އިރުގެ އަލިގަދަ ދޯދިތައް ބިއްލޫރިތައް ފުރާނާފައި ކޮޓަރިތެރެއަށް އެޅެން ފެށުމުން ރަނީން ދެލޯ ހުޅުވާލާފައިވެސް ތެދުވާ ހިތެއްނުވިއެވެ. ބާލީހުގައި ބައްދާލައިގެން އިރުކޮޅަކު އޮވެލާފައި ފޯނު ނަގައިގެން އެފްބީއަށް ވަދެލީ އާދައިގެ މަތިން އެކުވެރިން ލިޔެފައިވާ ސްޓޭޓަސް ތަކާއި ފޮޓޯތައް ބަލާލުމަށެވެ. ރަނީންގެ ހިތަށް ސިހުމެއް ލިބުނީ އޭނަ ޓެގްކޮށްލާފައި ކޮންމެވެސް މީހަކު ލިޔެފައިވާ ޢިބާރާތްކޮޅު ފެނިފައެވެ.

"އެދުވަހު އަހަންނަށް އެނގުނޭ ތީ ވާޖިންއެއް ނޫންކަމާއި އެތައް ފިރިހެނުންނާއިއެކު އުޅެފައިވާ އަންހެނެއްކަން، އިނޮސެންޓް ސިފައެއްގައި ހުރި ނާސިއެއް ތީ، ދުނިޔެއަށްވެސް ބަދުނާމުކުރާނަން، ސޯޝަލް މީޑިއާގައި އެވާހަކަ އޮންނާނެ. ދެރަވެއްޖެ ދޯ، ސޮރީ އެކަމަކު އަހަރެން ބޭނުން އެހެން މީހުން އެވެއަރ ކުރަން، ނޫނީ ތި މައުސޫމް ކުއްޖާގެ ޝިކާރައިގާ އަހަރެންކަހަލަ ކިތައް މީހުން ޖެހޭނެތަ؟ ފޮޓޯއާއި އެކުގައި ދެން މަޝްހޫރުކުރާނީ....." ލިއޯން ސްކޮޓް ކެނެޑީ އެއްގެ ނަމުގައި ވާ މީހަކީ އިޒްޔަން ނޫން ދެވަނަމީހަކަށް ނުވާނެކަން ރަނީންއަށް އެނގުނެވެ. ދުވަހަކު އެހާ ނުބައި ގޮތެއް ހިތަށް ވިކަމެއް ނޭގެއެވެ. މީހަކު މުށުތެރޭގައި ލާފައި ޗިސްކޮށްލިޔަސް އެހާ ތަދެއް އިހުސާސް ނުކުރެވޭނެކަން ގައިމެވެ. ހިތުގެ ވިންދު ހުއްޓި މޫނަށް އަނދިރިވާގޮތްވިއެވެ. އޭނަގެ އެކުވެރިކުދިންތައް ސިހުމާއިއެކު ކޮމެންޓްތައް ކޮށްފައިވެއެވެ. ގިނަކުދިންވަނީ ހަމްދަރުދީ ފާޅުކޮށްފައެވެ. އެމީހާ އޭނަ ބަދުނާމުކުރަން އަދި މިއަށް ވުރެ އެތައް ކަންތައް ކުރާނެކަން ޔަޤީންވިއެވެ.

ރަނީން ހާސްކަމާއިއެކު އަވަހަށް އޭނަގެ ޕޭޖުން އެބައި ފޮހެލިއެވެ. އަދި އެ ލިއޯންއެއްގެ ޕްރޮފައިލްއަށްވަން އިރު ޕަބްލިކަށް ފެންނާނެހެން އެ ސްޓޭޓަސް ޖަހާފައި ރަނީންގެ ފޮޓޯއެއް ލާފައި އިނެވެ.

"ނޫން، ނޫން..ކީއްވެ އިޒް؟ އަހަންނަށް ތިހާ ދެރަކޮށް ކަންތައްކުރީމަ އިޒްގެ ހިތަށް ހަމަޖެހުން ލިބެނީތަ؟" ރަނީންގެ ދެލޮލަށް ކަރުނަ ޖަމާވެ ފައިބައިގަތެވެ. ހަދާނެގޮތް ހުސްވެގެން އެންމެ ކުރިން ގުޅީ ޒީކާއާއި ޒޯޔާއަށެވެ. އެދެކުދިން ރަނީންގެ ހިތާމައިގާ ބައިވެރިވެ ހާސްކަން ފާޅުކުރިއެވެ. އެމީހަކީ ކާކުބާވައޭ ކިޔައިގެން ސުވާލުކުރިއެވެ. ރަނީންއަށް ޖެހުނީ އެކުވެރިން ކައިރީގައި ދޮގުހަދާށެވެ. އެއީ އިޒްޔަން ފޮނުވި މެސެޖެއްކަން އަންގައިގެން އަމިއްލައަށް ލަދެއްގައި ބެދުން ނޫންކަމެއް ނުވާނެއެވެ. އިޒްޔަން އެހާ ބޮޑަށް އޭނަ ނިކަމެތިކޮށް ހިތުގައި ޖައްސާލިކަން އެނގިއްޖެއްޔާ އެންމެން ހާދަ މަލާމާތެއް ކުރާނެއެވެ. އެންމެ ރަގަޅެވެ. "ލިއޯން"ގެ ނަމުގައި ހުރެ ސިއްރުން އުޅުނަސް އެންމެ ރަގަޅެވެ. އިޒްޔަން ކަން މީހުންނަށް އެނގިއްޖެއްޔާ އޭނަ ގަންނާނެ ލަދު އެތައް ގުނަ އިތުރެވާނެއެވެ. ޒޯޔާ އިރުކޮޅެއް ނުވެ ބޮޑު އައިސްކްރީމްތަށްޓެއް ގެނެސް ރަނީންއަށް ދިނެވެ. އެކަހަލަ ކަންތަކާ ހާސްނުވާން ބުނެލިއެވެ.

"ސައިލެންޓްހިލްގައި އުޅޭ ލިއޯންގެ ޕްރޭންކަކަށް ތިވާނީ. އެއްވެސް މީހަކު ސީރިޔަސްކޮށެއް ތިކަހަލަ ކަންތަކެއް ނުނަގާނެ، ނިންނި އޭ ކިޔައިގެން ވާހަކަ ދެއްކިޔަސް ނިންނި އިނޮސެންޓްކަން އެންމެނަށް އެނގޭނެ، ނިންނި ތީ ސްކޫލްގެ ޕްރިފެކްޓެއް، އެކަކުވެސް ތިވާހަކަ ގަބޫލެއްނުކުރާނެ، އަގު ވައްޓާލަންވެގެން ޑެސްޕެރޭޓްމީހަކު ކުރި ޑެސްޕެރޭޓް އެކްޝަނެއް....." ޒޯޔާ ވިސްނާދިނެވެ.

ރަނީން ހިންދިރުވާލިއެވެ. ޒޯޔާ ކިތަންމެ އާދައިގެކޮށް އެ މައްސަލަ ނެގިޔަސް ރަނީންގެ ހިތް ކުނޑިކުނޑިވެގެން ފައިބަނީއެވެ. ފުރާނައިން ލޯބިވާ ލޯބިވެރިޔާގެ އެ ޢަމަލުކުށްވެރިކޮށް ރުޅި އަންނަންވީމަ އެކަމެއްވެސް ނުކުރެވުނެވެ. އިޒްޔަން އިންޒާރު ދިނުމުން އޭނަ ހީކުރީ ބިރުގަންނަވަންވެގެން ބުނި އެއްޗެއްކަމަށެވެ. އެކަމާ ދެރަވިޔަސް އިޒްޔަން އެކަހަލަ ނުލަފާކަމެއް ކޮށްފާނެކަމަށް ހިޔެއްނުކުރެއެވެ. ނަމަވެސް އިޒްޔަން އެކަން ސާބިތުކޮށްދިނުމުން ހަލާކުވެފައިވާ ހިތް އިތުރަށް މަރުވީއެވެ.

ޒޯޔާ ރަނީންގެ ހިތާމައިގާ ބައިވެރިމުގެ ބަދަލުގައި އުޅުނީ މާ ބޮޑު އުފަލެއް ލިބިގެން އުޅޭ ކުއްޖެއްހެންނެވެ. ލަވައެއް ކިޔާލެވެއެވެ. ނަށާލެވެއެވެ. އަނގަގަދަކަމުން އެވަރެވެ. އެއްތާކު މަޑުން އިންނަން އުދަގޫވެގެން ކޮންމެވެސް ތަނެއް ހާވާފައި އުޅޭތަން ފެނެއެވެ. އެންމެފަހުން ނާޒްލީ އެކަނި އިން ދަނޑިވަޅެއް ބަލާލާފައި ފޭސްބުކް ހުޅުވާލާފައި ލިއޯންގެ ސްޓޭޓަސް ދައްކާލުމުން ނާޒްލީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔުމާއިއެކު އަނގަމަތީގައި އަތްއެޅިއްޖެއެވެ.

"އެއީ ކާކުތަ؟ " ނާޒްލީ އަހާލިއެވެ.

"ނޭގޭ، ނިންނި ސިއްރުވެރިކަމުން އަހަ އަހާ ނުބުނި، ކޮންމެވެސް ކަމެއް ވީމައެއްނު މީހަކު އެހާވަރުން ނިންނި އޭ ކިޔައިގެން އެކަހަލަ ވާހަކައެއް ފަތުރާނީ، ނިންނި އެހާ ބަލިވުމުގެ އަސްލަކީ މިއީކަން ނޭގޭ، މަންމަ ކައިރީ މިވާހަކަ މިބުނީ އޭނަ ބޯ ގޮވާފައި އިންހެން ހީވީމަ، ސުއިސައިޑްވެސް ކޮށްފާނެ....." ޒޯޔާ ތަންކޮޅެއް ބޮޑުކޮށްލާފައި ވާހަކަ ދެއްކިއެވެ.

"ކިހާ ދެރަކަމެއް........ " ނާޒްލީ ދޮވެފައިވާ ހެދުންތައް ހަރުތަކުގައި އަޅުވާ ނިމިގެން އެތާހުރި ގޮނޑިއަކަށް ތިރިވިއެވެ. އެތަނުގައި ބަހައްޓާފައި ހުރި ޕޮޓްތަކުގައި ވާ މާމެލާމެލިވެސް ވަނީ އަޅާނުލެވުމުގެ ސަބަބުން މިލަން ފަށާފައެވެ. މިގޭގެ ދިރުން ނެތިގެން މިދަނީ ކީއްވެ ބާވައެވެ.

"ނިންނި ބުރުގާ ނާޅަންވެސް އެހުންނަނީ އެހެންވީމަތާ...." ޒޯޔާ ބުމަ އަރުވާލިއެވެ.

"ޒޯޔާވެސް ދެން މީހަކާއި އިންނަން މަންމައަށް ފެނޭ، އަންހެންދަރިން ބޮޑެތިވުމަށްފަހު މައިންބަފައިން އެންމެ ދެކެން ބޭނުންވާ އެއްދުވަހަކީ އެއީ، ނޫނީ މިފަދަ ދެރަގޮތެއް ދިމާވެ މުސްތަޤުބަލް ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ، ޒޯޔާ ގެއިން ބޭރަށް ދާކަށް ދެން ހުއްދައެއް ނުދޭނަން، ކިތަންމެ ބެލެހެއްޓިޔަސް ދަރިން ސިއްރުން ކުރާ ކަންތަކުން މިލިބެނީ ކިހާ ބޮޑު ބަދުނާމެއް، އަޒީޒުވެސް ލޭމަތިވުމުގެ މައްސަލަ ދިމާވެފައި ހުއްޓާ އެވާހަކަ ކަންފަތަށް އިވިއްޖެއްޔާ ދެން ވާނެގޮތަކާއިމެދު ބިރުގަނޭ، ޒޯޔާ ނިންނި ކައިރިން އެމީހަކު އަހާބަލަ، ދެން މާރަގަޅުވާނެ ނިންނި އެމީހަކާއި އިނީމަ....." ނާޒްލީ ރަނީންދެކެ ފޫހިވާގޮތްވިއެވެ. އެހިސާބަށް ދިޔުމުން އަމިއްލަ ދަރިއެއް ނަމަވެސް އެފަދަ އިޙުސާސްތަކެއް ހިތުގައި އުފެދޭނެއެވެ. އޭނަގެ ބެލުން ދަށުގައި ހުރެގެން މިފަދަ ދެރަގޮތެއް ވުމުން އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ.

ނާޒްލީ ކޮޓަރިއަށް ވަންގޮތަށް ކަރުނަ އޮއްސިއެވެ.

ރަނީން ސްކޫލް ޔުނިފޯމުގައި ހުރެ އެތެރެއަށް އެޅި ފިޔަވަޅާއިއެކު އެހެން ދުވަހާއި ޚިލާފަށް ލޯތައް އަމާޒުވެހެން ހީވެ ހާސްކަން އިތުރުވިއެވެ. އެއްވެސް ކުއްޖަކާއި ހަތަރުކަޅި ހަމަކުރުން ފަސޭހައެއްނުވިއެވެ. ފޭސްބުކްގައި އޭނަގެ ތަސްވީރާއިއެކު ޖަހާފައި ހުރުމުން ކިތަންމެ ކުދިންނަށް ފެންނާނެއެވެ. ރަނީންގެ ނިތްކުރިން ފިނި ދަލެއް ހިއްލާލައިފިއެވެ. ޙަޔާތުގެ ކޮންމެ ސިކުންތެއް ސިހުމާއި ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައި އިޒްޔަން ދިޔައީ އެވެ. ކުށަކީ އޭނަ އިޒްޔަންދެކެ ލޯބިވުން ހެއްޔެވެ؟ ތެޅި ތެޅިވާ ހިތަކާއިއެކު އޭނަގެ ޑެސްކްގައި އިށީނުމުން ޒީކާ މަޑުމަޑުން އަތުގައި ކޮށްޓާލިއެވެ.

"ނިންނި، ޑޯންޓް ވޮރީ، މީހުން ކިޔާއެއްޗަކަށް ބަލައިގެން ދުނިޔޭގައި އުޅެން ވެއްޖެއްޔާ ވާނީ އެއްކަލަ ޑޮންކީގެ ސްޓޯރީއަށްވިހެން، މީހުން ފާޑުނުކިޔާނެ ގޮތަކަށް ކަމެއް ނުކުރެވޭނެ، ބަޓް އިޓްސް ޔޯރ ލައިފް، ނިންނި ބޭނުން މީހަކާއި އެކު ބޭނުންގޮތަކަށް އުޅެވޭނެ، ބަޓް އައި ހޭވް އެ ކުއެސްޝަން..." ޒީކާ އިނގިލި ދޭތެރޭގައި ގަލަން ފިއްތާލައިގެން އިންއިރު އެއަތްތިލައިންވެސް ދާ ހިއްލާލައިފާވެއެވެ.

"އަހާބަލަ....." ރަނީންގެ މޫޑު ކިތަންމެ ގޯސްވިޔަސް އޭނަ ހިނިތުންވެލިއެވެ.

"އެއީ ތެދެއްތަ؟ ކޮންއިރަކު ނިންނި އެކަހަލަ ކަމެއްކޮށްލީ؟ ގޯން އޯލް ދަ ވޭތަ ހަމަ؟ ކިޔާދީބަލަ އަހަންނަށް........ " ޒީކާ ހީވީ އަލަށް އެވާހަކަ އިވިގެން އުޅޭހެންނެވެ. ރަނީން ކުޑަކޮށް ނުރުހުންވިއެވެ. ނަމަވެސް އެންމެންގެ ކުރިމަތީގައި އަގު ވެއްޓިފައިވާއިރު އެކަމާއި ދެކޮޅަށް ވާހަކަ ދައްކާނެ ހިތްވަރެއްވެސް ނެތެވެ.

" ކޯންޗެއް ކިޔާދޭންވީ؟ " ރަނީން ފޮތް ހުޅުވާލައިގެން އިނދެފައި އަހާލިއެވެ.

"ފީލިންގްސްތަކާއި ހުރިހާކަމެއް، ވާހަކަފޮތްތައް ކިޔާއިރު އެކަހަލަ ބައި ކިޔާފައި ހީވޭ ދެން އެއަށްވުރެ ހިތްހަމަޖެހުން ލިބޭކަމެއް ދުނިޔޭގައި ނުވާހެން، އަހަންނަށް އަދި ތިކަހަލަ ނަސީބެއް ނުލިބޭވިއްޔަ، އެހެންވެ މިވަރަށް އަހާލެވެނީ، އިޒްޔަންހާ ސެކްސީ ހޮޓް މީހަކާއިއެކު އެއްގެއެއްގައި އުޅެމުން ނިންނިއަށް ނޭގުނު އެކުއްޖާ އަތުލާކަށް، ފާޑެއްގެ ލިއޯން އެކޯ، އެކަމަކު މަގޭ ސުވާލަކީ އެންމެ ފުރަތަމަ ނިންނި އުޅުނީ އިޒްޔަންއާއިއެކު ތަ؟ އެއީ މަށަށް އެނގެން ބޭނުންވާ ތަންކޮޅަކީ......" ރަނީން ލައްވާ ގަދަކަމުންވެސް އެވާހަކަ ބުނުވަން އުޅޭ ވައްތަރަށް ޒީކާ ވާހަކަ ދެއްކިއެވެ.

އިޒްޔަންގެ ނަން އިވުމާއިއެކު ރަނީންގެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔައީ ސާފުފެނަށް ރަތްކުލަ ކޮޅެއް އަޅާލުމުން ފޭދިގެން ދާފަދައިންނެވެ. އިޒްޔަން ދާދި ކާރީގައި ބަލަން އިންނަމަވެސް ވާނީ އެހާކަށްހާ ވަރެވެ. އިރުކޮޅެއްވާންދެން އިޒްޔަންގެ ހަނދާންތައް ރަނީން ބުދެއްހެން ގަނޑުކޮށްލިއެވެ. އިޒްޔަންގެ ނަމުގެ އަޑު އިވުމުންވެސް މުޅި ހަށިގަނޑުގައި ހީބިހި ނަގާފައި ހިތް އެންމެ ބާރުމިނުގައި ތެޅިގަންނާތީ ޚުދު އޭނަވެސް ހައިރާންވެއެވެ. އިޒްޔަން އޭނައަށް ހެދީ ކޮންކަހަލަ ސިހުރެއް ހެއްޔެވެ؟ އެވަރަށް އޭނަ ނިކަމެތިކޮށްލާއިރުވެސް ހިތުގައި އުފެދިފައިވާ ލޯތްބަށް ފަނޑުކަމެއް ނާދެއެވެ. އެލޯބިވަނީ އޭގެ އެންމެ ތާޒާކަން މަތީގައެވެ.

"ނިންނި......ވާހަކަދައްކަބަލަ. ކިހިނެއްވެފައި ތިއިނީ؟ "ޒީކާ އަތުގައި ވިކައިގަތުމުން ރަނީން ކުޑަކޮށް ލޯ އަޅާލައިފިއެވެ.

"އެޓްލީސް އެ ނަސީބުވެރިޔަކީ ކާކުތަ؟ އައި މީން ނިންނިގެ އަގު ބޮޑު ގިފްޓް ދިނީ ކާކަށްތަ؟ "ޒީކާ ކިތަންމެ ޅަނަމަވެސް ވާހަކަފޮތްތައް ކިޔާކިޔާ އަނގައެއް ދެއްވާފައިވެއެވެ. ޒީކާ ފާޑަކަށް ރަނީންގެ މޫނަށް ބަލައިލީ އޭނައަށް ވުރެ ހުރިހާ ކަމެއްގައި ރަނީން ކުރި ހޯދާތީ އެކަމާއި ދެރަވެފައި އިނދެއެވެ. ކިތަންމެ ވަރަކަށް ހޯދަން އުޅުނަސް ރަނީންގެ މޫނުމަތި ފެންނަލެއް ތާޒާކަމުން ފަތިހަށް ފޮޅިފައިވާ މަލެއްފަދައެވެ. ފަން އިސްތަށިގަނޑަށް އަރާފައިވާ މުށިކުލައާއިއެކު އެކުލައިގެ ދެލޮލުގެ ސަބަބުން އޭނަ ވައްތަރީ ބޭރުކުއްޖަކާއެވެ. ކަންހުޅީގައިވާ ލޯލިތައްވެސް ރަންކުލަ ޖައްސާފައިވާކަހަލައެވެ. ކިތަންމެ ވަރަށް އެރީތިކަން ފަނޑުވާން ޒީކާ އެދުނަސް އެކަމެއް ނުވެއެވެ. ބެލިބެލިހެން ރީތިކަން އިތުރުވުން ނޫންކަމެއް ނުވެއެވެ.

"ޕްލީޒް އިހަށް ތިވާހަކަ ބާއްވަބަލަ......" ރަނީން ބޮލަށް އުދަގޫވެފައި ބޭރަށް ބަލަންފެށިއެވެ. އުދަރެހަށް އެއްވަމުންދާ ވިލާތައް އިޢުލާންކުރަނީ އަންނަން އުޅޭ ތޫފާނެއްގެ ވަރުގަދަކަމެވެ. އުޑުމައްޗަށް ވެރިވަމުންދާ ކުލަވަރާއި އޭނަގެ ތޮބީޢަތު ކިތަންމެހާވެސް ގުޅެއެވެ.

"އެންމެން ސިއްރުން އެދައްކަނީ ނިންނިގެ ވާހަކަކަން އެނގޭތަ؟ އަހަރެން ފްރެންޑަކަށްވީމަ އަހަރެން ކުރިމައްޗަށް އައިސް އެހިޔަސް އެހެން މީހެއް ނުވެސް އަހާނެ. ތިހެން ހިލަ ބުދެއްހެން ގަނޑުވެފައި އިނދެގެން އެހެން މީހުންނަށް ލިބޭ ހިތްވަރަކަށްވާނެ ނިންނި، ތަންކޮޅެއް ގަޓްހުރި ކުއްޖަކަށްވެގެން ގަދަކޮށްލާފައި ދައްކަން ތިބުނާ ލިއޯންއަކާއިއެކު އޮޕެންކޮށް އުޅެންފަށާބަ......." ޒީކާގެ ވާހަކަ ހުރީ ރަނީން ފަހަރެއްގައިވެސް ހިތްހަމަޖެހޭގޮތަކަށް ނޫނެވެ. އެންމެ ގާތުގައި އުޅެނީ ޒޯޔާއާއި ޒީކާއެވެ. ޒޯޔާއަށްވުރެވެސް ޒީކާ ވާހަކަދައްކާގޮތުން ރަނީންގެ ހިތަށް ލިބެނީ ދަތިކަމެކެވެ. ބައެއްފަހަރު ނުސީދާކޮށް މަލާމާތްކުރަނީއޭ ހިތަށް އަރާފައިވެސް ރަނީން އަމިއްލަ ނަފުސް ކުށްވެރިކުރެއެވެ. މިފަދަ ވަގުތެއްގައި ހިތްވަރުގެ ބަހެއްވެސް އޭނައަށް މަލާމާތުގެ ގޮތުގައި ސިފަކުރެވެނީއެވެ.

"އަހަރެންވެސް ޓެގްކޮށްފައި އިނޭ، އަހަރެން ކޮމެންޓް ކުރިން، ތިއުޅެނީ ނިންނި ބަދުނާމުކުރާށޭ، ކަލެއަކަށް ކާމިޔާބެއް ނުވާނެއޭ....ދެން އެނގޭތަ އެ ފިރިހެނާ ބުނެލިއެއްޗެއް، ދެން ކަލޭ ކިޑްނެޕް ކޮށްފާ ހަދާލާނެގޮތް ބަލަން ހުންނާށޭ، މަ ރިޕްލައިކުރީމަ އެފް ވޯޑް ޔޫޒްކުރީ.......ވަރެއްގެ މީހަކާއި ނިންނި ތިގުޅުނީ؟ އެހެންވެގެންނޭ މިއަހަނީ އެއީ ކާކުހޭ؟ އަހަރެމެންނަށް ފުލުހުންނަށް އެންގިދާނެ......" ޒީކާ ކުރިއަށް ގެންދިޔައެވެ.

"ޒީކް ކީއްވެ ރިޕްލައި ކުރަންވީ؟ " ރަނީން ކުއްލިއަކަށް ޒީކާއާއި ހަތަރުކަޅި ހަމަކުރިއެވެ.

"އަހަރެން ބޭނުންވީ ނިންނިގެ ކުށެއްނެތްކަން ހާމަކުރަން....." ޒީކާ ފުންނޭވަޔެއްލިއެވެ.

ވާރޭވިލާތަކުން ހަތަރުއުދަރެސް ބައްދާލިގޮތަށް އަންނަން ފެށި ބާރު ވަޔާއެކު ގަސްތައް މުލުން ލުހިގެން ނުގޮސް ތިބީ ކުޅަދުންވަންތަކަމުންނެވެ. އެއްވެސް ހިމާޔަތެއްނެތި ހާމަޔަށްވާ ގަސްތަކުގެ ގޮފިތައް ހޫރެމުންދާއިރު މުޅި ފަޒާގައި ހަރުލާފައިވަނީ އެންމެ އަޑެކެވެ. ރަނީން ބޭރަށް ބަލަން އިންދާ އޮފީހަށް އޭނަ އަންނަން މުދައްރިސަކު އެންގުމުން ރަނީންގެ ފިނިވެފައިވާ އަތްތިލަ އިތުރަށް ފިނިވިއެވެ. އޭނަ ގެންދަނީ ކޮންކަހަލަ ކުށެއްކުރެވިގެން ހެއްޔެވެ؟

ރަނީން ގެންދެވުނީ ސްކޫލްގެ ޑިސިޕްލިނަރީ ކޮމިޓީއަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެކަމާއި ސުވާލުކުރާށެވެ. ޓީޗަރެއްގެ ފަރާތުން އެ ޚަބަރު ލިބިގެން އެކަމާއި ބެހޭގޮތުން ރަނީން ބުނާ އެއްޗެއް އޮޅުން ފިލުވަން ބޭނުންވީއެވެ. ރަނީން އެކަމާއި ބެހޭގޮތުން ވަކި ބުނާނީ ކީކޭހެއްޔެވެ؟ ކެތްކޮށްގެން ހުއްޓާވެސް އެރީތި ދެލޯ ފުރިގެން އައީ ހޫނު ކަރުނައިންނެވެ.

"ތިއީތަ ރަނީންގެ ޖަވާބަކީ؟ އަމިއްލަ ދިފާޢުގައި އެއްޗެކޭ ބުނިނަމަ އަހަރެމެން ގަބޫލުކުރާނަން، އެކަމަކު މިހާރު އެނގިއްޖެ ރަނީންއާއި ބެހޭގޮތުން މިފެތުރެނީ ހަގީގީ ވާހަކައެއްކަން، ދެން ދިޔަސް އެންމެ ރަގަޅު....." ރަނީންއާއި ކުރެވުނު ސުވާލުތަކުންނާއި އަހަ އަހާ އަނގައިން ބުނަން އިންކާރުކުރުމުން ނިންމީ އޭނަ ކުށްވެރިވީކަމުގައެވެ. ރަނީންއާއި ބެހޭގޮތުން ވާހަކަ ދެއްކުމަށްފަހު ޑިސިޕްލިނަރީ ކޮމިޓީއިން ރަނީންގެ ބެޖް ނެގިއެވެ. ސަސްޕެންޑްކުރިއެވެ. އޯލެވެލް ބޯމަތިވެފައި އޮތްވާ އެފަދަ ފިޔަވަޅެއް އެޅިކަމީ ރަނީންއަށް ލިބުނު ދެރައެކެވެ.

ރަނީން ހީކުރީ އެހިސާބުން މައްސަލަ ނިމުނީކަމުގައެވެ. އިތުރަށް އެވާހަކަ ނުދެކެވޭނެ ކަމުގައެވެ. ސްކޫލުން އޭނަގެ ބައްޕައާއި ދޮންމަންމަ ހާޟިރުކޮށްފައި ރަނީންގެ އަޚުލާގީ މައްސަލަ ހުށަހަޅާނެކަމަކަށް ރަނީން ފަހަރެއްގައިވެސް ހީކޮށްފައެއްނެތެވެ. ގެއާއި ހަމަޔަށް ފޯރީ ކިރިޔާއެވެ. ބޯވާރޭގެ ލަޝްކަރު ދިން ހަމަލާގެ ސަބަބުން ފުރާޅުތަކަށްވެސް ކެތްނުކުރެވޭވަރުވިއެވެ. ފިނިކަން ގަދަވެގެން ރޫރޫއަޅަން ފެށިއެވެ. ތެމިފައިވާ ޔުނިފޯމް ބަދަލުކޮށްލާފައި ވޫލުން ވިޔެފައިވާ އޮރެންޖްކުލައިގެ ހެދުމަކާއި ސްކިނީއެއްލުމުން ތަންކޮޅެއް ހީފިލާ އަރާމުވިއެވެ. ވާރޭގެ ސަބަބުން އިޒްޔަންގެ މަތިން ހަނދާންވާންފެށީ އެހާވަރަށެވެ. އިޒްޔަންއާއި ހޫނު ކޮފީއެއް ލިބޭނެނަމައެވެ.

"ކީއްވެ އަހަރެންގެ ހަނދާނުން ނުފިލައިގެން ތިއުޅެނީ؟ އެދުވަސްމަތިން ހަދާން ނައްތާލަން ބޭނުން، ތިއަނިޔާވެރިޔާ ހިތުން ނެރެއެއްލާލަން އުޅުނަސް އެކަން ނުވަނީ އަހަރެންގެ ބަދުނަސީބުކަމުންބާވައޭ ހިތަށް އަރާ......." ރަނީން ބެލްކަނީގައި ހޫނު ކޮފީއެއް ބޯލަން ހުރިއިރު އެމުށި ދެލޮލުގައި ބަބުޅަނީ ބޮޑެތި ކަރުނަ ތިކިތަކެވެ.

ކާރު މަޑުކޮށްލުމާއިއެކު އަޒީޒުއާއި ނާޒްލީ ކާރުގެ ދޮރުފަތް ހުޅުވާލާފައި އަވަސްވެގަތީ ނުތެމި އެޕާޓްމެންޓަށް ވަނުމަށެވެ. އަޒީޒުގެ މޫނުމަތިން ފެންނަ މާޔޫސްކަމާއި ރުޅިވެރިކަން އަދި ހިތާމަ ނާޒްލީއަށް އިޙުސާސްކުރެވި އެއަތްތިލައަށް ބާރުކޮށްލެވުނެވެ. އަޒީޒުގެ ތެމިފައިވާ ދެލޮލުން އޭނަގެ އުދާސްތައް ހާމަކޮށްދިނެވެ. ކޮޓަރިއަށް ވަދެފައި އަޒީޒު އެނދަށް ތިރިވިގޮތަށް މޫނުގައި ދެއަތްއެޅީ ހިތަށް ކޮށްފައިވާ ފުން އަސަރަކުން ކެތްނުވެގެންނެވެ.

"އަހަންނަށް ޔަގީން އަހަރެންގެ ދަރިފުޅުގެ ބޮލުގައި ބަޔަކު އަޅުވައިގެން އުޅޭ ދޮގު ތުހުމަތުތަކެއްކަން. ރަނީން އެހާ ވިޔާނުދާގޮތަކަށް ނޫޅޭނެ، އެކަން އެންމެ ރަގަޅަށް އެނގޭނެ މީހަކީ ނާޒް، ނާޒްގެ ތަރުބިއްޔަތުގެ ސަބަބުން ރަނީންގެ އުޅުމަށް ވަރަށް ބޮޑު ބަދަލެއް އައިސްފައި އެވަނީ، މިގެއިން ބޭރަށް ދިޔަސް ސްކޫލަށް ނޫނީ މަންމަގެ ގެއަށް އެކުއްޖާ ދަނީ، މިގެއަށް އަންނަ ފިރިހެނަކީ އެކަނި ވިޝާމް، އަހަންނަށް ޔަގީންކަން އެބައޮތް ވިޝާމްއާއިމެދު، ކީއްވެތަ؟ ކީއްވެ ކުށެއްނެތް ކުއްޖަކާއިމެދު ދޮގުވާހަކަ އެއް ފަތުރަންވީ......." އަޒީޒު އަސަރުކޮށްފައިވާ އަޑަކުން ބުނެލިއެވެ.

"އެނގޭ، ރަނީންއަކީ ގޯސްކުއްޖެއް ނޫން، އިންސާނަކަށް ކުށެއްކުރެވިދާނެ، އެހެނޭ ކިޔާފައި ބަދުނާމްކުރާފަދަ ގޮތަކަށް ވާހަކަދެއްކިގެން ނުވާނެ...." ނާޒްލީ އެވަރަށް ބުނީ އިޒްޔަންއާއި ރަނީންގެ އޮތް ގުޅުމުން އެނގިފައިވާ އެއްޗަކުންނެވެ. ރަނީންގެ މައުސޫމްކަމާއިމެދު ޝައްކުކުރެވުނީ އެމެސެޖްގެ ސަބަބުންނެވެ.

"ނާޒްވެސް ތިބުނަނީ އެއީ ތެދެކޭތަ؟ ނުވާނެ އެހެނެއް، ނާޒް، ގަބޫލުކުރޭ، އަހަރެން ފަހަރެއްގައިވެސް އެކުއްޖާގެ ރައްކާތެރިކަމާއިމެދު އިހުމާލެއްނުވަން، އަހަރެމެން ޕޭރެންޓުންގެ ގޮތުގައި ފެއިލްވެއްޖެއޭ ނާޒްވެސް ނުބުނެބަލަ. މިހާ ބޮޑުކަމެއް ހިނގާއިރު އަހަރެމެންނަށް ނޭގެންވީ ސަބަބެއްނެތް، ރަނީން ގެނެސްފައި ސުވާލުކޮށްބަލަ، އެމޫނުން އަހަންނަށް މައުސޫމްކަން ނޫން އެއްޗެއް ނުފެނޭ، ކީއްވެތަ އެމީހުން އަހަރެންގެ ކުޑަ ދަރިފުޅުގެ އަގުވައްޓާލީ؟ ބެޖް ނަގާފައި ސަސްޕެންޑްކުރީމަ ދެން ވާނީ ކިހިނެއްތަ؟ އަހަންނަށް ކެތްނުކުރެވިގެންނޭ އެމީހުންނާއި ދިމާލަށް ހަޅޭއްލަވައިގަންނަން ޖެހުނީ........" އަޒީޒު އާއި ދިމާވި ހިތާމައަށް ކެތްނުކުރެވިގެން އޭނަގެ ސިކުނޑިވެސް ރަގަޅަށް މަސައްކަތެއްނުކުރެއެވެ. ނާޒްލީ އަޒީޒުގެ އިސްތަށިގަނޑުގައި ފިރުމަ ފިރުމާފައި ހިތްހަމަޖައްސައިދޭން މަސައްކަތްކުރިއިރުވެސް އޭނައަށް އެނގިފައިވާ ހަގީގަތް އަޒީޒުއަށް ސިއްރުކުރިއެވެ. ހަގީގަތް އަޑުއަހާނެ ހިތްވަރެއް އަޒީޒުގެ ނެތެވެ.

ރަނީން ކޮފީ ބޮއިނިމިގެން މަގު ދޮވެލިއިރުވެސް ޚިޔާލުގައިވަނީ އިޒްޔަންއެވެ. އެފަޅު ރަށެވެ. އެއަތުތެރޭގައި އޭނަ ވީގޮތެވެ. ކޮންމެ ވަގުތެއް ފިލްމެއްގެ މަންޒަރުފަދައިން އޭނަގެ ހިތުގެ އެންމެ ފުނުގައި ރައްކާކުރެވިފައިވެއެވެ. ވާރޭވެހޭ ކޮންމެ ދުވަހެއްވެސް އާކޮށްދޭނީ އެހަނދާންތަކެވެ. ޒޯޔާ ކޮލެޖުން ނިމިގެން އައިގޮތަށް ފޮތްތައް ސޯފާގެ މައްޗަށް އެއްލާލާފައި ފްރިޖް ހުޅުވައިލިއެވެ.

"އެހާ ސަޅިކޮށް ވައިޖެހެނިކޮށް ވާރޭ އޮއްސައިގަތީމަ ދެން ފޫހިވެއްޖެ، އައި ހޭޓް ރެއިން....." ޒޯޔާ ބުނެލިއެވެ.

"ހޫމް...." ރަނީން ކުޑަކޮށް އެނބުރިފައި ބަލާލިއެވެ.

"ސޯ......ކިހިނެކޯ ދެން މި ޑްރާމާ ނިމެނީ؟ "ޒޯޔާ އަހާލައިފިއެވެ.

"ކޮން ޑްރާމާއެއްތަ؟ "ރަނީންއަކަށް ނޭގުނެވެ.

"ނިންނިއާއި ލިއޯންގެ ކުޅިގަނޑު، މަގޭ ހިތަށް އަރާ އޭނަ ކޮންކަމެއްގެ ބަދަލުބާވައޭ ނިންނިގެ ފަރާތުން ހިފަން އެއުޅެނީ؟ ފިރިހެނަކު ކުރަން މާ ރީތިކަމެއްނޫން، އާއްމުކޮށް މޮޔަ އަންހެންކުދިން ކުރާ ޒާތުގެ ކަމެއް ދޯ. ރިއަލް ފިރިހެނަކު ދެން އެކަހަލަ ކަންތައް އެފްބީއަކު ނުކުރާނެ، ނިންނި އެހާ ގަމާރު މީހަކާއި ގުޅުމެއް ބޭއްވިކަން ރަގަޅެއްނު، އަދި ދެން މަގޭ ފެވެރިޓް ކެރެކްޓަރގެ ނަން ނަގައިގެން އުޅޭތީ ފޫހިވެގެން ހަލާކުވާވަރުވޭ............" ޒޯޔާ ހީހީފައި ކިޔާލިއެވެ.

ކުއްލިއަކަށް ބޯ ވާރޭގެ އަޑުވެސް ކަނޑުވާލާހާ ތޫނުކޮށް މީހަކު ހަޅޭއްލަވައިގަތުމުން ޒޯޔާއާއި ރަނީންއަށް ބޭއިޚުތިޔާރުގައި ދުއްވައިގަނެވުނީ އެދިމާލަށެވެ. އެމާވެސް ދެލޯ ބޮޑުކޮށްގެން ނުކުމެ ދޮރަށް ލެނގިލިއިރު އެމޫނު ހުދު ކަފަކޮޅަކަށްވެއްޖެއެވެ. މާމަ އޭރުވެސް ކޮންމެވެސް އެކަކަށް ގޮވާލަ ގޮވާލާއިނެވެ.

ކޮމެންޓް 0