އިޒްޔަން އެކަނިމާއެކަނި ރެސްޓޯރެންޓްގައި ކޮފީ ބޯންއިންއިރު ރަނީންއާއިމެދު ވިސްނެމުން ދިޔައީ މާވަރަކަށެވެ. އެހާވަރަށް ވިސްނެނީ އެކުއްޖާދެކެ އޭނަގެ ހިތުގައި ލޯބި އުފެދެންފެށީހެއްޔެވެ؟ ރަނީންއަށްޓަކާ ހިތުގައި ޖަހަމުންދާ ވިންދަށް ދޭނީ ކޮން އެހެން ނަމެއް ހެއްޔެވެ؟ ނަތާލީގެ ސޫރަދެކެ ފޫހިވާވަރަކަށް ހިތުގައި ރަސްކަން ކުރަންފެށީ ރަނީންގެ ސޫރައެވެ. އެކަމަކު ރަނީންއަކީ ކޮލެޖްގައި ކިޔަވާ ކުއްޖެކެވެ. އޭނައަކީ ޕްރޮފެސަރެކެވެ.

ނަތާލީ ގުޅަންފެށުމުން އިޒްޔަން ފޯނުނެގީ ހިތްހަމަނުޖެހިފައި އިނދެއެވެ.

"މިއުޅެނީ ޖިމް.....ޖިމް..." ނަތާލީ ރޮއިގަތެވެ. އިޒްޔަންގެ މެޔަށް ފިނިފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ. އިޒްޔަންގެ ހިތަށް ބިރުވެރިކަންވަނީ ނަތާލީއަކީ އާދައިގެ ކަމަކާއި ރޯނެ މީހެއް ނޫންކަން އެނގިފައެވެ. އިޒްޔަން ސުވާލުކުރަމުން ދުވެފައި ކަހަލަ ގޮތަކަށް މަގު ހުރަސްކޮށްލިއެވެ. ޖުއާން ބައިސްކަލްގައި މަގަށް ނުކުތްތަނާ ކާރެއްގައި ޖެހިގެން ހޮސްޕިޓަލަށް ގެންދެވުނު ވާހަކައާއި އިމަޖެންސީގައި ފަރުވާދޭ ވާހަކަ ނަތާލީ ބުނެލިގޮތުން އިޒްޔަންގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. އުދުހިފައި ދެވޭނެނަމަ އެސިކުންތު ކޮޅުވެސް އޭނަ ހުރީހީ އެތާގައެވެ. ކާރު ދުއްވޭނެ އެންމެ ބާރަކަށް ދުއްވާފައިގޮސް ހޮސްޕިޓަލު ތެރެއަށް ވަދެވުނުއިރު އަދި ރަނީންގެ ގައިގާ ޖެހުނެވެ.

"ސޮރީ..." ރަނީންއަށް ބުނެވުނެވެ.

އިޒްޔަން އަވަސް ފަރުވާދޭ ކޮޓަރިއާއި ހަމަޔަށް ފޯރިއިރު ޑޮކްޓަރ މަންސޫރު ވެސް އެތަނަށް އައި ވަގުތާއި ދިމާވިއެވެ. ނަތާލީ އިޒްޔަންގެ މެދުހަށީގައި ބައްދައިގަތްގޮތަށް ރޮއިގަތެވެ. އިޒްޔަން ހުރީ ގަނޑުވެފައިވާ ބުދެއްހެންނެވެ. ވަގުތު ފާއިތުވަމުން ދިޔަވަރަކަށް އޭނަގެ ހިތަށް ބިރުވެރިކަން ވަންލެއް އިތުރުވިއެވެ. ޖުއާން އިޒްޔަންއާއި ދިމާލަށް އަތް ދިއްކޮށްލަމުން ޑެޑީ އޭ ކިޔާފައި ބަލިކަށިއަޑަކުން ގޮވާލިއެވެ. އެކުއްޖާއަށް ފަރުވާދޭން ތިބި އެންމެންގެ ހިތްތަކަށް އަސަރުކުރުވިއެވެ. ހިތްފަޅައިގެންދާހާވިއެވެ. ވޭނާއި ކެކުޅުމުން ސަލާމަތްކޮށްދޭނެ މީހަކީ އޭނަގެ ބައްޕަކަމުގައި އެތުއްތު ފުރާނައަށް ހީވީއެވެ.

ޖުއާންގެ ޑޮކްޓަރ މަންސޫރު އިޒްޔަންއާއި ވާހަކަދެއްކީ ޖުއާންގެ ކޭސްއާއި ބެހޭގޮތުންނެވެ. ބޮލަށް އަނިޔާއެއްވުމުން ސިކުނޑި ދުޅަވެދާނެއެވެ. ސިކުނޑީގެ ވަށައިގެން ނާށިގަނޑު ހުރުމުން ދުޅަވާނެ ޖާގަ ނެތުމުން ޕްރެޝަރ މައްޗަށް ގޮސްދާނެއެވެ. ޕްރެޝަރ މައްޗަށް ގޮސްދާނެތީ ސިކުނޑީގެ ފްލުއިޑް ހުންނަ ހިސާބަށް ހޮޅިކޮޅެއް ލައްވާފައި މޮނިޓަރއަކަށް ގުޅައިގެން ގަވާއިދުން ޕްރެޝަރ މޮނިޓަރ ކުރަން ޖެހޭނެކަމަށް މަންސޫރު ބުނެލިއެވެ. އެކިޔާ އެއްޗެއް އިޒްޔަންއަށް އެހާ ރަގަޅަކަށް ފަހުމެއްނުވެއެވެ. އޭނަ ހުރީ ޝޮކެއްގައެވެ. ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރަން ކޮންމެ ކަމެއް ކުރުމުގެ ހުއްދަ ދޭނެކަމަށް އިޒްޔަން ބުނެލިއިރު އެދެލޮލުގައި ކަރުނަ ގިނަވަމުން ދިޔަތަން މަންސޫރަށް ފެނުނެވެ.

"ޑޯންޓް ވޮރީ ސަން، ހުރިހާ ކަމެއް ރަގަޅުވާނެ ގޯޑް ވިލިން...." މަންސޫރު އިޒްޔަންގެ ކޮނޑުގައި އަތް ބާއްވާލީ އޯގާތެރިކަމާއިއެކުގައެވެ.

އޭރު އިޒްޔަންގެ ދަރިފުޅަށް ކަމެއްވީކަން ރަނީންގެ ފަރާތުން އެނގިގެން ނާޒްލީވެސް ކުރަންހުރި މަސައްކަތް ހުއްޓާލާފައި އައިއިރު އެމޫނުމަތިން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ހިތާމައާއި ހާސްކަމެވެ. އިޒްޔަން ކުށްވެރިއެއްފަދައިން އިސްޖަހާލީ މަންމައާއި ކުރިމަތިލާނެ ހިތްވަރެއް ނެތީމައެވެ.

"މަންސޫރު، އެކްސިޑެންޓްވެގެން އުޅެނީ އަހަރެންގެ މާމަ ދަރިއެއް......" މަންސޫރު އަށް ނާޒްލީ އެތާ ބޭރުން ފެނިފާ ވާހަކަދައްކަން އައިސް ހުއްޓިލުމުން އަވަސްވެފައިވާ ރާގަކަށް ބުނެލިއެވެ. އޭރު ނަތާލީވެސް ޓިޝޫއަކުން ދެލޯ ފޮހެލަ ފޮހެލާއިނެވެ. ނާޒްލީގެ ދެލޯވެސް ފުރި ބަންޑުންވާންފެށިއެވެ. މާމަ ކުއްޖެއް ދުނިޔެއަށް ނޭވާލާކަން އެނގުނީ އެކުއްޖާގެ ފުރާނަ ނުރައްކަލުގައިވި ހިނދެއްގައެވެ. މިވަގުތު އެތުއްތު ކުއްޖާއަށްޓަކާ ދުޢާކުރުން ނޫންކަމެއް ނެތެވެ.

"ނާޒް ނުވެސް ބުނަމެއްނު އެހާ ބޮޑު ކުއްޖެއް ހުންނަ ވާހަކައެއް، މާމަ ދަރިއެއްވެސް އެބަހުރި؟ " މަންސޫރުއަށް އިޒްޔަންއަކީ ނާޒްލީގެ ދަރިއެއްކަން އެނގުމުން ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ހުރި އިޒްޔަންގެ މޫނަށް ބަލާވެސް ލިއެވެ. ސްމާޓް ރީތި ޒުވާނެކެވެ. މޫނުމަތިން ފެންނަނީ ހިތްހަލާކުވާފަދަ އަސަރުތަކެވެ. އަމިއްލަ ދަރިފުޅު މަރުގެ ތުންފަތް މަތީގައި ހަނގުރާމަ ކުރާއިރު އަސަރުނުކުރާނީ ކާކަށް ހެއްޔެވެ؟ ހިލަހިތެއްވެސް މަޑު ކަފަކޮޅަކަށް ހަދާލާނެއެވެ. އެހިތުގައި ހިނގާނެ އިހުސާސްތައް މަންސޫރުއަށް ކޮންމެވެސް ވަރަކަށް ރޭކާލިއެވެ.

މަންސޫރަކީ އެފަދަ ސިކުނޑީގެ ނާޒުކް އޮޕަރޭޝަންތައް ކުޅަދާނަކަމާއިއެކު ކުރަމުން ދާ މީހަކަށް ވިޔަސް މަރަކީ އިންސާނަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ.

ތިއޭޓަރުގެ ބޭރުގައި އެންމެން ނޭވާ ހިފަހައްޓާލައިގެން އިންތިޒާރުގައި ތިބިއިރު ރަނީންގެ އިތުރުން ޒޯޔާއަށްވެސް އެތަނަށް އާދެވިއްޖެއެވެ. އެ ޚަބަރު ނޫސްތަކުގައި ޖެހުމުން ޒޯޔާއަށްވެސް އިޒްޔަންގެ ދަރިއެއްކަން އެނގިގެން ވަގުތުން އެތަނަށް އައީއެވެ. ޒޯޔާ ރަނީންގެ އަތުގައި ހިފާލަމުން ޚަބަރު އޮޅުން ފިލުވަން އުޅެގަތެވެ. ރަނީން ޒޯޔާދެކެ ފޫހިވިނަމަވެސް އޭނަ ވާހަކަދެއްކީ ރީތިކޮށެވެ. ޖުއާންގެ ބޮލަށް އަނިޔާވެ އޮޕަރޭޝަނެއް ކުރިއަށް ގެންދެވެނީކަމަށް ޒޯޔާ ކައިރީގައި ބުނެލިއެވެ. ޒޯޔާ ހުރީ ނާޒްލީ ކައިރިން މާފަށް އެދެން ބޭނުންވެފައެވެ. ނާޒްލީ އެދިމާލަށް ބަލާނުލަން އިނީ ގަސްތުގައި ކަމުގައި ހީވެފައި އިސްވެ އެތަނަށް ދާން ޒޯޔާއަކަށް ނުކެރުނެވެ. އެހެން ހުރިއިރު ކުށްވެރިކަމުގެ އިހުސާސްތައް އޭނަ ކާލަފާނެހެން ހީވިއެވެ. ނަމަވެސް މިހާރު ކޮންމެވެސް ވަރަކަށް ކައިރި ވެވިއްޖެއެވެ. އޭނަ މަޑުމަޑުން ނާޒްލީމެންގެ ދިރިއުޅުމުން ޖާގަ ހޯދާނެއެވެ. އޭނަގެ މާމަ އޭނައަށް މާފު ދޭނެއެވެ.

ޖުއާން ތިއޭޓަރުން ބޭރަށް ނެރެވުނުއިރު އެކުއްޖާ ނޭވާލަނީ ވެންޓިލޭޓަރެއްގެ އެހީގައެވެ. ދަރިފުޅުގެ ހާލު ރަގަޅުވުމުގެ ބަދަލުގައި ދަށަށް ދާކަން އެނގުމުން އިޒްޔަންގެ ދުނިޔެ ކުނޑި ކުނޑިވަމުން ދާކަމުގައި އިހުސާސްކުރެވުނެވެ. އިޒްޔަންގެ ހިތާމަތައް ރުޅިވެރިކަން ޚިޔާރުކުރާން ފެށިއެވެ. އޭނަ ދެކުނު ގޮތުގައި ކުށްވެރިޔަކީ މަންސޫރުއެވެ. މަންސޫރު އެބުނާ އެއްޗެއް ލެއްވުމުން ޖުއާން މާބޮޑަށް ބަލިވީއެވެ. ތިއޭޓަރަށް ވެއްދިއިރު ރަގަޅަށް އޮތް ކުއްޖަކު ހޭނެތެންވީ ސަބަބެއް ނެތެވެ. އިޒްޔަންގެ ހިތުގައި ނަފްރަތުގެ އަލިފާންގަނޑު ބޮޑުވެ މުޅި ހަށިގަނޑަށް އޭގެ އަސަރު ކުރަންފެށިއެވެ.

ޖުއާން އަލުން ދުނިޔެއަށް ލޯ ނުހުޅުވާނެކަން ޔަގީންވެ ޑޮކްޓަރުން އުއްމީދު ކަނޑާލުމުން އިޒްޔަން މަންސޫރުގެ ގައިގާ ޖަހަން މަސައްކަތްކުރިއެވެ. މަންސޫރު ހުޝިޔާރުކަމާއި އެކު އިޒްޔަންގެ އަތުގައި ހިފެހެއްޓިއިރު އެދެމެދަށް ނާޒްލީވެސް ވަނެވެ. އިޒްޔަންގެ މޫނުމައްޗަށް ދިލަ ހޫނެއް ވުމުން މޫނުމަތީގައި ފިރުމާލަމުން މަންމައަށް ބަލާލީ ހައިރާންކަމުގެ ނަޒަރަކުންނެވެ. މަންމަ އޭނައަށް ވުރެ ބޮޑަށް އެމީހާގެ ދިފާޢަށް ނުކުންނަންވީ ސަބަބެއް ނުވިސްނުނެވެ.

"އިޒްޔަން ކޮން ފާޑަކަށް ތިއުޅެނީ. ޑޮކްޓަރގެ ޒިންމާ އަދާނުކުރެވިގެނެއް ނޫނޭ އެކުއްޖާ ދުނިޔެއިން ވަކިވެގެން ދިޔައީ. ހަވާލުކުރެވުނު އަމާނާތަށް ފަރުވާތެރި ނުވެވި އަޅާނުލެވުނީ މައިންބަފައިންގެ ކުށުން. ބައިސްކަލަށް ލާފައި ކުޑަކުއްޖަކު ކާރޫބާރޫ ބޮޑު މަގަކަށް ނެރޭއިރު އެވަރު ވިސްނާނުލެވުނުތަ؟ އެކަންތައް އެހެން މީހުންގެ ބޮލުގައި އަޅުވަން ނޫޅޭ އިޒްޔަން.........." ނާޒްލީގެ އަޑުގަދަވިއެވެ. އެއާއިއެކު ނާޒްލީގެ ނުރުހުމުގެ ދެލޯ އިޒްޔަންގެ މޫނުން ނަތާލީގެ މޫނަށްވެސް ދަތުރުކުރިއެވެ. އެ ޢަމަލުން މަންސޫރުވެސް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އިޒްޔަން މިފަދަ ވަގުތެއްގައި ސިކުނޑި ހަމައިގާ ނެތްކަން އިހުސާސްކުރެވުނުއިރު އިޒްޔަންގެ މަންމައަށް އޭނަގެ ޙާލު ރޭކާ ނުލީ ކީއްވެހެއްޔެވެ؟ މަންސޫރުގެ ނަޒަރު ދެން އަމާޒުވީ ނަތާލީގެ މޫނަށެވެ. ނަތާލީ ރޮއިރޮއިހުރެ މަންސޫރުއާއި ހަތަރުކަޅި ހަމަވެފައި މޫނުގައި ދެއަތް އަޅާ މޫނު ފޮރުވައިފިއެވެ. ކޮންމެ މީހެއްގެ ހަރަކާތުގައި ތަފާތުގޮތެއްވާކަން ރަނީން ދެނެގަތެވެ. އޭނަ އެއްފަރާތުގައި ހިމޭނުން ހުރިއިރު އިޒްޔަންއަށްޓަކާ އޭނަގެ ހިތްވެސް ރޮމުން ދިޔައެވެ.

އިޒްޔަންގެ ރުޅިވެރިކަން އިރުކޮޅެއްގެ ތެރޭގައި ނެތިގެންގޮސް ކެތްނުކުރެވޭފަދަ ހިތާމައެއް ސާލެއްފަދައިން އޭނަ ވަށާ އޮޅާލިއެވެ. ދަރިފުޅުގެ ވަކިވުން ބުނަން ނޭގޭފަދަ ހިތްދަތި އިހުސާސްތަކެއް ކުރުވައިފިއެވެ. އޭނަ ދެން އުޅެގަތީ ޖުއާންގެ ފުރާނަނެތް މަސްގަނޑު ގެއަށް ގެންދިޔުމާއި ކުރަން ޖެހޭ އެހެން ތައްޔާރީތައް ކުރުމަށެވެ.

ޖުއާންގެ މޫނު ދެއްކުމުގެ ކަންތައް ނަތާލީގެ ގޭގައި ކުރެވެމުންދިޔައިރު އޭނަގެ މަންމަގެ އިތުރުން ރަނީން ޒޯޔާ އަދި ކުޑަކުޑަ ޔަނާ އުޅޭތަން ފެނުމުން އިޒްޔަންގެ ހިތް އަވަސްވެލައިފިއެވެ. އެމާ ނުފެންނަނީ ކީއްވެހެއްޔެވެ؟ އެމާ ކޮބާހެއްޔެވެ؟ އެސުވާލުކުރަން ވީ ކާކާ ހެއްޔެވެ؟ ރަނީންގެ ފަރާތުން އެދެވޭ ޖަވާބެއް ލިބޭނީއެއް ނޫނެވެ.

އިޒްޔަންއަށް ލިބުނު ފުރުސަތެއްގައި ކާކޮޓަރިތެރޭގައި ހުރި ޒޯޔާއާއި ސުވާލުކޮށްލިއެވެ.

"އިޒް ވީގޮތަކީ......." ޒޯޔާ އޭނަވެސް ޢާއިލާއާއި ވަކިވެގެން ދިޔަވާހަކަ އިޒްޔަންއަށް ކިޔާދޭން އުޅެފައި ފަސްޖެހުނެވެ. އިޒްޔަންއަށް ހަގީގަތް އެނގިގެން ރުޅިވެރިކަން އުފެދުމަށްވުރެ މަސްލަހަތަށް ބަލާފައި ވާހަކަދެއްކުން ރަގަޅުވާނެއެވެ.

"އެމާ އަންނަން ބޭނުން ނުވީ ކަމަށްވާނީ، އައި މީން މި ކާފޫރު އަތަރުވަސްޖެހުނީމަ އަހަރެންގެ ވެސް ބޮލުގައި ރިއްސަން ފަށައިފި، އަހަންނަކީވެސް މީހުން މަރުވެގެން އުޅޭއިރު އަންނަން ބޭނުންވާ މީހެއްނޫން، އިޒްގެ ދަރިފުޅު ވީމަ މިއައީ. އެމާ އުޅޭނެ ގޭގައި......" ޒޯޔާ ހަމަޖެހިލައިގެން ހުރެ ދޮގެއް ހަދާލާފައި ފެންފުޅި ކަރުތެރެއަށް އޮއްސާލައިފިއެވެ. ހޫނުގަދަވެގެން ބުރާންތިވެފައި ހުއްޓާ އަދި ކާފޫރުވަސް ޖެހިފައި އޭނަގެ ބޮލަށް ހުރީ ނުބައި ގޮތެއްވެފައެވެ. އެވަރުން ފުދުނީއެއް ނޫނެވެ. ހާސްވެގެން ފިލަން އަންނަން ޖެހުނީ ފައިރޫޒާ ނާޒްލީއާއި ވާހަކަދައްކަން ހުރިތަން ފެނިފައެވެ. ފައިރޫޒާ ފެނުމުން އޭނަ ކަޅިއަޅާލާފައި މޫނަށް ވައްތަރެއް ޖެއްސިއެވެ. އެމީހުން ފެނުމުންވެސް އޭނަ މިވަނީ ހާދަ ފޫއްސެކެވެ. ފައިރޫޒާ އޭނައާއިމެދު ކަންތައްކުރިގޮތާއި އެގެއިން ނެރެލި ނިކަމެތި ގޮތް އޭނަ ދުވަހަކު ހަނދާނެއް ނުނެތޭނެއެވެ. އަދި ދާނަޝްއޭ ކިޔައިގެން ހެދި ބޮޑު ދޮގު އޭނަ މުޅިން ފޫހިކުރުވައިފިއެވެ. ޒޯޔާއަށް އޮޅުވާލަންވެސް އެހާ ވަރުގެ ވާހަކައެއް އަމިއްލަ ދަރިއާއި ބެހޭގޮތުން ދައްކަން ޖެހޭނެ ހެއްޔެވެ؟ ފައިސާއާއި ނިޢުމަތް ދެއްވުމުން ބޮޑާވާ މީހުންނަށް އެހިތިކަން ކޮންމެވެސް ސިފައެއްގައި އަދި ފެންނާނެއެވެ.

"އެމާ މަތިން މިއަދު އެންމެ ބޮޑަށް މި ހަނދާންވީ، މަރަކީ ހިޔަންޏެއްހެން އެކީގައިވާ އެއްޗެއް ކަން އެނގޭއިރުވެސް ވިސްނައެއް ނުލެވުނު. އަހަރެން ޢާއިލާއާއި ވަކިވެގެން މިހާ ދުވަހު އުޅުނުއިރު އެހެން ހިތަކަށް ނާރާ، އެކަކުވެސް ވަކިވެގެން ދިޔަނަމަ ކިހިނެއް ކެތްކުރާނީ......."އިޒްޔަން ފެންކަޅިވެފައިހުރެ ޖުއާން ނޫން އެހެން ދިމާލަކަށް ވިސްނުން ގެންދަން އުޅުމުންވެސް އުފާވެރި ޚިޔާލެއް ހިތަކަށް ނުގެނެވުނެވެ. ހިތަށް އަރަނީ ހިތާމަވެރި ވާހަކަތަކެވެ. ކަރުނަތައް ހިފަހައްޓަން އުދަގޫވާވަރަށެވެ. ސަޒާ މިލިބެނީ އޭނަ ކޮށްފައިވާ ފާފައިގެ ސަބަބުންނެވެ. މަންމަގެ ހިތުގައި ޖައްސާފައި މަންމަ ނުރުހޭ މީހަކާއި އިނދެގެން އައުމުންވީ ގޮތެވެ. އެހެން އަންހެންކުއްޖަކާއި ގުޅުން ބާއްވާފައި ކައިވެނިން ބޭރުގައި ދަރިން ހޯދުމުން އާޚިރަތުގެ ނަތީޖާ ހިތިކަމާއެވެ.

ޖުއާން ވަޅުލަން ސަހަރާއަށް ގެންގޮސްފައި ގެއަށް އައިއިރުވެސް އޭނަގެ މަންމަމެން އެކިކަންތައް ތަކުގައި ޙަރަކާތްތެރިވެ އުޅޭތަން ފެނުނެވެ. އައިސް ތިބި މީހުންނަށް ބަތް ޕާރުސަލް ބަހާފައި މެހުމާންދާރީ އަދާކުރިއެވެ. ޑޮކްޓަރ މަންސޫރުވެސް ޖުއާންގެ ކަށުކަމާކެމީގެ ކަންތަކުގައި ބައިވެރިވެރިވެ އުޅުނެވެ. އިޒްޔަން މަތީބަޔަށް އަރައިގެން ދިޔައިރު ރަނީން ޔަނާ އުނގުގައި ބައިންދައިގެން ޔޯގަޓެއް ކާންދޭން އިންތަން ފެނިފައި އިޒްޔަންގެ ހިތަށް އެހެން ކަހަލަ އަސަރުތަކެއްވެސް ކުރިއެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް އެދެ އަންހެންކުދިންނަށް ހިތުގައި ޚާއްސަކަމެއް ދެވިފާވެއެވެ.

އިޒްޔަން ކޮޓަރިއަށް ވަންގޮތަށް އެނދަށް ވެއްޓިގަތްގޮތަށް ތެދުވާނެ ހިތްވަރެއްނެތިފައި އޮވެވުނީ ކިހާއިރެއް ވާންދެން ކަމެއްވެސް ނޭގެއެވެ. ދެލޯ ހުޅުވަން މަޖުބޫރުވީ މަންމަ އައިސް އަތުގައި ހިފާފައި އެއްޗެކޭ ބުނެލިއަޑަށެވެ.

"އިޒްޔަން އެއްޗެއް ކައިގެން އޮންނަންވީނު، ނުކައި ނުބޮއި އޮންނާކަށްނުވާނެ، މަންމައަށް އެނގޭ އިޒްޔަންއަށް ކުރެވޭނެ އިހުސާސް، މަންމައަށްވެސް މިހިރީ އެކަން ތަޖުރިބާކުރެވިފައި. ދަރިއަކު ވަކިވެގެން ދިޔުމަކީ ހިތަށް ބަރުދާސްތު ނުކުރެވޭވަރުގެ ފުން ހިތާމައެއް. ގޭގެ ކޮންމެ ތަނަކުން އެހަނދާންތައް އާކުރުވާނެ. ނަމަވެސް ދަރިންނަކީ މާތް ﷲ ދެއްވި ހަދިޔާއެއް. ނިޢުމަތެއް. އަނބުރާ ގެންދަވާނީ ކޮންމެވެސް ޙިކުމަތެއް އޮތީމަ، ކެތްކުރޭ ދަރިފުޅާ.........." ނާޒްލީ މޮޅިވެރިގޮތަކަށް ބުނެލުމުން ފެންކަޅިވެފައިވާ ދެލޮލުން އޭނަގެ މަންމައަށް ބަލާލާފައި ތެދުވެ އިށީދެއްޖެއެވެ. އެއާއިއެކު އިޒްޔަން އޭނަގެ މަންމަގެ އުނގުގައި ބޯ އަޅާލުމާއިއެކު މާފަށް އެދުނެވެ.

"މަންމާ، އަހަންނަށް މާފުކޮށްދީ....." ޖަޒުބާތުގެ ސަބަބުން އިޒްޔަންގެ އަޑު ބަދަލުވިއެވެ.

"އިޒްޔަންއަށް މާފުކޮށްފިން، ބައެއްފަހަރު ޖަޒުބާތުގައި ޖެހިގެން ކުށްކުރެވިދާނެ، އެކަމަކު މަންމައެއްގެ ހިތް ދަރިއަކަށް ނުބަޔެއްނުވާނެ، އެނގޭތަ؟ މަންމަ އަމިއްލައަށް ހިނގާފައި ދިޔައިން ނަތާލީގެ ކައިރިއަށް ނަމަވެސް ދިމާވި ގޮތަކުން ބައްދަލެއް ނުކުރެވުނު............" ނާޒްލީ އިޒްޔަންގެ ބޮލުގައި ފިރުމަމުން ކިޔާދިނެވެ. އިޒްޔަންއަށް އެނގުނީ މަންމައިންގެ މާތްކަމާއި ދަރިންދެކެ ވާ ލޯތްބެވެ. އަމިއްލަ އުފާތަކަށްވުރެ ދަރިންގެ އުފާތަކަށް އިސްކަންދިނީއެވެ. ދުރަށް ދިޔައީ އިޒްޔަން އަމިއްލައަށެވެ. ހިތާމައެއް ކުރިމަތިވުމުން މާޒީ ހަނދާން ނައްތާލާފައި މަންމަ އެހެރީ އައިހެވެ. އޭނަގެ ކުށަށް މާފުދީ ހިތްހެޔޮކުރީ ހީވެސް ނުކުރާހާ ފަސޭހައިންނެވެ.

މަންމަ ރޮށި ފުނޑުވާލާފައި ކުޅިމަސްކޮޅަކާއިއެކު އިޒްޔަންގެ އަނގައިގާ ލައްވާދިނީ އިޒްޔަން ކުޑައިރުވެސް ކާންދޭގޮތަށެވެ. ރަނީން ދޮރުމައްޗަށް އަރާފައި އެމަންޒަރު ފެނިގެން ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އިޒްޔަންއަށް ހިތާމައެއް ދިމާވެގެން ނަމަވެސް ވަކިވެފައިވާ އިޒްޔަން އެ ޢާއިލާއާއި ގުޅުމަށް މެދުވެރިކުރައްވައިފިއެވެ. ދުނިޔޭގެ ކަންތައް ވަމުންދާނީ އިންސާނުން ރާވާގޮތަކަށް ނޫނެވެ. ކޮންމެ ކަމަކަށްވެސް ޙިކުމަތެއްވާނެއެވެ.

ރަނީން އެއްފަރާތަށް ޖެހިލިގޮތަށް ވިސްނަންފެށިއެވެ. ދޮންމަންމައާއި އިޒްޔަންގެ ފަރާތުން ފެނުނު މަންޒަރުތަކުން ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނަސް އޭނައަށް މިހާރު އެ ޢާއިލާގައި ޖާގައެއްނެތެވެ. އެމީހުންނާއިއެކު އެއް ފުރާޅެއްގެ ދަށުގައި އުޅުމުގެ ފުރުސަތެއްވެސް ދެން ނުލިބޭނެއެވެ. ދިރިއުޅުމުގެ ކޮންމެ ކަމަކުންވެސް ފިލާވަޅެއް ނޫނީ ނުލިބެއެވެ. ނާޒްލީ އެހެން މީހެއްގެ އަންބަކަށްވެގެން ނުދިޔަނަމަ ފަހަރެއްގައި އަބަދަށްޓަކާ އެގޭގައި ނާޒްލީއާއިއެކު ހުރެވުނީހެވެ. އިޒްޔަން ފެނުމުގެ ފުރުސަތު ލިބިގެންދިޔައީހެވެ. މިހާރު އުއްމީދުގެ ހުޅުކޮޅު އަބަދަށްޓަކާވަނީ ނިވިފައެވެ. ޖުއާން މަރުވުމުން ނަތާލީ މާބޮޑަށް އިޒްޔަންއަށް ބޭނުންވާނެއެވެ. ދެމަފިރިއެއްގެ ދޭތެރެއަށް ވަންނަން ހިތަށް އެރުމަކީވެސް ކުށެކެވެ. އަނިޔާއެކެވެ. އަންހެނަކަށްވެ ހުރެ އެހެން އަންހެނަކަށް އަނިޔާއެއް ދޭން ހިތެއް ނުރުހެއެވެ.

ރަނީން ޔަނާ އުނގުގައި ބާއްވައިގެން ވާހަކައެއް ކިޔާދޭން އިނީ ދޮންމަންމަ ކޮޓަރިން ނުކުންނަ އިރަކަށް ބަލަ ބަލައެވެ. އިޒްޔަންއާއި ދޮންމަންމަ ދައްކަނީ ކޮންވާހަކަތަކެއް ހެއްޔެވެ؟ އޭނަވެސް މިހިރީ އިޒްޔަންއާއި ބައްދަލުކޮށްފައި އޭނަގެ ޙަވާލުގައިވާ އިޒްޔަންގެ އަމާނާތް އަދާކުރާށެވެ. އެކަށީގެންވާ ދަނޑިވަޅެއް އަދި ނުލިބެނީއެވެ. މާގިނައިރުވާން ފެށުމުން ޔަނާވެސް ގެއަށް ދާން ބޭނުން އެތައްފަހަރެއްގެ މަތިން އޭނަ މަންމަ ހުރިތަނެއް އޮޅުން ނުފިލައިގެން އަހައިފިއެވެ. އެންމެފަހުން ޔަނާގެ ލޮލަށް ނިދި ސަވާރުވެ އެދެލޯ މެރުމުން ރަނީންވެސް ސޯފާގެ ލެނގޭބައިގާ ބޯ އަޅާލީ ލިބިފައިވާ ވަރުބަލިކަމުންނެވެ. ދެލޯމަރާލުމުންވެސް ސޫރަވީ އެރީތި މޫނެވެ. ކުއްލިއަކަށް މީހަކު ގޮވާލިހެން ހީވެފާ ރަނީން ލަސްލަހުން އިސްއުފުލާލައިފިއެވެ.

ކޮމެންޓް 0