ގޭގައި ގެންގުޅޭ އަންހެންކުއްޖަކު ނާޒްލީއާއި ބައްދަލުކުރަން މީހަކު އައިސް ހުރިކަމަށްބުނުމުން އެތަނަށް އެމީހަކު އައުމަށް ނާޒްލީ އެދުނެވެ. އޭރުވެސް ނާޒްލީ އިނީ ތެދުވާނެ ހިތްވަރެއްވެސް ނުލިބިފައެވެ. ދޮރުމަތީގައި ހުރި މީހަކު ފެނުމުން މީރާގެ މޫނަށް ހައިރާންކަމުގެ ކުލަ ހިނދުކޮޅަކަށް ވެރިވެފާވެސް އެހެން ކުލައެއް ޚިޔާރުކުރާން ނެގީ މަދު ސިކުންތުކޮޅެކެވެ. ހަށަން ބަދެލީ އޭނަގެ ދެކޮޅުވެރިކަން ހާމަކުރަމުންނެވެ.

"ޒޯޔާ....." ނާޒްލީއަށް ކިޔާލެވުނެވެ. ޒޯޔާ ނަމްބަރު ހޯދިގޮތަކަށް ހޯދައިގެން އޭނައަށް މެސެޖްކޮށް މާފަށް އެދުމުން ނާޒްލީ ހިމޭންކަން ޚިޔާރުކުރީ ސަބަބެއްނެތިއެއް ނޫނެވެ. ޒޯޔާއާއި އިޒްޔަން އޭނަގެ މޫނުމަތީގައި ކޮޅުފައިން ޖަހާފައި ދިޔުމުން އޭނަ އެދެބެންނަށް އާދޭސްކުރިއިރު އެއިން އެކަކުވެސް އޭނަގެ އާދޭސްތަކުގެ އަޑު އަހާފައެއްނުވެއެވެ. މާފަށް އެދުމަކީ ފަސޭހަކަމެކެވެ. ނަމަވެސް އަނެކަކާގެ ހިތުގައި އެހާވަރަށް ޖެއްސުމުން އެލަކުނުތައް ފިލުވާލެވޭނެހެއްޔެވެ؟ އެއީ އެހާ ފަސޭހަކަމަކަށް ނުވެ ހިގައިދާނެއެވެ.

ނާޒްލީ ޒޯޔާދެކެ އެންމެ ބޮޑަށް ފޫހިވީ އޭނަ ދިން ތަރުބިއްޔަތު ހަނދާން ނައްތާލާފައި ފެޝަންތަކުގެ އަވައިގާ ޖެހިފައި ހުރިތަން ފެނިފައެވެ. އިސްތަށިގަނޑު ވިހުރުވާލައިގެން ކުލަ ޖައްސާފައި ހުރިއިރު ޔޫރަޕްމީހެކޭ ތަފާތެއްނެތެވެ. ގަޔަށް ބާރު ހެދުންތަކުގައި ހުރިއިރު ވަނާތައްހުރީ ހާމަޔަށެވެ. ހެދުންތައް އަޅާގޮތަކުން އަދި މީހާއަކީ ރަގަޅުމީހެއްކަން ކަނޑަނޭޅޭނެ ކަމަށް ބުނާ ބުނުމާއި ނާޒްލީ މުޅިން ދެކޮޅެވެ. އޭނަގެ ފަލްސަފާއަކީ އެއީއެއް ނޫނެވެ. މީހާގެ އުޅުން ބައްޓަން ކުރުމުގައިވެސް ހެދުންތައް އިސްރޯލެއް އަދާކުރެއެވެ. އަންހެންކުދިންގެ އެންމެ ފުރިހަމަ ގަހަނާއަކީ ލަދުވެތިކަމެވެ. ފޮރުވިގެން ތިބުމެވެ. މާތްމީހަކަށް އޭނަގެ ގާތުގައިވަނީ ނިވާވީމައެވެ. ފާފަތައް ކުރަންވެސް ނިވާވެގެން ހުރިއްޔާ ނިވާކަމެއްނެތި ހުރުމަށްވުރެ ނާޒްލީއަށް ރަގަޅެވެ. އެވަރަށް މަޖުބޫރުކޮށްގެން ނާޒްލީ ޒޯޔާ ބުރުގާ އެޅުވުމުން އެހެރީ އިޝްތިހާރުވެލައިގެންނެވެ. އޭނަ ފަޚުރުވެރިވަނީ އެކަނި ރަނީން ފެނިފައެވެ.

"ކެން އައި ޓޯކް ޓު ޔޫ. މަންމާ..........." ޒޯޔާ ނާޒްލީގެ މޫނަށް ބަލާލަމުން އަހާލައިފިއެވެ.

"ވާއު، ދޮންމަންމަގެ ކިތައް ދަރިން ތިބެނީ؟ ޒޯޔާއަކީވެސް ދަރިއެއްތަ؟ " މީރާ ދެލޯ ބޮޑުކޮށްލާފައި ކިޔާލައިފިއެވެ. ލިވާން އެނބުރިފައި ޒޯޔާއަށް ބަލައިލިގޮތަށް އެރީތިކަމުގެ ސިހުރުގައި ޖެހިފައި ބަލަން އިނދެވުނީއެވެ. މީރާ އަށް އެމަންޒަރު ފެނިފައި ވަކިން ރުޅިގަދަވިއެވެ. ޒޯޔާ އެގޭގައި ދިރިއުޅެން ނިންމައިފިކަމުގައި ވިއްޔާ އޭނަ މިގޭގައި ނުހުންނާނެއެވެ. ޒޯޔާއަކީ ވިހަގަދަ ފަންޏެކެވެ. ފިރިހެނުން ހައްލާލުމުގައި އިބުލީހަށްވުރެ އެންމެ ތަންފުކަކަށްވެސް ދެރައެއްނުވާނެއެވެ. ދާނަޝްފަދަ ފިރިހެނަކު ދަލުގައި ޖެއްސިގޮތަށް އަދި މީޝާގެ ފިރިމީހާ އަކްސަމްވެސް މޮޔަކޮށްލިއެވެ. ދެން ހުރީ އޭނަގެ ދޮންބެއެވެ. އަދި އިޒްޔަންވެސް މި އަންހެނާގެ ރީތިކަމުގެ ފަހަތުން ދުވަން ފަށާފާނެއެވެ.

"ޒޯޔާއަކީ ބޮޑުދައިތަ ކުއްޖެއް......." ނާޒްލީ އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ޒޯޔާ ގާތަށް ޖެހިލިއެވެ.

"ވަރަށް ބޮޑު ވާހަކައެއް ބުނަން، ޕްރައިވެޓްކޮށް ވާހަކަ ދެއްކިދާނެތަ؟ ޕްލީޒް........" ޒޯޔާ ހުރީ މީރާއާއި ދިމާލަށް ބަލަން އުދަގޫވެފައެވެ. މީރާގެ ސަބަބުން އޭނައަށް މިގޭގައި ހުރުމުގެ ފުރުސަތު ކުޑަވާނެކަން އެކުއްޖާގެ ދެލޮލުން ފެނުނު ރުޅިވެރިކަމުން އެކަނިވެސް ޒޯޔާއަށް ވިސްނުނެވެ.

"ޒޯޔާ ސައި ބޮއިގެންތަ ތިހިރީ؟ "ނާޒްލީ އަހާލިއެވެ.

"ނޫން.....އެކަމަކު......" ޒޯޔާ ކަންބޮޑުވިއެވެ.

"ޒޯޔާ މިގެއިން ސައިބޯނެ ކަމެއްނެތް........" މީރާގެ ކެތްތެރިކަން ކޮޅުން ލައިގެން ދާން ފެށުމުން ދެލޯ ހަނިކޮށްލާފައި ބަލައިލިތަން ފެނިފައި ޒޯޔާގެ ހިތަށް ފިނިވާގޮތްވިއެވެ.

"މީރާ، ދަރިފުޅު ރުޅި ކޮންޓްރޯލް ކުރާނެގޮތް ބައްޕަ ދަސްކޮށްދިނީމެއްނު. ފުންކޮށް ނޭވާލާފައި ނިކަން ހަމަޖެހިބަލަ....." މަންސޫރު ހަނދާންކޮށްލަދިނެވެ.

"ޑެޑީ އައިމް ނޮޓް އެންގްރީ، އެކަމަކު ހަޤީގަތް ދޮންމަންމައަށްވެސް ނޭގޭނެހެން ހީވާތީ އެވާހަކަ ބުނެލަން ބޭނުން، ޒޯޔާ މިގެއަށް އަންނަކަން ފައިރޫޒާ އާންޓީއަށް އެނގިއްޖެއްޔާ ވާނެގޮތް އެނގޭތަ؟ ޔޫ ހޭވް ނޯ ރައިޓް މިގެއަށް ވަންނާކަށް، މީޝާގެ މަރުގެ ތުހުމަތު އެޅިފައި ހުރި މީހަކަށް އެގެއަށް ވަނުން މަނާވީމަ މިގެއަށް ވަދެވެން ޖެހޭނެކަމަކަށް އަހަރެން ގަބޫލެއްނުކުރަން، ޒޯޔާ ލަދުގަންނަން ޖެހޭނެ، ކަޒިންއަކު އަދި ޕްރެގްއިރު އޭނަގެ ފިރިމީހާ ޖަހައިގަންނާނީ ކިހާ އުޅުމެއްނެތީމަ، އެހެންވެ އާންޓީ އެގެއިން ނެރެލީ، އައިމް ސޮރީ ސްޓެޕް މަމް، ނޭގިއޮތީމަ ތި އަންހެންކުއްޖާގެ ޕާސްޓުން ތަންކޮޅެއް މިގެނެސްދިނީ، އެކަމަކު ދޮންމަންމަގެ ޢާއިލާ އެތަން މިތާގައި ދިރިއުޅެންޖެހޭ ސަބަބެއްވެސް އެނގެން ބޭނުން، ތި ޢާއިލާއަށް އެކީގައި ނޫޅެވޭތީ އެކަމާއިވެސް އެންމެން ވިސްނާލަން ޖެހޭނެ. އެނީވޭސް އަހަރެން ޑިއުޓީއިން އަންނައިރު ޒޯޔާ މިގެއިން ފެނިގެންނުވާނެ، އޯކޭ؟" މީރާ ޒޯޔާއަށް އިންޒާރުގެ ނަޒަރަކުން ބަލާލާފައި އެތަނުން ނުކުންނާން ހިނގައިގަންނަމުން އަނގަޔަށް ހަދާލިގޮތުން އެ ބުނީ "ބިޗް"ކަން އެނގިފައި ޒޯޔާ ރުޅިންގޮސް ފަޅައިގެންދާ ވަރުވިއެވެ. ނަމަވެސް އޭނަގެ މަޖުބޫރީ ހިތަށް އަރާފައި ބަލި ގަބޫލުކޮށް އިސްޖެހިއެވެ. މީރާ އެހާ ނުލަފައީ ކީއްވެހެއްޔެވެ؟ އޭނަވާނީ މެހުމާނަކަށެވެ. މެހުމާނަކަށް އެއްވެސް ޤަދަރުކުރުމެއްނެތި މީރާ ހުރިހާ އެއްޗެއް ކިޔާލައިފިއެވެ. މީރާދެއްކި ވާހަކަތައް އަމިއްލައަށް ގަބޫލުކުރެވި ކުށްވެރި އިހުސާސްތަކެއްވެސް ކުރެވުނެވެ. ނަމަވެސް ގޯސްގޮތަކަށް އުޅެފައި މީހަކަށް ރަގަޅުވުމުގެ ފުރުސަތެއް ނުލިބޭނީހެއްޔެވެ؟

ކޮއްކޮ ކުރިކަންތައް ރީތިކޮށްލަންވެގެން ލިވާން ޒޯޔާއާއި ވާހަކަދައްކަންފެށީ ގާތް ރައްޓެއްސެއް ފަދައިންނެވެ. މީރާ އެތަނުން ދިޔުމުން ހަމަޖެހުމުގެ ނޭވާއެއް ލެވުނަސް އޭނަގެ މަންމަ ނާޒްލީ ހުރީ ޒޯޔާ އެގޭގައި ބަހައްޓާގޮތަކަށް ނޫނެވެ. ނާޒްލީ ބުނީ އިހަށް އޭނަގެ އެކުވެރިއެއްގެ ގޭގައި ހުރުމުގެ އިންތިޒާމް ހަމަޖައްސާދޭނެ ކަމުގައެވެ. އެއީ ނާޒްލީގެ އެކުވެރިއެއް ކަމަށްވާ އަރޫޝާއެވެ. އޭނަގެ ފިރިމީހާއާއި ދެމީހުންނަކީ ދީންވެރި ރަގަޅު ބަޔެއް ކަމުން އެމީހުންނަށް އިތުބާރުކުރެއެވެ. ޒޯޔާ އޭނަގެ ޢާއިލާއާއި ބައްދަލުވެއްޖެއޭ ކިޔައިގެން ދޮގުހެދީކަން އެނގުމުން ކިތަންމެ ހިތްހަމަނުޖެހުނަސް ޒޯޔާ ބެލެހެއްޓުން މިއަދު ވާޖިބެއްކަމުގައި ނާޒްލީ ދެކުނެވެ. އަރޫޝާއަށް ގުޅައިގެން އެގޭގައި ޒޯޔާ ހުރުމުގެ އިންތިޒާމް ހަމަޖައްސާދިނެވެ. މެދުމިނުގެ ދިރިއުޅުމެއް އުޅެމުންދާ ބަޔަކަށްވުމުން ޒޯޔާ ހުރީ އެކަމާއި ހިތްހަމަނުޖެހިފައެވެ. އޭނަގެ ހުވަފެނުގައި ކުލަޖައްސާދެވޭ ފެންވަރެއް މިމީހުންގެ ނެތެވެ. އެކަމުގެ ޤާބިލުކަން ލިބިފައިވަނީ އެކަނި މަންސޫރުމެންފަދަ މީހުންނަށެވެ. ނަމަވެސް މީރާގެ ސަބަބުން މިވަނީ އެއުފާތަކާއި ވަކިވާންޖެހިފައެވެ. އުއްމީދުގެ ހުޅުކޮޅު ނުނިވި ވަނީ އެކަނި ލިވާންއާއިމެދު ކުރެވުނު އުއްމީދަކުންނެވެ. ލިވާންގެ ފަރާތުން ލިބުނު ސަމާލުކަމުން އެހެންކަހަލަ ހުވަފެންތަކެއް ދެކެވެން ފެށުނެވެ. ނަމަވެސް އިހަށް އޭނަ ސިއްރުކުރާނެއެވެ. މާ އަވަސް އަރުވަން ހަދައިގެން ނާކާމިޔާބުވެދާނެއެވެ.

ރަނީންއާއި މީރާގެ އެކުވެރިކަން ބަދަހިވަމުން އަޔަސް އޭނަ އަބަދުވެސް ކޮންމެވެސް ބަހަނާއެއް ދައްކާފައި އެގެއަށް ނުގޮސް ހުންނަން މަސައްކަތް ކުރެއެވެ. ޑިއުޓީއަށްދާއިރު އޭނަ ބަލަނީ ވީހާވެސް އަވަހަށް ގޮސް ނިމޭއިރަށް ތަނުން ނުކުތުމަށެވެ. ކޮންމެވެސް ސަބަބަކާއިހުރެ ދާނަޝްއަށް ފެންނަން އޭނަވަނީ ޖެހިލުންވެފައެވެ. އޭނަގެ ކުށަކާއި ނުލާ އޭނަ ދާނަޝްދެކެ ލޯބިވެގެން މަތިން ބައިން އުޅޭކަމަށް ތުންތުންމަތީގައި ކިޔާއަޑު އަހާފައިވާ ކަމަށް ޒުހާވަނީ ބުނެފައެވެ. މީރާގެ ސަބަބުން އޭނަގެ ރީތިނަން ވެއްޔާ މޮޑެވިދާނެތީ އެކަމާއި ވިސްނާއިރުވެސް މީރާއާއި ދިމާލަށް އެއްޗެކޭ ބުނުމަކީ ފަސޭހަކަމަކަށް ނުވިއެވެ. އޭގެ ކުރިންވެސް އޭނަގެ އަބުރުވަނީ ނުބައިގޮތަކަށް ގެއްލިފައެވެ. އެފަހަރު ލޯބިވެރިޔާ އިޒްޔަންގެ ސަބަބުންނެވެ.

ރަނީން ފެންވަރާލައިގެން ނުކުތްއިރު ސިޓިންރޫމްއޮތީ ފަޅުކޮށެވެ. އޭނަ ސޯފާއެއްގައި އިށީންތަނާ ވިޝާމް ވައިބަރއިން މެސެޖްކުރަން ފެށިއެވެ. ރަޝިއާގައި އޭނަ ކިޔަވަމުންދާ ޔުނިވަރސިޓީގެ ވާހަކަތަކާއި މަޢުލޫމާތު އޮޅުން ފިލުވަން ރަނީން ސުވާލުތައްކުރިއެވެ. އެހާ ދުވަސްކޮށްލާފައި ދިމާވުމުން ވިޝާމްވެސް އޭނަގެ ޙާލު އަހުވާލު އޮޅުންފިލުވިއެވެ. ރަނީން ގިނަކަންތަކެއް ހިއްސާކުރިއެވެ. ވަޒީފާގައި އުޅޭލެއް ބުރަކަމުން ސޯޝަލްމީޑިއާއަށް ވަގުތު ނުދެވެނީކަމަށް ބުނެލިއެވެ. ރަނީން ކުއްލިއަކަށް ހަނދާންވެގެން އަވަހަށް މީރާއާއި ދެމީހުން ރުޅިވީ ސަބަބެއް އޮޅުން ފިލުވަން ސުވާލުކުރިއެވެ.

"މީރާއަކީ ގޯސްކުއްޖެއްނޫން، އެކަމަކު އޭނަގެ ހުންނާނެ ސިނގު ރުޅިގަނޑެއް، ފަހުން ފަހަށް އައިސް ކުޑަކޮށް ދޮގުހަދަންފެށި، އަނެއްހެން އެހާ ބޮޑެތި ދޮގެއްނޫން، މިސާލަކަށް ބުނި އޭނަގެ ފެމިލީގައި ހުންނަނީ އެންމެ ގާލްއެކޭ، މަންމަ އޭނަ ސްކޫލަށް ގެންދާވާހަކަވެސް ކިޔާދޭނެ، ފަހުން އެނގުނީ އޭނަގެ އާންޓްއާއި މާމަކަން މީރާއާއިއެކު ކާރުގައި އޭނަ ލާން ދިޔައީ. ވަރަށް ޑިފިކަލްޓްކުއްޖެއް، ރުޅިއަންނައިރަށް އަހަރެންގެ ގައިގާ ދަތްއަޅާފައި ތަޅައިގަންނަންވެސް ފަހެއް ނުޖެހޭ، އެވަރުން ވިސްނުނީ މީރާއަކީ ޙަޔާތުގެ ބައިވެރިޔަކަށް އެކަށީގެންވާކުއްޖެއް ނޫންކަން. އެހެންނޫންނަމަ އޭނަގެ އާއިލާ ކިތަންމެ ހިތްހަމަނުޖެހުނަސް ދުރުވާކަށް ނުވިސްނާނަން......." ވިޝާމް ކިޔާދިނެވެ.

"ޕާރފެކްޓް މީހެއް ހޯދާނެގޮތެއް ބުނެބަލަ...." ރަނީން ސަމާސާގޮތަކަށް އަހާލިއެވެ.

"ރައިޓް ޕާސަން އައުމުން އިހުސާސްކުރެވޭނެ، ނިންނި މީހަކާއި އިންނަންތަ؟ " ވިޝާމް އަހާލިއެވެ.

"ދޮންމަންމަ އެބަހުރި ފިރިހެންކުއްޖެއް ހޯދާފައި....." ރަނީންގެ ސިކުނޑީގައި ދާނަޝްގެ ސޫރަ ކުރެހިގެން ދިޔައެވެ.

"އެރެންޖް މެރިޖެއްތަ؟ "ވިޝާމް ހައިރާންވިއެވެ.

"ނޫނެކޭ ބުނާކަށް ފަސޭހައެއްނޫން، ބަޓް ލޯބިނުވާ މީހަކާއިއެކު ދިރިއުޅުމެއް ފަށައިގެން ކައިވެނި ރޫޅިދާނެތީ ބިރުގަނޭ، އަހަރެން ބޭނުމީ އަދިވެސް ކިޔަވަން، ފްރީކޮށް އުޅެލަން......" ރަނީން އޭނަގެ ޚިޔާލު ހާމަކުރިއެވެ.

"ސިސް، ބުނެބަލަ އެއީ ކާކުތަ؟ އައިމް ކިއުރިއަސް ނައު......." ވިޝާމް އަހަންފެށިއެވެ.

"ޑޮކްޓަރ ދާނަޝް....." ރަނީން ބުނާކަށް ޖެހިލުމެއްނުވިއެވެ.

"ޝިޓް، އޭނަތަ؟ އެއްބަސްނުވާތި، ނޫނީ ފަހުން ހިތާމަކުރަން ޖެހިދާނެ، އެއްގޮތަކަށްވެސް ނިންނިއާއި ގުޅޭ ޓައިޕް މީހެއްނޫން، އެނގެއެއްނު އެކަހަލަ މަތީ ފަންތީގެ މީހުން އުޅޭވައްތަރާއި އެމީހުން ޕާޓީކުރަން ގޮސް ކޮށްއުޅޭކަންތައް، ދާނަޝްއަކީ އޭގެ އެކެއް، ފައިސާހުރީމަ ދަރިންނަށް މަޖުބޫރުކޮށްގެން ޑޮކްޓަރުންނަށް ހަދާފައި އެތިބީ އެމީހުން ރާއްޖޭގެ ރިކޯޑްމުގުރާލަން، އެފެމިލީގައި ގިނަ ޑޮކްޓަރުންނާއި މޮޅަށް ކިޔަވައިގެން ޤަދަރުވެރި މަގާމުތަކުގައި ތިބި ޒުވާނުން ތިބިކަން މަޝްހޫރުކުރަން، ދޭ އާރ ފޭމަސް. މާލޭގެ ރޯޔަލް ޢާއިލާ. ނިންނިއަކަށް އެމީހުންނާއި އެކު އުޅެން ފަސޭހައެއްނުވާނެ، ޓްރަސްޓްމީ....." ވިޝާމްގެ ވާހަކަތަކާއި ރަނީން އެއްބަސްވިއެވެ.

"ދޮންމަންމައާއި ދާނަޝްގެ މަންމަ ފައިރޫޒާ ވަރަށް ރައްޓެހި، އެހެންވެ ދޮންމަންމަ އަމިއްލައަށް ޕްރޮޕޯސްކުރީ ކަމަށްވާނީ، އެހެންނޫންނަމަ ކުރިއަކުން އަހަރެން ދަންނަ ބަޔެއްވެސް ނޫން...." ރަނީން ބުނެލިއެވެ.

ނުކައި ނުބޮއި އޮވެ ޙާލު ދެރަވެގެން ނަތާލީ ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ. ދޫކޮށްލުމަށްފަހު ނަފްސާނީ މާހިރެއްގެ އެހީ ހޯދަމުން ނެތް ހިތްވަރުލާފައި އޮފީހަށް ނުކުންނަން ފެށިއެވެ. އޭނަގެ މަގުސަދަކީ ހިތްވަރާއިއެކު ހިތާމައާއި ކުރިމަތިލުމެވެ. ނޫނީ ދަރިފުޅުފަދައިން ފިރިމީހާވެސް އޭނައާއި ވަކިވެގެން ހިނގައިދާނެއެވެ. އެއްކޮށް ބޮއްސުންލުމުގެ ކުރިން ޙަޔާތުގެ ނައު ސަލާމަތްކުރަންވެގެން އަޒުމް ކަނޑައެޅީ އެހެންވެއެވެ. އޭނަ ބަލިވެއޮތް ދުވަސްވަރު އިޒްޔަން ޒިންމާދާރު ފިރިއެއްފަދައިން އެހީތެރިވެ އަޅާލިއެވެ. އަމިއްލަ އަތުން އޭނައަށް ކެވޭނެހެން ހީވާއެއްޗެހި ހަދައިގެން ގެނެސް ކާންދީ ފެންވަރުވާލަދިނެވެ. ނަތާލީއަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ އެއީއެވެ.

ނަތާލީ ރެސްޓޯރެންޓަށް ވަދެފައި ވަށައިގެން ހޯދާލާފައިގޮސް އެންމެ ކަނުގައި ހުރި މޭޒުގައި އިށީންއިރުވެސް ލޮލުން އަވިއައިނު ނުނަގައެވެ. އިރުކޮޅަކަށްވެސް އިންތިޒާރުކުރާކަށް ނުޖެހުނެވެ. ކުރިމަތީގައި އައިސް އިށީނީ އިސްކޮޅުން ދިގުކޮށް ހުރި ބިޔަ ޒުވާނެކެވެ. އިސްތަށިގަނޑު ކުޑަކޮށް ދިގުކޮށްލާފައިވާއިރު އަތުގެ އިނގިލިތައް ފަޅުފިލުވާލާފައިވަނީ އަނގޮޓިތަކުންނެވެ. ދެލޮލުގައިވަނީ ސިއްރުވެރިގޮތެކެވެ.

"ތިއުޅެނީ އަހަރެން ބްލެކްމެއިލް ކުރަންތަ؟ އަހަންނަށް ކުށެއްކުރެވުނު ކަމަށް ގަބޫލުކުރަން، އެކަމަކު ތިހާވަރުގެ ލަނޑެއްދޭން ޖެހޭތަ؟ "ނަތާލީ ވާހަކަދެއްކީ މަޑުމައިތިރިކަމާއިއެކުގައެވެ.

"އަހަންނަށް އެނގޭ، އެކަމުގެ އަގު އަދާކުރަން ޖެހުނީ ދަރިފުޅުގެ ފުރާނައިން. ނަތާ، މިފަހަރު އަގު ބޮޑުވާނެ. އަހަރެންނަށް ނަތާ ތިހަދާގޮތް ވަކި ދެރައެއްނޫން. ކެތްކޮށްލައިގެން ހުންނަން ޖެހޭއިރު އަދި އަހަރެން ލައްވާ ތިކުރުވާ ކަންތައް ދުވަހަކަށްވުރެ ދުވަހަށް ނުރައްކާތެރިވަމުން އަންނަނީ...." އެޒުވާނާގެ ނަޒަރު ނަތާލީގެ މޫނުގައި ހަރުލާފައިވެއެވެ. ނަތާލީ އިނީ އެބެލުމުން އުދަގޫވެފައެވެ. ނަމަވެސް އޭނައަށް މިފުންމާލެވިފައިވާ ވަޅުގަނޑުން އަރާކަށް ފަސޭހައެއްނޫނެވެ. މަދަދު އެދެންވީ ކޮންފަރާތަކުންކަން އަދިވެސް ނަތާލީއަށް ރޭކާނުލައެވެ.

އެޒުވާނާ ބުނާވަރަކަށް ފައިސާދީގެން ނޫނީ އޭނަގެ ދޫ ބަންދު ނުކުރެވޭނެކަން ނަތާލީއަށް ޔަގީންވިއެވެ.

ފާފަތައް ފޮރުވަން އިތުރު ފާފަތައް ކުރަންޖެހުނީއެވެ.

އިޒްޔަން ހުރީ ނަތާލީއަށް މިފަދަ ހިތާމައެއް ދިމާވެފައިވާ ދަނޑިވަޅެއްގައި އޭނަ އެކަނިވެރިކޮށްލާފައި ނުދާން އަޒުމް ކަނޑައަޅައިގެންނެވެ. ދަރިފުޅުގެ ކުއްލި މަރުގެ ސަބަބުން އެދެމީހުން ދުރުވުމުގެ ބަދަލުގައި އިޒްޔަންގެ މިޒާޖުގެ ސަބަބުން އެކަމަކަށް ތަނެއްނުދިނެވެ. އިޒްޔަންގެ ހިތްހެޔޮކަމާއި ރަގަޅުކަމުން އެދެމީހުންގެ ހީނަރުވެފައިވާ ގުޅުން ސަލާމަތްކޮށްދިނެވެ. ނަމަވެސް އޭރު އެދެމީހުންނަށްވެސް ހިގަމުން ދެވުނީ ދެމަންޒިލަކާއި ދިމާލަށެވެ. މަޑުމަޑުން ނަމަވެސް އެދެމީހުންގެ ދޭތެރޭގައިވާ ރާސްތާ ދުރުވަމުން ދިޔައެވެ. އިޒްޔަންވެސް ހިތާމަތައް އެއްފަރާތްކޮށްލާފައި ޗުއްޓީ ހަމަވުމުން ކޮލެޖަށް ކިޔަވާދޭން ދާންފެށިއެވެ. އިޒްޔަން ލެކްޗަރދޭ ކްލާހަކަށް ރަނީންއާއި މީރާ އަންނާތީ އޭނައަށް ނޭގިނަމަވެސް އެގަޑިއަށް އިންތިޒާރުކުރެވެން ފެށިއެވެ. އަންހެންކުދިންގެ ފަރާތުން ބޭނުންވާވަރަށްވުރެ އިތުރަށް ސަމާލުކަން ލިބޭއިރު ރަނީން އަދި ވަކިން ޚާއްސަގޮތެއް އަދިވެސް ބާއްވާކަން އެނގެން މާގިނަ ދުވަހެއް ނުނެގިއެވެ. އަދިވެސް އެރީތި ދެލޮލުން އޭނައަށް ފެންނަނީ އެކަނި ލޯތްބެވެ. ދުލުން އެއްބަސް ނުވިކަމުގައިވިޔަސް އޭނައަށް ބޭނުންވެފައިވާވަރު ހާމަކޮށްދެއެވެ.

އިޒްޔަން ކްލާސް ނިންމާލާފައި މޭޒުދޮށުގައި ޕޭޕަރުތައް ބަލާލަން އިންއިރުވެސް ޚިޔާލުގައިވަނީ އެހެންކަމެކެވެ. ޖިންސަކާއިއެކު އަތްދިގު މުށިކުލައިގެ ގަމީހުގެ އަތް އުޅަބޮށްޓާއި ހަމަޔަށް އޮޅާލާފައިވާއިރު އެއަތުގެ ރީތިކަމުގެ އިތުރުން ދެލޮލުގެ މުށިކަން އިތުރުވެފައިވާހެން ހީވިއެވެ. އިޒްޔަން އިސްއުފުލާލަން މަޖުބޫރުކުރުވީ މީހެއްގެ ހިލަންވެފައެވެ. އިސްއުފުލާލެވުނުގޮތަށް އޭނަގެ ހުވަފެންތަކުގެ ރާނީ ކުރިމަތީގައި ހުރިތަން ފެނިފައި ކޮޅަށް ތެދުވެވުނީ ބޭއިޚުތިޔާރުގައެވެ. މެރޫންކުލައިގެ ހެދުމެއްލައިގެން ހުރިއިރު އަޅާފައިވާ ސްކާފްގެ ކުލަ ގުޅުވާލާފައެވެ.

"ރަނީން......." އިޒްޔަންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއްވެރިވިއެވެ.

"ސަރ، މިއައީ އެސައިންމެންޓާއި ބެހޭގޮތުން އެއްޗެއް އަހާލަން...." ރަނީންވެސް ހުންނަނީ އިޒްޔަންއާއި ވާހަކަދައްކާލާނެ ބަހަނާއެއް ނުފެނިފައެވެ. ފުރުސަތެއް ނުލިބިފައެވެ.

"އަހާބަލަ، އެކަމަކު އަހަންނަށް އޭގެ ކުރިން އެއްޗެއް އަހާލެވިދާނެތަ؟ "އިޒްޔަން ބުމަ އަރުވާލިއެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް އެދެލޮލުން ރަނީންއަށް އެހެން ޖަޒުބާތުތަކެއް ފެނުނެވެ. ދުވަހަކު އެރީތި ދެލޮލުން އެހެން ނަޒަރަކުން ބަލާފާނެކަމަކަށް ރަނީން ހީކޮށްފައެއްނެތެވެ. ނަމަވެސް މިއަދު އޭނަ ބަލަން އެހެރީ ޚުދު ރަނީންވެސް ލަދުގަންނަވާލާފަދަ ގޮތަކަށެވެ. ޓީޗަރާއި ދަރިވަރަކާއި ދެމެދު އެހާ މާނަވީ ނަޒަރެއް ބަދަލުކުރެވިގެން ނުވާނެއެވެ.

"އައި ނޯ، ޔަނާއާއި ބެހޭގޮތުންތަ؟ "ރަނީންގެ މޫނަށް ކުޑަ ކުޑަ ރަތްކަމެއް ފާއްދާލައިފިއެވެ.

ކޮމެންޓް 0