"އޭނަ އާއި އެކު ކުރިހާކަމެއް.... މިއޮތީ ވީޑިއޯ. ތިހެން އޮތްވާ ދެން ފެންނާނީ އެފްބީއިން އިނގޭ......." ޒޯޔާގެ ކޮންމެ ޖުމްލައަކުން ރަނީންގެ ދުނިޔެ ފުނޑުފުނޑުވަމުންދާކަމުގެ އިހުސާސްކުރެވެމުންދިޔައެވެ. މިފަދަގޮތަކަށް ބްލެކްމެއިލް މިކުރަނީ އިޒްޔަންއާއި ޒޯޔާގެ ރޭވުމެއްކަން ގާތްގަނޑަކަށް ޔަގީންވެއްޖެއެވެ. ވާހަކަތަކުންނާއި ފިލްމުން ބްލެކްމެއިލްކުރާ މަންޒަރުތައް ކިޔާފައިވިޔަސް އޭނައަކީ ވިކްޓިމަކަށްވެދާނެ ކަމަށް ރަނީން ހީކޮށްފައެއްނެތެވެ. ރަނީންގެ ނިތްކުރިއާއި އަތުން ފިނިދަލެއް ހިއްލާލިއެވެ. ނޭވާ އެތެރެހަށީގައި ތާށިވެ އަޑުވެސް ނުނިކުތެވެ. ޒޯޔާ ހުރީ ފާޑަކަށް ދެލޯ އަޅާލައިގެންނެވެ. ފަނޑު އޮރެންޖް އަލީގެ ތެރެއިން ޒޯޔާގެ މޫނު ރަނީންއަށް ސިފަކުރެވުނީ ބިރުވެރިގޮތަކަށެވެ.

"ނޯ.....ޕްލީޒް..." ރަނީން އަށް ކިޔާލެވުނެވެ.

"ޔެސް ޔެސް......" ޒޯޔާ ރަނީންއާއި ކައިރިއަށް ޖެހިލާފައި ފޯނު ދެއްކިއިރު ރަނީން ނޭވާއިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ކުއްލިއަކަށް ޒޯޔާ ބާރަށް ހިނިގަނޑެއްޖަހާލާފައި އެނދަށް ވެއްޓިގަތެވެ. އޭނަ ބަނޑުގައި އަތްއަޅައަޅާފައި ހޭންވީ ސަބަބެއް ރަނީން އޮތީ ނުވިސްނިފައެވެ.

"މޮޔަ މޮޔަ ނިންނި، މިހާރު ޔަގީންވީ ކަމެއްކުރިކަން. ކޮންމެވެސް ކަމެއް ކުރިން ދޯ، އަހަރެން އެއްޗެކޭ ބުނެލާއިރަށް ކިރިޔާ ފެއިންޓްނުވީ، އަހަރެން ނިންނިގެ އެކްސްޕްރެޝަންތައް ވީޑިއޯކޮށްލީ. މިބަލާފައި ހަމަ ހީ ހީ ހަލާކުވާވަރުވޭ......" ޒޯޔާގެ ޖުމްލައިން ރަނީން ހިފަހައްޓާލައިގެން ހުރި ނޭވާ ބޭރަށް ދޫކޮށްލެވިއްޖެއެވެ. ނަމަވެސް ޒޯޔާއާއި ޖަދަލުކުރުމުގެ ބަދަލުގައި ރަނީން ޚިޔާރުކުރީ ހިމޭންކަމެވެ. ކުޑަކޮށް ލޯ އަޅާލާފައި އޭނަ އަނެއްކާ ބާލީހުގައި މޫނު ފޮރުވިގޮތަށް އޮތެވެ. އޭނަގެ ޅަހިތަށް ލިބުނު ބިރުވެރިކަމުން "ޕެނިކް އެޓޭކް" އެއް ޖެހުމަށް މަގުފަހިކުރުވިއެވެ. ޒޯޔާ ދިޔަފަހުންވެސް އަތާއި ފައި ގަނޑުފެންކޮޅެކޭ ތަފާތެއްނެތެވެ. ހިތް ތެޅި މެޔަށް ބާރުކޮށް ނޭވާނުލެވި މަރުވާވަރުވިއެވެ. ޒޯޔާ ހަގީގަތުގައިވެސް ޝައްކުވެގެން އޭނަ ލައްވާ ބުނުވަން އުޅުނީބާވައެވެ. ތަފާތު ސުވާލުތަކުން ސިކުނޑި ބަރާވާން ފެށުމުން ވާންވެ ނިދި އެއްކޮށް ފިލައިފިއެވެ.

އިޒްޔަން ހޫނު ކޮފީތަށިން ކޯވަރެއް ދަމާލާފައި ތަބަކުގައި ބަހައްޓާފައި މޯޅިއަކަށް ދެމިލިއެވެ. އޭރު ނަތާލީވެސް އިޒްޔަންގެ ގަޔަށް ލެނގިލައިގެން އެހަށިގަނޑުގެ ހޫނުކަމުން ހީފިލުވަން އިނެވެ. ނަތާލީ ލައިގެން އިން ލޭސްފޮތީގެ ހުދުހެދުމުގައި ކިތަންމެ ރީއްޗަސް މިރޭ އިޒްޔަން މޫޑެއްނެތްކަމުގައި ބުނުމުން ނަތާލީގެ ހިތަށް ބިރުވެރިކަން ވަނެވެ. އިޒްޔަންއަށް އެހެން އަންހެންކުއްޖެއް ފެނުނުކަމާއިމެދު ޝައްކުވިއެވެ. ނަމަވެސް އެ ސުވާލުކޮށްފިއްޔާ ރުޅިގަދަވާނެއެވެ. އޭނައަށް އިތުބާރުނުކުރަނީކަމުގައި ބުނެ އެކަން މައްސަލައަކަށް ހަދާ އޭނަގެ މަތިން ފޫހިވެދާނެއެވެ. ނަމަވެސް ހިތުގެ ކަނެއްގައި އަބަދުވެސް އެ ބިރު ފިލާ އޮވެއެވެ.

"އިޒް، ކޮޓަރިއަކަށް ނުވަންނާނަންތަ؟ "ނަތާލީ އަހާލައިފިއެވެ.

"ސޮރީ ނަތާ، އަހަންނަށް މިރޭ ދެން އުނދަގޫނުކޮށް ރޫމަށް ދޭބަ....." އިޒްޔަންއިނީ ބުމަ ކައިރިކޮށްލައިގެންނެވެ. ނަތާލީގެ ދެލޮލަށް ވެރިވެގެން ދިޔަ މާޔޫސީކަން ފެނުމުން އިޒްޔަންގެ ޚިޔާލު ބަދަލުވާން އުޅުނެވެ. ހަޤީގަތަކީ ކައިވެންޏާއި ނުލައި މިފަދަ ނަހަމަ ގުޅުމެއް ބާއްވަން މިހާރަކަށް އައިސް އޭނައަށް އުދަގޫވެފައިވުމެވެ. އޭނަ ނަތާލީއާއިއެކު އުޅެން ބޭނުންވަނީ ފިރިމީހާގެ ގޮތުގައެވެ. ދޭތެރެދުރުކުރާ އެއްވެސް ވަސީލަތަކީ ސަތޭކަ ޕަސެންޓް ޔަގީންކަން އޮތް އެއްޗެއްނޫނެވެ. ނުވިހާ އޮޕަރޭޝަންކޮށްފައި ވާ މީހުންނަށްވެސް ދަރިން ލިބިފައިވެއެވެ. ނަހަލާލު ދަރިއަކު ދުނިޔެއަށް ގެންނާކަށް އޭނަ ފަހަރެއްގައިވެސް ނޭދެއެވެ.

"އަހަރެން ބޭނުމީ އަވަހަށް ކައިވެނިކުރުން، ނަތާ ކީކޭ ބުނަނީ؟ "އިޒްޔަން ނަތާލީގެ ބުޅި އިސްތަށިގަނޑާއި ކުޅެލަމުން ބުނެލިއެވެ. އެޒުވާން އިނގިލިތަކުގެ ކުޑަ ބީހިލުމަކުންވެސް ނަތާލީގެ ނާރުތަކަށް އެނގުންވެގެން ދިޔައެވެ. ހިތް ފުންމައިގެން ދިޔައީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.

"ޔަގީންތަ؟ "ނަތާލީ އިޒްޔަންގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

އިޒްޔަން ދެލޯ އަޅާލާފައިވެސް ނަތާލީގެނެސް އަތުތެރޭގައި ބޮނޑިކޮށްލިއެވެ. ކަންފަތްދަށުގައި ބުނެލި ސިއްރަކުން ނަތާލީގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. އިޒްޔަންއަކީ ލާނެތްކަމެއް ދެއްވާފައި ހުރި ޒުވާނެކެވެ. ބައެއްފަހަރު ސީރިޔަސްގޮތެއް ހުއްޓަސް އެތުންފަތް މަތީގައި ފަނޑުވުމެއްނެތި އަބަދު ހުންނަ ހިނިތުންވުމަކީ އޭނަގެ ރީތިކަން އިތުރުކޮށްދޭކަމެކެވެ. ދެމީހުން ކައިވެންޏާއި ބެހޭގޮތުން މަޝްވަރާކުރަންފެށި އިރު ނަތާލީގެ އުއްމީދުގެ ހުޅުކޮޅު ދުވަހަކު ބޮޑުނުވާހާ ބޮޑުވިއެވެ. އިޒްޔަންގެ ސަބަބުން އޭނަގެ ހަޔާތުގައި ފުރިހަމަނުވެ އޮތް ހާ އުއްމީދުތަކުގައި ކުލަޖެހި ދިރިއުޅުން ފުރިހަމަވެދާނެއެވެ. އެދުވަހަށްޓަކާ އިންތިޒާރުކުރާތާ ކޮންދުވަހެއް ހެއްޔެވެ؟

އިޒްޔަން ފެންވަރާލައިގެން ތުވާލި އުނުގައި އެނދެލައިގެން ނުކުތްއިރު ބެލްކަނީގެ ދޮރުފަތްތައް ކަހާލާފައި ހުރުމުން އިރުގެ ރަންދޯދިތައް ކޮޓަރިތެރެ ދިއްލާލާފައިވެއެވެ. ރޭ އެހާ ވިއްސާރަކޮށްފައި އާދުވަހަކަށް އަލިވިލުނުއިރު އިޒްޔަންއަށް ކުރެވުނު ފާފަވެސް ވާރެއާއިއެކު ދޮވެވިގެން ގޮސްފައިވާކަމުގެ އިހުސާސްކުރެވުނެވެ. ނަމަވެސް ރަނީންގެ މަތިން ހަނދާންވުމާއިއެކު ހިތުގެ ކަނެއްގައި ވާ ކުށުގެ އިހުސާސް ކުޑަކޮށް ހޭލައިގަތެވެ. ތުންފަތުގައި ދަތްއަޅާލެވުނެވެ.

"އެއީ އަހަރެން މުޅި އުމުރަށް ގިލްޓީ ކުރުވާނެކަމެއްތަ؟ ކީއްވެ އެހަނދާން އިރުއިރުކޮޅާ އަހަންނަށް މި އުދަގޫކުރަނީ؟ކުޑަކުއްޖަކާއިއެކު އެންޖޯއި ކުރެވުނީ، ދެން އެވެސް ރިއަލް ފިރިހެނުން ކުރާނެކަމެއްތަ؟ ކީއްވެތަ އިޒްޔަން؟ ކީއްވެ ސެލްފް ކޮންޓްރޯލް ގެއްލުވާލީ؟ މިވަރަށް ރިގެރްޓްކުރާވަރުގެ ކަމެއް ހަޔާތުގެ ބާކީ އޮތްބައިގާވެސް ކުރެވޭނެ ކަމެއް ނޭގޭ، ހަޔާތުގައިވެސް ރިމޯޓެއް އޮންނަނަމަ އަހަރެން އޮޅާލާފައި އެބައި ޑިލީޓްކުރާނަން، ވަގުތު ދާވަރަކަށް އަހަންނަށް އެކުށުގެ އިހުސާސް މާ ބޮޑަށް މިކުރެވެނީ، އެކުއްޖާ އެވަގުތު ކިތަންމެ ވަރަށް އެންޖޯއި ކުރިޔަސް ފަހުން ނަފްސާނީ މައްސަލައެއްގެ ޝިކާރައަކަށް ނުވާނެކަމެއްވެސް ނޭގޭ، އަހަންނަށް އެހެން ހެދުނީ ކީއްވެތަ؟ ކުޑަކުއްޖަކާއި ގުޅުމެއް ހިންގަން އަހަރެން މިވީހާތަނަށް ވިސްނާފައެއްނުވާނެ، ކޮންފަދަ ޑާޓީ މައިންޑެއް ހުރީމަ އެހާ ނުބައިކަމަކަށް އަރައިގަންނާނީ، އަދި އެވެސް އަންހެނަކު ނުވެގެނެއްނޫން، ކާމިޔާބު މީހުންނެއް ނޫޅޭނެ އެހާ ދަށް ފެންވަރަކަށް ވެއްޓިގެންނެއް. ނޫނީ ސިކުނޑީގައި މައްސަލައެއް ހުރެގެން..... ދަ ފަނީ ތިންގް އިޒް އަބަދު އެކުއްޖާއާއިއެކު އުޅެވުނު ވަގުތުތައް ހިތަށް ފެންނާތީ، މުޅި އުމުރަށްވެސް އެކުޑަ ކުއްޖާ މިހިތަކުން ނުފިލާނެއޭވެސް ހިތަށް އަރަން ފަށައިފި. ހާދަހާ ކުޑައޭ ދޯ، ސޯ ސްވީޓް އެންޑް ސޯ ވިލިން......އެހެންވެކަން ނޭގޭ އަހަރެންގެ ބަސްނާހާ ހިތް ކިޔަމަން ނުކުރެވުނީ، ހަށިގަނޑުވެސް......އޯ، ކިހާ ދެރަ......... " އިޒްޔަން ޖިންސްލުމަށްފަހު ގޮށް އަޅުވާލަމުން ބެލްކަންޏަށް ނުކުތެވެ. އެދިމާލުން ތިރީގައި ކުނިކަހަން އޮތް ނިދާ މައްޗަށް ބަލާލާފައި ރަކިހީލުމަކަށްފަހު އެއްފަރާތަށް ޖެހިލައިފިއެވެ. ޖެހިގެން ހުރި ގޭގެ ދޮރުން ބޯދިއްކޮށްލި އަންހެންކުއްޖާވެސް ތުއިވެލިއެވެ. އިޒްޔަން އަވަހަށް އެތެރެއަށްވަންއިރު ނަތާލީ ހުރީ ސައިތަބައް ގެނެސްފައެވެ. މުއްސަދި ނާސްތާއެކެވެ. އެހާ ރަހަމީރު ކޮފީއެވެ.

"ކޮން އޮފީހަކަށްތަ ފޯމު ބަލާ ދާންޖެހެނީ؟ " އިޒްޔަން ނަތާލީގެ ނޭފަތުގައި ހިފާލިއެވެ.

"އަހަރެން އިންނާނެ ފޯމެއް ގެނެސްފައި...." ނަތާލީ އިޒްޔަންގެ މޫނަށް ބަލައިލީ ނިކަން ލޯބިންނެވެ.

"ފައިނަލީ، ބަޓް އަހަރެން މިވިސްނަނީ މަންމަ ކޮންވިންސްކުރުވާނެ ގޮތަކާއިމެދު، ބުނެފާނެ ފައިނަލް ޔިއަރވީމަ ހަމަ މަޑުކުރުވަން....." އިޒްޔަން ކޮފީތަށީގައި ތުނބުޖެހިއެވެ.

"އަދިވެސް މަންމަގެ ބޯއި ދޯ......" ނަތާލީ ރަތްކުލައިން ޕެއިންޓްކޮށްފައިވާ ނިޔަފަތިތަކާއިއެކު ދެއަތްތިލަ ގުޅުވާލައިފިއެވެ. ލުއި މޭކަޕެއްކޮށްލާފައި ވުމުން އަންހެންވަންތަ ކަމުގައި އިތުރުކުލަ އެއް ޖައްސާދީފައިވެއެވެ.

"މަންމަ އަހަރެން ގެންގުޅެނީ އަދިވެސް ކުޑަކުއްޖެއްހެންނޭ، މަންމައިންނަށް ދުވަހަކު ދަރިން ބޮޑެއްޗެއް ނުވާނެ......" އިޒްޔަން ބުނެދިނެވެ.

"މަންމަ އަހަންނާއި މީޓްކޮށްފައި ނޫނެކޭ ބުނެފިއްޔާ ކިހިނެއް އިޒް ހަދާނީ؟ މަންމަ ދީނީ ޚިޔާލުގެ މީހަކަށް ވީމަ އަހަރެން ޑްރެސްކުރާގޮތާއިމެދު ހިތްހަމަނުޖެހިގެން އިންނަން ގަބޫލުނުވެއްޖެއްޔާ އިޒް އަހަންނާއި ވަކިވާނީތަ." އެސުވާލުކުރިއިރު ނަތާލީގެ ހަތަރެސްފައި ފިނިވެލިއެވެ.

"ވަގުތު ޖެހުނީމަ އިނގޭނީ...." އިޒްޔަން އެއްލޯމަރާލިއެވެ.

ނަތާލީ އިޒްޔަންގެ ރީތި މޫނަށް ބަލަން އިންއިރު އޭނަ ގެއްލިދާނެކަމުގެ ބިރު ކުރިއަށްވުރެ ބޮޑުވިއެވެ. އިޒްޔަންއާއި ނުލާ ދިރިއުޅުމުގެ އެންމެ ދުވަހެއްވެސް ކަޑައްތުކޮށްލުން ހާދަ ބޮޑު ތަކުލީފަކަށްވާނެއެވެ. އެހިތް އިޒްޔަންއަށްޓަކާ އެދޭވަރު އިޒްޔަންއަށްވެސް އިހުސާސެއް ނުކުރެވޭނެއެވެ. އޭނަ ހުންނަނީ އިޒްޔަންގެ ކައިރީގައި ހިތުގެ ހާލަތު ބުނެދޭން ނުކުޅެދިފައެވެ. މާލޯބިން އުޅެން ހަދައިގެންވެސް އިޒްޔަން ފޫހިވެދާނެއެވެ. އިޒްޔަން އެއްދުވަހު ބުނެލިއެވެ. އުފަލުގައި އުޅެވޭނީ ބައެއްފަހަރު އަރައިރުންވެސް ވެގެންނެވެ. މާ އޮމާންކޮށް ދަންޏާ އޭނަ ފޫހިވެދާނެއެވެ. އިޒްޔަންގެ އެހުންނަ މިޒާޖު އަދިވެސް ނަތާލީއަކަށް ދަހެއްނުވެއެވެ.

އިޒްޔަން ބޭރުތެރޭގައި އުޅެލާފައި ދާންވެގެން ނަތާލީގެ ހުއްދަ ހޯދަން ކޮޓަރިއަށްވަނެވެ. އިޒްޔަން ފެނުމުން ތެޅިގެންފާ އަވަހަށް އަލަމާރިއަށް ފޮޓޯ ފްރޭމެއްލީއިރު އޭގައި ހުރީ ފިރިހެނެއްގެ ތަސްވީރުކަން އިޒްޔަން ދެނެގަތެވެ. ލޯ އަލިވިޔަސް އެހާ ކުޑަ ފޮޓޯއަކުން ދުރުގައި ހުރި މީހަކަށް ކާކުކަން ވަތްކެއް ނުވާނެއެވެ. އިޒްޔަން ދޮރުގައި އަތް ވިއްދާލިގޮތަށް ކުޑަކޮށް ބުމަ ކައިރިކޮށްލިއެވެ. ސުވާލުކުރަން އުޅެފައިވެސް މާޒީކަން އެނގުމުން އޭނަ ނަތާލީއަށް އެކަމުން ލިބިދާނެ ހާސްވުމަކުން ސަލާމަތްކޮށްދޭން ނިންމިއެވެ.

"އިޒް ދެޓް މައި ޕިކް ނަތާ، ފްރޭމަކަށް ލައިގެން ފޮރުވައިގެން ގެންގުޅެނީ ދޯ......." އިޒްޔަން ލާނެތްގޮތަކަށް ހީލިއެވެ.

"ހެހެ...." ނަތާ އަލަމާރި ލައްޕާލާފައި އެނބުރުނުގޮތަށް މޫނުމަތި ހަމަޔަކަށް އަޅުވާލީ އިޒްޔަންއަށް ޝައްކެއް ވިޔަނުދިނުމަށްޓަކައެވެ. އެ ތަސްވީރު ފޮރުވާފައި އޮތްވާ އެހާވަރުން ބަލައިލީ ސަބަބެއްނެތިއެއް ނޫނެވެ. އިޒްޔަންގެ އިސްކޮޅާއި އެހެރަ ކުލަވެސް މާބޮޑު ތަފާތެއްނެތެވެ. ފިރިހެންވަންތަކަމާއި އަޅައިގަންނަގޮތް ހުންނަވަރުން ހަމަ އެ ސޫރަ އަލުން ދުނިޔެއަށް ޒުވާނެއްގެ ސިފައިގާ އައީއެވެ.

ނަތާލީ ފަރިހިނގުމެއްގައި އައިސް އިޒްޔަންއާއި އަރާހަމަވިއިރު ގިވެންޗީގެ އިޝްގީ ވަސް ނޭފަތުގައި ޖެހުނެވެ. ނަތާލީ ލައިގެން ހުރި ތުނި ހެދުމުގެ ސަބަބުން ވަނާތައް ރީއްޗަށް ފާޅުވެއެވެ. ނަތާލީގެ ހަށިގަނޑަށް ބަލައިލުމާއިއެކު ރަނީންގެ ކުޑަ ހަށިގަނޑު ފްލޭޝްވެގެން ދިޔައެވެ. އެހާ ފަސޭހައިން ހަނދާނަކުން ނުފިލާނެއެވެ. ނަތާލީއާއި އަޅާކިޔަން ބޭނުން ނުވިޔަސް ނަތާލީފަދަ ފުރިހަމަ އަންހެނަކަށް ރަނީން ނުވާކަން އޭނަވަނީ ތަޖުރިބާކޮށްފައެވެ. އެ ޅަކަމާއި މައުސޫމްކަމުން ނާޖާއިޒު ފައިދާ ނެގުނުފަހުން އެކުއްޖާމަތިން ހަނދާން ނުވާ އިރެއް ފާއިތުވެގެންނެއް ނުދެއެވެ.

ހެނދުނު ހެނދުނާ ކެތްތެރިކަން ކޮޅުންލައިގެން ދާންފެށިއެވެ. އެފަދަ އަންހެނަކު ކުރިމަތީގައި އެނބުރެން ވެއްޖެއްޔާ ކެތްތެރިކަން އިމުން ބޭރުވާނެއެވެ. އިޒްޔަންގެ އުސޫލުތައް މުގުރާފަދަ އަންހެންވަންތަކަމުން ފުރިފައިވީ މިސާލެކެވެ. އިޒްޔަންގެ އަތުގެ ދޭތެރެއިން ކަހަލަ ގޮތަކަށް ނަތާލީ ދާން ފެށުމުން އިޒްޔަން ކަންނެތް ހިނގުމެއްގައި ފަހަތުން ގޮސް ބަދިގެއާއި އަރާހަމަވިއެވެ.

"މިއަދު އޮފީހަށްވެސް ނުދަން، ދެތިން ދުވަހުގެ ޗުއްޓީއެއްނެގީ، ގެންގުޅޭކުއްޖާއަށްވެސް މިއަދު އޮފްދީފައި މިހިރީ...." ނަތާލީ ކައުންޓަރާއި އަރާހަމަވިއިރު ފަހަތުން އައި އިޒްޔަންގެ ކުދިކުދި ގޯނާތަކާއި ކުރިމަތިލާންޖެހުނެވެ.

"އިޒް، ނޫން މިތާކު ނޫން........" ނަތާލީ އިޒްޔަންއަށް މިތިބެވުނީ ކޮންތަނެއްގައިކަން ހަނދާންކޮށްލަދިނެވެ.

"އެކަނި ގޭގައި އުޅޭއިރު ކިހާ ރޮމް، އެކަނި ބެޑްރޫމެއްނޫން، ލޯން ކިޗެން ސިޓިންރޫމް އެވްރީވެއަރ........"އިޒްޔަން ނަތާލީގެ ކަންފަތްކައިރީ މަޑުމަޑުން ބުނެލިއިރު ހީލިކެރުވުން ކަންފަތުން މުޅިގަޔަށް ފެތުރިގެންދިޔައެވެ. އިޒްޔަންގެ އެފަދަ ކޮންމެ އަދާއަކުން ނަތާލީގެ ޖިސްމު އޮޔާލައިގެންދާވަރު ކުރުވައެވެ. ޒުވާންކަމުގެ ޖޯޝާއިއެކު އެހުންނަ ރީތިކަން ނަތާލީގެ އުމުރުވެސް ހަނދާންނައްތާލަން މަޖުބޫރުކުރުވައެވެ. ދެމެދުގައިވާ ފަރަގުގެ ވާހަކަ ނުދައްކަން އިޒްޔަން އޮތީ އަންގާފައެވެ.

ވިޝާމްގެ ފެއަރވެލް ބާއްވަންވެގެން އާއިލާއިން ކުޑަ ހަފްލާއެއް ބޭއްވިއެވެ. ވިޝާމްމެންގެ ގޭގެ ޓެރެސްމަތި ތައްޔާރުކޮށްފައިވަނީ ކުޑަގޮތަކަށެވެ. ރަނީން ބޮލުގައި ރިއްސާކަމުގެ ބަހަނާދައްކާފައި ނާންނަން އުޅުނުކަމުގައި ވިޔަސް ވިޝާމް އާދޭސްކުރިވަރުން އެންމެ ފަހުވަގުތު ހާޟިރުވިއެވެ. ރަތްކުލައިގެ ހެދުމެއްގައި ކުޑަކޮށް މޭކަޕްކޮށްލާފައި ހުރިއިރު ރަނީން ހީވަނީ ބާބީއެއްހެންނޭ ކިޔައިގެން އާއިލާ ކުދިން ދިމާކޮށް އުޅުނެވެ. ހަށިގަނޑަށް ހިފާލާފައިވާ ހެދުމުގައި ހުރުމުން ލޫޅާފަތިކަން ވަކިން ހާމަވެފައިވާތީ ވަކިން ހިކިކޮށް ދެއްކީއެވެ. ޒޯޔާމެންނަށްވެސް ދައުވަތު ދެވުނެވެ. ޒޯޔާ ވަރަށް ފަސޭހައިން އެންމެނާއި ގުޅާލައިގެން ކުދިންނާއި އަނގަތަޅާ މަޖާކުރުމުގައި އުޅުނެވެ. އެއްވެސް ފިކުރެއް ޚިޔާލެއް ނެތްފަދައެވެ. ހަފްލާއިން ނިމިގެން މީހުން މަދުވިފަހުން ރަނީން އެކަނި ޓެރެސްގެ ގޮނޑިއެއްގައި ފޯނާއި ކުޅެން އިންދާ ވިޝާމް އައެވެ.

"ނިންނި، ޒޯ ތިރީގައި ހުރެގެން އެންމެން ކައިރީ މާވަރުގަދަ ވާހަކައެއް އެބަދައްކާ، ދަތުރުދިޔަފަހުން ނިންނި ހަންޑި އަވަލާފަޔޯ، ކޮޓަރިތެރެއިންވެސް ކަންތައް ފެންނަނީޔޯ..އެހެންވެގެންނޯ މިރޭ ރެޑް ހެދުމެއްލައިގެން އިނީ، ކޮއްކޮމެން އެވާހަކަ ގަބޫލުކޮށްގެން ބިރުން އެބަތިބި........" ވިޝާމް ހުރީ ޖިންސްގެ ޖީބަށް އަތްޖަހާލައިގެންނެވެ.

"ޒޯގެ ބޮޑު އަނގަ......" ރަނީން ދެލޮލަށް ގޮތެއް ހަދާލިއެވެ.

"މޭ ބީ ޝީޒް ރައިޓް. ދަތުރު ދިޔަފަހުން ނިންނި ޗޭންޖުވެއްޖެހެން އަހަންނަށްވެސް ހީވޭ، ނިންނި ސިއްރުކުރާވަރުގެ ކަމެއް އޮތީތަ؟ "ވިޝާމްގެ ސުވާލުން ރަނީންގެ ހިތް ބާރަކަށް ތެޅިގަތެވެ. އިޒްޔަންގެ ސޫރަ ދެލޮލަށް ފެނިލިއެވެ.

"ނޯޕް....." ރަނީން ތެދުވެ ހިންދެމިލިއެވެ.

"އަހަރެންވެސް ނިންނި އާއި މިހާ އެކުވެރިކޮށް އުޅޭއިރު ނިންނި ކައިރީ ނުބުނެ ސިއްރުކުރާ ވާހަކައެއް އެބައޮތް، އަހަރެންގެ ހުރޭ ގާލްފްރެންޑެއް...." ވިޝާމްގެ ޖުމްލައިން ރަނީން ސިހުނެވެ. ވިޝާމްހާ ބަސްއަހާ ކުއްޖަކު އެކަހަލަކަމެއް ކުރުމުން ހައިރާންވެ އަންތަރީސްވިއެވެ.

"ކީއްވެ މިރޭ އޭނައާއި މީޓް ނުކުރުވީ؟ އެއީ ކާކުތަ؟ ފެމިލީ ކުއްޖެއްތަ؟ ވިޝާމް ހާދަހާ ދެން..ރުޅި.." ރަނީން އެއްފަހަރާ އެއްނޭވާއިން ހުރިހާ ސުވާލެއްކޮށްލަމުން ވިޝާމްގެ އަތުގައި ހިފާ ތަޅުވައިގަތެވެ.

"މިރޭ އޭނަ ޕާޓީއަކަށް ނާދޭ...." ވިޝާމް އިސްޖަހައިލި ގޮތުން އެމޫނުމަތިން މޮޅިވެރިކަން ފެނުނެވެ.

"އެއީ ކީއްވެގެންނޯ ޑޮކްޓަރ ވިޝާމް..." ރަނީން ދެލޯ ކުޑަކޮށްލިއެވެ.

"ހަހަ އަދި ޑޮކްޓަރޭ ކިޔާފައި ގޮވާލާ ދުވަހެއް ނުޖެހޭ، އެދުވަހެއް އައިމަ އެނޫންގޮތަކަށް ކިޔައިފިއްޔާ ކަންފަތުގައި ހިފާ ތަދުކޮށްލާނަން....." ވިޝާމް ކަންފަތުގައި ހިފަން އުޅުމުން ރަނީން ތޫލި ހަޅޭކަކާއިއެކު ދުރަށް ޖެހިލިއެވެ. އޭނަ ކަންފަތާއި ނޭފަތުގައި ހިފުމުން ރުޅިއަންނަވަރު އެންމެ ރަގަޅަށް އެނގޭނީ ވިޝާމްއަށެވެ. ރަނީން ބޮބްކަޓެއް ނަގާފައިވާތީ އޭނަގެ ކަންފަތް އޮންނަނީ ފަންގަނޑެއްފަދަ އިސްތަށިގަނޑުން ހިޔާއަޅާފައެވެ. ކަންފަތުގައި ކުލަކުލައިގެ އެސްތައްޖަހަން ރަނީން ވަރަށް ވަރުހުރެއެވެ. އެކަމަކު އެހެން ފޮރުވައިގެން އުޅޭތީ އޭގެ ބޭނުމަކީ ކޮބާހެއްޔޭ ކިޔާފައި އެންމެ ސުވާލު ގިނަކުރާނީވެސް ވިޝާމްއެވެ. އެހެން ބުނާއިރުވެސް ރަނީންގެ ދެއްކުންތެރިކަމެއް ނުހުންނަކަން ވިޝާމްއަށް ނޭގެނީއެއް ނޫނެވެ.

ވިޝާމްގެ ގާލްފްރެންޑަކު ހުރެގެން މިހާ ދުވަހަށް އޭނައަށް ނާންގާ ސިއްރުކުރިކަން އެއީ ވަރަށް ބޮޑު ބޭވަފާތެރިކަމެކެވެ. އެކުވެރިކަންވެސް ގެއްލިގެންދާފަދަ އަމަލެކެވެ. ވިޝާމް ވަރަށް ދެރަވެލާފައި އޭނަގެ ހަޔާތުގެ އެންމެ ބޮޑު ސިއްރު ހާމަކުރިއެވެ. ވިޝާމް ރައްޓެހިވެގެން އުޅެނީ މާލޭ މުއްސަންޖެއްގެ ދަރިއަކާއެވެ. އެއީ ވިޝާމްގެ އުމުރުގެ އަންހެންކުއްޖެކެވެ. ދެމީހުން އެކީގައި އޯ ލެވެލް ހެދީއްސުރެން ފެނި ގާތްގުޅުމެއް އުފެދުނުއިރު އެއީ ކާކުގެ ދަރިއެއްކަމެއް ވިޝާމްއަކަށް ނޭގުނެވެ. މީރާ އުޅުނީ ހަގީގަތް ސިއްރުކޮށްގެންނެވެ. ދެކުދިން ލޯބިން އުޅުނުއިރު މީރާވަނީ އޭނަގެ އާއިލާގެ މީހުން ކައިރީގައި ވިޝާމްގެ ވާހަކަ ދައްކާފައެވެ. އެމީހުން މީރާއާއިމެދު ވަރަށް ހަރުކަށިވެ ވިޝާމްއާއި ގުޅުން ކަނޑާލަން އެންގިއެވެ. މީރާ އެމީހުންނަށް އޮޅުވާލަންވެގެން ރުޅިވިކަމަށް ހެދުނަސް ސިއްރުން ގުޅުން ބާއްވައެވެ. އެދެމީހުންނަށް މިހާރުވަނީ އެކަކާއި ނުލާ ނޫޅެވޭވަރަށް ލޯބިވެވިފައެވެ. މީރާގެ އާއިލާގައި ހުންނަ އެންމެ އަންހެންކުއްޖާކަމުން އެމީހުން އޭނަ ގެންގުޅެނީ ވަރަށް ރައްކާތެރިކޮށެވެ. ސްކޫލަށްދާއިރުވެސް އޭނަގެ މަންމަ ކާރުގައި އިންނާނެއެވެ. ވިޝާމްއަށް މީރާއަކީ ޑޮކްޓަރ މަންސޫރުގެ ދަރިއެއްކަން އެނގުމުން ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. މަންސޫރު އަކީ ނިކަމެތިންނަށް އަޅާލާ މީހެއްކަމަށް ހީކުރެވުނީ އޮޅުމަކުންނެވެ. އެއީ ބޭރުފުށުން ދައްކާލި ދަޅައެކެވެ. ވިޝާމްގެ ލޯބިވެރިޔާގެ ހަގީގަތް އެނގުމުން އެދެމީހުންނަށް ކާމިޔާބުވުމަށް ރަނީން ދުޢާކުރިއެވެ.

ނާޒްލީގެ ތިމާގެ މީހެއްގެ ދަރިއަކު ކެންސަރުގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރުމުން ހެދުނުއްސުރެން ނާޒްލީ ހޭދަކުރީ އެޢާއިލާ މީހުންނާއި އެކުގައެވެ. ވަޅުލުމުން އާސަހަރާ ކައިރީގައި ހުއްޓާ ކުރީގެ އެކުވެރިއެއްކަމަށްވާ އަރޫޝާ ފެނިގެން އޭނަ ކުރުނުކޮށް އޭނަ އުޅޭ އެޕާޓްމެންޓަށް ވެއްދިއެވެ. ދެމީހުން ދިމާނުވާތާ އެތައް ޒަމާނެއްވެފައިވާތީ ހާލުއަހުވާލު އަހަމުންގޮސް އެނގުނީ އަރޫޝާގެ ފިރިމީހާއަކީ ރުޤުޔާކުރާ މީހެއްކަމެވެ. އަދި އަރޫޝާވެސް ހިޖާމާޖަހަން ފެށިވާހަކައެވެ.

"ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ މި ސުންނަތާއި މީހުން ދުރުވެފައިވާވަރުން އަހަރެން މިކަންފެށީ.....ނާޒް އަދިވެސް މައިގްރެއިން ކަންތައްގަނޑު ހުރޭތަ؟ " އަރޫޝާ އިނގުރު ދެތަށި ސައި ހަދައިގެން ގެނެސް ދެމީހުން ކުޑަ ބެލްކަނިކޮޅުގައި ހާމަ ވައިލިބޭތާގައި ޖައްސާލިއެވެ.

"ދޭތެރެއަކުން ނުތެދުވެ އޮވޭވަރަށް ރިއްސައިގަންނާނެ، މަންމަގެ ލޭގެ ޕްރެޝަރ މަތި، އެދެބައްޔަށްވެސް ހިޖާމާ ޖެހޭނެތަ؟ އަދި ޒޯޔާގެ މައްސަރުކަންތައް ގަވާއިދުން ނުޖެހޭ...." ނާޒްލީ ސައިތަށިން ކޯވަރެއްދަމާލިއެވެ. ފާރުވެފައިވާ ކަރުތެރެއަށް ވަގުތުން ލުޔެއްލިބުނެވެ.

"ސުންނަތުން ސާބިތުވަނީ ބަލިތަކަށް ހިޖާމާޖެހުމުން ޝިފާލިބޭކަމަށް. ވެޓް ކަޕިންއާއި ބެހޭގޮތުން ލިޔެފައިވާ އާޓިކަލްތައް ގޫގުލްކޮށްގެން ކިޔާލަން ޒޯޔާ ކައިރީގައިވެސް ބުނެދެއްޗޭ، އެކި ބަލިތަކަށް އެކި ޕޮއިންޓްތަކުގެ ހަންގަނޑު ސްކްރޭޗް ކޮށްފަވެކިއުމް ކަޕެއް ބޭނުންކޮށްގެން ވިހަ ލޭތައް ބޭރުކޮށްލަނީ، ނާޒްގެ ޕެއިންއަށްވެސް އިމީޑިއެޓް ރިލީފް ލިބޭނެ، ޑިޕްރެޝަން ހުންނަމީހުންނަށްވެސް އެހާރަގަޅު ފަރުވާއެއް ނެތް. ހިޖާމާ ޖެހުމުން ދެތިން ރޭ ނިކަން ފުންކޮށް ނިދާލެވޭނެ. އަޖުމަ ބަލާލަންވީނު ނާޒް...." އަރޫޝާ ނާޒްލީ ގޮވައިގެންގޮސް އެކަންތައް ކުރާގޮތް ބުނެދިނެވެ. ކައިވެންޏަށް ފަސްއަހަރުވީއިރު އެތައް ބޭހެއްކުރުވާ ދަރިއަކު ނުލިބިގެން ހިޖާމާ ޖެހުމުން މިހާރު ބަލިވެއިން ވާހަކަވެސް އަރޫޝާ ކިޔައިދިނީ ވަރަށް ހެވިލާފައެވެ. ނާޒްލީ އެހުރިހާ ވާހަކަތައް އަޑުއަހަން އިނީ ޝައުގުވެރިކަމާއި އެކުގައެވެ. ރަސޫލާ ސައްލައްﷲ ޢަލައިގެ ސުންނަތުން ސާބިތުވާކަމެއްގައި ޝިފާ ލައްވާފައިވާނެ ކަމާއިމެދު އޭނަ ޝައްކެއް ނުކުރެއެވެ. އޭނަ ޒޯޔާއަށްވެސް ހިޖާމާޖަހަން ބާރުއަޅާނެއެވެ.

ރަނީން ހެނދުނުއްސުރެން ބޭރަށް ނިކުންނަ ހިތްނުވެ އޮތަސް ދޭތެރެއަކުން އޭނަ އޮތީ ދޮރު ހުޅުވާލައިގެންނެވެ. އިޒްޔަން ނުފެނިގެން ހިތާހިތާ އެތައް ޝަކުވާއެއް ކުރެވުނެވެ. ކޮންމެ ފަހަރަކު އެޕާޓްމެންޓް ދޮރުހުޅުވާލާއަޑަށް ހިތް ތެޅިގަންނަލެއް ބާރުކަމުން އަތްއަޅަން މަޖުބޫރުކުރުވައެވެ. އެއީ އިޒްޔަން ނޫންކަން އެނގުމުން ފިނި ނޭވާއެއްލެވެއެވެ. ކުރިން އިޒްޔަން ފެނިގެން އޭނަ ރީތިވެގެން އުޅުނުއިރު ރަނީންއަށް ލިބުނު އުފާވެރިކަން މިހާރު އެހެން ސިފައެއް ޚިޔާރުކޮށްފިއެވެ. އަބަދު ހުރެވެނީ ހާސްކަމުގެ ތެރޭގައެވެ. ބަނޑުހައިވާން ފެށުމުން ކާހިތްވީ ފޮނި އެއްޗެކެވެ. ކައިރީގައި ހުރި ފިހާރައަކުން އައިސްކޯނެއް ގަނެގެން ލޮވެލަމުން އައިސް ގެއަށް ވަންއިރު ބައްޕަ ސޯފާގައި ފޮތެއް ކިޔާލަން އިނެވެ. ޕްރިޓީ ލިޓްލް ލަޔާރސް ދައްކާގަޑިއަށް އިށީނދެ ރިމޯޓް ނެގިއެވެ. ޓީވީގެ ޚިދުމަތް މެދުކަނޑާލާފައިވާކަން އެނގުމުން ރަނީންގެ ހިތް ތެޅިލިއެވެ.

"ބައްޕާ، ޓީވީއަށް ލާރިނުދައްކާތަ؟ "ރަނީން ކުޑަކޮށް ބުމަ ގޮށްޖަހައިލިއެވެ.

"ނާޒްލީދައްތަ ބޭނުންވީ ރޯދައަށް ޓީވީ ކަނޑާލާފައި ބަހައްޓާށޯ، އަޅުކަމުގައި ހޭދަކުރާ މައްސަރެއްވީމަ އެހާ ރަގަޅުކަމެއް ނޫނޯ......." އަޒީޒު ފޮތުން ނަޒަރު ވަކިކޮށެއްނުލިއެވެ.

"ނާޒްލީދައްތަ ބަލަން ބޭނުން ނޫނިއްޔާ ނުބަލާއިނީމަ އެވީ، ބައްޕާ، ޕްލީޒް ފައިސާ ދައްކާދީފާނަންތަ؟ " ރަނީން ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"ދައްތަ ބުނާގޮތަށް ނިންނި ހަދާ. ގޯސްކަމަކަށް ނޫން ދައްތަ އަމުރުކުރީ. ނިންނ ބުރުގާ ނާޅާނަމޭ ބުނީމަވެސް ބައްޕަ މަޖުބޫރުނުކުރަން، އެކަމަކު މިފަހަރު ނާޒްދައްތަ ބުނާގޮތަށް ހެދިއްޔާ ރަގަޅީ، ނާޒްދައްތަގެ ކުދިންނަށްވެސް އެއޮތީ މަނާކޮށްފައެއް ނޫންތަ؟ އެކަނި ނިންނިއަށް ޓީވީ ނުދައްކަންވެގެން ނާޒްދައްތަ ކުރާކަމެއްނޫންކަން ގަބޫލުކުރަންވާނެ، ރަމަޟާންމަސް ނިމުމުން ވަކިގަޑިތަކެއްގައި ޓީވީ ބެލުން އެއީ މައްސަލައެއްނޫން، ނިންނިގެ މަންމަގެ މަގާމުގައި މިހާރު ހުރި މީހަކީ އެއީ........" އަޒީޒުގެ ވާހަކަތަކުން ރަނީންގެ ލޯ ފެންކަޅިވިއެވެ.

"އޭނަ މޮޔަވީތަ؟ އަހަންނަށް އަމުރުކުރަން އެއީ ކާކުތަ؟ މަގޭ އެއްވެސް މީހެއްނޫން، މަންމައެއް ނޫން އެއީ ޝީޒް އެ ބިޗް............." ރަނީން ހަޅޭއްލަވައިގަތެވެ. ރުޅިގަދަވެގެން ސޯފާމަތީގައި ހުރި ހުރިހާ ކުޝަންތައް ހޫރަން ފެށިއިރު އަތުން ކުރެވޭކަމެއްވެސް ނޭގުނެވެ.ދޮރު ހުޅުވާލާފައި ވަން މީހެއްގެ ފައިތިލަމަތީގައި ކުޝަން އެއް ޖެހުމުން ގުދުވެ ނަގަމުން ރަނީންގެ މޫނަށް ބަލައިލިއިރު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ.

ކޮމެންޓް 0