ރަނީން ޔަނާ އުނގުގައި ބާއްވައިގެން ވާހަކައެއް ކިޔާދޭން އިނީ ދޮންމަންމަ ކޮޓަރިން ނުކުންނަ އިރަކަށް ބަލަ ބަލައެވެ. އިޒްޔަންއާއި ދޮންމަންމަ ދައްކަނީ ކޮންވާހަކަތަކެއް ހެއްޔެވެ؟ އޭނަވެސް މިހިރީ އިޒްޔަންއާއި ބައްދަލުކޮށްފައި އޭނަގެ ޙަވާލުގައިވާ އިޒްޔަންގެ އަމާނާތް އަދާކުރާށެވެ. އެކަށީގެންވާ ދަނޑިވަޅެއް އަދި ނުލިބެނީއެވެ. މާގިނައިރުވާން ފެށުމުން ޔަނާވެސް ގެއަށް ދާން ބޭނުން އެތައް ފަހަރެއްގެ މަތިން އޭނަ މަންމަ ހުރިތަނެއް އޮޅުން ނުފިލައިގެން އަހައިފިއެވެ. އެންމެފަހުން ޔަނާގެ ލޮލަށް ނިދި ސަވާރުވެ އެދެލޯ މެރުމުން ރަނީންވެސް ސޯފާގެ ލެނގޭ ބައިގާ ބޯ އަޅާލީ ލިބިފައިވާ ވަރުބަލިކަމުންނެވެ. ދެލޯމަރާލުމުންވެސް ސޫރަވީ އެންމެ މޫނެކެވެ. ކުއްލިއަކަށް މީހަކު ގޮވާލިހެން ހީވެފާ ރަނީން ލަސްލަހުން ދެލޯ ހުޅުވާލައިފިއެވެ. އެސްފިޔަ ޖަހާލަންވެސް ނުކެރިފައި ބަލަން އިނދެވުނީ ދާދި ގާތުގައި ހުއްޓިލައިގެން ހުރި އިޒްޔަން ފެނިފައެވެ.

"މަންމަ ބުނި ޔަނާ ކާރަށް ލާދޭށޭ......" އިޒްޔަން ވާހަކަދެއްކުމުގައި ހުރި މަޑުމައިތިރިކަމާއި ލަސްކަމުން އޭނައަށް ކޮށްފައިވާ އަސަރާއި ކެތްކުރަމުންދާ މިންވަރު ހާމަވިއެވެ. ރަނީން ބަލަން އިނީ ސުވާލުގެ ނަޒަރަކުންނެވެ.

"އަހަންނެއް ނާހަން މަންމަ ކައިރިން ޔަނާއަކީ ކާކުގެ ދަރިއެއް ހެއްޔޭ، މަންމަ އަމިއްލައަށް ބުނީ ތީ އިޒްޔަންގެ ކޮއްކޮއެކޭ. އެކަމަކު މަންމަ އިނީ ވަރަށް އުދަގޫވެފަ އަދި އިތުރަށް އެކްސްޕްލެއިންކޮށް ދޭކަށް ނޫޅުނު. އަހަންނަށް އެނގޭ ކޮންމެވެސް ކަމެއް ފޮރުވަން މަންމަ ބޭނުންވެފައިވާކަން..........." އިޒްޔަން ޔަނާ ކޮނޑުމަތީގައި ބޭއްވުމުން ރީތިކޮށް މޫނު ޖައްސާލައިގެން އޮތްއިރު އެއީ ރަނީންގެ ހިތަށް ތަފާތު އިޙުސާސްތަކެއް ކުރުވި މަންޒަރެކެވެ.

"ނުދާނަންތަ؟ " އިޒްޔަން ދެތިން ފިޔަވަޅު އަޅާފައި އަހާލިއެވެ.

"އަހަރެން ދާނީ ވިޝާމްމެން ގެއަށް......" ރަނީން ދެއަތް މޭގައި ޖައްސާ ފިތާލައިގެން ހުރީ ފިނިވެގެންކަމެއް ހާސްވެފައިކަމެއް އިޒްޔަންއަކަށް ނޭގުނެވެ.

"އެއީ ކީއްވެތަ؟ ކީއްވެ އެގެއަށްދާން ބޭނުންވީ؟ " އިޒްޔަން ސުވާލުކޮށްލިއެވެ. ތިރިއަށް ދިޔައިރު ގެ އޮތީ މުޅިން ފަޅުވެފައިކަހަލަ ގޮތަކަށެވެ. ތަޢުޒިޔާ ކިޔަން އައި މެހުމާނުން މަޑުމަޑުންގޮސް ހުސްވުމުން ގެވަނީ އެކަނިވެރިކަމުގެ ހާއްޔަކަށް ބަދަލުވެފައެވެ. ރަނީން އެއްވެސް އެއްޗެކޭ ނުބުނެ ހުރެ ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އެފަދަ ސުވާލުތަކަށް ޖަވާބުދިނުން އޭނައަށް ފަސޭހައެއް ނޫނެވެ. އިޒްޔަން އެތައް އަހަރެއް ވާންދެން އެމީހުންނާއި ދުރުން އުޅުމަށްފަހު އެނބުރިއައިއިރު ޙާލަތުވަނީ ބަދަލުވެފައެވެ. އޭނަގެ ފަރާތުން އިޒްޔަންއަށް ޙަޤީގަތް އަންގާދިނުމުގެ މާނައެއްނެތެވެ. ނާޒްލީ ކިޔާނުދިނީ ކީއްވެހެއްޔެވެ؟ އަދިވެސް އިޒްޔަން އަނދިރީގައި ބަހައްޓައިގެން ހުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ޑޮކްޓަރ މަންސޫރުއާއި ނާޒްލީ ކައިވެނިކުރިކަންވެސް އިޒްޔަންއަށް އެނގޭހެނެއް ހިޔެއްނުވެއެވެ. އިޒްޔަން އެކަހަލަ އަންހެނަކަށްޓަކާ ޢާއިލާ ދޫކޮށްލުމުން އިޒްޔަންއަށް އަދި އެހާ ގާތްކުރަން ޖެހޭ ސަބަބެއް ނެތީކަމަށް ވެދާނެއެވެ.

"މޭޕްލް ވުޑް" އާއި އަރާ ހަމަވަންދެން ނާޒްލީ އިނީ ކޮންމެވެސް މީހަކަށް ގުޅައިގެން ފޯނެއްގައެވެ. ވާހަކަދައްކާގޮތުން އެއީ އަންހެނެއްކަން އެނގޭވަރުވިއެވެ. އެގެއާއި އަރާ ހަމަވެފައި ނާޒްލީ އެދުނީ ޔަނާ ކޮޓަރިއާއި ހަމަޔަށް ގެންގޮސްދިނުމަށެވެ. އިޒްޔަންގެ ޖަވާބުން ރަނީން ސިއްސައިގެން ދިޔައެވެ.

"މިގޭޓުން އެތެރޭގައި ފައިއަޅާކަށް ބޭނުމެއްނޫން، މަންމަ ދެއްކި ވާހަކަތަކަށްފަހު ހިޔެއްނުކުރަން އޭނައަށް މާފުކޮށްފައި އަލުން ގުޅޭނެއޭ......" އިޒްޔަން މަޑުމައިތިރިކަމާއިއެކު ބުނެލިނަމަވެސް އޭނަ އިނީ ހިތްހަމަނުޖެހިފައެވެ.

"އިޒްޔަންއަށް ހީވީ ރަގަޅަށް، މަންމަ މަންސޫރުއާއި ކައިވެނިކޮށްފިން، އެކަނިވެރިކަން ބައެއްފަހަރު އިންސާނާ ހިތްނޭދޭކަންތައް ކުރަން މަޖުބޫރުކުރުވާ. އެކަމަކު އަދިވެސް މަންސޫރަކަށް ނޭގޭނެ އިޒްޔަންއަކީ ކާކުކަން، އެވާހަކަ ބުނާނެ ހިތްވަރެއް މަންމަގެ ނެތީ، އިޒްޔަންއަށް ރަގަޅަށް އެނގޭނެ ސަބަބު. ނަތާލީއާއި އިޒްޔަން އިނީ މަންމަ ގަބޫލުވެގެނެއް ނޫން، މިއަދު އިޒްޔަންމެން އުޅޭ ގެއަށް ވަދެލީވެސް މަޖުބޫރުވެގެން، ކޮންމެހެން އެކަމާއި ރުހިގެނެއްނޫން، ދުވަހަކުވެސް މަންމަގެ ހިތް ނަތާލީއަކަށް ހެވެއްނުވާނެ، ޅީދަރީގެ ގޮތުގައި ބަލައިގަތަސް އެއީ މަންމަގެ ހިތް އެކަމަށް ރުހިގެނެއްނޫން................" ނާޒްލީ ގެ އަޑުގައި މޮޅިވެރިކަމެއްވިއެވެ.

"މަންމަގެ ބްލެސިން ދުވަހަކު ނުލިބޭނީތަ؟ މަންމަ ކޮންމެފަދަ ގޮތަކަށް ކަންތައްކުރި ކަމުގައި ވިޔަސް ދަރިންގެ އުފާތައް މުހިމެއްނުވާނީތަ؟ އެހެންވެކަން ނޭގޭ މިއަދު ޖުއާންވެސް ވަކިވެގެން އެދިޔައީ..." އިޒްޔަން ޖަވާބު ދިނެވެ.

"އިޒްއަށްޓަކާ އަބަދު ހެޔޮ ދުޢާކުރަން، އަހަރެންގެ އިޒްޔަންއަށް ހެޔޮ ވިސްނުމަށް އެދެނީ، ބަދު ދުޢާއެއް ފަހަރެއްގައިވެސް ކޮށްފައެއްނުވާނެ. އިޒްޔަންއަށްޓަކާ މިގޭގެ ދޮރުތައް އަބަދު ހުޅުވިފައިވާނެ، މަންމަ ހުރިތަނަކަށް އިޒްޔަންއަށް ވަދެވޭނެ..............." ނާޒްލީ ޔަނާ އުރާލުމަށްފަހު ދަބަސް ހިފައިގެން ގޮސް މޭޕްލްވުޑާއި އަރާހަމަވުމުން އިޒްޔަން އިނީ ބަލާށެވެ. ރަނީން އިނީ ނޭވާލާންވެސް ހަނދާން ނެތިފައެވެ. އިޒްޔަންއާއި އޭނަގެ މަންމައާއި ދޭތެރޭގައި އޮތްގާތް ގުޅުން ވަނީ ކިލަބުވެފައެވެ. ހުރިހާވެސް ނުބަޔަކީ ނަތާލީއެވެ.

އިޒްޔަން ކާރު ދުއްވާލިއިރު ރަނީން ފަހަތު ސީޓުގައި އިންކަމެއް ހަނދާނެއް ނުވިއެވެ. ރަނީން މަޑުމަޑުން އިޒްޔަންގެ ކޮނޑުގައި އަތް ޖައްސާލާފައި ދާންވީ މަގު ބުނެދިންއިރު އެހިތް ތެޅުނީ އާދަޔާ ޚިލާފު ބާރަށެވެ. އެތައް އަހަރެއްގެ ކުރިން އެދޭތެރޭގައިވި ހުރިހާ ދުރުމިނެއް ނެތިގެން ދިޔައިރު އެކުރެވުނު އިޙުސާސްތައްވެސް އަލުން ހޭލައިގަތެވެ. އެކަނިމާއެކަނި ކާރުތެރޭގައިވީއިރު އެފަދަ ގާތްކަމަކަށް ރަނީން ބޭނުންވި ވަގުތުކޮޅެއްވެސް އައެވެ. ޓްރެފިކް ލައިޓަށް ކާރު މަޑުކޮށްލިއިރު ރަނީން އިނީ ދޮރުގެ ބިއްލޫރިގަނޑު ތިރިކޮށްލައިގެންނެވެ. އެކާރާއި ހަމައިގާ މަޑުކޮށްލި އެހެން ކާރެއްގެ ކުރީގައި އިން ޒުވާނާ ފޯނާއި ނަޒަރު ވަކިކޮށްލަމުން އޭނައަށް ބަލާލުމުން ރަނީންގެ ތުންފަތަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ.

ޑޮކްޓަރ ދާނަޝްގެ ޚަންޖަރެއްގެ މިޔަފަދަ ތޫނު ރީތި ދެލޯ އެފަނޑު އަލިކަމުގެ ތެރޭންވެސް ހިތްތައް ފޫއަޅުވާލާނެއެވެ. ކުދިން ބުނާފަދައިން އެދެލޮލުގެ ސިހުރުގައި ނުޖެހޭނެ ހިތެއް މަދުވާނެއެވެ. ކާރުގެ ފަނޑު އަލިކަމުގެ ތެރެއިންވެސް އެދެލޮލުގެ ކަޅި ފާހަގަކުރެވުނެވެ. ދާނަޝްވެސް ބުމަ އަރުވާލަމުން އެހިނދުކޮޅު ތެރޭގައި އިޒްޔަންއާއިވެސް ހަތަރުކަޅިހަމަކޮށްލިއެވެ. މިނިޓްކޮޅަކަށްފަހު ކާރުދުއްވާލުމުން އިޒްޔަންއަށް ހިމޭނަކުން ނީދެވުނެވެ.

"އެއީ ކާކުތަ؟ " އިޒްޔަން އަހާލިއެވެ.

"އެއްތަނެއްގައި ވޯކްކުރަނީ....." އިޒްޔަން ސުވާލުކުރުމުން ރަނީންއަށް މަޖާވިއެވެ. އިޒްޔަން ދާނަޝްއާއި ޙަސަދަވެރިވީހެއްޔެވެ؟ ނުވާވަރެއްނޫނެވެ. އެއީ ނުލާހިކު މުއްސަދިމީހެއްގެ ދަރިއެކެވެ. އަންހެންކުދިން ފިދާވާފަދަ ފިރިހެނެކެވެ. އަދި ހުސްހަށިބަޔަށް ހުރުމުން ކިތަންމެ ލޯތައް އޭނައަށް ހުއްޓިފައިވާނެއެވެ.

"އޭނަ ބަލާލީ އެއްތަނެއްގައި މަސައްކަތްކުރާ މީހަކަށް ބަލާގޮތަކަށް ނޫން، ނިންނިވެސް އެހެން ލޯބިވެރިޔެއް ހޯދީކަމަށްވާނީ، ނޫނީ ނިންނި މެރީޑްތަ؟ އަބަދަށް ލޯބިވާނަމޭ ކިޔާފައި ބަދަލުވީކަމަށްވާނީ. މިހާރު މިއީ ކުރިން ފެނުނު ކުޑަކުޑަ ކުއްޖާއެއްނޫން. އެހާ އެޓެރެކްޓިވް. ކަޅުހެދުން ލާފައިވާއިރު އަދި ހާދަ ރީއްޗޭ.......... " އިޒްޔަން ހިތާހިތުން އަމިއްލަ ނަފުސާއި ވާހަކަ ދައްކަމުން ހުންގާނުގައި ބާރަށް ހިފެހެއްޓިއެވެ. ދަރިފުޅު ވަކިވެދިޔުމުގެ ހިތާމައިގާ ހިތް ހަލާކުވަމުންދާއިރުވެސް މިއަދު ރަނީން ފެނުނު ކޮންމެ ފަހަރަކު އޭނަގެ ހިތަށް އިތުރު އަނިޔާތަކެއް ލިބުނެވެ. ނަތާލީގެ ބަދަލުގައި ހަޔާތުގެ ބައިވެރިޔަކަށް ރަނީން ހެދުނުނަމަ މިފަދައިން ދިރިއުޅުން ހަލާކުނުވާނެއޭވެސް ހީކުރެވުނެވެ. މަންމަ އާއި ދެކޮޅަކަށް އޭނަ ކުރިއަށް އެޅި ކޮންމެ ފިޔަވަޅެއް އެޅުނީ ކަށިކުބުރު ޖަންގައްޔަކާއި ދިމާލަށެވެ.

އިޒްޔަން ފިކުރުގެ ކަނޑެއްގައި ޣަރަގުވެފައި އިންއިރު ރަނީންގެ ދެލޯ އެންމެފަހަރަކުވެސް އިޒްޔަންގެ މޫނަކުން ކައްސައެއްނުލައެވެ. ފަހަތު ސީޓުގައި އިނުމުން ފެންނަނީ އެކަނި އެއްފަޅިއެވެ. ހުންގާނުގައި ބާއްވާލާފައިވާ ފިރިހެންވަންތަ އަތެވެ. އެއަތްތިލަމަތީގައި އަތް ބާއްވާލާފައި ދެރަނުވާށޭ ބުނަންވެސް ރަނީންގެ ހިތަށް އެރިއެވެ. އިޒްޔަންގެ ހިތާމައިގާ އޭނަގެ ހިތްވެސް ރޮމުންދާކަން އަންގަން ހިތްއެދުނެވެ. އެ ވިސްނުމުގައި އިނދެ އަތް އުފުލާފައިވެސް އަތް ތިރިކޮށްލެވުނީއެވެ. އިޒްޔަންގެ އަތުގައި ބީހުމުގެ ހައްޤެއް އޭނައަކަށް ނެތެވެ. އިޒްޔަންއަކީ އެހެން މީހެއްގެ މިލްކެކެވެ.

އިޒްޔަން ރަނީންއާއި އިތުރު ސުވާލެއްކުރަން ނަހަދާ އޭނަ ގެއަށް ލާފައި އައިގޮތަށް ގޭތެރެއަށް ވަންނަ ހިތްނުވެފައި ދޮރުމަތީގައި ބަލަން ހުރެވުނީ ހަލާކުވެފައިވާ ހިތަކާއިއެކުގައެވެ. އިހުސާސްކުރެވުނީ ހުސްކަމާއި އެކަނިވެރިކަމެވެ. ފާރުތަކާއި ރެކްމަތީގައި ހުރި ފޮޓޯ ފްރޭމްތަކުން ފެންނަނީ މުޅިންވެސް ޖުއާން ހިނިތުންވެފާ ހުންނަތަނެވެ. އެތުއްތު ހިނިތުންވުންތައް ދެން ފެންނާނީ އެކަނި ތަސްވީރުތަކުގެ ސިފައިގައެވެ. ހިތަށް ތޫނު އެއްޗެހިތަކެއް ހަރާލެވުނުފަދަ އިހުސާސްތަކެއް ކުރެވި އޭނައަށް މޫނުގައި ދެއަތް އަޅައިގެން ސޯފާއަށް ތިރިވެވިއްޖެއެވެ. ސިޑީގެ ރެއިލިންގައި ހިފަހައްޓާލައިގެން އެމަންޒަރުދެކެން ހުރި ނަތާލީގެ ހިތްވެސް ފަޅިފަޅިވަމުން ދިޔައެވެ. އެދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައިގަތެވެ.

އެދެމީހުންގެ ގުޅުން ހީނަރުވެފައިވާ ވަގުތެއްގައި ޖުއާންގެ އެވަކިވުމުން އެ ނާޒުކް ގުޅުމުގެ ވާފަށް އެއްކޮށް ކެނޑިގެންދާނެ ބިރުވެސް ހީވެއްޖެއެވެ. ހުރިހާ ހިތާމަތަކެއް އެއްފަހަރާ ނަތާލީގެ ޖިސްމު ތެޅިގަންނަވަރުކޮށްލިއެވެ. ނަތާލީ ހަކަތައެއްނެތް ދެފައި ދަމަމުންކަހަލަ ގޮތަކަށް ގޮސް އިޒްޔަން އިށީދެލައިގެން އިން ސޯފާގެ ކައިރިއަށް ތިރިވެވުނެވެ. އަދި އިޒްޔަންގެ ބޮލުގައި މޫނު ޖައްސާލާއިރަށް އަޑުވީއްލާ ރޮވިއްޖެއެވެ. ދެމީހުން އެކަކު އަނެކަކުގެ އަތުތެރޭގައި ތިބެ އެމައުސޫމް ދަރިފުޅަށްޓަކާ ރޮމުން ދިޔައިއިރު މަންޒަރު ފެނުނު ކޮންމެ އިންސާނަކަށް އަސަރުކުރާނެއެވެ.

ހަފްތާއެއް ވޭތުވެގެން ދިޔައިރުވެސް އިޒްޔަންގެ ދެމަފިރިންނަށް ލިބިފައިވާ ހިތާމަތައްވަނީ ތާޒާކޮށެވެ. ބަލައިލާ ކޮންމެ ދިމާލަކުން ޖުއާންގެ ހަނދާންތައް އާކުރުވިއެވެ. އިޒްޔަންއަކަށްވެސް މިފަދަ ހިތާމައެއްގައި ނަތާލީވަނިކޮށް އޭނަ ކުށްވެރިކޮށް ވާހަކަދައްކާނެ ހިތްވަރެއް ނުލިބުނެވެ. މަންމައަކު އަމިއްލަދަރިއަކަށް ދެރަގޮތެއް ހަދާނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. އެފަދަ ކާރިސާތައް ހިނގުމުގެ ޙިކުމަތެއްވާނެއެވެ. ކެތްކުރެވޭނެ އެންމެ މައްޗަށް އޭނަ ކެތްކުރިއެވެ. މަންމަމެންގެ ޚަބަރެއް ނުވިތާގައި ގުޅާފައި ހާލު އަހާވެސް ނުލިއެވެ. އިޒްޔަންވެސް އުޅުނީ ގޭގެ ހަތަރުފާރުން އެތެރޭގައި ގައިދީއެއްފަދައިން ބަންދުވެގެންނެވެ. ފިކުރުކުރުމުގައި އެހެން އިންނައިރު އަމިއްލަ ނަފުސަށް އަޅާލެވުނީއެއް ނޫނެވެ. ތުނބުޅި ދިގުވެ އިސްތަށިގަނޑު އޮންނަނީ ހޭވިފައެވެ. ބަނޑުހައިކަމުގެ އިހުސާސްތައްވެސް އޭނައާއި ވަކިވެއްޖެއެވެ.

"އިޒް، އަހަންނަށް މާފުކޮށްދީ، އަހަންނަށް ދަރިފުޅާއިމެދު ފަރުވާކުޑަކޮށްލެވުނީ ލޯބިނުވާތީއެއްނޫން، އަބަދަށްޓަކާ އެގޮތަށް ވަކިވެގެން ހިނގައިދާނެކަމަށް ދުވަހަކު ހީނުކުރަން، އަހަންނަށް ކާރު ފެނުނުއިރަށް ދަރިފުޅަށް ގޮވާލެވުނުއިރު ކާރު ގެ ދަށުވީ، ދުނިޔެއަށް ނޭވާލާހިނދަކު ލޮލުގެ ކުރިމަތިން އެ މަންޒަރު ފިލައިގެނެއް ނުދާނެ، ދުވަހަކު އެކުށްވެރި އިހުސާސްތަކެއް ފިލައިގެނެއް ނުދާނެ، ހެއްދެވި ފަރާތުން ދެއްވި ނިޢުމަތަށް ފަރުވާކުޑަކޮށްލެވުމުން މިލިބުނީ ކެތްނުކުރެވޭފަދަ ހިތާމައެއް، އިޒް، އަހަރެން ކެތްކުރާނީ ކިހިނެއް. އިޒްވެސް އަހަރެން އެކަނިކޮށްލާފައި ދާންތަ ތިއުޅެނީ. އިޒްގެ މަންމަގެ ބޭނުމަކީ އަހަންނާއި އިޒްވެސް ވަކިކުރުންތަ؟ އަހަރެން މަރުވެދާނެ....." ނަތާލީ ހެނދުނު ލޯ ހުޅުވިގޮތަށް ރޮއިރޮއިފާ ކިޔަންފެށިއެވެ.

އިޒްޔަންވެސް އޭރު މޫނުދޮވެލައިގެން އައިސް އިނީ އެނދުގައި އިށީދެލައިގެންނެވެ.

"ނަތާ، ކާކުބުނީ އަހަރެން މިއުޅެނީ ދާށޭ، އަހަރެން ނެތިން ނަތާ ދޫކޮށްފަ ދާން، ތެދުވެ އެއްޗެއް ކާންވީނު......" އިޒްޔަން ނަތާލީގެ މޫނަށް ބަލާލަމުން ވާހަކަދެއްކީ އޯގާތެރިކޮށެވެ. އެ އާދައިން ނަތާލީގެ ހިތަށް ވަކިން ބޮޑަށް އަސަރުކުރިއެވެ. އޭނަދެކެ އިޒްޔަން އެހާ ފޫހިވާއިރުވެސް އެ އިހުސާސްތައް އެއްފަރާތްކޮށްލާފައި މިފަދަ ވަގުތެއްގައި އެދެއްކީ ކުލުނާއި އޯގާތެރިކަމެވެ. އިޒްޔަންގެ މަންމަ އެގެއަށް ނައީމަ އިޒްޔަން އަނެއްކާ މަންމަދެކެ ފޫހިވީކަމުގައި ނަތާލީ ނިންމިއެވެ. އެއީ ކޮންކަހަލަ ރަޙުމުކުޑަ އަންހެނެއްހެއްޔެވެ؟ އަމިއްލަ ދަރިފުޅަސް ނޫފުލެވޭވަރުގެ ހިތާމައެއް ކުރިމަތިވެގެން އުޅޭއިރު ޙާލުދެކެލާކަށް ޒިޔާރަތްކުރާކަށް ހިތަކަށް ނޭރިއެވެ. ދުރުހިލޭމީހުންވެސް މޫނުދެކެން އަންނާނެ އުސޫލުން ވަދެލާފައި ދުރަށް ދިޔައީއެވެ.

މޭޕްލްވުޑްގެ ކާކޮޓަރީގެތެރެ ފެންނަލެއް ވަރަށް އަރާމެވެ. ބަގީޗާތެރެއަށް ހުޅުވެން ހުރި ފްރެންޗް ދޮރުތަކުގައި ދަމާފައިވާ ފޮތިތައް އައްސާފައިވާއިރު ބޭރު ފެންނަން އޮތެވެ. އެހިސާބުގައިވާ ގަސްތަކަށް އިރުގެ އަލިކަން ފަތުރަން މަސައްކަތްކުރާއިރު ކާކޮޓަރިވެސްވަނީ އިރުގެ އަލިން ޖަރީވެފައެވެ. މޭޒުމަތީގައި ހެދުނު ނާސްތާ ތައްޔާރު ކުރެވިފައިވާއިރު ޢާއިލާގެ ހުރިހާ މެމްބަރުން ހަމަވަމުން ދިޔައެވެ. ޑޮކްޓަރ މަންސޫރު، ނާޒްލީ ލިވާން އަދި ޔަނާ ގޮނޑިތަކުގައި އިށީދެލާ ހަމަޖެހުނުތަނާ މީރާ ޑިއުޓީއަށް ދާން ތައްޔާރުވެލައިގެން އައެވެ. ފިޔާތޮށިކުލައިގެ ހެދުމުގެ ބޭރުން ކޯޓެއްފަދައިން ވާ ހެދުމެއްލާފައިވާއިރު އޭނަގެ އިސްތަށިގަނޑު ހުޅިއެއް ޖަހާފައިވެއެވެ. ދެލޯ ފޮރުވާފައިވަނީ ރޭބަން އައިނަކުންނެވެ.

"ގުޑްމޯނިން ޑެޑީ، ހުރިހާ ކުދިން......" މީރާ ފްރިޖް ހުޅުވާލައިގެން ކިރު ޕެކެޓްނެގިއެވެ. މޭވާ ވަށިގަނޑުން ދޮންކެޔޮވަކެއް ނަގައިގެން ކާންފެށިއެވެ. ނާޒްލީގެ ދޮންދަރިން ކަމުގައިވާ ލިވާންއާއި މީރާ ނާޒްލީއައިފަހުން ކިތަންމެ ވަރަކަށް ޖެއްސުންކޮށް އޭނަގެ ދިރިއުޅުން ދަތިކުރަން މަސައްކަތްކުރިޔަސް އޭނަ އެކުދިންކުރާ އެއްވެސް ކަމަކަށް ހިތް ބުރަކޮށް މަންސޫރަށް ޝަކުވާ ހުށަހަޅާފައެއްނުވެއެވެ. މީރާއެކޭ ބައިޕޯލާ ކުއްޖެކޭ މާބޮޑު ތަފާތެއް ނުހުރެއެވެ. އެއްފަހަރު ނާޒްލީއާއި ރީތިކޮށް މުޢާމަލާތުކުރިއްޔާ ދެން ފެންނައިރަކުން ހުންނަނީ ބޮލަށް އަރަން ތައްޔާރަށެވެ. ބައެއްފަހަރު ހީހީ އުފާވެރި މޫޑެއްގައި ހުންނަ ކުއްޖާ ދެން ފެންނާނީ ކޮޓަރީގައިވާހާ އެއްޗެއް އެތަން މިތަނަށް ހޫރާލައިގެން އުޅޭ މަންޒަރެވެ.

"ސޯ ހީޒް ޔޯރ ސަން؟ " މީރާ ކުއްލިއަކަށް ހީލާފައި އަހާލައިފިއެވެ. ނާޒްލީގެ ދެލޮލުން ނުތަނަވަސްކަމެއް ފެނިލިއެވެ.

"ކާކުތަ؟ "ނާޒްލީ އެނގުނުކަމަކަށް ނެހެދިއެވެ.

"އިޒްޔަން ސަރގެ ވާހަކަ މިދައްކަނީ. ޑޮކްޓަރ އިޒްޔަން އަހުމަދު......." މީރާ ފާޑަކަށް ހީލާފައި އަވިއައިނު ނެގިއެވެ. އެކަޅުދެލޮލުގެ ރީތިކަން އިތުރުކޮށްފައިވަނީ އަނދުނުންނެވެ.

"އާނ މީރާ......" ނާޒްލީ ކުރު ޖަވާބެއް ދިނެވެ. ޔަނާ އަމިއްލައަށް ހުރިހާ އެއްޗެއް ކާން ހަދައިގެން މޭޒުމަތި ހަޑިކުރަން ފެށިއެވެ. ނާޒްލީ ތަށި އަތުލާފައި ޔަނާގެ އަނގައިގާ ބިސްގަނޑުން އެތިކޮޅެއް ލައްވާދިނެވެ.

"އެހާ ރީތި މީހަކަށް އެނޫން އަންހެނަކު ނުވީތަ؟ އައި މީން އޭނަ ދެން ދޮންމަންމަގެ އޭޖުމީހެއްނު، މީހުން ކިހާ މަލާމާތްކުރާނެ އެހާ ތަފާތު މީހަކާއި އިނީމަ، އިޒް ހަމަ ރިޗް މީހަކު ހޯދަންވެގެން ކުރިކަމެއް، އިޒް ޕްރޮފެސަރަކަށްވީމަވެސް އެހާ އެއްޗެއް ނުލިބެނީތަ؟ އިޒް ހީ ދެޓް ޑެސްޕެރޭޓް؟ އައި މީން ލައިކް ހަމަ ރިޗް ޔަންގް ގާލްއެއްވެސް ލިބިދާނެއްނު.........." މީރާ އޭނަގެ ބައްޕަ ހުއްޓަސް ހިތުގައިވާ ޝުޢޫރުތައް ހާމަކުރާކަށް ޖެހިލުމެއްނުވެއެވެ. ބައްޕަގެ އުނގަށް އަރާފައި އިންނަންވެސް އޭނައަށް ކެރެއެވެ. މަންސޫރު ދަރިން ގެންގުޅެފައިވަނީ ފުދޭވަރަކަށް ގާތްކޮށެވެ. މީރާއާއިއެކު މަންސޫރު ނަގާފައިވާ ހުންނަ ފޮޓޯތައް ބަލާފައި އެކަން ހާމަކޮށްދެއެވެ.

"މީރާ ދެން އިޒްޔަންއާއި އިންނަންވީ ނު...އެހާ ސިމްޕަތީވަންޏާ. ހަނގު އަނބިމީހާގެ ނުފޫޒު މާގަދަވާނެ........" ލިވާން ދިމާކޮށްލުމުން މީރާ ލިވާންއަށް ލޯ އަޅާލިއިރު ލަދުގަތީ ނާޒްލީއެވެ. ނާޒްލީގެ މޫނަށް ރަތްކުލަވެރިވެގެން ދިޔުމާއިއެކު އޭނަގެ މޭގަނޑު ބާރުބާރަށް ތެޅިގަތެވެ. މަންސޫރުގެ ކުރިމަތީގައިވެސް ދެބެން ކޮންމެ ފަދަ ވާހަކައެއް ދައްކާކަށްވެސް ޖެހިލެއްނުވެއެވެ. މަންސޫރުވެސް އެކަން ހުއްޓުވަން ނޫޅެ ހިނިތުންވެލާފައި ކޮންމެވެސް ސަމާސާއެއްކޮށްލިއެވެ. ބޭރުގެ މާޙައުލު އަނދަ އަނދާ އޮތަސް އެގޭގެ ތެރޭގައި އުޅޭބަޔަކަށް ހޫނުގެ އިހުސާސެއް ނުކުރެއެވެ. ނަމަވެސް ނާޒްލީ އިނީ ހާސްވެފައެވެ. އެހާ ފިނިގަދައިރުވެސް މޫނުމަތިން ދާތިކިތައް ފާއްދާލައިފިއެވެ. މީރާ އިޒްޔަންއާއި ހެދި އުޅެން ފެށީހެއްޔެވެ؟

ގޭގައި ގެންގުޅޭ އަންހެންކުއްޖަކު ނާޒްލީއާއި ބައްދަލުކުރަން މީހަކު އައިސް ހުރިކަމަށްބުނުމުން އެތަނަށް އެމީހަކު އައުމަށް ނާޒްލީ އެދުނެވެ. އޭރުވެސް ނާޒްލީ އިނީ ތެދުވާނެ ހިތްވަރެއްވެސް ނުލިބިފައެވެ. ދޮރުމަތީގައި ހުރި މީހަކު ފެނުމުން މީރާގެ މޫނަށް ހައިރާންކަމުގެ ކުލަ ހިނދުކޮޅަކަށް ވެރިވެފާވެސް އެހެން ކުލައެއް ޚިޔާރުކުރާން ނެގީ މަދު ސިކުންތުކޮޅެކެވެ.

ކޮމެންޓް 0