"މިހިރީ ޝޭވްކޮށްފަތަ؟ ރަގަޅަށް ބަލާލަބަލަ....." ދާނަޝްގެ ޖަވާބުން އިމާން ހިނިގަނޑެއް ޖަހާފައި ތަންކޮޅެއް ގާތްވެ ބަލާލާފައި އެމޫނުގައި އަތް ބީއްސާލިއެވެ. ދާނަޝް ނުރުހުންވެފައި ހުއްޓަސް އެކަން ނުދައްކާ ތެދުވެ ބާލީސްތަކަށް ލެނގިލައިގެން އިށީންއިރު އިމާން ފައިކައިރީގައި ޖައްސާލިއެވެ. އެދެލޯ އެންމެ ފަހަރަކުވެސް ދާނަޝްގެ މޫނުން ކައްސައެއްނުލިއެވެ. ދާނަޝްގެ އެނދުގައި ބާލީސްތަކާއި ކުޝަން ގިނަކަމުން އިމާން އަބަދު އެވާހަކަދައްކައެވެ. އޭނައަށް އެއީ ދާނަޝްގެ އެނދު ވަކިން އަރާމުކޮށް ފެންނަ ނިދާހިތްވާ ތަނެއް ކަމުގައި ކިޔާ އުޅެއެވެ.

"މާން، އަހަރެން މިހިރީ މާން ކައިރީ ވާހަކައެއް ބުނެލަން، އަހަރެން މިއުޅެނީ މެރީކުރަން...." ދާނަޝް އިމާންއާއި ހަތަރުކަޅި ހަމަނުކޮށް ދުރަން ބަލަން އިނދެލާފައި ބުނެލިއެވެ. އިމާން ހީވީ ހިލައިގެ ސްތެޗޫއެއް ހެންނެވެ. އެސްފިޔަ ޖަހާލަން ނޭގިފައި އިރުކޮޅެއްވާންދެން ބަލަން އިންއިރު ތުންފަތުގައި ދާއިމަށް ހުންނަ ހިނިތުންވުން އެއްކޮށް ނެތިގެންގޮސް ބުމަ ކައިރިކޮށްލެވިއްޖެއެވެ.

"ޔޫ އާރ ކިޑިން މީ ރައިޓް؟ " އިމާންގެ ޙައިރާންކަން އިންތިހާއަށް ދިޔައެވެ.

"ނޫން، އަހަރެންގެ ކައިވެނި ހަމަޖެހިއްޖެ، ރަނީންއާއި، އެނގެއެއްނު އެ ގާލް....." އިމާންގެ ތަބީއަތަށް އައި ބަދަލު ނުފެންނަކަމަށް ހަދާފައި ދާނަޝް ތެދުވެގެންގޮސް ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. އިރުގެ އެންމެފަހުގެ ދޯދިތައް ވިލާތަކާއި ނިވާވަމުންދާއިރު އުޑުމަތި އަލިފާންގަނޑެއްހެން ފެންނަން ހުއްޓެވެ.

"އަހަންނަށް ވާނެ ގޮތަކާއިމެދު ވިސްނާލިންތަ؟ " އިމާންގެ ސުވާލު އަޑު ނީވުނުކަމަށް ހަދާފައި ދާން އެނބުރުނުތަނާ އިމާން ފަހަތުން އައިގޮތަށް އޭނަގެ ތަނަވަސް ކޮނޑުގައި ބައްދާލިއެވެ. އިރުއޮއްސުމުގެ މަންޒަރު ދާނަޝްއާއިއެކު ބަލާލެވުނު ވަގުތަކީ އޭނައާއި ދާނަޝްގެ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހުނު ވަގުތުކަމުގައި ހީކުރެވުނެވެ. ކަންވީވެސް އެހެންނެވެ. ދާނަޝް އޭނަ ދުރަށް ކޮށްޕާލާފައި އިންޒާރުގެ ގޮތަކަށް ބަލާލާފައި މޫނުގައި ޖަހަން އަތްވެސް އުފުލާލިއެވެ. ނަމަވެސް އެވަގުތު އިމާންގެ މޫނުމަތިން ފެނުނު މޮޅިވެރިކަމުން ހިތް ބަދަލުވެގެން ފުން ނޭވައެއް ދޫކޮށްލިގޮތަށް ޖީބަށް އަތް ޖަހާލިއެވެ.

"އިމާން. ބެޓަރ ސީ އެ ސައިކިއޭޓްރިސްޓް......" ދާނަޝް ކެތްތެރިކަން އިސްކުރިއެވެ.

މަންސޫރުގެ މިޒާޖަށް ކުއްލިއަކަށް ބަދަލު އައިސް ގެން އުޅޭ ސަބަބެއް ވިސްނައިގަންނާކަށް ނާޒްލީއަކަށް ނޭގުނެވެ. މަންސޫރު ހެނދުނު ތެދުވެގެންދާގޮތަށް ގެއަށް ވަދެލަނީ ނިދާގަޑީގައެވެ. ބަސްމަދުކަމުން އިސްވެ ވާހަކަދައްކަން ނާޒްލީ ޖެހިލުންވާ ހިސާބަށް ދިޔައެވެ. އެދޭތެރޭގައި ލެވުނު އެކަތައިގެ ފާރު މަޑުމަޑުން އުފުލެމުން ދެމީހުން ވަކިވެ ދެއެނދުގައި ނިދާ ހިސާބަށް ދާންވާއިރަށް ނާޒްލީގެ ކެތްތެރިކަން ކޮޅުންލައިގެން ހިނގައްޖެއެވެ. މަންސޫރު ކައިރީގައި ޝަކުވާކުރަން ފެށުނެވެ. އޭނައަށް ކުރެވުނު ކުށެއް އެނގެން އޭނަ ބޭނުންވާން ފެށިއެވެ.

"ނާޒްއަށް ކުށެއް ކުރެވުނުކަމަށް ޒަމީރު އެއްބަސްވަންޏާ ތިހެން ހިތަށް އަރުވަން ޖެހޭނީވެސް، އެހެން ކަމުގައިވެއްޖެއްޔާ އެކުރި ކުށެއް އެންމެބޮޑަށް އެނގޭނީވެސް ނާޒަށް ކަން ޔަގީން، އަހަރެން މިދުވަސްކޮޅު ތަންކޮޅެއް ބިޒީކޮށް އުޅޭތީއާއި މައިންޑްގައި ގިނަކަންތަކެއް ފުނިޖެހިފައި ހުރީމަ ގެއަށް ވަންނަ ހިތް ނުވަނީ....." މަންސޫރުގެ ސީރިޔަސްގޮތަކަށް ބުނެލިއެވެ.

ނާޒްއަށް އެވާހަކަތަކުން ސިހުމެއް ލިބުނެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ވިސްނުނެވެ. ކޮންމެވެސް ގޮތަކުން މަންސޫރަށް އިޒްޔަންގެ ހަގީގަތް އެނގުނީ ހެއްޔެވެ؟ އިޒްޔަން އެވާހަކަ ސިއްރުކުރާނެކަން ޔަގީންކޮށްގެން ހުއްޓާ މިވީ ކިހިނެއްހެއްޔެވެ؟ އެހެން ފަރާތަކަށް އެނގި މަންސޫރުގެ ކަންފަތާއި ހަމަޔަށް އެވާހަކަ ދިޔުމަކީ ނާޒްލީ އެންމެ ނޭދޭނެކަމެވެ. ނަމަވެސް މަންސޫރުއަށް އިޒްޔަންއަކީ ދަރިއެއްކަން އެނގުނުނަމަ އޭނަ އެހާ ބަލިވުމުން އެގޮތަށް އަމަލުކުރާނެހެން ހިޔެއްނުވެއެވެ. މަންސޫރުގެ ވާހަކަތަކުގެ މަގުސަދެއް ނާޒްލީއަށް ވަނީ އޮޅުން ނުފިލާފައެވެ.

ދާނަޝް އަޔާޒްގެ ކައިރިއަށް ގޮސްފައި ކުރިމަތީގައި ނޫޓުތަކެއް ބަހައްޓާފައި ސީރިޔަސްކޮށް ބަލަން ހުރިއިރު އަޔާޒު ހުރީ ހީލަހީލައެވެ. ތަފާތު ބޭނުންތަކުގައި އެކި ފެންވަރުގެ މީހުން އޭނަގެ ކައިރިއަށް ކަންކަމު އަންނާން ފެށުމުން އޭނައަށް ބޮޑާކަމެއް ލިބި ހެއްދެވިފަރާތްވެސް ހަނދާން ނުހުރެއެވެ. ތިމާގެ މޮޅުކަމާއި ގަދަފަދަކަން ހިތަށް ވެރިވެ ބޮޑާވެފައިވަނީ އިންތިހާއަށެވެ.

"ޑޮކްޓަރ ދާނަޝް މަންސޫރު....." އަޔާޒު ކިޔާލައިފިއެވެ.

"އަލަށް އަޑު އެހި ނަމެއްތަ؟ "ދާނަޝް މަލާމާތުގެ ގޮތަކަށް ހީލައިފިއެވެ.

"އިންނަން އުޅޭ ކުއްޖާ ވަރަށް ރަގަޅަށް އެނގޭތީ އަހަރެން މިހެން ބުނީ......" އަޔާޒު ހިނިގަޑެއް ޖަހާލައިފިއެވެ.

"ކާކުތަ؟ " ދާނަޝް ހައިރާންވިއެވެ.

"އެވެސް ފިރިހެން ޑޮކްޓަރެއްނު....." އަޔާޒު ބުނެލިއެވެ.

"ވަޓް؟ " ދާނަޝްގެ ނިތްކުރީގައި ރޫތައް ގިނަވެލިއެވެ.

"އަހަންނަށް އެނގޭ އޭނަ ވެފައިހުރި ވަރާއި އޭނައަށް ދާނަޝް ބޭނުންވާވަރު، ދެމީހުން ވަރަށް ގުޅެއެއްނު، އެކަމަކު އަހަންނަށް އެނގޭ ދާނަޝް ތިހިރީ އެހެން ކަމަކަށް ފައި ވިއްދާފައިކަން، އެކަމަކު ބުނަންތަ ވާހަކައެއް؟ އެ އަންހެންކުއްޖާ ލޯބިވަނީ އެހެން މީހެއްދެކެ........" އަޔާޒު ހުރިހާކަމެއް އެނގޭކަން އަންގާހިތުން ނުހުރެވިގެން ބުނެލައިފިއެވެ.

"އެކުއްޖާގެ ނަމަކީ ރަނީން....." އަޔާޒު ނަމުގެ އަކުރުތަކަށް ބާރުލާފައި ކިޔާލިއެވެ.

ދާނަޝް އިތުރަށް އޮޅުން ފިލުވާހިތްވީއިރުވެސް އިތުރަށް އަޔާޒުއާއި ވާހަކަދައްކާކަށް ހިތެއް ނުރުހުނެވެ. ނަމަވެސް ރަނީންގެ ހިތުގައިވަނީ ކާކުކަން އެނގޭހިތުން އެކަމާއި ސުވާލުކުރާނީ ކާކާބާވައޭ ހިތަށް އެރިއެވެ. ރަނީން އެހެން މީހަކު ދެކެ ލޯބިވާކަމުގައި ވެއްޖެއްޔާ އޭނައާއި އިންނަން އެއްބަސްވީ ކީއްވެހެއްޔެވެ؟

ލިވާން ދެއްކި ވާހަކަތައް ގަބޫލުނުކުރެވިފައި ހުރި މީރާ އިރުކޮޅެއްވާންދެން ދޮރުގެ ނިވަލުގައި އޭނަގެ ބައްޕައާއި ދޮންމަންމަގެ ވާހަކަތައް އަހަން ފިލާ ހުއްޓެވެ. ދެމީހުންގެ ދޭތެރޭގައި ޖެހިގެން އުޅެނީ ކޮން މައްސަލައެއްކަން އެ ވާހަކަތަކުން އޮޅުން ނުފިލިޔަސް އެ ގުޅުމަށް ހީނަރުކަމެއް އަތުވެއްޖެއެވެ. ބައްޕަ ކޮޓަރިން ނުކުމެގެން ދިޔުމަށްފަހު ދޮންމަންމަ އެކަނި އުޅޭކަން އެނގިފައި އޭނަ އެތަނަށް ވަންއިރު ނާޒްލީ އިނީ އެނދުގައި މާ ހިމޭންކޮށް އިށީދެލައިގެންނެވެ.

"ހައި ސްޓެޕް މަމް. ވާހަކައެއް އަހާލަންތަ؟ " މީރާ މޭޒުމަތީގައި ހުރި ވާސްގައި ހުރި މާތަކާއި ކުޅެލަމުން ބުނެލިއެވެ.

"އަހާބަލަ...." ނާޒްލީ ބުނެލިއެވެ.

"އިޒްޔަން އާއި ނަތާލީ އިނީ ލޯބިންތަ؟ "މީރާ ސުވާލުކުރިއެވެ.

"އެއެއް އޮޅުންފިލުވުމުގެ ބޭނުމަކީ ކޮބާތަ؟ "ނާޒްލީ ކުޑަކޮށް ނުރުހުންވާގޮތްވިއެވެ. މީރާ އިޒްޔަންއަށް ޝައުގުވެރިވާހެން ހީވެފައި އޭނަގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވާން ފަށައިފިއެވެ. އިޒްޔަންއާއި މީރާ ގުޅުމަކީ މުސްތަހީލްކަމެއް ކަމުގައި އަންގަން އޭނަގެ ހިތް ގޮވާލިއެވެ. އަނދިރީގައި އެކުދިން ބައިތިއްބައިގެން ބޮޑު ޒަލްޒަލާއެއް އަތުވެދާނެއެވެ.

"އިޒްޔަންއާއި ނަތާލީ ނުއެއްގުޅޭ، ޝީޒް އެ ބިޗް........" މީރާ ހުރީ އެތެރެ އެތެރެއިން ހީލައެވެ.

"ތިގޮތަށް ވާހަކަ ނުދައްކަފާނަންތަ މީރާ؟ "ނާޒްލީގެ ހިތަށް ފިނިވިއެވެ.

"ނަތާލީގެ ވާހަކަ ދެއްކީމަ ދޮންމަންމަ ހާސްވާކަށް ނުޖެހެއެއްނު...."

"އަހަރެމެންގެ ބައްޕައާއި އެ އަންހެނާގެ ގުޅުމެއް އޮތްކަން އަހަންނަށް އެނގޭ، ވަން މޯރ ތިންގް، ދޮންމަންމަވެސް ތަންކޮޅެއް ކުރިން ބައްޕައާއި މެރީކުރިންދޯ، ސިއްރުސިއްރުން ރާއްޖެތެރޭ އަންހެނަކާއި ބައްޕަ ކައިވެނިކުރިކަން އެނގޭ، އެމީހަކީ ތިއީކަން ޔަގީން......." މީރާ ހުރީ ހުރިހާކަމެއް ފަޅާ އަރުވާ ހިތުން ކެތްނުލަވާފައެވެ. ލިވާން ހުރިހާ ސިއްރެއް ކިޔާދިނުމަށްފަހު އިތުރު މީހަކަށް ނާންގަން އަމުރުކުރިއެވެ. ނަމަވެސް މީރާ ދެކޭގޮތުން ނާޒްލީއާއި އެވާހަކަތައް ހިއްސާ ކުރެވެން ޖެހޭނެއެވެ. ނާޒްލީ މިހާ ސިއްރުވެރި މީހަކަށްވެގެން އެމީހުންގެ ޙަޔާތަށް އަންނަންވީ ކީއްވެހެއްޔެވެ؟ އިޒްޔަންގެ ޙަޤީގަތް ފޮރުވަން އުޅެނީ ކީއްވެހެއްޔެވެ؟ އިޒްޔަންއަކީ ބޭބެއެއްކަމަށް ވެއްޖެއްޔާ އެކަން ފޮރުވުމުގައި ކޮންމެވެސް ސިއްރެއްވާނެއެވެ.

"މީރާ އަށް އެނގިފައިވަނީ ރަގަޅަށް، އެކަމަކު އެހެން މީހެއްގެ ކައިރީ އަދި ނުކިޔާތި....." ނާޒްލީ އެދުނެވެ.

"އިޒްޔަންއަކީ އަހަރެންގެ ބޭބެއެއްތަ؟ އަހަންނަށް ހީވަނީ އެހެންހެން..........." މީރާގެ ޖުމްލަ އިވިފައި ނާޒްލީ ސިހުނުލެއް ބޮޑުކަމުން އަނގަމަތީގައި އަތް އަޅާލެވުނެވެ.

"މީހަކު އެއްޗެކޭ ބުނީތަ؟ މީހަކު މީރާގެ ގާތުގައި އެއްޗެކޭ ކިޔައިގެން ދޯ ތިއުޅެނީ؟ " ނާޒްލީގެ އަޑުވެސް ތުރުތުރުލިއެވެ.

"މީހަކު ނުބުންޏަސް ދޮންމަންމަ ކުރިން ބައްޕައާއި ކައިވެނިކޮށްފައި ހުރެއްޖެއްޔާ އިޒްޔަން ވެދާނެއްނު ހަމަ ބައްޕަގެ ދަރިއަކަށް، ސައިންޓިސްޓެއްގެ މައިންޑަކަށް ބޭނުންނުވާނެ އެވަރުކަމެއް ދެނެގަންނާކަށް. އެންމެ މަޖާ ތަންކޮޅަކީ އިޒްޔަންއަށް އެނގިހުރެ ނުދަންނަކަމަށް ޕްރިޓެންޑް ކުރާތީ......." މީރާ ހީވަނީ ނާޒްލީ ލައްވާ އެއްޗެއް ބުނުވާފައި ނޫނީ ނުދާން ނިންމައިގެން ހުރިހެންނެވެ.

ރަނީންގެ ކައިވެންޏަށް ތައްޔާރުކުރަމުންދިޔައިރު އެގޭތެރެއިން މުޅިންވެސް ފެންނަނީ އުފާވެރި މޫނުތަކެވެ. ދާނަޝް ހުންނަނީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައެވެ. އަޔާޒުގެ ފަރާތުން އެނގުނުކަންތަކަށް ފަހުގައި ސިކުނޑިވަނީ ސުވާލުމާކުތަން ފުރިފައެވެ. ކިތަންމެ ކެތްކޮށްގެން ހުއްޓަސް ބައެއްފަހަރު ރުޅިގަދަވާގޮތްވެއެވެ. މަންމަމެން ފަދައިން އޭނައަށް ކައިވެނިން އުފާވެރިކަމެއް ނުލިބިގެން އުޅެނީ ކީއްވެހެއްޔެވެ؟ ރަނީންގެ ފަރާތުން އިޝާރާތެއް ލިބެނީއެއް ނޫނެވެ. އޭނަވެސް ހުންނަނީ ރަނީންއާއި ވާހަކަ ނުދައްކަން ނިންމައިގެންނެވެ. ރަނީންގެ ލޯބިވެރިޔަކު ހުއްޓާ އޭނައާއި އިންނާނީ ކޮންމެވެސް މަގުސަދެއްގައިކަން އޭނައަށް ވިސްނުނީއެވެ. ނޫނީ މަންމަމެން މަޖުބޫރުކުރީހެއްޔެވެ؟ މިޒަމާނުގައި މަޖުބޫރުކޮށްގެން އަންހެންކުދިން މީހުންނާއި ނީންނާނެއެވެ. ރަނީންގެ ބޭނުމަކީ ކޮބާހެއްޔެވެ؟

"ކޮންމެގޮތެއް ވިޔަސް ރަނީން ހީވަނީ ބަލާބެލުމަށް ރަގަޅުކުއްޖެއްހެން، ޑީސެންޓްކޮށް ޑްރެސްކުރާ ކުއްޖެއް، އޭނައަށް އަހަރެންގެ ހަގީގަތް އެނގޭނެނަމަ އަހަންނާއި ނީންނާނެކަން ޔަގީން، އެނގޭދުވަހަކުން އެންމެ ސިކުންތުކޮޅަކަށްވެސް އަހަންނާއިއެކު ނުހުންނާނެ، އެކަހަލަ ކުއްޖަކާއި އަހަންނެއް އެކަށީގެން ނުވޭ، ރަނީންވެސް ބޭނުންވަނީ ފައިސާކަން ނޭގޭ، އަހާލަންވީ ކަން ނޭގޭ، އެހެން ނޫނީ ހިތަށް ހަމަޖެހުމެއްނުވެސް ލިބޭނެ، ބައެއްފަހަރު ހިތަށް އަރާ ކައިވެންޏަކީ ކުޅޭ ކުޅިވަރެއްނޫނޭ، އެކަމަކު މިހާރު އަހަރެން ރަނީންއަށް އެޓެރެކްޓްވާން ފަށައިފި، ބޭނުންވާން ފަށައިފި. ކޮންމެގޮތެއް ހަދާފައިވެސް ބޭނުން، ރަނީން ލިބިއްޖެއްޔާ ދެން ވާނެގޮތެއް ނޭގެނީ، ފޫހިވެސް ވެވިދާނެ.........." ދާނަޝްގެ ޚިޔާލު އެކި ދިމާލަށް ދަތުރުކުރިއެވެ.

ދާނަޝް އެދިގެން އެންމެފަހުން ރަނީން އޭނައާއި ބައްދަލުކުރަން އެގެއަށް އަންނަން އެއްބަސްވިއެވެ. ޖިންސްފޮތިން ފަހާފައިވާ އަބާޔާއެއްލައިގެން އެކުލައާއި ގުޅޭފަދަ ޝޯލެއް އަޅާފައި ހުރިއިރު އަންހެންވަންތަ ކަމުގެ ފުރިހަމަ ނަމޫނާއެކެވެ. ދާނަޝް ބަލަހައްޓައިގެން ހުރިގޮތުން ރަނީން ލަދުން ހަލާކުވާވަރުވިއެވެ. ދާނަޝްވެސް ހުރީ ކަޅުކުލައިގެ ފަޓްލޫނަކާއި މުށިކުލައިގެ ގަމީހެއް ލައިގެންނެވެ. ކުޑަކޮށް އަތުކުރި އޮޅާލާފައިވާއިރު އެފިރިހެންވަންތަ އަތްވަނީ ހާމަޔަށެވެ.

"އަހަރެން ހިތަށް ނާރާ ރަނީން ތިހާ ފަސޭހައިން އަންނާނެއޭ....." ދާނަޝް ބެލްކަނީގެ ރެއިލިންގައި އަތް ޖައްސާލައިގެން ހުރެ ކަތި ނަޒަރަކުން ބަލާލިއެވެ.

"އެއީ ކީއްވެތަ؟ "ރަނީން ލަދުގަންނަގޮތްވިއެވެ. ދާނަޝްގެ ނަޒަރު އެންމެފަހަރަކުވެސް އެމޫނުން ކައްސައެއްނުލައެވެ.

"އަހަންނަށް އެނގޭ ތިހިރީ ހަގީގަތުގައި ވަރަށް ރުޅިއައިސްފަކަން، ބޭނުމެއްނުވާކަން މިކައިވެނި ކުރެވެން، އައިމް ސޮރީ އެކަމަކު މިހާރު އަހަންނަށް ނެތް ހުއްޓާލެވޭކަށް، ކައިވެންޏަށްފަހު ވަރިއަކީވެސް އޮންނަ އެއްޗެއްކަން އެނގެއެއްނު، ސޯ ކީއްވެ ޗާންސެއް ނުދެވެންވީ؟ ވޯކްއައުޓްކުރާތޯ ބަލަން......" ދާނަޝް އިރުގަނޑަކަށް ބަލަން ހުރެފާ ދުރަށް ބަލައިލިއިރު ހިތުގައި އެހެން ކަހަލަ އިހުސާސްތަކެއް ހިނގާލިއެވެ. ބައެއްފަހަރު ތިމާއާއި ނުގުޅޭހެން ހީވާ އަންހެންކުއްޖަކަށް ހިތް ބޭނުންވަނީ ކީއްވެހެއްޔެވެ؟ އެހިތުން ޖާގައެއް ނުލިބޭނެއޭ ހިތަށް އަރާއިރުވެސް ހިތް އެހާ އެދެނީ ކީއްވެހެއްޔެވެ؟ ނުލިބޭހެން ހީވާހާ އެއްޗަކަށްޓަކާ ހިތް އަބަދުވެސް މޮޔަވާނެއެވެ. ލިބިއްޖެއްޔާ ފޫހިވުން އަވަސްވާނެއެވެ. އޭނައަށްވެސް ވެގެން އުޅެނީ އެފަދަ ގޮތެއްކަން ނޭގެއެވެ.

ރަނީންގެ ދެލޮލަށް ކަރުނަ ޖަމާވީ ކުއްލިއަކަށެވެ. ކެތްތެރިކަން އިސްކުރިޔަސް ލޮލަށް ޖަމާވި ކަރުނަތައް އޭނައަކަށް ނުހިފެހެއްޓުނެވެ.

"ރަނީން ރޮނީތަ؟ "ދާނަޝްގެ ހިތް ހަމްދަރުދީއިން ފުރުނެވެ.

ދާނަޝް އެކި ސުވާލުތައް ކޮށްކޮށްވެސް އަނގައިން ނުބުނެ ދެއަތުން މޫނު ފޮރުވާލައިގެން ހުރެ އޭނަ ރުޔެވެ. ރޮއި ރޮއި އެދޮންމޫނަށް ރަތްކުލަ ވެރިވެއްޖެއެވެ.

"މިހާރުވާވަރުވެއްޖެއެއްނު، ސްޓޮޕް ކްރައިން......ވީގޮތެއް ބުނީމަ އެނގޭނީ........" ދާނަޝް ސުވާލުކޮށްލިއެވެ.

"އަހަންނަށް ވެސް ލޯބިވެވުނު، އެކަމަކު ލޯބިވެވުނީ......." ރަނީން އަށް ވާހަކަ ކުރިއަށް ގެންދަން އުދަގޫވިއެވެ.

"ހޫޒް ދަ ލަކީ ގައި؟ "ދާނަޝްގެ ހިތް އަވަސްވިއެވެ.

ކޮމެންޓް 0