ނޫނެކެވެ. އޭނަ ދާނެއެވެ. އިޒްޔަންގެ ކައިރީގައި އޭނަ ދައްކަން ޖެހޭ ބައިވަރު ވާހަކަތައް އެބަހުއްޓެވެ. ރަނީން އަނދުނުން އެބޮޑު ދެލޯ ފަވާލާފައި މޮއިސްޗަރައިޒަރ އެއް ލުމުން މޫނުގެ ވިދުން އިތުރުވިއެވެ. ލިޕްގްލޮސްކޮޅެއް ހާކާލުމުން ތުންފަތް ޔާގޫތެއްގެ ކުލަ އެރިއެވެ. އަމިއްލަ މޫނު ފެނުމުން ކުޑަކޮށް ލަދުގަތެވެ.

އެވަގުތު ފޯނު ރިންގްވާން ފެށިއެވެ.

"ކާކުތަ މިއޮތް ގަޑިއެއްގާ ގުޅަނީ؟ "ރަނީން ކުޑަކޮށް ބުމަ ކައިރިކޮށްލާފައި ކިޔާލަމުން ފޯނުގެ ސްކްރީނަށް ބަލާލައިފިއެވެ. ހޮސްޕިޓަލުން ނަމަވެސް ގުޅައިގެން އޭނައާއި އިޒްޔަންގެ ބައްދަލުވުމަށް ހުރަސް އަޅާފާނެތީ އޭނަ ހުރީ ބިރުންނެވެ. އެހާ ހާސްވެފައި ހުރެ ފޯނަށް ބަލައިލެވުނުއިރު ގުޅީ އަދި އިޒްޔަންއެވެ.

"ގަޑިނުޖެހުނަސް ހަނދާންކޮށްލަ ދޭންވެގެން މިގުޅީ....." އިޒްޔަންގެ އަޑު ރަނީންގެ ހިތުގެ އެންމެ ހިމަ ނާރުތަކާއި ކުޅެލިއެވެ. ކޮންފަދަ ޖާދުވީއަޑެއް ހެއްޔެވެ؟ ރަނީން ގަޑިއަށް ބަލާލިއިރު އަދި ތިރީސް މިނިޓް ބާކީ އެބައިނެވެ.

"އަދި ހަތަރެއް އެޖެހީ. ހަނދާނެއް ނުނެތޭނެ......." އިރުކޮޅެއްވާންދެން ފޯނަށް ބަލަން ހުރެފާ ރަނީން ކިޔާލިއެވެ.

"އަހަންނަށް އެނގޭ، އައިމް ވެއިޓިން......" އިޒްޔަން ހީލުމަކާއިއެކު އެހެން ބުނެފައި ފޯނު ކަނޑާލައިފިއެވެ.

ރަނީން ސެންޓު ޖަހާލުމަށްފަހު އެންމެ ފަހު ފަހަރަށް ލޯގަނޑުން މޫނަށް ބަލާލުމަށްފަހު ރަކި ހިނިތުންވުމަކާއިއެކު ނިކުންނާން ހިނގައިގަތްއިރު އިޙުސާސްކުރެވުނީ އިޒްޔަން ބަލަން ހުރިހެންނެވެ. މަގަށް ނުކުމެ ކާރަށް ގުޅަން ފެށިއިރުވެސް މާލެއިން ފަސޭހައަކުން ޓެކްސީގަނޑެއް ނުލިބޭނެކަން އެނގުނެވެ. ދެވަނަފަހަރަށް ގުޅަން އުޅުނުއިރު އިޒްޔަންގެ ކާރު މަޑުކޮށްލާފައި ކުރީ ދޮރުފަތް ހުޅުވާލުމުން ރަނީން ހާސްކަމާއިއެކު އަވަހަށް އެތެރެއަށް ދެމިގަތެވެ. ކާރުތެރެއަށް އެރުމުން ހީވީ އެހެން ދުނިޔެއަކަށް ދެވުނުހެންނެވެ. ހޫނުކަމުން ސަލާމަތްވެ ބުނަން ނޭގޭފަދަ އަރާމު ފިނިކަމެއް ވަށާލިއެވެ. އަދި ނޭފަތުގައި ހިފާލި މީރުވަހަކުން ވަކިން ތާޒާވިއެވެ. ނަމަވެސް އެއީ އަރްމާނީ ކޯޑެއްނޫނެވެ. އިޒްޔަންއާއިއެކު އޭނަގެ ސެންޓުވެސް މިވަނީ ބަދަލުވެފައެވެ.

"ވަޓް ހޭވް ޔޫ ޑަން، މީހަކަށް ފެނުނުނަމަ......" ރަނީންއަށް ބުނެވުނެވެ.

"ޑޯންޓް ވޮރީ، އެހާވަރުން ޝައްކެއް ނުކުރާނެ، ނިންނި މާވަރަކަށޭ ހާސްވަނީ، ކުރީރޭގަ ވެސް އަހަރެން ނިންނި މިކާރުގައި ގެނެސްދިނީމެއްނު....." އިޒްޔަން ހަނދާންކޮށްލަދިނެވެ.

"ބައިދަވޭ ޔޫ ލުކް ޕްރިޓީ....." އިޒްޔަން ދެވަނަފަހަރަށް ބަލާލިގޮތަށް އެނަޒަރު ދިގުދެމިގެން ދިޔައެވެ. ރަނީންގެ މޫނަށް ވެރިވި ފިޔާތޮށިކުލަ ގަދަވިއެވެ. ބްލަޝް ހާކާލުމަކާއި ނުލާ ކޯތާފަތް ރަތްވެގެން ދިޔަތަން އިޒްޔަން ބަލަން އިންއިރު ރަނީން ލަދުން ފިލަން ބޭނުންވިއެވެ. އިޒްޔަންގެ އެތޫނު ނަޒަރު އޭނަ ރީއްޗަށްވެސް ރަކިކޮށްލައިފިއެވެ.

އިޒްޔަންގެ ކާރުގެ ސެޓުން އަންނަމުންދާ ލަވައިގެ މަސްތުގައި ޖެހި އިޒްޔަންގެ ޖަޒުބާތުތައް އޮޔާލާދާންފެށިއެވެ. އެއަތުގެ ތެރެއަށް ރަނީން ގެނެސްފާ އަބަދަށްޓަކާ މޭގައި ފޮރުވާލަން ބޭނުންވިއެވެ. އިޒްޔަން އެކި މަގުތަކުން ކާރު ދުއްވަމުން ދިޔައިރު ދެމީހުން ދޭތެރޭގައި މާ ގިނަ ވާހަކައެއް ނުދެކެވެއެވެ. އެކަކު އަނެކަކަށް ދޭތެރެއަކުން ބަލާލާފައި ހިނިތުންވެލާއިރު ލޮލުން ވާހަކަތައް ދެކެވުނެވެ. މި އުފާވެރި ދުވަސް ޚަރާބު ނުކުރަން ނިންމައިގެން އިނަސް ރަނީން ނަތާލީގެ ޚަބަރު އޮޅުން ފިލުވާލާހިތްވިއެވެ. އެންމެފަހުން ހިމޭންކަން މުގުރާލީ ރަނީންއެވެ.

"ހައު އިޒް ނަތާލީ ޑުއިން؟ އޮފީހަށް ނުކުންނާން ފެށީތަ؟ "ރަނީން އަހާލައިފިއެވެ. އިޒްޔަންގެ ތަބީޢަތު ވަގުތުން ގޯސްވެ ހުންގާނުގައި ބާރަށް ހިފަހައްޓާލިއެވެ. ނަތާލީގެ ވާހަކަ ދައްކާއިރަށް އިޒްޔަން ދަރިފުޅުގެ މަތިން ހަނދާންވާނެއެވެ. އޭނައަށް މިކުރެވުނީ ކީއްހެއްޔެވެ؟

"ދެން މަޑުމަޑުންގޮސް އޯކޭވާނެއްނު، ނުވެ ކީއްކުރާނީދޯ، ނިންނި، ޓެލްމީ، ކީއްވެ އެކިކުލައިގެ ޖިލްބާބު ތިލަނީ؟ އަހަރެން ހީކުރަނީ އެކަނި ހެދުމުގެ ބޭރުން ލާން ޖެހެނީ ކަޅުހެދުންކަމަށް......" އިޒްޔަން ވަރަށް ފަސޭހައިން މައުޟޫ ބަދަލުކޮށްލައިފިއެވެ.

"ދީނުގައި ކޮންމެހެން ވަކިކުލައެއް ލާކަށް ނުޖެހޭ. މޮޑެސްޓްކޮށް ޑްރެސްކުރަން ޖެހެނީ. ނާޒްދައްތަ ބުނީމަ ހިތަށް އެރީ ޖިލްބާބު ލާނީއޭ......." ރަނީން މިއަދު ލައިގެން ހުރި ގަދަ ދަނބުކުލައިގެ ޖިލްބާބަށް ބަލައިލަމުން ރަނީން ހިނިތުންވެލިއެވެ.

"ޔަގީނުންވެސް މާތްކުއްޖެއް ފާޑު އެބަޖަހާ....." އިޒްޔަން ކާރު މަޑުކޮށްލާފައި ފޭބިއެވެ. ދެމީހުން އެކީގައި ކަހަލަ ގޮތަކަށް ހިނގާލާފައި ދިޔައިރު ކިތަންމެ ބަޔެއްގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. މަޝްހޫރު މީހުންނަށް ނުވިޔަސް އިޒްޔަން ކޮލެޖަށް ކިޔަވާދޭތީ އޭނަވަނީ ދަންނަ މޫނަކަށް ވެފައެވެ. ރަނީންވެސް ވަޒީފާ އަދާކުރާތަނުގެ ގޮތުން މީހުންނަށް އޭނަވެސް ފާހަގަކުރެވެއެވެ. އެހެންނޫނަސް އެހާ ރީތި ޖޯޑެއްވުމުން ސަމާލުކަން ލިބުން އިތުރުވާނެއެވެ. ސިޑިން އަރައިގެން މަތީބަޔެއްގައި ގޮސް މޫދު ފެންނަ ހިސާބުން މޭޒެއް ހޯދާލައިގެން އިށީންދެލިއެވެ. ފީރޯޒެއް ފަދައިން ދުރުދުރަށް ދާންދެން ފެތުރިފައިވާ އުޑު ތަންކޮޅެއް ދުރުން ކަނޑުގައި ބޮސްދޭ މަންޒަރު ހިތްގައިމު ކަމުގެ ކޮޅެއްނެތެވެ. އިރުކޮޅެއް ނުވަނީސް ވޭޓަރު މެނޫ ގެނެސްދިނެވެ. ދެމީހުންވެސް ބޯން ބޭނުންވާ އެއްޗަކަށް އޯޑަރު ދިނުމަށްފަހު އާދައިގެ ގޮތަކަށް ވާހަކަދައްކަން ފެށިއެވެ. ޒަމާންތަކަށްފަހު ދެމީހުންގެ އޮތް ގުޅުން މިވަނީ އެހެން ކަހަލަ ގޮތަކަށް ދާން ފަށާފައެވެ. އެކުވެރިކަމުގެ ކުލަ ޖެހެން ފަށާފައެވެ. އިޒްޔަންގެ ނަޒަރާއި ދެކޭގޮތް މުޅިން ބަދަލުވެފައިވާކަން ރަނީންއަށް ފެނުނެވެ. އެހެން ވާންވީ ކީއްވެހެއްޔެވެ؟

"މާމަދެކޭ ހިތެއް ނުވޭތަ؟ އައިމް މިސިން ހާރ....." އެތަނަށް ވަދެގެން އައި ޒުވާން ދެމަފިރިއަކު މުސްކުޅި މާމައެއް ގޮވައިގެން ގޮސް މޭޒެއްގައި އިށީންތަން ކުލުނުން ފުރިފައިވާ ގޮތަކަށް ބަލަން އިނދެފައި ރަނީން އަހާލައިފިއެވެ.

"ނޫނޭ، މަންމަ ކައިރީގައި މާމަދެކެން ބޭނުންވާ ވާހަކަ ބުނީމަ މަންމަ ބުނީ މާމައަކަށް މީހުން އެހާ ވަކިކުރަން ނޭގެޔޯ........" އިޒްޔަން ފުން ނޭވާއެއް ދޫކޮށްލިއެވެ.

"އިޓްސް ޑިމެންޝިއާ......" ރަނީން އޮޅުން ފިލުވާދިނެވެ.

"ހޫމް......" އިޒްޔަން ތުންފަތުގައި ދަތްއަޅާލިއެވެ. ނަތާލީގެ ސަބަބުން ޙަޔާތުން ވަރަށް ގިނަ ބަޔަކު ގެއްލިއްޖެއެވެ.

"މާމަ ހަމަ ބޭބީއެއްހެން ފަހުން އުޅުނީ، އަމިއްލަ މާމައަކަށް ނުވިކަމުގައި ވިޔަސް އެކީގައި އެހާ ގިނަ އަހަރުތަކެއް ހޭދަވީމަ ދެން ނެޗުރަލީ ލޯބިވެސް ވެވޭނެ ދޯ......" ރަނީން މޫދާއި ދިމާލަށް ބަލަން އިނީ އިޒްޔަންގެ މޫނަށް ބަލަން ޖެހިލުންވުމުންނެވެ. އެބާރުގަދަ ދެލޮލުން އޭނަ ބަލިކަށިކޮށްލަނީ ގޮތެއް ބަލާފައެއްނޫނެވެ.

"ލޯބި؟ ތިހެން ބުނީމަ ހިތަށް އެރީ އަހަރެންދެކެ މާވަރަކުން ލޯބިވެގެން އުޅުނުކުއްޖެއް. ތިހެން ބުނީމަ އެކަންތައް ހަނދާނަށް މިއައީ. އަދިވެސް އެހާވަރަށް ބޭނުންވޭތަ؟ އެކަން އެނގެން ބޭނުން، ހަމަ އެ ސޭމް ފީލިންގްސްތަ އަދިވެސް ހުރީ؟ ނޯ ޗޭންޖް އެޓް އޯލްތަ؟ " އިޒްޔަން ގެ ސުވާލުން ރަނީން ސިހޭގޮތްވެފައި އެ ރީތި މޫނު އޭނައާއި ދިމާލަށް އަނބުރާލައިފިއެވެ. ކޮންފަދަ ރީތި ކުއްޖެއްހެއްޔެވެ؟ އަވީގެ ރަންކުލަ އެޅުމުން ފެންނަލެއް އާޝޯޚުކުރުވާ ވަރުވިއެވެ. އޮމާންކަމުން އަތް ބީއްސާލަން ހިތްއެދުނެވެ. މަޢުސޫމްކަމާއި ރީތިކަމުގެ މިސާލެކެވެ. ހިތާމައަކީ ރަނީން އޭނައާއި ހެދި މޮޔަވެގެން އުޅުނުއިރު އޭނަގެ ހިތުގައި އެފަދަ އިޙުސާސްއެއް ނުއުފެދުނުކަމެވެ. ނޫނީ ގަދަކަމުން އެ އިހުސާސްތަކަށް ފައިން އަރާ ވަޅުޖަހާލީއެވެ.

"ނޭގޭ، އިޒް.....ސަރ ތި ކިޔަނީ ކީކޭތަ؟ " ރަނީން ހާސްވާގޮތްވެފައި ބުނެލިއެވެ.

"ކުރިއަކުން ތިހާ ލަދުން އުޅޭކުއްޖެއްނޫން، ބޮޑުކުއްޖަކަށް ވީ ކޮންއިރަކުން؟ އަދި އިޒްގެ ބަދަލުގައި ސަރ ކިޔާކަށް ނުވެސްޖެހޭ، އައި މީން ކްލާހުގައި ކިޔަސް ދެން އޯކޭ ދޯ......" އިޒްޔަންގެ ހިތުގައި މަސްހުނި ޝުޢޫރުތަކެއް ހިނގާލިއެވެ. ރަނީން ސަރ އޭ ކިޔާލުމުން ހިތުގައި ގޮށްމުށްކަވާފައި ޖެހިފަދަ އިހުސާސެއް ކުރެވުނެވެ. އެހެން ދަރިވަރުންނާއި ރަނީން މުޅިން ތަފާތެވެ. އެހާ ދުރުކޮށްފައި އިހުތިރާމާއިއެކު ރަނީން އޭނައަށް ގޮވަން ޖެހޭހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. އެދެމީހުންވަނީ އެއަށްވުރެ ގާތްވެފައެވެ. އެކަމުގެ ހެއްކަކީ ޔަނާއެވެ. ޔަނާއަކީ އެކަމުގެ ހެއްކެއް ހެއްޔެވެ؟ އެކަން އެނގޭހިތުން ކެތްތެރިކަން ކޮޅުން ލައިގެންދާއިރުވެސް އޭނަ ގޮތުގައި ހިފަހައްޓާވަރާއި ޒަމީރު އެކަމަކަށް ތަނެއްނުދިނެވެ. ރަނީން ހީލުމަކުން ފުއްދާލާފައި މޫދަށް ބަލާލާފައި އެތަނުގައި މިޔަރު އުޅޭނެ ހެއްޔޭ އަހާލުމުން އިޒްޔަންއަށް މަޖާވިއެވެ.

"ވާހަކަ އޮޅުވާލަން ނޫޅޭ ނިންނި، ޓެލް މީ ކާކު ބޭބީ ގާލްއަކީ؟ " އިޒްޔަން އިނީ ވިސްނުންތެރި ނަޒަރަކުން ބަލާށެވެ.

"ވަޓް؟ " ރަނީން ރަކިވިއެވެ.

"އެހާ ލޯބިން އަހަންނަށް ރޮމެންޓިކް މެސެޖް މެދުނުކަނޑާ ފޮނުވި ކުއްޖެއް އެއީ، އަހަންނަށްވެސް އެކުއްޖާ ހަނދާން ނައްތާލުން ފަސޭހަކަމަކަށް ނުވި، އެހާ ޕޮއެޓިކް، ނިންނި އެހާ ޅެން ހަދަން މޮޅުކަމެއް ނުދަންނަން. ބަލާބަލަ، މިއީ ކާކު ލިޔެފައި މިހިރީ؟ " އިޒްޔަން އޭނަގެ ފޯނު ހުޅުވާލާފައި މެސެޖްތައް ދައްކަން ފެށުމުން ރަނީން ރަކިވެފައި އެކަމަށް ދެކޮޅު ހެދިއެވެ. އެއީ އޭނަ ނޫންކަން ދައްކަން ކިތަންމެ ވަރަކަށް އުޅުނަސް އިޒްޔަން ގަބޫލެއްނުކުރިއެވެ.

ވޭޓަރު އެމީހުން އޯޑަރުކުރި ތަކެތި ގެނެސް އަތުރަންފެށިއިރު އިޒްޔަންއާއި ރަނީން ތިބީ ތަންކޮޅެއް ހިމޭންވެފައެވެ. ރަނީން ފޯނުން ރީތި މަންޒަރުތައް ރައްކާކުރަމުން ދިޔައިރު ސިއްރުން އިޒްޔަންގެ ފޮޓޯވެސް ނެގިއެވެ. އިޒްޔަން ހަނދާނަކަށް ސެލްފީއެއް ނަގަންވާނެއޭ ކިޔާފައި ކައިރިއަށް ޖެހިލާފައި ނެގި ފޮޓޯ ދައްކާލިއިރު ހަމަ ހީވީ ދެލޯބިވެރިންހެންނެވެ. ދެމޫނު ގާތްގަނޑަކަށް ޖެހިފައެވެ. ރަނީންގެ ތުންފަތުގައި ރަކިހިނިތުންވުމެކެވެ.

އެދެމީހުންގެ ދޭތެރޭގައި ލޯބީގެ ވާހަކަ ނުދެކެވުނަސް ދެމީހުންގެ ގުޅުން އަނެއްކާ ރަގަޅުވިއެވެ. ޓީޗަރަކާއި ދަރިވަރެއްގެ ދެމެދުގައި އޮންނަ ގުޅުން ހަނދާންނެތި އެގުޅުމަށް ދޭނެ ނަމެއް އިޒްޔަންއަށްވެސް ނޭގޭހާ ހިސާބަށް ދެވުނެވެ. ސޯޝަލް މީޑިއާގައި ގުޅުން ބާއްވަން ވަޢުދުވެފައި ދެޒުވާނުން ވަކިވެގެން ދިޔައިރު ދެހިތަށް ލިބިފައިވަނީ ބަޔާން ނުކުރެވޭފަދަ ފިނިކަމަކާއި ހިތްހަމަޖެހުމެވެ.

ރަނީން ކޮޓަރިއަށް ވަންގޮތަށް މަޣުރިބު ނަމާދުކޮށްލައިގެން ދެނަމާދު ދޭތެރޭގައި ޤުރުއާންކިޔެވިއެވެ. އެތައް ދުޢާތަކެއް ކުރިއެވެ. ހެއްދެވިފަރާތާއި އޮތް ގުޅުން ދޭތެރެއަކުން ބަލިކަށިވެ ވަރުގަދަވުމަކީ އޮންނަކަމެއްކަން ރަނީން ދަނެއެވެ. ދުނިޔަވީ ކަންތައްތަކަށް ހިތްއެދޭވަރުން ގިނަފަހަރު އޮންނަނީ ދުނިޔޭގެ ކަންތައްތަކަށްގޮސް ހުސްވެވިފައެވެ.

ރަނީން ނިދަންވެގެން ފިޔާތޮށިކުލައިގެ ޕިޖާމާއެއް ލުމަށްފަހު ލެޕް ހިފައިގެން އިނދެ އަވަސްވެގަތީ އިޒްޔަންއާއި ވާހަކަދައްކާލުމަށެވެ. ސްކައިޕް އޮންކޮށްލުމަށްފަހު ބައިގަޑިއެއްހާއިރު ވަންދެން ވާހަކަދައްކާލުމަށްފަހު ރަޖާގަނޑު އަޅައިގެން ނިދަން ތައްޔާރުވިއިރު ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ.

"އަހަންނާއި އިޒްގެ ދެން އޮންނާނީ އެކަނި ފްރެންޑްޝިޕް، އެނޫން އެހެން ގުޅުމަކަށް ފުރުސަތު އޮންނާންވީ ކީއްވެތަ؟ އެއް އިރެއްގައި ހީކުރިން އިޒްއަކީ އެކަނި އަހަރެންގެ މީހެކޭ، އެކަމަކު ނަތާލީގެ ފިރިމީހާއަށްވުމުން އިޒްވަނީ އަހަރެންގެ ހީއަކީ ކުށްއެއްޗެއްކަން ސާބިތުކޮށްދީފައެއްނު، ކިހާ އަނިޔާވެރި ދުނިޔެއެއް، އެންމެފަހުން ބައްޕަވެސް އިޒްގެ ސަބަބުން ދުނިޔެ ދޫކުރީ، އިޒްކައިރިން އެވާހަކަ އަހާކަށްވެސް ބޭނުމެއްނޫން، އެސްޓޭޓަސް ލިޔުނުހެއްޔޭ އަހާލާއިރަށް ބުނާނެ ނޫނެކޭ، ނުލިޔަމޭ، ހެއްކެއްނެތެއްނު، ކާކު އެއްބަސްވާނީ؟ މާޒީގެ ސަފުހާތައް އަލުން ނުހުޅުވުމަށްވުރެ ބުއްދިވެރިގޮތެއް ނެތް، އިޒް ނުލިބުނޭ ކިޔާފައި އެހެން ބައިވެރިޔެއް ހޯދާނެ ހިތްވަރެއްވެސް ނެތް، އެމީހެއްގެ ޒާތްކޮޅު އަދި އެނގޭނީ ކިހިނެއް؟ މާ ނުލަފާ ވެދާނެ، މާ އަނިޔާވެރިވެދާނެ، އެންމެ ހައިރާންވަނީ އިޒް މާފަށް ނޭދުނީމަ، މާފަށް އެދުމަކީ ދަށްވާނެކަމަކަށް ވީމަތަ؟ ހިޒް އިގޯ، އެކަމަކު ދޯ. އެދުނުނަމަ އަހަރެން މާފުކޮށްދޭނަން އެކަމަކު ކާންޓް ފޮގެޓް އެންޑް އެކްޓް ލައިކް ނަތިން ހެޕެންޑް...އިންތިޒާރު މިކުރެވެނީ ކީއްވެތަ؟ އިޒްގެ ފަރާތުން އެކްސްޕްލެނޭޝަނަކަށްޓަކާ ހިތް އެދެނީ ކީއްވެތަ؟ އޭރުންކަން ނޭގޭ ހިތަށް ހަމަޖެހުމެއް ލިބޭނީ......." ރަނީންގެ ދެލޯ މެރެމުން ދިޔައިރުވެސް ވިސްނެމުން ދިޔައީ އޭނަގެ އިޒްޔަންއާއި ދޭތެރޭގައެވެ.

ކުރީކޮޅު ކިތަންމެ ގިނައިން އިޒްޔަން ހުވަފެނުގައި އަޔަސް މިހާރު އޭނަގެ ހުވަފެންތަކަށް އިޒްޔަން ނާދެއެވެ. ފެނުނަސް ފެންނަނީ ދުރުންނެވެ. ހޭލެވެނީ އިޒްޔަން ގެއްލިދާނެތީ ބިރުން އުޅެނިކޮށެވެ. ހުވަފެން ތަޢުބީރުކުރަން ނޭގުނަސް ރަނީން ހިތަށް އަރައެވެ. އެހެން އެވަނީ އަލުން އިޒްޔަން އޭނަގެ ހަޔާތަށް އައީމައެވެ. އެދެމީހުންގެ ގުޅުން ބަދަހިވާތީއެވެ.

ނާޒްލީ ރަނީންއާއި ބައްދަލުކުރަން އެކޮޓަރިއަށް ވަދެފާ އެތައް އިރެއްވާންދެން ވާހަކަ ދައްކަން އިނެވެ. ދާނަޝްގެ މަންމަ ރަނީންގެ ކައިވެންޏަށް އަހާފައިވާކަމަށް ބުނުމުން ރަނީން އިނީ ޖަވާބުދޭން ބޭނުންނުވެފައެވެ. ދޮންމަންމަ އަމިއްލައަށް އެކަމަށް އެދޭނީކަން އޭނައަށް އެނގެއެވެ. ފައިރޫޒާގެ ބޮލުގައި އެޅުވުމުގެ ބޭނުމެއްނެތެވެ. ނާޒްލީ ރަނީންއަށް ކުރާ އިތުބާރު ހާމަކޮށްދިނީ އޭނަ މިހުރިހާ ދުވަހު ފޮރުވައިގެން އުޅުނު ސިއްރު ކިޔާދީފައެވެ. އެ ސިއްރު ކިޔާދިނުމުގެ މަގުސަދަކަށްވީވެސް އިޒްޔަންއާއި ދާނަޝްގެ އޮތް ގުޅުން އެނގުމަށްފަހު އިޒްޔަންގެ މަތިން ހަނދާން ނައްތާލާފައި ދާނަޝްއާއި ގުޅެން މަޖުބޫރުކުރުމެވެ. ސުލްތާންއާއި ފައިރޫޒާ އެހާވަރުން މަޖުބޫރުކުރަނިކޮށް ރަނީންއަށް ދެން އިޒްޔަންގެ ފަހަތުން ދާން ނުކެރޭނެތާއެވެ. އެ ވާހަކަ އިވިފައި ރަނީންއަށް ލިބުނު ޝޮކްގައި އޭނަ އިނީ ގާ ބުދެއްހެންވެފައެވެ. ކޮންމެ ފަހަރަކު އޭނައާއި އެކަށީގެން ނުވާ މީހަކު ޙަޔާތަށް އަންނަނީ ކީއްވެހެއްޔެވެ؟ އެކަމަކު އިޒްޔަންއަކީ ކުރިންވެސް މަޝްހޫރު މީހެއްގެ ދަރިއެއްކަން އޭނައަށްވަނީ އެނގިފައެވެ. ނޭގުނީ މިހާ މަތީ ޚާންދާނެއްގެ މުއްސަދި ޒުވާނަކަށްވެދާނެކަމެވެ. އޭރު ކުޑަކޮށް ހުޅުވިފައިވާ ދޮރުކައިރީގައި އެވާހަކަތައް އަހަން މީހަކު ހުރިކަމެއް ނާޒްލީމެންނަކަށް ނޭގުނެވެ. ޝައްކެއްވެގެން ރަނީން ތެދުވެގެން އައިއިރު އެއްވެސް މީހަކު ފެންނާކަށްނެތެވެ.

"އެވާނީ މިގޭގައި އޮންނަ ބުޅާގަނޑުކަމަށް. ޓޮމްވެސް ސްޕައިކުރަނީ......" ރަނީން ކުޑަކޮށް ހީލާފައި ކިޔާލިއެވެ.

"އަވަހަށް ޖަވާބެއް ދެއްޗޭ......" ނާޒްލީ އެދުނެވެ.

"ޖަވާބުދޭން ތިހާ އުދަގޫ ކަމެއް ހަޔާތުގައި އަދި ނާދޭ، ސްޓްރޭންޖަރއަކާއި މެރީކުރުން ފަސޭހައެއްނުވާނެ، ވިސްނާލާނަން ނާޒް ދައްތާ، އެކަމަކު ޕްރެޝަރ ނުކުރިއްޔާ ރަގަޅީ، އެހެންނޫނަސް އެމީހުންނަކީ މާ މަތީފަންތީގެ ބަޔެއް....." ރަނީންގެ ހިތް އެކަމާއި މުޅިން ދެކޮޅެވެ.

"މަތީ މީހުންނަށްވިޔަސް ފައިރޫޒާމެން ވަރަށް ހިތްތިރިވާނެ، ނިންނި ޙައިރާންވާނެ އެމީހުންގެ ރަގަޅުކަން ފެނުނީމަ، މިފުރުސަތު ގެއްލުވާނުލާތި ނިންނި....."ނާޒްލީ ވިސްނާދޭން މަސައްކަތްކުރިއެވެ.

ޒޯޔާ އަރޫޝާގެ ކައިރީގައި ހޭދަކުރީ ދެތިން ދުވަހެވެ. ތިންވަނައަށްވީ ދުވަހު ޒޯޔާ ދަބަސްހިފައިގެން މޭޕަލްވުޑަށް އައިއިރު ރޮއިރޮއި މީހާހީވަނީ ހަލާކުވެދާނެހެންނެވެ. އިސްތަށިގަނޑު ހޭވިފައިވާއިރު ހެދުން އޮތީ ވީދިފައެވެ. ނާޒްލީ ހާސްވެފައި ސުވާލުކުރުމުން ބުނީ އަރޫޝާގެ ފިރިމީހާގެ ފަރާތުން ގޯނާތަކެއް ކުރިމަތިވީ ކަމުގައެވެ. ފުރަތަމަ ފެނުނު ދުވަހުވެސް އެކަނިވާއިރަށް އޭނަގެ އިސްތަށިގަނޑު ރީތިވެގެން ދިމާކުރިއެވެ. އެފަހުން އަރޫޝާ ގޭގައި ނެތިއްޔާ ޒޯޔާއާއި ވާހަކަދައްކާ ތަޢުރީފުކުރާނެއެވެ. ޒޯޔާގެ ވާހަކަތައް އަހާފައި ނާޒްލީ ގެ ހިތަށް ރަޙުމްވަނެވެ. މިޒަމާނުގައި އިތުބާރުކުރެވޭނީ ކޮންބަޔަކަށް ހެއްޔެވެ؟ ދީނީ މާއްދާތައް ކިޔަވާދޭ މުދައްރިސަކު މިފަދަ ޢަމަލެއް ކުރުމުން ގަބޫލުކުރަން ދަތިވިއެވެ. ނާޒްލީ އެހެން ބުނެލާއިރަށް ޒޯޔާ ހަދާންކޮށްލަދިނީ މީޑިއާތަކުގައި ފެތުރުނު ޚަބަރުތަކެވެ. މުދިމުންނާއި ޓީޗަރުންގެ ފަރާތުންވެސް ކުދިންނަށް ކުރިމަތިވާ ޖިންސީ އަނިޔާތަކުގެ ވާހަކަތައް ހަނދާންކޮށްދިނުމުން ނާޒްލީ ހިމޭންވިއެވެ. ނަމަވެސް ޒޯޔާ އެގޭގައި ބަހައްޓައިގެން މަސްލަޙަތު ގެއްލުވާލާކަށް ބޭނުމެއްނުވިއެވެ. ނާޒްލީ އޭނަގެ ކުރީގެ ފަހަރިކަމަށްވާ މާހިރާ ކައިރިން އެދުނީ ޒޯޔާ އެގޭގައި ދުވަސްކޮޅަކަށް ބަހައްޓާ ދިނުމަށެވެ. ޒޯޔާއަށް ޚަރަދުކުރަން ފައިސާދޭނެކަމުގައި ނާޒްލީ ބުނެލިއެވެ. މިހާރު ރަނީން އުޅެނީވެސް އެގޭ އަންހެންކުއްޖެއްގެ ކޮޓަރީގައެވެ. އެކުއްޖާ މީހަކާއި އިނދެގެން ދިރިއުޅުން މެލޭޝިއާއަށް ބަދަލުކުރުމުން ރަނީންގެ ނަސީބު ލައްވާލީކަމުގައި ދެކުނެވެ. ނަމަވެސް އެގޮތަށް ވަކި ކޮޓަރިއެއްގައި މިނިވަންކަމާއިއެކު ދިރިއުޅުމުގެ ފުރުސަތު މިހާ އަވަހަށް ނިގުޅައިގަނެފާނެކަމަށް ރަނީން ހިޔެއްނުކުރެއެވެ.

ޒޯޔާ އެންމެ ބޭނުންވި މަންޒިލްކަމުގައި ނުވިޔަސް ރަނީންއާއިއެކު އުޅެން ލިބުމުން ޒޯޔާ ހުރީ ކުޑަކޮށް ހިތްހަމަޖެހިފައެވެ. ޢާއިލީ ގުޅުން ބިނާކުރަން މިއޮތީ މަގެއް ހުޅުވިފައެވެ. އޭގެ ކުރިންވެސް ރަނީންގެ ރައްޓެހިކަމުގައި އޭނަ އަންނަ ގެއަކަށްވުމުން މާހިރާވެސް ޒޯޔާ ދަނެއެވެ. ޒޯޔާއާއިއެކު ކޮޓަރި ހިއްސާކުރުމުން ރަނީންއަށް އެންމެ އުދަގޫވަނީ ތަންތަން ހާވާ މީހަކަށްވާތީއެވެ. ސިއްރުތައް ކޮންނަން ޒޯޔާ ހުންނަނީ މާވަރެކެވެ. ކުރީގެ އެކުވެރިންނަށް މަރުހަބާ ކިޔަން ހިތް ނުރުހުނަސް ޒޯޔާ އަދި ޒީކާ އެގެއަށް އައިސް އުޅޭތީ އަނެއްކާވަނީ ކުރީގެ އެކުވެރިކަން ބަދަހިވާން ފަށާފައެވެ.

ރަނީން ފާޚާނާގައި ހުރެފާ ނުކުތްއިރު ޒޯޔާ ހުރީ އޭނަގެ އަލަމާރި ހުޅުވާލައިގެން ބައްޕަގެ ސާމާނު އަޅާފައި ހުރި ކުޑަ ފޮށްޓެއް ނަގައިގެންނެވެ.

"ޒޯޔާ، ކީއްތިކުރަނީ؟ " ރަނީން ތަންކޮޅެއް ބާރަށް ބުނެފައި ގޮސް އޭނަ ނެރެފައިވާ ސާމާނުތައް އެއްތަން ކޮށްލަމުން ފޮށި ކައިރިކޮށްލިއެވެ.

"ނިންނި ރުޅިއަންނަވަރު ކަމެއްތަ؟ ތިއީ ހިސްޓޯރިކަލް އެއްޗެއްތަ؟ ތަސްބީހައާއި ފިރިހެން އަނގޮޓި......" ޒޯޔާ ބުނަން އުޅުނެވެ.

"މިއީ ބައްޕަގެ އެއްޗެއްސޭ......" ރަނީން ނުރުހުމުގެ ނަޒަރަކުން ބަލާލައިފިއެވެ.

"އޯހް......" ޒޯޔާ ޙައިރާންވީކަމަށް ހެދިފާ ދެލޯ ބޮޑުކޮށްލިއެވެ. އަދި ޖިންސްގެ ޖީބުން ނެގި ސިޓީއުރައަށް ބަލަންފެށިއެވެ.

"ވީއިރު މިއީ ނިންނިގެ ބައްޕަ މަންމައަށް ލިޔުނު ސިޓީއެއްދޯ، މިވެސް ތިއިން ނެގި ލެޓަރއެއް، ވާއު..އަހަރެން މިހާވަރުން ނެގީ ނިންނިގެ އެއްޗެއްކަމަށް ހީކޮށް ނިންނި ތަޅުވާލަންވެގެން........" ޒޯޔާ އެ ސިޓީ ހުޅުވާލާއިރަށް ރަނީން އުދުހިފައި ކަހަލަގޮތަކަށް އައިގޮތަށް ސިޓީ ޖަހައިގަތެވެ.

"ޒޯޔާ ދޮގުނަހަދާ ބުނެބަލަ، މިއީ މީގެއިން ނެގި އެއްޗެއްތަ؟ " ރަނީން ހަށަން ބަދެލިއެވެ.

"އައި ސްވިއަރ ހަމަ ތިފޮށިން ނެރުނީ......ނިންނި ތަޅުނުލާ ބަހައްޓާފައި ހުރީމަ ވާނީ ތިހެން، އެކަމަކު އަހަންނަށް ސިޓީގައިވާ އެއްޗެއް ބަލާނުލަނީސް ނިންނި ތިއައީ، އަދި މަ ސިޓީ ދައްކާލިކަމަށްޓަކާ ނިންނި ތިއޮތް ރުޅިގަދަވީ، ޕްލީޒް ކާމް ޑައުން ނިންނި، އަހަރެން މިހެން އުޅުނަސް މީހުންގެ ސިއްރުތަކަށް އިޙުތިރާމްކުރަން، ފުރަތަމަ ހީވީވެސް ނިންނިއަށް ލޯބިވެރިޔަކު ފޮނުވައިގެން އުޅުނު އެއްޗެއްކަމަށް. އަހަރެން މަޖަލަކަށް ކަމެއް ކޮށްލިޔަސް ދުވަހަކު ނިންނިއަށް ހާޓްކުރާކަށް ކަމެއްކޮށްފައެއް ނުވާނެ........" ޒޯޔާ ކުރު ސޯޓަކާއި ޓޮޕްކޮޅެއްލައިގެން ހުރެ ސެލްފީ ނަގަމުން ދިޔައިރު އެހެން ކަމަކާއި ފިކުރުކުރާ ކުއްޖެއްހެނެއް ހިޔެއްނުވެއެވެ. އަމިއްލަ ދުނިޔެއެއްގައި އުޅޭކަހަލައެވެ. ރަނީން އިރުކޮޅެއްވާންދެން ޒޯޔާ އަށް ބަލަން ހުރިއިރު ހީވަނީ ޒޯޔާ ދެއްކި ވާހަކަތައް އަމިއްލަ ނަފުސަށް ޔަގީންކޮށްދޭން އުޅުނުހެންނެވެ. ތެދެކެވެ. މިވީހާތަނަށް އެނގިގެން ޒޯޔާ އޭނައަށް ދެރައެއް ދީފައެއް ނުވެއެވެ.

ރަނީން ޙައިރާންވީ މިހުރިހާ ދުވަހު ބައްޕަގެ ފޮށީގައި ހުރި އެއްޗެއް ބަލާނެ ވަގުތެއްނުވެފައި ހުރެވުނީތީއެވެ. ސިޓީއާއި ފޮށި ރައްކާކުރުމަށްފަހު ތަޅުލާފައި ތަޅުދަނޑި އޭނަގެ ޖިންސްގެ ޖީބަށް ވައްޓާލާފައި ރަނީން ނުކުތީ ބޭރަށެވެ. އިޒްޔަންއަށް ގުޅައިގެން އޭނަ ވާހަކަދައްކަން ފެށިއިރު އެހެން ހުރިހާ ކަމެއް ހަނދާން ނެތިއްޖެއެވެ.

އިޒްޔަން ކާރު ޕާކްކޮށްލާފައި ގެއަށް ވަންނާން އައިއިރު ދޮރުމަތީގައި އިތުރު ފައިވާނެއް ހުރިތަން ފެނިފާ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. މިގަޑީގައި ނަތާލީވާނީ އޮފީހުގައިކަމަށް އޭނަ ހީކުރިއެވެ. ގެއަށް މިހާ ނުވަގުތެއްގައި އައީވެސް ބޮލުގައި ރިއްސާވަރުން ކުޅަދާނަ ނުވެގެންނެވެ. އައިއިރު މިފެންނަން އުޅެނީ ކޮންތައްގަނޑެއް ހެއްޔެވެ؟ އިޒްޔަން ދޮރުގެ ތަޅު ހުޅުވާލާފައި މަޑުމަޑުން ދޮރު ހުޅުވާލިއިރު ނަތާލީ ރުޅިގަދަވެފައި އެއްޗެކޭ ބުނެލިއަޑު އިވުމުން އިޒްޔަން ހިމޭންވިއެވެ.

"އަހަރެން ބުނެފީމެއްނު މިގެއަށް ނުވަންނާށޭ، އިޒްއަށް އެނގިއްޖެނަމަ ހީކުރާނީ ކީކޭތަ؟ " ނަތާލީ ރުންކުރުވެފައިވާ ގޮތަކަށް ބުނެލި އަޑު އިވުނެވެ.

ކޮމެންޓް 0