ހެނާ ޒޯހަންގެ ކޮޓަރީގައި ޓަކިދީފައި އެތެރެއަށް ވަންއިރު އަތްފައި ގަނޑުފެންކޮޅެކޭ ތަފާތެއްނެތެވެ. ޒޯހަން މިއަދުވެސް އެހާ ލާނެތް ސަމާސާކުރާނެބާވައެވެ.

"ހައި......" ހެނާއަށް ބުނެވުނީ ރަކި ހީލުމަކާއިއެކުގައެވެ. ވޭޓަރު ޔުނިފޯމްގައި ހުރި ހެނާ ކުރިމަތިން ފެނުމުން ޒޯހަން އެނދުން ފުންމައިގެން ތެދުވިގޮތަށް ބަލަންއިނެވެ. ޒޯހަންގެ މޫނުމައްޗަށް ވެރިކުރި ކުލައާއިމެދު ގޮތެއް ނިންމުން ފަސޭހަކަމަށް ނުވިޔަސް ހެނާ ކޮފީތަބައް ގެނެސް އެނދުގެ ސައިޑްޓޭބަލް މަތީގައި ބަހައްޓާފައި ހިންދެމިލިއެވެ. ބީޗްމައުންޓް ހޮޓަލުގައި ހުންނަ ޒޯހަންގެ ކޮޓަރިއަށް ކާން ހިފައިގެން އަންނަން ޒޯހަން ކުރީ ރެއެއްގައި ބުނެފަ އޮތަސް މައިކަލްގެ ސަބަބުން އެކަންތައް އޮތީ ހުއްޓިފައެވެ. މިރޭވެސް އޭނަ މިއައީ ޒޯހަންގެ އޯޑަރެއް އައިސްގެނެއްނޫނެވެ. އޯޑަރު ލިބުނުކަމަށް ހަދާފައިވެސް ކޮންމެވެސް ގޮތަކުން ޒޯހަންއާއި ބައްދަލުކުރަން އޭނަ ބޭނުންވީއެވެ. އެހާވަރަށް ހައިރާންވެފާ ޒޯހަން ބަލަންއިނީ އޭނަ އެގޮތަށް އައުމުންބާވައޭ ހެނާގެ ހިތަށް އެރިއެވެ.

"ސަރ. މިހިރީ ޑިނަރ....." ހެނާ އޭރު ފިނިވެގެންނާއި ލަދުންގޮސް ހުރީ މަލެއްހެން މޯޅިވެފައެވެ.

"ކާކު ބުނީ ޑިނާ ގެންނާށޭ. މަށެއް ނުބުނަން..." ޒޯހަން ގެ އަޑުގައި މަޑުމައިތިރިކަމެއް ހުއްޓެވެ. އޭނަ ހެނާގެ މޫނަށް ބަލަން އިނީ ދަސްކުރާފަދަ ގޮތަކަށެވެ.

"އެކަމަ...އެކަމަކު އޯޑަރު. ލިބިފައި އޮތް..." ހެނާ އެކްޓްކުރަން މަސައްކަތްކުރަމުން ފޯނުން ރެސްޓޯރެންޓަށް ގުޅާކަމަށްވެސް ހެދުނެވެ. އޭނަގެ އެކްޓްކުރަން ހުނަރު އެއްގޮތަކަށްވެސް ނެތުމުން ޒޯހަން ކައިރީ ރީއްޗަށް ބޭޒާރުވިއެވެ.

"ލައިން ބިޒީ...." ހެނާ އަމިއްލަ ނަފުސަށްކިޔާލިއިރު ލަދުންގޮސް މޫނު ރަތްވާގޮތްވިއެވެ.

"މިހިރީ ކައިގެން. އޯކޭ؟ އެނީވޭސް ތޭންކްސް....."ޒޯހަން ލެޕްޓޮޕަށް ސަމާލުކަންދިންއިރު ހެނާވެސް ގޮސް ތަބައް ނަގަން ގުދުވިއެވެ. މިހާ ޖެހިލުންވެގެން އޭނަ ކުރަން އައިކަންތައް ނުވިއްޔާ ހުރިހާ ގެއްލުމެއް ލިބޭނީ އޭނައަށެވެ. ކުޑަކޮށް ހިތްވަރުކޮށްލަން ޖެހޭނެއެވެ. ޒޯހަން އޭނައަށް ޕްރޮޕޯސްކޮށްފައި މިހާއަވަހަށް ހަދާންނެތުމަކީ އެކަށީގެންވާކަމެއްނޫނެވެ.

"ސަރ. އަޅުގަނޑު މިރޭ މިއައީ ޖަވާބު ހިފައިގެން. އެރޭ ޕްރޮޕޯސްކުރީމަ އެއްޗެކޭ ނުބުނެވުނީ . އައިމް ވިލިން......" ހެނާގެ ޖުމްލައާއިއެކު ޒޯހަން ކުއްލިއަކަށް ލެޕްޓޮޕްލައްޕާލާފައި ތެދުވިގޮތުން ހީވީ ހެނާ އެތަނުން ނެރެލާން އުޅުނުހެންނެވެ. އެވައްތަރަށް ވާހަކަދައްކަން ފެށުމުން ހަގީގަތުގައިވެސް އޭނައަށް ކެތްނުވީއެވެ. އޭނަ ހެނާ ކައިރިން އިންނަން އެހީ ކޮންއިރަކުންހެއްޔެވެ؟ ދިރިއުޅުމުގައި އިންސާނަކަށް ދިމާވެދާނެ އެންމެ ބޮޑު އެއްހިތާމައާއި ކުރިމަތިވެ ހިތް ކުދިކުދިވެފައި ވަނިކޮށް އެނަޒަރުން އެހެން އަންހެނަކަށް ބަލައިލަންވެސް އޭނަގެ ހިތްނުރުހެއެވެ. ވީއިރު އޭނަ ހެނާކައިރިން އިންނަން އެހުމަކީ ބޮޑު ޖޯކެކެވެ. މިއަންހެންކުއްޖާ އުޅެނީ ކޮންވައްތަރަކަށްހެއްޔެވެ؟ މައިކަލްއަށް މިކުއްޖާ މާރަގަޅުވީ ދެބެންގެ ދެދަރި ކޮއްކޮއަށްވީމަކަން ޔަގީނެވެ. ޒޯހަންއަށް ފެނުނީ މޮޔަ މޮޔަ ކުޑަ އަންހެންކުއްޖެކެވެ.

"ވަޓް އާ ޔޫ ޓޯކިން އެބައުޓް؟ ކޮންއިރަކު އަހަރެން އެހީ؟ ފުރަތަމަ ކާ އެއްޗެހި ހިފައިގެން އައީ އޮޅުމަކުންނޯ. ދެން މިހާރުވެއްޖެ އަހަރެން ޕްރޮޕޯސްކުރިކަމަށް. ވަޓް އެ ޖޯކް.....ޕްލީޒް މިތަނުން އަވަހަށް ދޭ އަހަންނަށް ގޯހެއް ނެހެދެނީސް....." ޒޯހަން ރުޅިގަނޑު މައިތިރިކޮށްލިއެވެ. ކޮއްކޮމެންގެ މަރަށްފަހު އޭނަ ވަރަށް ފަސޭހައިން ރުޅިއިސްވެއެވެ.

"ޓުބީ އޮނެސްޓް އަހަންނަނީ މައިކަލް ނަމަ ހެނާއަކާއި ނީންނާނަން. ތީ މަކަރުވެރި ދޮގުވެރިއެއްކަންވެސް މިއަދު ސާބިތުކޮށްދީފި. ތިކަހަލަ އަންހެނަކާއި މައިކަލް އިންނާތީ އަހަރެން ސިމްޕަތީވެއްޖެ. ސީރިޔަސްކޮށް އަމިއްލަ ނަފުސު އިސްލާހުކުރަން މަސައްކަތްކުރޭ، ތިގޮތަށް ފިރިހެނުންނަށް ސަލާމް ޖެހުމަށްވުރެ މާ ރީތިވާނެ އިންނަން އެހިމީހާއާއި އިނދެގެން ދިރިއުޅުމެއް ހޯދިއްޔާ......" ޒޯހަން ހުރީ ވަރަށް ފޫހިވެފައެވެ. އެމޫނަށް ބަލައިލުމުން ހެނާގެ ހިތަށް ފުން އަސަރުތަކެއްކޮށް ކަރުނަ ހިލުވާލައިފިއެވެ. ކެތްކުރެވުނީއެއްނޫނެވެ. ލަދުންވެސް އޭނަ މަރުވާވަރުވިއެވެ. އެތައް ޖަޒުބާތުތަކެއް އޭނަގެ ސިކުނޑިއަށް ލޮޅުން އަރުވާލާ މީހާ މުޅިން ގަނޑުކުރުވިއެވެ.

"އަޅުގަނޑަށް މިހާބޮޑު މަޖުބޫރީ އެއް ދުވަހަކު ދިމަލެއްނުވޭ. އައިމް ސެވެންޓީން. އެކަމަކު މަންމަމެން ގަދަކަމުން ދެބެންގެދެދަރި ބޭބެއަކާއި މެރީކުރުވަން އުޅެނީ. އެވެސް ދަރިން ހޯދަންވެގެން ކަމުގައިވަނީ. ސަލާމްޖަހާކަށް ނޫން. އެހެން ފިރިހެނުންވެސް މިދުނިޔޭގައި އެބަތިބި، އެކަމަކު އަޅުގަނޑު ސަރ ކައިރިއަށް އައީ އެރޭ އެވާހަކަތައް ދެކެވިފައި އޮތީމަ.........." ހެނާގެ ކަރުނަތަކުން ޒޯހަންއަށް އެހާ އަސަރެއްވެސްނުކުރިއެވެ. އަސަރުކުރާނީ ކިހިނެއްހެއްޔެވެ؟ އޭނަދެކޭގޮތުގައި މިއީ މަކަރުވެރި އަންހެންކުއްޖެކެވެ. ދޮގުވެރިއެކެވެ. އެންމެބޮޑަށް ފޫހިވީ އޭނަ އިންނަން އެހިވާހަކަ ބުނުމުންނެވެ.

"ލުކް ހެނާ. މައިކަލްހާ ރަގަޅު ފިރިޔެއްމީހަކަށް ނުލިބޭނެ. އެއީ ހެނާގެ ނަސީބުކަމަށް އަހަރެންދެކެނީ...." ޒޯހަން ދެލޯ ހިމަކޮށްލިއެވެ. މައިކަލް ފަދަ ސްމާޓް މީހަކު ހެނާކަހަލަ އާދައިގެ އަންހެންކުއްޖަކާ ނުވެސް އިންނާނެއެވެ. ހެނާ އެކަން ގަބޫލުނުކުރަނީ ކީއްވެހެއްޔެވެ؟ އާއެކެވެ. ވެގެން އުޅޭގޮތް ވިސްނިއްޖެއެވެ. މިހާރު ހެނާ ބޭނުންވީ އޭނަގެ ފަހަތުން ދުވުމަށެވެ. އޭނަގެ މައިންބަފައިން މުއްސަދިކަން ޓީވީއިން އިޝްހިތާރުކުރަން ފެށުމުން އޭނައަކީ ކުށްވެރިޔެއްކަން އެނގިހުރެ ކިޔޫވަނީ ނިކަން ދިގުވެފައެވެ. އަންހެންކުދިން ފައިސާއާއިހެދި މޮޔަވާނެއެވެ.

ހެނާ އެރޭގެ ވާހަކަތައް ކިޔައިދީފާ އަދި މައިކަލްއާއި އެރޭ ލިފްޓުން ދިމާވި ވާހަކަބުނުމުން ޒޯހަންވެސް ހުރީ ހައިރާންވެ އަނގަ ހުޅުވިފައެވެ. މައިކަލްއާއި އެފަދަ ކޮންމެ ކަމަކާއި ގުޅުމެއްވަނީ ކީއްވެބާވައެވެ. ނޫނީ އޭނަހީކުރި ވަރަށްވުރެ އޭނަގެ ސިކުނޑީގެ މައްސަލަ ބޮޑުވެ މެންޓަލް މީހަކީހެއްޔެވެ؟ މަލްޓިޕްލް ޕާސަނަލް ޑިސްއޯޑާއަކީ އޭނަ ދަންނަ އެއްޗެކެވެ. އެއީ އަދި ވަކިން ބިރުވެރިކަމެކެވެ. ބަޔެއްގަޑީގައި އެހެން ޒޯހަންއެއް އޭނަގެ ސިކުނޑިއަށް ވެރިކަންކޮށް އެފަދަ ކަންތައް ކުރުވަނީ ބާވައެވެ.

"ވަޓްއެވާ. އެކަމަކު ހެނާ ބުނަން ވާހަކައެއް. އަހަންނަށް ތިކަމާއި އެހީއެއްވެވޭކަށް ނެތް. މާޒީ ހަދާންނައްތާލުން އެންމެ ރަގަޅީ. ސަބަބަކީ މައިކަލްއަކީ އަހަރެންގެ ގާތްއެކުވެރިޔެއް. އޭނައާއި ކައިވެނި ހަމަޖެހިފައިވާ އަންހެންކުއްޖާއާއި ކައިރިވާކަށް އަހަރެން ނުޖެހޭނެ ދޯ. ޕްރޮޕޯސްކުރެވިފައިވާނަމަ ސޮރީ. އަހަންނަށް ނެތް ތިކަމާ އެއްވެސް އެހީއެއް ވެވެން.............."ޒޯހަންގެ އެ ހަރުކަށި ޖުމްލަތަކުން ކުރި އަސަރަކުން ހެނާގެ ދުނިޔެވެސް ކުނޑިކުނޑިވެގެން ހިގައްޖެއެވެ. ލޮލަށް ގިނަވެގަތް ކަރުނަތައް އޮބިނޯވެގެން އޭގެ މަގާމު ދޫކޮށް ފައިބައިގަތެވެ. ހެނާ ތަބައްވެސް ނުނަގާ ދުވަމުން ދުވަމުންގޮސް ސިޑިއާއި ދިމާލަށް ދިޔައެވެ. ސިޑީގެ ފަތްތަރުމަތީގައި އިށިންގޮތަށް އަޑުވީއްލާ ރޮވިއްޖެއެވެ. އޭނަގެ މަޖުބޫރީ ހާލަތާއިމެދު އަޅާލާ އެކަކުވެސް މިދުނިޔޭގައިނެތެވެ. އޭނަފަދަ ބަދުނަސީބު އެހެން އަންހެންކުއްޖަކު މި އުޑުހިޔާދަށަކު ނެތެވެ. ރަހުމް ކުރާނެކަމަށް ހީކުރި މީހާވެސް އޭނަގެ ހިތުގައި ހިފާފައި ޗިސްކޮށްލީއެވެ. ކިތަންމެ ވަރަށް ރުޔަސް އެކަރުނަތަކުން އެއްވެސް މީހަކަށް އަސަރެއްނުކުރާނެއެވެ. ޒޯހަންގެ ކައިރީގައި ރޮވުނީ މޮޔަކަމުންނެވެ. އޭނަ ހާދަ ހޭނެއެވެ. މަލާމާތްކުރާނެއެވެ. ތަނުގެ ވެރިޔާ ކައިރިއަށްގޮސް އިންނަން އަހާފަޔޯ ކިޔާފައި އެހިއިރު އޭނަ އަދި ހަދާން ހުރިކަމެއްވެސް ނޫނެވެ. ފިރިހެނުންގެ ވައްތަރެވެ. އެއްވެސް މީހަކު ރަގަޅެއްނުވާނެއެވެ. ޒޯހަންގެ މަކަރުވެރިކަމާއި ދޮގުވެރިކަން އޭނަގެ ހިތަށް ބަޔާންނުކުރެވޭފަދަ އަސަރުތަކެއް ކުރުވައިފިއެވެ.

ގެއަށް ގޮސްފާ ހެނާ އޭނަގެ މަންމައާއި އަމީރާއަށްވެސް އާދޭސްކުރިއެވެ. މައިކަލްއަށް އެހެން އަންހެންކުއްޖަކު ހޯދަދޭން އެދުނެވެ. އާސާގެ ނަން ހުށަހެޅުމުން އަދި މަންމަ އޭނަގެ ކޮލުގައި ޖެހިލެއް ބާރުކަމުން ކޯ ދުޅަވެ ރަތްއެރިއެވެ. އެމަންޒަރު ފެނުމުން އަމީރާއަށްވެސް ނުބައި ގޮތެއްވިއެވެ.

"މަންމާ......." އަމީރާވެސް އެކަމާއި ނުރުހުނެވެ.

"ޖެހުނުލެއް މަޑީ. އެހެންޏާ. އެހާވަރަށް ވިސްނާދިނީމަވެސް މިގޮތްދޫނުކުރާ އަންހެންކުއްޖާ އެބައުޅޭ އެހެން މީހުން މޮޔަކުރަން. އިންނާނެ މާ މޮޅުމީހަކު ލިބޭނެނަމަތާ އަދި ވައްތަރުޖައްސަންވީ. އެއް ޒަމާނެއްގައި ދައްތައާއި މައްސަލައެއް ޖެހުނޭ ކިޔާފައި އަހަންނަކީ ދައްތަގެ ހުރި އެންމެފިރހެންދަރިއަކު ކަސްބީ އަންހެނަކާއި ދެވަން ހިތަށް އަރުވާހާ އަދި ހިތް ނުބައި މީހެއްނޫން. މައިކަލްއާއި އެކު ދިޔުމަށްފަހު މައިކަލް އަދި ދައްތަގެ ފަރާތުން ޝަކުވާއެއް އަހަން ޖެހުނަސް އަހަރެން ދުވަހަކު ހިތްހެޔޮނުކުރާނަން. އެކަން ހަދާންކުރާތި......" ރޮޒާލިއާ އެއްޗެހިކިޔަމުން ނުކުމގެން ދިޔުމުން އަމީރާ ގަނޑުފެން ގަނޑެއްގެނެސްދިނެވެ. ދުޅަވެފައިވާތަނުގައި ޖައްސާދޭންފެށުމުން ތަދު ކެނޑުނެވެ. އޭރުވެސް ހެނާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނައާދެއެވެ.

"ހެނާ. ހީނުކުރާތި އަހަރެން ހެލްޕްނުވީއޭ، އައި ކެން ސޭ އޮންލީ ދިސް. އަހަންނާއި ބަލާއިރު ހެނާގެ ނަސީބު އެތައް ހާސްގުނަ ރަގަޅު. ފަހުން ދުވަހަކުން ހެނާއަށް ހަގީގަތް އެނގުނީމަ ބުނާނެ މިހުރިހާކަމެއް ކޮށްދިނީ ހަމަ އެކަނި ހެނާއަށްޓަކައޭ. މިހާރު އެވާހަކަތައް ބުނާކަށް ފަސޭހައެއްނޫން. ދިމާވެފައިވާ މަޖުބޫރީ އަދި ކިޔާދެވޭކަށްވެސް ނެތް. އެކަނި ބުނެލާނީ އެންމެންގެވެސް ލައިފް ކޮމްޕްލިކޭޓްވާނެއޭ. އެއްވެސް މީހެއްގެ ދިރިއުޅުން ޕާފެކްޓެއްނުވާނެ. ބައެއްމީހުން ޖަސްޓް ޕްރިޓެންޑިން ޓު ބީ ހެޕީ އެކަމަކު މައްސަލަތަކެއް ހުންނާނެ. ހެނާއަކީ ވަރަށްރަގަޅު ކުއްޖެއް. އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ. ޔޫ ޑިޒާވް ސަމްވަން ލައިކް މައިކަލް. މައިކަލްއަކީ ގޯސްމީހެއްނޫން. އަދި ހެނާއަށް އެންމެ ރަގަޅީ މިގެއިން އެހެން ތާކަށް ދިޔުން. މިއީ އުޅެން ހެޔޮވާވަރުގެ ތަނެއްނޫން.............." އަމީރާ ހެނާގެ ލޮލުގައިވާ ކަރުނަތައް ފޮހެލަދިނެވެ.

އަމީރާ އެތަނުން ތެދުވެގެން ނުކުތީ ވައިޖައްސާލަން ބޭރަށެވެ. ފުނަގަހަށް ލެނގިލައިގެން އަތުގައި އޮތް ކެވެލިކޮޅާއި ކުޅެމުންދިޔައިރު އަމީރާ ވިސްނީ ހެނާއާއިމެދުގައެވެ. ހެނާ އެގޮތަށް ރޯތީ އެކަމާއި އޭނަގެ ހިތަށް ބަޔާންނުކުރެވޭފަދަ އަސަރުތައްކުރެއެވެ. ހެނާއަށްޓަކާ އޭނަ ގުރުބާންވެސް ވެދާނެއެވެ. އޭމޮން ނެތްނަމައެވެ. އަދި ޒޯހަން އެ އަނިޔާވެރި ޖަރީމާ ނުހިންގިނަމައެވެ. ނަޝީދު ހެނާއަށް ކަޅިއަޅާއިރުވެސް އަމީރާ ބިރުގަނެއެވެ. ދޮންބައްޕައަކަށް އިތުބާރުކުރެވޭނީ ވަކިވަރަކަށެވެ. އޭނަ ހެނާއަށް ދެރަގޮތެއްވެސް ހަދާފާނެއެވެ. މިހާރަކަށް އައިސް ނަޝީދު އޭނަގެ ބަލިމީހުންގެ ތެރެއިން ރީތި އަންހެންކުދިން ކައިރިއަށް ހޯމްވިޒިޓް ހަދާ ވާހަކައޮތީ ރަށަށް މަޝްހޫރުވެފައެވެ. ދޭތެރެއަކުން އޭނަ ގެއަށް ނިދާކަށް ނާދެއެވެ. މަންމައާއި ދެމީހުން ދެ ބީރައްޓެހިންނަށްވެއްޖެއެވެ. ދެމީހުން ވާހަކަދައްކާ އުޅޭ ތަނެއްވެސް ނުފެނެއެވެ. ދެން އިވޭނީ ވަރިވި ޚަބަރެވެ. އެފަދަ ނުބައި މާހައުލަކުން ސަލާމަތްވެ މައިކަލްމެންގެ ގޭގައި ދިރިއުޅެން ފަށައިފިއްޔާ ހެނާއަށް ފަހަރެއްގައި އުފާވެރި ހަޔާތެއް ހޯދިދާނެއެވެ.

މިއަދުވެސް އުޑުމަތި އޮތީ ބަނަކޮށެވެ. ފަޒާގައިވާ ތެތްފިނިކަމުގެ ސަބަބުން ހީކަރުވާގޮތްވިއެވެ. އަމީރާ މޫސުމާއި ގުޅޭގޮތުން ސްވެޓާ ފޮތީގެ އަތްދިގު ޓޮޕަކާއި ޖިންސެއްލައިގެން ތައްޔާރުވެލުމަށްފަހު ނުކުތްއިރު ހެނާ އިނީ ފެންޑާގައިވާ ގޮނޑިއެއްގައެވެ. ހެނާ އިނީ އަނގައިންވެސް ނުބުނެ އިސްޖަހާލައިގެންނެވެ.

"ހެނާ. ކޮފީއަކަށް މިދަނީ. ނުދާނަންތަ؟ "އަމީރާ އަހައިލީ ހިނިތުންވެލަމުންނެވެ.

"ކޮންމެފަހަރަކު ތިހެން އަހާގޮތުން ހީވަނީ ޖެއްސުމަށް ބުނާ އެއްޗެހިހެން. އެމީއަށް ރަގަޅަށް އެނގޭނެ ސަފާކުރާވަރު . މިއަށްވުރެ މަރުވުންވެސް މާރަގަޅު. އެމީ ހެން އެހެން މީހުންނަކަށް ކޮފީއަށްގޮސް މަޖާކޮށް އުޅޭކަށް ހުއްދައެއް ނޯވޭ....." ހެނާ ދުވަހަކު އެގޮތަށް ވާހަކަދައްކާފައެއްނުވެއެވެ.

"ހެނާ. ލައިކް އައި ސެޑް ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާއިމެދު ޕޮޒިޓިވްކޮށް ވިސްނަންވާނީ. އައި ލާންޑް އެ ލެސަން. ކިތަންމެ ހިތްދަތި ބިރުވެރިކަމެއް ތަޖުރިބާކުރަން ޖެހުނަސް އެކަކަށްވެސް އަހަރެންގެ އުފާވެރިކަމާއި ޑިޓާމިނޭޝަންއަކާއި ނުކުޅެވޭނެ. ބޭނުމީ އުފަލުގައި އުޅެން. ލައިފް އިޒް ޝޯޓް. އެންޖޯއިކޮށްފަ ދުނިޔެއިން ދާންޖެހޭނީ......" އަމީރާ ކުޑަކޮށް ހިނިތުންވެލުމަށްފަހު ހެނާއަށް ވިސްނައިދޭ ރާގަކަށް ބުނެލިއެވެ.

"އެހެނޭ ކިޔާފައި ބޯއިސްއިންނާއިއެކީ ކޮފީއަށް ދާކަށް ނުޖެހޭ. ދެން ހަމަ ހުރިހާ ހުއްދަނޫން ކަމެއްވެސް ކުރަންޖެހޭތަ؟ " ހެނާ ހުރީ އަމީރާއާއިވެސް އަރައިރުންވާހިތުންނެވެ.

"ނޯ. އޭގެ މާނައަކީ ހަރާމްކަންތައްތަކަށް އަރައިގަންނާށެކޭ ނޫން. ޑޯންޓް ވޮރީ ލިޓްލް ސިސް. އުޅެންވާ ލިމިޓުން ބޭރެއްނުވާނަން......."އަމީރާ ދަނީކަމުގައި ބުނެލާފައި އަތްހޫރާލިއެވެ.

"ޝީޒް ސޯ ހެޕީ. އަހަރެން އެމީއަށްވިނަމަ...." ހެނާގެ ހިތަށް އެހެން އެރީ ކިތައްހާސްފަހަރު ކަމެއް ނޭގެއެވެ. ކޮންމެ ފަހަރަކު އޭނައަށް އަމީރާއާއި އޭނައާއި އަޅާކިޔާލެވެއެވެ.

އަމީރާ ރެސްޓޯރެންޓަށް ވަދެފައި ޖައްސައިލީ އެންމެކަނުގައި ހުރި މޭޒުގައެވެ. އޭނަ ކޮފީޑޭޓަށް އައި ޒުވާނާ ގަޑިއަށް ފަރުވާލެއް ނުބެހެއްޓުމުން އަމީރާ ދެރަވިއެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލައިލެވެނީ މާޔޫސްކަމާއިއެކުގައެވެ.

ކޮމެންޓް 0