"ލޫސިއާން. އަހަރެން ބިރުގަންނަވަންތަ ތިއުޅެނީ؟ " އަމީރާ ހިތްއަވަސްވެފައި އަދި މާ ބާރަކަށް ގޮވާލިއެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ އޭނައަށް މިރޭވެސް ނިދީގައި ހިނގާފައި މިހިސާބަށް އާދެވުނީހެއްޔެވެ؟ ފެނުނީ އެހާ ބިރުވެރި ހުވަފެނެކެވެ. އަދިވެސް މިހުވަފެނުން ހޭނުލެވެނީހެއްޔެވެ؟ ނޫނީ ލޫސިއާން ބުނާފަދައިން ހެލުސިނޭޝަންއެއް ބާވައެވެ. ޔަގީންވާކަމަކީ އޭނަގެ ކުރިމަތީގައި މިހާރު މިހިރީ އޭނަދެކެ ލޯބިވާ ލޫސިއާން ނޫންކަމެވެ. ލޫސިއާންގެ ދެލޮލުން ބީރައްޓެހިކަމާއިއެކު ފެނުނީ ނޭގޭފަދަ ޝުއޫރެކެވެ. އެއްވެސް ހަމްދަރުދީއެއްނެތް ބެލުމެކެވެ. މިނިކާވަގެއް ޝިކާރައަކަށްބަލާނީވެސް އެފަދަ ގޮތަކަށެވެ. ލޫސިއާން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކައިރިއަށް އަޅަމުން އައެވެ.

"ނޫން ނޫން....." އަމީރާ މޫނަށް އަތް ހުރަސްކުރީ ލޫސިއާން ކައިރިވިޔަ ނުދިނުމަށެވެ. ނަމަވެސް އޭނަ ފުންމައިގެން އައިގޮތަށް އެ އެކަތައިގެ ބާރުހުރި ދެއަތުން އަމީރާގެ ނާޒުކު އަތުގައި ހިފެހެއްޓިގޮތަށް އަތުގެ އިނގިލިތައްވެސް ބިންދާނުލީ ކިރިޔާއެވެ. ވީތަދުން ރޮއިގަތުމުން އަދި ލޫސިއާން އަމީރާގެ މޫނުމަތީގައި އެތިފަހަރެއްޖެހިއެވެ. ހަޅޭއްލަވަންޏާ އަނގަވެސް އިރާލާނަމޭ ބުނުމުން އަމީރާގެ ރުއިން ވަގުތުން ހުއްޓުނީ މީހަކު އަނގައިގާ ހިފެހެއްޓުމުން ވާފަދަ ގޮތަކަށެވެ. އެވަރުންވެސް ލޫސިއާންގެ ފަރާތުން ހަމްދަރުދީއެއް ލިބުނީއެއް ނޫނެވެ. އިސްތަށިގަނޑުގައި ހިފާ ދޮންވެލިގަނޑުމަތިން ނެގުމާއިއެކު އެތާ އޮތް ފެހިޖަހާފައިވާ ލޮނދި ގާތަކުގެ މައްޗަށް އެއްލައިލިއިރު އެހިތުގައި ރަހުމްގް ކުނޑިފަށެއްވެސް ނެތެވެ. ދެވަނަފަހަރަށްވެސް އަމީރާގެ ގައިމައްޗަށް ޖެހިގަތީ ސިންގާއަކު ޝިކާރައެއްގެ މައްޗަށް ޖެހިގަންނަހެންނެވެ. އެބުރަދަން އުފުލަން ކުޅަދާނަނުވުމާއިއެކު އަމީރާގެ ހުރިހާ ކަށިތަކެއް މުގުރުނުފަދަ އިހުސާސެއްކުރެވުނެވެ.

"ލެން ކިހިނެއްވެފައި ތިހިރީ؟ ތިހެން ނަހަދަބަލަ. އަނިޔާނުކޮށްބަލަ. ތަދުވެޔޭ. ނޭވާވެސް ނުލެވެއޭ...." އަމީރާ ނޭވާ ގެނބޭގޮތްވިއެވެ. ލޫސިއާންގެ މޭގައި އަތްއަޅާ އޭނަގެ ގައި މަތިން ނަގަން މަސައްކަތްކުރިއެވެ. ނަމަވެސް ލޫސިއާންއަށް އެއަޑުއިވުނުކަމަކަށް ނުވިއެވެ. ލެޔަށް ދަހިވެފައިވާ ވެމްޕަޔަރެއްހެން އަމީރާގެ ކަރުގައި ދައިގަތެވެ. އެތަން މިތަނަށް ވަމުން ދިޔަ ތޫނު ތަދުތަކަށް ކެތްކުރެވުނީއެއް ނޫނެވެ.

"ގެޓް އޮފް މީ....." އަމީރާ އަށް ލޫސިއާންގެ އެ ގޯނާތަކުން ވޭން އިހުސާސްކުރެވުމުން އިސްތަށިގަނޑުގައި ހިފާ ދަމައިގަންނަމުން ހަޅޭއްލަވައިގަތެވެ.

"ބުނީމެއްނު އަނގަ އިރާލާނަމޭ. ވާހަކަ ނުދައްކާށޭ. މައިތިރިވާށޭ......." ލޫސިއާން ކުއްލިއަކަށް އޭނަގެ އިނގިލިތައް އަމީރާގެ އަނގައިގެ ތެރެއަށް ލައްވާފައި ދަމައިގަތެވެ. ދުވަހަކު ލޫސިއާންގެ ފަރާތުން ދިމާވެފައިނުވާފަދަ އަނިޔާތަކެކެވެ. ކެތްނުވެގެން އަމީރާގެ ހެޔަށް ގޮތެއްވިހެން ހީވިއެވެ. ހޭލެވުނުއިރު ކޮންމެވެސް މީހަކު އޭނަގެ މޫނުގައި ފިނިފެން ހާކަން އިނެވެ. ވަރުބަލިކަމާއިއެކު އެސްފިޔަތައް ދުރުކޮށްލެވުނުއިރު ލޫސިއާން ފެނުމުން އަމީރާގެ ހިތަށް ބިރުވެރިކަންވަދެ ދެލޯ ބޮޑުކޮށްލަމުން ފަހަތަށް ޖެހެން މަސައްކަތްކުރިއެވެ. ނަމަވެސް ބިރުވެރިކަމަކީ އަބަދުވެސް މީހާ ފިޑިކޮށްލާ ސިކުނޑި ކޮންޓްރޯލް ކުރާ އެއްޗެކެވެ. ޝައިތާނާވެސް ސިކުނޑިއަށް ވެރިވެގަންނަނީ އިންސާނާ އެގޮތަށް ބިރުފަދަ ޖަޒުބާތެއްގައި ބަލިކަށިވާހިދުގައެވެ. އެފަދަ ވަގުތެއްގައި ގަހެއްގެ ހިޔަނިވެސް އެމީހަކަށް އިފުރީތެއްގެ ސިފައިގާ ފެނިދާނެއެވެ. އެކަން ހަނދާންވެފައި އަމީރާ ގަސްތުކުރީ ގަދަކޮށްލާށެވެ. އެންމެ ލޯބިވާ ލޫސިއާންގެ ފަރާތުން އެފަދަ ނުބައި ފަރާތެއް ފެންނަން ފެށުމުން ދެން އޭނަ ވީ ހިމޭނުން ހުންނާން ހެއްޔެވެ؟ މަރުވާނީ އެއްފަހަރު އެވެ. ލޫސިއާން އޭނަދެކެ ލޯބިނުވަންޏާ ދުނިޔޭގައި ހުރުމުގެ މާނައެއްވެސް ނެތެވެ. އެވަގުތު އޭނައަށް ވިސްނުނީ މުޅިން ރަގަޅަކަށް ނޫނަސް އޭނަ ފަސްޖެހޭކަށް ނެތެވެ.

"އެމީ ބިރުވެރި ހުވަފެނެއް ފެނުނީތަ؟ " ލޫސިއާން އިނީ ވަރަށް ހަމަޖެހިލައިގެންނެވެ.

"އެއީ ނައިޓްމެއަރއެއް ނޫން. ހަމަ ހަގީގަތެއް. އަހަންނަށް އަނިޔާކުރީ. އޭމޮންއަށްވެގެން. ކީއްވެ؟ ސަބަބު ބުނެދީބަލަ. ކީއްވެ އެގޮތަށް އަނިޔާކުރަންވީ؟ މިހާރުވެސް އަނގަޔަށް އެބަތަދުވޭ. ހުވަފެނެކޭ ކިޔާފައި ކޮންމެ ފަހަރަކު އޮޅުވާލިޔަސް މޮޔައެއް ނޫނޭ......." އަމީރާ ރުޅިވެރިކަމާއިއެކު ލޫސިއާންގެ އަތް ފޮޅުވާލާފައި ތެދުވެއްޖެއެވެ. އޭނަހެދި ގޮތުން ލޫސިއާން ހިފައިގެން އިން ފިނިފެން އަޅާފައި ހުރި ބޯތަށިވެސް ބަންޑުންނުވީ ހަމަ ކިރިޔާއެވެ. ނަމަވެސް ލޫސިއާންގެ ހުޝިޔާރުކަން އެއަށްވުރެ މާ ބޮޑެވެ. އަމީރާ ގޮސް ހުއްޓުނީ ލޯގަނޑު ދޮށުގައެވެ. އޭނަގެ ކަދުރާގެ ދެތިންތަނަކުން ލޭތިކިތައް އަރައަރާ ހުއްޓެވެ. ގަމީހުގެ ގޮށްތައް ނައްޓާފައި ހަށިގަނޑަށް ބެލުމުންވެސް ހިތަށް އަސަރުކުރިއެވެ. އެތަން މިތާގައި ދަތުގެ ނިޝާންތަކެވެ. އޭނަގެ ގައިގާ ލޫސިއާން ހާދަ ވަރަކަށް ލަކުނުތައް ލައްވާލައިފިއެވެ. އެންމެ ބޮޑަށް ލަކުނުތައް ލީ ހިތުގައެވެ.

"އަދިވެސް ބުނެބަލަ އަނިޔާއެއް ނުކުރަމޭ. ތިމަންނައެއް ނޫނޭ ކުރީ. ތިއީ އަހަރެން ދެކެ ލޯބިވި ލޫސިއާންއެއްނޫން. އެހެން މީހެއް. މިހިރީ ގައިގާ ދަތް އެޅިތަންތަން....." އަމީރާ ގަމީހުގެ ގޮށްތައްވެސް އަޅުވާކަށް ނޫޅުނެވެ. އެރީތި ދޮން ހަށިގަނޑަށް އޮރެންޖް އަލި އެޅިފައިވާއިރު ވިދާ ބަބުޅައެވެ. ލޫސިއާން ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ކުށްވެރިވެ އިސްޖެހޭގޮތްވިއެވެ. ހަގީގަތުގައި އޭނައަށް އެފަދައިން ކަންތައް ކުރެވުނީ ކީއްވެހެއްޔެވެ؟ އަމިއްލަ ނަފުސް ކޮންޓްރޯލް ނުކުރެވުނު ސަބަބެއްވެސް ނޭގުނެވެ. އޭނަ އަށް ހޭލެވިގެން ބަލައިލިއިރު އަމީރާ ގޭގައި ނެތްކަން އެނގުނެވެ. ހިނގަމުންގޮސް ގޮޑުދޮށަށް ނުކުމެވުނުއިރު ފެނުނީ އެތާ ނިދާފައި އޮތްވައެވެ. އެވަގުތު އަމީރާދެކެ ރުޅި އާދެވުނު ސަބަބެއްވެސް ނޭގުނެވެ. އޭނަ އަމީރާއަށް އަނިޔާކުރަން ހިތަށް އެރީ ކީއްވެހެއްޔެވެ؟ ނިދާފައި އޮތްވާ ހުވަފެނެއް ފެނުނޭ ބުންޏަސް އަމީރާގެ ގައިގާ ހުރި ނިޝާންތައް ނުފޮހެވޭނެއެވެ. ހެކި އެހެރީ ފެންނާށެވެ.

އަމީރާއާއި ލޫސިއާންގެ ހަތަރުކަޅި ހަމަވިއެވެ. ލޫސިއާން އެއްޗެކޭ ނުބުނެ ހިމޭނުން ހުރީ ޖިންސްގެ ޖީބަށް އެއް އަތް ޖަހާލައިގެންނެވެ. ޖިންނިއަކަސް ކޮންފަދަ ސްމާޓްކަމެއް ހެއްޔެވެ؟ އެރީތި ދެލޮލުގެ ކުލަ ކޮންމެވެސް ވަރަކަށް ބަދަލުވިކަން ފާހަގަވެ އަމީރާގެ ހިތް އަވަސްވެލިއެވެ. ބިރުގަންނަގޮތްވިއެވެ. ނަމަވެސް ޖަދަލުކުރާފަދަ ގޮތަކަށް އޭނަ ބަލަން ހުރިތަން ފެނިފާ ލޫސިއާންގެ ހިތަށް އޭރުވެސް އެރީ މި ބަލިކަށި އަންހެންކުއްޖާއަށް ފިލާވަޅެއް ދަސްކޮށްދިނުމަށެވެ. ބޮސްއަކީ ކާކުކަން އަންގާދިނުމަށެވެ. ރުޅިގަދަވެ ހޫނުވެ ގައިން ދުން އަރާފާނެހެން ހީވުމުން ލޫސިއާން އެތަނުން ދާން ހިނގައިގަތުމުން އަމީރާ ފަހަތުންގޮސް ލޫސިއާންގެ ޓީޝާޓުގައި ހިފާ ދަމަން އުޅުނެވެ. ލަނޑު ލިބުނީ އަމީރާއަށެވެ. އޭނަ ގޮސް ގުޅައަކަށް ދޫލަމައްޗަށް ޖެހިފައި އުނަގަނޑަށް ތަދުވުމުން ހިތުގައި ޖެހޭގޮތްވެ ލޮލުން ކަރުނަ ހިލުނެވެ. ހަގީގަތުގައިވެސް ލޫސިއާން އޭނަދެކެ ފޫހިވީބާވައެވެ. ނުވީތާކަށް ބާރުގެ ބޭނުންވެސް ކުރަންފެށީއެވެ. އަނިޔާވިޔަސް އޭނައަށް ފަރުވާލެއްނެތެވެ. އޭމޮންކަމަށް ހެދިގެން އެއް އިރެއްގައި އަނިޔާކުރިއިރުވެސް މިގޮތަށް އޭނަގެ ހިތަށް އަސަރެއް ނުކުރެއެވެ. ލޯބިވާކަމަށް ދައުވާކޮށްފައި ބަދަލުވުމުން ހިތަށް ހާދަ ވޭން އެބަ އަޅައެވެ.

"އަހަރެން އަތުން މަރުވާހިތުން ތަ ތިއުޅެނީ؟ " ލޫސިއާން ލޯ ހަނިކޮށްލާފައި އެހެން ބުނުމުން އަމީރާގެ ހިތް ރޮއިގަތެވެ.

"ލެން ކިހިނެއްވީ؟ ވެގެން އުޅޭގޮތް ބުނެބަލަ ހެޔޮނުވާނެ...."އަމީރާ އާދޭސްކުރާފަދަ ގޮތަކަށް ބުނެލިއެވެ.

ލޫސިއާން ކިރިޔާ އަމީރާއަށް އިވޭވަރަށް މަޑުމަޑުން އެއްޗެކޭ ކިޔާލިއެވެ. ފޫހިވެއްޖެޔޭ އިނގިރޭސިން ބުނިހެން އަމީރާއަށް ހީވެފާ އަދި ހިތަށް ލިބުނީ ބުނަން ނޭގޭފަދަ އަނިޔާއެކެވެ.

"ތިހާ ފޫހިވަންޏާ އެއްފަހަރުން މަރާލަންވީނު...." އަމީރާ ހުރީ ގޮތްދޫކުރާގޮތަކަށް ނޫނެވެ. ލޫސިއާން އަޑުއިވުނުކަމަށްވެސް ނަހަދާ ދެވަނަ ސިކުންތުކޮޅުގައި އަމީރާގެ ކުރިމަތިން ގެއްލުނެވެ. ކޮޓަރިތެރޭގައި ހުއްޓަސް ނެތަސް ދެން އެނގޭނީ ކިހިނެއްހެއްޔެވެ؟ ހުރިހާ އެއްޗެހި ހޫރާލަން އުޅެފައިވެސް އަމީރާ އަމިއްލަ ނަފުސް ކޮންޓްރޯލްކުރިއެވެ. ލޫސިއާން އޭނަދެކެ ފޫހިވިޔަސް އޭނަގެ ހިތުގައި ވާ ލޯތްބަކަށް އެއްވެސް ބަދަލެއްނާދެއެވެ. ދުވަހަކު އެލޯތްބަށް ނިމުމެއްވެސް ނާންނާނެއެވެ. ނަމަވެސް ލޯބިވާ މީހެއްގެ ފަރާތުން މިގޮތަށް އަނިޔާލިބުމަކީ ހިތަށް ހާދަ ތަދުވާ ކަމެކެވެ. އަނިޔާކުރަންޏާ ނޫނީ ބޭވަފާތެރިވުމުން ކެތްނުކުރެވޭނެއޭ ބުންޏަސް ލޯބިވެވެންޏާ ހުރިހާ ކަމަކަށް ކެތްކުރެވޭނެއެވެ. މިވަގުތު އޭނައަށް އެކަން ގަބޫލުކުރެވިއްޖެއެވެ.

"ގެވެށި އަނިޔާ. ތަފާތަކީ މިފަހަރު އިންސާނެއްގެ ބަދަލުގައި ޖިންނި ފިރިޔަކު ހުރިކަން. ފުރާނައިން ލޯބިވެވޭ ފަރާތަށްވީކަން. ދެން ހަދާނީވެސް ކިހިނެއްބާ. އަދި އެންމެ އަޖައިބުވަނީ ދަރިފުޅުވެސް ދައްކާލަން ނުގެނައީމަ. ފޮޓޯއެއްވެސް ދައްކާކަށް ނޫޅޭ. ލޫސިއަން ހާފް ހިއުމަން ވީމަ ބޭނުމިއްޔާ ފޮޓޯއަށް ނާރާ. ދަރިފުޅުގެ ފޮޓޯއެއްވެސް ނުނެގޭނެކަން ނޭގޭ......" އަމީރާ އެނދުގައި އުއްޑުން އޮށޯތްގޮތަށް ދެލޯ މަރާލައިގެން އޮތްއިރު ހިތާމައިގެ ތަސްވީރެއްފަދައެވެ. އެންމެފަހުން ބާލީހުގައި ބައްދާލައިގެން އޮވެ ނިދޭތޯ މަސައްކަތްކުރަންފެށިއެވެ. އެހެން ރޭރޭ ބާލީހުގެ ބަދަލުގައި ނިދާލަނީ ފިރިމީހާގެ އަތުގެ ހިމާޔަތުގައެވެ. ކޮންމެރެއަކުވެސް ފިނީގެ އުދަގުލެއްނުވެ އަރާމުކޮށް ނިދާލެވެނީ ލޫސިއާންގެ ސަބަބުންނެވެ. މިހާރު އެހުރިހާ ކަމެއް އޭނަގެ އަތުން ފޭރިގަނެވިއްޖެއެވެ.

ޖިންނި ދަރިއަކު ވިހެއުމުން ކިތަންމެ ބޮޑަށް ބަލިވިޔަސް އަމީރާ ރަގަޅުވާން ނެގީ ކުޑަދުވަސްކޮޅެކެވެ. ނަމާދުކުރެވެން ފެށުމުން ހިތަށް ފިނިކަމެއް ލިބުނެވެ. މިހާ ހިތްދަތި ދުވަސްކޮޅެއްގައި ނަމާދުކުރެވި ގުރުއާން ކިޔެވޭނެ ގޮތްވުމަކީވެސް ހިތާމަތަކަށް ލިބުނު ފަރުވާއެކެވެ. ނަމާދުގަޑިން ނަމާދުކުރަން ވެސް ބޭނުންވިއެވެ. މައްސަލައަކީ ލޫސިއާންއެވެ. މިހާރަކަށް އައިސް ގަސްތުގައި ޖެއްސުމަށް އަދި އެގަޑިއަށް އޭނަ އަމީރާއަށް ބޭނުންވާނެއެވެ. ދީނާއި މިހާ ދުރުން ލޫސިއާން އުޅެތީ އަމީރާގެ ހިތަށް ހާދަ އަސަރެއްކުރެއެވެ. ލޫސިއާން ރަގަޅުވާނެނަމައެވެ.

އަދި ލޫސިއާންއާއި ދޭތެރޭގައި ޖެހުނު ބޮޑު މައްސަލަގަނޑަށްފަހު އަމީރާ ފިޑިވުމުގެ ބަދަލުގައި ހިތްވަރު ހޯދީ އޭނަގެ ވަޒީފާއިންނެވެ. އިރުއަރާއިރު ތައްޔާރުވެލައިގެން އޮފީހަށްގޮސް ހޭބޯނާރާ މަސައްކަތުގައި އަވަދިނެތި އުޅުމުން ކޮންމެވެސް ވަރަކަށް ހިތާމަތަކަށް ލުޔެއް ލިބެއެވެ. އެހިނިތުވުންތަކުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް އެހެން މީހަކަށް ނޭގޭނެއެވެ. އަމީރާއަށް ލޫސިއާން ދޫކޮށްލާފައި ދިޔުމަކީވެސް ކުރެވޭނެކަމެއް ނޫނެވެ. އޮފީސް ނިންމާފައި ގޮސް ކޮޓެޖްގެ ހަތަރުފާރުން އެތެރޭގައި ފައި އަޅާއިރަށް ބިރުވެރިކަން އޭނަ ވަށާލަނީ ކުރިއާ ތަފާތުކޮށެވެ. ކޮޓަރިއަށް ވަނުމަށްފަހު ލޫސިއާންގެ ރުޅިއާއި އަނިޔާތަކާއި ކުރިމަތިލާންޖެހޭނެ ކިތަންމެ ފަހަރެއް އަންނާތީއެވެ. ކޫސަނި ކަންތަކާއި ރުޅިއައިސްގެންވެސް ލޫސިއާން އަތް އިސްކުރާނެއެވެ. އެވަރުންވެސް އަމީރާ ކެތްކުރަން މަސައްކަތްކުރިއެވެ.

އިރުއޮއްސުނު ގަޑީގައި އަމީރާ މާތަކެއް ބިންނަން ހުއްޓާ ދާދި ކައިރިން ލޫސިއާންގެ ރުޅިން ފޯވެފައިވާ ދެލޯ ފެނުނެވެ.

"ކިތައް ފަހަރު ބުނާނީ މިގަޑީގައި މިތަނަށް ނާންނާށޭ. އެހެން މީހުންގެ ލޮލުގައި ވެސް އަޅައިގަންނާނެއޭ. ހުރިހާ އެންމެންނެއް ލޮލަށް ފެނިގެނެއް ނޫން އުޅޭނީ......" ލޫސިއާން އަމީރާގެ އަތުގައި ހިފާ ދަމައިގެން ގެއަށް ވައްދަން އުޅުނިއިރު ފާރުގައި ބޯ ޖެހިފައި ތަދުވެގެން ލޮލުން ފެން އައެވެ. އަމީރާ ފްރިޖްކައިރިއަށްގޮސް ގަނޑުފެންގަޑެއް ނަގައިގެން ތުނިފޮތިކޮޅަކަށް ލައިގެން ދުޅަވެފައިއޮތްތާ އަޅަންފެށިއެވެ. އަމީރާ އަށް ކުއްލިއަކަށް ފެނުނީ ފްރިޖް ދަށަށްވަން ކަޅު ކުޑަ ކުޑަ ހިޔަންޏެކެވެ. ކިތަންމެ ހަލުތްވަސް އެ ކުޑަ ކުޑަ ސޫރައާއި ރަތް ދެލޯ އަމީރާއަށް ފެނިފާ ހިތަށް ބިރުވެރިކަންވަނެވެ. އަތުގައި އޮތް ގަނޑުފެންގަޑު ފަދައިން މުޅި ޖިސްމު ފިނިވިއެވެ.

"އެއީ ކޯންޗެއްތަ......." އަމީރާ ލޫސިއާންއަށް ބަލައިލީ ދެލޯ ބޮޑުކޮށްހެން އިނދެއެވެ.

"އަހަރެމެންގެ ދަރިފުޅު..." ލޫސިއާން ފާޑަކަށް ހީލިއެވެ. އެތަނުގެ މޭޒުމަތީގައި ހުރި ފާނޫޒެއްގެ މަޑު އަލި ފަނޑުކޮށް ފެތުރިފައިވިނަމަވެސް ލޫސިއާން ފެންނަލެއް ކިހާ ހިތްގައިމުހެއްޔެވެ؟ ދޫ ޓީޝާޓެއްލައިގެން ހުއްޓަސް ކަސްރަތީ ހަށިގަނޑުގެ މަސްތައް ރީތިކަމާއިއެކު މޮޑެލްއެކޭ ތަފާތެއްނެތް ހަށިގަނޑެކެވެ. އެހާ ރީތި މީހަކަށް އިފުރީތެއްފަދަ ދަރިއެއް ލިބިދާނެހެއްޔެވެ؟ އަމީރާ ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ.

"ނުވާނެ...." އަމީރާ ހިންދިރުވައިލިއެވެ.

"ކިހިނެއް ހެދީމަ ގަބޫލުކުރާނީ....." ލޫސިއާން ފްރިޖް ހުޅުވާލައިގެން ފެންފުޅިއެއް ނެގިއެވެ. އެވަގުތު އެހިޔަނި ފްރިޖް ދަށުން ބޯ ނެރުނެވެ. ރަގަޅަށް ބަލާލުމުން ހިޔަންޏެއްނޫނެވެ. ކަޅުކަޅުކޮށް އޮތް ފާޑެއްގެ މަޚުލޫގެކެވެ. ކަޅުކަމުން ދެލިކޮޅެއްވެސް އެވަރުނުވާނެއެވެ. އޭތި ލޫސިއާންގެ ފައިގާ އޮޅުލުމުން ލޫސިއާން ބަލައިލުމުގައި ލޯތްބާއި ހަމްދަރުދީ އެކުލެވުނެވެ. ކުއްލިއަކަށް އޭތި އުދުހިލާފައި ކަހަލަގޮތަކަށް އައިސް އަމީރާގެ އުނގަށްއެރިއެވެ. ވާނުވާ ނޭގުނު ސިކުންތުކޮޅެކެވެ. އެފަޅި ސިކުންތުކޮޅުގެ ތެރޭގައި އެތައް ކަމެއް ހިނގިއެވެ. އެބިރުވެރި ކުޑަ އެތި އަމީރާ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓައިގެން އުޅެގަތީ ތުއްތުކުއްޖެއް ފަދައިން ބޯންވެގެންނެވެ. ތޫނުތޫނު ކުދި ދަތްތަކުން ދަތްއަޅައިގަތުމުން ވީތަދާއިއެކު ހޫރާލަން އުޅެމުން އަމީރާ ހަޅޭއްލެވިއެވެ. ލޫސިއާންގެ އެހީއަށް އެދި ރޮއިގެންފާ ބަލައިލިއެވެ. ލޫސިއާން ހަމަ ހެނީއެވެ.

"މި ބީސްޓް އަހަރެން ކާލަނީ......ޕް...ލީޒް....ހެލްލްލް...ޕް....." އަމީރާއަށް ބިރުން ވާހަކަވެސް ނުދެއްކުނެވެ.

"އެމީ. ހީޒް ޔޯ ސަން. އެކުއްޖާއަށް ފީޑްކުރަންވީމަ ބިރުން ؟ ކަމޯން ބޭބީ..... ރިލެކްސް. އެންޑް ފީޑް ހިމް........" ލޫސިއާން އެދިމާލަށް އަންނާންފެށިއެވެ. އަމީރާގެ ގައިގާ އަލިފާން ރޯވިހެން ހީވިއެވެ. ހޫނުވެގެންނާއި ވޭނުންގޮސް އޭނަގެ ސިކުނޑިއަށް އެކަމުގެ އަސަރުކުރިއެވެ. މަޑުމަޑުން ހެޔަށް ގޮތެއްވިއިރުވެސް އެކުޑަ ކުޑަ މަޚުލޫގު އޮތީ އަމީރާގެ ކަރުގައި އަތްއަޅުވައިގެން އާލާކަން ކަނޑުވާށެވެ.

ހޭލެވުނުއިރު އަމީރާއޮތީ ލޫސިއާންގެ ކޮޓަރީގައެވެ. ލޫސިއާންގެ ޝާހީކަމުން ފުރިފައިވާ އަރާމު އެނދުގައެވެ. ވަށައިގެން އެތައް ބާލީހަކާއި ކުޝަންއެއް ޖަހާފައިވާއިރު އަރާމުކަމުން ހަށިގަނޑު ގެބިގެންދާހާވެއެވެ. ދެލޯ ހުޅުވުމާއިއެކު ހަށިގަނޑުގައި އަޅަންފެށި ވޭނާއިއެކު ސިކުނޑީގެ ލޯގަނޑަށް އެކުޑަ ކުޑަ ބިރުވެރި އެތި ސިފަވިއެވެ. އަމިއްލަ ދަރިއަކު ގާތުން ބޮއިގެން މަންމައަކަށް އުދަގުލެއްނުވާނެއެވެ. ނަމަވެސް އެކުޑަ މަޚުލޫގު އޭނަގެ ހިތް ބިރުން ވިރުވާލައިފިއެވެ. އަދިވެސް ލޯ މައްޗަށް ސިފަވަނީ އެބިރުވެރި ދެލޮލެވެ. ލޫސިއާން އަމީރާގެ އަތުގައި ފިރުމާލުމުން އަމީރާ އަތްފޮޅުވާލައިފިއެވެ. ލޫސިއާން ބުނީ އެއީ އަމީރާއަށް ފެނުނު ބިރުވެރި ހުވަފެނެއްކަމުގައެވެ. އެކަންތައް ހަދާންނައްތާލުމަށެވެ.

ލޫސިއާން ކޮޓެޖާއި ދިމާލުން ބީޗްގައި ޑިނަރއެއް ތައްޔާރުކުރިއެވެ. ވައިމަޑު ރެއެއްކަމަށްވާތީ ދިއްލާލާފައި ހުރި ކުޑަ އުއްބައްތިތަކާއިއެކު އުޑުމަތީގައި ރަނިކަން ކުރި ބޮޑު ވަށްބުރު ހަނދުން އިޝްގީކަން އިތުރުކުރުވާފައިވިއެވެ. ރިހި ރާޅުތައް ލުއިރާގެއް އަޅުވަމުން ގޮނޑުދޮށަށް ބީއްސަމުންދިޔައީ އެއްވާނަކަށެވެ. ހިތްފަސޭހަކަމުގެ އިންތިހާއެވެ. ލޫސިއާން އަމީރާ ގެނެސް ގޮޑީގައި ބޭންދުމަށްފަހު ވެލެންޓައިންސްޑޭ ވިޝްކުރުމުން އަމީރާ އިނީ މަޑުންނެވެ. އޭނަ ލޫސިއާންފަދައިން އެދުވަހަކަށް ޝައުގެއްނެތެވެ. ޖިންނިންވެސް އެދުވަސް ފާހަގަކުރަން ޖެހޭހެއްޔެވެ؟

"ހެހެ. ލޯބިވެރިންގެ ދުވަސްވީމަ ދެން ހިތަށް އެރީ ސެލެބްރޭޓް ކުރާނީއޭ....." ލޫސިއާން އަމީރާ ހިތަށް އެރި ޖުމްލައަށް ޖަވާބު ދިނެވެ. އަމީރާ އިސްޖަހައިލިއެވެ.

"އަހަންނާ ރުޅިތަ؟ " ލޫސިއަން އަހައިލީ އަމީރާ ހިމޭނުން އިންތަން ފެނިފައެވެ.

"އަހަންނަށް އެނގޭ. އައިމް ނޮޓް މައިސެލްފް ދީސް ޑޭސް. އޭމޮންގެ މިޒާޖު އަނެއްކާ އަހަރެންގެ ގައިގާ އަށަގަތީ އެހެން މީހެއްގެ ނުފޫޒުންނޭވެސް ހީވާކަހަލަ. ޔަގީނުންވެސް އަހަރެން ބޭނުންވެގެން ކުރާ ކަންތަކެއްނޫން. އަހަރެން އެމީދެކެ ވަރަށް ލޯބިވޭ......." ލޫސިއާން އަމީރާގެ އަތުގައި ހިފަހައްޓާލައިގެން ފިރުމާލަ ފިރުމާލާއިނީ އިޝްގީ ގޮތަކަށެވެ. ކުދި ކުދި ވަންނިތައް އިނގިލިތަކުގެ ކުރިންގޮސް މުޅި ޖިސްމަށް ފެތުރޭހެންހީވިއެވެ.

"ލޯބިވާލެއް ބޮޑުކަމުންތަ އެ ކުޑަ ހަންޑިވެސް އެޓޭކް ކުރިއިރު ބަލަން ހުރީ...." އަމީރާ ތުން ފިތައިލިއެވެ.

"ފާޑުފާޑު ނަން ނުދީ. އެއީ ކުޑަ ހަންޑިއެއްނޫން. އަހަރެމެންގެ ދަރިފުޅު. އެންޑް އެމީ އައިމް ސޮރީ. އެއީ އެކަންވެގެން ވާނެ ގޮތެއްނޫން. އެދަރިފުޅަށް އަމިއްލަ ބާރު އިހުސާސް ނުކުރެވެނީ. އެހެންވެ އޭނަ........"ލޫސިއާންގެ ޖުމްލަތައް އަމީރާ މެދު ކަނޑުވައިލިއެވެ.

"އެއީ މަގޭ ދަރިއެއްނޫން. ޗީ. އެ އިފުރީތު.. ލޫސިއާންވެސް އަހަންނަށް ދޮގުހެދީ. ހިޔެއްނުކުރަން އެހެން އޮޅުވާލާނެކަމަށް. އަދި ބުނި އެކުއްޖާ ބަލިކަމުންނޯ. ފުންމަ ފުންމާފައި ނޫޅެވެޔޯ. އެ ބީސްޓް ސަތޭކަ އާދަމުގެ ދަރިންނާ ނުކުޅަދާނަ............" އަމީރާގެ ދެލޮލަށް ކަރުނަ ޖަމާވީ ރުޅިގަދަވެގެން ގޮހެވެ.

"ލުކް އެމީ. އަހަރެން އެމީއަކަށް ދޮގެއް ނަހަދަން. އަދިވެސް މުޅިން ހަގީގަތެއް ނޭގޭ. ވީއިރު ތިގޮތަށް ވާހަކަ ނުދައްކާ..ކިތަންމެ ނުރުހުނަސް އަހަރެމެންގެ ދަރިއެއް އެއީވެސް. އެމީ އަހަންނާއި އިންއިރުވެސް ޖިންނިއެއްކަން އެނގެއެއްނު. ޖިންނި ދަރިއެއް ލިބިދާނެކަންވެސް ވިސްނިފައި އޮންނާނީ. އެކުއްޖާ މާ ބޮޑަށް ބަނޑުހައިވަނީ. އެހެންވެ މަންމަ ކައިރިއަށް އެންމެފަހުން އެއައީ. ކުރީކޮޅު މިލްކް ޕަމްޕްކޮށްފާ ދިނީ ފުޅިން. މިއަދު އެމީ އެކަންތައް ނުކުރީމަ ވީގޮތް. ސޯ އެހެން މީހުނަށް ބްލޭމް ނުކުރޭ ބޭބީ....................." ލޫސިއާން ބުނެލިއެވެ.

"އޭތި މަރުވެއްޖެއްޔާ ރަގަޅު. ނޫނީ ފަންޑިތަވެސް ހައްދާނަން...." އަމީރާއަށް ބުނެވުނެވެ.

"ފަންޑިތަ. ފަންޑިތަ.........." ލޫސިއާން ކުއްލިއަކަށް ރުޅިގަދަވުމާއިއެކު މޭޒުގައި ފައިންޖެހިގޮތަށް މޭޒު ވިއްސައިގެންގޮސް ޖެހުނީ އެތައް ފޫޓުދުރުގައި ކަނޑުގެ ލޮނުގަނޑުގައެވެ. އެއާއިއެކު ލޫސިއާން އަމީރާ ޖަހައިގަތީ ބާޒެއް ފިޔޮކެއް ޖަހައިގަންނަ މިސާލުގައެވެ. ވިދުވަރެއްހާ ހަލުވިކޮށް ވައިކަފާލާފައި އޭނަ އުދުހިގެން ދިޔައިރު އަމީރާގެ ކަންފަތުގައި ވައިއަޅުވާލާފައިވިއެވެ. އަމީރާއަށް ވާނުވާ ރޭކާލިއިރު ވަށައިގެން ފެންނަނީ މާސިންގާ ކަޅުކުލައިގެ ކަނޑެވެ. ކަނޑު އޭނަ ދިރުވާލަން އަނގަ ހުޅުވާލައިގެން އޮތް މަޚުލޫގަކާއި ތަފާތެއްނެތެވެ. އަމީރާ ލޫސިއާންގެ ކަރުގައި އަތް އަޅުވައިގެން އޮތްއިރު މުޅިކުއްޖާ ރޫރޫއަޅަމުން ދިޔައެވެ. ލޫސިއާން އުޅެނީ އޭނަ ޣަރަގުކޮށްލަންހެއްޔެވެ؟ ހިތެއްވެސް ނެތް މީހެކެވެ. ލޫސިއަން އޭނަދެކެ ކުޑަކޮށްވެސް ލޯތްބެއްނުވެއެވެ. މިއަށް ލޯތްބެކޭ ނުކިޔޭނެއެވެ.

"އަހަރެންގެ ގައިގާ ހިފަހައްޓާނެކަމެއްނެތް. ކަނޑަށް ވައްޓާލާނީ. އޭރުން އެހެން މީހަކު މަރާވާހަކަ ހިތަށް އަރުވަންވެސް ދުނިޔޭގައި ނުހުންނާނެ...." ލޫސިއާން ޝައިތާނީ އަޑަކުން ބުނެލިއިރު އެއަޑުގައި އެއްވެސް ހަމްދަރުދީއެއްނެތެވެ. އަމީރާ ރޮއިރޮއި އޮވެ އަތާއި ފައިންވެސް ލޫސިއާންގެ ގައިގާ ބައްދާލައިގެން އޮވެ އާދޭސްކުރިއެވެ. އުމުރުދުވަހުވެސް މިހާ ބިރުވެރިކަމަކާއި ދިމަލެއްނުވެއެވެ. އޭނަގެ މަރު މިއަންނަނީ އެންމެ ބޭނުންނުވާ އަދި މާނައެއް ނެތްގޮތެއްގައެވެ. ހެއްދެވިފަރާތް ފިޔަވާ އެހެން އެއްވެސް ފަރާތެއްމަތިން އެވަގުތު ހަދާނެއްނުވިއެވެ. އެތައް ފޫޓެއްގެ މަތިން އެއޮތް ކަޅު ކަނޑަށް އެއްލައިލުމާއިއެކު އަމީރާ ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތެވެ. މަރުގެ ރަހަ އޭނަގެ ކަރުތެރޭގައި ލީފަދައެވެ. ކަނޑުގެ ފިނިފިނި ލޮނުގަނޑުގައި ޖެހުމާއިއެކު އަޑިޔަށް ދިޔައީ ގާގަނޑެއް ވައްޓާލުމުން ވާފަދައިންނެވެ. ލޫސިއާން އެ މަންޒަރު ބަލަން ކަނޑުގެ ލޮނުގަނޑުމަތީގައި ހުއްޓިލައިގެން ހުރެފާ އަނެއް ފަރާތަށް އެނބުރުނުއިރު ދެލޯ ދިއްލިފާ ހުއްޓެވެ.

މިހުރީޒްއާއި ނަބީލާވެސް ވެލެންޓައިންސް ދުވަސްފާހަގަކުރިއެވެ. ފެންނަ ފެނުމުގައި އެ ފަޅު ރަށުގައި ދެމީހުން ފިޔަވާ އެހެން މީހަކު ނެތެވެ. ކޮންމެވެސް ދިމާލަކުން މިއުޒިކް ގެ އަޑު އިވެމުންދިޔައެވެ. ދެމީހުން ވައިގެ ތެރޭގައި ނަށަމުންދިޔަވަރަކަށް މިއިޒިކް އަޑުގަދަވިއެވެ. ބެރުތައް ތަޅާ ބަޔަކު ގަސްތަކުގެ ތެރޭގައި ތިބެގެން ހައްތަހާ ފޯރިގަދަކުރިއެވެ. މަޑުމަޑުންގޮސް ތަފާތު ސިފަ ސިފައިގާ ތިބި މަޚުލޫގުން ޖޯޑު ޖޯޑަށް އެކި ޒާތްޒާތަށް ނަށަންފެށިއެވެ. ސަލްސާ ނެށުމެއްފަދައެވެ. ޖިންނި ބަހުރުވައަކުން ލަވައެއްވެސް ކިޔަންފެށިއެވެ. މުޅިރަށުތެރޭގައި މިހާރު ފެންނަނީ އެއް ހަމަޔަކަށް ނަށަމުންދާ އެތައް ހާސް ހިޔަނިތަކެވެ. މިއުޒިކްގެ އަޑުގަދަވިވަރަކަށް ފޯރިގަދަވެ ނެށުން ހަލުވިވިއެވެ. ތަންކޮޅެއް ދުރުގައި ލޫސިއާންއާއި އެލްސާވެސް ކުޅިބަލަން ތިބިއިރު މީރާންއާއި ހަމްޒާދުފަދަ އެއުމުރުގެ ބައެއް ޖިންނި ރަސްދަރިކަލުންނާއި ރަސްދަރިކަބަލުންވެސް އެމީހުންނާއިއެކު ވިއެވެ. ބައެއް މީހުން އަތްޖެހިއެވެ. އެންމެފަހުން ވަޖިދުވަދެގެން އެންމެންވެސް އެ ނެށުމުގައި ބައިވެރިވިއެވެ. ހުޅުހިފަމުންދާ ހަށިތައް އެކުވަމުން ދިޔައިރު އިންސާނުން އާޝޯޚުވެ ހައިރާންވާފަދަ ކަންތައް ފެންނަމުން ދިޔައެވެ. އެހުރިހާ މަންޒަރެއްދެކެން ގަހެއްގެ ކައިރީގައި ހުއްޓިލައިގެން މައިކަލް ހުރިއިރު ދެޔޯއެއްފަދަ ބިޔަ މަޚުލޫގެއް އޭނަގެ ހަށިފާރަވެރިއެއްގެ ގޮތުގައި ހުއްޓެވެ. އެންމެފަހުން މައިކަލްވެސް ފޯރިހިފިވަރުން އެ ދެޔޯއާއިއެކު ނަށަންފެށިއެވެ. އޭރު މުޅި ރަށުގައިވާ ހުރިހާ އެއްޗެއްވެސް މިއުޒިކާއި އެއްވަރަށް ބޯ ޖަހާލާފައި ފައި ހަރަކާތްކުރަނީ އެތައް ދުވަހެއްވާންދެން ޕްރެކްޓިސްކޮށް އައިޓަމެއް ހުށަހަޅާދޭ ބަޔެއްފަދައިންނެވެ. ރަމްސްޓެއިންގެ ރޮކްލަވައެއްވެސް ކުޅެވެންފެށިއެވެ. މުޅިންވެސް ޝައިތާނީ ލަވަތަކާއި އެއްޗެހި ހިތްއުފާވާފަދަ ހަރަކާތްތަކެވެ. މުސްލިމުންނާއި ބީރައްޓެހި ސަގާފަތެކެވެ.

ދެޔޯ މާ ފޯރިއަރައިގަތް ވަގުތެއްގައި މައިކަލްކައިރީ އެރޭ ބޮޑު ސިއްރެއް ހާމަކުރިއެވެ. މައިކަލް ހުރީ ޝޮކެއްގައެވެ. ނަމަވެސް އެވާހަކަ ގަބޫލުކުރެވުނީ ދެޔޯ އެތައް ހުވާއެއް ކުރުމުންނެވެ. ޖިންނި ޝައިތާނުންނަކީ އަބަދު ދޮގުހަދާ ބަޔެއްކަމުގައި ވިޔަސް އެވާހަކަ މައިކަލްއަށް ގަބޫލުކުރީ ސަބަބެއްނެތި އެއްނޫނެވެ. މަންމަ އެންމެ ފަހު ދުވަސްކޮޅު އޭނަ ކައިރީގައި ބުނަން އުޅުނީ އެވާހަކަކަން ޔަގީނެވެ. އޭނަފަދަ ކުޅަދާނަ ސިހުރުވެރިއަކަށް އެވަރުގެ ބޮޑު ސިއްރެއް ފޮރުވާފައި އެމީހުން އޮތީ ކީއްވެހެއްޔެވެ؟ މައިކަލްއަށް ލިބުނު ބޮޑު ސިހުމާއިއެކު އޭނަ ގަސްތުކުރީ އަވަހަށް ގެއަށް ދާށެވެ.

ޒޯހަން ހެނާއަށް ކިތަންމެވަރަކަށްވެސް މެސެޖްކުރެއެވެ. ދުވާލެއް ރޭގަނޑެއް ނުބަލާ އޭނަ ލޯބީގެ މެސެޖްތައް ފޮނުވާއިރު ހެނާއަށް އެކަމުން ބުނަންނޭގޭފަދަ އުފަލެއްލިބެއެވެ. އޭނަގެ ހަޔާތަށް އައިސްފާވަނީ ހީނުކުރާފަދަ އުފާވެރި ދުވަސްކޮޅެކެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއޭ ބުނެވެއެވެ. ހެނާގެ ދިރިއުޅުމަށް އައި ބޮޑު ހިތާމައިގާ މަރުވެދާނެހެން ހީވިޔަސް އޭނަގެ އާއިލާއާއި އެންމެ ލޯބިވާ ޒުވާނާގެ ފަރާތުން ލިބުނު ހިތްވަރުގެ ސަބަބުން ކުރިއަށް ފިޔަވަޅު އެޅުނެވެ.

ރޮޒާލިއާ ކެޔޮބޯށި ތެލުލަން އުޅުނުއިރު ހެނާއިނީ ސައިބޯން މޭޒުދޮށުގައެވެ. އަމީރާގެ ޚަބަރެއްނުވާތީ އެވާހަކަވެސް ރޮޒާލިއާ ދެއްކިއެވެ. އޭނައަށް ބިރުވެރި ހުވަފެނެއް ފެނިގެން އެކަމާއި ކަންބޮޑުވާކަމަށްވެސް ބުނެލިއެވެ. ހެނާއަށްވެސް ކޮޓެޖަށް ދާކަށް ނުކެރެއެވެ. މިދެދުވަހު އަމީރާ އޮންލައިން ނުވާތީ ކަމެއްވީ ބާވައޭވެސް ހިތަށް އެރިއެވެ. ހެނާ ސައިބޮއިގެން ކޮޓަރިއަށްގޮސް ފެންވަރާ ހަދާލައިގެން ގަޔަށް ދޫކޮށް އޮތް އަތްދިގު ޓީޝާޓަކާއި ހަރުވާޅެއްލައިގެން ސްކާފް އިސްތަށިގަނޑުގައި އޮޅާލިއެވެ. ގަސްތަކަށް ފެންދޭން ނުކުތްތަނާހެން މައިކަލް ވަންތަން ފެނިފާ މޫޑު ޚަރާބުވިއެވެ. ބާރުބާރަށްގޮސް އެތެރެއަށް ވަންނާނީއޭ ހިތާފައިވެސް އެހާ ބޭއަދަބީވާކަށް ބޭނުމެއްނުވިއެވެ.

"ހެޕީ ވެލެންޓައިންސް ޑޭ....." މައިކަލް ރަތްފިނިފެންމަލެއް ބިދެލާފައި ދިއްކޮށްލިއެވެ. ހެނާ ފެންދިނުމުން މަލުގައި ހުރީ ފެންތިކިތައް ހަރުލާފައެވެ.

"ސޮރީ މައިކަލް. ތިއީ ފާހަގަކުރަންޖެހޭ ދުވަހެއްނޫން....." ހެނާ ބުނެލިއެވެ.

"މާ އޯވާ ވެގެން ނޫޅެބަލަ...މީގައި ހިފާނީތަ ނޫނީ. ތިގޮތަށް ހައްދުން ނައްޓާމީހުން މައިތިރިކުރަން ދަންނަން......." މައިކަލް ބަލަން ހުރީ އިންޒާރުގެ ނަޒަރަކުންނެވެ. ހެނާ މައިކަލް އަތުން މަލެއް ބޭނުމެއްނޫނެވެ. އަދި އެވެސް ނުބައި ނިޔަތެއްގައެވެ. މައިކަލް އިރުކޮޅެއްވާންދެން މާ ދިއްކޮށްލައިގެން ހުރިއިރު ހެނާ އަޅާނުލިއެވެ. ހެނާ މަލުގައި ނުހިފާނެކަން ޔަގީންވުމުން މައިކަލްގެ ލޭ ހޫނުވެ އެވަގުތު އޭނަ ހިތަށް އައީ ހެނާއަށް އެއްޗެއް ވިސްނާދިނުމަށެވެ. ފޮނިވެގެން އުޅެންޏާ އޭނައަށް ކުރެވޭނެ ކަންތައްތައް ހުރިކަން އަންގާލަދޭން އޭނަ ބޭނުންވިއެވެ. ކުއްލިއަކަށް ހެނާގެ އަތުގައި ހިފާ ދަމައިގަތްގޮތަށް ނުވިސްނާހުރި ހެނާ ޖެހުނީ އޭނަގެ މޭގައެވެ. ހެނާ މައިކަލްގެ މޭގައި އަތްއަޅާ ދުރުކުރަން އުޅުނަސް އެ ނާޒުކް އަންހެންކުއްޖާއަށް އެފަދަ ބާރުގަދަ ފިރިހެނަކު ހުރިތަނުން ގުޑުވާލުމަކީ ކުރެވޭނެފަދަ ކަމެއްނޫނެވެ. ޖަހާފައިވާ ސިމެންތި ތަބެކޭ އޭނައެކޭ އެއްގޮތެވެ.

މައިކަލްގެ ލަދުކުޑަކަން ފެނިފާ ހުއްޓުން އަރާފައި ބަލަން ހުރި މީހާގެ ދެލޯ ރަތްވެ އަނގުރުކޮޅަށްވިއެވެ. އެގޮތަށް ހެނާގެ ގަޔަށް އަތްލުމުގެ ހިތްވަރު ލިބުނީ ކިހިނެއްހެއްޔެވެ؟ ފަހަތުން އައިގޮތަށް އޭނަ މައިކަލްގެ ގިރުވާނުގައި ހިފާ ދަމައިގެންފާ މޫނަށް އެތިފަހަރެއް ވީއްލާލަން އުޅުނުވަގުތު މައިކަލް އެނބުރިލާފައި އެމީހެއްގެ އަތުގައި ހިފަހައްޓަމުން އެމީހާއާއި ހަތަރުކަޅި ހަމަކޮށްލައިފިއެވެ.

ކޮމެންޓް 0