އަމީރާ މަގު ކުރުކޮށްލަން ގަސްތަކުގެ ތެރެއަށް ވަދެގެން ދަމުން ހުއްޓިލީ ހިތަށް ތަދުވެގެން ކެތްނުވުމުންނެވެ. ކުރިއަށް އެންމެ ފިޔަވަޅެއް އަޅާނެ ހިތްވަރެއްވެސް ނެތީއެވެ. މިހާރު އުޅޭ ހާލަށްވުރެ މިވަގުތު މަރުވިޔަސް ހާސްބައި ރަގަޅެވެ. ގަހުގައި ބުރަކަށި ޖައްސާލިގޮތަށް ދެލޯ މަރާލުމާއެކު މޫނުގައި ދެއަތްއެޅިގޮތަށް ކުޑަކުއްޖެއްހެން އޭނަ ރޯންފެށިއެވެ. ކޮންމެވެސް މީހަކު އޭނަގެ މޫނުން އަތް ނައްޓުވާލުމުން ބަލައިލެވުނުއިރު ކުރިމަތީގައިހުރީ ލޫސިއާންއެވެ. އަމީރާ ލޫސިއާންގެ އަތްދުރުކޮށްލީ ސޫތްޕެއް ފޮޅައިލާފަދައަކުން ބިރުގެންފައެވެ.
"އެމީ. އެޓްލީސްޓްވެގެން އުޅެގޮތެއް ބުނެބަލަ...." ލޫސިއާން އަތް ޖިންސްގެ ޖީބަށްޖަހައިލިއެވެ.
"ގައިގާ އަތްނުލާ ހުރެވިދާނެއްނު......" އަމީރާ ދާން ހިނގައިގަތުމުން ލޫސިއާން އޭނައާއިއެއްކޮށް ހިނގައިގަތެވެ.
"އާން އެމީ. އަހަރެން ދެން އަތްލާނީ އެމީގެ ހުއްދަލިބުނު ދުވަހަކުން. ޔަގީންކަންދެން. ހުއްދަނެތި އަތުގައިވެސް ބީހިއެއްނުލާނަން......." ލޫސިއާން އަމީރާއަށް ސާބިތުކޮށްދެމުން ދިޔައީ އޭނަ އަމީރާދެކެ ވާ ލޯތްބެވެ. ކުރާ ގަދަރެވެ.
"ފޮގިވް މީ އެމީ. އަހަންނަށް އެނގޭ ލަންކާގައި ހިނގާދިޔަ ހާދިސާގެ ސަބަބުން އެމީ އަހަރެންދެކެ ހިތްހަމަނުޖެހިފައިވާކަން. އެރޭ އަހަރެމެން ދޭތެރޭގައި ހިނގިކަމެއް ހިނގީ އަހަރެންގެ އިޚުތިޔާރަކުނޫން. އެކުވެރިން އަހަރެމެންނަށް ދިން ކޮކްޓެއިލްއަށް މަސްތުވާއެއްޗެއް އަޅާފައި ހުރީ. އެހެންވެ އަހަރެން އެމީގެ ރޫމަށްވަނީ. އަދި އަދި އެހުރިހާ އަމަލެއްހިންގުނީ. ހޭލެވިގެން އެކުރެވުނު ކަންތައްތަކުން ގިލްޓީވިވަރުން އެމީ ކައިރީ ނުވެސްބުނެ އަހަރެން ދިޔައީ. އެކަމާ އަހަރެން ވަރަށް މާފަށް އެދެން. ބުނެފާނަން ވާހަކައެއް. އެދުވަސްފަހުން އަހަންނަށް އެމީގެ މަތިން ހަނދާންނައްތައެއް ނުލެވުނު. ވަރަށް ޓްރައިކުރިން. އެކަމަކު އަހަންނަކީ ވަންނައިޓް ސްޓޭންޑްއަށް އެންޖޯއި ކުރާ ވައްތަރުމީހެއްނޫން. ފެންނަހާ އަންހެންކުދިންނާއިއެކު ގުޅުން ބާއްވަމުން އުޅޭ ޓައިޕެއްނޫން. އެމީ ހީކުރިޔަސް ހަގީގަތަކީ މިވީހާތަނަށް އެމީ ނޫން އަންހެންކުއްޖަކާއިއެކު އެފަދަ ގުޅުމެއް ނުހިންގާކަން. އައި ސްވިއަރ......." ލޫސިއާންގެ ވާހަކަތަކުން އަމީރާއަށް ބަލައިލެވުނީ ގަބޫލުކުރަން ދަތިގޮތަކަށެވެ. ނަމަވެސް ލޫސިއާންގެ ކޮންމެ ޖުމްލައެއް އަމީރާގެ ހިތަށް ހެރުނެވެ.
އަމީރާ ޖަވާބެއްނުދީ އަދިވެސް ބޮޑަށް މޭގައި ދެއަތުން ބައްދައިލީ ބާރު ވައިރޯޅިތަކުން ފިނިހިފާފައިވާ ހަށިގަނޑަށް ހިޔާމަތްދިނުމަށެވެ.
"ހިތުން ނުފިލައިގެން އުޅުނު ކުއްޖާއާއި ދިމާވުމަކީ އަހަރެންގެ ނަސީބުބާވައޭ ހިތަށް އަރާ.."
"ބޭނުމެއްނޫނޭ ބުނެފީމެއްނު އެކަކާވެސް ގުޅެން......"
"ވައި ނޮޓް؟ " ލޫސިއާން ބަލައިލީ ހިތްހަލާކުކުރާފަދަ ނަޒަރަކުންނެވެ. ދެމީހުން އެކީގައި ހިގާފައިދިޔައިރު މަގުމަތީގައިހެދިފައިވާ ފެންގަނޑުތަކުން ނައްޓަން އުޅޭއިރު އަރާ ލޮޅުންތަކުން ލޫސިއާން އަމީރާގެ ގައިގާ ޖެހިލައެވެ. ނޫނީ އޭނަ ގަސްތުގައި ކުރާކަމެއްބާވައޭވެސް އަމީރާގެ ހިތަށްއެރިއެވެ. މުޑިއަރަން ބޭނުންވެއްޖެއްޔާ ފެންތައް ބަހަނާއަކަށް ހެދިދާނެއެވެ. ލޫސިއާންގެ ހިތް އަމީރާގެ ކުރިމަތީގައި ބަންޑުންޖަހައިލުމުން އަމީރާގެ ހިތުގައި ވާ ލޯބީގެ ބައްތި ކަނިކަނިލަމުންގޮސް ދިއްލިއްޖެއެވެ. ފަނޑުކޮށްނަމަވެސް ހެވެވެ. އެކަމަކު އޭމޮންގެ ސިފަ ހުތުރު މޫނު ހަނދާނަށް އައުމާއިއެކު އޭނަގެ ހުވަފެންތައް ބިލާކަހަށް ވެދާނެހެން ހީވެ ހިތުގައި ރިއްސާލައެވެ.
"އަހަރެން ލައްވާ އާދޭސްކުރުވަން ބޭނުންވެއްޖެއްޔާ މިއަދު މިހިރީ ފައިގާ ހިފާވެސް އާދޭސްކުރަން. އެމީ އާ ދިމާވި ފަހުން އަހަންނަށް އެހެން އަންހެންކުއްޖަކާއި ދިމާލަށް ބަލާހިތެއްނުވޭ. ކޮންމެ މޫނެއްފެނުނަސް ހަނދާންވަނީ އެމީ. ހަޔާތުގެ ހުރިހާ ޕްލޭންތަކެއް ކުރެވުނީ އެމީއާއިއެކު. އެންމެފަހުން ދެމީހުން މިގޮތަސް ބައްދަލުވުމަކީ ހެޔޮފާލެއްކަމުގައި އަހަރެންދެކުނީ. އެމީ ގަބޫލުކުރޭ. އަހަރެން ބޭނުމީ އަބަދަށްޓަކާ އެމީއާއިއެކުވާން. އަދި އެނގޭ އެމީވެސް އަހަރެންދެކެ ލޯބިވާކަން........" ލޫސިއާންގެ ހިތަށް ކެތްނުވެގެން އެންމެފަހުން އަމީރާގެ ކުރިބައްދަމުން ދެއަތުގައި ހިފައިލަމުން ބުނެލިއިރު އެދެލޮލުން ފެނުނު އަސަރަތަކުން އަމީރާގެ ހިތްވެސް ހުއްޓުނެވެ.
"އަހަރެން ލޯތްބެއްނުވޭ. ޕްލީޒް ލީވް މީ އެލޯން..........." އަމީރާ ދުރަށް ބަލަންފެށިއެވެ.
"އަހަރެންގެ ދެލޮލަށް ބަލަންހުރެ ތިހެން ބުނަން ކެރޭނެތަ؟ އެމީ އަހަންނަށް އެނގޭ، ކޮންމެވެސް ސަބަބަކާއިހެދި އެމީ ގަބޫލުކުރަން ބޭނުންނުވަނީ. އަހަރެން ތި ސަބަބު ހޯދާނަން. އަދި ކޮންމެގޮތެއް ހަދާފައިވެސް އިރާދަކުރެއްވިއްޔާ އެމީ އަހަރެންގެ މިލްކަކަށް ހަދާނަން. ދުނިޔެއަށް ނޭވާލާހާ ހިނދަކު އެމީ ހޯދަން މަސައްކަތްކުރާނަން......" ލޫސިއާން ބުނަމުންދިޔައެވެ. އަމީރާ ރައްދުދޭން ބޭނުންވިއެވެ. ލޯބިވަނީ އެކަނި ލޫސިއާންއެއް ނޫނެވެ. އޭނަގެވެސް ހިތެއްވެއެވެ. އެހިތް ވިންދުޖަހަނީ ލޫސިއާންއަށްޓަކައެވެ. ނަމަވެސް އޭނަގެ ޚިޔާލަށް ރަފައެލްވެރިވާން ޖެހޭ ސަބަބެއް ނޭގެއެވެ. ރަފައެލްގެ މެސްމެރިޒަމް ދެލޮލުން އޭނަގެ ސިކުނޑިއާއި ކުޅެލާ އޭނައާއި ދިމާލަށް ދަމަންވީ ސަބަބެއްވެސް ނޭގެއެވެ. ޗާމިން ފިރިހެނަކީކަން ނޭގެއެވެ. ލޯބިވާމީހަކު ހުއްޓަސް ރަފައެލް ކަހަލަ މީހެއްގެ ދަލުގައި އޭނަގެ ބަލިމީހުން އެފިރިހެނާގެ ސްމާޓްކަމުގެ ސަބަބުން ސިހުރުގައި ޖެހިދާނެއެވެ. ދެން ހުރީ އޭމޮންއެވެ. ގަދަކަމުން އޭނަ ފޭރިގަނެގެން އޭނަގެ ޒުވާންކަން ނަގަމުންދާ ޒާލިމެވެ. ހުރިހާ އެއްޗެއް ލޫސިއާންއަށް ކިޔާދޭން ހިތްއެދުނެވެ. ލޫސިއާން އޭނަ ސަލާމަތްކޮށްދޭނެއެވެ. ފަންޑިތައިގެ ބާރުގައި އޭމޮން ނައްތާލަން އެހީވާނެއެވެ.
އަމީރާ ބުނީ އަދި ބޭއްވޭނީ އެކުވެރިކަންކަމުގައެވެ. އޭނަގެ ހާލަތު މިވަގުތު ހުރިގޮތުން އެއަށްވުރެ ކުރިއަށް ފިޔަވަޅެއްއެޅޭކަށް ނެތެވެ.
ލޫސިއާން އަމީރާއާއި އެކީ ގެއާއި ހަމަޔަށް ހިނގާލާފައި އައެވެ. އަމީރާގެ ގެ ފެނުމުން ހައިރާންވުމުގެ އިތުރުން މަޖާވެފައި ލޫސިއާން ހޭންފެށިއެވެ. އަދި މިއީވެސް އިއްތިފާގެއް ނޫންހެއްޔޭ ބުނެލިއެވެ. އޭނައާއި އަމީރާ މިވީ އަވަށްޓެރިންނަށެވެ. އޭނަގެ ގެއަކީ ކޮޓެޖްކަމަށް ލޫސިއާން ބުނުމުން ފިނިރާޅެއް ހަށިގަނޑުގައި ދުވެލިއެވެ. ކަރުތެރެހިކި ފިނިވާގޮތްވެފައި ދެލޯ ބޮޑުކޮށްގެން ބަލަންފެށުމުން ލޫސިއާންގެ ވިސްނުން ތޫނުކަމުން ސަބަބު ދެނެގަތެވެ. އޭނަ ހެމުން ބުނީ މީހުން ދައްކާ ވާހަކަތައް ގަބޫލުނުކުރުމަށާއި ކޮޓެޖްގައި ދިރިއުޅެނީ އިންސާނުންކަމުގައެވެ. އެގޭގައި ޖިންނި އާއިލާއެއް ދިރިއުޅޭނަމަ އޭނައަށްވެސް ނޭގި ނުހުންނާނެކަމުގައި ބުނެލިއެވެ. ލޫސިއާންގެ ހިނިތުންވުންތައް އަމީރާގެ ހިތަށް ފަރުވާއަކަށްވިއެވެ. ޕޮޒިޓިވް އެނާޖީއޭ މިކިޔާއެއްޗެއް ލޫސިއާންގެ ގައިން އޭނަގެ ގަޔަށް ވާސިލުވީކަންނޭގެއެވެ. އަމީރާގެ ހިތާމަތައްފިލާ އޭނަގެ ކުރީގެ މިޒާޖަށް ބަދަލުވެ ހޭކަށް ގިނައިރެއް ނުނެގިއެވެ. ގެއަށް ވަދެގެންދަމުން ރަތްފިނިފެންމާތައް ބިނދެގެންގޮސް ކޮޓަރީގައިވާ ވާސްގައިޖެހިއެވެ. ރޭގަނޑަށް ކާއެއްޗެއް ތައްޔާރުކުރަން ހުރިއިރުވެސް ލަވައެއް ކިޔާފައި އުޅުނުގޮތުން ހެނާއާއި ރޮޒާލިއާވެސް ހައިރާންވިއެވެ.
އޭމޮންގެ ފަރާތުން ލިބޭހާ އުދަގޫތަކާއި ވޭނަށް އޭނަވަނީ މިވީހާތަނަށް ކެތްކޮށްފައެވެ. ރޭގަނޑުވުމަށްފަހު އޭނަ އޭމޮންގެ އަންބެއްގެގޮތުގައި ހުރެދާނެއެވެ. އޭމޮންއަށް ބާރު ފޯރުވޭނީ އެކަނި އޭނަގެ ހަށިގަނޑަށެވެ. ހިތާއި ފުރާނައަކީވެސް ލޫސިއާންގެ މިލްކެކެވެ. އިރާދަކުރެއްވިއްޔާ އޭނަ ވަރަށް އަވަހަށް އޭމޮންގެ ފަރާތުން ސަލާމަތްވާނެއެވެ. އަމިއްލައަށް ފަންޑިތަ ދަސްކޮށްގެން ވިޔަސް ހެވެވެ.
ރީޝާގެ ފަރާތުން އިވުނު ވާހަކަތަކަކީ އަމީރާއަށް ލިބުނު ހިތްވަރަކަށްވިއެވެ. މައިކަލްގެ ދޮންބައްޕައަކީ ސިހުރުހަދާ އުޅުނު މީހެއްކަމަށާއި އެގޭގައި މިހާރުވެސް ސިހުރުގެ ކަންތައް ތައް ނުފިލާ ހުންނަކަން އެނގުމުން އެގެއަށް ދިޔުމުގެ ޝައުގުވެސް އުފެދުނެވެ. މައިކަލްއާއި އެކުވެރިކަން ބަދަހިކޮށް ގުޅުން ރަގަޅުކުރަން އަމީރާވަނީ ބޭނުންވެފައެވެ. މައިކަލްއާއި ދޭތެރޭގައި ހިތުގައި އޮތް ނަފްރަތުވެސް އެއްކޮށް ފިލައިގެން ހިގައްޖެއެވެ. މިހާރު މައިކަލްއާއި މެދު ބެލެނީ ކޮއްކޮގެ ވާންއުޅޭ ފިރިމީހާގެ ގޮތުގައެވެ. މައިކަލް ރުޅިމޫނު ދައްކާލައިގެން ހުއްޓަސް އަމީރާ އެކުވެރިކަން އާލާކުރަން މަސައްކަތްކުރެއެވެ.
"ރަންކުރި" ގޭތެރެއަށް ވަންއިރު ގޭތެރެއަށް ވެރިވެފައިވާ ހިމޭންކަންދެކެވެސް އަމީރާ ޖެހިލުންވިއެވެ. މައިކަލް މިވަގުތު އޮފީހުގައިވާކަން ޔަގީންކުރެވިފައިވުމާއިއެކު ގެ ފާސްކޮށްލަން މިހާ އެކަށީގެންވާ ދަނޑިވަޅެއް ނުލިބޭނެއެވެ. މޫމިނާއެކަނި ނުކުރަންވެގެން ގެނެސްފާ އިން އަވަށްޓެރި އަންހެންމީހާއާއި މޫމިނާ އުދޯލި ގޭގައި އޮލަވާހަކައެއްގައި ތިއްބާ އަމީރާ ސަލާމް ގޮވާލިއެވެ. ދެމީހުން ދުފަންތިބި ތަބުން ހަނާކުރި ފޯއްކޮޅެއް ނަގާފައި އަނގަޔަށް ލިއެވެ.
"ދައްތާ. މިހެންލާފައި ދަމުން ފާޚާނާއަށް ވަދެލަން. ރޫމެއް ބޭނުންކުރެވިދާނެތަ...." އަމީރާ ބުނެލިއެވެ.
"ދެން ހުއްދަ ހޯދާކަށް ނުވެސްޖެހެއޭ. އަމީރާ މާ ހިލޭވާން އުޅޭހެން ދައްތައަށް ހީވަނީ. ހަމަ އަމިއްލަތަނެއް ކަމުގައި ދެކެގެން އުޅެންވީ. ހަމަ ތިކުދިންގެ ގެކަމަށް ބަލާ....." މޫމިނާ ބަލަން އިނީ ތައުރީފުގެ ނަޒަރަކުންނެވެ. އަމީރާ ޝުކުރުއަދާކޮށްފައި ވަގުތު ނަގާނުލައި ގޮސް ދައްތަގެ ކޮޓަރިއަށްވަދެ ތަޅުދަނޑިއެއް ފެނޭތޯ ހޯދަންފެށިއެވެ. އޭނައަށް އެނގެއެވެ. މައިކަލްގެ ކޮޓަރިއަކަށް ނުވަދެވޭނެއެވެ. އޭނަ ބޭނުންވަނީވެސް މައިކަލްގެ ދޮންބައްޕަގެ ކޮޓަރީގެ ތަޅުދަނޑިއެވެ. ނަސީބަކުން ވައްގަނޑަކުން ދުވަސްވެފައިވާ ތަޅުދަނޑި ފަތްޗެއް ފެނިގެން އޭނަ އެހިފައިގެން ނުކުތްއިރު އަތްތިލަވަނީ ތެމިފައެވެ. ފާޑެއްގެ ޖޯޝެއް ހަށިގަނޑުގައި އުފެދުނެވެ. ތުންފަތްމަތީގައި ހުރި ހިނިތުންވުން ފުންވިއެވެ. އަމީރާ ތުރުއަޅައަޅާހުރި އިނގިލިތަކުން ތަޅުވަޅަށް ތަޅުދަނޑިޖެހިއެވެ. ކުއްލިއަކަށް ފަހަތުން އައިގޮތަށް މީހަކު އަމީރާގެ އަތުގައި ބާރަކަށް ހިފާފައި ތަޅުދަނޑި ޖަހައިގަތެވެ.
"އާ. އިނގިލި އެއޮތް ބިންދާލީ....." އަމީރާއަށް ނުރޮވުނީ ކިރިޔާއެވެ.
"އަމީރާ ކޮންވައްތަރަކަށް ތިއުޅެނީ؟ ހުއްދަނުހޯދާ ހުރިހާ ތަނަކަށް ބޯ ބާނާކަށް ނުޖެހޭނެ. ތަޅުލާފައި ހުރިތަންތަނަށް ވަނުމަކީ ކުށެއްކަން ނޭގޭތަ؟ މިތަނާއި ކައިރިވެގެން ނުވާނެ. ނޫނީ......" މައިކަލް ފޫހިގޮތަކަށް ބަލާލާފައި ގޮސް އޭނަގެ ކޮޓަރިއަށްވަދެ ބަންލާފައި ދޮރުޖެހުމުން ހިތްވެސް ރޫރޫއަޅައިގެން ދިޔައެވެ. އަމީރާ ހަށަން ބަދެލިއެވެ. މައިކަލް އުޅުނުގޮތުން އޭނަ ކަންތައްތަކެއް ސިއްރުކުރާވަރު ރަގަޅަށް އެނގިއްޖެއެވެ. އޭނަވެސް ފަންޑިތަ ދަސްކުރަނީހެއްޔެވެ؟
"ކީއްވެ މައިކް އަހަރެންދެކެ ތިހާ ހޭޓްކުރަނީ؟ މިހާރު ހެނާއާއި މެރީކުރަން އުޅެނީ؟ ދެންވެއްޖެއެއްނު ހިތުގައި އޮތް ނަފްރަތެއް ފިލުވައިލަން. މައިކް ބޮޑަށް ބޭނުންވީވެސް ހެނާއާއި އިންނަންކަން މިހާރު މަންމަގެ ފަރާތުން ސާފުވެއްޖެ. އަހަންނާއިހެދި އުޅުނީ ދައްތަ ބުނެގެންނޯ. ވީމަ ކީއްވެ ތިފާޑަށް އުޅެނީ. ކީއްވެ ތިގޮތަށް ފޫހިވެފައި ހުންނަނީ. އެއްއިރެއްގައި އަހަރެން މައިކްދެކެ ރުޅިއަޔަސް މިހާރު ބޭބެ ކޮއްކޮއެއްގެ ގުޅުން ބާއްވަންވެއްޖެއެއްނު........." އަމީރާ ކޮރިޑޯގައި ފާރަށް ބަލަހައްޓައިގެން ހުރީ ދެރަވެފައެވެ. މައިކަލްގެ އެހީވެސް އޭނަ ބޭނުމެވެ. އޭނައަށް ވިސްނެނީ މައިކަލްއަށް ފަންޑިތައާއި ބެހޭގޮތުން ފުދޭވަރަކަށް އެނގޭނެކަމުގައެވެ. މައިކަލްއަށް ހަގީގަތް އެނގިއްޖެއްޔާ ފަހަރެއްގައި އޭނައާއިމެދު ހަމްދަރުދީވެ އެހީވެދީފާނެއެވެ.
ގެއަށްއައުމަށްފަހު އަމީރާ ގޫގުލްއިން ޖިންނި އަދި ސިހުރާއިބެހޭ ވަރަށް ގިނަ މައުލޫމާތުހޯދިއެވެ. އޭނަގެ ޝައުގުވެރިކަން އަތުލައިގަތީ "ވައިޓްމެޖިކް"އެވެ. އެއީ އިންސާނުންނަށް މަންފާހުރި ކަންތައްކޮށްދޭން ނޫނީ ރަގަޅުކޮންމެވެސް ކަމެއް ކުރަން ހަދާ ފަންޑިތައެވެ. މިސާލަކަށް ދެލޯބިވެރިޔަކު ގުޅުވަން، ގެއްލިފައިވާ އެއްޗެއް ހޯދުން ނޫނީ ބަލިތަކަށް ޝިފާހޯދުން ފަދަ ކަންތައްތަކުގައި ރޫހާނީ ބާރުތަކުގެ އެހީ ހޯދުމެވެ. މީހުން މަރަން ނޫނީ ގެއްލުމެއްދޭން ޝައިތާނުންލައްވާ ސިހުރު އުފުލައިގެން ކޮށްއުޅެނީ ސިހުރުހާހޫރައެވެ. އަމީރާ ފަންޑިތަ ހަދާނެގޮތް ކޮންމެވެސް ވަރަކަށް ދަސްކުރިއެވެ. އޭނައަށް ވަރަށް މަޖާކަމަކަށްވެސްވިއެވެ. އޭރު ދީނީގޮތުން އެކަމާއި ބެހޭގޮތުން އައިސްފައިވާ ހުކުމެއް އަމީރާއަކަށް ނޭގުނެވެ. މީހުންނާއި އަވަލާފައިވާ އޭމޮންފަދަ ޖިންނިތައް ރުގުޔާގެ ބާރުގައި ނައްތާލެވިދާނެކަންވެސް އަމީރާއަށް އެނގުނެވެ. އެކަމަކު އޭމޮންވަނީ އިންޒާރުވެސް ދީފައެވެ. އާއިލާއަށް ގެއްލުމެއް ކޮށްފިއްޔާ އޭނަ ދިރިހުރުމުގެ މާނައެއްނެތެވެ. އަމިއްލަ ނަފުސަށް ކިތަންމެ ބޮޑު ނުރައްކަލެއްވިޔަސް އޭނަގެ ފަރުވާލެއްނެތެވެ. ބިރުގަންނަނީ އޭމޮން އެމީހުންނަށް ކަމެއްކޮށްފާނެތީއެވެ.
އަމީރާ ރަތްކުލައިގެ ރިބަނެއް ގަނެގެން އެއިން ހިތެއް ހަދައިގެން ގޮށެއްޖަހާފައި ކެލާއާއިއެކު އަންދާލުމަށްފަހު އަޅި ފިނިވުމުން ގެންގޮސް ވަޅުލީ ފުނަގަސްދަށުގައެވެ. ލޫސިއާންގެ ހިތުގައި އޭނަގެ ލޯބި ލެއްވުމަށްއެދި ނިޔަތްގަނެގެންނެވެ. އެއީ އޭނަ ދަސްކުރި "ވައިޓްމެޖިކް" އެކެވެ. އެފަދަ ސިހުރުހަދާއިރުވެސް ބޭނުންކުރަންޖެހޭ ވަރުގަދަ ލަފުޒުތަކާއި ސިއްރުތައް މުޅިއަކުން އަމީރާއަކަށް ނޭގުނެވެ. ރަގަޅަށް ފަންޑިތަ ދަސްނުވަނީސް ކޮށްގެން ގެއްލުމެއް ލިބިދާނެކަމެއް އަމީރާއަކަށް ނޭގެއެވެ. ބައެއްފަހަރަށް އޭގެދިމާ އިދިކޮޅަށްޖެހި މީހާ މޮޔަވެސްކޮށްލަފާނެއެވެ. ޖިންނިންލައްވާ އެފަދަ އެއްވެސް ކަމެއް ކުރަން ދީނުގައި ހުއްދައެއްނޫނެވެ. ދީނުގައި އަންގަވާފައިވަނީ ހުރިހާކަމެއްގައި ދުޢާކުރުމަށެވެ. އެތަންކޮޅު އަމީރާއަށް ހަނދާން ނައްތައިލެވުނީއެވެ. އެހެންނޫނަސް ލޫސިއަންވަނީ އޭނަދެކެ ލޯބިވާވާހަކަ ހާމަކޮށްފައެވެ. ވީއިރު ލޯބިޖައްސާށޭ ކިޔާފައި އިތުރު ފަންޑިތައެއްހެދުމުގެ މާނައެއްވެސް ނެތެވެ.
އެރޭ އަމީރާ ބާޒާރުކުރަން ގޮސްގެން އުޅެނިކޮށް ލޫސިއަންއާއި ދިމާވީ ކުރީ ރެއަކު ރަފައެލްއާއި ދިމާވި ފިހާރައިންނެވެ. ލޫސިއަން ހުރީ ޖިންސަކާއި ކަޅުފެހިކުލައިގެ ޓީޝާޓެއްލައިގެންނެވެ. އޭނަ ހެދުންތައް ބަލަންހުއްޓާ ވަރަށް ގުޅޭނެއޭ ކިޔާފައި ދެއްކީ ރަތްކުލައިގެ ހެދުމެކެވެ. އެހެދުމުގައި ބޮލުގެ ނާށިގަނޑުގެ ސޫރަހުރުމުން ހެދުން ގަންނަން ފަސްޖެހުނެވެ. ލޫސިއަން އޭރުހުރީ އަމީރާއާއި ދާދިކައިރީގައި ވަރަށް ޝައުގުވެރި ނަޒަރަކުން އަމީރާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެއީ މިވީހާތަނަށް އެއްވެސް ފިރިހެނަކު އޭނައަށް އެހާ ގަޔާވެގެން ބެލި ފުރަތަމަފަހަރެވެ. އެހެންމީހުންފަދައިން ދަހިވެތިކަން އެކަނި އެކުލެވޭ ނަޒަރެއްނޫނެވެ. ލޯތްބާއި ކުލުނު އަދި ދީވާނާ ކަން އެކުލެވޭ މަސްތީ ބެލުމުން އަމީރާގެ ހިތަށް ކުރުވި ފޮނި ފޮނި އިހުސާސްތައް ދުލުން ބަޔާންކޮށެއް ނުދެވޭނެއެވެ.
"ހެދުން ވަރަށް ރީތި އެކަމަކު ކަޅުކުލައިގެ ސްކަލްސް ހުރީމަ........" އަމީރާ އެއްޗެކޭ ބުނަން އުޅުނެވެ.
"ބިރުންތަ ތިއުޅެނީ؟ މިހެދުން ހީވަނީ އެމީއަށް ޚާއްސަކޮށް ފަހާފައިވާހެން. ރަތްކުލައާއި ވަރަށް ގުޅޭ..........."ލޫސިއަން ހީލިއެވެ. ލޫސިއަންއަށް ރަތްކުލަ ރީތިވުމުން އަމީރާއަށް ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ.
"އެކަމަކު ރަތްކުލަލާކަށް ނުވާނެއްނު...." އަމީރާ އަނގަޔަށް ގޮތެއްހަދައިލިއެވެ.
"ޖިންނިން މާ ގަޔާވާ ކުލައަކަށްވީމަ ދޯ....." ލޫސިއަން އަށް މަޖާވިއެވެ.
"ހޫމް...."އަމީރާ ތުންފިތައިލިއެވެ.
"އެމީ. ތިބުނާ ޖިންނިންގެ ޚިޔާލު ދޫކޮށްލަންވެއްޖެ. އެމީގެ މައިންޑްގައި އެނޫންކަމެއް ނެތްހެން ހީވާންފަށައިފި. ދުވަސްކޮޅަކަށް އަހަންނާއިއެކު އެގޭގައި އުޅެން އަންނަންވީނު. އޭރުން އެނގިދާނެ ރޫހާނީ އެއްޗެހި އިންސާނުންނަށް ގޯނާކޮށް ނަހަދާނެކަން. އެއީޔޯ ދެން މިރަށު އެންމެން ނަންކުރާ ހޯންޓެޑް ގެއަކީ............" ލޫސިއަންގެ ވާހަކައާއި އަމީރާ އެއްބައިވީ ބޭރުފުށުންނެވެ. އަދި ލޫސިއާން ހެދުމާއި ގުޅޭގޮތުން ދެއްކި ވާހަކައިގެ ސަބަބުން އަމީރާ އެހެދުމާއި ގަޔާވިއެވެ. ލޯބިވާ މީހާ ރުހޭ ކޮންމެ އެއްޗެއްދެކެ އޭނަވެސް ގަޔާވަނީބާވައެވެ. ލޯބިވެގެން މަރުވާވަރުވިޔަސް އޭނައަށް ޖެހޭނީ މި ލޯބި ހިތުގެ ފުންމިނުގައި ރައްކާކުރާށެވެ. އޭމޮން އެހިޔަސް އޭނަ ބުނާނީ ލޫސިއަންއާއި އޭނަގެ އޮތީ އެކުވެރިކަމުގެ ގުޅުންކަމުގައެވެ. ލޫސިއަންއަށް ކުޑަގެއްލުމެއް ދިނަސް އޭނަ އަމިއްލައަށް މަރުވާނެކަމަށް ބުނުމުން އެ މޮޔަ ޖާހިލު އޭމޮން ގަބޫލުކޮށްފާނެއެވެ. އަމީރާއަށް މިހާރު ލިބިފައިވާ އެކަނި އުފަލަކީ ލޫސިއަންއެވެ. ލޫސިއަންގެ އެކުވެރިކަމެވެ. އަތްނުލާ ދުރުގައި އުޅެން ވައުދުވެފައިވާއިރު ލޫސިއަން އެވައުދު ދަމަހައްޓަން ކިތަންމެހާވެސް މަސައްކަތްކުރެއެވެ. ކިހާ ރަގަޅުހެއްޔެވެ؟
ޑޮކްޓަރ ރަފައެލްގެ ކްލިނިކް ހުންނަނީ ގޯޅިގަނޑެއްގެ ތެރޭގައެވެ. ރޭގަނޑު އަށަކުން ދިހައަކަށް އެކްލިނިކުގައި ޚިދުމަތްދެމުންދާ ކަމުގެ އިޝްތިހާރުބޯޑެއް ފާރުގައި ފެންނަން ހުއްޓެވެ. ތަންކޮޅެއް ދުވަސްވެފައިވާ އިމާރާތަކަށްވިނަމަވެސް އެތަނަށް ބަލިމީހުން އަންނަނީ ރަފައެލް އެކުޑަ ދުވަސްކޮޅުވެސް ހޯދައިގަތް މަޝްހޫރުކަމަކުންނެވެ. އެޕޮއިންޓްމެންޓްތަކަށް އެހާ ބާރުބޮޑެވެ. ރަފައެލްގެ އަގު ކިތަންމެ ބޮޑުނަމަވެސް މީހުންނަށް އެކަން މައްސަލައަކަށް ނުވެއެވެ. ޚާއްސަކޮށް އަންހެންކުދިންގެ ދުލުކުރީގައި ވަނީ ރަފައެލްގެ ނަމެވެ. ޒޯހަންވެސް އޭނަގެ ޑިޕްރެޝަން މައްސަލައަށް ހައްލެއް ހޯދަން ރަފައެލްއަށް އެޕޮއިންޓްމެންޓް ހަދައިގެން އައިސް ވެއިޓިން އޭރިއާގައި އިންނަތާ ދިހަވަރަކަށް މިނިޓްފަހުން ރަފައެލް އަންނަތަން ފެނުނެވެ. ޑޮކްޓަރުގެ ޒުވާންކަމުން ޒޯހަން ހައިރާންވިއެވެ. މިހާ ޅައުމުރުގައިވެސް ހާދަ މޮޅުމީހެކޭ ހިތަށް އެރިއެވެ. އަދި އެހާ ސްމާޓެވެ. ކަޅުކުލައިގެ ފަޓުލޫނަކާއި އަތްދިގު ގަމީހެއްގައި ހުރިއިރު ޕްރޮފެޝަނަލްގޮތެއް ހުއްޓަސް އޯގާތެރިކަމެއް އެދެލޮލުން ފެނުނެވެ.
ފުރަތަމަ ނަމްބަރު ނަގައިގެން އިނުމުން އެންމެކުރިން ވަންނަން ޖެހުނީ އޭނައަށެވެ. ރަފައެލް ހީލިގޮތަކުން ޒޯހަންގެ ހާސްކަން ކެނޑި މީހާ ހަމަޖެހޭގޮތްވިއެވެ. މީހަކާއި ޒާތީ ވާހަކަތައް ހިއްސާކުރުން ޒޯހަންއަށްވެސް ފަސޭހައެއް ނޫނެވެ. ނަމަވެސް ރަފައެލް ވާހަކަދައްކަން ފެށީވެސް އެކުވެރިއެއްފަދައިންނެވެ. ކޮނޑުގައި އަތް ބާއްވާލަމުންނެވެ.
"އުމުރުދުވަހުވެސް މިހާ ބޮޑު ހިތާމައަކާއި ކުރިމަތިއެއްނުވޭ. ފެމިލީގައި އެއްފަހަރާ ދެމަރުގެ ހިތްދަތިކަން ދިމާވީ ހަމަ ކުއްލިއަކަށް. އެކަން ބޮލުގައި އަޅަންޖެހުމުން އަދި ކެތްކުރެވުނު ކަމަކަށްނުވި. މިހެން ބުންޏަސް އެހެން މީހުންނަށް އެހިތްދަތިކަން އިހުސާސެއްނުކުރެވޭނެ. ލޯބިވާ ކޮއްކޮއާއި އަންހެނުން ރޭޕްކޮށްފައި މަރާލުމަކީ ނުބައި ނުލަފާ ޝައިތާނަކު ނޫނީ ކުރާނެކަމެއްނޫން. ނޫނީ މެންޓަލީ ޑިރޭންޖްމީހަކު ހިންގާނެ އަމަލެއް. އެއްގޮތަކަށްވެސް ހަނދާނެއްނުވޭ އެދުވަސް. އެކަމަކު ދެން ފޮރެންސިކްމީހުންނަށް ފެނުނީ އަޅުގަނޑުގެ ޑީއެންއޭ. ހަމަ ފްރޭމް ކުރަންވެގެން ބަޔަކު ކުރި ޕްލޭނެއްކަން ޔަގީނޭ. އެކަންކުރި މީހަކު ހޯދާފައި ފުރާނަވެސް ރޮއިގަންނަވަރަށް ބަދަލުހިފަން އަޒުމްކަނޑައެޅިން. ނަމަވެސް ހިތްވަރުމިދަނީ ބަލިވަމުން. އެއްވެސް ވަރަކަށް ކްލޫއެއް ނުލިބޭ. އެކަން ކުރި މީހަކު ހޯދުން ފަސޭހަނުވާނެކަމަށް ގަބޫލުކުރެވެންފެށީ އެއްވެސް ކަހަލަ ލީޑެއް ނުލިބުމުން. މިހާރު ރޭގަނޑު ނުނިދޭ. ކޮފީނޫން އެއްޗެއް ނުބޮވޭ. ނިދާއިރަށް ސިއްސައިގެންގޮސް ލޯ ހުޅުވެނީ ކޮއްކޮ ހަޅޭއްލަވާއަޑު އިވިފަ. ފިނިދަލެއް ހިއްލާލާފައި އޮންނަނީ. ދެން ނިދަން އުޅުނަސް އެކަމެއްނުވޭ. ކުށްވެރިކަމުގެ އިހުސާސްގެ ސަބަބުން މިހާރަކަށް އައިސް ހިތަށް އަރަނީ ސުއިސައިޑްވާން. އެހެންވެ ޑޮކްޓަރަކަށްދައްކަން މިއައީ. އައި ތިންކް އައިމް ލޫޒިން އިޓް........." ޒޯހަންގެ މުށި ދެލޯ އަމާޒުވެފައިވަނީ ފާރަށެވެ. ބުނަން ނޭގޭފަދަ ހިތާމަވެރި އަސަރެއް އެދެލޮލުން ފެންނަން ހުއްޓެވެ.
ޒޯހަންއަކީ މިފަހަކަށް އައިސް ގައުމު ދުށް އެންމެ މަޝްހޫރު ކުށްވެރިޔާއެވެ. އެންމެންގެ ކުރިމަތީގައި އޭނަ ބަދުނާމުވެ އޭނައަށްވުރެ ނުބައި މީހަކު ދުނިޔޭގައި ނެތްކަމުގައިވެއްޖެއެވެ. މަގުން ހިނގާފައިދާއިރުވެސް މީހުންބަލަނީ ނުރުހުންވެފައެވެ. ސިއްރުސިއްރުން ދައްކަނީ އޭނަގެ ވާހަކައެވެ. އެއިންކަމަކާ އޭނަގެ ފަރުވާލެއްނެތެވެ. އޭނައަށް އަސަރުކުރަނީ ކޮއްކޮމެންގެ މަރުގެ ސަބަބުންނެވެ. އެކަންކުރި އަނިޔާވެރިޔާ ދަންޖައްސާ މަޅިގަނޑާއި ހަމަޔަށް ނުގެނެވިގެންނެވެ. އަމިއްލައަށް އެފަދަ ކަމެއްކުރި ކަމަށް އޭނަ ގަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟ އޭނައަކީ މިވީހާތަނަށް މަސްތުވާ އެއްޗެއްގެ ބޭނުންކުރި މީހެއްނޫނެވެ. ރުޅިގަދަވެގެން ސަލާމަތްނުވާ ހިސާބަކަށް ދިޔައީއެއް ނޫނެވެ. ބޮލުގައި ރިއްސުންފަދަ ކަމެއްވެސް ވީއެއް ނޫނެވެ. ނޫންނަމަ ޓިއުމަރެއްފަދަ އެއްޗެއްގެ ސަބަބުން މަދު ހާލަތެއްގައި ނަމަވެސް މީހާގެ ހެޔަށް ގޮތެއްވެ މީހަކު މަރާވެސްލަފާނެ ވިއްޔާއެވެ. އެއިން އެއްވެސްކަމެއް ނުވެ ހޭޖެހޭ އިންސާނެއްވިއްޔާ ކުއްލިއަކަށް އެންމެ ލޯބިވާ ދެފަރާތް ދުނިޔެއިން ނެތިކޮށްލާނެ ގޮތަކީ ނެތްގޮތެކެވެ. އޭނައަކީ ސައިކޯޕާތެއްނޫނެވެ. ނަމަވެސް އެހިނގި ހާދިސާގެ ސަބަބުން އޭނަމިވަނީ ޑިޕްރެޝަންގެ ޝިކާރައަކަށްވެފައެވެ.
ރަފައެލް ދެއްކި ވާހަކަތަކުން ޒޯހަންގެ ސިކުނޑި ގަނޑުފެނުން ތެންމާލަދިންފަދަ އިހުސާސެއްކުރެވުނެވެ. ހަށިގަނޑަށް ލުއިވިއެވެ. އެންމެ ފަހަރަކުވެސް ނަފްސާނީ ޑޮކްޓަރަކާއި ވާހަކަދައްކާލުމުން ތަފާތު ފެނިއްޖެއެވެ. ރަފައެލްއަށް ފަހުން ދައްކާލަން އެޕޮއިންޓްމެންޓެއްވެސް ލިބުނެވެ.
ކަރަންޓު މައްސަލައެއް ޖެހިގެން މުޅި ރަށުން ކަރަންޓު ކަނޑާލާފައިވާތާ ގަޑިއެއްހާއިރުވެއްޖެއެވެ. ކަނޑުން އަންނަ ތެތް ވައިރޯޅިތައްވެސް މިރޭވަނީ ހިނދިފައެވެ. މިލަ ހަނދުވަރެއް ދީފައި އޮތެވެ. ހޫނުގަދަ ރެއަކަށްވާތީ ޒޯހަންއޮތީ ކޮޓަރީގެ ދޮރުތައް ހުޅުވާލައިގެންނެވެ. ދަންވަރު ބާރަޖެހިޔަސް ނިދީގެ އަސަރެއް އެ ދެ ލޮލަކު ނެތެވެ. އުއްބައްތިއެއް ރޯކޮށްލަން ތެދުވާވަރަށްވުރެ އޭނަ އޮތީ ކަންނެތްވެފައެވެ. އެހެންއޮތްވާ ސީލިން ދޭތެރެއިން މީދަލެއްފަދަ އެއްޗެއް ހަރަކާތްތެރިވާފަދަ އަޑެއް އިވެންފެށިއެވެ. އެކަމަކު ކޮކަޓޫފިޔަވާ އެގެއިން ދިރޭއެއްޗެއް އުޅޭކަމުގެ އެއްވެސް ނިޝާނެއް މިވީހާތަނަށް ފެނިފައެއް ނުވެއެވެ. މަތީގައި އެއުޅެނީ މީދަލެއް ނޫނީ ބުޅަލެއްވެސް ނޫންކަން ޔަގީނެވެ. އިންސާނެއްގެ ފައިޖެހޭ އަޑެއްވެސް ނޫނެވެ. ހުޅުވިފައިވާ ކުޑަދޮރުން އެލުވާފައިވާ ޕޮޓްތައް ފެންނަން ހުއްޓެވެ. ޕޮޓްތައް ވެސް ދެފަރާތަށް އެއްލޭތަން ފެނުމުން ޒޯހަން ހައިރާންވިއެވެ. ވައި އަޅުވަންވީ އެ މާވަށިތަކަށް ހެއްޔެވެ؟ ފާރުގައި ހުރި ތަސްވީރުވެސް އޭނައަށް މަލާމާތްކޮށްފައި ހީލިހެން ހީވިއެވެ. ޔަގީންކުރަން ދެވަނަފަހަރަށް ބަލައިލިއިރު އެކުރެހުމުގައި ހުރި މީހާ ހުރީ ހެވިފައެއްނޫނެވެ.
ޒޯހަން ގޮނޑިމައްޗަށް އެއްލާލާފައި އޮތް ޓީޝާޓް ބޮލަށް މަހާލަމުން ނިކުންނަން އައިތަނާ ކުއްލިއަކަށް މީހަކު ކުރިމަތިން ފާޅުވުމުން ލިބުނު ބިރުވެރިކަމާއިއެކު ޒޯހަންގެ ފިޔަވަޅު ގަނޑުވިއެވެ. އިސްތަށިގަނޑު މޫނުމައްޗަށް ވައްޓާލައިގެންހުރި އެންދެރިކުލައިގެ މީހާގެ ދެލޯރަތްކަމުން އަނގުރުއަލިފާންފަދައެވެ. ބިޔަކަމުން ޒޯހަންވެސް އެމީހާ ކައިރީ އެއްވެސް އެއްޗަކަށްނުވިއެވެ.
"ކަލޭ ތިކުރަން އުޅޭކަންތައް ހުއްޓާލާ...." އެ މަޚުލޫގު އިންޒާރުދިނެވެ.
"ހޫ ދަ ހެލް އާރ ޔޫ. ކޮންކަމެއް ހުއްޓާލަންވީ. ކަލޭ ބުންޏޭ ކިޔާފައި އަހަރެން ކުރާ އެއްވެސް ކަމެއް ހުއްޓާލާކަށް ނުޖެހޭ......." ލިބުނު ޝޮކް ފިލާދިޔުމުން ޒޯހަން ހިތްވަރު ކުރިއަށްނެރެ މި މުސީބާތާއި ކުރިމަތިލާން ނިންމިއެވެ. ވަގުތުން ހަނދާންވީ މައިކަލްގެ ގޭތެރެއިން ފެނުނު އާދަޔާ ޚިލާފުކަންތައްތަކެވެ. ހުއްޓާލާށޭ އެބުނީ ކޮންކަމެއްހެއްޔެވެ؟ ލިބުނު ޖަވާބަކީ އެ ބިރުވެރި މަޚުލޫގު ގެއްލުމެވެ. ޒޯހަން ވަގުތުން ކޮޓަރިއަށްވަދެ ދޮރުލައްޕައިލިއިރު އޭނައަށް ލިބިފައިވާ ސިހުމާއި ހައިރާންކަން މޫނުމަތިން ފައުޅުވާންހުއްޓެވެ. ކުރިމަތިން ޝައިތާނަކު އެގޮތަށް ފެނިދާނެކަމަކަށް އޭނަ ދުވަހަކުވެސް ހީކޮށްފައެއްނެތެވެ. އެވާހަކަ ބުންޏަސް މީހަކު ގަބޫލެއްވެސް ނުކުރާނެއެވެ. އޭނަ ގެއްލުނު މަންޒަރު ހަމަ ފިލްމެއްފަދައިން ސިފަވިއެވެ. އެވީ ކިހިނެއްހެއްޔެވެ؟ އެމީހާ ބޭނުންވަނީ ކޮންކަމެއް ހުއްޓާލަންހެއްޔެވެ؟
އޭނަ ފަށާފައިވާ ޕްރޮޖެކްޓެއް ހުއްޓަން އަމުރުކުރީހެއްޔެވެ؟ ބައެއްފަހަރު ސިހުރުހަދާމީހުން އެގޮތަށް ޝައިތާނުން ބޭނުންކޮށްގެން މީހުންނަށް ގެއްލުންދީހަދައެވެ. އޭނަގެ އާއިލާގެ މީހުންގެ ކުރިއެރުމާއި ކާމިޔާބު ފެނިފާ މީހަކު އެކަމާ ހަސަދަވެރިވެގެން ސިހުރުހަދަނީކަމުގައި ޔަގީންކުރެވުނެވެ. ޒޯހަން އެނދަށް ވެއްޓިގަތްގޮތަށް ނިތްމަތީގައި އަތްބާއްވައިގެން އޮތީ ސީލިންއަށް ނަޒަރު ހުއްޓާލައިގެންނެވެ. ކުއްލިއަކަށް އޭނަގެ ސިކުނޑީގައި ޖެހިގަތީ މައިކަލް ދެއްކި ވާހަކަތަކެވެ. އޭނަގެ ގާތްއެކުވެރިޔާ މައިކަލް އޭނައަށް ސިހުރުހަދާފާނެހެއްޔެވެ؟ ސުވާލުކޮށްފިއްޔާ މައިކަލް ފާޅުގައި ދުޝްމަން ނުވާނެބާވައެވެ.
އަމީރާ ފެންވަރާލައިގެން ނުކުތްއިރުވެސް ހެނާއޮތީ އެނދުގައި އޮށޯވެލައިގެން ކޮންމެވެސް ޚިޔާލެއްގައެވެ. އަމީރާ ތުވާލި ނައްޓާލުމަށްފަހު ކަޅު ސްކިނީއަކާއި ސްކަލްސްޖެހި ހެދުންލުމުން އޭނަ ފެންނަލެއް ތާޒަކަމާއި ރީތިކަމުން ހެނާއަށްވެސް އޮވެވުނީ ހައިރާންކަމާއިއެކު ބަލަހައްޓައިގެންނެވެ. އެކަމަކު ހެދުމުގައި ސޫރަހުރުމުން އެހެދުން ލައިގެން ނަމާދުކުރާކަށް ނުވާނެއޭ ހެނާބުނެލާފައިވެސް ރީތިކަމަށް ތައުރީފުކުރިއެވެ. އަމީރާބުނީ މިދުވަސްކޮޅު ނަމާދު ޗުއްޓީކަމުގައެވެ. ލޭރަތްކުލައިން އަތާއި ފައިގެ އިނގިލިތައް ޕެއިންޓްކޮށްލުމަށްފަހު އިސްތަށިގަނޑަށް ވިދާ ބޭންޑެއް އަރުވާލިއެވެ. ދުވަހަކުނުކުރާވަރަށް މޭކަޕްކޮށްނިމުނުއިރު ތުންފަތްވެސް ރަތްކަމުން ލޭކޮޅެއްފަދައެވެ. އަޅިދެލޯ ކަޅު އަނދުނުން ފަވާލާފައިވާއިރު ފުރިހަމަކަމުގެ މިސާލެކެވެ. ފިލްމެއްގެ ޝޫޓިންއަށް ތައްޔާރުވެފައިވާ އަންހެންކުއްޖެއްފަދައެވެ. އޭނަވެސް އެހާ ރީތިވާނެ ނަމައޭ ހެނާގެ ހިތަށްއެރިއެވެ.
"މިދަނީ ޑޭޓަކަށް. ފަހުން ބުނާނީ ކާކުކަން.........." އަމީރާ ހެދުމަށް ސެންޓްޖަހައިލުމުން މީރުވަހެއް ފެތުރުނެވެ.
"ގުޑްލަކް...." ހެނާ މަޑުމަޑުން ބުނެލުމަށްފަހު އެނދުން ތެދުވެއްޖެއެވެ. އަމީރާ ބޭނުން ކޮންމެ ފިރިހެންކުއްޖަކާއިއެކު ކޮފީއަށް ދެވޭއިރު އޭނައަށް މަޖުބޫރުވެފައިވަނީ މައިކަލްއާއި ކައިވެނިކުރުމަށެވެ. އޭނަ ހިތާމަކުރާވަރާއި ކަރުނަ އޮއްސާވަރު އެނގިހުރެ އަމީރާވެސް އަޅައެއްނުލައެވެ. މިހާރުވެސް އޭނަގެ ދެލޯރަތްވެ ދުޅަކަމުން ބަލައިލާފައި އެކަން އެނގޭނެއިރުވެސް އެކަންފާހަގަކޮށް އަމީރާ އެއްޗެކޭ ނުބުނުމުންވެސް ހެނާއަށް އަސަރުކުރިއެވެ. އެކަކުވެސް އޭނަގެ އިހުސާސްތަކަށް ގަދަރެއްނުކުރެއެވެ. އެކަކުވެސް އޭނަދެކެ ލޯތްބެއްނުވެއެވެ. އެންމެ ބޭނުންވިވަގުތު އާސާވެސް ވީތަނެއް ނޭގުނެވެ. މައިކަލްއަށް އާދޭސްކުރުމަށްވުރެ އޭނަ ބޭނުންވަނީ ޒޯހަންގެ އެހީ ހޯދުމެވެ. ޒޯހަން އޭނަ ސަލާމަތްކޮށްދޭނެއެވެ. ގެނބެމުން ދާއިރު ޒޯހަންފިޔަވާ އޭނަ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދޭނެ މީހެއް ލޮލުކޮޅަކަށްވެސް ނުފެނެއެވެ.
ހެނާ ޒޯހަންގެ ކޮޓަރީގައި ޓަކިދީފައި އެތެރެއަށް ވަންއިރު އަތްފައި ގަނޑުފެންކޮޅެކޭ ތަފާތެއްނެތެވެ. ޒޯހަން މިއަދުވެސް އެހާ ލާނެތް ސަމާސާކުރާނެބާވައެވެ.
"ހައި......" ހެނާއަށް ބުނެވުނީ ރަކި ހީލުމަކާއިއެކުގައެވެ.