"އަސްލު ސަޕްރައިޒަކަށްވުރެ ޝޮކެއް ލިބޭނީ......" މީރާ ރަނީން ތަޅުވާލަން ބޭނުންވިއެވެ. އެ ޚަބަރު އެހާ ފަސޭހައިން ދޭކަށް އޭނަގެ ހިތް އެއްބަހެއްނުވެއެވެ. އޭނަގެ މިޒާޖުގައި ހިފާފައި ހުންނަ އެކަހަލަ ކުދި ގޯސް އާދަތައް ހުއްޓުވަކީ ޢާއިލާ މީހުންނަށްވެސް ނުވެފައި އޮތްކަމެކެވެ. މީރާ އެވާހަކަ ނުބުނަންވެގެން އެތައް މަސައްކަތްކުރިއެވެ. ރަނީން އެވާހަކަ އަހާހިތުން ކެތްނުވެގެން އާދޭސްކުރަންފެށިއެވެ.

"އޯލްރައިޓް......" މީރާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެހެން މީހުން ލައްވާ އާދޭސްކުރުވުމުގެ ޝައުގު މީރާގެ ބޮޑެވެ. އެހާވަރަށް ހާސްކުރުވާފައި މީރާ ދިން ޚަބަރުން ހަޤީގަތުގައި ރަނީންއަކަށް މާ ބޮޑު އިހުސާސްތަކެއް ނުކުރެވުނެވެ. އޭނަ ޙައިރާނެއް ނުވިތާގައި ޝޮކެއް ލިބުނު ފަދަ ޚަބަރަކަށްވެސް ނުވިއެވެ. މީރާގެ ބައްޕަ ޑޮކްޓަރ މަންސޫރު އާ ކައިވެންޏެއް ކުރަނީއެވެ. ދޮންމަންމައެއް ގެއަށް ގެންނަނީއެވެ. މީރާ ދައްކަންފެށީ އޭނަ ދޮންމަންމައަށް ދޭން ރާވާ ލަނޑުތަކުގެ ވާހަކައެވެ. ދޮންމަންމަގެ ދަރިން ފަތްޗެއް އޮވެއްޖެއްޔާ އެކުދިންނަށް ކުރާނެ ގޯނާތަކުގެ ވާހަކައެވެ. ރަނީން ހަނދާންވީ ބައްޕަ ދޮންމަންމައެއް ގެނެސްގެން އުޅުނުތާ ކުރީ ކޮޅު އޭނަ ތަޙައްމަލު ކުރި އުދަގޫތަކާއި ވީ ފޫއްސެވެ. އެދޮންމަންމަގެ ފިރިހެން ދަރިފުޅު އޭނަގެ ޙަޔާތަށް އައުމަށްފަހު ހިނގި ހާދިސާތަކެވެ. މުޅި ޙަޔާތް ބަދަލުކޮށްލާފައި އެ ފިރިހެނާ އޭނައާއި ދުރަށް މާދުރަށް ދިޔައީއެވެ. ހިތުން ދުވަހަކު ނުފޮހެވޭނެ ހަނދާންތަކެއް ހިތުގައި ބިންވަޅު ނަގާދީފައެވެ. އެ ލިބުނު ހިތްހަމަޖެހުމާއި ލައްޒަތު އުމުރު ދުވަހުވެސް ދެން ނުލިބޭނެކަން ހިތަށް އެރުމުންވެސް ރަނީން ދެރަވެއެވެ.

ޑޮކްޓަރ މަންސޫރުއާއި ސުލްތާން އަދި ފައިރޫޒާ ޓެރެސްގައި ވާހަކަދައްކަން ތިބިއިރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. އެތައް ޒަމާނަކަށްފަހު މަންސޫރުގެ ދިރިއުޅުން އުޖާލާކޮށްދޭނެ ބައިވެރިޔަކު އަންނަނީއެވެ. އެކަމާއި އެންމެ ބޮޑަށް އުފާކުރި އެކަކީ ސުލްތާނެވެ.

"މަންމަމެންނަށް ނާޒްލީ ކަމުދާނެކަމެއް ނޭގޭ، މަންމަމެންގެ ހުންނަ ބޯދާ ޚިޔާލްތައް އަދިވެސް ދޫކޮށްލާކަށް ނޫޅޭ، މާލޭގެ ޝާހީ ޢާއިލާއެއްގެ މީހަކަށް ނުވެއްޖެއްޔާ މި ޢާއިލާއާއި އެކަށީގެންވާ ކަމަކަށް ނުބަލާ، އެއަންހެނަކަށް މި ޢާއިލާގައި ޖައްސާ އުދަގޫތަކާއި ދުއްތުރާތަކަށް ކެތްކޮށްގެން ބައެއް ފަހަރިން އެބަތިބި، ނާޒްލީފަދަ ރަގަޅު ދީންވެރި އަންހެނަކަށް މީރާއާއި ލެވީ ހަމަ މަގަށް އަޅުވާލެވޭނެކަމަށް ގަބޫލުކުރަން، ތަންކޮޅެއް ކުރިން ތިކައިވެނި ކުރެވުނު ނަމަ......" ސުލްތާން އިނީ މަޑުގޮދަޑި ޖެހި ސޯފާއަށް ލެނގިލައިގެން އަރާމުކޮށެވެ.

"ނާޒްގެ ދޮންދަރި ރަނީންއާއި ދާނަޝްގެ ކައިވެނި ހަމަޖެހުމަކީ މިހާރު އަޅުގަނޑު އެންމެ ދެކޭ އެއް ހުވަފެން، ހާދަ ބަސްއަހާ ކުއްޖެކޭ......" ފައިރޫޒާ ތަޢުރީފުކޮށްލިއެވެ.

"ރަނީން މިހާރުވެސް މިގޭގައި އެބައިން. މީރާގެ އެކުވެރިންގެ ތެރޭގައި އަލަށް އެކަހަލަ ކުއްޖެއް ފެނުނީ، އެންމެ ކުރިން އެކުއްޖާ ލެވީއާއިއެކު ފެނުނީމަ ހީކުރީ ލެވީ ތަންކޮޅެއް ހަރުދަނާވެގެން ދިރިއުޅުމެއް ފަށަން އުޅެނީކަމަށް. ލެވީއާއި ގުޅުމެއް ނެތެސް ބޮޑުބޭބެ ދަރިއަކާއި އިންނަން އުޅޭތީ ވަރަށް ހިތްހަމަޖެހޭ، އެކަމަކު ތިކަމާ މަންމަމެން ގަބޫލުވާނެތަ؟ މިބުނީ ދާނަޝްއާއި އެކުއްޖާ........" ޑޮކްޓަރ މަންސޫރު ހިނިތުންވެލިއެވެ. މިފަހަކަށް އައިސް އެމޫނު މާބޮޑަށް އަލިވެ ދާއިމީ ހިނިތުންވުމެއް ހުންނަ ސަބަބަކީ ނާޒްލީއެވެ. އޭނަގެ ބިރަކީ މައިންބަފައިން މި ކައިވެންޏާއި ގަބޫލު ނުވެދާނެތީއެވެ. މަންމަމެންގެ ނަޒަރުގައި ރާއްޖެތެރޭގެ އަންހެނުންނާއި އެޢާއިލާއަކާއި ކުފޫ ހަމަވެގެނެއް ނުވެއެވެ. އެފަދަ އަންހެނުންނަކީ މަންމަ ބުނާގޮތުން ކަތުރުފަނިތަކެވެ. މުޅި ތަން ހަލާކުކޮށްލަފާނެއެވެ. މަންމަވަނީ އެފަދަ ހިތި ތަޖުރިބާއެއްކުރިން ކޮށްފައެވެ. ވީއިރު މަންމަ ރުހިދާނެކަމުގެ އެއްވެސް އުއްމީދެއް އޭނަގެ ނެތެވެ.

ފައިރޫޒާގެ މޫނުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ފަނޑުވެ ދެއަތް ދެއަތާ އުނގުޅާލެވިއްޖެއެވެ. ދާނަޝްއާއި ހެދި މީރާ މަރުދަންޖެހޭކަން އެންމެ ގާތުން ދެކޭ މީހަކީ އޭނައެވެ. އެކުއްޖާ ހުންނަނީ ދާނަޝްދެކެ މޮޔަވެފައެވެ. ދީވާނާއެއްހެން ފަހަތުން އުޅޭއިރު އެހާވަރަށް ލަނޑުދޭންވެސް އުޅޭނެއެވެ. ފައިރޫޒާއަކަށް އެއްގޮތަކަށްވެސް އެ އުޅުންގަނޑު ކަމަކު ނުދެއެވެ. އޭނަގެ ދާނަޝްއާއި އެކަށީގެންވަނީ ރަނީންފަދަ މަޑުމައިތިރި ލަދުވެތި އަންހެންކުއްޖެކެވެ. ހަށިގަނޑު އިޝްތިހާރުކޮށްލައިގެން ފިރިހެނުންގެ ފަހަތުން އުޅެންޏާ އޭނައަށް ޅީދަރިއެއްގެ ގޮތުން ބަލައެއް ނުގަނެވޭނެއެވެ.

"އެއީ ޚިޔާލެއް، މިވާގޮތުން ބުނާނެ އެއްޗެއް އަޅުގަނޑަކަށް ނޭގޭ، މީރާއާއި ރަނީން ބެސްޓްފްރެންޑުން ކަމަށް ވެއްޖެއްޔާ ތަންކޮޅެއް އުދަގޫވާނެހެން ހީވޭ. އެކަމަކު އަޅުގަނޑު ކޮންމެ ގޮތެއް ހަދާފައިވެސް ރަނީން ޅީދަރިއަކަށް ހަދަން ބޭނުން........" ފައިރޫޒާ އަވަހަށް މަންސޫރަށް އެކަން ހާމަކޮށްދިނީ ލިވާންއާއި ރަނީން ގުޅުވަން މަސައްކަތްކޮށްފާނެ ކަމުގެ ބިރު ހީވެފައެވެ.

އެމީހުން ސައްލާކުރަން އެ އަރާމު ކޮޓަރީގައި ތިއްބާ މީރާ ދޮރު ހުޅުވާލާފައި ހީލިއެވެ. ބޮޑުބޭބެއާއި ފަހަރި ފެނުމުން މީރާ އެމީހުންނަށް ގޮވާލިއިރު ކުޑަކޮށް ތުއިވެލިއެވެ. އޭނަ އަބަދުވެސް އެމީހުންނާއި ބައްދަލުކުރާއިރު އެކަހަލަ ގޮތެއް ހުންނަކަން ފައިރޫޒާ ދަނެއެވެ.

"ބައްޕާ، ކޮންއިރަކުން ދޮންމަންމަ ގެންނަނީ؟ " މީރާ ހީވަނީ އެކަމަށް މާ ވަރަކަށް ޝައުގުވެރިވެ އިންތިޒާރުގައި ހުރިހެންނެވެ. ލާފައި ހުރި ސޯޓްކޮޅާއި ރަތާއި ކަޅުކުލައިގެ ކުރު ޓޮޕްގައި ހުރިއިރު އެހަށިގަނޑުގެ ބޮޑުބައިވަނީ ހާމަޔަށެވެ. ފައިރޫޒާގެ ހަނދާނަށް އައީ އޭނަގެ އަންހެންދަރިފުޅު މީޝާއެވެ. މީޝާއާއި މީރާގެ ހެދުން އެޅުމުގެ ވައްޓަފާޅިއާއި އުޅުން ހުންނަލެއް މާބޮޑު ތަފާތެއް ނުހުރެއެވެ. މީރާ ފެނުމުން ދަރިފުޅުގެ މަތިން ހަނދާންވެ ފެންކަޅިވާގޮތްވިއެވެ. އަންހެން ދަރިން ލިބުމުން ރަގަޅަށް ތަރުބިއްޔަތު ކުރެވުނުނަމަ މީޝާވެސް ތަފާތު ކުއްޖަކަށް ވީސްކަން ނޭގެއެވެ. ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެއެވެ.

"މިރޭ ޑިނަރއަށް އަންނާނެ......" މަންސޫރު ދަރިފުޅަށް ބަލާލިގޮތުންވެސް މީރާދެކެ ވާ ލޯބި ފެންނަން ހުއްޓެވެ. މަންސޫރުގެ އެންމެ ރަގަޅު ސިފައަކީ ދަރިންދެކެ ވާ ލޯތްބެވެ. ދަރިންނަށްޓަކާ ޤުރުބާން ވާ ބައްޕައެކެވެ. ނަމަވެސް އޭނައަކީ ފުރިހަމަ މީހެއްނޫނެވެ. އޭނަގެވެސް އުނި ސިފަތައް ހުރެއެވެ.

"ކޮންކަހަލަ ހެދުމެއް ލާންވީ....." މީރާ ޅަގޮތަކަށް ހިނިތުންވެލިއެވެ.

"ޑީސެންޓް ހެދުމެއް....." މަންސޫރު އަވަހަށް ބުނެލިއެވެ.

"ދެން ކޮންބަޔެއް އަންނާނީ ޑިނަރ އަށް؟ ކާފަމެންނޯ. އެއީ އަޅުގަނޑު ފްރެންޑަކަށް އިންވައިޓްކުރަންވެގެން.........." މީރާ އޮޅުން ފިލުވަން ބޭނުންވިއެވެ.

"މީރާ، ވީވިލް ބީ ހިއަރ، ދާނަޝްވެސް އަންނާނެ....." ފައިރޫޒާ ރީތިކޮށްލަންވެގެން ބުނެލިނަމަވެސް އޭނަ ދާނަޝްއާއި މީރާގެ ގުޅުމާއި މުޅިން ދެކޮޅެވެ. ދާނަޝްގެ ވާހަކަ ބުނުމުން މީރާގެ ދެލޮލުގެ ވިދުން ގަދަވިހެން ހީވިއެވެ. އުފާވެރިކަމާއި ޖޯޝުން ފުރިގެންވާ ގޮތަކަށް ހިނިގަނޑެއް ޖަހާލާފައި މީރާ ދިޔުމުން ފައިރޫޒާއިނީ ހިތްހަމަނުޖެހިފައެވެ. މީރާމެން ކުދިން ބޮޑެތި މީހުންނަށް އިހުތިރާމްކުރާ ކަހަލަ ގޮތެއްވެސް ނެތެވެ. ލިވާންއާއި މީރާ މާ ލޯބިން ގެންގުޅެން ހަދައިގެން "ސްޕޮއިލް" ކޮށްލާފައިވާކަން އޭނަ ދަނެއެވެ. އެކުދިންގެ އުޅުން ބަދަލުކުރާކަށް މަންސޫރު މަސައްކަތެއްނުކުރެއެވެ. ނަމާދުކުރަން އެނގޭކަމެއްވެސް ނޭގެއެވެ. މަންސޫރުގެ ކަޅު މާޒީއެއްވާ ހިނދު ދަރިން ވަކި ރަގަޅުވާންވީ ކީއްވެހެއްޔެވެ؟

މީރާ ބޭރަށް ނުކުމެފައި މާބާރަކަށް ހަޅޭއްލަވައިގަތުމުން އެއީ ލިވާންއާއި ދެމީހުން ކޮންމެވެސް ސަކަރާތެއް ގަނެފައިކަން ޔަގީންވިއެވެ.

އެރޭ ރޭގަނޑުގެ ކެއުމަށް މޭޒުކައިރިއަށް އެންމެން ޖަމާވިއިރު މީރާ ރަނީންގޮވައިގެން އެތަނަށް އައިސްފާ ނާޒްލީ ފެނުމުން ގަނޑުވާގޮތްވިއެވެ. ޔަނާ ކުޑަކޮށް ހުން ވައްތަރުވެގެން އުޅޭތީ އެކުއްޖާ އޮތީ ކޮޓަރިއެއްގައި ނިދަން ބާއްވާފައެވެ. ރަނީންއަށް ވީގޮތް ފެނުމުން ނާޒްލީ ހިނިތުންވެލާފައި އެންމެނަށް ރަނީން ތަޢާރަފުކޮށްދިނީ އޭނަގެ ދޮންދަރިފުޅުގެ ގޮތުގައެވެ. މީރާވެސް ހައިރާންކަމާއިއެކު ބަލަންފެށިއެވެ.

"ވަޓް؟ ނިންނި ނުވެސް ބުނަމެއްނު އަހަރެންގެ ސްޓެޕްމަމްއަށް ވާން އުޅެނީ ނިންނިގެވެސް ދޮންމަންމައޭ......" މީރާ ދެލޯ ބޮޑުކޮށްލިއެވެ.

"ނިންނިވެސް އެހާ ހައިރާންވެފައި އެއިނީ ނިންނިއަކަށް ކުރިއަކުން ނޭގެއޭ......." ނާޒްލީ ބުނެދިނެވެ.

"ވާއު، މިއަށް ކިޔަނީ ކޯއިންސިޑެންސް ދޯ......."މީރާ އިނީ މަޖާވެފައެވެ. ރަނީން ކައިރީގައި ދޮންމަންމައަށް ލަނޑުދޭން ވާހަކަދެއްކިފައިވާތީ ރަނީން ހީކުރާނީ ކީކޭހެއްޔެވެ؟ ރަނީން ދޮންމަންމަ ބަލައިގަތީ ކިހިނެއްހެއްޔެވެ؟ ރަނީން ކަޅުހެދުން ލައްވަން މަޖުބޫރުކުރުވީ ނާޒްލީހެއްޔެވެ؟ ހިތުގައި ސުވާލުތައް ފުނިޖެހުމުން މީރާއަކަށް އިރުކޮޅެއްވާންދެންވެސް އަނގަ ހިމޭނުން ލައިގެން އިނދެވުނުކަމަކަށް ނުވިއެވެ. މީރާ އަނގަގަދަކުރާއިރު ރަނީން އޭގެ އިދިކޮޅެވެ. އޭނަގެ މޫނުން ފެންނަނީ ލަދުވެތިކަމާއި މަޑުމައިތިރިކަމެވެ. އެހާ މައުސޫމެވެ. ނަމަވެސް އެހާ ރަކިވެފައި ނީދެ އެހެން މީހުން ކުރާ ސުވާލުތަކަށް ޖަވާބުދިނެވެ. ފައިރޫޒާގެ ހިތުގައި ވާ ލޯބި އިތުރުވިއެވެ. އެފަދަ ޅީދަރިއަކަށް ކޮންމެފިރިހެން ދަރިއެއްގެ މަންމައަކުވެސް އިންތިޒާރުކުރާނެއެވެ.

ކެއުން ނިންމާލާފައި ބޭރަށް ނުކުތްގޮތަށް މީރާ ރަނީންގެ ގައިގާ ބައްދާލާފައި އާއިލާއަށް ވަންކަމަށްޓަކާ މަރުހަބާކިޔެވެ.

"ނޭގުނަސް ނިންނި އޮފިޝަލީކޮށް މި ފެމިލީއަށް ވަދެވުނީ..މިގެއަށް ބަދަލުވާން ކޮންމެހެން ޖެހޭނެ........" މީރާ ފެންޑާގައިވާ ސޯފާއަކަށް އަރާ އިށީނީ ދެފައި ވަށްކޮށްލައިގެންނެވެ. ކޮފީތަށި ބޯންއިން އިރު ދޭތެރެއަކުން ފޯނުން ވައިބަރކޮށްލައެވެ. އޮރެންޖް ބޮތްކެއް ދިއްލާލާފައިވާއިރު އެހިސާބު ފެންނަނީވެސް ނިކަން ހުވަފެނީކޮށެވެ. ފެންޑާގެ ދެފަރާތުގައިވާ ޕޮޓްތަކުގައި ގަސްތައް ވާއިރު އެކިކުލައިގެ މާތައް ފޮޅިފައިވެއެވެ. ބައެއް މާތަކުގެ މީރުވަހުން ފަޒާގައި ހުވަދުލެވިފައިވެއެވެ.

"ސޮރީ މީރާ. އެނގޭ ވަރަށް އެކްސައިޓްވެފައިކަން އެކަމަކު ހަގީގަތަކީ މިހާރު ނާޒްދައްތަ ދޮންމަންމައެއްގެ ގޮތުގައި ނުބެލެވޭކަން، ބައްޕަގެ އަންހެނުންނަކަށް ނުވެއެއްނު........" ރަނީން ހުރީ ތަބު ކައިރީ ހުއްޓިލައިގެންނެވެ.

"ވަރަށް އެނގިއްޖެއެއްނު، އަބަދަށްވެސް ވާނީ ދޮންމަންމައަކަށް، އޭޒް ފާރ އޭޒް އައި ނޯ ބައްޕައަކު ކައިވެނިކުރި އަންހެނަކު އަބަދަށްޓަކާ ދޮންމަންމައެއްގެ ގޮތުގައި ބެލެވޭނީ، ނިންނި. ވަން މޯރ ތިންގް. ޑޮކްޓަރ ދާނަޝްއަކީ ސުލްތާން އަންކަލްއާއި ފައިރޫޒާގެ ދަރިފުޅު. މިގޭ ގޯތިތެރެއިން ލާފައި އެގެއަށް ވަދެވޭނެ......" މީރާ ވިސްނުންތެރި ނަޒަރަކުން ރަނީންގެ މޫނަށް ބަލަން އިންއިރު ރަނީންގެ މޫނުމަތިން ތަފާތު އަސަރުތަކެއް ނުފެނުނެވެ. ދާނަޝްގެ އަޑު އިވިގެން އެހެން އަންހެންކުދިންނަށް ވާވަރު ރަނީންއަކަށް ނުވިއެވެ. އެއީ އަޖައިބެކެވެ. މީރާ އިނީ ފާޑަކަށް ބަލާށެވެ.

"ވަޓް؟ "ރަނީން ބުމަ އަރުވާލިއެވެ.

"ހޫޒް ދެޓް ލިޓްލް ގާލް؟ ނާޒްލީފެ ދަރިއެކޭ ކިޔާފައި އޮޅުވާލާފައި އެގެންގުޅެނީ ކޮންމެވެސް އެހެން ބަޔެއްގެ ކުއްޖެއްހެން ހީވާން ފަށައިފި، ނެންސީ ޑްރޫއަށް ނުވިޔަސް އެވަރު ވިސްނިއްޖެ. އެހެންނޫނަސް އެ ޢުމުރުގައި ދަރިން ވިހާތަ؟ " މީރާ އިނީ އޮޅުން ފިލުވާހިތުންނެވެ. މިޢާއިލާގެ ތެރޭގައި ސިއްރުތަކެއް ފޮރުވައިގެން އުޅޭހެން ހީވާން ފެށީ މިހުރިހާ ދުވަހު ނޭގޭ ކަންތައް ހާމަވާން ފެށީމައެވެ. ރަނީންގެ ފޯނު ރިންގުވާންފެށިއެވެ.

"ތި ސުވާލުގެ ޖަވާބު ދެވޭނީ އެކަނި ނާޒްދައްތައަށް. މީރާ އަހަރެން ދެން ދާންވީ، ދައްތަ ގުޅަން އެފެށީ....." ރަނީން ހުއްދައަށް އެދުނެވެ. ނާޒްލީ އެތަނަށް ނުކުމެފައި އެމީހުންނާއިއެކު ރަނީން ގެންދާން އުޅުނެވެ. ދޮންމަންމަ ދެކެ ރުޅިއައިސްފާ ހުއްޓަސް އެކަން މޫނުމަތިން ނުދައްކާ އޭނަ ހުރީ މޫނުމަތި ރީތިކޮށްލައިގެންނެވެ. މާހިރާ ދައްތަ ބުނި ވާހަކަތައް އޭރު ރަނީންގެ ކަންފަތުގައި ގުގުމާހެން ހީވިއެވެ. އެބުނާހެން ދޮންމަންމަ މިފަހަރު ދިމާކޮށްލީ އާދައިގެ މީހަކާއި ނޫނެވެ. މާލެއަށް މަޝްހޫރު ނަން ހިގާ ޑޮކްޓަރަކާއި އިންނަން އެތައް އަންހެން ކުދިންނެއް ތިއްބާ ނާޒްލީ އެ ނަސީބު ހޯދިގޮތެއްވެސް ނޭގެއެވެ. މަންސޫރުގެ އުމުރުން ދެބައިވެފައި ހުއްޓަސް ހަށިގަނޑު ރީތިވެފައި ސްމާޓެވެ. ވިޝާމްފަދަ ޒުވާނަކު އިންސްޕަޔަރވީ މަންސޫރުގެ އޯގާތެރިކަން ފެނިފައެވެ. ވީއިރު އެފަދަ މީހަކަށްޓަކާ ކިތަންމެ އަންހެންކުދިންނެއް ފިދާވާނެއެވެ. އެކަހަލަ މީހެއްގެ ހިތަށް ދޮންމަންމަ ވެރިވެގަތީ ކިހިނެއް ހެއްޔެވެ؟

ޑޮކްޓަރ މަންސޫރުގެ ޑްރައިވަރު ނާޒްލީމެން ގެއަށް ލާދޭން ދިޔައެވެ. ކާރު ގޯޅިއަކުން ލަނބާލިއިރު ގެއެއްގެ ދޮރުމަތީގައި އިޒްޔަން ހުރިތަން ފެނިފާ ރަނީންގެ ނޭވާ ހުއްޓުނުފަދަ ގޮތެއްވިއެވެ. ދުރުން ފެނުމުންވެސް އެކުރުވަނީ ކޮންފަދަ ވަރުގަދަ އަސަރުތަކެއް ހެއްޔެވެ؟ އެފަދަ ބާރެއް އިޒްޔަންއަށް އެކަނި ލިބުނީ ކީއްވެހެއްޔެވެ؟ އިޒްޔަން އާއި ދިމާލަށް އޭނަގެ މަންމަވެސް ބަލައެއްނުލައެވެ. އޭނަ އިނީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. ޔަނާ އުނގުމަތީގައި ނިދިފައި އޮތްއިރު ރަނީންއަށް އިރުއިރުކޮޅާ އެ އިސްތަށިގަނޑާއި ކުޅެލެވެއެވެ. އެމާގެ މަތިން ހަނދާންވެ ލޮލަށް ކަރުނަ އަންނަނީ އެފަދަ ވަގުތުތަކުގައެވެ.

ބޮޑުދައިތަ އުޅޭ ގެއާއި ހަމަވުމުން ރަނީން ކާރުން ފޭބިއިރު އޭނަގެ ހިތުގެ އަޒުމަކަށްވީ ދޮންމަންމަމެންގެ އެ މުއްސަދި ދިރިއުޅުމަށް އޭނަގެ ހިޔަނިވެސް އެޅުނަ ނުދިނުމެވެ. އެމީހުންނާއި އޭނަގެ އެއްވެސް ގުޅުމެއް މިހާރު ނެތްއިރު އެމީހުންގެ ފަރާތުން އެއްވެސް ކަހަލަ ފައިދާއެއް ހޯދާކަށް އޭނަ ބޭނުމެއްނޫނެވެ. ބައްޕަގެ ގެ ކުއްޔަށް ދީފައި ހުރުމުން ލިބޭ އެއްޗަކުން އޭނަގެ ކޮލެޖަށް ޚަރަދުކޮށް ދިރިއުޅުމުގެ އެހެން ޒަރޫރީ ބޭނުންތައް ފުއްދާލެވޭނެއެވެ.

ދާނަޝްއާއިއެކު މަސައްކަތްކުރަން ޖެހޭ ފުރަތަމަ ދުވަހަށް ވުމުން ރަނީން އިނީ ހިތް ބިރުގެންފައެވެ. އެއީ ހަރުކަށި ޑޮކްޓަރަކަށްވެފާ ބުރުގާ އަޅާކުދިން ދެކެ ރުޅިއަންނަ ކަމަށް ނަންވެފައިވާތީއެވެ. ރަނީން އެދުވަހު ލައިގެން އިނީވެސް ކަޅުހެދުމާއިއެކު ކަޅު ސްކާފެކެވެ. އެތަނަށްވަދެ ތަޢާރަފުވުމުން ދާނަޝް އޭނަގެ މޫނަށް ބަލައިލީ ދިރާސާކުރާފަދަ ގޮތަކަށެވެ. އިރުކޮޅެއްފަހުން ދެމީހުން އެކަނިވުމުން ދާނަޝް ބުނީ އޭނަ މިހިރީ "ރަނީން" އެނގެން ބޭނުންވެފައި ކަމުގައެވެ.

"އަހަންނަށް ވައިބަރއިން މެސެޖެއްކުރިން ދޯ...." ދާނަޝްގެ އަޑުގައި ފުދޭވަރެއްގެ ގާތްކަމެއްވިއެވެ. އެހަރުކަށިކަމާއި ރުޅިވެރިކަން ދިޔަތަނެއްވެސް ނޭގުނެވެ.

"ވަ.....ވަޓް؟ މެސެޖޭ....." ރަނީން ދެކޮޅުހަދަން އުޅެފާވެސް ކަމެއް ހަނދާންވުމުން ފާޑަކަށް އަނގަމަތީގައި އަތްއެޅިއިރު ލަދުގަންނަގޮތްވިއެވެ.

"ލައްބަ. އެމެސެޖް.....ކީކޭ އޭގައި އޮތީ؟ "ރަނީންއަށް އަހާލެވުނެވެ.

"ތިކުއްޖާ ލިޔުނު އެއްޗެއް ވިއްޔާ އަހަރެން ކައިރިން ނޭހިޔަސް އެނގެންވާނެއްނު...." ދާނަޝްގެ ތޫނު ނަޒަރު އޭނަގެ މޫނުން ކައްސައެއްނުލައެވެ. އިރުކޮޅެއްވާންދެން އޭނަގެ މޫނަށް ބަލަން އިންއިރު ދާނަޝްގެ ޚިޔާލު އެހެން ދިމާލަކަށް ދަތުރުކުރިއެވެ. ރޭގައި މަންމަ އޭނަ ކައިރީގައި ކައިވެނީގެ ވާހަކަދެއްކިއެވެ. ރަނީންއާއި އިންނަން ބާރު އެޅިއެވެ. އެއީ އޭނަގެ ބޮޑުބޭބެ މަންސޫރުގެ އަންހެނުންގެ ދޮންދަރިއެއްކަމުގައި މަންމަވަނީ ބުނެފައެވެ. ރަނީންއަށް މަންމަ ތަޢުރީފުކުރިޔަސް އެހެދުމުގެ ފުރަގަހުގައި ފިލާފައިވަނީ ކެހިވެރި ނޫންކުއްޖެއްކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. އިންސާނުންނަކީ އަމިއްލަ އެދުން ބޮޑު މަކަރުވެރި ބަޔެކެވެ. ޒޯޔާވެސް ހަދާލިގޮތް އޭނަގެ ހިތުން ފިލުވާލަން އުދަގޫވެފައި ވަނިކޮށް މަންމަ އޭނަ ނުދަންނަ އެހެން ކުއްޖެއް އޭނަގެ ބައިވެރިޔަކަށް ހަދަން މަޖުބޫރުކުރާ ހިސާބަށް ހިނގައްޖެއެވެ.

"އެކްޗުއަލީ އަޅުގަނޑު ގަސްތުގަ ކުރިކަމެއް ނޫން، އައިމް ސޮރީ...." ރަނީން މާފަށް އެދުނެވެ. މީރާ ފެނުނުއިރަކުން އެކުއްޖާގެ ކަރުގައި ހިފާނަމެވެ. އޭނަ މިވައްޓާލީ ކޮންފަދަ ބޮޑު ވަޅުގަނޑަކަށް ކަމެއްވެސް ނޭގެއެވެ. ނުކުރާކަމެއް ބޮލުގައި އެޅި ބަދުނާމުވެއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ ދާނަޝް އެކަމާއި ބެހޭގޮތުން އިތުރު ވާހަކަ ނުދައްކާ ބަލިމީހުން ބަލަން ފެށިއެވެ. އޭނައާއިމެދު ކުދިން ދެއްކި ވާހަކަތައް ދޮގުކަން ފުރަތަމަ ފަހަރަށް މީރާއަށް ރޭކާލިއެވެ. ފާހަގަކުރެވުނީ އޭނަގެ އޯގާތެރިކަމާއި ހިތްހެޔޮކަމެވެ. ބަލިމީހުންނަށް ހެޔޮކަމުގެ ނަމޫނާއެކެވެ. ރަނީން ދާނަޝްގެ ހަރަކާތްތަކަށް ބަލަން އިނދެފައި ސިނކުޑީގައި އެހެންކަހަލަ ކަންތަކެއް ހިނގަން ފެށިއެވެ.

އިޒްޔަން އެކަނިމާއެކަނި ރެސްޓޯރެންޓްގައި ކޮފީ ބޯންއިންއިރު ރަނީންއާއިމެދު ވިސްނެމުން ދިޔައީ މާވަރަކަށެވެ. އެހާވަރަށް ވިސްނެނީ އެކުއްޖާދެކެ އޭނަގެ ހިތުގައި ލޯބި އުފެދެންފެށީހެއްޔެވެ؟ ރަނީންއަށްޓަކާ ހިތުގައި ޖަހަމުންދާ ވިންދަށް ދޭނީ ކޮން އެހެން ނަމެއް ހެއްޔެވެ؟ ނަތާލީގެ ސޫރަދެކެ ފޫހިވާވަރަކަށް ހިތުގައި ރަސްކަން ކުރަންފެށީ ރަނީންގެ ސޫރައެވެ. އެކަމަކު ރަނީންއަކީ ކޮލެޖްގައި ކިޔަވާ ކުއްޖެކެވެ. އޭނައަކީ ޕްރޮފެސަރެކެވެ.

ނަތާލީ ގުޅަންފެށުމުން އިޒްޔަން ފޯނުނެގީ ހިތްހަމަނުޖެހިފައި އިނދެއެވެ.

"މިއުޅެނީ ޖިމް.....ޖިމް..." ނަތާލީ ރޮއިގަތެވެ. އިޒްޔަންގެ މެޔަށް ފިނިފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ.

ކޮމެންޓް 0