"ސޮރީ ބޭބީ. މިގޭގައި އުޅޭނީ މިސިފައިގާ. އެހެން މީހުންނަށް ފެންނަން ވެއްޖެ ހިނދެއްގައި އެމީ ތި ރުހޭ ސިފައިގާ ހުރެވޭނީ........." އަމީރާ އެއްޗެކޭ ނުބުނަނީސް ލޫސިއާން ބުނެލައިފިއެވެ. އޭރުވެސް އަމީރާ އިނީ ފާޑެއްގެ ޝޮކެއްގައެވެ. އޭނަގެ ދިރިއުޅުމާއި ކުޅެލި އޭމޮންކަން އެނގިހުރެ އޭނަ މިހާ މައިތިރިވެގެން ރީތިކޮށް އިންނަކަމީ އަޖައިބެކެވެ. މިހެން ވެގެން ނުވާނެއެވެ. އޭނަ ޖެހޭނީ އޭމޮންއާއި ދިމާލަށް ދުލަށް އައިހާ ހުތުރު އެއްޗެއް ގޮވާލާށެވެ.

އަމީރާއަށް މިފަދަ ތަނެއްގައި އުޅެވޭނީވެސް ކިހިނެއްހެއްޔެވެ؟ ޖިންނިން ދިރިއުޅޭ ގެއެއްކަން ބަލައިލާ ކޮންމެ ދިމާލަކުން އެނގެއެވެ. އެފެންނަ ހަލުވި ހިޔަނިތަކާއި ވައިއަޑުން ތަފާތު ބަހުރުވަތަކުން ދައްކާ ވާހަކަތަކާއި ނާމާން ހުނުންގަނޑު ތަކުން މީހާގެ ގައިން ހީބިހި ހަލުވާލައެވެ. ފިނިވާގޮތްވެއެވެ. މީހަކު ފެނުމަކާއި ނުލައި ދޮރުޖެހިދާނެއެވެ. މޭޒުމަތީގައިވާ ތަށިތަކާއި އެއްޗެހިވެސް އެތަންމިތަނަށް ދަނީ ހިތަށެވެ. ޚާއްސަކޮށް ގަސްގަހުގެ ތެރޭގައި އެ ޖިންނިން އުޅޭތަން ފެނެއެވެ. ގަސްތަކުގެ ތެރެއިން ފެންނަ ކޮންމެ ބުޅަލެއްފަދަ އެއްޗަކާއިމެދު ވެސް ބަލައިލެވެނީ ޝައްކުގެ ނަޒަރަކުންނެވެ.

ކައި ނިމިގެން ލޫސިއާން އަމީރާ ގޮވައިގެން ފެންޑާއަށް ނުކުތްތަނާހެން ގެއަށް ވަންނަން އައި ރަފައެލް ފެނުނެވެ. ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއްލައިގެން ހުރިއިރު ނިކަން ސްމާޓެވެ. އަވިއައިނު އަޅައިގެން ހުރުމުން އަދި ވަކިން ބޮޑަށް ހިތްގައިމުކަމަށް ދެއްކިއެވެ. އެއީ ރަފައެލްވެސް މީހުންނަށް ދައްކައިގެން ހުންނަ ސިފައެވެ. ހަގީގީ ސިފައަކީ ކޮބާހެއްޔެވެ؟ މިހުރިހާ ދުވަހު އެއީ އޭމޮންކަމުގައި ޝައްކުކުރެވުނީތީ އަމީރާ ހިތާމަކުރިއެވެ. އާޚިރުގައި އޭމޮންވީ ރަފައެލްއަކަށް ނޫނެވެ. ލޫސިއާންއަށެވެ. އޭނަގެ ހިތުގެ ވެރިޔާއަށެވެ. އޭނައަށް އެހާ ހިތްދަތިކަން ދިނީ އެންމެ ލޯބިވި އިންސާނާއެވެ. އޭނައަށް ރަހުމްކުޑަ އަނިޔާތަކެއް ދިނީ ފުރާނައަށްވުރެ ބޮޑަށް ލޯބިވި ލޫސިއާންއެވެ. އެހެން ނަމެއްގައި އައިސް އޭނަ ލޫޓުވާލާފައި ހީހީ ހުރީއެވެ. މިއީ އިންސާފެއް ނޫނެވެ. ނަމަވެސް އިންސާފު ހޯދަން ދާންވީ މީހެއްވެސް ނޭގެއެވެ.

ލޫސިއާން ކުއްލިއަކަށް އެތާ އޮތް ބޮޑު ގާގަނޑެއް ބާރު ސްޕީޑެއްގައި ރަފައެލްއާއި އަމާޒްކޮށް ފޮނުވާލުމުން އަމީރާއަށް ހަޅޭއްލަވައިގަނެވުނީ ބޭ އިޚުތިޔާރުގައެވެ. އެ ގާގަނޑު ރަފައެލްގެ މޭމަތީގައި ޖެހުމުގެ ކުރިން ހީވީ ނުފެންނަ އަތަކުން އޭގެ މިސްރާބު އަނބުރާލާފައި މާ ދުރަށް އެއްލައިލިހެންނެވެ. ލޫސިއާން ހޭންފެށިއެވެ. ވަޔާއިއެކުގައިވެސް މިސްރާބު ބަދަލުކޮށް އެހެން ދިމާލަށް ދަތުރުކުރަން އެއީ ފަތެއްނޫނެވެ. އެމަންޒަރު ފެނިފާ ޚުދު ރަފައެލްވެސް ސިހުނެވެ. ކުޑަކޮށް ފަހަތަށް ޖެހުނެވެ. ލޫސިއާންމެންގެ އެ ސަމާސާ އަމީރާއަށް މަޖާވިޔަސް މި "ފެންޓަސީ" ދުނިޔޭގައި އުޅޭކަށް އޭނައަކަށް ނުކެރޭނެއެވެ. އަދި ދިމާވާނީ ކޮންފަދަ ކަންތައްގަނޑެއް ކަމެއްވެސް ނޭގެއެވެ.

ރަފައެލް އަރާ ހަމަވުމާއިއެކު ލޫސިއާން ގޮވައިލިއެވެ.

"ހެލޯ ބްރަދަރ...ޔޫ އާ ޓްރައިން ސޯ ހާޑް ޓު ބީ އެ ހިއުމަން އެކަމަކު މިހާރު އެމީއަށްވެސް ފެނިއްޖެއެއްނު. އަތްނުލާ ގާގަނޑު އަނބުރާލާފައި އެއްލާލީ. އިންސާނަކަށް އެކަހަލަ ކަމެއް ކުރުމުގެ ބާރެއް ނުލިބޭނެ.........." " ލޫސިއާން ނުލަފާ ހިނިތުންވުމަކާއެކު ބުންޏެވެ.

"އިޓްސް ނޮޓް ފަނީ ލޫސިއާން...." ރަފައެލް ހުރީ ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިފައިކަން ނޭގެއެވެ. އޭނަ އެހާ މޫޑީވެފައި ހުންނަނީ ކީއްވެހެއްޔެވެ؟ ރަފައެލް މަޑުވެސް ކޮށްނުލާ އެދިޔަ ބާރުމިނުގައި ގެއަށްވަދެ ބާރަކަށް ދޮރު ލައްޕާލުމުން ގުގުމައިގެން ދިޔައެވެ.

"އަހަރެން ނުވާނެ ދޯ ބޭބެއާއި އެކަހަލަ ސަމާސާކުރަން. ރެސްޕެކްޓްވެސް ކުރަންޖެހޭނެ. އެކަމަކު ދެން ބައެއްފަހަރު......." ލޫސިއާން އެއްޗެކޭ ބުނަން އުޅުނެވެ.

"ބޭބީ ހިގާ ނިދާލަން. އަހަރެން ވަރަށް ކެތްކޮށްފިން. އެހެން އަންހެންކުދިންނާއިއެކު ދުވަހަކު އުޅުނު ގޮތެއްވެސް ނޫން. އެކަމަކު އެމީގެ މޫނަށް ބަލައިލީމަވެސް އަހަރެންނަށް މިވާގޮތެއްނޭގޭ. އަހަރެންގެ ފުރާނަޔާ. ލޯބި ލޯބި ކުޑަ ޕަރީ. ލައިކް އައި ސެޑް އަހަރެން ބޭނުން އެރޭތައް ހަދާން ނެތޭވަރަށް ލޯބިދޭން......" ލޫސިއާން އަމީރާގެ ކަނދުރާގައި މޫނު ޖެއްސުމުން އަމީރާ ދުރުކުރަން މަސައްކަތްކުރިއެވެ.

"ނޫން......." އަމީރާގެ ހިތް އަވަސްވިއެވެ. އަމީރާއަށް މިހާރު ޔަގީންވަނީ އެންމެ ކަމެކެވެ. ލޫސިއާންގެ ދެލޮލަށް ގަދަކަމުން ބަލުވަން އުޅުނަސް އެކަން ކުރުމަކީ މޮޔަކަމެކެވެ. ބަލާއިރަށް އެލޮލުގައި ހުންނަ ބާރަކުން މަގު އޮޅުވާލާނެއެވެ. އެހެން ހުރިހާކަމެއް ހަނދާން ނައްތާލުން މަޖުބޫރުކުރުވާނެއެވެ. މިރޭ އޭނަވެސް ހުންނާނީ ގޮތުގައެވެ. ކިތަންމެ ބާރުއެޅިޔަސް އޭނަ ލޫސިއާންގެ އެ ބާރުން ފުރިފައިވާ ލޮލަކަށް ނުބަލާނެއެވެ.

ރަފައެލް ފްރިޖުން އޮރެންޖް ޖޫސް ޕެކެޓެއް ނަގައިގެން ބިއްލޫރިތަށްޓަކަށް އަޅައިގެން ބޯންފެށިއެވެ. އޭރު އޭނަގެ މަންމައާއި މިހުރީޒްވެސް ތިބީ މޭޒުދޮށުގައެވެ. ދެމީހުން ކައިރީގައި ތިބިވަރުން ރަފައެލްއަށްވެސް އުދަގޫވިއެވެ. އެއުމުރުގައިވެސް މަންމަ ހުންނަނީ މިހުރީޒްއަށްގޮސް ހުސްވެފައެވެ.

"ބައްޕާ އަޅުގަނޑު ވާހަކައެއް ބުނަން ބޭނުން......" ރަފައެލްގެ މޫނުމަތިން ފެންނަނީ ސީރިޔަސްކަމެވެ.

"ހޫމް އެނގޭ ބުނަން އުޅޭއެއްޗެއް. އެކަމަކު ދަރިފުޅު ބުނޭ، އުދަގޫކަމެއް އޮތިއްޔާ ހަމަ ބުނަންވީ. މިރޭ ލޫސިއާން ފޮނުވައިލި ހަމަލައެއް ދަރިފުޅުގެ ބޮޑީގާޑް ދިފާއުކުރީމަ ހިތްހަމަނުޖެހިފަ ތިހިރީ....." މިހުރީޒް ހީލާފައި ރަފައެލް ކައިރީގައި އިށީންނަން އެދުނެވެ. އެތަނަށްވެސް ވެރިވެފައިވަނީ ރަތް އައްޔެކެވެ. އެރަތްއަލީގައި މިހުރީޒުގެ ދެލޯ ވިދައެވެ. އޭނަ ހުންނަލެއް ބިޔަކަމާއި ވަރުގަދަކަމުން ދެތިން އިންސާނުން އެއްފަހަރާ އަތުކޮޅަށް އުފުލައިލުމަކީވެސް އުދަގޫކަމަކަށް ނުވާނެއެވެ.

"އަޅުގަނޑު ކުޑައިރުއްސުރެން އެނގޭ އަބަދު ކޮންމެވެސް މީހަކު ކައިރީގައި ހުންނަކަން. އޭރު ހީކުރެވުނީ އިމޭޖިނަރީ ފްރެންޑެއްކަމަށް. ކޮންމެ ތާކުން ވެއްޓެން އުޅުނަސް އޭނަ ނަގާނެ. ބޮޑުވެ ވިސްނޭވަރުވުމުން އެ އިސްތަށިގަނޑު ދިގުމީހާ ފެންނާކަށް ނުހުރޭ އެކަމަކު ފުރާޅުމަތިން ވެއްޓުނަސް އެކްސިޑެންޓެއްވިޔަސް ދުވަހަކު ހާނިއެއްކައެއް ނުވޭ. މޫދަށް ވެއްޓުނު ދުވަހުވެސް ގެނބުނަކަނުދިން. މީހަކު ޖަހަން އުޅުނަސް އެމީހަކަށް އަހުވަ ދައްކާލާނެ. އޭރަކު ނުވިސްނޭ މިވަނީ ކިހިނެއްކަމެއް. އެކަމަކު މަންމައާއި ބައްޕަ ފެންޑާގައި ތިބެ ދެއްކި ވާހަކަ އިވުމުން ޖިންނިންނަކީ އުޅޭ ބަޔެއްކަން ގަބޫލުކުރާން ޖެހުނީ. އަޅުގަނޑުގެ މުޅި އާއިލާގައި ޖިންނިން އުޅޭކަން އެގުނީ އެދުވަހު. ކުރިން ނޭގޭ މަންމަ ބަލިވީ ކީއްވެކަމެއް. އެންމެން ޖިންނި މޮޔަވީއޭ ބުންޏަސް ފޭކް ވާހަކައެއްކަމަށް ނިންމީ. ސްކިޒޮފްރީނިއާކަމުގައި ޔަގީންކުރީ. އެދުވަހު އެވާހަކަތައް އިވުނުފަހުން ލޫސިއާންވެސް އަސްލު ސިފައިގާ ފެންނަން މިފެށީ. އަޅުގަޑު ބުނަން ބޭނުންވަނީ އެކަމަކު އެގޮތަށް އެ ނުފެންނަ މީހާ އަޅުގަނޑާއިއެކު އުޅޭކަށް ބޭނުމެއްނޫނޭ. އެއީ ޝިރުކެއް، ޖިންނީންގެ ޕްރޮޓެކްޝަން އަޅުގަނޑު ބޭނުމެއްނޫން. ދިސް އިޒް ނޮޓް ސޯ ރައިޓް. އައި މީން ކިހިނެއް ދެން ޖިންނިންނާއި އިންސިން އެކީގައި މިގޮތަށް އުޅޭނީ. ދުނިޔެ ހިނގާ އުސޫލާއިވެސް ޚިލާފުކަމެއް......"ރަފައެލް މަސައްކަތްކުރީ މިހުރީޒްއާއި ހަތަރުކަޅި ހަމަނުކުރުމަށެވެ.

"ދަރިފުޅާ....." ނަބީލާ ނުރުހިފާ ގޮވައިލިއެވެ.

"ނަބީ. އެއީ މައްސަލައެއް ނޫނޭ. އަހަރެމެންގެ ދަރިފުޅު ބޭނުންވާ ގޮތަކަށް ކަންތައްކޮށްދޭނީ. ދެން އާލިފް ނޫޅޭނެ ފަސްފަހަތަކުން. އޭނަގެ ވަޒީފާ ނިމުނީ......" މިހުރީޒް ޔަގީންކަން ދިނެވެ. ރަފައެލްގެ ހަށިފާރަވެރިޔާގެ ނަމަކީ އާލިފްކަން އެނގުނީ އަދި ކިރިޔާއެވެ. ރަފައެލް ކުޑައިރުއްސުރެން މިވީތާނަށް ލޮލަށް ނުފެނި ހުރެ އޭނަވަނީ ރަފައެލް ހުރިހާ ނުރައްކާތަކާއި ބިރުތަކުން ސަލާމަތްކޮށްދީ އޭނަގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދީފައެވެ.

"އައިމް ނޮޓް އެ ޗައިލްޑް އެނީ މޯ. އަމިއްލައަށް އުޅެވިދާނެ. އެހެން މީހަކު ސަލާމަތްކޮށްދޭން ނެތަސް މިހާރު އޯކޭ. އެކަނި ބޭނުމީ ހެއްދެވިފަރާތުގެ ރައްކާތެރިކަން..މިހުރިހާ ދުވަހު ދީނާއި ދުރުން އުޅެވުނީ.....ހޭވް ޓު ޕްރޭ ނައު....." ރަފައެލްގެ ވާހަކަތަކުން އޭނަ އިނީ މިގޭތެރޭގައި ހިނގާ ކަންތައްތަކާއިމެދު ހިތްހަމަނުޖެހިފައިކަން ދެމަފިރިންނަށްވެސް ވިސްނުނެވެ. ރަފައެލް ނުކުތުމުން މިހުރީޒް ބުނީ ރަފައެލް އާއި ދީނީ މީހަކު މިސްކިތުން ބައްދަލުވެ ރަފައެލްގެ އުޅުމަށް ބަދަލުތަކެއް އައީކަމުގައެވެ. ނަބީލާއިނީ ބުމަ ގޮށްޖެހިފައެވެ.

"އެކްސްޓްރީމިސްޓުންގެ ހިޔަނި އަހަރެމެންގެ ދަރިންގެ ހަޔާތަށްވެސް އެޅުނީތަ؟ " ނަބީލާގެ ވާހަކަ ހުރީ މިހުރީޒް އުފާވާފަދަ ގޮތަކަށެވެ. ދީނީ ކަންތައްތަކާއި އޭނަ އުޅެނީ ވަރަށް ދުރުންނެވެ. ރަފައެލް ނަމާދުކޮށް ނިމިގެންގޮސް ވަނީ މާމަގެ ކޮޓަރިއަށެވެ. މާމަގެ އަތުގައި ހިފަހައްޓާލައިގެން އިންއިރު މާމަގެ ހާލާއިމެދު ރަފައެލް އިނީ ފެންކަޅިވެފައެވެ. މާމަގެ ހުދުވެފައިވާ އިސްތަށިގަނޑުގައި ފިރުމަމުން އޭނަ މާމައާއި ވާހަކަދެއްކިއިރު ޑޮކްޓަރެއްގެ ގައިގާ ހުންނަން ޖެހޭ ހުރިހާ ސިފައެއް ހުރިކަމުގައި ފެނުނެވެ. މާމަ ނިދުމުން ރަފައެލް ކޮޓަރިން ނުކުމެގެން ހިނގައިގަތްއިރު ފެނުނީ ލޫސިއާން އަމީރާ ނުދާން ގަދަހަދަނިކޮށް ފަހަތުން ދެއަތް މެދުހަށްޓައް ލައްވައިގެން އުފުލާލައިގެން ލޫސިއާންގެ ކޮޓަރިއާއި ދިމާލަށް ގެންދާތަނެވެ.

"ލޫސިއާން. ކިހިނެއްތިވަނީ؟ އަމީރާ މިގޭގައި ކީއްކުރަނީ؟ " ރަފައެލް ތަންކޮޅެއް ބާރަށް ސުވާލުކުރިއެވެ. ލޫސިއާން އަމީރާގެ ގައިން ދޫކޮށްލިއެވެ. އަމީރާ ދަނޑިވަޅު ބަލާފައި ނުކުމެގެން ދުއްވައިގަތީ ކޮޓެޖްގެ މައި ދޮރާއި ދިމާލަށެވެ. އެދޮރާއި އަރާހަމަވިތަނާ ދޮރުފަތް ހިތަށް ލެއްޕި ތަންޑުތައް އެޅުނުތަން ފެނިފާ އަމީރާއަށް ފަހަތަށް ޖެހިލެވުނެވެ. ރަފައެލްއަށްވެސް އެ އަޑުތައް އިވުނެވެ. އެއީ މިގޭގައި އާކަމެއް ނޫނެވެ. މފަހަކަށް އައިސް ރަފައެލްއަށްވެސް ވެފައިވަނީ އެގޮތެވެ. ކޮޓެޖަކީ ޖިންނިންގެ ދުނިޔެއެއްފަދައެވެ. ޚާއްސަކޮށް ރޭގަނޑުވުމަށްފަހު ތަނުގައި ރަސްކަން ކުރަނީ އެ މީހުންނެވެ.

"ދޮންބޭ. އައި ތިންކް އައި ހޭވް ޓު ޓެލް ޔޫ ދަ ޓްރުތް. އަމީރާ އަކީ އަހަރެންގެ ވައިފް......" ލޫސިއާން މަޑުމައިތިރިގޮތަކަށް ބުނެލަމުން ރަފައެލް އާއި ހަތަރުކަޅި ހަމަކުރިއެވެ. ރަފައެލްއަށްވެސް ލޫސިއާންގެ މޫނަށް ބަލާކަށް ފަސޭހައެއް ނޫނެވެ. ކޮއްކޮއަށްވިޔަސް އެ މޫނުގައި ރީތިކަމަށްވުރެ "އީވިލް" ގޮތްގަނޑު ބޮޑެވެ. ބިރުވެރި ފިލްމެއްގެ ވެމްޕަޔަރާ ބައިކުޅުވަން އެކަށީގެންވެއެވެ. ލޯ ހަނިކޮށްލާފައި ބަލައިލާގޮތުން ރަފައެލްވެސް ބައެއްފަހަރު ހިތް އަވަސްވެލައެވެ. ރަފައެލްއަށް ބޮޑަށް ރަގަޅީވެސް އޭނަ އިންސާނެއްގެ ސިފައިގާ ހުރީމައެވެ.

"ވައިފް ވިޔަސް ބާރުގެ ބޭނުން ކުރާކަށް ނުޖެހޭ ދޯ.............." ރަފައެލް ދެން މަޑުކުރުމެއްނެތި ބާރަށްގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ލޫސިއާން ބޯ ހޫރާލާފައި ނުކުތްއިރު އަމީރާ ހުރީ ފާރަށް ލެނގިލައިގެންނެވެ. ހަދަންވީގޮތެއް ނޭގިފައެވެ.

"އަމީރާ. މާ ރަގަޅެއްނޫން ތިވައްތަރަށް އުޅުނީމަ. ދޮންބެވެސް ދެން ހީކުރާނީ ކީކޭ؟ އޭނަގެ ކުރިމަތީގައި އަހަރެންގެ އަގުވެއްޓުނީނު. ގަދަކަމުން އަހަރެން ވައިފް ގަޔަށް އަރަން އުޅޭކަމަށް ވީ. ދެން ތިވައްތަރަށް އުޅެންޏާ ހިތުން ނުފިލާވަރުގެ އަދަބެއް ދޭންޖެހިދާނެ. ރީތިކޮށް އެންމެ ފަހު ފަހަރަށް މިބުނީ. ކަމް ވިތު މީ..." ލޫސިއާން ހުރީ ޖިންސްގެ ޖީބަށް އަތްޖަހާލައިގެންނެވެ. ރުޅިއައިސްފާ ހުރުމުން ވަކިން ބޮޑަށް ނުރައްކާތެރިގޮތެއް ހުއްޓެވެ. ޝިކާރަވެރިއެއް ފަދައިން ބަލަންހުރިކަމުގެ އިހުސާސްކުރެވުނެވެ.

"ޔޫ ޑޯންޓް ލަވް މީ. ދުވަހަކުނުވޭ ލޯތްބެއް. އެހެންނޫންނަމަ ..." އަމީރާ ވާހަކަދައްކަން ފެށިތަނާ ކުއްލިއަކަށް އައި ބާރުމިނުގައި ލޫސިއާން އަމީރާގެނެސް ގައިގާ ޖައްސާ ބާރުކޮށްލިއެވެ. ދެން ލޯ ހުޅުވައިލެވުނުއިރު އަމީރާއަށް ހުރެވުނީ ލޫސިއާންގެ ކޮޓަރިތެރޭގައެވެ. ލޫސިއާން އޭނަ ކުޅޭ ކުޅޭ އެއްޗަކަށް ހަދާތަން ފެނުމުން ކުއްލިއަކަށް ރުޅިގަދަވެ އަމީރާ ލޫސިއާންގެ މޫނުމަތީގައި ދެތިން އެތިފަހަރުޖެހިއެވެ. މޭގައި ދެއަތުން ތަޅައިގަތެވެ. އެތަން މިތަނުގައި ތަދުވާހާ ބާރަށް ވިކާހެދިއެވެ. ލޫސިއާން ހުރީ ހަމަޖެހިލައިގެން ފާރަށް ލެނގިލައިގެންނެވެ.

"ބޭނުންވަރަކަށް ތަޅާފައި ދަތްއަޅާ. މަރާލިޔަސް ހެވޭ. ހަމަ ބޭނުންކަމެއް ކުރަންވީ. އަހަންނަކީ އެކަނި އެމީގެ މިލްކެއް.............." ލޫސިއާން ހުރީ ދޫކޮށްލައިގެންނެވެ. އަމީރާ ގަމީހުގައި ދެއަތުން ހިފާ ދަމައިގަތްގަތީނުން ގޮށްފަތި ކަނޑައިގެން ދިޔުމުން ލޫސިއާން އަދި ހޭންފެށިއެވެ. ހާދަ ބާރުގަދައޭވެސް ބުނެލައިފިއެވެ. އެކަސްރަތީ ހަށިގަނޑު ހާމަވެގެން ދިޔުމުން އޭނަ ފެންޖެހިތަން ލޫސިއާންގެ އަތުގައި ރީއްޗަށް ފާހަގަވާން ހުއްޓެވެ. އެހުރިހާކަމެއް ކުރަމުންގޮސް އެންމެފަހުން ކަރުގައި އޮތް ފަށަށް ދެމުމުން ލޫސިއާން އަމީރާ ގެނެސް މޭގައި ޖައްސާލަން އުޅުނެވެ. އެއަތުގެ ތެރެއަށް ނުވަންނަން ގަދަ ހަދަހަދާފައިވެސް މަޖުބޫރުވެގެން ލޫސިއާންގެ މޭގައި ބޯ އަޅައިލެވުނުގޮތަށް އަމީރާއަށް ރޮވިއްޖެއެވެ. ލޫސިއަންއަކީ އޭމޮންކަން އެނގުނުއިރު މިއޮތީ ވަގުތު ފާއިތުވެފައެވެ. ކިތަންމެ ވަރަކަށް ގަބޫލުކުރަން ބޭނުންނުވިޔަސް އޭނަގެ ހިތުގައި ލޫސިއާންއަށްޓަކާ ވަނީ އާދައިގެ ލޯތްބެއްނޫނެވެ. ޖިންނި ނަސްލުން އައިސްފާ ހުރިކަން އެނގޭއިރުވެސް ލޫސިއާން ދޫކޮށްލާފައި ދުރަށް ދެވޭވަރަށްވުރެ ދެހިތުގެ ގުޅުން ވަނީ ވަރުގަދަވެފައެވެ. އެންމެފަހުން ހަތިޔާރު ބަހައްޓަން މަޖުބޫރުވީ އެހެންވެއެވެ. ނަމަވެސް އޭނަ އަދިވެސް އޭމޮންއަށް މާފެއްނުދެއެވެ. ހިތުގެ ކަނެއްގައި ކިތަންމެވަރަކަށް ޝަކުވާ ފޮރުވިފާވެއެވެ. ސަބަބަކީ އަދިވެސް އޭނަގެ ނައިޓްމެއަރތައް ގުޅިފައިވަނީ އޭމޮންއާއި ކަމުގައިވީތީއެވެ. ރޭގަނޑު އޭމޮން އޭނަގެ ހުވަފެންތަކުގައި އޭނަ ބިރުގަންނަވާލާ ރޭތައް އަދިވެސް އާދެއެވެ. ބާރަށް ހަޅޭއްލަވައިގަތުމާއިއެކު ހޭލެވެނީ ފިނިދަލެއް ހިއްލާލާފައެވެ. އެހުވަފެންތަކުގައި އޭމޮން އޭނަ ބިރުން މަރުވާވަރުކޮށްލައެވެ. އިފުރީތެއްފަދައިން އޭނައާއި ހަމަލާދޭއިރު އަމީރާއަށް ހަޅޭއްނުލެވޭތާގައި ފައި ގުޑާވެސްނުލެވެއެވެ. އެހުވަފެންތަކުން ދުވަހަކު ސަލާމަތްވާނެހެއްޔެވެ؟

އެރޭ ލޫސިއާން އަމީރާއަށް މަޖުބޫރުކޮށްގެން އެއްވެސް ކަމެއް ކުރާކަށް ނޫޅުނެވެ. އަމީރާ އޮށޯތުމުން ގައިގާ ރީތިކޮށް ރަޖާއަޅާދީފައި ނިތްކުރީގައި ބޮސްދިނެވެ. އަމީރާ ލޫސިއާންއާއި ދިމާލަށް އެނބުރޭއިރަށް ލޫސިއާންގެ އަތް ވަށައިލެވިގެން ދިޔުމުން އަމީރާއަށް ދެލޯ މަރައިލެވުނެވެ. އެއަތުގެ ހިމާޔަތުގައި އަރާމުކޮށް ނިދެން މާ ގިނަވަގުތެއް ނުނެގިއެވެ. ލޫސިއާންގެ ސަބަބުން އޭނަ ނަމާދަށް ފަރުވާކުޑަކުރެވި ފަތިހު ހޭލެވުމަކީވެސް ނެތްކަމަކަށްވިއެވެ.

ރަފައެލް އާދައިގެ މަތިން އޮތީ ނުނިދިފައެވެ. ކޮއްކޮގެ އަންހެނުން ދެކެ ލޯބިވުމަކީ ކިހާ ހުތުރުކަމެއްކަން އެނގޭއިރުވެސް އަމީރާއާއިމެދު ހަމްދަރުދީވެވެނީއެވެ. އަމީރާ ކެތްކުރަނީ ކިހިނެއްބާވައެވެ. އަމީރާއަށް ޖިންނި ފިރިހެންކުއްޖަކާއިއެކު ރޭކުރަން ކުޅަދާނަވަނީ ކިހިނެއްބާވައެވެ. ލޯބިވަންޏާ ހުރިހާކަމަކަށްވެސް ކެތްކުރާނެއެވެ. ނަމަވެސް އަމީރާ މިރޭ އެކޮޓަރިއަށް ނުދާން އުޅުނީ ކީއްވެހެއްޔެވެ؟ ލޫސިއާންގެ ހަގީގަތް އެގުމުން އެކީގައި ވާން ބޭނުންނުވީ ހެއްޔެވެ؟ ނަމަވެސް ލޫސިއާން އެހާ ފަސޭހައިން އަމީރާ ދޫކޮށްލާނެހެން ހިޔެއްނުވެއެވެ.

ހެނާ ބަނޑުބޮޑުކަން މަންމަގެ ފަރާތުން އެނގުމުން އަމީރާއަށް އެހެން ކަހަލަ އަސަރުތަކެއްކުރިއެވެ. ޒޯހަން އެހާ އަވަހަށް ދަރިއަކު ހޯދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. މިފިރިހެންވެރިންގެ އައްޔާޝީކަންވެސް ބޮޑީއެވެ. އުމުރުގެ ހަގުކަމާއިމެދުވެސް ވިސްނާކަށް ނޫޅޭނެއެވެ.

ރަފައެލް އޭނަގެ މާމައާއިއެކު އަތިރިމަތީގައި ހިނގާލަން ގޮސް ރަޖާގަނޑެއްގެ މަތީގައި އިށީދެލައިގެން ވާހަކަދައްކަން ތިއްބެވެ. މާމަ އައިސްކްރީމް ކާހިތުން އުޅޭތީ ރަފައެލް ގެނެސްދިން ތަށިން ލަސްލަހުން ކަމުން ދިޔައެވެ.

"މާމަ މޮޔަވެގެނެއްނޫން އެހެން އުޅެނީ. މިގެއަށް އެއްވެސް މީހަކު ވައްދަން މާމަ ގަބޫލުނުވަނީ މިގޭތެރޭގައި އެ މަޚުލޫގުން އުޅޭތީ. މާމަ އެހާ މަސައްކަތްކުރުމުންވެސް އެކަމެއް ނުހުއްޓުވުނު. ކުދިވެރިންގެ މޮޔަކަމުން މާމަ ފެނުމުންވެސް އެކުދިން ބިރެއްނެތި އެގެއަށް ވަދެ ބޮނޑި ބޮއި ހަދަނީ. ކުރާނެ އެއްވެސް ކަމެއްނެތް. ދަރިފުޅުގެ ކާފަ އޮޅުކޮށްގެން ގެއަށް ގެނައި ޖިންނިއަކުން އަސްލު މައްސަލަ ފެށުނީ....." މާމަ ރުގައްޔާ މާޒީގެ ހަދާންތައް އާކުރަން ސިކުނޑިއަށް ބާރުލިއެވެ.

"ހެހެ ޖިންނިންނަކީވެސް އޮޅުވާ ބަޔަކީތަ؟ " މާމަ އެހެން ބުނިލެއް މައުސޫމްކަމާއި ލޯބިކަމުން ރަފައެލް ހިނި އައެވެ.

"ކާފައަކީ ވަރަށް ކުޅަދާނަ ފަންޑިތަހެދިމީހެއް. ކާފަ ބުނާހާ ކަމެއް ކޮށްދޭން ޚާދިމުންގެ ގޮތުގައި ޖިންނި ޝައިތާނުން އުޅުނީ........" ރުގައްޔާ އަނގަ ހަފާލަމުން ބުނެލިއެވެ.

"ވީއިރު ކާފައަކީ މާސްޓަރުތާ....." ރަފައެލް އިނީ މަޖާވެފައެވެ.

އެއީ ރަށް އެހާ ތަރައްގީވެފައިވާ ޒަމާނެއް ނޫނެވެ. ރުގައްޔާ ކޮޓެޖަށް އައީ އޭނަގެ ފިރިމީހާ ލުގުމާން އާއި ކައިވެނިކުރުމަށްފަހުއެވެ. އޭރު މުޅި ހިސާބުގައި އޮންނަނީ ބޯ ކޮށް ހެދިފައިވާ ގަސްތަކެވެ. އިންވަކިކުރަން އެހިސާބުގައި ފާރު ރާނާފައެއްވެސް ނުހުރެއެވެ. ލުގުމާން އާއި ރުގައްޔާ ކައިވެނިކުރީ އޭނަގެ އާއިލާ މީހުންނާއި ދެކޮޅަށެވެ. އެހެން ރަށެއްގެ އަންހެންކުއްޖެއްކަމުން މިރަށާއި ބެހޭގޮތުން އޭނައަށް މާ ބޮޑު އެއްޗެއް އެނގިފައެއްނެތެވެ. ލުގުމާން ކުރާ މަސައްކަތެއްވެސް އޭރު އޭނަ ނުދަނެއެވެ. އެންމެ ކައިރިއަށް ހުންނަ ގެވެސް ހުންނަނީ ދެތިން ގޯތި ދޫކޮށްފައެވެ. ރުގައްޔާއަކީ މަޑުމައިތިރި ރަގަޅު އަންހެނެއްކަމުން އަވަށްޓެރިންނާއި ގުޅުން ބަދަހިކޮށް އެތިކޮޅުދީ އުޅުނެވެ. ރަގަޅު އެއްޗެއް ތައްޔާރުކޮށްލިޔަސް ސަކީނާގެ މަންމައަށް އެންމެ ކުރިން ގެންގޮސްދޭނެއެވެ. އާމްދަނީއެއް ހޯދަން ގަސްތުކޮށް ރުގައްޔާ ތެޔޮ ހާނާ ހަވާދު ހަނާކޮށްގެން ވިއްކަންފެށުމުން ގޭތެރޭގެ ހާލަތު ފުދޭވަރަކަށް ތިޔާގިވިއެވެ.

އިރުއޮއްސުމުން އެސަރަހައްދު ފެންނަނީ ހިމޭންކޮށެވެ. ގެތަކުން ފާއްދާލާފައިވާ ފުޅިބައްތީގެ އަލި ފިޔަވާ މާ ބޮޑު އަލިކަމެއް މަގުމަތީގައިވެސް ނޯވެއެވެ. ބަންގިދިނުމަށްފަހު ކޮންމެހެން ބޭނުމަކު ޖެހިގެން ނޫނީ ރުގައްޔާވެސް ބޭރަށް ނުކުމެ ނޫޅެއެވެ. ގޭތެރޭގައި އިނދެފާ ބޭރަށް ބަލައިލާއިރުވެސް ރުގައްޔާއަށްވަނީ ކިތަންމެ ފަހަރަކު އަލިގުޅަތަކާއި އެއްޗެހި ފެނިފައެވެ. ފިރިމީހާ ލުގުމާން ހުރުމުން ރުގައްޔާ އެހާ ބިރަކުން ނޫޅެއެވެ. އެކަމާއި ސުވާލުކޮށެއްވެސް ނަހަދައެވެ.

މާ ގިނަ ދުވަސްތަކެއްނުވެ ރުގައްޔާ ބަލިވެއިނެވެ. އެކަމަކު މަސައްކަތަށް ފަރުވާކުޑަ ކޮށްލުމެއް ނެތެވެ. ދުވާލުހަތަރުދަމު ރުގައްޔާ ހުންނަނީ ކޮންމެވެސް މަސައްކަތެއް ކޮށްލަކޮށްލައެވެ. އެކަމާއި ލުގުމާން ހުންނަނީ އުދަގޫވެފައެވެ. އެހެން އުޅެނިކޮށް އެއްރޭ ލުގުމާން ބޭރުގައި އުޅެފައި އައީ ބިޔަކޮށްހުރި ޒުވާން ފިރިހެނަކު ގޮވައިގެންނެވެ. ވަރަށް ބަސްމަދު ރަގަޅުމީހެއްހެން ހީވިއެވެ. ދެލޮލުގެ ކަޅީގެ ކުލަ ފަނޑުވެފާ ގައިގާ ތަންކޮޅެއް ގިނައިން އިސްތަށިފަޅާފައި ހުރުން ފިޔަވާ އާދައިގެ މީހުންނާއި މާބޮޑު ތަފާތެއް ނުފެނުނެވެ. ލުގުމާނު ބުނީ ގޭތެރޭގައި އަތްގާތްކޮށްލަދޭން ގެނައި ޣުލާމު ކުއްޖެއްކަމުގައެވެ. އޭނަ ދުވާލު މަސައްކަތްކުރާތީ އާދެވޭނީ ރޭގަނޑު އެކަނިކަމުގައި ލުގުމާނު ބުނެލިއެވެ. ލުގުމާނު އެރޭ ގެނައި ތަފާތު ޑިޒައިނެއްގެ ފުޅިއެއްވެސް ރުގައްޔާ ލޮލުގައި އަޅައިގަތެވެ. އެކިކުލައިން ވާއިރު އެފުޅީގައި އަކަ ކުރަހާފައި ހުރިހެން ހީވިއެވެ. ލުގުމާން ބުނީ އެއްވެސް ހާލެއްގައި އެ ފުޅީގައި އަތްނުލުމަށެވެ. އެބިއްލޫރި ފުޅި ބަހައްޓާފައި ހުރީ ބަދިގޭގައި ހުރި ކަބަޑެއްގެ މަތީގައެވެ. އެފުޅި ފެންނަ ކޮންމެ ފަހަރަކު އާރިސްގެ ދެލޮލަށް ބިރުވެރިކަމެއް ވެރިވެ މީހާ ކުޑަވާގޮތްވާތަން ރުގައްޔާއަށް ފެނުނެވެ. އެހެންވާންވީ ކީއްވެ ހެއްޔެވެ. ފުޅިއެއްދެކެ އެހާ ބިރުންއުޅެނީ ކޮން ސަބަބަކާހުރެ ހެއްޔެވެ؟ އާރިސްވީ ހީކުރިވަރަށްވުރެ ހީވާގި މުރާލި ކުއްޖަކަށެވެ. އިރުއޮއްސޭއިރަށް އޭނަ އަންނަގޮތަށް މަސައްކަތް ފަށައިގަނެއެވެ. ބައްތިތަކަށް ކަރާސީނު ތެޔޮއަޅާ ބައްތިތައް ދިއްލައެވެ. ހުރިހާ ކޮޓަރިތަކުގައި ބައްތިތައް ބަހައްޓައެވެ. ކާށިހެހެ ގާނަން އެހާ ފަރިތައެވެ. ހަވާދު ހަނާކުރަންވެސް ރުގައްޔާއަކާއި ނުޖައްސައެވެ. ގޭތެރެ ސާފުކޮށް ދެމަފިރިންގެ ހެދުން ދޮވެ އިސްތިރިކޮށްދެނީވެސް އާރިސްއެވެ. އެކުއްޖާ އައުމަށްފަހު އެދެމަފިރިން ތިބެން ޖެހުނީ އަތްއުރާލައިގެންނެވެ. ޖެހޭ ކޮންމެ ބުރަކަމެއް އާރިސްކޮށްލަދެނީ ވަރުބަލިކަމެއް ނެތިއެވެ.

އެދުވަސްކޮޅު ވަޅުދޮށުގައި ތަފާތު ވައްތަރުގެ މާ އަޅާ ގަސްތައްވެސް ގިނަވިއެވެ. ހުސްނުހީނާ އިރުޒުވާ ހުވަދުމާ ފަދަ މީރުވަސް ދުވާ މާތަކުގެ ވާދައިގެ ރޫހެއް އުފެދިއްޖެއެވެ. ޗަމްޕާޕޫލްގަހުގައިވެސް މާތައް އަޅަންފެށީ ހަމަ ކުއްލިއަކަށެވެ. މާތައް އަޅަން ފެށުމުން އެހިސާބު އޮންނަނީ ހުވަދުލެވިފައެވެ.

ރުގައްޔާ ވިހަންވެގެން ބަނޑުގައި ރިއްސަން ފެށުމުންވެސް އޭނަ ހުރީ އެކަން ސިއްރުކޮށްލައިގެންނެވެ. އެންމެ ގަދަޔަށް ވޭންވަރު އަޅައިގަތްވަގުތު ވަޅުދޮށުގައި ހުރެފާ އިށީންނަން ޖެހުނީ ވެލިގަނޑުމަތީގައެވެ. ރުގައްޔާ ހިތްވަރުކޮށްލާފައި ތެދުވަން މަސައްކަތްކުރިއެވެ. އޭރު މޫނުން ދާތިކިތައް ފެން ފަދައިން ތިކިތަޅައެވެ.

"ރުގައްޔާ. ތެދުވާން ނޫޅޭ. އެހެންނޫނީ ދަރިފުޅަށް ގެއްލުމެއްވެދާނެ...." ކުއްލިއަކަށް ވަޅުދޮށުން ފެނުނީ ރަތްކުލައިގެ ލިބާހެއްލައިގެން ހުރި ރީތި އަންހެނެކެވެ. ފައްޓަރުބައި އަޅާފައި ހުރިއިރު ދެއަތާއި ފައި ރަނުގެ ގަހަނާތަކުން ވިދާބަބުޅައެވެ. ޖިންނި ރަސްދަރިކަނބަލަކޭ ތަފާތެއްނެތެވެ. ހައިރާންކަމާއިއެކު ރުގައްޔާ ބަލަންއޮތްވާ އެމީހާ ކައިރިވެލިއެވެ. އެއްފަރާތުގައި ތިރިފާރުމަތީގައި ބަހައްޓާފައިހުރި ބައްތި ނިވުނީ އައި ބާރު ވައިރޯޅިއަކާއިއެކުގައެވެ. ތަނަށް ކޮންމެވެސް ވަރެއްގެ އަނދިރިކަމެއް ވެރިވިއެވެ. ނަމަވެސް ހަނދު އަރާފައި ހުރުމުން ކޮންމެވެސް ވަރަކަށް ހެކަ އަޅައެވެ.

ލިބެމުންދިޔަ ވޭނުގެ ސަބަބުން ދަތްތައް ވިކައިގެން އޮތްވާ ފިޔާތޮށިކުލައިގެ ސަރުބަތެއް ބޯންދިނެވެ. ފޮނިވެފާ ފިނިކަމުގެ އިތުރުން ވަގުތުން ކަރު ހިއްކުން ފިލާ ވަރުޖެހުނެވެ. ވޭން ކެނޑި ހަށިގަނޑަށް ލިބުނީ ބުނަންނޭގޭފަދަ އަރާމެކެވެ. އެއާއިއެކު ތުއްތުކުއްޖަކު ރޯލި އަޑު ކަންފަތުގައި ޖެހުނެވެ.

"މިދަރިފުޅު ވަރަށް ރީތި. މިކުއްޖާއަށް ނަބީލާ ކިޔަންވާނީ. މަގޭ ފިރިހެންދަރިއަށް މިކުއްޖާ ހިބައިން ދޭންވާނެ އިނގޭ ރުގައްޔާ......." އެ އަންހެންމީހާ ތުއްތު ކުއްޖާ ސާފުކޮށްލާފައި ހުދުފޮތިކޮޅެއްގައި އޮޅާފައި ރުގައްޔާގެ މޭމަތީގައި ބޭއްވިއެވެ.

ކޮމެންޓް 0