ރަނީން އެހީވާން އެއްފިޔަވަޅު ކުރިއަށް އަޅާފައިވެސް ހުއްޓުނީ ކުއްލިއަކަށް އައިނައި ތަނެއް ނޭގި ސްމާޓް ފިރިހެނަކު އެދިމާލަށް ދާތަން ފެނިފައެވެ. ފަހަތުން ބަލާފައިވެސް ރީތި މީހެއްކަން ދެނެގަންނާކަށް އުދަގުލެއް ނުވިއެވެ. އެފިރިހެން ވަންތަ ހިނގުމުން އެކަނިވެސް ރަނީންގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ. އެމީހަކު ގުދުވެލާފައި ބޯޅަ ނަގާފައި އެނބުރުނެވެ. އަދި ޔަނާއަށް ދިއްކޮށްލީ އޯގާތެރި ހިނިތުންވުމަކާއިއެކު ގައެވެ. އެމޫނަށް ބަލާލުމާއިއެކު ރަނީންގެ ހިތް އޭގެ މަޤާމު ދޫކޮށްލާފައި ދިޔަފަދަ އިހުސާސެއް ކުރެވުނެވެ. ހަތަރެސްފައި ގަނޑުފެނަށް ލިޔަސް ފިނިވާނީ އެހާކަށްހާ ވަރަށެވެ. އެސްފިޔަ ޖަހައިލާކަށްވެސް ނޭގުނެވެ.

އެއީ އިޒްޔަން ފިޔަވާ ދެވަނަ މީހެއް ނޫނެވެ. އޭނަގެ ހިތުގައި ކޫރުން އަޅުވާފައި ފުރައިގެން ދިޔަ މީހާއެވެ. އޭނަގެ ފުރާނައެވެ. ހިތެވެ. އެމީހަކަށްޓަކާ އޭނަގެ ދެލޮލުން އެތައް ކަރުނައެއް އޮހޮރޮވިއެވެ. އެވަރަށް އާދޭސް ކުރުވިއެވެ. އޭރު ރަޙުމުގެ ކުޑަ މިންވަރެއްވެސް ނެތް ހިލަ ހިތެކެވެ. އަދި ހިތް ރޮއްވާލާފައި އެހެން މީހެއްގެ ފިރިއެއްގެ ގޮތުގައި އޭނައާއި ވަކިވެގެން ދިޔުމުން އޭނަގެ ހިތަށް ކުރި އަސަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އަމިއްލަ ނަފުސާއި ހަނގުރާމަކޮށް ހިތުގެ މައްޗަށް ބާރު ފޯރުވީ ހާދަވަރުންނެވެ. އެހަނދާންތަކާއި ދުރުވުމުގައި ކާމިޔާބު ނުވެ އުޅެނިކޮށް ދެވަނަ ފަހަރަށްވެސް އަނބުރާ ކުރިން ހުރި މަންޒިލަށް ފޯރީއެވެ. ބަދަލު އައީ އެކަނި ދުނިޔެއަކަށް ނޫނެވެ. އޭނަގެ ޙަޔާތަށް އެކަނިއެއް ނޫނެވެ. އިޒްޔަންގެ މޫނު މާ ފިރިހެން ވެފާ ކުރުކޮށް އިސްތަށިގަނޑާއި ތުނިކޮށް ބަހައްޓާފައިވާ ތުނބުޅި ހުރުމުން ޝަޚުސިއްޔަތު ވަރުގަދަވެފައިވެއެވެ. މުށިކުލައިގެ ޓީޝާޓާއި ޖިންސްގައި ހުރިއިރު ހެދުން އިޝްތިހާރެއްފަދައެވެ.

ޢަޖައިބުވީ މިހާ ދުވަސްވީއިރުވެސް އޭނަގެ ހުވަފެންތައް އިޒްޔަން ހިސާރުކޮށްފައިވާތީއެވެ. ހުވަފެނުގައި އިޒްޔަން ނާންނަ އެންމެ ރެއެއްވެސް ނާދެއެވެ. ބުންޏަސް މީހަކު ގަބޫލެއް ނުކުރާނެއެވެ. އެކަމަކު ކޮންމެ ރެއަކު އިޒްޔަން ކޮންމެވެސް ސިފައެއްގާ ފެނެއެވެ. އިޒްޔަންގެ ހަނދާންތައް ހިތުން ފިލުވާނުލެވުނީ އެހެންވެއެވެ.

އެންމެ ފުރަތަމަވެސް ނުކުމެވެންވީ މި އަނިޔާވެރިޔާގެ ކުރިމައްޗަށް ހެއްޔެވެ؟ ހަތަރު އަހަރު ފަހުން ފެނިފައިވެސް އޭނަގެ ހިތް ހަލަބޮލިކޮށްލުމުގައި ކާމިޔާބުކޮށްލައިފިއެވެ.

"ޑޭމިޓް ކީއްވެ؟ ކީއްވެ؟ "ރަނީން އަމިއްލަ ހިތާ ސުވާލުކޮށްފައި އަވަސް އަވަހަށް ގަހެއްގެ ނިވަލަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ހީވީ އޭނަ ހުރިތަނެއް އެނގިގެން އިޒްޔަން ބަލައިލިހެންނެވެ. ނަޒަރު އަމާޒުވީ ސީދާ އޭނަ ކުރިން ހުރި ދިމާލަށެވެ. އެބަލައިލީ ޔަނާއާއިއެކު އައިސްފަ ހުރި މީހެއް ދެނެގަންނަންވެގެން ކަން އެނގުނެވެ. އެހާ ދުރުންވެސް އެލޮލުގެ ތޫނުކަން ފާހަގަކުރެވި ރަނީންގެ އަތުގެ ލޯލިތައް ކޮޅަށް ޖެހުނެވެ.

ޔަނާއަށް ބޯޅަ ލިބުމުން މިކޮޅަށް ދުވެފައި އަންނަން ހެދިއިރު އެހެން ލާފައި އައި އަންހެންކުދިންކޮޅެއް ޔަނާއާއި ސަކަރާތްޖަހަން ފެށިއިރު ހީވީ އެކުދިންގެ ޢާއިލާ ކުއްޖެއްހެންނެވެ. އިޒްޔަން ޔަނާއާއިއެކު ކުޅެންހުރި ފިރިހެންކުއްޖާގެ އިސްތަށިގަނޑާއި ކުޅެލިއެވެ. ނިކަން ލޯތްބާއިއެކު އެއްޗެކޭ ބުނެލާފައި އެކުއްޖާ ކޮނޑަށް ލީތަން ފެނުމުން ރަނީންގެ ހިތަށް ވީ ނުބައި ގޮތެކެވެ. އެއީ އިޒްޔަންގެ ދަރިހެއްޔެވެ؟ އެސުވާލު ކުރުމާއިއެކު ހިތަށް ޖަވާބުވެސް އެނގުނެވެ. އެއީ އިޒްޔަންގެ ދަރިފުޅުކަން ޔަގީންވިއެވެ. އެހާ ދުވަސްވީއިރު އިޒްޔަންގެ ދަރިއެއް ނުހުންނަންވީ ސަބަބެއް ނެތެވެ.

 

"ކާކުދިން ބޯލްއެއްތަ ސްވީޓްހާޓް...." ރަނީން ގަހުގެ ނިވަލުން ނުކުމެފައި ޔަނާއަށް ގޮވާލަމުން އަހާލައިފިއެވެ.

"ޖިމް......" ޔަނާ ކޮންމެވެސް ނަމެއް ކިޔާލައިފިއެވެ.

"އެބޯއި ގެ ނަމަކީ ޖިމްތަ؟ "ރަނީންގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. ޔަނާ ދެއްކީ މުޅިން އެހެން ވާހަކައެކެވެ. މޫދުން ކިނބުލެއް ފެނުނު ވާހަކައެވެ. ރަނީން ހީކުރީ އޭނަ ކޮންމެ ރެއަކު ޔަނާއަށް ވާހަކަ ކިޔާދޭތީ އެކަހަލަ އެއްޗެކޭ ބުނީ ކަމުގައެވެ. ގެއަށް އައި މަގުމަތީގައި ފިހާރައަކަށް ވަނީ އައިސްކްރީމް ގަނެލާށެވެ. އެތާހުރި ޓީވީއަކުން އޭރު ލައިވްކޮށް ދައްކަމުން ދިޔައީ ރާއްޖެތެރޭގެ ރަށަކުން ކިބުލެއްފެނިގެން އުޅޭތީ އެވާހަކައެވެ. ރަނީންއަށް ބަލައިލެވުނީ ޔަނާއަށެވެ. ޔަނާއަށް އެކަން މާކުރިން އެނގުނީ ކީއްވެހެއްޔެވެ؟ ނޫނީ އެކުޑަ ފިރިހެންކުއްޖާ އެ ޚަބަރުދިނީ ހެއްޔެވެ؟ މިއީ ޔަނާ އެފަދަ ވާހަކައެއް ދެއްކި ފުރަތަމަ ފަހަރެއްނޫނެވެ. ތިންވަނަ ފަހަރެވެ. ގޭ ކައިރީ ކުއްޖަކު އެކްސިޑެންޓްވި ދުވަހު ގަޑިއެއްހާއިރު ކުރިން ޔަނާވަނީ އެކުއްޖާ އެކްސިޑެންޓްވި ކަމަށް ބުނެފައެވެ. ޔަނާއަކީ ސައިކިކް ކުއްޖަކީ ހެއްޔެވެ؟

އިންޑިއާގައި އަހަރުތަކެއް ހޭދަކުރަން ޖެހުނުއިރު ނާޒްލީއާއި ރަނީންވަނީ ކުރީގެ ހަޔާތާއި ދުރުވެ ހިތި ހަނދާންތަކެއް އެއްފަރާތްކޮށް އާ ދިރިއުޅުމެއް އަރާސްތުކުރަން މަސައްކަތްކޮށްފައެވެ. ރަނީން ކިޔެވުމާއިގެން ކުރިއަށް ދިޔައިރު ނާޒްލީ އުޅުނީ ކޭކު ހެދުމުގެ މަސައްކަތުގައެވެ. ތަންކޮޅެއް ޒުވާން އިރު ނާޒްލީ އެމަސައްކަތުން އެކަށީގެންވާ ކާމިޔާބީ ހާސިލުކޮށްފައިވެއެވެ. އެމަސައްކަތާއި ދުރުގައި އަހަރުތަކެއް ވޭތުކުރުމަށްފަހު އަލުން ކޭކު އެޅުމުގެ މަސައްކަތް ފެށީ އޭނަ އިންޑިއާގައި ހުރެ އާމްދަނީ ހޯދުމަށެވެ. ދާދި ކުޑަދުވަސްޅެއްގެ ތެރޭގައި ނުނިންމޭހާ ގިނަ އޯޑަރުތައް ލިބެންފެށިއެވެ. ކައިވެނި އަދި އުފަންދުވަސްފަދަ ޚާއްސަ މުނާސަބާއާއި ގުޅުވައިގެން އޭނަ އަޅާ ކޭކު އާއްމުންގެ ލޯބި ހޯދިއެވެ. އޭގެ އިތުރުން އޭނަ ކަޕްކޭކުވެސް އަޅާފައި ވިއްކަންފެށިއެވެ. ރަނީން އެމަސައްކަތާއި ގަޔާވެ ދޮންމަންމައަށް އެހީތެރިކަން ފޯރުކޮށްދީ ޑިޒައިންތައް ކުރަހާދެއެވެ.

އިންޑިއާއިން މާލެ ބަދަލުވުމަށްފަހު ނާޒްލީ ހޯދި އެޕާޓްމެންޓް ކުޑަނަމަވެސް ހިތްގައިމެވެ. ރަނީން އުޅެން ވަކި ކޮޓަރިއެއް މިފަހަރުވެސް ލިބުނެވެ. މާލެއައުމަށްފަހު ރަނީންއަށް ކޮލެޖުން ޖާގަ ލިބުނަސް އޭނަ އަމިއްލައަށް އާމްދަނީ ހޯދުމަށް ވަޒީފާއަކަށް ދާން ފެށުމަށް ނިންމިއެވެ. އަމިއްލަ ބޭނުންތަކަށް ދޮންމަންމަގެ އަތުން އަބަދު ލާރި ހޯދަން އޭނަގެ ހިތެއް ނުރުހެއެވެ. ނާޒްލީ އަކީ ދޮންމަންމަ ކަމުގައިވާ ހިނދު އޭނައަށް އެ ޙައްޤު އޮންނަކަމަކަށް އޭނަ ނުދެކެއެވެ. މުސްކުޅި މާމައެއް ބަލަހައްޓަމުން އެކުރާ ބުރަ މަސައްކަތުން ލިބޭ އެންމެ ފައިސާ ފޮތްޗެއްގައި ޖެހޭކަށްވެސް ރަނީންގެ ހިތެއް ނުރުހެއެވެ. އިންޓަވިއުއަށް ދިޔަ ދުވަހު އޭނަ ބިރުން ފިނިވާގޮތްވިއެވެ. ރަނީންގެ ހިތަށް ފިނިކަމެއް ލިބި އިންތިހާއަށް އުފާވީ ވަޒީފާ ހަމަޖެހުނުކަން އެނގުމުންނެވެ. އެތައް ދުވަހަކަށްފަހު އަމިއްލަ ފައިމައްޗަށް ތެދުވެވެން އުޅޭކަމުގެ ހެއްކެކެވެ.

ރަނީން އެޕާޓްމެންޓަށް ވަދެލާފައި ލައިގެން ހުރި ކަޅު ހެދުން ބޭލިއިރު އެތެރެއިން ލާފައި ހުރީ ހުރަސްރޮގުތަކެއް ދެމި ކުރު ޓޮޕްކޮޅަކާއި ސްކިނީއެކެވެ. ފިރިހެނަކު ނޫޅޭތީ ކިތަންމެހާވެސް ފަސޭހައެވެ. ގޭތެރޭގައި އޭނަ ބޭނުންގޮތަކަށް މިނިވަންކަމާއިއެކު ހެދުން ލެވެއެވެ. ނާޒްލީ ކޭކުގައި އައިސިންޖަހަން ހުރެފައި ދެކުދިން ކައިރިން ޚަބަރު އޮޅުންފިލުވިއެވެ. ރަނީން ކިނބުލުގެ ވާހަކަ ކިޔައިދިނުމުން ނާޒްލީވެސް ދެލޯ ބޮޑުކޮށްލިއެވެ. ޔަނާއަށް ބަލައިލިގޮތުން ހީވީ ބިރެއް ފެނުނުހެންނެވެ.

"ޔަނާ ޖިންނި އަވަލީތަ؟ ކުރިއަށް ވާން ހުރި ކަންތައް އެނގެންޏާ ކޮންމެވެސް ކަހަލަ މައްސަލައެއްކަން ޔަގީނޭ........."ނާޒްލީގެ ވާހަކަ ހުރިގޮތުން ރަނީންގެ ގާތަށް ހިނި އައެވެ. މަންމަމެންގެ ޚިޔާލު ހުންނާނީ އެކަހަލަ ގޮތަކަށެވެ. ކޮންމެ ކަމެއް ގުޅުވާނީ ޖިންނިއަކާއެވެ. ޔަނާ ނާޒްލީ މެން ދައްކާ ވާހަކައަކަށް ފަރުވާލެއްނެތި ބޯޅަ ކުޅުމާއިގެން އުޅުނެވެ.

ރަނީން ކޮފީތަށި ހަދަނިކޮށް ހޫނު ފެން އަތަށް ބަންޑުންވިއެވެ.

"އައުޗް...." ރަނީން އަވަހަށް އިސްކުރަށް ދޫކޮށްލާފައި އޮހެމުން ދިޔަ ފެނަށް އަތް ދިއްކޮށްލުމުން ދިލަ ކެނޑުނެވެ.

"ނިންނި ޖޮބަށް ނިކުންނަން ޖެހެނީ ކޮން ދުވަހަކުންތަ؟ "ނާޒްލީ އަހާލިއެވެ. ރަނީން ސިހިފައި ޖަވާބުދިނީ ނާޒްލީ ދެވަނަފަހަރަށް ސުވާލު ތަކުރާރުކޮށްލުމުންނެވެ. ނާޒްލީ އެކަމާއި ވިސްނާލަން މަޖުބޫރުވިއެވެ. ރަނީން ވިސްނަނީ ކޮންކަމަކާއި ހެއްޔެވެ؟ އަދިވެސް އެކުއްޖާގެ ހިތުން އިޒްޔަން ނުފިލަނީހެއްޔެވެ؟ ހާދަ ދެރައެވެ.

ރަނީން ދަންވަރު ހޭލެވުނީ ނުބައި ހުވަފެނެއް ފެނިގެން ހަޅޭއްލަވައިގަނެފައެވެ. ހޭލެވުނުއިރު ގައިން ފިނި ދަލެއް ހިއްލާލާފައިވެއެވެ. ސިކުނޑިއަށް ކިތަންމެ ބާރުލިޔަސް އެފެނުނު ހުވަފެނެއްގެ މަތިން ހަނދާނެއްނުވިއެވެ. ނަމަވެސް އިޒްޔަން ފެނުނުކަން އެނގުނެވެ. ބޮޑުކަމެއްވާން އުޅެނީއޭ ހިތަށް އެރިއެވެ. އޭނަ އެނދުން ފުންމާލައިގެން ނުކުތީ ފެންފޮދެއް ބޯލުމުގެ ނިޔަތުގައެވެ. ބެލްކަނިން ފިރިހެނަކު ވާހަކަދެއްކި ހެން ހީވެފާ ރަނީންގެ ކަނދުރާގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ފްރިޖް މަޑުމަޑުން ލައްޕާލާފައި ތެދުވެގެން ނިކަން ސިއްރުން ހިނގަމުންގޮސް ބެލްކަނި ފެންނަ ހިސާބަށް ނުކުތެވެ. ނާޒްލީއާއި ފިރިހެނަކު ބެލްކަނީގައި ތިބިއިރު އެމީހަކީ ކާކުކަން ނޭގުނީ ފުރަގަސް ދީގެން ހުރުމުންނެވެ.

"ޗީ، ހިތަކަށް ނާރާ ދޮންމަންމަ ދަންވަރު ގެއަށް ހިލޭ ފިރިހެނުން ވައްދައިގެން އުޅޭނެއޭ، މިއީ މިކުރާ ކަމަކީ، މިއީ މި އަރާމް ދިރިއުޅުން ހޯދި ގޮތަކީ. ކޭކު ވިއްކައިގެން މިހާ ވަރުގެ ތަނެއް ލިބިދާނެހެން ހިޔެއްނުވޭ....." ރަނީން މަޑުމަޑުން ދޮރު ލައްޕާލާފައި އެނދަށް ވެއްޓިގަތެވެ. ދެލޯ ސީލިންގަށް ހުއްޓާލައިގެން އޮތީ ގަބޫލުނުކުރެވިފައެވެ. ދޮންމަންމަ މިހުރިހާ ދުވަހު ދެއްކީ ހަމަ ދަޅައެއް ހެއްޔެވެ؟ އޭނަގެ ހިތުން ދޮންމަންމަ މަގާމެއް ހޯދީ ކުއްލިއަކަށް ނޫނެވެ. މަޑުމަޑުންގޮސް އޭނަ ދޮންމަންމަ ބަލައިގަތީ އެހެރަ ރަގަޅު އަޚުލާގާއި ދީންވެރިކަމުގެ ސަބަބުންނެވެ. އޭނައަށް ދެއްކި އޯގާތެރިކަމާއި އަޅާލުމުގެ ސަބަބުންނެވެ. މިހާރު އޭނަގެ ކުރިމަތީގައި އެ އަންހެނާގެ ޤަދަރު ކުޑަވެއްޖެއެވެ.

"އެކަމަކު އެއްވެސް އިންސާނެއް ފުރިހަމައެއް ނުވާނެ، ކޮންމެމީހެއްގެ އުނި ސިފައެއް ހުރެދާނެ، އަހަރެންވެސް ޖެހޭނެ އެކަން ގަބޫލުކުރަން، ކިތަންމެ ރަގަޅު މީހަކީވެސް މަލާއިކަތެއް ނޫން، ޝީޒް ނޯ އެންޖެލް، އެކަމަކު ދޮންމަންމަ އަކީ ގޯސް މީހެއްވެސް ނޫން، އެކަމަކު އެއީ ކާކު؟ އިޒްޔަން ނޫނީ އެމާގެ ބައްޕައަށް ވެދާނެތަ؟ ނޫނީ ނާޒް ދައްތަ ފައިސާ ހޯދަންވެގެން...ނޯ ނޯ އަހަރެން މިގޮތަށް ވިސްނައިގެންވެސް ނުވާނެ. ކުށްހީ ކުރުމަކީ ފާފައެކޭ ބުނެ އުޅެއެއްނު، ސީދާ އަހަންވީކަން ނޭގޭ ނާޒް ދައްތަ ވާހަކަދައްކަން ހުރީ ކާކާ ހެއްޔޭ، މިހާ ރީތި އެޕާޓްމެންޓެއް ހޯދީމަ ޝައްކެއްވެފައި ހުއްޓާ މިހާރު އެނގިއްޖެ، ކޮންމެ މީހަކަށް ވިޔަސް އެއީ ނާޒްދައްތަގެ ކްލޯޒްމީހެއް...." ރަނީންގެ ޚިޔާލު އެކި ގޮތްގޮތަށް ދަތުރުކުރަން ފެށިއެވެ.

ފަތިހު ހޭލެވިގެން ރަނީން އޮތީ ކޮޓަރިން ނިކުންނަހިތް ނުވެފައެވެ. ބަންގީގެ އަޑުއަހަން އޮތްއިރު ދެލޮލުން ނިދި ފިލައިހެން ހިނގައްޖެއެވެ. ކަންނެތްވެފައިވާ ހަށިގަނޑަށް ކުޑަ ދިރުމެއް ލިބުނީ ފަތިސް ނަމާދުކޮށްލެވުނީމައެވެ ހިތަށް ލިބުނު ފިނިކަމުން ތުންފަތްމަތީގައި ދާއިމަށް ހުންނަ ހިނިތުންވުން ފުންވިއެވެ. ނަމަވެސް ފިލްމެއް ބަލަން އުޅުމުން އެކަމެއް ނުވިއެވެ. ވާހަކައެއް ކިޔާލަން ހުޅުވާލާފައި ފޮތް ބޭއްވީއެވެ. ދޮރު ހުޅުވާލާފައި ހާމަ ވައި ކޮޅެއް ހޯދަން އުޅުނީވެސް ހާސްވާން ފެށުމުންނެވެ. ޑިޕްރެޝަންގެ ޝިކާރައެއްކަމަށް ވާކަށް އޭނަ ބޭނުމެއްނޫނެވެ. އިޒްޔަން އެހާ ދެރަކޮށްލާފައި ދިޔުމުން އޭނަ މޮޔައެއްހެން މިހެން އިންނަންވީހެއްޔެވެ؟ އުފާކުރަންވީއެވެ. ތަންތަނަށް ދާންވެސް ވީއެވެ.

އެހެން ދުވަހާއި ޚިލާފަށް ރަނީން ނުކުމެފައި ނާޒްލީއަށް އެހީވާން އެއްވެސް ކަމެއްކުރާކަށް ނޫޅުނެވެ. ސައި ތައްޔާރުކުރުމުގައި އެހީވުމެއްނެތި އޭނަ ރީތިވެލައިގެން ނުކުމެ މައިލޯތަށްޓެއް ހަދާލުމަށްފަހު ޖޯޑު މޭޒުމައްޗަށް ޖަހާލާފައި ދާން ހިނގައިގަތްތަނާ ނާޒްލީ ދޮރުން ބޯދިއްކޮށްލައިފިއެވެ.

"ނިންނި ޑިއުޓީއަށްތަ؟ ޔަނާ ކުޑަކޮށް ހުން ވައްތަރުވެލާފައި...." ނާޒްލީގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވިއެވެ.

"ގަޑިޖެހެނީ، އަދި ޓެކްސީ ގަޑެއް ލިބޭނެކަމެއްވެސް ނޭގޭ، ހުންނާނެ ޕެނެޑޯލް، ހުންގަދަވަންޏާ ފެންފޮތިލާނީ، އެންޑް ވައިރަލް ފީވަރގައި އެނޫން ފަރުވާއެއް ނެތް، ދިޔާ އެއްޗެހި ދީފައި ރެސްޓް ކުރުވާނީ....." ރަނީން ކަޅުކުލައިގެ ބޫޓަކަށް އަރާފައި ނާޑުވާކޮޅު އައްސަން އިނދެލާފައި ބަލާވެސް ނުލާ ކިޔާލިއެވެ. ޔަނާ ފިޔާތޮށިކުލައިގެ ޕިޖާމާކޮޅެއްގައި ނުކުމެފައި ހުއްޓާ ފެނިފައި ރަނީން ގޮސް އެކުޑަ މޫނުގައި ދެއަތުން ހިފާލާފައި ބޮސްދިނެވެ. އޭރު އެދޮންމޫނަށްވަނީ ރަތްކުލަ އަރާފައެވެ. ކުޑަ ޕަރީއެއްފަދަ ރީތި އަންހެންކުއްޖެކެވެ.

"ލަވް ޔޫ ސްވީޓްހާޓް. ގުޑް ގާލްއަކަށްވެގެން މިލްކް އެންޑް ބޭސް ބޮއިގެން ރެސްޓް ކުރާތި، އޭރުން ބީޗަށް ގެންދާނަން......" ރަނީން ކިޔާލިއެވެ. ޔަނާ ރަނީންގެ ކަނދުރާގައި ބައްދާލުމުން ރަނީންއަށް ދުވީ ބޭބީ ލޯޝަނުގެ ލުއި ވަހެވެ. ޔަނާގެ ގައިން އަބަދުވެސް ލުއި މީރުވަހެއް ހިފާލާފައި ހުރެއެވެ.

ނާޒްލީއަށް ރަނީންއަށް ބަދަލެއް އަތުވެއްޖެކަން އެނގުނެވެ. އެއީ ކީއްވެކަމެއް ނާޒްލީއަށް ރޭކާނުލިއެވެ. ނާޒްލީ ބިރުގަންނަނީ ރަނީންއާއި ދޭތެރޭގައި މިހާރު އޭނަ ދެކެމުންދާ ހުވަފެނުގައި ކުލަ ނުޖެއްސިދާނެތީއެވެ. އިޒްޔަންއާއި ގުޅުވަން އުޅުނީމަ އެކަންވަނީ ނާކާމިޔާބުވެ ނިމިފައެވެ. މިހާރު އޭނަ ރަނީންއަށްޓަކާ ހޮވާފައިވަނީ އާދައިގެ މީހެއްނޫނެވެ. މާލޭގައި ނަން ހިނގާ މަޝްހޫރު މީހެއްގެ ފިރިހެން ދަރިއެކެވެ. ރަނީންއާއި ގުޅޭފަދަ ބައިވެރިއެކެވެ. މަޖުބޫރުކޮށްގެން ނަމަވެސް އެކަން ކުރުވަން ނާޒްލީ ވިސްނާތާ ދުވަސްކޮޅެކެވެ.

ރަނީން ފެންނަ ކޮންމެ ޓެކްސީއެއް ހުއްޓުވަން އަތްނަގާއިރު އޭނަގެ ހިތް އޮތީ ތެޅިތެޅިއެވެ. ގަޑިއަށް ނުދެވިއްޖެއްޔާ ފުރަތަމަ ދުވަހުވެސް އޭނަ މަސައްކަތަށް ފަރުވާކުޑަ ކުރާކަމުގައި ނަންވާނެއެވެ. މާލެއިން ޓެކްސީގަނޑެއް ނުލިބެނީ ކީއްވެހެއްޔެވެ؟ މުޅި މާލޭގެ މަގުތައް ފުރާލާފައި ޓެކްސީއޮންނަ އިރުވެސް ގަޑިއަކަށް ތަނަކަށް ދާކަށް ޓެކްސީގެ ޚިދުމަތެއް ލިބެނީއެއް ނޫނެވެ. ކޮންމެ ޓެކްސީއެއްދަނީ މީހުން އަރުވައިގެންނެވެ.

"އެންމެ ދިހަ މިނިޓް......ގޯޑް ޕްލީޒް ހެލްޕްމީ...." ރަނީން އަތް އުފުލާލައިގެން ހުއްޓާ އެހެން ލާފައި އައި ކާރެއް މަޑުކޮށްލުމުން ބަލާވެސް ނުލާ ކާރަށް އަރާ ރަނީން ހަމަޖެހިލާފައި ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ. ގަޑިއަށް ނުދެވި ހިނގައިދާނެކަމުގެ ބިރު ފިލާ ހިތް ހަމަޔަކަށް އެޅުނެވެ.

ކޮމެންޓް 0