މަޑުމަޑުން މެޔާއި ދިމާލުން ފިރުމާލާފައި ހުރިތަނަށް ތިރިވިތަނުން ފަހަތުން މީހަކު އައިކަމުގެ އިހުސާސެއްކުރެވިގެން ހިތަށް ފިނިވާގޮތްވިއެވެ. ޖިންނި ޝައިތާނުންދެކެ ރަނީން އަބަދުވެސް ބިރުގަނެއެވެ. ފަޅުރަށްރަށުގެ ބޮޑެތި ގަސްތަކަކީ އެފަދަ މަޚުލޫގުންގެ މަކާނެވެ. ރަނީން ގަތްބިރުން އަވަހަށް ދަބަސް ނަގައިގެން ކުރިއަށް އެޅި ފިޔަވަޅާއިއެކު ގަހުގެ މުލުގައި ފައިވާން އަޅައިގެންފައި އަނގަވަތަށް ވެއްޓެންދިޔައެވެ. ނަމަވެސް އެއްލި އަތް ގަހުގެ ގޮތްޕެއްގައި ޖެހުނުކަމުން ސަލާމަތްވިއެވެ. އޭނަ ދަބަސް ބުރަކަށީގައި އަޅުވައިގެން ގަސްތަކުގެ ތެރެއަށް ވަދެގެން ދަމުން ބަލައިލިއިރު އިޒްޔަންއާއި ހަތަރުކަޅި ހަމަވިއެވެ. އިޒްޔަން ކުޑަކޮށް ހީލިއެވެ.

"އެއީ ކުޑަ ކުޑަ ސްލަޓެއް، އިޒްއަށް އެނގޭތަ؟ އަހަރެންގެ ކައިރީ ބުނި ދޮންމަންމަ އައީމަ އޭނަގެ ޕްރައިވެސީ ގެއްލިއްޖެއޭ، ކުރިން ވިޝާމްއާއި ދެމީހުން އެކީގައި ސްލީޕްކުރާ ވާހަކަވެސް ބުނި، އިނޮސެންޓް މޫނެއްލާފައި ހުއްޓަސް މާލޭ ކުދިން ވަރަށް ބަޑި ދޯ...." ޒޯޔާ ކުޑަކޮށް ކަޅި އަޅާލާފައި ކިޔާލިއެވެ.

"ފިރިހެނަކު ނުފެނިފައި ހުންނަނީ، އިޒް ދުރުން އުޅެއްޗޭ....." ޒޯޔާ އިތުރަށް ކިޔާދިނެވެ.

"އެހެން ބުނިތަ؟ " އިޒްޔަން ހައިރާންވިއެވެ.

"އައި ސްވިއަރ، އެކުއްޖާ ހަމަ އެގޮތަށްބުނީ........" ޒޯޔާގެ ވާހަކައިން އިޒްޔަން ހައިރާނެއްނުވެއެވެ. މާލޭކުދިންނާއިމެދު ޒޯޔާ އެހެން ދެކެންވީ ކީއްވެކަމެއް އިޒްޔަންއަކަށް ނޭގުނެވެ. ހަގީގަތަކީ ދުނިޔޭގެ ގިނަ ގައުމުތަކުގެ ޒުވާނުންވެސް އިންޓަނެޓްގެ އަވައިގާ ޖެހި ގެއްލި ހަލާކުވަމުންދާކަމެވެ. އޭނަ އަމިއްލައަށްވެސް އުޅެނީ ވަކި ރަގަޅަކަށްނޫނެވެ. ދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަން އެނގިހުރެ ނަތާލީއާއިއެކުގައި އޭނަވަނީ އެހިސާބަށް ދަތުރުކޮށްފައެވެ. ހަވާނަފުސަށް ހެއްލުނީއެވެ.

"ޒޯޔާ އެހެނެއް ނޫޅެންތަ؟ "އިޒްޔަން މޫދާއި ދިމާލަށް ހިނގައިގަތެވެ.

"ވިއްސާރަ ވެހެންތަ އެއުޅެނީ...." ޒޯޔާ ދެއްކީ އެހެން ވާހަކައެކެވެ. ހިތުގައިވާ ލޯބި އިޒްޔަން ކައިރީގައި ހާމަކުރަން ނުކެރުނީއެވެ. އޭނަ ލޯބީގެ ގުޅުމެއް ބާއްވަން ބޭނުންވާ މީހަކީ އެކަނި ތިއީކަމުގައި ބުނަން ކިތަންމެހާވެސް ބޭނުންވިއެވެ.އޭނަ އިޒްޔަން ކައިރީގައި ރަނީން ދެއްކި ވާހަކަތައް ހަދަހަދައިގެން ދެއްކީ ރަނީންގެ ރީތިކަމާއި ޅަކަމަށް އިޒްޔަންގެ ހިތް ލެނބިދާނެތީއެވެ. އެގޮތަށް ހެދޭ ކުޑަ ދޮގަކުން ދިމާ އިދިކޮޅު ނަތީޖާއެއް ނިކުމެދާނެކަމެއް އޭނަގެ ހިތަކަށްވެސް ނާރައެވެ. ޒޯޔާގެ ބޭނުމަކަށްވީ އިޒްޔަންއާއި ރަނީންގެ ދޭތެރޭގައި ފާރެއް ލުމެވެ.

އިޒްޔަން މޫދަށް އެރި އުޅެނިކޮށް ވިޝާމް ބޯކޮށް ހެދިފައިވާ ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔަތަން ފެނުނެވެ. ރަނީން އެދިމާލަށްގޮސް ފޯނުކޮށްގެން އޭނަ ދިޔައީ ބާވައެވެ. އޭނައަށްޝައްކުވާންފެށިއެވެ. މައުސޫމް ސޫރައެއްގެ ނިވަލުގައި ނާސި އަންހެންކުދިންއުޅޭލެއް މަދެއްނޫނެވެ. ފޮތުގެ ބޭރުގަނޑަށް ބަލާލާފައި ފޮތާއިމެދު ގޮތެއް ނުނިންމޭނެއެވެ. ވިޝާމް އެދިމާލުން ނުކުމެގެން އައީ އެތައް އިރެއްފަހުންނެވެ. އޭރުވެސް ރަނީންގެ ހިލަމެއް އަދި ނުވެއެވެ.

ތަންކޮޅެއްފަހުން ރަނީން ވިޝާމްގެ ކޮއްކޮމެންނާއިއެކު ގޮނޑުދޮށުގައި ބޯޅަ ކުޅެން އުޅުނުއިރު އިޒްޔަން ހުރި ދިމާލަށް ބަލާކަން ފާހަގަވިއެވެ. އެއުމުރުގެ ކުއްޖަކު އެގޮތަށް ފިރިހެނުންނާއި ދިމާލަށް އެކަހަލަ މާނަވީ ނަޒަރަކުން ނުއެއްބަލާނެއެވެ. އިޒްޔަން ރަނީންއާއި ދިމާވިފަހުން އޭނަ ގެ އަމަލު ހުރިގޮތާއިމެދު ވިސްނަން ފެށުމުން ޒޯޔާ ދެއްކީ ތެދުވާހަކައެއްކަމާއިމެދު ހީވި ހީވުން ޔަގީންވާން އުޅުނެވެ. އެބޭބީ ގާލްއަކީވެސް އެއީހެއްޔެވެ؟ ދީވާނާއެއްފަދައިން މެސެޖްކުރާލެއް ހައްތަހާ ގިނަވަނީއެވެ. އެކަމަކު ކުޑަކުއްޖަކަށް އެހާ ފުން ލަފުޒުތައް ބޭނުންކޮށްގެން ލޯބި ހުށަހަޅަން އެނގޭނެހެއްޔެވެ؟ ވިޝާމްއާއި ދެމީހުން އުޅެނީވެސް އެހެން މީހުންނާއި ތަފާތުކޮށެވެ. ވިޝާމްގެ ފޯނުން ކޮންމެވެސް އެއްޗެއް ދެއްކުމުން ރަނީން ހިނިގަނޑެއް ޖަހާލިތަންވެސް ފެނުނެވެ. ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅެއް އޮތީމަތާއެވެ.

ރަނީން މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގެން މާދުރަށް ދިޔަފަހުން ސަލާމަތްނުވާނެކަމުގައި ހީކުރެވުނެވެ. އިޒްޔަން ނޫން އެހެން މީހަކަށް އެހިސާބަށް ދާކަށްވެސް ނުކެރުނެވެ. އިޒްޔަންއާއި ގައިގޯޅިވެވުނު ވަގުތުގެ ހަނދާންތައް ރަނީންގެ ހިތުން ދުވަހަކު ފިލައިގެނެއް ނުދާނެއެވެ. އިޒްޔަން ލޮނާއި ތެމިގެން ހުރިއިރު އެބޯ އިސްތަށިގަނޑު އޮތީ ތަނަވަސް ނިތުމައްޗަށް ފައިބާފައެވެ. މޫނުގައި ވިދަމުންދާ ލޮނުގެ ތިކިތައް ހުދު ޖަވާހިރުތައްފަދައެވެ. މޫދުގައި މާ ގިނައިރުވުމުން ތުންފަތުގެ ކުލަ ގަދަވެ އިތުރަށް ހިތްގައިމެވެ. އެރީތިކަން ދާދި ކައިރިން ފެނިފައި ރަނީންގެ ފައި ޖެލީކޮޅެއްހެންވެ މުޅިކުއްޖާ ފިނިވިއެވެ.

ހަވީރަށް އުދަރެސް ބައްދާލީ ކަޅުކުލައިގެ ވިލާތަކުންނެވެ. އެހިސާބުގައި ހެދިފައިވާ ފުނަ، ކިނބި އަދި މަގޫގަސްތަކުގެ ފަތްތަކަށް އަންނަ ބާރު ވައިރޯޅިތަކަށް ކުޅަދާނަނުވެގެން ވައިގެތެރޭގައި ގޮފިތައް ހޫރެން ފެށިއެވެ. ފަތްތައްވެސް އެކިދިމާލަށް ބުރައިގެން ދާއިރު ފަޒާގައި އަޑުގަދަވެއްޖެއެވެ. އަންނަން އުޅޭ ތޫފާނުގެ އިންޒާރު ދެމުންދާއިރުވެސް މޫދަށް ފޯރިހިފާފައި ތިބިވަރުން މޫދުން އަރާކަށް ނޫޅެއެވެ. އިޒްޔަން އެކަނިމާއެކަނި ވަލުތެރެއަށް ވަދެގެންގޮސް އެތާހުރި ރުއްގަނޑެއްގެ މަތީގައި ޖައްސާލީ ފޯނެއްގަ ހުރެފައެވެ. ނަތާލީ ވައިބަރކޮށްލި ވީޑިއޯއެއް ފެނިފައި އިޒްޔަންގެ ހަށިގަނޑުގައި ވިންދުޖަހައިލިއެވެ. ނަތާލީ ކައިރީގައި ހުރިނަމައެވެ. އެންމެ ބޭނުންވާ ވަގުތު އޭނަ ތަޅުވާލަންވެގެން އެހެރީ ދުރުގައެވެ.

"އިޒް.. ޔޫ އާރ ހިއަރ....." ކުއްލިއަކަށް ރަނީން އެތާހުރި ގަސްބޮނޑިއެއްގެ ފުރަގަހުން ނުކުތެވެ. ލައިގެން ހުރި އަތްކުރު ރީދޫކުލައިގެ ޓީޝާޓްކޮޅާއިއެކު ސްކިނީ އެ ހިމަ ފަޔަށް ހިފާލާފައިވެއެވެ. ހަށިގަނޑުގެ ވަނާތައް ކުޑަކޮށް ފެނުނަސް ބައްޓަން ރީތިވެފައި އޮމާންކަމުގެ އިންތިހާއެވެ. ލޫޅާފަތިކަމުން މޮޑެލް ކުއްޖެކޭ ތަފާތެއްނެތެވެ. އެދޮންމޫނުގައި ފެންތިކިތައް ވިދާބަބުޅައިރު މައުސޫމްކަމުގެ އިންތިހާއެވެ. ހީކަރުވައިގެން އޭނަގެ ދަތްދޮޅިއަށްދާންދެން ރޫރޫއަޅައެވެ.

"އަހަރެން ފޮނުވާލާފައި ކީއްކުރަންތަ......." އިޒްޔަންގެ ހިތްވެސް މަޑުޖެހިލިއެވެ.

"ހިކި...ހިކިލަން......" ރަނީން އަށް ރަގަޅަށް ވާހަކަވެސް ނުދެއްކެއެވެ. އެދިމާލުގައި ހިޔާވެލާނެ ތަންކޮޅެއްވެސް ހުރިތަން އިޒްޔަންއަށް ފެނުނެވެ. ރަނީން އެދިމާލަށް ހިނގައިގަތްއިރުވެސް އަރިއަޅާލާގޮތްވިއެވެ.

"އޯ......ތިވާވަރެއް ދޯ.......ޓަވަލްއެއް ނެތްތަ؟ ނޫނީ އާދޭ ބައްދާލަން.... " އިޒްޔަން ކުޑަކޮށް ހަމްދަރުދީވެފައި ރަނީންއަށް އެހީވާންވެގެން ތެދުވާން އުޅުނެވެ. ވާރޭ ބޯކޮށް އޮއްސައިގަތުމުން އެއިވުނުގަދަ އަޑުފަށްގަނޑާއިއެކު ރަނީން އައިސް ޖެހިގަތީ އިޒްޔަންގެ އުނގަށެވެ. ގެންފައިވާ ބިރެއްގެ ސަބަބުން އިޒްޔަންގެ ގައިގާ ތަތްވީއިރު ދެމީހުން ކައިރިވީ މާބޮޑަށެވެ. އެހެންނޫނަސް އިޒްޔަންގެ އަތް ވަށާލެވިގެން ދިޔައިރު އެ ހަށިގަނޑުގެ ހޫނުކަން ލިބި އަރާމުވިވަރުން ރަނީން ދުރުވާހިތެއްނުވިއެވެ. އިޒްޔަންގެ އީމާންތެރިކަން ދަށްކަމުން ޝައިތާނާއަށް އޭނަ މަގުން ކައްސާލުން މާބޮޑުކަމަކަށްނުވިއެވެ. ނަތާލީގެ ސަބަބުން ހިއްސުތަކުގައި ރޯވެފައިވާ ވަގުތެއްގައި ޅަ ހަށިގަނޑެއްގެ ބީހިލުމަށް އެޒުވާން ހިތްވެސް އެދުނީއެވެ. ފަހުން ވެދާނެކަމަކަށް ވިސްނާލުމެއްނެތިއެވެ. ރަނީންއަށް ކުޑަ ސިހުމެއް ލިބުނަސް އިޒްޔަންގެ ދެލޮލަށް ބަލައިލުމާއިއެކު ހީވީ ޖާދުވީ ދުނިޔެއަކަށް ދެވުނުހެންނެވެ. ވާހަކަފޮތްތައް ކިޔަމުންގޮސް އެފޮތުގައި އެބަޔާންކޮށްފައިވާ ބައްދާލުންތަކާއި ފިރުމުންތަކަށް އެންމެ އެދޭ އުމުރަކީވެސް އެއީއެވެ. އިޒްޔަން އެމޫނުގައި ދެއަތުން ހިފަހައްޓާލާފައި ފިރުމާލުމުން ދެލޯމެރުނު ވަގުތު ވާރެއިން ތެމިފައިވާ ބަރު އެސްފިޔަތަކުގައި އިޒްޔަންގެ ތުންފަތް ޖައްސާލެވިއްޖެއެވެ.

ބޯކޮށް ވެހެމުންދިޔަ ވާރެއާއި އެއްވަރަށް ރާޅުތަކުގެ އަޑުގަދައެވެ. ވައިޖެހޭލެއް ބާރުކަމުން ހީވަނީ ރުއްގަސްތައް ބިންދައިގެން ބޮލަށް ފައިބައިގެންފާނެހެންނެވެ. ވާރޭގެ ބޮޑެތިތިކިތަކުން ދެ ހަށިގަނޑު ތެންމަމުން ދިޔައިރު ޖިސްމުގައި ހިފާފައިވާ އަލިފާން ފިންޏެއްނުކުރެވެއެވެ. ރަނީންގެ މައުސޫމް ރީތިކަން މިލްކުކުރަން ހަށިގަނޑު އިންތިހާއަށް ބޭނުންވިއިރު ސިކުނޑީގެ ކަނަކުން އެކަން ހުއްޓަން އިންޒާރުކުރިއެވެ. ނަމަވެސް ހަށިގަނޑު އޭނައަށް ކެހިދީފިއެވެ. ކެތްތެރިކަމުގެ އިން ފަހަނަޅާ ދިޔައިރު ބަޔާންނުކުރެވޭފަދަ ހިތްހަމަޖެހުމާއި އަރާމު އިހުސާސްކުރެވި ދެލޯމަރާލެވުނެވެ. ވާރޭ ތުނިވެލުމާއިއެކު ޖެހި ގުގުރީގެ ބާރުއަޑަށް އިޒްޔަން ހޭވެރިކަންވެފައި ތެދުވުނެވެ. އޭރު ރަނީންވެސް ހެދުން ރީތިކޮށްލުމަށްފަހު ދަބަސް ކޮނޑުގައި އަޅުވާލިއެވެ. އެދެލޯ އެންމެ ބޮޑުކޮށްގެން ހުރި ގޮތުން ހީވީ އޭނައަށް ނުވެސް އެނގި ހިނގިކަމެއްހެންނެވެ. އޭރުވެސް އޭނަގެ އަވަސްވެފައިވާ ހިތް ހީވީ މޭފަޅާލާފައި ނުކުންނަން އުޅޭހެންނެވެ.

"ގޯޑް، އަހަންނަށް މިކުރެވުނީ ކީއްތަ؟ "އިޒްޔަން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ.

"ދެން ރަގަޅުވާނީ މިކަން ނުވާކަމަކަށް ހެދިއްޔާ......." އިޒްޔަންއަށް ބުނެވުނެވެ. އެތޫނު ނަޒަރުން ރަނީން ލަދުގަތްވަރުން ރަތް ތުންފަތުގައި ބާރަށް ދަތްއަޅާލުމާއިއެކު ރަކިގޮތަކަށް ބޯޖަހައިލިއެވެ. އަދި އޭނަ އެނބުރިލާފައި ދުއްވައިގަތީ ދުރަށެވެ. މާދުރަށެވެ. އިޒްޔަންއަށް ފެންނަ ހިސާބުގައި ހުންނާކަށްވެސް ރަނީންއަކަށް ނުކެރުނެވެ. ދުވަމުންގޮސް މޫދަށް އެރި މީހަކަށް ނުފެންނަ ހިސާބަށްދާން އޭނަ ބޭނުންވިއެވެ. ނަމަވެސް އެހެން ދުވާނީ ކޮންތާކަށްހެއްޔެވެ؟ ގޮނޑުދޮށަށް ފޭބިއިރު އެހެންމީހުންވެސް މޫދުން އަރައިގެން އައިސް ތިބީ އެއްގަމުގައެވެ. ގުގުރާވަރުން ބިރުގެންފައެވެ. އެންމެންވެސް ބޭނުންވަނީ އަވަހަށް ރަށަށް ދާށެވެ. މި ތޫފާނުން ސަލާމަތްވެވެން އޮތީ އަވަހަށް މާލެދެވިގެންނެވެ.

ދޯންޏަށް އަރާފައިވެސް އިޒްޔަން އިނީ ދިރުބާކޮޅުގައި ބަސްމަދުވެފައެވެ. ކުރެވުނު ކަންތައްތަކާއިމެދު އޭނަ އެތައް ފަހަރު ހިތާމަކޮށްފިއެވެ. އެތައްފަހަރު އެވަގުތުކޮޅު އަނބުރާ ގެނެވޭނެނަމައޭ ހިތަށް އެރިއެވެ. އެންމެ ފަހަރަކުވެސް އޭނަ ރަނީންގެ މޫނަށް ބަލާވެސް ނުލައެވެ. ވެގެން ވަންޏާ އޭނަ އެގެއަކަށްވެސް ނުވަންނާނެއެވެ. އެހިނގި ހާދިސާއަށްފަހު މަންމަގެ ކުރިމައްޗަށް ދާނެ ހިތްވަރެއްވެސް އިޒްޔަންގެ ނެތެވެ. މަންމަ ރަނީން އޭނައާއި ހަވާލުކުރީ އިތުބާރުކޮށްފައެވެ. ރަނީން އެންމެންގެ ކައިރީގައި އެވާހަކަ ބުނެފާނެހެއްޔެވެ؟ ވިޝާމްއަށް އެނގިއްޖެއްޔާ ވާނެގޮތެއް އެނގެނީއެއް ނޫނެވެ.

ފާޚާނާއަށް ވަންގޮތަށް ޝަވަރުދަށުގައި ހުރެ ފިނިފެނުން ހަށިގަނޑު ތެންމަމުން ދިޔައިރު އިޒްޔަންގެ ލޮލަށް ފެންނަނީ ރަނީންއެވެ. އަމިއްލަ ނަފުސަށް ހާސްފަހަރު ލަޢުނަތް ދެމުން އިޒްޔަންގެ ރީތި ދެލޯމަރާލިއެވެ.

"ޑޭމިޓް. ޝީޒް ޖަސްޓް ފިފްޓީން. އަހަރެން ހަމަ ހޭވެރިކަން ނެތީތަ؟ ކުޑަކުއްޖެއްގެ ގަޔަށް އަރައިގަންނަން ޖެހޭތަ؟ އަމިއްލަ ނަފުސްގެ އަގެއްވެސް އަހަރެންގެ ނެތް، އެކުއްޖާއަށް އެހީތެރިވާންވީމަ އަހަރެން ޝައިތާނަކަށްވެގެން އެކުއްޖާގެ ފަރާތުން ހިތް އުފާކުރީ، ދެން އެކަން ބަދަލުކުރެވޭނެގޮތެއްވެސް ނެތް، އަލުން....ފިރިހެނަކަށްވެސް ނުވިޔެއްނު، އިޓްސް ލައިކް ޗައިލްޑް އެބިއުޒް........." އިޒްޔަންގެ ސިކުނޑީގައ ހަނގުރާމައެއް ކުރެވެމުން ދިޔައެވެ. ހަދަންވީގޮތަކާއިމެދު ވިސްނިއެވެ. މާފަށް އެދެންވެސް ބޭނުންވިއެވެ.

އިޒްޔަންފެންވަރާލައިގެން ގޮދަޑީގައި ބަންޑުން އޮށޯވެލައިގެން އޮވެ ނިދަން މަސައްކަތްކުރިޔަސް އެ ލޮލަށް ނިންޖެއްނައެވެ. އަމިއްލަ ނަފުސް ކުށްވެރިކުރެވެނީއެވެ. ކުޑަކުޑަ އަންހެންކުއްޖަކާއިއެކު އެފަދަ ގުޅުމެއް ބާއްވަން އޭނަ ހިތަށް އެރިކަމާއިމެދު އެތައް ފަހަރު ލަޢުނަތްދިނެވެ. ޒޯޔާނަމަވެސް އޭނަ މިހާ ހިތާމައެއް ނުކުރާނެއެވެ. ދެރައީ އެއީ ރަނީންއަށް ވީތީއެވެ. ނަތާލީއަށް ނުވިކަމެވެ. އެހެން ކޮންމެ މީހެއް ނަމަވެސް އޭނައަށް އެންމެ ރަގަޅެވެ. އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލައިގެން އޮތްވާ ބޮލުގައި ރިއްސަންފެށިއެވެ. ކިތަންމެވަރަކަށް އެ ޚިޔާލު ހިތުން ފޮހެލަން އުޅުނަސް ލޮލަށް ފެންނަނީ އެކުޑަ ކުޑަ ރަނީންއެވެ. ނާޒުކް ކަމުގެ އިންތިހާއެވެ. އޭރު އަދި އޭނަގެ މާމައާއި ކޮއްކޮ އެމާވެސް ނިދާކަށް ކޮޓަރިއަކަށް ނާދެއެވެ. ގަޑި ބަލައިލުމުން އަދި އިޝާނަމާދަށް ބަންގިނުދޭކަން އެނގުނެވެ. ނިތުގައި އަތް ބާއްވައިގެން ސީލިންއަށް ބަލަން އޮވެވުނީއެވެ.

"އިޒް، ހާދަ އަވަހަށް ތިނިދަނީ؟ މަޣުރިބު ނަމާދުކުރިންތަ؟ " ނާޒްލީ ކޮޓަރިއަށް ވަދެފައި ބޮކިދިއްލާލުމުން އިޒްޔަން އަށް އުދަގޫވިއެވެ.

"މަންމާ، ދެން ކޮންމެ ފަހަރަކު ހަނދާންކޮށް ނުދިޔަސް އަރާނެ މީހަކު އަރާނެއްނު..." އިޒްޔަން ރުންކުރުވިއެވެ. އަމިއްލަ ނަފުސްދެކް އަންނަ ރުޅި އެހެންމީހުންނަށްވެސް ބޭލެން ފެށުނެވެ. މަންމަ އޭނަ ކުޑައިރު ނަމާދުކުރުވާކަށް މަސައްކަތެއްނުކުރެއެވެ. މިފަހަކަށް އައިސް އޭނައަށް އުދަގޫވާހާ ބޮޑަށް މަންމަ އެކަމާއި އުޅެއެވެ. މަންމަ ދީނަށް އުޅެންފެށިފަހުން އަބަދުހެން ދީނީ ވާހަކަދެއްކިޔަސް އޭނަ އެހާ ޝައުގުވެރިކަމެއް ނުހުރެއެވެ. އެކަމާއި ދެކޮޅަށްވެސް އޭނަ އެއްޗެކޭ ބުނެފައެއްނުވާނެއެވެ.

"ކަށްވަޅުގައި ހޭލެވިއްޖެއްޔާވެސް އިޒްޔަން ބުނާނީ ހަމަ ތިހެންތަ؟ އިޒްޔަން ކައިރީ މަންމަ ކިތައްފަހަރު ބުނާނީ އެންމެ އިސްކަން ދޭންޖެހޭނީ ނަމާދަށޭ، އެހެން އެއްވެސް ކަމެއް ނުކުރިޔަސް ނަމާދުކޮށްގެން ދޯ ނިދަންވާނީ. ހެވޭ ނުކައި ނިދިޔަސް........." ނާޒްލީ ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުނެލިއެވެ. އޭނަ ކިތަންމެ ބުންޏަސް އިޒްޔަން ނަމާދަށް ފަރުވާ ނުބަހައްޓާކަން ދަނެއެވެ. ކުޑައިރުއްސުރެން އާދަނުކުރެވުނު ކަމަކަށްވީތީ ނާޒްލީ އަމިއްލައަށްވެސް އެކަން ކުށްވެރިކުރެއެވެ. ދަރިންނަށް މަގުދައްކަން މައިންބަފައިން ތިބިއިރު އެމީހުންނަށް އޮތީ އެވާޖިބު އަދާނުކުރެވިފައެވެ. އިޒްޔަން ދީނީ ޒުވާނަކަށް ނުވީ އޭނަގެ ސަބަބުންނެވެ. އެންމެ ދީނަށް ނޫޅުނަސް ގޯސް މަގެއް ޚިޔާރުނުކުރާނެކަމުގައި ނާޒްލީ ހުންނަނީ ޔަގީންކޮށްގެންނެވެ. އަމިއްލަ ދަރިއަށްވުމުން އެހާ އިތުބާރުކުރެވިފައިވެއެވެ.ނާޒްލީއަށް ނޭގެނީ އިޒްޔަންގެ ބަލިފަޔެވެ. ނަތާލީގެ ސަބަބުން އިޒްޔަން ކަމަކަށްގޮސް ހުސްވެފައިވާ މިންވަރެވެ. ރޭގަނޑު ބައިވެރިޔަކާއި ނުލާ އިޒްޔަންއަށް އުޅެން ދަތިވެފައިވާ މިންވަރެވެ. ޒުވާންކަމުގެ ޖޯޝް ފިނިކުރަން ދަސްވެފައި ނުވާ މިންވަރެވެ.

"ތެދުވޭ، ތެދުވޭ...." ނާޒްލީ އިޒްޔަންއަށް ނިދިޔަނުދޭނެކަން އެނގިފައި އޭނައަށް އެތަނުން ތެދުވާން މަޖުބޫރުވިއެވެ. ލައިގެން ހުރި ސޯޓުމަތިން ޖިންސަކާއި ޓީޝާޓެއްލައިގެން އޭނަ ގޮސް ދިގު ވާރޭ ކޯޓުނަގާފައި ގަޔަށް މަހާލިއެވެ. ސިއްރުން ނަޒަރު ހިންގައިލިއިރު ރަނީން ފެންނަ ހިސާބަކުނެތެވެ. އެކުއްޖާ ނިދީބާވައެވެ. ޒޯޔާއާއި ދެކުދިން އަނގަތަޅަމުންގޮސް އެ ސިއްރުވެސް ހިއްސާކޮށްފާނެކަން ނޭގެއެވެ. އިޒްޔަންގެ ކޮންމެ ޚިޔާލެއް ނިމެނީ ރަނީންއާއި ހަމައިންނެވެ. އެކުރެވުނު ކަންތައްތައް ހިތަށް އަރާފައި އަމިއްލަ ނަފުސަށް މަލާމާތްކުރެވެއެވެ.

ރަނީން ފެންވަރާލައިގެން ކެހެރި ޕިޖާމާއަކުން އެ ތުނިހަށިގަނޑު ފޮރުވާލުމަށްފަހު އަވަހަށް ރަޖާގެ ދަށަށްވަދެ ފޮރުވިގަތެވެ. ކަކޫމޭގައި ޖައްސާލައިގެން އޮތީ އަދިވެސް އެހިނގިކަންތައް ގަބޫލުކުރަން ދަތިވެފައެވެ. ހުވަފެނެއްފަދައެވެ. އެހިނގި ހާދިސާއަށްފަހު އޭނަގެ މިޒާޖަށް ދުވަހަކު ނާންނަފަދަ މަޑުމޮޅިކަމެއްވެރިވެފާވެއެވެ. އަދިވެސް ސިކުނޑިވަނީ ގަނޑުވެފައެވެ. ރަގަޅަށް މަސައްކަތެއް ނުކުރެއެވެ. ރަނީންގެ ހިއްސުތައް ހޭލައިގަތީ ވާރޭ ވެހެން ފެށި އަޑާއެކުގައެވެ. ފިލްމެއްގެ މަންޒަރުފަދައިން ލަސްލަހުން ހުރިހާ ވަގުތުކޮޅެއް ނިއުޅެން ފެށުމުން މޫނަށް ލަދުވެތިކަމުގެ ރަތްކުލަ ވެރިވެ ބާލީސް މޫނުގައި އަޅާ ބާރުކޮށްލެވިއްޖެއެވެ. އެވީ ކިހިނެއް ހެއްޔެވެ؟ އޭނައަށް އިޒްޔަން ނުހުއްޓުވުނީ ކީއްވެއްހެޔެވެ؟ އިޒްޔަންވެސް އޭނަދެކެ ލޯބިވަނީހެއްޔެވެ؟ އެހެންނޫންނަމަ އެގޮތަށް އޭނައާއި ކައިރިއެއް ނުވީހެވެ. ނަމަވެސް ހާދަ ލަދުގަނެއްޖެއެވެ. ދެން ދުވަހަކު އިޒްޔަން ފެންނަ ހިސާބަށް ދާން ކެރޭނީ ކިހިނެއް ހެއްޔެވެ؟ ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިގޮތަށް ތުންފަތުން ހީވީ ލޭ ފައިބައިން ފަށާނެ ހެންނެވެ.

"އޭ ކިހިނެއްވެފަ ތިއޮތީ؟ ވަލުތެރެއަށް ވަންގޮތަށް އެއްޗެއް އަވަލީހެން ހީވެއްޖެ......" ގައިގާ ބާލީހަކުން ބޮނޑިއެއް އެޅުމުން ރަނީން ސިހިފައި ބަލައިލިއިރު ޒޯޔާހުރީ އިސްތަށިގަނޑާއިއެކު ތުވާލި އޮޅާލައިގެންނެވެ. ރަނީންގެ ހިތް ތެޅިގަތީ އަދި ވަކިގޮތެއް ބަލާފައެއްނޫނެވެ. ޒޯޔާ އެހެން އެބުނީ އިޒްޔަން އެއްޗެކޭ ކިޔައިގެން ހެއްޔެވެ؟

"އަހަންނަށް ފެނުނު......" ޒޯޔާގެ ޖުމްލައިން ރަނީންގެ ހިތަށް ފިނި ފެން އެއްޗެއް އޮއްސާލެވުނުހެން ހީވިއެވެ.

"ކޯންޗެއްތަ؟ " ރަނީންގެ އަޑުނުކުތީ އުދަގުލުންނެވެ.

"އޭނައާއިއެކު ކުރިހާކަމެއް....މިއޮތީ ވީޑިއޯ. ތިހެން އޮތްވާ ދެން ފެންނާނީ އެފްބީއިން އިނގޭ......." ޒޯޔާގެ ކޮންމެ ޖުމްލައަކުން ރަނީންގެ ދުނިޔެ ފުނޑުފުނޑުވަމުންދާކަމުގެ އިހުސާސްކުރެވެމުންދިޔައެވެ. މިފަދަގޮތަކަށް ބްލެކްމެއިލް މިކުރަނީ އިޒްޔަންއާއި ޒޯޔާގެ ރޭވުމެއްކަން ގާތްގަނޑަކަށް ޔަގީންވެއްޖެއެވެ. ވާހަކަތަކުންނާއި ފިލްމުން ބްލެކްމެއިލްކުރާ މަންޒަރުތައް ކިޔާފައިވިޔަސް އޭނައަކީ ވިކްޓިމަކަށްވެދާނެ ކަމަށް ރަނީން ހީކޮށްފައެއްނެތެވެ. ރަނީންގެ ނިތްކުރިއާއި އަތުން ފިނިދަލެއް ހިއްލާލިއެވެ. ނޭވާ އެތެރެހަށީގައި ތާށިވެ އަޑުވެސް ނުނިކުތެވެ. ޒޯޔާ ހުރީ ފާޑަކަށް ދެލޯ އަޅާލައިގެންނެވެ. ފަނޑު އޮރެންޖް އަލީގެ ތެރެއިން ޒޯޔާގެ މޫނު ރަނީންއަށް ސިފަކުރެވުނީ ބިރުވެރިގޮތަކަށެވެ.

ކޮމެންޓް 0