އެމަންޒަރު ކުޑަދޮރުން ބަލަންހުރި ހެނާއަށް ފިނިވެ ހިތަށް އަސަރުކުރިޔަސް އެތައް ޖަޒުބާތުތަކުގެ ތެރޭގައި އޭނަ ބެހެމުންދިޔައެވެ. އެދެމީހުންގެ މަކަރުވެރިކަމާއި އޮޅުވާލިވަރު އެނގިފައި ހިތަށް ކުރި އަސަރުތައް ބަޔާންކޮށްދިނުމަކީ ފަސޭހަކަމެއްނޫނެވެ. ހިތްކުދިކުދިވެ އޮހޮރިގަތް ލޭތައް ކަރުނައިގެ ސިފައިގާ ދެލޮލުން އޮހިގަތެވެ. ޒޯހަންއަކީ އޭނަ ފެށުނީއްސުރެން އޭނަ ލޯބިވި ހިތުގެ ވެރިޔާއެވެ. ޒޯހަންވެސް އޭނައަށް އޮޅުވައިލީއެވެ. ކެހިދިނީއެވެ. ދެމީހުންވެގެން އޭނަ ބޭނުންކުރީއެވެ. ކައިވެނީގެ ފުރަތަމަރޭ އަނދިރީގައި ހިނގި ހާދިސާ އަދިވެސް އޭނަގެ ހިތުގައި ނުފިލާވެއެވެ. އެފަހުން ކޮންމެ ރެއަކު އެބުނާހެން އޭނަގެ ކައިރިއަށް އަންނަނީ ކާކުކަމެއް ކުރަނީ ކޮންކަމެއް ކަމެއްވެސް އޭނައަށް އެނގުނީއެއް ނޫނެވެ.
އޭނަގެ ހިތުގައި ޒޯހަންއަށް އޮތް ލޯތްބާއި ގަދަރު އެއްކޮށް ކަހަލަ ގޮތަކަށް ހިތުން ފުހެވިގެން ހިގައްޖެއެވެ.
"އައި ހޭޓް ޔޫ ބޯތް......" ހެނާ ހިތާހިތުން އަމިއްލަ ޒަމީރާއި ވާހަކަދެއްކިއެވެ. މިހުރިހާ ދުވަހު އެމީހުންގެ ކުރިމަތީގައި ބުދަކަށްވެގެން ހަދާނެގޮތެއް ހަދަން ދޫކޮށްލައިގެން ހުރި ފިނޑި އަންހެންކުއްޖާ ކުއްލިއަކަށް ހިތްވަރު ނެރުނު ގޮތެއްވެސް ނޭގެއެވެ. ކުއްލިއަކަށް ދެލޯ ފޮހެލާފައި ދޮރު އަޑާއަށް ހުޅުވާ އެދެމީހުންގެ ކުރިމައްޗަށް ނުކުތްއިރު އެދެލޮލުން ރުޅީގެ އަސަރުތައް ފާޅުވާން ހުއްޓެވެ.
"ހެނާ...." ޒޯހަން ހެނާއާއި ގާތަށް ފިޔަވަޅެއް އަޅާލިގޮތަށް ހެނާގެ އަތުގައި ހިފާލަން އުޅުނެވެ.
"ގައިގާ އަތްނުލާ ދުރުގައި ހުރޭ........" ހެނާ ފޮޅުވާލިގޮތަށް ފަހަތަށް ޖެހުމުން އަރިއަޅާލިގޮތަށް އަދި މައިކަލްގެ ގައިގާ އަޅައިގަތުމުން މައިކަލްއަށް ހިފަހައްޓާލެވުނެވެ. ހެނާ ފޮޅިގަނެގެންކަހަލަ ގޮތަކަށް ދުރުވެލާފައި މައިކަލްގެ މޭގައި އަތްއަޅާ ކޮށްޕާލީ ރުޅިވެރިކަމާއިއެކުގައެވެ. އެދެލޮލުން ނަފްރަތުގެ އަލިފާން ނޫން އެހެން އެއްޗެއް ފެންނަން ނެތެވެ. ރުއިމުގެ ސަބަބުން ކުޑަރަތްކަމެއް ވެރިވެފައިވާ ދެލޮލުގައިވި ކަރުނަތައް އޭރުވަނީ ހިނދިފައެވެ. ނަމަވެސް ރޮއިފައިވާވަރު އެދެލޮލަށް ބަލައިލި ކޮންމެމީހަކަށް ވަންހަނާވެގެނެއް ނުވާނެއެވެ. މައިކަލްއާއި ޒޯހަންވެސް ތިބީ ހެނާގެ މޫނުގައިވާ އަސަރުތައް ދެކެ ކުށްވެރިކަމުގެ އިހުސާސްކުރެވި ހިރިލާންވެސް ނުކެރި ޖަހާފައިވާ ތަބުތަކެއް ފަދައިންނެވެ. ހިރިލިޔަސް ހެނާ އަބަދަށްޓަކާ ލޮލުގެ ކުރިމަތިން ގެއްލިދާނެތީ ބިރުން ތިބިކަހަލައެވެ. އެދެމީހުންގެ އިސްކޮޅާއި ބަލާފައި މާ ކުޑަކޮށް ހުރި ކުއްޖެއްވެސް ގަދަކޮށްލީ އެމީހުންގެ އިހުސާސްތަކާއި ކުޅެލާފައެވެ. ނަފްސާނީގޮތުން ބަލިކަށިކޮށްފައެވެ.
"އަހަންނަކީ ކަލޭމެން ދެމީހުންކުރެ އެކެއްގެވެސް ހައްގެއްނޫން. މަކަރުހަދާލާ އޮޅުވާލައިގެން އަހަރެންގެ ދިރިއުޅުން ލޫޓުވާލި ދެމީހުންނަށް އުމުރުދުވަހުވެސް މާފެއްނުކުރާނަން. އެކަކުވެސް އަހަރެން ހޯދަން މަސައްކަތްކޮށްގެން ނުވާނެ. އަދި ބުނެފިއެއްނު ހަލާލު ގޮތުގައޭ. ކިހިނެއް ހަލާލުވާނީ؟ އަހަންނަކަށް ނުވެސް އެނގޭ އިންއިރު އިނީ ކާކާއިކަމެއް. އެކަންވެސް އޮޅުވާލާފައި އޮތީ. ޚާއްސަކޮށް މިހިރަ މީހާގެ މަކަރުވެރިކަމާއި ނުލަފާކަން އެހެން އެންމެނަށްވުރެ ބޮޑު. އައި ހޭޓް ޔޫ......" ޒޯހަންއާއި ހަތަރުކަޅި ހަމަކޮށްލަމުން ހެނާ ރުޅިވެރިގޮތަކަށް ބުނެލިޔަސް އެދެލޮލުން އެހެން އަސަރުތަކެއްވެސް ފެނުނެވެ. ހެނާ ހުރީ އެހާވެސް ދެރަވެ ނިކަމެތިކަން އިހުސާސްކުރެވިފައެވެ. އެހެންނުވާނީ ކީއްވެހެއްޔެވެ؟ އޭނައާއި ދޭތެރޭ މައިކަލްއާއި ޒޯހަން ކަންތައްކުރިގޮތުން އެހެން ފިރިހެނަކަށް ދުވަހަކު ދެން އިތުބާރުނުކުރެވޭވަރުވެއްޖެއެވެ. ދުނިޔެއަކީ ކެހިވެރި މަކަރުވެރިތަނެއްގެ ގޮތުގައިވެގެން ހިގައްޖެއެވެ. އުފަލާއި ހިތްހަމަޖެހުމަކީ އޭނަގެ ހަޔާތުގައި ލައްވާފައިނުވާ އެއްޗެއް ކަމުގައި ކަނޑައެޅި ނިންމައިފިއެވެ.
"ހެނާ....." ތަނަށްވެރިވެފައިވާ ހިމޭންކަން ފޫދުއްވާފައި ޒޯހަން އަސަރާއިއެކު ހެނާގެ ނަމުން ކިޔާލިއެވެ.
"ތި ދުލުން އަހަރެންގެ ނަންވެސް ކިޔައިގެން ނުވާނެ. އެ ހެނާ މަރުވެއްޖެ. ދުވަހަކު ހިތްހެވެއް ނުކުރާނަން........." ހެނާ ކިތަންމެ ވަރަކަށް ރުޅިވެރިކަން ދެއްކިނަމަވެސް ޒޯހަން އެހާ ދެރަވެފައި ހުރިތަން ފެނުމުން އިތުރަށް އެއްޗެހި ކިޔަން ދޫވެސް ނުކުޅެދުނެވެ. ޒޯހަންގެ ހިތް ހަލާކުކޮށްލިގޮތަށް އޭނަގެ ހިތްވެސް ބިއްލޫރިކޮޅެއްފަދައިން ކުދިކުދިވެގެން ހިގައްޖެއެވެ. ހެނާގެ ލޮލަށް ކަރުނަ ޖަމާވާން ފެށުމުން ފޮރުވަންވެގެން އޭނަ އަނބުރާލާފައި ދުއްވައިގަތް ނަމަވެސް ޒޯހަންއަށް އެދެލޯ ފެނި ހިތަށް ބަޔާން ނުކުރެވޭފަދަ ގޮތްތަކެއްވިއެވެ. އޭނަވެސް ފެންކަޅިވިއެވެ.
"ހެނާ. ހުއްޓިބަލަ. މިކިޔާ އެއްޗެއް އަޑުއަހާފައިވެސް ދެވިދާނެ..." ޒޯހަން ހެނާއަށް ގޮވަމުން ފަހަތުން ދާން އުޅުނެވެ. މައިކަލް ދިޔަނުދޭން ފަހަތުންގޮސް ހިފެހެއްޓިގޮތަށް މަތަވީ ހަމަ ކިރިޔާއެވެ. ޒޯހަންގެ ހިތަށް ލިބުނު އަނިޔާއާއި އެއްވަރަށް ރުޅިވެރިކަން ގަދަވެ ދެލޮލުން އެކަން ފާޅުވާންހުއްޓެވެ. އޭނަ މައިކަލްގެ އަތް ފޮޅުވާލިގޮތަށް ޖިންސްގެ ޖީބަށް މުށްކެވިފައިވާ ދެއަތްޖަހައިލީ އަތުން ފައިން ގޯހެއް ހެދިދާނެހެން ހީވެފައެވެ.
"މިހުރިހާކަމެއްވީ ކަލެއާއިހެދި. ކަމެއްކޮށްދިނީމަ ޝުކުރު އަދާކުރަންވީ މިގޮތަށްތަ؟ އަހަންނަށް އޮޅުވާލާފައި ހުރެ އަދި ހެނާގެ ކައިރިއަށް ވަނީމަ މާ ރީއްޗެއް ނޫން. އެކުއްޖާ މިގަޑީގައި ދާނީވެސް ވަކި ކޮންތާކަށް؟ ހިތެއްނެތް އަނިޔާވެރި ނުލަފާ މީހެއް. މަގޭ އެކުވެރިއަކަށް ބެލުނީތީވެސް ދެރަވޭ......." ޒޯހަން ހަޅޭއްލަވައިގަތްއަޑު ތަނުގައި ހިފާލިއެވެ. މައިކަލް އަދި ހުރީ ރުޅިއަރުވަން ފާޑަކަށް ހީލަހީލައެވެ.
"ޑޯންޓް ވޮރީ. ޒޯހަންއަށް ނުފެންނަ މީހުންނާއި ކަންތައް އަހަރެންގެ ލޮލަށްފެނޭ. ހެނާ އިޒް އިން ގުޑް ހޭންޑްސް. އޭނައަކަށް ގެއްލުމެއްނުވާނެ....." މައިކަލް ޔަގީންކަމާއިއެކު ބުނެލުމުންވެސް ޒޯހަންގެ ރުޅި މައިތިރިއެއްނުވިއެވެ. ހީވީ ދެންމެ ދެންމެ މައިކަލްގެ ގައިގާ ޖަހާފާނެހެންނެވެ. މައިކަލް ގެއަށް ވަންނަން ދިމާކުރީ މާހައުލު ފިނިކުރުމުގެ ގޮތުންނެވެ. ޒޯހަން ކަޓާފައި ހުރިވަރުން މި ޒުވާބު އިތުރަށް ހޫނުވެދާނެކަން އޭނައަށް އެނގުނެވެ.
"އެވާހަކައެއް ނޫނޭ މިދައްކަނީ؟ ކީއްވެހޭ ހެނާގެ ގައިގާ އަތްލީ؟ "ފަހަތުންގޮސް މައިކަލްގެ ޓީޝާޓުގައި ހިފާ ދަމައިގަންނަމުން ޒޯހަން ސުވާލުކުރިއެވެ.
"ކާމް ޑައުން. ދެން ކިތަންމެ ރުޅިއަޔަސް އެކަން ނުވާކަމަކަށްވެސް ނުވާނެ ދޯ. މަގޭ މަގާމުގައި ކޮންމެ ފިރިހެނަކު ހުއްޓަސް އެގޮތަށް ހަމަ ކަންތައްކުރާނީ. އަހަންނަކީވެސް ހިއްސުތައް ހަމަޔަށް ހުރި ފިރިހެނެއް ހަމަ އަންހެންކުއްޖަކު އަބަދު ކުރިމަތީގައި އުޅޭއިރު ދުރަކުން ނޫޅެވޭމެ. ދެން މިހާރު ކަލޭވެސް މާ މާތްމީހަކަށްވެގެން ކުށެއްނެތް ކަމަށް ހެދިގެން އުޅޭނެކަމެއްނެތް. އަދި މާ ވަރަކަށް ލޯބިވާކަމަށްހެދިގެން އުޅޭއިރު އެހެން މީހުންގެ ވެސް ހިތެއް ދޯ ހަމަ އޮންނަނީ؟ ލޯބިވުމުގެ ހައްގު އޮންނަނީ އެކަނި ޒޯހަންއަށް ކަމަށް ހީވަންޏާ ތިއީ ގޯހެއް. ދެން މިގަޑީގައި އިތުރަށް ހަމަނުޖެހުން ހިންގާ ޒުވާބުކުރާކަށް އަހަރެންވެސް ބޭނުމެއްނޫން. ސޯ ....ގުޑްނައިޓް....." މައިކަލް ކުއްލިއަކަށް ޒޯހަންގެ މޫނުމަތީގައި ދޮރު ޖެހުމުން ޒޯހަން ދެއަތުން ދޮރުގައި ތަޅައިގަތެވެ. އެދޮރު ހަލާކުކޮށްލާފައިވަދެ މައިކަލްވެސް ޗިސްކޮށްލަން އޭނަގެ ހިތަށް ވަސްވާސްދިނެވެ. އެހާވެސް ބޮޑަށް އޭނަ ހުރީ މައިކަލްދެކެ ރުޅިއައިސްފައެވެ. އެދެއަތުން މައިކަލްއަށް އަނިޔާއެއް ނުލިބެނީސް އޭނަގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ނަމަވެސް އެފަދަ ފުރުސަތެއް ނުލިބުނީ ކުއްލިއަކަށް އަނދިރީގެ ތެރެއިން ނާމާންކޮށް ހުނުމެއްގެ އަޑުއިވިފައެވެ. ޒޯހަން އަނދިރިކަން ވެރިވެފައިވާ ގަސްތަކާއި ދިމާލަށް ނަޒަރު ހިންގައިލިއިރު އެދިމާލުން އެއްވެސް މީހަކު ނުފެނުނެވެ. ނަމަވެސް އެހުނުމުގައި ހުރި ގޮތަކުން ގައިގާވާހާ ލޯލިތައް ކޮޅަށްޖެހޭގޮތްވިއެވެ. ކޮންމެވެސް ނުރައްކަލެއް އުޅޭކަމަށް އޭނަގެ ހަވަނަ ހިއްސު އެންގިއެވެ. މައިކަލް ގެންގުޅޭ ޖިންނިން ދީފާނެ ތުރާލަކާއިމެދު ވިސްނާލުމުން ހިތަށް ބިރުވެރިކަމެއްވެސް ވަނެވެ. ނަމަވެސް ރުޅިވެރިކަން އެހުރިހާ އިހުސާސްތަކެއްގެ މައްޗަށް ކުރި ހޯދިއެވެ. ޒޯހަން ބިރެއްނެތި އެތާހުރި ގޮނޑިވެސް އެދިމާލަށް ހޫރާލާފައި ހަޅޭއްލަވައިގަތެވެ.
"ފިނޑިއެއްހެން ގަސްތަކުގެ ތެރޭގައި ނުހުރެ ނުކުމެ ދިމާކޮށްބަލަ. ރަނޑާލި އަންހެނެކޭ ކަލެއެކޭ ކޮން ތަފާތެއް ހުރީ. ފާޑަކަށް އަދި އެބަ ހެއެއްނު....."
ބޯގަސްތައްވާ ހިސާބަށް ކުއްލިއަކަށް މަރުފަދަ ހިމޭންކަމެއް ވެރިވިއެވެ. ފިލާހުރި މަޚުލޫގު ކޮންމެވެސް ސަބަބަކާހުރެ ހިމޭންވީކަން ޔަގީނެވެ. ޒޯހަން ކޮނޑު އަރުވާލާފައި ގޭޓުން ނުކުތްއިރަށް ހީވީ ކައިރިއަށް އެތައް ޓަނުގެ ބުރަދަންހުރި އެއްޗެއް ވައްޓާލެވުނުހެންނެވެ. ބިންހެލުންއައިފަދަ ގޮތެއްވެ ތަންވެސް ގުޑާލިއެވެ. ޒޯހަންއަށް ފާރުގައި ހިފަހައްޓައިލެވުމާއިއެކު ބަލައިލިއިރު ދާދި ކައިރީގައި ހުރި އެއްޗެއް ފެނިފައި ހިތްވަރުގަދަ ފިރިހެނަކުވެސް ފިތްކަނޑައިގެންދާނެކަން ޔަގީނެވެ. ދަޅުފަޅާފައިހުރި އެތީގެ ދޫ ދިގުވެފައި ދެލޮލުގައި ހުރީ ރަތް އަނގުރުކުލައެކެވެ. އެންދެރިގަނޑެއްހެން ހީވާ އެއެތީގެ އިސްކޮޅު ދިގުވެފައި ނާމާން އަޑަކުން ވާހަކަދައްކަންފެށިއެވެ.
"އަހަރެން ކަލޭ ކޮށާ ކުދިކުދިކޮށްލާފައި ކަލޭގެ މަސްތައް ކަލޭގެ އާއިލާއަށް ކާންދޭނަން......." އެއެތީގެ ތޫނު ވަކިތައް ޒޯހަންގެ ލޮލަށް ހަރާލާހާ ކައިރިކޮށްލަމުން ބަރުއަޑަކުން ވާހަކަދެއްކިއެވެ.
"އަހަރެން ބިރެއްނުގަނޭ. ކަލޭ ބޭނުންވާ ކޮންމެކަމެއްކުރަންވީނު. ކަލޭމެން ޝައިތާނުންނަށްވުރެ އިންސާނުންނަށް ލިބިފައިވާ ބާރު އެންމެ ތަންފުކެއްވެސް ކުޑައެއްނޫން. ބިރުވެރި ސިފައެއްގައި ހުރެ ފެނުނަސް އަހަރެން ހިތަކަށް އެއްޗެއްނާރާ...." ޒޯހަން ޖެހިލުމެއްނެތި ކުރިމަތިލީ ސާބިތުކަމާއެކުގައެވެ. އެންމެ ހިތްވަރުގަދަ ފިރިހެނެއްފަދައިންނެވެ. ލޯބީގެ ބާރު އޭނަ ހިތްވަރުގަދަ މީހަކަށް ހަދައިފިއެވެ. ހެނާއަށްޓަކާ އޭނަ ރޫހާނީ ބާރަކާއިވެސް ހަގުރާމަކޮށްފާނެއެވެ.
"އެންމެރަގަޅު. އަމިއްލަ ފުރާނައާއިމެދު އެއްވެސްކަހަލަ ފަރުވާލެއްނެތް. ކަލޭގެ މަންމަޔޯ؟ ބޭބެ ކޮބާތަ؟ އެމީހުންނާއިމެދު އެއްވެސް ފަރުވާލެއްނެތީތަ؟ އަހަރެން ބޭނުމިއްޔާ އެމީހުންގެ ފުރާނަ ހަމަ މިސިކުންތުކޮޅުވެސް ދަމައިގެންފާނަން....." އެ އެތީގެ ބިރުވެރި އިންޒާރުން ޒޯހަންގެ ހިތްވަރު މުޅިން ނައްތާލައިފިއެވެ. މަންމައާއި ބޭބެއަކީ އޭނަގެ ދުނިޔެއެވެ. އެއީ އޭނަގެ ބަލިފަޔެވެ.
"އެންމެ ރަގަޅު. ކަލޭ ބޭނުންވަނީ ކޮންކަމެއްތަ؟ " ޒޯހަން ހަތިޔާރު ބެހެއްޓިއެވެ. އޭރުވެސް އޭނަ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.
"ހެނާއާއި ދުރުން އުޅޭ. އޭނަ ވަރިކުރޭ...." އެއެތި ބިރުވެރިކަމުން ފުރިފައިވާ އަޑަކުން އިންޒާރުދީފައި ކުއްލިއަކަށް ލޮލުގެ ކުރިމަތިން ގެއްލުމުން ޒޯހަން ފާރަށް ލެގިލިގޮތަށް ދެލޯ މަރައިލީ ހިތަށް ކެތްނުވެގެންނެވެ. އެއީ މައިކަލް އޭނަގެ ފަރާތުން ބަދަލުހިފަން ފޮނުވި މައިކަލްގެ ޣުލާމު ޖިންނިއެއްކަން އެނގުނެވެ. ޔަގީންވިއެވެ. އެކަމުގައި އެއްވެސް ޝައްކެއްނެތެވެ. މައިކަލްއަށްޓަކާ އޭނަގެ ލޯބި ގުރުބާންކުރަންވީހެއްޔެވެ؟ ހިތަށް ކެތްވާނީ ކިހިނެއްހެއްޔެވެ؟ އޭނައަށް މިހާރު ހެނާއާއި ދުރުން އެންމެ މިނިޓެއްވެސް ހޭދަކުރުންވަނީ ތަކުލީފަކަށްވެފައެވެ. އެހާ ބޭނުންވެފައި ހުއްޓާ މައްސައަލަކަށްފަހު މައްސަލައެއް ފެންމަތިވެ ދިރިއުޅުމަށް ދަތިކޮށްފިއެވެ. މިހާލުގައި ހުރުމަށްވުރެ ނެތިގެން ދިޔުންވެސް މާރަގަޅެވެ.
ލޮލަށް ޖަމާވި ކަރުނަތައް ޒޯހަންގެ ކޯތާފަތްމަތިން ތިރިއަށް ދެމެންފެށިއެވެ.
ހެނާ ގެއާއި ދިމާލަށް ހިނގާފައި ދިޔައިރު ކޮންމެވެސް ވަރަކަށް މީހާ ހަމަޔަކަށް އެޅި މިދެވެނީ ކޮންތާކުންކަމާއި ގަޑިންވީއިރު ލަފާކުރެވި ކޮންމެވެސް ވަރަކަށް ބިރުވެރިކަން ހިތުގައި ވަށާލައިފިއެވެ. ފިޔަވަޅުތައް އަވަސްކޮށްލާފައި ދިޔައިރު މޭގަނޑު ނެގިނެގިފައި ޖެހެއެވެ. ގަސްތަކުގެ ތެރެއިން ކިރިޔާ އެއްޗެއް ހިރިލިޔަސް ހެނާގެ ހިތް ވިރާވަރުވިއެވެ. ގެއާއި ދިމާލަށް އަރަންވީ މަގު އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ. ގޮނޑުދޮށުގައި ހުރުމުން ރައްކާތެރިކަން އިހުސާސްކުރެވޭލެއް މާބޮޑެވެ. ނަމަވެސް އެގަސްތަކުގެ ތެރެއިން އޭނަދާނީ ކިހިނެއްހެއްޔެވެ؟ އަނބުރާލާފައި މައިކަލްގެ ގެއަށްދާންވީ ބާވައެވެ. ނޫނެކެވެ. އޭނަ އެހާ މަޖުބޫރީއެއް ނުވާނެއެވެ. ބިރުވެރިކަމުގައި މަރުވެގެން ދިޔަސް އޭނަ ދެން މިދެފައިން ހިގާފައި އެމީހުންގެ ކައިރިއަކަށް ނުދާނެއެވެ. ހެނާ ކުރުސި ކިޔަވަމުން ކުރިއަށް ފިޔަވަޅެއް އެޅިތަނާ ކުއްލިއަކަށް ގަސްތަކާއި ދިމާލުން އާސާ އަންނަތަން ފެނިފައި ލިބުނު ހައިރާންކަމާއިއެކު ހުއްޓުން އެރިއެވެ.
"އާސާ......" ހެނާއަށް ކިޔައިލެވުނެވެ.
"ބިރުން ވިރިވިރި ތިހިރީ. ހަންޑިއެއް ކަމަށް ހީކޮށް........." އާސާ ހިނިގަނޑެއް ޖަހައިލުމުންވެސް ހެނާ ހުރީ ޝައްކެއްގެ މަތީގައެވެ.
"އާނ ޝަހާދަތްކިޔާ..." ހެނާ އެދުމުން އާސާ ޝަހާދަތުގެ ދެކަލިމަ ކިޔައިލީ ނިކަން ހަމަޖެހިލާފައި ހުރެއެވެ.
ދެވަނަ ސިކުންތުކޮޅުގައި ހެނާ ދުވަމުންގޮސް އާސާގެ ގައިގާ ބައްދައިގަތުމާއިއެކު ރޮވިއްޖެއެވެ. އާސާ ހެނާގެ ބުރަކަށީގަޔާއި އިސްތަށިގަނޑުގައި ފިރުމަމުންދިޔައީ އެއް އުމުރުގެ އަންހެންކުއްޖަކަށްވުރެ މާ ހަރު މީހެއްފަދައިންނެވެ. ހެނާއަށް އިހުސާސްކުރެވުނު ހިތްހަމަޖެހުމާއި އުފާތައް ބަޔާންވެސް ކޮށެއްނުދެވޭނެއެވެ. އެންމެ ބޭނުންވީވަގުތު އާސާ އައުމަކީ ކޮންފަދަ އުފާވެރިކަމެއްހެއްޔެވެ؟ އެއީ އޭނަގެ ނަސީބެވެ. ރީތި އިއްތިފާގެކެވެ. މާތް ﷲ ފޮނުއްވި ރަހުމަތެއް ފަދައިން އާސާ މިގޮތަށް އައުމުން ހުރިހާ ކަމަކަށްވުރެ ހިތަށް ލިބުނު އުފާ ބޮޑުވިއެވެ. ބައެއްފަހަރު ބިކަ ހާލުގައި ޖެހޭއިރު ހުރިހާ އެއްޗަކަށްވުރެ އެކުވެރިން މުހިއްމުވާއިރުވެސް އާދެއެވެ. ލިބުނު ހިތާމަތައް ހިއްސާކުރާނެ މީހަކު ފެނުމުން ހެނާ އަކަށް ހިތުގެ މައްޗަށް ބާރު ނުފޯރުވި އޭނައާއިމެދުގައި ހިނގިކަމެއް ކިޔައިދިނީ ހިތުގައި ލިޔެފައިވާ ފަދައިންނެވެ. ހިތުގައި ޖެހިޖެހިފައި ރޮވޭވަރުން ދޭތެރެއަކުން ހުއްޓާފައެވެ.
"މިހުރިހާ ކަމެއްވީއިރު އާސާ އުޅުނީ ކޮންތާކު ކީއްވެ ހާލު ބަލައިލަން ނައީ؟ އެންމެނާއި ރުޅި، އައި ތޯޓް ޔޫ ކެއަޑް ފޯ މީ. އެކަމަކު އެކަކުވެސް އަހަރެންދެކެ ލޯތްބެއްނުވޭ. އާސާ އެކަނި އަހަރެންގެ ހާލު ބެލި އަޅާލި މީހަކަށް ހުރީ. އެކަމަކު އެންމެ ބޭނުންވީއިރު ނައީމެއްނު.. ކޮންތާކު އުޅުނީ؟ ކީއްވެ ނައީ؟ މިސްޑް ޔޫ ސޯމަޗް........." ހެނާގެ ދެލޮލުގައި ވާ ކަރުނަތައް މުތީތައްފަދައިން ވިދާ ބަބުޅައެވެ.
"އަހަންނަށް މާފުކުރޭ ހެނާ. ހަގީގަތަކީ އަހަރެންވެސް މައިކަލްދެކެ ބިރުގަންނަކަން. އެހެންވެ ތިގެއާއި ކައިރިވާކަށްވެސް ނުކެރުނު. އޭނަ އަހަރެން މަރާވެސްލަފާނެ. އެނގޭތަ ހެނާއަށް؟ ހެނާވެސް ގައިދީއެއްފަދައިން އެގޭގައި އެގެންގުޅުނީ. ހެނާގެ ބައްޕަދިން ތަވީދު އެއްޗެހި ނައްޓާލާފައި ހެނާ މިރޭ ގެއިން ނުކުތްކަން ނަސީބު. ކީއްކުރަން އަޅާހާ ޝިރުކު އެއްޗެއް؟ ޖިންނިންވެސް ހެނާކަހަލަ ރަގަޅު ސްވީޓް ގާލްއަކަށް ގޯނާއެއްނުކުރާނެ. މައިކަލްކަހަލަ ބޮޑެތި ސިންގާ ނުލަފާ ފިރިހެނުންނަށް ގެއްލުންދޭން ބޭނުންވާނީ. އެކަމަކު އެކަން ވިސްނިގެން އޭނަ ހުންނަނީ ޖިންނިން ކޮންޓްރޯލްކޮށްގެން. އައި ހޭޓް ހިމް ޓޫ. އޭނައަށް ކޮންމެހެންވެސް ލަނޑެއްދޭންވާނެ. ނިކަމެތިކޮށްލަންވާނެ. އެބޮޑާ މީހާ ދެރަކޮށްލެވިއްޖެއްޔާ އަހަރެމެންނަށް ކާމިޔާބުވީ. ދެން އެކަމަކު ޒޭން ހާދަ ދެރަވާނެއޭ ދޯ. އޭނަގެ ކުށެއް އެހާ ނެތް. މައިކަލްގެ ސަބަބުން ހުރިހާކަމެއް އެހެންވީ. އެކަމަކު ދެން ނުރޮއި. ދެން ހެނާ ދެރަކޮށްލާކަށް އެކަކަށްވެސް ނުކެރޭނެ. އަހަރެމެންގެ ގެއަށް ހިނގާ.........." އާސާ ހެނާގެ ދެލޮލުގައިވާ ކަރުނަތައް ފޮހެލަދެމުން އަތުގައި ހިފައިގެން ހިނގައިގަތެވެ.
"ތިބުނީ ހަމަ ތެދެއް. އަހަރެމެންގެ ގެއަށް ދިޔަސް މައިކަލް ފަހަތުން އަންނާނެ. އެކަކަށްވެސް ނޭގޭ ތަނެއްގައި ހުންނަން ބޭނުމީ......." ހެނާ އާސާގެ މޫނަށް ބަލައިލަމުން ކަރުނައިގެ ތެރެއިން ހިނިތުންވެލީ ވަރަށް ލޯބިކޮށެވެ. ވިއްސާރަ ވިލާތަކުގެ ތެރެއިން އިރު ދައްކައިލިފަދައިންނެވެ. އެމޫނުމަތިވެސް އެއްކޮށް އަލިވިއެވެ.
އާސާ މިސްރާބުޖެހީ ކޮޓެޖާއި ދިމާލަށެވެ. ދެވުނު ހިސާބު ރޭކާލާފައި ހެނާ ފަސްޖެހޭގޮތްވިއެވެ.
"އާސާ. ސަމާސާނުކުރޭ. އަހަރެން ނުދާނަން ކޮޓެޖަށް....ހަމްޒާދުއަށް ޖެއްސުންކުރަން މިގެއަށްވަންގޮތަށް އެކަހަލަ ކަމެއްކުރަންތަ މިއުޅެނީ؟ " ހެނާ ފިޔަވަޅުތައް ދޮންވެލިގަނޑުމަތީގައި ތަތްލިފަދައިން އޭނަ ހުއްޓިއްޖެއެވެ.
"ކީއްވެ ނުދާންވީ؟ މިއީ ހެނާގެ ދޮންތަވެސް އުޅޭގެ. މީހުން ފާޑުފާޑަށް ވާހަކަދެއްކިޔަސް ކޮޓެޖްހާ ސޭފްތަނެއްނުވާނެ. އެންމެންވެސް ހެނާދެކެ ލޯބިވާނެ. އެގޭގައި އުޅޭ މަންމަ މާމަ ބޭބެމެން އަދި ބައްޕަވެސް ހެނާ ޕްރޮޓެކްޓް ކޮށްދޭނެ، ޓްރަސްޓްމީ. އެހެން އެއްވެސް ތަނެއްގައި ނޫޅެވޭހާ ރައްކާތެރިކަންމަތީގައި ހެނާއަށް އުޅެވޭނީ މިގޭގައި....." އާސާގެ އެވާހަކަތަކުން ހެނާގެ ހިތުގައި އެތައް ސުވާލު އުފެދި އާސާގެ މޫނަށް ބަލައިލެވުނީ އިތުރު ތަފްސީލު ބޭނުންވެފައެވެ. އާސާއަށް އެކަން ނަގައިގަނެވި ހިނިގަނޑެއް ޖަހައިލުމުން ހެނާ ދެލޯ އަޅައިލިއެވެ. ސަމާސާ ރުޅިވެރިކަމެވެ. ލޯ އަޅައިލިޔަސް އާސާއަކީ އޭނަ އެންމެ ލޯބިވާ ގާތްއެކުވެރިޔާއެވެ. ހުރިހާ ސިއްރުތައް ހިއްސާކުރި އެކަނި ފަރާތެވެ.
"މިރޭ ގަޓްހުރެގެން ދެ ފިރިހެނުން ކުޑަކޮށްލިގޮތަށް މިވެސް ޗެލެންޖަކަށް ބަލާފައި މިގެއަށް ވަންނަން ކެރޭނެ. މީހުން ކިޔާހާ އެއްޗަކަށް ބަލައިގެން ތިބިތާ ހުއްޓިތިބެގެން ލައިފް އެންޖޯއި އެއް ނުކުރެވޭނެ. އުފާވެރިކަން ހޯދޭނީވެސް މަސައްކަތްކޮށްގެން. ހެނާއަށް މިހާރުވާރަށްވުރެ އިތުރަށްވެސް ހިތާމައިގާ ދުވަސްތައް ހޭދަކުރެވިއްޖެ. ވީމަ ދެން އަހަންނަށް އިތުބާރުކޮށްފައި މިގެއަށް ވަންނަން ކެރިބަލަ. އުފާވެރި ޗޭންޖަކަށް އެޅޭ ފިޔަވަޅަކަށްވާނެކަން ޔަގީން............. ޕްލީޒް...." އާސާ ހެނާގެ އަތުގައި ހިފާ ކުޑަކޮށް ދަމައިލިއެވެ.