ސުލްތާންގެ ގޭތެރެ ހަލަބޮލިކަމުން ހީވަނީ އެހެން ކަމެއްހެންނެވެ. ހަވީރު ކުރެވެން އުޅޭ ކައިވެނީގެ ސަބަބުން ގިނަ މޫނުތަކުން ފެންނަނީ އުފާވެރިކަމެވެ. އުފާވެރި މާހައުލެއްގައި މަސައްކަތް ކުރެވެމުންދާއިރު މަޖާ ވާހަކަތަކެއް ދެކެވި ހުނުމުގެ އަޑު ގޭގައި ގުގުމާލާފައިވިއެވެ. ތިމާގެ މީހުންނާއި އެކުވެރިން ކައިވެނީގެ ހަފްލާއަށް ގެ ތައްޔާރުކުރުމުގައި އުޅޭއިރު ތަފާތު ވައްތަރުގެ ލުއި ކާނާއާއި ބުއިންތައް ފޯރުކޮށްދިނުމުގައި ބަޔަކު އަވަދިނެތި އުޅުނެވެ. ދާނަޝް ގެއިން ބޭރުގައި އުޅެލާފައި ގެއަށް ވަންނަން އައިއިރު އެންމެންގެ މޫނުތައް ފެނިފާ ކުރެވެން އުޅެނީ ކިހާވަރެއްގެ ސީރިޔަސްކަމެއްކަން ލަފާކުރެވުނެވެ. އެންމެން އުފާވެރިކަން ވައިރަސް އެއްފަދައެވެ. ދާނަޝްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ބައްޕަ ބުނިފަދައިން ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. ދާނަޝް ފޯނަށް މެސެޖެއް އައިސްގެން ކިޔާލުމާއެކު ދެބުމަ ގޮށް ޖަހާލެވިއްޖެއެވެ. ތުންފަތުގައި ވި ހިނިތުންވުން ގެއްލިގެންދާން ހިނދުކޮޅެއްވެސް ނުނެގިއެވެ.

"ތިކަން ނުހުއްޓައިފިއްޔާ ޔޫ ވިލް ފައިންޑް މައި ޑެޑް ބޮޑީ......" މީރާގެ އިންޒާރެކެވެ.

"........އޮފް." ދާނަޝް ލިޔުނެވެ.

"ސީރިޔަސްކޮށް، އަހަރެން ހީކުރިން ވިޝާމްއާއި ގުޅިގެން އަލުން ދިރިއުޅުމެއް ފެށިދާނެކަމަށް، އެހެނެއްނުވި، މިހާރު ރިއަލައިޒް މިވީ ލޯތްބަކީ ތިއީކަން، ނުދާނަން ތި ސެރެމަނީއަކަށް، އަދި ނިމޭއިރަށް އިވޭނީ މީރާގެ މަރުގެ ޚަބަރު، ކައުންޓްޑައުން މިފެށީ........" މީރާގެ ވާހަކަތަކުން ދާނަޝްގެ ހިތަށް ބިރުވެރިކަން ވަނެވެ.

"މަރުވާން ބޭނުމިއްޔާ ކޮންމެހެން އިޢުލާން ނުކުރިޔަސް މަރުވޭ. އައި ރިއަލީ ޑޯންޓް ކެއަރ.........." ދާނަޝްގެ އަތްފައި ފިނިވެލާ ބިރުވެރިކަން އިހުސާސްކުރެވުނަސް ޖަވާބު ދިނީ ހަރުކަށިގޮތަކަށެވެ. މީރާ އިނގިރޭސި ބަހުން "...ޔޫ" ބުނެލާފައި ވައިބަރ އޮފްކޮށްލައިފިއެވެ.

ދާނަޝް ކޮޓަރިއަށްވަދެ ފޯނު އެނދު މައްޗަށް އެއްލާލިނަމަވެސް މީރާގެ ޚިޔާލުތަކުން ވަތްކެއް ނުވެވުނެވެ. މީރާގެ އިންޒާރުތަކަށް ބީރު ކަންފަތެއް ދީފައި އެހެން ކަމަކާއި އުޅުން ފަސޭހައެއްނުވިއެވެ. މީރާގެ ހެއްވާކަން ކުޑަހެއްޔެވެ؟ އޭނަ އެހެން އަންހެންކުއްޖަކާއި ތަތްކުރުވީ ޚުދު މީރާއެވެ. ރަނީންގެ ފޯނުން ފާޑުފާޑު މެސެޖްކުރަން ފެށީވެސް މީރާއެވެ. މިހާރު އެގޮތަށް އިންޒާރު ދިނުމަކީ އިންސާފެއް ހެއްޔެވެ؟ ޢަޖައިބުވަނީ އޭނަގެ ހިތްވެސް ނުތަނަވަސްވާން ފެށިކަމެވެ. ކައިވެންޏަކީ ދެމީހަކު ގުޅިގެން ލޯބިވެގެން މަހާލެވެންޖެހޭ ވަރުގަދަ ގޮށެކެވެ. އޭނައަށް ރަނީން ދަހެއް ނުވެއެވެ. މަޢުސޫމް ނަމަވެސް ސިއްރުން ފުރިފައިވާ އަންހެންކުއްޖެކެވެ. އެހިތުގައިވަނީ އެހެން މީހެއްގެ ލޯތްބެއްކަމާއި މަޖުބޫރީ ޙާލަތުގައި އޭނަ ކުރަން އުޅޭކަމެއްހެން އެނގޭއިރު މިކަން ނިންމާލަން ވީހެއްޔެވެ؟ ފިކުރުގެ އޮއިވަރު ދެއަތަކަށް ކިރެންފެށީ އެހެންވެއެވެ.

ދާނަޝް ފިކުރުގެ ކަނޑެއްގައި ފަތަމުންދާއިރު އޭނަގެ މަންމަ ފައިރޫޒާގެ އުފާވެރިކަން ފެނުނެވެ. މަންމަ އުފަލުން ބިންމަތީގައި ފައި ހަރުލާކަމެއްވެސް ނޭގެއެވެ. މަސައްކަތްތަކުގައި އަވަދިނެތި އުޅޭ މީހުންނަށް އިރުޝާދު ދެމުން ކައިވެންޏަށްޓަކާ ތައްޔާރުކޮށްފައިވާ ކޮޓަރީގެ ތެރެއަށް ވަދެލައެވެ. އަވަހަށް ތައްޔާރުވާން ދާނަޝްއަށްވެސް އެންގިއެވެ.

"ހޭއި ގާލް، ކޮބާ ކުރަން އުޅުނު ކަންތައް ވެއްޖެތަ؟ " ދާނަޝް ކުޑަދޮރު ކައިރީ ލެނގިލައިގެން ހުރެފާ މީރާއަށް ވައިބަރކޮށްލުމުން އެނގުނީ އަދިވެސް މީރާ ފޯނު ނިވާލައިގެން އުޅޭކަމެވެ.

"ސްޓުޕިޑް، މިއަދު ތަ ތިހެން އުޅެންވީ؟ އަހަރެން ހާސްކުރުވަންތަ ތިއުޅެނީ؟ ހަމަ ތެދަށް މިބުނީ، މަރުވާން ކެރެންޏާ މަރުވާންވީ......" ދާނަޝް ހިތާހިތުން ކިޔާލައިފިއެވެ.

"ދަރިފުޅާ، އަދިވެސް ފެންނުވަރަންތަ؟ ގަޑިއަށް ތައްޔާރުވާންވާނެ، މިހާރު ގާޒީވެސް ދުރުވާން އުޅޭނެ، މަންމަ ލަދުގަންނަވާނުލާ މިކަންތައް ރީތިކޮށް ނިމޭނީ ދާނަޝްގެ އެއްބާރު ލުން ލިބުނީމައެއްނު، މަންމައަށް އެނގޭ ދަރިފުޅުވެސް ތިހިރީ އެންމެ އުފަލުން ނޫންކަން، އެކަމަކު ފަހުން ދަރިފުޅު މަންމަގެ ހޮވުމަށް ތަޢުރީފުކުރާނެ ދުވަހެއް އަންނާނެ، މަންމައަކު ދަރިއަކަށް ދެރަގޮތެއް ވާކަށް ނޭދޭނެ، އެއްޒަމާނެއްގައި މަންމަވެސް ބެލީ އެކަނި މުއްސަދި މޮޅު ޢާއިލާއެއްގެ ޅީދަރިއަކު ހޯދަން، އެދުވަސްތައް މާޒީއާއިއެކު ވެގެން ހިނގައްޖެ، ގެވެހި މާތް ދީންވެރި އަންހެންކުއްޖަކު އަންބަކަށް ވުމަކީ ފިރިހެނަކަށް ލިބޭނެ އެންމެ މަތިވެރި އެއް ނަސީބު، މަންމައަށް މިކަންތައްތަކުގައި އެންމެ ބޮޑަށް އެހީތެރިވެދިނީ ނާޒް، ބޮޑުބޭބެގެ އަންހެނުންނަކީވެސް އެހާ ރަގަޅު އަންހެނެއް، ރާއްޖެތެރެ ވިޔެއްކަމަކު އަދި މީހާ ނިކަމެތި ވީއެއްނޫން، މި ޢާއިލާއިން ޖެހޭނެ ނަމޫނާ ބަޔަކަށްވާން، ހިތްތިރި ރަގަޅު ބަޔަކަށްވާން. އަވަހަށް ރެޑީވޭ..........." ފައިރޫޒާ ދާނަޝްގެ އިސްތަށިގަނޑުގައި ފިރުމާލަމުން އަނެއްކާވެސް ގަޑިއަށް ބަލާލައިފިއެވެ.

"މަމް ޔޫ ލުކް ބިއުޓިފުލް......" ދާނަޝް އޭނަގެ މަންމަގެ ގައިގާ ކުޑަކޮށް ބައްދާލިއެވެ.

"ތެންކިއު ޑާލިންގް...." ފައިރޫޒާގެ ހިނިތުންވުން ކުރިއަށްވުރެ ފުޅާވިއެވެ. ހަގީގަތުގައި މިއަދު އޭނަ ނަލަހެދިލާފައިވާ ގޮތުން ކައިވެނިކުރަން އުޅޭ އަންހެންކުއްޖާއަކަށް ދޫނުކުރެއެވެ. ފަށުވި ފޮތީގެ ހެދުން ޖަރީކޮށްފައިވާއިރު ބަބުޅާވަރުން ތަރިތައްފަދައެވެ. އަގުބޮޑު ޖަވާހިރުތަކުން ހަށިގަނޑު ފަޅުފިލުވާލާފައިވެއެވެ. ފައިރޫޒާ ދަމުންވެސް ދާނަޝްގެ ގާތުން އެދުނީ އަވަސްކޮށްލުމަށެވެ. ގާޒީން އަންނައިރު އެންމެން ތައްޔާރަށް ނެތުމުން ގާޒީންގެ ހުރުމަތް ކެނޑިދާނެކަމުގައި ބުނުމުން ދާނަޝް ހިނި އައެވެ. މަންމަގެ އުފަލަށްޓަކާ އޭނަ މިހިރީ ގާޒީންވެސް އުފާކޮށްދޭށެވެ. އެހެންނޫންނަމަ އޭނައަކީ އެހާވަރުން ޤާނޫނަށް ބޯލަނބާހިތްވާ މީހެއްނޫނެވެ. އަމުދުން މިއަދު އޭނަގެ ހިތްވަނީ ބަދަލުވުމުގެ ކޮޅުމަތީގައެވެ.

"މީހަކާއި އިނުމަކީ ވަރަށް ބޮޑު ޒިންމާއެއް، އަހަންނަށް ވާނެތަ؟ "ދާނަޝް ވިސްނަން ހުރެފައި މިސްރާބު ޖެހީ ފާޚާނާއާއި ދިމާލަށެވެ.

ރަނީން ތައްޔާރުކޮށްލަދޭންވެގެން އައި ރަހުމަތްތެރިންގެ ތެރޭގައި ޒީކާވެސް ހިމެނެއެވެ. ޒީކާ އިނީ އާދަޔާ ޚިލާފަށް ބަސްމަދުވެފައެވެ. ފުން ޚިޔާލެއްގައި އިންމީހެއްފަދައިން އިރުއިރުކޮޅާ ނިތްކުރީގައި އަތް ކާއްތާލައެވެ. ރަނީން އަމިއްލަ ޙާލާއިމެދު ހިތާމަކޮށް ހަމްދަރުދީވެފައި އިންއިރުވެސް ޒީކާއަށް އައިސްފައިވާ ބަދަލު ފާހަގަވިއެވެ. އެކަނިވި ވަގުތެއް ބަލާލާފައި އެކަން އޮޅުން ފިލުވަން ރަނީން ސުވާލުކުރަންފެށިއެވެ.

"ޒީކް، ކޮންކަމަކާ ތިވިސްނަނީ؟ ދެރަވެފައިއިންހެން ހީވޭ. އަހަންނަށް ސިއްރުކުރާވަރު ކަމެއް ޒީކް އޮތީތަ؟ ބުނެދިނީމަ އެހީއެއް ވެވޭނީ...." ރަނީންގެ ސުވާލުން ޒީކާ ފަނޑު ގޮތަކަށް ހިނިތުންވެލައިފިއެވެ.

"ތިއީ ތެދެއް. އަހަރެން މިއިނީ ހަމަ ހަދާނެގޮތް ހުސްވެ ބޯ ހަލާކުވާވަރުވެފައި، މިއިން އެއްވެސް ކަމެއް ނިންނިއާއި ޝެއަރކުރަން މިވަގުތު ރަގަޅުވާނެއޭވެސް ހިތަށް އަރާ، ސަބަބަކީ މިހާރުވެސް އަހަރެން މިވަނީ މިވާހަކަތައް އެހެން މީހަކާއި ޙިއްސާކޮށްފައި، އެކަމަކު އެފަރާތުން އެދެވޭކަހަލަ ނިންމުމެއް ނޫންކަން ނޭގޭ ނިންމީ، މިވާހަކަ ކިޔާދިނުމުގެ ހިތްވަރު މިވަގުތަކު ނެތް. ކިޔާދީގެން އިތުރު މައްސަލަގަނޑެއް ޖެހޭކަށްވެސް ނޭދެން.........." ޒީކާ އިނގިލީގައި ދައިގަތެވެ. ބާރު ވައިރޯޅިއަކާއިއެކު ދޮރުފަތް ލެއްޕުމުން ޒީކާ ސިހިފައި އުޑުމައްޗަށް ބަލައިލިއިރު ބޯވިލާތަކުން އުދަރެސް އޮތީ ބައްދާލާފައެވެ. ކޮޓަރީގައި ބޮކިތައް ދިއްލާފައި އޮތުމުން މާޙައުލުގެ އަނދިރިކަން ރޭކާނުލަނީއެވެ. ހަތަރެއްޖެހި އިރު ހީވަނީ އިރުއޮއްސި އަނދިރިވެފައިވާހެންނެވެ.

"ހާދަ ވައި ބާރޭ ދޯ، ދޮރުތައް ތަންޑު އަޅުވަބަލަ......" ރަނީން ގަދަކަމުން ޒީކާ ލައްވާ އެވާހަކަ އޮޅުންފިލުވާކަށް ނޫޅުނެވެ.

"ހޫމް ބޭރުގެ ތޫފާންތައްވެސް އުތުރިއަރަން އުޅެނީ، ވާން އުޅޭކަމެއްގެ ބޮޑުކަން އިޢުލާންކުރަނީކަން ނޭގެއެއްނު، ދެން ނިންނި ހީކުރާނީ ވެޑިން ސުންޕައީކަމަށް، ހެހެ....." ޒީކާ ދޮރު ތަންޑު އަޅުވަން ހުރެ ހޭންފެށީ ހުރިހާ ހިތާމަތަކެއް ހަނދާންނެތިއއްޖެ ފަދައަކުންނެވެ.

ކޮންމެވެސް މީހަކު ދޮރުމައްޗަށް އެރުމުން ދެކުދިންވެސް އިސްއުފުލާ ބަލައިލިއިރު ކުރިމަތިން ފެނުނީ ނާޒްލީއެވެ. ނާޒްލީއާއި ޒީކާ ހަތަރުކަޅިހަމަވިއިރު ނާޒްލީގެ ނުރުހުމުގެ ނަޒަރުން ޒީކާ ލަދުވެތިވިއެވެ. ނާޒްލީ އެހެރީ އޭނަ ކުރި ކަމަކުން ރުޅިއައިސް ރަތްވެފައެވެ. ހަޤީގަތް އެނގުމަށްފަހުގައިވެސް މި ކައިވެނި ކުރިއަށް ގެންދަނީ ކީއްވެބާވައޭ އޭނަގެ ހިތަށް އެރިއެވެ. ނާޒްލީ އަމިއްލަ ދަރިފުޅާއިމެދު ވިސްނާނުލީ ކީއްވެހެއްޔެވެ؟ ދާނަޝްއާއި ރަނީންއާއި އެހާވަރުން ގުޅުވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އެހެން މީހުންގެ އުފާތަކާއިމެދު ވިސްނާވަރަށްވުރެ އިންސާނާގެ ދަހިވެތިކަން މާ ބޮޑީއެވެ. ތިމާގެ އުފަލާއިމެދު ނޫނީ ނުވިސްނަނީއެވެ. ޒީކާ އަމިއްލައަށް ކުރެވުނު ކުށަށް ލަދުވެތިވެ އިންތިހާއަށް ދެރަވިއެވެ. ރަނީންގެ ކައިރިން މާފަށް އެދޭނީ ކޮން ދުލަކުން ހެއްޔެވެ؟ އެކަން އެނގުމަށްފަހު ރަނީން ދުވަހަކުވެސް އޭނައަށް މާފެއް ނުކުރާނެއެވެ. ދުވަހަކު ހިތް ހެވެއް ނުވާނެއެވެ.

"ނިންނި ތައްޔާރަށް ދޯ ތިހިރީ؟ ކާރުއެބައޮތް ބަލާ އައިސްފަ، ހިނގާ ދާން......" ނާޒްލީ ރަނީންއަށް ބަލައިލީ ތަޢުރީފުގެ ނަޒަރަކުންނެވެ. އާޝޯޚުވާވަރަށް ރަނީން މިއަދު ރީއްޗެވެ. ކުޑަކޮށް މޭކަޕްކޮށްލާފައި ވާ އިރު ސަބުޒްޕަރީއެއްހާ ފުރިހަމައެވެ. ލޮލުގައި އަޅާފައިވާ އަނދުނުގެ ސަބަބުން މުށިދެލޮލުގެ ރީތިކަން ވަކިން ބޮޑަށް ހާމަޔަށް ފެންނަން ހުއްޓެވެ. ތުންފަތުގެ ރަތްކުލަ ވިދައެވެ. އޮމާންކަމުން ވިދާ މޫނެކެވެ. އެސްފީނާ ނުޖެހުމަށް އެދި ނާޒްލީ އަށް ދުޢާކުރެވުނެވެ.

ދޮރާށްޓާއި ހަމަވީއިރަށް ބޮޑެތި ވާރޭތިކިތަކުގެ ޙަމަލާއިން ރަނީންމެން ކޮންމެވެސް ވަރަކަށް ތެންމާލައިފިއެވެ. އެކަމާއި ނާޒްލީ ކަންބޮޑުވިއެވެ. ކުޑައެއްގެ އެހީއާއި ނުލައި ރަނީން ނެރެވުނުކަމުގެ މޮޔަހީވިއެވެ. ޒީކާ އިނީ މަޖާވެލާފައެވެ.

"ވާރޭ ޕާޓީއަކަށް ތާ މިވަނީ؟ މެމޮރަބްލްވާނެ އިނގޭ، އަދި ރަގަޅުވާނީ މިރޭ ވެޑިންގައި މެހުމާނުން ތިއްބާ ވެހެން ފަށައިފިއްޔާ........." ޒީކާގެ ޖުމްލަ އިވިފައި ނާޒްލީ ރުޅިގަދަވިއެވެ.

"ޒީކާ ދެން މާ ރަގަޅު ރައްޓެއްސަކަށް ވެހުރެ ތިކަހަލަ ވާހަކަ ދައްކާތީ ހަމަ ހައިރާންވޭ......." ނާޒްލީ ތަންކޮޅެއް ބާރަށް ވާހަކަދެއްކިއިރު އަޑުގައި ހަރުކަށިކަމެއްވިއެވެ.

"ސޮރީ......" ޒީކާ ހިމޭންވިއެވެ.

"ޒޯޔާ ނާންނަނީތަ؟ "ކުއްލިއަކަށް ނާޒްލީ އަހާލައިފިއެވެ.

"ޒޯޔާ ހިތްހަމަނުޖެހިގެން ކަން ނޭގޭ ހުރީ....." ރަނީން ކަރުކެހިލިއެވެ.

"ޒޯ ނާންނާނެއްނު، އެއީ ދާނަޝްގެ ކުރީގެ ބިޓުވީމަ އޭނައަށްވެސް އަސަރުކުރާނެ، ނިންނި ކައިރީ އާދޭސްކޮށްފައި ބުނި ތިކަންތައް ހުއްޓާލާށޭ، އޭނަ ރައްޓެހިވެފައި ހުރި ބޯއިއަކާއި ގުޅުމަށް އޭނަވެސް ނޭދޭނެއްނު....." ޒީކާގެ ވާހަކައިން ނާޒްލީ ރުޅިއައިސްގެން ފަޅަފަޅައިގެން ދާވަރުވިއެވެ. ޒީކާގެ ލަދުކުޑަކަމާއެވެ. ޒީކާދެކެ ނާޒްލީވަނީ ވަރަށް ބޮޑަށް ފޫހިވެފައެވެ. އެންމެ ކުރިން ރަނީންގެ ރައްޓެއްސަކަށްވެގެން އެގެއަށް އަންނަން ފެށިއިރުވެސް އޭނައަށް ޒީކާއަކީ ކާކުކަން ވިސްނިއްޖެއެވެ. ރަނީންގެ މަންމަގެ ނަމުގައި ދޮގުވެރި ސިޓީއެއްލިޔެފައި އިޒްޔަންއާއި ރަނީން ކަނޑުވާލާފައި ކުށް އިހުސާސްކުރެވުނީ ވަގުތު ފާއިތުވިފަހުންނެވެ. މިހާރު އެންމެން އެހާ ބޮޑުކަމެއް ހަމަޖައްސާފައިވަނިކޮށް އެކައިވެނި ކެންސަލްކުރުވައިފިއްޔާ އޭނަވެސް ލަދުގަންނަން ޖެހޭނެއެވެ. ދެ ޢާއިލާއަށް ކެތްނުކުރެވޭފަދަ ހިތާމައަކަށް ވާނެއެވެ. އެކުއްޖާ ފެނުމުން ނާޒްލީގެ ތަބީޢަތު އެހާ ގޯސްވީ ސަބަބެއް ނެތިއެއްނޫނެވެ.

ސުލްތާނުގެ ގޭދޮށަށް ކާރު މަޑުކޮށްލާފައި ރަނީން ފައިބަންވާއިރަށް ފައިރޫޒާއާއި ހުޔާމް އިސްތިގުބާލުގައި ތިބެފައި އައިގޮތަށް ދެމައިން ހިފީ ރަނީންގެ ދެއަތުގައެވެ. ފައިރޫޒާ ލަސްވެގެން އެކަމާ ޝަކުވާކޮށްލުމުން ނާޒްލީ މާފަށް އެދިފައި ވިއްސާރަކަމުން ލަސްވީކަމުގައި ބުނެލިއެވެ.

"އަޅެ ނިންނި ހާދަ ރީއްޗޭ، މި ހެދުމާއި ޖްވެލްރީ އެޅީމަ ލުކިން އޯސަމް..ދޮންބެ ފެއިންޓްވާނެކަން ޔަގީން........" ހުޔަމް ރަނީންގެ ކޯތާފަތުގައި ބޮސްދިނެވެ. ބާރު ވައިރޯޅިއާއިއެކު ރަނީން ލައިގެން ހުރި ހެދުން ހިއްލި މޫނުގައި ވާރޭގެ ތިކިތައް ބީހިލުމުން އަދި މޫނުފެނުނީ ވަކިން ރީތިކޮށެވެ.

ކައިވެނި ކުރެވެން ހަމަޖެހިފައިވާ ގަޑިއަށް ގާޒީން އެގެއަށް ހާޒިރުވެ އެންމެންހެން ކައިވެނިކުރަން ހަމަޖެހިފައިވާ ކޮޓަރިއަށްވަދެ މޭޒުދޮށުގައި އިށީނުމުން ފައިރޫޒާއާއި ނާޒްލީ އެކަކު އަނެކަކަށް ބަލާލާފައި ފަތަޙައިގެ ހިނިތުންވުމަކުން ހީލައިފިއެވެ. އެދެމީހުން ކުރުވަން އުޅޭކަންތައް އެންމެފަހުން ކުރެވެނީއެވެ. މިހާރު އެދޭތެރެއަށް ވަދެވޭނެ އެކަކުވެސް ނެތެވެ. ދެމީހުން ބަލަން ތިބީ ދާނަޝްއާއި ރަނީންގެ މޫނަށެވެ. ދެޒުވާނުން ކައިރީގައި އިށީދެލައިގެންތިބިއިރު ރަނީން އިނީ ލަދުވެތިގޮތަކަށް އިސްޖަހާލައިގެންނެވެ. މޫނަށް ކުޑަ ރަތްކުލައެއްވެރިވެފައިވެއެވެ. ދާނަޝްގެ ނަޒަރު އެތަންމިތަނަށް ދަތުރުކުރީ ބޭނުންވާ ސޫރައެއް ނުފެނިގެން ކަހަލަ ގޮތަކަށެވެ. މޭޒު ވަށާލައިގެން ޢާއިލާ މީހުންނާއި އެކުވެރިން ތިބީ އެންމެ ވަގުތެއްގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައެވެ.

"އެކްސްކިއުޒްމީ....." ކުއްލިއަކަށް ތަނަށް ވެރިވެފައިވާ ހިމޭންކަން މުގުރާލިފަރާތެއް ދެކެން ވެގެން އެންމެން އެނބުރިފައި ބަލާލިއެވެ. އެތައް ލޯތަކެއް އަމާޒުވުމުން އޭނަގެ މޫނުން ލަދުވެތިކަން ފެނި ނިތްކުރިން އޮށްދާ ހިއްލާލައިފިއެވެ. ފިނޑިވެ އިސްޖަހާލެވިއްޖެއެވެ. އެވަރުންވެސް އޭނަ ހިތްވަރުކުރިއެވެ. ލަދުވެތިކަން އެއްފަރާތްކޮށްލާފައިވެސް އޭނަ ގަސްތުކުރީ ރަނީންގެ ދިރިއުޅުން ބަރުބާދުވިޔަނުދީ ސަލާމަތްކުރުމެވެ.

"މި ކައިވެނި ކުރެވިގެން ނުވާނެ. ރަނީން އަހަންނަށް މާފުކޮށްދޭތި، މަންމަގެ ނަމުގައި ސިޓީ ލިޔުނު މީހަކީ އަހަރެން، އިޒްޔަންއަކީ ރަނީންގެ ބޭބެއެއްކަމަށް ހަދާފައި އިޒްޔަންއާއި ރަނީން ވަކިކުރުވި މީހަކީ އަހަރެން، އައިމް ސޯ ސޮރީ، އިޒްޔަންއަކީ ޑޮކްޓަރ މަންސޫރުގެ ދަރިއެއްކަން އެނގުމުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން އަމިއްލަ މަގުސަދެއް ހާސިލުކުރަން މަސައްކަތް ކުރެވުނީ، އެކަމަކު މީހަކަށް ދެރައެއް ލިބިގެން އަނެކަކަށް ލިބޭނެ މޮޅެއްނެތްކަން މިހާރު ވިސްނިއްޖެ، ޑޮކްޓަރ ދާނަޝްވެސް ބޭނުމެއްނުވާނެ އޭނަގެ ދެބެންގެ ދެދަރި ބޭބެއެއްގެ ލޯބިވެރިޔާ ޖަހައިގަންނާކަށް. އިޒްޔަންދެކެ ރަނީން ލޯބިވާތާ ކޮން ޒަމާނެއް، އިޒްޔަންއަށްޓަކާ ރަނީން ވާވަރު ކިތަންމެ ރަގަޅަށްވެސް ފެނޭ، ޑޮކްޓަރ ދާނަޝްއަށްވެސް ހަޤީގަތް އެނގުމަށްފަހު ހިޔެއްނުވޭ މިކައިވެނި ކުރާނެހެނެއް. އެހެންވެ ވަގުތު ފާއިތުވުމުގެ ކުރިން މިބުނީ، ކައިވެނި ކުރަން އުޅޭ ދެފަރާތަށް މި ސިއްރު އެގުމަށްފަހު ކުރާ އެއްވެސް ކަމަކަށް އަހަރެން ޒިންމާއެއް ނުވާނަން، އަހަރެން ނާޒްލީދައްތަ ކައިރީގައިވެސް ބުނެދިނިން ހުރިހާ ވާހަކައެއް އެކަމަކު ނާޒްލީ ދައްތަ މިކަންތައް ސިއްރުކުރުމުގެ ބޭނުމެއް ނުވިސްނުނު، އެހެންވެ އަނގަ ހުޅުވާލަން މަޖުބޫރުވީ........." ޒީކާގެ ވާހަކަތަކުން އެތާ ތިބި މީހުންނަށް އެކި އަސަރުތަކެއް ކުރިއެވެ. ފައިރޫޒާ ހުރީ އެކިޔާ އެއްޗެއް ރަގަލަށް ފަހުމް ނުވެފައި ކަހަލަ ގޮތަކަށް ބަލާށެވެ. ބައެއް މީހުންގެ ނަޒަރުތައް އަމާޒުވީ އިސްޖަހާލައިގެން ތިބި ޑޮކްޓަރ މަންސޫރު އާއި ނާޒްލީގެ މޫނަށެވެ. ޚާއްސަކޮށް ސުލްތާނު ތެދުވެ މި ކައިވެންޏެއް ނުކުރެވޭނެއޭ ބުނެލުމުން ބައެއް މީހުން ސިއްރު ސިއްރުން ވާހަކަތައް ދައްކަން ފެށުމުން ކޮންމެވެސް ވަރަކަށް ތަނުގެ ހިމޭންކަން ނެތިގެން ހިނގައްޖެއެވެ.

ރަނީން ގަނޑުވެފައިވާ ބުދެއްހެން ހަރަކާތެއް ނެތިއި އިންއިރު އެ މުށި ދެލޮލަށް ކަރުނަތައް ޖަމާވަމުން އައެވެ. ދާނަޝްގެ ދެލޮލުން އެއްވެސް ޝުޢޫރެއް ނުފެނުނު ތާގައި އޭނަ އަވަސް އަވަހަށް ގޮނޑި އެއްފަރާތް ކޮށްލާފައި އެ ތަން ދޫކޮށް ދާން ފެށުމުން ފައިރޫޒާގެ ދެލޯ ފެންކަޅިވެގެން ދިޔުމާއިއެކު ދާނަޝް ހުއްޓުވަން އަތް އުފުލާލެވިއްޖެއެވެ. އެދަރިފުޅު ލަދުގަންނާނެވަރާއި ދެރަވާނެވަރު އިހުސާސްކުރެވި އޭނަގެ ހިތް ފަޅިފަޅިވެގެން ދާން ފެށިއެވެ. އެދަރިފުޅަށް މަޖުބޫރުކުރީ ޚުދު އޭނައެވެ. ދާނަޝް ކޮންމެހެން ރަނީންއާއިހެދި ދީވާނާވެގެން ގަދަކަމުން ހޯދަން އުޅުނީއެއް ނޫނެވެ. ނަމަވެސް ނަން އެވީ ދާނަޝްއެވެ. ނާޒްލީއަށް ހުރިހާކަމެއް އެނގިހުރެ އޭނަ މިހާ ބޮޑު ވަޅުގަނޑަކަށް ވައްޓާލީ ކީއްވެހެއްޔެވެ؟ ރުޅިއާއި ހިތާމަ އެކުވެ ފައިރޫޒާގެ ހަމަހޭވެރިކަން ގެއްލޭގޮތްވިއެވެ. އެނބުރިލާފައި ކުއްލިއަކަށް އަތް ހިންގާލެވުނީ ދާދި ގާތުގައި ހުރި ނާޒްލީގެ މޫނުމަތީގައެވެ.

ކޮމެންޓް 0