"އިޒް، އެހެން އަންހެންކުއްޖަކު ފެނުނީތަ؟ "ނަތާލީގެ ހިތަށް ކިތަންމެ ވަރަކަށް އަސަރުކުރިޔަސް އޭނަ އެކަން ނުދައްކަން މަސައްކަތްކުރިއެވެ. ހިތް ފަޅައިގެން ގޮސްދާނެހެން ހީވިއެވެ. އޭނަ އެހާވަރުން އިޒްޔަން ހިފަހައްޓަން މަސައްކަތްކުރާއިރު ނާކާމިޔާބުވަނީ ކީއްވެހެއްޔެވެ؟ އިޒްޔަންއަށް އެހެން އަންހެނަކު މިވަރުގެ ޤުރުބާނީއެއް ވެދާނެހެއްޔެވެ؟ އިޒްޔަންއަށް މިހާވަރަށް ލޯބިދޭނެ އެހެން އަންހެނަކު މިކައުނުގައި ނުވާނެކަން އޭނަ ބުނެދީ ވަރުބަލިވާވަރުވެއްޖެއެވެ.

ނަތާލީގެ ސުވާލަށް ޖަވާބު ދިނުމަށްވެސް އޭނަ ބޭނުންނުވީ ކަހަލައެވެ. ނަތާލީއަށް ނުރުހުމުގެ ނަޒަރެއް ދީފައި ހިނގައިގަތުމުން ނަތާލީ ރެއިލިންއަށް ލެނގުނުގޮތަށް ބަލަން ހުރީ މާޔޫސްކަމުގެ ސާލު އޮޅާލައިގެންނެވެ.

އިޒްޔަންގެ ލޮލަށް އެރޭވެސް ނިންޖެއް ނައެވެ. އެންމެފަހުން ބެލްކަނީގެ ބިއްލޫރި ދޮރު ކަހާލާފަ ނުކުތްގޮތަށް އެތާހުރި ގޮނޑިއެއްގައި އިށީންގޮތަށް އެކި ޚިޔާލުތައް އުދަގޫކުރަންފެށިއެވެ.

"ޔަގީނޭ އެކުއްޖާ ވާނީ މަގޭ ދަރިއަކަށް، އެހެންވެ ރަނީން ނުބުނަން އެއުޅެނީ؟ އެކަމަކު ކިހިނެއް ހަދާނީ؟ އަހަރެންގެ ދަރިއަކަށް ވެއްޖެއްޔާ އަހަންނަށްވެސް ހައްގު އޮންނަންވާނެއްނު. ރަނީން ލައްވާ ޙަޤީގަތް ބުނުވާފައި ނޫނީ ދެން މިހިތަށް ހަމަޖެހުމެއް ނުލިބޭނެ......" އިޒްޔަން އިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލައިގެން އިންއިރު މޭގައި ބުނަން ނޭގޭފަދަ ރިހުމެއް އެކުލެވިފައިވެއެވެ. ނަތާލީދެކެ ހިތުގައި ނަފްރަތުގެ ހުޅުކޮޅެއް ރޯވެ އަނދަންފެށިއެވެ. މިފަދަ ރުޅިވެރިކަމެއް އޭނަގެ ހިތުގައި އެހެން އިންސާނަކަށްޓަކާ އުފެދިފައިވާކަމެއް ނޭގެއެވެ. އެތައް އަހަރެއްވާންދެން ތިމާގެ އަންހެނުންގެ ގޮތުގައި ބަލައިގެންފައިވާ މީހަކަށްޓަކާ މިފަދަ ރުޅިވެރިކަމެއް އުފެދުމަކީ ޚުދު އޭނަވެސް ޙައިރާން ކުރުވިކަމެކެވެ.

އިޒްޔަން ހެނދުނު ހޭލައިގެން ތައްޔާރުވާން ހުއްޓާ ނަތާލީ އެހީވާން އުޅުނެވެ. ޓައީ ރީތިކޮށްލަދޭން އުޅުމުންވެސް އިޒްޔަން ދުރަށް ޖެހުނު ގޮތަކުން ނަތާލީ ލަދުގަންނަވާލައިފިއެވެ. އޭނަ ހީކުރީ އިޒްޔަން ހަމަޔަކަށް އެޅިދާނެކަމުގައެވެ. މީހާ ހުންނާނީ ހަމަޖެހިފައި ކަމުގައެވެ. ނަމަވެސް އިޒްޔަންގެ ތަބީޢަތު ނަތާލީ ސިއްސުވާލައިފިއެވެ. އިޒްޔަންއަށް ވެގެން އުޅޭގޮތް އޭނައަށް ނޭގެނީއެއް ނޫނެވެ. ބިރުގަންނަނީ އެކަމާއެވެ. ބިރުގަންނަނީ އިޒްޔަން އޭނައާއި ދުރަށް ގޮސްދާނެކަމުގެ ނިޝާންތައް ފެންނަން ފެށީމައެވެ. މުށުތެރެއިން ދޫވެގެން ހިނގައިދާނެތީއެވެ. އިޒްޔަންގެ ކޮޓަރިއަށް ގެނައި ކޮފީތަބައްވެސް ޖެހުނީ އަނބުރާ ގެންދާށެވެ. ނަތާލީ ކާކޮޓަރިއަށް ވަންގޮތަށް ގޮނޑިއަކަށް ތިރިވެ އިރުކޮޅެއްވާންދެން ވިސްނަން އިނީ ދެން ހަދަންވީ ގޮތަކާއި މެދުގައެވެ.

"އެނގިއްޖެ. ފުރާނަ ހުރެގެން އިޒްއަށް ނުކެރޭނެ ދޫކޮށްލާފައި ދާކަށް، އެއީ ހަމައެކަނި މަގޭ މީހެއް، އެކަނި މަގޭ މިލްކެއް، އިޒްޔަންއަކާއި ޖެހިގެން އަހަންނަށް ފާފަކުރެވޭކަންވެސް އެނގޭ، އެކަމަކު އިޒް އެހެން އަންހެނަކަށް ބެލިޔަނުދޭން އަހަރެން މިހިރީ ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް ތައްޔާރަށް، ފުރާނަ ދުއްވާލަންވެސް ފަހެއް ނުޖެހޭނަން........" ނަތާލީގެ ތުންފަތަށް ވިހަ ހިނިތުންވުމެއްވެރިވިއެވެ. އޭނަ ފޯނުގެ ސްކްރީނަށް ބަލަންއިންއިރު ފެންނަ ރީތި ތަސްވީރުން ހިތަށް ވަގުތީ ފިނިކަމެއް ލިބުނެވެ. އެއީ އިޒްޔަން ލޯބިން ހުރި ދުވަސްކޮޅެކެވެ. އޭނަ ނަތާލީއާއި ދަރިފުޅު މޭގައި ޖައްސާލައިގެން އެހެރީ ކިހާ އަމިއްލަ ވަންތަ ގޮތަކަށް ހެއްޔެވެ؟ މިހާ ރީތި ޢާއިލީ ތަސްވީރެއް އެހެން ބަޔަކަށް ނެގިފައިވާނެކަމަކަށް އޭނަ ނުދެކެއެވެ. ހިތްތައް ހަސަދައިން ފޯކުރުވާފަދަ ނަމޫނާ ތަސްވީރެކެވެ. މިކުޑަ ޢާއިލާ ރޫޅާލަންވެގެން އެހެން އަންހެނަކު އުޅެންޏާ އޭނަ ވިހަގަދަ ހަރުފައަކަށްވުރެން ވިހަގަދަވާނެއެވެ. އިޒްޔަން އޭނައާއި ވަކިކުރަން އުޅޭ މީހަކަށް އަހުވަފަށެއް ދައްކާލަންކަމަށް ހިތާހިތުން ވަޢުދުވެފައި އޭނަ ތެދުވެ ހިންދެމިލިއެވެ.

ނަތާލީ ކިތަންމެވަރަކަށް ޒުވާންކަން ދަމަހައްޓަން މަސައްކަތްކުރިޔަސް އިސްތަށިގަނޑުން ނުރައެއް ދައްކާލި ދުވަހުން ފެށިގެން އޭނައަށް ވަނީ އެކަންތައް ފޮރުވަން މިންނެތް މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. އިސްތަށިގަނޑު ހައިލައިޓްކުރުމާއި ތަފާތު ކުލަ ޖެއްސުމުގެ އިތުރުން އޭނައަކީ ޤަވާއިދުން ސެލޫނަށްދާ މީހެކެވެ. ޒީނަތްތެރިވުމުގެ ހުރިހާކަމަކަށް ނަތާލީ ސަމާލުކަން ދެއެވެ. އެންމެ ޒަމާނީ ސްޓައިލަށް ހެދުން އަޅައެވެ. އެއިން ކޮންމެކަމެއް އޭނަ ކުރަނީ އިޒްޔަންއަށްޓަކައެވެ. އިޒްޔަންގެ ހިތް އެހެން ފަރާތަކަށް ލެނބިދާނެތީ އޭނަ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އިޒްޔަންއަށް ތިރީސް އަހަރު ފުރޭއިރު އޭނަވެފައިވަނީ ފިރިހެންވަންތަކަމުގެ ރޮގުން ހޮވާލެވޭފަދަ ސްމާޓް މީހަކަށެވެ. ނަތާލީގެ ހިތް ހާސްޖާނުން ފިދާވާވަރުވެއެވެ. ކުރިއަށްވުރެ ބޮޑަށް އެހިތުގައިވާ ލޯބި ފުންވެ އިޒްޔަންގެ ޚިދުމަތުގައި އޭނަ އަތުކުރި އޮޅާލާފައިވެއެވެ. އެވަރުންވެސް އިޒްޔަން އޭނައާއި ދުރަށް ދާކަމުގެ އިހުސާސްކުރެވި ނަތާލީވަނީ ބިރުވެރިކަމުގެ ކަނޑަކަށް ފީނަން ޖެހިފައެވެ.

އިޒްޔަން އެދުވަހު ކޮލެޖުން އައިސް ލައިގެން ހުރި ގަމީހާއި ފަޓްލޫނުގެ ބަދަލުގައި ރަތްކުލައިގެ ޓީޝާޓަކާއި ޖިންސެއްލިއެވެ. އޭރު ދަރިފުޅު އޮތީ ނިދާފައެވެ. ޚިދުމަތްތެރި އަންބެއްފަދައިން އިޒްޔަން ގެއަށް އަންނަންވާއިރަށް ހަވީރުގެ ކޮފީ ތައްޔާރުކޮށްލިއެވެ. އޭނަ ކާކޮޓަރިން އައިއިރު އިޒްޔަން އަލަމާރި ހުޅުވާލައިގެން ހުރިތަން ފެނިފައި ނަތާލީގެ މެޔަށް ފިނިފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ.

"އެއްޗެއް އަހާލަންތަ؟ މިއީ ކާކު؟ " އިޒްޔަން އޭނައަށް ދައްކާލި ފޮޓޯ ފެނިފައި ނަތާލީގެ މޫނު ހުދުވެފައެވެ.

"އެއީ މާޒީ، އިޒް އެހާވަރުން އަހާވަރުގެ މުހިއްމު ވާހަކައެއްވެސް ނޫން......." ނަތާލީ އައިގޮތަށް އެ ފޮޓޯ އަތުލާފައި އަވަހަށް އަލަމާރި ތަޅުލައިފިއެވެ. އެވަތްގަނޑު ހުޅުވާފައި ބެހެއްޓުނީ އޭނަގެ މޮޔަކަމުންނެވެ. އިޒްޔަންއަށް އެފޮޓޯ ފެނުމަށްފަހު އެމީހަކީ ކާކުކަން ނޭގިއެއް ނުހުންނާނެއެވެ. ނަތާލީ ހާސްވެ ބިރުގަތީ އެހެންވެއެވެ. ފަހުން ހިތާމަކުރަންޖެހޭވަރުގެ ސިއްރެއް ފާޅުނުކުރަންވެގެން ނަތާލީ ހުރީ އެ ފޮޓޯތައް ނައްތާލާށެވެ. ނަމަވެސް އޭނައަށް އެކަމާ ފަރުވާކުޑަކޮށްލެވުނީއެވެ. އިޒްޔަން ބަލައިލީ ބީރައްޓެހި ނަޒަރަކުންނެވެ.

"އިޒް ދަންނަމީހަކީތަ؟ " ނަތާލީގެ އަޑު ނުކުތީ ކިރިޔާއެވެ.

"ރަގަޅަށް އެނގިގެންހުރެ ތި އެހީ. އޭނައާއި ނަތާލީގެ އޮތީ ކޮންކަހަލަ ގުޅުމެއްކަން ކިޔާދޭންވީމަ ފަސްޖެހުނީތަ؟ ބަލަ އަހަންނަށް ހުރިހާ އެއްޗެއް އެނގިގެންނޭ އިނީވެސް، އޭރު އަހަންނަށް ނޭގުނީ އަހަންނަށްވެފައި ހުރިގޮތެއް، މަންމަމެން ދޫކޮށްލާފައި ނަތާލީގެ ބަހަށް ހެއްލިގެން އާދެވުނީމަ ކީއްވެކަން އަހަންނަށް ނޭގުނީ. އަދިވެސް ނުވިސްނޭ........" އިޒްޔަން ރުޅި މައިތިރިކުރަން މަސައްކަތްކުރިއެވެ. އޭނަ ޙަޤީގަތުގައި ނަތާލީދެކެ ފޫހިވެ އެކީގައި އުޅެން ބޭނުންނުވާ ހިސާބަށް ހިނގައްޖެއެވެ.

"އިޒް މަންމަ އެއްޗެކޭ ބުނީތަ؟ މަންމަ ބުނާ ކޮންމެ އެއްޗެއް ތެދަކަށް ނުވެ ހިނގައިދާނެ..... " ނަތާލީ އާދައިގެ ރާގަކަށް ބުނެލިއެވެ.

"ކަލޭގެ ތިދުލުން މަންމަގެ ނަންވެސް ނުކިޔާ......" އިޒްޔަން ނަތާލީއާއި ދިމާލަށް އިންޒާރުގެ ނަޒަރަކުން ބަލާލާފައި އެވަރުން ނުވެގެން އަތުން ޖެހީނުން ކޮފީތަބައް ވިއްސާލައިފިއެވެ. ނަތާލީގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. ނަތާލީ ހުރީ ގުޑިލަން ނުކެރިފައެވެ. އިޒްޔަންގެ ނުރައްކާތެރި ރުޅި މިހާ ދުވަހު ފޮރުވިފައިވިޔަސް މަޑުމަޑުން ވުޖޫދަށް އަންނަން ފެށުމުން އޭނަ އިޒްޔަންގެ ކުރިމަތީގައި ބަލިކަށިވާން ފަށައިފިއެވެ. ފައިސާގެ ބާރު ކުޑައެއްޗެއް ކަމުގައި ވެއްޖެއެވެ. އެހެންނޫނަސް އެހާ ރުޅި އަންނަވަރުގެ ބަހެއް އޭނައަށް ބުނެވުނީހެއްޔެވެ؟ މަންމަދެކެ އިޒްޔަން ލޯބިވިނަމަ އެހާ ދުވަސްވާންދެން މަންމައާއި ވަކިން އުޅެން ހިތަށް ކެތްވާނެހެއްޔެވެ؟ މަންމަގެ ނަން ގަނެގެން އިޒްޔަން އޭނައަށް ރުޅިބާލާ ހިސާބަކަށް އަދި ނުދެއެވެ. އޭނައަށް އިޒްޔަން ދަސްނުވާކަން މިއަދު ޔަގީންވެއްޖެއެވެ.

އިޒްޔަން ބެލްކަންޏަށް ނުކުތްއިރު އިރުގެ އަލިން ބިންގަނޑު ދޮންކޮށްލާފައި ދިލަ ހޫނުކަމެއް ފަޒާގައި ހިފާފައިވެއެވެ. ގަސްތަކުގެ ފަތްތަކުގައި ހިރަފުހުގެ އަސަރުކޮށް ހުދުވެފައިވެއެވެ. އިޒްޔަންގެ ފަހަތުން ނަތާލީ ނާންނާނެކަން އިޒްޔަންއަށް އެނގުނެވެ. ނަތާލީއަށް މިހާރު ހުންނާނީ އެއްޗެއް ވިސްނިފައެވެ. އޭނައަށް ހުރިހާ ޙަގީގަތެއް އެނގޭކަން އެނގުމަށްފަހު ނަތާލީ ލަދުގަންނާނެއެވެ. ދެރައީ ނަތާލީއަކީ ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތް މީހަކަށްވީމައެވެ. އިޒްޔަންއަށް ނުވިސްނުނީ އޭނަގެ ކައިރީގައި މަންމަ ދެއްކި ވާހަކަތަކަށްފަހު ހަގީގަތް އެނގިހުރެ ނަތާލީއާއި އިންނަން ކެރުނީ ކީއްވެކަމެވެ. އެހާވަރަށް އޭނަ ނަތާލީއަށް މޮޔަވާން ޖެހުނީ ކީއްވެހެއްޔެވެ؟

އިޒްޔަން އެގެއިން ނުކުތީ ހާސްކަން ފިލުވާލުމަށެވެ. ކާރުގައި އެތަން މިތާ ދުއްވާލާފައި އޭނަ މިސްރާބުޖެހީ އަޒީޒުމެންގެ ގެއަށެވެ. އެގެއާއި ހަމަޔަށް ފޯރިއިރު އިޒްޔަންގެ ހިތް އަވަސްވެ އުފާވެރިކަމެއްވެސް ލިބުނެވެ. މަންމަމެންގެ ކުރިމައްޗަށް ދާންވުމުން ޖެހިލުންވިއެވެ. ނަމަވެސް ހިތަށް ބާރު ނުފޯރުވުނީއެވެ. ކޮއްކޮ އެމާ ދެކޭހިތުން ކެތްތެރިކަން ކޮޅުންލިއެވެ. އެމާ އަދިވެސް އެހާ ކުޑަހެއްޔެވެ؟ އެހާ ލޯބިހެއްޔެވެ؟ އިޒްޔަން އަވަސްވެފައިވާ ހިތަކާއިއެކު އެޕާޓްމެންޓަށް ވަނުމުން މަރުހަބާ ކީ އޭނަގެ ޢާއިލާއެއް ނޫނެވެ. އަޒީޒުގެ ގެވަނީ ކުއްޔަށް ކޮންމެވެސް ބަޔަކަށް ދީފައެވެ. އެގޭގައި ދިރިއުޅެނީ ރާއްޖެތެރޭގެ ބަޔެކެވެ. އެމީހުންނަށް ނާޒްލީ އުޅޭތަނެއް އެނގުނުކަމަކަށް ނުވިއެވެ. އިޒްޔަންއަށް އެނގެނީ ކޮންމެ ގޮތެއްވިޔަސް މަންމަމެން މާލޭގައި އުޅޭކަމެވެ. ރަނީންއާއި ދިމާވުމުން ސުވާލުކުރާނީއެވެ.

އަމީނިއްޔާ ސްކޫލުން ކުދިންތައް ނިކުންނަތަން ފެނުމުން ކާރު މަޑުކޮށްލައިގެން އިޒްޔަންއަށް އިނދެވުނީ ބަލާށެވެ. އެމާ ފެނުމަކީ ހަމަ އެކަށީގެންވާކަމެކެވެ. އެމާއާއި ވައްތަރު ކުއްޖަކު ފެނިފައި އިޒްޔަން ކުޑަކޮށް ހިނިތުންވެލަން އުޅެފައި ހިނިތުންވުން ގެއްލުނެވެ. އެތަނުންވެސް ލިބުނީ މާޔޫސްކަމެވެ. އެމާ އެހެން ސްކޫލަކަށް ދާންފެށީކަމަށް ވެދާނެއެވެ.

ރަނީންގެ ކައިރީގައި އިނދެލާފައި މާހިރާ ނުކުތްތަނާހެން އިޒްޔަން ވަންތަން ފެނިފައި ރަނީން އޮތީ މުޅިން ފިނިވެފައެވެ. އިޒްޔަންގެ ސަބަބުން ކުރާ އަސަރުތަކަށް ކުޑަ ބަދަލެއްވެސް އައުމެއްނެތެވެ. ވާނީވެސް އެހެންތާއެވެ. އިޒްޔަންގެ ތޫނު ދެލޮލުން ހިތް ފޫއަޅުވަނީއެވެ. އެލޮލާ ލޯ ގުޅުމުން ރަނީންގެ ހަށިގަނޑުގެ ހުރިހާ ހިއްސުތަކަށް އަސަރުކުރުވައެވެ. އެދެލޮލުގެ ފުންކަމުގެ ތެރެއަށް ގެނބި މަސްތުވާފަދަ ގޮތެއްވެއެވެ. އެފަދަ އަސަރުތަކެއް ކުރުވާ ފިރިހެނަކު މިނޫނީ ރަނީންގެ ޙަޔާތަށް އައިސްފައެއްނުވެއެވެ. ރަނީން އިހުސާސްތަކަށް ބާރު ފޯރުވަމުން ތުންފަތުގައި ދަތްއެޅިއެވެ.

"އަހަރެން އައުމުން ވަރަށް އުފާވެފައިކަން އެނގޭ، އެކަމަކު ރުޅިއަންނަކަމަށް ޕްރިޓެންޑް ތިކުރަނީ ޔޯ؟ ކޮންމެ ގޮތެއް ވިޔަސް ހަމަ ސްޓެޕްބްރަދަރ ވިއްޔަ...." އިޒްޔަންގެ އެޖުމްލައަކީ މޫނުގައި ޖެހި އެތިފަހަރަކަށްވިއެވެ. އިޒްޔަން ދެކެނީ އެހެން ހެއްޔެވެ؟ ހަމަ "ސްޓެޕް ބްރަދަރ" ގެ ގޮތުގައި ހެއްޔެވެ؟ ނޫނެކެވެ. އިޒްޔަންއަށް ނޭގުނީއެވެ. މިހާރު އޭނައާއި އިޒްޔަންގެ އެ ބުނާ ގުޅުމެއްނެތެވެ. ބޭބެ ކޮއްކޮގެ ގުޅުންވަނީ މާ ކުރީއްސުރެން އިޒްޔަން ކަނޑާލާފައެވެ. އަދި ނާޒްލީ އެހެން މީހަކާއި އިނދެގެން ދިޔުމުން އިޒްޔަން އޭނަގެ ބޭބެއަކަށްވާނެ އެއްވެސް މަގެއްނެތެވެ.

"މިހާރު ކޮން އެޑްރެހެއްގައި ތިއުޅެނީ؟ " އިޒްޔަން ސުވާލުކޮށްލިއެވެ.

"އާންޓް ކައިރީ......" ރަނީން ވާހަކަދެއްކިއިރު ހުޅުވިފައިވާ އެރީތި ތުންފަތަށް އިޒްޔަންއަށް ބަލައިލެވުނެވެ. އެރީތިކަމާއިމެދު ވިސްނާލަން މަޖުބޫރުވި ވަގުތެކެވެ. ކުރީގެ ހަނދާނެއް ސިކުނޑީގެ ކަނެއްގައި ކޮއްޓާލިއެވެ. ވާރޭ ވެހޭ ދުވަސްދުވަހު އެކަންޏެއް ނޫނެވެ. ފިލްމަކުން އެފަދަ މަންޒަރެއް ފެނިލިޔަސް ރަނީންގެ ހަނދާންތައް އާކުރުވިއެވެ. އެ މައުސޫމް ރީތިކަން އިޒްޔަންގެ ހިތުގެ ބަޔެއްކަމަށް ވެއްޖެއެވެ.

"އެއީ ކީއްވެތަ؟ ކޮބާ މަންމައާއި އެމާ، މާމަ އަދި އެހެން ކުދިން....." އިޒްޔަން ބުމަ ކައިރިކޮށްލިއެވެ.

"އިޒްޔަންގެ މަންމަ އެހެން މީހަކާއި މެރީކޮށްގެން ހިނގައްޖެ އެހެންވެ އަހަރެން އާންޓްކައިރިއަށް ދިޔައީ، ދެން ބޭނުމެއްނޫން އިތުރަށް ބުނެވޭކަށް، އިޒްޔަން، އަހަންނަކަށް ނޭގޭ ނާޒްދައްތަ ދިޔައީ ކޮން ގެއަކަށް ކަމެއް، އައި ޑޯން ކެއަރ. އޯކޭ؟..ވީމަ އިތުރަށް ސުވާލުނުކުރިއްޔާ، ރަގަޅީ، ޕްލީޒް ލީވް މީ އެލޯން...." ރަނީންގެ އަޑު ތަންކޮޅެއް ބާރުވެ އެލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. ރަނީން އެހާ ރުޅިއަންނަންވީ ސަބަބެއް އިޒްޔަންއަކަށް ނޭގުނެވެ.

"އޯކޭ އޯކޭ...." އިޒްޔަން ދެއަތް އުފުލާލިއެވެ. ރަނީން "ޑިޕްރެސް" ވެފައިވަނީ މާ ބޮޑަށެވެ. ރަނީން އެހާ ފަސޭހައިން އޭނަގެ ސުވާލުތަކަށް ޖަވާބުނުދޭނެކަން އެނގުމުން އިޒްޔަން އިތުރަށް ބާރުއަޅާކަށް ނޫޅުނެވެ. ރަނީން ފޮރުވަން މަސައްކަތްކުރިޔަސް އޮޅުން ފިލުވާނެގޮތްތައް އެބަހުއްޓެވެ.

ރަނީން ހޮސްޕިޓަލުން ދޫކޮށްލުމުން ބޮޑުދައިތަގެ ގެއަށް އައިސް އުޅޭ ކޮޓަރިއަށްވަދެފައި ފުރަތަމަވެސް ރަނީންގެ ސަމާލުކަން ހުއްޓުނީ އޭނަ ގެންގުޅޭ ދަބަހަށެވެ. ދަބަސް ފެންނަން ނެތުމުން ހާސްކަމާއިއެކު ބޮޑުދައިތައަށް ގޮވާގެނެސް ސުވާލުކުރިއިރު އެ މޫނުމަތިން ހާސްކަން ފެނުނެވެ. މާހިރާ ބުނިގޮތުން ތިމާގެ މީހަކު ލަންކާއަށް ފުރަންވެގެން އެދަބަސް ދިނީއެވެ. ރަނީންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭގައި ހުރި އެއްޗެހިވެސް ދިނީހެއްޔޭ ސުވާލުކުރިއިރު ނިތްކުރިން ދާހިއްލާލައިފިއެވެ. މާހިރާ ކުއްޖަކު ގެނެސް ސުވާލުކޮށްލުމުން ކޮތަޅުތަކެއް ގެނެސް ދިއްކޮށްލައިފިއެވެ. ރަނީން އެއް އަތުގެ އެހީގައި ކޮތަޅުތައް ހާވަ ހާވާފައި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިތަން ފެނުނެވެ. މި ހަނދާންތައް ގެއްލުނުނަމަ ރަނީންގެ ހިތް ހަލާކުވީސްކަން ޔަގީންވިއެވެ. އޭނަ އުޅުނުގޮތް ބަލަން އިން މާހިރާ ހީކުރީ އެއީ އަޒީޒުގެ ހަނދާންތައް ކަމަށެވެ. އެއެއްޗެއް ގެއްލިގެން އެހާ ހާސްވާނީ އެކަހަލަ ކަމެއްވީމަ ތާއެވެ.

ރަނީން ނާޒްލީއާއި ބައްދަލުކުރުން މާހިރާ މަނާކޮށްފައިވިޔަސް ޔަނާދެކެ ލާހިތުން ހިތަށް ކުޅަދާނަވާވަރެއް ނުވިއެވެ. ރަނީން ނާޒްލީމެން ދިރިއުޅޭ އެޕާޓްމެންޓަށް ދިޔައިރު ނާޒްލީ ފިރިމީހާގެ ގެއަށް ބަދަލުވެދާނެކަމުގައި އޭނަ ހީކުރިއެވެ. ނަސީބަކުން އަދި އެމީހުން އުޅެނީ އެޕާޓްމެންޓްގައެވެ. ގެއަށް ވަދެ ބަލައިލުމުން ޕެކްކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމި ސިޓިންރޫމްވެސް އޮތީ ފަޅުވެފައެވެ. ރަނީންގެ އަތުގައި ޕްލާސްޓަރ އަޅާފައިވާތަން ފެނިފައި ނާޒްލީ ކަންބޮޑުވެފައި ސުވާލުކުރަން ފެށިއެވެ.

"ސިޑިން ވެއްޓުނީ...." ރަނީން ޔަނާ އުނގުގައި ބައިންދައިގެން އެ ކުޑަމޫނުގައި އެތައް ފަހަރަކު ބޮސްދިނެވެ.

"އެހާ ބޮޑުކަމެއް ދިމާވިއިރުވެސް އެންގުމަކީ ބޭނުންކަމަކަށް ނުވި ދޯ..." ނާޒްލީ ހިތާމައާއި ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ރަނީން އިނީ ހައިރާންވެފައެވެ. ބޮޑުދައިތަ ނާޒްލީއަށް އެ ޚަބަރު ދިންކަމުގައިވަނީ ބުނެފައެވެ. މިދެ އަންހެނުންކުރެން އޭނަ އިތުބާރުކުރަންވީ ކާކަށްހެއްޔެވެ؟ ކޮންމެވެސް އެއް ފަރާތަކުން އޭނައަށް އޮޅުވާލަންވެގެން މަސައްކަތްކޮށްފިއެވެ.

"ނިންނި، އަދި އެވާހަކައެއް ނޫނޭ. ނިންނި ޔަނާގެ ގާތު ބުނީތަ؟ ކުރީ ރޭ ނިދަން އެނދަށް އަރާފައި ބުނި ނިންނި ޓެރެސްއިން ވެއްޓިގެންނޭ އުޅެނީ، އަތްވެސް ހަލާކުވެގެން ހޮސްޕިޓަލުގައޭ، އެއީ މީގެ ދިހަ ދުވަސްކުރިން......" ނާޒްލީގެ ވާހަކައިން ރަނީން ދެލޯ ބޮޑުވެފައި ޔަނާގެ މޫނުގައި ހިފާފައި ރަގަޅަށް އެމޫނަށް ބަލާލައިފިއެވެ. ވީއިރު ހަމަރަގަޅަށްވެސް ޔަނާއަކީ ސައިކިކް ކުއްޖަކީހެއްޔެވެ؟ އެފަދަ ބާރެއް ލިބިފައިވާ ކުއްޖަކަށް ޔަނާވީ ކީއްވެހެއްޔެވެ؟ ކުރިން އޭނަ ހީކުރަނީ ސައިކިކް މީހުންނަކީ ފިލްމުތަކުގައި އުޅޭ ވެމްޕަޔަރފަދައިން އިންސާނީ އުފެއްދުމެއް ކަމަށެވެ. އެފަދަ ބާރެއް ލިބިފައިވާ ކުއްޖަކަށް ޔަނާ ވުމުން އުފާކުރަންވީކަމެއް ހިތާމަކުރަންވީ ކަމެއް ރަނީންއަކަށް ނޭގުނެވެ. އެއާއިއެކު އެކަން ބޮޑުކަމަކަށް ހަދަންވެގެން އޭނަ އެކްސިޑެންޓްވީ ކޮން ދުވަހަކު ކަން ބުނާކަށް ރަނީން ބޭނުމެއްނުވިއެވެ.

ޑޮކްޓަރ މަންސޫރުއަކީ މަޝްހޫރު ޑޮކްޓަރަކަށްވުމުގެ އިތުރުން ޓީވީތަރިއެއްފަދަ މީހެކެވެ. އެތައްފަހަރަކު ޓީވީ ޕްރޮގްރާމްތަކަށް އެރުމުގެ ސަބަބުން މީޑިއާގައި އެމީހެއްގެ ވާހަކަ ދައްކާލެވޭ މީހަކަށް ޑޮކްޓަރ މަންސޫރުވެފައިއެވެ. އޭނަގެ ދެދަރިންކަމަށްވާ ލިވާންއާއި މީރާ ބެލުމުގެ ޒިންމާ އެހާ ރަގަޅަށް އަދާނުކުރެވެނީ ވަގުތު ހުންނަގޮތުންނެވެ. ނަމަވެސް އާއިލާގެ އެހީތެރިކަން ލިބޭތީ އެކަމާއި މަންސޫރު ޝުކުރުވެރިވެއެވެ. މަންސޫރުގެ ގެއަކީ ފަޚުރުވެރިވުން ހައްގު އިމާރާތެކެވެ. އިންޓީރިއަރ ޑިޒައިންކޮށްފައިވާލެއް ރީތިކަމާއި ފަރނިޗަރުތަކުގެ ހިތްގައިމުކަމުން ހުވަފެނެއް ފަދައެވެ. ކުޑަކުޑަ ބަގީޗާއަށް ޚާއްސަ ސަމާލުކަމެއް ދީގެން އެތާގައި ވަގުތު ހޭދަކުރާލެއް ގިނައެވެ. އެބޮޑު ގޭގައި އުޅެނީ މަދު ބަޔެކެވެ. ގޭގެ ބޮޑުބައި އޮންނަނީ ހުހަށެވެ. ނޯކަރުންވެސް ކަނޑައެޅިފައިވާ ގަޑިއަށް އައިސް މަސައްކަތްކޮށްލާފައި ހިނގައިދާނެއެވެ. ލިވާންއާއި މީރާއަށް މިނިވަންކަން ދީފައިވާވަރުން އެކުވެރިން ގެނައުމާއި ޕާޓީތައް ބޭއްވުން ޢާއްމުކަމަކަށްވެފައިވެއެވެ. މީރާއަށް ލިބޭ ޖީބުފައިސާ ފެންފަދައިން އެކުވެރިންނަށް ޚަރަދުކޮށްލުމުގައި ފަހެއްނުޖެއެވެ. ކިތަންމެ ގިނަފަހަރު ބައްޕަ ކައިރިން ފައިސާއަށް އެދުނަސް ނޫނެކޭ ނުބުނާނެކަން މީރާ ދަނެއެވެ.

މީރާގެ ގޭތެރޭގެ ރީތިކަމާއި އަރާމުކަން ފެނިފައި ރަނީން ހުރީ ގޭތެރޭގައި ފައި ބީއްސާލަން ނުކެރިފައެވެ. މޫނުފެންނަ ފަދަ މާބްލް ތަޅުންމަތީގެ އޮމާންކަމާއި ފާރުތަކުގައިވާ ޑިޒައިންއަށް ހިތް ތަޢުރީފުކުރިއެވެ. އެލުވާފައިވާ ބޮޑެތި ޗާންދަލިޔާގެ "ގްރޭންޑް" ކަމުން ދެވަނަ ފަހަރަށް ބަލަން މަޖުބޫރުވާނެއެވެ. މީރާގެ ކޮޓަރިވެސް އޭނަ ކުރިން އުޅުނު އެޕާޓްމެންޓަށްވުރެ ބޮޑުކަން ޔަގީނެވެ. މަޑު ތަންމަތީގައި ދެކުދިން އޮށޯވެލިގޮތަށް މީރާ ޓީވީ ހުޅުވާލައިފިއެވެ. ޓީވީބަލަން ތިބެފާ މީރާ ޚާއްސަ ވާހަކައެއް ބުނަން ބޭނުންވިއެވެ.

"އެނގޭތަ؟ ސިއްރެއް ބުނަން ނިންނި މިގެނައީ....." މީރާގެ އެ ޖުމްލައިން ރަނީންގެ ހިތް އަވަސްވެލިއެވެ. އެއްޗެކޭ އަހަން އުޅުމުން ކަރުތެރެ ހިކިއްޖެއެވެ. ބިރަކީ ހުރިހާ ޖަޒުބާތަށްވުރެ ކުރީގައިވާ އެއްޗެކެވެ. މީހާ މުޅިން ބާރުކަނޑުލާފާދަ އެއްޗެކެވެ.

"މީރާ އިޒްޔަންއާއި މެރީ ކުރަން އުޅެނީބާ...... "ރަނީން ހިތާހިތުން ކިޔާލައިފިއެވެ. އޭނަގެ ހަނދާނަށް އައީ މީރާއަށް އިޒްޔަން ފެނުމުން އުޅެގަތްގޮތެވެ. ހާސްކަން ކަނޑާލާފައި ގޮސް އިޒްޔަންގެ ގައިގާ ޖެހިގަތްގޮތުން މީރާއަށް އިޒްޔަން ޚާއްސަވިކަން ރަނީންއަށް އެނގުނެވެ. މީރާގެ ބައްޕަގެ ފައިސާއާއި ނުފޫޒުގެ ސަބަބުން މީރާ އިޒްޔަންއާއި ކައިވެނިކުރަން އުޅެނީ ބާވައެވެ. ބިރުވެރިކަން ހިތުގައި ވަކި އަޅައިގަތްއިރު ރަނީން އިނީ ނޭވާހިފަހައްޓައިގެންނެވެ. މީރާ ބުނެފާނެ ވާހަކައަކާއިމެދު މިހާ ބިރުގަތް ވަގުތެއް ނާދެއެވެ.

"މިއުޅެނީ އަހަރެމެންގެ ހެންޑްސަމް ޓީޗަރާއި އިންނަންވެގެން....." މީރާގެ އެޖުމްލައާއިއެކު ދުނިޔޭގެ ހިނގުންވެސް މަޑުޖެހިލިކަމުގައި ހީވިއެވެ.

"ނިންނި ލައިކްވޭތަ؟ މަށަށް އެނަން ހާދަ ރީއްޗޭ......." މީރާ ކުޑަކޮށް ހީލިއެވެ.

"އިޒްޔަން އިޒް މެރީޑް....." ރަނީންއަށް ކެތްނުކުރެވިގެން ތަންކޮޅެއް ބާރަށް ބުނެލާފައި މޫނުގައި ބާލީސް ޖައްސާ ބާރުކޮށްލިއެވެ. އެހެން އަންހެންކުދިންގެ ކައިރީގައި އިޒްޔަން ހުހަށްނެތްކަމަށް ބުނާއިރު އޭނަގެ މޭގައި ރިހޭވަރު ބަޔާންކޮށެއް ނުދެވޭނެއެވެ. ހިތަށް ހާދަ ތަދުވެއެވެ. ހާދަ ދެރަވެއެވެ. އެކަރުނަތަކުގެ އަގު އަދާކޮށްދެވޭނެ މީހެއްނެތެވެ.

"ސާބަހޭ ރަނީން ގަނޑާ، އަހަރެން އެބައުޅެންތަ އެފޮނި ފިރިހެނާއާއި އިންނަން، އެއީ މަޖަލަކަށޭ އެހެން ބުނީ. އެކަމަކު މިއުޅެނީ ނިންނިއަށް ސަޕްރައިޒެއް ދޭންވެގެން..........."މީރާ ހީހީފައި ކިޔާލިއެވެ.

"ސީރިޔަސްކޮށް އަހަރެން ސަޕްރައިޒްދެކެ ހޭޓްކުރަން...." ރަނީން ބުނެލިއެވެ.

"އަސްލު ސަޕްރައިޒަކަށްވުރެ ޝޮކެއް ލިބޭނީ......" މީރާ ރަނީން ތަޅުވާލަން ބޭނުންވިއެވެ. އެ ޚަބަރު އެހާ ފަސޭހައިން ދޭކަށް އޭނަގެ ހިތް އެއްބަހެއްނުވެއެވެ. އޭނަގެ މިޒާޖުގައި ހިފާފައި ހުންނަ އެކަހަލަ ކުދި ގޯސް އާދަތައް ހުއްޓުވަކީ ޢާއިލާ މީހުންނަށްވެސް ނުވެފައި އޮތްކަމެކެވެ. މީރާ އެވާހަކަ ނުބުނަންވެގެން އެތައް މަސައްކަތްކުރިއެވެ. ރަނީން އެވާހަކަ އަހާހިތުން ކެތްނުވެގެން އާދޭސްކުރަންފެށިއެވެ.

"އޯލްރައިޓް......" މީރާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެހެން މީހުން ލައްވާ އާދޭސްކުރުވުމުގެ ޝައުގު މީރާގެ ބޮޑެވެ.

ކޮމެންޓް 0