"ގޯޑް، ކިހިނެއްވެފައޭ؟" އިޒްޔަން ލަސްލަހުން ތެދުވެގެން ހިނގައިގަތްއިރު އޭނަގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން ފެނުނެވެ. އިރުކޮޅެއްވާންދެން އޭނަ އަޑުއަހަން ހުރިއިރު މޫނުމަތީގައިވާހާ އަސަރުތަކެއް ފިލާ މީހާ ހަމަޖެހިލައިފިއެވެ.

"ޖިންނި މޮޔަވެގެންނެއް ނޫން ތިއުޅެނީ، ތަންކޮޅެއް ރަނގަޅު ޝްރިންކަކަށް ދައްކަންވީނު، ތިއީ ސްކިޒޮފްރީނިއާ ކަމަށްވާނީ، އަހަރެންގެ އެކުވެރިއެއް ހުންނާނެ، ޑޮކްޓަރ ކައިލަން، އޭނައަށް އެޕޮއިންމެންޓެއް ހައްދާދޭނަން. ކޮންމެހެން ތި ބުނާ ފޭކް ފަންޑިތަވެރިން ލައްވާ ޓައިމް ވޭސްޓްކުރުވަން ނަހަދާ، ދެން ބުނަން، މަގޭ ވަޒީފާގެ ކަންތައް ކިހާ ހިސާބެއްގައި އުޅެނީ؟ އަހަންނަށް ވަރަށް އުދަގޫވޭ ދޮންބައްޕައެއްގެ އެހީގައި އުޅެން، ހެވޭ ތަނެއްގެ ވޭޓަރުކަން ކުރަންވިޔަސް، ރަނގަޅު ފައިސާ ލިބޭ ކޮންމެ ފަދަ ކަމެއް އޯކޭ....." އިޒްޔަން އަވިއައިނުން އެރީތި ދެލޯ ފޮރުވާލާފައި ގޮސް ސައިކަލަށް އެރިއެވެ.

އިޒްޔަންގެ އެކުވެރިއަކު ޖިންނި އަވަލުމުން އިޒްޔަން ފަންޑިތަހެދުމާއި މުޅިން ދެކޮޅެވެ. އެގެއަށްގޮސް އާއިލާއަށް ވިސްނާދީގެން އޭނަ ޑޮކްޓަރ ކައިލަންއަށް އެޕޮއިންޓްމެންޓެއް ހައްދަން އުޅުނެވެ. ބާރުބޮޑުވިޔަސް ޑޮކްޓަރ ކައިލަން އޭނައަށްޓަކާ ގަޑިއެއް ހުސްކޮށްދޭން އެއްބަސްވިއެވެ. އެކަންތައްތަކާއި އުޅުނުއިރު ފޯނު ބަލާލާކަށް އޭނަ ހަނދާނެއްނެތެވެ. މަންމައާއި ނަތާލީގެ އިތުރުން ކިޔާ އަދަދުނުކުރެވޭހާ ވައިބަރ މެސެޖްތައް ހުއްޓެވެ.

"އަހަރެންވެސް އެންޑް އަޕްވާނީ ނަފްސާނީ މައްސަލައެއް ޖެހިގެން އެ ކްލިނިކްގައި ކަމަށް ވާނީ، މިބޭބީގާލްގެ މެސެޖްތަކާއި ރަނީންގެ އާދޭސްތަކުން އަހަރެން އަޅާނުލަން ހުއްޓަސް ވިސްނޭ، ބޯހަލާކުވާވަރުވޭ، ކީއްވެތަ ނުވިސްނެނީ؟ ކިހިނެއް އެޔަންގް މައިންޑަށް ވައްދާދޭނީ އެކުރަނީ ބޭކާރުކަމެއްކަން؟ "އިޒްޔަން ރަނީންއާއި ދުރުން އުޅެން ބޭނުންވިޔަސް އަދި އުޅެން މިޖެހެނީ އެކުއްޖާގެ ކުރިމަތީގައެވެ. އަބަދުހެން ކުރިމަތީގައި އެކުއްޖާ އެނބުރި އެނބުރި ހުންނައިރު އަޅާނުލާ ނުދެނެހުރިކަމަށް ހަދާލައިގެން ހުރެވޭކަށްވެސް ނެތެވެ.

ފަތިހުގެ ޝަބްނަމް ތިކިތައް ގަސްތަކުގައި ހަރުލާފައިވާއިރު ފެންނަލެއް ވަރަށް ހިތްގައިމެވެ. ނާޒްލީ އައިފަހުން ފަޅުވެފައިވާ ހުރިހާ ޕޮޓްތަކެއްގައި ތަފާތު ވައްތަރުގެ މާގަސްތައް ހައްދާ ބެލްކަނީކޮޅު ދެގުނަ ރީތިކޮށްލައިފި އެވެ. ރަނީން އިރުކޮޅެއްވާންދެން މާތަކަށް ބަލަން ހުރުމަށްފަހު ރެއިލިންގައި ބަނޑު އަޅާލައިގެން ތިރިއަށް ބަލަންފެށީ އިޒްޔަން މިސްކިތަށް ގޮސްފައި އަންނާނީ މިގަޑީގައި ކަމަށްވާތީއެވެ. ޒޯޔާ ފަތިސް ނަމާދު ކުރިގޮތަށް އިނީ ޤުރުއާން ކިޔަވާށެވެ. ބުރުގާ އެޅުމަށްފަހު ޒޯޔާ ކަންތައް އެކުރަނީ އޭނައަށް ދައްކަން ހެއްޔެވެ؟ މީހުންނަށް ފެންނަ ހިސާބުގައި އަޑުން އަޑު ނަގާފައި ޤުރުއާން ކިޔަވަން އިނީމަ ހީވާން އުޅެނީ އެކަހަލަ އެއްޗެކެވެ.

ރަނީންވެސް ދީންވެރި ރަނގަޅު ކުއްޖަކަށްވާން ބޭނުންވަނީ އެގޭތެރެއިން ތާއަބަދު މިފަދަ މަންޒަރުތައް ފެންނަލެއް ގިނަކަމުންނެވެ. ނަމަވެސް އޭނަ ބޭނުމީ އެންމެނަށް ސިއްރުން އުޅޭށެވެ. ސްޓައިލިޝްކޮށް އުޅެމުން ދީނަށް ނޫޅެވޭނެ ހެއްޔެވެ؟ ރަނީންވެސް ޤުރުއާން ކިޔަވާ ޤަވާއިދުން ނަމާދުކުރެއެވެ. ކިޔަވަން އިންދާ މީހަކު ވަންނައިރަށްވެސް އޭނަ ހުޅުވާލަނީ ވާހަކަ ފޮތެވެ. އެހެން މީހުންނަށް އަސްލު ފެންނާނީ އޭނަ އަބަދު ވާހަކަފޮތެއް ހިފައިގެން އިންދައެވެ.

"އަހަރެން ބޭނުމެއްނުވޭ ޝޯ އޮފް ކުރާކަށް، ޒޯޔާ އިޒްޔަންގެ ހިތް އަތުލަން ކުރާހާ ކަންތައް އެއީ...." ރަނީން ވިސްނުމެއްގެ ތެރޭގައި ހުރެފައި ރެއިލިން މަތީގައި ލުއިކޮށް އަތް ބޭއްވިއެވެ.

"ހޫމް ހަމަ އެފޮނި ފިރިހެނާއަށް ނިންނިވެސް އަޅުކަން ކުރަންފެށީތަ؟ "ކުއްލިއަކަށް ޒޯޔާ ފަހަތުން އައިގޮތަށް ކަންފަތްދޮށުގައި ކިޔާލުމުން ރަނީން ސިހުނެވެ.

"ކީކޭތަ ތިކިޔަނީ؟ "ރަނީން އަވަހަށް އެތަނުން ދާން ހިނގައިގަތެވެ.

"އަހަރެން ދެކުނިން، ވީޑިއޯ ނުކުރިޔަސް، ހުރިހާ ކަމެއް އެނގެޔޭ، ކީއްވެތަ ފޮރުވަން އުޅެނީ؟ ނިންނި ތިހެން ބާރބީޑޯލްއެއްހެން ހުއްޓަސް ކިހާ މަކަރުވެރި، އަހަންނާއި އިޒްގެ ކައިވެނި ހަމަޖެހިފައި އޮތްކަން އެނގިހުރެވެސް ނިންނި އެދޭތެރެއަކަށް ވަދެގެން އަހަރެމެން ދުރުކުރުވީ، އަހަރެން ބޭނުމެއްނޫން އެކަންތައް ހިތުގައި ފޮރުވައިގެން ހުންނާކަށް، ނިންނި، ވައި؟ ކީއްވެތަ؟ ކީއްވެ އެހެން ހެދީ؟ އަހަރެންވެސް އިޒް ދެކެ ލޯބިވެޔޭ، ކިހާ ސާފުކޮށް ކިޔާދިނިން އަހަރެން ކުރި ދިގު އިންތިޒާރު......." ޒޯޔާގެ އަޑު ގަދަވިއެވެ.

ޒޯޔާ ކިތަންމެވަރަކަށް ހިތް ސާފުކޮށްފައި ރަނީންއަށް މާފު ދިނަސް ރަނީން އަބަދުހެން އިޒްޔަންއަށް ފާރަލައިގެން ހުންނަތަން ފެނުމުން އޭނަގެ ހިތަށް ކުޅަދާނަނުވީއެވެ.

"އަހަރެން ބޭނުމެއްނޫން ތި ވާހަކަ ދައްކާކަށް...." ރަނީން ފޫހިވާގޮތްވިއެވެ.

"އެއީ ކީއްވެތަ؟ "ރަނީންގެ ވާހަކަތައް ހުރި ދިމާލުން ޒޯޔާގެ ހިތަށް ތަދުވިއެވެ. ރަނީންއާއި އަރައިރުން ހަދައިގެން ލަނޑު ލިބެނީ އެހެން މީހަކަށް ނޫނެވެ. އެކޮޓަރީގައި ދުވަސްކޮޅަކު އުޅެން ލިބެފައި އެތަނުން ބޭރަށް ލީއެވެ. ދަރިފުޅުގެ ހައްޤުގައި އަޒީޒު އެމީހުން ގެއިން ނެރެލައިފިއްޔާ މަންމަމެން މުސީބާތެއްގެ ތެރެއަށް ވައްޓާލެވުނީއެވެ.

"ވެލް، އޭނަ އަހަރެންދެކެ ލޯތްބެއް ނުވޭ، މިހާރު ހެޕީތަ؟" ރަނީން އިތުރަށް ބުނެދިނެވެ.

"ދެން ކީއްވެގެންނޯ އޭނަ ނިންނި އުރާލައިގެން ގޮސް ތިރޫމަށްވަދެ އެތައް އިރެއްވާންދެން ކޮޓަރި ތަޅުލައިގެން ތިބީ، އެވެސް އިޒްޔަން ބޭނުން ނުވާތީތަ؟ ނިންނި، އަހަންނަށް އޮޅުވާނުލާ ރީއްޗަށް ބުނެދީފާނަންތަ؟ އިޒްޔަންއާއި ދެމީހުން ރޯދަ ވީއްލި ވަގުތު ތި ރޫމްގައި ތިބެ ކުޅުނު ގޭމެއް އަހަންނަށްވެސް އެނގެންވާނެ، އަހަރެން ވަރަށް ކެތްކޮށްފިން އެއްޗެކޭ ނުބުނެ ހުންނަން، އެކަމަކު.....އަހަރެންގެވެސް ހިތެއްވޭ....." ޒޯޔާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

"ވަޓް ދަ ހެލް.......ކޮން އިރަކު؟ ނޭގެނީތަ މިއީ ރޯދަ މަސްކަން، އޭނަ އަހަރެން ފެއިންޓްވީމަ ރޫމަށް ގެންގޮސް ބާއްވާފައި ވަގުތުން ނުކުމެގެން ދިޔައީ...." ރަނީން ހަނދާންކުރި ކަހަލަ ގޮތަކަށް މައްޗަށް ބަލާލާފައި ހަށިފުރާ ނޭވައެއްލިއެވެ. ޒޯޔާގެ މޫނުމަތީގައި އަތްދަމާފައި އެތިފަހަރެއް އަޅަން އެހާ ބޭނުންވިއިރެއް ނާދެއެވެ. ރޯދަމަހު އިޒްޔަންއާއި ލޯބީގެ ކުޅިގަނޑެއް ކުޅޭހާ އޭނަ އަދި ނުލަފައެއްނުވެއެވެ.

"ހޫމް، ދެން އެއީ ވަލީވެރި ބޭކަލަކީތަ؟ މަށަށް ތިވާހަކަ ގަބޫލުކުރުން ވަރަށް ދަތި....." ޒޯޔާ ހުރީ ޔަގީންކޮށްގެންނެވެ.

"ދެން ބޭނުންގޮތަކަށް ވިސްނާ، އެކަމަކު ގޯޑް ނޯސް، އިޓްސް އިނަފް ފޯރ މީ........ އަހަރެން ނޫޅެން އިޒްޔަންގެ ފަހަތުން އުޅޭކަށް، އޭނަ އެހެރީ، ގެންދޭ....." ރަނީން ބާރަކަށް ހިނގާލާފައިގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާލިލެއް ބާރުކަމުން ގެވެސް ގުގުމައިގެން ދިޔައެވެ.

"ނިންނިވެސް ހަމަ މީ އެންގްރީބާޑެއް، ކުޑަޔެއްކަމަކު ރުޅިފަށެއް އެބަދައްކާ، އެކުއްޖާ ހުވާކުރިޔަސް ލޮލަށް ފެނުނު ކަމެއް ދޮގުކުރެވިދާނެތަ؟ " ޒޯޔާ ޚަތިމް ހިފައިގެން ސޯފާގައި އިށީދެ ކިޔަވަން ފެށިތަނުން އިޒްޔަން ބެލްޖެހިއެވެ. ހިތް ތެޅިތެޅިވާ ހާލުގައި ގޮސް އޭނަ ދޮރު ހުޅުވާލިއިރު އިޒްޔަން ހުރީ ފަތިހުވެސް އެހާ ތާޒާކަންމަތީގައެވެ. އެހާ ފިނީގައި ފެންވަރާލައިގެން ހުރިކަން އެނގެނީ ތެތްކޮށްވާ އިސްތަށިގަނޑާއި ދުވާ މީރުވަހުންނެވެ. ކޮޓްން ގަމީހަކާއި ޖިންސްލައިގެން ހުރުމުން ރަސްމީގޮތެއްވެސް ހުއްޓެވެ. މިގަޑީގައި ދެން ކޮންމެހެން ގަމީހެއްލާން ޖެހޭހެއްޔެވެ؟

"މްމްމް. ޔޫ ސްމެލް ގުޑް...." ޒޯޔާ ތުއި ހިނިތުންވުމަކާއިއެކު ބުނެލިއެވެ.

"އެކަކުވެސް ފެންނުވަރާ މިސްކިތަކަށް ނާރާނެއްނު......" އިޒްޔަން ޒޯޔާގެ މޫނަށް ބަލައިވެސް ނުލާ ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ.

"ފްރެންޑެއް ބުނި ބައެއް ބަންގާޅީން ބްރަޝްނުކޮށް ފެންނުވަރާ ނަމާދަށް އަރާ ވާހަކަ، އޭނަ ބުނި ނޯށްވެސް ދަމާނުލާހުރެއޭ ނަމާދުކޮށް ނިންމާލަނީ، އަހަރެން ބުނިން ބްރެތްހޯލްޑްކުރުމުގެ މުބާރާތެއްގައި ބައިވެރިވާން ރަގަޅުވާނެއޭ، އިޒް، ރަނީން ވަރަށް ގޮތްދައްކާލާފައި ދޮރު އަތުކޮޅަށް ޖަހާލާފައި ވަދެއްޖެ، އެނގޭތަ ކީއްވެކަން؟ "ޒޯޔާ ހުރީ އިޒްޔަންއާއި ވާހަކަދައްކާލާނެ މައުޟޫއެއް ނުފެނިފައެވެ.

"ބުނީމަ އެނގޭނީ....." އިޒްޔަންގެ ފިޔަވަޅު މަޑުޖެހިލިއެވެ. ނޭގިނަމަވެސް އޭނަ ރަނީން ރުޅިއައި ސަބަބު ބަލައިލަން ބޭނުންވިއެވެ.

"ޝްޝްޝް، އަޑުއަހަން ހުރެދާނެ، އާދެބަލަ...." ޒޯޔާ ވައިއަޑުން ވާހަކަ ދައްކަމުން ޝަހާދަތް އިނގިލި ތުންފަތުގައި ޖެއްސިއެވެ. އަދި އަތުން އިޝާރާތްކުރަމުން ބެލްކަންޏާއި ދިމާލަށް ހިނގައިގަތެވެ.

ފަޖުރުގެ އަލިކަމުގެ ތެރެއިން އިޒްޔަންގެ މޫނު ފެންނަލެއް ރީތިކަމުން ޒޯޔާ ހުރީ އާޝޯޚުވެފައެވެ. ފިރިހެންވަންތަކަމުން އުމުރަށް ބަލަން ހުރެވިދާނެއެވެ. އިޒްޔަން އެޅި ކޮންމެ ފިޔަވަޅެއް އެޅީ އޭނަގެ ހިތްމަތީގައެވެ. ހިތަށްއެވާ ގޮތްތައް ބުނެދޭނެ ގޮތެއް ޒޯޔާއަކަށް ނޭގެއެވެ. އިޒްޔަންއަށްޓަކާ އެހިތް ފިދާވާވަރުވެއެވެ.

"އަވަހަށް ބުނެބަލަ، މަންމައަށް މިކަން ފެނިއްޖެއްޔާ މަނާކުރާނެ....." އިޒްޔަން ޕޮޓްގައި ފޮޅިފައިވާ ރަތްކުލައިގެ ފިނިފެންމަލަކާއި ކުޅެލިއެވެ.

"ނުބިންނާތި...." ޒޯޔާ އަޑުލިއެވެ.

"ކީއްވެ؟ "އިޒްޔަން ނުފޮޅި އިން އެކުޑަ މާ ބިނދެލިއިރު އޭނަގެ ޚިޔާލަށް ރަނީން ވެރިވިއެވެ. އެވަގުތު އެމޫނަށް އެތައް ކުލަތަކެއްވެރިވިއެވެ.

"ވަރަށް ފޫހިވޭ...." ޒޯޔާ ކަޅިއަޅާލީ ވެސް ލޯބިންނެވެ.

"ތިހާ ފޫހިވާއިރުވެސް އަހަންނާއި އިންނަން ވެގެން މާމަގެ ބޮލަށް އެރިފައި ހުރެއެއްނު....." އިޒްޔަންގެ ޖުމްލައިން ޒޯޔާ ލަދުގަންނަގޮތްވެފައިވެސް ކުޑަ ހިތްވަރެއްލިބުނެވެ. އިޒްޔަން އެހާވަރުން އެވާހަކަ ފަށާނީ އޭނަގެ ހިތުގައި އޮތް އެއްޗެއް ރަގަޅަށް އެނގިގެން އެކަމާއި އިޒްޔަންވެސް ގަބޫލުވީމަ ކަމަށްވެދާނެއެވެ. ރަނީންވަނީ އިޒްޔަން އޭނަދެކެ ލޯބިނުވާ ވާހަކަ ބުނެފައެވެ. އެހެންނޫނަސް ބޮޑު ފިރިހެނަކު ކުޑަކުއްޖަކުން ކުރާނީ ކީއްހެއްޔެވެ؟ އިޒްޔަން އޭނަ އަނބުރައިގަތީމަ ކޮޓަރިއަށް ލާދިނީކަމަށް ބުނުމުން ޒޯޔާ ޖެހޭނީ އެވާހަކަ ގަބޫލުކުރާށެވެ. އެހާވަރުން އިޒްޔަން އުޅޭނަމަ އޭނައަށް ފެންނަ މަންޒަރުތައް ތަފާތުވާނެއެވެ. ލޮލަށް ފެންނަ ކޮންމެ މަންޒަރެއް ހަގީގަތަކަށް ނުވެ ހިނގައިދާނެއެވެ. އިޒްޔަން ރަނީންދެކެ ލޯބިވާނަމަ އެހެން މީހަކާއި އިނުމުގެ ވިސްނުމެއް ނުގެންގުޅޭނެއެވެ. މަންމަ އަމުރުކުރީމަ ލަސްކުރިޔަސް އިޒްޔަންގެ ލޯބިވެރިޔަކީ އެހެން މީހެކެވެ. ރަނީންދެކެ އޭނަ ރުޅި މިއައީ ކަމަކާނުލައެވެ.

"އިޒް ކިތައް އަނބިން ގެންގުޅެން ގަސްތުކުރަނީ؟ ރަނީން އުފުލާލައިގެންގޮސް އެރޫމަށް ވަންތަން އަހަރެން ދެކުނިން....." ޒޯޔާގެ ޖުމްލައިން އިޒްޔަންގެ މޫނަށް ހައިރާންކަމުގެ ކުލަވަރު ވެރިވެގެން ދިޔައެވެ. އިރުކޮޅެއްފަހުން ހޭންފެށިއެވެ.

"ހޫމް......." އިޒްޔަން އެކުޑަ މާ މުށުތެރޭގައި ލައިގެން ހުރިއިރު އޭނައަށް ލިބޭނެނަމައޭ ހިތަށް އެރިއެވެ. އިޒްޔަން އަތުން އެމާ ބޭނުންވެފައި ހުރީ މާވަރަކަށެވެ.

"އިޒް، ތިމާ ނުބިންނާށޭ އަހަރެން ބުނީ ވަރަށް ބޭނުންވެފައި ހުރީމަ، ދީފާނަންތަ؟ " ޒޯޔާގެ އެދުމަށް އިޒްޔަން ޖެހިލުމެއް ނެތި އެމާ ދިއްކޮށްލިއިރު އެމަންޒަރު ބަލަން ދުރުގައި ރަނީން ހުއްޓެވެ. އެދެމީހުން ދައްކާ ވާހަކައެއް ނީވުނަސް އޭނައަށް ބަލަން ބޭނުންނުވާފަދަ މަންޒަރެއް ފެނިއްޖެއެވެ. ފިރިހެނަކު އަންހެންކުއްޖަކަށް ރަތް ފިނިފެންމަލެއް ހަދިޔާކުރާނީ ކިހާ ޚާއްސަވީމަހެއްޔެވެ؟ އިޒްޔަން ހުރީ އޭނައަށް ފުރަގަސްދީގެން ކަމަށްވުމުން އިޒްޔަންއަށް ނުފެނުނަސް ޒޯޔާއަށް ރަނީން ފެނުނެވެ. ރަނީން އެހާ އަވަހަށް ލޯމަތިން ގެއްލުނެވެ.

"ތެންކިއު...." ޒޯޔާ ޝަބްނަމްގެ ތިކިތައް ހަރުލާފައިވާ އެ ރީތި މަލުގައި ބޮސްދިނެވެ.

"ދެން އެރޫމްގައި ކުރިކަމެއް ބުނެބަލަ....." ޒޯޔާ އަހަން އުޅުނެވެ.

"ޖެހޭތަ ބަލަން؟ ރޫމް ތަޅުލައިގެން ތިބެ ކުރާ ކަމެއް ވެއްޖެއްޔާ ހާމަކުރާކަށް ނުވެސް ޖެހޭނެހެން މަށަށް ހީވަނީ. ރަނީން އެއްޗެކޭ ބުނިތަ؟ އޭނަ ކައިރިން އަހައިގެން ދޯ އަހަންނާއި ހަމަޔަށް ތިއައީ....." އިޒްޔަން ހުރީ މަޖާވެލާފައެވެ. ޒޯޔާއާއި ރަނީން އޭނަގެ ފަހަތުން އުޅުނަސް އޭނަ އަދިވެސް ނިންމާފައިވަނީ ނަތާލީއާއި ކައިވެނިކުރުމަށެވެ. ހަރުނުވާ އަންހެންކުދިންނާއިއެކު ހަޔާތެއް ފަށާކަށް އޭނައަށް ފަސޭހައެއް ނުވާނެއެވެ. ނަތާލީފަދަ އުމުރުން ދޮށީ އަންހެނަކަށް އޭނަގެ އިހުސާސްތަކާއި ޖަޒުބާތުތައް އެނގި ގަދަރުކުރާނެއެވެ. ރައްޓެވިގެން އެތައް ޒަމާނެއްވާންދެން އުޅެފައި އޭނަގެ ފަރާތުން އެތައް ފައިދާތަކެއް ނަގާފައި ނީންނާނަމޭ ބުނީމަވެސް އެކަންތައް ނެގީ ހާދަ ފިނިކޮށެވެ. ޒޯޔާ ނޫނީ ރަނީންނަމަ އޭނަ ރޮލާ ކާލީހެވެ. ޅަ އަންހެންކުދިންގެ އެހުންނަ ނުބައި އާދައިގެ ސަބަބުން ދީވާނާ ވެ މޮޔަވެ ނުކައި ނުބޮއި ހިތާމަކޮށް އޭނައާއިހެދި މުޅި ހަޔާތް ހަލާކުކޮށްފާނެއެވެ. އެތައް އުދަގުލެއްކުރާނެއެވެ. ނުކިޔާނެ އެއްޗެއް ދުލަކަށް ނާންނާނެއެވެ.

"އޭނަ ބުނީ ތިބީ ޓެލެޓަބީސް ކާޓޫނު ބަލާށޭ....." ޒޯޔާ އެސްފިޔަތައް ލަސްލަހުން ޖަހާލަމުން ބުނެލިއެވެ.

"ރަނީން ބުނެފިއްޔާ އެވާނީ ތެދަކަށް، ކުޑަކުދިންނާއިއެކު ބަލާނީ ކާޓޫނު، އޮނެސްޓްކޮށް ބުނަންޏާ އަހަންނަށް ރަނީންއެކޭ ޒޯޔާއެކޭ އެހާ ބޮޑު ތަފާތެއްނެތް، އުމުރުގެ ގޮތުން ތަފާތުވިޔަސް އަހަންނަށް ދެކުދިންވެސް މެޗުއަރ ކަމަކަށް ނުފެނޭ، ވީމަ މާމަ ކައިރީގައިވެސް ބުނެބަލަ ޒޯޔާގެ އުމުރުގެ ކުއްޖެއް ހޯދަދޭށޭ، އަހަރެން ލިބުމަށްވުރެ ނުލިބުން ކައިރިކަމުން މިހެން މިބުނީ، އަހަރެންވަނީ ބައިވެރިޔަކު ހޮވާފައި، އެންޑް ޔޫ ގާރލްސް އާރ ނޮޓް މައި ޓައިޕް....." އިޒްޔަންގެ އެ ޖުމްލައިން ޒޯޔާގެ ހިތް ކުދިކުދިވެގެން ފައިބައިގަތްހެން ހީވިއެވެ. ލަދުވެސް ގަތެވެ. ތިމާގެ ޓައިޕެއްނޫނޭ އަންހެންކުއްޖަކާއި ދިމާލަށް ބުނުމަކީ ހިތް ހަލާކުކޮށްލުމެވެ. އޭނަ ހަނދާންވީ ޕާކިސްތާނުގެ ލަވަކިޔުންތެރިޔަކު އެގޮތަށް އެކަކާއި ދިމާލަށް ޑޭޓަކަށް ނުގެންދާނީ އޭނަގެ ޓައިޕް ނޫންވީމައޭ ބުނި ދުވަހެވެ. އެއީ އިންޓަވިއުއެކެވެ. އެލަވަކިޔުންތެރިޔާއަކީ އެއް އިރެއްގައި ޒޯޔާގެ ކްރަޝްއެކެވެ. އޭނަގެ އެންމެ ފެވެރިޓް ލަވަކިޔުންތެރިޔާއެވެ. އެދުވަހު އޭނަ އެހެން ބުނުމުން އިންޓަވިއު ކުރަން އިންކުއްޖާގެ މޫނުމައްޗަށް އެރި ކުލަވަރުން ޚުދު ޒޯޔާވެސް ލަދުގަތެވެ.

މިއޮތީ އޭނަ އެންމެ ލޯބިވާ ޒުވާނާގެ ފަރާތުން އެކަހަލަ އެތިފަހަރެއް އައިސްފައެވެ. އެގޮތަށް ލަދުގަންނަވާފައެވެ. ރީތި މީހުންނަށް އެހެން މީހުންގެ އިޙުސާސްތަކަށް ޤަދަރުނުކުރެވެނީ ހެއްޔެވެ؟ މީހުންގެ ހިތްތަކާއި ކުޅެލާއިރު ކުޑަކޮށްވެސް އަސަރުނުކުރަނީ ހެއްޔެވެ؟

"ޔޫ އާރ ނޮޓް މައި ޓައިޕް ޓޫ... އަހަރެން ނޫޅެމޭ އަދި އިޒްޔަން އާއި ހެދިއެއް، މާމަ އެހެން ކިޔާތީ އަހަރެންވެސް މާމަ ދެރަނުކުރަންވެގެން އެހެން ހެދިގެން ހުރީ، ކޮންމެހެން އިޒްޔަންއާއި ހިތާވެގެނެއް ނޫން، ތިކަހަލަ ފޮނި ފިރިހެނުން ރާއްޖެއިން މުޅިންވެސް ފެންނަނީ، އަހަރެން ބޭނުންވާ ޒާތުގެ މީހެއް ނުފެންނާތީ އަހަރެންވެސް މިހިރީ، ރަނީން ކަހަލަ މޮޔަ ކުދިންތައް ހެއްލުނަސް އަހަންނެއް ނުހެއްލޭނެ. އެހެން ކަމަށް ހީކޮށް ދޯ މާ ފޮނިވެގެން ބޮޑާވެފައި ތިހުންނަނީ، ތިހެން އުޅުނަސް އަދި މުސްކުޅިވާނެ، ރީތިކަން ގެއްލޭނެ، އަބަދަކަށް ތިޔަ ރީތިކަން މަތީގައި އަންހެންކުދިން ރޮއްވާކަށް ނުހުރެވޭނެ އިނގޭ... އިޒްޔަން ހީކުރަނީ އަހަރެން އުމުރު ހުސްވާންދެން އިންތިޒާރުކުރަނީ އެންމެ މީހަކާއި އިންނަން ކަމަށް ވަންޏާ އެއީ ކުށްހީއެއް. .އައި ހޭޓް ޔޫ........" ޒޯޔާ ނޭވާޔަކަށް މަޑުކޮށްލުމެއްނެތި ފަތްޗެއް އަމުނާލިއެވެ. ޒޯޔާ އެހާ ފަސޭހައިން ބަލިވާކަށް ބޭނުމެއްނޫނެވެ. އިޒްޔަންގެ ލޯބީގައި މަރުވެގެން ދިޔަޔަސް ކޮންމެހެން އިޒްޔަންއަށް އޭނަގެ ހިތުގައިވާ އެއްޗެއް އޭނަވެސް ނާންގާނެއެވެ. މިވީހާތަނަށް އޭނަ އިޒްޔަންއަށް ހިތުގެ ހާލަތު ބަޔާންކޮށްފައެއް ނުވާނެއެވެ.

"ސްލޯ ޑައުން.... ނޭވާއަކަށް ހުއްޓާލާފައި ވާހަކަ ދައްކަބަލަ....." އިޒްޔަން ހީލުމުން އަދި ޒޯޔާގެ ރުޅިއިތުރުވިއެވެ. އިޒްޔަން މަލާމާތްކުރީކަމަށް އޭނަ ނިންމިއެވެ.

"ދެން ނޭވާގައިވެސް ހިފަންވީނު، ވެގެން ވަންޏާ އަހަރެން ނޭވާ ލުންވެސް މަނާކުރާނަން ދޯ. އިޒްޔަންއަށް ތިހިރީ ތިމާ ފެނިފައި، އެޕްލް ފޯނަކާއި ގަޑިއަކާއި އެއްޗެހި ލިބުނީމަ އެހެންވާނެ...... ނޮޓް ބޭޑް..." ޒޯޔާއަށް މާ ދުރަށް ދެވިއްޖެ ކަމުގައި ވިސްނިފައި ކުޑަކޮށް ދެރަވިއެވެ. އިޒްޔަންއާއި އެހާ އަދަބެއްނެތް ގޮތަކަށް ވާހަކަ ދައްކައިގެން އަމިއްލަ ނަފުސްގެ އަގުވެސް ވެއްޓިއްޖެހެން ހީވިއެވެ. އިޒްޔަން އޭނަދެކެ ލޯބިނުވިޔަސް އެހާ ލަދުކުޑަކޮށްލާފައި ތިމާއަށްވުރެ ދޮށީ މީހަކަށް އެގޮތަށް އެއްޗެހި ކިޔުމަކީ ރީތިކަމެއްނޫނެވެ. އިޒްޔަން އޭނަދެކެ ފޫހިވާނީއެވެ. ޒޯޔާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ.

ޒޯޔާ ހުރީ ރަނީން ކައިރީގައި އެވާހަކަ ދައްކާހިތުން ކެތްނުލަވާފައެވެ. އިޒްޔަންގެ ހިތް އޮތްގޮތް އެނގުމަށްފަހު އޭނަގެ ފަހަތުން އުޅުމަކީ މޮޔަކަމެއްކަން ރަނީންއަށް ވިސްނައިދޭން ޒޯޔާ ބޭނުންވިއެވެ. އިޒްޔަންގެ ހިތުގައި އެކުދިންނަކަށް ޖާގައެއްނެތެވެ. އެހާ ޚާއްސަކޮށްގެން އުޅެނީ ކޮންފަދަ ނަސީބުވެރިއެއްކަން ދެކެލަން ޒޯޔާ ބޭނުންވިއެވެ. އެއަންހެންމީހާ ވަރަށް ރީތިވާނެކަން ޔަގީނެވެ. އެހެންނޫންނަމަ އިޒްޔަން އެވަރުން މޮޔަވެގެން ނޫޅޭނެއެވެ.

ޒޯޔާ ލިބުނު ފުރުސަތެއްގައި ރަނީންއަށް އެވާހަކަ ކިޔައިދިނެވެ. ރަނީން ފަރުވާލެއްނެތްކަމަށް ހަދާފައި ކޮނޑު އަރުވާލިނަމަވެސް ހިތަށް ކުރި އަސަރު ދެނެވޮޑިވެގެންވަނީ ހެއްދެވިފަރާތެވެ. އިޒްޔަންގެ ފަތިފުށް އަދި ޒޯޔާއަށް ރަގަޅަށް ނޭގުނީއެވެ. އޭނައާއިއެކު އިޒްޔަން އެކުޅެލި ކުޅިގަނޑުގެ ހިލަންވެސް ނުވަނީއެވެ. އެހެންނޫންނަމަ އޭނަ ކައިރީގައި އިޒްޔަންގެ މަތިން ހަނދާން ނައްތާލާކަށް ނުބުނާނެއެވެ. އިޒްޔަންއާއި އޭނަވަނީ ކިހާވަރަށް ގާތްވެފައިކަން އެނގޭނީ އިޒްޔަންއަށް އެކަނިއެވެ. އިޒްޔަން ހާދަ ނުލަފައެވެ. ހާދަ ރަޙުމް ކުޑައެވެ. އިޒްޔަން އެހާ ބޭނުންނުވާނަމަ އޭނަގެ ޓައިޕް ނޫންނަމަ އެހެން ވާންވީ ކީއްވެހެއްޔެވެ؟ އިޒްޔަންގެ ކައިރިން އެސުވާލުކުރިޔަސް ދޭނީ އެއް ޖަވާބެކެވެ.

ބަރަކާތްތެރި ރަމަޟާންމަސް ވޭތުވެގެން ދިޔައީ ވަރަށް އޮމާންކޮށެވެ. ނާޒްލީގެ ސަބަބުން އެގޭތެރޭގައި ކުޅިވަރުގެ ކަންތައްތަކަށް ޖާގައެއްނެތެވެ. އަހަރުދުވަހު އެގާރަ މަހު ކުޅިވަރު ކުޅެލާފައި އަންނަ އެންމެ މައްސަރެއް އެކަނި ހެއްދެވިފަރާތަށް ޚާއްސަކޮށްލަން އޭނަ ކުރި މަސައްކަތް ކާމިޔާބުވިއެވެ. މުޅި އެމައްސަރުގައި އެގެއިން އިވުނީ ޤުރުއާންގެ އަސަރުގަދަ އަޑެވެ. އެންމެންވެސް ރޭގަނޑު އިޝާއަށްފަހު އަވަހަށް ނިދާފައި ދަންވަރު ހޭލާގޮތަށް އަޅުކަމުގައި ތިބެން ޖެހުނެވެ. ޒޯޔާވެސް ދުވަހަކު ނުކުރާހާ ގިނަ ޚަތިމްކުރިއެވެ. ކުޑަ އެމާވެސް ބަލިކޮށް އުޅެމުންވެސް ދީނީކަންތައްތަކަށް ސަމާލުކަން ދިނެވެ. އީދުގެ އުފަލުގައި މާލޭގެ އެތައް ބަޔަކު ފުރައިގެން އެތަން މިތަނަށް ދިޔައިރު އެޢާއިލާގެ އެންމެން އެކީގައި ދާނެހާ ތަނަވަސްކަމެއް އޭރަކު ނެތެވެ.

އިޒްޔަން ޒޯޔާ ކައިރީ ދެއްކި ވާހަކަތަކަށްފަހު އޭނަ އިޒްޔަންއަށް ނުފެނި އުޅެން ކިތަންމެހާވެސް މަސައްކަތްކުރިއެވެ. އިޒްޔަން އޭނަގެ މަންމައާއި އެހީވާތީ ރަނީން ކައްކާގަޑީގައި ބޭރަކަށް ނުނިކުމެއެވެ. ނާޒްލީވެސް ގަދަކަމުން ރަނީން ލައްވާ ކަންތައް ކުރުވާކަށް ނޫޅެއެވެ. ފަހުން ފަހަށް ކަމަކު ނުކިޔާ ހުރުމުން ރަނީންއަށް ކޮޓަރީގައި ގިނަ ވަގުތު ހޭދަކުރަން ލިބުނު ބާރަކަށްވިއެވެ. ރޯދަ ވީއްލާގަޑީގައި އިޒްޔަން ފެންނަ ހިސާބަށް ދިޔަސް ރަނީން އިންނަނީ ހިމޭންވެފައެވެ. މީހަކު ކުރާ ސުވާލެއްގެ ޖަވާބުވެސް ދެނީ އަނގައިން ބުނާހިތް ނުވެފައި އިނދެއެވެ.

އިރުގެ ރަންދޯދިތައް އާދުވަހަކަށް މަރުޙަބާ ކިޔަމުން ދޮރުފަތުގެ ހިންމިތަކުން ވަދެ ކޮޓަރިތެރެ އުޖާލާކުރަން މަސައްކަތްކުރަމުން ދިޔައެވެ. ރަނީން މޭކަޕްކުރާ މޭޒުކައިރީގައި ރީތިވާން އިންއިރު އެ މުށިކުލައިގެ ސާފު ދެލޮލާއި އޮމާން މޫނަށް އެޅިފައިވާ އިރުގެ އަލިކަމުން ރީތިކަން އިތުރުކޮށްދެއެވެ. އެންމެން އީދަށް ގޮސްފައި އަންނަންވާއިރަށް ރަނީން ޢީދުހެދުން ލައިގެން ރީތިވާއިރު މިހާ ރީތިވަނީ ކާކަށް ދައްކަން ހެއްޔޭ ހިތާ ސުވާލުކުރެވުނެވެ. މޮޅިވެރިވެ މާޔޫސްކަން މަތީގައި އިންއިރު ބައެއްފަހަރު ތުނި ނިޔަފަތިތަކުގައި ދައިގަނެވެއެވެ.

"ޢީދު މުބާރަކު...." އިޒްޔަންގެ މެސެޖެއް އައިސްފައި އޮތްތަން ފެނުމުން ރަނީންގެ ދެލޮލުގެ ވިދުން ގަދަވިއެވެ. ރޭގައި އޭނަ ކުރި މެސެޖްގެ ޖަވާބު އަދި އެލިބުނީ ކިރިޔާއެވެ. ރަނީންގެ މޫނު އުޖާލާވެ ހިނިތުންވެލެވުނެވެ. ދުވަހާއި ކުރިމަތިލާނެ ހިތްވަރު ލިބުނީ އެ ދެ ލަފުޒުންނެވެ.

"ތެންކިއު އިޒް........އީދު ކިހިނެއްތަ؟ "ރަނީން އަވަސް އަވަހަށް ވައިބަރކޮށްލިއެވެ. ޖަވާބެއްގެ އިންތިޒާރުގައި އެރީތި ބޮޑުދެލޮލުން ބަލަންއިންއިރު ދެލޯ ފެންކަޅިވެގެން ދިޔައެވެ. އިޒްޔަން އެހާ އަޅާނުލަނީ ކީއްވެހެއްޔެވެ؟ އެންމެ ރަގަޅެވެ. ލޯބީގެ ލަފުޒެއް ނުބުންޏަސް އެކުވެރިކަމާއިއެކު ވާހަކަ ދެއްކުމުންވެސް އޭނަގެ ހިތަށް ހާދަ ފިނިވެއެވެ. ހާދަހާ އުފާވެރިކަން ލިބެއެވެ. އެލޯބި ނުލިބެންޏާ އެކުވެރިކަމުގެ އެހީގައިވެސް އޭނައަށް ދުނިޔޭގައި އުޅެވިދާނެއެވެ. ރަނީންގެ ދެލޯ ފޯނުގެ ސްކްރީނުން ވަކިނުކުރެވިފައި އިންއިރު ކަށީގެ ހިނގުމަކަށް ބަދަލެއްނާދެއެވެ. މާޔޫސްކަން އިތުރުވިއެވެ.

ރަނީންގެ ކޯތާފަތް މަތިން ތިރިއަށް ދެމިގަތް ކަރުނަ ތިކި ފޮހެލާފައި އިސްޖެހިގޮތަށް ފައިގެ ނިޔަފަތި ޕެއިންޓްކުރަން އިނެވެ. ހުރިހާ ރޯދައެއް ހިފުނުފަހުން މިއަދު ނަމާދު ޗުއްޓީ ލިބުމުން ރަނީން އެންމެ ކުރާހިތުން ކުރާ ކަމަކީ ނިޔަފަތިތަކުގައި ކުލަ ޖެއްސުމެވެ. ރަނީން ފައިތިލައަށް ނިކަން އަޅާލައެވެ. ހަށިގަނޑުގެ ކޮންމެ ބަޔެއް ލޯބިން ގެންގުޅުމުގެ އާދަ ހިފާފައިވާތީ ފައިތިލައަށްވެސް އެހާ ސަމާލުކަން ދެވެނީއެވެ.

އެތައް އިރެއްފަހުން ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިނެވެ.

"ކާކުތަ؟ " ރަނީން ރުންކުރުވެފައި ތަންކޮޅެއް ބާރަށް ކިޔާލިއެވެ. ޖަވާބެއް ނުލިބުނެވެ. އެންމެފަހުން ރަނީން ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ އެމާއެވެ.

"ނިންނި، ވަރަށް ބޮޑުކަމެއްވެގެން އުޅެނީ....." އެމާ ހުރީ ދެރަވެ ރޮވޭގޮތްވެފައެވެ.

"ވަޓް ހެޕެންޑް...." ރަނީންގެ ހިތް ސިކުންތުކޮޅަކަށް ނަމަވެސް މަޑުޖެހިލިއެވެ.

ކޮމެންޓް 0