ހެނާ ހޮސްޕިޓަލުން ދޫކޮށްލާ ވާހަކަ ޑޮކްޓަރު ބުނީއްސުރެން ހެނާގެ ހިތުގެ ތެޅުން މަޑެއްނުވެއެވެ. މައިކަލް އޭނައަށް ދެން ކުރާނީ ކޮންފަދަ ކަމެއްކަމެއްވެސް އެނގެނީއެއް ނޫނެވެ. ޑޮކްޓަރަށް ހުރިހާ ވާހަކައެއް ސާފުކޮށް ކިޔައިދޭނީއެވެ. ގެއަށް ނުފޮނުވަން ބުނަންވީއެވެ. އާދޭސްކުރަންވީއެވެ. ދަރިފުޅަށް ނުރައްކަލެއް އަންނަން އުޅޭކަން އެނގި އެކަން ފޮރުވުމަކީ އެކަމުގައި ނުސީދާކޮށް ބައިވެރިވުމެވެ. އޭރުން ދަރިފުޅުގެ މަރުގެ ޒިންމާ އޭނަގެ ބޮލުގައިވެސް އެޅޭނެއެވެ. ކެރިގެން ޖެހިލުން ކުޑަކަމާއިއެކު މިކަމާއި ކުރިމަތިލާންވީއެވެ. ދަރިފުޅު މިހާރުއްސުރެން ރައްކާތެރިކުރުމަކީ އޭނަގެ ޒިންމާއެކެވެ.
މައިކަލް ކޮފީއަކަށް ދިޔުމުން ލިބުނު ފުރުސަތުގައި ހެނާ އަވަސްއަވަހަށް ޒޯހަން އަށް މެސެޖްކޮށްލައިފިއެވެ.
"ޒޯހަން. މައިކަލް އިޒް ގޮއިންޓު ހާޓް މައި ބޭބީ ހޮސްޕިޓަލުގައި ބާއްވަން ޖެހުނީވެސް ފާޑެއްގެ ބޭހެއް ކާންދީގެން. ފެއިލްވީމަ ދެން ކުރާނެ ކަމަކާއިމެދު ވަރަށް ބިރުގަނޭ. ޕްލީޒް ހެލްޕްމީ..."
މައިކަލްއާއި ޒޯހަން ކޮފީއަކަށް ރެސްޓޯރެންޓުގައި ތިބިއިރު ޒޯހަން ކިތަންމެވަރަކަށްވެސް ހެނާގެ ވާހަކަ އޮޅުން ފިލުވަން ބޭނުންވިއެވެ. ނަމަވެސް އޭނަވެސް އިނީ މައިކަލްގެ މިޒާޖު ހުންނަގޮތުން އެވާހަކަ އަހާލަން އުދަގޫވެފައެވެ. ފަހަރެއްގައި އަދި މައިކަލް އޭނަގެ މަންމަގެ މަރުގެ ހިތާމައިގާ ހުއްޓާ ޒޯހަން އަމިއްލަ އެދުން ބޮޑުކުރަނީއޭވެސް ހިތަށް އަރާފާނެއެވެ. ޒޯހަން ފާޚާނާއަށް ވަދެލާފައި އެބައަންނަމޭ ކިޔާފައި ދިޔައީ ފޯނު މޭޒުމަތީގައި ބާއްވާފައެވެ. އެހެން ލާފައި ދިޔަ ރީތި އަންހެންކުދިންކޮޅެއް ނުސީދާކޮށް މައިކަލްއާއި ބެހުނުއިރުވެސް އޭނަ އެނގޭކަމަކަށް ހަދާނުލިއެވެ. އާވިއަރަ އަރާ ހުރި ހޫނު ކޮފީތަށި ތުނބުގައި ޖައްސާލުމަށްފަހު ކޯވަރެއް ދަމާލުމަށްފަހު ކުޑަދޮރުން ބޭރަށް ބަލަންފެށިއެވެ. އެވަގުތު ޒޯހަންގެ ފޯނަށް ވައިބަރ މެސެޖެއް އައުމުން މައިކަލް އަށް ބަލައިލެވުނުއިރު އެއީ " ބޭބީ ގާލް" ގެ ނަމުގައި ޒޯހަން ރައްކާކޮށްފައިވާ ނަމެކެވެ. އެއީ ކާކުހެއްޔެވެ؟ ޒޯހަން ޕާސްވޯޑް ޖަހާތަން ފެނިފެނި އެނގޭތީ މައިކަލް ގަސްތުކުރީ ވަގުތުގެ ބޭނުން ހިފުމަށެވެ. ޒޯހަން އޭނައަށް ސިއްރުން އަންހެންކުއްޖަކު ގެންގުޅެނީއޭ ހިތާ އުފާވެރިކަމުގެ ރާގެއް ހިތުގައި ކުޅެލިއެވެ.
ނަމަވެސް އެމެސެޖް ކިޔާލުމާއިއެކު މައިކަލްގެ މޫނުމަތީގެ ކުލަ ވަގުތުން ބަދަލުވިއެވެ. މޫނުރަތްވެ ކޮލުކަށިގަނޑަށް އެނގުންވާވަރަށް ދަތް ކުނޑި ވިކާލައިފިއެވެ. ހެނާ ހީކުރަނީ ކީކޭހެއްޔެވެ؟ ހިތުން ނިކަން ސިއްރުން ފޮނުވި މެސެޖް އޭނައަށް ފެންނާނީވެސް އޭނަގެ ކޮޅަށް ތަގުދީރުވެސް ވާތީ ނޫންހެއްޔެވެ؟ އެގިދާނެތާއެވެ. މައިކަލް ނިކަން އަވަހަށް އިގިރޭސިން ޖަވާބު ލިޔެލައިފިއެވެ. އޭނަ ވަރަށް އަވަހަށް ހެނާއާއި ދަރިފުޅު ސަލާމަތްކުރާނެ ކަމަށާއި ކަންބޮޑުނުވާން އެދުނެވެ. އޭނަ މިއިނީ މައިކަލްއާއިއެކު ކޮފީއެއްގައި ކަމަށާއި އިހަށް މެސެޖް ނުކުރަން އެދުނެވެ. އެއަށްފަހު މައިކަލް އެމެސެޖްތައް ފޮހެލިތަނާހެން ޒޯހަން އަންނަތަން ފެނުނެވެ. އެލިބުނު ކުޑަ ވަގުތު ކޮޅުގެ ބޭނުން އޭނަ ކިތަންމެހާވެސް ފުރިހަމަޔަށް ހިފާލައިފިއެވެ. ޒޯހަން ފެނުމުން މައިކަލް ހީލީ މާނަވީ ގޮތަކަށެވެ. ޒޯހަންއަށް ރޭކާލާނީވެސް ކިހިނެއްހެއްޔެވެ؟
ހެނާއަށް އިރުއިރުކޮޅާ ފޯނަށް ބަލައިލެވުނެވެ. ޒޯހަންގެ އިންތިޒާރުގައި ހުރެހުރެ އޭނަ އުދާސްވާން ފެށުމުން ކޮޓަރިން ބޭރަށްވެސް ނުކުމެވިއްޖެއެވެ. އިރުގެ ރަންއަލި މުޅި ދުނިޔެއަށް ފަތުރާލާފައިވާއިރު އެހިސާބުގައިވާ ގަސްތައް ފެންނަނީ ނިކަން ހިތްގައިމުކޮށެވެ. ވަޔާއި އެއްވަރަށް ގަހުގެ ގޮފިކޮޅުތައްވެސް ހަރަކާތްކުރެއެވެ. ހިތްގައިމުކަމުން ފުރިފައިވާ ރީތި ތަނެކެވެ. ނަމަވެސް އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ފޯނަށް ބަލަބަލާ ހުއްޓާ ކުރިމައްޗަށް އައިސް ހުއްޓުނީ މައިކަލް ފިޔަވާ ދެވަނަ މީހެއްނޫނެވެ. ސިހިފައި ދެފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ.
"އަހަރެން ފެނުނީމަ ހާދަ ވަރަކަށޭ ބިރުގަތީ؟ ކިހިނެއްވީ އަނެއްކާ؟ ގެއަށް ނުދެވިފައިދޯ. ކޮފީއަކަށް ދިޔައީއޭ..........."މައިކަލް ހެނާގެ ކޮނޑުގައި އަތް ބާއްވާލާފައި ގަޔާއި ކައިރިކޮށްލަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެއަތް ފޮޅުވާލާފައި ހަޅޭއްލަވައިގަނެ އެއްޗެހި ކިޔާލަން ހެނާގެ ހިތް އެދުނެވެ. މައިކަލް ފެނުމުން އޭނަ ހާދަ ވަރަކަށް ފޫހިވެއްޖެއެވެ. ސިހުރުވެރިޔަކާއިއެކު އެއްތަނެއްގައި އުޅުންވެސް ހުއްދައެއް ނުވާނެއެވެ. އޭނަ ޖެހޭނީ މައިކަލްއާއި ވަކިވާށެވެ. ޒޯހަންގެ އެހީ އަވަހަށް ނުލިބިއްޖެއްޔާ އޭނަގެ ދިރިއުޅުން ބަރުބާދުވެދާނެއެވެ. ޒޯހަންގެ އެހީ ނުލިބުނަސް އަމިއްލަ ނަފުސް މި އަނދިރިގަޑުން ސަލާމަތްކުރަން އޭނަ އަށް ވެވުނު ކޮންމެ ކަމެއްކުރާނެއެވެ.
މައިކަލް އަވަސްވެލާފައި ހުރިހާ ސާމާނުތައް ކޮތަޅުތަކަށް އަޅައިގެން ކާރަކަށް ގުޅުމަށްފަހު ހެނާ ގޮވައިގެން ނުކުތެވެ.
"ޒޯހަންވެސް ދެން ހާދަ ގޯހޭ، އަންނާނަމޭ ކިޔާފައި އަދިވެސް ފެނިނުލާ...." ހެނާ ހިތާހިތުން ކިޔައިލިއެވެ.
ގެއަށް ވަދެފާ މައިކަލް މައިދޮރު އެތެރެއިން ތަޅުލިތަން ފެނިފައި ހެނާގެ ހަށިގަނޑުގައި ގަނޑުފެނުގެ ފިނި ރާޅެއް ދުވެލައިފިއެވެ. މައިކަލް އުޅެނީ އޭނައަށް އަނިޔާކުރަން ހެއްޔެވެ؟ މައިކަލްއާއިއެކު އެކަހެރިވިޔަސް އޭނަ ގަންނަނީ އެހެން ކަހަލަ ބިރެކެވެ. މިއީ ކުރިން އޭނައަށް އިހުސާސްކުރެވޭ ފަދަ ކަންތަކެއް ނޫނެވެ. ގަދަކަމުން ބޭސްކާންދިން ދުވަހުން ފެށިގެން އޭނަ މައިކަލްދެކެ އިތުބާރުކުރުން ހުއްޓާލައިފިއެވެ. ދުޝްމަނަކާއިއެކު ނިދަން މަޖުބޫރުވެފައިވާ އަންހެންކުއްޖެއްގެ ގޮތުގައި އޭނަމިވަނީ ވެފައެވެ. މިކަމުން ސަލާމަތްވުމަށް އެދި ހިތުގެ އަޑިން އަބަދާއަބަދުހެން ދުޢާކުރެވުން ނޫންކަމެއް ނުކުރެވެއެވެ.
ހެނާއަށް ހީކުރެވުނީ އަދި މުޅިން ރަގަޅަކަށްނޫނެވެ. މައިކަލް ބޭނުންވީ އަދި އަނިޔާކުރާކަށް ނޫނެވެ. އެހެންކަމެކެވެ. ހެނާގެ ފުރާނަވެސް ރޫރޫއަޅައިގަތެވެ. މައިކަލްގެ އަތުގެ އެންމެ ބީހިލުމަކުންވެސް ހެނާއަށް ވާ އުދަގޫތައް އޭނައަށް ބަޔާންކުރުން ފަސޭހައެއްނޫނެވެ. އަދި އެހާ ބޮޑަށް ބަލިވެފާ ހުއްޓާ މައިކަލް އުޅެގަތްގޮތުން ކިތަންމެ ފޫހިވިޔަސް މައިކަލްގެ ބާރު ވަޒަން ކުރެވުމުން ޖެހުނީ ކިޔަމަންވާށެވެ. ހެނާ ހިތަށް ވިސްނާދިނީ މިއީ އެންމެ ފަހު ފަހަރުކަމުގައެވެ. މައިކަލްގެ ވަކިތަކުން ސަލާމަތްވާނެ ކަމުގައެވެ. ހެނާ ކިތަންމެ ޕޮޒިޓިވްކޮށް ވިސްނިކަމުގައިވިޔަސް މައިކަލްގެ ހިތްފުރޭވަރުވީއިރު ހެނާގެ ހިތްވަނީ ކުދިކުދި އެތިކޮޅުތަކަށް ބުރުވާލާފައެވެ. ހުރިހާ އުއްމީދުތައް ފުނޑުފުނޑުވާވަރުވެފައެވެ. މައިކަލް ހީވަނީ ގަސްތުގައި ކޮންމެވެސް ކަމެއްގެ ބަދަލު ހިފާހެންނެވެ. ލޯތްބާއި އަޅާލުމަކީ އޭނަ ދަންނަ އެއްޗެއް ނޫނެވެ.
ހެނާ އެވަރުންވެސް ފޯނު އަތުން ދޫކޮށެއްނުލައެވެ. އެފޯނާއިގެން މާވަރުން އުޅެވުނީވެސް މޮޔަކަމުންނެވެ. މައިކަލްގެ ތޫނު ވިސްނުމުން އެކަން ދެނެގަތީކަމަށް ހެނާ ހީކުރިއެވެ. ކުއްލިއަކަށް މައިކަލް ހެނާގެ އަތުން ފޯނު ޖަހައިގަތެވެ.
"ހަޒްބެންޑާއި އެކު އުޅޭއިރުވެސް ދެން މިއަންހެންވެރިން މި ފޯނާއި ހިފާފައި ދޯ މިތިބެނީ؟ އައިމް ޖެލަސް.....ރިއަލީ...." މައިކަލް ނުލަފާ ހިނިގަނޑެއް ޖަހާލާފައި ފޯނު ހިފައިގެން ދާން ހިނގައިގަތެވެ. ހެނާ ކަރު އެލުވާލައިގެން އިރުކޮޅެއްވާންދެން ހުރެލާފައި ގޮނޑިއެއްގައި ޖައްސައިލަމުން ދެލޯ މަރާލައިފިއެވެ. އުއްމީދުގެ ހުޅުކޮޅު ނުނިވެނީސް ޒޯހަންގެ މަތިން ހަނދާންވިއެވެ. ޒޯހަން އޭނައާއި އަޅާލާނަމަ ކޮންމެގޮތެއް ހަދާފައިވެސް އޭނަ މި ނަރަކައިން ސަލާމަތްކޮށްދޭނެއެވެ. ދުރަށް ގެންދާނެއެވެ. ޒޯހަންވެސް ރަގަޅު ޕްލޭނެއްކުރަނީ ކަމަށް ވެދާނެއެވެ. އެހެން ހީކޮށްލާފައި ހެނާ އަމިއްލަ ނަފުސަށް ވިސްނާދީ ހިތްހަމަޖެއްސިއެވެ. ކޮޓަރިއަށް ވަދެ ނަމާދުކޮށްގެން ގުރުއާން ކިޔަވަންއިށީނުމުން ހިތަށް އިތުރު ފިނިކަމެއް ލިބުނެވެ. އިންސާނުންގެ ޕްލޭނަށްވުރެ ތަގުދީރުގެ ޕްލޭނާއި ހިކްމަތް އެތައް ގުނައެއް މޮޅުވާނެއެވެ. މިއިން ކޮންމެ ކަމަކީވެސް އިމްތިހާނެކެވެ. ވީއިރު އޭނަ ކެތްކުރާނެއެވެ. މާތްﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ.
އިޝާނަމާދުކޮށް ނިމުނުފަހުންވެސް ޒޯހަންގެ އެއްވެސް ޚަބަރެއްނުވުމުން ހެނާގެ ކެތްތެރިކަން ކޮޅުންލާންފެށިއެވެ. މައިކަލްވެސް ފެންނަ ހިސާބުގައި ނެތުމުން އޭނަ ނިކަން ސިއްރުސިއްރުން ދޮރު ހުޅުވާލުމަށްފަހު ކުރިއަށް ހިނގައިގަތީ މިތަނުން ވީހާވެސް ދުރަށް ދިޔުމުގެ އަޒުމްގައެވެ. މިއީ އޭނަގެ މަންޒިލްއެއްނޫނެވެ. ހިތްވަރާއިއެކު ކުރިއަށް ފިޔަވަޅު ނާޅައިފިނަމަ ހުރިތަނަށް ގާވެފައި ހުންނާނީއެވެ. އުފާވެރިކަން ލިބިގަނެވޭނީ ކުޑަނަމަވެސް ހިތްވަރެއްކޮށްލައިގެންނެވެ. ދޮރާށްޓާއި ހަމަޔަށް ދިޔަތަނާހެން ފާރަށް ލެނގިލައިގެން ފާޑަކަށް ބަލަން ހުރި މައިކަލް ފެނިފައި ހެނާގެ ހިތް އޮއްސިގެންދިޔައެވެ. އޭނަ ހީކުރީ މައިކަލް ޖެއްސުމަށް އެއްޗެއް ބުނާނެކަމަށެވެ. ނަމަވެސް ބަހެއްނުބުނިތާގައި ހަރަކާތެއްވެސް ކޮށްނުލިއެވެ. ހެނާ އަނބުރާލާފައި އައިސް ކޮޓަރިއަށް ވަންނަން އުޅެނިކޮށް މައިކަލް ގެ ކޮޓަރީގެ ދޮރު ހުޅުވުނުއަޑަށް ސިހުނުވަރުން ހަޅޭއްވެސް ލަވައިގަނެވުނެވެ.
"ކިހިނެއްވަނީ؟ " މައިކަލް ސިގްރެޓް ރޯކޮށްލައިފިއެވެ. ހެނާ ދޮރަށް ލެނގުނުގޮތަށް ދެލޯބޮޑުކޮށްގެން ބަލަން ހުރީ މައިކަލްއާއިމެދު އެހެން ކަހަލަ ޝައްކެއްކުރެވިފައެވެ. ފުރަތަމަ ފަހަރަށް މައިކަލްއަކީ އިންސާނެއްކަމާއިމެދު ޝައްކުކުރެވުނެވެ. ޔަގީނުންވެސް މަގުމަތީގައި ހުރީވެސް މައިކަލްއެވެ.
"ހެނާ. ވަޓްސް ރޯންގް؟ އާ ޔޫ އޯކޭ؟ " މައިކަލް ހެނާގެ ކައިރިއަށް އަންނަމުން ނޭފަތުގައި ހިފާލައިފިއެވެ.
"ދެންމެ މަގުގައި ފާރަށް ލެނގިލައިގެން މައިކަލް ހުރިންތަ؟ " ހެނާ އަހައިލުމުން މައިކަލް ހިނިގަނޑެއް ޖަހާލައިފިއެވެ.
"އަހަރެންގެ ސިފަ ޖެހިގެން ހުރި ޖިންނިއެއް ކަމަށް އެވާނީ. އަހަރެން އަދި ރޫމަކުން ބޭރަށް ނުދަން. އެވެސް އުޅޭބަޔެއްނު. ދެން ހެނާއަށްވެސް އެނގެއެއްނު އަހަރެންވެސް ޖިންނިން ގެންގުޅޭކަމާއި އަހަންނަކީ ޖިންނި މާސްޓަރއެއްކަން. ބިރުންތަ ތިހިރީ؟ އަސްލު ހެނާއަށް ލިބޭ ޝަރަފެއްނު އެއީ. ޖިންނިން ހެނާގެ ޚިދުމަތުގައިވެސް އުޅޭނެ. ބޭނުން ކޮންމެކަމެއް ކޮށްދޭނެ. ދޭ ވިލް ނޮޓް ހާމް ޔޫ. ވީއިރު ރިލެކްސް. ހެނާއަށްވެސް މިހާރު ހަގީގަތް ކޮންމެވެސް ވަރަކަށް އެނގިފައި އޮންނާނީ. އަހަރެން ކުރާ މަސައްކަތާއި އަހަރެން އުޅޭގޮތުން އިނގޭނެ އަހަރެންގެ ސާވެންޓުންގެ ގޮތުގައި އެ އެއްޗެހިވެސް ގެންގުޅޭކަން. އަހަރެން ބޭނުންވާ ކޮންމެ ކަމެއް ހާސިލުކުރަން. ވީމަ ހެނާވެސް ބަސްއަހައިގެން އުޅެބަލަ. ފިޒިކަލީ އެކަނިއެއް ނޫން އަހަރެން ސްޓްރޯންގްވާނީ. ހުރިހާގޮތަކުންވެސް އެހެން އިންސާނުންނަށް ނުލިބޭ ބާރާއި ކުޅަދާނަކަން އަހަރެންގެ ވޭ. އަދި ޖިންނިންވެސް ކޮންޓްރޯލްކުރުމުގެ ބާރު އޯކޭ؟ ސޯ......" ހެނާގެ މޫނާއި ކައިރިވެލަމުން މައިކަލް ވާހަކަދެއްކިއިރު ބޮޑާކަން ކިތަންމެ ރީތިކޮށްވެސް އެރާގުގައިވިއެވެ. ހެނާ ހުރީ ގުޑާލަންވެސް ނުކެރިފައެވެ. ހެނާގެ ނިތްކުރިއަށް ވެއްޓިފައިވާ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަމުން މައިކަލް އެމޫނުގައި ފިރުމައިލީ ނިކަން މަޑުމަޑުންނެވެ.
"މިކަހަލަ ތަނަކަށް ދަރިއަކު ގެންނަން ހެނާ ބޭނުންވޭތަ؟ ނުވާނެކަން ޔަގީން. އެދަރިފުޅަށްވެސް އެންމެ ރަގަޅުގޮތް ހަދަން އަހަރެން މިހާވަރަށް ބުނަނީވެސް އެހެންވެ. ހެނާއަށް އެކަމަކު ނުވިސްނެއެއްނު. ދެން އަހަރެން ބުނާނީވެސް ކީކޭ؟ އެނީވޭސް ހިނގާ ދެން ކައިގެން ނިދަން......" މައިކަލް ހެނާގެ އަތުގައި ހިފެހެއްޓިއެވެ. ގަދަހަދަން އުޅެފާވެސް އެއަތުގެ ބާރު އިހުސާސްކުރެވިފައި ހެނާ ޖެހުނީ ކުރިއަށް ދާށެވެ.
މައިކަލް ހެނާ ނިދަން އޮތްވާ ކޮޓަރި ބޭރުން ތަޅުލާފައި ނުކުތްއިރު ފުދޭވަރަކަށް ބޯކޮށް ވާރޭވެހެމުން ދިޔައެވެ. ދުނިޔޭގައި އޮޅާލާފައިވާ ކަޅު ސާލާއިއެކުވެސް ފިނިކަން ދިޔައީ ހިނދަކަށްވުރެ ހިނދެއް ގަދަވަމުންނެވެ. ދޭތެރެއަކުން ވިދާލާ ވިދުވަރުގެ އައްޔާއިއެކު ލޮލުގެ ފެނުންވެސް ކެނޑިގެންގޮސް ދާނެ ފަދައެވެ. މައިކަލް ވާރޭކޯޓު ލުމަށްފަހު ވާރޭގެ ތެރެއަށް ނުކުތުމުން ހަތަރުފަރާތުން އައި ވާރޭގެ ލަޝްކަރު އޭނައާއި ހަމަލާދިނެވެ. ދުރުދުރަށްދާންދެން ވާރޭގެ ބޯތިކިތަކުން މަގު ފުސްވެފައިވާއިރު މަންޒަރުތައް ކިތަންމެހާވެސް ހިތްގައިމެވެ. މައިކަލް މޫދާއި ދިމާލުން އެރިގެން ކުރިއަށް ހިނގާފައި ގޮސް މަޑުކޮށްލީ ކޮޓެޖްގެ ދޮރާށި ކައިރީގައެވެ. އޭނަގެ ބޮސް ރަފައެލްއާއި ދެމީހުންގެ ދޭތެރޭގައި އޮތް ގުޅުން ގާތްވަމުންއައިސް އެންމެފަހުން ރޭގަނޑުގެ ކެއުމަކަށް ރަފައެލް އޭނައަށް ދައުވަތުވެސް ދިނީއެވެ. އެގޭގައި އުޅެނީ ކޮންބަޔެއްކަން ކިތަންމެ ރަގަޅަށް އެނގުނަސް މިހާރު މައިކަލްގެ ހިތުގައި ކުޑަވެސް ބިރުވެރިކަމެއްނުވެއެވެ. ޖިންނިންގެ ފަރާތުން އޭނަވަނީ އަމިއްލަ ހަށިގަނޑު ރައްކާތެރިކުރަން މާ ރަގަޅަށްވެސް ދަސްކޮށްފައެވެ. އޭނަދެކެ ޖިންނިން ބިރުގަންނާނެއެވެ. އެހެން ހިތަށް އެރުމުންވެސް މައިކަލް ހިތަށް ބަޔާންކުރަން ދަތި އުފަލެއް ލިބެއެވެ.
އަމިއްލަ ބާރާއި އާރު ވަޒަންކުރެވި އެކަމުން ފާޑެއްގެ ބޮޑާކަމެއްވެސް ލިބިއްޖެއެވެ.
ކޮޓެޖްގެ ކާކޮޓަރިއަށް ރަފައެލް އޭނަ ގޮވައިގެން ދިޔައިރު އެތަނުގައި ތިބީ ރަފައެލްގެ މަންމަ ނަބީލާއާއި އަމީރާ އެކަނިއެވެ. މައިކަލްއަށް ވީގޮތް ވިސްނިއްޖެއެވެ. އެހެން އެންމެން އޭނަ ހުރިތާކަށް އަންނަން އިންކާރުކުރާނީއެވެ. ޚާއްސަކޮށް ލޫސިއާންއަށް މައިކަލްގެ ކުރިމައްޗަށް އައުން ފަސޭހަކަމަކަށްނުވީއެވެ. ލޫސިއާންގެ ބާރާއިމެދު ފޮނިވެ ފަޚުރުވެރިވާއިރުވެސް އޭނަދެކެ ޖެހިލުންވީއެވެ. ނުވާންވީ ކީއްވެހެއްޔެވެ؟ އޭނަ ބޭނުމިއްޔާ ލޫސިއާންވެސް އަޅުވެތިކުރެވިދާނެއެވެ. އަންދާވެސްލެވިދާނެއެވެ. ރަފައެލް އޭނަގެ މަންމައަށް މައިކަލް ތައާރަފުކޮށްދިނުމުން ނަބީލާގެ އަތުގައި މައިކަލް ހިފާ ސަލާމްކޮށްލިގޮތަށް ނަބީލާއަށް އެދެލޮލުން ދެނެފަރިތަކަމެއް ފެނުނެވެ. ބަލަހައްޓައިގެން އިނދެވުނީ އެމޫނު ދަސްކުރާފަދަ ގޮތަކަށެވެ. މައިކަލްވެސް ލަދުގަންނަވަރަށް އެހެން މީހުންނަށްވެސް އެކަން އިހުސާސްވާވަރަށް ނަބީލާ މައިކަލްގެ މޫނަށްބެލިއެވެ.
"މައިކަލްގެ އާއިލާ ކިޔާދީބަލަ...." ނަބީލާއެހިއެވެ. މައިކަލް ފެނުނީއްސުރެން ނަބީލާއަށް ހީކުރެވެނީ އެއީ ދަންނަމީހެއްގެ ގޮތުގައެވެ. އެކަން އެހެންވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟ މައިކަލްގެ ބައްޕައަކީ ކާކުބާވައެވެ. މައިކަލް އޭނަގެ މަންމައާއި ދޮންބައްޕަގެ ވާހަކަ ކިޔާދީފައި އޭނައާއި އަމީރާމެން ތިމާގެވީ ގޮތްވެސް ކިޔައިދިނެވެ.
"މިގެއަށް ފަންޑިތަހެދީ މައިކަލްގެ އަމިއްލަ ބައްޕަ ކަމަށޭ ހީކުރެވުނީ. ވީއިރު އަމީރާގެ ބައްޕައަކީ މައިކަލްގެ ދޮންބައްޕަ. ވަރަށް ވިއާޑް ދޯ...." ނަބީލާ ހޭންފެށިއެވެ.
"އަޅުގަނޑުގެ މަންމަ މައިކަލްގެ ދޮންބައްޕައާއި ރައްޓެހިވީޔޯ ހެހެ. ޓޫ ސިސްޓާސްއިން އެކަކާއިހެދި އުޅުނީމަ ދެން ވަރަށް އެހެންކަހަލަ. އެކަމަކު އިޓް ހެޕެންސް އިން ރިއަލް ލައިފްގައިވެސް. ސިބްލިންގްސް އިން އެކަކާއި ހެދި އުޅޭ ސްޓޯރީސްތަކާއި ފިލްމުތައްވެސް ވަރަށް ރީތި. އޭގެއިންވެސް ފާހަގަކޮށްލެވޭ ވެމްޕަޔާ ޑައިރީސް..........." އަމީރާއިނީ މަޖާވެފައެވެ. އަމީރާގެ ވާހަކަތަކުން އެންމެ ބޮޑަށް ނުތަނަވަސްވެ އުދަގޫތައް ވީ ރަފައެލްއަށެވެ. އަމީރާއާއި ރަފައެލްގެ ހަތަރުކަޅި އެވަގުތު ހަމަވިއެވެ. މައިކަލްއަށްވެސް ބަލައިލެވުނީ ރަފައެލްގެ މޫނަށެވެ. ދެއަތް ގުޅުވާލައިގެން ދަތްދޮޅީގައި ޖައްސާލައިގެން އިންއިރު އެލޮލުގައިވި ޝުއޫރުތައް މައިކަލްއަށް އެވަގުތު ކިތަންމެހާވެސް ރީތިކޮށް ކިޔައިލެވިއްޖެއެވެ.
"އޯ. އެހެން ދޯ އެވީ. ރޮޒާލިއާ ކިހާ ކުޅަދާނަ. މޫމިނާގެ ހަޒްބެންޑް ޖަހައިގަތީދޯ. އެކަމަކު މައިކަލްގެ ބައްޕައަކީ ކާކުކަމެއް އަދިވެސް ނުބުނަމެއްނު މައިކަލް....." ނަބީލާގެ ބޮޑު ދެލޯ އަނެއްކާވެސް މައިކަލްގެ މޫނަށް ހުއްޓުނެވެ. އެއީ މައިކަލްއަށް ޖަވާބުދިނުން ފަސޭހަވި ސުވާލެއްނޫނެވެ. ދުރަށް ބަލަން މަޖުބޫރުވިއެވެ. އަމިއްލަ ޒާތީކަންތައްތައް ކޮނުމުގެ ހައްގެއް އެހެން މީހުނަށް އޮވެގެން ނުވާނެއެވެ.
"މައިކަލް. އަހަރެމެންގެ ބައްޕަވެސް މައިކްއާއިހެދި ކިހާވަރަކަށް އުޅޭ. އައިމް ވޮންޑަރިން ދައްތައާއި ބައްޕަ މެރީކުރީ މިސާލަކަށް ބައްޕަގެ ދަރިއަކަށް މައިކް ވީމަ ބާވައޭ. އެކަން ޔަގީންކޮށްބަލަ. އެހެންނޫނީ މައިކް އަމިއްލަ ކޮއްކޮއާއި އިނދެގެން އުޅުނަސް ނޭގި ހިގައިދާނެ...." އަމީރާގެ އެޖުމްލައާއިއެކު އެތަނުގައި ހިމޭންކަން ފުންވެގެން ދިޔައެވެ. ޚުދު މައިކަލްވެސް އިނީ ފާޑެއްގެ ޝޮކެއްގައެވެ. އަމީރާ ކުރި ޝައްކަކުން މައިކަލް ރުޅިއަންނަގޮތްވެސްވިއެވެ. ހަގީގަތަކީވެސް މަންމަ މައިކަލްގެ ބައްޕަ ކަމަށްބުނާ މީހާއާއި ބެހޭގޮތުން ރަށުގެ އެންމެން ޝައްކުކުރާކަމެވެ. ސިއްރުސިއްރުން ކިޔާއުޅެނީވެސް މައިކަލްއަކީ އެހެން މީހެއްގެ ދަރިއެއްކަމުގައެވެ. އެކަމުން މައިކަލްގެ ހިތަށް ކުރި ބާރަކުން ރުޅިއަންނަގޮތްވެސްވީއެވެ. އަމީރާ މިހާރު ހަދަން އެއުޅެނީ ހެނާއަކީ މައިކަލްގެ ކޮއްކޮއެއްކަމުގައެވެ. ނޫނެކެވެ. އެހެނެއްނުވާނެއެވެ. އޭނަ އެހެން ވިޔަކަނުދޭނެއެވެ. ނަމަވެސް މައިކަލްގެ ހިތުގައިވެސް ޝައްކުގެ އޮއިވަރެއް ހިނގައިގެންފިއެވެ. މަންމަ އަބަދުވެސް އޭނަގެ ގާތުގައި ސިއްރެއް ބުނަން ބޭނުންވެފައިވާކަން އެނގެއެވެ. އެސިއްރު މަންމަ އެދިޔައީ ކަށްވަޅަށް ހިފައިގެންނެވެ.
ނޫނެކެވެ. އެހެނެއްނުވާނެއެވެ. މަންމައަށް ހެނާއަކީ މައިކަލްގެ ކޮއްކޮކަން ޔަގީންވާނަމަ އެކައިވެނި ކުރިޔަކަ ނުދޭނެއެވެ. އެކަމަކު މަންމަ ހާމަކުރަން އުޅުނީ ކޮންފަދަ ސިއްރެއްހެއްޔެވެ؟