"އަހާބަލަ، އެކަމަކު އަހަންނަށް އެއްޗެއް އަހާލެވިދާނެތަ؟ "އިޒްޔަން ބުމަ އަރުވާލިއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އެދެލޮލުން ރަނީންއަށް އެހެން ޖަޒުބާތުތަކެއް ފެނުނެވެ. ދުވަހަކު އެމުށި ދެލޮލުން އެހެން ނަޒަރަކުން ބަލާފާނެ ކަމަކަށް ރަނީން ހީކޮށްފައެއްނެތެވެ. ނަމަވެސް މިއަދު އޭނަ ބަލަން އެހެރީ ޚުދު ރަނީންވެސް ލަދުގަންނަވާލާފަދަ ގޮތަކަށެވެ. ޓީޗަރާއި ދަރިވަރަކާއި ދެމެދު އެހާ މާނަވީ ނަޒަރެއް ބަދަލުކުރެވިގެން ނުވާނެއެވެ.

"އައި ނޯ، ޔަނާއާއި ބެހޭގޮތުންތަ؟ "ރަނީންގެ މޫނަށް ކުޑަ ކުޑަ ރަތްކަމެއް ފާއްދާލައިފިއެވެ.

"ޔަނާއާއި އެމާގެ ވާހަކަ ފޮރުވާހެން ހީވާއިރު އެހުމުގެ މާނައެއް ނެތެއްނު، ތެދަށް ބުނަންޏާ އަހަރެން ބިރުގަނޭ މަންމަމެން ފޮރުވަނީ ކޮންކަމެއް ބާވައޭ ހިތަށް އަރާ ކޮންމެ ފަހަރަކު، ޔަނާއަކީ އަހަރެންގެ ދަރިއަކަށް ވިޔަސް މަންމަގެ ދަރިއަކަށްވިޔަސް މާ ބޮޑު ތަފާތެއް އަންނާނީއެއް ނޫން، އެހެންވެ އަހަރެން މިހިރީ ކޮންމެވެސް މީހަކު ޙަޤީގަތް ބުނަންދެން ކެތްތެރިވެލައިގެން، މަންމަ ބުނީ އެމީ އަހަންނާއި މީޓްކުރާކަށް ބޭނުމެއްނުވެޔޭ. އެހެންވެ، ދެން އެވާހަކަ ދެއްކުމުގެ މާނައެއް ނެތެއްނު. ރަނީން ސްޓިލް ސިންގަލްތަ؟ " އިޒްޔަން މޭޒުގައި އަތް ވިއްދާލަމުން އިސްއުފުލާލާފައި ރަނީންއާއި ހަތަރުކަޅިހަމަކޮށްލިއެވެ.

"ޔަޕް....." ރަނީން ކުޑަކޮށް ބޯ ޖަހައިލީ އެއްބަސްވުމުގެ ގޮތުންނެވެ. އެތައް ޒަމާނެއްކޮށްލާފައިވެސް އިޒްޔަންއަށް ދޮގުހަދާނެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ.

"ކީއްވެތަ؟ "އިޒްޔަންގެ ލޭދައުރުކުރުން އަވަސްވެލިއެވެ. ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ.

"ރަގަޅަށް ސަބަބު އެނގޭއިރުވެސް އަހަނީ؟ "ރަނީންގެ ތުންފަތަށް ކުޑަ ހިނިތުންވުމެއް ވެރިވެލާފައި ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އަނގަޔަށް ހަދާލީ ކަންބޮޑުވެފައިވާކަހަލަ ގޮތަކަށެވެ.

"އަހަންނަށް ނޭގޭތީނު މިއަހަނީ. ވީއިރު އަހަންނާއިއެކު ކޮފީއަކަށް ދާން ހިނގާބަލަ، ސީހައުސްއަށް އިނގޭ......." އިޒްޔަންގެ އެ "ޑޭޓް"އާއި ދެކޮޅު ނަހަދާ ރަނީންއަށް އެއްބަސްވެވުނީ ކީއްވެކަމެއްވެސް ނޭގުނެވެ. ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑު އިވިފާ ރަނީން އޭނަގެ އަތުގައި އޮތް އެސައިމެންޓް ދިއްކޮށްލާފައި އަވަހަށް ހިނގައިގަތްއިރު ތުންފަތްމަތީގައި ލަދުރަކި ހިނިތުންވުމެއްވިއެވެ. އެތަނުން ނުކުމެފާ ރަނީން އިރުކޮޅެއްވާންދެން ހުރެ ހިތުގެ ހިނގުން ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ. އޭނަ އެހާ ފަސޭހައިން އިޒްޔަންއަށް އާއެކޭ ބުނީ ކީއްވެހެއްޔެވެ؟ އިޒްޔަން އޭނަގެ ހިތަށް ހާދަ އަނިޔާއެއް ކުރިއެވެ. ހާދަ ދެރަކޮށްލިއެވެ. އެހާވަރުކޮށްލާފައި ހަޔާތަށް އައުމުން މާފުދީފައި ލޯބިން އުޅުމުގެ ހައްޤު އިޒްޔަންއަށް ދޭންވާނެއެވެ.

ނާޒްލީއާއި ފައިރޫޒާ ބާޒާރުކޮށްލައިގެން ކޮތަޅުތައް ހިފައިގެން އައިސް ކާރަށް އަރައިގެން ދުއްވާލިއެވެ. ފައިރޫޒާ ފަރިތަކަމާއިއެކު ކާރު ދުއްވަން އެނގޭއިރުވެސް އެހެން މީހުންގެ ރައްކާތެރިކަމާއިއެކު ވިސްނައިގެން ދުއްވަނީ މަޑުމަޑުންނެވެ.

"ނާޒްލީ އެރެއަކަށް އެބަޖެހޭ އެންމެން ސިއްސުވާލާހާ ރީތި ކޭކެއް ތައްޔާރުކޮށްލަދޭން، ނާޒްއަށް އެހާ ޚާއްސަ ދޮން ދަރިއެއްގެ ޚާއްސަރެއަށްޓަކާ ނާޒްއަށްދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ އެއީ......." ފައިރޫޒާ ހިނިގަނޑެއް ޖަހާލިއެވެ.

"ދާނަޝް ގަބޫލުތަ؟ "ނާޒްލީ ސުވާލުކޮށްލިއެވެ.

"މިއުޅެނީ މިރޭ ސީދާ އޭނަގެ ބައްޕަ ލައްވާ އެކަން ހުށަހަޅަން، ނުރަސްމީކޮށް ދެއްކުނަސް އަދި ދާނަޝްގެ ނިންމުން އަހަރެމެންނަށް އެހާ ސާފެއްނޫން، އަހަރެންގެ ދާނަޝް މިހާރު ޗޭންޖުވެފައި އެހެރީ، އަހަރެން ބުނާގޮތަށް ހަދާނެހެން މަށަށް ހީވޭ، މިހާރު މަގޭ ކުޑަ އަންހެންދަރި ހުޔާމްވެސް ޔޫކޭއިން ޑިގްރީ ހަދައިގެން އައިހެއްނު އެހެރީ، ކޮއްކޮގެ ދަރިއެއް ނެތުމުން އަހަރެން ކޮއްކޮއަށް ދިނުމުން އޭނަ ކުޑައިރުއްސުރެން އުޅެ ބޮޑުވީ ޔޫކޭގައި، އެކަމަކު ދިވެހިބަހުންވެސް ފަރިތަކޮށް ވާހަކަދައްކާ، ކޮއްކޮ މޮޔަވެގެން އެންމެފަހުން މެންޓަލް ތަނަކަށް ލާން ޖެހުމުން މަޖުބޫރުވީ ދަރިފުޅު މާލެ ގެންނަން، އެކަމަކު އޭނަ ވަރަށް އުޅޭނެ މަންމި ހަނދާންވަނީއޭ ކިޔާފައި، ހުޔާމް ހުންނަނީ އަހަރެމެން ދެކެ ކުޑަކޮށް ހިތްހަމަނުޖެހިފައިހެން ހީވޭ، އޭނަ ކުޑައިރު އެންމެން ދިމާކުރާނެ އިންޑިއާ މަގުމައްޗަށް އެއްލާލާފައި އޮތްވާ މަގުމަތިން ހޮވައިގެން ގެނައި ކުއްޖެކޭ ކިޔާ، ހުޔާމްއާއި އެހެން ކުދިންގެ ގުޅުން އެހާ ރަގަޅެއްވެސް ނޫން، ބަޓް މިހާރު އެބަ މަސައްކަތްކުރަން ހުޔާމްއަށް ރަގަޅު ހަޒްބެންޑަކު ހޯދަދޭން، ނާޒްލީ ރަނީން ކަހަލަ ރަގަޅު ފިރިހެންކުއްޖަކު ނެތްތަ ތި ފެމިލީގައި؟ "ފައިރޫޒާ އަހާލިއެވެ. ދާނަޝްއާއި ބެހޭގޮތުން ދެކެވެމުންދާ ވާހަކައިގެ ސަބަބުން އެކަން އޮއްބާލަން އޭނަ ރަނީންފަދަ ރީތި އަންބަކު ގެންނަން ބޭނުންވީއެވެ. އޭރުން މީހުންގެ ދޫތައް ބަންދުވާނެއެވެ. ހުޔާމްގެ ވާހަކަތައްވެސް އޭނަ ނާޒްލީއަށް ކިޔާދޭކަށް ބޭނުމެއްނުވިއެވެ.

އެހެންނޫނަސް އެޢާއިލާތެރޭގައި މިހާރަކަށް އައިސް ފިރިހެންކުދިން ހުޅަނގުގެ ތަހުޒީބުގެ އަވާގައި ޖެހި މަގު އޮޅެމުންދާތީ ފައިރޫޒާވަނީ އިންތިހާއަށް ކަންބޮޑުވެފައެވެ. އޭނަވެސް ޒުވާންއިރު އެ އަވާގައި ޖެހުނެވެ. ތަހުޒީބަށް ލޯބިކުރިއެވެ. ނަމަވެސް ނާޒްލީއާއި ޖެހުނުފަހުން ލައްކަ ބޮޑުތަން ރަގަޅުވެ ދިރިއުޅުމާއިމެދު އެހެން ނަޒަރަކުން ދެކެން މަޖުބޫރުކުރުވައިފިއެވެ. މީޝާގެ ކުއްލި ވަކިވެ ދިޔުންވެސް އޭނަގެ ދެލޯ ހުޅުވަން ބާރު އެޅިއެވެ. ދަރިންނަށް އާޚިރަތް ރަގަޅުކޮށްދެވެން އޮތީ ފައިސާއިން ފެންވަރުވާ ޕާޓީކޮށްދީގެނެއް ނޫނެވެ.

"ފައި ހަމަޖެއްސިޔަސް ސުލްތާންގެ މަންމަމެންނޯ، އެމީހުން ރަނީންއާއި ގަބޫލުވާނެކަމެއްވެސް ނޭގެއެއްނު...."ނާޒްލީ ހަނދާންކޮށްލަދިނެވެ.

"އަހަރެންވެސް މިހިރީ ޗޭންޖްވެފައި ނާޒް، ކުރިން އަހަރެންވެސް ގަބޫލުކުރަނީ އެ ބޯދާ އުސޫލުތައް، އަހަރެމެންނާއި އެކަށީގެންވާ ފެންވަރެއް ނޫނިއްޔާ އަހަންނަށްވެސް އެމީހަކު ކަމަކުނުދާނެ، ނަމަވެސް މިހާރު ޒަމާން ބަދަލުވެއްޖެ، ޢާއިލާއަށް ބަލައިގެން މީހުންނާއި އިންނަ ދައުރު ފާއިތުވެ ހިނގައްޖެ، ތަޢުލީމީ ރަގަޅު ޒުވާނުން އަހަރެމެން ބޭނުމީ، އެހެންވެ ހުޔާމް އަށްވެސް އެފަދަ ޒުވާނަކު ހޯދަދޭން ބޭނުންވޭ....." ފައިރޫޒާ ހިނިއައިސްފާ އިނދެ ކިޔާލައިފިއެވެ.

"މަގޭ ފިރިހެން ދަރި މީހަކާއި އިނދެފި، އެހެންނޫންނަމަ ވަރަށް ރަގަޅު ކެންޑިޑޭޓެއް....." ނާޒްލީ ކަންބޮޑުވެފައިވާ ކަހަލަ ގޮތަކަށް ހީލިއެވެ.

"އައިމް ސިރިޔަސް ނާޒް، ސަމާސާއަކަށް ނަހަދާ ރަގަޅު ފިރިހެންކުއްޖަކު ހޯދަދީބަލަ ޕްލީޒް......" ފައިރޫޒާ ސަމާސާގޮތްގަނޑު ކަނޑާލާފައި އެދުނެވެ.

"ދީނީ މީހެއްތަ ހޯދަންވީ؟ " ނާޒްލީ އެހިއެވެ.

"ދީނީ ތަޢުލީމީ މަޑުމައިތިރި ހަރު ޒުވާނެއް......" ފައިރޫޒާ ކޮންމެވެސް ވަރަކަށް ޝަރުތުތައް ކުރިމަތިކުރުވިއެވެ.

އޯކްވުޑްގެ ތަނަވަސް ސިޓިންރޫމްގެ ރީތިކަމާއި ހައިބަވަންތަކަން ވަންނަ ކޮންމެ މީހެއްގެ ހިތް ތަޢުރީފުކުރުން ޙައްޤެވެ. ފެރެންޗް ދޮރުތަކުގައި ދަމާފައިވާ ޑިޒައިނަރ ފަރުދާތަކުން ފެށިގެން ބޮޑެތި ސޯފާސެޓާއި އަޅާފައިވާ ދޫލަ އަދި ރެކްތައްވެސް އެހާ އަގުބޮޑުވެފައި ޝާހީގޮތެއް ހުއްޓެވެ. ބިތްތަކުގައި ޖަހާފައިވާ އިލެކްޓްރިކް ބައްތިތަކުގެ އިތުރުން އެލުވާފައިވާ ޗާންދަލިޔާތައް އެހާ ނާދިރުވެފާ ލޮލަށް އަރާމު އައްޔަކުން ކޮޓަރި އުޖާލާކޮށްލާފައިވެއެވެ.

ރޭގަނޑުގެ ކެއުމަށްފަހު ސުލްތާންއާއި ފައިރޫޒާ ދާނަޝްއާއި ބައްދަލުކުރަން ބޭނުންކަމަށް ބުނުމުން އޭނަ މަންމަމެންގެ އިންތިޒާރުގައި އިނީ މެކްބުކް ހުޅުވާލައިގެންނެވެ. ސީދާ އުނގުމަތީގައި ލެޕް ބެހެއްޓުމުގެ ބަދަލުގައި ކުޝަންގެ މަތީގައި ލެޕްޓޮޕް ބައިންދައިގެން އިނީ ރޭޑިއޭޝަނުން ކޮށްފާނެ އަސަރަކުން ސަލާމަތްވުމަށެވެ.

"ހުޔާމް ހާދަ އަވަހަކަށޭ މިރޭ އެނިދީ؟ ބޭސްދިނިންތަ؟ "ސުލްތާން އާއި ފައިރޫޒާއެކީގައި ކަހަލަ ގޮތަކަށް އަންނަމުން ސުވާލުކޮށްލިއެވެ.

"އެކަމާ ބިރުން މިހުންނަނީ، މީޝާގެ މަރަށްފަހު ދެން އެކަހަލަ ގޮތެއް ވެދާނެތީ................" ފައިރޫޒާ އެއްޗެކޭ ބުނަން އުޅުނެވެ.

"ބީ ޕޮޒިޓިވް.....އަބަދަކު ހިތާމައެއް ކުރިމައްޗެއް ނުވާނެ. ފައި....." ސުލްތާން ފައިރޫޒާ ގަޔާއި ކައިރިކޮށްލަމުން ނިތުގައި ބޮސްދިނެވެ.

"ދަރިފުޅާ، ބައްޕައަށް ވަގުތުކޮޅެއް ދެވިދާނެތަ؟ "ސުލްތާން ދާނަޝްއާއި ޖެހި ފިތިގެން ކަހަލަ ގޮތަކަށް އިށީންއިރު ފައިރޫޒާ ޚިޔާރުކުރީ ކުރިމަތީގައި ހުރި ސޯފާއެވެ. އޭރު ފައިރޫޒާއަށް މާބޮޑަށް ފިނިވާން ހަދައިގެން ރިމޯޓުން ފިނި މަޑުކުރަން އުޅުނެވެ. ދާނަޝް ދީފާނެ ޖަވާބަކާއިމެދު މިހާ ހިތް ބިރުގަތް ފަހަރެއް ނާދެއެވެ. ދާނަޝްގެ ޖަވާބުން ހުރިހާ އެއްޗެއް ބަދަލުވެގެން ހިނގައިދާނެއެވެ.

ދާނަޝް އަވަހަށް މެކްބުކް ލައްޕާލާފައި އޭނަގެ ބައްޕައަށް ހުރިހާ ސަމާލުކަމެއް ދިނެވެ.

"މިރޭގެ ހުރިހާ ވަގުތެއް ބައްޕައަށް ޚާއްސަކޮށްލީ....." ދާނަޝްގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި ހިތްހަމެޖެހުން އިތުރުވެފައިވާހެން ހީވިއެވެ. ޕާޓީތަކާއި އެކުވެރިންނާއި އެކު ވަގުތުތައް ހޭދަކުރަމުން އަންނަނިކޮށް ދާނަޝްގެ ހަޔާތަށް ހިތާމައިގެ ހިޔަނި އެޅުނީ ދޮންތަ މީޝާގެ މަރަށްފަހުގައެވެ. ނަމަވެސް އެދުވަސް މާޒީވެގެން ގޮސް އަލުން އެންމެންގެ ހަޔާތަށްވަނީ ބަހާރު އައިސްފައެވެ.

"ޕާޓީއަކަށް ދާން ރެޑީވެލައިގެންހެން ހީވަނީ، ކިހާ ފްރެޝް......." ސުލްތާން ދަރިފުޅަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ.

"ރީތި ކުދިން އަބަދު ފްރެޝްވާނެ ދޯ ދަރިފުޅާ...." ފައިރޫޒާ އަތުތެރޭގައި އޮތް ކުޝަންއާއި ކުޅެލަންއިންއިރު ލޮލުން ސުލްތާނަށް އިޝާރަތްކޮށްލީ އަވަހަށް އަސްލު މައުޟޫއަށް ދިޔުމަށެވެ.

"މިރޭ ޕާޓީކުރާނެ ކުއްޖަކުވެސް ނާންނަ ރެއެއްވީމަ ދެން ބައްޕަމެންނަށް ތާ ޚާއްސަކުރެވޭނީ، ބައްޕަމެން ރިޓަޔަރވެގެން ގޭގައި މަޑުކުރާ ހިސާބަށް އުމުރުގޮސްފި، މިހާރު ދަރިފުޅުމެން ތިތިބީ ބޮޑެތިވެ މީހުންނާއި އިންނަވަރުވެފައި، އެއީ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ، ހުރިހާ ކުދިން މީހުންނާއި އިނދެގެން ހަޔާތެއް ފަށާ މިގޭގައި ތުއްތު ފިޔަވަޅުތަކުގެ އަޑު އިވުން، ދާނަޝް، މަންމަގެ އެކުވެރިއެއްނު މަންސޫރު އަންކަލްގެ އަންހެނުން ނާޒްލީ ދައްތައެއީ، އޭނަގެ ސްޓެޕް ޑޯޓަރއާއި ދަރިފުޅު ކައިވެނިކުރުވަން އެމީހުން ވަރަށް ބޭނުންކަމުގައި މަންމަ ބުނި، ބައްޕަވެސް އެކުއްޖާގެ މަޢުލޫމާތު ހޯދާލިއިރު ހަޔާތުގެ ބައިވެރިޔަކަށް އެންމެ އެކަށީގެންވާ ކުއްޖެއްކަމުގައި ފެނުނީ، ދަރިފުޅު ވީހާވެސް އަވަހަށް އެކަންތައް ކުރަންވީނު........." ސުލްތާން ދާނަޝްއަށް އެކަން ހުށަހެޅީ ފައިރޫޒާ އެންމެ ބޭނުންވީގޮތަކަށް ނޫނެވެ. ސުލްތާންގެ އެފަދަ ސިފަތަކުން ބައެއްފަހަރު ފައިރޫޒާ ރުޅިއަންނަ ފަހަރު އާދެއެވެ.

"ވެލް......" ދާނަޝް އެއްޗެކޭ ބުނަން އުޅުނެވެ.

"ނޯ އެކްސްކިއުޒެސް މައި ސަން، ދަރިފުޅަށް ދޫކޮށްލައިގެން ވަރަށް ދުވަހު ހުރެވިއްޖެ، ބައްޕައަށް ތި އޭޖުގައި ދެތިން ދަރިން ތިބި، މުޅި އުމުރު ބެޗެލަރ އެއްގެ ގޮތުގައި ދާނަޝް ބަހައްޓާކަށް ބައްޕަ ދޫކޮށެއްނުލާނަން، ދަރިފުޅު ނިކަން މިގޮތަށް ޑީލެއް ހަދާބަލަ، އެޓްލީސްޓް މިފަހަރު ބައްޕަގެ ހޮވުމެއްނޫން، މަންމަ ގެންނަން އުޅޭ އަންހެންކުއްޖެއް، ސޯ މަންމައަށްޓަކާ މި ޕްރޮޕޯސަލް އެކްސެޕްޓްކުރޭ. އެކުއްޖާއަކީ ދަރިފުޅުގެ އެކްސެޕްޓޭޝަނާއި އަޅާކިޔާނުލެވޭވަރުގެ ކުއްޖެއްނަމަ ހެވޭ ބޭނުން ދުވަހަކު ހަމަ ދޫކޮށްލަންވީ. ދާނަޝް ބޭނުންކުއްޖަކު ގެއަށް ގެންނަންވީ. އެކަމަކު މިހާރު މަންމަ ބައްޕަ ނިދިޔަކަވެސް ނުދޭ ދާނަޝް މީހަކާއި ނީދެގެން..." ސުލްތާންގެ ވާހަކަތަކުން މިފަހަރު ފައިރޫޒާ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

"އޯކޭ އޯކޭ....." ދާނަޝްވެސް އަތް އުފުލާލަމުން ހަތިޔާރު ބެހެއްޓިއެވެ.

"މަ ބުނީމެއްނު އަހަރެންގެ ދާނަޝް ބަސް އަހާނެއޭ. އައިމް ސޯ ޕްރައުޑް އޮފް ޔޫ މައި ސަން...." ސުލްތާން ދާނަޝްގެ އިސްތަށިގަނޑުގައި ބޮސްދިނެވެ.

"ތެންކިއު ބައްޕާ، ބަޓް އިޓްސް ލައިކް އެ ޑީލްކަން އަޅުގަނޑުވެސް ހަދާންކުރާނަން..........." ދާނަޝް މަންމައަށް ބަލާލަމުން އެއް ލޯ މަރާލިއެވެ.

"ފޮނިކުއްޖާގަނޑު...." ފައިރޫޒާވެސް ދާނަޝްއާއިމެދު ފަޚުރުވެރިވަނީ މިފަދަ ވަގުތުތަކުގައެވެ. ބޭބެމެންނާއި އޭނަ ތަފާތުވަނީ އޭނަ އަންހެންކުދިންގެ ކަންތައްގަނޑުގައި ބަސްއަހާވަރުންނެވެ. ނަމަވެސް ބައެއްފަހަރު ބަސްއަހާވަރުން އޭނަ ބިރުވެސް ގަނެއެވެ. ސަބަބަކީ ދާނަޝްއާއި އިމާން ގުޅުވައިގެން ދެކެވޭ ވާހަކަތަކެވެ. ފައިރޫޒާ ކުރިން އެވާހަކަތައް ގަބޫލެއްނުކުރެއެވެ. މަންމައަކު ދަރިއަކާއި ދޭތެރޭ އެހާ ނުބައި ނަޒަރަކުން ނުދެކޭނެއެވެ. އަމިއްލަ ދަރި ދޮންފުތުވާނެއެވެ. ނަމަވެސް ފަހުން އޭނައަށްވެސް އެފްބީއިން އިމާން ކޮށްފައި ހުންނަ ކޮމެންޓްތައް ފެންނަން ފެށުމުން ޝައްކުވާން ފެށީއެވެ. ހޮސްޕިޓަލަށް ދިޔަ ދުވަހެއްގައި އިމާން ދާނަޝްގެ ކޮނޑުމަތީގައި ބޯ އަޅާލައިގެން އޮތީ ހަމަ ލޯބިވެރިޔަކު ފަދައިންނެވެ. އެދުވަހު ފައިރޫޒާ އަނބުރައިނުގަތީ ކިރިޔާއެވެ. ގެއަށް އައިފަހުން މޫޑު މުޅިން ޚަރާބުވެ ހިތަށް ކުރި ނުބައި އަސަރުތައް އެތައް ދުވަހަކަށް ދެމިގެން ދިޔައެވެ. ސިއްރުން ޖާސޫސް ކުރަން ފެށުނެވެ.

ދެންވެސް ފައިރޫޒާއަށް ފެންނަން ފެށީ އިމާން އާއި ދާނަޝް މާ ގައިގޯޅިވެގެން އުޅޭތަނެވެ. އިމާން ހުންނަނީ ދާނަޝްއާއި ހިތާވެ އަވަދިވެފައެވެ. އެވަރުން އަމިއްލަ މަންމައަށް ޝައްކުކުރެވޭނެ ނޫންހެއްޔެވެ؟ ދާނަޝް ކައިރީ ކޮންމެ ވާހަކައެއް ދައްކަން ކެރުނަސް ދާނަޝްއާއި އެފަދަ ސުވާލެއްކުރުން ރީތިކަމަކަށް ފައިރޫޒާ ނުދެކުނެވެ. ކެތްކޮށްލައިގެން ހުރެ އޭނަ ދާނަޝްއަށްޓަކާ އަންހެންކުއްޖަކު ހޯދަން ނިންމި ސަބަބަކީ އެއީއެވެ.

އިމާން އެގެއަށް އައުން މަނާކުރަންވެސް ބޭނުންވިއެވެ. ނަމަވެސް އޭރުން ދާނަޝް ހިތްހަމަނުޖެހިދާނެހެން ހީވެފައި ފައިރޫޒާ އެފަދަ ފިޔަވަޅެއްވެސް ނާޅާ ދޫކޮށްލައިގެން ހުރީއެވެ. އިމާންގެ މައްސަލައަކީ އަދިވެސް ލޯބިވެރިޔެއް ނުހޯދާކަމެވެ.

ރަނީން ތައްޔާރުވެލާން ހުރިއިރުވެސް ހިތް ހީވަނީ މޭކަށިގަނޑު ފަޅާލާފައި ނުކުމެދާނެހެންނެވެ. އިޒްޔަންއާއި ބައްދަލުކުރަން ދާންވުމުން ކުރީގެ ހަނދާންތައް އާކުރުވަނީ މާ ވަރަކަށެވެ. ކޮލެޖަށް ދާއިރު ކުޑަކޮށް މޭކަޕްކޮށްލާ ހެދެނީ އިޒްޔަންގެ ކުރިމަތީގައި އިންނަންވާތީއެވެ. ޝޯލް އަޅަންވެސް އެތައް އިރެއްނަގާނެއެވެ. ޑިއުޓީއަށްދާއިރު އެހާ ފަރުވާލެއް ނުބެހެއްޓެއެވެ. މިއީ ރަގަޅުގޮތެއްހެއްޔެވެ؟ ހިލޭ ފިރިހެނަކަށް ޒީނަތްތެރިކަން ފާޅުކުރުން ހުއްދައެއްވެސް ނުވާނެއެވެ. ރަނީން ނުވިސްނެނީ ކީއްވެހެއްޔެވެ؟ އެއީ ނަތާލީގެ ހައްގެކެވެ. ބައްދަލުކުރަން ދާނެކަމެއް ނެތެވެ.

ނޫނެކެވެ. އޭނަ ދާނެއެވެ. އިޒްޔަންގެ ކައިރީގައި އޭނަ ދައްކަން ޖެހޭ ބައިވަރު ވާހަކަތައް އެބަހުއްޓެވެ. ރަނީން އަނދުނުގެ އެރީތި ދެލޯ ފަވާލާފައި މޮއިޒްޗަރައިޒެއް ލުމުން މޫނުގެ ވިދުން އިތުރުވިއެވެ. ލިޕްގްލޮސްކޮޅެއް ހާކާލުމުން ތުންފަތް ޔާގޫތެއްހާ ރީތިވިއެވެ. އަމިއްލަ މޫނު ފެނުމުން ކުޑަކޮށް ލަދުގަތެވެ.

އެވަގުތު ފޯނު ރިންގްވާންފެށިއެވެ.

"ކާކުތަ މިއޮތް ގަޑިއެއްގާ ގުޅަނީ؟ "ރަނީން ކުޑަކޮށް ބުމަ ކައިރިކޮށްލާފައި ކިޔާލަމުން ފޯނުގެ ސްކްރީނަށް ބަލާލައިފިއެވެ.

ކޮމެންޓް 0