މަންސޫރުގެ ދެލޮލަށް ބަލާލުމާއިއެކު ވަރަށް ބޮޑުކަމެއް ވެއްޖެކަން އެނގުނެވެ. އެދެލޮލުން ހީވަނީ އަލިފާން ކަނި ބުރާހެންނެވެ. މަންސޫރު މިހާ ގަދަޔަށް ރުޅިއައިސްފާ ހުރިތަން އޭނައަށް ފެނުނީ އަލަށެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރިއިރު ކަރުގެ ނާރުތައްވެސް ފުއްޕާލާފައި ހުއްޓެވެ. އޭނަގެ ފިޔަވަޅުތައް ކާރިވަމުން ދިޔަވަރަކަށް ފަހަތަށް ޖެހެން ބޭނުންވިޔަސް ނާޒްލީ ހުރީ ޖެހި ތަބެއްހެން ގުޑާނުލެވިފައެވެ. ފިޔަވަޅުތައް އެހުރިތަނަށް ތަތްލަވާފައެވެ. ބަސްބުނާހާ ހިނދުކޮޅު ތެރޭގައި ނާޒްލީގެ މުޅި ހަށިގަނޑުގައި ފިނި ރާޅުތަކެއް ދުވެލިއެވެ.

"ކާކުގެ ދަރިއެއްތަ ޔަނާއަކީ؟ " މަންސޫރު ގެ އަޑު ގޭތެރޭގައި ގުގުމާލިއެވެ.

"އަޒީޒުގެ ހަނގު ދަރި......." ނާޒްލީ ބުނެލިއެވެ.

"ރަގަޅަށް އެނގިހުރެ އެހީމަވެސް ރަގަޅަށް ބުނާކަށް ނޭގުނު، ހިތަށް ނާރާ ތިއީ ތިހާ ކެހިވެރި މީހެކޭ، ހުރިހާކަމެއް އޮޅުވާލަން ތިއުޅެނީ؟ " މަންސޫރު ނާޒްލީގެ އަތުގެ މުލައްދަނޑީގައި ހިފާ ފިތާލިއެވެ.

"ކާރުގައި ދަނިކޮށް އިޒްޔަން ދައްކާލާފައި ޔަނާ ބުނީ އެއީ ބައްޕައޭ........" މަންސޫރުގެ ވާހަކައިން ނާޒްލީ ޙައިރާންވިއެވެ. މަންސޫރު އެހާ ރުޅިއައީ ކުޑަކުއްޖަކު ދެއްކި ވާހަކައަކަށް އިތުބާރުކޮށްފައެވެ.

"ޔަނާ ބުނެފާނެ ކޮންމެ އެއްޗެކޭވެސް، ކަމެއް އޮޅުވާލަނީއެއްނޫން، ޔަނާގެ އުފަންދުވަހުގެ ސެޓްފިކެޓް ފޮރުވާފައެއްނޫން އޮތީ، އެކުއްޖާ އިންޑިއާއަށް ވިހެއީ. މަންސޫރު ގަބޫލުނުރަންޏާ ލިޔުންތައްވެސް ދައްކާލަފާނަން. އިޒްޔަންއަކީ އަނާގެ ބޭބެ، އިޒްޔަންއަކީ ބައްޕައޭ ކިޔާފައި ދެއްކި ސަބަބެއް އެއްގޮތަކަށްވެސް ނޭގޭ. ކުޑަކުއްޖަކު ދެއްކި ވާހަކައަކަށް މަންސޫރު އަދި ރުޅިއަންނާކަށް ނުވެއެއްނު، ރުޅި މަޑުކޮށްގެން ހަމަޖެހިގެން ވާހަކަ ދައްކަފާނަންތަ؟ "ނާޒްލީ ދިގު ނޭވައެއްލިއެވެ.

"އިޒްޔަންގެ ބައްޕައަކީވެސް އަޒީޒުތަ؟ " މަންސޫރުގެ ސުވާލުން ނާޒްލީއަށް ކުޑަ ސިހުމެއް ލިބި އެދެލޮލާއި ހަތަރުކަޅި ހަމަކުރަން މަޖުބޫރުވިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލެވުނުއިރު ކުށްވެރި އިހުސާސްތަކެއް ކުރެވުނެވެ. އިޒްޔަންގެ ބައްޕައަށް އިޒްޔަންގެ އަސްލު ފޮރުވައިގެން އެކުރެވުނީ ރަގަޅުކަމެއް ބާވައޭ ހިތާހިތުން ސުވާލުކުރެވުނެވެ. މަންސޫރުދެކެ ރުޅިއަޔަސް ދަރިފުޅުގެ ބައްޕަ އޮޅުވާލެވިގެންނުވާނެއެވެ. މަންސޫރުގެ ދަރިއަކު ދުނިޔެއަށް އުފަންވިކަން އެނގުމުގެ ހައްޤު އޭނައަށް ލިބިގެންވާނެއެވެ. އިޒްޔަން މުއްސަދި އަންހެނަކާއި ކައިވެނިކުރަން މަޖުބޫރުވީވެސް ބައްޕަގެ މުއްސަދިކަމުން މަޙުރޫމްވުމުން ބާވައެވެ.

"ވަރަށް ބޮޑަށް މާފު، އިޒްޔަންގެ ބައްޕައަށް ވަރަށް ބޮޑަށް އޮޅުވާލެވިއްޖެ، މަންސޫރުގެ ގާތުގައި މިއަދު މިއީ ކުށްވެރިއެއް، އިޒްޔަން އަށް ބަނޑު ބޮޑުކަން އެނގުނީ ނަތާލީގެ މައްސަލަގަނޑު ޖެހިގެން ރަށަށް ދިޔަފަހުން، ބަލިވެ އިނުމުން އެހެން މީހުންނަށް އެޖެހޭފަދަ ދަތިތަކާއި އުދަގޫތައް އިޙުސާސެއް ނުކުރެވުނު، އަމިއްލައަކަށްވެސް އޭރަކު ނޭގޭ، ހަ މަހުން ކުއްޖާ ތޮޅެން ފެށުމުން ހީކުރީ ވައިގެ އުދަގޫތައް ކަމަށް، އެންމެން ކިޔާނެ ނާޒް ހާދަ ވަރަކަށޭ ފަލަވަނީ، ހަތްމަހަށް އެޅިފަހުން ބަނޑު ބޮޑުކަން އެނގުނީ. އޭރު އަދި މަންމަ ލާމު އަތޮޅުން މީހަކާއި އިނދެގެން އެރަށުގައި އުޅުނީ. މަންސޫރުއަށް އަންގަން އެތައް ފަހަރަކު ޒަމީރު ވިސްނާދިން އެކަމަކު އޭރު ޙާލަތު ހުރި ގޮތުން އެކަމެއް ނުވި. އިޒްޔަން ބައްޕައެއްގެ ލޯބިން މަޙުރޫމް ކުރުވީމަކަން އެކަމުގެ ހިތި ނަތީޖާ ފެނިއްޖެ، އޭނައަށް މިއޮތް ބޮޑު ދުނިޔެއިން ނަތާލީ ނޫން އަންހެނަކު ނުވި، އިޒްޔަން ނަތާލީއާއި އިންނަން އުޅުނީމަ ބައްޕައަކީ ކާކުކަން ޔަގީންކޮށްދިނިން އެކަމަކު އިޒްޔަން އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވި، މަންމައަށް ވުރެ އޭނަ އިސްކުރީ ނަތާލީ......." ނާޒްލީ އަނެއްކާވެސް މާފަށް އެދުނުއިރު ހުރީ ފެންކަޅިވެފައެވެ.

"އަހަރެންވެސް މިއަދު ވާހަކައެއް ބުނަން ބޭނުން. ނަތާލީ އަހަރެން ބަދުނާމުކުރަން ބޮލުގައި އެޅުވި ތުހުމަތެއް އެއީ، އަހަރެން އޭނައަކާއި ރައްޓެއްސެއް ނުވަން، ރޭޕް ނުކުރަން. އޭރު ތަންކޮޅެއް ޔަންގްވީމައާއި ފައިސާ ހުރީމަ އޭގެ ދަޅައިގާ ޖެހިގެން އުޅެވުނީ އެހާ ރަގަޅަކަށް ނޫން، އަންހެންކުދިން ކައިރިއަށް ދާކަމީވެސް އެންމެންނަށް އެނގިފައިވާ ހަޤީގަތެއް، ނަތާލީއާއި ހިތާވެގެން އެކުއްޖާ ރޭޕްކުރިކަމަށް އަޑު ފަތުރާ ނަތާލީ ދެއްކި ވާހަކަތައް އެންމެން ގަބޫލުކުރިޔަސް އަހަރެންގެ ލޯބިވާ އަންހެނުން ގަބޫލުކޮށް އަހަރެން އެކަނި ކޮށްލާފައި ދާނެކަމަކަށް ހިޔެއްނުކުރަން، ނަތާލީގެ ވާހަކަ ގަބޫލުކޮށްގެން އެގޮތަށް ދޫކޮށްލީމަ އަހަރެންގެ ކުށެއްނެތްކަން ސާބިތުކޮށްދޭކަށްވެސް ބޭނުމެއްނުވި، އެކަމަކު ހިތަކަށް ނާރާ ނާޒް އަހަރެންގެ ދަރިފުޅު އެގޮތަށް އަހަންނާއި ދުރުކޮށްފާނެއޭ، އަހަންނަށް އިޒްޔަންއަކީ ދަރިއެއްކަން އެނގުނީ ނަތާލީގެ ފަރާތުން، އޭގެ ކުރިންވެސް ޝައްކުވާންފެށި. ހޮސްޕިޓަލުގައި އޮތްވާ ޑީއެންއޭ ޓެސްޓްވެސް ހެއްދިން، އިޒްޔަންއަކީ މަގޭ ލެއިން އުފެދިފައިވާ އަމިއްލަ ދަރިއެއްކަން އެނގުމުން އަހަންނަށް ކުރި އަސަރުތައް ދުލަކުން ބަޔާން ކޮށެއް ނުދެވޭނެ، ދުލުން ބުނާ އެންމެ ލަފުޒަކުން މާފުކޮށްފީމޭ ބުންޏަސް ހިތަކުން އެކަން ނުފިލާނެ، ނާޒްލީ އެއީ އާދައިގެ ކުށަކަށް ވިޔަސް އަހަންނަށްޓަކާ އެއީ ވަރަށް ބޮޑު ކުށެއް، މާފުނުކުރެވޭވަރުގެ ކުށެއް، އިޒްޔަން މަރުވެދިޔަ ނަމަވާނީ ކިހިނެއް؟ މަގޭ ދަރިއެއް އެކަމަކު ބީރައްޓެއްސަކަށްވުރެ ދުރު، އެންމެ ފަހަރަކުވެސް ބައްޕާއޭ ކިޔާފައި ގޮވައެއްނުލާ، ޑޮކްޓަރ މަންސޫރުގެ ނަމުން މުޚާތަބު ކުރީ، ކިހިނެއް އެކަންތަކަށް ކެތްކުރާނީ؟ " މަންސޫރު ވާހަކަ ދެއްކިއިރު އަޑުގައި ކުރިން އެހުންނަ ގާތްކަމެއް ނެތެވެ.

"އިޒްޔަންގެ ގޮތް ދޫނުކުރާކަމުން އެހެން އެއުޅެނީ. އަދި ރަގަޅުވާނެ......." ނާޒްލީ ލަދުވެތިވިއެވެ.

"އަހަންނަކަށް ހިޔެއް ނުވޭ....." މަންސޫރު އަނެއް ފަރާތަށް އެނބުރުނެވެ.

ވެހެން ފެށި ވާރޭ ބޯކޮށްލިގޮތަށް ވާރޭގެ ބޮޑެތި ތިކިތަކުން އިޒްޔަން ތެންމާލައިފިއެވެ. އެވަރުންވެސް އޭނަގެ ހިނގުމަކަށް ބަދަލެއްނާދެއެވެ. ވާރެއާއި ވަޔާއިއެކު އޭނަގެ ހަނދާނުގެ މަޑިކިލަބުގައި ފިޔަޖަހައިލީ އޭނައާއި ރަނީން އެކުގައި އުޅުނު މަންޒަރެވެ. އޭނަގެ އަތުގެ ތެރޭގައި އެ ނާޒުކް މަލެއްފަދަ ކުއްޖާ ގެންގުޅުނުލެއް އަދިވެސް ހަނދާނުގައި ހަރުލާފައިވެއެވެ. އޭރު އެދެލޮލުން އެފެނުނީ ކޮންފަދަ ލޯތްބެއް ހެއްޔެވެ؟ ނަމަވެސް މިއަދު މިވީ ކިހިނެއް ހެއްޔެވެ؟ އޭނައަށް ފެނުނީ ރަނީން ޑޮކްޓަރ ދާނަޝްއާއިއެކު ގޮސް ކާރަކަށް އަރައިގެން ދިޔަ މަންޒަރެވެ. ދާނަޝް ރަނީންއަށް ކާރުގެ ދޮރު ހުޅުވާލަދިން ގޮތާއި ބަލަން ހުރިގޮތުން އެދޭތެރޭގައިވާ ގުޅުން ހިލޭ މީހަކަށްވެސް ނޭގިއެއް ނުދާނެއެވެ.

"ރަނީން، ކޮންކަމެއް ސާބިތުކޮށްދޭން ތިހެން އުޅެނީ؟ އަހަންނަށް ޖެއްސުމަށްތަ ޑޮކްޓަރަކާއި ރައްޓެހިވެގެން ތިއުޅެނީ؟ އަދި އެވެސް އަހަރެންގެ ކަޒިންއަކާ....." އިޒްޔަން ފިނިވެފައިވާ ދެއަތްތިލަ އުނގުޅަމުންގޮސް އޭނަ އުޅޭ ބައިގެ ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. ރަނީންއަށް އޭނައަކީ މަންސޫރުގެ ދަރިއެއްކަން އެނގިގެން ގަސްތުގައި ސުލްތާންގެ ދަރިއަކާއި ގުޅުނީހެއްޔެވެ؟ ސުލްތާނަކީ އޭނަގެ ބައްޕަ މަންސޫރުގެ ބޭބެއެކެވެ. އެޢާއިލާ މަޝްހޫރުކަމުން އެމީހުންގެ މަޢުލޫމާތު ކޮންމެހެން ހޯދަން ނޫޅުނަސް މީޑިއާތަކުންވެސް އެނގޭނެއެވެ. އޭނަގެ ބައްޕަގެ ހަޤީގަތް މަންމަގެ ދުލުން އިވުނުފަހުން އެޢާއިލާގެ މެމްބަރެއް ފެނުނަސް އޭނަވަނީ ފޫއްސެވެ. ދެރައީ މާލޭގައި ދުއްވާއިރު އެޢާއިލާގެ ގެތަކުގެ ކައިރިން އަޅާފައި ދާން ޖެހޭކަމެވެ. މަންސޫރުމެންގެ ކުރިމައްޗަށްވެސް އެގޮތުން ދާން ޖެހިފައިވާކަމެވެ. އޭނަގެ ބައްޕައާއި މުޚާތަބު ކުރިއިރު "ޑޮކްޓަރ މަންސޫރު" ގެ ނަމުން އޭނަ ގޮވާލިއިރު އަމިއްލަ އަށްވެސް ފަސްޖެހެވުނެވެ. އެލޮލާއި ހަތަރުކަޅި ހަމަކުރަން އުދަގޫވިއެވެ.

ދާނަޝްއާއިވެސް ދެތިން ފަހަރަކު އެގޮތަށް ބައްދަލުވެ ގައިގާ އަޅައިގަތްއިރުވެސް އޭނަ ދާނަޝްއާއި އަނގައިން ނުބުންޏެވެ. ސޮރީ ބުނެލާކަށްވެސް ހިތަކަށް ނޭރިއެވެ. ދެން ހުރީ ލިވާންއެވެ. އެއްބަފާ ކޮއްކޮއެވެ. ލިވާން އޭނައަށް ފަރުވާތެރިކަމާއިއެކު ބެލިކަން ފާހަގަކުރެވުނެވެ.

އިޒްޔަން ކޮޓަރިއަށްވަދެ ތެތް ހެދުން ބަދަލުކޮށްލާފައި އެނދަށް ވެއްޓިގަތްގޮތަށް ސީލިންއަށް ބަލަން އޮތްއިރު މޫނުމަތިން ފެންނަނީ ހިތްހަލާކުވާފަދަ އަސަރުތަކެވެ. ދުނިޔެއަށް އޭނަ ބާކީވެ އެކަނިވެރިވެފައިވާކަމުގެ އިހުސާސްތަކުގެ ތެރޭގައި ހަފުސްވިއެވެ. އޭނަގެ ގާތުގައި ރަނީންވާނެނަމައެވެ. އެކަނިވެރިކަން ފިލުވައިދޭން އެނޫން ބައިވެރިޔަކަށް މިހާރު ހިތެއް ނޭދެއެވެ. އެތައް އަހަރުތަކެއްކޮށްފައިވެސް އޭނައަށް ޔަގީންވި ކަމަކީ އޭނަގެ ހިތަކީ ރަނީންގެ ހައްޤެއްކަމެވެ. ރަނީންއާއި ނުލާ ނޫޅެވޭނެކަމެވެ.

"ހަޤީގަތެއްނަމަ މިކަން އެކްސެޕްޓް ކުރާނީ ކިހިނެއްތަ؟ ރަނީން ތިހާ އަވަހަށް އެލޯބި ހަނދާން ނައްތާލީ ކީއްވެތަ؟ ލޯތްބަކީ ހިތަށް އަރާއިރަށް ބަދަލުކުރެވޭ އެއްޗެއް ނޫން، އިތުބާރާއި ޔަގީންކަމެއްވެސް އޮންނަންވާނެ، ނަމަވެސް އެހެން މީހަކާއިއެކު ކާރު ދުއްވާލަން، މިހާ ބޯކޮށް ވާރޭވެހޭއިރު ރަނީން އެއްވެސް ކަމެއް ހަނދާނެއް ނެތްތަ؟ އެދުވަސް މަތިން ހަދާން ނައްތާނުލެވިގެން އަހަރެން އުޅޭއިރު ރަނީންވެސް އެ ދުވަސް ހިތުން ފިލައިގެންވާނެ ކަމަކަށް ގަބޫލެއްނުކުރެވޭ. އެންމެ ފުރަތަމަ އެ ހަށިގަނޑުގައި ބީހިލި މީހަކީ އަހަރެންކަމަށް ވާ ހިނދު އެހާ އަވަހަށް ހަނދާނުން ފޮހެވޭނެތަ؟ ނޫން، ހިޔެއްނުވޭ....." އިޒްޔަން އެނދުގައި ދެއަތަށް ފުރޮޅި އޮތްއިރު ވާރޭ ކުރިއަށްވުރެވެސް ބޯކޮށްލައިފިއެވެ.

އިޒްޔަންގެ ހިތަށް ކެތްނުކުރެވިގެން އޭނަ ރަނީންގެ ފޯނަށް ގުޅަން މަސައްކަތްކުރިއިރު ފޯނު އޮތީ ނިވާލާފައެވެ. ވައިބަރއަށް އެތައް މެސެޖެއްކޮށްލުމަށްފަހު ރަނީންގެ ޖަވާބެއް ލިބުމުގެ އިންތިޒާރުގައި ކާންވެސް ނުތެދުވެ އޭނަ އޮތެވެ. ރުޅިއައިސްގެން އެއްޗެކޭ ބުނެލާނެނަމަވެސް އެންމެ ރަގަޅެވެ. ނާއުއްމީދުވެ މާޔޫސްވާން ފެށީ އެއްގޮތަކަށްވެސް ރަނީން ވައިބަރ އޮންކޮށް ނުލި ތާގައި ފޯނުވެސް ހުޅުވާނުލިކަން އެނގުނީމައެވެ. އޭނަގެ އެންމެ މެސެޖެއްވެސް އެކުއްޖާއަށް ފޯރުނުވާކަން ޔަގީންވުމުން ހިތުގައި ބިރުވެރިކަން އުފެދުނެވެ.

ރަނީންއަށް ސުލްތާންއާއި ފައިރޫޒާ ރޭގަނޑު ކެއުމަކަށް ދަޢުވަތު ދީފައި އޭނަ ބަލާ ފޮނުވީ ދާނަޝްއެވެ. ދެމީހުން އިންނަން އުޅުނު ކަމުގައިވިޔަސް އެދޭތެރޭގައި އަދިވެސް ނުތަނަވަސްކަމުގެ ފާރެއް ލެވިފައިވެއެވެ. ދާނަޝް އެކަމާ އަޅާނުލާ ވާން އުޅޭ ފިރިމީހާގެ ވާޖިބު ފުރިހަމަޔަށް އަދާކުރެއެވެ. އެރޭ ކެއުން ނިމިގެން ރަނީން ގެއަށް އައިއިރު އިންތިޒާރުގައި ވިޝާމް ހުއްޓާ ފެނިފައި ރަނީން އުފަލުން ހިނިތުންވެލިއެވެ. ހުރިހާ ހިތާމަތައް ހަނދާން ނެތުނުކަހަލައެވެ. ވިޝާމް ހުރީ އެހާ ހިތްހަމަޖެހިގެނެއް ނޫނެވެ.

"ދާނަޝްގެ ހަގީގަތް ރަގަޅަށް އެނގޭތީ މިބުނަނީ، އޭނައާއި ކައިވެނު ކުރުން ރަގަޅެއްނޫން، ބޭޑް ބޯއިސްއިންނާއި ހެދި ބައެއް އަންހެންކުދިން އުޅުނަސް ނިންނިއަކީ އެކަހަލަ ކުއްޖެއްނޫން، ރަނީން އަބަދުވެސް ބޭނުންވީ ހަރުދަނާ މާތް މީހެއް، ދާނަޝް މޮޅު އާއިލާއަކުން އައިސްފައި ހުރި ތަޢުލީމީ މީހަކަށް ވިޔަސް ޕާޓީ ކުރާ ޒުވާނެއް، ރަގަޅަށް އެގޭތީ މިބުނަނީ، ނިންނިއަށް އޭނައާއި އެކީ އެންމެ ދުވަހަކަށްވެސް ކެތްނުކުރެވޭނެ....ކެންސަލް ކުރުވާ......." ވިޝާމް ހުރީ ފޫހިވެފައެވެ.

"ރަގަޅަށް އެނގިގެން މި ކައިވެނިކުރަނީ، އެއްވެސް މީހަކު ޕާފެކްޓެއްނުވާނެ، އުނިކަންތައް ތަކާއިއެކު ކޮންމެ މީހެއްގެވެސް ހުންނާނެ ރަގަޅު ކަންތައް......" ރަނީން ހީކުރީ އިމާންއާއި ދާނަޝްގެ އޮންނަ ގުޅުމާއިމެދު މާލެ ތެރޭގައި ދެކެވޭ ވާހަކަތައް ވިޝާމްގެ ކަންފަތަށްވެސް ފޯރާފައިވަނީ ކަމުގައެވެ. ދާނަޝް ކޮންމެ ފަދަ މީހަކަށް ވިޔަސް އޭނަ އެކައިވެނު ކުރަނީ އަމިއްލަ ނަފުސް އެއަށް ވުރެ ބޮޑު ފާފައަކުން ދުރުހެލި ކުރުމަށެވެ. އޭނަ ވީހާ އަވަހަށް އެހެން މީހެއްގެ ހައްޤަކަށް ނުވެއްޖެއްޔާ އަތުން ފައިން ގޯހެއް ހެދިދާނެއެވެ.

"އިޒްޔަން އެހެރީ ނޫންތަ؟ " ވިޝާމް ހަނދާންކޮށްލަދިނެވެ.

"ހީޒް މައި ހާފް ބްރަދަރ..އެކަމަކު ސޭމް އައި ބެގް ޔޫ، މިވާހަކަ އެއްވެސް އެހެން މީހެއްގެ ކަންފަތަށް ފޯރައިގެން ނުވާނެ، މަންމަ ދުނިޔެއިން ވަކިވުމުގެ ކުރިން ލިޔެފައިވާ ސިޓީއަކުން ހުރިހާކަމެއް އެނގުނީ، މަންމަ ބަދުނާމުވާކަށް އެއްގޮތަކަށްވެސް ނޭދެން........" ރަނީންގެ ދެލޯ ކަރުނުން ފުރުނެވެ.

"މާނައަކީ ނިންނި ތީ އަހަރެންގެ ކަޒިން އެއް ނޫނޭތަ؟ " ވިޝާމް ދެލޯ ކުޑަކޮށްލިއެވެ.

"ވަރަށް ގިނަ ފަހަރަށް ނަސްލު އޮޅުވާލާފައި އޮވެއެއްނު، ނޭގުމުގެ ތެރޭގަޔާއި އެނގިގެންވެސް މިފަދަ ހާދިސާތައް ވަރަށް ގިނައިން ހިނގާފައިވޭ..........." ރަނީން ކަރުނަ ފޮހެލިގޮތުން އެކުއްޖާއަށް އަސަރުކޮށްފައިވާވަރު ވިޝާމްއަށް އިހުސާސްކުރެވުނެވެ. ވިޝާމް ގެ ޚިޔާލުތައް އެކި ދިމާލަށް ދިޔައެވެ. އެކަމަކު އެވަގުތު އެ ސިޓީ ބަލާލާކަށް އޭނަގެ ހިތަކަށް ނޭރިއެވެ.

ރަނީން އޭނަގެ ބައްޕަގެ މަހާނައަށް ޒިޔާރަތްކުރިއިރު ހިތަށް ކޮށްފައިވާ އަސަރުތައް ބަޔާންކުރެވޭވަރެއް ނޫނެވެ. އަޒީޒުއަކީ ތުއްތުއިރުއްސުރެން ބައްޕަގެ މަޤާމު ފުރައިދިން އޯގާތެރި ފަރާތެވެ. އެއްވެސް ކަމަކުން އޭނައަށް އުނިޔަވިޔަ ނުދީ ހަޔާތުގެ ކޮންމެ ކަމެއްގައި އެބައްޕަގެ އެހީތެރިކަމާއި އަޅާލުން ލިބުނެވެ. އެންމެ ފުރަތަމަ އެޅި ފިޔަވަޅާއިއެކު އަތުގައި ހިފައިގެން ހުރި ފޮޓޯތަކުން ފެށިގެން އެކި މުނާސަބާގައި ނަގާފައި ހުރި ފޮޓޯތަކުން އެބައްޕަގެ ލޯތްބާއި އަޅާލުން އަންދާޒާކުރެވެއެވެ. ކުއްލިއަކަށް މަންސޫރުއަކީ ބައްޕަ ކަމުގައި ބަލައިގަނެވޭނީ ކިހިނެއް ހެއްޔެވެ؟ މަންސޫރު ފެނުމުން އެފަދަ އެއްވެސް އިހުސާސެއް ކުރެވުނީއެއް ނޫނެވެ. ރަނީން އިސްޖަހާލައިގެން މޮޅިވެރިގޮތަކަށް ހުއްޓިލައިގެން ހުރެ ބައްޕައާއި ހިތާހިތުން ޝަކުވާކުރިއެވެ.

"އަހަންނަކީ ބައްޕަގެ ދަރިއަކަށް ނުވާނަމަ ބައްޕައަށް ނޭގިއެއް ނުހުންނާނެ، އެކަމަކު ބައްޕައެއްގެ ލޯތްބާއި އަޅާލުން އެންމެ ފުރިހަމަ ގޮތުގައި ދިން މީހަކީ ތިއީ، ބައްޕަ މި ދުނިޔެ ދޫކޮށް ދާންޖެހުނީވެސް އަހަންނާއި ހެދި، އަހަރެންދެކެ ބައްޕަގެ ހިތުގައިވާ ލޯތްބާއި އޯގާތެރިކަމުގެ އެންމެ ބޮޑު ހެއްކަކީ އެއީ، ބައްޕައަށް މަންމަވެސް އެވަނީ އަނިޔާވެރިވެފައި، މަންމައަށްވެސް މާފުކޮށްދެއްޗޭ، އަދި މިހާރު މަޖުބޫރުވެގެން މިކުރާ ކައިވެންޏަށް އެންމެ ބޭނުންވަނީ ބައްޕަގެ ބްލެސިން، މިއަދު ބައްޕައަށް ކޮށްދެވޭނެ އެއްވެސް ކަމެއްނެތް، ބައްޕައަށް ބޭނުންވަނީ މި ބަދުނަސީބު ދަރިފުޅުގެ ހެޔޮ ދުޢާ، އަބަދުވެސް ބައްޕައަށް ސުވަރުގޭގެ މާތް ނަސީބު ދެއްވުމަށް އެދި ދުޢާކުރާނަން........" ރަނީން ކަރުނަތައް ފޮހެލިއެވެ.

ރަނީން ސަހަރާ ދޫކޮށް ނުކުތްއިރު އިޒްޔަން ތަންކޮޅެއް ދުރުގައި އެމަންޒަރު ދެކެން ހުއްޓެވެ. މިގޮތަށް ރަނީންއަށް ފާރަލަމުން ފަހަތުން އުޅެން ޖެހިދާނެކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ.

"ހީޒް ސްޓޯކިން މީ. ކުރިން ނޫޅުނީ ކީއްވެތަ؟ މިހާރުތަ އިޒްޔަން ފަހަތުން ތި އަންނަނީ؟ އިޓްސް ނޮޓް ޕޮސިބްލް ނައު، އިޒްޔަންއަށް ހަގީގަތް ކިޔާދޭންވީތަ؟ އެކަމަކު އޭރަށް ވާނެ ގޮތެއްވެސް ނޭގޭ. އިޒްއަށް ހިތާމައެއް ކުރިމަތިވާކަށް ނޭދެން، އޭރުން ކިހާ ދެރަވާނެ، އެއަށްވުރެ މާ ރަގަޅުވާނެ އަހަރެން ބޭވަފާތެރިއަކަށް ވެގެން ދުރަށް ދިޔައިމަ، ފަހަރެއްގައި ހޭޓް ކުރަންވެސް ފަށާފާނެއްނު. އެކަމަކު ކީއްވެ މިހާވަރަށް ލޯބިވެވެނީ؟ މިހާ ބޮޑަށް އެޓްރެކްޓްވަނީ ކީއްވެތަ؟ ހާދަ ބޭނުންވެއޭ.........." ރަނީން އަތް އުފުލާފައި އަވަހަށް ކާރެއް ހުއްޓުވަމުން އެރިއިރު ހިތް ބާރު ބާރަށް ތެޅުނެވެ. ކަޅު ވިލާތަކުން ބައްދާލާފައިވާ އުޑު މައްޗަށް ބަލާލުމާއިއެކު ހަނދާނަށް އައީ އޭނަ އިޒްޔަންގެ އަތު ތެރޭގައި ވި މަންޒަރެވެ.

ރަނީން ޖެހިލުންވެފައި ހުރިނަމަވެސް އޭނަ ނާޒްލީއާއި ބައްދަލުކޮށްފައި މަންސޫރުއާއި ބެހޭގޮތުން މަޢުލޫމާތު ހޯދަން އުޅުނެވެ. މަންސޫރުގެ މާޒީގައި އަނދިރި ސަފުހާތަކެއް ފޮރުވިފައި ހުރިކަން އެނގޭފަދަ ގޮތަކަށް ވާހަކަ ދެއްކިއިރު ނާޒްލީގެ ބޭނުމެއް ރަނީންއަކަށްވެސް ނޭގުނެވެ. ނާޒްލީގެ ބޭނުމަކީވެސް ރަނީންއާއި އިޒްޔަން ވަކިކުރުންކަމަށާއި އެ ސިޓީގެ ހަޤީގަތް އެނގިހުރެ އެކަން ރަނީންއަށް އޮޅުވަފާނެކަމަކަށް ރަނީން ފަހަރެއްގައިވެސް ހިޔެއް ނުކުރެއެވެ. ރަނީންއަށް ކެތްނުކުރެވިގެން މަންމަގެ ސިޓީ ދެއްކިއެވެ. ނާޒްލީގެ މަސްހުނި ޖަވާބުން ރަނީން ހައްތަހާ ބޮޑަށް އޮޅުނީއެވެ.

ސުލްތާންގެ ގޭތެރެ ހަލަބޮލިކަމުން ހީވަނީ އެހެން ކަމެއްހެންނެވެ. ހަވީރު ކުރެވެން އުޅޭ ކައިވެނީގެ ސަބަބުން ގިނަ މޫނުތަކުން ފެންނަނީ އުފާވެރިކަމެވެ. އުފާވެރި މާހައުލެއްގައި މަސައްކަތް ކުރެވެމުންދާއިރު މަޖާ ވާހަކަތަކެއް ދެކެވި ހުނުމުގެ އަޑު ގޭގައި ގުގުމާލާފައިވިއެވެ. ތިމާގެ މީހުންނާއި އެކުވެރިން ކައިވެނީގެ ހަފްލާއަށް ގެ ތައްޔާރުކުރުމުގައި އުޅޭއިރު ތަފާތު ވައްތަރުގެ ލުއި ކާނާއާއި ބުއިންތައް ފޯރުކޮށްދިނުމުގައި ބަޔަކު އަވަދިނެތި އުޅުނެވެ. ދާނަޝް ގެއިން ބޭރުގައި އުޅެލާފައި ގެއަށް ވަންނަން އައިއިރު އެންމެންގެ މޫނުތައް ފެނިފާ ކުރެވެން އުޅެނީ ކިހާވަރެއްގެ ސީރިޔަސްކަމެއްކަން ލަފާކުރެވުނެވެ. އެންމެން އުފާވެރިކަން ވައިރަސް އެއްފަދައެވެ. ތުންފަތަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. ބައްޕަ ބުނިފަދައިން ކައިވެންޏަކީ ކުޅޭ ކުޅިވަރެއްނޫނެވެ. ދާނަޝް ފޯނަށް މެސެޖެއް އައިސްގެން ކިޔާލުމާއެކު ދެބުމަ ގޮށް ޖަހާލެވިއްޖެއެވެ.

ކޮމެންޓް 0