ރަނީން ފެންނަ ކޮންމެ ޓެކްސީއެއް ހުއްޓުވަން އަތްނަގާއިރު އޭނަގެ ހިތް އޮތީ ތެޅިތެޅިއެވެ. ގަޑިއަށް ނުދެވިއްޖެއްޔާ ފުރަތަމަ ދުވަހުވެސް އޭނަ މަސައްކަތަށް ފަރުވާކުޑަ ކުރާކަމުގައި ނަންވާނެއެވެ. މާލެއިން ޓެކްސީގަނޑެއް ނުލިބެނީ ކީއްވެހެއްޔެވެ؟ މުޅި މާލޭގެ މަގުތައް ފުރާލާފައި ޓެކްސީއޮންނަ އިރުވެސް ގަޑިއަކަށް ތަނަކަށް ދާކަށް ޓެކްސީގެ ޚިދުމަތެއް ލިބެނީއެއް ނޫނެވެ. ކޮންމެ ޓެކްސީއެއްދަނީ މީހުން އަރުވައިގެންނެވެ.

"އެންމެ ދިހަ މިނިޓް......ގޯޑް ޕްލީޒް ހެލްޕްމީ...." ރަނީން އަތް އުފުލާލައިގެން ހުއްޓާ އެހެން ލާފައި އައި ކާރެއް މަޑުކޮށްލުމުން ބަލާވެސް ނުލާ ކާރަށް އަރާ ރަނީން ހަމަޖެހިލާފައި ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ. ގަޑިއަށް ނުދެވި ހިނގައިދާނެކަމުގެ ބިރު ފިލާ ހިތް ހަމަޔަކަށް އެޅުނެވެ. ކާރުތެރެއަށް އެރުމުން ދިލަ ހޫނުން ސަލާމަތްވެ އަރާމު ފިންޏަކާއި މީރުވަހެއް ނޭފަތުގައި ހިފާލައިފިއެވެ. ލުއި މިއުޒިކެކެވެ.

"ވަރަށް ފާސްޓްކޮށް.....ގަޑިޖެހެނީ..." ރަނީން އަވަސް އަވަހަށް ކިޔާލާފައި އިސްޖެހިގޮތަށް ފޯނާއި ކުޅެން ފެށިއެވެ. ގަޑިއަށް ނުދެވިދާނެތީ ލިބުނު ހާސްކަން ފިލުވަންވެސް ހަތިޔާރަކަށްވީ ފޯނެވެ. އޭރު އަދި ދާންވީތަނެއް ނުބުނެވޭކަމާއިމެދު ވިސްނައެއްނުލިއެވެ. އެއަށްވުރެ ސިކުނޑިވަނީ ޚިޔާލުތަކުން ފުނިޖެހިފައެވެ. ކާރުގެ ޑްރައިވަރސީޓުގައި އިން ޒުވާނާ ރަނީންގެ މޫނަށް ބަލައިލިއިރު ދެލޮލުގައި ލާނެތްކަމެއްވިއެވެ. ބާރަށް ދުއްވާށޭ ބުނެފައި ޕްރައިވެޓް ކާރަށް އެރުނުއިރުވެސް މި އަންހެންކުއްޖާއަށް ނޭގުނީ ހެއްޔެވެ؟ ޔަގީނުންވެސް ގަމާރު ކުއްޖެއްނޫނެވެ. އެތޫނު ދެލޮލަށް ބަލައިލެވުމުން ތޫނުފިލިކަން ހާމަވެއެވެ. ކަޅުހެދުމެއްގެ ތެރޭގައި ފޮރުވިގެން އިނަސް ދޮންމޫނުގެ މައުސޫމްކަމާއި އެއްވަރަށް ވިސްނުން ތޫނުކަން އިޝްތިހާރުކުރެއެވެ. ކާރުގެ ބިއްލޫރިތައް ފުރާނާފައި އެޅިފައިވާ އަލިކަމުގެ ތެރޭން އޭނައަށް ސިފަވީ ޕަރީއެކެވެ. ދާންވީ މަންޒިލެއް ނުބުނެ ބާރަށް ދުއްވަން އެދުމުން އޭނައަށް ވަރަށް މަޖާކަމަކަށްވިއެވެ.

ކާރު މަޑުކޮށްލުމުން އަވަސްވެފައިވާ ހިތަކާއިއެކު ރަނީން ދަބަސް ހުޅުވާލާފައި ލާރިނެގިގޮތަށް އެޒުވާނާއަށް ދިއްކޮށްލިއެވެ. އަދި ނުކުމެގެން ގޭޓުން ވަންނަން ދިޔައިރުވެސް ކޮން އިމާރާތެއްކަމެއް ރޭކާނުލިއެވެ. ހޮސްޕިޓަލުގެ ބަދަލުގައި ގެއެއްކަން ވިސްނުނީ ވިސްނުންތެރިކަމާއިއެކު ވަށައިގެންވާ ގަސްތަކާއި ފެންޑާއަށް ބަލާލެވުމުންނެވެ. ބޮޑު ތަބުތައް ޖަހާފައިވާއިރު ވަންނަން ހުރި ދޮރުގެ ދެފަރާތުގައި މާބްލް ޕޮޓްތަކުގައި ނާދިރު ގަހެއް އިންދާލާފައިވެއެވެ. ވިނަގަނޑު ދޫލައެއްހެން ފެތުރިފައިވާއިރު ހައްދާފައިވާ ގަސްތައް އެހާ ނަލައެވެ. ދެލޯ ބޮޑުކޮށްލާފައި އެނބުރުނުއިރު ކުރިމަތީގައި ހުރި ޒުވާނާ ފެނިފައި ސިކުނޑީގެ ކޮންމެވެސް ހިސާބެއްގައި ފުއްޓަތްކެއް ޖަހާލެވުނުހެން ހީވިއެވެ. ހަނދާނެއް އާވިއެވެ. އޭނަ އެކްސިޑެންޓެއްވެފައި އޮތްވާ ދާދި ކައިރިން ފެނުނީ އެމޫނެވެ. އެމޫނު ހަނދާނުގައި ހަރުލާފައިވަނީ އެވަރުގަދަ ބުމައާއި ދިގު އެސްފިޔަތަކުން ހިޔާއަޅާފައިވާ ކަޅުދެލޮލުންނެވެ.

"އިޓްސް ޔޫ....." ރަނީންއަށް އެހެން ބުނެވުނެވެ. އަދި އެތަނުން ދާން ހިނގައިގަތުމުން އެ ޒުވާނާވެސް ކަންނެތް ހިނގުމެއްގައި ފަހަތުން އަންނަން ފެށިއެވެ.

"އަހަރެން އެނގިއްޖެތަ؟ ކާރުގައި އިންއިރު އަހަރެން އިންވިޒިބްލްތަ؟ " އެޒުވާނާ ހިތްހަމަނުޖެހުނު ކަހަލަ ގޮތަކަށް ހަށި ފުރާ ނޭވާއެއް ދޫކޮށްލިއެވެ. ލޮލަށް ގޮތަށް ހަދާލައިގެން ވިސްނާފަދަ ގޮތަކަށް ރަނީންގެ މޫނަށް ބަލާލިތަނާހެން ފަހަތުން ފިޔަވޅުތަކެއްގެ އަޑު އިވިފާ ދެމީހުން އެކީގައި ކަހަލަ ގޮތަކަށް އެނބުރުނެވެ. ކުރިމަތީގައި ހުރީ ރާއްޖޭގެ ކުދި ބޮޑު އެންމެން ދަންނަ ވަރުގަދަ ޝަޚުސިއްޔަތެކެވެ. ޑޮކްޓަރ މަންސޫރެވެ. އޭނަގެ ފަހަތުން ކޮންމެވެސް ޝަކުވާއެއްކުރަމުން އައި އަންހެންކުއްޖާއަށް ރަނީން ފެނިފައި ނުރުހުމާއިއެކު ބަލައިލިއެވެ. ދެވަނަފަހަރަށް އެސުވާލުގެ ނަޒަރު އަމާޒުވީ އޭނަގެ ބޭބެއަށެވެ.

"ލެވީ، މިއީ ކޮންކުއްޖެއްތަ؟ "ޑޮކްޓަރ މަންސޫރު އަހާލިއިރު ރަނީންއަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. ދަންނަ ކުއްޖަކަށް ބަލާކަހަލަ އުސޫލަކުންނެވެ. ރަނީން ކުޑަކޮށް ހީލިއެވެ. މަންސޫރުގެ ސަބަބުން ވިޝާމް ޑޮކްޓަރުކަން ކިޔެވި ވާހަކަ ބުނަން ހިތަށް އަރާފައިވެސް ރަނީން ހިމޭންވެލިއެވެ.

"މައި....ގާލް..ފްރެންޑް...." ލިވާން ދޭތެރެ ދުރުކޮށްލާފައި އެބަސްތައް ކިޔާލިގޮތަކުން ރަނީން ކުރިއަށްވުރެ ދެލޯ ބޮޑުކޮށްލިއެވެ. އެކަން ދޮގުކުރަން އުޅެނިކޮށް މަންސޫރު އެކަމާއި އުފާވެފައި އެއްޗެކޭ ބުނުމުން ރަނީން އިސްޖަހައިލިއެވެ. ނުވެސް ދަންނަ ޒުވާނަކު އޭނައަށް އޮޅުވާލައިގެން އަމިއްލަ ގެއަށް ގެނެސްފާ އަދި ލޯބިވެރިޔާކަމުގައި ދަޢުވާކުރުމުން އަޖައިބު ނުވާވަރެއް ހެއްޔެވެ؟ ނުވީތާކަށް ކޮއްކޮގެ ލޮލުން އޭނަ ވިރުވާލަފާނެހެން ހީވެއެވެ. މީރާ އެހާ ރުޅިއަންނަންވީ ކޮންކަމަކާ ހެއްޔެވެ؟ އޭނައާއި މީރާގެ ދުޝްމިންކަން އޮންނަންވީ ސަބަބެއްނެތެވެ؟ ވިޝާމްއާއި މީރާގެ ގުޅުން ކެނޑުމުން އޭނަ ކުށްވެރިވާންވީ ސަބަބެއް ވިސްނާކަށް ނޭގުނެވެ.

"ވަޓް.....؟" ލިވާންގެ ކޮއްކޮ މީރާގެ މޫނުމަތީގައި އެތިފަހަރެއް ޖެހިހެން ހީވާކަހަލަ ގޮތަކަށް އޭނަ ކޯތާފަތުގައި ފިރުމާލިއެވެ. ލިވާން ހުރީ ހީލަ ހީލައެވެ. މީރާގެ މޫނަށް އަރާފައި ހުރި ކުލަވަރުން ކޮއްކޮ އެހެރީ އިންތިހާއަށް ރުޅިގަދަވެ ދަތްތައް ބިންދައިގެން ދާވަރުވެފައިކަން އެނގުމުން ލިވާންއަށް ލިބުނީ އާދަޔާ ޚިލާފު އުފަލެކެވެ. މީރާ ދާނަޝްގެ ފަހަތުން މޮޔައެއްހެން އުޅޭއިރު އޭނަގެ ޖަޒުބާތުތަކަށް ޤަދަރުކުރުމެއް ނެތެވެ. ކިތަންމެ ފަހަރަކު ދާނަޝްވީ ފަރާތަށް ބަލާނުލަން އެންގުމުންވެސް މީރާއަށް އިވުނުކަމަކަށް ނުވިއެވެ. އެގުޅުން ހައްތަހާ ދިޔައީ ކުރިއަށެވެ. ކުރީގައި ދާނަޝްއާއި ލިވާން އެންމެ ގާތް އެކުވެރިން އުޅެމުން އައިސްފާ އެދޭތެރޭގައި ބޯފާރެއް ލެވެންވީ ސަބަބެއް މީރާއަކަށްވެސް ނޭގެއެވެ. ދެގެ ޖެހި ޖެހިގެން ހުރުމުންނާއި ތިމާގެކަމުގެ ގުޅުން އޮތުމުން ދާނަޝް އެގޭތެރެއިން ނުފެންނަ އިރެއް މަދުވާނެއެވެ. މީރާގެ ހިތުގައި ދާނަޝްގެ ޒުވާންކަމާއި ރީތިކަމުން ފުރިފައިވާ ތަސްވީރު ހަރުލާން ފެށީ ފެނުނުލެއް ގިނަކަމުންނެވެ. އެކީގައި އުޅެން ލިބުނު ވަގުތުތަކުގެ ސަބަބުންނެވެ. ދާނަޝްގެ ހުންނަ ފިރިހެންވަންތަކަމުންނެވެ.

ޑޮކްޓަރ މަންސޫރު އޯގާތެރި ހިނިތުންވުމަކާއިއެކު ރަނީންއަށް ތަޢާރަފުވުމަށްފަހު ގޮސް ކާރަށް އަރާ ދުއްވާލުމުން މީރާ ބަލަން ހުރެފައި ގެއަށް ވަންނާން ދުއްވައިގަތެވެ. ދޮރުމަތީގައި އޮތް ބޮޑު ކަފަގަނޑެއްހެން ހީވާ ބުޅާ އަޑެއް ލައްވާލުމުން ރަނީން އުރާލާހިތްވިއެވެ. ނަމަވެސް ވަގުތެއްނެތްކަން ހަނދާންވެފައި އޭނަ ދުއްވައިގަތީ ކާރެއް ހޯދާށެވެ.

"އަހަރެން ތިބުނާ ތަނަކަށް ގެންގޮސްދީފާނަން، ކާރަށް އަރާފައި ދާންވީތަނެއް ނުބުނެ ފާސްޓް ރައިޑެކޯ، ދެން އަހަރެންގެ މައިންޑަށް އަންނާނީ ވަކި ކޮންކަމެއް؟ ސޮރީ ބަޓް އަހަރެން ކޮންމެހެން ގެއްލުމެއްދޭކަށް ނޫން ގެންގޮސްދޭން މިބުނީ، ތަނަކަށް ދާން ލަސްވެފަކަން އެނގޭ، ބުނޭ، ކޮބާ ޑެސްޓިނޭޝަން، އަހަރެން ސަލާމަތުން ގެންގޮސްދޭނަން...." ލިވާން ކާރުގެ ދޮރު ހުޅުވާލުމުން ރަނީން ހުރީ ދެ ޚިޔާލެއްގައެވެ. ވަގުތު ނަގާލުމުގެ މާނައެއްނެތެވެ. ބީރައްޓެހި ޒުވާނަކަށް ވިޔަސް ރަގަޅު އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. މިނިޓްތަކެއްގެ ބައްދަލުވުމުންވެސް މަންސޫރުގެ ދަރިފުޅު ލިވާންކަން އެނގިއްޖެއެވެ. އެބުނާހެން އޭނަގެވެސް ކުށެއް ނެތޭ ބުނެވޭކަށް ނެތެވެ. އިޒްޔަންގެ ސަބަބުން އޭނަގެ ސިކުނޑީގެ ވާފަށް އަބަދުހެން އޮންނަނީ އިޒްޔަންއަށް އެއްލާލެވިފައެވެ. އަތުން ފައިން ހެދޭ ގޯސްތައް ރޭކާނުލާ ހިސާބަށް ހިގައްޖެއެވެ. ޕްރައިވެޓް ކާރަކަށް އަރާގައި ދާންވީ ތަނެއް ނުބުނެ ބާރަށް ދުއްވާށޭ ބުނުމުން ލިވާންފަދަ ލާނެތް ޒުވާނަކު އަމިއްލަ ގެއަށް ގެންދިޔުމުން އޭނަ ކުށްވެރިކުރެވޭކަށް ނެތެވެ.

ރަނީން ކާރުގެ ފަހަތު ސީޓަށް ލެނގިލިއިރު ހިތް ތެޅެމުން ދިޔައީ އިޒްޔަން ކައިރީގައި އިން ނަމަވެސް ތެޅޭނެ ހާ ބާރަށެވެ. ޢާއްމުކޮށް ހިތަކީ އޮންނަ ގުނަވަނެއްކަން އޭނައަށް އެނގެނީ އިޒްޔަން ފެންނަ ކޮންމެ ފަހަރަކުއެވެ. އިޒްޔަންއާއި ނުލާ ހިތުގައި ވިންދު ނުޖަހަނީއޭވެސް ހިތާހިތުން ސުވާލުކުރެވޭ ފަހަރު އާދެއެވެ.

"ދެން ބުނެބަލަ، އަހަރެން ދަސްވީ ކިހިނެއްތަ؟ "ކުއްލިއަކަށް ލިވާން އެނބުރިފައި އަހާލައިފިއެވެ. އެކަޅުކުލަގަދަ ބުމައަކީ އޭނަގެ އެންމެ ފާހަގަކުރެވޭ ސިފައެވެ.

"އަހަންނަކަށް ލިވާންއެއް ނޭގޭ..." ރަނީން ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިއެވެ.

"އަހަރެންނަށް ބަލާލާފައި އެހެން ނުބުނާނެ ދޯ ނުދަންނަ މީހެއް. އިޓްސް ޔޫ އޭ ބުނެއެއްނުލާނެ ހަމަ ތަނަކުން މީހަކު ފެންނައިރަށް. ތިހާ އިނޮސެންޓްކުއްޖެއް ހަރުކަށިކަން ދަސްކުރީ ކޮންތާކުންތަ؟ ބުނަން ބޭނުން ނެތިއްޔާ އިޓްސް އޯކޭ.. އަހަރެން ގަދަކަމުން އަހާކަށް ނެތިން." ލިވާން ހިތްހަމަނުޖެހުނުހެން ހީވިއެވެ. މޫސުމް ބަދަލުވާފަދައިން މިފިރިހެންވެރިންގެ މިޒާޖުވެސް ބަދަލުވާނެއެވެ. އޭނަގެ ފޯނަށް އެވަގުތު މެސެޖެއް އައިތަން ރަނީންއަށް ފެނުނެވެ. ސިއްރުން ބަލައިލެވުނުތަނާ ފެނުނީ އޭނަ ވައިބަރ ހުޅުވާލާފައި ބަލައިލިތަނެވެ. ދެން ބާރަށް ހޭންފެށިއެވެ. ރަނީން ސުވާލުކުރަން އަނގަ ހުޅުވާލާފައިވެސް ލައްޕާލިއެވެ. ލިވާން އެ ހެނީ ކީއްވެހެއްޔެވެ؟

ރަނީން ގަސްތުކުރީ ފޮރުވުމެއްނެތި ކިޔާދޭށެވެ. ހިލޭ ފިރިހެނަކާއި ވާހަކަ ދައްކައިގެން އެކުވެރިކަން ބަދަހިކުރުމަކީ އެންމެ ރަގަޅުނޫން ގޮތެއްކަން ވިސްނިފައިވާއިރު ގާތް ގުޅުމެއް ބޭއްވުމުގެ ނިޔަތެއް ނެތެވެ. ލިވާންގެ މޫނަށް ބަލާލާފައި އެހާ ގޯސްމީހެއްހެން ހިޔެއް ނުވެއެވެ. މުއްސަދި މީހެއްގެ ދަރިއަކަށްވިއޭ ކިޔާފައި ކިބުރުވެރިގޮތެއް ނެތެވެ. ރަނީންގެ ވާހަކަ އިވިފައި އޭނަ ޔަގީންކުރަން ވެގެން ރަނީންގެ މޫނަށް ބަލާލިގޮތަށް ރަކިވާހާ ބޮޑަށް ބެލިއެވެ. ހީވީ ނަޒަރު ވަކިނުކުރެވިފައި އިންހެނެވެ. ރަނީން ލަދުން މަރުނުވީ ކިރިޔާއެވެ. އެހާވަރަށް އެމޫނަށް ބަލައިގެން ނޫނީ ލިވާން އެދުވަސް މަތިން ހަނދާން ނުވާނީ ހެއްޔެވެ؟ އެވަރުން ބަލަބަލާފައިވެސް ލިވާން އެނގުނުކަމަކަށް ނެހެދިއެވެ. ފާޑަކަށް ކޮނޑު އަރުވާލީމަ ރަނީން ވީ ފޫއްސެއްގެ ބޮޑުކަމުން ދުރަށް ބަލަންފެށިއެވެ.

އޭނަ ހޮސްޕިޓަލާއި ހަމަޔަށް ދޫކޮށްލާފައި ލިވާން ބަލައިލީ ބީރައްޓެހި ނަޒަރަކުންނެވެ.

"ތެންކިއު....." ރަނީން ހިންދިރުވާލިއެވެ. ލިވާންގެ މޫނުމަތިން ފެނުނު ސީރިޔަސްކަމުން އިޒްޔަންގެ މަތިން ހަދާންވެ ހިތަށް ނުބައިގޮތެއްވިއެވެ.

ލިވާން ހީވެސް ނުލާ ކާރު ދުއްވާލުމުން ރަނީން އެކަމާ ވިސްނާކަށް މަޑުކޮށެއްނުލައެވެ. ލިވާން އޭނައަށް ބީރައްޓެހިކަން އިހުސާސްކުރުވާފައި ދިޔުމުން ހިތުގައި ޖެހެން ލިވާންއަކީ އޭނަގެ ކާކުހެއްޔެވެ؟ ރަނީން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ހޮސްޕިޓަލަށް ވަންއިރު ހަތަރެސްފައި ފިނިވެ ގަނޑުފެންކޮޅަކަށް ވެއްޖެއެވެ. ކަންތައްވީ އޭނަ ހީކުރިގޮތަކަށް ނޫނެވެ. އެކުވެރި މޫނުތަކެވެ. އެންމެންވެސް އޭނައަށް ހެވެވެ. ބީރައްޓެހިކަން އިޙުސާސް ވިޔަނުދީ އުޅުނުގޮތުން އިސާހިތަކު ފަރިތަވެ ތަނަށް ހޭނިއްޖެއެވެ. ކަޅުކުލައިގެ ހެދުމުގެ ބަދަލުގައި ކްރީމްކުލައާއި ރަތްކުލައިގެޝޯލްއެއް އަޅާފައި ހުރުމުން އެންމެންގެ ލޮލުގައި އަޅައިގަނެ ބަލާވަރުން ރަނީން ލަދުގަންނަވަރުވިއެވެ. އެންމެންގެ ސަމާލުކަން ލިބެނީ އޭނަ ހެދުން އަޅައިގެން ހުރިގޮތުން ކަމުގައި ހީވިއެވެ.

"މީހުން ބަލާވަރުން. އެއީ ކީއްވެތަ؟ "ރަނީން އަމިއްލަ ނަފުސާއި ސުވާލުކުރިއެވެ. ދޮންމަންމަ އަބަދުވެސް ބުނާނެއެވެ. ހެދުން އަޅާއިރު ކޮންމެހެން ކަޅުހެދުން ލާކަށް ދީން މަޖުބޫރެއް ނުކުރެއެވެ. ނަމަވެސް ދަހިވެތި ނަޒަރުން ސަލާމަތްވާނީ ވީހާވެސް ލޮލުގައި ނާޅާ ކުލައެއް ބޭނުންކުރީމައެވެ.

ކްލިނިކް އެސިސްޓެންޓްގެ މަޤާމަކީ ރަނީން ގަޔާވި ފަސޭހަ ވަޒީފާއެއްކަމުގައި ވިއެވެ. މަސައްކަތް ބުރައެއްނޫނެވެ. މައިގަނޑު މަސައްކަތަކީ ވާހަކަދެއްކުމެވެ. ދެފަރާތުގެ ވާހަކަ ދެއްކުމުގެ މެދުވެރިއަކަށް ވުމަށްވުރެ އަރާމު ވަޒީފާއެއް ދުނިޔެއަކު ނުވާނެއެވެ. ޑޮކްޓަރެއްގެ ކައިރީގައި އިނދެގެން ބަލިމީހުންނާއި ގުޅުން ބަދަހިކުރުމުގެ އިތުރުން ގިނަ މަޢުލޫމާތުތައް ލިބުނެވެ. އޭނައިނީ ވަރަށް ޝައުގުވެރިވެލާފައެވެ. ކޮންމެ ބަލިމީހަކާއި ވާހަކަދެއްކީ ހިނިތުންވެގެން އިނދެއެވެ. ބަލިމީހުންގެ ބަލިވެސް ފަސޭހަވާނީ އެހެން މީހުންގެ އަޅާލުމާއި ލޯބި ލިބޭވަރަކުންނެވެ. ކުޑަކުއްޖެއް ފެނިއްޖެއްޔާ އެންމެ ބޮޑަށް ހަނދާންވީ އެމާގެ މަތިންނެވެ. އެމާ ޙާލުބޮޑުވީއިރު އެންމެ ކައިރީގައި އެހީތެރިވާން ހުރި އެކަކީ ރަނީންއެވެ. ވޭން އަޅާވަރު އެބޮޑު ދެލޮލުން ހާމަކޮށްދިންއިރުވެސް އެމާ ވަރަށް ހިތްވަރުގަދައެވެ. އެންމެ ފަހު ވަގުތުވެސް އެމާ އުއްމީދުކުރީ އިޒްޔަން އަންނާނެ ކަމުގައެވެ. އެ ހަނދާންތައް އާވެފައި ރަނީންގެ ދެލޯ ފެންކަޅިވިއެވެ.

ރިސެޕްޝަނުގައި އުޅޭ ކުދިންގެ ތެރޭގައި އެންމެ މަޝްހޫރު އެއް ޑޮކްޓަރަކަށް ދާނަޝް ވިއެވެ. ދާނަޝްއާއި އިމާން ދެ ފިރިހެނުންނަށް ވެފާ އެމީހުން އަޅުވާ ކިޔަން ފެށުމުން ރަނީން ލަދުގަތެވެ. އެއީ ހަގީގަތެއް ބާވައެވެ. އެބުނާ ދާނަޝްއާއި އިމާން އެއް ދެކޭހިތްވެ ޑިއުޓީ ގަޑިތައް ބަލާލެވުނެވެ. އެ ޢާއިލާއާއި އޭނަގެ ޢާއިލާ ކޮންމެވެސް ސިފައެއްގައި ގުޅިފައިވެދާނެ ކަމަކަށް އޭނަ ފަހަރެއްގައިވެސް ހީކޮށްފައެއް ނެތެވެ. އަދި ޒޯޔާ ފިލައިގެންގޮސް އަމިއްލަގެ ކަމުގައި ހަދައިގެން އުޅުނީ ދާނަޝްގެ ޢާއިލާއާއި އެކީގައި ކަމެއްވެސް އެނގިފައެއް ނެތެވެ.

"ދާނަޝްގެ ފޮނިކަމުން އެހެން މީހަކާއި ގުޅިގެން އުޅޭކަށް ބޭނުމެއްނުވޭ، އޭނަ ގާލްސްއިން ދެކެ ހޭޓްކުރޭ، މާންއާއި ދެމީހުން އުޅޭގޮތް ފެނިފައި ހޮޑުލަވާ، ނިންނިވެސް ހާޓް ބްރޭކް ނުވެ ސަލާމަތްވާނީ އަހަރެމެން ކުރީބައިގާ ވޯނިން ދިނީމަ، ބަލައިގެން އުޅެއްޗޭ، ދިމާވާގޮތަކުން އޭނަގެ ރޫމަށް ވަދެލާން ޖެހުނަސް ރޫލްސްތައް ހަދާން ނައްތާނުލައްޗޭ، ޓަކިދީފައި ހުޅުވީމަ ނޫނީ ވަދެގެން ނުވާނެ، ފޯނު ރިންގްވުން އެއީ ކުށެއް....އެހެރަ ތޫނު ދެލޮލުން ފިއްސާލާނެ...." އެކަކު ކިޔާދިނެވެ.

"ތީ ހުރިހާ ތަނެއްގައި އޮންނަ ރޫލްސްތާ، އެކަނި އޭނައަށްތަ އެޕްލައި ކުރެވެނީ؟ "ރަނީން އަހާލައިފިއެވެ.

"ހޫމް އަދި ބުރުގާ އަޅާ ކުދިންދެކެ ވަރަށް ފޫހިވެޔޯ....." އެކުއްޖާ އިތުރަށް އޮޅުން ފިލުވާދިނެވެ.

"އައްޗި، ފޮނި ދާނަޝް، އައި ހޭޓް ހިމް، ކުރީ ދުވަހު މަ ރޮއްވާލީ....." ލީޒާ ތުން ފިތާލިއެވެ.

"އެވަރުންވެސް ދާނަޝް ފެންނައިރަށް ތުއިވާން ހުންނާނެ...." އެހެން ކުއްޖަކު ދިމާކޮށްލިއެވެ.

"ދާނަޝް އެހާ އަންހެނުން ދެކެ ފޫހިވާ މީހާ އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށްވީމަ ސުވާލު އުފެދޭ، އަހަރެން ބަލިވިޔަސް އޭނައަށް އިތުބާރުކޮށްފަ ކޮންސަލްޓެއް ނުކުރާނަން. މަށަށް ފީލްވާގޮތެއް ބުނަންތަ؟ އެމީހުންނަށް ކޮންމެހެން ރެސްޕެކްޓްނުކުރާކަށް ނޫން، އެކަމަކު އައި ފީލް ދޭ އާރ ހިޑަން ޕާރވާޓްސް. އަންހެނުންގެ ޑޮކްޓަރުކަން ކިޔަވަން ޕްލޭސްމެންޓް ދޭންވީ އެކަނި އަންހެނުންނަށް. ނޫންތަ؟ " ލީޒާގެ ވާހަކައަށް ރަނީން ހިތާހިތުން ތާއީދުކުރިއެވެ. ދާނަޝް ލޮލަށް ނުފެނި ހުރެ އެމީހަކު ދެކެ އިންތިހާއަސް ފޫހިވެއްޖެއެވެ. މޮޅު މީހަކަށްވީމަ ކިބުރުވެރިވެގެން އެހެން މީހުންނަކީ ތިމާގެ އަޅުންކަމުގައި ދެކެން ވެއްޖެއްޔާ އަވަހަށް އިބުރަތެއް ލިބިދާނެއެވެ.

"އާނ ބަޓް އޭނައަކީ މިތާ އެންމެ މޮޅު ގައިނީ، އޭނައާއި އިމާންގެ ޓީމް އޯސަމް. މަ ޕްރެގްވާއިރަށް އޭނައަށް ދައްކާނީ، ފިރިހެން ގައިނީއިން މާ ކައިންޑްވެފަ ކެއަރިންވާނެ......." ޒުހާއަށް ދާނަޝް ވަރެއްނެތެވެ.

"ދާނަޝް ސްކޭން ހަދާއިރު އިމާން ގޮސް ހީވަނީ ދާނަޝްގެ ކޮނޑަށް ވެއްޓިގެންފާނެހެން. މީހުންގެ ތެރޭގައިވސް އިމާން އުޅޭނީ ނިކަން އެފާޑުވެގެން، ދެމީހުން މީހުންނާއި ނީދެ އެތިބެނީ ކީއްވެގެންތަ؟ ކީއްވެ ދެމީހުންވެސް އަންހެނުންނާއި ގުޅުން ހުރި ބައެއް ކިޔެވީ؟ ކޮންމެވެސް ނުބަޔެއް އެބައުޅޭ. އައި ވިލް ފައިންޑް ކީއްވެކަން......." ލީޒާ ބުނެލިއެވެ.

 

ދާނަޝްއެއްގެ ވާހަކަދައްކާވަރުން އެ ޒުވާން ޑޮކްޓަރު ދެކޭހިތްވިޔަސް ރަނީންގެ ހަނދާންތަކުގައި ރަސްކަން ކުރަމުން ދިޔައީ އިޒްޔަންގެ މޫނެވެ. އިޒްޔަން މިހާރު އުޅެނީ ކޮލެޖެއްގެ ޕްރޮފެސަރަކަށް ބާވައެވެ. އޭނަގެ ޓީޗަރަކަށް އިޒްޔަން ވެއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ އެހެން ހިތަށް އަރާފައިވެސް ރަނީންގެ ހިތް އަވަސްވެލާފައި މޭގައި ފިރުމާލަން މަޖުބޫރުކުރުވައެވެ. ކުޑައިރުއްސުރެން ވެވުނު ލޯބި ބަދަލެއްނުވެ މިއަދާ ހަމަޔަށް ދެމިގެން އައިއިރު އިޒްޔަން އޭނަ ހަނދާން ނައްތާލާފައި އެހެން ދިރިއުޅުމެއް ފަށައިފިއެވެ.

ޒޯޔާ ބެލްކަނީގައި މޮޅިވެރިގޮތަކަށް ހުއްޓިލައިގެން ހުރެ ބަލަމުން ދިޔައީ ދާނަޝްއެވެ. އޭނަދެކެ ދާނަޝް ލޯބިވިޔަސް އޭނަ ދުވަހަކު އެކަން ގަބޫލުކޮށްފައެއް ނެތެވެ. ޒޯޔާ ޔަގީންކޮށްފައިވަނީ ދާނަޝް އޭނަގެ ހަށިގަނޑު ބޭނުންވީކަމަށެވެ. އޭނަގެ ރތިކަން ހާމަކުރުމުން މިލްކުކުރަން ބޭނުންވީއެވެ. ދާނަޝް އާއި އިމަން ޓެނިސްކުޅެން ތިބިއިރު ދާނަޝްގެ މޫނުން ދާތިކިތައް މުތީތައްފަދައިން ފައިބައެވެ. އެހާ ދުރުންވެސް އެދެލޮލުން ތޫނުކަން ޒޯޔާއަށް އުދަގޫކުރިއެވެ.

"އަހަރެންގެ ކުށް، އަހަންނަށް އެހާ ދުވަސްވާންދެން ވެއިޓް ނުކުރެވުނީ؟ ފައިރޫޒާވެސް މަށަށް އޮޅުވާލީ، ސިކްރެޓެކޭ ކިޔާފައި ދޮގުހެދީ، އަހަރެން ދާނަޝްއާއި ރައްޓެހިވެވުނަ ނުދޭން، ފައިރޫޒާ ކިހާ މަކަރުވެރި، ކޮންފަދަ ބޮޑު ދޮގެއް އެހެދީ؟ ކޮންފަދަ ނުލަފާ އަންހެނެއް، އަހަންނަށް މިހާރު މިވިސްނުނީ، މިހާރު އަހަންނަށް ދާނަޝްގެ ހިތާއި ހަމަޔަށް ފޯރާނެ އެއްވެސް ގޮތެއްނެތް، އޭނަ އަހަރެން ދައްކާ ވާހަކަ ގަބޫލުކުރާނެތަ؟ އަހަރެން އަމިއްލައަށް މޮޔަކަމެއް އެކުރީ، ބިޓްރޭއި ވީ އަހަރެން، އޭނަ ކިހާ ރަގަޅު....." ޒޯޔާގެ ލޮލަށް ކަރުނަ ޖަމާވާންފެށުމުން އަނެއް ފަރާތަށް އެނބުރުނެވެ.

އިޒްޔަން ބެލްކަންޏަށް ނުކުތްއިރު ބޯވާރެއާއިއެކު އަންނަ ވައިރޯޅިތަކުގެ ގުގުމުގެ އަޑު ފަޒާގައި އިވެމުންދަނީ ހަޅޭކެއްގެ އަޑު ފަދައިންނެވެ. ނާމާންގޮތެއްވެސް ހުއްޓެވެ. ވާރޭވެހޭތަން ބަލަން ރެއިލިންގައި އަތްއަޅުވާލައިގެން ހުރިއިރު އިޒްޔަންގެ ލޮލުގެ ކުރިމަތީގައި މާޒީގެ ހަނދާނެއް ނިއުޅެންފެށިއެވެ. ފިލްމެއްގެ ލަސް މަންޒަރެއް ފަދައިންނެވެ. އެރީތި ކުޑަ ނާޒުކް އަންހެންކުއްޖާ އޭނަގެ އަތުގެ ތެރޭގައި ގެންގުޅުނުލެއް އިހަށް ދުވަހު ވީކަމެއްހެން ހަނދާނުގައި ހަރުލާފައިވެއެވެ. އިޒްޔަން ފިނިވަމުންދިޔަ އަތްތިލަ ޖިންސްގެ ޖީބަށް ޖަހާލައިފިއެވެ.

"ރަނީން މިހާރު މީހަކާއި އިނދެފާނެކަން ޔަގީން، ކީއްވެ ކުޑަކުއްޖެއްގެ ހަނދާންތައް އަހަންނަށް އުދަގޫކުރަންވީ؟ "އިޒްޔަން އިސްތަށިގަނޑުގައި އަތް ހިންގައިލީ މަޑު ރިހުމެއްގެ އުދަގޫވާންފެށުމުންނެވެ. ނަތާލީ ދަރިފުޅު މަތަނުވެގެން އިޒްޔަންގެ އެހީއަށް އެދި އަޑުކޮޅަށް ގޮވަންފެށިއެވެ. އެމީހުންގެ ފިރިހެންދަރިފުޅު ހަލަނިކަމުން ނަތާލީ އަކަށް އެކުއްޖާ ގެންގުޅެން އެނގޭކަމަކަށްވެސް ނުވެއެވެ. އިޒްޔަން ޖެހެނީ ފެންވަރުވާ ރީތިކޮށް ކާންދޭށެވެ. ނިދަން އެނދަށް ލާން ޖެހެނީ ގަދަކަމުންނެވެ. ޑޮކްޓަރަށް ދެއްކުމަށް ނަތާލީ ކިޔާއިރު އިޒްޔަން އެކަމާއި އަޅައެއްނުލައެވެ. ކުޑަފިރިހެންކުދިންނަކީ ނުސިޔާނު ބަޔެކެވެ. އިޒްޔަންގެ ހަނދާނަށް އައީ ޖިމްއާއިއެކު ކުޅެން އުޅުނު ކުޑަ އަންހެންކުއްޖާއެވެ. އެކުއްޖާގެ މަތިންވެސް ހާދަ ވަރަކަށް ހަނދާން އެބަވެއެވެ. އެއީ ކޮންކުއްޖެއް ހެއްޔެވެ؟ ކުޑަ ކުޑަ ޕަރީއެއްފަދައިން ދުވެ ދުވެފައި އުޅުނުއިރު އޭނަވަނީ އެކުއްޖާގެ ތަސްވީރުތަކެއް ނަގާފައެވެ. އިޒްޔަން ނަތާލީގެ ހަޅޭކުގެ އަޑަށް ސަމާލުކަމެއް ނުދީ ފޯނު ހުޅުވާލާފައި ފޮޓޯތައް ބަލަންފެށިއިރު އެދެލޮލުން ހިތާމައިގެ ކުލަވަރު ފެނުނެވެ. އެކުއްޖާއަށް އެހާވަރަށް ބެލެންވީ ސަބަބު އިޒްޔަންއަށް ވިސްނުނީ އިރުކޮޅެއްފަހުންނެވެ. އެކުއްޖާ އެމާއާއި ވައްތަރުގޮތެއް ހުރީއެވެ. އޭނަގެ ކޮއްކޮ ކުޑައިރު އެހާ ދިގު އިސްތަށިގަނޑެއް އޮވެއެވެ. އޭނަ އިސްތަށިގަނޑު ގަތާދިނެވެ. ބަލިވިއްޔާ ފުނާ އަޅުވާދިނެވެ. ގޮށްފިލުވާދިނީ އެހާ ލޯބިންނެވެ. އިޒްޔަން ލައްވާ އިސްތަށިގަނޑާއި ކުޅުވަން އޮވެ އެމާ ނިދީ ކިތައް ފަހަރު ކަން ގުނާ ޢަދަދެއް ނުކުރެވޭނެއެވެ. އެމާ މިހާރު ކޮބާހެއްޔެވެ؟ މަންމައާއި ބައްދަލުކުރާ ހިތުން ހިތް ތެޅިލިއެވެ.

"އިޒް......" އިރުކޮޅެއްފަހުން ނަތާލީ އިޒްޔަންގެ ފަހަތުން ބައްދާލަމުން ބުރަކަށީގައި މޫނު ޖައްސާ ބާރުކޮށްލިއެވެ. އިޒްޔަންއަށް އެހޫނުކަމުން ލިބުނީ އުދަގުލެވެ. ނަތާލީ ދުރުކޮށްލާފައި ވާރޭގެ ތެރެއަށް ނުކުންނަން ބޭނުންވިއެވެ.

 

"ޖިމް ނަފްސާނީ ޑޮކްޓަރަކަށް ދައްކަބަލަ..." ނަތާލީ އެދުނެވެ. އިޒްޔަން ހުރީ ހިމޭނުންނެވެ. އަނގައިން ބުނާހިތް ނުވެފައެވެ.

"ފޯރ ވަޓް...؟" އިޒްޔަން ނަތާލީގެ އަތް ދުރަށް ޖައްސާލިއެވެ.

"އެކުއްޖާގެ އުދަގީ ބޮޑުކަމުން ހައްދުން ނައްޓާލީމަ ހިތަށް އެރީ އެކަހަލަ މައްސަލައެއް އުޅެނީބާވައޭ.....ބައިދަވޭ އިޒް ތިހާ މޫޑީވެފައި ވާރެއަށް ބަލަން ހުންނަނީ ކަމަކާއި ގުޅުމެއް ހުރީތަ؟ "އިޒްޔަންގެ އިސްތަށިގަނޑާއި ކުޅެމުންގޮސް އެއިނގިލިތައް ތަންކޮޅެއް ތިރިއަށް ދިޔައެވެ. މޫނުގައި އޮމާން އަތްތިލައިން ފިރުމާލީ މަލެއްގައި ފިރުމާލާނެހާ ލޯބިންނެވެ. އިޒްޔަންއަށްޓަކާ އޭނަ ހާސް ޖާނުން ފިދާވެދާނެއެވެ.

ވަޓް އިފް އައި ސޭ ކޮންމެވެސް ކަމަކާއި ގުޅެމެއް އެބަހުއްޓޭ....." އިޒްޔަން ސީރިޔަސްވިތަން ފެނިފައި ނަތާލީގެ ހިތް ހިދުކޮޅަކަށް ހުއްޓޭވަރުވިއެވެ.

"އިޒް އަހަންނަށް ކަމެއް ފޮރުވަނީތަ؟ " ނަތާލީ އަހާލައިފިއެވެ. އިޒްޔަންގެ މޫޑު ކަޅުވެފައިވާވަރުން ވަށައިގެން ވާ މާހައުލެކޭ އެއްގޮތްވާން ފެށުމުން ނަތާލީ ބިރުގަނެއްޖެއެވެ.

"މަށެއް ނޫން ފޮރުވަނީ. އަމިއްލައަށް، ނަތާ ނުފޮރުވާކަމެއް އަހަންނަކަށް ނޭގޭ. ނުވެސް އަހަމެއްނު، ދެން ކީއްވެ އަބަދު އަހަންނަށް ޝައްކުކުރަނީ؟ ކީއްވެ އަބަދު ބުނަނީ ލޮލުގައި މިސްޓީރިއަސް ގޮތެއް ހުރެޔޭ... ކޮންމެ މީހެއްގެވެސް އަމިއްލަ ކަންތައްތަކެއް ހުންނާނެ، ކުދި ސިއްރުތަކުން ފެށިގެން ނުރައްކާތެރި ކަންތައްތަކާ ހަމައިގާ އެކަންތައް އޮންނާނީ........." އިޒްޔަން ވާހަކަދެއްކީ މައިތިރިވެފައެވެ. ނަމަވެސް ހިތުގައި ބުނަންނޭގޭފަދަ ތޫފާނެއް އުފެދިގެންފިއެވެ.

ނަތާލީ އެއްފަރާތަކަށް ޖެހިފައި ފޯނުގައިވާ ނަމްބަރުތައް ބަލަންފެށީ ފަރުވާތެރިކަމާއިއެކުގައެވެ.

ކޮމެންޓް 0