ރުޅިއާއި ހިތާމަ އެކުވެ ފައިރޫޒާގެ ހަމަހޭވެރިކަން ގެއްލޭގޮތްވިއެވެ. އެނބުރިލާފައި ކުއްލިއަކަށް އަތް ހިންގާލެވުނީ ދާދި ގާތުގައި ހުރި ނާޒްލީގެ މޫނުމަތީގައެވެ. ނާޒްލީގެ ރަތްވެފައިވާ ދެލޮލުގައި ކަރުނަ ގިނަވެގަތެވެ.

"ކަލޭ ތީ ކޮންކަހަލަ އެކުވެރިއެއްތަ؟ " ފައިރޫޒާ ދެވަނަ ފަހަރަށްވެސް ނާޒްލީ ކޮށްޕާލަން އުޅެގަތުމުން ސުލްތާން ކުރިއަށް ޖެހިލާފައި އަންހެނުން މޮޔަކަމެއް ކުރުމުން ސަލާމަތްކުރިއެވެ. އެންމެން ގެ ތެރޭގައި ފައިރޫޒާގެ އަމަލު އެގޮތަށް ހުރުމުން ބަދުނާމުވާނީ އެމީހުންނެވެ. މިހާރު އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ އެދިމާލަށެވެ. ޢާއިލާގެ ބައެއް މީހުން އިޒްޔަންއަކީ ކާކުކަން ނޭގިގެން އެކަކު އަނެކަކަށް ސުވާލުތައް ކުރަމުންދިޔައެވެ.

"ފައިރޫޒާއަށް ދެރައެއް ދޭކަށް ކުރިކަމެއްނޫން، ރަނީންއަކީ މީހަކަށް ނުލިބޭނެހާ ރަގަޅު އަންހެންކުއްޖެއް........" ނާޒްލީ އަމިއްލަ ދިފާޢުގައި އެއްޗެކޭ ބުނަން އުޅުނެވެ.

"ދެން ކީއްވެގެންނޯ އަމިއްލަ ދަރިފުޅާއި ވަކިކުރުވީ؟ "ފައިރޫޒާ ހަޅޭއްލަވައިގަތެވެ.

"ހުރިހާ ކަމެއް އެނގިހުރެ ކޮން ކަމެއްގެ ބަދަލު ހިފަން ނާޒްލީ އުޅުނީ؟ އަހަރެންގެ ބޮލަށް ވަދެގެން ދާނަޝް ކައިރީ އާދޭސްކޮށްގެން އޭނަގެ ބައްޕަ ލައްވާ މަޖުބޫރުކޮށްގެންނޭ އޭނަ މި ކައިވެންޏެއް ކުރަން އެއްބަސްވީ، ދޮންދަރިފުޅުވަރެއް ނެތިގެން އަބަދު ޚުޝާމަދު ކުރަމުންގޮސް އެހެން ކަމެއްހެން ހީވީ، ދުވަހަކު މީހަކު ބީހިނުލާ ބަލާވެސް ނުލާ ކުއްޖެކޯ، ކިހާވަރެއްވި، ތިމާގެ ދަރިއާއި ކަނޑުވާލާނީވެސް ކޮންމެވެސް ކަމެއްވީމައެއްނު، ބަދުނާމުވީ ދާނަޝް، އޭނަ ބޭނުންވެގެން ގަދަކަމުން ކުރަން އުޅުނު ކަމެއްގެ ގޮތުގައެއްނު އަދި އެކުވެރިޔާއަށް ސިފަކޮށްދޭން އެނގުނީ، ނޫން، އެހެނެއްނޫން. ދާނަޝްވެސް އަދި ބޭނުމެއްނުވޭ ކައިވެންޏެއްކުރާކަށް، އޭނައާއި އިންނަން ކިތަންމެ އަންހެންކުދިންނެއް އެބަތިބި. ދާނަޝްއަށްވެސް އަހަރެމެން މަޖުބޫރުކުރީ........." ފައިރޫޒާ ބޭނުންވީ ވީހާވެސް ގިނަ ބަޔަކަށް އެކަން އިއްވާށެވެ. ދާނަޝް ލަދުން ސަލާމަތްވާނެ އެކަނި ގޮތަކީއެއީ ކަމުގައި އޭނަ ދެކުނެވެ.

ސުލްތާން ފައިރޫޒާ ގަދަކަމުން ކަހަލަ ގޮތަކަށް އެތަނުން ގެންދިޔުމުން އެންމެން އުޅެގަތީ އިޒްޔަން ނޭގިގެންނެވެ. އާއިލާގެ ތެރޭގައި ޕްރޮފެސަރ އިޒްޔަންއަކީ ކާކުކަން ނޭގޭ މީހެއް ވެއްޖެއްޔާ އެކަމުގެ ޝައުގު ބޮޑެވެ. އެންމެންގެ ސުވާލުތައް މަންސޫރާއި ނާޒްލީއާއި އަމާޒުވާން ފެށީ ވަކިގޮތަކަށް ނޫނެވެ. ބޮޑު ހާދިސާއެއް ހިނގައިގެން އުޅޭތީ އެކަމާއި ގުޅުން ހުރި ފަރާތްތަކާއި މީޑިއާއިން ދިމާކޮށްލާފަދައަކުން ސުވާލު ފުނިތަކެއް އެމީހުންނާއި ކުރިމަތިވިއެވެ.

ރަނީންގެ ފަހަތުން ކަހަލަ ގޮތަކަށް ޒީކާ މަގުމައްޗަށް ނުކުތްއިރު ވައި ބާރުކަމުން ކައިރީގައި ހުރި ގަހެއްގެ ފަތްތައް އުދުހިގަތްތަން ފެނުނެވެ.

"ނިންނި، މާފުކުރޭ......." ޒީކާ އާދޭސްކުރިއެވެ.

"އިޓްސް އޯކޭ......." ރަނީންގެ ލޮލުން ކަރުނަ އައި ކަމުގައި ވިޔަސް ހަޤީގަތުގައި އޭނަގެ ބޮލުން ޓަނެއްގެ ބުރަދަން ލުއިވެ ހިތަށް ބުނަން ނޭގޭފަދަ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. މަންސޫރު ފެނުމުން ބައްޕައެއްގެ ގޮތުގައި ބަލައިނުގަނެވުނުމާއި އަޒީޒުއަށްޓަކާ ހިތުގައިވާ މަތިވެރި ލޯތްބަކީ އެސިޓީގެ އަސްލެއްނެތްކަމުގެ ހެއްކެކެވެ. އިޒްޔަން ބޭބެއެއްގެ ގޮތުގައި ޤަބޫލުނުކުރެވުނު ސަބަބަކީވެސް އެއީއެވެ. އިޒްޔަންދެކެ އިޝްގީ ލޯތްބެއް ވެވުނުއިރު އެހެން މީހެއްގެ އަންބެއްގެ ގޮތުގައި އުޅުމަކީ އަމިއްލަ ނަފުސަށްވެސް ދެވޭނެ އަނިޔާއެކެވެ. ޒީކާ ކުށެއްކުރިކަމުގައި ވިޔަސް އޭނަ އެންމެ އެކަށީގެންވާ ވަގުތު އެކަން ދުނިޔެއަށް ހާމަކޮށްދީފިއެވެ. ލަދުން މަރުވާވަރު ވިނަމަވެސް އޭނަގެ ހިތަކީ ކާކުގެ މިލްކެއްކަން ދުނިޔެއަށް އަންގާދީގެން އޭނަ ސަލާމަތްކޮށްދީފިއެވެ. ނޭގިނަމަވެސް ޒީކާ އެވެދިނީ އިޙުސާންތެރިކަމެކެވެ. ވީއިރު އޭނަގެ މާފު ޒީކާއަށް ނުލިބި ހުންނާނީ ކިހިނަކުން ހެއްޔެވެ؟ ހިތުގެ އަޑިން އޭނަ މާފު ދީފިއެވެ. އަދި ހެއްދެވި ފަރާތަށް ޝުކުރުވެރިވީ އިޒްޔަން އޭނަގެ ބޭބެއެއްކަމުގައި ނުވީކަމަށްޓަކައެވެ. އެހެންވިނަމަ މަރުވެދިޔުންވެސް ހިތަށް މާ ފަސޭހަވީހެވެ.

"މީރާ ބޭނުންވި ގޮތަށް މިވީ، ކައިވެނި ކެންސަލްވެއްޖެ......." ދާނަޝް މީރާއަށް މެސެޖްކޮށްލީ މީރާ ކޮށްފާނެ ކަމަކާއިމެދު ބިރު ހީވެފައެވެ. އެތަނުން ސަލާމަތްވި ގޮތަށް ޖެހިގެން ހުރި ގެއާއި ދިމާލަށް ދުއްވައިގަނެވުނީވެސް އެހެންވެއެވެ. މީރާގެ ކޮޓަރީގެ ހުޅުވާލެވިފައިހުރި ދޮރުން އެތެރެއަށް ވަނުމާއިއެކު ލޮލުގައި އަޅައިގަތީ އެނދުމަތީގައި ހުރަހަށް ކަހަލަ ގޮތަކަށް އޮތް މީރާއެވެ. ދާނަޝްގެ ހިތުގައި ބިރުވެރިކަމުގެ އިހުސާސްތައް ދުވެލިއެވެ. އުފާވެރިކަމުގެ މެހެފިލް ރޫޅި ޢާއިލާއަށް ބިރުވެރިކަމާއި ހިތާމަތައް ކުރިމަތިވާން މާ ގިނައިރެއް ނުނެގިއެވެ.

އެރޭ އިޒްޔަން ރަނީންއަށް ލޯބީގެ ސިޓީއެއް ލިޔުނީ ވަރަށް އާދޭސްކޮށްފައެވެ. އޭނައަށް މާފުކޮށްދީފައި ދެވަނަ ފުރުސަތެއް ދިނުމަށް އެދި ލިޔެފައިވާ ސިޓީއިން ރަނީންގެ ހިތް ރޮއްވާލިއެވެ. އެހާ ލޯބިން އާދޭސްކުރުމުން ދެކޮޅު ހަދާނީ ކިހިނެއް ހެއްޔެވެ؟ ލޯބިވާ މީހަކު އެހާ ބޭނުންވެގެން އެދުނީމަ ނޫނެކޭ ބުނާނީ ކޮން ހިތަކުން ހެއްޔެވެ؟ ނަތާލީގެ ސަބަބުން އިޒްޔަންގެ ހަޔާތަށް އައި ތޫފާން މައިތިރިވެ އުޑުމަތި ސާފުވީއިރު އިޒްޔަންގެ ފަލަކުގައި ފިޔަޖަހާ ހަނދަކީ އެކަނި ރަނީންއެވެ. ވީއިރު އިޒްޔަންގެ ހަޔާތަށް އަނެއްކާ އަނދިރިކަން ގެނެސްދީފައި ދުރަށް ދާންވީ ހެއްޔެވެ؟ އޭނަގެވެސް ލޯތްބަކީ އެކަނި އިޒްޔަންއެވެ. ހިތް އެދޭ އެކަނި ބައިވެރިޔަކީ އެއީއެވެ. އޭނަގެ ހަށިގަނޑުގައި ބީހުމުގެ ހުއްދަ ދެވުނު އެކަނި ފަރާތަކީވެސް އެއީއެވެ. އިޒްޔަން ލައްވާ އިތުރަށް އާދޭސްކުރުވާކަށް ހިތެއް ނޭދުނެވެ.

އިޒްޔަންއަށް މަންމަ ދިން ދަޢުވަތުގައި ކޮޅުފައިން ޖަހާކަށް މިފަހަރު ނުކެރުނެވެ. މަންމަ ގުޅާފައި ބައްޕަގެ ކުށެއްނެތްކަން ހާމަކޮށްދިނަސް އެބައްޕައާއި ކުރިމަތިލުމުގެ ހިތްވަރެއް އަދިވެސް އޭނައަށް ލިބިފައެއްނެތެވެ. ނަތާލީގެ ކެހިވެރިކަމާއި ނުލަފާކަމުން މަންމައާއި އޭނަގެ ހަޔާތްވެސް ބަރުބާދުކޮށް ނިންމާލައިފިއެވެ. ނަތާލީގެ ދުލުން އެކަމަށް އެއްބަސްވާނެނަމައެވެ. މިވަގުތު އޭނައާއި ކައިރީގައި ނަތާލީ ހުރިނަމަ އޭނަގެ އަތުން މަރުވާނެއެވެ. އިޒްޔަން އޭނަގެ ބައްޕަ މަންސޫރުގެ ގެއާއި އަރާ ހަމަވީވަގުތު ފަހަތުން ދަންނަ އަޑެއް އިވުމުން އިޒްޔަންގެ ހިތް އަވަސްވެލިއެވެ. ދާދި ކައިރީގައި ޔަނާގެ އަތުގައި ހިފާލައިގެން ހުރީ ރަނީންއެވެ. އިޒްޔަން ގުދުވެ ޔަނާގެ ތުއްތު މޫނުގައި ބޮސްދިނުމުން ޔަނާވެސް އިޒްޔަންގެ ކަރަށް އެކުޑަ ކުޑަ އަތް ވައްޓާލައިފިއެވެ.

"އަހަރެން ދުވަހަކުވެސް ކަމަކާ އުފާނުކުރާވަރަށް އުފާވި ނިންނި ދާނަޝްއާއި ކައިވެނި ކުރުން ކެންސަލްވީމަ، އައިމް ސޮރީ. އަމިއްލަ އެދުން ބޮޑުކަމަށް ހީކުރިޔަސް ހެޔޮ، ނިންނި، ވަން މޯރ ތިންގް، އަދިވެސް ޔަނާގެ ހަގީގަތް ފޮރުވާނީތަ؟ " އިޒްޔަން އަހާލައިފިއެވެ.

"އިޒް، ޔަނާއަކީ އިޒްގެ މަންމަގެ ދަރިއެއް، އިޒް ގެއިން ދިޔަ ދުވަސްކޮޅު މަންމަވެސް ކިހާ ވަރުބަލިކޮށް އުޅުނީ، އިންޑިއާއަށް ދިޔަފަހުން އެނގުނީ މަންމަ ބަލިވެއިންކަން، އަހަރެން އަސްލު އުޅުނީ އިޒް ތަޅުވާލަންވެގެން، އެހެންވެ ސަމާސާއަކަށް ހަދައިގެން ޔަނާ ލައްވާ އިޒްއަށް ބައްޕަ ކިޔުއްވަން، އަދި އަހަންނަކީ މަންމި އޭވެސް ބުނަން، ސޮރީ އެބައުޓް އިޓް، އޭރަށް މަންމަ ކިތަންމެ ވަރަކަށް އިޒްކައިރީ ތިމަންނަގެ ދަރިއެކޭ ބުންޏަސް ހީކުރާނެތާ މަންމަމެން އަސްލު ޔަނާގެ ހަގީގަތް ފޮރުވަން އެހެން ކިޔައިގެން އުޅުނީއޭ، ހަގީގަތަކީ ޔަނާއަކީ އަހަރެމެން ދެމީހުންގެވެސް ކުޑަ ކުޑަ ކޮއްކޮ. ދެމީހުންނަށް އެއްވަރަކަށް ޔަނާގެ ހައްގު މިއޮތީވެސް. މިހާރު ހުރިހާ ކަމެއް އެނގުމުގެ ވަގުތު މިއޮތީ ޖެހިފައި....." ރަނީން އަތުގައިވާ ޕާރުސަލާއި ވޮލެޓް އިޒްޔަންއާއި ހަވާލުކުރަމުން ބުނެލިއެވެ.

"އިޒްގެ އަމާނާތެއް. ސޮރީ ވޮލެޓް ފޮރުވައިގެން ގެންގުޅެވުނީމަ........." ރަނީންގެ ދެލޮލުން ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ފެނުނެވެ.

"މި ޕާރުސަލްގައި ކޯންޗެއްތަ؟ "އިޒްޔަން އޭގައި ހިފިއިރު ކޮންމެވެސް ވަރަކަށް ފިނިވާގޮތްވިއެވެ.

"އިޒް އެކަނި ހުރެ ތި ބަލާލާ. އަދި ވާހަކައެއް ބުނެފާނަން، އިޒް އަހަރެންގެ ކައިވެނި ކެންސަލް ކުރުމުން އެކަމާ އުފާކުރާއިރު އަހަރެން އިޒްއާއި ދުރަށް ދިޔަ ސަބަބު އެނގޭތަ؟ ކެންސަލް ވާން ޖެހުނު ސަބަބު އެނގޭތަ؟ " ރަނީން ކުރުކޮށް އެވާހަކަ ކިޔާދިނުމުން އިޒްޔަން ހުރީ އަތްމުށްކެވިފައެވެ. ޒީކާއަކީ ހާދަ ގޮތްކުޑަ އަންހެންކުއްޖެކެވެ.

"އެކަމަކު އިޒްއާއި ނުގުޅެންވީ ރީޒަނެއް އެބައޮތް، އެކަން ހަނދާންނައްތައެއް ނުލާނަން، އަހާލާއިރަށް ޑިނައި ކުރާނެ، އެކަމަކު........." ރަނީން އެކަމާއިމެދު ވެސް ޝައްކުވާންފެށިއެވެ. ހަގީގަތުގައި އިޒްޔަންގެ އެފްބީގައި އެ ސްޓޭޓަސް ލިޔުނީ ހަމަ އޭނަހެއްޔެވެ؟ އިޒްޔަން ނޫން މީހަކަށް ނުވާނެބާވައެވެ. ކަންތައް ހިނގަމުންދާ ގޮތުން ސުވާލު ނުއުފެދޭވަރެއް ނޫނެވެ. ރަނީން އިތުރު ސުވާލެއްކުރަން އުޅެނިކޮށް ނާޒްލީ އަންނަތަން ފެނިފައި ރަނީން ޔަނާއަށް އައިސްކްރީމް ގަނެދޭށޭ ކިޔާފައި މަގު ހުރަސްކުރަން ފެށިއެވެ. އިޒްޔަން ފަހަތުން ދާން ހިތް އެދުނަސް މަންމަ ހުއްޓާ އެފަދަ ހިތްވަރެއް ނުކުރެވުނެވެ. މަންމަ އިޒްޔަންގެ އަތުގައި ހިފާލައިގެން ގެއަށް ވެއްދިއެވެ. އިޒްޔަން ސޯފާގައި ބައިންދާފައި ނަމާދުކޮށްލައިގެން އަންނާނެކަމަށް ބުނެފައި އެތެރެއަށް ވަނުމުން އިޒްޔަންގެ އަތުގައިވާ ޕާރުސަލް ހުޅުވާލާހިތުން ކެތެއް ނުކުރެވުނެވެ.

އިޒްޔަން ކަނޑާލި ޕާރުސަލްގެ ތެރޭގައިވީ އޭނަގެ ކޮއްކޮ އޭނަ ނައިސްގެން އިންތިޒާރުކުރިގައި ހުރެ ލިޔުނު ނޯޓްތަކާއި ކުރަހާފައިވާ ތަސްވީރުތަކެވެ. ކެންސަރުގެ އެންމެ ފަހު ފަތްތަރުތައް ގިރާކުރަމުން ދިޔައިރު އެކުއްޖާގެ އިސްތަށިގަނޑު މުޅިން ނިކަމެތި އަނަރޫފަވެފައިވާއިރު އަމިއްލަ ސޫރަ ކުރަހާފައިވެއެވެ. މެސެޖްތައް ލިޔެފައިވަނީ ތުރުތުރު އަޅާ އިނގިލިތަކުންނެވެ. އިޒްޔަންގެ ހިތަށް ބަޔާންނުކުރެވޭފަދަ އަސަރުތަކެއް ކުރިއެވެ. ސިކުނޑީގެ އެތިކޮޅުތައް ބުރަބުރައިގެން ގޮސް ހިތްވެސް ޒަޚަމްވެގެން ފައިބައިގަތެވެ. މެޔަށް ކުރި ބާރާއިއެކު ދެލޮލުން އޮހެން ފެށި ވޭނީ ކަރުނަތައް ހުއްޓުމަކަށް ނައެވެ. އޭނަގެ މަންމަ ފެނުމާއިއެކު މަންމަގެ އުނގުގައި ބޯ އަޅާލެވުނުގޮތަށް ކަރުނައިން އެ އުނގުވެސް ތެންމާލިއެވެ.

"މަންމައަށް އެނގޭ އިޒްއަށް މިވަގުތު ކުރާނެ އަސަރު، އެމާ އެންމެ ފަހު ވަގުތުވެސް ދޮންބެއަށް ސަލާމް ބުނާށޭ ބުނީ، ކޮއްކޮ އެންމެ ފަހު ވަގުތާއި ހަމަޔަށް އިންތިޒާރުކުރީމޭ ބުނާށޭ ބުނި، އަމިއްލަ ފުރާނަ ވިއްކާލައިގެން ނަމަވެސް އެވަގުތު އިޒްޔަން ގެނެވެން އޮތްނަމަ މަންމަ އެކަން ކުރީމުސް، ނަމަވެސް އިންޑިއާގައި އެވަގުތު ތިބީ ،އިޒް ވީ ތަނެއްވެސް މަންމައަކަށް އެނގުނީއެއްނޫން، އެނުލަފާ އަންހެނާ މަންމަމެންގެ މުޅި ދިރިއުޅުން ޚަރާބުކޮށްލައިފި. އެކަމަކު ހިތްވަރުކުރަންވާނެ........" ނާޒްލީގެ ލޮލުން ފައިބައިގަތް ކަރުނަތައް ދިރުވާލަމުން އޭނަ އުޅުނީ އިޒްޔަންއަށް ހިތްވަރު ދިނުމަށެވެ. އެވަގުތު ޑޮކްޓަރ މަންސޫރުވެސް އައިސް ނާޒްލީގެ އެއްފަރާތުގައި އިށީންގޮތަށް އިޒްޔަންގެ ބުރަކަށީގައި ފިރުމާލަމުން ދަރިފުޅާއޭ ކިޔާލުމުން އިޒްޔަންއަށް ތަފާތު އަސަރެއްކުރުވިއެވެ. މުޅި ޙަޔާތުގައިވެސް އޭނައަށް ބައްޕައެއްގެ ލޯބި ލިބިފައެއްނެތެވެ. އެވެސް ނަތާލީގެ ސަބަބުންނެވެ. ހުރިހާވެސް ނުބަޔަކީ އެ އަންހެނާއެވެ.

އިޒްޔަން ތެދުވެ ބައްޕައާއި ކަރާކަރު ޖައްސާ ސަލާމްކޮށްލިއިރުވެސް އިޒްޔަންގެ މޫނުމަތިން ފެނުނީ ހިތްހަލާކުވެފައިވާފަދަ ގޮތެކެވެ. މަންސޫރުވެސް އިނީ ފެންކަޅިވެފައެވެ. މާގިނައިރެއް ނުވެ އިޒްޔަންގެ ބައްޕަގެ ފަރާތުގެ ޢާއިލާގެ މީހުންތައް އިޒްޔަން ދެކެން އަންނަންފެށިއެވެ. އެންމެންގެ ފަރާތުންވެސް ލިބެމުން ދިޔައީ ލޯތްބާއި އޯގާތެރިކަމެވެ. އޭނައަށް މަރުހަބާކިޔަން މުޅި އާއިލާވެސް އޮތީ ތައްޔާރަށެވެ.

އިޒްޔަންއަށް ޢާއިލާއިން މަރުހަބާކީއިރު މަންސޫރުގެ ހަނގު ދަރިފުޅު މީރާ ބޭސްތަކެއް ކައިގެން ހާލު ދެރަވެ އައިސީޔޫގައި އޮންނަތާ ދެތިން ދުވަސްފަހުން މިހާރުވަނީ ރަގަޅުވާން ފަށާފައެވެ. އިޒްޔަން މީރާ ދެކެން ދިޔުމުން މީރާ އެއަތުގައި ހިފާލާފައި ހިނިތުންވެލިއެވެ.

"ވެލްކަމް ޓު އަވަރ ފެމިލީ އިޒް.....ދެން ދޮންބެ ކިޔަންވީ ކާކަށްކަންވެސް އޮޅިއްޖެ...." މީރާ އެއްލޯ މަރާލިއެވެ.

އިޒްޔަން އޭނަގެ މަންމައާއިއެކު ކޮފީ ބޯލަން ކާކޮޓަރީގައި ތިބިއިރު ޔަނާ އަމިއްލައަށް ސީރިއަލްތަށި ކާން އިނެވެ. ނާޒްލީ ދެއްކީ ރަނީންގެ ވާހަކައެވެ. އިޒްޔަންއާއި ރަނީންގެ ގުޅުން ނާޒްލީއަށް އެނގެންވާނެ ކަމުގަޔާއި ކަންތައް ސިއްރުކޮށްގެން ތިބުމުން އަތުން ފައިން ގޯސްހެދުން ނޫންކަމެއް ނުވާނެކަމުގައި ނާޒްލީ ބުނެލިއެވެ.

"މަންމަ ދާނަޝްއާއި ރަނީން ގުޅުވަން އުޅުނީ ކީއްވެތަ؟ ޒީކާ ހަގީގަތް ކިޔާދިނުމުން މަންމަ ޤަބޫލުނުކުރި ސަބަބެއް އެނގެން ބޭނުން. ދެވަނަ ފަހަރަށް ކައިވެންޏެއް ކުރާނީ މަންމަގެ ރުހުމާއިއެކު، މަންމަ ބޭނުން މީހަކާއި މިފަހަރު ކައިވެނި ކުރާނީ............." އިޒްޔަން ބުނެލީ މަޑުމައިތިރިކަމާއި އެކުގައެވެ. ނަތާލީ ފަންޑިތަ ހަދައިގެން އުޅުނު އިރު އެހެރަ ހަރުކަށިކަން އެއްކޮށްވަނީ ނެތިގެން ގޮސްފައެވެ. މަންމައަށް އަދަބުވެރިވާން ދަންނަ ޒުވާނާ ދެވަނަ ފަހަރަށް ވުޖޫދަށް އެނބުރި އައީއެވެ. ނާޒްލީގެ ހިތަށް ލިބުނު އުފާވެރިކަން ބުނެދޭކަށްވެސް ނޭގުނެވެ. އޭނަގެ ދަރިފުޅު އަނބުރާ އޭނައަށް ލިބުނުކަން ޔަގީންވީއެވެ.

"ރަނީން ހޮސްޕިޓަލުގައި އޮތްވާ މަންމައަށް ފެނުނީ އިޒް ފޮނުވި މެސެޖް، ނިންނި ކުރީއްސުރެން އެހެން ފިރިހެނުންނާއި ގުޅިގެން އުޅޭކަމަށް އިޒް ލިޔެފައި އޮތީމަ ހިތް ސަކަރާތްވި، އެކަމަކު މަންމައަށް އެނގޭ ރަނީންއަކީ ރަގަޅުކުއްޖެއްކަން، އެކަމަކު އިޒްގެ ވާހަކައިން އެނގުނީ އިޒް އޭނަދެކެ ފޫހިވާވަރު. މަންމަ އެންމެ ކަންތައް ބޮޑުވީ އަޒީޒު ނިޔާވީ ވެސް އެމައްސަލާގައި، ސްކޫލަށް ގެންގޮސް ރަނީންގެ ވާހަކަދެއްކީމަ، އަޒީޒު އެކަން ގަބޫލުކުރާކަށްވެސް ބޭނުމެއްނުވި. އެކަމަކު ރަނީން ބަދުނާމުކުރަން ބަޔަކު އެހާ ގޮތްކުޑަކަމެއް ކޮށްލީމަ އަޒީޒުއަށް ކެތްނުވީކަމަށް ބުނި......." ނާޒްލީގެ ވާހަކައިން އިޒްޔަން އިނީ ޝޮކެއްގައެވެ. ވީއިރު ރަނީން އޭނަދެކެ ކިހާވަރަށް ރުޅިއަންނާނެ ހެއްޔެވެ؟ ބައްޕަގެ މަރުގެ ސަބަބަކަށް މެދުވެރިވި އިންސާނާއަށް އޭނަ މާފު ދޭނީ ކިހިނަކުން ހެއްޔެވެ؟ އޭނަ ރަނީން ބިރުގަންނަވާލަން އެކަހަލަ އިންޒާރެއް ދިނަސް އެގޮތަށް ސޯޝަލް މީޑިއާގައި ރަނީން ބަދުނާމު ނުކުރާނެކަން ރަނީންއަށް ނޭގުނީ ހެއްޔެވެ؟

އިޒްޔަން އާއި ރަނީން ވިލިމާލޭ ގޮނޑުދޮށުގައި ޔަނާ ވެއްޔާއި ކުޅެން ދޫކޮށްލައިގެން ތިބިއިރު ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމުގެ ކުލަވަރެވެ. އިޒްޔަން އެ ސްޓޭޓަސް ނުލިޔާކަން ޔަގީން ވުމަށްފަހުގައި އެ ސްޓޭޓަސްއާއިމެދު ވިސްނަން ރަނީންއަށް މަޖުބޫރުވެފައިވެއެވެ. ޒީކާ ހެއްޔެވެ؟ އޭނައަށް ލަނޑުދޭން އުޅުނު ކުއްޖަކީ އެއީ ކަމަށްވާހިނދު އެންމެ ކުރިން ޚިޔާލަށް ވެރިވީ އެތަސްވީރެވެ. ނަތާލީ އަދި ޒޯޔާއާއި މެދުގައިވެސް ޝައްކުކުރެވުނެވެ. ނަމަވެސް އެކަން ޔަގީންކުރަން ހަދާނެގޮތެއް ވިސްނުމަކަށް ނައެވެ. އުޑުމަތީގައި އެއްވަމުން ދިޔަ ވިލާތައް އެއްވެ ވާރޭގެ ލަޝްކަރު ހަމަލާދިނީ އިންޒާރަކާއި ނުލައެވެ. ޔަނާ ނުދާންވެގެން ފައި ވިއްދާލުމުންވެސް އިޒްޔަން އެކުއްޖާ ކޮނޑަށް ލައިގެން ރަނީންގެ އަތުގައި ހިފައިގެން ގޮސް ހިޔާވެލިއިރުވެސް ބޮޑެތި ވާރޭ ތިކިތަކުން އެންމެން ތެންމާލައިފިއެވެ. އޭރު އިރުއޮއްސި ރަތްވިލާލާން ފަށައިފިއެވެ.

"މި ބޯވާރޭގެ ސަބަބުން ކޮންމެ ފަހަރަކު އަހަރެންގެ ހަނދާނަށް އަންނަނީ އެންމެ ދުވަހެއް، އެންމެ ވަގުތެއް، އުޅެއުޅެވެސް އެވަގުތުކޮޅު ހަނދާން ނައްތައެއްނުލެވުނު، އެހާ ބޮޑު ހިތްހަމަޖެހުމެއް އެހެން ފަރާތަކުން ނުހޯދުނު، އެނގިއްޖެ ނިންނި ހަޔާތުގެ ބައިވެރިޔަކަށް ވެގެން ނޫނީ އަހަންނަށް ހިތްހަމަޖެހުމާ އުފަލާއެކު ދިރިއުޅުން ފުރިހަމަ ނުކުރެވޭނެކަން، ނިންނި މެރީ މީ، ޕްލީޒް........" އިޒްޔަން ރަނީންގެ މޫނަށް ޖަޒުބާތީ ނަޒަރަކުން ބަލަން ހުރެލާފައި އެދުނެވެ.

"ނޯ......" ރަނީން ވަގުތުން ދެކޮޅު ހެދިއެވެ.

"ކީއްވެގެންނޯ....." އިޒްޔަން ހައިރާންވިއެވެ.

"ސަބަބެއްނެތް....." ރަނީން ދުރަށް ބަލަންފެށިއެވެ. ޔަނާ ވާރެއަށް އެކުޑަ އަތް ދިއްކޮށްލައިގެން ހުރެ ވާރެޔާއި ކުޅެމުންދާއިރު އެކަނި ހުރެ ހީ ހީފައި މަޖާކުރެއެވެ. އެއްވެސް ފިކުރެއް ޚިޔާލެއްނެތެވެ.

"ކިހާ ވަރަކަށް އާދޭސްކުރުވަންތަ ތިއުޅެނީ؟ ގަބޫލުކުރަން އަހަންނަށް ވަރަށް ބޮޑަށް ނިންނިގެ ހިތުގައި ޖެއްސުނުކަމަށް، ނިންނި ލައްވާ އާދޭސްކުރުވުނު ވަރަށް އެހެން މީހަކު މީހަކަށް އާދޭހެއް ނުކުރާނެ، ފަހުން އެނގުނީ ބޭބީ ގާލްއަކީވެސް ނިންނިކަން، ދެފޯނު ދޯ އޭރު ގެންގުޅުނީ؟ "އިޒްޔަން އަހާލިއެވެ.

"ކިހިނެއް އެނގުނީ؟ "ރަނީން ރަކިވިއެވެ.

"ހެކްކުރަންވެސް ދަސްކުރީ، ބޭބީގާލް، ދެން އިތުރަށް ނުތަޅުވާ އާއެކޭ ބުނެބަލަ، އިތުރަށް ކެތެއް ނުކުރެވޭނެ....އަހަރެންގެ ލޯބި އިތުރަށް އިމްތިޙާން ނުކުރުވާ.. އާއެކޭ ބުނޭ، ޕްލީޒް ޕްލީޒް ޕްލީޒް.. ކުރެވުނު ކުށަށްޓަކާ ހާސްފަހަރު މާފަށް އެދެން، އައިމް ސޮރީ، ރިއަލީ ސޯ ސޮރީ ބޭބީގާލް. ސޮރީ އެހާ ވަރަށް ހިތުގައި ޖެއްސުނީތީ، ސޮރީ އެވަރަށް އާދޭސްކުރަން ޖެއްސުނީމަ، އައި ޕްރޮމިސް ޔޫ ނިންނި، އެހާވަރަށް ލޯބި ދޭނަން، ހުރިހާ ކަމެއް ހަނދާންނެތޭވަރަށް ލޯބި ދޭނަން، ޖަސްޓް ގިވް މީ އެ ޗާންސް ޕްލީޒް ބޭބީ.........." އިޒްޔަން ރަނީންގެ އަތުގައި ހިފާލިއެވެ. އިރުއޮއްސުނު ނަމަވެސް އެހިސާބުގައި ދިއްލާލާފައިވާ ބޮކިތަކުގެ އަލީގެ ސަބަބުން އެގޮތަށް ހިފަހައްޓާލާފައި ދޫކޮށްލަން މަޖުބޫރުވިއެވެ. ނަމަވެސް އިޒްޔަންގެ އެ ތޫނު ދެލޯ އޭނައަށް ހުއްޓިފައިވާކަން ރަނީންއަށް އެނގުނެވެ.

"ތިވަރަށް އާދޭސްނުކުރޭ އިޒް، އަހަރެންގެ އެބަހުރި ކަންފަތް، އަޑުވެސް އިވޭ......" ރަނީން ކުޑަކޮށް ހިނިތުންވެލިއެވެ.

"އަހަރެންގެ ދޯ ކަންފަތެއް ނެތީ، އަޑު ނީވުނީ. ނަތާލީ އަހަރެންގެ އާއިލާގެ ފަރާތުން ބަދަލުހިފަން ޔޫޒްކުރަން އެނގުނީ އަހަރެން، ވަރަށް ދެރަވި އޭނަ އެގޮތަށް ކަންތައް ކުރީމަ. ފަންޑިތައިގެ ބާރުގައި ވަގުތީ ގޮތުން ބޭނުންކަމެއް ކޮށްލެވިދާނެ، އެކަމަކު އޭގެ އާޚިރު ނަތީޖާ ވަރަށް ހިތިވާނެ، ނަތާލީ އުޅެނީ މިހާރު އެ އަޔާޒުގެ އަޅަކަށްވެގެން އޭނަ ބުނާހާގޮތަކަށް ހެދިގެން، ހުރިހާ މުދަލެއްވެސް އަޔާޒު ފޭރިގެންފިހެން ހީވޭ، އަޔާޒުގެ ތިން އަނބިން އެބަތިބި، ނަތާލީއާއިމެދު އޭނަ ކަންތައްކުރާ އިހާނެތި ގޮތްތައް ހިތަކަށްވެސް ނުގެނެވޭ. ނުބުނަން އަހަރެންގެ ކުށެއްނެތޭ، ނަތާލީގެ އަވާގައި މާކުރީއްސުރެން ޖެހިގެން އޭނަގެ ރުހުން ހޯދަންވެގެން އޭރު މަސައްކަތްކުރެވުނީ......." އިޒްޔަން ބުނެލިއެވެ.

"އިޒް، އަހަންނަށް ވިސްނާލަން ވަގުތު ދީ...." ރަނީން އެދުނެވެ.

"އޮފްކޯސް ބޭބީ ގާލް......." އިޒްޔަން އަވަހަށް ޖަވާބު ދިނުމުން ރަނީން ހިނިތުންވެލިތަނާ އިޒްޔަން އެއްލޯ މަރާލާފައި ބުނީ މިރޭގެ ބާރައާއި ހަމައިން ޖަވާބެއް ލިބެންވާނެކަމުގައެވެ.

ދެމީހުން ޔަނާ ގޮވައިގެން ގެއަށް ވަންއިރު ނާޒްލީ އެދުނީ ތޫފާނީ ރެއެއްކަމުން އެރޭ ރަނީން އެގޭގައި މަޑުކޮށްލަދިނުމަށެވެ. ރަނީން ދެކޮޅު ހަދަން އުޅުމުން މީރާ ދޫނުކޮށްގެން ޖެހުނީ ހުންނާށެވެ. އިޒްޔަން ރަނީންއަށް ބަލާލާފައި މާނަވީ ހިނިތުންވުމެއް ހަދިޔާކޮށްލުމުން ރަނީންގެ ހިތް ތެޅިލިއެވެ. މިރޭ އިޒްޔަން އާއި ދިމާވެ ޖަވާބެއް ދޭން ޖެހިދާނެކަން ހިތަށް އަރާފައިވެސް މުޅި ހަށިގަނޑު ގަނޑުފެންކޮޅެއްހާ ފިނިވިއެވެ. މިހުރިހާ ދުވަހު އިންތިޒާރުކޮށްކޮށްފައި ލޯބިވެރިޔާ ލިބުނީމަ ދެން ވާނީވެސް މިކަހަލަ ގޮތްގޮތެވެ.

ރަނީން ކޮޓަރިއަށްވަދެ ހަމަޖެހިލިތަނާހެން ޒީކާ އޮންލައިންވެފައި ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުންވާކަމަށް ބުނެލިއެވެ. ރެސްޓޯރެންޓުން ބައްދަލުކުރަން އެދުނެވެ. ނަމަވެސް ވިއްސާރަކަމުން އުޒުރުވެރިވެފައި ރަނީން ކިޔަން ފެށުމުން ޒީކާ އޭނަކުރި ކުށުގެ ވާހަކަ ބުނުމުން ރަނީންއަށް ނުބައި ގޮތެއްވިއެވެ. ޒީކާ އާދޭސްކުރަން ފެށުމުން ރަނީން ބުނީ މާފު ކުރިޔަސް ދުވަހަކު ދެން ޒީކާއާއި ބައްދަލުކުރަން ބޭނުން ނުވާކަމަށާއި މިހިސާބުން އެކުވެރިކަމުގެ ގުޅުމުގައި ސިއްކަ ޖެހުނީކަމުގައެވެ. އެހެން ކޮންމެ ކުށަކަށްވެސް އޭނަ މާފުކޮށްފާނެއެވެ. އޭނައަކީވެސް "އެންޖެލް" އެއް ނޫނެވެ. އެކަން ޒީކާއަށް ވިސްނެންވާނެއެވެ. އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރެ ޒީކާ އެކުރީ ދުވަހަކު މާފުނުކުރެވޭވަރުގެ ބޮޑު ކުށެކެވެ. އޭނަގެ ބައްޕަ މިދުނިޔެ ދޫކޮށްފައި ދާން ޖެހުނީ އެކަމުގެ ހިތާމައަށް ކެތްނުކުރެވިގެންނެވެ.

ދާނަޝް ކައިލަން އަދި އިމާން ރެސްޓޯރެންޓުގެ މަތީބައިގާ ތިބއިރު ކުރިމަތީގައި ހުރި މޭޒުމަތީގައި ބުއިމާއި ކެއުން އަތުރާލާފައި ހުއްޓެވެ. ކައިލަންއާއި ދާނަޝްގެ ވާހަކައިގާ ތިބިއިރު ދެމީހުންގެ އެކުވެރިކަމުން އިމާން އިނީ ހަސަދަވެރިވާގޮތްވެފައެވެ. ކްލޭޝް އޮފް ކްލޭންސް ގޭމަށް މޮޔަވެފައި އިންނަ އިމާން ކޮންމެ ކަމެއްގައި އިނަސް މިހާރު އަތުން ފޯނު ދޫވާގޮތެއްނުވެއެވެ. އެކަމަކު އޭނައަށް ދާނަޝްއިން މަޖިލީހެއްގައި ވިއްޔާ އޭނައަށް ސަމާލުކަން ދެވެއެވެ. ދޭތެރެއަކުން ބަލާލެވެއެވެ. ކައިލަންގެ ފަރާތުން އޭނަ ފަރުވާ ހޯދަމުން ދިޔައި ނަފްސާނީ ބަލިމީހެއްގެ ގޮތުގައެވެ. ނަމަވެސް އޭނަވެސް ގަބޫލުކުރެއެވެ. އެއީ ކޮންމެހެން ނަފްސާނީ މައްސަލައެއް ނޫނެވެ. ސިކުނޑިއަށް ޖެހިފައިވާ ރޫޙާނީ ބައްޔެކެވެ. ކައިލަންގެ އިރުޝާދުގެ ދަށުން ހެއްދެވި ފަރާތާއި ގުޅުން ބަދަހިކޮށް ނަމާދުކުރަން ފެށުމުން އެފަދަ ފާފަތަކުން ސަލާމަތްވެ ތެދުމަގާއި ދިމާލަށް އިމާން ވަނީ ދަތުރު ފަށާފައެވެ.

"ދެން ކޮންދުވަހަކުން ޕާޓީ ދެނީ؟ ތި ވެޑިންއަށް މިހާރު އިންތިޒާރުކުރެވެނީ.." ކައިލަން އެހިއެވެ.

"މީރާވެސް ބޭނުމެއްނުވޭ އެހާ އަވަހަށް އިންނާކަށް، އެކަމަކު އަހަރެންދެކެ އެހާވަރުން އުޅޭ ކުއްޖެއްވީމަ އަހަރެންވެސް ނުވާނެއްނު ދެރަކޮށްލާކަށް، ކައިމެން ގާތުގައިވެސް އޭނަ އޮތީ ބުނެފައެއްނު، ކްރޭޒީ ގާލް..." ދާނަޝް ހިނިގަނޑެއް ޖަހާލަމުން އިމާންއާއި ދިމާލަށް އެއް ލޯ މަރާލިއެވެ. އިމާން ކަޅި އަޅާލާފައި ".....ޔޫ" އޭ ބުނެލުމުން ކައިލަން ވެސް ހުނުމުގައި ބައިވެރިވިއެވެ.

މީރާ އާއި ރަނީން ހޫނު ކޮފީބޯން ކާކޮޓަރީގައި ތިބިއިރު ވާރޭ ވެހޭ މަންޒަރު ބިއްލޫރިދޮރުތަކުން ފެނެއެވެ. ކޮޓަރިތެރެ އަރާމުކަމުގެ އިންތިހާއެވެ. މީރާ ސަމާސާއަކަށް ބުނީ ރަޖާގަނޑުގެ ބަދަލުގައި ދާނަޝްއާއިއެކު ވާން އެދޭކަމުގައެވެ. "ހީޒް ސޯ ހޮޓް ހަމަ ލައިކް ފަޔަރ. އެކަމަކު މެރީ ކުރާނީ އަދި ތަންކޮޅެއްފަހުން. އެހާއަވަހަށް މީހަކާއި އިނދެގެން ދަރިން ނުހޯދޭނެ. ޒޯވެސް ރުޅިގަދަވެފައި ހުރެ އެންމެފަހުން ލަންކާއިން ބިޓެއް ނަގައިގެން އެދިޔައީނު. މިހާރު އެއްޗެއް މިވިސްނުނީ، ހެއްދެވި ފަރާތުން އިންސާނާގެ ދުޢާތައް އިޖާބަކުރައްވާކަން އެނގުނީވެސް ކިރިޔާ، ކަމެއްވާއިރަށް ފުރާނައިން އަތްދޮވެލާކަށް ނޫން ޖެހެނީ، އެންމެ ފަހު ވަގުތުވެސް އިވެންޓެއް އަނބުރާލުމުގެ ކުޅަދުންވަންތަކަން އެފަރާތުގައި ވޭ، އެންމެ ފަހު ވަގުތު އެކައިވެނި ކެންސަލްވީ، އަހަރެން ޗޭންޖުވާންވީ، ރަގަޅު އަންހެންކުއްޖަކަށް ވާންވީ، ނިންނި ފަދައިން ދީނީ ބަސްއަހާ ކުއްޖަކަށްވެއްޖެއްޔާ ދެދުނިޔޭގައި ކާމިޔާބުވާނެ. މިހާރު ނިންނިގެ ވެޑިން ދުވަސް ދެކޭހިތުން ހުރެވޭވަރެއްނޫން، މަގޭ ސްވީޓް ފަހަރި.........." މީރާ ތެދުވެފައި ރަނީންގެ ގައިގާ ކުޑަކޮށް ބައްދާލިއެވެ.

އުފާވެރި ހިތުން ފިލައިގެން ނުދާނެފަދަ ހަފްލާއެއްގައި އިޒްޔަންއާއި ރަނީންގެ ކައިވެނި ކުރެވުނު ދުވަހު ނާޒްލީއާއި ފައިރޫޒާވެސް ވަނީ އަނެއްކާ ކުރީގެ ރަހުމަތްތެރިންނަށްވެ ގުޅުން ބަދަހިވާން ފަށާފައެވެ. ހުރިހާކަމެއްގައި ދެމީހުން އެއްބާރުލާ އެކައިވެނި އެންމެ ފުރިހަމަގޮތެއްގައި ކުރިއަށް ގެންދަން މަސައްކަތްކުރިއެވެ. ޕާޓީ ނިމިގެން އިޒްޔަންއާއި ރަނީން ނިދަންވެގެން ކޮޓަރިއަށް އައިއިރު ކޮޓަރިވަނީ އުއްބައްތިތަކުގެ އަލިން ހުޅުދާންކޮށްފައި ކަހަލަ ގޮތަކަށެވެ. ފިނިފެންމަލުގެ ފިޔަތަކުން އެނދާއި ދޫލަ ފޮރުވިފައިވާއިރު ދުވާ މީރުވަހުން ހިތް އުދުހިގެންދާހާވެއެވެ. ދެމަފިރިން އެންމެ އުފާވީ މިއުފާވެރި ރޭ ބޯކޮށް ވާރޭވެހެން ފެށުމުން ކުރީގެ ހަނދާންތަކެއް އާވީމައެވެ. ދެމަފިރިން އެކަކު އަނެކަކަށް ލޯބިން ބަލައިލީ އަބަދަށްޓަކާ އެގޮތުގައި ވުމަށް ހިތާހިތުން އަޒުމް ކަނޑައަޅަމުން މަރުވަންދެން އެކީގައި އުޅެން ނިންމައިގެންނެވެ.

ނިމުނީ

ކޮމެންޓް 0