އިޒްޔަން ކާރު ޕާކްކޮށްލާފައި ގެއަށް ވަންނާން އައިއިރު ދޮރުމަތީގައި އިތުރު ފައިވާނެއް ހުރިތަން ފެނިފާ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. މިގަޑީގައި ނަތާލީވާނީ އޮފީހުގައިކަމަށް އޭނަ ހީކުރިއެވެ. އޭނަގެއަށް މިހާ ނުވަގުތެއްގައި އައީވެސް ބޮލުގައި ރިއްސާވަރުން ކުޅަދާނަ ނުވެގެންނެވެ. އައިއިރު މިފެންނަން އުޅެނީ ކޮންތައްގަނޑެއް ހެއްޔެވެ؟ އިޒްޔަން ދޮރުގެ ތަޅު ހުޅުވާލާފައި މަޑުމަޑުން ދޮރު ހުޅުވާލިއިރު ނަތާލީ ރުޅިގަދަވެފައި އެއްޗެކޭ ބުނެލިއަޑު އިވުމުން އިޒްޔަން ހިމޭންވިއެވެ.

"އަހަރެން ބުނެފީމެއްނު މިގެއަށް ނުވަންނާށޭ، އިޒްއަށް އެނގިއްޖެނަމަ ހީކުރާނީ ކީކޭތަ؟ " ނަތާލީ ރުންކުރުވެފައިވާ ގޮތަކަށް ބުނެލި އަޑު އިވުނެވެ.

"އަހަރެން މިއައީ އޭސީ ހަލާކުވެފައި ހުރީމަ ހަދަން، ހާދަ ލޯޔަލްއޭ ދޯ، ތިވަރަށް މައްސަލަ ޖައްސަނީ ފިރިސޮރު ނެތް އިރެއްގައި މި މަސައްކަތަކުރަން އާދެވުނީމަތާ.......ސޮރީ....." އެމީހަކު ބުނެލިއެވެ. އިޒްޔަން ބޯ ހޫރާލިއެވެ. އެހާވަރަށް އަންހެނުންނާއިމެދު ޝައްކުރުމަކީ ރަގަޅުކަމެއް ނޫނެވެ. އޭނަ މަޑުކޮށްނުލާ އަވަހަށް ސިޑިން އަރައިގެން ދިޔައީ ނަތާލީގެ ޖަވާބު އަޑުއެހުމެއް ނެތިއެވެ. އަޑު އެހިނަމަ އެމީހާ ގަސްތުގައި ވާހަކައެއް ހަދާލީކަން އިޒްޔަންއަށް އެނގުނީހެވެ.

"ވަޓް؟ އޭސީ އޭ.....މިހާރު މައުޟޫ ބަދަލުކޮށްލީ ކީއްވެތަ؟ އަޔާއަކީ ކާކުކަން އަހަންނަށްވެސް ނޭގޭ ހިސާބަށް މިދަނީ.. "ނަތާލީ ހައިރާންވިއެވެ.

"މި އަންހެން ވެރިން ނިކަން މޮޔަވާނެ، އަހަރެމެންގެ ކަންފަތް އަބަދު ހުންނާނީ ހުޅުވިފައި، ފަތެއް ހިރިލިޔަސް ނޭގި ނުދާނެ، އަހަންނަށް އިޒްޔަން އަންނަކަން އެނގުނީމަ އޮޅުވާލަންވެގެން އެގޮތަށް ވާހަކަދެއްކީ. އޭސީއޭ ކިޔައިގެން ވާހަކަ ނުދެއްކިނަމަ ބަލަ އޭނަ މަށާއިމެދު ކިހާ ޝައްކެއް ކުރާނެ، އެއި ގަމާރެއްނޫން، ޕްރޮފެސަރެއް، ވިސްނުން ތޫނުވާނެ، އަހަރެން އެހެންބުނީމަ އިޒްޔަން ސިޑިން އަރައިގެން އެދިޔައީ. ސްޓުޕިޑް....." އެމީހާ މަލާމާތުގެ ފާޑަކަށް ހީލިއެވެ.

"އެކަމަކު...... ހެޔޮނުވާނެ ދެން ވެސް މިތަނުން ދާން އުޅޭ. އަހަންނަށް އިތުރު ހިތާމަތަކެއް އުފުލަން ނުޖައްސާ........." ނަތާލީ އާދޭސްކުރަން ފެށިއެވެ.

"ނޫން.....އަހަރެން ދާނީ މަސައްކަތްކޮށްލާފައި...." އެމީހާ ހަރުގަނޑެއް ގެނެސް އޭސީ ނައްޓަން ފެށުމުން ނަތާލީ ކުޑަކޮށް ހަމަޔަކަށް އެޅުނެވެ. އިޒްޔަން އަހައިފިއްޔާ އެއީ އޭސީ ފިނިނުވާތީ ބަލައިލަން ގެނައި މީހެކޭ ބުނެވިދާނެއެވެ. ބައެއްފަހަރު މި އަޔާޒަކީ އޭނަ ނުރައްކާތަކުން ސަލާމަތްކޮށްދޭ މީހާ ކަމުގައި ގަބޫލުކުރެވެނީ އެހެންވެއެވެ. ޙަޤީގަތުގައި އަޔާޒުގެ އިޙުސާންތެރިކަން ވަރަށް ބޮޑެވެ. ދެރައީ އޭނަވެސް އަމިއްލަ އެދުމުން ފޯވެފައިވާކަމެވެ. އެދުމެއްނެތި ވެދުމެއް ނުކުރާނެއޭ ބުނާ އުސޫލުން އަޔާޒު ކޮށްދޭ ކަންތައްތަކުގެ ބަދަލުގައި އޭނަ ބޭނުންވަނީ ނަތާލީއަށް ފަސޭހައިން ދެވޭފަދަ އަގެއް ނޫނެވެ. ދުވަހަކަށްވުރެ ދުވަހެއް އަގު އުފުލި އޭނައާއި ނުކުޅަދާނަވާވަރު ވެއްޖެއެވެ.

ރަނީން ނަމާދުކުރަން އިންއިރު ޒޯޔާ އޮތީ ބޮލުގައި ރިއްސާތީއޭ ކިޔާފައި ނުތެދުވެއެވެ. އެހެން އޮތްއިރު ހުއްޓާނުލާ އަނގަތަޅާވަރުން ރަނީން އިނީ ޚުޝޫއަތްތެރިކަން ކުޑަވެފައެވެ. އެހެން ޚިޔާލުތައް ކުރެވެންޏާ އެހެން އަޑުތައް އަހަންޏާ ނަމާދުން ލިބެން ޖެހޭ ސަވާބެއް ނުލިބޭނެއެވެ.

"އަހާބަލަ ފައިރޫޒާ ގާތު އޭނަ އެހާ ފޮނީ ކީއްވެހެއްޔޭ؟ ޔޫ ނޯ ވަޓް..." ޒޯޔާ ބުނެލިއެވެ.

"ހޫމް.........." ރަނީން ނަމާދު ދޮޅި ބާލާފައި މުސައްލަ ފަށްޖެހިއެވެ.

"ފައިރޫޒާ އަހަރެން ކައިރީ ހެދި ވަރުގެ ދޮގެއް މީހަކު އެމީހެއްގެ ދަރިއަކާއި ގުޅުވައިގެން ނުދައްކާނެ....." ޒޯޔާ އެދުނީ އޭނަގެ ބޯ މަސާޖުކޮށްލަދިނުމަށެވެ.

"ކޮންކަހަލަ ދޮގެއް ހެދީ؟ " ރަނީން އަހާލައިފިއެވެ.

"ދާނަޝްގެ ބައްޕައަކީ ސުލްތާނެއް ނޫނޭ، އެހެން މީހެކޭ، އެހެންވެގެންނޯ އެހެން ކުދިންނާއި ތަންކޮޅެއް ތަފާތުކޮށް ހުންނަނީ، އެހެން ކުދިންގެ ސިފަތައް އެބުނާހެން ދާނަޝްއަކާއި އެހާ ވައްތަރެއްނޫން...ރީއްޗަސް އޭނަ ތަފާތު، އެހެން މީހުން ހީވަނީ އެއް ތަތްގަނޑަކުން ކަނޑާ ނަގާފައިވާހެން، އެހެންވެ އަހަންނަށް އޮޅުނީ، ފަހުން މިއެނގުނީ އެއީ ފައިރޫޒާ އަހަރެން ދާނަޝްއާއި ހިތާވެގެން އިނދެފާނެތީ ކުރިކަމެއްކަން، ވަރެއްގެ ނުލަފާ ސަންތި މަރިޔަބެއް، ހިތަށް އަރާ ގޮސް މޫނުމަތި ނޮޅާލަން، އަހަރެން އަދި އެ ޒާތްކޮޅު ބޮޑު އަންހެނާއަށް ވަރުގަދަ ލަނޑެއްދޭނަން. ސިއްރެއް ބުނާނަމޯ ކިޔާފައި އޭނައަށް އެނގުނީ ދޮގުހަދަން...މަ ހާދަ ފޫއްސެއްވެޔޭ....." ޒޯޔާ ގެ އިސްތަށިގަނޑުގައި ރަނީން އަތް ޖައްސާލުމުން ނިދޭގޮތްވިއެވެ. ޒޯޔާ ކަންނެތްކަމުން އަބަދު އޮންނަނީ އެގޮތަށް އޮށޯވެލައިގެންނެވެ. ހިލޭ ގެއެއްގައި އުޅޭއިރު އެހީތެރިކަމުގެ އަތެއް ދިއްކޮށްލާކަށް ބޭނުމެއްނުވެއެވެ. ރަނީން ގޭގައި ހުންނަ ވަގުތު އޭނަ މާހިރާ ކުރާ ކޮންމެ ކަމެއްގައި ބައިވެރިވެއެވެ. އޮފް ދުވަހެއްވެއްޖެއްޔާ ކައްކާ މޮޕްޖަހާވެސް ހަދައެވެ. ރަނީން އާއި ޒޯޔާގެ އުޅުން ހާސްބައި ތަފާތެވެ. ދެކުދިން އެއްކޮޓަރިއެއް ހިއްސާކުރާއިރު ސާފުކޮށް ތަންމަތިވެސް އަޅާން ޖެހިފައިވަނީ ރަނީންއަށެވެ. ވަޒީފާ އަދި ކޮލެޖަށް ދަމުން ގޭގައި މަސައްކަތް ގިނަވީމަ ނިދާގަޑިއަށް ރަނީން ހުންނަނީ ވަރުބަލިވެފައެވެ. ތަންކޮޅެއް އަރާމު ދިރިއުޅުމެއް ލިބޭނެނަމައޭވެސް ހިތަށް އަރާފަހަރު އާދެއެވެ.

ހޮސްޕިޓަލަށް އަހަރު ފުރުނުދުވަހު އެތާ މުވައްޒަފުން ތަން ޒީނަތްތެރިކުރިއިރު ރަނީންވެސް އެމީހުންނާއިއެކު އެކި މަސައްކަތްތަކުގައި ބައިވެރިވެގެން އުޅުނެވެ. ދާނަޝްމެންގެ ޙައިސިއްޔަތުގެ ސަބަބުން އެމީހުންނަށް ރަނީންމެންގެ ފެންވަރު ކުދިންނާއިއެކު އުޅުމަށް ތަން ނުދެނީކަމަށް ވެދާނެއެވެ. ރަނީން ހުރީ ދާނަޝްއާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބިފައެވެ. އެންމެން އެދައްކަމުންދާ ވާހަކައިގާ ޙަޤީގަތެއް ނެތްކަން އަންގާ އަމިއްލަ ނަން ސާފުކުރަން އޭނަ ޖެހޭނެއެވެ. އެވަރުންވެސް ފުރުސަތެއް ނުލިބުނެވެ. އިސްވެ ވައިބަރއިން ވާހަކަދައްކާކަށްވެސް ނުކެރުނެވެ. މީރާ އަމިއްލައަށް ފޮނުވި މެސެޖެއްވިއްޔާ އޭނަ ހުރީ އަމިއްލައަށް ފޮހެލާފައިވިއްޔާއެވެ. އެ ލިޔުނީ ކީކޭކަމެއްވެސް ނޭގެއެވެ.

ހޮސްޕިޓަލުގެ ޢިމާރާތުގެ ތެރޭގައި ހުހަށް އޮތް ތަންކޮޅުގައި ކުޑަ ސްޓޭޖްކޮޅެއް ހަދާފައި ކުލަބޮކިތަކުން ދިއްލާލާފައިވާއިރު ބަލާމީހުން އާޝޯޚު ވާވަރުވެއެވެ. ނަމަވެސް އުޑުމަތީގައި ވިދާ ބަބުޅާތަރިތަކުގެ ރީތިކަމާއި އަޅާކިޔޭވަރެއްވެސް ނުވެއެވެ. އަހަރުފުރުމުގެ މުނާސަބާގައި ރޭގަނޑުގެ ކެއުމަކަށް ދަޢުވަތު ދެވިފައިވާ މީހުން އަންނަމުން ދިޔައިރު ރަނީންގެ ދެލޯ ހޯދެމުން ދިޔައީ އެންމެ ފަރާތެކެވެ. އޭނަވަނީ މީރާ ކައިރީ ބުނެގެން އިޒްޔަންއަށް ދަޢުވަތު ފޮނުވާފައެވެ. އިޒްޔަންއަކީވެސް މިހާރަކަށް އައިސް އެތައްބަޔެއްގެ ރުހުން ހޯދާފައިވާ މަތީ މަޤާމެއްގައި ހުންނަ ޒުވާނެކެވެ. ތަންތާ އިސްވެރިންނަށް ކިޔާއިރު އިޒްޔަންއަށް ދަޢުވަތު ނުދެވެންވީ ސަބަބެއްނެތެވެ.

އެހެން މީހުންނަށް އިޒްޔަންގެ ފެންވަރު އެނގޭނެނަމައެވެ. އެއީ ކާކުގެ ދަރިއެއްކަން އެނގޭނެނަމައެވެ. ދާނަޝް ފަދައިން އިޒްޔަންއަކީވެސް އޭނައާއި އެކަށީގެންވާވަރުގެ ބަޔެއް ނޫނެވެ.

ޑްރެސްކޯޑާއި އެއްގޮތަށް މިރޭ ނޫކުލައިގެ ހެދުންތަކުގައި ރަނީންއާއި އޭނަގެ އެކުވެރިކުދިންތައް ފެންނަނީ ޕަރީންތަކެއް ހެންނެވެ. ކުއްޖަކަށް ދޫކުރާނެ ކުއްޖަކު ނެތެވެ. މީރާވެސް ތައްޔާރުވެލައިގެން އައިއިރު ސްޓައިލިޝްކަމުން ފިރިހެނުންގެ ލޯތައް އޭނައަށް ހުއްޓިފައިވެއެވެ. ލީޒާ ޒުހާ އަދި ސީނިޔާވެސް ތިބީ އެންމެ ފުރިހަމަ މޭކަޕްގައި ނަލަހެދިލައިގެންނެވެ. ރަނީންގެ ހެދުމާއި ގުޅޭފަދަ ކެވެލިކޮޅެއް އަތުގައި އޮތްއިރު އޭގައި ހުރި ނީލަންތަކާއި ޖަވާހިރުތަކުގެ ވިދުން ގަދައެވެ.

"އާވް ސޯ ކިއުޓް ސްވީޓްހާޓް......." މީރާ ރަނީންގެ ގައިގާ ކުޑަގޮތަކަށް ބައްދާލަމުން ތަޢުރީފުކުރިއިރު އެހެން ކުދިންތައް ޝޯލް ހަޑިވެދާނެތީ މީރާގެ ފަރާތުން ސަލާމަތްވިއެވެ.

ރަނީން އޭނަގެ އެކުވެރިންނާއިއެކު އުޅުނަސް އިޒްޔަންއަށް އިންތިޒާރުކުރިއެވެ. އެންމެފަހުން އިޒްޔަންގެ ރީތި ސޫރަ ފެނުމުން ރަނީންގެ ހިތް މަޤާމުން ފުންމާލިހެން ހީވިއެވެ. ހާދަ ސްމާޓެވެ. މަޑު ނޫ ކުލައިގެ އަތްދިގު ގަމީހަކާއި ފަޓްލޫނެއްގައި ހުރިއިރު އެހާދުރުންވެސް ރަނީންއަށް އޭނަގެ ގައިގާ ހިފާފައި ހުރި މީރުވަސް ދުވިހެން ހީވިއެވެ. ތުންފަތަށް ވެރިވާން އުޅުނު ހިނިތުން ފަނޑުވެގެން ދިޔައީ އިޒްޔަންގެ އަތުގައި އަތް އަޅުވާލައިގެން ހުރި ނަތާލީ ފެނިފައެވެ.

"އެ ހަންޑިގަނޑުވަރު ދޮންކަމަނަ....." މީރާ ރަނީންގެ ކަންފަތް ދޮށުގައި ކިޔާލިއެވެ.

"ކާކުތަ؟ "ރަނީން ލަދުގަތެވެ.

"އަހަންނަށް އެނގޭ ނިންނި ތިހާވަރަށް ބަލަނީ އަހަރެމެންގެ ސަރއަށްކަން، މަށަށްވެސް އޭނަ ހާދަ ސްމާޓޭ، އެކަމަކު ލިބޭކަށް ނެތްވިއްޔާ......" މީރާ މާނަވީގޮތަކަށް ބުނެލިއެވެ.

"އެއީ ކީއްވެޔޯ...." ރަނީން ސިއްސައިގެންގޮސް މީރާގެ މޫނަށް ބަލާލައިފިއެވެ. މީރާއަށްވެސް ހުރިހާ ޙަޤީގަތެއް އެނގިފައިވަނީ ހެއްޔެވެ؟

"އެނގިއްޖެއްޔާ ނިންނި ފެއިންޓްވާނެ. ދެން ނިންނިވެސް ބައެއްފަހަރު ކިހާ ސްޓްޕިޑް، ނުލިބޭނެ ސަބަބު ދިމާ ކުރިމަތިން ފެންނައިރުވެސް ކީއްވެހެއްޔޯ އަދި އެބަ އަހައެއްނު، މަށެއް ނީންނާނަން ދެއަންބަށް މީހަކާ، އިޓްސް ސޯ ގްރޮސް..އެމީހާއާއިއެކީ އުޅެ އުޅެފައި މަގޭ ބެޑާއި ކާރިވިޔަސް އައި ވިލް ކިކް ހިމް އިން ދަ............" މީރާ ކޮންމެފަދަ އެއްޗެކެ ކިޔަސް ރަނީން ހުންނަނީ އެކަމާއި އަޅާނުލާށެވެ. މުއްސަދި ހުރިހާ އަންހެންކުދިން އުޅެނީ މިވައްތަރަށް ބާވައެވެ. ދުލަށް އައިހާ އެއްޗެއް ކިޔަންވެސް ހަމަ ޖެހޭހެއްޔެވެ؟

"އެމަންޒަރުތަކަށް ނުބަލާ މާ ރަގަޅުވާނެ ނިންނިވެސް ދާނަޝްގެ ފަހަތުން އުޅުނިއްޔާ، އިޒްއަކީ ބޮޑު މޮޔައެއް، މުސްކުޅިގަނޑަކާއި އިނދެގެން ހިތުން އެހެރީ ދެން މާ ފޮނިވެފައިވިއްޔަ. އަހަރެމެން ހިތަކަށް އެކައްޗެއްވެސް ނާރާ......." މީރާ ރަނީންގެ އަތުގައި ހިފުމުން ރަނީންއަށް މަޖުބޫރުވީ އޭނައާއިއެކު ދިޔުމަށެވެ.

ދާނަޝް އައީ އޭނަގެ މަންމައާއި ބައްޕަ އަދި ކޮއްކޮ ހުޔާމްއާއި އެކުގައެވެ. އެންމެންގެ ސަމާލުކަން ލިބުނެވެ. ދާނަޝްއަކީ ހޮސްޕިޓަލުގެ ގިނަ އަންހެންކުދިންގެ ހިތްތަކުގެ ވެރިޔާއެވެ. ތަރިއެވެ. އޭނަ ފެނުމުން އެހެން ރީތި ފިރިހެނުންގެ ފުރިހަމަކަން ފަނޑުވެގެންދަނީ އެ ލިބިފައިވާ ބާރުގަދަ ދެލޮލަކުންނެވެ. ހުޔަމްއާއި ކޮންމެވެސް ވާހަކައެއް ދައްކަމުން އައުމުން ގިނަ މީހުންނަށް އޮޅުންއެރިއެވެ. ހީކުރެވުނީ ދާނަޝްގެ ލޯބިވެރިޔާހެންނެވެ. ކޮއްކޮއަކީ އެހެން މީހުންނަށް އާ މޫނަކަށްވުމުން އެހާ ނޭގުނީއެވެ. ނަމަވެސް އިރުކޮޅެއް ނުވަނީސް ތުންތުންމަތިން އެޚަބަރު ހޫނުކަމާއިއެކު ފެތުރި އެއީ ކޮއްކޮއެއްކަން އެނގޭކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. އެއާއިއެކު އައިތާ މާގިނައިރެއް ނުވެ ދެން ފެނުނީ އޭނަ ހީހީފައި އިމާންއާއި ވާހަކަދައްކަން އެކަހެރި ތަނެއްގައި ހުއްޓައެވެ.

"އެއްކަލަ އިމާންއާއި ދެމީހުން ޕަބްލިކްގައިވެސް އެތިބީ ތުންގުޅުވާލައިގެން، ކޮބާތަ ބޭނުމަކީ؟ ނިންނި، ގޮސް ދާނަޝްއާއި ވާހަކަދައްކަބަލަ، ގޮސް ބުނޭ ލޯބިވެއޭ، އޭރުން އިމާން އަނގަ ސަކަރާތްވާތަން ވަރަށް ބަލާހިތްވޭ......" މީރާ ރަނީންގެ ގާތަށް ޖެހިލާފައި މަޑުމަޑުން ބުނެލިއެވެ.

"ނުކެރޭނެ....." ރަނީން ދެކޮޅުހެދިއެވެ. އޭނަ ދާނަޝްއާއި ވާހަކަދައްކަން ހުއްޓާ އިޒްޔަންއަށް ފެނިއްޖެއްޔާ އިޒްޔަން ހީކުރާނީ ކިހިނެއްހެއްޔެވެ؟ އިޒްޔަން އޭނަދެކެ ލޯބިވާކަމުގެ ހެކިތައް މިހާރު ފެންނާތީ ރަނީން މިހިރީ އުއްމީދެއްގައެވެ. ނަތާލީއާއި އިނދެގެން ހުއްޓަސް އޭނަ މިހިރީ ދެއަންބަށްވެސް އިންނަން ތައްޔާރަށެވެ. އިޒްޔަންއާއި ވާހަކަ ދެކެވުނުހެން އޭނަގެ ހިތުގެ މައްޗަށް އިޒްޔަންވަނީ ބާރު ފޯރުވާފައެވެ. އިޒްޔަންގެ ލޯބި ގަބޫލުނުކުރަން ނިންމައިގެން ހުއްޓަސް އިޒްޔަން ފެންނައިރަށް އޭނަގެ ހިތަކީ އޭނަގެ އަމިއްލަ ބާރު ނުހިނގާ އެއްޗަކަށް ވެދެއެވެ. ޢާއިލާގެ ފަރަޤުމަތިން ހަނދާން ނައްތާލަން މަޖުބޫރުކުރުވައެވެ. ކިތަންމެ ބޮޑު ހުރަހެއް ގިރާކޮށްފައިވެސް ލޯބި ހޯދަން މަސައްކަތްކުރެވޭނެއެވެ. އޭނައަށްވެސް ވެގެން މިއުޅެނީ އެކަހަލަ ގޮތެއްހެއްޔެވެ؟ އަމިއްލަ ހިތަށްވެސް ސިއްރުން އަދިވެސް އިންތިޒާރު މިކުރެވެނީ އެލޯތްބަށްޓަކާ ހެއްޔެވެ؟

"ވެލް، އެންމެ ރަގަޅު، އަހަންނަށް ކެރިދާނެ...." މީރާ އެދިމާލަށް ހިނގައިގަތެވެ.

ރަނީން ބަލަން ހުއްޓާ މީރާ ގޮސް ކޮންމެވެސް ވާހަކަތަކެއް ދެއްކުމުން ދާނަޝްގެ ނަޒަރު އަމާޒުވީ ސީދާ ރަނީންގެ މޫނަށެވެ. ދެން ފެނުނީ ދާނަޝް އޭނައާއި ދިމާލަށް އަންނަން ފެށިތަނެވެ. ރަނީން ހާސްވެފައި ފަހަތަށް ބަލައިލީ އެހެން އަންހެންކުއްޖަކު އެތާ ހުރިކަމަށެވެ. ނޫނެކެވެ. އެތާގައި އެކަކުވެސް ނެތެވެ. މީރާ ގޮސް އެކީ އެއްޗެއް ވެސް އެނގެނީއެއް ނޫނެވެ. ތެޅިތެޅިވާ ހިތަކާއިއެކު ހުއްޓާ ދާނަޝް ކުރިމަތީގައި ހުއްޓިލިއެވެ. އޭނަގެ އަތުގައި ހުރި ޖޫސްތަށި ތެރޭގައި ގަނޑުފެނުގެ އެތިކޮޅުތައް ވިދަވިދާހުރި ތަންފެނެއެވެ.

"ކީއްވެ އަންނާށޭ ބުނީ....." ދާނަޝްގެ ތުންފަތްމަތީގައި ލާނެތް ހިނިތުންވުމެއްވިއެވެ.

"މީރާ ބުނީ އެހެންތަ؟ "ރަނީން ލަދުގަތެވެ.

"އެހެން މެސެޖެއްވެސް ދޭން ބުނީތަ؟ " ދާނަޝް އަހާލައިފިއެވެ.

"ނޫން، އެކަމަކު، ބޭނުން ޑޮކްޓަރ ދާނަޝްއަށް އޮޅިފައިވާކަމެއް ސާފުކޮށްލަދޭން، ކުރީ ދުވަހު ވައިބަރއަށް މެސެޖްކުރީ އަޅުގަނޑެއްނޫން. އެއީ އެކުވެރިންތަކެއް ޖެއްސުމަކަށް ކޮށްގެން އުޅޭކަމެއް، އައިމް ސޮރީ.........."ރަނީން ލިބުނު ފުރުސަތުގެ ބޭނުންހިފިއެވެ.

"އިޓްސް އޯކޭ....." ދާނަޝް އެއްބުމަ އަރުވާލިއެވެ. އެއީ މީރާ ކުރިކަމެއްކަން ފުރަތަމަ ދުވަހު ރަނީންއާއި ސުވާލުކޮށްލުމުން ބުނި އެއްޗަކުން ދާނަޝްއަށް ޔަގީންވިއެވެ. ރަނީން ލިޔުނު މެސެޖެއްވިއްޔާ އޭނަ ކައިރިން އެމެސެޖްގައި ވި އެއްޗެއް އަހާކަށްވެސް ޝައުގެއް ނުހުންނާނެއެވެ. ސކުނޑީގައި ކިރިޔާ ތެތްކަމެއް ހުރި މީހަކަށްވެސް އެވަރު ދެނެގަނެވޭނެއެވެ.

"ބަޓް....ކޮންވިންސްކޮށް ދެވުނުހެން ހިޔެއްނުވޭ......" ރަނީން އަދިވެސް އެކަން ޔަގީންކޮށްދޭން އުޅުނެވެ. ދާނަޝް ހުނުމަކުން އެވާހަކައިގެ މައުޟޫ ބަދަލުކުރަން މަސައްކަތްކުރިއެވެ.

"އެއީ ކޮންމެ މީހަކު ފޮނުވި އެއްޗަކަށްވިޔަސް އަހަރެންގެ މައްސަލައެއް ނެތޭ، ހޫމް އަދި އެއްވާހަކަ...ނާޒްލީއަކީ ރަނީންގެ ދޮންމަންމަތަ؟ "ދާނަޝް ސުވާލުކުރުމުން ރަނީން ކުރީގެ ދޮންމަންމައޭ ބުނެލިގޮތުން ރަނީންގެ ހިތުގައި ނާޒްލީއާއިމެދު ހިތްހަމަނުޖެހުމެއް އޮތްކަން ވިސްނުނެވެ. އެއީ ކީއްވެހެއްޔެވެ؟

"ނާޒްލީ އެއްވެސް ވާހަކައެއް ބުނިތަ؟ އަހަންނާއި ރަނީން ކައިވެނި ކުރުވަންވެގެން އެންމެން އެހާވަރުވާކަން އެނގޭތަ؟ "ދާނަޝް ހަމަޖެހިލާފައި ކައިވެނީގެ ވާހަކަ ފެށުމުން ރަނީންގެ ހިތް ބިރުން ރޫރޫއަޅައިގަތެވެ. ނަމަވެސް ދާނަޝްއާއި އިމާންގެ ގާތްގުޅުން ހަނދާންވުމާއިއެކު ރަނީން ހިނިތުންވެލިއެވެ.

"އެކަމަކު އަޅުގަނޑަށް އެނގޭ އެހެން ބުންޏަސް ޑޮކްޓަރ ދާނަޝް ގަބޫލުނުވާނެކަން. އެހެންވެ އެވާހަކައަށް އަޅާނުލަން........" ރަނީން އަވަސް އަވަހަށް ބުނެލިއެވެ.

"ވަޓް އިފް އައި އެގްރީ.." ދާނަޝް ގެ ތޫނު ދެލޯ އަނދިރީގެ ތެރެއިންވެސް ވިދުންގަދަ ކަމާއެވެ. ޙަޤީގަތުގައިވެސް ރީތި ރީތި ދެލޮލެވެ.

"އެނގޭ އާއެކޭ ނުބުނާނެކަން..." ރަނީން ޔަގީންކަމާއިއެކު ބުނެލާފައި ހިނިތުންވެލިއެވެ. އެދެލޯ ހޯދީ އިމާން ވީ ދިމާލެއް ބަލާށެވެ. އޭރު ކިތަންމެ ބަޔެއްގެ ސިއްރު ނަޒަރު ރަނީންމެން ތިބި ދިމާލަށް ހުއްޓިފައިވިއެވެ.

"އެއީ ކީއްވެގެންނޯ....." ދާނަޝް ބުމަ އަރުވާލިއެވެ.

"އެއީ...އެއީ....." ރަނީން އަޅައަޅައިގެންފާ ދެން ބުނެލި އެއްޗަކުން ދާނަޝް ސިހޭނެކަމަށް ރަނީން ހީކުރިއެވެ. ދާނަޝްގެ މޫނުމަތިން ތަފާތު ޝުޢޫރުތަކެއް ނުފެނުނެވެ.

ކޮމެންޓް 0