ގޭތެރޭގައި އެނބުރި އެނބުރިފައި ކުރާނެކަމެއް ނުފެނިގެން ބެލްކަންޏަށް ނުކުތްއިރު ނާޒްލީ ފޯނެއްގައި ހުރިތަން ފެނިފައި ފަހަތަށް ޖެހިލަން އުޅެނިކޮށް ބުނެލި ޖުމްލައެއް އިވިފައި ރަނީންއަށް އަތް އަޅައިލެވުނީ ކަންފަތުގައެވެ.

"އަޒީޒުގެ އަންބަކަށްވެގެން މިގެއަށް އައުމަށްފަހުގައި މިހާރު އަހަރެންގެ އެންމެ ބޮޑު އަމާޒަކީ ރަނީން ބުރުގާ އަޅުވާފައި ދީންވެރި ބަސްއަހާ ކުއްޖަކަށް ހެދުން...." ނާޒްލީ ބެލްކަނީގެ ރެއިލިންގައި އަތްޖައްސާލައިގެން ހުރިއިރު ފަހަތުގައި ރަނީން އަންތަރީސްވެފައިހުރިކަމެއް ނުފެނުނެވެ. ރަނީންގެ މޫނުމައްޗަށް ވެރިވި ކުލަވަރެއްވެސް ނުފެންނާނެއެވެ. ރަނީން އަނބުރާލާފައި ބާރަކަށްގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިލެއް ބާރުކަމުން ދޮރުފަތް ގުޑިއެވެ. ރުޅިގަދަވެގެންގޮސް ރަނީން މޮޔަވާވަރުވިއެވެ. އޭނަ ކައިރީގައި ނުވެސް ބުނެ ބައްޕަ ދޮންމަންމައަކު އެހެރީ ގެއަށް ގެނެސް ވައްދާފައެވެ. ނުވީތާކަށް އޭނަގެ އުޅުން ބަދަލުކޮށް އޭނަގެ ދިރިއުޅުމަށް ވަންނަން މަސައްކަތްކުރާ މިންވަރު އެންމެ ޖުމްލައަކުންވެސް ދެނެގެންފިއެވެ. ރަނީން އެނދުގައި އިށީންގޮތަށް ބާލީސް މޭގައި ޖައްސާ ބާރުކޮށްލައިގެން އިނދެލާފައި ބައްޕަގެ ނަމްބަރަށް ގުޅަން ހިތަށް އެރިއެވެ. ޝަކުވާފަތްޗެއް އަމުނާލަން ހިތަށް އަރާފައިވެސް ޚިޔާލުބަދަލުކޮށްލިއެވެ. ދެނެހުރިކަމަށްވެސް ހަދާނުލާނީއެވެ. އެކަމަކު އޭނަގެ ދިރިއުޅުމަށް އައީތީ އެކަމާއި ހިތާމަކުރާވަރު ކޮށްލަން އޭނަ ނިންމިއެވެ. އޭނަ ކައިރިން އަހާލުންވެސް ބޭނުންކަމަކަށް ނުވަނީހެއްޔެވެ؟

ތިންދުވަސް ވޭތުވެގެން ދިޔައިރުވެސް ރަނީން އެއްވެސް ކަމެއް އެނގޭކަމަކަށް ހަދައިނުލިއެވެ. ނާޒްލީ ބަދިގޭގެ މަސައްކަތުގައި އެހީވާން އެދުނަސް ކުރަން ބުނާ ކުޑަކުޑަކަމެއް ކޮށްލަދޭންވެސް ނުދެއެވެ. ގިނަފަހަރު ކަންފަތުގައި ހެޑްސެޓް އަޅައިގެން އޭނަ އިންނަނީ ނާޒްލީ ރުޅިއަރުވާށެވެ. ވިޝާމް ލެޕް ހަފްތާއަކަށް ރަނީންއަށް ހަވާލުކުރީ ސުޕަރނެޗުރަލް ބަލާހިތުން އުޅުނުވަރު ފެނިފައެވެ. ލެޕް އަތުގައި ޖެހުމުން ރަނީންގެ އުފާވެރިކަން އެތައްގުނަ އިތުރުވިއެވެ. ރޭގަނޑު ހަތަރުދަމު އޭނަ އިންނަނީ ބޮކި ނިވާލައިގެން އެ ސީރީޒް ބަލާށެވެ. ބިރުންގޮސް ހިތް ތެޅޭއިރުވެސް އޭނަ އެހުންނަ ފޯރިއަކުން ތަކުރާރުކޮށްވެސް ބަލައެވެ. ދުވާލު ބޮޑުބަޔެއްގައި ނިދާފައި އޮންނާތީ ނާޒްލީ އެކަން ހުއްޓުވަން ދައްކާ ވާހަކައަށް ރަނީން ރައްދުނުދީ ހިމޭންކަން ޚިޔާރުކުރެއެވެ. އެހާވަރުންވެސް ރަނީން އޭނަގެ ދޮންމަންމައާއި ދިމާލަށް އެއްޗެކޭ ނުބުނެ ކެތްކުރިއެވެ.

ރަނީން ކުޑަގޮތަކަށް ތައްޔާރުވެލުމަށްފަހު ވާރޭ ކޯޓު ގަޔަށް މަހާލައިގެން އެޕާޓްމެންޓުން ނުކުންނަނިކޮށް ނާޒްލީ ގޮވާލިއެވެ.

"ދުރަކަށް ނުދަމޭ، ޖޫޕްއަށް ވަދެލާފައި ރީތިވާ ސާމާނުކޮޅެއް ގަނެލައިގެން މިއަންނަނީ......" ރަނީން ނާޒްލީގެ ރައްދަށް ބަލައިލުމެއްނެތި އަވަސްއަވަހަށް ދޮރު ލައްޕާލާފައި ހަށިފުރާ ނޭވައެއްލިއެވެ. ދޮންމަންމައަކާއި އެކު ދިރިއުޅެން ވެއްޖެއްޔާ އޭނަގެ މިނިވަންކަން ނިގުޅައިގަންނަތާގައި ބައްޕަގެ ލޯބިވެސް ފޭރިގެންފާނެއެވެ. އެހާ ބޮޑު ނިންމުމެއް ނިންމިއިރު ބައްޕަ އޭނައަށް ސިއްރުކުރަންވީ ސަބަބެއްވެސް ވިސްނުމަކަށް ނައެވެ. ޖޫޕްއަށް ވަދެ ސެންޓްފުޅިތަކުގެ ވަސް ބަލައިލަން ހުރިއިރު ރަނީން އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނައްތާލާފައި ފަނަރަ އަހަރުގެ މައުސޫމްކުއްޖެއްހެން އުޅެން ފެށިއެވެ. އަގުބޮޑު ސެންޓްތަކާއި ލޯޝަނާއި ކްރީމް ފެންނަން ފެށުމުން ހުރިހާ އެއްޗެއްސަށް ބޭނުންވިއެވެ. ލިޕްސްޓިކްތައްވެސް އަގުބޮޑުކަމާއެވެ. އޭނަ އައީ ކޮންމެހެން ބާޒާރުކުރާކަށް ނޫނެވެ. އަތުގައި އޮތް ސަތޭކަ ރުފިޔާއަށް މޫނު ދޮންނަ އެއްޗެއް ގަނެގެން އޭނަ މިސްރާބުޖެހީ މާމަގެ ގެއަށެވެ.

ބޯވާރޭގެތެރޭގައި ވާރޭ ކޯޓުގައި ހިނގުމުގެ އުފާ ލިބުމުގެ އިތުރުން ވާރޭގެ ތިކިތައް ކޯޓުގައި ބީހެމުންދާއިރު އެއިވޭ އަޑު މިއުޒިކެއްފަދައެވެ. ޚިޔާލެއްގެ ތެރޭގައި ހުރެ މަގު ހުރަސްކުރަނިކޮށް ކޮންމެވެސް މީހަކު ސައިކަލުގައި އަވަސް އަރުވާލާފައި ދިޔަގޮތުން އޭނަގެ ގައިގާ ސައިކަލުން ނުޖެހި ސަލާމަތްވީ އުމުރުގައި ތަންހުރިކަމުންނެވެ. އެމީހަކު ބުރަކި ހިފާލާފައި މާފަށް އެދެންވެގެން އުޅުނެވެ. ރަނީން ގުދުވެފައި ޖިންސްގެ ފައިކުރި އޮޅާލަން އޮތްއިރު އެމީހެއްގެ މޫނަށް ބަލައިލަންވެސް ހަނދާނެއްނުވިއެވެ.

"އިޑިއެޓް...." ރަނީންއަށް ތަންކޮޅެއް ބާރަށްކިޔާލާފައި ގުދުވެ ޖިންސްގެ ފައިކުރި އޮޅަންފެށިއެވެ. ވާރޭ ކޯޓުގައި ހުރި ޒުވާނާގެ ވޮލެޓް ވެއްޓުނުއިރުވެސް އޭނައަށް ނޭގި ސައިކަލް ދުއްވާލާފައި ގޮސް އޮބާލައިފިއެވެ. އެމަންޒަރު ފެނުމުން ރަނީން އެނބުރިލާފައި އައިސް އެ ވޮލެޓްނަގާފައި އޭގައި ހުރި ސާމާނު ޗެކްކުރަން ފެށުމާއިއެކު ދެލޮލުގެ ވިދުވަރު ގަދަވިއެވެ. ފައްސަތޭކަ ރުފިޔާގެ ނޫޓަކާއިއެކު ދެން ހުރީ ވިސާ ކާޑުތަކާއި އައިޑީ ކާޑެވެ. ފޮޓޯތަކެވެ. އެމީހަކީ ކާކުކަން އެނގުމުން ރަނީން އަވަހަށް ވާރޭ ކޯޓުތެރޭގައި ވޮލެޓްލައިގެން ފޮރުވައިގެން ހުރެ ކުރިއަށް ފިޔަވަޅުތައް އަޅަމުން ދިޔައިރު މޭގަނޑު ނެގިނެގިފައި ޖެހެއެވެ.

"އެހާވަރުން ގަތް އާ ޖިންސަށް ޗަކަ ބުރުވާލާފައި އެ ފިރިހެނާ އެދިޔައީ، ދެން މި ފިލުވައިލާނެ ގޮތެއްވެސް ނޭގޭ، މީހަކު ރުޅިއެއް ނާންނާނެތަ؟ އެންމެ ބޭޑް ދުވަހަކަށް ޖެނުއަރީ ހަތެއް މިވީ، އެކަމަކު ކިޔާނެ ލަކީ ސެވެން އޭ......" ރަނީން ބުމަ ކައިރިކޮށްލާފައި ހުރެފައި ކުއްލިއަކަށް ހެވުނީ ހިތަށް އެރި އެއްޗަކުންނެވެ. ދޮންމަންމައެއް އެބަހުރި ނޫންހެއްޔެވެ؟ އުދަގޫ ޖައްސަން ގޮސް ދާ ވަށިގަނޑަށް ޖިންސް ގުޅައަކަށް ޖަހައިލާނީއެވެ. އޭނަ ލައްވާ އެއްވެސް މަސައްކަތެއްކުރުވާކަށް ނާޒްލީއަކަށް ލާހިކެއްނޫނެވެ. ރަނީން ދަތްތައް ބިންދައިގެންދާހާ ރުޅިގަދަވިނަމަވެސް ބައެއްފަހަރު ރުޅިފިނިވާންވެސް އުޅެއެވެ. އަތުގައިވާ ކެވެލިކޮޅުދިން މީހާގެ އިހުސާންތެރިކަން ހަނދާން ނައްތާލަން ވެދާނެކަމާއިމެދު އަމިއްލަ ހިތާ ސުވާލުކުރެވުނެވެ.

ވިޝާމްމެންގެ ގެއަށް ދެވުނުއިރު ބޮޑުދައިތަ މާހިރާ ހުރީ ކުޅިކޮށް ނޫޑުލްސް ސޫޕް ހަދައިގެންނެވެ. ރަނީންގެ ކުޅުދިޔާވާގޮތްވިއެވެ. ފިނިވެފައި ހުއްޓާ މިފަދަ މޫސުމާއި ގުޅޭ ކާނާއެއް ދައްތަ ތައްޔާރުކޮށްފައި ހުރިކަމީ އޭނަގެ ނަސީބެވެ. އޭނަ ކާހިތުން އަވަހަށް މޭޒުދޮށުގައި އިށީނުމުން މާހިރާ ރަނީންއަށްވެސް ސޫޕް ތަށްޓެއް ކައިރިކޮށްލަދީފައި އެކި ވާހަކަތައް ދައްކަން އިންއިރު ރަނީން އިނީ ވިޝާމްއާއި އެކަނިވާނެ ފުރުސަތެއް ނުލިބިފައެވެ. ރަނީން ގެއަށްދާ ވާހަކަ ބުނުމުން މާހިރާ އެދުނީ ރަނީން ގެއަށް ލާދިނުމަށެވެ. އޭރު ވާރޭ ތުނިކޮށްލައިފިއެވެ. އަނގައިގެ ފުރެންދެން ސުޕާރީ ލައިގެން ހުރިއިރު ބޮލަށް ބަރުވާގޮތްވެސް ވެފައިވެއެވެ.

"ސޭމްއަށްވެސް އެނގޭ ދޯ...." ރަނީން ކުއްލިއަކަށް އަހާލައިފިއެވެ.

"ދޮންމަންމަގެ ވާހަކަތަ؟ އަހަރެން ހީކުރީ ރަނީން އޭނަދެކެ ލައިކްވާކަމަށޭ، ކިހިނެއް ސްޓެޕްމަދަރ......" ވިޝާމް ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ހުރެ ރަނީންއާއި އެއްވަރަށް ހިނގާލާފައި ދިޔައެވެ.

"ސްޓެޕްމަދަރ ކިޔައިފިއެއްނު ބުރުގާ އަޅުވާނަމޯ، ދީންވެރި ކުއްޖަކަށް ހަދާނަމޯ، ހީވަނީ ދެން އަހަރެން މިއީ ވަރަށް ނުބައިކޮށް އުޅޭ ބޭޑް ގާލްއެއްވީމަ އިސްލާހުކުރަން ފޮނުވާފައި ހުރި އޮފިސަރެއްހެން، އެހެންވެ ވަރަށް ފޫހިވި، ސޭމް އަހަރެން ފޫހިވެގެން ހަލާކުވެދާނެ، އޭނަ ދުރަށް ފޮނުވާލަން ޕްލޭނެއް ރާވަދީބަލަ، ނޫނެކޭ ނުބުނާތި، އަހަންނަށް ދުވަހަކު ކަމެއްކޮށްދެންޏާ އެނުލަފާ އަންހެނާ ގެއިން ނެރެދީ، އެއުޅުނީ މަންމަގެ މަޤާމު އަތުލަން، ޕްލީޒް......." ރަނީން ވިޝާމްގެ މޫނަށް ބަލައިލީ އާދޭސްކުރާފަދަ ގޮތަކަށެވެ. ރަނީންގެ ހަޔާތަށް ދޮންމަންމައެއް އައުމަކީ ދުވަހަކު ވާން އޭނަ އެދޭކަމެއްނޫނެވެ. އައިގޮތަށް ވީހާވެސް އަވަހަށް ދުރަށް ފޮނުވާލަން ޚިޔާލުކުރެވުނީ އެހެންވެއެވެ.

"ބައްޕަގެ ދިރިއުޅުމަށްވެސް އަންހެނަކު ބޭނުންވާނެއްނު...." ވިޝާމް ވިސްނާލާފައި ބުނެލިއެވެ.

"ބައްޕަ މިހުރިހާ ދުވަހުވެސް އުޅުނީއެއްނު، ނޫން، ބައްޕަ ބޭނުންވެގެން ކަމަކަށް ނުވާނެ، އެމީހާ އުޅެނީ އަހަރެންނަށް ޖެއްސުމަށްކަން ނޭގޭ، އަބަދު ތަސްބީހައެއް ހެން ނިންނި ކިޔަކިޔާފައި ކޮންމެވެސް މަސައްކަތެއް ދައްކާނެ، އެކަމަކު ވަރަށް ލޯބިން ކިޔާވަރުން މިއަދު މެންދުރު މޭޒުމަތި ތައްޔާރުކޮށްލަދިނިން، ސޭމް ގެއަށް ވަދެލާފައި ދާންވާނީ...." ރަނީން އެދުނެވެ.

"އެއީ ކީއްކުރަންތަ؟ އަހަރެން މި ކޮޓަރިއަށް ވަނުމަކީ ނާޒްލީ ދައްތަ އެހާ ރުހޭކަމެއްހެން ހިޔެއްނުވޭ، ހީވާގޮތުން އެއީ މާތް މީހެއް...." ވިޝާމް އޭނަގެ މަންމަ މާހިރާގެ ފަރާތުން ނާޒްލީއަށް ތަޢުރީފު އޮހޭވަރުންނާއި އަމިއްލައަށްވެސް އެކަން ގަބޫލުކުރެވިފައިވާތީ ބުނެލިއެވެ.

"ދެއްކުންތެރިކަން....."ރަނީން ފޫހިވެފައި ހުރެ ބުނެލިއެވެ.

"އިންސާނާގެ ހިތެއް ނޭގޭނެ، އެކަމަކު އެގޮތަށް ހެދުން އެޅީމަ ޤަދަރުކުރެވޭގޮތެއް ވޭ ، މަޑުމައިތިރިކަމެއްވެސް ހުރޭ، މަންމައެއްގެ ގޮތުގައި ހަމަ ބެސްޓްމީހެއް......." ވިޝާމްގެ ހިތް ތައުރީފުކުރިއެވެ.

"ވަޓްއެވަރ، ޝީޒް ނޮޓް ވެލްކަމް އިން މައި ލައިފް، ސޭމް އަޑުއަހާ، ދުވަސްކޮޅަކުން ނާޒްލީ ދުރަށް މާ ދުރަށް ފޮނުވާލާނަން......" ރަނީން ޔަގީންކަމާއިއެކު ބުނިގޮތުން ވިޝާމްގެ ހިތަށް ފިނިވިއެވެ. ރަނީންފަދަ ކުއްޖަކު އެގޮތަށް ވާހަކަދެއްކުމުން ނުވެސް ގުޅެއެވެ. ރަނީންއަކީ ނުލަފާކުއްޖެއް ނޫނެވެ. ހަލަނިކަމެއް ހުއްޓަސް އޭނައަކީ މީހުންނާއި ގުޅޭ އޯގާތެރި އަންހެންކުއްޖެކެވެ. ދިރޭ އެއްޗެއްސާއިހެދި އެހާވަރުން އުޅޭނެއެވެ. ވިޝާމްމެން ގޭގައި އޮތް ބުޅަލެއް މަރުވުމުން ރަނީން ރޮއިރޮއި މަރުވާވަރުވިއެވެ. އަވަށްޓެރިއަކު ގެންގުޅުނު ކޮކަޓޫގެ އަޑުގަދަކަމުން މީހަކު ޒަހަރުދީގެން މަރުވީ ދުވަހު ރަނީންގެ ދެފައި ބިންމަތީގައި ހަރުނުލިއެވެ. ނަމަވެސް އެލާޖިކް މައްސަލަ އުޅޭތީ ބުޅަލާއި ދޫނި ގެންގުޅުން އޭނައަށް މަނަލެވެ.

ރަނީން ހެދުން ބަދަލުކުރިގޮތަށް ރަތްކުލައިގެ ގަމީހަކާއި ސްކިނީއެއްލައިގެން ނުކުތްއިރު އޭނަ ހުރީ އާދައިގެ މަތިން ލުއި މޭކަޕެއްކޮށްލާފައެވެ. ތެތްކޮށް އޮތް އިސްތަށިކޮޅުގައި ބޭންޑެއް އަޅާފައި އޮތްއިރު ނިކަން ގުޅެއެވެ. ކަރުގައި އޮތް ހިމަ ރަންފަށުން ދޮން ކަނދުރާގެ ރީތިކަން ފުރިހަމަކޮށްދީފައިވެއެވެ. އެހާ ވިއްސާރަކޮށް އޮވެފައި އަދި ކަރަންޓު ދިޔުމުން ރަނީން ނިކަން މަޖާވެފައި އުއްބައްތި ދިއްލަން އުޅެގަތެވެ.

ކޮޓަރިއަށް ވަދެފައި ރަނީން ކަރުފަޅައިގެންދާހާ ބާރަށް ވިޝާމްއަށް ގޮވަންފެށިގޮތަކުން ސޯފާގައި ފޯނާއި ކުޅެން އިން މީހާ އުދުހިފައި ކަހަލަގޮތަކަށް ރަނީންގެ ސަލާމަތަށް ދިޔައެވެ.

"ކުރަ....ކުރަފި......." ރަނީން ހުރީ އެނދުމައްޗަށް ކޮޅަށް އަރާފައެވެ.

"ހީވީ ތަނެއްގައި ރޯވީހެންނޭ، މި އަންހެންކުދިންނަށް ހަމަ ސާބަސް....." ވިޝާމް ހޭންފެށިއެވެ.

"ތަނެއްގައި ރޯވިޔަސް އަހަންނަށް މިވަރަކަށް ހަޅޭއްނުލަވާނަން، ސޭމް، ކިލް އިޓް ނައު......" ރަނީން އަމުރެއްކޮށްލާފައި ދެލޯ މަރާ ތަގުޅިކޮށްލިއިރު ވިޝާމްއަށް ރަނީން ފެނުނީ އެހެން ދުވަހަށްވުރެ ކުޑަކުއްޖެއްގެ ގޮތުގައެވެ.

"ދެން ތިބުނާ މޮންސްޓަރ ވަނީ ކޮންތާކަށްތަ؟ " ވިޝާމް އަހާލުމުން ރަނީން ފާޚާނާއާއި ދިމާލަށް އިޝާރާތްކޮށްލިއެވެ. އެދިމާލުން ދޮރުމަތީގައި އޮތް ފަތްކޮޅެއް ދައްކާލާފައި އެއީ ރަނީންއަށް ފެނުނު ކުރަފިހެއްޔޭ ބުނުމުން ރަނީން ޝައްކެއްގެމަތީގައި ހުރެގެން އަދިވެސް ވިޝާމް ލައްވާ ތަންތަން ބެލުވިއެވެ. އެނދު ދުރުކޮށްލައިގެންވެސް ވިޝާމް އުޅުނެވެ. އެމަސައްކަތުން ނިމުނުއިރު އޭނަގެ މޫނުވަނީ ދަލުންފެންވެރިފައެވެ. އެދެމީހުން އެމަސައްކަތުގައި އުޅެފައި ރަނީން ދޮރުހުޅުވާލާފައި ބޭރަށް ނުކުންނަން އުޅެފައި ހީވީ ބިރެއް ފެނުނުހެންނެވެ. ބާރަށް ދޮރު ލައްޕާލެވުނުއިރު ހިތް ތެޅެމުން ދިޔައީ ބާރަކަށެވެ.

"މިފަހަރު ކިހިނެއްވީ ޔޯ....." ވިޝާމް އަހާލައިފިއެވެ.

"ނަތިން....." ރަނީން ހެދީ ދޮގެކެވެ.

"ފުރަތަމަވެސް އަހަންނަށް އެނގުނު ނިންނި ދޮންމަންމައަށް އަހަރެން މި ރޫމަށް ވަދެގެން ހިތްހަމަނުޖެހޭނެ ވަރު، ޔޫ ނޯ ވަޓް، ޝީޒް ވެރީ ޑިފެރެންޓް، ލާހެދުމުންވެސް އެނގެއެއްނު......" ވިޝާމް ދާން ހިނގައިގަތުމުން ރަނީން ހާސްވެފައި ޓީޝާޓުގައި ހިފާ ދަމައިގަންނަން އުޅުނު އިރު ވިޝާމް ދޮރު ހުޅުވާލައިފިއެވެ. އެމަންޒަރު ސޯފާގައި ތިބި މީހުން މާނަކުރާނީ އެންމެ ނުބައިކޮށްކަން ވިސްނިފައި ރަނީންއަށް އެކަން ވީ މަޖަލަކަށެވެ. ނާޒްލީގެ ކައިރީގައި އިށީދެލައިގެން އިނީ އިޒްޔަން ފިޔަވާ ދެވަނަ ޒުވާނެއް ނޫނެވެ. އެތެރެއަށް ދެމިގަންނަން އުޅެފައިވެސް ރަނީން ނުކުތުމުން ނާޒްލީ އޭނަގެ ދަރިފުޅު އިޒްޔަން ރަނީންއަށް ތަޢާރަފުކޮށްދިނެވެ. ވިޝާމް މަޑުކޮށްލުމެއްނެތި ލިބުނު ފުރުސަތުގައި އެޕާޓްމެންޓުން ބޭރުވިތަން ރަނީންއަށް ލޮލުގެ ހިމަކޮޅުން ފެނުނެވެ. ވިޝާމް ދޮންމަންމަދެކެ އެހާ ޖެހިލުންވަނީ ކީއްވެހެއްޔެވެ؟

ނާޒްލީ ފޯނުގައި ހުރެ އެއްފަރާތަކަށް ޖެހިލިއެވެ.

"އަހަންނޭ ކިޔައިގެން ބައްޕަ ކައިރީގައި ކުޓުވަނީކަމަށް ވާނީ..." ރަނީން ކުޑަކޮށް ދެލޯ އަޅާލާފައި މޭޒުކައިރިއަށް ގޮސް ކޮފީތަށްޓެއް ހަދަންފެށިއެވެ. އިޒްޔަން ސޯފާއިން ތެދުވެގެންއައިސް މޭޒު ކައިރީގައި ހުއްޓުމުން ސެންޓެއްގެ ވަސް ނޭފަތުގައި ޖެހުނެވެ. އިޒްޔަން އިސްކޮޅުން ދިގުވެފައި ބިޔަކަމުން ތިމާގެ ކުރުކަމާއި ހިމަކަން އިހުސާސްކުރެވުނެވެ. ކްލާހުގައިވެސް އެންމެ ކުޑަކޮށް ހުންނަ ކުއްޖަކީ އޭނަކަމުން އެންމެން އޭނައާއި ދޭތެރޭގައި ކަންތައްކުރާގޮތްވެސް ތަފާތެވެ. އޭނަ އެހެން ކުދިންނާއި ތަފާތުކަން އަމިއްލައަށް ރަނީން ދަނެ އެކަމާއި ދެރަވެއެވެ. އެހެން ހުރިހާ ކުދިން ޕީރިއެޑްވެ ނިމުނުއިރުވެސް އޭނަ ހުރީ އެކަމުންވެސް މަހުރޫމްވެފައެވެ. އޭނަގެ މައްސަލަ ހައްލުކުރަން ވާހަކަދައްކާނެ މީހަކު ނުވެފައެވެ.

އިޒްޔަންގެ ޖެހިލުން ކުޑަކަމުން ހައިރާންވުމުގެ އިތުރުން އޭނަ ހާސްވާގޮތްވިއެވެ. ފިނީގައިވެސް އޭނަގެ ނިތްކުރިން ދާތިކިތައް ހިއްލާލައިފިއެވެ.

"ރަނީން، އަހަރެންގެ ވޮލެޓް ދެކުނިންތަ؟ " އިޒްޔަން ދުރުދުރުން ސުވާލުކުރާކަށް ނޫޅުނެވެ.

"ނޯ......" ރަނީންގެ ހިތް ފުންމާލިހެން ހީވިއެވެ.

"އަހަރެން ވަރަށް އުއްމީދުކުރިން، ރަނީންއަށް ފެނުނުނަމަ....." އިޒްޔަންއަށް ބުނެލެވުނެވެ.

"ވޮލެޓަކީ އަތަށް ލައިގެން ގެންގުޅޭ އެއްޗެއްތަ؟ "ރަނީން ކޮފީތަށި ގިރަންފެށިއެވެ. އޭރު އިނގިލިތައްވެސް ތުރުތުރުލައެވެ.

"ކޮންމެވެސް ކަމެއް ދިމާވުމުން ޖީބުން ނަގައިގެން އުޅެފައި ވާރޭ ކޯޓުގެ ޖީބަށް ލީ......" އިޒްޔަން ބުނެލިއެވެ. ހަގީގަތުގައި ގެއަށް ވަދެފައި ބަލައިލިއިރު ޖީބު ހުރީ ކޮންމެވެސް ގޮތަކުން ވީދައިގެން ގޮސްފައެވެ. ވޮލެޓް ވެއްޓުނީ ކޮންތާކަށް ކަމެއް ނޭގުނަސް ރަނީންއާއި އެހިނގި ކުޑަ އެކްސިޑެންޓްގައި އެތަނަށް ވެއްޓި ރަނީން އެ ފޮރުވާފައި އޮވެދާނެކަމަށް ކުރި އުއްމީދު ފެނަށްވެގެން ދިޔައީއެވެ. އިޒްޔަން އެނބުރުނުތަނުން އެދިމާލަށް ވެރިފައި ހުރި ފެނަށް އެރި ކައްސާލަން އުޅުމުން އިޒްޔަން ހަށިގަނޑު ސަމާލުކުރިނަމަވެސް ރަނީން ސިހުނީ މާ ވަރަކަށެވެ. އިޒްޔަން ސަލާމަތްކުރަން އޭނަ ކޮފީތަށި މަތިން ހަނދާން ނައްތާލުމުން އަދި ލިބުނު ލަނޑު ދެރައެއްނޫނެވެ. ކޮފީތަށި ހުރިގޮތަށް ބަންޑުންވީ އޭނަގެ މުޅި ފަޔަށެވެ.

"އިޒް........" ރަނީންގެ ތުންފަތުގެ ދޭތެރޭގައި އެނަމުގެ އެއްބައި އޮތްވާ އިޒްޔަން އެހާ އަވަހަށްގޮސް އެޕާޓްމެންޓުން ނުކުތްތަން ފެނުނެވެ. ރަނީންއަށް ނުރޮވުނީ ކިރިޔާއެވެ. ތުން ފިތާލައިގެން ކަރުނަތައް ދިރުވަން މަސައްކަތްކުރަމުން ދިޔައިރު ފައިގާ ލޮނުމިރުސްލާފައިވާފަދަ އިހުސާސެއް ކުރެވުނެވެ. ކުރީފަހަރަކު އަތް ފިހުމުން ބައްޕަ ކަންތައްކުރިގޮތް ހަނދާންވެފައި އޭނަ ދުވެފައިގޮސް ފާޚާނާއަށް ވަންގޮތަށް ހެދުން ބާލާފައި އެތައް އިރެއްވާންދެން އިސްކުރުދަށުގައި ހުރުމުން ދިލަކަން ކެނޑުނެވެ. އެކަމަކު ދެތިންތާގައި ފެންފޮޅުލާފައި ހުރިތަން ފެނުމުން ކަރުއެލުވައިލީ މާޔޫސްކަމާއިއެކުގައެވެ. އިޒްޔަން ހާދަ ފޮންޏެވެ. މިހުރިހާކަމެއްވެސް މިހިނގީ އިޒްޔަންއާއި ހެދިއެވެ. ރުޅިގަދަވެ ތުންކޮޅު އޫކޮށްލައިގެން ހުރެ އޭނަ ގެ ހާމަޔަށް ހުރި ފައިގާ ސިލްވަރ ސަލްފާ ޑައިޒިން ހާކަން އިންއިރު ވިސްނެމުން ދިޔައީ އިޒްޔަންއާއި މެދުގައެވެ. އިޒްޔަންގެ ވޮލެޓް ފޮރުވައިގެން އޭނަވެސް މިކުރީ ރަގަޅުކަމެއް ނޫނެވެ. އޭގައި މުހިއްމު ލިޔެކިޔުންތަކެއް ހުއްޓާ އޭނައަށްވެސް ކިހާ އުދަގޫވާނެހެއްޔެވެ؟ ގުޅާލަން ހިތަށް އަރާފައިވެސް އޭނަ ޚިޔާލު ބަދަލުކުރިއެވެ. އިޒްޔަން ތަޅުވާލާފައި ނޫނީ އޭނަ ހަވާލެއް ނުކުރާނެއެވެ. އޭނަ އެކަން ކުރީ ވައްކަން ކުރުމުގެ ނިޔަތުގައެއް ނޫނެވެ. ފައިސާ ބޭނުންވާއިރުވެސް އޭނަ އެހެން މީހެއްގެ ފައިސާގައި އަތެއްނުލާނެއެވެ. ރަނީން ވޮލެޓް ހުޅުވާލައިގެން އޭގައި ހުރި ޕާސްޕޯޓްސައިޒްގެ ފޮޓޯތަކަށް ބެލިއެވެ. އިޒްޔަންގެ ކަޅުކުލަގަދަ ބުމައާއި މުށިކުލައިގެ ދެލޮލުގައި ވަރަށް ރީތިގޮތެއް ހުއްޓެވެ. ފޮނިގޮތެއް ހުއްޓަސް ރީތި މީހެއްތާއެވެ. ރަނީން އަލަމާރީގައި ވޮލެޓް ރައްކާކުރުމަށްފަހު ލާނެތްގޮތަކަށް ހިނިތުންވެލިއެވެ.

އިޒްޔަން ދިން ލަނޑު ވަކި ދެރައެއް ނޫނެވެ. ސްކޫލަށް ދާ ދުވަސް ބޯމަތިވީއިރު އޭނަ ފައި ފިހިގެން ގޭގައި އޮންނަން ޖެހުނީއެވެ. ލަކުނު ނުލާނެކަމެއްވެސް ނޭގެއެވެ. ހުރިގޮތަށް އެނދަށް ވެއްޓިގެން ސީލިންއަށް ބަލަން އޮތްވާ ނާޒްލީ ގޮވަން ފެށުމުން ކަންފަތުގައި އަތްއެޅިއެވެ. ނަމަވެސް ދެވަނަ ސިކުންތުކޮޅުގައި އެއްޗެއް ވިސްނާލާފައި ރަނީން އެނދުން ފުންމާލައިގެން ގޮސް ދޮރު ހުޅުވާލައިފިއެވެ. ނާޒްލީ ކައިރީގައި ފީތާއެއް ހިފައިގެން ހުރީ ރަނީން ދުވަހަކު ދެކެފައިވާ މީހެއްނޫނެވެ.

"ޔުނިފޯމް ފަހަން މިންޖަހަން ވެގެން ޝަނީ މިއައީ....." ނާޒްލީ ރަނީން ބޭރަށް ނުކުމެލަން އެދުނެވެ.

"ފަހާފައެއްނު އޮތީ، ދެން ކީއްކުރަން..." ރަނީން ހައިރާންވިއެވެ.

"އެ ޔުނިފޯމެއް ނޫން ދެން ނިންނި ލާނީ....." ނާޒްލީ މާނަވީގޮތަކަށް ބުނެލުމުން ރަނީންއަށް އެއްޗެއް ވިސްނުނެވެ. އެވަރުންވެސް ރަނީން ހިމޭނުންހުރެ ޝަނީ ލައްވާ މިން ޖެހުވިއެވެ. ދެވަނަ ސުވާލެއްކޮށްލަންވެސް ރަނީން ބޭނުމެއްނުވިއެވެ. އޭނަ މިހިރީ އަދިވެސް ބައްޕަގެ ފަރާތުން ނާޒްލީގެ ތަޢާރަފެއް ނުލިބިފައެވެ. އޭނަގެ ކައިރިން އަހާލުމެއްނެތި އޭނަގެ ދިރިއުޅުމުގެ ކަންތައް ނިންނަމުން ދާއިރު އޭނަގެ އުމުރުން ފަނަރަ އަހަރުކަން ނާޒްލީއަށް ނޭގެނީ ހެއްޔެވެ؟

ޝަނީ މިން ޖަހާލާފަ ދިޔުމުން ރަނީން ލެޕް ހުޅުވާލިތަނާ ނާޒްލީ ޓަކިދިނުމުން ރަނީން އިސްތަށިގަނޑަށް ދަމައިލިއެވެ. އޭނަ ރުޅިގަދަވިވަރަށް ވުރެ ބޮޑަށް ފޫހިވެ ހައިރާންވިއެވެ. ބާރަކަށް ގޮސް ދޮރުހުޅުވާލިއިރަށް ނާޒްލީ ވަނީ ކޮތަޅެއް ހިފައިގެންނެވެ. އެތެރެއަށް ވަންގޮތަށް ރަނީންއަށް ދައްކަން ފެށީ ކުލަކުލައިގެ ޝޯލްތަކެވެ. އޭނަގެ ކްލާސްމޭޓުންގެ ތެރެއިން ދަންނަ ކުދިން ބުރުގާ އަޅާތީ އޭނަވެސް ސްޓައިލްކޮށް ބުރުގާ އަޅާހިތްވެއެވެ. އެކަމަކު މީހަކު ބުނެގެން ކުރާކަމެއްގެ ގޮތުގައި ބުރުގާ އަޅަން ބޭނުންނުވަނީއެވެ. އަމިއްލަ ޗޮއިސް އޮންނަން ޖެހޭނެއެވެ. އަމިއްލަ ނަފުސަށް އަމިއްލަ އިޚުތިޔާރު ނެތި ދޮންމަންމައަކާއި ހަޔާތުގެ ހުންގާނު ހަވާލުކޮށްފިއްޔާ ހިތްނޭދޭ މަންޒިލަކަށް ނޫނީ ވާސިލެއްނުވާނެއެވެ.

ރަނީންގެ ސިކުނޑިތެރޭގައި ހަނގުރާމައެއްކުރާފަދަ އިހުސާސްތަކެއްކުރެވުނެވެ. ނާޒްލީގެ ސަބަބުން ޝޯލްދެކެ ފޫހިވާގޮތްވިއެވެ. އެކަމަކު އެހެން ނުބުނެ ރަނީން ތުންފަތުގައި ދަތްއަޅާލައިގެން އިނީއެވެ.

"ނިންނިއަށް ދޭން ގަތް ޝޯލްތަކެއް، ކަމުދޭތަ؟ "ނާޒްލީ ފަހަރަކު ކުލައަކުން ޝޯލްއެއް ނަގާފައި ރޫޅާލާފައި ރަނީންއަށް ދެއްކިއެވެ.

"ބައްޕަ ފައިސާ ދީގެންތަ؟ "ރަނީން އަހާލިއެވެ.

"ނޫން، ދައްތަގެ ހަދިޔާއެއްކަމަށް ބަލާ، ނިންނި ވަރަށް ބަސްއަހާ ކުއްޖެއްނު ދޯ، ބައްޕަ ބުނީ ހަމަ ތެދެއް، އައިމް ސޯ ޕްރައުޑް އޮފް ޔޫ...." ނާޒްލީގެ ވާހަކަ ހުރިގޮތުން ރަނީންގެ ހިތަށްވަން ފޫހިކަން ވަކިން ބޮޑުވިއެވެ. އަމިއްލަ ދަރިއެއްފަދައިން ވާހަކަދައްކާއިރު ހީވަނީ މަންމަގެ މަގާމު ފޭރިގަންނަން އުޅޭހެންނެވެ. ނާޒްލީއަށް ދުވަހަކު އެމަޤާމެއް ނުލިބޭނެއެވެ. އޭނަގެ މަންމަ ކަމުގައި ދުވަހަކު ނުވެވޭނެއެވެ.

ބައްޕަ ކައިރީގައި ރަނީން ޝަކުވާކުރަން ނިންމައިގެން ހުރެފައި ކޮޓަރިއަށްވަން އިރު ވާރޭވެހޭ އަޑު އިވުމުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްލިބި ރުޅިވެސް ފިނިވާން ފަށައިފިއެވެ. އެއަށްވުރެ ބޮޑަށް ހިތް އުފާވީ އެރޭ އޭނަ ބިރުން އަބަދު އުޅެމުންދާކަންތައް ނިމުމަކަށް އައުމުންނެވެ. އުމުރުން ފަނަރަ އަހަރުގައި އޭނަވެސް އަންހެނުންގެ ތެރޭގައި ހިމެނިއްޖެއެވެ. ދިގު އިންތިޒާރަކަށްފަހުގައެވެ. ކަމަކަށް އެހާ ބޭނުންވެފައި ހުއްޓާ ލިބުމުން ވާނެފަދަ އުފަލެއް ރަނީންއަށް ލިބުނެވެ. ރަނީން އޭރުވަނީ އެކަމަށް ހޭލުންތެރިވެފައިކަމުން އަމިއްލައަށް ގޮސް ކައިރީގައި ހުރި ފިހާރައަކަށްވަދެ ސްޓޭފްރީއެއް ގަނެލައިގެން އައިއިރުވެސް ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއްވިއެވެ.

ރަނީން ސީރީޒް ބަލަން ވަރަށް ދަންވާންދެން އޮތެވެ. ފުންނިންޖަކަށް ގެނބުނުއިރުވެސް ލެޕް ޗާޖަށް ޖަހާފައި ހުއްޓެވެ. އެންމެ ގަދަ ނިދީގައި އޮތްވާ މީހަކު ގޮވާހެން ހީވެފައި ލޯ ހުޅުވާލިއިރު ނާޒްލީގެ މޫނު ފެނުމުން ރަނީން އެތެރެއެތެރެއިން ހަޅޭއްލަވައިގަތެވެ.

"ނިންނި، ފަތިސް ނަމާދުކޮށްލައިގެން ނިދަންވީނު، ހޭލާ އުޅޭހެން ހީވެފައި މިތަނަށްވަނީ......" ނާޒްލީގެ ނަޒަރު ހުއްޓުނީ އެތަން މިތަނަށް އުކާފައިވާ ހެދުންތަކަށެވެ. އޭނަ ހެދުންތައް ނަގާފައި ހަރުގައި އަޅުވަންފެށިއެވެ.

"މިތެދުވަނީ....." ރަނީން ދަތްތައް ވިކާލާފައިވެސް ބަންޑުންވެގަތެވެ.

"ކޮފީއެއް ގެނެސްދެންތަ؟" ނާޒްލީ އެހިއެވެ.

"ނޫން، ތޭންކްސް..." ރަނީން ގެ ހިތްވެސް ބަދު ދުޢާކުރިއެވެ. އޭނައާއި ލައިގަނެގެން އުޅޭ މުސީބާތެކެވެ. ނާޒްލީއާއި އޭނަގެ ދަރި ހަޔާތަށް އައުމަށްފަހުގައި އޭނައަށް ދިމާވަނީ އެއްވަރުގެ އުދަގޫކަންތައްތަކެވެ. އަޖައިބުވަނީ ހަނދާންނެތި ދޮރު ތަޅުނުލާ ހުރިކަމަށްޓަކާ ނާޒްލީ ހުއްދަ ހޯދުމެއްނެތި ކޮޓަރިއަށް ވަނީތީއެވެ. އޭނަ އޮތީވެސް ކުޑަ ސޯޓްކޮޅެއްލައިގެންނެވެ. ފައި ހަލާކުވެފައި ހުރުމުން ރަޖާވެސް ނާޅައެވެ. ނަސީބަކުން ނާޒްލީ އިތުރު ވާހަކައެއް ދައްކަން ނަހަދާ ނުކުމެގެން ދިޔުމުން ރަނީން ވައިރޯޅިއެއްހާ ބާރު މިނުގައިގޮސް ދޮރު ތަޅުލާފައި އެނދަށް އުއްޑުން ވެއްޓިގަތެވެ. ނާޒްލީގެ ކަންތައް ހައްދު ފަހަނަޅާދާއިރުވެސް އަދިވެސް ދޮންމަންމަކަން އަންގާކަށްވެސް ނޫޅެއެވެ. ދޮންމަންމައަކީ ކޮންފަދަ ނުބައި ލަފުޒެއްހެއްޔެވެ؟

ނާޒްލީ އިސްތިރިކޮށްގެން ގެނައި ޔުނިފޯމާއި ބުރުގާ ފެނިފައި ސްކޫލަށް ދާން އޭނަ ފޫހިވެ ނުދާން ނިންމިއެވެ. އަޒީޒުމެންނަށް ހީވެފައި އޮތީ ފައިގާ ނަގާފައި ހުރި ފޮޅުތައް އެއްކޮށް ރަގަޅުނުވާތީ ކަމުގައެވެ. ބޭސް ހާކާލާފައި ހުރުމުން އެތަން ހިކިފައިވާކަމެއް ނުވަތަ ނޫންކަމެއްވެސް ނޭގެއެވެ. ނާޒްލީ ސައިވެސް ކޮޓަރިއަށް ގެނެސްދިނެވެ. ރަނީން އެކަން މަނާކުރަން ދެކޮޅު ހަދާފައިވެސް ހިތާހިތުން އެކަމާއި އުފާކުރީ ނާޒްލީއަށް އުދަގޫވާނެކަން އެނގިފައެވެ.

"ނިންނި ހިކިކަމުން ވަރަށް އުދަގޫވޭ، ތަންކޮޅެއް ރަގަޅަށް ކައިބަލަ...." ނާޒްލީ އެހެން ކިޔާފައި ބޭރަށް ނުކުތީ ދޮރު ލައްޕާނުލައެވެ. ދޮރު ދޭތެރެއިން ފެނުނު ސޫރައަކުން ރަނީންގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލެވުނުހެންނެވެ.

ކޮމެންޓް 0