އަމީރާ ބަލަން އިނީ ޝައްކުގެ ނަޒަރަކުންނެވެ. ނަމަވެސް އޭނައަށް ޝައްކުވިކަމަށް ނެހެދެންވެގެން އިސްޖަހައިލިއެވެ.
"ބޮކި އަދާފައި އޮތީމަ. މަންމައަށްވެސް އެއޮތީ ނިދިފައި...." އަމީރާ ބުނެލިއެވެ. ރަފައެލް ވަގުތުން ކަމާއިބެހޭ ފަރާތަށް އެވާހަކަ އެންގިއެވެ. ރޫމް ދިހައަކަށް ވަގުތުން ޓެކްނިޝަންއެއް ފޮނުވާދޭން އެދުނެވެ.
"އޯ މައި ގޯޑް...." ކުއްލިއަކަށް ރަފައެލް ބުނިއެއްޗަކުން ސިހިފާ އަމީރާ އިސްއުފުލާބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ރަފައެލް އެހެން ބުނީ ކީއްވެހެއްޔެވެ؟ އެހާ ހައިރާންވި ސަބަބަކީ ކޮބާހެއްޔެވެ؟ އަމީރާ ސުވާލުކުރުމުން ރަފައެލް ކަމެއް ހަދާންވީކަމުގައި ބުނެލާފައި ފޯނާއި ކުޅެމުން ބޭރަށް ނުކުތެވެ. ވަގުތު ބަލާފައި އަމީރާ އަވަސްއަވަހަށް އެނދުން ފުންމާލުމަށްފަހު ސިއްރުސިއްރުން ނިކުންނަން އުޅެނިކޮށް ރަފައެލް ދޮރުމައްޗަށް އެރިއެވެ. އެތޫނު ދެލޮލުގައި ވި ސީރިޔަސްކަމުން ހިތް ފިނިވެގެން ދިޔުމާއިއެކު އަމީރާ ގޮސް އެނދަށް އެރިއެވެ.
"ބޭރަށް ދާހިތުންތަ؟ "ރަފައެލް ސުވާލުކޮށްލިއެވެ.
"ހަނދުވަރު ރީތިކަމުން ބަލައިލާ ހިތްވީ...." އަމީރާ އިސްޖަހައިލުމަށްފަހު ތުންފަތް ހަފަން ފެށުމުން ލޭރަހަލިއެވެ. ރަފައެލްއާއިމެދު އޭނައަށް ވަރަށް ޝައްކުވިއެވެ. ރަފައެލް ބަލަން އެހުންނަނީވެސް މާނަވީ ނަޒަރަކުންނެވެ. ފުރަތަމަ ދުވަހުން ފެށިގެން ރަފައެލްއާއި ދިމާވި ދުވަސްތައް ފިލްމެއްގެ މަންޒަރުހެން ލޮލުގެ ކުރިމަތީގައި ނިއުޅެންފެށިއެވެ. ރަފައެލް ނަފްސާނީ ޑޮކްޓަރެއްގެ ސިފަޖެހިގެން ހުއްޓަސް މިއީ އިންސާނެއްނޫނެވެ. ލަންކާގައި ލޫސިއާން އޭނައާއި ވާހަކަދައްކަން ހުރި ދުވަހެއްގައިވެސް "އޭމޮން" ވަނީ ލޫސިއާންގެ ބޮލާއި ދިމާލަށް ކޮންމެވެސް އެއްޗެއް އެއްލާލާފައެވެ. ވީއިރު އޭމޮންއަކީ ރަފައެލްކަން ގާތްގަނޑަކަށް ޔަގީންވެއްޖެއެވެ. އޭރު ޓެކްނިޝަނެއް އައިސް އަނދާފައިވާ ބޮކި ބަދަލުކުރުމަށްފަހު ހިގައްޖެއެވެ. މަންމަވެސް ކުއްލިއަކަށް ދެލޯ ހުޅުވާފައި ވަރަށް ހާސްކަމާއިއެކު ވަށައިގެން ހޯދައިލީ ބިރުވެރި ހުވަފެނަކުން ހޭލެވުނު ފަދައިންނެވެ. އޭނައާއި ރަފައެލް ވާހަކަދައްކަން ތިބިތަން ފެނިފާ މަންމަ ހިނިތުންވެލިއެވެ.
އެދުވަހު އަމީރާ ބޮޑާހާކައިގެން ގެއަށް ދިޔައިރު އަދި ނަޝީދުއާއި އާޒް ހޮސްޕިޓަލުން ދޫކޮށެއްނުލައެވެ. ރޮޒާލިއާ ހުރީ އިރުއޮއްސުމުގެ ކުރިން ގެއަށް ދާން ނިންމައިގެންނެވެ. ރޮޒާލިއާ ހެނާއަށް ގުޅާފައި އަމީރާ އެކަނިކޮށްނުލަން އެދުނެވެ. ހެނާވެސް ގެއަށް ދިޔައީ އަމީރާއަށް ކުރިމަތިވެދާނެ ކަމަކަށް ބިރުންނެވެ. ހެނާ އަމީރާ ކައިރީގައި އެވާހަކަތައް ދެއްކުމުން އަމީރާގެ ހިތަށްވެސް ނުބައިގޮތެއްވިއެވެ. ފަންޑިތަވެރިޔާ އެދެއްކީ ދޮގުވާހަކައެއް ނޫނެވެ. އޭނައަށްވަނީ އެކަމުގެ ތަފްސީލު ކިތަންމެހާ ރަގަޅަށްވެސް އޮޅުންފިލާފައެވެ. އެކަމަކު ބަލިވެއިން ކަމެއް އަމީރާއަކަށް އިހުސާސެއްވެސް ނުކުރެވެއެވެ. ބަނޑު އެހާ ތުންޏެވެ. ކިތަންމެ ތަވީދު ބޭނުންވިޔަސް އެކަންކުރެވެން އޮތީ އޭމޮންގެ ހުއްދަލިބިގެންނެވެ. ރޮޒާލިއާ ބުނީ ހެދިކާ ގަނެގެން ހަވީރު ސައިބުއިމަށެވެ. އަމީރާ ހުރީ ރޭގަނޑަށް ކޮންމެވެސް އެއްޗެއް ކައްކާލާހިތްވެފައެވެ. މަޣުރިބު ނަމާދުކޮށްގެން އޭނަ ކާކޮޓަރިއާއި އަރާހަމަވެފައި ބޮކި ދިއްލަންވެގެން ސްވިޗްބޯޑާއި ދިމާލަށް އަތް ފޯރުކުރުވިތަނާ އެތެރޭގައި ހުރި މީހަކު އޭނަގެ އަތުގައި ހިފިއެވެ. ވަރަށް ބޮޑަށް ސިހޭގޮތްވިއެވެ. ހަޅޭއްލަވަން އަނގަ ހުޅުވާލިތަނާ އަދި ނޭފަތާއިއެކު އަނގައިގާ އަތްއެޅުމުން ނޭވާވެސް އެތެރެހަށީގައި ތާށިވިއެވެ. އެހޫނު ކުރަކި އަތް އޭނައަށް ނޯޅޭނެއެވެ.
"ޝްޝްޝް މިއީ މަށޭ. ބޭބީ ދެން ކަމަކާ ނުލާ ހަޅޭއްލެވީމަ މިރަށުމީހުން މިގޭދޮށަށް އެއްވެދާނެ..." އޭމޮން އަތްނަގަމުން ވާހަކަދެއްކިއެވެ.
"އިޑިއަޓް.........." އަމީރާ ކަޅިއަޅައިލީ ނަފްރަތާ އެކުގައެވެ.
"ބްލީޗް ލާފައި އަނގަ ދޮވެލަދެންތަ؟ ދެން މަގޭ ވައިފްއަކީ ރާނީއަކަށްވާއިރު ތިހާ ދަށް ބަހުރުވަ ގެންގުޅޭކަށް ނުވާނެ....." އޭމޮން އަނދިރީގެ ތެރޭގައި ހުއްޓިލައިގެން ހުރިއިރު ދަތްތައްވިދައެވެ. ޝައިތާނީ ހުނުމެކެވެ. އަބަދު އަނދިރީގައި ހުރުމުން ސިފަ ވަކިކުރާކަށްވެސް އެނގެނީއެއް ނޫނެވެ.
"ފިނޑިމީހާއަށް ނުވެސް ކެރޭ އަނދިރިގަނޑުން ނުކުންނާކަށް......" އަމީރާ މަލާމާތްކުރިއެވެ.
"ޔޫ އާ ރައިޓް. ސިފަ ރީތިކަމުން އަންހެންކުދިން ފެއިންޓްވާތީ ބޭނުންނުވަނީ. އަހަރެން މިއީ އެހާ ހިލަހިތެއްގެ ވެރިއެއްނޫނޭ. ކޯނޗެއް ކައްކަން ތިއުޅެނީ؟ އަހަރެންވެސް އެހީވެދޭން މިއައީ...." އޭމޮން ފަހަތުން އަމީރާގެ ގައިގާ ބައްދައިލިއެވެ. ކުދި ގޯނާތައްކުރަންފެށިއެވެ. އޭމޮންއަށް ހެނާ އަންނަކަން ރަގަޅަށް އެނގިފައިވެސް ހެނާ ބިރުގަންނަވަން ކޮންމެހެން ގެއްލޭކަށްވެސް ބޭނުމެއްނުވިއެވެ. ހެނާ ދޮރުމައްޗަށް އަރާފައި ބިރުންގޮސް މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. އަމީރާގެ ގައިގާ ބައްދާލައިގެން ހުރި އިސްކޮޅުން ދިގުމީހާ ފެނުނީ ހިޔަންޏެއްގެ ގޮތުގައެވެ. ހެނާގެ ކަރުތެރެއިން ހަޅޭކެއްގެ އަޑުބޭރުވިއެވެ. އަނބުރައިގެންފާނެ ހެން ހީވި ވަގުތުކޮޅެއްވެސް އައެވެ. އޭމޮން އެނބުރި އަމީރާގެ ގައިންދޫކޮށްލާފައި ހެނާއާއި ދިމާލަށް އަންނަން ފެށުމުން ކައިރިވިޔަ ނުދޭން އަމީރާ ބުރަކަށީގައި ތަޅަންފެށިއެވެ.
"ހައި ލިޓްލް ހެނާ. އަހަންނަކީ ހެނާގެ ޅިޔަނު. ދޮންތަބޭ ކިޔަސް ރަގަޅުވާނެ......" އޭމޮން އަތް ދިއްކޮށްލުމުން ހެނާ ދެލޯ ބޮޑުކޮށްލަމުން ޖެހުނީ ފަހަތަށެވެ.
"ކާމްޑައުން ހެނާ. އަހަރެން ނޫޅެމޭ ހެނާއަށް ކަމެއް ކުރާކަށް. އެކަމަކު ބުނަން ވާހަކައެއް. މަންމައާއި ބޭބެ ލައްވާ ފަންޑިތަ ހެއްދުން ހުއްޓާލާ. ފާޑުފާޑަށް ފަންޑިތަ ހައްދަންވެއްޖެއްޔާ ހެނާމެންގެ ބައްޕަ ގޮތަށް ޖަލަށް ލާފައި ފުއްދާލާނީއެއްނޫން. އެއަށްވުރެ ނުބައިކަމެއް މި ފެމިލީއަށް ކުރިމަތިވެދާނެ. ތިންކް އެބައުޓް އިޓް އިނގޭ. އާޒް. މަންމަ...........އާސާވެސް. އެންމެން ދެކެ ލޯބިވަމެއްނު......" އޭމޮން ހިނިގަނޑެއް ޖަހައިލިއެވެ.
"އާސާވެސް މަރައިލީ ކަލޭދޯ...." އަމީރާ ހަށަންބަދެލައިގެން ހުރިއިރު ދެލޮލުގައިވަނީ ސާފު ނަފްރަތެވެ. ހެނާ ހުރީ ކުރިމަތިން ފެންނަ މަންޒަރުތައް ގަބޫލުނުކުރެވިފައެވެ. މާމަވެސް ކުރިން މިޒާތުގެ ވާހަކަތައް ކިޔާދޭނެއެވެ. އިހުޒަމާނު މީހުން ދަރުހޮވަންދާއިރު ނޫނީ ފަޅުރަށަށް ދާއިރު ބިރުވެރި ސިފަސިފައިގާ ތިބޭ ހަންޑިއެއްޗެހި ދިމާކޮށްގެން މީހުން މަރުވާ ވާހަކައެވެ. މީހުން ހުން އަންނަ ވާހަކައެވެ. އެވާހަކަތައް ހެނާގެ ސިކުނޑީގައި ހަރުލާފައިވެއެވެ. އޭނަވަނީ ބައިވަރު ވާހަކަފޮތްތައް ކިޔާފައެވެ. ސުޕަނެޗުރަލް ވެމްޕަޔާޑައިރީސް ވޯކިންޑެޑް ފަދަ ސީރީޒްތަކުގައި ތަފާތު ރޫހާނީ ބާރުތައް ދައްކުވާދީފައިވާ އިރުވެސް މިގޮތަށް ކުރިމަތިން ފެނިދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އޭނަ ހީކުރީ އެއީ މީހުންގެ ޚިޔާލަށް ގެންނަ މަޚުލޫގުންތައް ކަމުގައެވެ. ނަމަވެސް މިހާރު މިހިރީ ހަގީގަތަކަށްވެގެން ކުރިމަތީގައެވެ. އާސާ ނަމަ ވަރަށް ފޯރިއަންނާނެއެވެ. އެއީ އެކަހަލަ ކަންތައްތަކަށް ވަރަށް ފޯރިހިފާ އަންހެންކުއްޖެކެވެ.
"ހޫ އިޒް އާސާ...." އޭމޮން ހައިރާންވިއެވެ.
"ޖިންނިއަކަށް ނޭގޭ އެއްޗެހި ހުރޭތަ؟ " އަމީރާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އަދި އެތަނުން ދާންވެގެން ބާރަށް ހިނގައިގަތްނާ އޭމޮން ހެދިގޮތަކުން މުޑިޖެހުނެވެ.
"ހެނާ. އެމީ ކައިރީބުނެބަލަ ހެނާގޮތަށް ބަސްއަހައިގެން ހަޒްބެންޑަށް ކެއަރކުރާށޭ. ޕުއަރ ހެނާ. އައި ފީލް ޕިޓީ ފޯ ޔޫ. އެނގޭތަ ކީއްވެކަން؟ މައިކަލްއާއި ޒޯހަން އާއިވެގެން އެކުޅޭ ކުޅިގަނޑުގެ ސަބަބުން. ގޮސް އެމީހުން ކައިރިން ސީދާ އަހާބަލަ ކޮންކަމެއް ހެއްޔޭ އޮޅުވާލައިގެން އެއުޅެނީ. ފަޅާއެރީމަ ހެނާ އެދެމީހުންދެކެ ނަފްރަތުކުރާނެ......" އޭމޮންގެ ވާހަކައިން ހެނާހުރީ އަޖައިބުވެފައެވެ. ގެންފައިވާ ބިރު ކޮންމެވެސް ވަރަކަށް ނެތިގެންދާން ފެށިއެވެ. މައިކަލްއާއި ޒޯހަން އޭނައަށް އޮޅުވާލައިގެން ކުރާކަމެއް އަހަން ބޭނުންވިއެވެ.
"ކަލޭގެ ދޮގުވެރި ވާހަކަތައް އަޑުއަހާނީ މޮޔައެއް. ޔޫ ނޯ ވަޓް؟ ޖިންނިން ދުވަހަކު ތެދެއް ނަހަދާނެއޭ ބުނާ މަޝްހޫރު ބަހެއްވެސް އޮވޭ. މައިކަލް ހެނާއާއި މެރީކުރި ސަބަބު އެންމެނަށްވެސް އެނގޭ. އެކަމަކު ޔަގީނުންވެސް މައިކަލް ހެނާއަކަށް ނުބައެއް ނުވާނެ. އެނގޭތަ؟ މައިކަލްއަކީ ހެނާގެ އެކަނި ހަޒްބެންޑެއްނޫން. ކަޒިންއެއް. ހީ ކެއަރސް ފޯ ހާ.....ޖެލަސްވެފައި ދޯ ތިހިރީ.........." އަމީރާ ހިތަށްއައިހާ އެއްޗެއް ކިޔައިލިއިރު އޭމޮން ފާޑަކަށް ހެވިފައި އަޑުއަހަން ހުއްޓެވެ.
"ކޫލް މީހެއްކަން ނޭގޭ. ރުޅިއަންނަންވީމަ އަންނާނީ. އެވަރަށް އެއްޗެހި ކިޔާލީމަވެސް ފާޑަކަށް ހެވިލާފައި މިފޮނި މީހާ އެބަހުރި...." އަމީރާ ހިތާހިތުން ކިޔައިލިއެވެ.
"ޔޫ އާ ރައިޓް އަމީރާ. ވަރަށް ކޫލްވާނެ. އެހާ ފޮނިވެސްވާނެ......." އޭމޮން ހިނިގަނޑެއް ޖަހައިލިއެވެ.
"ވަޓް؟ " އަމީރާގެ ގައިގާ ވާހާ ލޯލިތައް ހުރީ ކޮޅަށެވެ. މިމީހާއަށް އޭނަގެ ސިކުނޑީގައިވާ އެއްޗެއް ދެނެގަތުމުގެ ކުޅަދާނަކަންވެސް ލިބިފައިވެއެވެ. ހެނާވެސް ހުރީ މި ނިއުޅެމުންދާ ކަންތައްތަކުގެ ސަބަބުން އަނގަ ހުޅުވިފައެވެ. ހިތުގެ ތެޅުން ބާރުވެ ތަލިން ކުލުހިކިއްޖެއެވެ. އޭނަ ހުރީ ޕެނިކް އެޓޭކެއްޖެހުމުގެ މަގުމަތީގައެވެ.
އޭމޮންގެ ފަރާތުން ނުރައްކަލެއް ނެތްކަން ޔަގީންވެފައި ހެނާވެސް އެއްފަރާތަކަށް ޖެހިލީ އާސާއަށް އެ ޚަބަރުދިނުމަށެވެ. މިރޭވެސް ލިބެނީ އެއް ޖަވާބެވެ. އެފޯނަކަށް ނުގުޅުނެވެ. ހެނާ މާޔޫސްވިއެވެ. މާ ދުރަށް ދާކަށްވެސް ނުކެރުނެވެ. މަންމައޮތީ އަމީރާ އެކަނި ނުކުރަން ގަދަޔަށް އަންގާފައެވެ. އަމީރާއަށް ދެރަގޮތެއް ވެއްޖެއްޔާ ޒިންމާ އެޅޭނީ އޭނަގެ ބޮލުގައެވެ. އަމީރާގެ ހަށިފާރަވެރިއެއްގެ ގޮތުގައި ހުރެ އިފްރީތުންނާއިވެސް ހަގުރާމަކުރާ ހިސާބަށް މިދިޔައީއެވެ. ހެނާ ސިއްރުސިއްރުން ބަލައިލިއިރު އަމީރާ ބޮކިތައް ދިއްލާލައިގެން ކެއްކުމުގެ މަސައްކަތުގައި އަވަދިނެތި އުޅޭތަން ފެނުނެވެ. އޭމޮންދިޔައީ ކަމަށް ހީކޮށް އަދި ވަންނަން ދަނިކޮށް މީހަކު ކަންފަތްކައިރީގައި "ބޫ" އޭ ކިޔުމުން ހެނާއަށް އަޑުކޮޅަށް ހަޅޭއްލަވައިގަނެވެނެވެ. އޭމޮން ލޮލަށް ޣައިބުވެގެން ހުރެ އެމީހުންނަށް ގޯނާކުރަނީތާއެވެ. އަލިވީމަ އެހުންނަނީ ފިލާފައެވެ. ދޭތެރެއަކުން ފަންކާ ނޫނީ ބޮކިނިވާލައެވެ. އަމީރާގެ ގައިގާ ބައްދާލާނެއެވެ. މޫނަށް ފުމެލާނެއެވެ. ކަންފަތް ކައިރީގައި އެއްޗެކޭ ބުނެލާނެއެވެ. ނުވީތާކަށް ބައެއްފަހަރު އެހީތެރިވެސްވެދެއެވެ. އަމީރާ ކަބަޑްމަތީގައި ހުރި ޑަބިޔާއެއް ނުނެގިގެން ގޮނޑި ކައިރި ކުރަން އުޅުނުތަނާ ފެނުނީ ޑަބިޔާ ނަގާފައި ކައުންޓަރު މަތީ ބެހެއްޓިތަނެވެ. ހެނާއަށް މަޖާވާންފެށިއެވެ.
"ޖިންނި ބްރަދައިން ލޯ އެއް ހުރުމުން ފެންޓެސީ ދުނިޔެއެއްގައި އުޅެވެނީފަދަ. ހެރީޕޮޓާ ފިލްމެއްގެ ތެރޭގައި ހަމަ މިއުޅެވެނީ. އެކަމަކު ބިރުވެރިކަމުގެވެސް އިންތިހާ. އެންމެ ފުރަތަމަ ޖިންނިން ވަފާތެރިއެއް ނުވާނެ. ދެވަނަ ސަބަބަކީ ބާރުގަދަކަމުން ކޮންމެފަދަ ގެއްލުމެއްވެސް ދީފާނެ. ތިންވަނައަށް ޖިންނިންނާއި ގުޅުން ހުއްދައެއްނޫން. އެކަމަކު ފިލްމުތަކުންނާއި ވާހަކަތަކުގައި ޖިންނިންނާއި އިންސާނުން ގުޅިގެން ދަރިން ލިބެއޭ އެބުނަނީ ކީއްވެ. ޖިންނިންނާއި އިންސީންނަށް ދަރިން ލިބެނީ ކޮންގޮތަކުންބާވައޭ ހިތަށް އަރާ. އަހަރެން ދަންނަނީ ޖިންނިން އިންސާނުން ބަނޑުބޮޑުކަމަށް ހީކުރުވަނީކަމަށް. އަދި ދަރިންނަކީވެސް ލޯމައްޗަށް ފެންނަ ބަޔެއް. އެއީ އަސްލެއްނޫން. ހެލުސިނޭޝަންސް. އެމީއަށްވެސް އެހެން ފީލްވަނީކަމަށް ވާނީ. ބަނޑު ފުއްޕިޔަސް ސްކޭނުންވެސް ދަރިއެއް ނުފެންނަނީ އެހެންވީމަ. ފިލްމުތަކުންނާއި ވާހަކައިންވެސް ވަނީ އެހެންތާ..އެމީވެސް ބަނޑު ބޮޑުކަމަށް އެ ފަންޑިތަވެރިޔާ ބުނަނީ. ހަގީގަތެކޭ ބުނާނީވެސް ކާކު........." ހެނާ ވިސްނައިލިއެވެ.
ރޮޒާލިއާ ގެއަށް އައިއިރު އަމީރާއާއި ހެނާ ވަޅޯމަހުން ސްޕެގެޓީ ހަދާފައި މޭޒުމައްޗަށް އަރުވާފައި ހުއްޓެވެ. މާލަހެއްނުވެ މައިކަލްވެސް ހެނާ ބަލާ އައިއިރު ހުރީ ވަރަށް ފާޑަކަށެވެ. ހިތްހަމަނުޖެހިފައި ހުރެ ކާންވެސް އޭނަ އިންކާރުކުރިއެވެ. ހެނާއަށް އަމުރުކުރީ އަވަހަށް އައުމަށެވެ. އެހެން މީހުންނަށް މައިކަލްގެ ރުޅިވެރިކަން ނުދެއްކިޔަސް ހެނާގެ އަތުގައި ހިފަހައްޓާލިގޮތުންވެސް ހެނާއަށް އެކަން އިހުސާސްވިއެވެ. ގޭ ދޮރާށިން ނުކުތްތަނާ ގަސްތަކުގެ ތެރެއިން ހިޔަންޏެއްފެނުނު ހެން ހީވެފައި ހެނާ އެނބުރި ބަލައިލަން އުޅުނެވެ.
"ޑޯންޓް....." މައިކަލް އަމުރުކުރިއެވެ.
"މައިކަލް. އަތަށް ތަދުވެއޭ....." މައިކަލް ހިފަހައްޓާފައި ހުރީ އެހާވެސް ބާރަށެވެ. ގެއަށް ހެނާ ވަންއިރު ޒޯހަން އިނީ ލެޕްޓޮޕް ހިފައިގެން ކޮންމެވެސް މަސައްކަތެއްގައެވެ. ހެނާ ނުވެސް ބަލާ އެތެރެއަށް ދާން ހިނގައިގަތް ވަގުތު މައިކަލް ބުނި ޖުމްލައަކުން ސިހުމެއްލިބުނެވެ. އޭނަގެ ހުއްދަނެތި ގޭޓުން ބޭރަށް ނުނިކުތުމަށް އެންގުމުން ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. މައިކަލްއަށް ވެގެން އުޅެނީ ކިހިނެއްހެއްޔެވެ؟ އޭނައަށް ރުޅި ބާލަނީ އަމިއްލަ ގެއަށް ދިޔުމުންކަމަށްވެސް ވެދާނެއެވެ. މައިކަލް އެކަމާއި ރުޅިއަންނަންވީ ސަބަބެއްނެތެވެ. އެއީ އަމިއްލަ ގެއެވެ. އޭނަގެ އާއިލާއެވެ.
ދެތިން ދުވަސްވާންދެން ހެނާ އުޅުނީ ޒޯހަންއަށްވެސް ފިލައިގެންނެވެ. އެކަމާއި ޒޯހަންއަށް އުދަގޫވިއެވެ. ކޮންމެދުވަހަކު އަރާއިރާއެކު ކުނިކަހަން މެދުގޯތީގައި އޮންނަ ކުއްޖެކެވެ. މޮޕްޖެހުންފަދަ ކޮންމެވެސް ކަމަކާއި ނޫޅޭއިރެއް ނުވާނެއެވެ. އެއްވެސް ގޮތަކުން ހެނާގެ ޚަބަރެއްނުވުމުން ޒޯހަން ކޮންމެވެސް ވަރަކަށް ފޫހިވާންފެށިއެވެ. ހެނާ ދެން ދުވަހަކު އޭނައަށް ޖެއްސުމެއް ކޮށްނުލާނެ ހެއްޔެވެ؟ އޭނައެހާ ވަރަށް އެއްޗެހި ކިޔުމުން މާ ބޮޑަށް ދެރަވީހެއްޔެވެ؟ ޒޯހަންއަށް މައިކަލް ގޭގައި ނޫޅޭވަގުތު އެގެއަށް އަންނާކަށް ނުކެރެއެވެ. މައިކަލްގެ މަންމަވެސް އެގޮތާ ނުރުހޭނެއެވެ. ހެނާ ބުރުގާ އަޅައިގެން ހުންނަކުއްޖަކަށް ވާއިރު އެކުއްޖާއަށް އަމިއްލަ ގޭގައި އަރާމުކޮށް އުޅުމުގެ މިނިވަންކަން އޮންނަންވާނެއެވެ.
ޒޯހަން ހޮޓެލްގެ ވިޔަފާރީގައި އަވަދިނެތި އުޅެމުންދާއިރު އޭނަ ފަށަން އުޅުނު ދެތިން ޕްރޮޖެކްޓެއް ވަނީ މެދުކަނޑާލާފައެވެ. ބިރުނުގަންނަކަމަށް ހެދުނަސް ކޮޓެޖުން ދިމާވި ޖިންނީގެ އިންޒާރު އޭނަގެ ހިތް ނޭގޭ ބިރުވެރިކަމަކުން ހިސާރުކޮށްފައިވިއެވެ. އެއީ އެހާ ފަސޭހައިން ހިތުން ނެރެ އެއްލާލެވޭނެ ހާދިސާއެއް ނޫނެވެ. އެކަމާއި ކިޔާރާ އަދި ރާދް މަރާއި ގުޅުމެއް ވެދާނެކަމާއިމެދު އޭނަ ޔަގީންކުރިއެވެ. ފިކުރުގެ ކަނޑަކަށް ގެނބި ނުތަނަވަސްވެފައި ވީއިރުވެސް އޭނަގެ އާއިލާގެ މަތިން ހަނދާންނުކުރާ އެންމެ ދުވަހެއްވެސް ނާދެއެވެ. ކޮންމެ ދުވަހަކު ދެތިންފަހަރު މަންމައަށް ގުޅައިގެން ހާލު ބަލައެވެ. މަންމަ ފަހަކަށް އައިސް ދައްކަންފެށީ ޒޯހަން މީހަކާއި ދެވާ ވާހަކައެވެ. ޒޯހަންވެސް މައިކަލްފަދައިން މަންމައަށް ގަދަރުކުރާއިރު މަންމަ ހިތުގައިޖެހޭފަދަ ކަމެއް ނުކޮށް ހުންނަން ގަދައަޅާ މަސައްކަތްކުރެއެވެ. އޭނަބުނީ އެފަދަ އަންހެންކުއްޖަކު ވަރަށް އަވަހަށް ހޯދާނެކަމުގައެވެ. އެވަގުތުކޮޅުވެސް ހަނދާންވީ ހެނާގެ މަތިންނެވެ. މަންމަމެންނަށް ނޭގުނަސް އޭނަ މިހިރީ ކައިވެންޏެއް ކޮށްގެންނެވެ. ހެނާއަކީ އޭނަގެ އަންހެނުންނެވެ. ނަމަވެސް ކައިވެންޏަށްފަހު މައިކަލް ބުނެފައިވަނީ ހެނާ ބަނޑުބޮޑުވުމުން ވަރިކުރަންޖެހޭނެ ކަމުގައެވެ. ވީއިރު އަންހެނުންނޭ ކިޔާފައި އަދި މަންމަމެންނަށް ތަޢާރަފުކޮށް ދެވޭކަށްވެސް ނެތެވެ.
ޒޯހަން ހުންނަނީ ރަންކުރިއަށް ދެވޭނެ ފުރުސަތަކަށް ބަލަބަލައެވެ. ހެނާގެ ކައިރިން މާފަށް އެދެންވެސް ބޭނުންވެފައެވެ. ނަމަވެސް މިހާރަކަށްއައިސް މައިކަލް އޭނައަށް ދައުވަތެއްވެސް ނުދެއެވެ. އަބަދުހެން އޭނަ އުޅެނީ މަސައްކަތެއްގައި އޮފީހުގައެވެ. އެހެން ހުއްޓާ ހުކުރުވިލޭރޭ މައިކަލްއާއިއެކު މަސްޖަހަން ގޮސްފައި ހެނދުނު މޫދަށްވެސް ދިޔައެވެ. ދެމީހުން ގިނަވަގުތު ހޭދަކުރީ އެކީގައެވެ. އެގެއަށް ދާހިތުން ޒޯހަން ހުރެހުރެ މައިކަލް ގެއަށް ދާކަށް ނޫޅުނެވެ. ހަވީރު ބީޗްމައުންޓް ރެސްޓޯރެންޓަށް މައިކަލް ކޮފީ ބޯން ޖައްސައިލުމުން ޒޯހަންގެ އުއްމީދުއާވިއެވެ. ކަންތައްހިނގީ ޒޯހަން ބޭނުންވިގޮތަށެވެ. މައިކަލް ގެއަށް ގެންގޮސްދޭން ޖެހުނީ އޭނަގެ ކާރުގައެވެ. އެހިސާބަށް ގޮސްފައި މަންމައަށް ފެނިނުލާ ދާކަށް ނުވާނެއޭ ކިޔާފައި ޒޯހަން ވެސް ކާރުން ފޭބިއެވެ. ދޮރާށި ކައިރީގައި ވާހަކަދައްކަން ތިއްބާ ހެނާ ފެންޑާއަށް ނުކުތެވެ. އެއާއިއެކު އަވަސްއަވަހަށް އެތެރެއަށް ދެމިގަތްގޮތުން ހީވީ ބިރެއް ފެނުނުހެންނެވެ. ޒޯހަންގެ ހިތް އަވަސްވެ އަތް ފިނިވީ އޭސީކޮށްފައި ހުރި ތަނަކަށް ވަނުމުން ވާގޮތަށެވެ. ދެއަތް ދެއަތާ އުނގުޅައިލެވުނެވެ. ހެނާ ފެނުމުން ގޮތްގޮތްވަނީ ކުށްވެރިކަން އިހުސާސްކުރެވޭލެއް ބޮޑުކަމުން ބާވައޭ ހިތަށް އެރިއެވެ. އެކުއްޖާއާއިމެދު ކަންތައްކުރެވެނީ ހާދަ ނިކަމެތިކޮށޭ ހިތަށް އަރަނީއެވެ. ގެއްލިފައި އިރުކޮޅަކު ހުރިއިރު މައިކަލް ބުނި އެއްޗެއްވެސް ނީވުނެވެ. މައިކަލްވެސް ފަހަތަށް އެނބުރި ބަލައިލީ ޝައްކެއްވެގެންނެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ.
"ޖިންނި އަންހެންކުއްޖާ ފެނުނީތަ އަނެއްކާ....." މައިކަލް އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ފޯނެއް އައުމުން މަޑުކުރަން ޒޯހަންއަށް އިޝާރަތްކޮށްލާފައި ހިގަމުން އެއްފަރާތަކަށް ޖެހުނެވެ. ޒޯހަން ކާރަށް ލެނގިލައިގެން ހުރިއިރު އިޝްތިހާރެއްފަދައެވެ. އެހެންލާފައި ދިޔަ އަންހެންކުދިންތަކެއްވެސް ފާޑަކަށް ބެހުނެވެ. ޒޯހަން އިވުނުކަމަކަށްވެސް ނެހެދިއެވެ. ކުއްލިއަކަށް އަންހެންކުއްޖަކު އެއައިގޮތަށް އޭނަގެ އަތްތިލައިގާ ހިފާލުމުން ސިހިފައި ބަލައިލިއިރު ކުރިމަތީގައި ހުރީ އަމީރާއެވެ.
"ވަރަށް މަޑު. ވަރަށް ފިނި........." އަމީރާ ކިޔައިލިއެވެ.
"ވަޓް؟ " ޒޯހަން ހައިރާންވިއެވެ. މައިކަލްވެސް އޭރު ފޯނު ޖީބަށްލަމުން އައިސް އަރާހަމަކުރިއެވެ. އޭނަ ހުރީ ބުމަގޮށްޖަހާލައިގެންނެވެ. އަމީރާ ޒޯހަންގެ އަތުން ދޫކޮށްލިގޮތަށް ދެން މައިކަލްގެ އަތުގައި ހިފާދަމަންފެށިއެވެ.
"އައި ނީޑް ޓު ޓޯކް ޓު ޔޫ. ނައު....." އަމީރާ ހުރީ ވަރަށް އަވަސްއަރުވާލާފައެވެ.
"އިފް ޔޫ ޑޯންޓް މައިންޑް ޕްލީޒް އެކްސްކިއުޒް އަސް...." އަމީރާ ކުއްލިއަކަށް ޒޯހަންއަކީ ކާކުކަން ހަދާންވީކަން ނޭގެއެވެ. ބަލައިލީ އަލިފާނުގެ ބެލުމަކުންނެވެ.
"އައި ޑޫ މައިންޑް އެކަމަކު ތަނަކަށް ދާން އުޅެނިކޮށް އަމީރާ ތިއައީ................" ޒޯހަން އެއްމިޔަކަނުން ހީލަމުން މައިކަލް ކައިރީގައިވެސް ދަނީކަމުގައިބުނެލިއެވެ. އަމީރާ ހުރީ ކަޅިހަދާލައިގެންނެވެ. ޒޯހަން ކާރަށް އެރިއިރު އަމީރާ އެހެރީ ރަގަޅަށްވެސް މޮޔަވެފައިބާވައޭ ހިތަށް އެރިއެވެ. މިރަށުމީހުން ދައްކައިއުޅޭ ވާހަކައިގާ ކޮންމެވެސް ހަގީގަތެއް ވާކަން ޔަގީނެވެ. އެހެންނޫންނަމަ އެގޮތަށް އޭނައާއި މައިކަލްގެ އަތުގައި އެގޮތަކަށް ހިފަން ނުކެރޭނެކަން ޔަގީނެވެ. ހީވަނީ ކޮންމެވެސް ކަމެއް ދިރާސާކުރަން އުޅުނުހެންނެވެ. ސައިކިކްމީހުން އުޅޭ ވައްތަރަށެވެ. ޒޯހަން ކާރު ދުއްވައިލުމުން އަމީރާ އަދި ހިތްހަމަނުޖެހިފައި "ކިލަރ" އޭވެސް ކިޔާލައިފިއެވެ. ޒޯހަން ހެދުންއަޅައިގެން ހުންނަގޮތުންނާއި އަގުބޮޑު ސެންޓު ޖަހައިގެން ހުރުމުން މީހާގެ ރީތިކަމާއި ޝަހުސިއްޔަތު ވަރުގަދައެވެ. އެހާ ސްމާޓެވެ. ނަމަވެސް އޭނައަކީ މީހުން މަރާފައިވާ އަނިޔާވެރިމީހެކެވެ. މުއްސަންޖެއްގެ ދަރިއެކޭ ކިޔާފައި އެގޮތަށް ގާތިލަކު މިނިވަންކަމާއިއެކު މުޖުތަމައު ގައި އުޅޭ އުޅުމުގެ ސަބަބުން އަމީރާ ވަރަށް ފޫހިވެއެވެ. ޒޯހަން ފެނުނަސް ގައިގާ ހުޅުހިފާގޮތްވެއެވެ.
އަމީރާ ބާރުލާފައި މައިކަލްގެ އަތަށް ދެމުމުންވެސް އޭނަ ހުރި ތަނުން ގުޑުވައެއް ނުލެވުނެވެ. އެކަމަކު އެންމެރަގަޅެވެ. އަމީރާ ބޭނުންވީފަދައިން މިހާރު އެދެމީހުން އެކަނިވެއްޖެއެވެ.
"މައިކަލް. މައިކަލް. މިއުޅެނީ...." އަމީރާ ހުރީ ހިތް އަވަސްވެފައެވެ.
"އަޑުއަހާށޭ މިހިރީ. ބުނެބަލަ އެމީ...." މައިކަލް ޖިންސްގެ ޖީބަށް އަތްޖަހައިލިއެވެ.
"އައިމް ސޯ ނާވަސް...." އަމީރާގެ ލޮލުން ކަރުނަ ހިލިއެވެ.
"ކޮންކަމަކާތަ؟ ވެގެން އުޅޭގޮތް ކިޔާދީބަލަ....." މައިކަލް ސުވާލުކުރިއެވެ.
"އަހަންނަށް އެނގޭ މައިކަލްއަށް ފަންޑިތައާއި ސިހުރު ހަދަން އެނގޭކަން. މައިކަލް ކަމެއް ކޮށްދީފާނަންތަ؟ ޕްލީޒް......" އަމީރާ ކުރުގޮތަކަށް އޭމޮންގެ ވާހަކަ ކިޔާދީ ނިންމިއެވެ. އޭމޮންގެ އިންޒާރުތަކުގެ ސަބަބުން އާއިލާއަށް ނުރައްކަލެއް ވެދާނެތީ އޭނަ ކަންބޮޑުވާކަމުގައި ބުނެލިއެވެ. ހެނާމެންގެ ދިފާއުގައި ފިޔަވަޅު އަޅަން އެންމެ އެކަށީގެންވާ ފަރާތަކީވެސް މައިކަލްއެވެ.
"އޭމޮންގެ ސިފަ އެހާ ވަކިކުރާކަށް ނޭގޭ. އެކަމަކު އޭނަގެ އަތް ހޫނުވެފައި ކުރަކި. އަހަރެން ބަލަން ބޭނުންވީ ހުރިހާ ފިރިހެނުންގެ އަތްވެސް ހުންނަނީ އެގޮތަށްބާވައޭ. އެހެންވެ ޒޯހަންއާއި މައިކަލްގެ އަތުގައި ހިފާލީ. އެހެން ނިޔަތެއްގައެއް ނޫން. އެ ޒޯހަންވެސް ހީކުރާނެ އެފިރިހެނާގެ ގައިގާ އަތްލާހިތުން މޮޔަވެގެންނޭ......" އަމީރާ ހުރިހާ ސިއްރެއް މައިކަލްއަށް ހާމަކުރުމުންވެސް އޭނަ ހުރީ ހަމަޖެހިލައިގެންނެވެ.
"ރިލެކްސް އެމީ. ހެނާއަށް އެއްވެސް ނުރައްކަލެއް ނުވާނެ. ހަދަންވީގޮތެއް ބުނަންތަ؟ ދުވަސްކޮޅަކަށް މަންމައާއި އެމީ އަދި ކޮއްކޮ މިގެއަށް ބަދަލުވޭ. އައިލް ސީ ވަޓް އައި ކެން ޑޫ......" މައިކަލް ޔަގީންކަންދިނެވެ. ރޮޒާލިއާއާއި އާޒް ބަލާ އެގެއަށް ދިޔައީ މައިކަލްއެވެ. ކޮންމެހެން ބޭނުންވާ އެއްޗެހި ދަބަހަކަށް ލައިގެން ދޮރު ތަޅުލާފައި އެދެމައިން ގޮވައިގެން މައިކަލް ނައްޓާލީ ގެއާއިދިމާލަށެވެ. އެމީހުނަށް ރަންކުރިއަށް ފޯރުނުއިރު އިރުއޮއްސި ރަތްވިލާލާން ފަށައިފިއެވެ. މައިކަލް އެދުނީ އެއްވެސް ހާލެއްގައި ގެއިން ނުނިކުތުމަށެވެ. މައިކަލް ބުނިގޮތުން ދޮންބައްޕަވަނީ ގެއަށް ޖިންނިންނަށް ނުވަދެވޭގޮތަށް އަކައަޅާފައެވެ. ވީމަ އެގޭގައި ތިބެގެން ޖިންނިއެއްގެ އުދަގުލަކާއި ކުރިމަތިލާކަށް ނުޖެހޭނެއެވެ. މައިކަލްއަކީ ސިހުރުވެރިއެކޭ ކިޔައިގެން ރަށުތެރޭގައި ވާހަކަދެކެވެން ފަށާފައިވާތީ އެކަމާއި ދެކޮޅަށް މައިކަލް ވާހަކަދެއްކިއެވެ.
މަންމަމެން ކުއްލިއަކަށް ރަންކުރިއަށް ބަދަލުވުމުން ހެނާއަށް ނޭގޭކަހަލަ އުފަލެއް ލިބުނެވެ. އެކަނިވެރިކަން ކޮންމެވެސް ވަރަކަށް ފިލިއެވެ. އަމީރާއާއި ހެނާއާއި ދެމީހުންވެގެން ރޭގަނޑަށް ރޮށްޓާއިއެކު ކާން މަސްފިހުނެވެ. ވަގުތު ކުޑަތަންވެފައިވާތީ އިތުރު އެއްޗެއް ހަދާލާނެ ވަގުތެއްނުވިއެވެ. އެންމެން ކެއީވެސް އެކީގައެވެ. މައިކަލްގެ ސީރިޔަސްކަމުން އަމީރާއަށްވެސް އެވަރަށް އަނގަ ތަޅާކަށް ނުކެރުނެވެ. ހެނާއާއި މައިކަލްއާއި ދޭތެރޭގައި މާ ބޮޑު ގުޅުމެއް ނެތްކަންވެސް އަމީރާ ދެނެގަތެވެ. އޭނަ ހީކުރީ ދުވަސްކޮޅެއްވާއިރަށް އެދެމީހުން ހަމަޖެހި ގުޅޭނެކަމުގައެވެ.
ކޮޓަރިއަށްވަދެފާ އެނދަށް ވެއްޓިގަތްގޮތަށް ބާލީހުގައި ބައްދާލައިގެން އަމީރާ އޮތީ ލޯބީގެ ދުނިޔެއެއްގައެވެ. ލޫސިއަންގެ އިޝްގީ ވާހަކަތަކުން އަމީރާ އެހާ ދުރުގައި އޮވެވެސް ބައެއްފަހަރު ލަދުން މޯޅިވެއެވެ. މޫނު ރަތްވެއެވެ. ކުޑަކޮށް ދޮރު ހުޅުވާލާފައި ހުރުމުން ކުރިމަތީގައި ހުރި ކޮޓަރީގެ ދޮރު ހުރީ ހާމަޔަށެވެ. ދޮރު ހުޅުވައިލެވުނު އަޑަށް އަމީރާއަށް ބަލައިލެވުނުއިރު ފެނުނީ ހެނާ އެކަނިގޮސް އެކޮޓަރިއަށްވަން ތަނެވެ. މައިކަލް ކޮބާބާވައެވެ. ދެމަފިރިން ވިޔަސް އެދެމީހުން އެކީގައި އުޅޭތަނެއް ނުފެންނަނީ ކީއްވެހެއްޔެވެ؟ މައިކަލްގެ ކޮޓަރި ނޫންތަނަކަށް ހެނާ ނިދަންދާންވީ ކީއްވެހެއްޔެވެ؟ އޭމޮންގެ ޖުމްލަތައް ހަނދާންވުމާއިއެކު އެވާހަކައިގެ ހުރި ތެދުދޮގު ބަލައިލަން ސިކުނޑީގެ ކަނަކުން ގޮވައިލިއެވެ. ބައިގަޑިއެއްހާއިރު ފަހުން އެކޮޓަރިއަށް ފިރިހެނަކުވަނެވެ. ބޮކި ތައް ނިވާލާފައި ވުމުން އަނދިރިކަން މުޅި ހިސާބު ހިސާރަކޮށްލާފައި ވިޔަސް އެމީހަކު މައިކަލްއަށްވުރެ ވައްތަރުވީ ޒޯހަންއާއެވެ.
"އެ ރޭޕިސްޓް އުޅެނީ ކޮއްކޮއަށް ކިހިނެއް ހަދަންކަމެއްވެސް ނޭގޭ........ " އަމީރާ ފުންމައިގެން ތެދުވިގޮތަށް ސިއްރު ފިޔަވަޅުތަކެއްގައި މައިކަލްގެ ކޮޓަރިހުރި ދިމާލަށް ހިނގައިގަތެވެ. އެހެން ދަމުން ސިޓިންރޫމަށް ކަޅިއެއްލައިލެވުނު އިރު މައިކަލް ސިޓިންރޫމްގެ ސޯފާގައި ދެލޯ މަރާލައިގެން އޮތްތަން ފެނިފާ އަމީރާ ހައިރާންވިއެވެ. ވީއިރު ހެނާގެ ކޮޓަރިއަށްވަންމީހަކީ ޒޯހަން ފިޔަވާ ދެވަނަމީހެއް ނޫނެވެ. ނޫނީ ޒޯހަންގެ ސިފައިގާ އައި އެހެން މީހެއްހެއްޔެވެ؟ ބިރުންހުރެ އޭނަގޮސް މައިކަލްގެ އަތުގައި ކޮށްޓާލިއެވެ.
"މައިކަލް. މިތާ...... " އަމީރާ އަހައިލިއެވެ.
"އާން ކިހިނެއްވީތަ؟ " މައިކަލް ދެލޯ ހުޅުވައިލީ ކަންނެތްގޮތަކަށެވެ.