މަންސޫރުވެސް ހުރީ ހިލައިގެ ބުދެއްހެންނެވެ. ގަނޑުވެފައެވެ. ނަތާލީގެ އިންޒާރުތަކުން ހިތަށް ބިރުވެރިކަން ވަދެފައެވެ. ނަތާލީއަކީ އާދައިގެ މީހެއްނޫނެވެ. ނުރައްކާތެރި އަންހެނެކެވެ. އޭނަވަނީ އެކަން ކިތަންމެހާވެސް ރަގަޅަށް މަންސޫރަށް ސާބިތުކޮށްދީފައެވެ. މިހާރު އަނެއްކާ މަންސޫރުގެ ޙަޔާތަށް އައިގޮތަށް ބިރުދައްކަން ފެށީއެވެ.

ކޮންމެވެސް މީހެއްގެ ހިލަންވިހެން ހީވެފައި މަންސޫރުއަށް ފަހަތަށް އެނބުރި ބަލާލެވުނެވެ. މަންސޫރުއަށް ފެނުނީ ގޭގައި ގެންގުޅޭ ބުޅަލެވެ.

ދޮރުފަތުގެ ނިވަލުގައި މަޑުކޮށްލައިގެން ހުރި ލިވާން ހުރީ ކަންފަތަށް އިވެމުން ދިޔަ ވާހަކަތައް ނަގައިގަންނަން އުދަގޫވެފައެވެ. އޭނަގެ ބައްޕަގެ އެހެން ދަރިއެއް ހުރެދާނެކަމަށް ފަހަރެއްގައިވެސް އޭނަ ހީކޮށްފައެއް ނެތެވެ. އަދި އެމީހަކަށް ވާންވީ އިޒްޔަންއެވެ. ދޮންމަންމަގެ ފިރިހެން ދަރިފުޅެވެ. އިޒްޔަންއާއި ހެދި މީރާ އުޅޭކަމަށް ހީކުރެވި އޭނަވަނީ މީރާއާއި ދިމާކޮށްފައެވެ. އެކުރެވުނީވެސް ކިހާ ވިޔާނުދާ ކަމެއް ހެއްޔެވެ؟ އޭރުވެސް ނާޒްލީ އެކަން ރަގަޅަށް ދަންނާނެއެވެ. އެނގިހުރެ މަނާކުރަން އެއްޗެކޭ ނުބުނީ ކީއްވެ ހެއްޔެވެ؟ އިޒްޔަން މީހަކާއި ނީދެ ހުރިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

"އެންމެ ހެއްވައީ އަދި އިޒްޔަން އެގުޅުނީ ބައްޕަ ކުރިން ގުޅުން ބޭއްވި މީހަކާއި ކަމަށްވީމަ، އެންމެންގެ ނަޒަރުގައި ލޯބިވެރިޔާއޭ އެބުނި މާނައެއް ނޭގުނަސް އެދެމީހުންގެ ދޭތެރޭގައި ގުޅުމެއްވިކަން ޔަގީނޭ. މިކަންތައް މީރާއަށް އެނގިއްޖެއްޔާ ވާނީ ކިހިނެއް؟ ޝުޑް އައި ޓެލް ހާރ ނޫނީ އޭނަގެ އަމިއްލަ ބޭބެއެއްދެކެ އިޝްގީ ލޯބިވެވިދާނެ، އާނ އައި ހޭވް ޓު ޓެލް ހާރ.. ކޮއްކޮ އަނދިރީގައި ބެހެއްޓުމުގެ މާނައެއްނެތް............." ލިވާން އިސްތަށިގަނޑުގައި އަތް ހާކާލިއެވެ.

އިޒްޔަން ގަދަކަމުން އެސްފިޔަތައް ދުރުކޮށްލަން އުޅުނުއިރު އޭނައަށް އިވުނީ ނަތާލީގެ އަޑެވެ. ނަތާލީ ކޮންމެވެސް މީހަކަށް ގުޅާލައިގެން ހުރެ އެދައްކަނީ ކޮންކަހަލަ ވާހަކައެއްކަން އެނގުމުން އިޒްޔަން ނިދާކަމަށް ހެދިގެން ހިމޭނުން އޮތެވެ.

"އަޔާޒު ފަންޑިތަ ހަދަން މޮޅުމީހެއްކަން އެބަ އެނގެޔޭ. އިޒް މަށަށް ލިބުނީ އަޔާ އެހީތެރިވެދިނީމަ. ދެރައީ އެ އިޙުސާންތެރިކަމުގެ އަގު އެހެން ގޮތަކަށް ހޯދަން އަޔާ އުޅެގަތީމަ. އަޔާ ނިކަން ވިސްނާލަބަލަ، އަހަންނަކީ މީހެއްގެ އަންބެއް. ކިހިނެއް އަހަރެން ހިލޭ ފިރިހެނެއްގެ ތަންމަތި ފަޅުފިލުވާލަން ދާންވީ؟ ދޭންވާ އެއްޗެހިވެސް ހައްތާ މައްޗަށް ތިދަނީ........" ނަތާލީ ދަތްތަކަށް ބާރުލާފައި ކިޔާލިއެވެ.

"ހާދަ ހަޔާތްކުޑަވެގެން ތިއުޅެނީ. މީހެއް ވިއްޔާ ގޮތެއްވެސް ހުންނަން ޖެހޭނެ......." އެކޮޅުން ދެއްކި ވާހަކަތައް އަޑުއަހަން ހުރެފައި ނަތާލީގެ ރުޅި އިތުރަށް ގަދަވިއެވެ.

"ޝައިތާނާގެ އަޅަކަށްވެފައި ދޯ ކަލޭ ތިހިރީ؟ މުސްލިމަކަށްވެސް ނުވިއެއްނު، އައްޗީޑި......" ނަތާލީ ދެއްކީ އަޔާޒުއާއި ދެކޮޅަށެވެ. ނަމަވެސް ފަހުން މަޖުބޫރުވެގެން ބައްދަލުކުރަން އެއްބަސްވިއެވެ. ނަތާލީގެ ގެއިންނެވެ.

ނަތާލީ އިރުކޮޅެއް ވާންދެން އަޔާޒުއަކާއި ވާހަކަދައްކަން ހުރެލާފައި އެނދުގައި އިށީދެ އިޒްޔަންގެ މޫނާއި އިސްތަށިގަނޑުގައި ފިރުމަންފެށިއެވެ. އިޒްޔަން ފުން ނިދީގައިކަމަށް އޭނަ ހީކުރިއެވެ.

އިޒްޔަންއަށް ހުރިހާ އެއްޗެއް ވިސްނިއްޖެއެވެ. އޭނަ ނަތާލީއާއި ކައިވެނިކުރީ ފަންޑިތައިގެ ބާރުގައެވެ. އެހެން ނޫންނަމަ އޭނަ މަންމައާއި ދެކޮޅަށް ޙަޔާތުގެ އެހާ ބޮޑު ނިންމުމެއް ނިންމުމަކީ އެކަށީގެންވާކަމެއް ނޫނެވެ.

އިޒްޔަން އޭނަގެ އެކުވެރިއެއްގެ އެހީގައި ފަންޑިތަވެރިޔަކާއި ބައްދަލުކޮށްގެން އެކަންތަކުން ސަލާމަތްވާން މަސައްކަތްކުރަންފެށީ ނަތާލީއަށް އަންގާވެސް ނުލައެވެ. ދެދުވަހެއްވީއިރު އޭނަގެ ބޮލުގައިވާ ރިހުން އެއްކޮށް ފިލާ ނަތާލީގެ މަތިން ފޫހިވާގޮތްވިއެވެ. ނަތާލީގެ ސޫރަ ފެނުމަށްވެސް ހިތް ނުރުހެންފެށިއެވެ. ގަދަކަމުން ނަތާލީ އޭނަގެ ލޯބި ހޯދަން އުޅުނަސް ދެން އެކަމެއް ނުވާނެއެވެ. އޭނަގެ ހިތާއި ސިކުނޑިއަކީ އެހެން ފަރާތެއްގެ ނުފޫޒު ފޯރާ އޭނަގެ އަމިއްލަ ބާރެއްނެތް އެއްޗަކަށް ވާކަށް ދޫކޮށެއް ނުލެވޭނެނޫން ހެއްޔެވެ؟

އިޒްޔަން ކޮލެޖަށް ގޮސްފައި އެނބުރި ގެއަށް އައީ ފައިލްތަކެއް ބަލައެވެ. ކޮޓަރިއާއި އަރާ ހަމަވީއިރު ފިރިހެނެއްގެ އަޑު އިވުނުހެން ހީވެފައި ހައިރާންކަމާއިއެކު ދޮރު ހުޅުވާލިއިރު އެނދުމަތީގައި ތިބީ އަޔާޒުއާއި އޭނަގެ އަންހެނުންނެވެ. ދެމީހުންގެ ގައިގާ އަންނައުނު ކޮޅެއްހާ މިންވަރުވެސް ނެތެވެ. އަޔާޒު އަވަސްއަވަހަށް ޖިންސާއި ޓީޝާޓް ގަޔަށް މަހާލައިގެން ނުކުންނާން ހިނގައިގަތްއިރު ތުންފަތްމަތީގައި މަލާމާތުގެ ހިނިތުންވުމެއްވިއެވެ. މިހުރިހާ ދުވަހު އަޔާޒު އޭނަވެސް ގެންގުޅުނީ ކުޅޭ އެއްޗެއްގެ މިސާލުގައެވެ. ފުށްގަނޑު ބޭނުންހާގޮތަކަށް މޮޑުނުއިރު އިޒްޔަންއަކަށް ރޭކާނުލިއެވެ. އިޒްޔަން ތުންފަތް ޖައްސާ ބާރުކޮށްލާފައިވާއިރު ދެލޮލުން އަލިފާނުގެ ކުލަ ފެންނަން ހުއްޓެވެ. އޭނަ ބަލަން ހުރީ އެހާވެސް ހަރުކަށިކޮށެވެ. ދުވަހަކުވެސް އިޒްޔަންގެ އެފަރާތް އޭނައަށް ފެނިފައެއްނެތެވެ. ނަތާލީގެ އަތުގައި ހިފެހެއްޓިލެއް ބާރުކަމުން އައްދިއްޔޯތް އޭ ބުނެލިއިރު އިޒްޔަން މާފަށް އެދެން ހިތަށްވެސް ނޭރިއެވެ. ނަތާލީގެ މޫނުމަތިން ފެނުނު ބިރުވެރިކަމާއި ސިހުން އެކަނިވެސް އޭނަގެ ކުށް ހާމަކޮށްދިނެވެ.

"އިޒް....އަހަ......" ނަތާލީ މާފަށް އެދެން މަސައްކަތްކުރިއެވެ.

"ހުއްޓާލާ، އިތުރަށް އެއްވެސް އެއްޗެއް އަޑުއަހާކަށް އަހަރެން ބޭނުމެއްނޫން، މިހުރިހާ ދުވަހު އަހަރެން މުށުތެރޭގައި ލައިގެން އުޅުނީ ކިހިނެއްކަން އެނގުނީމަ ދެން ކޯންޗެކޭ ކިޔާކަށްތަ؟ ކަލޭގެ ސަބަބުން އަހަރެން ޢާއިލާއާއި ވެސް ވަކިވީ، އަހަރެން ދުވަހަކު މާފެއް ނުކުރާނަން، ދުވަހަކު ތި މުޑުދާރު ސޫރަ ދެކޭކަށް ބޭނުމެއްނޫން......" އިޒްޔަންގެ އަޑު ތަންކޮޅެއް ބާރުވެ އެއިން ކޮންމެ ޖުމްލައެއް ނަތާލީގެ މޫނުމައްޗަށް ބޭލި ބާރު އެތިފަހަރަކަށްވިއެވެ. ނަތާލީގެ ދެލޮލަށް ކަރުނަ ޖަމާވާންފެށީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. އެކަރުނަތަކުން އިޒްޔަންގެ އޯގާތެރި ހިތް މަޑުވެ ކަފަކޮޅަކަށްވާނެކަމަށް ނަތާލީ އުއްމީދުކުރިއެވެ. އޭނަގެ އިޒްޔަން އެހާ ހިތް ހަރެއްނުވާނެއެވެ

"އިޒް، އޭނަ އަހަރެން ބްލެކްމެއިލްކޮށް ލައިގެންނޭ އުޅުނީ، އަހަރެންގެ ވީޑިއޯތަކެއް ލީކްކޮށްފާނަމޭ ކިޔާފައި އުޅެގަތުމުން ނުކެރުނީ، އެދުވަހު އޭސީ ރިޕެއަރކޮށް ދޭނަމޭ ކިޔާފައި އޭނަ ކެމެރާ ހަރުކުރީޔޯ. އެހެންވެ އިޒްކައިރީ ބުނަންވެސް އެހާ ފަސޭހައެއްނުވި، ޕްލީޒް ގަބޫލުކުރޭ، އެއީ ޝައިތޯނެއްކަހަލަ ނުބައި މީހެއް، މަކަރުވެރިމީހެއް......." ނަތާލީ ވާހަކަދައްކަމުން ދިޔައިރު އިޒްޔަންގެ މޫނުމަތިން ރުޅިވެރިކަންފިލާ އެހެން ސިފައެއް ޚިޔާރުކޮށްފިއެވެ. ތުންފަތަށް ވެރިވި ހިނިތުންވުން ނަތާލީއަށް މަނާކުރެވުނީ އެހެން ގޮތަކަށެވެ. އިޒްޔަން އޭނަގެ ވާހަކަތައް ގަބޫލުކޮށް މާފުކުރާނެކަމުގެ ކުށްހީކުރެވުނެވެ.

"ނޫން، އަހަރެން ދެން ބޭނުމެއްނޫން ނަތާލީ، މިއަދަށްފަހު އަހަރެންގެ އަންބެއްނޫން ތީ، ތިހިރީ ވަރިކޮށްފައި......" އިޒްޔަން ތަންކޮޅެއް މައިތިރިވެފައި ބުނެލި ޖުމްލަތައް ނަތާލީގެ ހިތުގައި ޖެހި ތޫނު އެތިފަހަރުތަކަށްވެގެން ދިޔައެވެ. ނަތާލީ އިޒްޔަންގެ ފައިމައްޗަށް ތިރިވިގޮތަށް އަޑުން އަޑުނަގާ ރޯންފެށިއެވެ. އޭނަ ދޫކޮށްނުލުމަށް އެދި އާދޭސްކުރިއެވެ. އިޒްޔަން އޭނަ ދޫކޮށްލައިފިއްޔާ އޭނަ މަރުވެދާނެކަމުގައި ބުނަމުން ދިޔައެވެ.

"ނަތާލީ އަމިއްލައަށް ހިތް ހަލާކުކޮށްލީ، އަހަންނެއްނޫން، ތި ކަރުނަތަކުން މިއަދު މިހިތަކަށް އަސަރެއްނުކުރާނެ، އަހަރެން ދުވަހަކު މާފުކުރާކަށް ބޭނުމެއްނޫން، ނަތާލީގެ ސަބަބުން މުޅި ދިރިއުޅުން ހަލާކުވެއްޖެ......" އިޒްޔަން ނަތާލީގަދަކަމުން ފަޔާއި ވަކިކޮށްލުމަށްފަހު ދާން ހިނގައިގަތުމުން ނަތާލީ ދުވެފައި ގޭޓާއި ހަމަޔަށް އައެވެ. އެވަރުންވެސް އިޒްޔަން ހުއްޓުވުމުގައި އޭނައަށް ކާމިޔާބެއް ނުވުމުން ނަތާލީގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. އިޒްޔަން އެގޮތަށް ދާތަން ފެނިފައި ހިތް ކުދިކުދިވެގެން ފައިބައިގަތް ނަމަވެސް އަޔާޒުގެ މަތިން ހަނދާންވެފައި ނަތާލީގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބޭގޮތްވިއެވެ. އިޒްޔަންއަށް އަދިވެސް އޭނަގެ ގާތަށް އަންނަން މަޖުބޫރުވާނެއެވެ. އޭނަގެ ހުރިހާ މުދާތައް އަޔާޒަށް ހިބަކޮށްދީގެންވެސް އޭނަ އިޒްޔަން ހާސިލުކުރާނެއެވެ. އިޒްޔަން ހުންނަން ޖެހޭނީ އޭނަގެ މީހެއްގެ ގޮތުގައެވެ. ނޫނީ ދުނިޔެއާއި ކުރިމަތިލުމުގެ ހިތްވަރެއްވެސް ނުލިބޭނެއެވެ. އެހާ ބޮޑު ނާކާމިޔާބެއްގެ ހިތި ރަހަ ކަރުބުޑުގައި ލައްވާކަށް ހިތް ނޭދެއެވެ. ދެންވެސް ނަތާލީ ބަރޯސާވީ އަޔާޒުއާއި ފަންޑިތައަށެވެ.

އިޒްޔަން ނަތާލީއާއި ވަކިވުމަށްފަހު ނުކުމެގެންގޮސް ވަންނާނީ ކޮންތާކަށް ހެއްޔެވެ؟ މިއަދު އޭނަގެ މަންމައާއި ބައްޕަ އެއުޅެނީ އެކީގައެވެ. އެގެއަށް ވަންނާކަށް އޭނަގެ ޒަމީރު ހުއްދައެއްނުދިނެވެ. އެކުވެރިއެއްގެ އެހީއަށް އެދޭކަށްވެސް އޭނަ ނޫޅުނެވެ. ކިޔަވައިގެން ހުރެވުނުކަމުން އެކައުންޓުގައި ފައިސާ ޖަމާވެފައި ހުރިކަން ހަނދާންވިއެވެ. ރޫމް ފޯރ ރެންޓް ޖަހާފައި ހުރި ބޯޑެއް ފެނިފާ އިޒްޔަން އަވަހަށްގޮސް އެތަނުން ކޮޓަރިއެއް ކުއްޔައް ހިފައިގެން ވަދެ އެނދުގައި ބުރަކަށި ޖައްސާލުމުން ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. މީހާ މިނިވަންވެ ބޭނުން މަންޒިލަކަށް ދިޔުމުގެ ދަތުރަށް ފެށުނުކަމުގެ ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. މަރާލެވުނު އެސްފިޔަތަކުގެ ތެރެއިން ފެނިލީ ރަނީންގެ މައުސޫމް މޫނެވެ. ހިތް އެދޭ ފަރާތެވެ. ހިތުގައި ތަފާތު ވިންދެއް ޖަހައިލިއެވެ.

"އަހަންނަށް ކަންތައްކުރެވުނު ގޮތުން ރަނީންއަކަށްވެސް އުފަލެއް ނުލިބުނު، އަހަންނަށްވެސް ލިބުނީ ހިތާމަ، ނިންނި އެހާ ލޯބިވާކަން އެނގިހުރެ އެލޯތްބާއި ދުރަށް މިހުރިހާ ދުވަހު ދުވުނީ، އެކުއްޖާދެކެ ލޯބިނުވާނަމަ އަބަދު ހިތުން ނުފިލައިގެން މިއުޅެނީ ކީއްވެ؟ އެދުވަހު ލިބުނު ފޮނި އުފާތައް ދެވަނަ ފަހަރަށް ހާސިލުކުރަން މިހިތް ބޭނުންވާން ފަށައިފި، ފަންޑިތައިގެ ބާރުގައި ހިތުގައި ކަސްތޮޅު އަޅުވާފައި ހުއްޓަސް އެކަންތަކުން މިންޖުވުމާއިއެކު މިއެނގުނީ ހިތް ބޭނުންވާ ފަރާތަކީ އެއީކަން، ރަނީންއާއި އެކީގައި ދެން ހިތަށް އުފަލެއް ލިބޭނީ، އެނޫން ކުއްޖެއް ބޭނުމެއްނޫން، ރަނީން ކައިރީ މިވާހަކަ ބުނަންވީ ކޮން ދުލަކުން؟ ގަބޫލުކުރާނެތަ؟ ރަނީން އެހެރީ އަހަރެންދެކެ ވަރަށް ރުޅިވެސް އައިސްފައި، އަދި ޔަނާ......އޯވް އަހަރެން ކިހާ އަނިޔާވެރި. މިއަދު ރަނީން ކައިރީ އާދޭސްކުރަން ހިތަށް މަޖުބޫރު، ރަނީންގެ ހިތްވަނީ އަދިވެސް ހުހަށް، އޭނަ ގަބޫލުކުރާނެތަ؟ އެރީތި ރީތި ކުއްޖާ ރޮއްވާލައިގެން އަހަންނަށް އެކުރެވުނީ ކީއްތަ؟ އަދިވެސް އެދެލޮލުން ކަރުނަ ނުހިކޭ، ބަލައިލާ ކޮންމެ ފަހަރަކު އެދެލޮލުން ފެންނަނީ ކަރުނައިގެ އަސަރު. އެމޫނަށް ހިނިތުންވުން ގެނެސްދޭނީ ކިހިނެއްތަ؟ އެކަން ކުރެވޭނީ އެކަނި މަށަށްކަން ޔަގީން.........."އިޒްޔަންގެ ހިތުގައި ތަފާތު ޝުޢޫރުތަކެއް ހިނގާލިއެވެ.

މަންސޫރު ބޮޑު ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އިނދެ މެއިލް ހުޅުވާލިއިރު އަތުގެ އިނގިލިތައްވެސް ރޫރޫއަޅައެވެ. އިރުކޮޅަކަށް ދެލޯ މަރާލާފައި ލެޕްގެ ސްކްރީނަށް ނަޒަރު ހުއްޓާލުމާއިއެކު ހަގީގަތް ހާމަވެގެން ދިޔައެވެ. ދެލޯ ފެންކަޅިވެގެން ދިޔުމާއިއެކު ލެޕް ލައްޕާލިގޮތަށް ގޮނޑިގެ ލެގޭބައިގާ ބޯ ޖައްސާލާފައި ނިތްކުރީގައި ފިރުމަން ފެށުނެވެ.

"ކިހިނެއް ދެން ނާޒަށް މާފުދެވޭނީ؟ ދަރިފުޅުގެ ހަގީގަތް އޮޅުވާލީ، ބައްޕައެއްގެ ލޯބިން މަހުރޫމްކުރުވީ، ލިވާންއާއި މީރާއަށް ލިބެން ޖެހޭ ހުރިހާ އުފަލަކާއި މުއްސަދިކަމެއް އެ ދަރިފުޅަށްވެސް ލިބެން ޖެހޭ، މިހާރު އިޒްޔަން ކޮބާތަ؟ އޭނައަށް ހަގީގަތް އެނގޭތަ؟ ނާޒް އަހަންނަށް އޮޅުވާލީ ކީއްވެތަ؟ އަހަރެން ދެކެ ރުޅިއަޔަސް ދަރިފުޅުގެ ހައްގުތައް ނިގުޅައިގަންނާކަށް ނުޖެހެއެއްނު، މިހަގީގަތް އެގުމަށްފަހު އަހަރެން ނާޒްއާއި ހެޔޮހިތުން އަނގައިން ބުނާނީވެސް ކިހިނެއް؟ އޭނަގެ ކުރިމައްޗަށް ދާންވެސް މިހާރު ހިތެއް ނޭދޭ........." މަންސޫރު ފިރިހެނަކަށްވީ ހިނދުވެސް ލޮލުގައި ނިރާލި ކަރުނަތައް ލޮލުގެ ކުޑަކޮޅުން ފައިބައިގެން ދާންފެށިއެވެ. ތަފާތު މަސްހުނި ޝުޢޫރުތަކުން މަންސޫރުގެ ހިތަށް ކުރަމުން ދިޔަ އަސަރުތައް ކަރުނައިގެ ސިފައިގާ އަންނަމުން ދިޔައިރު ހުއްޓުވާކަށް މަންސޫރު މަސައްކަތެއްނުކުރިއެވެ.

ފައިރޫޒާއާއި ނާޒްލީއާއިއެކުގައި ގޮސް ގަހަނާ ފިހާރައަށް ވަދެފައި ރަނީންވެސް ހުރީ ތަލިން ކުޅު ހިކޭވަރުވެފައެވެ. ގަހަނާއަށް ލޯބިކުރުމަކީ ގިނަ އަންހެންކުދިންގެ ތަބީޢަތުގައިވާކަމެކެވެ. ރަނީން އަބަދުވެސް މިކަހަލަ ކުލަކުލައިގެ ސްޓޯން ޖަހާފައި ހުންނަ ގަހަނާތަކާއިހެދި ވަރުފަށެއްވެއެވެ. ޔާގޫތު ފީރޯޒް ނީލަމްފަދަ އަގުހުރި މަޢުދަންތަކުން ހަދާފައިވާ ގަހަނާތައް އެއްތާކުން ފެނުމުން ލޯ ތަރަތަރަޖަހައިގެން ދިޔައީ އެހެންވެއެވެ. ރަނީން ވަރަށް ޝައުގުވެރިކަމާއިއެކު އަނގޮޓިތަކާއި ކެވެލިކޮޅުތައް ބަލަންފެށިއެވެ. ގަންނާނެ ފެންވަރު ނެތަސް އަތްލުމުން އުފާތަކެއް ހާސިލުވިއެވެ.

"ނިންނި ބޭނުމިއްޔާ މިހުރިހާ އެއްޗެހީގެ މިލްކުވެރިޔާކަމުގައި ވެވިދާނެ...." ނާޒްލީ ރަނީންގެ ކަންފަތް ކައިރީގައި ބުނެލިއެވެ. އޭރު ފައިރޫޒާ ހުރީ ތަންކޮޅެއް ދުރުގައި ކަސްޓަމަރަކާއި ވާހަކަ ދައްކާށެވެ.

"ނާޒްދައްތަ ތިދައްކަނީ ކޮންކަހަލަ ވާހަކައެއްތަ؟ " ރަނީން ރަކިވިއެވެ.

"އެނގޭ ރަނީން ފައިސާއަށްޓަކާ މީހަކާއި ނީންނާނެކަން، އެކަމަކު ފައިރޫޒާ ކިހާވަރަކުން ދާނަޝްގެ އަންބަކަށް ރަނީން ހަދަން އެއުޅެނީ. ރަނީންއަށް މިހާރު އެނގޭނެ ކިތަންމެ ބޭނުންވިޔަސް އިޒްޔަން ނުލިބޭނެކަމާއި އޭނަގެ ހުރި ހަރުކަށިކަން، ދެންވެސް އެކަން ހިތުން ފިލުވާލާފައި ހަޔާތުގެ ބާކީ އޮތްބައި ބޭކާރުގޮތުގައި ދުއްވާނުލާ ރަނީން، އިޒްޔަންގެ މަންމަގެ ގޮތުގައި ހުރެ މިހާރު މިއެދެނީ، އިޒްޔަން ނުވާނެ ބަދަލެއް، އެއީ ވަރަށް ގޮތްދޫނުކުރާ ކުއްޖެއް، ރަގަޅަށް އެނގޭތީ މިބުނަނީ، އޭނަ ރަނީންގެ ފަހަތުން ނާންނާނެ. އުމުރު ތިގޮތުގައި ހޭދަކޮށްލިޔަސް އޭނަގެ ހިތަކަށް އެއްޗެއް ނާރާނެ، މަންމަ ދޫކޮށްލާފައި ނަތާލީފަދަ އަންހެނަކާއި ދިޔައިރު ވަކި ރަނީން މުހިއްމުވާނެތަ؟ ނުވާނެ..ނަތާލީގެ މަކަރުވެރިކަމާއި ކެހިވެރިކަމުގެ ދަޅައިގާ ޖެހި އިޒްޔަން އެވަނީ ގެއްލި ހަލާކުވެފައި......." ނާޒްލީ ވިސްނާދޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ. ރަނީންގެ މޫނުގެ ކުލަ ބަދަލުވެ ދެލޮލުން ކަރުނަ ހިލުވާލައިފިއެވެ. އިޒްޔަންގެ ނަން އިވުމުންވެސް އެހިތަށް އެކުރަނީ ކޮންފަދަ އަސަރުތަކެއް ހެއްޔެވެ؟

ފައިރޫޒާގެ ކަސްޓަމަރު ބޭނުންވި ގަހަނާތައް ގަނެގެން ހިތްހަމަޖެހިލައިގެން ހުރެ ނުކުމެގެން ދިޔުމުން ފައިރޫޒާ ރަނީންމެންނާއި ކައިރިއަށް ޖެހިލިއެވެ.

"ކޮންމެ ކަސްޓަމަރަކަށް ކޮންވިންސްކޮށްދޭކަށް ނުޖެހޭނެ މިހިރީ މަސްނޫޢީ ސްޓޯން ނޫންކަމާއި ނެޗުރަލް އެއްޗެހިކަން، ގެރެންޓީ ކާޑެއް އިންނާނެ، ކޮބާ ނިންނިއަށް ކަމުދާ އެއްޗެއް ފެނިއްޖެތަ؟ " ފައިރޫޒާގެ ނަޒަރުގައިވީ ކުލުނާއި ލޯތްބެވެ. ނާޒްލީ ހުރީ ވަރަކަށް ހިނިއައިސްފައެވެ.

"ހުރިހާ ޖްވެލްރީއެއްވެސް ވަރަށް ރީތި....." ރަނީން ބުނެލިއެވެ.

"ވެޑިން ނައިޓާއި އެންމެ ގުޅޭނެ ސެޓެއް މިބަލަނީ، ހެދުމުގެ ކުލައާއި މި ގުޅޭނެއްނު........" ޔާގޫތުގެ ސެޓެއް ދައްކާލަމުން ފައިރޫޒާ ބުނެލުމުން ރަނީން ސިހޭގޮތްވިއެވެ. އޭނައަށް އަންގާވެސް ނުލާ ކައިވެނީގެ ކަންތައް ނިންމާ ހެދުމުގެ ކުލަވެސް ކަނޑައެޅީހެއްޔެވެ؟

"ނިންނި، ދާނަޝް ގެ ކައިރީގައި ބުނީމެއްނު އިންނާނަމޭ........" ފައިރޫޒާ ބޭނުންވީ ދޮގުހަދައިގެން ނަމަވެސް ރަނީން ލައްވާ އެއްބަސްކުރުވުމެވެ.

"ދާނަޝް އެހެން ބުނިތަ؟ "ރަނީން ހާސްކަމާއިއެކު ކިޔާލިއެވެ.

"ދާނަޝް އޭނަގެ މަންމަ ގާތު ދޮގެއް ނަހަދާނެ....." ފައިރޫޒާ ހިނިއަންނަން އުޅުމުން ތުންފަތުގައި ދަތްއަޅާލައިގެން އަނެއް ފަރާތަށް އެނބުރުނެވެ.

"ރަނީން ދެން ތިހެން ނުހުރެ ރީތި ސެޓެއް ދައްކަބަލަ....." ނާޒްލީވެސް ފުރުސަތުގެ ބޭނުން ހިފިއެވެ. މަޖުބޫރީގެ ސާލެއް އޭނަ ވަށާ އޮޅާލެވުނުފަދަ ގޮތެއްވިއެވެ. ނޫނެކޭ ބުނާކަށްވެސް ނުކެރުނެވެ. ފޯނު ވައިބްރޭޓްވިހެން ހީވެގެން ބަލައިލިއިރު އިޒްޔަންގެ މެސެޖެކެވެ. އިޒްޔަން ހައި ބޭބީގާލް އޭ ބުނެ ވައިބަރ ކޮށްލުމުން ލިބުނު ސިހުމާއިއެކު ބިރުވެރިކަމާއި ހާސްކަމުގެ ރާޅުތައް ނާރުތަކުގައި ދުވެލިއެވެ. އިޒްޔަންއަކީ ކާކުކަން ހަނދާންވެފައި އެކަން ހުއްޓުވަން ހިތް ގޮވަންފެށިއިރުވެސް ހިތުގެ ކަނަކުން ބޭނުންވީ ހަމަ އެހާ ލޯބިން ޖަވާބު ދިނުމަށެވެ. ނަމަވެސް ހިތި ހަގީގަތަކީ މަންމަގެ ސިޓީއެވެ. މިހާ ދުވަސްވަންދެން ލޯތްބަށްޓަކާ ކުރި އިންތިޒާރު ކޮޅެއްގައި ޖެހެން ލިބުނު ފުރުސަތު ދޫކޮށްލަން މަޖުބޫރުކުރުވީ އެސިޓީއެވެ.

ރަނީން ފޯނު ނިއްވާލާފައި އޭނަގެ ދޮންމަންމައާއި ވާންއުޅޭ މައިދައިތައަށް ބަލައިލީ ކަރުނަތައް ދިރުވާލަމުން ކުޑަ ހިނިތުންވުމަކާއިއެކުގައެވެ.

"މި ކުލަ ވަރަށް ރީތި....." ރަނީން ދެއްކީ ހުދު ޖަވާހިރުން ހަދާފައިވާ ސެޓެވެ.

ފައިރޫޒާގެ މޫނު އަލިވެގެން ދިޔަތަން ފެނިފާ ނާޒްލީއަށްވެސް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

ދާނަޝްގެ ދިރިއުޅުމަށް ކުއްލިއަކަށް އަންހެންކުއްޖަކު އަތުވެދާނެކަމަށް އޭނަ ހުރީ ވިސްނައިގެނެއް ނޫނެވެ. މަންމަ ރަނީންއާއި އޭނަ ގުޅުވަން މަސައްކަތްކުރާއިރު ހިތުގައި އެކުއްޖާއަށްޓަކާ އެއެއްވެސް އިހުސާސެއް އުފެދިފައެއް ނެތެވެ. ނަމަވެސް އޭނައާއި ދިމާވާ އެހެން އަންހެންކުދިންނާއި ރަނީން ތަފާތުކަން ފާހަގަކުރެވި އެކުއްޖާ ދެނެގަތުމުގެ ޝައުގު ހިތުގައި އުފެދެން ފެށިއެވެ. ޑިއުޓީއަށްދާއިރު އަންހެންކުދިންނާއި ދިމާލަށް އޮޅުމަކުންވެސް ބަލާނުލާ ދާ ޒުވާނާއަށް ކައުންޓަރަށް ބަލައިލެވެނީ އެންމެ މޫނެއް ދެކެލުމަށެވެ. ބައެއްފަހަރު ހިތް އަވަސްވެއެވެ. އަތްފައި ފިނިވެލައެވެ. އެހުރިހާކަމެއްވަނީ ހަމަ ރަނީންގެ އެހެރަ މިޒާޖުގެ ސަބަބުން ބާވައެވެ. އެހެން އުޅޭތާ ހަފްތާއެއްހާ ދުވަސްވީފަހުން ކުއްލިއަކަށް މަންމަގެ ފަރާތުން އޭނައާއި ރަނީންގެ ކައިވެނި ހަމަޖެހެމުންދާކަން އެނގިފައި ހައިރާންވިއެވެ. އޭނަ ފިރިހެނަކަށްވެހުރެ އޭނައަށް ނޭގި ހުރިހާކަމެއް ނިންމަން ޖެހޭ ހެއްޔެވެ؟ އެ ސުވާލުކުރުމުން މަންމަ ބުނީ ދާނަޝް ރަނީން ކައިރިން ކައިވެންޏަށް އަހާފައިވާ ކަމަށާއި އެހިސާބުން އެއޮތީ ދާނަޝްގެ ވާޖިބު އަދާކުރެވިފައި ކަމުގައެވެ. ރަނީންގެ ޢާއިލާއިން ރަނީން އެއްބަސްކުރުވާފައިވާ ކަމަށެވެ. އެހެން ހުރިހާކަމެއް އެމީހުންގެ އަތްމައްޗަށް ދޫކޮށްލަން މަންމަ އެންގިއެވެ.

ދާނަޝް އޭނަގެ ކޮޓަރީގެ ބޮޑު އެނދުގައި ކުރު އަތްމަތީގައި އޮށޯވެލައިގެން އޮތްއިރު ވަށައިގެންވާ ތުނި ސަދުވާތައް ހުރީ ކަހާލާފައެވެ. ކޮޓަރީގެ ކޮންމެ ތަނަކުން ފެންނަނީ މުއްސަދިކަމެވެ. ކޮޓަރީގެ ފާޚާނާވެސް ކޮޓަރިއެއްހާ ބޮޑެވެ. އަމިއްލަ އެޕާޓްމެންޓެއްފަދަ އެބައިގާ އެކަނި ވިސްނުމެއްގައި އޮތްވާ އެންމެ އެކުވެރިޔާ އިމާން ވަދެގެން އައިގޮތަށް އޭނަގެ މޫނުގައި ދެތިންފަހަރު ބޮސްދިނުމުން ދާނަޝް އަށް ސިހުމެއް ލިބުނެވެ. އިމާން އަދި އެހާ ޖެހިލުންކުޑަގޮތަކަށް އެފަދަ އަމަލެއް ހިންގާފައެއް ނުވެއެވެ. އެފްބީގައި ލިޔާ އެއްޗެއްސަކާއި ދާނަޝް އެހާ އަޅައެއްނުލައެވެ. އޭނަ އަބަދުވެސް އެކަންތައް ނަގާފައިވަނީ ލުއިކޮށެވެ.

"ވާއު، ކޮންކަހަލަ އާފްޓަރ ޝޭވެއްތަ؟ " އިމާން ބަލަން ހުރީ ތަފާތު ނަޒަރަކުންނެވެ.

"މިހިރީ ޝޭވްކޮށްފަތަ؟ ރަގަޅަށް ބަލާލަބަލަ....." ދާނަޝްގެ ޖަވާބުން އިމާން ހިނިގަނޑެއް ޖަހާފައި ތަންކޮޅެއް ގާތްވެ ބަލާލާފައި އެމޫނުގައި އަތް ބީއްސާލިއެވެ. ދާނަޝް ނުރުހުންވެފައި ހުއްޓަސް އެކަން ނުދައްކާ ތެދުވެ ބާލީސްތަކަށް ލެނގިލައިގެން އިށީންއިރު އިމާން ފައިކައިރީގައި ޖައްސާލިއެވެ. އެދެލޯ އެންމެ ފަހަރަކުވެސް ދާނަޝްގެ މޫނުން ކައްސައެއްނުލިއެވެ. ދާނަޝްގެ އެނދުގައި ބާލީސްތަކާއި ކުޝަން ގިނަކަމުން އިމާން އަބަދު އެވާހަކަދައްކައެވެ. އޭނައަށް އެއީ ދާނަޝްގެ އެނދު ވަކިން އަރާމުކޮށް ފެންނަ ނިދާހިތްވާތަނެއްކަމުގައި ކިޔާ އުޅެއެވެ.

"މާން، އަހަރެން މިހިރީ މާން ކައިރީ ވާހަކައެއް ބުނެލަން، އަހަރެން މިއުޅެނީ މެރީކުރަން...." ދާނަޝް އިމާންއާއި ހަތަރުކަޅި ހަމަނުކޮށް ދުރަން ބަލަން އިނދެލާފައި ބުނެލިއެވެ.

ކޮމެންޓް 0