އިޒްޔަން އަނދިރި ގޯޅިގަނޑުގެ ތެރެއިން ހިނގާލާފައި ދިޔައީ ޖީބަށް އަތް ޖަހާލައިގެން ހުރެއެވެ. ވިއްސާރަވެފައި ބޮކީގެ އަލި ފަނޑުކަމުން އޭނަ ނުދަންނަ މީހަކަށް އެއީ ކާކުކަން އެނގޭވަރެއްނޫނެވެ. އަޅާފައި ހުރި ތޮފި ތަންކޮޅެއް ތިރިކޮށްލައިގެން ހުރެ އިސްއުފުލާލައިގެން ހުރެ ދުރުދުރުގައި ފިޔަވަޅު އަޅަމުން ދިޔައެވެ. އެރީތި ދެލޮލުން ކޮންމެވެސް ވަރަކަށް ނުތަނަވަސްކަމެއް ފެނުނެވެ. އުމުރުން ފަންސަވީސް އަހަރުވީއިރުވެސް އޭނައަށް މިއަނދިރިގަނޑުން ނޭރިގެން މިއުޅެނީ ކީއްވެބާވައޭ މިއަދު އަމިއްލަ ނަފުސާއި ސުވާލުކުރަން ޖެހިފައިވެއެވެ. މީހުންގެ ކުރިމަތީގައި ގަދަރުހުރި މީހެއްގެ ގޮތުގައި އުޅެން މިހާރު އިޒްޔަން އިންތިހާއަށް ބޭނުމެވެ. ރީތިކޮށް ހަދާފައިވާ ގެއަކާއި އަރާ ހަމަވެފައި އިޒްޔަން ފޯނު ނަގާފައި ނަމްބަރަކަށް ގުޅާލިއިރަށް އެމީހަކު ހުރީ އިންތިޒާރުގައެވެ.

"ވަންނަން ވީ ތަ؟ " އިޒްޔަން އަހާލައިފިއެވެ.

އިޒްޔަންގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވެރިވިއެވެ. އޭރު ބޮކިތައް ނިވާލާފައިވާ ބެލްކަންޏަށް ވެރިވެފައިވާ ހަނދުވަރުގެ ރިހިއަލީގައި މީހެއްގެ ދެލޯ އޭނަގެ މައްޗަށް ހުއްޓިފައިވެއެވެ. ވާރޭގެ ތިކިތައް އިޒްޔަންއަށް ހަމަލާދިނީ އިޝާރަތަކާއި ނުލައެވެ. އަވަހަށް ދުވެލާފައިގޮސް ގޭގެ އަސްކަނިން ހިޔާވަހިކަން ހޯދުނުއިރު އޭނަގެ އިސްތަށިގަނޑު ތެމި އަރްމާނީ ކޯޑުގެ މީރުވަސް އިތުރަށް ގަދަވިއެވެ. ހިއްސުތަކާއި ކުޅެލާފަދަ ހިތްގައިމު ވަހެކެވެ. އިޒްޔަން ފިނިވެފައިވާ ދެއަތްތިލަ ޖިންސްގެ ޖީބަށް ޖަހާލިތަނާ ކޮންމެވެސް މީހަކު ފަހަތުން އައިސް އެމެދުހަށީގައި ބައްދާލިއެވެ. އެމީހަކުގެ ހިތުގެ ތެޅުމުގެ އަޑު އިޒްޔަންއަށް އިހުސާސްކުރެވޭހާ ކައިރިވެލިއެވެ. އިޒްޔަން އަދިވެސް ހުރީ ހަރަކާތެއްކޮށްލަން ބޭނުންނުވެފައެވެ. އެމީހެއްގެ އެއް އަތްތިލަ އިޒްޔަންގެ ޖިންސްގެ ޖީބާއި ދިމާލަށް ދިޔައެވެ.

"އިޒްނައަށް އެދެނީ ވެމްޕަޔަރުން....."

"ނޭގެއެއްނު މިއީ ވެމްޕަޔަރެއްނޫން ކަމެއްވެސް......."

"މިރޭ ހާދަ މަޑުން........"

"އޭމް އައި؟ "

"މްމްމް ޔޫ ސްމެލް ގުޑް......"

"ރަހަވެސް އެހާ ރަގަޅުވާނެ.......އެކަމަކު އައިމް ނޮޓް މައިސެލްފް، ނޭގޭ ވެގެން މިއުޅޭގޮތެއްވެސް..."

"މޫޑުރަގަޅުކުރާނެގޮތް އަހަންނަށް އެނގޭ..."

އިޒްޔަންހުރީ ނުތަނަވަސްވެފައެވެ. ޗުއްޓީގައި މިފަހަރު މާލެއައުމަށްފަހު އޭނަގެ ތަބީއަތު އެހާ ރަގަޅެއްނޫނެވެ. އާއިލާއެއްގެ ގޮތުގައި މާމަ، މަންމަ އަދި ކޮއްކޮމެން އުޅުމުގެ ހުވަފެން ދެކެމުން އައިސް އެޕާޓްމެންޓެއް ލިބޭ ހިސާބަށް އާދެވުނުއިރު މަންމަ އެހެން ދިރިއުޅުމެއް ޚިޔާރުކޮށްފިއެވެ. ބައްޕަގެ ވާހަކަ ދެއްކުމުގެ މާނައެއްވެސް ނެތެވެ. އެހެން ހިތަށް އެރުވިޔަސް އޭނަގެ ހިތަށް އަސަރުކުރެއެވެ. އަޒީޒުވެސް އޭނަގެ ގެދޫކޮށްލާފައި އައިސް އިޒްޔަންގެ ތަނެއްގައި ނުހުންނާނެއެވެ. އެއީވެސް ގޮތުގައި ހުންނަ ފިރިހެނެކެވެ. މިފަހަކަށް އައިސް ކަންތައްވާން މިފެށީ އިޒްޔަން އެންމެ ހިތްއެދޭގޮތަކަށް ނޫނެވެ. ކިޔަވައިގެން އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން އެހެންމީހުންގެ އެހީއަށް އޭނަ ބޭނުންވެފައިވެއެވެ. އެކަން ކުރެވޭނެ މަގު ފަސޭހަވެގެން އައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އިޒްޔަން މިވީހާތަނަށް އުޅެމުން އައިސްފައިވަނީ އެވަރުގެ ޒުވާނަކާއި ބަލާއިރު އަރާމު ދިރިއުޅުމެކެވެ.

ރަނީން ފެންވަރާލައިގެން ގައިގާ ތުވާލި އޮޅާލައިގެން ހުރެ ހެދުން އަލަމާރި ހުޅުވާލައިފިއެވެ. އޭނަ ހުންނަނީ ހުރިހާ ކުލަތަކެއްގެ ހެދުންތައް ހަމަކޮށްފައެވެ. ހެދުންތައް އަޅުވާފައި ހުންނަނީވެސް ކުލަތައް ވަކިންނެވެ. އޭނަ ސާފުތާހިރުކަމާއި ތަރުތީބުކުރުމަށް އިންތިހާއަށް ލޯބިކުރެއެވެ. ބައެއްފަހަރު ކަންނެތްވިޔަސް އެހެން މީހަކު ލައްވާވެސް ކޮޓަރީގެ ހުރިހާކަމެއް ފުރިހަމަނުކޮށް ހުންނަ ޒާތުގެ ކުއްޖެއްނޫންކަން ކޮޓަރިއަށް ބަލާލިޔަސް އެނގޭނެއެވެ. އިޒްޔަން މިގެއަށް އައިފަހުން އޭނަ މީރުވަސްދުވާ ސެންޓާއި ލޯޝަން ކްރީމްފަދަ ތަކެއްޗާއި ނުލާ ނޫޅެވެއެވެ. ދެއިރު ފެންވަރާލައިގެން ޑިއޯގެ އިތުރުން ސެންޓްޖަހައިގެން ތާޒާވެލުމުން ނޫނީ ހިތްހަމައެއްނުޖެހެއެވެ.

"ކޮންތާކަށް ތިދަނީ؟ "ނާޒްލީ ޤުރުއާން ކިޔަވަން އިންދާ ރަނީން ރީތިވެލައިގެން ނުކުތްތަން ފެނިފައި އަހާލިއެވެ. ކައިރީގައި ހުރި ފިހާރައަކަށް ސުޕާރީ ޕެކެޓެއް ގަންނަން ދިޔަސް ރަނީންދަނީ ވަރުގެ ކޮޅަށް ނަލަހެދި މީރުވަސް ދުއްވާލައިގެންނެވެ.

"ޒީކްއާއިއެކު ބީޗަށް......" ރަނީން ބޫޓު ކިބަ ފަޔަށް ލައްވަންހުރިއިރުވެސް ހުރީ އަމިއްލަ ޚިޔާލަކަށް ގެއްލިފައެވެ. ރޭހަތަރުދަމު އިޒްޔަންގެ އިންތިޒާރުގައި ހޭލާއިންއިރުވެސް ޚަބަރެއްވީއެއް ނޫނެވެ. މިއަދުވެސް މުޅި ދުވަހު ކަމެއްކޮށްލާހިތެއްނުވެ އޭނަ އޮތްއިރުވެސް އިޒްޔަންގެ ހާލު ބުނެދޭނެ މީހެއްނުވިއެވެ. ދޮންމަންމަ ކައިރިން އަހަން ކިތަންމެ ފަހަރަކު އަނގަ ހުޅުވާލާފައިވެސް ދޫ ތަޅުލެވުނީއެވެ. އެންމެފަހުން ކެތްނުވެގެން ޒީކާގެ ކައިރީގައި ހިތް ބަންޑުންކޮށްލަންވެގެން ބައްދަލުކުރަން ދަނީއެވެ.

"އިރުއޮއްސެންވާއިރަށް އަންނައްޗޭ، މީހަކު ކިތަންމެ ބުންޏަސް ކާރަކަށްވެސް އަރައިގެން ނުވާނެ ނިންނި، ވާރޭބޯވެގެން ސަލާމަތް ނުވެގެން ހިނގާފައި އުޅެން ޖެހުނަސް އެކަނި ތަނަކަށް ވަދެގެން ނުވާނެ، ރޭޕްކުރުމާއި ގޯނާކުރުން ހައްދުފަހަނަޅާފައި އޮތީމަ ނާޒްދައްތަ މިވާހަކަ މިދައްކަނީ...." ނާޒްލީގެ ޖުމްލައިން ރަނީންގެ ކޮލަށް ރަތްކުލަ ވެރިވެގެން ދިޔައެވެ.

"އޯކޭ.......ވިލް ބީ ބެކް އެޓް ސިކްސް...." ރަނީން އަވަހަށް ދަބަސް ކޮނޑުގައި އަޅުވައިގެން ނުކުތެވެ. ރަނީން އާއިމެދު ހާސްވިވަރުން އަޒީޒުއާއި އެވާހަކަދެއްކިޔަސް އަޒީޒު ރަނީންއަށް އިތުބާރުކުރަނީ މާ ވަރަކަށެވެ. ދަރިފުޅު ގޯސްމަގަކުން ހިނގައިދާނެކަމަކަށް ބައްޕައަކު ގަބޫލެއްނުކުރާނެއެވެ. އެހެންވެ ހިތަށް ކެތްނުވެގެން ނާޒްލީ އިޒްޔަންއަށްވެސް ގުޅިއެވެ. އިޒްޔަން އުޅުނީ ރައްޓެއްސަކާއިއެކުގައި ކަމުގައި ވިޔަސް ރަނީން އުޅޭގޮތް ބަލާދޭނެކަމުގައި ވައުދުވިއެވެ. އަޒީޒުގެ ގޭގައި ޗުއްޓީ ހޭދަކުރަން ބުނެފައިވެސް އިޒްޔަން ދުވާލާއި ރޭގަނޑު އެއުޅެނީ ކޮން ބަޔަކާއެކުކަން ދެނެގަންނަން ނާޒްލީވެސް ބޭނުމެވެ. އެހާވަރު ރައްޓެއްސަކަށް އެއުޅެނީ ކާކުހެއްޔެވެ؟ އިޒްޔަން ގޯސް މަގަކުން ގޮސްދާނެކަމަށްޓަކާ ޑްރަގާއި ކައިރިނުވާން ކިތަންމެ ފަހަރަކު ނާޒްލީވަނީ ނަސޭހަތް ތެރިވެފައެވެ. އިޒްޔަން ބުނާނީ އޭނައަކީ މޮޔައެއްނޫން ކަމަށެވެ. މަންމަ އޭނައާއިމެދު ނުވިސްނުމަށެވެ.

ރަނީން އާއި ޒީކާ ސެންޓް ފިހާރައަކަށް ވަނީ ވާރެއިން ސަލާމަތްވުމަށެވެ. ސެންޓް ސާމްޕަލްތަކުން ވަސް ބަލަބަލާފައި ރަނީން ހިތްއެދުނީ އަރްމާނީ ކޯޑް ފުޅިއަކަށެވެ. ޒީކާ ސުވާލުކުރުމުން ރަނީން ބުނީ އެންމެ ރުހޭ ފިރިހެންކުއްޖާ ކައިރިވެލުމުން އަރްމާނީ މަތިން ހަނދާންވާކަމުގައެވެ. ރަނީން އިޒްޔަންއާއި ރައްޓެހިކަމަށްބުނެ ފޮނިކަނޑަން ފެށިފަހުން ޒީކާ ދިމާކުރާވަރުން ރަނީން ހުންނަނީ އެކަން ފަޅާއަރާފާނެތީ ހާސްވެފައެވެ. އިޒްޔަންގެ ކަންފަތާއި ހަމަޔަށް މިވާހަކަ ފޯރައިފިއްޔާ ދޭނެ އަދަބެއް އެނގެނީއެއްނޫނެވެ. އިޒްޔަންގެ ވޮލެޓް ފޮރުވައިގެން އުޅުނުކަން އެނގިއްޖެއްޔާވެސް އިޒްޔަން އޭނައަށް ހަދާނެގޮތެއްނޭގެއެވެ.

"އޭނަގެ ގައިގާ ވަސްބަލަންފެށީތަ؟ " ޒީކާ ރަނީންގެ ގައިގާ ކޮށްޓާލިއެވެ.

"ސާބަހޭ ޒީކް ގަނޑާ......." ރަނީން ހިނިއައެވެ.

"ދެން ދެމީހުން ކޮންކަމެއް ކުރަނީ؟ ދޮނެއް ދިންތަ؟" ޒީކާ ކުޑަކޮށް ހަސަދަވެރިވާގޮތްވި ނަމަވެސް އޭނަ އެކަމެއް ނާންގައެވެ. ރަނީން ޗޮކްލެޓް، ޗިޕްސްފަދަ އެއްޗެހި ކައިފާ އުޅޭއިރުވެސް ޖެނެޓިކްގެ ދީލަތިކަމުން ސަރުބީގެ އެއްވެސް އަސަރެއްނެތެވެ. އޭގެ ބަދަލުގައި އޭނަގެ ގައިގާ ފިތްފިތަށް މަސްތަށް ނުކުންނަން ފަށައިފިއެވެ. ގަވާއިދުން މައްސަރު ކަންތައް ނުޖެހުމުން ޑޮކްޓަރަށް ދެއްކުމުން ބުނީ ކަސްރަތުކުރުމަށާއި ކެއުމަށް ބަލައިގެން އުޅުމަށެވެ. އެހާ ބަލައިގެން އުޅޭއިރުވެސް ހިކިލާކަށް ނޫޅެއެވެ. ޕީސީއޯޑީގެ ޝިކާރައަކަށް ރަނީން ނުވެ އޭނަ ވާން ޖެހުނީ ކީއްވެހެއްޔެވެ؟ އޭނަ ރަނީންހާ ރީތިނުވީ ކީއްވެހެއްޔެވެ؟ ހިތާހިތުން އަބަދު ޝަކުވާކުރެވެއެވެ. އެއަޑުއަހާނީ ކާކުހެއްޔެވެ؟

"ނޫނެކޭ......" ރަނީން ލަދުންގޮސް ކިޔާނެ އެއްޗެއް ނޭގުމުން ކިޔާލައިފިއެވެ.

"ތިބުނާ އިޒްޔަން އެއް އަހަންނަށް ދައްކަބަލަ، ފޮޓޯއަކުން އަދި އެހާ ރީތިކަމެއް ނޭގޭނެ، ފޮޓޯ އެޑިޓްކުރީމަ މޮޑެލްއެއްހެން ހީވިޔަސް ހަމަ ލޮލަށް ފެންނައިރަށް އަރާ ކާއެއްޗެއްހެން ހީވާ ފަހަރުވެސް އާދޭ ވިއްޔަ، ދޮންތަވެސް ތިހެން ނެޓުން މީހަކާއި ރައްޓެހިވެގެން އުޅެފައި ފޮޓޯ ފޮނުވިއިރު ޒައިން މާލިކްއަކާއި ތަފާތެއްނެތް، ލޮލަށް ފެނުމުން ދޮންތަ ދުވެ ރައްކާވާން ޖެހުނީ، ފަތަފޮޅިއެއްހެން ހީވާ މީހަކު ދޮންތަ ހޯދަމުން އައީ، ދޮންތައާއި ދިމާވެފައި އަހާލީމަވެސް ދޮންތަ ބުނި މިވަގުތު ގޭގައި ނޫޅެއޭ.........." ޒީކާގެ ވާހަކަތަކުން ރަނީން ހެވުނެވެ.

ޒީކާ ސެންޓްފުޅިއެއްގެ ވަސް ބަލަން ހުރެފައި ކުއްލިއަކަށް ދަބަހަށް ލީތަން ފެނިފައި ރަނީން ހާސްކަމާއިއެކުގައި އެކަން ނުކުރާން އެދުނެވެ.

"މަޖަލަކަށޭ، ބޭނުންވެގެން ހަލާކުވިޔަސް ވައްކަމެއް ކުރެވޭނެތަ؟ ބަލާބަ މިހިރަ ކެމެރާތައް، އެކަމަކު ކިހާ އަންފެއަރ، މިހާ ރިޗްމީހުން އަހަރެމެންނަށް އެންމެ ފުޅިއެއް ހިލޭ ދިނަސް ބަރަކާތް ލައްވާނެ، މުއްސަދިމީހުންގެ ފަރާތުން އަގުބޮޑު ހަދިޔާތަކާއި ފައިސާވެސް ކުޅިވަރުން މޮޅުވާމީހުންނަށާއި އެކަހަލަ ކޮންމެވެސް ބަޔަކަށްދޭ ވާހަކަ އަބަދު އިވޭނީ، އަހަރެން އެހުރިހާކަމެއް ކުށްވެރިކުރަން......" ޒީކާ ހެމުން ހެމުން ހަރުގަނޑުގައި އެފުޅި ބެހެއްޓިއެވެ. ރަނީންގެ މޫޑު ޚަރާބުވިއެވެ. ސަމާސާއަކަށް ނަމަވެސް އެކުވެރިޔާ އެކުރިކަންތައް ހިތުގެ އެންމެ ފުންމިނުން ކުށްވެރިކުރިއެވެ. ބައިލާރީގެ އެއްޗެއް ވަގަށް ގެންދިޔަސް ވާނީ ވައްކަމަކަށެވެ.

ޒީކާ ސިއްރުން ރަނީންގެ މޫނަށް ބަލައިލިއެވެ. ލައިލަކް ކުލައިގެ ޓޮޕްކޮޅަކާއި ސްކިނީއަކާއިއެކު ތުންފަތުގައި ލިޕްސްޓިކް ޖައްސާލައިގެން ހުރިއިރު ޔާގޫތުކުލަ އަރާފައިވެއެވެ. އެހާ އޮމާން މޫނެކެވެ. ވާރޭ ހުއްޓާލުމުން ދެކުދިން އެކީގައި ބީޗަށްގޮސް އެރިލާފައި ހިގަމުން ދިޔައިރުވެސް ދޭތެރެއަކުން އިޒްޔަންގެ ކޮންމެވެސް ވާހަކައެއް ނުދައްކާ ރަނީންއަކަށް ނުހުރެވުނެވެ. ޒީކާވެސް އެފަދަ ލޯބިވެރިޔަކަށް އިންތިހާއަށް ބޭނުންވިއެވެ. އޭރު ރަތްވިލާ ދަޅަތަކުން އުޑުމަތި ހީވަނީ ލޭފައިބާހެންނެވެ.

"ޒީކް، އަހަރެން ނޫޅެން ހަގީގަތް ފޮރުވައިގެން ދެން ހުންނާކަށް، އިޒްޔަންއޭ ކިޔައިގެން އަހަރެންދެއްކި ވާހަކައިގަ ހަގީގަތެއްނެތް، އިޒްޔަންއާއި ރައްޓެހިވެގެންނެއް ނޫން މިއުޅެނީ، ހީޒް ޓްވެންޓީފައިވް، އަހަރެން ކިހިނެއް އޭނައާއި މެރީކުރާނީ؟ އައިމް ސޮރީ ދޮގުހެދުނީތީ، އިޒްޔަން ހެންޑްސަމްކަމުން އަހަރެން ދެއްކި ދޮގުވާހަކަތަކެއް އެއީ......." ރަނީން ހަގީގަތް ހާމަކޮށްދިނުމުން ޒީކާގެ ހިތުން ހީވީ އެތައް ހާސްޓަނެއްގެ ބުރަދަން ލުއިވެގެން ދިޔަހެންނެވެ. އޭނަ ރަނީންއަށް ދެރަގޮތެއްވާން އެދެނީއެއްނޫނެވެ. ނަމަވެސް އޭނައަށް ނުލިބޭ އެއްޗެއް ރަނީންއަށް ލިބޭކަށްވެސް ނޭދެއެވެ.

އިޒްޔަން ދެކޭހިތުން ނުހުރެވިގެން ޒީކާ ރަނީންއާއިއެކު އެޕާޓްމެންޓަށް ދިޔައެވެ. އެކުވެރިން ގެއަށް ގެނައުމަކީ ނާޒްލީ އެއްގޮތަކަށްވެސް ރުހޭކަމެއްނޫނެވެ. ނަމަވެސް އޭނަ ޒީކާއަށް މެހުމާންދާރީ އަދާކޮށް ކޮފީއާއި ހޫނުކޮށް ހުރި ހެދިކާ ތަށްޓެއްގެނެސްދިނެވެ. ރަނީންއާއި ޒީކާ ސައިބޯން ތިއްބާ ނާޒްލީ ކޮޓަރިއަށް ވަނުމުން ޒީކާ ނާޒްލީއަށް ކޮންމެވެސް ޖޯކެއްޖެހިއެވެ. ގޭތެރޭގައި އަބަދު ބުރުގާއަޅައިގެން ހުންނައިރު ހޫނުނުވަނީހެއްޔޭ ކިޔައިގެން ސިއްރުން އެއްޗެހިކިޔަންފެށިއެވެ.

"އެހެންވެ ދޯ ނިންނި ހިޖާބު އަޅުވަން އުޅެނީ، ދޮންމަންމައިން އަސްލު ވަރަށް ނުބައިވާނެ، ނިންނި ވަރަށް ވިސްނައިގެން އުޅެންވާނީ، މި ކާއެއްޗެއްސަށް ޕޮއިޒަން ނާޅާނެކަމުގެ ޔަގީންކަމެއްނެތް، އަހަރެން މެހުމާނަކަށްވީމަވެސް އޭނަ ސައިހަދާދީފައި އަދިގޮސް ރޫމަށް އެވަނީ، ކިހާ ފޮނި....." ޒީކާގެ ވާހަކަތަކުގެ އަސަރުކޮށްގެން ރަނީންގެ ހިތް ނާޒްލީއާއިމެދު ގޯސްވިއެވެ.

"ދޮންމަންމަ އަހަންނަށް ވަރަށް ހެޔޮކޮށް ހިތާ...." ރަނީން ދިފާޢުގައި އިތުރު ވާހަކަ ދައްކަން އުޅުނެވެ.

"ފޮތުގެ ބޭރުގަނޑަށް ބަލާފައި ޖަޖްނުކުރޭ ނިންނި، ބޭރުފުށުން ކޮންމެފަދަ ކުލަވަރެއްވެސް ދައްކަފާނެ، އެމީހާއަށް އިތުބާރުނުކުރޭ، އަހަރެން އައީމަވެސް ހިތްހަމަނުޖެހިފަހުރިކަން އަހަންނަށް ރަގަޅަށް އެނގުނޭ، މިގެއަށް އައީމަ ހީވީ ޖާސޫސްކުރަން އައި މީހެއްހެންތަ؟ ވަރަށް ފޫހިވެއްޖެ، ޕްލާސްޓިކް ހިންޏެއް ހީލައިގެން ހުއްޓަސް ހިތް އެނގުނު، ނިންނި ބީ އެވެއަރ، ކޮންމެ ފަހަރަކުވެސް ކަށި ޖަހާފާނެ....." ޒީކާގެ ވާހަކަތަކެއް ދޭނެ ރައްދެއް ނޭގިފައި އިންއިރު ދޮންމަންމަގެ ކަންފަތަށް އެވާހަކަ އިވިދާނެތީ އޭނަ އިނީ ފިކުރުބޮޑުވެފައެވެ. މިހާ ކުޑަތަނެއްގައި ސިއްރުން ވާހަކަ ދެއްކިދާނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ.

ރަނީންވެސް ދޮންމަންމައެއް ބޭނުމެއްނޫނެވެ. އޭނަވެސް ދޮންމަންމައިންނަށް އިތުބާރެއްނުކުރެއެވެ. ޝައްކެއްގެ މަތީގައި ހުއްޓާ އެންމެ ގާތް އެކުވެރިޔާ ދައްކަން ފެށި ވާހަކައަކުން ހިތް ބިރުގަނެ ފިކުރުބޮޑުވިއެވެ.

"ޒީކް، ދޮންމަންމަ މަޖުބޫރުނުކުރިޔަސް އަހަރެން މިހިރީ ބުރުގާ އަޅާހިތުން، ޓެން ނިންމާލާފައި އަހަރެން މިހިރީ ބުރުގާ އަޅަން ބައްޕައަށް ޕްރޮމިސްކޮށްފައޭ....." ރަނީން ބުނެދިނެވެ.

"މި ރީތި އިސްތަށިކޮޅު ފޮރުވީމަ ދެން ހާދަ ފޫއްސޭ....." ހިތް ނަށާލިނަމަވެސް ޒީކާ އެކަމެއް ނުދެއްކިއެވެ. ރަނީންގެ ރީތިކަން ގެއްލެން ބޭނުންވާ ބައެއްފަހަރު އެކަމާއި ޒީކާ އަމިއްލަ ނަފުސް ކުށްވެރިކުރެއެވެ. ގާތް އެކުވެރިޔާއާއި ދޭތެރޭގައިވެސް ހަސަދަވެރިކަން އުފެދިފައިވާނީ ކޮންފަދަ ނުބައި ހިތެއްގެ ވެރިއެއް ހެއްޔެވެ؟ ދެމީހުން ކޮފީ ބޯންތިއްބާ ބެލް ޖަހައިލިއަޑަށް ރަނީންގެ ހިތް ހީވީ ފުންމާލިހެންނެވެ. ބޭއިޚުތިޔާރުގައި އިސްތަށިގަނޑު ރީތިކޮށްލާފައި ތުންފަތް ތެންމާލެވިއްޖެއެވެ. އެމަންޒަރު ފެންނައިރަށް ރަނީން ނަންކުރާ އިޒްޔަންކަން ދެނެގަނެވިފައި ޒީކާގެ ހިތަށް ގޮތެއްވިއެވެ.

"އިޒްޔަން، ދޭބަލަ ދޮރު ހުޅުވަން...." ރަނީން ވައިއަޑަކުން ކިޔާލިއެވެ. ޒީކާ ވައިރޯޅިއެއްހެންގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރި ޒުވާނާފެނިފައި ހިތަށް ލޮޅުމެއް އެރިއެވެ. ޒީކާއަކަށް އިޒްޔަންއާއި ސަމާސާކޮށްލާކަށްވެސް ނުކެރުނެވެ. އެހެންވެ ރަކިފާޑަކަށް ހީލާފައި އެއްފަރާތަކަށް ޖެހިލިއެވެ. ޒީކާ ހުރީ ހަމަ ރަގަޅަށްވެސް ހިތްކިޔާފައެވެ. ހީވާގޮތުން ރަނީންއަށްވުރެ ބޮޑުވަރު އޭނައަށް ވެއްޖެއެވެ. ފެންނަހާ ރީތި ޒުވާނަކަށް ހިތްކިޔުމަކީ ޒީކާގެ ކަށީގައި ހިފާފައިވާ ނުބައި އާދައެކެވެ. ރީތި ފިލްމްސްޓާރުންނާއި މޮޑެލްއިންގެ ފޮޓޯތައް ބެލުން ނޫންކަމެއް އޭނަ ނުކުރެއެވެ.

އިޒްޔަން ބަލާވެސް ނުލާ ފޯނުގައި ހުރިއިރު ލާނެތް ހިނިތުންވުމެއް ތުންފަތުގައިވިއެވެ. ޓީޝާޓާއި ޖިންސްލައިގެން ހުރިއިރު ފަހަތުން ކުޑަކޮށް ހިއްލިފައި ހުރުމުން ފަހަތުން ފެންނަލެއްވެސް އެހާ ހިތްގައިމެވެ. ރީތި ފިރިހެނެކެވެ. އޭނަގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕައިލުމުން ރަނީން ހުވަފެނެއްގައި އިންކުއްޖަކު ހޭލިހެން އެސްފިޔަތައް ޖަހާލިއެވެ.

"ހުވާ ހާދަހާ ރީއްޗޭ، ރޮލާ ކާހިތްވެއްޖެ، ވަރަށް ޗާމިންގޮތެއް އެބަހުރި......." ޒީކާ ތޫނުކޮށް ހަޅޭއްލަވައިގެންފާ ރަނީންގެ ގައިގާ ހިފައިގަތެވެ. ހީވީ މޮޔަވީހެންނެވެ.ޒީކާ އުޅޭގޮތުން ފުރަތަމަ ފަހަރަށް ރަނީންގެ ބޮލަށް އުދަގޫވެ ހީވީ ސިކުނޑީގައި އެއްޗަކުން ތަޅައިގަތްހެންނެވެ.

"ޒީކް، މޮޔަވީތަ؟ ދޮންމަންމަ ނަމާދަށޭ ހުންނާނީ...." ރަނީން ދަތްތަކަށް ބާރުލިއެވެ.

"މަގޭ މައިދައިތަ ނުރުހޭކަމެއް ކުރާކަށް ނުވާނެ، އޯކޭ ނިންނި، އަހަރެން ދެން މި ހިމޭންވީ، އެކަމަކު އެ ފޮނިފިރިހެނާ މަށަށް ލިބިދާނެތަ؟" ޒީކާ ވައިއަޑަކުން ބުނެލުމުން އެއަޑު މާގަދަޔަށް ގުގުމާލިހެން ހީވިއެވެ.

"ބުރުގާ ނާޅާ ޅީދަރިންނެއް ދޮންމަންމަ އެކްސެޕްޓެއްނުކުރާނެ އިނގޭ....." ރަނީން ތަންކޮޅެއް ސީރިޔަސްކޮށް ބުނެލިއެވެ. އޭނަ ތަށިތައް ސިންކަށް ލާފައި ކުޑަކޮށް ބުމަގޮށްޖަހާލިއިރު ހިތްހަމަނުޖެހިފައިވާކަން މޫނުމަތިން ދައްކުވާދިނެވެ. ޒީކާއަށް އޭނަގެ ހިތުގެ ހާލު އެނގިހުރެ އިޒްޔަންއާއި އަޅައިގެން އެގޮތަށް ވާހަކަދެއްކުމަކީ އިންސާފެއް ހެއްޔެވެ؟ އޭނަވެސް އިޒްޔަންއާއި ރުހޭކަން ޒީކާ ހަމަ ރަގަޅަށް ދަންނާނެއެވެ. އެވާނީ ޒީކާ ސަމާސާކުރަނީ ކަމަށެވެ. އެކުވެރިންނަށް ނުބުންޏަސް ހިތުގެ އިހުސާސްތައް ރޭކާލާނެއެވެ.

ޒީކާ ގެއަށް ދިޔަފަހުން އެގެއިން ކަރަންޓްކެނޑިގެން އުއްބައްތިތައް ދިއްލާލައިގެން އުޅެނިކޮށް އިޒްޔަން ނުކުތުމުން އޭނަގެ ހިޔަނިވެސް ރަނީންއަށް ފެނުނީ ވަރަށް ރީތިކޮށެވެ. އިޒްޔަންއާއި އަނގައިން ނުބުނެވިގެން އުޅެނިކޮށް ދޮންމަންމަ ކޮޓަރީގެ ދޮރުމައްޗަށް ނުކުތްތަން ފެނިފައި ރަނީންގެ ދޫ ތަޅުލެވުނެވެ. ރަނީން ބިއްލޫރި މޭޒުމައްޗަށް އުއްކޮޅެއް ވިރުވާލާފައި އެޅުމަށްފަހު އުއްކޮޅުމަތީގައި އުއްބައްތި ބަހައްޓާލައިގެން ދަތްދޮޅީގައި އަތް ވިއްދާލައިގެން އެއަށް ބަލަން އިނެވެ. ރަނީންގެ އިސްތަށިގަނޑުގެ ފަންކަމުން ވަންނަ ވައިރޯޅިތަކަށްވެސް ސިއްރު ގޯނާއެއް ކޮށްލެވޭކަމަކަށްނުވެއެވެ. އިރުއިރުކޮޅާ އެއިސްތަށިކޮޅުތައް ކުޑަކޮށް ވިހުރިލައެވެ. ލޭކޮޅެއްފަދަ ރަތްތުންފަތުގައި ދައިގެންފާ އިނުމުން ވަކިން މައުސޫމެވެ. މަންމައާއި ވާހަކަދައްކަން އިންއިރު އިޒްޔަންގެ ނަޒަރު އެކުއްޖާގެ މޫނަށް ހުއްޓުނެވެ. އެކުޑަކުއްޖާ އެހާ ވިސްނަނީ ކޮންކަމަކާ ބާވައޭ އިޒްޔަންގެ ހިތަށް އެރިއެވެ. ބިއްލޫރިބުދެއްހާ ނާޒުކް ކުއްޖެއްގެ ގޮތުގައި އިޒްޔަންއަށް ރަނީން ސިފަވިއެވެ. ބާރަށް ހިފާލިޔަސް ބިނދިދާނެއެވެ. އެނާޒުކްފިޔަތައް ރޫޅިދާނެތީ އެމަލުގައި އަތްލާން ކެރޭނެ މީހަކު ވާނެބާވައެވެ. ނާޒްލީ އިޝާ ނަމާދަށް ވަނުމުން އިޒްޔަންއާއި ރަނީން އެކަނިވިއެވެ.

"ރަނީން، ކޮން ޚިޔާލެއްގައި؟ މާރސްއަށް ހިޖުރަކުރަން ވިސްނަނީތަ؟ "އިޒްޔަން ބިއްލޫރި މޭޒުމައްޗަށް އެއްފައި އަރުވާލައިގެން ސޯފާގައި ހަމަޖެހިލިއެވެ. އުއްބައްތީގެ އޮރެންޖް އަލި އިޒްޔަންގެ މުށިކުލައިގެ ލޮލަށް އެޅުމުން ވަރަށް ހިތްގައިމެވެ. ރަނީން ސިހިފައިކަހަލަ ގޮތަކަށް އެދެލޮލަށް ބަލާލާފައި ރަކިކަމުން ފުރިގެންވީ ހުނުމެއް ހަދިޔާކޮށްލިއެވެ. އިޒްޔަންއަށް ރަނީންގެ އެ އަމަލުތައް ފާހަގަކުރެވޭއިރުވެސް އެކަން ބޮޑުކަމަކަށް ހަދާކަށް ބޭނުމެއްނުވިއެވެ. އެއުމުރުގެ އަންހެންކުދިން ފިރިހެނުންނަށް ހިތްކިޔުމަކީ އާކަމެއްކަމަށް އޭނަ ނުދެކެއެވެ.

"އެއްޗެކޭ ބުނިންތަ؟ "ރަނީންގެ ހިތަށް ފިނިވިއެވެ.

"ހޭލާއިނދެގެން ކުއްޖަކު ހުވަފެން ބަލާވަރުން....." އިޒްޔަން ހީލިއެވެ.

"ތިބުނީ އަހަރެންގެ ޑްރީމަކީ ކޮބާހޭތަ؟ "ރަނީންއަކަށް ނުވިސްނުނެވެ.

"އާން....." އިޒްޔަން ބުމަ އަރުވާލިއެވެ. އިޒްޔަންގެ ނަޒަރު ހުއްޓުނީ ގުޅުވާލައިގެން އިން ރަނީންގެ އަތްތިލައަށެވެ. ހިމަ ހިމަ އިނގިލިތައްލާފައިވާ ދޮން އަތްތިލަ ވަރަށް އަންހެންވަންތައެވެ. އެހާމަޑެވެ. އަތްނުލާވެސް އޭނައަށް ރަނީންގެ އަތުގެ މަޑުކަމާއި އޮމާންކަން އިހުސާސްކުރެވިއްޖެއެވެ.

"ފްރާންސްގެ ޓަވަރު ބަލަން ދިޔުން........" ރަނީން އަވަސްއަވަހަށް ކިޔާލައިފިއެވެ. ރަނީން ގެއްލިފައި އިންވަރުން އުއްބައްތީގެ ހުޅުކޮޅާއި އަތް މާ ކައިރިވީއިރުވެސް ނޭގުނެވެ. ހެދުމުގައި ހުޅު ނުހިފީ ހަމަކިރިޔާއެވެ. ކުއްލިއަކަށް އިޒްޔަން އެއަތުގައި ހިފާފައި ދުރުކޮށްލުމުން ރަނީން ވަރަށް ލަދުގަތެވެ. އެސިކުންތުކޮޅުގައި އިޒްޔަންވެސް ރަނީންގެ އަތުން ދޫކޮށްލީ ހަޅޭއްލަވައިގެންފާނެތީއެވެ. ކުޑަ އަންހެންކުދިން ނިކަން ފަސޭހައިން ސިހި ހަޅޭއްލަވައިގަންނާނެއެވެ.

"ކިޔަވާ މޮޅުކުއްޖަކަށް ވެއްޖެއްޔާ ހުރިހާ ޑްރީމްތައް ފުރިހަމަކުރެވޭނެ، އުއްބައްތިއާއި ހާދަ ގަޔާވާކުއްޖެއްހެން ހީވޭ، އަނދާފާނެތީ ބިރެއްނުގަނޭތަ؟ އިސްތަށިކޮޅުގައި ރޯވެއްޖެއްޔާ ތަލަ ބޮލަކަށް ވެދާނެ......" އިޒްޔަންގެ އެ ޖުމްލައިން ރަނީންއަށް ހެވިއްޖެއެވެ.

"އޭރުން މެރީޑާގެ ވިގް ޖަހާނީ...." ރަނީން ހުނުން ހުއްޓާލިއެވެ.

އިޒްޔަން ރަނީންއާއި ވާހަކަދައްކަން އިރުކޮޅެއްވާންދެން އިންއިރު ރަނީންގެ ހިތަށް އަޖައިބެއްފަދަ އުފާވެރިކަމެއް ލިބިފައިވެއެވެ. އަބަދާއަބަދު މިހެން ވާހަކަދައްކަން އިންނާނެނަމަ ހާދަހާ ފޫހިފިލާނެއެވެ. އޭނަގެ ދުޢާއަކީ އަބަދު އިޒްޔަން އޭނަގެ ގާތުގައި ވުމެވެ. ނާޒްލީ ނުކުމެ މޭޒުމަތި ތައްޔާރުކުރަން ފެށިތަނާހެން ކަރަންޓު އައުމުން ރަނީން ފޫހިވިއެވެ. އޭނަ ބޭނުމީ އިޒްޔަންއާއިއެކު އެކަނިމާއެކަނި ވާހަކަދައްކާލަން އުއްބައްތީގެ އަލީގައި އިނުމަށެވެ. ވާރޭވެހުނީމަ އަދި ވަކިން އުފާވެރިއެވެ. މުޅި އުމުރަށްވެސް އިޒްޔަންގެ ލާނެތް ވާހަކަތައް އަޑުއަހަން އޭނައަށް އިނދެވިދާނެއެވެ. ކައިގެން ކޮޓަރިއަށް ވަންގޮތަށް އޭނަގެ ލޮލަކަށް ނިންޖެއްނައެވެ. ނިދި އޭނަގެ ލޮލާއި މުޅިން ރުޅިއެވެ. ދެފަރާތަކަށް ފުރޮޅި ފުރޮޅި އޮތްއިރު އިޒްޔަންގެ ސޫރަ އެސްފިޔަތަކުގެ ދޭތެރެއިން އަބަދުހެން ފެނުނެވެ. ދޭތެރެއަކުން ވޮލެޓް ހުޅުވާލާފައި ބަލާލެވެއެވެ. އެންމެފަހުން ފޯނަށް އެފޮޓޯ އެކިގޮތްގޮތަށް ނަގައިގެން ފޯނަށް ބަލަން އޮތްވާ ނިދުނީ ކިހާއިރަކުކަމެއްވެސް ނޭގުނެވެ.

ދެތިން ދުވަސްފާއިތުވެގެން ދިޔައިރު ރަނީންއަށް އިޒްޔަންއާއި ވާހަކަދައްކާލާނެ ރީތި ފުރުސަތެއް ނުލިބުނެވެ. ހެނދުނު ސްކޫލަށްދާގޮތަށް ގެއަށް އާދެވޭއިރު އޭނަ ހުންނަނީ ވަރުބަލިވެ ޖައްސާލަން ބޭނުންވެފައެވެ. އިޒްޔަން ރަށުގައި އުޅޭކަމުގެ ހިލަމެއްވެސް ނުވެއެވެ. ރޭގަނޑު އަމުދަކުން ގެއިން ނުފެންނާތީ ހިތުގައި ސުވާލުވެސް އުފެދެއެވެ. ތިންވަނައަށް ވީދުވަހު ރަނީން ހައިރާންވާކަހަލަ ކަމެއް ހިނގިއެވެ. ޒީކާ ބުރުގާއެޅީއެވެ. ޒީކާ ބުނީ އޭނަގެ މަންމަ ކިޔާވަރުން އެޅީކަމަށެވެ. އެކަމުގެ ހަގީގަތެއް ރަނީންއަކަށް ނޭގުނެވެ. ޒީކާ ބުރުގާ އެޅިޔަސް އޭނަ ލާފައި ހުންނަ ޓޮޕާއި ބާރު ސްކިނީތަކަށް ބަދަލެއްނާދެއެވެ. ކުރިއަށްވުރެ ސްޓައިލިޝްވެ މޭކަޕްކުރުމުގައި ޒީކާ އުޅެނީ ކުރީގައެވެ. ކުރުކޮށް ޝޯލް އަޅާފައިވާއިރު ކަރުގައި އަޅާފައި އޮންނަ ދިގުފަށަކީ އާ ފެޝަނެކެވެ. ރަނީންއަށް ވުރެ ކުރިން ޒީކާވެސް ބުރުގާއަޅަން ފެށީއެވެ.

އިޒްޔަން ބަންޑުން ނިދާފައި އޮތްއިރު ހުރިހާ ބޮކިތައްވަނީ ނިވާލާފައެވެ. އަނދިރިކަމުންގޮސް ޖެހިގެން ހުންނަމީހާވެސް ވަކިވާވަރެއްނުވެއެވެ.

"އިޒްޔަން...." މީހަކު އޭނަގެ އިސްތަށިގަނޑާއި ކުޅެލަމުން ގޮވާލިއެވެ.

ކޮމެންޓް 0