ނަތާލީ ފިހާރައަށް ވަދެފައި ބޭނުންވާ ސާމާނު ގަތުމަށްފަހު ޓްރޯލީ ހިފައިގެން ހިނގައިގަތްތަނާ އޭނަގެ ލޮލުގައި އިޒްޔަން އަޅައިގަތެވެ. އިޒްޔަންއަށް ގޮވާލަން އުޅެނިކޮށް އިޒްޔަންގެ ފަހަތުން ފެނުނު މީހެއްގެ ސަބަބުން ނަތާލީގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. އެދިމާލަށް ފުރޭތައެއް ތިރިކޮށްލިނަމަވެސް އޭނަގެ މޫނު އެހާ ހުދުވެގެން ނުދާނެއެވެ. އެމީހަކަށް ނުފެންނަންވެގެން އަވަހަށް ހަރުގަނޑުގެ އަނެއްފަރާތަށް ވަންނަން ހިފެހެއްޓިވަގުތު ހަރުގަނޑުގައިވާ އެއްޗެހިތަކެއް ފައިބައިގަތް އަޑަށް އެތައް ލޯތަކެއް އެދިމާލަށް ހުއްޓުނެވެ.

ނަތާލީގެ ހިތަށް ލިބުނު ބިރުވެރިކަން ފިލާ ދިޔައީ އެމީހަކު އެނބުރި ބަލާނުލާ ދިޔުމުންނެވެ. ނަތާލީ ހަށިފުރާ ނޭވާއެއްލީ ހިތުގެ ތެޅުން މަޑުކޮށްލުމަށެވެ. އޭރު އިޒްޔަންވެސް އަރާ ހަމަވިއެވެ.

"ނަތާ....." އިޒްޔަންގެ އަސަރުގަދަ އަޑު ދާދިގާތުން އިވުނެވެ. ފިހާރައިގާ އުޅޭ ކުދިންތައް ސާމާނު ހަރުގަނޑުގައި އަތުރަންފެށިއިރު ނަތާލީ މާފަށް އެދިފައި އިޒްޔަންއަށް ބަލާލާފައި ހިނިތުންވެލިއެވެ. ނަތާލީގެ ފަހަތުން ކަހަލަގޮތަކަށް އިޒްޔަން މަގަށް ނުކުމެފައި ކާރުގެ ބޮނެޓަށް ލެނގިލައިގެން ހުއްޓުނެވެ. އިޝްތިހާރެއް ފަދައެވެ. ނަތާލީގެ ހިތް މި ޒުވާނާއަށް ތަޢުރީފުކުރާވަރު ދެނެވޮޑިގަންވަނީ ހެއްދެވިފަރާތެވެ. ނަތާލީ އުޑާއި ދިމާލަށް ބަލައިލިއިރު ވިއްސާރަ ވިލާތައް ކެހިގެން ދިޔަކަމުގެ ހެއްކެއްގެ ގޮތުން ތަރިތަކުގެ ލަޝްކަރެއް ބަބުޅާތަން ފެނެއެވެ. ހަނދުވެސް ރަނިކަން ކުރެއެވެ.

"އެހެންނުވާނީ، އިޒްވެސް ވެއްޖެއްވިއްޔާ އެގަޑީގައި ޗޮކްލެޓްގައި ފިރުމަ ފިރުމާފައި އުޅެން، ތީ ޗޮކްލެޓްކާހިތުން އުޅޭ މީހެއްވެސް ނޫން...." ނަތާލީ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ކާރުގެ ޑްރައިވަރު ސީޓަށް އެރިއެވެ.

"އަހަރެން އަންނަން ނުބުނާނަންތަ؟ " އިޒްޔަން ގުދުވެލާފައި ކާރުގެ ދޮރުގައި އަތް އަޅުވާލައިގެން ހުއްޓުނެވެ. އެނޭވާގެ ތާޒާވަހާއި ސެންޓްވަސް އައި އިޒްޔަންގެ ދެލޮލުގެ ސިހުރުގައި ޖެހި ނަތާލީގެ ހިއްސުތައް ހޭލައްވާލީ އޮބިނޯންނަވަރަށެވެ.އިޒްޔަންގެ ފިރިހެންވަންތަކަމާއި ޒުވާންކަމަށްޓަކާ ނަތާލީ ދެވިހިފިތާ އެތައް ދުވަހެކެވެ. އެޒުވާން އަތުގެ އެންމެ ބީހިލުމަށްޓަކާ ނަތާލީ ކެތްމަދުވާވަރުވިއެވެ. ނަމަވެސް މިރޭ އޭނަގެ ހިތްވަނީ ބިރުގެންފައެވެ. ކުރިއަށްވުރެ މިގުޅުން ސިއްރުކުރުމަކީ މުހިއްމުކަމެއް ކަމުގައި އޭނަ ދެކުނެވެ. ނޫނީ އޭނަގެ ލޯބި އޭނަގެ އަތުން ބީވެގެން ދާނީ އެސްފިޔަޖަހާހާ ހިނދުކޮޅެއްގެ ތެރޭގައެވެ.

"އިޒް މިރެއަކު ނޫން، މިރޭ އަހަރެން އޮފީސް މަސައްކަތެއްވެސް ނިންމާލަން ޖެހޭ......" ނަތާލީ ފަރިގޮތަކަށް ހިނިތުންވެލިއެވެ.

"އަހަރެން ހެލްޕްވަންތަ؟ "އިޒްޔަން އާދައިގެމަތިން އަހާލުމާއިއެކު ނަތާލީ ވަގުތުން ދެކޮޅުހެދިއެވެ.

"މަގުމަތީގައި ވާހަކަދައްކަން ތިބުން އެހާ ރަގަޅުކަމެއްހެން ހިޔެއްނުވޭ. މީހެއްގެ ލޮލުގައި އަޅައިގެންފިއްޔާ ގޮސިޕްކުރުމާއި ދެން އެނގެއެއްނު....." ނަތާލީ ތިބެވުނުތަން ހަނދާންކޮށްލަދިނުމުން އިޒްޔަން އެއްމިޔަކަނުން ހީލިއެވެ. އެއިޝްގީ ހިނިތުންވުން ނަތާލީގެ ހިތަށް ފިނިކަމެއް ގެނެސްދިނެވެ. އެބެލުން ޚާއްސަކުރެވިފައިވަނީ އެކަނި އޭނައަށެވެ.

"މީހުން ކިޔާފާނެ އެއްޗަކަށް ވިސްނައިގެން އުޅެންޏާ ލައިފް ޑިފިކަލްޓްވާނީ ނަތާ، އެކަމަކުވެސް އަހަރެން ނަތާގެ ވިޝްތަކަށް ރެސްޕެކްޓްކުރާނަން، މީހަކަށް ޝައްކުވެއްޖެއްޔާ ބުނޭ މިއީ ބޮޑީގާޑޭ...." އިޒްޔަން ނަތާލީގެ އަތުގައި ހިފާލަމުން ހީލިއެވެ. އަނދިރީގެތެރެއިން ވިދާލި ހުދުހުދު ދަތްތައް މީހެއްގެ މަތިން ހަނދާންކުރުވިއެވެ. ނަތާލީގެ ގައިން ހީބިހިނަގައިގެން ދިޔުމުން އަމިއްލަ އަތުގައި ފިރުމާލެވުނެވެ. އޭރުވެސް އޭނައިނީ އިޒްޔަންގެ މޫނުން ނަޒަރު ވަކިކޮށްލުން އުދަގޫކަމަކަށްވެފައެވެ. އިޒްޔަންގެ މޫނުމަތިން އެ ސިފަތައް ފެނިލަނީ ކީއްވެހެއްޔެވެ؟

"ރަމަޟާން މުބާރަކް....." އިޒްޔަން އެވާހަކައަކަށް އިތުރު ޖަވާބެއްނުދީ ކިޔާލިއެވެ.

"އަދި ވީކެއް އެބައޮތޭ...." ނަތާލީ ހިންދިރުވާލިއެވެ.

"އެންމެ ފުރަތަމަ ވިޝްކުރާމީހަކަށް ވާން ބޭނުންވީ...." އިޒްޔަން ބުނެލިއެވެ. އަބަދުވެސް އިޒްޔަންގެ ވާހަކަދެއްކުމުގައި ހުންނަނީ އޯގާތެރިގޮތެކެވެ. ލާނެތްކަމެއްވެސް ހުރެއެވެ. އެމިޒާޖު ދަސްވިވަރަކަށް އިޒްޔަންގެ ފަރާތަށް ހިތް ލެނބޭގޮތް ބޮޑުވެ އެފަރާތަށްޓަކާ ހިތް ހުސްވަނީއެވެ. އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް އިޒްޔަން ހަދަން ހާދަ ބޭނުމެވެ.އެނޫންގޮތަކަށް ނަތާލީ ވިޔަނުދޭނެއެވެ. ދުނިޔެއާއި ހަނގުރާމަކޮށްގެންވެސް އޭނަ އިޒްޔަން މިލްކުކުރާނެއެވެ. އިޒްޔަންއާއި ނަތާލީގެ ހަތަރުކަޅި ހަމަވިވަގުތު ނަތާލީ އަމިއްލަ ނަފުސަށްވީ ވައުދަކީ މި ޒުވާނާ އަބަދަށްޓަކާ އޭނަގެ ޙައްޤަކަށް ހެދުމެވެ. އެދޭތެރެއަށް ވަންނަ ކޮންމެ މީހަކު ނައްތާލަން ޖެހުނަސް އޭނަގެ ފަރުވާލެއްނެތެވެ. ނަތާލީ ކާރު ދުއްވާލުމުން އިޒްޔަން ހިންދެމިލާފައި ޖިންސްގެ ޖީބަށް އަތްޖަހާލިއެވެ. އޭނަގެ ފޯނު ވައިބްރޭޓްވިހެން ހީވެފައި ބަލާލިއިރު ވައިބަރ މެސެޖެއް އައީއެވެ.

ޚިޔާލުތަކުގައި އެތައް ލައްކަ ވާހަކައެއް އަމިއްލަ ނަފުސަށް އަހަރެން ކިޔާދީފީމެވެ. އެހެންނަމަވެސް އިޒްގެ ހާޒިރުގައި އެއްވެސް ވާހަކައެއް ނުބުނެވެއެވެ. އިޒް އެހެން މީހެއްގެ ހައްގަކަށްވިޔަސް އިޒްއަކީ އަހަންނަށް ބީރައްޓެއްސެއްނޫނެވެ. އެހެންނަމަވެސް އިޒްއަކީ އަހަރެންގެ މީހަކަށްނުވެއެވެ. އަހަރެން ހިތާމަކުރަމެވެ. ހިތް ރޯންވެސް ރޮއެވެ. މިހިތަށް އެންމެ ފަހަރަކުވެސް ހަމަޖެހުމެއް ގެނެސްދީބަލާށެވެ. ތިހިތުން އަހަންނަށްޓަކާ މަގާމެއް ދީބަލާށެވެ. އަހަރެން އާދޭސްކުރަމެވެ.

"މި ބޭބީގާލް އަކީ ކާކު؟ ޖަވާބެއް ނުދޭއިރުވެސް ދުވާލަކު އެތައް މެސެޖެއްފޮނުވާ، ކެތްގަދަ އަންހެންކުއްޖެއް، އެކަމަކު އެކުއްޖާއާއި ވާހަކަދައްކަން ހަދައިގެން އެކުއްޖާއަށް ލިބޭ ހިތްވަރަކަށްވާނީ، ހަމަ އިގްނޯ ކުރާނީ، މަގޭ ކެތްތެރިކަން އިމްތިހާނުކުރަން ކިތަންމެ މަސައްކަތްކުރިޔަސް ހެޔޮ...." އިޒްޔަން ފޯނު ޖީބަށްލިއެވެ. އިޒްޔަންގެ ޚިޔާލަށް ވެރިވީ ނަތާލީގެ ގޭގައި ކިޔަވަން ހުންނަ އަންހެންކުއްޖެއްކަމަށްވާ ނިދާއެވެ. ނިދާ އޭނައާއި ދިމާލަށް ބަލަން ހުންނަކަން އިޒްޔަން ފާހަގަކޮށްފައިވެއެވެ. މިއީ ނިދާކަމުގައި ވެދާނެހެއްޔެވެ؟ ބުރުގާއަޅާފައި ހުރުމުން މާތްފާޑު ހުރެއެވެ. އިޒްޔަން ޗޮކްލެޓް ގަންނަން ކުރި ޚިޔާލު އެއްފަރާތްކޮށްލައިފިއެވެ. ނަތާލީފަދަ އަންހެނަކު ޗޮކްލެޓާއި މާތަކުން ކުރާނީ ކީއްހެއްޔެވެ؟ ނަތާލީ އޭނައަށް ދީފައިވާ އެޕްލް އައިފޯނާއި އައިޕެޑް އަދި މެކްބުކްފަދަ ތަކެތީގެ ބަދަލުގައި ޗޮކްލެޓެއް ދިނުމަކީ މޮޔަކަމެކެވެ. އޭނަ އިޒްޔަންގެ ފަރާތުން ބޭނުންވާނީ މުދަލާއި ފައިސާއެއް ނޫނެވެ. ނަތާލީ ބޭނުންވަނީ އުފަލާއި ނިމުމެއްނެތް ހިތްހަމަޖެހުމެވެ.

އިޒްޔަން ބެލްކަންޏަށް ނުކުތްއިރު މަންމަ ހުރީ ރޯނުގައި ހެދުންތައް އެޅުވުމުގައި އަވަދިނެތިއެވެ. އިޒްޔަން ރަތްކުލައިގެ ޓީޝާޓަކާއި ސޯޓެއްލައިގެން ހުރިއިރު އެރަތްކުލަވެސް ނިކަން ގުޅެއެވެ. ދެންމެ ފެންވަރާލައިގެން އައުމުން އިސްތަށިގަނޑުން ހީވަނީ ފެންތިކިތައް ފައިބަންފަށާފާނެހެންނެވެ. މުޅިތަން ހުވަދުވެފައިވަނީ ހިތް ބަންޑުންވާފަދަ ލުއިވަހަކުންނެވެ. ނާޒްލީ ހައިރާންވަނީ އިޒްޔަން މާ އަވަސްއަރުވާލާފައި ކައިވެނީގެ ވާހަކަދައްކަން ފެށުމުންނެވެ. ފުރަން އުޅެމުން ކައިވެނިކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އަންނައަހަރަށް ކައިވެނި ލަސްވެސް ކުރެވިދާނެ ނޫންހެއްޔެވެ؟

"އިޒްޔަން ކިޔަވާ ނުނިމެނީސް މީހަކާއި އިނދެގެން ޚަރަދުކުރާނީ ކިހިނެއްތަ؟ "ނާޒްލީ ސުވާލުކުރިއެވެ.

"ވަޒީފާއެއްގައި އުޅޭތީ އޭނައަށް ފުދޭވަރަކަށް ލިބޭ...." އިޒްޔަންވެސް ހުރީ މަންމަ ކައިރީގައި ނަތާލީގެ ވާހަކަ ބުނަން އުދަގޫވެފައެވެ. އުމުރުން ދޮށިވުމުން މަންމަ ދެކޮޅު ހަދާފާނެކަމަށްޓަކާވެސް އޭނަ ޖެހިލުންވިއެވެ. އެކަމަކު މަންމައަށް ސިއްރުން ޙަޔާތުގެ އެހާ ބޮޑު ނިންމުމެއް ނިންމަން ނޭދުނީއެވެ. ބައްޕައަކާ ނުލައި އޭނަ ބަލާބޮޑުކުރި މައިމީހާއަށް އެވަރުގެ ހައްޤެއް އޮންނަންވާނެއެވެ. މަންމައަކީ އިޒްޔަންގެ ހަޔާތުގައި އެންމެ އިޙުތިރާމްކުރާ ފަރާތެވެ.

"އިޒް އެހާ ބޭނުމިއްޔާ މަންމަ ޔަގީނުންވެސް ނޫނެކޭ ނުބުނާނަން، އެކަމަކު މަންމައާއި އެކުއްޖާ ބައްދަލުކުރުވަންވީނު......" ނާޒްލީ އެހާ އުފާވިހެނެއް ހިޔެއްނުވެއެވެ. އެންމެ ކުޑަމިނުން ހީވެސް ނުލިއެވެ. ހުރި އެންމެ ފިރިހެން ދަރިފުޅު މީހަކާއި އިންނަންވީމަވެސް އެހިތަށް ލިބުނު އުފަލެއްނެތެވެ. ހިތްއެދޭފަދަ ޅީދަރިއަކަށް ނުވީއެވެ.

"މިގެއަށް ގެންނަންވީތަ މަންމާ..." އިޒްޔަން ފާރަށް ލެނގިލައިގެން ހުއްޓުނެވެ.

"ނޫން، ރެސްޓޯރެންޓެއް ކަހަލަ ތަނަކަށް ކޮފީއަކަށް ދިޔައީމަ މާރަގަޅުވާނެ...." ނާޒްލީ ބުނެލިއެވެ. ނާޒްލީ ކުރަން ހުރި މަސައްކަތް ނިމުމުން އެ މައުޟޫއަށް އިތުރު ވާހަކައެއް ދެއްކުމެއްނެތި ނުކުމެގެން ދިޔަގޮތުން އިޒްޔަން އަށް ވިސްނުނެވެ. މަންމަ އެހެރީ ނުރުހިފައެވެ. މަންމައަށް ނަތާލީ ފެނުމުން ނޫނެކޭ ބުނެފިއްޔާ އޭނަ ހަދާނީ ކިހިނެއްހެއްޔެވެ؟ އިހަށް ކާވެނި ފަސްކުރާނީހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ހެދޭކަށް ނެތެވެ. އޭނަވެސް ފާފަކުރާކަށް ބޭނުމެއްނޫނެވެ. ޙަލާލު އަންބެއްހުރުމުން އޭނައަށްވެސް ފާފަތަކުން ދުރުހެލިވެވޭނެއެވެ. އިޒްޔަން ވިސްނުމަކަށް ގެއްލިފައިހުރެފައި މަންމަ ކާން ގޮވުމުން ނުކުތެވެ.

ބޮޑު ޢާއިލާއެއް އެކީގައި އުޅެން ލިބުމުން އުފާވެރިކަން އިޙުސާސްކުރެވޭނީ އެކީގައި ކާން ތިބޭފަދަ ވަގުތުގައެވެ. އެޢާއިލާގެ އެންމެން މޭޒުދޮށުގައި ހަމަޔަށް ތިއްބެވެ. އިޒްޔަން އިށީނީ އަޒީޒުއާއި ޖެހިގެން ހުރި ގޮނޑީގައެވެ.އިޒްޔަން ބަތް ނުކާތީ ނާޒްލީ މެންދުރަށްވެސް ރޮށިފިހައެވެ. މިއަދު ރަސްމީ ބަންދު ދުވަހެއްވީމަ ޚާއްސަކޮށްލަން ވެގެން ރޮށީގެ ބަދަލުގައި ހުރީ ފަރާޓާއެވެ. މަސްބަތާއި ފިހުނު ކުކުޅު އަދި ޕާޕަރުވެސް ތެލުލާފައި ހުރުމުން ސުފުރާމަތި މުއްސަނދިވެފައިވެއެވެ. ނާޒްލީ އެންމެ ފުރަތަމަ މާމަގެ ތަށްޓަށް ކާން އަޅާދީފާއި އަޒީޒުގެ ތަށްޓަށް ކުކުޅު ފަޔެއްލާދިނެވެ. ހުރިހާކުދިން ތިބީ މަންމަ އަޅާދޭންދެން މަޑުންނެވެ. މާމަގެ މަހުންވެސް ބަޔެއް ޒޯޔާގެ ތަށްޓަށް ލާދިނެވެ.

"މާމަގެ ރަންދަރި...." ރަނީންގެ ހިތަށް އެރިއެވެ.

"ޒޯޔާ ދަހިކަން މާމައަށް އެނގޭތީ ދޯ ހަމަ..." ޒޯޔާ ތުއިގޮތަކަށް ހީލާފައި އަޑު ހިމަކޮށްލާފައި ވާހަކަދެއްކިއެވެ. ރަނީން ފޫހިވެގެން މަރުވާވަރުވިއެވެ. ޒޯޔާ އުޅޭގޮތުން ހީވަނީ އަބަދު އިޒްޔަންއަށް ތުއި ދެއްކެން އުޅޭހެންނެވެ.

"ރޯދަރިންނަށް ކިރުވެސް ލިބޭނެ، އެމާ ދީލަތިކަމުން މާމަ ދިނަސް ބުނާނީ އެހާ ނުކެވޭނެއޭ......" މާމަ ޑޮކްޓަރަށް ދެއްކިފަހުން ހީވަނީ ބަލިރަގަޅުވެފައިވާ ހެންނެވެ. އެއުމުރުގެ މީހަކަށްވިޔަސް ސިލްސިލާ ބެލުމުގައި ވަރަށް ފޯރިހުރެއެވެ. އެމާ އަދި މާމައަށް ކިޔާނީވެސް "ބާ" އެވެ. އެވެސް ސިލްސިލާގައި އުޅޭ މާމައަކަށް ކިޔާނަމަކުން ގޮވުމުން މާމަ އުފާވާކަން އެނގޭތީ އެމާކުރާކަމެކެވެ.

"އެމީ ޑައިޓްކުރާތީ....." އެމާވެސް ކުކުޅު ފައިގާ ދެއަތުން ހިފައިގެން އިނދެ ކާންފެށިއެވެ. އުލާއި ސަމުސަލުން އިޒްޔަން ކާންފެށުމުން ޒޯޔާވެސް މިއަދު ކާން އުޅުނީ އުލަކުންނެވެ.

"އެމީއާއި ނިންނި ޑައިޓްކުރަމުންގޮސް ހުލިވެގެން ލޮލަށް ނުފެންނަވަރު ދެން ނުވާތި..." ނާޒްލީ ކިޔާލައިފިއެވެ.

"ޒޯޔާ މިކޮޅު ކޮލެޖުން ޖާގަ ހަމަޖެހިއްޖެތަ؟ " އަޒީޒު އަހާލައިފިއެވެ.

"ހޫމް، ދެން ޒޯޔާވެސް މިކޮޅުގައި ހަމަ ކިޔެވުން ކުރިއަށް ގެންދާނީ......" ނާޒްލީ ޖަވާބުދިނެވެ. ރަނީން ހައިރާންވީ އޭނަކައިރީގައި ބުނެނުލާ މިއާއިލާ މާކުރީއްސުރެން މާލެއަށް ބަދަލުވުމުގެ އިންތިޒާމުކޮށްފައިވާކަން ޒޯޔާގެ ފަރާތުން އެނގުމުންނެވެ. މާމަ ބަލިކަން ބަހަނާއަކަށް ހެދިޔަސް ނާޒްލީ އޭނަގެ ބައްޕައާއި ކައިވެނިކުރުމުގެ މަގުސަދަކީވެސް އެމީހުން މިގެއަށް ރަސްކަން ކުރުމެވެ. ބައްޕަ ބަލަހައްޓަންޖެހޭ އާއިލާ ކިތައްގުނަ ބޮޑުވެއްޖެހެއްޔެވެ؟ އެންމެންގެ ޒިންމާ ބޮލުގައި އަޅަން ހަދައިގެން ބައްޕަވަނީ އޭނައަށް ޚަރަދުކުރުން ހުއްޓާލާފައެވެ. ޒޯޔާއައިފަހުން ރަނީންގެ ތަބީއަތު އެއްފަހަރުވެސް ހަމަޖެހޭގޮތެއްނުވެއެވެ. ޒޯޔާއެކޭ ބޮލުރިހުމެކޭ އެއްގޮތެވެ. އެތައް ޓަނެއްގެ ބުރަދަން ބޮލުގައި އަޅައިގެން ހުއްޓާ ރޯދަމަސް މިއޮތީ ބޯމަތިވެފައެވެ. އެންމެ ހިތަށް އަސަރުކުރަނީ އިޒްޔަންގެ ފަރާތުން ރަނީންއަށް އެންމެ އިޝާރާތެއްވެސް ނުލިބިގެންނެވެ. ޒޯޔާ ހަދައިގެން އުޅެނީ އިޒްޔަންއަކީ އޭނަގެ ވާން އުޅޭ ފިރިމީހާކަމުގައެވެ. ރޭގަނޑު ނިދަން އަރާއޮވެ ފޮނި ކެނޑުން ނޫންކަމެއް ނޯވެއެވެ. މާޒީގެ ވާހަކަދައްކާއިރު މުޅިންވެސް އިޒްޔަން އާއި ޒޯޔާ މަޖާކޮށްފައި އުޅުނު ދުވަސްތަކުގެ ވާހަކައެވެ. ރަނީން ދެކެނީ އެއީ ފުލޯކު ވާހަކަތަކެއް ކަމުގައެވެ. އެހާ ފެއަރީޓޭލް ދިރިއުޅުމެއް ޒޯޔާއަށް ލިބިދާނެކަމަކަށް ރަނީން ގަބޫލެއްނުކުރެއެވެ. އަދި އެވެސް ރާއްޖެތެރޭގައެވެ.

"ރޯދަމަހާއިއެކު އިތުރު ޚަބަރެއްވެސް އެބައޮތް..." އެންމެން ކާން ފެށުމާއިއެކު ނާޒްލީ ބުނެލި އެއްޗަކުން އިޒްޔަން ނުތަނަވަސްވިއެވެ. އަދި އެހެން މީހަކަށް އެސިއްރު އެނގޭކަށް އޭނަ ބޭނުމެއްނުވެއެވެ.

"އިޒް އުޅެނީ މީހަކާ އިންނަން...." ނާޒްލީގެ އެ ޖުމްލައާއިއެކު ހީވީ އެތާގައި ކުޑަވަރެއްގެ ބޮމެއް ގޮއްވާލެވުނުހެންނެވެ. އެންމެނަށް ޝޮކެއްލިބުނެވެ. ޒޯޔާގެ ދެލޯ އިންތިހާއަށް ބޮޑުވެ އަނގަ ހުޅުވުނެވެ. އެ އެހަލަނިކުއްޖާ ގާވެފައިވާ ބުދެއްހެންވިއެވެ.ރަނީންގެ ހިތަށްވެސް ހީވީ ގަނޑުފެންތަކެއް އޮއްސާލެވުނުހެންނެވެ. ހިތަށް ކުރި އަސަރަކުން ލޮލަށް ފެންއަންނަގޮތްވިއެވެ. ކުކުޅު ހަދާފައި ހުރިލެއް ކުޅިކަމުން ނަސީބެކޭ ހިތަށް އެރިއެވެ. އޭނަ އިސްޖަހާލައިގެން އިނދެ ހުއްޓާނުލާކަމުން ދިޔައެވެ.

"ކީކޭތަ؟ އިޒްޔަން މީހަކާއި އިންނަނީއޭތަ؟ އަހަރެމެންނަށް އަންގާވެސް ނުލާ އިޒްޔަން ތިހާ ބޮޑު ނިންމުމެއް ނިންމާއިރު މާމަމެން ބުނާގޮތަށް ހެދުމެއްވެސް ހަމަ ނެތް، މާލެއިން ނުވާނެ ރަގަޅު މީހެއް......" މާމަ ހިތްހަމަނުޖެހިފައި އިނދެ ޝަކުވާކުރަންފެށިއިރު އަޒީޒު އެކަމާއި އުފާވެފައި އިޒްޔަން އަށް މަރުހަބާވެސް ކިޔައިފިއެވެ.

"ކޮންދުވަހަކު އިޒް...." ނާޒްލީވެސް އަހާލައިފިއެވެ.

"އަދި ތާރީޚެއް ނުނިންމަން..." އިޒްޔަން ކާހިތްވެސް ކެނޑުނެވެ.

"ކާކުތަ؟ " މާމަގެ އަޑަށް ހަރުކަށިކަމެއް ވެރިވިއެވެ.

"މާލޭމީހެއް....." އިޒްޔަން އެއަށްވުރެ އިތުރަށް ތަފްސީލްދޭކަށް ނޫޅުނެވެ.

"މާލޭމީހުންނަކީ ނުބައި ބަޔެއް، ވަރަށް މަކަރުވެރިވާނެ، މާމައަށް އެއްގޮތަކަށްވެސް ފެންނަކަމެއްނޫން ތިއީ، ތިކަން ހުއްޓާލާ އިޒްޔަން......" މާމަ އެދުނެވެ. އޭރު އެމާ ތަށި ހިފައިގެންގޮސް އާދައިގެ މަތިން ރަގްމަތީގައި ދެފައި ވަށްކޮށްލައިގެން އިށީދެ ކާޓޫނު ބަލަން ފެށިއެވެ. މިގަޑީގައި ނޫނީ ފަސޭހައިން އެމާ ބޭނުންވާ ޕްރޮގްރާމެއް ބެލޭކަށް ނޯވެއެވެ. އެމާ ލައްވާ އެއާދަ ހުއްޓުވަން ނާޒްލީ ނޫޅެނީވެސް އެކަން ވިސްނިފައެވެ.

"ކައިވެންޏާއި ހަމަޔަށް ގޮސްފަ ހުއްޓާލީމަޔޯ....." އިޒްޔަން ފުން ނޭވަޔެއްލިއެވެ.

"ވަރަށް ދެރަކަމެއް އިޒްޔަން ތިކުރީ...." މާމަ ތަކުރާރުކޮށް އޭނަ ނުރުހޭކަން ހާމަކުރިއެވެ.

"މިވަގުތަށް މަޖުބޫރުވީއޭ މާމާ...." އިޒްޔަންގެ ޖަވާބަކީ ނާޒްލީގެ މޫނުމަތީގައިވެސް ޖެހުނު އެތިފަހަރަކަށްވިއެވެ.

"މަޖުބޫރަކަށްވާނީ ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާ ބަނޑުބޮޑުވުން ނޫން ކޮންކަމެއްތަ؟ އިޒްޔަން ފިރިހެނެއްކަމަކު އުޅެންވާގޮތް ވިސްނެންވާނެއެއްނު، މިއަދު މާމަ ވަރަށް ހިތާމަކޮށްފިން....." މާމަ ފެންކަޅިވިއެވެ. އިޒްޔަން ކުޑަކޮށް ލަދުގަންނަގޮތްވިއެވެ. އެންމެ ކައިރި މީހުން ދައްކަން ޖެހޭފަދަ ވާހަކައެއްވެސް ނޫނެވެ. މަޖުބޫރީއަކީ އަދި އެއީއެއްވެސް ނޫނެވެ.

"ނޫން މާމާ، އޭނަ ބަލިވެއިނީއެއްނޫން. އިރާދަކުރެއްވިއްޔާ ކައިވެނިން ބޭރުގައި އަހަރެންގެ ދަރިއެއް މިދުނިޔެއަކަށް ނޭވާ ނުލާނެ، އަހަރެންގެ ދަރިއެއް ހުރެއްޖެއްޔާ އެދަރިއަކަށް އެނގޭނެ ބައްޕައަކީ ކާކުކަން. އެކަމާއި މާމަ ހިތާމަކުރާކަށް ނުޖައްސާނަން......" އިޒްޔަން މާމަގެ ހިތްހަމަޖައްސާދޭން މަސައްކަތްކުރިއެވެ. ނާޒްލީ އިނީ އިސްޖަހާލައިގެންނެވެ. އިޒްޔަންގެ ޖުމްލަތަކުން ނާޒްލީގެ ލަކުނުތައް އަލުން ތާޒާވެގަތްހެން ހީވިއެވެ. ނާޒްލީގެ ލޮލުގައި ކަރުނަ ހިނގާލައިފިއެވެ. ޒޯޔާވެސް ވީދެރައެއްގެ ބޮޑުކަމުން ގޮސް އެމާ ކައިރީގައި އިށީދެ ކާޓޫނު ބަލަބަލާފައި ހޭންފެށިއެވެ. އޭނަ އިޒްޔަންގެ ކުރިމަތީގައި ދެރަވެ ރޯކަށް ބޭނުމެއްނޫނެވެ.

"އިހަށް އެވާހަކަ ބާއްވަމާ ހިނގާ، އިޒް، މާމަ ގޮވައިގެން ހަވީރުވެސް ފިޒިއޯއަށް ދާން ޖެހެއެއްނު، ހަވީރު އެއްވެސް ޕްރޮގްރާމެއް އެބައޮތްތަ؟ " ނާޒްލީ މައުޟޫ ބަދަލުކޮށްލިއެވެ.

ކައިނިމިގެން ކޮޓަރިއަށްވަންގޮތަށް ޒޯޔާ އޮތީ އެނދަށް އަރާފައި ކަރުނަ އޮއްސާށެވެ. ރަނީން ސުވާލުކޮށްފައި އެސުވާލުކުރެވުނުކަމުގެ މޮޔަހީވިއެވެ.

"އިޒް ކިހާ އަންފެއިތްފުލް، އައި ހޭޓް ހިމް...." ޒޯޔާގެ ލޮލުގައިވާ އަނދުންތައް ފެވި މޫނަށް ކުލަތައް ފައިބާފައިވެއެވެ. ޓިޝޫއަކުން މޫނު ފޮހެލަމުން އޭނަ ހެޑްބޯޑުގައި ލެނގިލައިގެން އިށީނެވެ.

"ބަލަ ޒޯއާއި ރައްޓެހިވެގެން އުޅެމުންތަ އިޒްޔަން މެރީކުރަން އެއުޅެނީ...." ރަނީންވެސް މުޅިން މާޔޫސްވެއްޖެއެވެ.

"ދެން އެކަހަލަގޮތެއް ދޯ، އިޒް އަކީ އަހަރެންގެ ފަސްޓް ލަވް، ފަސްޓް ބޯއިފްރެންޑް، މާމަ އަހަރެން ކުޑައިރުއްސުރެން އެކަން ހިތަށް ވައްދާދީފައިވީ، އިޒް ނޫން މީހަކާއި ނީންނާށޯ، އިޒްވެސް އިންޑިރެކްޓްކޮށް ކުރިން ދިމާކޮށް އުޅުނު. ފަހުން އޭނަ ރަށަށް އައުން ވަރަށް މަދުކޮށްލީ. ޔޫކޭއަށް ކިޔަވަން ދެވުނީމަ އިޒްގަނޑު މާ ފޮނިވެފައިކަން ނޭގޭ އެހެރީ. ދެން އަހަރެން އޭނައާއިހެދި އުޅޭކަމަށް ނަންވެފައި އޮންނާނީ. އޭނަ އެހެން މީހަކާއި އިންނަންވިއްޔަ އެއުޅެނީ...." ޒޯޔާ ކިޔާދިނެވެ.

"ޒޯގެ އުމުރު ކިހާވަރެއްތަ؟" ރަނީން އަހާލިއެވެ.

"ޓްވެންޓީ ތްރީވާނެ ޑިސެމްބަރުގައި، ދެމީހުންގެ އުފަންދުވަސް އިންނަނީ ޖެހިގެން...." ޒޯޔާ ޖަވާބުދިނެވެ.

"އޯ....." ރަނީން ދެރަވިއެވެ. އިޒްޔަންއާއި ޒޯޔާގެ އުމުރުވެސް ހަދާ ގުޅެއެވެ. ދެމީހުން ހީވަނީ އެކަކު އަނެކަކަށްޓަކާ ހައްދަވާފައިވާހެންނެވެ.

"އަހަރެންގެ އުމުރުން ތޭރަ އަހަރުން ފެށިގެން ކިހާ ދިގު އިންތިޒާރެއް މިކުރީ؟ އެހެން މީހަކާއި ދިމާލަށް ބަލާވެސް ނުލާ މިހިރީ އިޒްއަށްޓަކާ، ކިހިނެއް ބުނެދޭނީވެސް؟ ކިހާ އަންފެއަރ، އިޒް މީހަކާއި އިންނާށޭ އުޅެނީ ބުނީމަ ހީވީ ހިތް ހަމަ ކުދިކުދިވެގެން ދިޔަހެން، އެހާ ނުބައިގޮތެއް މަށަށްވީ، އިޒްއާއި އަހަރެން ފުރަތަމަ ރައްޓެހިވީ އަސްލު މޫދަށް ގޮސްއުޅުމުގެ ތެރޭގައި، ގެއާއި މޫދު ވަރަށް ކައިރިވާނެ، ގޭގެ ފަހަތުގައި އޮންނަނީ މޫދު، އެހެންވެ ވަރަށް ގިނައިން ބޮލިހޮވަން ގޮސްއުޅެން، މާމަ ވަރަށް ހުންގަދަވެގެން ހޮސްޕިޓަލުގައި އޮތް ދުވަހެއްގައި އިޒް އަހަރެންނަށް ޖެއްސުންކޮށް ރުޅި އަރުވާލީ، އެނގޭތަ؟ އޭނަ ބުނީ އަހަންނަކީ ނޫޑުލްސް ގަނޑެކޭވެސް.....ދެން ފިލަންވެގެންގޮސް މޫދަށް އެރުނީ، އޭރު ވަރަށް ވިއްސާރަ، ބޯކޮށް ވާރޭވެހިވެހި އޮތީ، ދެން އިޒް ކެއަރކުރާވަރުން އޭނައަށް ނުހުރެވިގެން އަހަރެން ހޯދަމުން އައީ. އިޒް އައިއިރު އަހަރެން ހުރީ ފިނިވެގެން ރޫރޫއަޅައަޅާ، އޭނަ އައިސް ބައްދާލީ، ދެން ދޮނެއްވެސް ދިން....." ޒޯޔާ އެހަނދާންތައް އާކޮށްލިއެވެ.

"ވޯހް....ރިއަލީ؟ "ރަނީން ދެލޯ ބޮޑުވިއެވެ.

"ފަހުން ބުނި އެއްވެސް މީހެއްގެ ކައިރީ ނުކިޔާށޯ..." ޒޯޔާގެ ވާހަކަތައް އޭރުވެސް ރަނީން ގަބޫލެއްނުކުރެއެވެ. ޒޯޔާ ފޮނިކަނޑަންވެގެން އިޒްޔަންއޭ ކިޔައިގެން ވާހަކައެއް ހަދައިގެން އުޅެނީކަމަށް ވެދާނެއެވެ. އިޒްޔަން އެހެންކުއްޖަކާއި އެހާ ގާތްވެގެން އުޅޭތަން ޚިޔާލަށް ގެނައުންވެސް ދަތްޗެވެ. ޒޯޔާ ބުނާގޮތުން އޭނަވެސް ކުރިން ރަނީންމެންހާ ހިއްކެވެ. އެހެން އުޅެނިކޮށް އޭނަ ޕީރިއެޑްވި ފަހުން ބަރުދަން އިތުރުވާންފެށީއެވެ. ޒީކާފަދައިން ޒޯޔާވެސް އެ މައްސަލަ ހުރީކަން ނޭގެއެވެ. ޕީސީއޯއެސްއަކީ އަންހެންކުދިންގެ ބިރުވެރި ހުވަފެނެކެވެ. ހޯމޯންތައް ބެލެންސްނުވެގެން އުޅެންޏާ ކިހާ އުދަގޫވާނެހެއްޔެވެ؟ޒޯޔާ ފަހުން ބުނީ ރަނީންހާ ކުޑަކުއްޖަކަށް އަދި ލޯތްބަކީ ކޯންޗެއްކަން އިޙުސާސްނުކުރެވޭނެ ކަމުގައެވެ. ޒޯޔާފަދަ ހަލަނިމީހަކު އެގޮތަށް ސީރިޔަސްވެފައި މިނޫނީ ވާހަކަދެއްކިތަނެއް ރަނީން ނުދެކެއެވެ. ޒޯޔާއަކީ ރަނީންއަށްވުރެ ހަރުވެގެން އުޅޭމީހެއް ނޫނެވެ. އެކަމަކު ރަނީން ކުޑަކުއްޖަކަށް ހަދައިގެން ޒޯޔާވެސް އުޅެނީއެވެ. އުމުރުގެ ހަނގުކަމާއިހެދި ރަނީން ދެރަވެ އެދުވަހު ރުޔެވެ. އެވެސް ފާޚާނާތެރޭގައި އެކަނި ހުރެގެންނެވެ. އޭނަގެ ހިތުގައިވެސް ލޯބީގެ ފޮނިކަމާއި މީރުކަން ލައްވާފައިވާކަން އެހެން މީހުންނަށް އެނގޭނެނަމައެވެ.

ރޯދައަށް ބާބެކިއު ހަދަން ފަޅުރަށަކަށް ދިޔުމަށް އިންތިޒާމު ހަމަޖައްސާދިނީ ނަތާލީއެވެ. އޭނަ ބައިވެރިނުވިކަމުގައި ވިޔަސް އިޒްޔަން އުފަލުގައި ބަހައްޓަން ނަތާލީ ބޭނުމެވެ. އެމާ ހުން އައުމުން އޭނައަށް އެދަތުރުގައި ބައިވެރިވެވޭނެގޮތެއްނުވިއެވެ. ނިމުނުއިރު ދާން ހަމަޖެހުނީ ޒުވާންކުދިންކޮޅެވެ. ނާޒްލީ އިޒްޔަންއަށް އިތުބާރުކުރާލެއް ބޮޑުކަމުން އޭނައާއި ޒޯޔާ އަދި ރަނީން ހަވާލުކޮށްފައި ރަގަޅަށް ބަލާދޭން އެދުނެވެ. އެންމެން އެރަށަށް ފޭބިއިރު އުޑުމަތި ކުޑަކޮށް ބަނަކޮށް އޮވެފައި ވައިރޯޅިތައް ފުދޭވަރަކަށް ބާރެވެ. ރަނީން ވާރެޔަށް ލޯބިކުރާއިރު ޒޯޔާ ބުނާގޮތުން އޭނައަށް މޫސުން ކަމުދަނީ މިގޮތަށް ވައިޖެހި ޖެހި އޮތީމައެވެ. ޚަރީފު މޫސުން އިހުސާސްކުރެވެނީ މިގޮތަށް ގަސްތައް ވަޔާއިއެކު ހޫރެމުންދާތަން ފެނިފައެވެ. ގަސްގަހުގެ ފަތްތައް އުދުހުމަކީ އެންމެ ރީތި މަންޒަރުގެ ގޮތުގައި ޒޯޔާ ދެކެއެވެ.ފަޅުރަށަށް ފައިބާފައި ރަށްމަތިން ހަނދާންވިއެވެ. އެހާވެސް މޫސުން ނަލައެވެ.ޒޯޔާއާއި ވިޝާމް ވާހަކަދެއްކިތަން ފެނުމާއިއެކު ރަނީންގެ ޚިޔާލަށް އައީ އެދެމީހުން ގުޅުވުމެވެ. ޒޯޔާއަށްވުރެ ވިޝާމް ހަނގުވިޔަސް ހަށިގަނޑުންނާއި އުޅޭގޮތުންވެސް އެކަން ފާހަގައެއްނުވެއެވެ. ވިޝާމް އުޅެނީ މެޑިސިން ހަދަން ފުރާށެވެ. ކުރީ ދުވަހު ހޮސްޕިޓަލުން ޑޮކްޓަރ މަންސޫރު ފެނިފައި އޭނަ އިންސްޕަޔަރވީކަމުގައި ވިޝާމްވަނީ ބުނެފައެވެ. އެހެންވެ އޭނަގެ ބައްޕަގެ އެކުވެރި އެޖެންޓެއްގެ އެހީގައި ރަޝިއާގެ ޔުނިވަސިޓީއަކުން ޖާގަ ހޯދީއެވެ. ވިޝާމް ފުރުމުން ރަނީން ވަރަށް އެކަނިވެރިވާނެކަން އެނގި ރަނީންހުންނަނީ އެކަމާ މޮޅިވެރިވެފައެވެ.

އިޒްޔަން ހުރީ ނޫކުލައިގެ ޓީޝާޓަކާއި ސޯޓެއްލައިގެންނެވެ. ވަޔާއިއެކު އެފަން އިސްތަށިކޮޅު އުދުހޭގޮތުން ފަށުވިވަރު ދުރުގައި ހުރި ރަނީންއަށް އިހުސާސްކުރެވުނެވެ. ރަނީން ފޫހިވީ އެތަނަށް ޒޯޔާގޮސް އިޒްޔަންއާއި ވާހަކަދައްކަން ފެށުމުންނެވެ. ޒޯޔާ މަތިން ބައިން ޖެހިގެން އުޅޭކަށް ލަދެއްވެސް ނުގަނެއެވެ.

"ސަންތި މަރިޔަބު ބޯ ހާވާލައިގެން އެބަހުރި ހުރިހާ ދަތްތައް ދިއްކޮށްލައިގެން......." ރަނީން ދަތްތަކަށް ބާރުލިއެވެ. އޭނަދަބަސް ހުޅުވާލައިގެން ސަންސްކްރީން ލާކަމަށް ހެދުނެވެ. އެހެން ހުރެ އެފުޅީގެ ބޮޑުބަޔެއް ބިމަށް ވެރުނުއިރުވެސް ރޭކާނުލިއެވެ. ސިއްރުންވެސް ބެލުނީ އެދެމީހުން އުޅޭގޮޔެވެ.ޒޯޔާ އިޒްޔަންގެ އިސްތަށިގަނޑާއި ކުޅެލާފައި ކޮންމެވެސް އެއްޗެކޭ ބުނެލުމުން އިޒްޔަން ވެސް ސަމާސާއެއްކޮށްލިއެވެ. ރަނީން އަނެއްފަރާތަށް އެނބުރުނީ ހިތަށް ކެތްނުވެގެންނެވެ. އިޒްޔަން އޭނަގެ ހިތް ހަލާކުކޮށްލައިފިއެވެ. ގަސްތުގައި އޭނައަށް ދައްކަން ޑްރާމާ ކުޅެނީއެވެ. ރަނީން މަޑުމަޑުން މެޔާއި ދިމާލުން ފިރުމާލާފައި ހުރިތަނަށް ތިރިވިތަނުން ފަހަތުން މީހަކު އައިކަމުގެ އިހުސާސެއްކުރެވިގެން ހިތަށް ފިނިވާގޮތްވިއެވެ. ޖިންނި ޝައިތާނުންދެކެ ރަނީން އަބަދުވެސް ބިރުގަނެއެވެ. ފަޅުރަށްރަށުގެ ބޮޑެތި ގަސްތަކަކީ އެފަދަ މަޚުލޫގުންގެ މަކާނެވެ. ރަނީން ގަތްބިރުން އަވަހަށް ދަބަސް ނަގައިގެން ކުރިއަށް އެޅި ފިޔަވަޅާއިއެކު ގަހުގެ މުލުގައި ފައިވާން އަޅައިގެންފައި އަނގަވަތަށް ވެއްޓެންދިޔައެވެ.

ކޮމެންޓް 0