"އޭނަ މޮޔަވީތަ؟ އަހަންނަށް އަމުރުކުރަން އެއީ ކާކުތަ؟ މަގޭ އެއްވެސް މީހެއްނޫން، މަންމައެއް ނޫން އެއީ ޝީޒް އެ ބިޗް............." ރަނީން ހަޅޭއްލަވައިގަތެވެ. ރުޅިގަދަވެގެން ސޯފާމަތީގައި ހުރި ހުރިހާ ކުޝަންތައް ހޫރަން ފެށިއިރު އަތުން ކުރެވޭކަމެއްވެސް ނޭގުނެވެ. ދޮރު ހުޅުވާލާފައި ވަން މީހެއްގެ ފައިތިލަމަތީގައި ކުޝަން އެއް ޖެހުމުން ގުދުވެ ނަގަމުން ރަނީންގެ މޫނަށް ބަލައިލިއިރު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އިޒްޔަންގެ ތޫނުފިލި ދެލޮލުން ހައިރާންކަން ފެނިގެން ދިޔައިރު ރަނީންގެ މޫނަށް ލަދުވެތިކަމުގެ ރަތްކުލަ ވެރިވާން ސިކުންތުކޮޅެއްވެސް ނުނަގައެވެ. އިޒްޔަންގެ އެންމެ ނަޒަރަކުން ރަނީންގެ ހިތަށް ކުރުވި ވަރުގަދަ އިހުސާސަކުން އޭނަ ރުޅިއައި ސަބަބުވެސް ހަނދާން ނެތިއްޖެއެވެ. ދުއްވައިގަނެވުނީ ކޮޓަރިއާއި ދިމާލަށެވެ. ހާސްވެފައި ހުރިވަރުން ދޮރު ލައްޕާލެވުނީ ތަންކޮޅެއް ބާރަށެވެ. ދޮރުފަތް ޖަހާލިލެއް ބާރުކަމުން އެއަޑު ތަނުގައި ގުގުމައިގެން ދިޔައެވެ. އޭނަ ދޮރުފަތަށް ލެނގިލައިގެން ހުއްޓިގެން ހުރިއިރު ބޭރުން ދައްކާ ވާހަކަ ރީއްޗަށް އަޑުއިވުނެވެ.

"ޓީވީ ކަނޑާލީމަ ރަނީން ރުޅިއައީ...." އަޒީޒުވެސް އިނީ ލަދުގެންފައެވެ. މެހުމާނުންގެ ކުރިމަތީގައި ދަރިފުޅުގެ ފަރާތުން ނޭދެވޭ އެއްވެސް ކަމެއް ފެންނާކަށް އަޒީޒު ނޭދެއެވެ. ރަނީންގެ ފަރާތުން މިނޫނީ މިހާ ބޭއަދަބީކަމެއް ޚުދު އަޒީޒުވެސް ދެކެފައެއްނުވެއެވެ. ފުރާވަރު ކުދިންގެ ފަރާތުން މިފަދަ އަޚުލާގީ މައްސަލައެއް ފެނުނަސް އޭނަގެ ރަނީންއަކީ ބަސްއަހާ އަންހެންކުއްޖެކެވެ.

"އެއީ އަދި ކުޑަކުއްޖެއްވީމަ އުޅެން ބޭނުންވާނީ ހިތް އެދޭހާ ގޮތަކަށް..............." އިޒްޔަން ހީލާފައި ސޯފާގައި އިށީނދެ ކުޝަން އުނގުގައި ބޭއްވިއެވެ. މަންމަގެ ހަރުކަށިކަމުގެ ސަބަބުން ރަނީންމެންފަދަ ކުދިންނަށް އުޅޭކަށް އެހާ ފަސޭހައެއް ނުވާނެއެވެ. އިޒްޔަންވެސް އެކަމަށް ތާއީދެއްނޫނެވެ. މަންމަގެ އެކުވެރިއަކާއި ހެދި މަންމަ ދީނީގޮތުން ހައްދުފަހަނަޅާފައިވާ ހަރުކަށިމީހަކަށް ވީއެވެ. އޭނަ ދެކޭގޮތުގައި މަންމަގެ އަމުރު އެމީހުންނަށް ހިންގިޔަސް ރަނީންއަށް މަންމަގެ ބާރު ފޯރިގެން ނުވާނެއެވެ.

"މަންމައަކީ އަހަރެމެންނަށް ލެއްވި ރަޙުމަތެކޭ ބުނެވިދާނެ، ރަނީންއަށް ދުވަސްކޮޅަކުން އެކަން ވިސްނޭނެކަމުގެ އުއްމީދުގައި މިހިރީ، ރަނީން ބުރުގާ އަޅުވަންވެގެން ބުރުގާ ގަނެދިނީމަ ދެކޮޅުހެދީ، ހަމަވިސްނުން އަންނަ އުމުރަށް ދިޔައީމަ ރަނީންއަށް އެނގޭނެ މަންމަ އެބުނަނީ ރަގަޅު ވާހަކަތައްކަން، އިޒް މިހާރު މަންމަމެން އަންނަން އުޅޭނެ، އަހަރެން އަންނާނަން މިސްކިތަށް ވަދެލާފައި އިނގޭ...." އަޒީޒު ތެދުވެގެންގޮސް ދޮރު ލައްޕާލި އަޑު އިވުނެވެ. ރަނީން ގެ ރުޅިވެރިކަން އަނެއްކާވެސް ލަދުވެތިކަމުގެ އިހުސާސަށް ވުރެ ކުރި ހޯދައިފިއެވެ. އިޒްޔަންއާއި ބައްޕަވެސް އޭނަ ކުޑަކުއްޖަކަށް ހަދައިފިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ޒޯޔާއާއި ޒީކާ އާއި އޭނަ ހާދަ ތަފާތެވެ. އަދިވެސް އޭނަގެ ހަށިގަނޑު ބޮޑެއް ނޫނެވެ. ހެދުންތައް ގަޔާއި ވަކިކޮށްލުމަށްފަހު ލޯގަނޑު ކައިރީގައި ހުރެގެން ބަލައިލާފަ ރަނީން މޮޅިވެރިވިއެވެ. ކްލާސް އެހެން ކުދިން ބްރާ އަޅާއިރު އަދިވެސް އޭނަ ޕެޓީއަކުން ފުއްދާލެވެއެވެ. ކިހާ ދެރަކަމެއް ހެއްޔެވެ؟ އެކަމަކު ސްކިޕްކުރަން ފެށިފަހުން އިސްކޮޅު ދެމިލައިފިއެވެ.

ރަނީން ވައިލެޓް ޕެޓީއާއި ސޯޓްކޮޅު ލައިގެން އެނދުގައި އިށީދެލައިގެން އިރުކޮޅެއްވާން ދެން އިނެވެ. ތުންފަތުގައި ދަތްއަޅާލައިގެން އިންއިރު ބެޑްޝީޓްވަނީ އަތުތެރޭގައި ބޮނޑިވެފައެވެ. ފުންފުންކޮށް ނޭވާލަމުން ދިޔައިރު ދެލޮލުގެ އެސްފިޔަތަކުން ފޭދިގެންދާ ކަރުނަތައް ކޯފާތް މައްޗަށް ދެމިގެންފިއެވެ. އިޒްޔަންއާއި ހަތަރުކަޅި ހަމަވުމުން އޭނައަށް ހާދަ އަސަރުތަކެއް ކޮށްފިއެވެ. ހިތަށް ހާދަ އަނިޔާއެއް ވެއްޖެއެވެ. އިޒްޔަންގެ ފަރާތުން އޭނަ ހީކުރިފަދަ ލޯބީގެ އެއްވެސް އަސަރެއް ނުފެނުނެވެ. އެލޮލުގައިވީ ބީރައްޓެހިކަމެވެ. ލޯބިވެރިން ނަޒަރު އޭނަވަނީ ފިލްމުތަކުން ދަސްކޮށްފައެވެ. އިޒްޔަންގެ ބެލުމުގައި އެފަދަ އެއްވެސް އަސަރެއް އޭނައަށްޓަކާ ނެތެވެ.

"އިޒް އެދުވަސް މަތިން ހަނދާނެއްވެސް ނެތްކަން ނޭގޭ، އޭނަ އަހަންނަށް ގުޅާކަށްވެސް މަސައްކަތެއް ނުކުރޭ، ފޯނު ނަމްބަރުވެސް އެނގޭނެ، އެކަމަކުވެސް އަހަންނަށް މެސެޖެއްވެސް ކޮށްނުލި، ކިތައް ފަހަރު ފޯނަށް ބަލައިލެވުނީ، ނާޒްލީގަނޑުދެކެވެސް ހާދަ ރުޅިއެއް އާދޭ. އެހާ މޫޑީވެފައި ހުއްޓާ ދެން ލިބެން އޮތް އުފާކޮޅުވެސް ގަސްތުގައި ފޭރިގަތީ. ހުރިހާ ހަމަޖެހުމެއް ފޭރިގަންނަން އުޅެނީ، އެހެން އުފަލެއް ނުލިބޭއިރު އަހަންނަށް ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބެނީ ޓީވީ ބަލާލީމަ. އެކަންވެސް މަނާކޮށްލީ، އެނގިދާނެ، ދެން މިރޫމްގައި ޒޯޔާވެސް ނުބަހައްޓާނަން، އެކުއްޖާއާއި ހެދި އަހަރެންގެ ހުރިހާ މިނިވަންކަމެއް ގެއްލިއްޖެ..." ރަނީން ދުމެއްޖެހިހެން ތެދުވެގެން ގޮސް ޒޯޔާގެ ހުރިހާ އެއްޗެއް ދަބަހަށް ލާފައި ޕެކްކުރަންފެށިއެވެ. ޒޯޔާ ނާންނަނީސް އަވަހަށް އެއްޗެހި ބޭރުކޮށްލާފައި ދޮރު ތަޅުލާފައި މާމަގެ ގެއަށް ދާނީއެވެ.

ރަނީން އިރުކޮޅަކުން ބޭރަށް ބަލައިލިއިރު ސިޓިންރޫމުން އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ. ލިބުނު ފުރުސަތުގައި ޒޯޔާގެ ދަބަސް ދަމަމުން ގޮސް ބޭރަށް ލެވުނުއިރު މާނޭވާލެވި ގުނބު ހިލިއްޖެއެވެ. އިޒްޔަންވެސް އޭނަ އެކަނިކޮށްލާފައި ގެއިން ބޭރަށް ދިޔައީކަމަށް ވެދާނެއެވެ. އިޒްޔަންގެ ކައިރީގައި ބައްޕަ އޭނައަށް ބަލާށޭ ބުންޏަސް އަޅާލާން ރަނީންއަކީ އޭނަގެ ކާކުހެއްޔެވެ؟ އިޒްޔަން އަޅާނުލައޭ ހިތަށް އަރާފައިވެސް ރަނީންގެ ދެލޮލުން ކަރުނަ ހިލޭގޮތްވިއެވެ. އޭރު އިރުއޮއްސި އަނދިރިކަން ވެރިވާން ފަށައިފިއެވެ.

ރަނީން ފްރިޖް ހުޅުވާލާފައި ނެގި ފެންފުޅިއަކުން ކަރުތެރެއަށް އޮއްސާލުމުން ހޫނުކަން ކެނޑި ކަރުހިއްކުން ފިލުވާލަދިނެވެ. ކުއްލިއަކަށް މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވިފައި ބަލައިލިއިރު ކޮޓަރިން އިޒްޔަން ނުކުތްތަން ފެނުނެވެ. ކަޅާއި ރަތުގެ ޓީޝާޓްގައި ހުރިއިރު ހާދަ ފިރިހެންވަންތައެވެ. ފަން އިސްތަށިގަނޑު އޮތީ ތެމިފައެވެ. އެހާ ދުރުންވެސް އޭނައަށް އިޒްޔަން ބޭނުންކުރާ ސެންޓުގެ މީރުވަސް ދުވަންފެށިއެވެ. ސިއްރު ނަޒަރަކުން ބަލާލާފައި އޭނަ ކުރަން ހުރި ކަމަށް ސަމާލުކަން ދިނެވެ. ގަނޑުފެންކޮޅުތަކާއިއެކު އަނގަޔަށް އަޅަމުން ދިޔަ ފެންތައް ކަނދުރާއިން ތިރިއަށް އޮހެމުން ދިޔައިރުވެސް ރަނީންއަށް ނޭގުނެވެ. ލަދުންގޮސް ދެފައި ޖެލީކޮޅަކަށްވިއެވެ. އިޒްޔަން ގޮވާލީމަވެސް އަޑު ނީވޭކަމަށް ހަދައިގެން ހުރެފައި އޭނަ ފެންފުޅި ފްރިޖަށް ލާފައި އެނބުރުނެވެ.

އިޒްޔަން ރަނީން އާއި ސަމާސާއެއް ކޮށްލަން އުޅެފައިވެސް ޖެހިލުންވާގޮތްވިއެވެ. ކުރިން ލާނެތްކޮށް އުޅުނަސް އެދުވަސް ހަނދާންވެފައި އިޒްޔަންވެސް ސީރިޔަސްވިއެވެ.

"މިގެއިން ދާންތަ ރެޑީ ތިވަނީ؟ "ދޮރުމަތީގައި ހުރި ދަބަސް ފެނިފައި އިޒްޔަން ސުވާލުކުރިއެވެ.

"އަމް....ނޫ.....ނޫނޭ...." ރަނީން ރަކިވެގެންގޮސް އަނގަ އޮޅުނެވެ.

"ދެން ކީއްވެގެންނޯ ދަބަސް ޕެކްކޮށްފަ......" އިޒްޔަން ރަގަޅަށް ވިސްނާލުމުން އެއީ ޒޯޔާގެ ދަބަސްކަން އެނގިފައި ޖުމްލަ މެދުކަނޑާލިއެވެ. އިޒްޔަން ރަނީންގެ ރީތި އޮމާން މޫނަށް ނަޒަރު ހުއްޓާލިއެވެ. ބަލަބަލާ ހުއްޓާ އެދޮން މޫނަށް ރަތްކުލަ ފާއްދާލައިފިއެވެ. އޭނަދެކެ އިންތިހާއަށް ލޯބިވާ ނަތާލީއަށްވެސް އޭނަ ފެނުމުން މިހާ ގޮތްގޮތެއް ނުވެއެވެ. އަދި އޭނައަށް ހިތްކިޔާ ފުރާވަރުގެ ކުދިންގެ ތުއިވުމާއިވެސް ރަނީން ތަފާތެވެ. އެ މުށި ދެލޮލުން އެތައް ހާސް އަސަރުތަކެއް ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި ފެނިގެން ދިޔުމާއިއެކު އިޒްޔަންއަށް ކިތަންމެ އެއްޗެއް ވެސް ވިސްނުނެވެ. އެދެލޮލުން އޭނައަށް ފެނުނީ ލޯތްބާއި ދީވާނާ ކަމެވެ. އެހިތުގައިވާހާ އެއްޗެއް އެލޮލުން ބުނެދީފިއެވެ. ނަމަވެސް އިޒްޔަން ދެނެހުރިކަމަށް ނަހަދާ ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ.

"އިޒްޔަން. ވެއިޓް......" ރަނީންއަށް ބާރަކަށް ގޮވާލެވުނެވެ. އިޒްޔަން ބުމަ ހިއްލާލަމުން ބަލައިލި ތޫނު ގޮތަކުން ރަނީން ލަދުންގޮސް ހަދާނެ ގޮތް ހުސްވިއެވެ. ބިން ފަޅާލާފައި އަޑިޔަށް ދާނެނަމައެވެ. މީހަކު އޭނަގެ ގައިގާ މިނިތެޔޮ އުނގުޅައިގެން ނަމަވެސް ގެއްލުވާލާނެނަމައެވެ.

"އަމް.......ވެލް...." ރަނީން ވިސްނާފަދަ ގޮތަކަށް ދެލޯ ކުޑަކޮށްލަމުން ދުރަށް ބަލައިލިއެވެ.

"އެއްޗެކޭ ބުނަން ބޭނުންވަނީތަ؟ " އިޒްޔަން ސޯފާގައި އިށީދެ ފައި ދަމާލިއެވެ. ފަޔަށް ހިފާފައިވާ ޖިންސްގެ ތިރިން ފެށިގެން މައްޗާއި ހަމަޔަށް ރަނީންގެ ނަޒަރު ދަތުރުކޮށްލިއިރު ކޯތާފަތަށް ވެރިވެފައިވަނީ ފިޔާތޮށިކުލައެވެ. ހަށިގަނޑުގައިވާހާ ލޭތައް މޫނަށް ޖަމާވީފަދަ އިހުސާސެއް ރަނީންއަށް ކުރެވުނެވެ. އިޒްޔަންވެސް އެވަގުތު ރަނީންގެ މޫނަށް ބަލައިލިއިރު ސިޔާސަ ހިނިތުންވުމެއް އެތުންފަތުގައިވިހެން ހީވިއެވެ.

"ކީއްވެ ތިހެނީ.... "ރަނީންއަށް އަހާލެވުނީ ބޭ އިޚުތިޔާރުގައެވެ.

"ދެން ރޯވަރުގެ ކަމެއް ނުވެއެއްނު.." އިޒްޔަން ފޯނާއި ކުޅެންފެށިއެވެ. ރަނީންގެ ވާހަކަތަކާއި އެ ބެލުމުން އިޒްޔަންއަށް ރަނީންއާއި ސަމާސާކުރުން ރަގަޅުކަމަކަށް ނުފެނުނެވެ.

"އަހަރެން ދެކެ ރުޅިއައިސްފައިތަ؟ އިގްނޯ ތިކުރަނީ....." ރަނީން އަހާލިއެވެ.

"ކޮންކަހަލަ ސުވާލެއް ތިކުރީ؟ ރުޅިއަންނަ ވަރުގެ ކަމެއް ނުވެއެއްނު........." އިޒްޔަން ރަނީންއާއި ދިމާލަށް ބަލާނުލާ އިނދެ ވާހަކަދެއްކިއެވެ. އޭނަ ބޭނުންވީ އެދޭތެރޭގައިވާ ދުރުމިން އަދިވެސް ދުރުކޮށްލާށެވެ. ކުޑަ އަންހެންކުއްޖަކަށް ހުވަފެންތައް ދެއްކުމަކީ އަނިޔާވެރިވުމެވެ. ދޮގު އުއްމީދުތަކެއް އާކޮށްދިނުމަށްވުރެ ހަގީގަތް ހާމަކުރުމުން ރަނީންގެ ހިތަށް ލިބޭ ވޭން ދެގުނަ ކުޑަވާނެއެވެ.

"ޒޯޔާ މި ރޫމުން ނެރެލީމަ....." ރަނީން އަނގަޔަށް ގޮތެއް ހަދައިލިއެވެ.

"ކީއްވެ ޒޯޔާ ނެރެލީ؟ އެކަމާ އަހަރެން ރުޅި އަންނަން ޖެހޭތަ؟" އިޒްޔަން ސުވާލުކުރިއެވެ.

"އޭނަ އުޅޭ ވައްތަރަކުން ހަމަ ފޫހިވަނީ....." ރަނީން ހުރީ އިޒްޔަންއާއި ވާހަކަ ދައްކަން އިންތިހާއަށް ބޭނުންވެފައެވެ. އިޒްޔަން ފުރާ ދުވަސް ކައިރިވަމުން ދާތީ މިފަދަ ފުރުސަތުތައް ލިބޭލެއް ދެން މަދުވާނެއެވެ. ދިމާނުވުންވެސް އެކަށީގެންވެއެވެ. އެހެންވެ އިޒްޔަން ލައްވާ ސަމާސާއެއް ކުރުވާހިތްވެސް ވެއެވެ.

"ކޮފީއެއް ހަދާދެންތަ؟ "ރަނީން މޭޒުމަތީގައި ހުރި ޗިޕްސްދަޅު ކަނޑާލައިގެން ކާންފެށިއެވެ.

"ނޯ ތޭންކްސް..." އިޒްޔަންގެ އަޑުގައި ސަމާސާގެ އެއްވެސް ކުލަވަރެއްނެތެވެ. އެދެމީހުންގެ ދެމެދުގައި އެހާ ގާތްގުޅުމެއް އޮވެފައި އިޒްޔަން ބީރައްޓެއްސެއްގެ ގޮތުގައި އުޅޭތަން ފެނިފައި ރަނީންގެ ޅަހިތް ޝަކުވާއިން ފުރުނެވެ. ރަނީން ސިއްރު ނަޒަރަކުން ބަލައިލިއިރު އިޒްޔަން އެހާ ބާރަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.

"ހީޒް ބްރޭކިން މައި ހާޓް، ކުރެވުނު ވަރު ކުޑައީތަ؟ ފޮނިވެސް ފިރިހެނެއް ހަމަ، އަހަންނާއި އެކު ކުރިކަމެއް ކުރީ ހުވަފެނެއްގައިތަ؟ ކަމެއްކުރި ކަމަކަށްވެސް ނެހެދުނު..ގޯޑް ކީއްވެތަ އޭނަ އެހާވަރަށް އަހަރެން އިގްނޯ ކުރަނީ، ހާޓްވާވަރު އިޒްއަށް ނޭގެނީތަ؟ މިހިތް އެދެނީ އެކަނި އިޒްއަށް، އެކަމަކު..........." ރަނީން ދެރަވީވަރަށް ރުޅިވެސް ގަދަވިއެވެ. މޭޒުގައި ދެއަތުން ހިފާ ހަލުވައިގަތެވެ. ނުހުރެވިގެން ހުރިހާ ކުޝަންތައް އެތަން މިތަނަށް އެއްލާލާފައި ސިޓިން ރޫމް އެފުށް މިފުށަށް ޖަހާލައިފިއެވެ. ކޮންމެ ކަމެއްކުރިޔަސް އިޒްޔަންއަކާއި ބެހޭކަމެއް ހެއްޔެވެ؟ ގެ ބޮލަށް ވައްޓާލިޔަސް އޭނައަށް އެނގުމެއް ނުވާނެއެވެ. ރަނީން ކެތްނުވެގެން ގޮސް ދޮރު ހުޅުވާލާފައި ބަލައިލިއިރު ފެނުނު މަންޒަރަކުން އަދި ހިތް ހަލާކުވާވަރުވިއެވެ. އިޒްޔަން އޮތީ ހެޑްސެޓް ކަންފަތުގައި އަޅާލައިގެން ދެލޯ މަރާލައިގެންނެވެ. އެއްފައި މައްޗަށް އަނެއް ފައި އަރުވާލައިގެން ކުޑަކޮށް ހަލުވާލަން އޮތްއިރު އެތާ ކައިރީގައި ގޮދަޑިމަތީގައި އޮށޯންނަން ރަނީންގެ ހިތް އާދޭސްކުރިއެވެ.

"ގަޓް ހުރިއްޔާ ކުރަންވީ، އެކަމަކު ނުވެސް ކެރޭނެ....." ރަނީން މަޑުމަޑުން ދޮރު ލައްޕާލާފައި ފަހަތަށް ދެމިގަތެވެ.

ރަނީން ކޮޓަރިއަށް ވަދެފައި އޭނަގެ ހިމަ ދިގު ދެފަޔަށް ބަލާލާފައި ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. އިޒްޔަންގެ ކުރިމަތީގައި އޭނަ އުޅުނީ ބަނޑުވެސް ނިވާނުވާވަރުގެ ޓޮޕްކޮޅެއްލައިގެން ގައި އިޝްތިހާރުކޮށްލައިގެންނެވެ. އިޒްޔަންގެ ކުރިމަތީގައި އެހާ ނިވާކަން ކުޑަގޮތަކަށް ހެދުން އަޅައިގެން ހުރިކަމެއް އޭރު ހިތަކަށް ނޭރިއެވެ.

އިރުގަނޑެއް ނުވަނީސް އެންމެން ހޭލަމޭލަ އުޅޭ އަޑު އިވެން ފަށައިފިއެވެ. ތިމާގެ ކުއްޖަކު މަރުވެގެން އެގެއަށް ދިޔަމީހުން އަދި ކިރިޔާ އައީއެވެ. ރަނީން އަބަދުވެސް މަރުވެދާނެތީ ބިރުގަނެ ހާސްވެއެވެ. މީހަކު މަރުވެގެން އުޅޭތަނަކަށް ދިޔުމަށްވުރެ ފަޅުރަށެއްގައި އެކަނި އުޅެންވެސް އޭނައަށް ކެރޭނެއެވެ. ކޮޓަރީގައި ތަޅަ ތަޅާފައި ޒޯޔާ މާވަރަކަށް ގޮވާ އަޑު އިވުނަސް އޭނަ ކަންފަތަށް އިވުނު ކަމަކަށް ނެހެދިއެވެ.

"ނިންނި، މިއީ ކޮންކަމެއްތަ؟ ދޮރު ހުޅުވަބަލަ. ޕްލީޒް...." ޒޯޔާ އާދޭސްކުރަން ފެށިއެވެ.

ރަނީން ދޮރު ނުހުޅުވާނެކަން ޔަގީންކުރެވި ނާޒްލީ ޒޯޔާ ކައިރީ އެދުނީ މާމަމެން ކޮޓަރިއަށް ބަދަލުވުމަށެވެ. އިޒްޔަން ފުރަންދެން ސޯފާގައި އޮވެވިދާނެއެވެ. އެކަހަލަ ޚިޔާލެއްކުރާއިރު އެއީ އަދި ނާޒްލީ އެންމެ ތާއީދުކުރާ ކަމެއް ނޫނެވެ. އަމިއްލަ ދަރި ކަމުގައި ވިޔަސް ކުރިމަތީގައި ހުރި ކޮޓަރީގައި ރަނީން އޮތްހާ ހިނދަކު އޭނަގެ ލޮލަކަށް ނިންޖެއް ނާންނާނެއެވެ. ސޯފާގައި އޮތުމަކީ އަދި އިޒްޔަންއަށް އުދަގޫ ކަމަކަށް ނުވެ ހިނގައިދާނެއެވެ. ހިތަށް އެރިއްޔާ އެކުވެރިންނާއި އެކު އެހެން އެޕާޓްމެންޓެއްގައި އުޅުނަސް ނާޒްލީ އަމިއްލައަށް އެދިގެން އެހެން ބުނެފިއްޔާ އިޒްޔަން ޚިޔާލު ބަދަލުކޮށްފައި ސޯފާގައި ނިދަން މާ ފަސޭހައޭވެސް ބުނެފާނެއެވެ. ރަނީން ރުޅިގަދަވީ ޓީވީއަށް ލާރި ނުދައްކައިގެން ކަން އަޒީޒުގެ ފަރާތުން އެނގުނެވެ. އެގޮތަށް ބޮޑާ ހޭކިޔަސް ރޯދައަށް ކޮންމެހެން ޓީވީ ދެއްކުން މުހިއްމު ކަމަކަށް ނާޒްލީއަކަށް ނުވިއެވެ.

އިޒްޔަން ބިލިއާޑް ކުޅެން އުޅުނުއިރު މިއަދު އެއްގޮތަކަށްވެސް އެކަމާއި މާ ގަޔާވާގޮތެއް ނުވިއެވެ. އެއޮތް މޮޅަށް ކުޅޭ ޒުވާނާ ފޮނުވާލާ ހުރިހާ ބޯޅަތައް ދިޔައީ ހުހަށެވެ. އެންމެފަހުން ދަނޑި އެއްލާލާފައި ބޭރަށް ނުކުތްއިރު ހެޔޮވަރަކަށް ވައިޖެހެމުން ދިޔައެވެ. ބޭބީގާލްގެ މެސެޖްތައް މެދުކެނޑުމެއްނެތި ލިބުނެވެ. މޮޔަވެގެން އުޅޭ ކުއްޖެއް ހެއްޔެވެ؟ އެމެސެޖް ލިބެމުން ދަނިކޮށް ރަނީން ވައިބަރ ކުރަންފެށިއެވެ.

"އިޒް. ކޮންތާކު ތިއުޅެނީ؟ "

"އެއީ ކީއްކުރަންތަ؟ "

"އިޒް މިރޭ ނިދާނެ ތަނެއް ނެތީމަ ހިތަށް އެރީ ބުނެލާނީއޭ...... "

"ހޫމް....ރަނީން ޒޯޔާ ނެރެލީމަ ދެން އަހަރެން ޖެހޭނީ މިރޭ ޕޭވްމެންޓްމަތީގައި ނިދާކަށްނު...."

"ގޮދަޑީގައި ނިދާ މީހަކަށް ސޯފާ މާ އަރާމުވާނެ، ސްލީޕް އޮން ދަ ސޯފާ އިޒް.."

"މްމްމް....."

"ކީއްވެ އަހަރެން އިގްނޯކޮށްފައި ދުރުގައި ތިހުންނަނީ؟ "

"ވަޓް؟ ހުރިހާ ކަމެއްކޮށްފައޭ؟

"ހަނދާނެއްނުވޭތަ؟ ޕްލީޒް ޑޯންޓް ޑޫ ދިސް ޓު މީ، ހިތްހަލާކުވާވަރުވޭ، އިޒްމެރީ ކުރީމަ އަހަންނަށް ވާނެ ގޮތެއް ވިސްނަބަލަ، ޕްލީޒް މެރީ ނުކުރޭ އެހެން މީހަކާ......"

"ސޮރީ ރަނީން......"

"އިޒް، އައި ލަވް ޔޫ......"

"ކީކޭ؟ ލަވް އޭ؟ ވަޓް ދަ ........"

"އިޒް، އެހެން މީހަކާއި މެރީކޮށްފިއްޔާ އަހަރެން މަރުވެދާނެ. އެހެން މީހަކާއި ނީންނާނަމޭ ބުނެބަލަ، އަހަންނަށްޓަކާ ވެއިޓްކޮށްދޭނަމޭ ބުނެބަލަ، އެހެންނޫނީ މިހިތަށް ހަމަޖެހުމެއް ނުލިބޭނެ. އަހަންނަށް އެނގޭ އިޒް ބުނާނެކަން ކުޑަކުއްޖެކޭ އެކަމަކު އަހަންނަށް އިންތިޒާރުކޮށްދީ. އައި ބެގް ޔޫ......." ރަނީންގެ އާދޭހުގެ ޖުމްލަތަކުން އިޒްޔަން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އޭނައާއި ރަނީން އާއި ދޭތެރޭގައި ގުޅުމެއް ހިނގިޔޭ ކިޔާފައި އޭނަ އަދި ރަނީންގެ އިންތިޒާރުގައި ހުންނާކަށް ނުޖެހޭނެއެވެ. އޭނައާއި ބަލާއިރު ރަނީންއަކީ ކުޑަކުއްޖެއްކަން ވިސްނާނުލަނީ ހެއްޔެވެ؟

"ކޮންތާކު ތިހިރީ؟ އަހަރެން ބޭނުމީ ފޭސް ޓު ފޭސް ރަނީންއާއި ވާހަކަ ދައްކާލަން......" އިޒްޔަންގެ އެހުށަހެޅުމާއި ރަނީން ވަގުތުން ދެކޮޅުހެދިއެވެ. އޭނައަކަށް އިޒްޔަންގެ ކުރިމައްޗަށް ދާކަށް ނުކެރޭނެއެވެ. ރަނީން ހާސްކަމާއިއެކު ފޯނުގެ ޗާޖްދަނީއޭ ކިޔާފައި ފޯނު ކަނޑާލީ އިޒްޔަންއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީއެވެ.

އިޒްޔަން ސައިކަލް މަތީގައި އިށީންދެލައިގެން އިންއިރު މޫނުމަތިން ސީރިޔަސްކަން ފާޅުވާން ހުއްޓެވެ. އެވަގުތުވެސް އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ. ކުޑަކުއްޖަކަށް އަރާމާއި ލައްޒަތަކީ ކޮބާކަން ދަސްކޮށްދިނުމުން ވާންވީގޮތަށް ވީއެވެ. އެކަމުން ބޯދަމައިގަންނަންވީ ގޮތެއް އިޒްޔަންއަކަށް ނުވިސްނުނެވެ. ރަނީން އެގޮތަށް އޭނައަށް މެސެޖްކޮށްފާނެކަމަކަށް އިޒްޔަން ފަހަރެއްގައިވެސް ހީކޮށްފައެއްނެތެވެ. އެހާ ލަދުން ޅަކޮށް އުޅޭ އަންހެންކުއްޖެކެވެ. އެވަރު ކުއްޖަކަށް އެހާ ކެރިދާނެކަމަށް ހީނުކުރެވުނީއެވެ. ބަލާލިޔަސް ވިރިގެން ގަނޑުފެނަށް ވެދާނެހެން ހީވާ ކިތަންމެ ފަހަރު އާދެއެވެ. މޫނަށް އެއޮތް އަރާ ޖަންބުކުލައެކެވެ. ރަކިގޮތަކަށް ހީލާއިރުވެސް އެހާ ލޯތްބެވެ. ކުޑަކުއްޖަކަށްވިޔަސް އޭނަދެކެ ލޯބިވާން ފެށީހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެއީ އަދި ލޯތްބެއްނޫނެވެ. ކުޑަކުއްޖަކަށް މީހަކު ދެކެ އެހާ ވަރުގަދަ ލޯތްބެއް ނުވެވޭނެއެވެ. ވަކި އުމުރަކަށް ދިޔުމުން ރަނީންގެ ހިތުން އިޒްޔަންގެ ނަން ފިލައިގެން ހިނގައިދާނެއެވެ.

"މީހެއްގެ ހުރި ޅަދަރިއަކު ހަލާކުކޮށްލުމުގެ ޒިންމާ އަހަރެން އުފުލަން ޖެހުނީ ތަ؟ ސައިކިއޭޓްރިސްޓަކަށް ދައްކަންވީކަން ނޭގޭ، އޭރުން ފަހަރެއްގައި އޭނަ ރަނީން ހަމަޔަކަށް އަޅުވަފާނެ......" އިޒްޔަންގެ ސިކުނޑި ހަލަބޮލިކޮށްލީ ތަފާތު ޚިޔާލުތަކުންނެވެ.

އިޒްޔަން އެޕާޓްމެންޓަށް ވަންއިރު އިވެމުން ދިޔައީ ޤުރުއާންގެ ހިތްގައިމު އަޑެވެ. އިޒްޔަންގެ ގައިން ހީބިހި ނަގާގޮތްވީ ޤާރީގެ އަސަރުގަދަ ރާގުންނެވެ. މަޑުމައިތިރިކަމުންނެވެ. ސިޓިންރޫމްގައި ދިއްލާލާފައިވާ އުއްބައްތީގެ ސަބަބުން ގޭގައި ކަރަންޓްނެތްކަން އިޒްޔަން ދެނެގަތެވެ. އުއްބައްތީގެ އޮރެންޖް އަލީގެ ތެރެއިން އޭނައަށް ފެނުނީ އޭނަގެ އިންތިޒާރުގައި ސޯފާގައި އިށީދެލައިގެން އިން މަންމައެވެ.

"މަންމާ. އެންމެން ނިދީތަ؟" އިޒްޔަން ކުރިމަތީގައި ހުރި ސޯފާގައި އިށީނެވެ.

"އިޒްޔަން މިރޭ ނިދާނެ ތަނެއް ހަމަޖައްސަންވީނު، ޒޯޔާ މާމަމެން ކައިރީގައި އޮންނާނީ. އެކަމާ މަންމަ މިވިސްނަނީ......" ނާޒްލީ ފޯނު އޮފްކޮށްލުމުން ފުން ހިމޭންކަމެއް ވެރިވެގެން ދިޔައެވެ.

"ސޯފާ ކިހިނެއްވާނެ؟ "އިޒްޔަން ހުރީ ބޭރަށް ދާކަހަލަ ޚިޔާލެއްގައެއް ނޫނެވެ. ދާން ޖެހޭނީ ނަތާލީގެ ކައިރިއަށެވެ. އޭރުން ފާފައިގެ މައްޗަށް ފާފަ އިތުރުވުން ނޫންކަމެއް ނުވާނެއެވެ. ނިދާނެ ތަނެއްގެ ވާހަކަ ދައްކަމުންގޮސް ކުއްލިއަކަށް އިޒްޔަން ފެށި ވާހަކައަކުން ނާޒްލީގެ ސިކުނޑީގައި ތޫފާނެއް އުފެދުނެވެ.

"މަންމާ. އަހަރެން އިންނަން އުޅެނީ ނަތާލީއާ. ނަތާލީ އާއި މަންމަ ބައްދަލުކުރުމުގެ ކުރިން ނަތާލީއަކީ ކާކުކަން މަންމަށް އެނގެންވާނެ ދޯ، އަހަންނަށްވުރެ ނަތާލީ ތަންކޮޅެއް އުމުރުން ދޮށިވާނެ، ބަޓް އެއީ އަހަންނަށް މައްސަލައެއްނޫން...މިއީ އޭނަގެ ފޮޓޯ...." އިޒްޔަން އޭނައާއި ނަތާލީ އެކީގައި ނަގާފައި ހުރި ސެލްފީއެއް ދެއްކުމުން ސިހިފައި ޔަގީންކުރުމުގެ ގޮތުން ފޯނު އަތުލާފައިވެސް ބަލައިލެވުނެވެ. ނާޒްލީގެ މޫނުމަތީގައި ކުދިކޮކާތައް ބުރައިގެން ދިޔަހެން ހީވިއެވެ. މިއީ ހަމަ އެ ނަތާލީއެވެ. އެ ބުޅި އިސްތަށިގަނޑެވެ. ތުންފަތުގެ މަތީގައި އިން ކަޅުތިލައަކީ ނަތާލީކަން އަންގައިދިން ސިފައެކެވެ.

"ސުބުހާނަﷲ، މީނައާއިތަ އިޒްޔަން އިންނަން އުޅެނީ...." ނާޒްލީގެ އަޑު ގޭތެރޭގެ ހިމޭންކަމުގެ ތެރޭގައި ގުގުމާލިއެވެ.

"ކިހިނެއްވީތަ މަންމާ...." އިޒްޔަން އިސްޖަހާލައިގެން ފޯނާއި ކުޅެކުޅެއިނެވެ.

"އިޒްޔަންގެ މަންމަގެ އުމުރުގެ މީހަކާއިތަ އިންނަން ތިއުޅެނީ؟ މިއީ ކާކުކަން އެނގޭނަމަ އިޒްޔަން މި އަންހެނާއާއި ކައިރިއެއްވެސް ނުވާނެ، އެލަދުކުޑަ އަންހެނާގެ ވާހަކަ އިޒްޔަންގެ ކައިރީގައި ދައްކާކަށް މަންމައަށް ފަސޭހައެއްނޫން، އެކަމަކު އިޒްޔަން ދުވަހަކު ކޮޅުންވެސް މަންމައަށް ކަމެއްކޮށްދެންޏާ މި އަންހެންމީހާއާއި ވަކިވޭ، ނޫނީ ދުވަހަކު އިޒްޔަންއަށް މިމަންމަގެ ހިތް ހެވެއްނުވާނެ....." ނާޒްލީގެ ޖުމްލަތަކުން އިޒްޔަން އިސްއުފުލައިލިއިރު އެރީތި ދެލޮލުން ފެނިގެން ދިޔައީ ހައިރާންކަމުގެ ކުލަވަރެވެ. ކަޅުކަންގަދަ ބުމައިގެ ތިރިން އެފެންނަ މުށިކުލައިގެ ރީތި ދެލޮލުގެ ތޫނު ފިލިކަމާއި ކަޅިރަވައިގެ ރީތިކަމުން މީހެއްހެ ހަނދާންތައް އާވުން ނޫންކަމެއް ނުވިއެވެ.

"މަންމާ....އެކަމަކު..." އިޒްޔަން އެއްޗެކޭ ބުނަން އުޅުނެވެ. ބެލްކަނީގެ ދޮރު ރަގަޅަށް ނުލައްޕާ ހުރުމުން އައި ބާރު ވައިރޯޅިއަކާއިއެކު އުއްބައްތީގެ ހުޅުކޮޅު ނިވުނެވެ. ޒޯޔާ ތުއިގޮތަކަށް ހަޅޭއްލަވަމުން ނުކުމެގެން އައިގޮތަށް އިޒްޔަންގެ އުނގަށް ޖެހިގަތީ އެވަގުތުއެވެ.

ކޮމެންޓް 0