކުއްޖަކު ޓައިޓަކާއި ޓޮޕެއްލައިގެން ހުއްޓާ ފެނުނެވެ. ދޮންކަމުން ޔޫރަޕްކުއްޖަކާއި ތަފާތެއްނެތެވެ. އެކުއްޖާ ދުވަމުން އައިސް ހެނާގެ ކައިރިއަށް ހުއްޓިފައި ވާހަކަދައްކަންފެށީ އެތައް ދުވަހަކުއްސުރެ ދަންނަ އެކުވެރިން ހެންނެވެ. ނަމަކަށް ބުނެލީ ރާދްއެވެ. ރާދް ދޫނުކޮށް އޭނައާއިއެކު އެގެއަށް އަންނަން ދައުވަތު ދިނެވެ. ގޭގައި މިވަގުތު އުޅެނީ އެކަނި ދޮންތަ ކަމަށާއި އޭނަ އޮތީ ނިދާފައި ކަމުގައި ބުނެލުމުން އެގެއަށް ވަންނަހިތްވެފައި ހުރި ހެނާވެސް ފުރުސަތުގެ ބޭނުންހިފިއެވެ. ސިހުރުހެދިޔަސް އަދި ދުވާލު ވަގުތެއްގައި ޖިންނިންނެއް ނޫޅޭނެތާއެވެ. ރާދްގެ މިޒާޖުގައި ހަލަބޮލިކަމެއް ހުއްޓެވެ. ގެއަށް ވަންނަން ދޮރު ހުޅުވާލާފައި ޕޮޓްތަކުގައި ހުރި މާތައް ފަހަރަކު މަލެއް ބިންނަންފެށިއެވެ. އިސާހިތަކު މާގަސްތައް މުޅިންހެން ފަޅުވެއްޖެއެވެ. އެކަން ހުއްޓުވާން މެހުމާނަކަށް ކެރޭނީ ކިހިނެއް ހެއްޔެވެ؟ އެގޭގެ ބިތުގައި ބަގީޗާ ބަލަހައްޓާނެ މީހަކު ބޭނުންކަމުގެ އިޝްތިހާރެއްވެސް ލޮލުގައި އަޅައިގަތެވެ.

"މި ކުޑަ ކުޑަ ވިގަނި ގަސްތައް ހަލާކުކޮށްލައިފިއެއްނު....." ކުއްލިއަކަށް ގެއިން ނިކުތް މުސްކުޅި އަންހެން މީހާ އަސާ ހޫރާލުމުން ރާދް ގެ މޫނުމަތީގައި ޖެހުނެވެ. ރާދް ރޮއިގަންނަ ފާޑަކަށް ހަޅޭއްލަވައިގެންފާ ހެނާގެ އަތުގައި ހިފައިގެން ދުއްވައިގަތީ ސިޑިއާއި ދިމާލަށެވެ. ހެނާވެސް އުޅުނީ އެމީހާގެ ފަރާތުން ސަލާމަތްވާށެވެ. ދެކުދިން އުދުހިލާފައި ކަހަލަގޮތަކަށް ސިޑިން އަރައިގެން އަންނަމުން ބެލިއިރު އެދައިތައާއި ނުވެސް ގުޅޭހާ ބާރަށް އަންނަތަން ފެނުނެވެ. ރާދް ކޮޓަރިއަށްވަދެ ތަންޑު އަޅުވާފައި ހޭންފެށިއެވެ.

"ވީ މެނޭޖް ޓު އައުޓް ރޭން ދެޓް ވިޗް. ދުވަހަކު މިވަރަށް މަޖާކޮށެއްނުލެވޭ....." ރާދްހުރީ ވަރަށް ފޯރި އައިސްފައެވެ. އޭރުވެސް ހެނާގެ ހިތް ޑަންޑަންލާފައި ތެޅެމުންދިޔައީ ގޮތެއް ބަލާފައެއް ނޫނެވެ. ރާދްއަށް އިތުބާރުކޮށްގެން މިގެއަށް ވަނުމަކީ ބޮޑު ގޯހެއްކަން ޔަގީނެވެ. ޒޯހަން ހިފާފައި ހުރި ގެއެއްކަން އެނގިހުރެ މިގެއާއި ވައިއެޅުމަކީވެސް ބޮޑު ކުށެއްކަން އެނގި ރޮވޭގޮތްވެސް ވިއެވެ. ޒޯހަން މިވަގުތު އައިސް އޭނަ ފެނިއްޖެނަމަ ކިޔާލާނެ އެއްޗެއް އެނގެނީއެއް ނޫނެވެ. ރާދް ހައްލާލައިގެން ގަސްތައް ލޫޓުވާލި މީހަކީވެސް ހެނާކަމުގައި ނަންވާނެއެވެ. ކުރެވުނު މޮޔަކަމާއިމެދު ވިސްނަން އޭނަ އިންއިރު ރާދް ބުނީ ދޮންތަ ނިދާފައި އޮތީ ޒޯހަންގެ ކޮޓަރީގައި ކަމަށާއި ދެމީހުންނަށް މިތާ ތިބެގެން މަޖާކޮށްލެވޭނެ ކަމުގައެވެ. އެހެން ކިޔާފައި އަދި ބެލްކަނީގެ ދޮރު ކަހާލާފައި ނުކުމެ ރެއިލިން މައްޗަށް އެރުމުން ހެނާގެ ނޭވާ ހިފަހައްޓާލަން މަޖުބޫރުވިއެވެ. ރާދްކުރަނީ މުޅިންވެސް މޮޔަކަންތައް ތަކެވެ. އެއުމުރުގައިވެސް ހާދަ ޅައެވެ. މިކަހަލަ ކުއްޖަކު އެކަނި އުޅެންދޫކޮށްލާފައި ބޮޑެތިމީހުން ވީ ކޮންތާކު ހެއްޔެވެ؟ ހެނާއަށް ޖެހުނީ އެކުއްޖާގެ ގާޑެއްހެން ފަހަތުގައި ޖައްސާފައި ހުންނާށެވެ. ބިރުން ނޭވާ ހިފަހައްޓާކަމެއް ނޫނީ އޭނަ ކުރާކަށް ނުވެސް އުޅެއެވެ. ގޭމެއްކުޅުން ކަހަލަ ކަމެއް ކުރުމަށްވުރެ މަޖަލީ މިގޮތަށް އުޅެންކަމުގައި ރާދް ބުނެލިއެވެ.

ޒޯހަންގެ އަންހެނުން ކޮޓަރީގައި ޓަކިޖަހައިލިއިރު ރާދް ހުރީ ދާހިއްލާ ފޯވެފައެވެ. އެކުއްޖާ އަވަހަށް މޫނުމަތި ދޮވެލާފައި ނިކަން ބަސްއަހައިގެން އެނދަށް އަރާފައި އިންދާ އަންހެނުން ދޮރު ހުޅުވައިލިއެވެ. ހެނާއަކީ ކޮންކުއްޖެއްތޯ އެހިއެވެ. ހެނާ އޭނަގެ ގެ ހުންނަތަން އޮޅުން ފިލުވާދިނުމުން އަވަށްޓެރިން ދޯއޭ ބުނެލާފައި ރާދްއާއިއެކު ކުޅެން އަންނަން ބުނެލީ އެއުމުރުގެ ކުއްޖެއްކަމަށް ހީކޮށްފައެވެ. ތިންއަހަރު ތަފާތުވިޔަސް ހަގީގަތުގައި ރާދް މިއުޅެނީ އުމުރަށްވުރެ މާ ޅަވެގެންނެވެ. ޒޯހަންގެ އަންހެނުން ކިޔާރާއަށް ވަށިގަނޑަށް ލާފައި ހުރި މާތައް ފެނިފައި ސުވާލުކޮށްލުމާއިއެކު ރާދް ބުނީ ހެނާ ބިނީކަމުގައެވެ.

ހެނާ ލަދުން މަރުވާވަރުވިއެވެ. ކިޔާރާ އޭނައާއިމެދު ދެކޭނީ ކޮންގޮތަކަށް ހެއްޔެވެ؟

"ހެނާ މާތައް ބިނީ، ސޯ ގެންދޭ...." ރާދް މާކޯނިތައް ނަގާފައި ދިއްކޮށްލުމުން ހެނާ ހިފިއެވެ. ޒޯހަން ގުޅުމުން ކިޔާރާ ފޯނުނަގާފައި ވާހަކަދައްކަން ފެށީ ވަރަށް ލޯބިން ރީތިކޮށެވެ. ކިޔާރާ ފިރިމީހާއަށް ކުރާ ގަދަރާއި ވާ ލޯބިހާމަވިއެވެ. ފޯނު ބާއްވާފައި ކިޔާރާ ރާދްކައިރީ ބުނީ ކާރުދުއްވާލަން ދާން ތައްޔާރުވެލުމަށެވެ. ދޮންބެ އިރުކޮޅަކުން އަންނާނެކަމުގައި ކިޔާރާ ބުނެލުމުން ރާދް އުފާވެ އެކުޑަ މޫނު ޖަންބެއްހެން ދިއްލުނެވެ. ހެނާވެސް ދާންވާނެއޭ ބުނެލިއެވެ. ޒޯހަންގެ ނަން އަޑުއިވި ފިނިވެފައި ހުރި ހެނާ ބުނީ ލަސްވެގެން މަންމަ އުޅޭނެކަމުގައެވެ. އެހެން ދުވަހަކުން ދާނީކަމުގައި ބުނެފާ ހެނާ ސަލާމްކޮށްލުމުން ރާދު ހުރީ ކަރު އެލުވާލައިގެންނެވެ. ހެނާ ތިރިއަށް ފޭބިއިރު ނަސީބަކުން މާމަ ފެންނާކަށްނެތެވެ.

ގެއަށް އައިއިރުވެސް ހެނާ ހުރީ މަސްހުނި އިހުސާސްތަކެއްގައި ބަނދެވިފައެވެ. ޒޯހަންގެ އާއިލާއާއި އެކުވެރިކަން ބަދަހިވުމުގެ އިތުރުން ކޮޓެޖަށްވެސް ޒިޔާރަތްކޮށްލެވިއްޖެއެވެ. ނަމަވެސް ކަންތައް ހިނގާދިޔަގޮތުން އެގެއަށް ރަގަޅަށް ބަލައިލާނެ ފުރުސަތެއް ނުލިބުނެވެ.

އެރޭ ނިދަން އެނދަށް އަރާފައި އަމީރާއާއި ހެނާ ތިއްބާ ޖަނަވާރެއްކަހަލަ އެއްޗެއް ހޭރިގަތް އަޑަށް ދެކުދިން ގަތީ އަމަށަކު ބިރެއްނޫނެވެ. ހުވަންރޯޅިއެއްހާ ބާރުމިނުގައި ދުއްވައިގަތީ މަންމަމެން އުޅޭ ކޮޓަރިއާއި ދިމާލަށެވެ. ނަސީބަކުން ހެނާއަށް އެވާނީ ކޮކަޓޫގެ އަޑުކަން ޔަގީންވެ ހޭންފެށިއެވެ. އޭނަ އަމީރާގެ އަތުގައި ހިފާފައި ހުއްޓުވިއެވެ.

"ކޮކަޓޫއެކޭ؟ ޖިންނިއެއްވެސް ހަޅޭއްލަވާނީ އެހެންކަން ނޭގޭ. ހާދަ ބިރުވެރި އަޑެކޭ..." އަމީރާއަށްވެސް ހެވުނެވެ. ފިލްމުތަކުން އެއަޑު އިވިފައި ހުއްޓަސް އަސްލު އަޑު ކަންފަތުގައި ޖެހުމުން ވަރަށް ތަފާތެވެ. ދެކުދިން ކުޑަދޮރުކައިރީގައި ކޮކަޓޫގެ އަޑުއަހަން މަޖާވެފައި ތިބިއިރު ހެނާ އެދުވަހު އޭނަ އެގެއަށް ދިޔަ ވާހަކައާއި ކިޔާރާ އަދި ރާދްއާއި ބައްދަލުވީވާހަކަވެސް ބުނެލިއެވެ. އަމީރާވެސް އަވަށްޓެރިންނާއި ގުޅުން ބަދަހިކުރާހިތްވިއެވެ.

ޖެހިގެން އައި ދުވަހު އަމީރާއާއި ހެނާ ދޮރާށި ކައިރީގައި ތިއްބާ ޒޯހަން އޭނަގެ އަންހެނުންނާއި ކޮއްކޮއާއިއެކު އެމަގުން ހިނގާފައި އައެވެ. ޒޯހަން އައީ ރާދްގެ އަތުގައި ހިފައިގެން ސަމާސާ ކުރަމުން އިސްތަށިކޮޅާއި ކުޅެމުންނެވެ. ދެބެން އެކަކު އަނެކަކު ދެކެ ލޯބިވާވަރު އެ ކުޑަ ވަގުތުކޮޅުވެސް ދެކޭ މީހަކަށް އިހުސާސްކުރުވާނެއެވެ. ރާދްއަށް ހެނާ ފެނުމުން ހީވީ އެހެންފަދަކަމެއް ހެންނެވެ. ދުވެފާ އައިގޮތަށް ހެނާގެ އަތުގައި ހިފައިގެން ދޫކޮށްލާކަށްވެސް ނޫޅުނެވެ. ޒޯހަންގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނެވެ. ހެނާއާއި ރާދް ވާހަކަދެއްކުމުން ހިތްހަމަނުޖެހުނީކަމަށް ވެދާނެއެވެ. އެކަމަކު އަނެއްހެން ބަލާބެލުމަށް މާތް ޒުވާނެއްފާޑުވެސް ޖަހައެވެ. ހެނާ ކިޔާރާއާއި ޒޯހަންވެސް އަމީރާއަށް ތައާރަފުކޮށްދިނެވެ.

"ހެނާގެ އެއްބަނޑު އެއްބަފާ ދައްތަތަ؟ ވައްތަރެއްވެސް ނޫން...." ޒޯހަން އެހެން ބުނީ ގަސްތުގައި ހެނާ ދެރަކޮށްލަން ބާވައޭ ހެނާގެ ހިތަށް އެރިއެވެ. ނޫނީ ހަގީގަތުގައިވެސް ދެކުދިންގެ ހުރި ތަފާތުކަމުން ބުނެލި އެއްޗަކީހެއްޔެވެ؟ އަމީރާގެ ރީތިކަމަކީ މަޝްހޫރުކަމެކެވެ. ކިޔާރާގެ ރީތިކަންވެސް އޭނަގެ ކައިރީ ފަނޑުވެފައިވެއެވެ. އެހެންވެ ޒޯހަންގެ ލޮލުގައި އަމީރާ އަޅައިގަތީބާވައެވެ. ފިރިހެނުންނަކީ ފާޑެއްގެ ބަޔެކެވެ. ކިޔާރާ ބުނިގޮތުން އެމީހުން މިއައީ ހަފްތާއެއްގެ ދަތުރެއްގައެވެ. ވަރަށް އަވަހަށް ފުރާނެއެވެ. ވާހަކަދައްކަން އިރުކޮޅަކު ތިބެލާފައި އެމީހުން ދިޔުމުން އަމީރާވެސް ހެނާގެ ބޮސް ހާދަ ރަގަޅޭ ކިޔައިގެން ދިމާކުރިއެވެ. ހެނާ ހީލުމަކުން ފުއްދާލައިފިއެވެ. ހިތުގައިވާ ޝަކުވާއާއި ހިތާމަތައް އޭނަވަނީ ހިތުގެ ފުންމިނުގައި ވަޅުލާފައެވެ.

އަމީރާ ކޮޓެޖާއި ދިމާލުން މޫދަށް އެރެން ދިޔައީ އެގެ ދެކެލުމުގެ ޝައުގު ހިތުގައި އުފެދުނުވަރުންނެވެ. އިރުއޮއްސި އަނދިރިކަން ވެރިވެފައިވީނަމަވެސް ކޮޓެޖުގައި ދިއްލާލާފައިވާ ބޮކިތަކުގެ އަލިން ކޮންމެވެސް ވަރެއްގެ އަލިކަމެއް ވެރިވެފާވެއެވެ. ބިރަކާނުލައި އޭނަ ފިޔަވަޅުތައް ކުރިއަށް އަޅަމުންދިޔައެވެ. އޭމަންއާއި ކުރިމަތިލަމުންގޮސް އޭނަގެ ފިނިޑިކަން އެއްކޮށް ނެތިގެން ދިޔައީ ކަމަށްވެސް ވެދާނެއެވެ. ގައިމު އެހެން އަންހެންކުއްޖަކަށް އަނދިރީގައި މި ބޯގަސްތަކުގެ ތެރެއިން ވަދެގެން ދާކަށް ލާހިކެއް ނޫނެވެ. ކޮޓެޖުގައި އިންސާނުން ދިރިއުޅޭކަން އެނގޭތީ އޭނަ ބޭނުންވަނީ އެމީހުންވެސް ދަސްކުރުމަށެވެ. މާމައާއި އެމީހުންގެ ހުރި ގުޅުން އެނގުންވެސް މުހިއްމެވެ. ކުއްލިއަކަށް އަންހެންކުއްޖަކު ތަކުރާރުކޮށް ތޫނުކޮށް ހަޅޭއްލަވާ އަޑު ކަންފަތުގައި ޖެހުނެވެ. އަމީރާއަށް ހުރި ދިމާލަށް ތިރިވެވުނީ މީހާގެ ގައިގާ އެމީހާގެ ސަލާމަތަށް ލައްވާފައިވާ ބައި މަސައްކަތްކުރުމުން ފިލުމުގެ ހަރަކާތެއްގެ ގޮތުގައެވެ. އޭނަގެ ހިތް ބިރުންގޮސް ފަޅައިގެންދާ ވަރުވެފައިވެއެވެ. ކޮންމެވެސް މީހަކު ކުއްޖަކަށް އަނިޔާކުރަނީކަން ޔަގީނެވެ. އޭނަފަދަ ނިކަމެތި އަންހެންކުއްޖަކަށް ވެވޭނީ ކޮން އެހީއެއް ހެއްޔެވެ؟ އާއެކެވެ. ވެވިދާނެއެވެ. މިގޮތަށް ފިލުމަކީ އަނިޔާވެރިވުމެވެ. ފިޑިވެގެން ކަމަކުނުދާނެއެވެ. އަމީރާ ތުރުތުރުއަޅައަޅާ ހުރި އިނގިލިތަކުން ފުލުހުންނަށް ގުޅުމަށްފަހު އަދި ހިތްވަރުކޮށްލާފައި އެދިމާލަށް ދުއްވައިގެންފިއެވެ. ގަސްތަކުގެ ތެރެއިން ނުކުމެވުމާއިއެކު ފެނުނު މަންޒަރަކީ ހަޔާތުގައި ދުވަހަކު ނުދެކޭފަދަ އަނިޔާވެރި މަންޒަރެކެވެ. ފިރިހެނަކު އެކުޑަކުއްޖާއަށް އެއްވެސް ރަހުމެއްނެތި ކުރަމުން ދިޔަ އަނިޔާއިން އަމީރާގެ ލޯ މަރާލަން މަޖުބޫރުކުރުވިއެވެ. ގަތް ލަދަށްވުރެ ބޮޑަށް ހިތްދަތިވިއެވެ. ހިތްފަޅައިގެންދާ ވަރުވިއެވެ. ތަންކޮޅެއް ދުރުގައި ހުދު ފޮތިގަނޑަކުން ނިވާކޮށްލާފައިވާ މީހަކުވެސް އޮތްތަން ފެނުނެވެ.

"ސްޓޮޕް އިޓް....." އަމީރާ ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތުމާއިއެކު އެތާއޮތް ގާގަނޑެއް ނަގާފައި ހޫރާލީ އެދިމާލަށެވެ. އެމީހާ ކުއްލިއަކަށް ޖިންސްގެ ޒިބު އަޅުވަމުން ތެދުވުނުވެ. އެނބުރިބަލައިލުމާއިއެކު އެއީ ޒޯހަންކަން އަމީރާ ދެނެގަތެވެ. އިސްތަށިގަނޑު ހޭވި ދެލޯ ހުރީ ރަތްވެފައެވެ. ވަލުތެރޭގައި އުޅޭ "ވައިލްޑް" މީހެކޭ އެއްވެސް ތަފާތެއްނެތެވެ. އޭނަ ދެއުކުޅުގައި އަތް ވިއްދާލައިގެން ނުރުހުމާއިއެކު ބަލަން ހުރިއިރު އަމީރާއަށް ވެސް ހަމަލާދީފާނެހެން ހީވިއެވެ. ނަސީބަކުން އެވަގުތު ޖިޕްގެ އަޑުއިވިފާ ޒޯހަންވެސް ފިލަންވެގެން ވައިރޯޅިއެއްހާ ބާރުމިނުގައި ކޮޓެޖާއި ދިމާލަށް ދިޔައެވެ. އަމީރާ ކައިރިވެލިއިރު ކުޑަ ކުޑަ ރާދް އޮތީ ހަރަކާތް ހުއްޓިފައެވެ. ރާޅުތައް ރާދްގެ ހަށިގަނޑުގައި ބޮސްދެމުން ދިޔައިރު ރާޅުތައްވެސް ހަމްދަރުދީވާހެން ހީވިއެވެ.

"ސުބުހާނަﷲ. ރާދް. ރާދް. ލޯ ހުޅުބަވަލަ ދޫނި. ކިހިނެއްވެފައި ތިއޮތީ......ވޭކް އަޕް. ވޭކްއަޕް ޕްލީޒް......" އަމީރާ އެދިމާލަށް ތިރިވަމުން ރާދުގެ މޫނުގައި ދެއަތުން ހިފަހައްޓާފައި ގޮވަންފެށިއެވެ. ނަމަވެސް އެކުއްޖާ އޮތީ ޚަބަރުހުސްވެފައިކަން ޔަގީނެވެ. އެ ދިގުދިގު އެސްފިޔަތައް މެރިފައިވާއިރު ބުދެއްފަދައެވެ. ބޯއެސްފިޔަތަކުގައި ބޮޑެތި ކަރުނަތިކިތައް ހަރުލާފައިވާއިރު ކޯތާފަތްވެސްވަނީ ތެމިފައެވެ. ޒޯހަން އޭނަގެ އަމިއްލަ ކޮއްކޮއަށް ހާދަ އަނިޔާވެރިވެއްޖެއެވެ. އިންސާނިއްޔަތުކަމުގެ ކުޑަ ކަންފުޅެއްވާނަމަވެސް މިހާ ކުޑަކުއްޖަކަށް މިފަދަ އަނިޔާއެއް ދޭކަށް ނުކެރޭނެއެވެ. ޖަނަވާރުންވެސް އޭގެ ދަރިންނަށް ރަހުމްކުރެއެވެ. ކޮޓެޖާއި ކައިރިވާ މީހަކަށްވެސް މި ދިމާވަނީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔެވެ؟ ސިހުރުގެ އަސަރުކުރަނީބާވައެވެ. ނޫނީ އެގޭގައި އުޅެނީ ޑްރަގްނަގާ ބަޔަކީކަން ނޭގެއެވެ. ފެންނަ ފެނުމަށް ކިތަންމެ މާތްކޮށް ތިއްބަސް އޮފީސްތަކުގެ ވެރިންނަށް ވިޔަސް އެމީހުންގެ އަނދިރި ފަރާތެއްވެސް ވަނީއެވެ. އުމުރަށްވެސް މި މަންޒަރު އޭނަގެ ސިކުނޑީގައި ބިރުވެރިކަން އުފައްދާނެއެވެ. ލޮލުގެ ކުރިމަތިން ތާއަބަދު ފެންނާނެއެވެ. ފުލުހުންގެ ޖިޕް ހުއްޓާލުމާއިއެކު އަމީރާ ކަންބޮޑުވެ ހާސްވިއެވެ. މިވީގޮތުން އޭނަ ބަޔާންދޭންވެސް ޖެހޭނެއެވެ. ވަގުތުން އެހިސާބު ކްރައިމް ސީންއަކަށް ބަދަލުވެއްޖެއެވެ.

އަވަސް ޚަބަރުގެ ގޮތުގައި ހުރިހާ ނޫސްތަކެއްގައި ފެވިގެން ދިޔައީ މުޅި ގައުމަށް ސިހުން ގެނުވި ބިރުވެރި ޚަބަރެވެ. ތަފްސީލު ލިބެމުން ދިޔަވަރަކަށް ނޫހުގައި ޖެހުމުގާ ހުރިހާ މުވައްޒަފުން އުޅުނީ އަވަދިނެތިއެވެ. ކޮޓެޖުގެ މަތީބައިގާ ކުއްޔަށް ތިބި ދެ އަންހެންކުދިން މަރާލެވުނީއެވެ. ޗުއްޓީއެއްގައި އަދި އައިތާ ދެދުވަސް ނުވަނީހެވެ. މިސަރަހައްދުގައި ހިނގި މަރުގެ ދެވަނަ ހާދިސާކަން އެންމެންވެސްވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ކޮޓެޖަށް ވަދެގަތްތަން އަމީރާއަށް ފެނުނެވެ. ފަނަރަވަރަކަށް މިނިޓްފަހުން ޒޯހަން ނެރެގެން ގެނައެވެ. އެހާ އަވަހަށް އޭނަ އެހެރީ ހެދުން ބަދަލުކޮށްގެން ފެންވަރާ ތާޒާވެލައިގެންނެވެ. މުށި ޓީޝާޓަކާއި ޖިންސެއްގައި ހުރިއިރު އޭނަގެ މޫނުމަތިން ކަންބޮޑުވުމުގެ އަދި ހިތާމައިގެ ކުލަވަރެއްވެސް ނުފެނެއެވެ. ބޮޑާކަމާއި ކިބުރުވެރިކަން ނޫން އެހެން ކުލައެއް އެވަގުތުވެސް ދައްކާކަށް ނޭގުނެވެ. ކުރެވުނުކަމާއިމެދު ކުޑަކޮށްވެސް ދެރަނުވަނީހެއްޔެވެ؟ އަމީރާ ބޭނުންވީ އެދިޔަ ބާރުމިނުގައި ގޮސް އެމޫނުމަތީގައި ޖަހާ ޗިސްކޮށްލާށެވެ. އެހުރި ބޮޑާކަން ނައްތާލާށެވެ. ރީތި ސިފައެއްގައި ހުރި ޝައިތާނެކެވެ. ނަފްރަތާއި ރުޅިވެރިކަން އަމީރާ ހިދުކޮޅަކަށް މޮޔަކޮށްލިއެވެ. ކުރިއަށް ޖެހިލާފައިވެސް އަމީރާ ނަފުސް ހަމަޔަކަށް އެޅުވިއެވެ. ނޫނެކެވެ. އޭނަ އަދި އޭނަގެ ކޮއްކޮމެން ނުރައްކަލަށް ހުށަހަޅާކަށް ބޭނުމެއް ނޫނެވެ. ސިފައިންނަށް ހެއްކާއި ހުރިހާ އެއްޗެއް މިވަގުތު ލިބޭނެކަން ޔަގީނެވެ. ކުށްވެރިޔާއަށް ހައްގު އަދަބުލިބި ޒޯހަންގެ އަންހެނުންނާއި ކޮއްކޮއަށް އިންސާފުވެސް ލިބޭނެއެވެ. ފުލުހުންނަށް ނުހޯދިއްޖެނަމަ އޭނަ ޒޯހަން ބޭޒާރުކުރާނެއެވެ.

އަމީރާ ފުލުހުންނާއިއެކު ގެންގޮސް ބަޔާންދޭން ޖެހުނު ހިސާބަށްވެސް އޭނަ އިނީ ގަނޑުވެފައިވާ ބުދެއްހެންނެވެ. ލޮލަށް ކަރުނަތައް ޖަމާވެ ރޮވެންފެށީ ވީގޮތް ކިޔާދޭން ޖެހުމުންނެވެ.

"ރޭގަނޑު އެކަނި އެހިސާބަށް ދާންޖެހުނީ ކީއްވެތަ؟ " އެމީހުން ކުރަންފެށި ސުވާލުން އަމީރާއަށް ހީކުރެވުނީ އެމީހުން އޭނަގެ ބޮލުގައިވެސް އެކަން އަޅުވަން މަސައްތްކުރަމުން ދާ ހެންނެވެ. މައިކަލް ކައިރީގައި ހުރުމުން އަމީރާއަށް ކުޑަ ހިތްވަރެއް ލިބުނެވެ. އަމީރާ ރޯތަން ފެނިފައި މައިކަލް ހުރީ ނަރުގަނޑުގައި ޖެހިފައެވެ. ސިފައިންނާއިވެސް އެކަނިމާއެކަނި ކުރިމަތިލާހާ ހިތްވަރު ހުރި ފާޑަކަށް ގޮސް މޭޒުމަތީގައި ދެއަތް އަޅުވައިލިއެވެ.

"އަމީރާ ވާހަކަދައްކާނީ ވަކީލަކު ހުރެގެން. އެ ނޫންގޮތަކަށް ބަޔާނެއްވެސް ނުނެގޭނެ...." މައިކަލްގެ އަޑުގައި އަމުރުވެރިގޮތެއް ހުއްޓެވެ.

"ލުކް. އަޅުގަނޑުމެން އަމީރާ ކުށްވެރިކުރާކަށް ނޫނޭ. ފެނުނުކަންތައް ބަޔާން ނަގާލަންވެގެން......" އޮފިސަރަކު ބުނެލިއެވެ.

"އެހެންވިއްޔާ ތި ހުރިހާ ބޭކާރު ސުވާލުތަކެއްވެސް ކުރާކަށް ނުޖެހޭނެ ދޯ. އޭނަ ގުޅީ އާއްމު ރައްޔިތެއްގެ ހައިސިއްޔަތުން ފެނުނު ކަމެއްގެ ވާހަކަ ބުނަން. އެހެން އަންހެންކުއްޖަކު ނަމަ އެގޮތަށް ކައިރިއަކަށް ނުގޮސް އެކަހަލަ ކްރައިމްސީންއަކުން ފިލާނީ......." މައިކަލް ހުރީ ބުމަ ގޮށްޖަހާލައިގެންނެވެ. އެކަކު އަމީރާގެ އަތަށް ޓިޝޫފޮށި ދިއްކޮށްލުމުން އަމީރާ ކަރުނަތައް ފޮހުނުހެން ވީ އިތުރެވެ. ރުއިމުންވެސް ލޮލުގެ ރީތިކަން ފަނޑެއްނުވިއެވެ. އަޅިދެލޮލުގެ ސިހުރުގައި ނުޖެހޭނެ މީހަކު މަދުވާނެއެވެ. އަމީރާ ކުޑަގޮތަކަށް އެ ހާދިސާ ކިޔާދިނުމަށްފަހު ބޭރަށް ނުކުތްއިރު މުޅި އެސަރަހައްދުވެސް މީހުން ފުރި ބާރުވެފައިވެއެވެ. އެންމެންވެސް ބޭނުންވަނީ މަރުގެ ހާދިސާގެ ތަހުގީގު އަވަސްކުރުވާށެވެ. އެކަންނުކުރެވި ލޮލު ފިޔަޖަހާލާކަށްވެސް ރަށު ރައްޔިތުންގެ ހިތެއްނޭދެއެވެ. މައިކަލް އަމީރާ ގޮވައިގެންގޮސް ކާރަށް އަރުވާފައި ދޮރު ލައްޕާލަދިނެވެ. އަދި އެންމެންގެ ތޫނު ލޯތަކުން ސަލާމަތްވަމުން އަވަހަށް ކާރު ދުއްވާލައިފިއެވެ. ގެއާއި ހަމަޔަށް އާދެވުނުއިރު ދޮންބައްޕައާއި މަންމަ އަދި ހެނާވެސް އިންތިޒާރުގައި ތިއްބެވެ. ޓީވީގެ އަޑު ދަށްކޮށްލާފައި އެމީހުން އަމީރާ ވަށައިލީ ވީގޮތެއް އަމީރާގެ ދުލުން އަޑުއެހުމަށެވެ. އަމީރާ ކުރުގޮތަކަށް ކިޔާދިނުމަށްފަހު އަރާމުކުރަން ބޭނުންވާކަމަށް ބުނެފައި ރަބަރުކޮޅެއްހެން ވެފައިވާ ފައި ދަމަމުން ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ.

ޒޯހަން ފެނުނު ވާހަކަ އޭނަ ފުލުހުންނަށްވެސް ސިއްރުކުރިއެވެ. އެހެންނޫންނަމަ ދެން ކުރިމަތިލާން ޖެހޭނެ ކަންތައްގަނޑެއްވެސް އެނގެނީއެއް ނޫނެވެ. އެއީ އިންސާނުންކަމާއިމެދު އޭނަ ޝައްކެވެ. އޭމޮން މައިކަލް އަދި ޒޯހަންއަކީވެސް އެހެން ކަހަލަ ގިންތިއަކަށް ފެތޭ ބަޔެކެވެ.

ހެނާ ބޭނުންވެގެން ޚަބަރުތައް ބަލައިލަން އަމީރާ ލެޕްޓޮޕްދިނެވެ. އާ ޚަބަރެއް އޮތެވެ. ޒޯހަން އަންހެނުންނާއި ކޮއްކޮ މަރައިލި ޚަބަރު ޒޯހަންގެ މަންމައަށް އިވުމުން ހޭނެތިގެން އެޑްމިޓްކޮށްފައި އޮތްވާހަކަ ފަލަސުރުޚީގައި ވެއެވެ. ޒޯހަންގެ ބޭބެ އުމްރާން ދީފައިވާ އިންޓަވިއުގައި ވަނީ ޒޯހަން އެފަދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށާއި ބަޔަކު ޒޯހަން ފްރޭމްކޮށްގެން އުޅޭކަމަށެވެ. ރާދްދެކެ ޒޯހަން ލޯބިވާވަރާއި އެކުއްޖާއަށްޓަކާ ގުރުބާންވާ ވަރުވެފައިވާ ކަމުގައި ބުނެލިއެވެ. ރާދްގެ އިސްތަށިގަނޑުގައި ފުނާ އަޅުވާދީ ފެންވަރުވާ ހަދާ ކާންދީ ހަދާ ވާހަކަވެސް ބުނެލިއެވެ. ކިޔާރާއާއި ޒޯހަންގެ ކައިވެންޏަކީ ލޯބީގެ ކައިވެންޏެއްކަމަށާއި އެދެމަފިރިންނަކީ ލޯބީގެ މިސާލެއްކަމުގައި އުމްރާން ބުނެލިއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅު އެމީހުން އެކަނި ހިތާމަފާޅުކުރުމުގެ ފުރުސަތު ދިނުމަށްވެސް އެދުނެވެ. ހެނާގެ ހިތަށް ކުޑަ ފިނިކަމެއް ލިބުނެވެ. އުމްރާންއަށް އޭނަ ތާއީދުކުރިއެވެ. އެކުދިން މަރުވުމުން ޒޯހަން ހައްޔަރުކުރުމަކީ އިންސާފެއްނޫނެވެ. ޒޯހަންއަށް އާއިލާ އިން އިތުބާރުކުރާނީ އެމީހުންނަށް ޒޯހަން އެނގޭތީއެވެ. ޒޯހަން ކޮއްކޮދެކެ ލޯބިވާވަރާއި އަނިޔާއެއް ނުކުރާނެކަމުގެ ޔަގީންކަން އޮތުމުންނެވެ،

އަމީރާ ޕިޖާމާއެއް ލައިގެން އައިގޮތަށް އެނދުގައި އޮށޯތެވެ. ހެނާ އޭގައި ހުރި ޚަބަރުތައް ކިޔާދޭންފެށިއެވެ. ޒޯހަންގެ އާއިލާއިން އޭނައާއި އެއްކޮޅަކަށް ހިފާފައިވާ ވަރު އެނގުނުއިރު އޭނަގެ ލޮލުގެ ކުރިމަތިން ތަކުރާރުކޮށް ފެންނަނީ އެއް މަންޒަރެވެ. ދެލޯ މަރާލިޔަސް އެނޫންއެއްޗެއް ނުފެނެއެވެ. އަމީރާގެ ހިތުގައި ފޮރުވައިގެން ހުންނަން ވެއްޖެއްޔާ އޭނަގެ ހިތް ފަޅިފަޅިވެދާނެއެވެ. އޭނަ ސިފައިންނަށް ދޮގުހެދިޔަސް ހެނާއަށް ކިޔާދޭނެއެވެ.

"ހެނާ. އަހަރެން ހުރިހާކަމެއް ލޮލުން ދެކުނިން. ރާދް ރޭޕްކުރީ އަހަރެން ބަލަން ހުއްޓާ...." އަމީރާ ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރިއެވެ. އަމީރާ ދެލޯ މަރާ ބާރުކޮށްލުމުންވެސް ހިތަށް ސިފަވަނީއެވެ. ކަންފަތުގައި ގުގުމާލާފައިވަނީ ރާދްގެ އެންމެ ފަހުގެ ހަޅޭކުގެ އަޑެވެ. އެކުއްޖާ ހާދަ ބިރުގަންނާނެއެވެ. ހާދަ ތަދުވާނެއެވެ. އެހެން މީހުންގެ އަނިޔާތަކުން ސަލާމަތްކޮށްދީ ރައްކާތެރިކޮށްދޭން ހުރި ބޭބެ އެކަހަލަ ކަމެއްކޮށްފާނެކަމަކަށް ހިތަކަށްވެސް ނާރާނެއެވެ. ހާދަ އިތުބާރެއްކުރާނެއެވެ.

"ކާކުތަ؟ އެމީ، އެ މޮންސްޓާ އަކީ ކާކު؟ އެގޭގައި އުޅޭ މާމަ ގަނޑުހެންވެސް ހީވޭ...... " ހެނާގެ ހިތް އަވަސްވިއެވެ. އެ ޚަބަރު އިވިފާ ހެނާވެސް ހާދަ ވަރަކަށް ކަރުނައޮއްސިއެވެ. އެމަޖާ ސަކަ އަންހެންކުއްޖާގެ ނިމުން އެއައީ ހާދަ ބިރުވެރިކޮށެވެ. އެހާ މައުސޫމް ކުއްޖަކަށް އަނިޔާކުރާނީ ރަހުމްގެ ކަންފުޅެއްނެތް ޝައިތާނެކެވެ. އެކަމުގައި އެގޭގައި އުޅޭދައިތަގެ އަތެއް ނުވާނެ ބާވައޭ ހިތަށް އެރިއެވެ.

ކޮމެންޓް 0