"އިޒްޔަން މިރޭ ގޭގައި މަޑުކޮށްލާ...." ނާޒްލީގެ ޖުމްލައިވިފައި ރަނީންގެ ހިތް އުފަލުން ނަށާލައިފިއެވެ. އެރީތި ދެލޯވެސް ވިދާލިއެވެ. ކޮންމެ ރެއަކު މޫސުން ގޯސްވެ އިޒްޔަން ގޭގައި މަޑުކުރާނެނަމައެވެ. އިޒްޔަން ދޭނެ ޖަވާބަކަށް އިންތިޒާރުކުރާފަދަ ގޮތަކަށް ރަނީން އިޒްޔަންގެ މޫނަށް ބަލައިލެވުނުއިރު އިޒްޔަންވެސް އެދިމާލަށް ބަލައިލީއެވެ. މުށިކުލައިގެ ހަތަރު ލޯ ސިކުންތުކޮޅަކަށް ގުޅިގެން ދިޔަވަގުތު ރަނީން ކުރިއަށްވުރެ ފިނިވެލިއެވެ. ރަކިވިވަރު ފޮރުވުމުގެ ގޮތުން އޭނަ ގަސްތުކުރީ ކޮންމެވެސް އެއްޗެކޭ ބުނެލާށެވެ.

"ފްރެންޑަކާއިއެކު ކޮފީއަކަށްދާން އުޅޭ ވާހަކަ ދެންމެ ބުނީމެއްނު......." ރަނީންގެ ޖުމްލައިން އިޒްޔަން ހީލާފައި އެއްބުމަ އަރުވާލިއެވެ.

"ޕްލޭންކުރިން ބޭރަށް ދާން އެކަމަކު......" އިޒްޔަން ފޯނަށް ބަލާލިއެވެ. ހީވާގޮތުން މެސެޖްތައް އަންނަލެއް ގިނައީއެވެ. އެވަރަށް މެސެޖްކުރަނީ ކޮން އެކުވެރިންނެއްބާވައެވެ.

"އިޒްޔަން، އެކުވެރިއަކު ދައުވަތުދީފައި އޮތިއްޔާ ގޮސްލާފައި އާދޭ، ނޫނީ އިތުބާރު ގެއްލިދާނެ، އިޒްޔަން ކޮންމެރެއަކު ބޭރުގައި ނިދަން އާދަކޮށްފައިވާތީ މަންމަ ބުނެލި އެއްޗެއް...." ނާޒްލީ ހުއްދަދިނެވެ. ނާޒްލީގެ އެހެރަ އުސޫލުތަކާއި ހަރުދަނާކަމުން ރަނީންގެ ހިތް ތައުރީފުކުރިއެވެ. ދަރިންނަށް ކަންތައްތަކަށް މަޖުބޫރުކޮށްފައިވެސް އެކުއްޖަކު ބޭނުންވާ ފުރުސަތު ދޭން މަސައްކަތްކުރެއެވެ. އިޒްޔަންގެ މޫނަށް ވެރިވި ކުލަވަރާއި ހިނިތުންވެލިގޮތުން އޭނަ އިނީ މިވިއްސާރައިގާ ވެސް ބޭރަށް ދާން ބޭނުންވެފައިކަން ރަނީން ދެނެގަތެވެ.

އަޒީޒު އިޝާ ނަމާދުކޮށްލައިގެން ގެއަށް އައިއިރު އިޒްޔަން ބޭރަށް ދާން ތައްޔާރުވެލައިގެން ނުކުތެވެ. ދޮރުމަތީގައި ހުރެ ވާރޭ ކޯޓު ގަޔަށް މަހާލާތަން ފެނިފައި ރަނީން އަވަހަށް އޭނައާއި އަރާ ހަމަކުރިއެވެ.

"ކޮންތާކަށް ލިޓްލް ގާލް....." އިޒްޔަން ސުވާލުކޮށްލިއެވެ.

"ޝްޝްޝް.....ދޮންމަންމަ ހުއްދައެއް ނުދޭނެ މިހާ ވިއްސާރައިގާ ބޭރަށް ދާން......." ރަނީން އަވަހަށް ދޮރުން ބޭރަށް ނުކުމެފައި ފިޔާތޮށިކުލައިގެ ވާރޭ ކޯޓު ނެގިއެވެ.

"އަހަރެންވެސް ހުއްދަދޭހިތެއް ނުވޭ، ވަޔާއިއެކު އުދުހިގެންގޮސް އެހެން ޕްލެނެޓަކަށް ލައްގައިފިއްޔާޔޯ، ތިހިރީ ތިކުއްޖާގެ ހިކިކަން......" އިޒްޔަން އާއި ދެމީހުން އެކީގައި ގޮސް ސިޑިން ތިރިއަށް ފައިބަމުން އިޒްޔަން ބުނެލިއެވެ.

"މިދަނީ އައިސްކްރީމެއް ގަނެލަން، މިރޭ އެހެން އެއްޗެއް ކާހިތެއްނުވޭ....." ރަނީން ވިސްނާލާފައި ބުނެލިއެވެ.

"ފިނިރެއެއްގައި އައިސްކްރީމް ކާހިތުން އުޅޭ ކުއްޖެއް.......ހޫމް، އެހެންވިއްޔާ އަހަރެންވެސް ތި އައިސްކްރީމެއްގެ ރަހަ ބަލާލަން ވެއްޖެ، ކޮން ފިހާރައަކަށްތަ؟ " އިޒްޔަން ގެ ޖުމްލައިން ރަނީން އަށް ލިބުނީ ބަޔާންނުކުރެވޭފަދަ އުފަލެކެވެ. ވަރައެއް ލިބިފައިވާނަމަ އުދުހެވުނީހެވެ. ހުވަފެނީ ގޮތެއްގައި ކުރިއަށް ގޮސް ސައިކަލެއްގެ ދަށުނުވީ އިޒްޔަން ހުޝިޔާރުކަމާއިއެކު އަތުގައި ހިފާ ގާތަށް ދަމާލުމުންނެވެ. އެކުޑަ އެކްސިޑެންޓުން ރަނީންގެ ހިތަށް ލޮޅުމެއް އެރިއެވެ. އިޒްޔަންގެ އަތުގެ ބާރު އިހުސާސްކުރެވި އެކަމަށް އިތުރަށް ހިތް އެދުނެވެ. އިޒްޔަން ކުރިއަށް ހިނގަމުން ދިޔައީ ރަނީންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން ހުރެއެވެ. އެވަގުތު ކޮޅު ދުވަހަކު ނުނިމޭނެނަމައެވެ. އަނދިރިކަން ވެރިވެފައިވާ މަގުގައި ރަނީން އިޒްޔަންގެ މޫނަށް ބަލައިލިއިރު އެދެލޮލުގައި ލޯބި ނޫން އެއްޗެއްނުވެއެވެ.

ފިހާރައަށް ވަދެފައި ދެޒުވާނުން އައިސްކޯން ގަނެގެން ކާންވެގެން މަޑުކޮށްލީ އަސްކަނީގައެވެ. ދިހަވަރަކަށް މިނިޓްފަހުން އިޒްޔަން ރަނީން އެޕާޓްމެންޓަށް ވައްދާފައި ނުކުމެގެން ދިޔުމުން އެކުއްޖާ ހުރީ އުފަލުން ފުރިފައެވެ. މިރެއަށް ވާވަރަށް އޭނައަށް ހިތްހަމަޖެހުން ލިބިއްޖެއެވެ. ކޮޓަރިއަށްވަދެ އެތައް އިރެއްވާންދެން އެނދުގައި އޮށޯތްގޮތަށް ސީލިންއަށް ބަލަހައްޓައިގެން ހުވަފެނީގޮތަކަށް އޮތެވެ. އިޒްޔަންއާއިމެދު ވިސްނުމުން ހިތަށް ހާދަ އުފާވެރި އިހުސާސްތަކެއް ކުރެވުނެވެ. އަބަދު ހަނދާންކުރެވުނީ އިޒްޔަން މަތިންނެވެ. ގަޑިއެއްހާއިރު ފަހުން ދަތް އުނގުޅަން ވެގެން ފާޚާނާއަށް ވަދެފައި ކުރަތްޕެއް ފެނިގެން ހޭކަނޑާލާފައި ދުއްވައިގަތްއިރު ބުރުސް އަތުން ދޫވެގެން ތަޅުންމައްޗަށް ވެއްޓުނެވެ. ބިންމައްޗަށް ވެއްޓުމުން ފަކުރުގަނެފައި އެއިން ދަތްއުނގުޅާކަށް ރަނީންއަކަށް ނުކެރުނެވެ. ދަތް ނޫގުޅާ ނިދުމަކީ ކުރެވޭނެކަމެއްނޫނެވެ. ލިބުނު ލަނޑަކާއިމެދު ހިތް ހަލާކުވާވަރުވެފައި ބައްޕަގެ ކޮޓަރިއަށްގޮސް އާ ބުރުހެއް އޮތްތޯ ބަލައިލިއިރު އޮތްކަމަކަށް ނުވިއެވެ. އެންމެފަހުން ހަދަންވީގޮތެއް ވިސްނިފައި ސިއްރު ސިއްރުންގޮސް އިޒްޔަންގެ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ދޮރު ހުރީ ތަޅުލާފައެއްނޫނެވެ. ކޮޓަރިއަށްވަން ގޮތަށް އޭނަ އެތާހުރި ބޮޑީސްޕްރޭފުޅިން ގައިގެ އެތަން މިތަނަށް ޖަހަންފެށިއެވެ. ލައިގެން ހުރި ނިދާހެދުމުގެ މަތިން އިޒްޔަންގެ ޓީޝާޓެއްވެސް ވައްޓާލުމުން ހީފިލި ވަރުން ރަނީން ހުރީ ހެވިފައެވެ. އިޒްޔަން ގެއަށް އަންނައިރު އޭނަ މިތަނަށް ވަންކަމުގެ ހެއްކެއް ނުފެންނާނެއެވެ. އޭނަ މިތަނަށް ވަންކަމެއް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ރަނީން އެއްޗެހި ހާވާލިޔަކަސް އިޒްޔަންގެ އަމިއްލަ އެއްވެސް އެއްޗެއް މިކޮޓަރިއަކުން ނުފެނުނެވެ. މިސްރާބު ޖެހީ ފާޚާނާއާއި ދިމާލަށެވެ.

"އިޒްޔަންގެ ބުރުހުން ދަތް އުނގުޅިޔަސް އޭނައަކަށް އެނގުމެއްނުވާނެ، އެނގުނަސް ކޮބާ މައްސަލައަކީ؟ އިމަރޖެންސީއެއްގައި ޝެއަރ ކުރުން އޯކޭވާނެ، ފަކުރުގަންނާނީ ދަތް ނުގުޅާ ހުންނަ ހަޑިގިއްލާ އެއްގެ ބްރަޝް ޔޫޒްކުރަން ވެއްޖެއްޔާ، އިޒްޔަންގެ ދަތްތައް ހުދުކަމުން އެނގޭ ބްރަޝްކުރާވަރު............." ރަނީން ދަތް އުނގުޅަން ހުރިއިރު ވަށައިގެންވާކަމަކާއިމެދު ސަމާލުކަމެއް ނެތެވެ. ބާރަށް ޖެހެމުންދާ ވަޔާއިއެކު އިވެމުންދާ އަޑުތަކަށް ހޭވެރިކަމެއް ނެތެވެ. ކުޑަކޮށް ނަށާލަން ހުރެ ދަތް އުނގުޅަނިކޮށް އިޒްޔަން ދޮރުމައްޗަށް އަރާފައި ހަށަން ބަދެލައިގެން ހުއްޓުނެވެ.

"ރަނީން، އަހަރެން ނެތީމަ ވަރަށް ކަންތައް އެބަ ހިންގާލާ ދޯ........" އިޒްޔަންގެ އަޑު އިވުމުން ރަނީން ސިހިފައި އެނބުރި ބަލާލިއިރު އަނގަމަތީގައި ހުރީ ދަތްއުނގުޅާ ބޭހުން ފޮނު އަރުވާލާފައެވެ. ލިބުނު ޝޮކްގައި ސިކުންތުކޮޅަކަށް ދެލޯބޮޑުކޮށްގެން ހުއްޓާ އިޒްޔަން ހޭންފެށިއެވެ. ރަނީން އަވަހަށް އަނގަ ދޮވެލާފައި އެނބުރުނުއިރު މޫނު ހީވީ ޖަންބެއްހެންނެވެ. ލަދުންނާއި ހާސްވިވަރުން އޭނަ ހުރީ ކިޔާނެ އެއްޗެއްވެސް ނޭގިފައެވެ.

"އަދަބެއް ލިބޭނެ އިނގޭ...." އިޒްޔަން ލާނެތްވެލިއެވެ.

"ލެޓް މީ އެކްސްޕްލެއިން...." ރަނީން ކަންބޮޑުވެގެން ތުންފަތުގައި ދަތްއަޅައިލިއިރު ހީވީ ދެންމެ ދެންމެ ރޮވިދާނެހެންނެވެ.

"އޯކޭ، އައިމް ލިސެނިން....." އިޒްޔަން ރަނީން ނުކުންނަން ތަންދައްކާފައި ހުއްޓިލައިގެން ހުރީ ހިތްގައިމުގޮތަކަށެވެ. ރަނީން އޭނަގެ ކޮޓަރިން ކުރަތްޕެއް ފެނުނު ވާހަކަ ކިޔާދިނުމުން އިޒްޔަން ހުރީ މަޖާވެފައެވެ. އޭނަގެ ޓީޝާޓު ލައިގެން ހުރެ އެހާވަރަށް ބޮޑީސްޕްރޭ ޖެހީވެސް ކުރަތްޕަށް އޮޅުވާލަންވެގެން ހެއްޔޭވެސް އަހާލައިފިއެވެ.

"އިޓްސް ނޮޓް ފަނީ އިޒްޔަން، މިތަނަށްވަދެފައި އެފުޅި ފެނުނީމަ ވަސް ބަލާހިތްވީ، އަދި ހީފިލުވަގެންވެގެން ވަގުތީގޮތުން ޓީޝާޓްވެސް މަތިން ލައިގެން އުޅުނީ...." ރަނީން އަވަސްއަވަހަށް ޓީޝާޓް ބާލާފައި އިޒްޔަންގެ އަތަށް ދިއްކޮށްލުމުން އިޒްޔަން ހިފިއެވެ. އޭރުވެސް ޓޫތް ބްރަޝް އޮތީ ރަނީންގެ އަތުގައެވެ.

"ސޮރީ އިޒްޔަން....." ރަނީން އިޒްޔަންގެ މޫނަށް ބަލައިލިއިރު އެތުންފަތުގައިވި ރީތި ހިނިތުންވުމުން ރަނީންގެ ހިތަށް އުފަލެއްލިބުނެވެ. ހުރިހާ ހާސްކަމެއް ފިލިއެވެ. އޭނަ ހީކުރީ އިޒްޔަން ރުޅި އަންނާނެކަމުގައެވެ. ނަމަވެސް ހީކުރިގޮތަކަށް ނުވިއެވެ. އިޒްޔަން އަކީ އެއަށްވުރެ ހިތްހެޔޮ ޒުވާނެއްކަން ސާބިތުކޮށްދީފިއެވެ. އޭނަ އެހާބޮޑުކަމެއް ކޮށްލީމަވެސް ރުޅި އައުމުގެ ބަދަލުގައި އޯގާތެރިކަން ދެއްކުމުން ހިތުގައިވާ ގަދަރު ކުރިއަށްވުރެ ބޮޑުވިއެވެ. ރަނީން ނުކުތްއިރު ބައްޕައާއި ދޮންމަންމަ ސިޓިންރޫމްގައި ތިބިތަން ފެނިފައި ބިރުން އަވަދިވާވަރުވިއެވެ. އޭނަ ޖެހުނީ ކޮރަކޮރައިގެން ގޮސް އަނެއްފަރާތުންގޮސް ބެލްކަންޏަށް ނިކުންނާށެވެ. އިޒްޔަންގެ ކޮޓަރިއަށް ވަންކަން އެނގިއްޖެއްޔާ ދެން ކުރިމަތިލާންޖެހޭނެ މައްސަލައެއް އެނގެނީއެއް ނޫނެވެ. ދޮންމަންމަގެ ރުޅި އިންތިހާއަށް ދާނެއެވެ. އިރުކޮޅެއް ނުވަނީސް ދޮންމަންމަ އޭނަ ގެއްލިގެން ހޯދަމުން އައިސް ބެލްކަންޏަށް ނުކުމެފައި އަވަހަށް އެތެރެއަށް ވަންނަން އެންގިއެވެ.

ރަނީން ކޮޓަރިއަށްވަދެ އެނދުގައި ޖައްސާލުމަށްފަހު އޭނަ މިއައީ އަދި އިޒްޔަންގެ ބުރުސް ހިފައިގެންކަން އެނގިފައި ހީލެވުނެވެ. މީހެއްގެ އެއްޗެއް މިލްކުކުރާކަށް ނުވާނެއެވެ. މާދަން ރައްދުކޮށްދޭން ނިންމާލާފައި އޭނަ ޚިޔާލުތަކުގެ ތެރެއަށް ފީނައިގަތެވެ. އެހެން އޮވެ އެތައް އިރެއްވީއިރުވެސް ރަނީންގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. އިޒްޔަންގެ ޚިޔާލުތަކުން ހިތަށް ލިބޭ ފޮނިމީރުކަމުން އުފާވެފައި އޮވެ އެހަނދާނުގައި ވަގުތުތައް ވޭތުވަމުން ދިޔަގޮތެއް ރަނީންއަކަށްވެސް ނޭގުނެވެ. ފަތިސް ނަމާދަށް ބަންގިގޮވީ އެހެން ރަނީން އޮތްވައެވެ.

ހެނދުނު ސްކޫލަށް ދާން ޖެހޭތީ ރަނީން އަނެއްކާ ބޭނުން ކުރަން ޖެހުނީ އިޒްޔަންގެ ބުރުހެވެ. ރަނީންގެ ތުންފަތަށް ހިނިތުންވުމެއްވެރިވުމާއިއެކު ބުރުހުގައި ފިރުލާމީ އިޒްޔަން ކައިރީގައި ހުރިނަމަވެސް ފިރުމާލާނެހާ ލޯބިންނެވެ.

ކަހާލާފައިވާ ފަރުދާތަކުގެ ސަބަބުން އިރުގެ ރަންއަލި ބިއްލޫރި ފުރާނާލާފައި ކޮޓަރިތެރެއަށް ފަނޑުއަލިކަމެއް ވެރިކޮށްލައިފިއެވެ. އެތައް ދުވަހަކަށްފަހު ވިލާތަކުގެ ތެރެއިން އިރު ބޯދިއްކޮށްލައިގެން ހުރެ ދުނިޔެއަށް އަލިކަމެއް ގެނެސްދޭންމަސައްކަތްކުރަނީއެވެ. ނަމަވެސް އަދިވެސް ވައިގެ ހަމަލާތައް ދޭތެރެއަކުން ކުޑަދޮރުތައް ތަޅުވާލައެވެ. އިޒްޔަން ނާސްތާ ކޮށްލައިގެން އައިގޮތަށް ލެޕް ހުޅުވާލައިގެން ދުވަހުގެ ނޫސްކިޔަންފެށިއެވެ. އާދައިގެ މަތިން ސިޔާސީ ވާހަކައެވެ. ކޮންމެވެސް މީހަކު ކުޑަކުއްޖަކާއި ބެހިގެން އުޅޭ ވާހަކައެވެ. ސަންއަށް ލިޔާ ލިޔުންތެރިއެއްގެ ލޯބީގެ ވާހަކައެވެ. އޭގައި ހުރި އިޝްގީ ތަސްވީރު ފެނިފައި އިޒްޔަން ތަސްވީރަށް ބަލަން އިރުކޮޅެއްވާންދެން އިނެވެ.

އެންމެފަހުން މެއިލް ހުޅުވާލީ ކޮންމެހެން ނުދަންނަ ފަރާތަކުން މެއިލް އެއް ލިބިދާނެކަމުގެ އުއްމީދުގައެއް ނޫނެވެ. އެމެއިލް ވެގެން ދިޔައީ އޭނަގެ ހަޔާތުގައި ލިބުނު ފުރަތަމަ ލޯބީގެ ސިޓީކަމުގައެވެ. އިނގިރޭސިން ލިޔެފައިވާ އެލިޔުންކޮޅު އިޒްޔަން ޝައުގުވެރިކަމާއިއެކު ކިޔާލިއިރު ހިތުގައި ބީހިލައިގެން ދިޔައެވެ.

ޑިއަރ ލަވް

ފުރަތަމަ ދުވަހުން ފެށިގެން މިހިތަކީ އިޒްގެ މިލްކެއްކަމުގައި ވެއްޖެއެވެ. ތިއީ މިހިތުގެ ވެރިޔާކަމުގައި ވެގެން ހިނގައްޖެއެވެ. ހިތުގައި ޖަހާ ކޮންމެ ވިންދެއްޖަހަނީ އަހަރެންގެ ލޯބިވެރިޔާއަށްޓަކައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އިޒްއާއިމެދު ޚިޔާލުކުރެވެމުންގޮސް އަހަރެންގެ ހިތް މިވަނީ މޮޔަވާ ހިސާބަށް ގޮސްފައެވެ. އަބަދާއަބަދު ތިނޫން ޚިޔާލެއް ނުކުރެވެއެވެ. ސިކުނޑިއާއި ހިތުގައި ތި ނޫންނަމެއް ނުވެއެވެ. އިޒްގެ ފުރިހަމަކަމާއި ރީތިކަން ފެންނަ ކޮންމެ އިރަކު އަހަރެން ހިތަށް އެރިއެވެ. އިންސާނުން މިހާ ފުރިހަމަވާނެ ހެއްޔެވެ؟ ހުރިހާ ރީތި ސިފަތައް އެކަކަށް ލިބިދާނެހެއްޔެވެ؟ އަހަންނަށް ސިފަވީ ހަމަ "އެންޖެލް" އެއްގެ ގޮތުގައެވެ. ވާހަކަތަކުން އެސިފަކުރާފަދަ ފިރިހެނަކު އޭގެ ސަފުހާއަކުން ފައިބައިގެން މި ބިމަށް އައިހެންނެވެ. ހިތް ހަމަ ނުހުއްޓުނީ ކިރިޔާއެވެ. މިހެން ބުނުމުން ހިތަށް އަރާނީ ވާހަކަ ނޫނީ ފިލްމް ބަލަބަލާފައި އެފަދަ ލޯތްބެއް ވުޖޫދަށް ގެންނަން އުޅޭހެންނެވެ. ދެވަނަ ޖޫލިއެޓްއެއް ދުނިޔެ ނުދެކޭނެކަމުގައެވެ.އަހަންނަށް އެހާވެސް ލޯބިވެވިއްޖެއެވެ. އިޒް އަހަންނަށް ކޮންމެވެސް ކަހަލަ ޖާދޫއެއް ހަދައިފިއެވެ. އަބަދަށްޓަކާ އަހަރެންގެ ހިތަށް މި އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭން ތިގޮތުގައި އަހަރެންގެ ހަޔާތުގައި ދެމިހުންނާށެވެ. އަހަރެންގެ ސޯލްމޭޓަށްވެދޭށެވެ. ޖަވާބަކަށް އެދި އިންތިޒާރުކުރަމެވެ.

ލޯތްބަކީ އިންސާނާއަށް ކުރެވޭނެ އެންމެ ފޮނި އިހުސާސެވެ. ރަހުމަތެކެވެ. ހިތަށް ލިބޭ ފިނިކަމެކެވެ. އިޒްގެ ސަބަބުން މިހިތަށް ލިބިފައިވާ ފިނިކަން ބަޔާންކޮށްދޭނީ ކިހިނެއްހެއްޔެވެ؟ އަހަންނަށް ލޯތްބަކީ ކިހާ ރީތި އެއްޗެއްކަން އެނގުނީ އިޒްގެ ސަބަބުންނެވެ.

"ބޭބީ ގާލް"

އިޒްޔަން ދެތިންފަހަރު އެމެއިލް ކިޔާލުމަށްފަހު އެ ބޭބީ ގާލްއާއިމެދު ވިސްނާލިއެވެ. އެއީ ކާކުހެއްޔެވެ؟ ފުރަތަމަވެސް ސިކުނޑިއަށް ވެރިވި ނަމަކީ ނަތާލީއެވެ. އޭނަގެ ތެދުވެރިކަމާއި ވަފާތެރިކަން އިމްތިހާނުކޮށްލަން ނަތާލީ ކޮށްލި ސަމާސާއެއްހެއްޔެވެ؟ އޭނަގެ ލޯބި އެހެން އަންހެންކުއްޖަކަށް ނުލިބޭނެކަމުގައްޔާއި އޭނަ އުޅެނީ މީހަކާ އިންނަންކަމަށް ބުނަންވީހެއްޔެވެ؟ ޖަވާބުދޭން އުޅެފައިވެސް ނުދަންނަ އަންހެންކުއްޖަކަށް މެއިލް ކުރުމަކީ ރަގަޅުކަމެއްކަމަށް އިޒްޔަން ނުދެކުނެވެ. އެފަދަ މެއިލްއެއް ކޮށްފާނެ މީހަކާއިމެދު އެކިގޮތްގޮތުން އޭނަ ވިސްނިއެވެ. އެފަދަ ކުއްޖެއް ހިތަށް ނުގެނެވުމުން ބުމަ ކައިރިކޮށްގެން އިނދެފައި ލެޕް ލައްޕާލައިފިއެވެ.

އިޒްޔަން ފެންވަރާ ތާޒާވެލައިގެން ނާސްތާ ކުރަންއިންއިރު މެއިލްގެ މަތިން އެއްކޮށް ހަނދާން ނެތިއްޖެއެވެ. ނާޒްލީ ދައްކަމުން ދިޔައީ އާދައިގެ މަތިން ދީނީ ވާހަކަތަކެވެ. ކިރިޔާވެސް ވަގުތެއް ލިބިއްޖެއްޔާ މަންމަ ދީނީ ވާހަކަތައް ބުނެދީ ހަދާނެއެވެ. ކުރިން އެ ވާޖިބު އަދާނުކުރެވި އޮތުމުން އެކަންތައް ފުރިހަމަކުރަނީއެވެ.

"އިޒްޔަން، ދެން ކިޔަވާނިމިގެން އަންނަންވާއިރަށް މަންމަ އަންހެންކުއްޖަކު ހޯދަދެންތަ؟ "ނާޒްލީ ކޮށްލި ސުވާލަކުން އިޒްޔަން ހިނި އައެވެ. މި ޒަމާނުގައިވެސް މައިންބަފައިން ދަރިންގެ ފަރާތުން އަންހެންކުދިން ހޯދަދޭން އުޅެންޖެހޭ ހެއްޔެވެ؟

"މަންމާ، އެކަހަލަ ބައިވެރިޔެއް ހޯދާފައި ހުރެއްޖެއްޔާ....." އިޒްޔަން ބުނެލިއެވެ.

"އިޒްޔަން އެހާ ޚާއްސަ ކުއްޖެއްހުރިނަމަ މަންމައާއި ބައްދަލުކުރުވަން ގެންނާނެއްނު....." ނާޒްލީ ބުނެލި އެއްޗަކުން އިޒްޔަން ނުތަނަވަސްވިއެވެ. މަންމައާއި ބައްދަލުކުރަން ނަތާލީ ގެނެސްފިއްޔާ މަންމަ ބުނާނީ ކީކޭހެއްޔެވެ؟

"އަދި ވަގުތު ނުޖެހެނީ......" އިޒްޔަން ކުޑަކޮށް ރަކިވާގޮތްވިއެވެ. މަންމައާއި ގާތްގުޅުމެއް އޮތަސް އެފަދަ ވާހަކައެއް ދައްކަންވުމުން އޭނަވެސް ކޮންމެވެސް ވަރަކަށް ޖެހިލުންވާގޮތްވިއެވެ.

"ރަނީން ކިހިނެއްވާނެތަ؟ ރަގަޅު އަންބަކަށްވާނެކަހަލަ ކުއްޖެއް އެއީ...." ނާޒްލީ އެ ބުނެލީ އިޒްޔަން ފަހަރެއްގައިވެސް އުއްމީދުކުރި އަންހެންކުއްޖެއްގެ ވާހަކައެއް ނޫނެވެ. އޭނަގެ އަންހެނުންނަށްވާން މަންމަ އެހުށަހެޅީ އެރޮގުން އޭނަ އެންމެފަހުން ވިސްނާނެ ކުއްޖާއެވެ. އިޒްޔަން އެވާހަކަ ސީރިޔަސްކޮށް ނެގުމުގެ ބަދަލުގައި ހީލާފައި ބުނީ ދެވަނަ އަންބަކަށް ހަދާނީ ރަނީންކަމުގައެވެ.

"ދެތިން އަހަރުފަހުން އިޒްޔަން މީހަކާއި ނީނދެ ހުރެއްޖެއްޔާ ރަނީން އެއީ އެންމެ އެކަށީގެންވާކުއްޖާ، މަންމަ ކޮންމެހެން ބާރުއަޅަނީއެއްނޫން، ނަމަވެސް މިޒަމާނުގައި ރަގަޅު އަންހެންކުދިން ހޯދުން އެހާ ފަސޭހައެއްނުވާނެ، ތެދުވެރި ވަފާތެރި ބައިވެރިޔަކު ހޯދުންވާނީ ހަމަ މުތެއް ހޯދަންވެގެން ކަނޑުގައި އަތް ފުނާއެޅުން ކަހަލަ ކަމެއް، ރަނީން އަދި ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓަސް އެކުއްޖާގެ ރަގަޅު ސިފަތައް ގިނައީ، އެކަމަކު އިޒްޔަން ޚާއްސަ ފަރާތެއްހުރިކަމުގައި ވާނަމަ ހަމަ އުފަލުން ގަބޫލުކުރާނަން، ހަޔާތުގެ ބައިވެރިޔަކު ހޯދުމަކީ އިޒްޔަންގެ ހައްގެއް، އެފަރާތާއިއެކު މުޅި އުމުރު ހޭދަކުރަން ޖެހޭނީ އިޒްޔަންވިއްޔަ....." ނާޒްލީ ވިސްނުންތެރި ނަޒަރަކުން އިޒްޔަންގެ މޫނަށް ބަލައިލިއެވެ. އިޒްޔަންވެސް އެހެން ޒުވާނުންފަދައިން ލޯބިވެރިންނާއިއެކު ސަކަރާތްޖަހާ ހިތަށް އެރިގޮތަކަށް އުޅޭނެހެއްޔެވެ؟ އެމޫނަށް ބަލައިލުމުން އެވަގުތު ހަނދާންވީ އެންމެ ފަރާތެކެވެ. ނާޒްލީ ދުރަށް ބަލައިލިއިރަށް ލޯ ފެންކަޅިވެއްޖެއެވެ. އޭނަ ސައި ބުއިން ހުއްޓާލާފައި ފޯނާއި ކުޅެމުން ތެދުވެގެން ދާންފެށިއެވެ. އިޒްޔަންއަށް މަންމައަށް ވީގޮތް ދެނެގަތުން އުދަގޫކަމަކަށް ނުވިއެވެ.

ވާރޭ ވެހެމުންދިޔައިރުވެސް އިޒްޔަންއަށް ހޫނުވާން ފެށިއެވެ. އެހެންވާންވީ ސަބަބެއް އޭނައަކަށް ނުވިސްނުނެވެ. އެންމެފަހުން ޓީޝާޓު އެއްޗެހި ގައިން ވަކިކޮށްލާފައި ގޮސް ޝަވަރުދަށުގައި ހުއްޓިހުރެ ޝަވަރަށް ދޫކޮށްލުމުން އެތައް ހާސް ފެންތިކިތަކެއް އެރީތި ހަށިގަނޑުގައި ފިރުމުގެ ޝަރަފު ލިބިގަތެވެ. ފިނިފެންތިކިތަކުން ލިބުނު އަރާމަކުން އިޒްޔަންގެ ސިކުނޑިއަށްވެސް ފިނިކަން ލިބުނެވެ.

"ލޯތްބަކީ އިންސާނަކަށް ކުރެވޭނެ އެންމެ ފޮނި އިހުސާސްތަ؟ ލޯބިވެވޭނީ ނަސީބުވެރިޔަކަށޯ، އަހަންނަށް މެއިލް އެކުރަނީ ކޮންފަދަ ފަލްސަފާވެރިޔެއްކަމެއްވެސް ނޭގޭ، އަހަންނަށް އެބުނާފަދަ ދީވާނާ ލޯބިވުމުގެ ނަސީބެއް ނުލިބޭނެ ބާވައޭ މިހާރު ހިތަށް އަރަން ފަށައިފި، އަހަންނަށް ލޯބިވާކަށް ނޭގޭތަ؟ އެނގޭހާވެސް އެއްޗަކީ ނަތާއަށް ގަދަރުކުރެވޭކަމާއި ނަތާ އުފަލުގައި ބަހައްޓަން އަހަރެންގެ ހިތް އެދޭކަން، އެއީ ލޯބިކަމަށްވަންޏާ އަހަންނަށްވެސް މިވަނީ ލޯބިވެވިފައި، އެކަމަކު އެ ބޭބީގާލްއަކީ ކާކުތަ؟ ބޭބީ ގާލް........ހެހެ" އިޒްޔަންގެ ޚިޔާލަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. މަންމަވެސް އޭނަގެ ކައިރީގައި ކައިވެނި އަވަސްކުރަން އެދިއްޖެއެވެ. މިވީހާތަނަށް އޭނަ ކައިވެންޏާއިމެދު ވިސްނާލާފައެއްނެތެވެ. އަމިއްލަ ފައި މައްޗަށް ތެދުވުމަށްފަހު ނޫނީ އެހާ ބޮޑު ފިޔަވަޅެއް އަޅާކަށް އޭނަ ހިތަށް ނާރުވައެވެ.އެކަމަކު މިވީގޮތުން ސިކުނޑީގައި އެނޫން އެއްޗެއް ނުވެއެވެ. ނަތާލީއަށް ޕްރޮޕޯސްކުރާނެ ގޮތަކާއިމެދު ވިސްނިއެވެ.

އެރޭ އައި ފޯނު ކޯލުގެ ސަބަބުން ނާޒްލީގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. ނާޒްލީގެ މަންމަ މާ ބޮޑަށް ހާލުދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީއެވެ. ވަގުތުން ވަގުތަށް ޓިކެޓް ހޯދަން އުޅެގެން ނަސީބަކުން ދެޓިކެޓް ލިބޭވަރުވިއެވެ. ނާޒްލީމެން ފުރުވަން އަޒީޒު ރަނީން ގެންދަން އުޅުމުން ބޮލުގައި ރިއްސާކަމުގެ ބަހަނާ ދައްކާފައި ދާކަށް ނޫޅުނެވެ. އަޒީޒު އެދުނީ ދޮރު ތަޅުލައިގެން އިނުމަށާއި ކަމެއް ދިމާވެއްޖެއްޔާ ވަގުތުން ގުޅުމަށެވެ. އެމީހުން ކާރަށް އެރިއިރު ރަނީން ހުރީ މޮޅިވެރިގޮތަކަށް ބަލަހައްޓައިގެންނެވެ. އިޒްޔަން ގެއްލެން އުޅެނީ ބާވައޭހިތަށް އެރިއެވެ. ކާރު ނައްޓާލުމުން ކުޑަދޮރުކައިރީގައި ހުރެފައި ކޯތާފަތް ތެމެން ފެށުމުން ރޮވެނީކަން އެނގިފައި ރަނީން ހައިރާންވިއެވެ. އޭނައަކީ އެހާ ފަސޭހައިން ރޮވޭ ކުއްޖެއްނޫނެވެ. ނަމަވެސް މިއަދު އެލޮލުން ކަރުން އޮހެމުން އެދިޔައީ އިޒްޔަންއަށްޓަކައެވެ. އިޒްޔަން މާމަދެކެ ވާ ލޯބި އޭނައަށް އިހުސާސްކުރެވޭކަމަށްޓަކައެވެ. އެތައް ދުވަހަކަށްފަހު ރަނީންއަށް އެކަނިވެރިކަމާއި ފަޅުކަން އިހުސާސްކުރެވުނެވެ. މަންމަ މަތިން ހަނދާންވިއެވެ.

ޖެހިބާރު ގުގުރިއާއިއެކު ރަނީން ކަންފަތުގައި އަތްއަޅާލާފައި އުޑާއި ދިމާލަށް ބަލައިލިއިރު ފެނުނީ ކަޅުވިލާތަކުން އުޑުމަތި ބައްދާލިތަނެވެ. ހިތަށް ބިރުވެރިކަން ވަދެ އިޒްޔަންގެ ސަލާމަތަށް އެދި ދުޢާކުރެވުނެވެ.

"ނޭގޭ ކޮންމެވެސް ކަމެއްވާން އުޅޭކަން އަހަންނަށް އެނގޭ، ރޭ ފެނުނު ހުވަފެން ހަނދާން ނުވިޔަސް އެނގުނު ކޮންމެވެސް ކަމެއްވީކަން، އަހަންނަށް ވަރަށް ބާރަށް އިޒްއޭ ކިޔާފައި ހޭލެވުނީވެސް، އޭރު ފިނި ދަލެއް ހިއްލާލާފައި އޮތީ، ވެދާނެ ކުރުސި ނުކިޔާ އޮތީމަ ވީކަމެއްކަމަށްވެސް، އެކަމަކު ހާދަ ބިރުގަނެއޭ....." ރަނީން ރެއިލިންގައި ބޯ ޖައްސާލަމުން ހިތާހިތުން ވާހަކަދެއްކިއެވެ. ދިހަވަރަކަށް މިނިޓްވާންދެން އެގޮތަށް ހުރެ ކަރުނަ އޮއްސުމަށްފަހު މާޔޫސީގޮތަކަށް ހިނގާލާފައި އައިސް ސިޓިންރޫމް ތެރެއަށްވަނެވެ. އެރޭ މޭޒުމަތީގައި ކާން ހެދިގޮތަށް އެކަކުވެސް ނުކައި ތަށިތައް ހުއްޓެވެ. މަސްހޫނުކޮށް ތަށިތައް ނަގަން ޖެހޭނީވެސް އޭނައެވެ. ހާދަހާ ދެރައެވެ. އިޒްޔަންގެ މާމައަށް އަވަސް ޝިފާއެއް ދެއްވާނެނަމައެވެ. އަމިއްލަ މާމަމަތިން ހަނދާންވެފައި މިއޮތް ވިއްސާރަރޭގައިވެސް އެގެއަށް ދާން ރަނީން ނިންމިއެވެ.

ރަނީން ވާރޭ ކޯޓު ގަޔަށް މަހާލައިގެން މަގަށް ނުކުމެލިއިރު ފިނިވެގެންގޮސް އިނގިލިތައް ގަނޑުހިފާވަރުވިއެވެ. ބޮޑެތި ވާރޭތިކިތައް ކޯޓުގައި ބޮސްދޭންފެށުމުން ރަނީންއަށް މަޖާވިއެވެ. އިސްތަށިގަނޑުގައި ފެންތިކިތަކުން ލުއިކޮށް ތަޅަމުންދާކަހަލަ އިހުސާސެއްކުރެވުނެވެ. މިފަހަކަށް އައިސް އަބަދު ހުވަފެނެއްގައި އުޅޭކުއްޖާ ވިސްނާނުލާ މަގު ހުރަސްކުރަން އުޅެނިކޮށް ސައިކަލެއް އަރާ ހަމަކުރިއެވެ. އެސައިކަލުގައި ތިބި ދެޒުވާނުންނަށްވެސް ބޯ ވާރޭގެ ސަބަބުން ރަނީން ފެނުނީ މާފަހުންކަން ނޭގެއެވެ. ހަޅޭއްލަވައިގެންފައި ސައިކަލްގެ ހުންގާނު އަނބުރަންވެސް އުޅުނެއްކަމަކު ރަނީންގެ ގައިގާ ސައިކަލުން ޖެހި އޭނަ ވިއްސައިގެންގޮސް ޖެހުނީ ދުވާރުމަތީގައެވެ.

"ޑޭމިޓް...." ފަހަތުގައި އިން ޒުވާނާ ސައިކަލުން ފުންމާލައިގެން އެދިމާލަށް ދުއްވައިގަތެވެ.

ކޮމެންޓް 0