"ނިންނި، ބިއްލޫރިތަށިތައް ދޮވެލާފައި ކަދުރުޕެކެޓް ކަނޑާލަބަލަ......" ނާޒްލީ ރަނީންއަށް ބަލައިލަމުން ހިނިތުންވެލިއެވެ. އެވަރުންވެސް އިޒްޔަން އޭނަ އެތާހުރި ކަމަކަށް ހަދާނުލިއެވެ. ބަލާވެސް ނުލިއެވެ. އެވަގުތު މާމަ ފާޚާނާއަށް ދާންޖެހިގެން ގޮވަން ފެށުމުން ނާޒްލީ އެތެރެއަށް ވަނުމުން އިޒްޔަންއާއި ރަނީން އެތާ އެކަނިވިއެވެ. ރަނީންގެ ހިތްތެޅޭލެއް ބާރުކަމުން އެއަޑު އިޒްޔަންއަށް އިވޭނެކަމުގައި އޭނަ ހީކުރިއެވެ. ސިއްރު ސިއްރުން ބެލުނީ އެ ފިރިހެންވަންތަ އަތަށެވެ.

"އިޒްއަށް ޖޫސް ހަދަންވެސް އެނގޭތަ؟ " އިޒްޔަންއާއި ވާހަކަދައްކާހިތުން ނުހުރެވިގެން ރަނީން އަހާލައިފިއެވެ.

"ޕައިންއެޕްލް ޖޫސް އަލަށް މިހެދީ...." އިޒްޔަން ކުޑަކޮށް ރަނީންގެ މޫނަށް ބަލައިލިއެވެ. ރަނީންގެ ޅަ މޫނުމަތިން ފެނުނު މޮޅިވެރިކަމަކުން ހިތަށް ހަމްދަރުދީވަނެވެ. ރަނީން އޭނައާއިހެދި އެހާވަރުން އުޅޭތީ އެކަމާއި ހާސްވިއެވެ. ރަނީން ހުރިހާ ބިއްލޫރިތަށިތަކެއް ސިންކަށް ލައިގެން ސްޕޮންޖްކޮޅަކުން ދޮންނަން އުޅުނުއިރުވެސް ދޭތެރެއަކުން އިޒްޔަންގެ މޫނަށް ނަޒަރު ހުއްޓެއެވެ. އިޒްޔަން ނުދެނެހުރިކަމަށް ހަދާލައިގެން ހުރިއިރުވެސް އެކަން އެނގުނެވެ.

"ދުވަހަކު ނުދެކެން ރިއަލް ލައިފްގައި ބޯއި އެއް ތިގޮތަށް ބަދިގޭގައި އެހީވަނިކޮށް، އައިމް އިމްޕްރެސްޑް....." ރަނީން ޖެހިލުންވިޔަސް އެކަން އިޒްޔަންއަށް އެންގިއެވެ.

"އިމްޕްރެސްޑް؟ ރިއަލީ؟ " އިޒްޔަން އެއްބުމަ އަރުވާލިއެވެ. އެއިން ކޮންމެ އަދާއަކުން ރަނީންގެ ހިތް ކަތިލިއެވެ.

"ދެން އެހާ ބޮޑަކަށް ނޫން، އިޒް ނުފުރާ ވާހަކަ މަންމަ ބުނި. އެއީ ކީއްވެގެންނޯ...." ރަނީން އަހާލިއެވެ. ރަނީން ދެކޭގޮތުގައި އިޒްޔަން އުޅެނީ ސިއްރުން ކައިވެނިކުރާށެވެ. އެހެން ހިތަށް އެރުމުންވެސް ހިތަށް އެވާ ނުބައިގޮތެއް ބަޔާންކޮށްދޭކަށް ނޭގެއެވެ. އޭނަ އިޒްޔަންދެކެ ވާ ލޯބި އެހެން މީހަކާއި އަޅާކިޔޭނެ ގޮތެއް އޭނައަކަށްވެސް ނޭގެއެވެ.

"އަދި ދާ ވަގުތު ނުޖެހެނީ. ކޮބާތަ ހަކުރު ދަޅު......" އިޒްޔަން އެހެން ވާހަކައެއް ފެށިއެވެ.

"ފޮނިގަނޑު، ސުވާލަށް ރަގަޅު ޖަވާބެއްވެސް ނުދޭނެ......" ރަނީން ހިތާހިތުން ކުދިކިޔަމުންގޮސް ކަބަޑްމަތިން ލޮނުފުޅި ނަގާފައި ދިއްކޮށްލިއެވެ. އިޒްޔަން ރަނީންއަށް އިތުބާރުކޮށްފައި އެފުޅި އަތުލައިގެން ޖޫސްގިރަން އުޅެފައި ސަމުސަލެއް ބަލާ އެނބުރުނުތަނުން ރަނީންގެ ގައިގާ އަޅައިގަތެވެ. އެކުޑަ އެކްސިޑެންޓުންވެސް ހީވީ ހަށިގަނޑުގައި ކަރަންޓުގެ ރާޅުބާނިތަކެއް ދަތުރުކޮށްލިހެންނެވެ.

"ބަލައިގެން...." އިޒްޔަންއަށް ކިޔާލެވުނެވެ.

"ހިތް ހަލާކުކޮށްލާފައިވެސް ބަލައިގެން އުޅޭށޭ ހަމަ ބުނަން ޖެހޭތަ؟ އިޒްއަށް ކީއްވެ އަހަރެންގެ ލޮލަށް ބަލާފައި މި ލޯބި ނުފެންނަނީ؟ "ރަނީންގެ ހިތުގައިވާ އެއްވެސް ލަފުޒެއް ދުލާއި ހަމަޔަށް ފޯރާނެގޮތެއްނުވިއެވެ. އިޒްޔަން އޭނަ "ރިޖެކްޓް" ކުރިފަހުން ލޯބީގެ ބަސްމޮށުން ކުރިއަށްވުރެ ހިމޭންވެއްޖެއެވެ.

"ވަޓް؟ " އިޒްޔަން ކިޔާލައިފިއެވެ.

"ނުބުނަން އެއްޗެކޭ......"ރަނީންގެ މޫނު ރަތްވީވަރުން ހީވީ އަލިފާނުގެ ހުޅުގަނޑުގެ އަސަރުކުރިހެންނެވެ. އެކުޑަ ކުޑަ ރީތި މޫނުގެ ރީތިކަމުން ޕަރީއެކޭ ތަފާތެއްނެތެވެ. އެވަގުތު އެޕާޓްމެންޓްގެ ބެލްޖަހަން ފެށުމުން ރަނީން ދޮރު ހުޅުވާލަން ދިޔަވަގުތު ނާޒްލީވެސް ކޮޓަރިން ނުކުމެގެން އައިސް މާބާރަކަށް އިޒްޔަންއަށް ގޮވާލުމުން ރަނީންވެސް ސިހިފައި ބަލާލިއެވެ.

"ތީ ލޮނުފުޅި އޭ އިޒް، ނުވެސް އަހާ އިޒް ޖޫހަށް ލޮނު ތިއަޅަނީ...." ނާޒްލީގެ އިންޒާރުން އިޒްޔަން ސަމުސާ ދުރުކޮށްނުލިނަމަ މިއަދު ކުރިހާ މަސައްކަތް ބޭކާރުވީއެވެ. ނުލަފާކަމެއް ދެއްވާފައި ހުރި އަންހެންކުއްޖެކެވެ. ގަސްތުގައި އޭނައަށް ލަނޑެއް ދިނީއެވެ. އިޒްޔަން އޭނަގެ މަންމަ ކައިރީގައި އެފުޅި ދިނީ ރަނީންކަމަކަށް ނުބުނެ ސިއްރު ނަޒަރަކުން ރަނީންގެ މޫނަށް ބަލައިލިއެވެ. އޭރު ރަނީން ހުރީ ލާނެތް ހިންޏެއް އައިސްފައެވެ.

މޭޒުމަތި ތައްޔާރުކުރިއިރުވެސް އިޒްޔަން އޭނަގެ މަންމައާއި ބައިވެރިވިއެވެ. އެންމެން ޖޫހަށް ތަޢުރީފުކުރިއެވެ. ރޯދަވީއްލައިގެން އަޒީޒު ނަމާދަށް ދާން ނުކުތުމުން އިޒްޔަންވެސް އިރުގަނޑެއްކޮށްލާފައި ނުކުމެގެން ދިޔައެވެ. ނާޒްލީ އެދުނީ އެންމެން ނަމާދުކޮށްގެން ޤުރުއާން ކިޔަވަން ތިބުމަށެވެ. އިޝާ ނަމާދަށް މިސްކިތަށް ދާން ތައްޔާރުވާންވެސް ނާޒްލީ އެންގިއެވެ. ބަލިކޮށް އުޅެމުން މާމަވެސް ތަރާވީސް ދޫކޮށްލާކަށް ބޭނުމެއްނުވިއެވެ. އެކަނި ގޭގައި ނީދެވޭނެތީ ރަނީންއަށްވެސް މަޖުބޫރުވީ ދޮންމަންމައާއިއެކީގައި ތަރާވީހަށް ދިޔުމަށެވެ. މިސްކިތަށްގޮސް ނަމާދުކޮށްލުމުން ތަފާތު އިހުސާސްތަކެއް ކުރެވި ރޫޙާނީ ހިތްހަމަޖެހުމެއް ލިބުނެވެ. ހެއްދެވި ފަރާތާއި އޮތް ގުޅުން އިތުރަށް ވަރުގަދަވީހެން ހީވިއެވެ. އެއީ ގޭގައި ނަމާދުކޮށްގެން މިވީހާތަނަށް އަދި ރަނީންއަށް ލިބިފައިނުވާ އުފަލެކެވެ.

ގެއަށް އައިގޮތަށް އެންމެން ކެއީ އެކީގައެވެ. އޮރެންޖް ފަނޑު ބޮއްކެއްގެ އަލީގައި ޢާއިލާ އެކީގައި ކާން ތިބިއިރު އިޒްޔަންގެ މޫނަށް ބަލާހިތުން ރަނީން އިނީ ކެތްނުލަވާފައެވެ. އިޒްޔަން އެއްޗެކޭ ބުނެލިޔަސް ރަނީންގެ ގައިން ހީބިހި ނަގައެވެ. ޒޯޔާ އިނީ ބޮލާއިއެކު ޝޯލް އޮޅާލައިގެން ނިކަން ހަމަޖެހިލާފައެވެ. އެހެން އިނދެލާފައި އެއްފަހަރު ރަނީންގެ އަތުގައި މަޑުމަޑުން ވިކާލިއެވެ.

"ވެމްޕަޔަރެއްތަ ތީ؟ "ޒޯޔާ އެ ސުވާލުކޮށްލުމުން ރަނީން ލަދުން ހަލާކުވާވަރުވިއެވެ.

"ވަޓް؟ " ރަނީން ކުޑަކޮށް ލޯ އަޅާލިއެވެ.

"އަތް ހީވަނީ ގަނޑުފެންގަނޑެއްހެން ވިއްޔަ، އެހެންވެ، މިތަން އޭސީކޮށްފައެއްނޫން، އެހާ ފިނި ރެއެއް ނޫން، މަރުވެފައިހެން ނިންނި ހީވީ...." ޒޯޔާ އިނީ ރަނީންއަށް ޖެއްސުމެއް ކޮށްނުލެވިފައެވެ.

"ވެލް، އައިމް އެލައިވް އަދި...." ރަނީން ހީލިއެވެ.

"ޔޫ ލުކް ސޯ ޑަލް، ތިހެން އުޅޭކަށް ނުވާނެ....." ޒޯޔާ އާދައިގެ މަތިން އަނގަ ގަދަކަމުން ހީވަނީ އެހެން ކަމެއްހެންނެވެ. އެއްފަހަރުވެސް އެކުއްޖާގެ އަނގަ ހިމޭނުން ލައިގެން އިނދެވޭކަމަކަށް ނުވެއެވެ. ނާޒްލީ އެހާ ކިޔާއިރުވެސް ދެފައި ގޮނޑިއަށް ނަގައިގެން ނޫނީ ކާކަށްވެސް ނީދެވެއެވެ. "ހައިޕަރ" ކަމުގެ ހައްދެއްނެތެވެ.

"ޒޯޔާ، އަނގަފުރެންދެން ލައިގެން އިނދެ ވާހަކަ ނުދައްކަބަލަ...." ނާޒްލީ ހަނދާންކޮށްދިނެވެ.

"ސޮރީ މަންމާ......." ޒޯޔާ މާފަށް އެދުނެވެ.

"މިރޭ އަހަރެން ނިދާނީ ސިޓިން ރޫމްގެ ސޯފާގައި، އެމީއާއި ދެކުދިން އެގޮތަށް ނިންމައިގެން މިތިބީ، އިޒް އޮވޭ ގޮދަޑި އަޅައިގެން ކޮޓަރީގައި، ތިހާ ދިގު އިންސާނަކަށް ސޯފާއަކު އަރާމުކޮށް ދެމިލައިގެން ނޯވެވޭނެ، ސޯ އައިމް ޑުއިން ޔޫ އެ ފޭވަރ....." ޒޯޔާ އިޒްޔަންގެ މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ.

"އެވެސް ރަގަޅުގޮތެއް...." ނާޒްލީއަށްވެސް އެންމެ ރަގަޅުގޮތަކަށް ފެނުނީ އިޒްޔަން ކޮޓަރީގައި އޮތުމެވެ.

"ޒޯ އޭރު ބުނީމެއްނު ހެވޭ ދޮންބެ ނިދަން ފުރާޅަށް އެރިޔަސް، މިހާރު އެއުޅެނީ ދޮންބެއަށް ސިމްޕަތީވެގެން......" އެމާ ބުނެލި އެއްޗަކުން މާމަ ހޭންފެށިއެވެ.

"އެމީގަނޑާ، ސިއްރެއްވެސް ބުނެވޭކަށް ނޯވޭ ދޯ...." ޒޯޔާ ތުއިވެލިއެވެ.

"ފުރާޅަށް އަރާ ނިދާނީ ބޯ ހާވާލައިގެން އުޅޭ ހަންޑިކުދިން...." އިޒްޔަން ނުސީދާކޮށް ޒޯޔާއާއި ދިމާކުރީކަން އެނގުމުން ތަދުވީ ރަނީންގެ ހިތަށެވެ. އެދެމީހުންގެ ރީތިކަމާއި އުމުރު ގުޅެއޭ ހިތަށް އެރުމުން ހިތަށް ހީވީ ތޫނުކަން ގަދަ ކަށިތަކެއް ހަރާލެވުނުހެންނެވެ. ރަނީން ކާހިތް ކެނޑުނެވެ. ޒޯޔާ އިޒްޔަންގެ ނަން ތަސްބީހައެއްހެން ކިޔާވަރުން ހޮޑުލެވޭވަރުވެއެވެ. އަނގަޔަށްލީ އެތިކޮޅު ގަދަކަމުން ދިރުވާލާފައި ރަނީން ދާން ހިނގައިގަތުމުން ނާޒްލީ ކަންބޮޑުވެފައި ގޮވާލިއެވެ.

"ބަނޑުގައި ރިއްސާވަރުން..." ރަނީން ބުނެލިއެވެ.

"ރޯދަ ވީއްލައިގެން ހުރިހާ ކުދިން މާ ގިނައިގެން ކެއީމަ އެގޮތަށް އެވީ، ދެން ރަނީންވެސް ނިދާލާ، ދަމު ނަމާދަށް ތެދުވެފައި ހާރުކައިގެން ފަތިސްކޮށްލައިގެން ނިދަންވާނީ އިނގޭ...." ނާޒްލީ މިރޭގެ ތާވަލު ކިޔައިދިނުމުން ރަނީންގެ ބޮލަށް ބާރުކުރާގޮތްވިއެވެ. ނާޒްލީގެ ޤަވާއިދާއިހެދި މި ރޯދަމަސްވަރުގެ ފޫހި މައްސަރެއް ހަޔާތުގައި އަންނާނެ ބާވައޭ ހިތާހިތުން ސުވާލުކުރެވުނެވެ. އެތަނުން ތެދުވެގެންގޮސް ކޮޓަރިއަށް ވަދެފައި ދޮރު ތަޅުލިގޮތަށް ބާލީހުގައި ބައްދާލައިގެން އޮވެ ދެލޯ މަރާލުމުން އިޒްޔަންގެ ރީތި ސޫރަ ފެނުމުން އެ ޚިޔާލުތަކުގެ ތެރެއަށް ގެނބުނުއިރު އެސްފިޔަތައް ކަރުނުން ބަރާވިއެވެ. އިޒްޔަންގެ ފަރާތުން އެހާ ހަރުކަށި ޖަވާބެއް ލިބުނުއިރުވެސް އޭނައަށް އެ ހަނދާންތަކާއި ދުރުނުވެވެނީ ކީއްވެހެއްޔެވެ؟

ރޭގަނޑު ކެއުމަށްފަހު އިޒްޔަން ބޭރަށްދާން ތައްޔާރުވާން ހުއްޓާ ނާޒްލީ ކޮޓަރިއަށްވަދެފައި އެދުނީ ގޭގައި މިރޭ މަޑުކޮށްލަދިނުމަށެވެ.

"އިޒްޔަން، އެޕާޓްމެންޓްގެ ތަޅުދަނޑި ގެއްލިގެން މިއުޅެނީ، އިޒްޔަން ބޭރަށް ދިޔުމުން އެހާ ގިނައިރުވާންދެން އިންތިޒާރުގައި މަންމައަކަށްވެސް ނީދެވޭނެ، ދެން ދަރިފުޅުވެސް ނިދާލަބަލަ، އެންމެ ކުޑަމިނުން ރޯދަމަހު މަންމަ ބުނާގޮތަށް ހެދިޔަސް އިޒްޔަން ކުރަން އުޅޭކަމެއް ފަހުން ކުރެވިދާނެ....." ނާޒްލީ ބިރުގަންނަނީ ނަތާލީއާއި ބައްދަލުކުރަން އިޒްޔަން ގޮސްދާނެތީއެވެ. ސިއްރުން ގުޅުމެއް ބާއްވަފާނެތީއެވެ.

"މަންމަމެން މާ އަވަހަށް ނިދަން ތިއުޅެނީ؟ މިއީ މީހުން ނިދާގަޑިއެއް ނޫނޭ މަންމާ..." އިޒްޔަން ގަޑިއަށް ބަލައިލިއެވެ. އަދި ނުވައެއްޖަހާ ބޮޑުވީއެވެ.

"މީހުން އުޅޭހާގޮތް ބަލާކަށް ނުޖެހެއޭ އިޒްޔަން، ރޯދަމަހަކީ އަޅުކަމުގެ މައްސަރު، އިހަށްދުވަހު މި އާއިލާއިން ކުއްޖަކު މަރުވެގެން އެދިޔައީ، އެކުއްޖާގެ ކިހާ އުއްމީދުތަކާއި ހުވަފެންތަކެއް ވަޅުލެވިގެން އެދިޔައީ، އެހެންވެ މަންމަ މިވަރަށް އިޒްޔަންގެ ކައިރީގައި މިވާހަކަ ދައްކަން ޖެހެނީ......." ނާޒްލީ އިޒްޔަންގެ މޫނަށް ބަލައިލާފައި އެހާ އަވަހަށް ދުރަށް ބަލައިލިއެވެ. ފުރަތަމަ ލޯބި ހަނދާން ނައްތާލުން ދަތިވާނެއޭ ބުނެވުނަސް މިހެން ވެދާނެކަމަކަށް ނާޒްލީ ހިޔެއްނުކުރެއެވެ. އިޒްޔަންގެ ދެލޮލާއި އޭނަގެ ބައްޕަގެ ތަފާތެއްނެތެވެ. އެ ވިދުންގަދަ ތޫނުފިލި ރީތި ދެލޮލުން އޭނަ ސިފަވާހެން ހީނުވާ އެންމެ ފަހަރަކުވެސް އިޒްޔަންގެ މޫނަށް ބަލައިލެވޭކަމަކަށް ނުވެއެވެ. މާޒީ ހަނދާން ނައްތާލާފައި ކުރިއަށް ދާން އަޅާ ކޮންމެ ފިޔަވަޅެއް އަޅަނީ ފަހަތަށް ނުދާން އަޒުމް ކަނޑައަޅައިގެންނެވެ. ނަމަވެސް ހިތަކީ ބަލިކަށި އެއްޗެކެވެ. އެހަނދާންތައް ހިތުން ފޮހެލަން އޭނަ ކުރި މަސައްކަތް އަދި މިވަނީ ބޭކާރު އެއްޗަކަށްވެފައެވެ.

ނާޒްލީ ގެ ވާހަކަތައް ގަބޫލުކޮށްގެން އިޒްޔަން ބޭރަށް ނުގޮސް މަޑުކޮށްލިއެވެ. މާމަ ނިދުމުން އެމާއާއި ޒޯޔާއާއިއެކީގައި އިރުގަނޑެއްވާންދެން ރާޒުވާ ކުޅެން އޭނަ އިނެވެ. މަންމައަށް އެކަން ފަޅާއެރިޔަސް މަނާކުރާނެއެވެ. ޒޯޔާ ބުނާހެން މަންމަ މާބޮޑަށް ހައްދުފަހަނަޅާދަނީ ހެއްޔެވެ؟ ކުދިންނަށްވެސް ދުނިޔޭގެ އުފާތައް ލިބެން ޖެހޭނެކަމުގައި އޭނަދެކެއެވެ.

"ދޮންބެ، އެމީއަށްވެސް ފޯނެއް ޕްލީޒް......" އެމާ އިޒްޔަން ނިދަން އޮށޯތުމުން ކައިރީގައި ޖައްސާލަމުން ބުނެލިއެވެ. އޭރު ޒޯޔާވެސް އިނީ މާމަގެ އެނދުގައި ދެފައި ދަމާލައިގެން އިށީދެލައިގެންނެވެ. މަންމަ ކޮޓަރިއަށްވަންނަން ދެން ނިދާކަމަށް ހެދިގެން އޮންނަން ޒޯޔާއަށްވެސް މަޖުބޫރުވިއެވެ.

"މަންމަ ހުއްދައެއް ނުދޭނެ...." އިޒްޔަން ބުނެލިއެވެ.

"ދޮންބެގެ އަތުގައި މިއޮންނަނީ ކޮންކަހަލަ ފޯނެއްތަ؟ ވަރަށް ރީތި.....އެންޑް ދޮންބެއާއި ކައިރިވީމަ ދުވަނީ ހާދަ މީރުވަހެކޭ........." އެމާ އިޒްޔަންގެ އަތުގައި ދޮނެއްދިނެވެ. އެމަންޒަރު ބަލަން އިނދެފައި ޒޯޔާގެ ހިތް ހަސަދައިން ފުރުނެވެ. އެތާ އޮންނަންވީ މީހަކީ އެމާއެއް ނޫނެވެ. އެއަތުގައި އަތްލާންވީވެސް އެމާއެއް ނޫނެވެ. ކޮއްކޮއަކަށްވުމުން ކިހާ ނަސީބު ރަގަޅުހެއްޔެވެ؟ އެއްވެސް ފަރުދާއެއްނެތެވެ. ނަމަވެސް ލޯބީގެ ގުޅުމެއްނެތްތާއެވެ. ޒޯޔާއަށް އިނދެވުނީ ކަޅިވެސް ޖަހާނުލާ އިޒްޔަންގެ މޫނަށް ބަލަހައްޓައިގެންނެވެ.

"މިއީ އެޕްލް ފޯނެއް...." އިޒްޔަން ކުޑަކޮށް ހިނިތުންވެލިއެވެ.

"އެޕްލް އިން ހަދާފައިތަ؟ "އެމާ މައުސޫމްކޮށް އެހިއެވެ.

"ހެހެ، އެޕްލްއަކީ އެމެރިކަން މަލްޓި ނޭޝަނަލް ޓެކްނޮލޮޖީ ކޮމްޕެނީއެއް....." އިޒްޔަން ބުނެދިނެވެ.

"އިޒް ވަރަށް އެޕްލްވާނެ، އެޕްލް ފޯނާއި ގަޑިވެސް ގެންގުޅެނީނު، އަދި ދެން ވަރަށް އަރްމާނީ ކޯޑްވެފައި ދޯ، އެމީއަށް އެނގޭތަ؟ އިޒްގެ ގާލްފްރެންޑް ވަރަށް ރިޗްވީމަ އިޒްއަށް ހުރިހާ އަގުބޮޑު އެއްޗެއް ލިބެނީ، ޒޯމެންނަށް އެކަހަލަ އެއްޗެއް ދޭނެ މީހެއް ނުވެސް ވާނެ........" ޒޯޔާގެ ޖުމްލައިން އިޒްޔަން އޮތްގޮތަށް އޮވެފައި ބަލައިލީ ވަރަށް ހިތްގައިމުކޮށެވެ. ހޮޅިބުރި ދިއްލާލާފައި އޮތުމުން އެރީތިކަން އިޝްތިހާރުވާލެއް ބޮޑެވެ.

"ދެން އަވަހަށް މެރީކޮށްބަލަ ދޮންބެ. އެމީ ބޭނުން ފްލާވަރގާލްއަށް ވާން......" އެމާގެ ޖުމްލައިން ޒޯޔާގެ ހިތަށް އުދަގޫވިއެވެ. އިޒްޔަން އެހެން އަންހެންކުއްޖަކާއި ކައިވެނިކޮށްފިއްޔާ އޭނަގެ ހިތް ހަލާކުވާނެއެވެ. އޭނަގެ ހިތުގައި އިޒްޔަންގެ ލޯބީގެ ހުޅުކޮޅު ދިއްލުނުފަހުން އެތައް ގޮތަކަށް އޭނަގެ ކައިވެނީގެ ރެޔާއިމެދު ތަފާތުގޮތްގޮތަށް ޚިޔާލުކޮށްފިއެވެ. އެއިން ކޮންމެ ހުވަފެނެއްގެ ބައިވެރިޔަކީ އިޒްޔަން ފިޔަވާ ދެވަނަ މީހެއްނޫނެވެ. ކޮންމެ އަންހެންކުއްޖަކުވެސް ކައިވެނީގެ ރެއާއި ބެހޭގޮތުން އެކަހަލަ ޚިޔާލު ކުރާނެ ހެއްޔެވެ؟ އެވާހަކަތައް އޭނަ ހިއްސާކުރާނީ ކާކާހެއްޔެވެ؟ ރަނީންވެސް ފޮނިކަމުން އޭނަ އެކޮޓަރިން ބޭރަށް ލީއެވެ. ބާރު ވައިރޯޅިއަކާއިއެކު ހީވީ ފުރާޅުވެސް ނަގާފައި އެއްލާލަފާނެހެންނެވެ.

"އެއިވުނީ ކޮން އަޑެއްތަ؟ "އެމާ ބިރުގެންފައި ދެލޯ ބޮޑުކޮށްލިއެވެ.

"އެވާނީ ޖިންނިއަކު އުދުއްސައިގަތީކަމަށް...." ޒޯޔާ އުޅުނީ އެމާ ބިރުގަންނަވާށެވެ.

"މަންމަ ބުނި ރޯދަމަހު ޝައިތާނެއް ނޫޅޭނެއޭ...." އެމާ ކުއްލިއަކަށް ހަމަޖެހިލިއެވެ. ތިންމީހުން ވާހަކަދައްކާފައި ހޭއަޑު ހިމޭންކަމުގެ ތެރެއިން އިވެމުން ދިޔައިރު ރަނީން އޮތީ ނުނިދިފައެވެ. އިޒްޔަންއާއި ޒޯޔާ އެކޮޓަރީގައި ތިބިކަން އެނގިހުރެވެސް ނާޒްލީވެސް އަޅާ ނުލާ ނިދީހެއްޔެވެ؟ އިންސާފެއްނޫނެވެ. ރަނީން ރުޅިގަދަވެގެން ދަތްތައް ބިންދައިގެންދާހާވަރުވިއެވެ. ހުރިހާ ބާރެއްލެވުނީ އަތުގައިވާ ބާލީހަށެވެ. އެތައް އިރެއްވީފަހުން ޒޯޔާ ވަރަށް ތުއިކޮށް "އިޒް ގުޑްނައިޓް " އޭ ކިޔާލާފައި އައިސް ސޯފާގައި އޮށޯތްހެން ހީވިއެވެ.

"އީވިލް ގާލްއެއް، މިހާރު ހިތަށް އަރާ ރޫމުން ބޭރަށް ނުލެވުނު ނަމައޭ. އޭނައަށް އިޒް ފަހަތުގައި ޖައްސާފައި ހުންނަން ދެވުނު ޗާންސެއްކަން ނޭގޭ..އަބަދު ތުއިވެލާފައި އިޒް އިޒް އޭ ކިޔާ އަޑު އިވުނީމަ އަލިފާން ގައިގާ ރޯވާހެން ހީވޭ...................." ރަނީންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އަމިއްލަ ހިތުގެ ބަލިކަށިކަމާއިމެދު ރަނީން ހައިރާންވިއެވެ. ކުރިން އޭނައަކީ އެހާ ފަސޭހައިން ރޮވޭޒާތުގެ އަންހެންކުއްޖެއް ނޫނެވެ. މިހާރަކަށްއައިސް ކުދި ކުދި ކަންތަކާއި ލޮލުން ކަރުނަ ނުހިކިގެން މިއުޅެނީ ކީއްވެހެއްޔެވެ؟ އިޒްޔަންގެ ސަބަބުން ވެގެން އުޅޭހާ ގޮތެވެ. އެކަމަކު އެއަނިޔާވެރި ފިރިހެނާ އެއޮތީ ހަމަޖެހިލައިގެން ނިދަން ނޫންކަމެއްވެސް ނޭގެއެވެ.

ބެލްކަނީގައި ދަމާފައިވާ ފަރުދާތަކުގައި ވައި އަޅުވާ އަޑު ދަމުގެ ހިމޭންކަމުގެ ތެރެއިން އިވެމުންދިޔައީ ނާނާއެއްފަދައިންނެވެ. އެވަރުންވެސް ރަނީންގެ ލޮލަށް ނިންޖެއް ނައެވެ. ނިދިވަނީ އެތައް މޭލުގެ ދުރުގައެވެ. އެންމެފަހުން އެރޭ ހާރުކާން ގޮވިއިރު ކަންނެތްކަމުން އޭނަ އެއްގޮތަކަށްވެސް ތެދުވާކަށް ނޫޅުނެވެ. ހެނދުނު ހޭލެވުނީވެސް ތަންކޮޅެއްލަހުންނެވެ. ތެދުވާ ހިތްނުވެފައި އޮވެފައިވެސް ފެންވަރާ ހަދާލައިގެން އަނެއްކާވެސް އޮތީ އެނދުގައެވެ. އެހެން އޮތުމުން މާ ބޮޑަށް ވަރުބަލިކަމުގެ އިހުސާސްކުރެވެންފެށިއެވެ. ވިއްސާރަ ދުވަސްތަކަށްފަހު އަވިދޭންފެށުމުން އެހާ ހޫނުވެސް ގަދަވިއެވެ. ވައިވެސް ހިނދި އިރުގެ އަލިކަން މުޅި ދުނިޔެއަށް ފަތުރާލާފައިވިއެވެ.

"މޯނިން ސްލީޕީ ހެޑް....." ޒޯޔާއަށް ރަނީން ފެންނައިރަށް ކިޔާލައިފިއެވެ.

"އަހަރެމެން ރޭގައި ވަރަށް އެންޖޯއިކުރީމޭ. ނިންނި ބައިވެރިނުވެ ހަމަ ނިދީ. އެކަމަކު އަހަރެމެން ތިހާ ނިދި ގަދައެއްނޫން. ލަހުން ނިދާފައިވެސް އަވަހަށް ހޭލިން. ނިންނި ހަމަ ހުވަފެން ބަލަން އޮތީތަ؟ އޯ ޑޭޑްރީމިން؟ އެކްޗުއަލީ އެއީ ސިއްހަތަށް ވަރަށް ރަގަޅުކަމެކޯ........" ޒޯޔާ އިނީ ހެވި ދިއްލިފައެވެ.

"ރޭގައި ޒޯޔާމެން ނުނިދާ އަޑުގަދަކުރީމަ ނިދަން އުޅޭ ބަޔަކަށްވެސް ވަކި ނިދޭނެތަ؟ "ރަނީން ފޫހިވީވަރު އަންގާކަށް ފަހެއްނުޖެހުނެވެ.

ރަނީން އެދުވަހުވެސް ޒީކާއާއި އެކީގައި ހިނގާލަން ދިޔައެވެ. ގެއަށް އައިސް އޭނަ އުޅުނީ ކޮޓަރި ސާފުކުރުމުގެ މަސައްކަތުގައެވެ. މިއަދު ނާޒްލީ ބުންޏަސް ބަދިގޭގެ މަސައްކަތެއްގައި ބައިވެރިނުވާން ހުރެފައިވެސް ސެލެޑް ހަދަން ޖެހުނެވެ. އެހެން އުޅުމުގެ ތެރޭގައި އިޒްޔަން ދޭތެރެއަކުން ފެނިލުމުން ރަނީންގެ ހިތަށް ތަފާތު އިހުސާސްތަކެއް ކުރުވައެވެ. ޒޯޔާވެސް ހުންނަނީ މިހާރު އިޒްޔަންގެ ހިޔަނިހެން ޖައްސާލާފައެވެ.

"ހާދަ ފޫއްސެއްވޭ، މިމަންޒަރުތައް ފެންނަން ވެއްޖެއްޔާ ހަމަ މޮޔަވެދާނެ...." ރަނީން ތުންފަތުގައި ބާރަށް ދަތްއަޅައިލިއެވެ. އޭރު ވަރުބަލިކަމާއި ބަނޑުހައިކަމުގެ އިހުސާސް އިންތިހާއަށް ބޮޑުވެ ހަށިގަނޑުގައި ހަކަތައެއްނެތި ވަރުދޫވާން ފަށައިފިއެވެ.

"ކެން އައި ހެލްޕް ޔޫ؟ "އިޒްޔަންގެ ފިރިހެންވަންތަ އަޑު އިވިފައި އެނބުރި ބަލައިލިއިރު ހިތް ތެޅިގަތްލެއް ބާރުކަމުން މޭ ފަޅާލާފައި ނުކުމެދާނެހެން ހީވިއެވެ.

އިޒްޔަން ބަލަބަލާހުއްޓާ އެ މޫނު ކަފަކޮޅެއްހާ ހުދުވެ އޮމާން މޫނުމަތީގައި ދާތިކިތައް ބަބުޅަންފެށިއެވެ. ފިނިފެންމަލެއްގެ ފިޔައިގާ ޝަބްނަމް ވާ ފަދައިންނެވެ. ނާޒުކް މަލެއްގެ ގޮތުގައި އެކުއްޖާ ސިފަކުރެވުނު ވަގުތެކެވެ. އެރީތި ދެލޮލުން ބަލާލުމާއިއެކު އެއްޗެކޭ ބުނަން އުޅުނެވެ. ރަނީން އަރިއަޅާލިތަން ފެނުމުން ހުޝިޔާރުކަމާއިއެކު ހިފެހެއްޓިއިރު އިޒްޔަންއަށް ވިސްނުނު އެއްޗަކުން އަތްފައި ފިނިވެލިއެވެ.

ކޮމެންޓް 0