"ގޯޑް، ނޯ.........އެހެނެއްނުވާނެ، ދިސް އިޒް ނޮޓް ޕޮސިބަލް........." ރަނީންއަށް ބުނެވުނެވެ. ޔަގީންކުރަން ދެފަހަރުވެސް ކިޔާލީ ނިދީގައި ހުރެ އޭނައަށް އެގޮތަށް ފެނުނީކަމުގައި ހީވެފައެވެ. ދެތިންފަހަރު ކިޔާލުމަށްފަހު ރަނީން ބޭނުންވީ އަޑުކޮޅަށް ހަޅޭއްލަވައިގަތުމަށެވެ. މިއެނގުނު ކަންތަކަށްފަހު ދުނިޔެއަށް އެންމެ ނޭވާއެއްލާންވެސް ރަނީން ބޭނުމެއްނުވިއެވެ.

އޭނަގެ މަންމަ ބައްޕަ ކައިރިން މާފަށް އެދިފައިވަނީ އާދައިގެ ކަމަކާއެއް ނޫނެވެ. ބައްޕައާއި ކައިވެނިކޮށްގެން ހުރެ އެހެން މީހަކާއި ގުޅުން ހިންގިކަމަށާއި ރަނީންއަކީ އެމީހާގެ ދަރިއެއްކަމުގައި މަންމަވަނީ އިޢުތިރާފުވެފައެވެ. ރަނީންއަށް ޝޮކެއް ލިބުނީ އަދި އެކަމާއެއް ނޫނެވެ. އޭނަގެ ދުނިޔެ ފުނޑުފުނޑުވެގެން ދިޔައީ އޭނަ ކުޑައިރުއްސުރެން ލޯބިވި ހިތުގެ ވެރިޔާ އިޒްޔަންގެ ބައްޕައާއި އޭނަގެ ބައްޕައަކީ އެކެއްކަން އެނގުމުންނެވެ. ނޭގިނަމަވެސް ލޯބިވެވުނީ އެއްބަފާ ބޭބެދެކެއެވެ.

އިންސާނުންނަށް ނޭގުނުނަމަވެސް ހުރިހާކަމެއް ދެނެވޮޑިގެންވާ ފަރާތުން އޭނައާއި އިޒްޔަން ގުޅެން އިރާދަ ނުކުރެއްވި ސަބަބަކީ އެއީ ކަމުގައި ރަނީން ނިންމިއެވެ.

ލިބުނު ޝޮކުން އަރައިގަނެވުމުން އޭނަ އެތައް އިރެއްވާންދެން ކަރުނަތަކުން ބާލީސް ތެންމިއެވެ.

ނާޒްލީ ގެއަށް އައިގޮތަށް އެވަރަށް ރުއި ސަބަބު އެނގުނީ މަންސޫރު އެތައް ވަރަކަށް ސުވާލުކޮށްގެންނެވެ. ދޮންދަރިއަކަށްވިޔަސް މަންސޫރު އަޅާލަން ޖެހޭ ދަނޑިވަޅެއްގައި އެހީތެރިނުވެވުމުން ނާޒްލީގެ ހިތުގައި ޒަޚަމްތަކެއް ލީއެވެ.

"ނާޒް، އެނގޭތަ؟ ކިތައްމީހުން އެގޮތަށް ގަދަޔަށް ބޮލުގައި ރިއްސާތީ އުޅޭ، ކޮންމެ މީހަކު ސީޓީ ސްކޭން ހަދަން ފޮނުވާކަށް ނުޖެހޭ، އޭގެ ގެއްލުން ނޭގޭތީ ނާޒް ތިހެން ކިޔަނީ، މެޑިކަލް އޮފިސަރވެސް ހިސްޓްރީ ނަގާނެ، އޭނައަށްވެސް އެއީ ނުރައްކާތެރިކަމެއް ކަން އެނގެންޏާ އަހަންނަށް ރިފަރ ކުރާނެ. އަމިއްލައަށް ގޮސް ހަވާލުވާވަރު ކޭސްއެއްކަމަށް މަށަށް ނުފެނުނީ........" މަންސޫރު ނިތްކުރީގައި ފިރުމާލިއެވެ.

"ތިއީ ނޫން ސަބަބަކީ. ނަތާލީ......." ނާޒްލީއަށް ބުނެވުނެވެ.

"ނަތާލީގެ ނަންވެސް ނުކިޔާ......." މަންސޫރު ހަޅޭއްލަވައިގަތުމުން ކޮޓަރިތެރޭގައި އެއަޑު ހިފާލިއެވެ. ނާޒްލީގެ މެޔަށްވެސް ފިނިވެގެން ދިޔައެވެ. މަންސޫރުގެ މި ރުޅިގަނޑު މިފެނުނީ އެތައް ޒަމާނަކަށްފަހުއެވެ.

"އާނ އޭނަގެ ސަބަބުން އަހަންނާއި ނާޒްލީ ވަކިވީ، އޭނަގެ ޗާލަކީކަމުން އަހަރެންގެ ބޮލުގައި އެޅުވި ދޮގު ތުހުމަތުތައް ނާޒްވެސް ގަބޫލުކުރީ، އަހަންނަށް އެކްސްޕްލެއިންކޮށް ދޭން ވަގުތެއްވެސް ނުދިން، އެކަން އެނގިހުރެ އިޒްޔަން އޭނައާއި އިންނަން ނާޒް ފުރުސަތު ދިނީ......" މަންސޫރުގެ އަޑު އަދިވެސް ބާރެވެ.

"އިޒްޔަން ހުއްޓުވަން މަސައްކަތްކުރިވަރު ދެނެވޮޑިވެގެންވަނީ ހެއްދެވިފަރާތް. އެކަމަކު އޭނަ އެ އަންހެނާގެ މަޅީގައި ޖެހިގެން ޙަގީގަތް ހާމަކޮށްދިނީމަވެސް ދިޔައީ، އެހެނޭ ކިޔާފައި މަންމައެއްގެ ވާޖިބު އަދާކުރުމަކަށް ފަހެއްނުޖެހެން، އެގޮތަށް މަންސޫރުއަށްވެސް ބަރޯސާވެގެން މިހިރީ އިޒްޔަންއަށް އަޅާލާނެކަމަށް، ސަބަބަކީ އެއީ......." ނާޒްލީގެ ލޮލުގައި ތާޒާ ކަރުނަ ގިނަވިއެވެ.

"ވީއިރު އެބަސްނާހާ ދަރިއަށް އަހަރެން ވަކި އަޅާލަން ޖެހޭތަ؟ ދެން އިތުރަށް މިވާހަކަ ކުރިއަށް ގެންދާކަށް އަހަރެން ބޭނުމެއްނޫން.......ސޮރީ ނާޒް..ގުޑްނައިޓް...." މަންސޫރު ނާޒްލީގެ ވާހަކަތައް މެނދުކަޑާލައިފިއެވެ. އަދި ސައިޑްޓޭބަލް މަތީގައި ހުރި ނިދާބޮކި ޖައްސާލުމަށްފަހު އަނެއްފަރާތަށް އެނބުރުނެވެ. ނާޒްލީ އިތުރު ތަފްސީލު ދޭން ނިންމިތަނާ މަންސޫރު ހުއްޓުވީ އޭނަގެ ފަރާތުން އެ ހިތި ހަޤީގަތް މަންސޫރުއާއި ހަމަޔަށް ފޯރުކޮށްދޭން އިރާދައިގާ ނެތީތީއެވެ. މަންސޫރުގެ "ރިއެކްޝަން" އަތުވެދާނެގޮތެއް ވިސްނާލާފައި ފަހުން ނާޒްލީގެ ހިތަށް ބިރުވެރިކަން ވަނެވެ. މަންސޫރު އޭނަ ހުއްޓުވިކަން ނަސީބެކޭ ހިތަށް އެރިއެވެ.

މަންސޫރު އިޒްޔަންދެކެ ކިތަންމެ ވަރަށް ރުޅިއައިސްފާ ހުއްޓަސް އެކުއްޖާގެ ޙާލު ބަލައިލަން ދިޔައީ ނާޒްލީއާއިމެދު ވިސްނާލާފައެވެ. ނާޒްލީގެ ފުރާނަކަމުގައިވާ ދަރިފުޅަށްޓަކާ އޭނައަށް ކޮށްދެވޭނެކަމަކީ އެއީއެވެ. އިޒްޔަން އޮތް އެނދާއި ކައިރިވުމުން އިޒްޔަން ދެލޯ ހުޅުވާލިގޮތަށް އެ މުށިކުލައިގެ ދެލޯ އޭނައާއި އަމާޒުވިއެވެ. ވަގުތުން އެސްފިޔަތައް ދުރުކޮށްލާފައި އޭނަ އެނބުރުނީ އަނެއްފަރާތަށެވެ. މަންސޫރުގެ ހިތަށް ކޮންމެވެސް ކަހަލަ އަސަރެއްކުރިއެވެ. އިޒްޔަން އޭނައާއި ކުރިމަތިލާން ޖެހިލުންވީ މަންމަގެ ފަރާތުން ނަތާލީއާއި އޭނަގެ ގުޅުން އެނގުނީމަހެއްޔެވެ؟ މަންސޫރު އެހާ އަވަހަށް ހަތިޔާރު ބަހައްޓާކަށް ނޫޅުނެވެ. އޭނަ އިޒްޔަންގެ މޫނުގައި ހިފަހައްޓާފައި އޭނައާއި ދިމާލަށް އަނބުރުވާލިއެވެ. މަންސޫރުގެ އެހިތްވަރުން އިޒްޔަންވެސް ހައިރާންވިއެވެ.

"އިޒްޔަންގެ މަންމަ ރިކުއެސްޓްކޮށްގެން މިއައީ، ކިހިނެއްތަ؟ "މަންސޫރު ގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ.

"އައިމް ފައިން...." އިޒްޔަން ތުންފަތުގައި ދަތްއަޅާލިއެވެ.

"ވެލް.......އެކަން ޔަގީންކުރަން ބޭނުން......" މަންސޫރުގެ އަތުގައި އޮތް ކުޑަ އިންސްޓްރޫމެންޓަކުން އިޒްޔަންގެ ލޮލަށް އަލިކުރަން އުޅެގަތުމުން އިޒްޔަން އެކަމާއި ދެކޮޅުހަދަން އުޅުނެވެ. ނަމަވެސް އެހިތްވަރެއް ނުކުރެވުނެވެ. މަންސޫރުގެ ޝަޚުސިއްޔަތުގެ ސަބަބުން އެހެން މީހުންނަށް އަސަރުކުރާ ފަދައިން އިޒްޔަންވެސް ޖެހިލުންވިއެވެ. އެފަރާތަށް އިހުތިރާމްކުރަން މަޖުބޫރުވިއެވެ. ހިމޭންކަން ޚިޔާރުކުރިއެވެ. މަންސޫރުއާއި އޭނަގެ މޫނު އެހާ ކާރިވުމުން އިޒްޔަން ނޭވާ ހިފަހައްޓާލިއެވެ. އޭރު ހަތަރެސްފައި ފިނިވެ ގަނޑުފެންކޮޅަކަށްވެއްޖެއެވެ. ފިނީގައިވެސް ނިތްކުރިން ދާހިއްލާލައިފިއެވެ.

"ފަންޑަސް ނޯމަލް، އެކަމަކު ދެން ސީޓީއެއް ހަދާލާނީ ދޯ..........އޭރުން އިޒްޔަންގެ މަންމަގެ ޝަކުވާ ނިމުމަކަށް އަންނާނީ........" މަންސޫރު އިޒްޔަންގެ އިސްތަށިގަނޑުގައި ފިރުމާލާފައި އެތަނުން ދާން ހިނގައިގަތްއިރު ހިތުގައި އިޒްޔަންއަށް ކުލުނު ޖެހިފައިވިއެވެ. އިޒްޔަންއަކީ އެކަނި އޭނަގެ ޕޭޝަންޓެއްނޫނެވެ. އަމިއްލަ ދަރިއެއްފަދައިން ލޯބިވާ ކުއްޖަކަށްވެސް ވެއްޖެއެވެ. އެދެލޮލަށް އެހާ ކައިރިން ބަލާލާނެ ފުރުސަތު ލިބުމުން އެދޭތެރޭގައި ކޮންމެވެސް ކަހަލަ ގުޅުމެއްވާކަމުގައި ހިތް ބުނަން ފެށިއެވެ. ނާޒްލީއަށް އޮތް ލޯބި ދަރިއަށްވެސް ޖެހުނީއެވެ.

އިޒްޔަންގެ ސީޓީ ސްކޭން ނޯމަލްކަމުގައި މަންސޫރު ބުނިއިރުވެސް އިޒްޔަން އުޅުނީ ބޮލުގައި ރިއްސާތީ ކެތްނުކުރެވިގެންނެވެ. އެންމެ ބާރުގަދަ ބޭސްތައް ދޭއިރުވެސް އޭނަ އޮންނަނީ ކެތްނުކުރެވިގެން އެނދުގައި ތެޅިފޮޅިއެވެ. އޭނަ އުޅޭ ޙާލު ދެކެފައި ނާޒްލީގެ ލޮލުން ކަރުނަ ނުހިކޭއިރު މަންސޫރު މައްސަލައެއް ނެތްކަމުގައި ބުނުމުން މަންސޫރުދެކެވެސް ރުޅި އަތުވެއްޖެއެވެ.

"ދެން މަންސޫރު ތިބުނަނީ އިޒްޔަން އެކްޓްކުރަނީއޭތަ؟ " ނާޒްލީ ތަންކޮޅެއް ބާރަށް އަހާލައިފިއެވެ.

"އެހެން ނުބުނަމެއްނު......"މަންސޫރު ބުނެލިއެވެ.

"އެކުއްޖާ އެއުޅޭ ހާލު އެފެންނަނީ އެކަމަކު ނޯމަލްއޯ، ކާކު އެވާހަކަ ގަބޫލުކުރާނީ...." ނާޒްލީގެ ހިތް ގެނބޭވަރުވިއެވެ.

"އިޒްޔަންގެ ސީޓީ ސްކޭންއަކުން އެއްވެސް ކަހަލަ ކަމެއް ނުފެނޭ، ފަންޑަސް އަދި ޓެސްޓްތައްވެސް ނޯމަލް، ދެން އިތުރަށް އަހަރެން ބުނަންވީ ކީކޭތަ ނާޒް؟ އަހަރެންގެ އޮޕީނިއަންއެއް ހޯދާކަށްނު ނާޒް ބޭނުންވީ؟ " މަންސޫރު ރުންކުރުވާގޮތްވިއެވެ. އިޒްޔަން ގަސްތުގައި ބަލިކަމަށް ހެދެނީ ކޮންކަމަކާ ބާވައޭ އޭނަގެ ހިތަށް އެރިއެވެ.

"މަންސޫރުއަށް ނޭގެންޏާ ދެން އެނގޭތަނަކަށް ފޮނުވަންވީއެއްނު، ކިތަންމެ ފަހަރަކު މާލެއިން ބަލި ނުހޯދިގެން ބޭރަށް ފޮނުވައިގެން އެމީހުންނަށް ބަލި ދެނެގަނެވޭ، އެމާވެސް ބަލިވެގެން އެތައް ފަހަރު ޑޮކްޓަރަށް ދެއްކިފަހުން އެނގުނީ ކެންސަރުކަން، މަންސޫރު ހެޔޮނުވާނެ، އިޒްޔަންއަށް އެހީވެދީ، އެކުއްޖާ މަރުވެދާނެ، އެގޮތަށް އެކްޓްކުރާނެ ކުއްޖެއްނޫންކަން އެނގޭތީ މިހެން މިބުނަނީ، އިޒްޔަންގެ ހިތްވަރާއި ކެތްތެރިކަން އެންމެ ރަގަޅަށް އެނގޭނީ މަންމައަށް، އަހަރެންގެ ދަރިފުޅު ބަލިކަން އިހުސާސްކުރެވޭ ވަރަށް ބޮޑަށް، އޭނައާއި ނަތާލީގެ އޮތް ގުޅުން ހަނދާން ނައްތާލާފައި އެހީވެދީ......" ނާޒްލީ ރޮމުން މަންސޫރުގެ މޭމަތީގައި ބޯ ޖައްސާލިއެވެ.

"ނާޒް ތި ހީކުރަނީ އިޒްޔަންގެ ބަލި އަހަރެން ފޮރުވަނީކަމަށް ދޯ، ނޫން ހަގީގަތަށް އަހަރެން މިބުނީ، އަހަންނަށް ޔަގީން ދުނިޔޭގެ ކޮންމެ ތަނަކަށް ގެންދިޔަސް އިޒްޔަންގެ ޓެސްޓްތަކުގެ ނަތީޖާ ދެން ބަދަލެއް ނުވާނެކަން، ހައިރާންވާ ވަރުގެ ކަމެއް މިއީ، ހުރިހާ ޓެސްޓްތަކެއް ނޯމަލް އިރުވެސް އިޒްޔަން އެހާވަރުން އުޅޭތީ، ވެވެން އޮތްހާ އެހީއެއް ވާނަން، ނާޒް ދެރަނުވޭ........." މަންސޫރު ނާޒްލީގެ ހިތް ހަމަޖައްސާދޭންވެގެން އެތައް ވާހަކަތަކެއް ދެއްކިއެވެ. ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށް ވުމުންވެސް އެފަދަ ގޮތެއް މެދުވެރިވެދާނެ ކަމަށާއި ނަފްސާނީ ޑޮކްޓަރެއްގެ އިރުޝާދުވެސް ހޯދާނީކަމުގައި ބުނެލިއެވެ.

މަންސޫރު ގެއަށް އައިއިރު ލިވާން ހުރީ ކޮންމެވެސް މީހަކަށް ގުޅައިގެންނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ލިވާން މެޑިސިން ހަދާ ނިމިގެން އައިގޮތަށް އިންޓާންޝިޕް ފުރިހަމަނުކޮށް ހުންނާތީ އެކުއްޖާއަށް ވިސްނާދޭން މަންސޫރު ކުރި މަސައްކަތްއޮތީ ނާކާމިޔާބުވެފައެވެ. އެކަމަކު ކުއްލިއަކަށް ލިވާން ދިން ޚަބަރަކުން މަންސޫރުގެ ސިކުނޑި އެއްފަހަރާ ލުއިވެގެން ދިޔަހެން ހީވިއެވެ. ލިވާން އިންޓާންޝިޕް ހަދަން ދާން ނިންމީއެވެ. ދަރިފުޅު އަތުތެރެއަށް ގެނައިގޮތަށް އެ ތަނަވަސް ނިތްކުރީގައި ބޮސްދެމުން ވާހަކަދެއްކިއިރު އަޑުވެސް ތުރުތުރުއެޅިއެވެ.

"އައިމް ސޯ ޕްރައުޑް އޮފް ޔޫ މައި ސަން......" މަންސޫރު ހިނިތުންވެލަމުން ލިވާންގެ މޫނަށް ބަލައިލިއިރު ލިވާންވެސް ހުރީ ފެންކަޅިވެފައެވެ.

"ކީއްވެގެންނޯ ކުއްލިއަކަށް ދަރިފުޅު ތިހެން ނިންމީ؟ " މަންސޫރު އަހާލިއެވެ.

"ދޮންމަންމަ ކުރީ ދުވަހު ދެއްކި ވާހަކަތަކުން އިންސްޕަޔަރ ވީ......" ލިވާން އެހުރިހާ ވާހަކަތަކުގެ ތަފްސީލަށް ދާކަށް ނޫޅުނެވެ. މަންސޫރު އަށް އެނގުނެވެ. ނާޒްލީ ދެކެ ލިވާންމެން ފޫހިވާއިރުވެސް އަބަދުވެސް ނާޒްލީ އެކުދިންނާއި ވާހަކަ ދައްކައެވެ. ނަސޭހަތް ތެރިވެއެވެ. އުޅެންވީ މަގު ދައްކަން ކެނޑިނޭޅި މަސައްކަތްކުރެއެވެ. ނަމާދުކުރުވަން ބާރު އަޅައެވެ. އެންމެފަހުން ލިވާންގެ ކިޔެވުން ފުރިހަމަ ކުރަން ނިންމީ ނާޒްލީގެ ވާހަކަތަކުންނެވެ. ހަނގު ދަރިފުޅު މީރާގެ ސިނގު ރުޅިގަނޑުވެސް މިހާރަކަށް އައިސް ދައްކައެއް ނުލައެވެ. ނާޒްލީ މިގެއަށް އައުމުން ހަޔާތުގައި އުފާވެރިކަމުގެ ކުލަ ޖެހެން ފަށައިފިއެވެ. މަންސޫރު އެތެރެއަށް ވަންއިރު ފެނުނީ މީރާ އޭނަގެ ބުޅާ އުރާލައިގެން ހުރެ ކޮންމެވެސް މީހަކަށް ގުޅައިގެން ވާހަކަ ދައްކަން ހުރިތަނެވެ. މީރާ ގޭގައި ހުރިއްޔާ ފޯނު ނޫނީ ލެޕްގައި ހުރުން ނޫންކަމެއް ނޯވެއެވެ. ނަމަވެސް މީރާގެ ހަރުދަނާކަމެއް ނެތޭ ބުނާވަރެއް ނުވެއެވެ. ވަޒީފާއަށް ދަމުން ކިޔެވުންވެސް ކުރިއަށް އެގެންދަނީ އޭނަގެ އެކުވެރި އެހެން އަންހެންކުދިންނެކޭ އެއްގޮތަށެވެ. މުއްސަދިވިޔަސް ކިބުރުވެރިކަމާއި ބޮޑާކަން ދައްކައެއްނުލައެވެ.

"ދަރިފުޅާ ކާކުތަ؟ " މަންސޫރު އެހިއެވެ.

"ވިޝާމް....." މީރާ ޖެހިލުމެއްނެތި ބުނެލިއެވެ.

"ބައްޕަ ހީކުރީ އޭނައާއި ބްރޭކްއަޕް ވީކަމަށޭ، ނުވޭތަ؟ "މަންސޫރު އޮޅުން ފިލުވަން ބޭނުންވިއެވެ.

"ސްޓިލް ފްރެންޑްސް ......." މީރާ ހިނިގަނޑެއް ޖަހާލިއެވެ. މަންސޫރު މީރާގެ އިސްތަށިގަނޑުގައި ފިރުމާފާއި ދާން ހިނގައިގަތުމުން މީރާ އޭނަވެސް ކޮލެޖަށްދާން ނައްޓާލަނީކަމުގައި ބުނެފައި ބުޅާ ދޫކޮށްލާފައި ދުއްވައިގަތެވެ. ހީވަނީ ލައިނުގަނެގެން އުޅޭކުއްޖެއް ހެންނެވެ. އަބަދުވެސް މާ ހަލަނި ސިޔާސަ ކުއްޖަކީއެވެ.

މަންސޫރު ގްރީން ޓީއެއް ހިފައިގެން އައިސް ފެންޑާގެ ސޯފާއެއްގައި އިށީނެވެ. ޔަނާވެސް ވީ އަރޫޝާގެ ގޭގައެވެ. ލިވާންގެ ހިލަމެއްވެސް ނުވެއެވެ. ގެއަށް ވެރިވެފައިވާ ހިމޭންކަންދެކެ މަންސޫރު ހިތްހަމައެއް ނުޖެހުނެވެ. އެކަނިވެރިކަންދެކެ ލޯބިކުރިޔަސް ކުދިން ނެތުމުން އިހުސާސްކުރެވެނީ ފަޅުކަމެވެ. ގޭޓުން ނަތާލީ ވަންތަން ފެނިފައި ހަށިގަނޑުގައިވާ ހުރިހާ ނާރުތަކެއްގައި ރުޅިވެރިކަން ހިނގާލިއެވެ. ލިބިފައިވާ އުފާވެރިކަން ގެއްލި ތުންފަތުގައިވި ހިނިތުންވުން އެއްކޮށް ފަނޑުވިއެވެ. މިގޭ ހަތަރުފާރުން އެތެރޭގައި ފައި އެޅުމުގެ ހިތްވަރު އެ އަންހެނާއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ މަންސޫރު އިންތަނުން ތެދުވުނުއިރު ނަތާލީ އައިސް ހުރީ ކުރިމަތީގައެވެ.

"ޑޮކްޓަރ މަންސޫރު. މިއައީ ވަރަށް ބޮޑު ޝަކުވާއެއްކުރަން، ތަނެއްގެ އިސް މީހެއްގެ ގޮތުގައި ހުއްޓަސް އިޒްޔަންއަކީ އަހަރެންގެ ފިރިމީހާ، އަހަރެންގެ އިޒްނަ ނެތި އޭނަގެ ޓެސްޓްތައް ހެދުމުގެ ޙައްޤު ޑޮކްޓަރ މަންސޫރުއަކަށްވެސް ލިބިގެނެއް ނުވޭ......." ނަތާލީ ހުރީ ނުލަފާ ފާޑަކަށް ހިނި އައިސްފައެވެ.

"ކޯޓަށްވެސް ދާނަން....."ނަތާލީ އިންޒާރު ދިނެވެ.

"ގެޓް އައުޓް......." މަންސޫރު ކެތްތެރިވާން މަސައްކަތްކުރިއެވެ.

"އަމިއްލަ ދަރިކަން އެނގުނީމަ ކެތްނުކުރެވުނީ ދޯ ހަމަ. އަހަންނަށް އެނގޭ ނާޒްލީ އެހުންނަނީ އިޒްޔަންގެ އަސްލު ސިއްރުކޮށްލައިގެންކަން، އިޒްޔަން އަހުމަދު މަންސޫރު ކިޔުމުގެ ބަދަލުގައި އިޒްޔަން އަހުމަދުއަކުން ނިންމާލަފައިވެސް އެއޮތީ މަންސޫރުއަށް އޮޅުވާލަކަށް ނު........." ނަތާލީގެ ޖުމްލަތަކުން މަންސޫރު ސިހުނުކަން ނަތާލީއަށް އެނގިފައި ވަކިން އުފާވިއެވެ. ވީއިރު އަދިވެސް މަންސޫރުއަށް ޙަޤީޤަތް ނޭގެނީއެވެ. ނާޒްލީ މަންސޫރުއަށް އަމިއްލަ ދަރިފުޅު ފޮރުވައިގެން ހުރުމުގައި ކާމިޔާބުކޮށްލައިފއެވެ.

"ކޮންމެހެން ހަދަހަދައިގެން ވާހަކަ ދައްކަން އުޅޭނެކަމެއްނެތް....." މަންސޫރުގެ ހިތުގައި ކުރިން އުފެދުނީ ޝައްކެވެ މިހާރު ޔަގީންވެއްޖެއެވެ. ޙަގީގަތަކީ ނަތާލީ އައުމުގެ ކުރިން އޭނަވަނީ އިޒްޔަންގެ ޓެސްޓް ހަދަން ފޮނުވާފައެވެ. އެޓެސްޓް ހަދަން އޭނަ ނިންމީ އޭނައަށް އިއްޔެ ވީ ޝައްކެއްގެ ބޮޑުކަމުންނެވެ. އިޒްޔަން އެއޮތީ އޭނަގެ ބާރުގެ ދަށުގައެވެ. ޑީއެންއޭ ޓެސްޓެއް ހަދާލުމަކީ އެއްވެސް ކަމެއް ނޫނެވެ. ނާޒްލީ އޭނައަށް އޮޅުވާލާފައިވާ ކަމުގައި ހިތް ބުނަން ފެށުމުން ޔަގީންކުރަން ބޭނުންވިލެއް ބޮޑުކަމުން ސިއްރުން އޭނަ ޝައްކު ފިލުވާލަން ބޭނުންވީއެވެ. އިޒްޔަންގެ ދެލޮލަށް ކާރިން ބަލާލި ވަގުތު އޭނައަށް އިހުސާސްކުރެވުނީ އޭނައާއި އިޒްޔަންގެ އޮތް ގާތް ގުޅުމެވެ. އަމިއްލަ ދަރިއެއްކަމުގެ އިހުސާސް ކުރެވުނުލެއް އެހާ ބޮޑުވިއެވެ.

"މަންސޫރުއަށް ގަބޫލުނުކުރެވުނަސް ދެން ހެވޭ، ޔަގީންވުމުން ހިތަށް އަސަރު ކުރާލެއް ބޮޑުވާނެ، އަމިއްލަ ފިރިހެން ދަރި އިނދެގެން އުޅެނީ އެއްއިރެއްގައި ލޯބިވެރިޔަކާއިކަން އެނގުމުން ކިހާ ސަކަރާތްވާނެ، އެޓްލީސްޓް ދުނިޔެއަށް އެނގިފައިވާނީ ލޯބިވެރިޔެއްގެ ގޮތުގައި ދޯ. އޯކޭ އަހަންނަށް މަންސޫރުގެ ލޯބި ކާމިޔާބެއް ނުކުރެވުނު، އެކަމަކު އިޒްޔަންގެ ސިފައިގާ އަހަންނަށް މަންސޫރު ލިބިއްޖެ، އެކަމާއި އަހަރެން އުފާކުރަން، ދެން ކަލޭމެން އެކަކަށްވެސް އަހަންނާއި އިޒްޔަން ވަތްކެއް ނުކުރެވޭނެ، ތިއާރާއި ބާރުގެ ބޭނުންކޮށްގެންވެސް އެކަމެއް ނުވާނެ، ކުރަން އުޅެފިއްޔާ ކަލޭމެންނަށް ފެންނާނީ އިޒްޔަންގެ ފުރާނަ ނެތް މަސްގަނޑު، ހަމަތެދެއް މިބުނީ، އެއްވެސް ކަމަކަށް އަހަރެން ޖެހިލެއްނުވޭ، އިޒްޔަންއަށްޓަކާ އަހަރެން މީހަކު މަރާލަންވެސް ފަހެއް ނުޖެހޭނަން......." ނަތާލީ ޖެހިލުމެއްނެތި ހިތުގެ އުދާސްތައް ބަންޑުންކުރިއެވެ.

މަންސޫރުވެސް ހުރީ ހިލައިގެ ބުދެއްހެންނެވެ. ގަނޑުވެފައެވެ. ނަތާލީގެ އިންޒާރުތަކުން ހިތަށް ބިރުވެރިކަން ވަދެފައެވެ. ނަތާލީއަކީ އާދައިގެ މީހެއްނޫނެވެ. ނުރައްކާތެރި އަންހެނެކެވެ. އޭނަވަނީ އެކަން ކިތަންމެހާވެސް ރަގަޅަށް މަންސޫރަށް ސާބިތުކޮށްދީފައެވެ. މިހާރު އަނެއްކާ މަންސޫރުގެ ހަޔާތަށް އައިގޮތަށް ބިރުދައްކަން ފެށީއެވެ.

ކޮންމެވެސް މީހެއްގެ ހިލަންވިހެން ހީވެފައި މަންސޫރުއަށް ފަހަތަށް އެނބުރި ބަލާލެވުނެވެ.

ކޮމެންޓް 0