ނާޒްލީ އިސްތިރިކޮށްގެން ގެނައި ޔުނިފޯމާއި ބުރުގާ ފެނިފައި ސްކޫލަށް ދާން އޭނަ ފޫހިވެ ނުދާން ނިންމިއެވެ. އަޒީޒުމެންނަށް ހީވެފައި އޮތީ ފައިގާ ނަގާފައި ހުރި ފޮޅުތައް އެއްކޮށް ރަގަޅުނުވާތީ ކަމުގައެވެ. ބޭސް ހާކާލާފައި ހުރުމުން އެތަން ހިކިފައިވާކަމެއް ނުވަތަ ނޫންކަމެއްވެސް ނޭގެއެވެ. ނާޒްލީ ސައިވެސް ކޮޓަރިއަށް ގެނެސްދިނެވެ. ރަނީން އެކަން މަނާކުރަން ދެކޮޅު ހަދާފައިވެސް ހިތާހިތުން އެކަމާއި އުފާކުރީ ނާޒްލީއަށް އުދަގޫވާނެކަން އެނގިފައެވެ.

"ނިންނި ހިކިކަމުން ވަރަށް އުދަގޫވޭ، ތަންކޮޅެއް ރަގަޅަށް ކައިބަލަ...." ނާޒްލީ އެހެން ކިޔާފައި ބޭރަށް ނުކުތީ ދޮރު ލައްޕާނުލައެވެ. ދޮރު ދޭތެރެއިން ފެނުނު ސޫރައަކުން ރަނީންގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލެވުނުހެންނެވެ. އިޒްޔަން ފެނުމުން ގައިން ހީބިހި ނެގީ ހާސްވިވަރުންނެވެ. ނާޒްލީ ވޮލެޓްގެ ވާހަކަ އެހުމުން ރަނީންއަށް ހީވީ ފުލުހުންނަށް ގުޅައިފީމޭ ބުނިހެންނެވެ. އެކަމާ ހާސްވިވަރުން އަރުތެރެއިން އެއްޗެއް ދިރުވާނުލާ އިނދެފައި ހުރިހާ ތަކެއްޗެއް ގެންގޮސް ފާޚާނާއަށް ލާފައި ފްލަޝްކޮށްލާފައި ރަނީން ނުކުތީ ބެލްކަންޏަށެވެ. ކުޑަ ބެލްކަނިކޮޅުގައި އިންދާފައިވާ ގަސްތަކަށް ފެންދޭން ހުރިއިރުވެސް ރަނީން ވިސްނަމުން ދިޔައީ އިޒްޔަންއަށް އެ ވޮލެޓް ފޯރުކޮށްދޭނެ ގޮތަކާއިމެދުގައެވެ.

މެންދުރު ރަނީން ކާންކަމަށް ނުކުތްވަގުތު ބައްޕައާއިއެކުގައި އިޒްޔަން އިންތަން ފެނިފައި ނުކުންނަން ފަސްޖެހުނެވެ. ކުރިން އުދަގޫކޮށް އިޒްޔަންއަށް ކުރާނެ ޖެއްސުންތައް ރާވައިގެން ހުއްޓާ ދިމާވުމުން ފިނިވެ ކަމެއްކޮށްލާކަށް ނުކެރުނެވެ. އޭރު ކުޑަކުއްޖަކަށްވިޔަސް މިހާރު އޭނައަކީ އެކަހަލަ ސިޔާސަ ކަންތައްކުރާ ވަރަށްވުރެ ބޮޑުކުއްޖެކެވެ. އިޒްޔަންއާއި ނާޒްލީގެ ސަބަބުން އަމިއްލަ ގެއިން މިނިވަންކަން ނެތި އަޅުވެތިވާން ފެށިކަމުގެ އިހުސާސްކުރެވިއްޖެއެވެ. މެންދުރު ނުކައި އިންދާ ނާޒްލީ ކޮޓަރިއަށް ބަތްތަށި މޮޑެގެން ގެނެސްދިނެވެ. މިވަރުން ދަންޏާ އަނގައިގާ ލައްވާ ކާންދޭނެއެވެ. ދޮންމަންމައެއް މިހާ ހެވެއް ނުވާނެއެވެ. މިއީ ދެއްކުންތެރިކަމެވެ. ކޮންމެވެސް ކަހަލަ އުކުޅެއްކަމުގައި ނޫނީ ނުވާނެއެވެ. ބައްޕަ ހީކުރާނީ މިވަރުގެ ހެޔޮ މީހަކު ރަނީންގެ ހަޔާތަށް ނާންނާނެކަމުގައެވެ.

ހަވީރަށް ވިއްސާރައިގެ ބޯ ވިލާތަކުން އުޑުމަތި ބައްދާލުމާއެކު ވާރޭ ވެހިގަތުމުން އެމަންޒަރުން އުފާކުރަން ރަނީން ބެލްކަނީގައި ހުއްޓާ އެހެން ލާފައި ދިޔަ ސައިކަލެއްގައި އިން ޒުވާނެއް ފެންނައިރަށް އެއީ އިޒްޔަންކަން އެނގުނެވެ. ވަގުތުން ހާސްވެފައި ހަނދާންވީ ވޮލެޓްމަތިންނެވެ. ބެލްކަނީ ލައްޕާލާފައި ކޮޓަރިއަށްވަދެ އިޒްޔަންގެ ވޮލެޓްނަގާފައި އޭގައި ހުރި ފައިސާ ގުނާލިއެވެ. ކުރީދުވަހު ފައްސަތޭކަ ފެނުނަސް ޒިބެއް ހުޅުވާލުމުން ފައްސަތޭކައިގެ އިތުރުން ނޫޓްތައް ފެނިފައި ރަނީން ކުޑަކޮށް ދަހިވާގޮތްވިއެވެ. ނަމަވެސް އޭނައަށް އެއީ މީހެއްގެ އަމާނާތެއްކަން އެނގޭތީ ޖެހޭކަށް ނުކެރުނެވެ. އިޒްޔަންގެ ފޮޓޯތަކަށް ބަލަން އިންދާ މީހަކު ޓަކިޖަހާލިހެން ހީވިއެވެ.

"ވަން މިނިޓް....." ރަނީން ވޮލެޓް ފޮރުވާފައި އައިސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ނާޒްލީ ހުރިތަން ފެނުމުން ކުޑަކޮށް މާޔޫސްވިއެވެ.

"އިޒްޔަން ދިން ހަދިޔާއެއް...." ރަނީންގެ އަތަށް ނާޒްލީ ދިއްކޮށްލީ ކޮތަޅެކެވެ.

"ވަޓް؟ "ރަނީންގެ ހިތް އަވަސްވިއެވެ.

"ސްކިޕިން ރޯޕެއް......" ނާޒްލީ ކޮތަޅުތެރެއަށް ބަލާލާފައި ހިނިތުންވެލިއެވެ.

"މީގެ ބޭނުމަކީ ކޮބާތަ؟ "ރަނީން ކުޑަކޮށް ރަކިވިއެވެ.

"ސްކިޕްކޮށް ހެދީމަ ދިގުވެދާނެ، އިޒްޔަން ބުނީ ރަނީން މާކުޑައީ އޭ، ފިފްޓީން އޭ ބުނީމަ ގަބޫލުކުރާކަށް އިޒްޔަން ބޭނުމެއްނުވި، އިޒްޔަންއަށް ދައްކަންވެސް ނިންނި ކޮންމެހެންވެސް ވާނެ އޭނަ ކޯހުން އެނބުރި އަންނަންވާއިރަށް އެޓްލީސްޓް ފައިވް ފީޓް ހަމަކޮށްލަން، ވާނެތަ؟ "ނާޒްލީ ރަނީންގެ ފަން އިސްތަށިކޮޅާއި ކުޅެލުމުން އުދަގޫވެފައި ހުރެ ރަނީން ފަހަތަށް ޖެހިލައިފިއެވެ. ރަނީން ހުރީ މަސްހުނި އިހުސާސްތަކުން ޝުކުރު އަދާކުރަންވެސް ނޭގިފައެވެ. އިޒްޔަންގެ އެއްޗެއް ފޮރުވައިގެން އުޅޭއިރު އިޒްޔަން އޭނައަށް ހަދިޔާ އޮއްސަން ފެށީ އޭނަގެ މާތްކަން ދައްކަން ހެއްޔެވެ

"އިޒްޔަން ކޯހެއްގައި ދަނީތަ؟" ރަނީން ކޮތަޅުގައި ހިފަމުން އެހެން އަހައިލިއިރު ކުޑަކޮށް އިޒްޔަންގެ ނަސީބާއިމެދު ވިސްނަން ޖެހުނެވެ. އޭނައަށްވެސް އެފަދަ ނަސީބެއްލައްވާނެ ނަމައެވެ.

"ކޯހެއްގައި ހުރެފައި އޭނަގެ މާމަ ބަލިވެގެން މާލެއަށް ޖައްސާލީ....."ނާޒްލީ ކުރުގޮތަކަށް ބުނެދިނީ މާމަގެ ބަލީގެ ތަފުސީލެވެ. ރަނީން ބޭނުން ވި މައުލޫމާތެއް ނުލިބުނެވެ. ހުރިހާ އެންމެން ކޯހުގައި ފުރާތީ އޭނަވެސް ދާހިތުން ކެތްކުރެވެނީއެއްނޫނެވެ. އޭލެވެލް ހަދައިގެން ކޯހަކާއިމެދު ވިސްނަން އަދި އަތްނުލާ އޮތް ދެއަހަރު އެބައޮތެވެ. ފަހަރެއްގައި އޯލެވެލް ހަދާފައިވެސް ކޮލެޖަކަށް ވަދެވިދާނެއެވެ.

"ތެންކިއު އިޒްޔަންއަށް....." ރަނީން ކޮޓަރިއަށް ވަދެ ކޮތަޅުން ސްކިޕްކުރާ ވާގަނޑު ނެގިއިރު ތުންފަތްމަތީގައި ހިނިތުންވުމެއްވިއެވެ. މިއީ ކުރިން ދުވަހަކު ކުރަން ހިތަށް އެރިކަމެއްވެސް ނޫނެވެ. ސިޓިން ރޫމްގައި އިޒްޔަން އުޅޭކަން އެނގޭތީ އޭނަ ހުރީ ނިކުންނަން ނުކެރިފައެވެ. ވާރޭ މުޅިން ހުއްޓާލުމުން މުޅިން ނުލައްޕާ ހުރި ކުޑަދޮރުން އިޒްޔަން އޭނަގެ މަންމައާއި ވާހަކަ ދައްކާއަޑު އިވިފައި ރަނީންއަށް އިޒްޔަން ގެއަށް ނުދާކަން އެނގުނެވެ. ދޮރުތަޅުގެ ލޯ ވަޅުން ބޭރަށް ބަލައިލުމުން ސީދާ ފެނުނީ އިޒްޔަންއެވެ. ސިއްރު ސިއްރުން ބަލަން އިރުކޮޅެއްވާންދެން ހުރެލާފައި އެނދުގައި އޮށޯވެލިގޮތަށް ވިސްނަން އޮތެވެ.

ސްކިޕްކުރަން ފެށިއިރު ރަގަޅަށް ކުރަން ނޭގިގެން ހުއްޓާލަން ރަނީން ބޭނުންވި ކިތަންމެ އިރެއް އައެވެ. ފަހުން އެކަމަކަށް ފޯރިހިފީ ސްކިޕް ކުރުމުން އިސްކޮޅު ދިގުވާކަމަށް އެކުވެރިއަކު ބުނިފަހުންނެވެ. އިޒްޔަން މިފަދަ އެއްޗެއް ހަދިޔާ ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ތިމާއަށް އިސްކޮޅެއް ލިބިފައި ހުރިކަން އަންގަންވެގެންނާއި ރަނީން ކުރުކަން އެނގޭތީ އެކަމާއި ފޮނިވީއެވެ. އެނގިދާނެތާއެވެ. ކްލާސްކުދިންވެސް ހައިރާންވާވަރަށް އިސްކޮޅުން ދިގުވުމަށްއެދި އޭނަ ދުޢާކުރިއެވެ.

އިޒްޔަން އޭނަގެ މަންމަގެކޮޓަރީގައި އިންއިރު ރަނީން ސްކިޕް ކުރާއަޑު އެގޭގައިވި ހިމޭންކަން މުގުރާލާފައިވިއެވެ. އެފަށްތަކާއި ރަނީންގެ ފައިތިލަ ތަށިމުށީގައި ޖެހޭއަޑުވެސް ލުއި މިއުޒިކެއްފަދައެވެ.އިޒްޔަންވެސް އެރާގާއި އެއްވަރަށް މަޑުމަޑުން ބިއްލޫރި މޭޒުމަތީގައި ތަޅާލަން އިންއިރު ކޮއްކޮ އެމާގެމަތިން ހަނދާންވާގޮތްވިއެވެ. އޭނަ ރަނީންއަށް މިފަދަ ހަދިޔާއެއް ދޭން ހިތަށް އެރީ އެމާ ސްކިޕް ކުރުމަށް އެއް ދުވަސްވަރެއްގައި ފޯރި ދައްކާލާފައި ހުރީމައެވެ. އެމާއާއި ބައިވެރިވާން އޭނައަށްވެސް މަޖުބޫރުކުރުވައެވެ. އެމާފަދައިން މިކުއްޖާގެ ކުޑަކަމާއި މައުސޫމް މޫނުގައި ލާނެތްގޮތެއްވެސް ހުރެއެވެ. އޭނައާއި ރަނީންގެ ދޭތެރޭގައިވަނީ ފަސްވަރަކަށް އަހަރުގެ ފަރަގުކަން ބަލާބެލުމަށް މީހަކު ގަބޫލެއްނުކުރާނެއެވެ. އިޒްޔަން ގެއަށް ދާންކަމަށް ނުކުތްއިރު ރަނީން ސްކިޕްކުރަން އަނެއްފަރާތަށް އެނބުރިގެން ހުއްޓެވެ. އިސްތަށިގަނޑުވެސް އެއްވަރަކަށް ހެއްލެމުންދާއިރު ވަރަށް ލޯތްބެވެ. ރަތާއި ކަޅުކުލައިގެ ސްކިނީއަކާއި ޓޮޕެއްލައިގެން ހުރިއިރު އެ ތުނި ހަށިގަނޑުގެ ބައްޓަންވެސް ހުރީ ކުޑަކުއްޖެއްފަދައިންނެވެ.

"ތެންކިއު......" ކުއްލިއަކަށް ރަނީން ފަހަތަށް އެނބުރި ބަލައިލިއިރު އެމޫނަށް ހީވަނީ ފެން އަޅާފައިވާހެންނެވެ. ދާތިކިތަކުން މޫނާއި އެކު އިސްތަށިގަނޑުވެސް އޮތީ ތެމިފައެވެ.

"ކޮންކަމަކާތަ؟ "އިޒްޔަން ނޭގޭކަމަށް ހެދުނެވެ.

"މި ގިފްޓް ދިނީތީ، ދެން އަހަރެންގެ ފްރެންޑެއްނޫން އިރުވެސް ކީއްވެގެންނޯ ހަދިޔާ މިދެނީ......." ރަނީން ޓިޝޫއަކުން މޫނުފޮހެލިއެވެ. މޭކަޕެއްނެތި ހުރުމުން ވަކިން ކުޑަކަމަށް ދައްކައެވެ. އޭނަ ސްކިޕް ރޯޕް ސޯފާމަތީގައި ބާއްވާފައިގޮސް ފްރިޖް ހުޅުވާލައިގެން ޖޫސްޖަގު ނެގިއެވެ. އިޒްޔަން ޖޫސް ބޯނަންހޭވެސް އަހާލައިފިއެވެ. އިޒްޔަން ހަދިޔާއެއް ދިނުމުން އޭނަގެ ހިތްވަނީ އެއްކޮށް ސާފުވެފައެވެ. އެއްއިރެއްގައި ފޮނިމީހަކަށްވިޔަސް މިހާރު މީހާ ބަދަލުވެއްޖެއެވެ. އިޒްޔަން ބުނީ އޭނަ އެހާ ގިނައިން ކާ މީހެއްނޫންކަމުގައެވެ.

"ބައްޕަ ކައިރިން އެސުވާލުގެ ޖަވާބު ހޯދާ...." އިޒްޔަންގެ ތުންފަތްމަތީގައި ކުޑަ ހިނިތުންވުމެއް ކުޅެލިއެވެ. މިއަދު އިޒްޔަން ހުރީ އެ ބާމަތި ފުޅާ ހަށިގަނޑާއި ގުޅޭފަދަ ގަމީހަކާއި ޖިންސެއްލައިގެންނެވެ. އަތުކުރި އޮޅާލާފައިވާއިރު ފެންނަން ހުރި ހިސާބުގައި ރީތިވަރަކަށް އިސްތަށި ފަޅާފައިވިއެވެ.

"އިޒްޔަން ވަރަށް ޗޭންޖުވެއްޖެ، ކުރީގައި އަހަންނާއި އަނގައިވެސް ނުބުނެވޭ......." ރަނީން އަނބު ޖޫސްތަށިން ކޯވަރެއް ދަމާލުމުން މެޔަށްވެސް ފިނިވެލިއެވެ.

"އިންސާނުންގެ ހިތް ދާދި ފަސޭހައިން ބަދަލުވާނެ، އެސްފިޔަޖަހާ ހިނދުކޮޅެއްގެ ތެރޭގައިވެސް........" އިޒްޔަން ބުނެލިއެވެ.

"ޓެލް މީ އެބައުޓް ޔޫ....." ރަނީން އޮޅުން ފިލުވާހިތްވިއެވެ.

"އިޒްޔަން....." ނާޒްލީ ދޮރުމައްޗަށް ނުކުމެފައި ގޮވާލީ ކުޑަކޮށް ނުރުހިފައިވާ އަޑަކުންނެވެ. އިޒްޔަން މަންމަ ދެކެ ބިރުން އުޅެނީހެއްޔެވެ؟ ވަގުތުން އޭނަ މަންމަގެ އެދުމަށް އިޖާބަދިނެވެ. ރަނީން ފިރިހެން ކުއްޖަކާއި ވާހަކަ ދެއްކުމުން ނާޒްލީ އެހާ ރުޅިއަންނަންވީ ސަބަބެއް ރަނީންގެ ވިސްނުމަކަށް ނައެވެ. ކުޑަކުއްޖަކަށްވިޔަސް ޔަގީނުންވެސް ނާޒްލީގެ ހަރަކާތުން ރަނީންއަށް އެންމެ ކަމެއް ޔަގީންވިއެވެ. އޭނަ ފިރިހެން ކުއްޖަކާއި އަނގައިން ބުނަންވެސް ނާޒްލީ ނުރުހޭކަމެވެ. އެއީ އަމިއްލަ ދަރިފުޅުކަމުގައި ވިޔަސް ހެވެވެ. ރަނީން ޖޫސްތަށި ހިފައިގެން ހުރެ ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ދޮރާއި އަރާހަމަވެފައި އެނބުރި އައިސް ސްކިޕް ކުރާ ރޯޕް ނެގިގޮތުން ރަނީންއަށް އެ ޚާއްސަވެފައިވާ މިންވަރު ދައްކުވާދިނެވެ.

އަޒީޒު އާއި ނާޒްލީ ވާހަކަދައްކާލަން ތިބީ ގަހުގެ ހިޔަލުގައި އަޅާފައިވާ ކުނަލެއްގެ މަތީގައެވެ. ވާރޭ ވެހުނު ދުވަސްކޮޅަކަށްފަހު މިއަދު އުޑުމަތި އޮތީ ތަންކޮޅެއް އަލިކޮށެވެ. ވިލާތަކުގެ ތެރެއިން ބޯދިއްކޮށްލައިގެން ހުރެ އިރު ދުނިޔެއަށް ދޯދިތައް ފަތުރަން މަސައްކަތްކުރާއިރު މަޑު އަތްވެއް ދީފައިވެއެވެ. ދެމީހުން ކުރުބާ ބޯން ތިބިއިރު ނާޒްލީގެ ލޯ ހުއްޓިފައިވަނީ ރަނީންގެ ހަރަކާތަށެވެ. ރަނީން މޫދުގެ އައްސޭރިފަށުގައި ކުޑަކުދިންތަކާއިއެކު ދުވެ ދުވެފައި އުޅޭއިރު އަދިވެސް ކުޑަކުއްޖެއްގެ ހަރަކާތްތަކެވެ. ފަނަރަ އަހަރުގެ އަންހެންކުއްޖެކޭ ބުނާނެ ދުލެއްނެތެވެ. އިސްކޮޅުން ދިގުވެ ހަށިގަނޑު ރީތިވެއްޖެއްޔާ އަންހެންވަންތަ ކުއްޖެއްކަމުގައިވާނެ ކަމާއިމެދު ޝައްކެއްނެތެވެ. އިޒްޔަންއާއި ވިޝާމް އަދި އާއިލާގެ ދެތިން ޒުވާނުންވެގެން ބޮޑު އަލިފާންގަނޑެއް ރޯކޮށްލައިގެން އުޅޭއިރު އެއްކުއްޖަކު އުލެއްގައި މާޝްމެލޯ ފިހުމަށްވެސް މަސައްކަތްކުރާތަން ފެނެއެވެ.

"ކޯންޗެއް ތިވިސްނަނީ ނާޒް....." އަޒީޒު ނާޒްލީގެ އަތުގައި ކޮށްޓާލިއެވެ.

"އަހަރެންގެ ދަރިން ފަދައިން ނިންނި ވެސް ބުރުގާ އަޅަން އެއްބަސްނުވާނީތަ؟ " ނާޒްލީ ވިސްނީ އޭނަ ދާދި ފަހަކާއި ޖެހެންދެން އުޅުނުގޮތާއި އެކަމުގެ ސަބަބުން ދަރިންނަށް ކޮށްފައިވާ ނުބައި އަސަރުތަކެވެ. މާޒީގެ ކަޅު އަނދިރި ދުވަސްތަކުގެ ހަނދާންތައް އެއްފަރާތްކުރުމަށްފަހު ތައުބާވެ އޭނަ ކަރުނަ އެޅިއެވެ. ނަމަވެސް ކުއްލިއަކަށް ދަރިން ބަދަލުވެދާނެކަމަށް އޭނަ ވިސްނައިގެން ނުވެސް ވާނެއެވެ.

"ނިންނިއަށް ކަމަކަށް މަޖުބޫރުކުރުމަށްވުރެ ރީތިކޮށް ވާހަކަދެއްކީމަ ކުރާނެ، އެއީ ގޯސްކުއްޖެއްނޫން، އޭނައަށް ރަގަޅު މަގުދައްކާނެ މަންމައަކަށް ބޭނުންވޭ، މަންމަ ނެތުމުގެ ފަޅުކަން ކަނޑުވާލަދޭން އެންމެ ރަގަޅު އަންހެނަކީ ނާޒް، އެކަން ނިންނިއަށް އަންގަން އެކަމަކު އަހަރެން ޖެހިލުންވޭ، ނިންނި އެކަން ނަގާނެގޮތެއް ނޭގޭތީ، އެކަމަކު މިއަދު މިއީ އެކަމަށް އެންމެ އެކަށީގެންވާ ދަނޑިވަޅު،ހުރިހާ ކުދިންވެސް އެތިބީ ހީވާގޮތުން ވަރަށް އުފާވެ ހަމަޖެހިލާފައި، މިކަހަލަ ދަތުރުތައް ރޭވީމަ ދެން ވަރަށް ސިކުނޑި ތާޒާވެ ފިކުރުތަކުންވެސް ދުރުހެލިވޭ......" އަޒީޒު ހިނިތުންވެލާފައި ނާޒްލީގެ އަތަށް ފިތާލުމުން ނާޒްލީގެ މޫނު ކުރިއަށްވުރެ އަލިވިއެވެ.

ހަވީރު ސައިގެ އިންތިޒާމްވެސް ނާޒްލީގެ ބެލުމުގެ ދަށުން ވަރަށް ފުރިހަމަޔަށް ގެންދެވުނެވެ. ރަނީން ވެއްޓިފައިވާ ރުއްގަނޑެއްގެ މަތީގައި އިށީނދެލައިގެން މޫދަށް ދެފައި ބާނައިގެން އިނެވެ. ވަށައިގެން ފެންނަ ކޮންމެ މަންޒަރަކަށް ހިތް ހާސްފަހަރު ތައުރީފުކުރިއެވެ. ކުދިރާޅުތައް އެއް ހަމައެއްގައި ދޮންވެލިގަނޑަށް ބީއްސާލާގޮތެވެ. ލޮލުކޮޅަށްދާންދެން އޮބާލާފައިވާ ހުދު ދޮންވެލިގަނޑުމަތީގައި ކިރު ކަކުނި ދުވާ މަންޒަރެވެ. ނޫއަދި ފެހި ކުލައިން ޖަރީވެފައިވާ މޫދެވެ. އަޒީޒުކައިރީގައި އިށީދެ ދުރުންދުރުންގޮސް ނާޒްލީގެ ވާހަކަފެށިއެވެ. މަންމައެއްގެ ގޮތުގައި ބަލަން އެދުނެވެ.

"އޭނައަށް ދުވަހަކު މަންމަގެ މަޤާމަކަށް ނާދެވޭނެ، ދޮންމަންމައެއް ބޭނުމެއްނޫން...." ރަނީން ތުންފިތާލިއެވެ.

"ދަރިފުޅާ، މަންމައެއްގެ މަޤާމު އެކަކަށްވެސް ފުރައެއް ނުދެވޭނެ، އެކަމަކު އެޓްލީސްޓް ނާޒްދައްތައަށް އެންމެ ފުރުސަތެއް ދީ، ނިންނި ބޭނުން ނުވަނީވިއްޔާ ބައްޕަ އޭނަ ބަހައްޓާކަށް ނޫޅޭމޭ....." އަޒީޒު ޔަގީންކުރީ ރަނީން ދުވަސްކޮޅެއްފަހުން ނާޒްލީއާއި ގުޅޭނެކަމުގައެވެ.

"އޯކޭ....." ރަނީން އިތުރަށް އެވާހަކަދައްކާކަށް ބޭނުމެއްނުވިއެވެ. އަޒީޒު ހަމަޖެހުމުގެ ނޭވާއެއްދޫކޮށްލިއެވެ. އޭނަ ހީކުރިފަދައިން ރަނީން އެއީ މާބޮޑު މައްސަލައަކަށް ނަހަދާ އެވަރުން ފުއްދާލުމުން ހީވީ ބޮލުގައިވި އެތައް ޓަނެއްގެ ބުރަދަން ނެތިގެން ދިޔަހެންނެވެ.

ރަނީން ބުރުގާ އަޅަން ފާޅުގައި ދެކޮޅުނެހެދިޔަސް އަހަރު ނިމުމުން ބުރުގާ އަޅާނެކަމަށްބުނެ ބައްޕަ ކައިރީގައި ވަޢުދުވެ ހިތްހަމަޖައްސާދިނެވެ. ވަގުތުން ވަގުތަށް ބުނާގޮތަށް ނެހެދިޔަސް ރަނީންގެ ފަރާތުން ނާޒްލީއަށްވެސް ފެންނަނީ ރަގަޅުކަންތައްތަކެވެ. އެއުމުރުގެ ކުއްޖަކު ހަމަ ކުއްލިއަކަށް ސާލިހު މާތްކުއްޖަކަށް ނެހެދި ހިނގައިދާނެއެވެ. އަމިއްލަ ނަފުސާއިމެދު ވިސްނާލާފައި ނާޒްލީއަކަށްވެސް އިތުރަށް މަޖުބޫރުކުރާކަށް ނުކެރުނެވެ. ނާޒްލީ އަޒީޒުގެ އަންބެއްގެ ގޮތުގައި އެގެއަށް އައުމަށްފަހުގައި އެގޭގެ ރޫޙު ދެގުނަ އިތުރުވެ ގޭގެ ފަޅުކަން ފިލާ ގެއަކާއި ވައްތަރުވިއެވެ. އަޒީޒުއަށް ދުވަހަކު ނުލިބޭހާ އުފާވެރިކަން ނާޒްލީގެ ފަރާތުން ލިބުނެވެ. ކޮންމެ ގަޑިއެއެއްގައި ގެއަށް ވަނަސް ގެހުންނަނީ ސާފުތާހިރުކޮށް މީރުވަސް ދުއްވާލާފައެވެ. ހުރިހާ ތަނަކުން އޮފްއަރާވަރަށް އޭނަ ސާފުކުރެއެވެ. ކާއެއްޗެހީގެ މީރުކަމުގެ ވާހަކަ ނުދެއްކިއްޔާ ރަގަޅެވެ. އެހާވެސް ރަހަ ރަގަޅެވެ. އެދޭތެރެއަކުން އަޒީޒުގެ މަންމަ އެގެއަށް ބޭހަށް އައިސް އުޅުނުއިރު ނާޒްލީ އެ މަންމަ ފެންވަރުވާ ފުނާއަޅުވާ އަނގައިގާ ލައްވާ ކާންދެނީ ވަރުބަލިކަމެއްނެތިއެވެ. ރަނީންގެ ކޮޓަރި ރީތިކޮށްލަދެމުން ރަނީންގެ ޔުނިފޯމް ދޮވެ އިސްތިރިކޮށްދެނީވެސް އޭނައެވެ. އަޒީޒުގެ މަންމަ ގިނަ ދުވަސްވާތީ ޝަކުވާއެއް ހިސާބުވެސް ކޮށްނުލައެވެ. އަޒީޒުގެ ނަސީބު އެންމެފަހުން އަތުގައި ހިފީކަމުގައި ހީކޮށް އަޒީޒުހުންނަނީ އުފަލުން ފުރިފައެވެ.

ދޮންމަންމަ ނާޒްލީގެ ސަބަބުން ބޮލަށް އުދަގޫވެ މިނިވަންކަން ގެއްލިފައި ހުރީ ރަނީންއެވެ. ރަނީން ސްކޫލް ނިންމާލާފައި ގެއަށް އަންނަގޮތަށް ކޮޓަރި ތަޅުލައިގެން އެތައް އިރެއްވާންދެން އިނދެފާނެއެވެ. ފޮތްތައް ކިޔުމުގެ ބަދަލުގައި އެދުވަސްވަރު އޭނަގެ ޝައުގުވެރިކަން ހުރީ އެކުވެރިއަކު ގެނެސްދޭ މިލްސް އެންޑް ބޫންސްއަށެވެ. އިޝްގީ ދުނިޔެއަށް ލޯ ހުޅުވެންފެށީވެސް އެދުވަސްވަރުއެވެ. އެކުވެރިން ދައްކާ ވާހަކަތަކުންނާއި އެފަދަ ވާހަކަތަކުން އޭނަގެ ހިތް އެދިމާލަށް ލެނބުނެވެ. އެމީހުން ސިފަކޮށްދީފައިވާ ކަހަލަ "ޑާކް ޓޯލް އަދި މިސްޓީރިއަސް" މީހެއް މާލޭގައި އުޅޭބާވައޭ ހިތަށް އަރާ ކޮންމެފަހަރަކު ލޮލަށް ސިފަވަނީ އިޒްޔަންއެވެ. އިޒްޔަންވެސް ކޯސް ފުރިހަމަކުރުމަށްޓަކާ އޭރު ފުރައިފިއެވެ. އިޒްޔަން ހުރިނަމަ ކިހާ ރަގަޅުވީސްހެއްޔެވެ؟ ކްލާސް ހުރިހާ ކުދިންގެ ލޯބިވެރިން އުޅޭއިރު އޭނައަށް އެފަދަ ޚާއްސަ ކުއްޖަކު ނުލިބެންވީ ކީއްވެހެއްޔެވެ؟ ގޮތްހުސްވެ ކުދިންގެ ކައިރީގައި ދެރަނުވާންވެގެން އޭނަ ބުނީ ލޯބިވެރިޔަކީ އިޒްޔަން ކަމުގައެވެ. އިޒްޔަން ގެ ފޮޓޯތައް އޭނަގެ ޕާރސްގައި ޖަހައިގެން އެކަން ޔަގީންކޮށްދިނެވެ. ކުދިން އެކަން ގަބޫލުވެސް ކޮށްގެން ރަނީންއާއި ހަސަދަވެރިވާވަރުވިއެވެ. އެހާ ރީތި ބޯއިފްރެންޑެއް އެއިން އެއްވެސް ކުއްޖެއްގެ ނުވެއެވެ.

މަޖަލަކަށް ހަދައިގެން ރަނީން އެކުރިކަމެއްގެ ސަބަބުން އޭނަ އިޒްޔަންގެ ހަނދާންވާން ފެށީ މާބޮޑަށެވެ. ޚުދު އެކުއްޖާއަށްވެސް އެނގުމަކާއި ނުލައި އެހިތުން އިޒްޔަން ޖާގަ ހޯދިއެވެ. ރަނީންގެ އުމުރުން އެންމެ ފަނަރަ އަހަރެވެ. ހުންނަނީ އެހާ ކުޑަކޮށެވެ. ފިރިހެނުންގެ ނަޒަރުގައި އަޅައިގަންނަވަރަކަށް އަދި ރަނީންގެ ހަށިގަނޑު ފުރިހަމަވީއެއްވެސް ނޫނެވެ. ނަމަވެސް ރަނީންގެ ހަށިގަނޑަށްވުރެ ހިތް ޒުވާންވެއްޖެއެވެ.

މަޣުރިބު ނަމާދަށްވެސް ނާރާ ރޯމިއޯ ޖޫލިއެޓް ބަލަން ދެފައިވައްކޮށްލައިގެން ސޯފާއަށް އަރާއިންއިރު ރަނީން އެސްފިޔަޖަހާވެސް ނުލައެވެ. ނާޒްލީ އެގަޑީގައި ނަމާދުކޮށްކޮށްލައިގެން އިންނަނީ ޒިކުރުކޮށް ޤުރުއާން ކިޔަވާށެވެ. ބޭރުން ޓީވީގެ އަޑުގަދަވާން ފެށުމުން ނުކުމެފައި ނާޒްލީ މަޑުމައިތިރިކަމާއިއެކު ރަނީންއަށް ވިސްނައިދިނީ މިއީ ފިލްމު ބަލަން އެންމެ ރަގަޅު ނޫން ވަގުތު ކަމުގައެވެ.

"ނަމާދުނުކުރާ ދުވަސްކޮޅެކޭ....."ރަނީން މަޑުމަޑުން ބުނެލިއެވެ.

"ނިންނި ނުކުރިޔަސް މާމަވެސް މިގަޑީގައި ނަމާދުކުރާނީ ދޯ، މާމައަށްވެސް އުދަގޫވާނެ......" ނާޒްލީގެ ޖުމްލަ އިވުމުން ރަނީން އަވަހަށް ޓީވީ ނިވާލާފައި ބާރަށްގޮސް ދޮރު ލެއްޕިގޮތުން އޭނަ ރުޅިއައިވަރު އެންގިއެވެ. އެންމެފަހުން ކެތްނުކުރެވިގެން އޭނަގެ ކްލާސްމޭޓް އަދި މިހާރަކަށް އައިސް އެންމެ ގާތް އެކުވެރިޔާކަމަށްވާ ޒީކާއަށް ގުޅައިގެން ޝަކުވާކުރިއެވެ.

"ފިލްމެއް ބެލޭކަށް ނޯވޭ އެވެސް ސްޓާރ މޫވީސްއިންނޭ ދެއްކީ، އެހާ ބަލާހިތުން އިންދާ ދޮންމަންމަ ވިޗެއްހެން އައިސް އަންގައިފި ފިލްމު ބަލާ ގަޑިއެއްނޫނޭ، ވަރަށް ފޫހި އަންހެނެއް، އަޅެ އަހަރެން ހަދާނީ ކިހިނެއް؟ މިވަރުން ދަންޏާ ދަތްކޮޅު ފައިބަފާނެ ޓީން އަހަރުތައް ނުނިމެނީސް....." ރަނީން އެނދުގައި އޮތްއިރު އެއްފައި މައްޗަށް އަނެއްފައި ލައިގެން ހަލުވަން އޮތެވެ.

"ޑެންޓިސްޓަކަށް އެޕޮއިންޓްމެންޓް ހަދާ...." ޒީކާ ހިނިގަނޑެއް ޖަހައިލިއެވެ.

"ސީރިޔަސްވެ ބަލަ ޒީކާގަނޑާ، އައިޑިއާއެއް ދީބަލަ، ދޮންމަންމަ އެކޭ ލޮލަށް އެޅިގެން އުޅޭ ކުނިކޮޅެކޭ އެއްގޮތް....." ރަނީން ކިޔާދިނެވެ.

"ބްލެކް މެޖިކް ދަސްކޮށްގެން ސްޕެލް އެއް ހަދާފައި ކުނިކޮޅު ނަގާފައި އެއްލާލާ...." ޒީކާ އެކަހަލަ މޮޔަ ޚިޔާލެއް ނޫނީ ނުދޭނެއެވެ. އޭނަގެ ހުރިހާ އަންހެން އެކުވެރިންވެސް އެވަރެވެ. ކިރިޔާވެސް ސީރިޔަސްވެ އޭނައާއި އެއްކޮޅަކަށް ވާހަކަދައްކާނީ ވިޝާމްއެވެ. ވިޝާމްވެސް ނާޒްލީއަށް ދޭތެރެއަކުން ތަޢުރީފުކޮށްފައި ވާހަކަދައްކާތީ އޭނަ މިފަހަކަށް އައިސް ވިޝާމްއަށް ގުޅާހިތެއްނުވެއެވެ. ނަމަވެސް އަމިއްލަ ނަފުސާއި ވާހަކަދައްކައިގެން އަމިއްލައަށް އެއްވެސް ކަމެއް ހައްލުކުރަން ނޭގޭތީ އެބުރެވެނީ ހަމަ ވިޝާމްއަށެވެ.

ނާޒްލީ ރަނީންގެ ކޮންމެ ކަމެއްވެސް އިސްލާހުކުރަން މަސައްކަތްފެށީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ރަނީންގެ ކޮންމެ ކަމެއް ބެލެހެއްޓުމަކީ އޭނަ ދެކުނުގޮތުން އަމިއްލަ ޒިންމާއެކެވެ. އަޒީޒު ބުރަކޮށް އުޅެމުން އާއިލާ ބަލަހައްޓަން މަސައްކަތްކުރާއިރު ރަނީންގެ އުޅުމާއިމެދު ވިސްނަން ޖެހޭނީ ނާޒްލީކަމުގައި އޭނަ އަމިއްލައަށް ގަބޫލުކުރިއެވެ. ރަނީންގެ ފޮތްތައްވެސް ޗެކްކޮށްލައެވެ. ސްކޫލަށް ގެންގޮސް ބަލާދަނީވެސް ނާޒްލީއެވެ. ބެލެނިވެރިއެއްގެ ހައިސިއްޔަތުން ދާންޖެހޭ ތަންތަނަށް ދާންވެސް ފެށީ ނާޒްލީއެވެ. ރަނީން ހުންނަނީ އެކަންތަކާ ވަރަށް ފޫހިވެފައެވެ. ބައްޕައަށް މިހާރު އޭނަގެ އެއްވެސްކަމަކަށް ވަގުތު ދެވޭކަމަކަށް ނުވެއެވެ. އޭނަ ހައިރާންވަނީ އަންހެން ދަރިން ތިއްބާ އެކުދިން ދޫކޮށްލާފައި އައިސް އެހެން އާއިލާއެއްގެ ތެރޭގައި އުޅެން މިއަންހެނާއަށް ކެތްކުރެވޭތީއެވެ. އެހެން މީހެއްގެ ދަރިއަކު އަމިއްލަކޮށް ނުފޫޒު ފޯރުވަން އުޅޭކަމާއިމެދު އޭނަ ރުޅިގަދަވެއެވެ. ނާޒްލީގެ ދަރިންނާއި ބެހޭގޮތުން ސުވާލުކުރަން ހިތަށްވެސް އަރައެވެ.

ޖޫންމަހު ފަހުކޮޅު އިޒްޔަން ރަށަށް އަންނާނެކަމަށް ދޮންމަންމަ ބައްޕަ ކައިރީގައި ބުނިއަޑު އަހާފައި ރަނީންގެ ހިތް ބޭގަރާރުވިއެވެ. އިޒްޔަން ދެކޭހިތުން ކެތްކުރެވުނީއެއް ނޫނެވެ. އޭނަ ހުރީ ދުވަސްތައް ގުނާލަ ގުނާލައެވެ. އެދުވަސްކޮޅު ރަނީން ރީތިވާން ޚާއްސަ ސަމާލުކަމެއް ދިނެވެ. ކޮންމެ ވަގުތެއްގައިވެސް އިޒްޔަން ފެންނާނީ ގޭތެރޭގައި ހުއްޓާކަން އޭނަ ދަނެއެވެ. ޖޫންމަސް ފެށުނީއްސުރެން ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ބޯކޮށް ވާރޭވެހި މޫސުމް އޮންނަނީ ގޯސްވެލާފައެވެ. ވާރެއަކީ ހިތުގެ ހަމަޖެހުންކަމުގައި ވެފައިވެއެވެ. ފަތިހު ދޮންމަންމަ ނަމާދަށް ގޮވުމުން ކަންނެތްކަން އިންތިހާވިނަމަވެސް ނަމާދުނުކޮށް އޮންނާކަށް ރަނީންއަކަށް ނުކެރުނެވެ. ތެދުވެ ވުޟޫކޮށްލުމަށްފަހު ނަމާދުކޮށްގެން އެނދަށް ވެއްޓިގެން ރަޖާތެރޭގައި ފޮރުވިގަތްއިރު ހީކަރުވައިގެން ރޫރޫއަޅައެވެ.

"ކޮފީ ބޯން ނާންނާނަންތަ؟ ވަރަށް ފިނިކަން ގަދައެއްނު......" ނާޒްލީ ދޮރުން ބޯ ދިއްކޮށްލިއެވެ.

"ނޯ ތޭންކްސް...." ރަނީން ގައިގާ ހުޅުހިފާވަރުވިއެވެ. ދޮންމަންމަގެ އުދަގޫ ބޮޑުކަމުގެ ހައްދެއްނެތެވެ. ކޮޓަރީގެ ތަޅު ހަލާކުވިގޮތަށް އެކަން ރަގަޅުކުރާކަށްވެސް ނޫޅުނީ އޭނަ މިތާގައި ނުބައިކަމެއް ކޮށްފާނެކަމަށް ހެއްޔެވެ؟ އޭނަ ސިގްރެޓްބޮނީއެއް ނޫނެވެ. ޑްރަގްނަގަނީއެއް ނޫނެވެ. ރަނީން ކަންފަތްމަތީގައި ބާލީސް އަޅަން އުޅުނުތަނާ އިޒްޔަންގެ އަޑު އިވުނުހެން ހީވެފައި ފުންމައިގެން ކޮޅަށް ތެދުވެ އިށީދެވިއްޖެއެވެ. މޭގައި އަތްއަޅާލެވުނެވެ. ދޮންމަންމައަށް ނޫނެކޭ ބުނެވުނުކަމުގެ މޮޔަހީވިއެވެ. ދޮންމަންމަ އެހާވަރުން ކޮފީދޭން އުޅުނީ އިޒްޔަން އައިސްގެންކަން ޔަގީނެވެ.

ކޮމެންޓް 0