ޒޯޔާ ކޮޓަރިއަށްވަދެ ބޮކި ދިއްލާލިއިރު ރަނީން އިނީ އެނދުގައި އިށީންގޮތަށް ބާލީސް މޭގައި ޖައްސާލައިގެންނެވެ. އެލޮލުން ކަރުނައިގެ އަސަރެއް ނުފެނުނަސް އެކުއްޖާގެ ހިތް ހަލާކުވެފައިވާވަރު ދެލޮލުން ފާޅުވެއެވެ. ނޭގެނީ އެލޮލުގައި ފޮރުވިފައިވާ ކަރުނަތައް އޮހިގަންނާނެ އިރެކެވެ.

"ނިންނި، އެއްޗެއް ކާން ހިނގާބަލަ، މަންމަވެސް ބޭސްކައިގެން ނިދާފައި އޮތީ، ހިތްވަރުކުރަންވާނެ ދޯ، އަހަރެންވެސް ދެރަވޭ، އަޒީޒުބެއަކީ ވަރަށް ރަގަޅު މީހެއް......" ޒޯޔާ ރަނީންގެ އަތަށް އައިސްކްރީމް ބޯތަށްޓެއް ދިއްކޮށްލުމުން ރަނީން ބޯ ހޫރާލިއެވެ.

"އޯކޭ އޯކޭ، ނިންނި، މިގޭގައި ހުރީމަ ހައްތަހާ ބޮޑަށް ބައްޕަގެ މަތިން ހަނދާންވާނީ. ހިނގާބަލަ ފްރެންޑެއްގެ ގެއަށް........" ޒޯޔާ އެދުނެވެ.

"ނޫނޭ ޒޯ، އަހަރެން ބޭނުމީ އެކަނިވެލަން....." ރަނީން ދެލޯ މަރާލިއެވެ.

"ޕްލީޒް ނިންނި........" ޒޯޔާ ރަނީންގެ ފައިތިލައިގާ ހިފާފައި މަގަތަށް ދަމާލިއެވެ.

"ބުނެފީމެއްނު ނޫނެކޭ. އަޑެއް ނީވޭތަ؟ އަހަރެން ދާކަށް ބޭނުމެއްނޫން. ލީވް މީ އެލޯން........" ރަނީން ތަންކޮޅެއް ބާރަށް ބުނެލީ ރުޅިގަދަވެފައެވެ. ޒޯޔާ ކޮޓަރިއަށްވަން ގޮތަށް ބޭރަށް ދާން ތައްޔާރުވާން ފެށިއެވެ. ހެޔޮއެދިގެން ބުނެލީމަވެސް ރަނީން އެއުޅެގަތީ މީހަކު ފޫހިނުވާ ވައްތަރަކަށް ނޫނެވެ. ޒޯޔާ ފޫހިވެފައި ވިސްނާލިއެވެ. ނާޒްލީ ބޮލުގައި ރިއްސާތީ އޮށޯވެލައިގެން އޮވެފައި ކުދިން އުޅޭ ނޫޅޭގޮތް ބަލާލުމަށް ނުކުމެފައި ޒޯޔާއަށް ބޭރަށް ދިޔުން މަނާކުރިއެވެ. ރަނީންގެ ޙާލު ދެކެލާންވެސް އޭނަ ވަދެލިއެވެ. ރަނީން އޮތީ މޫނުގައި ބާލީސް އަޅާ ބާރުކޮށްލައިގެންނެވެ. ނާޒްލީ ވާހަކަދެއްކުމުން އަނގައިން ނުބުނެ އޮތަސް ރަނީން އޮތީ ނުނިދާކަން ނާޒްލީއަށް ޔަޤީންވިއެވެ. ރަނީންގެ ބޮލުގައި ފިރުމަފިރުމާފައި އޭނަ ވާހަކަ ދެއްކިއެވެ. ހިތްވަރުގަދަ ކުއްޖަކަށްވީތީ އުފާކުރާކަމުގައިވެސް ބުނެލިއެވެ.

ރަނީން ބުމަ ކައިރިކޮށްލިއެވެ. އެންމެން އޭނަ ހިތްވަރުގަދަ މީހަކަށް ހަދައިގެން އުޅެނީ ކީއްވެހެއްޔެވެ؟ އޭނަގެ ހިތް ފެންނަނީ ހެއްޔެވެ؟ އޭނަގެ ހިތަށް ކުރާ އަސަރު އެކަކަށްވެސް އިހުސާސް ނުކުރެވޭބާވައެވެ. ހަލާކުވެފައިވާ ހިތަށް އިތުރު ވޭނެއް ލިބުމަށްފަހު ދިރިހުރެވޭކަމާއިމެދުވެސް ހައިރާންވެއެވެ.

ބައްޕަގެ ވަކިވެ ދިޔުމަށްފަހު ދެތިން ދުވަސްވާންދެން ރަނީން ހުރީ ޝޮކެއްގައެވެ. ލޮލުން ކަރުނަ އައީ އެފަހުންނެވެ. ކިތަންމެވަރަކަށްވެސް އޭނަ ރުޔެވެ. މަހާނަ ކައިރިއަށް ގޮސްފާ ކަރުނަ އޮއްސިއެވެ. އޭނަގެ ބައްޕަ ކައިރިން މާފަށް އެދުނެވެ. ރަނީންއަށް ނާޒްލީފަދަ ގާތް މީހުން ހިތްވަރުދޭން ފެށުމުން ހަފްތާއެއްހާ ދުވަސްފަހުން ހަމަޔަކަށް އެޅި ސްކޫލަށް ދެވޭވަރުވިއެވެ. އޭރު އޯލެވެލް އިމްތިހާނު ވަނީ ބޯމަތިވެފައެވެ. ބައްޕަ ދުނިޔޭގައި ނެތަސް ބައްޕަގެ ފުރާނައަށްވެސް ހަމަޖެހުމެއް ލިބޭނީ އޭނަ ކިޔަވާ މޮޅުކުއްޖަކަށް ވެގެންކަން ދަނެގެން ރަނީން ކިޔެވުމަށް ވަގުތު ދިނެވެ. ހިތާމަތައް އެއްފަރާތްކޮށްލާފައި މިއަދު އޭނައަށް ބައްޕައަށްޓަކާ ކޮށްދެވެން އޮތްހާ ކަމަކީ ހެޔޮ ދުޢާކޮށްދިނުމެވެ. ބައްޕައަށް ސުވަރުގޭގެ މަތިވެރި ނަސީބު ދެއްވުމަށް އެދި ދެންނެވުމެވެ. އަދި ބައްޕަގެ ނަން ދަމަހައްޓަން މަސައްކަތްކުރުމެވެ.

ދާނަޝް މާލޭގެ ގިނަ މުއްސަދިންގެ ދަރިން އުޅޭހެން މަޖާކުރުމާއި ޕާޓީ ކުރުމުގައި އުޅޭއިރު މަރަކީ ކިހާ ކައިރީގައިވާކަމެއްކަން ހަނދާނެއް ނުހުރެއެވެ. އެމީހުންނަށް ހިތާމައަކީ ކޯންޗެއްކަން އިހުސާސް ކުރެވިފައެއްނެތެވެ. ބޭރަށް ގޮސްފިއްޔާ ނައިޓްކުލަބް ތަކުގައެވެ. ބައްޕަމެންގެ ރިޒޯޓްގައި ރާ ގެންގުޅޭތީ އެފަދަ ބުއިންތައް އެމީހުންނަށް ފޯރުކޮށްދޭ އެކުވެރިން އެތަންތާ އުޅެއެވެ. ދަރިންތައް އުޅޭގޮތް ބަލާލާނެ ވަގުތެއް ދާނަޝްގެ މައިންބަފައިންނަކަށް ނުވެއެވެ. ސުލްތާން އާއި ފައިރޫޒާގެ ދުނިޔެއަކީ ވިޔަފާރިއެވެ. ދަރިން ހޯދާފައި މެއިޑުންނާއި ހަވާލުކޮށްފައި އެކުދިން އުޅޭގޮތެއް ބަލާލާނެ ވަގުތެއް އެމީހުންނަކަށް ނުވެތިއްބާ ކުދިންވަނީ ބޮޑެތިވެ ޒުވާނުންނަށްވެފައެވެ. ފައިރޫޒާވެސް އަމިއްލަ ވިޔަފާރިއެއް ހިންގަންވެގެން ގަހަނާ ފިހާރައެއްގެ އިތުރުން ބިއުޓީ ސެލޫންއެއް ހުޅުވިއެވެ. މަސައްކަތް ހިންގަން އެހެން މީހުންނާއި ހަވާލުކޮށްފައިވިޔަސް ކޮންމެ ދުވަހަކު އެތަންތަނަށް ޒިޔާރަތްކޮށް ވިޔަފާރި ހިނގާގޮތް ދާދި ގާތުން ބަލައެވެ. ގެއަށް ވަދެވޭއިރު ހުންނަނީ ރޭގަނޑު އެގާރަ ޖަހާފައެވެ.

ދާނަޝް އީސިގްރެޓެއް ތުނބުގައި ޖަހާލައިގެން ހުރެ ބިލިއާޑް ކުޅެމުން ދިޔައިރު އިމާން ހުރީ ފާރަށް ލެނގިލައިގެން ވަރަށް ގަޔާވެފައި ބަލާށެވެ. އިމާން ދާނަޝްދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. އޭނަގެ ހިޔަނިފަދައިން ފަހަތުން އަޅުވާފައި ހުންނައިރު އަންހެންކުއްޖަކަށްވެސް އޭނަދެކެ އެހާ ލޯބިން އުޅެވޭނެ ކަމެއް ނޭގެއެވެ. އެދެމީހުން ރައްޓެހިވެގެން އުޅޭކަމަށް އަޑުއަރާފައި ބޮޑަށް އޮތީވެސް އިމާން ފޭސްބުކްގައި ހިތުގެ ޝުޢޫރުތައް ބަންޑުން ޖަހާލާފައިވާތީއެވެ. ދެމީހުން އެއްތާކު މަސައްކަތްކުރާއިރު އިރުއިރުކޮޅާ އޭނަގެ ކެބިންއަށްވަދެ އިމާން އިންނާނެއެވެ. ދެމީހުން މެޑިސިން ހަދައިގެން އައުމަށްފަހު ތަޖުރިބާ ހޯދަން ފެށިއިރު އިމާން މީހުންނާއި އެހާ އެކުވެރިގޮތެއް ނުހުރެއެވެ. އޭނަ އަންހެންކުއްޖެއްހާ ލަދުގަނެއެވެ. ދާނަޝްގެ ގާތްކަމާއި އެކުވެރިކަން އަދި ރައްކާތެރިކަން ބޭނުންވީ ސަބަބަކީވެސް އެއީއެވެ.

"ކީއްވެޔޯ އަދިވެސް އޭނަ ނައިސްގެން މިއުޅެނީ؟ އެކުއްޖަކު ދެކޭހިތުން މިހިރީ......" އިމަން ގަޑިއަށް ބަލާލިއެވެ.

"އެކަން ނުވެގެންނޯ...." ދާނަޝް ވަޅުތެރެއަށް ހުރިހާ ބޯޅައެއް ފޮނުވާލުމުން އިމާން ހިތާހިތުން ސާބަސްދިނެވެ. ދާނަޝްއަކީ އޭނަގެ ހީރޯއެވެ.

"ކީއްވެ ނުވާންވީ؟ އެކުއްޖާގެ ނަސީބާމެދު އަހަރެން ޖޭވެއްޖެ...." އިމާން ހިނގަނޑެއް ޖަހާލިއެވެ. ދާނަޝް ފާޑަކަށް ބަލައިލުމުން އޭނަ ހިމޭންވިއެވެ. އިމާން އޭނައާއި އަޅައިގެންފާ ހުންނަވަރު ދާނަޝްއަށް ނޭގެނީއެއް ނޫނެވެ. އިމާން ދޮންކޮށް ހިކިކޮށް ހުއްޓަސް ރަނޑުގޮތެއް ނުހުރެއެވެ. ޖިމަށް ދާން ފެށުމުން ކޮންމެވެސް ވަރަކަށް މަސްތައް ވަރުގަދަވާން ފެށިޔަސް ލަދުވެތިކަން ފިލައިގެނެއް ނުދެއެވެ. މީހަކު ދެވަފަހަރަށް ބަލާލިޔަސް އަންހެންކުއްޖެއްހެން މޫނު ރަތްވެދާނެއެވެ. އެކަމަކު މީހުން ޤަދަރުކުރާފަދަ ވަޒީފާއެއްގައި ހުރުމަކީ އޭނަގެ މަގުބޫލުކަން އަންހެންކުދިންގެ މެދުގައި އިތުރުވެފައިވާ އެއް ސަބަބެވެ.

"ރެންމެން އެބައުޅޭ މަތީގައި، ހިނގާބަލަ އެއްޗެއް ބޯލަން....." އިމާން އެދުނެވެ. އެވަގުތު ދާނަޝްގެ ފޯނު ރިންގްވާން ފެށުމުން ފޯނު ކަންފަތުގައި ޖައްސާލައިގެން އަޑުއަހަންހުރިއިރު ވަކި ޝުޢޫރުތަކެއް އެމޫނަކުން ނުފެނެއެވެ. އިމާން ކައިރިވެލާފައި ދާނަޝްގެ ކޮނޑަށް އަތް ވައްޓާލީ އެދައްކަނީ ކޮން ވާހަކައެއްކަން އެނގެން ވަރަށް ބޭނުންވެފައި ހުރެއެވެ. ދާނަޝްއާއި ހެދި އަންހެންކުދިން އުޅޭވަރު ފެނިފައި އިމާން ރުޅިއާދެއެވެ. ނަމަވެސް އޭނަ ދުވަހަކުވެސް އެކަމެއް ފާޅެއްނުކުރެއެވެ.

ދާނަޝްއަށް ޒޯޔާ ގުޅާފައި ދެއްކި ވާހަކަތަކުން އޭނަ ހައިރާންވިއެވެ. އެކުއްޖާ އެދުނީ އެގޭގައި އޭނަ ދުވަސްކޮޅަކަށް ހުރުމުގެ ހުއްދަ ދިނުމަށެވެ. މަންމަމެން އުޅެނީ ކޮއްކޮގެ ކެންސަރަށް ފަރުވާ ހޯދަންވެގެން ޓްރިވެންޑްރަމަށް ފުރާށެވެ. އެތަނަށް ދިޔައްޔާ އޭނަގެ ކޯސް މެދުކެނޑި އަހަރު ބޭކާރުވެދާނެއެވެ. ރަނީންގެ މާމަމެންގެ ޢާއިލާ މާލޭގައި އޮތުމުން ރަނީންގެ ކިޔެވުމަށް ބުރޫ އަރާނެ ގޮތެއްނެތެވެ. ހުރިހާ ދެރައެއްލިބޭނީ އޭނައަށް ކަމުގައި ޒޯޔާ ބުނެލިއެވެ. ޒޯޔާ އެދުނީ އޭނައަކީ ދާނަޝްގެ ލޯބިވެރިޔާކަމުގައި މަންމަމެން ކައިރީ ބުނެފައި އޭނައަށް އެގޭގައި ހުރުމުގެ ފުރުސަތު ދިނުމަށެވެ. ދާނަޝް ވަކި އެއްޗެކޭ ނުބުނެ ހުރުމުން ހިތްވަރު ލިބިފައި އާދޭސްކުރަންފެށިއެވެ. ރަނީން ހޯދަދޭނެކަމަށް ވަޢުދުވިއެވެ. ޒޯޔާ ބުނިގޮތުން އޭނަގެ މާމަމެންނާއި އޭނައާއި ލޭގެ ގޮތުން ގުޅުމެއްނެތެވެ. އޭނަގެ އާއިލާއަކީ ކޮންބަޔެއްކަމެއްވެސް ނޭގެއެވެ. އެމީހުން ހޯދުމަކީވެސް ޙަޔާތުގެ މަޤުސަދެކެވެ.

ދާނަޝް ވިސްނާލާފައި އެގެއަށް އައުމަށް އެންގިއެވެ. އެގޭގައި ގެސްޓްރޫމްތައް އެބަހުއްޓެވެ. ޒޯޔާ ހުންނަން ބޭނުމިއްޔާ ހުރީމަ ވީއެވެ. ނަމަވެސް އޭނައަށް ޒޯޔާގެ ޒިންމާއެއް ނުނެގޭނެއެވެ. އަދި ލޯބިވެރިޔާކަމަށް ހަދައިގެން އުޅެންވީޔޯވެސް ބުނެފިއެވެ. އެހެން އުޅެވޭނީ ކިހިނެއް ހެއްޔެވެ؟

ދާނަޝް އޭނަގެ މަންމައަށް ގުޅާފައި ހާލުގައި ޖެހިފައިވާ އަންހެންކުއްޖަކު މިގޭގައި ދުވަސްކޮޅަކަށް ބަހައްޓަން ބޭނުންވާކަމުގައި ބުނެލުމުން ފައިރޫޒާ ވަރަށް ސުވާލުކުރިއެވެ. ގެންގުޅޭ ކުއްޖެއްގެ ގޮތުގައި ހުރެވިދާނެކަމުގައި ފައިރޫޒާ އެންގިއެވެ. ދާނަޝް ކައިރީގައި ބުނީ އެއްގޮތަކަށްވެސް އެކުވެރިކަން އެހެން ގުޅުމަކަށް ބަދަލުނުކުރުމަށެވެ. ދާނަޝް ވަޢުދުވިއެވެ.

ދާނަޝް ލިފްޓުން ތިރިއަށް ފޭބިއިރު ޒޯޔާ ހުރީ ދޮރުމަތީގައެވެ. ގަޔަށް ބާރު ޓޮޕްކޮޅަކާއި ޖިންސެއްލައިގެން ހުއްޓަސް އިސްތަށިގަނޑު އޮތީ ސްކާފަކުން ނިވާކޮށްފައެވެ. ދާނަޝް ފެނުމާއިއެކު ޒޯޔާ ހުރިހާ ދަތްތައް ދައްކާލިގޮތަށް ތައުރީފުގެ ބަސްތައް އޮހެން ފެށިގޮތަށް އަނގަ ތެޅުން ހުއްޓައެއްނުލިއެވެ.

"ރީތި ގޮތެއް ހުއްޓަސް އަނގަގަދަކަމުން ބޮލަށް އުދަގޫވާގޮތްވޭ، ފްރެންޑެއްގެ ގޮތުގައި ގެންގުޅެވޭވަރެއްވެސް ނުވާނެ އެކަމަކު....ދެން ހާލުގައި ޖެހުނީމަ ހިޔާވަހިކަން ދެވިދާނެ...." ދާނަޝް ހިތާހިތުން ކިޔާލާފައި ގޭގައި ގެންގުޅޭ ނޯކަރަކަށް ގޮވާލާފައި ޒޯޔާގެ ދަބަސްތައް ކޮޓަރިއަކަށް ގެންގޮސްދޭން އެދުނެވެ. ޒޯޔާ އެތެރޭގައި ފައި އެޅިގޮތަށް ދެލޯ ތަރަތަރަޖަހައިގެން ދިޔައެވެ. މަގުން ދާއިރު އެ ޢިމާރާތް ފެނިފައި އޭނަ އަދި މިހާ ރީތިވާނެކަމަކަށް ހިޔެއްނުކުރެއެވެ. އެތެރެ ހާސްގުނަ ރީއްޗެވެ. އަރާމެވެ. އެންމެ އުޅޭހިތްވާ ފަދަ ހުވަފެނީ ގަނޑުވަރެކެވެ. އޮމާން މާބްލް ތަޅުމުން އޮފް އަރާވަރުން އޭނަގެ މޫނުވެސް ފެނެއެވެ. އޭނަގެ ޚިޔާލު ބަދަލުވެ ރަނީންގެ ބަދަލުގައި މިގޭގެ ރަނިކަން ބޭނުންވާން ފެށިއެވެ. ރަނީން ކުޑަކުއްޖަކަށް ވާއިރު ދާނަޝްއާއި އިނދެވޭނީ ކިހިނެއް ހެއްޔެވެ؟ އުމުރުގެ ގޮތުންވެސް ގުޅެނީ އޭނައާއެވެ. ދާނަޝްއާއި ރަނީން ގުޅުވަން އޭނަ ވިސްނިކަމާއިމެދު އަމިއްލަ ނަފުސަށް ލަޢުނަތް ދިނެވެ. އިޒްޔަންއާއި ރަނީން އިނީމަ ވީ ނޫންހެއްޔެވެ؟ އޭނައަށް ދާނަޝްގެ ގެ ފެނުމުން ދާނަޝްވެސް މުހިއްމު މީހަކަށް ވެއްޖެއެވެ.

"ތެންކިއު....." ޒޯޔާ މިފަހަރު ދާނަޝްއަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. އޭރު ދާނަޝް ދާން އެނބުރިލައިފިއެވެ.

"އެނީޓައިމް....." ދާނަޝް ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ހުރެ އެނބުރިފައި ބަލާލުމުން ޒޯޔާގެ ހިތް ތެޅިލިއެވެ.

ޒޯޔާއަށް ކޮޓަރިއެއް ލިބުމުން ފޮނިވެވުނެވެ. ރަނީން އޭނަ ބޭރަށް ލީއިރު ތަޤުދީރުގައި މިހާ ދީލަތި ވެދާނެކަމަށް ޚުދު އޭނަވެސް ހީކޮށްފައެއްނެތެވެ. ފަޅިސިކުންތުކޮޅެއްގެ ތެރޭގައި އިންސާނާގެ ޙަޔާތަށް ހީނުކުރާފަދަ ބަދަލެއް އަތުވެދާނެއެވެ. އޭނައާއި ދޭތެރޭގައި މިންވަރުކުރައްވާފައިވާ ގޮތް މިހިރީއެވެ. އޭނަގެ ނަސީބުގެ ތަރި މެދު އުޑުގައި ފިޔަޖަހަން ފެށިކަން ރަނީންއަށް އޭނަ އަންގާނެއެވެ. ރަނީންއަށް އެނގުމުން އެކުއްޖާ ހާދަ ދެރަވާނެއެވެ. ހާދަ ޙަސަދަވެރިވާނެއެވެ. ވިސްނާލުމަށްފަހު ޒޯޔާ ދައްކާނެ ވާހަކަ ހިތުތެރޭގައި ރާވާލުމަށްފަހު ރަނީންއަށް ގުޅާފައި ވަރަކަށް ފޮނި ކަނޑާލިއެވެ. ދެން ގުޅީ މަންމައަށެވެ.

"މަންމާ، އަހަރެން ދެން ގެއަކަށް ނުދާނަން، މަންމަމެން އަހަރެން ނުލާ އިންޑިއާއަށް ފުރާ......" ޒޯޔާ ކުޝަންއެއްގައި ބައްދާލަމުން ނަޒަރު ހުއްޓާލީ ސީލިންގައި ވާ ފިޔާތޮށިކުލައިގެ ޗާންދަލިޔާއަށެވެ. ކޮޓަރީގެ ކޮންމެ ފަރުނީޗަރަކާއި ޒީނަތްތެރިކޮށްފައިވާ ސާމާނުތައް ވަނީ ފިޔާތޮށްޓާއި ގުޅުވާފައެވެ. މިއީ ގެންގުޅޭކުއްޖެއްގެ ކޮޓަރިކަމުގައިވާނަމަ މިގޭ ވެރިންގެ ކޮޓަރިތައް ހުންނާނީ ހަތްތަރީގެ ފެންވަރުގައިތާއެވެ. ހެއްދެވިފަރާތުން މިއޮތީ މަގެއް ދައްކަވާފައެވެ. އޭނައަށް އޮތީ މަގު ކޮށައިގެން ކުރިއަށް ދިޔުމެވެ. ނަސީބާއިއެކު ބުރަމަސައްކަތް ކޮށްފިއްޔާ ކާމިޔާބުވާނެއޭ ބުނެވެނީ ދޮގެއްނޫނެވެ.

"ޒޯޔާ، މޮޔަވާހަކަ ނުދައްކާ، ކޮންތާކު ތިހިރީ؟ ޒޯޔާ ބަހައްޓާފައި އަހަންނެއް މިފަސްގަނޑަކުން ނުދާނަން. ހަމަ މިހާރު އަންނަން އުޅޭ........" ނާޒްލީ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"އަހަންނަށް އަހަރެންގެ ޢާއިލާ ފެނިއްޖެ، އެމީހުންގެ ކައިރީގައި މިހިރީ، ދެން ރަގަޅުވާނީ މަންމަމެން އަހަރެން ހޯދަން މަސައްކަތްނުކުރިއްޔާ، މަންމަމެން އަހަންނަށް ކޮށްދިނީ ކޮންކަމެއްތަ؟ މަންމަގެ ދަރިފުޅަށްޓަކާ ދިގު އިންތިޒާރެއް ކުރީމަވެސް އޭނައަށް މަޖުބޫރުކުރާކަށް ނުކެރުނު، މަންމަ އިޒްޔަންއާއި ރަނީން ކައިވެނިކުރުވަންވެސް އެހާވަރުން އުޅުނުއިރު އަހަރެން ކައިރީގައި ހުރި މީހާ މަންމައަކަށް ނުފެނުނު، ވަރަށް ދެރަވި، ވަރަށް ހިތުގައި ޖެހުނު، އަހަރެންގެ މައިންބަފައިންގެ އަސްލު ފޮރުވައިގެން މަންމަމެން ތިބީ، އިންޑިއާއަށް ދާހިތްނުވެއޭ ބުނީމަވެސް ވީ ގަދަކަމުން ގެންދަން، އަންޑަސްޓޭންޑެއް ނުވި، ތިމާގެ މީހެއްގެ ކައިރީގައި ބަހައްޓާފައިވެސް ދެވެން އޮތް، އެކަމަކު އަހަރެންގެ އުފާތައް މުހިއްމުވަނީ ކާކަށްތަ؟ އެންމެންގެ ސެލްފިޝްކަމުން އަހަންނަށް އެއްވެސް އުފަލެއް ނުލިބި ޢުމުރު ނިމިގެން ދިޔައީ، މީހަކާއި އިންނަން ޖެހޭ ޢުމުރު ފާއިތުވެ ދިޔައިރުވެސް އަހަންނަށް އެނަސީބެއް ނުލިބުނު. މަންމަމެން އަހަރެންގެ މަތިން ހަނދާން ނައްތާލާ. އަހަންނަކީ މިހާރު ތި ޢާއިލާ މީހެއްނޫން........." ޒޯޔާ އެއް ނޭވާއިން ހިތުގެ އުދާސްތައް ބޭރުކޮށްލާފައި ފޯނު ކަނޑާލިއެވެ.

ނާޒްލީ ހުރީ ޝޮކެއްގައެވެ. ޒޯޔާގެ ހިތް އެހާ ނުބައިވެދާނެކަމަށް އޭނަ ފަހަރެއްގައިވެސް ހީކޮށްފައެއްނެތެވެ. މާމަ އެހާވަރުން ގެންގުޅުނު ކުއްޖާ މާމަ އެންމެ އަޅާލުމާއި ލޯތްބަށް ބޭނުންވީ ދުވަހު ދޫކޮށްލާފައި އެދިޔައީއެވެ. އޭނަ މަންމަގެ އިތުރުން އެމާ ބަލާއިރު ޒޯޔާ ހުރިނަމަ ތަންކޮޅެއް ފަސޭހަވީއެވެ. މާމަ އަބަދުހެން ޒޯޔާގެ ނަމުން ގޮވާ އެހާވަރުން އުޅޭކަން އެންމެ ރަގަޅަށް އެނގޭނީ ހަމަ ޒޯޔާއަށެވެ. އެކުއްޖާއަށްވުރެ ރަނީން މާ ރަގަޅެވެ. ރަނީން އެހެރީ ނާޒްލީއާއިއެކު އިންޑިއާއަށް ދާން އެއްބަސްވެގެން ދަތުރު ހަދާށެވެ. އޯލެވެލް ހަދަން ފައިސާ ދައްކާފައި އޮތްވާ އިމްތިހާނުވެސް ނަހަދާ އޭނަ އެހެރީ ފުރާށެވެ. އިންޑިއާއަށް ގޮސްފައި ކިޔެވުން ކުރިއަށް ގެންދާން ރަނީން މާ ބޭނުމެވެ. މާލޭގައި ހުރުމުން ބައްޕަގެ ހަނދާންވާލެއް ބޮޑުވެ ދެލޮލުން ކަރުނަ ހިކެނީއެއް ނޫނެވެ. ނާޒްލީ ކައިރީގައި "ދަރިފުޅު ބަލާދެއްޗޭ" ބައްޕަ ބުނިކަމުގެ ހައްގުގައި ރަނީން އަމިއްލަ ނަފުސަށް ވަޢުދުވެފައިވަނީ ކޮންމެ ޙާލެއްގައިވެސް ނާޒްލީ ކައިރީގައި ހުރުމަށެވެ.

ޒޯޔާދެކެ ފޫހިވާގޮތް ވިޔަސް ނާޒްލީއަށް ކެތްނުވެގެން ގުޅީ ޒޯޔާއަށް ވިސްނާދިނުމަށެވެ. ޒޯޔާގެ ފޯނު އޮތީ ނިވާލާފައެވެ. އެފަހުންވެސް އުއްމީދާއިއެކު ނާޒްލީ ކިތަންމެ ވަރަކަށްވެސް މަސައްކަތްކުރިއެވެ. ގުޅުނު ޢަދަދެއްވެސް ނޭގެއެވެ. ޒޯޔާގެ ޚަބަރެއްނުވިއެވެ. ނާޒްލީ ރަނީން ކައިރީގައި އެދުނީ އެފްބީއިން ނޫނީ ވައިބަރ އިންވެސް ވާހަކަ ދައްކާފައި ޒޯޔާއަށް ވިސްނާދިނުމަށެވެ. ރަނީންއަށް ސިހުމެއް ލިބުނީ ޒޯޔާ އެފްބީ ޑީ އެކްޓިވޭޓްކޮށްފައި ހުރިކަން އެނގިފައެވެ. ދޮންމަންމަ އެހާވަރުން އުޅެންވީ ކީއްވެހެއްޔެވެ؟ ޒޯޔާގެ ހަޤީގީ ޢާއިލާ ލިބުނީމަ އޭނަ ދިޔައީ ނޫންހެއްޔެވެ؟ ޒޯޔާ ކަންތައްކުރީ ރަގަޅަކަށް ނޫނެވެ. ޢާއިލާއާއި ދިމާވިޔަސް ކުޑައިރުއްސުރެން ގެންގުޅުނު މީހުން ދޫކޮށްލާފައި އެހެން ދިޔުމަކީ އިންސާފެއް ނޫނެވެ.

ރަނީން ފުރަން ތައްޔާރުވިއިރު އޭނަ އިޒްޔަންގެ ފަރާތުން ލިބިފައި ހުރި ތަކެތި ގެންދަން ޚާއްސަ ސަމާލުކަމެއް ދިނެވެ. އެއެއްޗެހި ފެނުމުން އޭނަގެ ލޮލުން ކަރުނަ އޮހިގަތެވެ. ތިމާގެ ބަދު ނަސީބާއިމެދު ހިތާމަކުރިއެވެ. ބައްޕައާއި މަންމަވެސް އޭނަ ދޫކޮށްފައި ދިޔައީއެވެ. ލޯބިވެރިޔާވެސް ގެއްލުނީއެވެ. އޭނަގެ ސުންޕާކަން ހަމަ ބޮޑީހެއްޔެވެ؟ ޒޯޔާއާއިމެދު ވެސް ކަންތައް ކުރެވުނީ އެންމެ ރަގަޅަކަށް ނޫނެވެ. ޒޯޔާވެސް އެދިޔައީ އޭނަގެ ސަބަބުންނެވެ.

"ގުޑްލަކް ޒޯ، އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ......" ރަނީންގެ ހިތް ޒޯޔާއަށް މުޅިން ސާފެވެ.

ޒޯޔާ ގެންގޮސް ފައިރޫޒާ އަމުރުކުރަން ފެށުމުން ޒޯޔާ ހުރީ ކުޑަވެފައެވެ. އޭނަ މިހާ ދަށުދަރަޖައަކަށް ވައްޓާލާނެކަމަކަށް ޒޯޔާ ހިޔެއްނުކުރެއެވެ. ދާނަޝްވެސް އެހާ ކައިރިވާކަށް ނޫޅެއެވެ. އަވަދިނެތޭ ކިޔާފައި ފޯނުން ޖަވާބު ދެނީއެއް ނޫނެވެ. އޭނަ ތެޅިތެޅިވާހިތަކާއިއެކު އިންތިޒާރުކުރީ ދާނަޝް ކައިރީގައި ޝަކުވާކޮށްގެން މިއަށްވުރެ ރަގަޅުގޮތެއް ހޯދިނުމަށެވެ. ފައިރޫޒާ އެދުނީ ލައިބްރަރީގެ ފޮތްތައް ރީތިކޮށް އަތުރާފައި އެހެން ކޮޓަރިތައްވެސް ރީތިކުރުމަށެވެ. މާވަށިތަކުގައި މާ ޖަހާ އަދި ތަންތަން ފޮހުމަށާއި ދާވެފައިވާ ހެދުންތައް ދޮވުމަށެވެ. މިގެއިން ރޫމްބޯއިއެއްގެ މަޤާމު ދިންތަން ފެނިފައި ޒޯޔާގެ ހިތަށް ދަތިކަމެއް ލިބުނެވެ.

"ޒޯ ކެތްކުރޭ، މިގޮތުންވެސް މެޑަމްގެ ހިތް އަތުލެވިއްޖެއްޔާ ދާނަޝް ހާސިލުކުރެވިދާނެ، ނޯކަރުކަން ނުކޮށް އުފާވެރި ޢާއިލާއަކާއިއެކު އުޅެވެން އޮތް، އެކަމަކު އަހަރެން މިއައީ ހުރިހާ އެއްޗެއް ދޫކޮށްލާފައި ދާނަޝްއަށްޓަކާކަން އޭނަ ކައިރީގައި ބުނާނީ، މިހާރު އަޒުމަކީ ކޮންމެ ހާލެއްގައިވެސް ދާނަޝް އަތުލުން، ޕްލީޒް ގޯޑް، ހެލްޕް މީ، އައި ބެގް ޔޫ........" ވަށައިގެން ފެންނަ ކުލަރީތި މާހައުލުގެ ސަބަބުން ޒޯޔާގެ ހިތް މޮޔަވާން ފެށިއެވެ. އެރީތި މުއްސަދި ދިރިއުޅުމަށްޓަކާ ހިތް މޮޔަވާވަރުވިއެވެ. ފައިރޫޒާގެ ރީތިކަމާއި ލައިގެން ހުންނަ އަގު ބޮޑު ހެދުމާއި ގަހަނާތައް އަދި މީރުވަހުން ޒޯޔާ ހުރީ ތަލިން ކުޅު ހިކިފައެވެ. އޭނަ ދެރަވަނީ ދާނަޝް ފާޑަކަށް ވަޢުދުވެފައި އޭނަ ލޯބިވެރިޔާކަމަށް ނަހަދާ ގެންގުޅޭ ކުއްޖެއްގެ ގޮތުގައި މަންމަމެންނަށް ދެއްކީމައެވެ. ދާނަޝް ހާދަ ނުލަފައެވެ. އެހެން ހަދަންވާނެހެއްޔެވެ؟ ދާނަޝް އެހެރީ ރަނީންގެ އިންތިޒާރުގައި ބާވައެވެ. އޭނަ ރަނީން ނުގެނެސްދިނީމަ އެކަމުގެ އުޤޫބާތް ދައްކަނީ ނޫންބާވައެވެ.

ޒޯޔާ ހިނިތުންވެލައިގެން ހުރެ ފައިރޫޒާއަށް ލައްބަ ކިޔާލަ ކިޔާލާހުރީ ބަސްއަހާ ކިޔަމަންތެރި އަންހެންކުއްޖަކަށް ވެގެންނެވެ. ކުރިން އުޅުނު ކަންނެތް ދިރިއުޅުމުގެ ސަބަބުން މިހާ ބޮޑު ޒިންމާއެއް ނެގުން އުދަގޫވާނެކަމަކަށް ހިތަށް ނާރައެވެ. އޭނަ ދުވާލު ހަތަރުދަމު އުޅެން ޖެހުނީ އަވަދިނެތިއެވެ. ފައިރޫޒާ އެދުވަހު ގެއިން ބޭރަށް ނުދާ ދުވަހެއްވީމަ ގޭގައި ހުރެގެން އެކި ނޯކަރުންނަށް އެކި މަސައްކަތް ދައްކާތަން ފެނެއެވެ. ކައްކަން ވެސް އައީ ޔުނިފޯމް އަޅައިގެން ހުރި ޝެފެކެވެ. މުއްސަދި ދިރިއުޅުމަކަށްޓަކާ ހައްތާ ދަހިވާގޮތްވިއެވެ. ހިތުން ކުރެވޭ އެކަނި ދުޢާއަކީ ދާނަޝް ލިބުމެވެ. ދާނަޝްގެ އަންބަކަށް ވުމެވެ. ނަމާދުކޮށްލައިގެން ސަޖިދައިގާ އޮވެވެސް ކަރުނަ އޮއްސާފައި އޭނަ އެދުނީ އެކަމަށެވެ. ދުނިޔެއިން އެނޫން އެއްވެސް ކަމެއް ބޭނުންނުވާކަމަށާއި އޭނައަށް ކާމިޔާބު ދެއްވަން އެދި އާދޭސް ދެންނެވިއެވެ.

ޒޯޔާ ކޮޓަރިއަށްވަދެފައި ފޮތްތައް ނަގައިގެން އިނދެލާފައި ދާނަޝް ދީފައި ހުރި ނޫޓްތައް ގުނާލިއެވެ. އެއްހާސް ޑޮލަރަކީ އެމާގެ ކެންސަރަށް ފަރުވާ ހޯދަންކަމަށް ބުނެ އޭނަ ދާނަޝް އަތުން އަތުލި ނޫޓެވެ. ހާދަ ބައިވަރެކެވެ. އޭނަ ގެއެއްގެ ނޯކިރީކަމުގައި ހުރިއިރު ފައިސާ ބޭނުންވާނެއެވެ. ކޮލެޖް ފީވެސް ދައްކަންވާނެއެވެ. މަންމަމެން އިންޑިއާއަށް ދާނީ އެމާއަށް ބޭސްފަރުވާކުރެވޭވަރަށް ފައިސާ ހުރީމަތާއެވެ. އެއިން ބަޔެއްދޭން ކުރި ޚިޔާލުވެސް އެއްފަރާތްކޮށްލާފައި ގަންނަންވީ އެއްޗަކާއިމެދު ޒޯޔާ ވިސްނަންފެށިއެވެ. އަގުބޮޑު ފޯނެއް ބޭނުމެވެ. ފައިރޫޒާގެ ގައިގާހުރި ވިދާ ޖަވާހިރުތައްވެސް ހާދަ ނަލައެވެ. ވިދާ ބަބުޅައެވެ. ފައިރޫޒާގެ ރީތިކަމާއި ޒުވާންކަމާއިމެދު ވިސްނުމުން އެއީވެސް ފައިސާގެ ބާރުގައި ލިބިފައިވާ ރީތިކަމެއް ބާވައޭ ހިތަށް އެރިއެވެ. ސެލޫނަކުން ނުވާނެކަމެއް މިހާރު އޮވޭހެއްޔެވެ؟ އޭނަވެސް މުޅި ހަށިގަނޑު ވެކްސްކުރުވަން ބޭނުމެވެ. ޑައިމަންޑް ޕީލް ހަދާލުމުން ހާދަ އޮމާންވާނެއެވެ.

ދާނަޝް ކައިރީގައި ކޮއްކޮގެ ވާހަކަ ދައްކާފައި އިތުރަށް ފައިސާ ހޯދާނީއެވެ. އޭނަ މުއްސަދިވެއްޖެއްޔާ އެމާއަށް އުފާވެރި ދިރިއުޅުމެއް ހޯދަދެވިދާނެއެވެ. މާމައަށްވެސް އެހީތެރިވެވޭނެއެވެ. ނޫނީ އެމީހުން އެއުޅެނީ ކޮން ހާލެއްގައި ހެއްޔެވެ؟ އެއީ ދެން ދިރިއުޅުމެއްހެއްޔެވެ؟ ދުނިޔޭގެ އެއްވެސް އުފަލެއް ހިތްހަމަޖެހުމެއް ނުލިބެއެވެ.

ޒޯޔާ ހެނދުނު ތެދުވެފައި ފައި ބިންމަތީގައި ޖައްސާލުމުން ހީކަރުވައިގަންނަ ގޮތްވިއެވެ. ސިކުނޑިއާއި ހަމަޔަށްވެސް ފިނިކަން ދަތުރުކުރިހެން ހީވިއެވެ. މިއޮވެވުނު ތަނާއިމެދު ވިސްނާލާފައި އުފާވެރިކަން ހިތުގައި އުތުރިއަރައިގަތީ މާވަރަކަށެވެ. އޭނަ ކުރިން އުޅުނު ފޫހި ދިރިއުޅުން ފަހަތަށް ދޫކޮށްފައި ގަނޑުވަރެއްގައި އުޅެންފެށުނީއެވެ.

"ތޭންކް ގޯޑް. އައިމް ސޯ ލަކީ މިގޭގައި އުޅެން ލިބުނީމަ. ދެރައީ އަދިވެސް ތަންކޮޅެއް ފަހަތުގައި އުޅެވޭތީ، ގޮޓް ކާރލީ ހެއަރ އެކަމަކު ސްކިން.....ޑޭމިޓް....ޖެނެޓިކްގެ ދީލަތިކަމެއް ނުލިބުނު....." ޒޯޔާ ތައްޔާރުވާން ހުރިއިރު މޫނުން ކުދި ބިއްސެއް ފެނުނީމަވެސް ފޫހިވިއެވެ. ޕީސީއޯއެސް ގެ މައްސަލައިގެ ސަބަބުން ބަރުދަން އިތުރުވެ މޫނާއި ގައިގެ އިސްތަށިތައް ގިނަވާންފަށައިފިއެވެ. ދާނަޝްގެ ހިތް އަތުލާން އޭނަ ޒީނަތްތެރިވާން ޖެހޭނީ ވެވުނު އެންމެ ބޮޑަށެވެ. ނޫނީ މާލޭގައި އުޅޭ ރީތި އަންހެންކުދިންތައް އޭނަގެ ހިތް ހަލާކުކޮށްލާފައި ދާނަޝް މިލްކުކޮށްފާނެއެވެ. އެހެން ހިތަށް އަރާފައިވެސް ޒޯޔާގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ދަތުރުކުރިއެވެ. ޒޯޔާ ލޯގަނޑު ކުރިމަތީގައި ގޮތްގޮތަށް އެނބުރިފައި ބެލިއެވެ. އޭނައަކީ ހުތުރުކުއްޖެއް ނޫނެވެ. ދާނަޝްގެ ހިތް އަތުނުލެވެންވީ ސަބަބެއް ނެތެވެ.

މެދުގޯތްޗަށް ނުކުމެވުމުން ތާޒާ ރޯފަތުގެ މީރުވަސް ނޭފަތުގައި ހިފާލިއެވެ. އިރުގެ ރަންއަލިތައް ގަސްތަކުގައި ބީހިލަމުން މަޑު ހޫނުކަމެއް މާހައުލަށް ގެނެސްދީފައިވާއިރު ލިބުނު ހިތްހަމަޖެހުން ބަޔާންކޮށްދޭކަށްވެސް ނޭގުނެވެ. އެތެރެއަށް ވަންއިރު ފެނުނީ އަދި އެއަށްވުރެ ހިތްގައިމު މަންޒަރެކެވެ. ހިތުގައި ބީހިލިއެވެ. ދާނަޝް މަޑުނޫކުލައިގެ ގަމީހަކާއި ކަޅު ފަޓްލޫނެއް ލައިގެން ޓައީ އަޅައިގެން ހުރިއިރު ފިރިހެންވަންތަކަމުގެ ނަމޫނާއެކެވެ. ދާނަޝްގެ މަންމަ ނިކަން ލޯބިން ޓައީ ރީތިކޮށްލަދިންއިރު ހުރީ ނިކަން ހެވިލާފައެވެ. ދާނަޝްގެ ދޮންތަ ޓޮޕްކޮޅެއް ލައިގެން ހުރިއިރު ބަނޑު ބޮޑުކަމުން ވިހަން ކައިރިވެފައިވާކަން ޒޯޔާއަށް އެނގުނެވެ. މަންމަފަދައިން ރީތިކަމުގެ މިސާލެކެވެ. ދާނަޝް ދޮންތަގެ ބަނޑުގައި ފިރުމާލަމުން ކޮންމެވެސް ކަހަލަ ސަމާސާއެއްކޮށްލިއެވެ. އެ މަޤާމުގައި އޭނައަށް ހުރެވޭނެނަމައެވެ.

"ވާއު...ކިހާ ކިއުޓްކޮށް އެ ފެމިލީ އެއުޅެނީ.. ފެނުނު ފެނުނުހެން ދާނަޝްގެ ފިރިހެންވަންތަކަން އިތުރުވަނީ. އަހަންނަށް ލިބޭނެނަމަ....." ޒޯޔާގެ ހިތް މަޤާމުން ފުންމާލިއެވެ. އޭނަގެ ހަނދާނަށް އައީ ރަނީންއެވެ. ރަނީން އިޒްޔަންވެސް އޭނަގެ އަތުން ޖަހައިގަންނަން އުޅުނެވެ. ދާނަޝްވެސް ބޭނުންވެގެން އެއުޅެނީ ރަނީންއެވެ. އެކުއްޖާގެ ނަސީބު ހާދަ ރަގަޅެވެ. އޭނަގެ ނެތީ ކޮންކަމެއް ހެއްޔެވެ؟ ރަނީން ހިކިކޮށް ހުއްޓަސް ފިރިހެނުން ގަޔާވާގޮތެއް ހުރީބާވައެވެ. ނޫނެކެވެ. އޭނަ ދާނަޝްގެ ހިތް އަތުލަން މަސައްކަތްކުރާނެއެވެ. ދާނަޝްއަކީ އޭނަގެ މިލްކެކެވެ. އޭނަގެ އެކަނި ހައްޤެކެވެ.

ފައިރޫޒާ ކަމަކު ކިޔާފާނެތީ ހާސްވެފައި ހުރެ ޒޯޔާ އަވަހަށް ނިވާވެލިއިރުވެސް އޭނަގެ ހިތް ހަމަޔަކަށް ނޭޅެއެވެ. ޖެހިގެން ހުރީ އޭނަގެ އެކުވެރިޔާގެ ގެއެވެ. އޭނަ ބުނާގޮތުން ވިއްޔާ އޭނަގެ ކޮޓަރީގައި ހުންނައިރު ދާނަޝް އާއި އިމަން ބެލްކަނީގައި ތިބެގެން ޖަހާ ސަކަރާތްގަނޑު ފެނެއެވެ. އެއީ ކޮން ސަކަރާތެއް ހެއްޔެވެ؟ ޒޯޔާގެ ޚިޔާލީ ލޯގަނޑަށް އެރީ ދާނިޝްއާއި އިމާން ބައްދާލައިގެން ތިއްބައެވެ.

"އައްޗީ......ނުވާނެ އެހެނެއް. ދާނަޝްގެ ފިރިހެންވަންތަކަމަށްވެސް އަރާ ހުތުރެއް. އެއީ ރަނޑުމީހެއް ނޫން. އަގު ވައްޓާލަން މީހުން ކިޔާ އެއްޗެހި، ނީރާވެސް ދޮގުހަދަނީކަމަށްވާނީ، އިމާން މޮޔަވެގެން ލޯބިވާ ވާހަކަ ބުންޏަސް އަދި އެއީ ކޮންމެހެން އެދެމީހުން ބިޓުންނަށްވީކީ އެއްނޫން......" ޒޯޔާ ހިތާހިތުން ކިޔާލިއެވެ. ދާނަޝް އެހާ ނުބައި މީހަކަށް ވެދާނެކަމަކަށް އޭނަ ގަބޫލެއް ނުކުރާނެއެވެ.

ފައިރޫޒާ ދިޔަ ފަހުން ޒޯޔާ ސިއްރުން އެކުވެރިޔާ ނީރާ ގެ ގެއަށް ދިޔައެވެ. ނީރާގެ ފަރާތުން އިތުރު މަޢުލޫމާތުކޮޅެއް ލިބުނެވެ. ސުލްތާންގެ ގެއާއި ޖެހިގެން ހުންނަނީ އޭނަގެ ކޮއްކޮ މަންސޫރުގެ ގެއެވެ. އެދެ އިމާރާތް ހުންނަނީ އެއް ގޯތްޗެއްގެ ތެރޭގައެވެ. އެގޭގައި އުޅޭ ލިވާންއަކީ ވެސް ރީތި ފިރިހެންކުއްޖެއްކަމަށާއި އެކަމަކު މިހާރު ހުންނަނީ ބޭރު ގައުމެއްގައި ކިޔަވަންގޮސްފައި ކަމުގައި ނީރާ ބުނެލިއެވެ. މަންސޫރުގެ ދަރިފުޅު މީރާ ގޮސް ކާރަށް އެރިތަން ފެނިފައި ޒޯޔާ ސިހުނެވެ. އެކުއްޖާ ހުރީ ކަޅު މިޑީއެއްގައެވެ. ހެދުމުގެ އަތް ލޭސްފޮތިން ފަހާފައި ހުރުމުން އަތުގެ މުލައްދަނޑި ހާމަޔަށް ފެންނަން ހުއްޓެވެ. ފަޔާއި އަތް އޮމާންކަމުން ވިދައެވެ. އެފަދަ ޢާއިލާއަކާއި އެކަށީގެންނުވެއޭ ހިތަށް އަރާފައިވެސް ޒޯޔާ އެބަސް ހިތުން ނެރެ އެއްލާލައިފިއެވެ. ކާމިޔާބުވާނީ ޕޮޒިޓިވް މީހުންނަށެވެ. އޭނަ މިހިރީ އެކީގައި އުޅުނު މީހުންތައް ދޫކޮށްލާފައި އުފާތައް ހޯދަން ނުކުމެފައެވެ. އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހޭނެއެވެ. ބުރުގާ ނަގަން ޖެހުނަސް އެކަންވެސް އޭނަ ކުރާނެއެވެ. އޭނަ ދެކޭގޮތުން އޭނަގެ އެންމެ ރީތި ސިފައަކީ އިސްތަށިގަނޑެވެ. ގޭތެރޭގައި ބުރުގާ ނާޅާ އުޅުނަސް އެންމެ ރަގަޅުވާނެތާއެވެ. ޒޯޔާ ބެލްކަންޏާއި ދިމާލަށް ހުވަފެނީ ގޮތަކަށް ބަލަހައްޓައިގެން އިންދާ ނީރާ ވިކައިގަތެވެ.

ރަނީން ކޮޓަރިން ނުކުތްއިރު އެމާ ސަކަރާތް ޖަހަޖަހާފައި ނޭވާލާން އުދަގޫވެގެން ސޯފާއަށް އަރާފައި ކާޓޫނު ބަލަން އިނެވެ. އޭރު ނާޒްލީވީ މާމަ ފެންވަރުވަން ފާޚާނާގައެވެ.

"ބްރެތްލްސްވެފައި ދޯ، އެހާ ސަކަރާތް ނުޖަހަބަލަ އެމީ ޕްލީޒް، ޔޫ އާރ ސިކް....." ރަނީން އެމާގެ އިސްތަށިގަނޑުގައި ފިރުމާލާފައި އޯގާތެރިގޮތަކަށް ބުނެލިއެވެ. އެމާއަށް ކެންސަރު ޖެހިގެން އުޅޭކަން އެނގުނުފަހުން ރަނީން އެމާއަށް ޚާއްސަގޮތެއް ބަހައްޓައެވެ. އިޒްޔަންގެ ކޮއްކޮއަށް ވީ ކަމަށްޓަކާވެސް މެއެވެ. އިޒްޔަން ވަކިވެގެން ދިޔަފަހުން ދެރަވެގެން އުޅުނަސް އެމާ މިހާރު އުޅެނީ ތަންކޮޅެއް މަޖާވެލާފައެވެ. ކުޑަކުއްޖެއްގެ އުޅުމެވެ.

ކޮންމެވެސް މީހަކު ދޮރުގައި ޓަކި ދިނުމުން ރަނީންގެ ހިތް ތެޅިގަތީ ވަކިގޮތެއް ބަލާފައެއް ނޫނެވެ.

ކޮމެންޓް 0