ރަނީންގެ ދެލޮލަށް ކަރުނަ ޖަމާވީ ކުއްލިއަކަށެވެ. ކެތްތެރިކަން އިސްކުރިޔަސް ލޮލަށް ޖަމާވި ކަރުނަތައް އޭނައަކަށް ނުހިފެހެއްޓުނެވެ.

"ރަނީން ރޮނީތަ؟ "ދާނަޝްގެ ހިތް ހަމްދަރުދީއިން ފުރުނެވެ.

ދާނަޝް އެކި ސުވާލުތައް ކޮށްކޮށްވެސް އަނގައިން ނުބުނެ ދެއަތުން މޫނު ފޮރުވާލައިގެން ހުރެ އޭނަ ރުޔެވެ. ރޮއި ރޮއި އެދޮންމޫނަށް ރަތްކުލަ ވެރިވެއްޖެއެވެ.

"މިހާރުވާވަރުވެއްޖެއެއްނު، ސްޓޮޕް ކްރައިން......ވީގޮތެއް ބުނީމަ އެނގޭނީ........" ދާނަޝް ސުވާލުކޮށްލިއެވެ.

"އަހަންނަށް ވެސް ލޯބިވެވުނު، އެކަމަކު ލޯބިވެވުނީ......." ރަނީން އަށް ވާހަކަ ކުރިއަށް ގެންދަން އުދަގޫވިއެވެ.

"ހޫޒް ދަ ލަކީ ގައި؟ "ދާނަޝްގެ ހިތް އަވަސްވިއެވެ.

"އެއީ އަހަރެންގެ ބޭބެއެއް، އަހަންނަށް ލޯބިވެވުނީ އަމިއްލަ ބޭބެ ދެކެ....." ރަނީންގެ ޖުމްލައިން ދާނަޝްއަށް ސިހުމެއް ލިބުނެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް ޖީބަށް އަތް ޖަހާލައިގެން ބަލަން ހުރެވުނީ އިތުރު ތަފްސީލަކަށް ރަނީން ދާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ރަނީން ޚިޔާރުކުރީ ހިމޭންކަމެވެ.

"އެހެންވެ އެކަންތަކުން ސަލާމަތްވާން މިކައިވެންޏަށް އެއްބަސްވީ ދޯ، ނޮޓް ބޭޑް......" ދާނަޝް ފިނިގޮތަކަށް ހިނިތުންވެލިއެވެ.

"އަހަރެން މިހިރީ ތިކަމުގައި ރަނީންއަށް އެހީތެރިވެދޭން، ޑޯންޓް ވޮރީ. އަދި ރަނީން މިކައިވެނި ހުއްޓާލަން ބޭނުންވާކަމުގައި ވިޔަސް އެއްވެސް ނުރުހުމެއް ނުވާނަން. ރަނީންއަށް ހުރިހާކަމެއްގެ އިޚުތިޔާރު މިދިނީ. ބޭނުން ޑިސިޝަނެއް ނަގަންވީ. ސަބަބަކީ ކައިވެނި ކުރެވިއްޖެއްޔާ..............." ދާނަޝް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. ކައިވެނި ކުރެވިއްޖެއްޔާ އަމިއްލަ ނަފުސަށް އޭނަގެ ބާރެއް ނުފޯރުވޭނެކަމުގެ އިންޒާރު ދޭން އުޅެފައިވެސް އެކަން އޭނަ ހުއްޓާލީއެވެ. ހިތަށް ނުބައިގޮތެއްވި ނަމަވެސް އޭނަ ހުރީ ރަނީން ރުއްސާލަން ބޭނުންވެފައެވެ. ރަނީންފަދަ މާތް ރަގަޅު އަންހެންކުއްޖެއް ލިބެން އޮތްވާ އެކަމަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއްކުރާކަށް މިއަދު އޭނަގެ ޟަމީރު ތަނެއްނުދެއެވެ. ހިތްއެދެނީ ރަނީން ހާސިލްކުރުމަށެވެ.

ފައިރޫޒާ ރަނީން ގޮވައިގެން ގޭގެ އެތަން މިތަން ދައްކަމުންގޮސް މީޝާގެ ކޮޓަރިއަށްވެސް ގެންދިޔައެވެ. ދާނަޝް އަންހެނުންގެ ޑޮކްޓަރަކަށްވާން ނިންމީ މީޝާ މާބަނޑުއިރު ނިޔާވުމާއި ގުޅިގެންކަމަށް ފައިރޫޒާ ބުނުމުން ރަނީން މީރާގެ ވާހަކަމަތިން ހަނދާންވިއެވެ. ފައިރޫޒާ އެހާވަރުން އުޅޭއިރު އޭނައާއި އިޒްޔަންގެ އަނދިރި މާޒީ އެނގިއްޖެއްޔާ ވާނީ ކިހިނެއްބާވައޭ ހިތަށް އަރާފައި ރަނީންގެ ހިތަށް ފިނިވި ކިތަންމެ ފަހަރެއް އައެވެ. ކޮންމެހެން ދާނަޝްއާއި ހެދި އެއްވެސް ވަރަކަށް އުޅެވޭތީއެއް ނޫނެވެ. ނަމަވެސް މިހާރު ރަނީންވެސް ބޭނުމީ ރަގަޅު މުސްތަގުބަލެކެވެ. އިޒްޔަންގެ މަތިން ހަނދާން ނައްތާލާފައި އެހެން ދިރިއުޅެމެއް ނުފަށާ ވާނެ އެއްވެސް ގޮތެއްނެތެވެ.

ފައިރޫޒާ އެކަނިއެއްނޫނެވެ. ދާނަޝްގެ ބައްޕަ ސުލްތާންވެސް ރަނީންއަށް އެހާ ހެޔޮއެވެ. ވާހަކަދެއްކީ ދަރިފުޅާއޭ ކިޔައިގެންނެވެ. އެއީ އޭނަގެ ބައްޕަމަތިން ހަނދާންވުމުގެ އެއް ސަބަބެވެ. އެންމެންގެ ފަރާތުން ލިބުނު ލޯތްބާއި އޯގާތެރިކަމުން ރަނީންގެ ހިތަށް ކިތަންމެހާވެސް އަސަރުކުރިއެވެ.

ރަނީންގެ ހެދުން ފަހާ ކައިވެނީގެ ކާޑު ތައްޔާރުކުރެވި ތާރީޚު ނިންމާލެވުނުއިރު ޢާއިލާގެ އެންމެންހެން ތިބީ އެދުވަހެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. ގިނަ މޫނުތައްވަނީ އުފަލުން ފޮޅިފައެވެ.

ޒީކާއަށް އެ ޚަބަރު ދޭންވެގެން ހަވީރު ސަޔަށް އެގެއަށް ގެނެސްފާ ޒޯޔާއާއި ތިންމީހުން އެކީގައި އިށީދެ ތިބެފާ ރަނީން ދުރުދުރުން އެވާހަކަފެށިއެވެ. ދޮންމަންމަމެންގެ ބޮލުގައި އެކަން އެޅުވުމަށްވުރެ އަމިއްލައަށް ބޭނުންވެގެން ނިންމި ނިންމުމެއްކަން އަންގާދޭން އެވަގުތު ހިތަށް އެރީ ކީއްވެކަމެއް ނޭގެއެވެ. އޭނަ މީހަކާއި އިންނަން އުޅޭވާހަކަ ބުނުމާއިއެކު އެތަނުގައި ބޮމެއް ގޮއްވާލެވުނުހެން ހީވިއެވެ. ޒޯޔާއާއި ޒީކާގެ ދެލޯ ބޮޑުވެ އޭނައަށް ނަޒަރު ހުއްޓާލުމުން ރަނީން ހާސްވިއެވެ.

"ކާކުތަ؟ ނިންނި ނުވެސް ބުނަމެއްނު....." ޒޯޔާ ކެއުން ހުއްޓާލާފައި ހުރިހާ ސަމާލުކަމެއް ރަނީންއަށް ދިނެވެ.

"މަޝްހޫރު މީހެއް، ޑޮކްޓަރ ދާނަޝް ސުލްތާން....." ރަނީން އެނަން ބުނުމުން ދެމީހުންގެ މޫނުގެ ކުލަވަރު އޮއްސުނެވެ.

"ވަޓް؟ ދާނަޝް އޭ، ނިންނި މޮޔަވީތަ؟ " ޒޯޔާ ގެ ރުޅިވެރިކަން ފޮރުވާލާކަށް އޭނަ ނޫޅުނެވެ. މޭޒުމަތީގައި އަތުން ޖަހާލާފައި ތެދުވިގޮތުން ރަނީން ސިހުނެވެ. ޒޯޔާ އެހާވަރަށް ރުޅިއަންނަންވީ ކީއްވެހެއްޔެވެ؟

"ގޭއި އަކާއިތަ ނިންނި އިންނަނީ؟ އެންމެން އެއްޗެހި ކިޔާނެ....." ޒީކާ ސައިތަށިތެރެއަށް ސަމުސާލައިގެން ގިރަންފެށިއިރު ދެރަވެފައި އިން ކަހަލައެވެ. ރަނީން އިންނަން އުޅެނީ ކޮންކަހަލަ ފިރިހެނަކާއިކަން އެނގުމުން އޭނައަށް މާ ބޮޑަށްވެސް އަސަރުކުރީކަމުގައި ރަނީން ހީކުރިއެވެ. ދެމީހުންނަކީވެސް އޭނައަށް ހެޔޮއެދޭ ގާތް ދެ އެކުވެރިންނެވެ. އެފަދަ ރުޅިއެއް އައުން އެމީހުންނަށް ހައްޤެވެ. އެހާ ބޮޑުކަމެއް ނިންމިއިރު އޭނަ ހުރީ ސިއްރުކޮށްލައިގެންނެވެ. ޒޯޔާ ރުޅި ފާޅުކޮށް ހަޅޭއްލަވައިގަނެ ފުންމައިގަތްއިރު ޒީކާ އިނީ މައިތިރިވެފައެވެ.

"ބަލަ ނިންނި އެހެން މީހުންނާއި މަޝްވަރާކޮށްފައެއްނު ތިހާ ބޮޑު ޑިސިޝަނެއް ނަގަންވާނީ، މަންމައަށް ރަގަޅަށް އެނގޭނެ ދާނަޝްއަކީ އަހަރެންގެ ލޯބިވެރިޔާކަމާއި އަހަރެން އޭނައާއި ހެދި އުޅޭވަރު، ނިންނި ތީ ކޮންކަހަލަ އެކުވެރިއެއްތަ؟ ފުރަތަމަ ފޭރިގަތީ އިޒްޔަން، އެވަރުން ނުފުދިގެން މަގޭ ދާނަޝް ޖަހައިގަންނަން އުޅެނީ ކީކޭ ހިތަށް އަރާފަތަ؟ ބުނަން ރަނީން، އަދިވެސް ލަހެއްނުވޭ، އަހަރެންގެ އެކުވެރިއެއްގެ ގޮތުގައި ހުރެ މަގޭ ލޯބި ފޭރިގަތުމަކީ ރަނީންއަށް ދެވޭނެ އެންމެ ބޮޑު އަނިޔާ، ދެވަނަފަހަރަށް މަގޭ ދިރިއުޅުމާއި ކުޅެން ނަހަދާ، ދާނަޝްއާއި އަހަރެން މިވަގުތަށް ރުޅިނަމަވެސް އަހަރެން އޭނަދެކެ އިންތިހާއަށް ލޯބިވޭ، މިކަން އެނގުމަށްފަހު ރަނީން ތި ޕްރޮޕޯސް ރިޖެކްޓްކުރަން އަހަރެން މިއެދެނީ، އައި ނޯ، މިއީ މަންމަ ފޯސްކޮށްގެން ކުރަން އުޅޭކަމެއް، ރަނީން ތިހާ ދެފުށްކެހެރި މީހެއްނޫން، އެހާ ނުވިސްނޭމީހެއް ނޫން. ސްޓޮޕް ދިސް ޕްލީޒް........" ޒޯޔާ ނޭވާއަކަށް ހުއްޓާނުލާ ވާހަކަ ދެއްކިއިރު ޒީކާވެސް އިނީ އިސްއުފުލާލައިގެންނެވެ. ރަނީންގެ ފަރާތުން އެދެވޭ ޖަވާބެއް ލިބޭނެކަމުގެ އުއްމީދުގައެވެ.

ރަނީން ހިމޭންކަމާއިއެކު އަޑުއަހަން އިންއިރު ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. އެކުވެރިޔާއަށްޓަކާ އޭނަވީ އެތައް ބަޔެއްގެ އިހުސާސްތަކާއި ކުޅެލަން ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނެހެދޭނެއެވެ. އޭނަ އެހާ ދަށް ފެންވަރަކަށް ވެއްޓިއެއް ނުގަންނާނެއެވެ. އެކުވެރިންގެ އިޚުލާސްތެރިކަމާއިމެދު ހިތުގައި ޝައްކެއް ނުއުފެދުނަސް އޭނަ އެހެން މީހުންނާއި ދޭތެރޭގައި ވިސްނާނެއެވެ.

"ޒޯޔާ އައިމް ސޮރީ، އަހަންނަށް ތިކަން ކުރެވޭކަށް ނެތް، ހުރިހާ ކަމެއް ހަމަޖެހުމަށްފަހު ނޫނެކޭ ބުނެފިއްޔާ އަހަންނަށްވުރެ ނުބައި މީހަކު ނުހުންނާނެ....." ރަނީން ޒޯޔާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

"ގޮތްކުޑަ....." ޒޯޔާ އަތްދަމާފައި ރަނީންގެ މޫނުމަތީގައި ޖެހި އެތިފަހަރުން ޒީކާއަށްވެސް ތެދުވެވިއްޖެއެވެ. ރަނީންގެ މޫނު ރަތްވެގެން ދިޔުމާއިއެކު ދެލޮލަށް ކަރުނަ ޖަމާވިއެވެ.

"ކަލޭ ޖެހޭނީ ތިކަން ހުއްޓަން، ނޫނީ ފުރާނަވެސް ދަމައިގަންނާނަން......" ޒޯޔާ ރުޅިއައިސްގެން ތުރުތުރުއަޅަން ފެށިއެވެ. އޭނަ ދެކުނު ގޮތުން މިއީ އޭނަގެ މަންމަ ނާޒްލީއާއި ރަނީންއާއި ދެމީހުންވެގެން އޭނަގެ ފަރާތުން ހިފަން އުޅޭ ބަދަލެކެވެ. މަންމަގެވެސް ނުބައިކަމާއެވެ. އޭނަގެ އިހުސާސްތަކަށް އެއްވެސް ގަދަރުކުރުމެއްނެތެވެ.

ރަނީން ހީކުރީ ޒީކާ އޭނަގެ ދިފާޢަށް އަންނާނެކަމުގައެވެ. ޒޯޔާއަށްވުރެ ކުރިން އޭނަ ދަންނަ މީހަކީ ޒީކާއެވެ. ނަމަވެސް ޒީކާވެސް ހީވާގޮތުން ހުރީ ޒޯޔާއާއި އެއްކޮޅަށެވެ.

"ޒޯޔާ، ތިގޮތަށް ކަންތައްކޮށްގެނެއް ނޫން މިކަންތައް ހުއްޓޭނީ، ޒޯޔާއާއި ދާނަޝް ލޯބިވާކަމުގައިވާނަމަ އޭނައާއި ވާހަކަ ދައްކައިގެން މިކަން ހުއްޓުވާ. އަހަރެން މިދެނީ ފުރުސަތު، ދާނަޝްއަކީ ޒޯޔާގެ މީހަކަށްވާނަމަ އަދި އެކަންތައް ތަގުދީރުގައި ލިޔުއްވާފައިވާނަމަ އެދުވަހަކުން ކުރެވޭނީ އަހަންނާއި ދާނަޝްގެ ކައިވެންޏެއް ނޫން، ޒޯޔާއާއި ދާނަޝްގެ ކައިވެނި......." ރަނީން ކެތްކުރިއެވެ.

ޒޯޔާ މޭޒުމަތީގައި އަތުން ޖެހީނުން ހުރިހާ ޖޯޑުތައް ބަންޑުންވެ ހެދިކާތައްވެސް ބިމަށް އުކާލައިފިއެވެ. ރުޅިގަދަވެ ހެދޭ ނެހެދޭވެސް ޒޯޔާއަކަށް ނޭގެއެވެ. އަލިފާނުގެ ބެލުމަކުން ބަލާލާފައި އެދިޔަ ބާރުމިނުގައިގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. ޒީކާ ދެރަވީ ސައި ނުބޮއިދާން ޖެހުނީމައެވެ. އަދި މިގެއަށް އައުމުން ލިބުނު ނުބައި ޚަބަރު އޭނަވެސް ހުރީ ހަޖަމުކުރަން ދަތިވެފައެވެ. ރަނީންގެ ނަސީބުގެ ތަރި ދުވަހަކު ނުއޮއްސޭނީހެއްޔެވެ؟ ނުބައިގޮތެއްވެސް ނުވާނީހެއްޔެވެ؟ އިޒްޔަން ނުލިބުނުމުން އުފާކުރަން އޭނަ ތައްޔާރުވިތަނާހެން މިލިބުނީ މާ ހިތަށް އަސަރުކުރުވި ޚަބަރެކެވެ. އިޒްޔަންއަށްވުރެ ދާނަޝް އަސްލު މާ ފުރިހަމައެވެ. މާމަތީ ޚާންދާނަކަށް ނިސްބަތްވާ ޒުވާނަކަށްވެފައި ފަޚުރުވެރި ޑޮކްޓަރެކެވެ. އަންހެންކުދިން ފިދާވާފަދަ ރީތި ލޮލެކެވެ. ޒީކާ ހިތާހިތުން ދެރަވިޔަސް ޒޯޔާ އެގޮތަށް އަމަލުކުރުމުން ހަމްދަރުދީ ފާޅުކުރިއެވެ. އެހެން މީހަކަށް ދެރައެއް ދީފައި އުފަލުގައި ނޫޅެވޭނެކަމަށް އޭނަ ބުނީ ތަންކޮޅެއް ރީތިކޮށެވެ. ޒޯޔާ ހާވާފައި ދިޔަ ހަޑި ރީތިކުރަން ޒީކާ އެހީތެރިވެދިނެވެ. ތެޅިފައިވާ ބިއްލޫރިތައް ސާފުކުރަނިކޮށް އޭނަގެ އަތް ކެނޑުނެވެ. އެބިއްލޫރިތައް ފަދައިން އޭނަގެ ހިތްވެސް ވަނީ ޒަޚަމްވެ ލޭފައިބަން ފަށާފައެވެ.

މަންސޫރު އިޒްޔަންގެ ފައިލް ހުޅުވާލައިގެން ފަހަރަކު ސަފުހާއެއް ކިޔަމުން ދިޔައީ ފަރުވާތެރިކަމާއި އެކުގައެވެ. އިޒްޔަން މިހާރު އުޅޭތަނަކާއި އޭނަގެ ޙާލު އޮޅުންފިލުވާހިތުން ކެތްކުރެވެނީއެއް ނޫނެވެ. ސުވާލު ކުރަންވީ ކާކާއި ހެއްޔެވެ؟ ޚިޔާލެއްގެ ތެރޭގައި އިންދާ ކޮންމެވެސް މީހަކު އެކޮޓަރީގެ ދޮރު ހުޅުވާލުމުން ބަލައިލިއިރު ކުރިމަތިން ފެނުނީ ދެވަނަ ފަހަރަކު އެގޮތަށް ކުރިމައްޗަށް އަންނަން ކެރިދާނެކަމަށް ހީކުރި މީހާއެއް ނޫނެވެ.

"ކަލޭ ކީއްކުރަން ތިއައީ؟ " މަންސޫރުގެ ނިތްކުރީގައި ރޫތައް ގިނަވިއެވެ.

"އިޒްޔަން ވީތަނެއް އެނގޭތަ؟ "ނަތާލީވެސް ކުރީ ސުވާލެކެވެ.

"ތި ސުވާލު ކުރަން އަންނަން ޖެހޭނީ މިތާކަށް ނޫން....." މަންސޫރު ދޮރު ހުޅުވާލާފައި ނަތާލީ ނިކުންނަން އެންގިއެވެ.

"އިޒްޔަންގެ ސިކުނޑީގައި މައްސަލައެއް އެބަހުރި، އެހެންވެ ކަންނޭގޭ އަހަރެން ފަންޑިތަ ހަދައޭ ކިޔާފައި އެކުއްޖާ ގެއިން ނުކުމެގެން ދިޔައީ، އިޒްޔަން ހުރިތަނެއް ހޯދަދީފާނަންތަ؟ މުއްސަދި ބައްޕައަކަށްވީމަ ޑިޓެކްޓިވްއެއްވެސް ހަޔަރ ކުރެވިދާނެ، އަހަރެން ބުނާ އެއްޗެއް ގަބޫލުކުރާގޮތަކަށް ނޫން އޭނަ އެހެރީ، މިހެން ބުނާއިރު އަދި އެނގޭ މަންސޫރުއަކީ ބައްޕަ ކަމުގައި ދެކެން އިޒްޔަން ތައްޔާރަށް ނެތްކަން......" ނަތާލީ ކައިރިއަށް ޖެހިލިއެވެ.

އިޒްޔަން ލެކްޗަރދޭން ހުރިއިރު ސީރިޔަސްކަމުންނާއި ރީތިކަމުން ރަނީންގެ ހިތަށް ގޮތްގޮތްވިއެވެ. އެންމެ ފަހަރަކު ހަތަރުކަޅި ހަމަކުރެވުނުގޮތަށް އޭނަ އިނީ އިސްޖަހާލައިގެންނެވެ. މީރާ ދޭތެރެއަކުން އަތް އުފުލާލާފައި މަޖާކޮށް ކުރާ ސުވާލުތަކަށް އިޒްޔަން ޖަވާބުދޭއިރު މީރާއަކީ ކާކުކަން އެނގޭފަދަ ގޮތަކަށް ޢަމަލު ނުބަހައްޓާކަން މީރާ ފާހަގަކުރިއެވެ. އިޒްޔަންއަށް އޭނަ އަކީ ކާކުކަން ނޭގެނީހެއްޔެވެ؟ ކްލާސް ނިންމުމަށްފަހު އެންމެންހެން ނުކުތުމުން ރަނީން އިޒްޔަންގެ ކައިރިއަށް ޖެހިލިއެވެ. އިޒްޔަންގެ މޫނުމަތީގެ ސީރިޔަސްކަން ކެނޑި އެ ރީތި ދެލޯ ވިދާލި ގޮތަކުން އުއްމީދުން ފުރިގެންވިކަން އެނގޭހާވިއެވެ.

"ހާދަ ވަރަކަށް މެސެޖް ކުރެވިއްޖެ، ޖަވާބެއް ނުދޭންތަ ތިހިރީ؟ " އިޒްޔަން ސުވާލުކޮށްލިއެވެ.

"ސަރ މިހާރު އެގޮތަށް ވާހަކަ ދެއްކުމުގެ މާނައެއްނެތްކަމަށް ފެނުނީ......." ރަނީންގެ ހިތް އޭރުވެސް ތެޅެނީ ވަކިވަރެއް ބަލާފައެއްނޫނެވެ.

"ހަމަ ވާހަކަ ނުދައްކާނީތަ؟ " އިޒްޔަން ގާތަށް ޖެހިލާފައި ރަނީންގެ ދަތްދޮޅީގައި ހިފާލަމުން ކައިރިވެލުމުން ރަނީންގެ ހިއްސުތައް ގަނޑުވެ ހިރިކާލަށްވެސް ނޭގުނެވެ. ދަޢުވަތު ދީގެން ހުރެވުނުއިރު އިޒްޔަންއަކީ ކާކުކަން އެއްގޮތަކަށްވެސް ހަނދާނެއްނުވިއެވެ. މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަމާއި އޭނަ މީހެއްގެ މިލްކަކަށް ދާދި އަވަހަށް ވެދާނެކަން ހަނދާން ނައްތާލަން މަޖުބޫރުކުރުވި ވަގުތެކެވެ. އަޖައިބުވީ އަދި ދެލޯ މަރާލަމުން ދަޢުވަތު ދެވުނީމައެވެ. އިޒްޔަން އެ ދޮން މޫނުގައި ހިފަހައްޓާލިގޮތަށް އެދެމެދުގައިވަނީ ކޮންކަހަލަ ގުޅުމެއްކަން ހަނދާން ނައްތާލައިފިއެވެ. ކުރެވުނު ކުށުގެ ބޮޑުކަން ރޭކާލުމާއިއެކު އެ ދޮންމޫނުގެ ވިދުން ފަނޑުވެ ދުރަށް ޖެހިލައިފިއެވެ.

"އިޒް ކިހިނެއްވެގެން ތިއުޅެނީ؟ މިއުޅެނީ މެރީކުރަންވެގެން......." ރަނީން ފަހަތަށް ޖެހިލިއިރު ދެލޯ ފުރެމުންދިޔައީ ހޫނު ކަރުނައިންނެވެ.

"ރަނީން އަހަންނަށް އޮޅުވާލަން އުޅޭނެކަމެއްނެތް، އެނގޭ ތީ ދޮގެއްކަން، އެނގޭ ދުވަހަކު އެހެން މީހެއްގެ ހައްގަކަށް ނުވާނެކަން، އަހަރެން މިއަދު ބުނެފާނަން ވާހަކައެއް، މިހުރިހާ ދުވަހު ނަތާލީއާއިއެކު އަހަންނަށް އުޅެވުނީ އަހަރެންގެ އަމިއްލަ ބާރުގައެއްނޫން، ނަތާލީ ފަންޑިތަ ހަދާ އޭނަގެ އަވައިގާ އަހަރެން ޖެއްސީ، އެހެންވެ މަންމަމެން ދޫކޮށްލާފައި ގޮސް އަހަރެން އޭނައާއި ކައިވެނިކުރީ، އެކަން އެނގުމަށްފަހު ނަތާލީ އަކީ އަހަރެންގެ އަންބެއް ނޫން، އަހަރެން އޭނަ ވަރިކޮށްފިން، އައިމް ސިންގަލް ނައު، ރަނީން ކޮންދުވަހެއް އަހަރެންގެ ކައިރީގައި އާދޭސްކުރާތާ، އަހަރެން މަޑުން ހުރީ ކޮންމެހެން ލޯބިނުވާތީއެއް ނޫން، އަހަންނަށް އޭރު ހުރެވުނީ އެއްކަލަ ބުނާހެން ސްޕެލްއެއްގައި ބަދެވިފައި، އެމެރިޖް އެއީ ފޭކް އެއްޗެއް، ފަންޑިތައިގެ ބާރުގައި ދުނިޔެއަށް ދައްކާލާ ދަޅައެއް، ރަނީން، ޓްރަސްޓްމީ، ފެށުނީއްސުރެން އަސްލު އަހަންނަށް ނޭގިވެސް އިންތިޒާރުކުރެވުނު އެކަނި ލޯތްބަކީ ތިއީ، އެކަނި ބޭނުންވާ އަންހެންކުއްޖަކީ ތިއީ. މިހާރި ރިއަލައިޒް މިވީ........" އިޒްޔަންގެ ރީތި ދެލޮލާއި ރަނީންގެ ލޯ ގުޅިގެން ދިޔައިރު އެދެލޮލުން ރަނީންއަށް ފެނުނީ އެކަނި ލޯތްބާއި އަޅާލުމެވެ. ރަނީން ބޭނުންވީ ދުވެފައިގޮސް އެބާރުގަދަ އަތުގެ ހިމާޔަތް ހޯދުމަށެވެ. އެއީ ތެދެކެވެ. މިހާރު އެދެމީހުން ގެ ދޭތެރޭގައިވާ ހުރިހާ ފާރެއްވަނީ ކުނޑި ކުނޑިވެ ބިމާއި ހަމަވެފައެވެ. ރަނީނގެ ދެލޮލުން އެވަގުތު އަންނަން ވީ ވޭނީ ކަރުނައެއް ނޫނެވެ. އުފާވެރިކަމުގެ ކަރުނައެވެ. އެ ޖުމްލަތައް އަޑުއަހަން އޭނަ ކެތްމަދުވެފައި ހުންނަތާ ކޮން ދުވަހެއް ހެއްޔެވެ؟ އެންމެފަހުން ހިތަށް އެލިބުނު ފިނިކަމަކުން ގަނޑުފެން ގަނޑެއްގެ ތެރެއަށް ގެނބިގެން ދިޔަފަދަ އިހުސާސެއް ކުރެވުނެވެ.

ރަނީން އިޒްޔަންއާއި ދިމާލަށް އެއް ފިޔަވަޅު ކުރިއަށް އެޅިއެވެ.

ކޮމެންޓް 0