"މަށެއް ނޫން ފޮރުވަނީ. އަމިއްލައަށް، ނަތާ ނުފޮރުވާކަމެއް އަހަންނަކަށް ނޭގޭ. ނުވެސް އަހަމެއްނު، ދެން ކީއްވެ އަބަދު އަހަންނަށް ޝައްކުކުރަނީ؟ ކީއްވެ އަބަދު ބުނަނީ ލޮލުގައި މިސްޓީރިއަސް ގޮތެއް ހުރެޔޭ... ކޮންމެ މީހެއްގެވެސް އަމިއްލަ ކަންތައްތަކެއް ހުންނާނެ، ކުދި ސިއްރުތަކުން ފެށިގެން ނުރައްކާތެރި ކަންތައްތަކާ ހަމައިގާ އެކަންތައް އޮންނާނީ........." އިޒްޔަން ވާހަކަދެއްކީ މައިތިރިވެފައެވެ. ނަމަވެސް ހިތުގައި ބުނަންނޭގޭފަދަ ތޫފާނެއް އުފެދިގެންފިއެވެ.

ނަތާލީ އެއްފަރާތަކަށް ޖެހިފައި ފޯނުގައިވާ ނަމްބަރުތައް ބަލަންފެށީ ފަރުވާތެރިކަމާއި އެކުގައެވެ. ކޮންމެގޮތެއް ވިޔަސް އޭނަ އިޒްޔަން ދިޔަނުދީ ހިފަހައްޓާނެއެވެ. އޭނަގެ ޙަޔާތުގެ އެކަނި މަގުސަދަކީ އިޒްޔަންއެވެ. އިޒްޔަން އަތުން ބީވެގެން ގޮސްފިއްޔާ އޭނަގެ ދުނިޔެ ފުނޑު ފުނޑުވެގެން ހިނގައިދާނެއެވެ.

ރަނީން ޔަނާ ގޮވައިގެން އާޓިފިޝަލް ބީޗްގައި އުޅެމުންދަނިކޮށް ލޮލުގައި އަޅައިގަތީ އިޒްޔަން ނަތާލީ އަދި އެދެމީހުންނާއި އެކުގައި ވި ކުޑަ ފިރިހެންކުއްޖާއެވެ. ރަނީންގެ ހިތުގެ ވިންދު އެތައް ގުނަ އަވަސްވެގެން ދިޔުމާއިއެކު އަވަހަށް ޔަނާ އުރާލައިގެން ދާން މަސައްކަތްކުރިއެވެ. މިފަހަރު ނަސީބު އެހީއެއް ނުވިއެވެ. އިޒްޔަން އެނބުރި ބަލާލުމާއިއެކު ސީދާ އޭނަގެ މޫނަށް ނަޒަރު ހުއްޓާލުމުން ރަނީންގެ ފިޔަވަޅު ގަނޑުވިއެވެ. ދެލޯ ބޮޑުކޮށްގެން ބަލަން ހުރެވުނީއެވެ. އިޒްޔަންގެ މޫނަށް ވެރިވި ކުލަވަރުން އޭނަވެސް ހައިރާންވިކަން ރަނީންއަށް އެނގުނެވެ. އިޒްޔަން އެހާ ހައިރާންވީ އޭނަ ބުރުގާ އަޅައިގެން ހުރީމަހެއްޔެވެ؟ ކަޅު ހެދުންލައިގެން ހުރިތަން ފެނިފަހެއްޔެވެ؟ ނޫނީ އެހާ ދުވަސްކޮށްފައި ފެނުނީމަ ހެއްޔެވެ؟ އިޒްޔަން ކުޑަކޮށް އަތް އުފުލާލާފައި އެދިމާލަށް އަންނަން ފެށިއެވެ. ރަނީން އެއްގޮތަކަށްވެސް އިޒްޔަންއާއި ކުރިމަތިލާކަށް ބޭނުމެއްނޫނެވެ.

"ޑޯންޓް، ނާންނާތި............" ރަނީން ހިތާހިތުން ކިޔާލިއެވެ. އޭނަ ޔަނާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަގޮތަކަށް ގޮސް މީހުންގަނޑުގެ ތެރެއަށް ވަދެ އިޒްޔަންއަށް ފިލަން މަސައްކަތްކުރިއެވެ. އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ މަގު ހުރަސްކޮށްފައި ބެލިއިރު އިޒްޔަންގެ ނިޝާނެއް ނުފެނުނީމައެވެ.

"ހޫމް ދެން ހާދަ ފޫއްސެއްވޭ، އިޒްޔަން ހީކުރަނީ ކީކޭތަ؟ އޭނަދެކެ މޮޔަވެގެން އުޅޭނެ ކަމަށްތަ؟ ނުވޭ ލޯތްބެއް. އެއްގޮތަކަށްވެސް އިޒްޔަން ދެކެ ލޯތްބެއް ނުވޭ، އަހަރެންގެ ބައްޕަ މަރުވީވެސް އިޒްޔަންގެ ސަބަބުން، އިޒްޔަން އެ ވާހަކަ އެފްބީގައި ނުލިޔުނުނަމަ ބައްޕައަށް ހާޓްއެޓޭކެއް ނުޖެހުނީސް. ކިހިނެއް އެކަން ހަނދާން ނައްތާލާނީ؟ އަހަރެންގެ ހިތް ހަލާކުކޮށްލި އަނިޔާވެރިޔާއާއި އަނގައިން ބުނާނެ ގޮތެއްނެތް، ހޫމް މޭބީ އައި ލަވް ޔޫ އެކަމަކު ފޮގިވެއް ނުކުރާނަން......" ރަނީން ލޯބިނުވާކަމަށް ހިތަށް ވިސްނައިދޭން އުޅުނަސް އެއީ ދޮގެއްކަން އަމިއްލައަށް ވިސްނިފައި އެންމެފަހުން ބޯ ހޫރާލިއެވެ. އިޒްޔަން ފެނުނުގޮތަށް އަދިވެސް އެމޭގަނޑު ތެޅެނީ ހާދަ ބާރަކަށެވެ. އުދާސްވެފައިވާ ދޮންމޫނު ރަތްކަމުން އަލިފާންގަނޑެއްވަރެވެ.

ރަނީން ޖެހިގެން ހުރި ގޯޅިގަނޑުގެ ތެރޭގައި ހުރި ފިހާރައަކަށްވަދެފައި އައިސްކޯނު ގަނެގެން އެނބުރުނުތަނާ ކުރިމަތީގައި ހުރި އިޒްޔަން ފެނިފައި ގަނޑުވިއެވެ. ތަސްވީރެއްހެން ހުރިއިރު އެސްފިޔަޖަހާލާކަށްވެސް ނޭގުނެވެ. ވެމްޕަޔަރެއް ފެނުމުން އިންސާނާއަށް ވާފަދައިން ވިސްނުމާއި ކުޅެލާފަދަ ބާރެއް އިޒްޔަންގެ ވަނީކަން ނޭގެއެވެ. އިޒްޔަން ބުމައަރުވާލިއިރު މޫނުން ފެންނަނީ ސީރިޔަސްކަމެވެ. ހިނދުކޮޅެއްގެ ހިމޭންކަމެއް ވެރިވެގެން ދިޔައެވެ.

"ހައި...." އިޒްޔަން ބުމަ އަރުވާލިއެވެ.

"އަނގައިން ނުބުނާނީތަ؟ މިއީ ރަނީންގެ ދަރިފުޅުތަ؟ " އިޒްޔަން ޔަނާގެ އިސްތަށިގަނޑާއި ކުޅެލިގޮތުން އެހިތުގައި އެކުއްޖާ އަށް މަގާމެއް އޮތްކަން ހާމަކޮށްދިނެވެ. އެއީ ކޮންމެ ކުއްޖެއްކަމުގައި ވިޔަސް އިޒްޔަންގެ ހިތުގައި އެކުއްޖާއަށް ލޯތްބާއި ކުލުނު އުފެދިއްޖެއެވެ. އަމިއްލަ ވަންތަކަމެއް އިޙުސާސްކުރެވުނެވެ.

"އަހަރެމެންގެ ފަހަތުން އަންނާކަށް ނުޖެހޭނެ. ޔަނާގެ ގައިގާ އަތްނުލާތި......." ރަނީން ތަންކޮޅެއް ހަރުކަށިގޮތަކަށް ބުނެލާފައި ޔަނާ ފަހަތަށް ދަމައިގަތީ އިޒްޔަން އެކުރީ ބޮޑުކުށެއްހެން ހީކުރުވާފަދަ ގޮތަކަށެވެ. އަމިއްލައަށްވެސް އެކަން ގަބޫލެއްނުކުރެވުނެވެ. އޭނަ އެހާ ޖެހިލުން ކުޑަވެދާނެހެއްޔެވެ. އެހާ ލޯބިވި ޒުވާނަކާއި އެހާ އިހުތިރާމެއްނެތި ވާހަކަދެއްކީ ކީކޭ ހިތަށް އަރާފައިހެއްޔެވެ؟ އޭނައަކީ ކުރިން އެހާ ރަޙުމްކުޑަކުއްޖެއް ނޫނެވެ. ޔަނާގެ ގައިގާ އަތްނުލާން ބުނުމުގެ ޙައްޤެއް ނުވެސްނެތެވެ. އިޒްޔަންއަށް ޙަޤީގަތް އެނގޭނެނަމައެވެ. އޭނައެކޭ އެއްވަރަށް ޔަނާއަށް އިޒްޔަންގެ ޙައްޤު އޮތްވާހަކަ ބުނަން ބޭނުންވިއެވެ. އިޒްޔަން އަތްތިލަ އަނެއްކާވެސް ޖަހައިލީ ޖިންސްގެ ޖީބަށެވެ. އެމޫނުމަތިން އިތުރު އަސަރެއް ނުފެނުނަސް ކުޑަކޮށް ދެރަވިހެން ރަނީންއަށް ހީވިއެވެ. އިޒްޔަން ދެރަކޮށްލައިގެން އަމިއްލަ ހިތަށް އުފަލެއް ނުލިބުނެވެ. އޭގެ ބަދަލުގައި ހިތަށް ލިބުނީ އަނިޔާއެވެ. އިތުރަށް ކޫރުން އެޅުނީއެވެ. އެބަސްތައް އަނބުރާ ގެންނަން ބޭނުންވިއެވެ. މާފަށް އެދެން ބޭނުންވިއެވެ.

"އަހަރެން ފަހަތުން އައީއެއް ނޫން، ކުރީދުވަހު މިކުޑަ ކުއްޖާއާއި ދިމާވިފަހުން އަހަންނަށް މިކުއްޖާ ޚާއްސަވީ، ނޭގޭ ކީއްވެކަމެއް، ހޫމް، އަހަންނަށް ކަމެއް ސިއްރުކުރަނީ ދޯ. ގޮޓް މެރީޑް ހަނ؟ " އިޒްޔަންގެ އެ ސުވާލުން ރަނީންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އެއާއިއެކު އޭނައަށް ވިސްނުނީ ރަނީންގެ އަތުގައި ހިފާލައިގެން ހުރި ޔަނާއަކީ ކާކުކަން އިޒްޔަންއަށް ނޭގޭނެ ކަމެވެ. އިޒްޔަން އެކަން އޮޅުން ފިލުވަން ބޭނުންވާނެ ވަރެވެ.

"އަހަރެންގެ ޒާތީ ކަންތައްތައް އެހުމުގެ ޙައްޤެއް ނެތް. ސްވީޓްހާޓް ހިނގާ ދާން...." ރަނީން ހިންދިރުވާލުމަށްފަހު ދާން ހިނގައިގަތެވެ. ޔަނާ އައިސްކްރީމަށް މޮޔަވެފައި ހުންނަ ކުއްޖެއްކަމުން ރަނީންއާއި އިޒްޔަންއަށް އޭނަގެ ސަމާލުކަމެއް ނެތެވެ. އައިސްކޯނުގައިވާ ނަޓްސްކޮޅުތައް ނައްޓާލައިގެން ލޮވެލަން ހުރީ ނިކަން ލޯބިކޮށެވެ.

"އަހަރެން މިހާރު ދިރިއުޅެނީ މާލޭގައި، މާލެއަކީ ޔޫކޭއާއި ބަލާއިރު ކުޑަތަންކޮޅެއް ވީމަ އަހަރެމެން ދެން މީޓްވާނެ ދޯ. ނުދަންނަ މީހަކަށް ހަދަން އުޅުނަސް އެއީ ތިހީކުރާ ކަހަލަ ފަސޭހަކަމެއްވެސް ނޫން، ބައިދަ ވޭ ވަރަށް ރީތި ޑީސެންޓްކޮށް ޑްރެސްކުރީމަ........" އިޒްޔަން ޖިންސްގެ ޖީބަށް އަތްޖަހާލަމުން އާދައިގެ ގޮތަކަށް ބުނެލިއެވެ. އޭރު އިޒްޔަންވެސް ހުރީ އަމިއްލަ ހިތުގެ މައްޗަށް ބާރު ފޯރުވަން އުދަގޫވެފައެވެ. އެކުޑަ އަންހެންކުއްޖާ ފެނުނީއްސުރެ ހަނދާން ނައްތާނުލެވިގެން އުޅެނިކޮށް އެއީ ރަނީންއާއި ގުޅުން ހުރި ކުއްޖެއްކަން އެނގުމުން ހިތަށް އެހެން ކަހަލަ އަސަރުތަކެއް ކުރިއެވެ.

"އިޒްޔަން، މިހާރުތަ ހަނދާންވީ؟ އެނގޭ މީހެއްނަމަ އެގޮތަކަށް ދުރަށް ނުދާނެ، ފެމިލީ ދޫކޮށްލާފައި ދިޔައިރު އެހެން މީހުން ވިސްނާނެވަރާއިމެދު އެއްޗެއް ހިތަށް އެރިތަ؟ ނޫން، ދެން އަހަރެމެން އެނގޭ ބަޔަކަށް ހަދާނެކަމެއްނެތް، މީޓްވާން އަންނާނެކަމެއްވެސް ނެތް، އިޒްޔަންއާއި އެއްވެސް ކަހަލަ ގުޅުމެއް އޮތްކަން އަހަރެން ހަނދާން ނައްތާލައިފިން، އަމިއްލަ އާއިލާއިއެކު ހަމަޖެހިގެން ދުނިޔޭގައި އުޅޭ......" ރަނީން ރުޅިއައިސްފާ ހުރިވަރުން ހިތުގައިވާހާ އެއްޗެއް އެއްފަހަރާ ބޭރުކޮށްލަން ބޭނުންވިއެވެ. ނަމަވެސް ވަގުތާއި ހާލަތު އަދި ތަން އެކަމަކަށް ހުއްދައެއް ނުދިނެވެ.

"ބޭބީ މިއީ މަންމިތަ؟ "އިޒްޔަން ޔަނާގެ ކޮލުގައި އަތުން ފިރުމާލަމުން އަހާލީ ނިކަން ލޯބިންނެވެ.

ރަނީން ގަދަހަދަ ހަދާ ހުރި ޔަނާ އުރާލައިގެން ގޮސް އެހެން ދިޔަ ކާރެއް ހުއްޓުވައިގެން އެރިއިރު ނޭގިވެސް އެބޮޑު ދެލޯވަނީ ކަރުނުން ފުރިފައެވެ. ތެމިފައިވާ ދެކޯތާފަތް ފޮހެމުން ރަނީން އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ.

އިޒްޔަން އަދިވެސް އޭނަ ރޮއްވާލުމުގައި ކާމިޔާބު އެބަކުރެއެވެ. އެހިތަށް އަނިޔާ އެބަކުރެއެވެ. ޔަނާގެ މުޅި އަނގަމަތީގައި އައިސްކްރީމް ހުރިތަން ފެނިފައި ރަނީން ޓިޝޫއަކުން ނިކަން ލޯބިން ޔަނާ ސާފުކުރަންފެށިއެވެ.

އިޒްޔަން ހުރީ ހިނގައިގަންނަން ނޭގިފައެވެ. ޖީބަށް އަތް ޖަހާލައިގެން ނިކަން ހިތްގައިމުކޮށް ހުއްޓިލައިގެން ކާރު ލޮލުގެ ކުރިމަތިން ގެއްލެންދެން ބަލަން ހުރިއިރު މާޒީގެ ހަނދާންތައް އާވާންފެށިއެވެ. މާމައާއި މަންމަ އަދި ކޮއްކޮ މަތިން ހަނދާންވިއެވެ. އެންމެން ހެޔޮ ޙާލުގައި އެބަތިބިހެއްޔެވެ؟ އޭނަ މަންމަދެކެ ރުޅިއައިސްގެން އަމިއްލަ ޤައުމު ދޫކޮށްލާފައި ދިޔުމަކީ ޙަޔާތުގައި ހެދުނު އެންމެ ބޮޑު ގޯހެވެ. އެމީހުން ކުރިމައްޗަށް މިއަދު ދާނީ ކޮން މޫނަކާއިގެން ހެއްޔެވެ؟ މަންމަ ދުވަހަކުވެސް މާފުދޭނެކަމެއް ނޭގެއެވެ. ބަލިޙާލުގައިވާ މުސްކުޅި މާމައަށްވެސް އޭނަ ރަހުމެއް ނުކޮށް ދުރަށް ދިޔައީއެވެ. އިޒްޔަންގެ ހިތަށް ކުރި އަސަރު އެރީތި ދެލޯ ފެންކަޅިކޮށްލައިފިއެވެ. ނަތާލީގެ މުއްސަދިކަމުން އެހިތަށް ޙަޤީގީ އުފަލާއި ހަމަޖެހުން ނުލިބުމުގެ ސިއްރަކީ ޢާއިލާއާއި ވަކިވުމެވެ.

ގެއަށް އައިގޮތަށް ރަނީން ތައްޔާރުވާންފެށީ ޑިއުޓީއަށް ދާށެވެ. ހޮސްޕިޓަލުން އެކުވެރިކުދިންކޮޅެއް ލިބުނުފަހުން ރަނީންގެ އެކަނިވެރިކަން ފިލާ ދިރިއުޅުމާއިގެން ކުރިއަށް ދާން ލިބުނު ހިތްވަރަކަށްވިއެވެ. އެކުދިން ކުރާ ލާނެތްކަންތައް ތަކާ އެދައްކާ މަޖާ ވާހަކަތަކުން މަރުވަމުންދާ ފުރާނައަކަށްވެސް ދިރުން ގެނުވާނެއެވެ. ލީޒާ ޒުހާ އަދި މީރާއަކީ އެތާ މަސައްކަތްކުރާ އެންމެ މަޝްހޫރު އަދި ސްޓައިލިޝް ކުދިންކޮޅެވެ. އެކުދިންނާއި މިޒާޖު އެއްގޮތް ނުވިޔަސް ރަނީން ހުރީ އެފަދަ ރަގަޅު އެކުވެރިންނަށް ބޭނުންވެފައެވެ. ޒީކާ އަދި ޒޯޔާފަދަ ގާތްކުދިން ކުއްލިއަކަށް ވަކިވެގެން ދިޔުމަށްފަހު ޚާއްސަ އެކުވެރިއަކު ނެތްތާ ކިތަންމެ ދުވަހެކެވެ. އެހުސްތަން ފޫބައްދާދިނީ މީރާމެންނެވެ. މީރާއަކީ މުއްސަދި ކުއްޖަކަށްވެފައި އޭނަގެ ގެއަށް އޮޅުމަކުން ރަނީންއަށް ވަދެވުނު ދުވަހު ކަޅިއެޅިކުއްޖާ ކަމުގައި ވިޔަސް އެތަނުން ދިމާވުމުން ވަރަށް ތަފާތެވެ. އެހުރިހާ ކުދިންނަކީވެސް ހުސްކުދިންނަށް ވެފައި އެތާ އުޅޭ ރީތި މީހުންނާއި ބެހި އުޅުމަކީ އާދައެކެވެ. ރަނީން އެކަމާއި ބައިވެރި ނުވިޔަސް އޭނަވެސް ނަންވާނެކަން އެނގޭތީ ކުޑަކޮށް ބިރުގަނެއެވެ. މައިންބަފައިން ދުނިޔޭގައި ނެތަސް އެމީހުންގެ އަބުރަށް ހުތުރުވެދާނެކަމެއް ނުކުރަން އަޒުމް ކަނޑައަޅައިގެން ހުންނަ ކުއްޖަކަށްވާތީ އެކަމާއި އުދަގޫ ނުވާވަރެއް ނޫނެވެ. އެކުދިންގެ ތެރެއިން މީރާ ޚާއްސަވެފައިވަނީ އޭނަގެ ދީލަތިކަމުންނެވެ. އެކުދިންނަށް އޭނަގެ ފަރާތުން ލިބޭ އެއްޗެހި އަގުބޮޑުވެފައި މޮޅެވެ. އެންމެން އެކީގައި ބާޒާރުކުރަން ގޮސްފައި މީރާ އެއިން ކޮންމެ ކުއްޖަކަށް މޭކަޕް ސެޓެއް ގަނެދިނުމުން ރަނީން ހައިރާންވިއެވެ. މުއްސަދިވިޔަސް އެކުވެރިންނަށް އެގޮތަށް ޚަރަދުކުރާ ކުދިން މަދުވާނެއެވެ.

މީރާ އުޅޭގޮތުން އެއީ ބައެއްފަހަރު އޭނަގެ އަމިއްލަ ތަނެކޭ ހީވާ ފަހަރު އާދެއެވެ. އެކުއްޖާ އުޅެނީ އެހާ އަމުރުވެރިކޮށެވެ. އެތާގެ ވެރިންވެސް އޭނަދެކެ ބިރުގަންނަހެން ހީވާފަހަރުވެސް އާދެއެވެ. ފަހުން ރަނީންއަށް އެނގުނީ އެ ޑިޕާޓްމެންޓްގެ އިންޗާޖަކީވެސް މީރާކަމެވެ. އޮފީހަށް އަންނައިރު ތަންކޮޅެއް ރަސްމީކޮށް ހެދުން އަޅާފައިހުއްޓަސް އޭނަ ބާޒާރަށާއި ތަންތަނަށްދާއިރު މިޑީފަދަ ކުރު ހެދުންތައް ލާފައި އެ ރީތި ހަށިގަނޑު އިޝްތިހާރުކޮށްލައިގެން އުޅޭއިރު އެކަން ހުއްޓުވަން އެއްޗެކޭ ބުނެލާން ރަނީންގެ ހިތަށް އަރައެވެ. ނަމަވެސް އިހަށް ދުވަހު ދިމާވި ކުއްޖަކަށްވާއިރު ޒާތީ ކަމަކާއި ބެހެން ކެރޭނީ ކިހިނެއް ހެއްޔެވެ؟ މިޒާޖުގެ ގޮތުން ކިތަންމެ ތަފާތުވިޔަސް ރަނީންއާއި މީރާގެ ގުޅުން ބަދަލިވަމުން ދާންފެށީ ހަލުވިކަމާއިއެކުގައެވެ. ޒޯޔާ އަދި ޒީކާއަށްވުރެ އޭނަ އިޚުލާސްތެރިކަމުގައި ރަނީންއަށް ފެނުނެވެ.

ރަނީންއަށް ދާނަޝް ފެނުނީ ވަޒީފާ އަދާކުރަން ފެށިތާ ތިންވަނައަށް ވީ ދުވަހުއެވެ. ޓައީ އަޅާފައި ހުރި އެ ސްމާޓް ޒުވާނާގެ ރީތި ދެލޯ ފާހަގަ ނުކުރެވޭނެ އިންސާނަކު ނުވާނެކަން ގައިމެވެ. އަންހެންކުދިންގެ ހިތްތަކާއި ކުޅެލާފަދަ ސިހުރުވެރި ދެލޮލެވެ. ފިރިހެނުންވެސް ހަސަދަވެރިވެފައި ބެލިކަން ރަނީން ފާހަގަކުރިއެވެ. އަބަދު ބުމަ ކައިރިކޮށްލައިގެން ހުރުމުން ފޮނި އަދި ރުޅިގަދަ މީހެއްކަން ހާމަކޮށްދެއެވެ. އެހާ މުއްސަދި ޒުވާނަކު ހިތާމަކުރަނީ ކޮންކަމަކާ ހެއްޔެވެ؟ ހިތްހަމަނުޖެހިފައި އެހުންނަނީ ކޮންކަމަކާ ހެއްޔެވެ؟ އެސުވާލު ހިތުގައި އުފެދިފައި ހުރެ އެ ސިއްރުވެރި ޒުވާނާއާއިމެދު ވިސްނަން ހިތަށް މަޖުބޫރުވިއެވެ.

ބްރޭކްގަޑީގައި އެތާގައި ހުންނަ ކެފޭއަށްގޮސް ލުއި އެއްޗެއް ކާލުމަކީ ރަނީން އަދި އެކުވެރިންގެ އާދައެކެވެ. ކެފޭގައި ހުންނަ ސްމޫތީސްއަށް ރަނީން ހުންނަނީ ދެވިހިފާފައެވެ. އެމީހަކު ބޭނުންވާ އެއްޗެއް ގެނެސް މޭޒުމަތީގައި ތަބައް ތައް ބެހެއްޓުމަށްފަހު އެކުދިން ކޮޅު އިށީދެލުމުން ވަށައިގެންވާ މޭޒުތަކުގައިވާ މީހުންގެ ލޯތައް އެދިމާލަށް ހުއްޓުނެވެ. ހުރިހާކުދިން އެހާ ފަރިވެފައި ޚާއްސަ ރީތިކަމެއްވިއެވެ. ދާނަޝްއާއި އިމާން އެކުދިންގެ އެއް ފަރާތުގައި ހުރި މޭޒުގައި ޖައްސާލިތަން ފެނިފައި މީރާ ދާނަޝްއަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. ދާނަޝްގެ ފޮނިވަރަކީ އޭނަ އެކުދިންނާއި ދިމާލަށް އެންމެ ފަހަރަކުވެސް ބަލާނުލިކަމެވެ. އަންހެންކުދިންތަކަށް ނުބަލަން ހުވާކޮށްގެން ހުރީކަން ނޭގެއެވެ.

"ނިންނި އަދިވެސް ސިންގަލްދޯ...." މީރާގެ ސުވާލުން ރަނީން ހާސްވާގޮތްވިއެވެ.

"ޔަޕް، އައިމް ސިންގަލް، ކީއްވެ ތިހެން އެހީ؟ "ރަނީން އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ލޮލުގައި އަޅާފައިވާ އަނދުނުގެ ސަބަބުން ކަޅީގެ މުށިކުލަ ރީތިކޮށް ފާޅުވެއެވެ.

"އަހަރެމެން އުޅެ އުޅެ އެކަމެއް ނުވީމަ ނިންނި އެބަޖެހެއެއްނު މިކަމަށް ހައްލެއް ހޯދަން. މަ ބުނާ މީހަކާއި ރައްޓެހިވާން ކެރިދާނެތަ؟ އޭނަގެ އެ ފޮނިކަން ކަނޑުވާލެވޭނީ ހަމަ ނިންނި ކަހަލަ ކުއްޖަކަށް....." މީރާ ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ. ތަނުގައި މަޑުމަޑުން އިނގިރޭސި ލަވައެއް ޖަހާލާފައި ވުމުންނާއި އެހެން މޭޒުތަކުގައިވާ މީހުންގެ އަޑުގަދަކަމުން އެކުދިންގެ ވާހަކަތައް އެހެން ބަޔަކަށް ނީވޭނެކަން އެކުދިންނަށް ޔަގީންވިޔަސް ފަރުވާތެރިވީއެވެ.

"ކާކުތަ؟ "ރަނީންގެ ހިތް ތެޅިލިއެވެ.

ލީޒާއާއި ސީނިޔާ ލޮލަށް ވައްތަރެއް ޖައްސާލާފައި ހޭންފެށިއެވެ. ރަނީން އިނީ ވާނުވާ ނޭގިފައެވެ. ދާނަޝްއާއި މީރާއަކީ ދެބެންގެ ދެދަރިންކަމެއް އޭރަކު ރަނީންއަށް އެނގިފައެއް ނުވެއެވެ. އަދި މީރާ ހުންނަނީ ދާނަޝްގެ ލޯބީގައި މޮޔަވެފައިކަމާއި މިތަނަށް ވަޒީފާއަށް އަންނަނީވެސް ދާނަޝްއަށް ފެންނަ ހިސާބުގައި އުޅެންކަމެއް އެނގިފައެއްނެތެވެ. ރަނީންއަށް އެކުދިން އުޅޭ ފާޑަކުން އުދަގޫވާފަހަރުވެސް އާދެއެވެ މިގޮތަށް ގްރޫޕަކާއިއެކު އުޅުމަކީ ރަގަޅުކަމެއްބާވައޭ ހިތާހިތުން ސުވާލުކުރެވުނެވެ. އެއުމުރުގައި ފިރިހެންކުދިންނަށް ޝައުގުވެރިވުން އެއީ ނޯމަލްކަމެކެވެ. ނަމަވެސް ރަނީން ބޭނުންނުވާފަދަ ކަމެއްކުރަން ބާރު އެޅުވުންފަދަ ކަންތައް ތައް ކުރުވަންޏާ އެހެން ދިމާލަކަށް ދާން މަޖުބޫރުކުރުވަފާނެއެވެ. ރަގަޅު އެކުވެރިން ހޯދުމުގައި އޭނަ އަބަދުވީ ނާކާމިޔާބެވެ. މިކުދިންނަށް އިތުބާރުކުރަންވާނެ ހެއްޔެވެ؟ މީރާ ރަނީންގެ ކަންފަތްކައިރީ ބުނެލި ނަމުން ރަނީން ދިޔައީ ސިއްސައިގެންނެވެ. އަތްތިލަ ފިނިވެގެން ދިޔުމާއިއެކު ނޫނެކޭ ބުނެލިއިރު ރަނީންގެ މޫނުމަތިން އޭނަ ހާސްވެފައި އިންވަރު ހާމައަށް ފެންނަން ހުއްޓެވެ.

ޑިއުޓީ ނިންމާލާފައި ގެއަށް އައިގޮތަށް ސައިބޮއިގެން ރަނީން ތައްޔާރުވާން ފެށީ ކޮލެޖަށް ދިޔުމަށެވެ. ހެދުން އަލަމާރި ހުޅުވާލާފައި ހުރަސްރޮގު ދެމި އަތްކުރު ޓީޝާޓްކޮޅަކާއި ސްކިނީއެއްލާފައި އޭގެ މަތިން ކަޅުހެދުން ވައްޓާލުމުން މާތް ކުއްޖެއް ވައްތަރު ޖެހިއެވެ. މުޅިން އެހެން ކުއްޖެއްގެ ގޮތުގައި އޭނަ ފެންނަން ފެށިއެވެ. ލުއި މޭކަޕެއްކޮށްލުމުން މޫނުގެ ރީތިކަން އެތައްގުނަ އިތުރުވިއެވެ. ހެދުމާއިއެކު އޭނަ ބޭނުންކުރީ މެރޫންކުލައިގެ ޝޯލްއެކެވެ. ބޭރަށް ނުކުތްއިރު ނާޒްލީއާއިއެކު ގައި ނުފޫޒުގަދަހެން ހީވާ ރީތި އަންހެނަކު ވާހަކަދައްކާލަން ހުއްޓެވެ.

"ފައި، އަހަރެން ކޮންމެހެން ސިއްރުކުރަން އުޅުނީއެއްނޫން، އެނގޭނެ މަންމަމެންގެ ނުފޫޒާއި ބާރު ހުންނަވަރު، އަހަރެން އެހެންވެ ބޭނުންނުވީ ތި އާއިލާއާއިއެކު ދިރިއުޅެން ދާކަށް، ފައި މެންނަށް ފަސޭހަވިޔަސް އަހަންނަކަށް ރިޗް ފެމިލީތަކާއިއެކު އުޅެން ފަސޭހައެއްނުވާނެ. ބުނާނެ ފައިސާއާއިހެދިޔޭ. މުއްސަދިންނާއި މުއްސަދިންނާއި ގުޅެނީ....." ނާޒްލީގެ ވާހަކަތައް އަޑުއަހަން ހުރެފައި ރަނީން ގަޑި ބަލައިލިއެވެ. އިތުރަށް އަޑުއަހަން ޝައުގުވެރިޔަސް ވަގުތު އެކަމަކަށް ތަނެއް ނުދިނެވެ. އޭނަ ބޭރަށް ނުކުތުމުން ފައިރޫޒާ ސުވާލުކޮށްލުމުން ނާޒްލީ ވަރަށް އުފަލާއިއެކު ރަނީންއަށް ފައިރޫޒާ ތަޢާރަފުކޮށްދިނެވެ. ރަނީންއަށް އޭރު ނުވިސްނުނީ ފައިރޫޒާގެ ދަރިއަކާއި ރަނީން ކައިވެނި ހަމަޖައްސަން ނާޒްލީ މަސައްކަތްކުރާ ކަމެވެ. ރަނީން ލަސްވަނީއޭ ބުނެފައި ހުއްދައަށް އެދެމުން އެތަނުން ދާން ހިނގައިގަތްއިރު މަޑުމަޑު ލުއިމީރުވަހެއް ތަނުގައި ހިފާލިއެވެ.

"އެއީތަ އެކުއްޖާ، ހާދަ ރީއްޗޭ. އަހަރެންގެ ދާނަޝްއަށް ހޯދަދޭ އެއްވެސް ކުއްޖެއް ކަމުދާކަމަކަށް ނުވޭ. އަބަދު ރިޖެކްޓްކުރާނެ. އެކަމަކު މިފަހަރު.....ވެލް. އެކުއްޖާގެ ޚާއްސަ މީހެއްނެތްކަން ނާޒްއަށް ހަމަ ޔަގީންތަ؟ މަށަށް ކެއްސެއް ނުދެއްޗޭ......." ފައިރޫޒާ ހުރީ ވަރަށް ހިތްހަމަޖެހިލާފައެވެ.

"ރަނީންހާ ރަގަޅުކުއްޖަކު މިޒަމާނުގައި ނުފެންނާނެ، ދާނަޝްއަށް ކަމުދަންޏާ ހަމަ އަވަހަށް ނިންމާލަންވީ...." ނާޒްލީގެ ޚިޔާލަށް ކުރީގެ ހަނދާންތަކެއް އުދަގޫކުރުމުން ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ. އިޒްޔަންއާއި ރަނީން އެއް އިރެއްގައި ގުޅުމެއް އޮތޭ ކިޔާފައި ރަނީން ގޯސްކުއްޖެއްގެ ގޮތުގައި ލޭބަލްކުރާކަށް އޭނަ ބޭނުމެއްނޫނެވެ. މިޒަމާނުގައި ޢިއްފަތްތެރިކުދިން ގިނަވާނެކަމަކަށް އޭނަގެ ހިތެއް ނުބުނެއެވެ.

ފައިރޫޒާއާއި ނާޒްލީ ބައްދަލުވީ ފައިރޫޒާ ނާޒްލީގެ ގާތުން ކޭކެއް އަޅުވަން އެގެއަށް އައި ހިސާބުންނެވެ. އަދި އެދެމީހުންގެ ގުޅުން ބަދަހިވިތާ މާ ގިނަ ދުވަހެއް ނުވެއެވެ. ފައިރޫޒާއަށް ނާޒްލީގެ ޙަޔާތުގެ ބައިވެރިޔާއަކީ ކާކުކަން އެނގުނު ދުވަހުން ފެށިގެން އެދެމީހުން ގާތް އެކުވެރިންނަށް ވިއެވެ. އަދި ނާޒްލީ އެހާ ރީތި ޅީދަރިއެއް ހޯދަދޭން އުޅުމުން އެ ގުޅުން ކުރިއަށްވުރެ ވަރުގަދަވިއެވެ.

ނާޒްލީއާއި ރަނީން މޭޒުކައިރީގައި ކާންތިބިއިރު އޮރެންޖް ފަނޑު އައްޔަކުން ސިޓިންރޫމް އޮތީ ދިއްލާލާފައެވެ. ރަނީންގެ ދޮންމޫނަށް އޮރެންޖް އަލި އެޅިފައިވާއިރު ނިކަން ރީއްޗެވެ. އޮމާންކަމުން ކުޑަކުއްޖެއްގެ ހަމާއި ތަފާތެއްނެތެވެ.

"ނިންނި. ނާޒްދައްތަ ވާހަކައެއް ބުނަންވެފައި އެބައޮތް، ޔޫ އާރ ޓްވެންޓީ ރައިޓް؟ " ނާޒްލީ ފެށީ ދުރުދުރުންނެވެ. ރަނީން ބޯޖަހައިލިއެވެ.

"އަހަރުތައް އުދުހިފައިދެއޭ ބުނެ އުޅެނީ ދޮގެއްނޫން، ރަނީންއަށް ބަލާފައި މީހަކު ނުބުނާނެ ޓްވެންޓީއެކޭ އެކަމަކު މީހަކާއި އިންނަވަރުވެއްޖެ. އެނގޭތަ؟ އަންހެންދަރިން ބޮޑެތިވުމަށް ފަހުގައި ޕޭރެންޓުންނަށް ހަމަޖެހުމުގެ ނޭވައެއް ލެވޭނީ ދަރިފުޅަށް ރަގަޅު ހަޔާތުގެ ބައިވެރިޔަކު ހޯދަދެވުނީމަ. ނިންނިގެ ޙަޔާތަށް އެފަދަ މީހަކު އަތުވެއްޖެތަ؟ ދޮގު ނަހަދާ ރަގަޅަށް ބުނައްޗޭ....." ނާޒްލީ ވިސްނުންތެރިކަމާއިއެކު ރަނީންގެ މޫނަށް ބަލަން އިނެވެ. ރަނީން ނެތޭ ބުނެލިއިރުވެސް ހަނދާނަށް އައީ އެންމެ ތަސްވީރެކެވެ. އޭނަގެ ޚާއްސަ މީހެއްނެތަސް އިޒްޔަން ނޫން މީހަކާއި އިންނާކަށް ބޭނުމެއްނޫނެވެ. އެކަމަކު އެއީ އެކަނި އޭނަގެ ސިއްރެކެވެ. އެސިއްރު ދުވަހަކު ފާޅެއް ނުކުރާނެއެވެ. އިޒްޔަންއަށްވެސް ދެން އޭނަގެ ފެންނާނީ އެހެން ކުލައެކެވެ.

"މިއަދު މިގެއަށް އައި ފައިރޫޒާއަކީ މާލޭގެ ވަރަށް މުއްސަދި ޢާއިލާއެއްގެ އަންހެނެއް، އޭނަގެ ހުރޭ ގަހަނާ ވިއްކާ ފިހާރައެއް، ވެއިޓް ވަން މިނިޓް އިނގޭ ނިންނި...." ނާޒްލީ ދިޔަލެކަށްވުރެ އަވަހަށް އައީ ކުޑަކުޑަ މަޚުމާ ފޮށްޓެއް ހިފައިގެންނެވެ. ވަރަށް ހިނިތުންވެލާފައި އިނދެ އެކުޑަ ފޮށި ހުޅުވާލާފައި ނެގީ ހުދުރަނުގެ ކެވެލިކޮޅެކެވެ. އޭގައި ނޫކުލައިގެ އެސްތަކެއް ހުރުމުން ރަނީން ގަޔާވެލާފައި އެއަތުލައިގެން ބަލަންފެށިއެވެ.

"މިވައްތަރުގެ ޖެމް ސްޓޯނަށް ދިވެހިން ކިޔާ އުޅޭނަމަކީ ކަނޑު ނީލަން، ކިހާރީތި، ފައިރޫޒާ ރަނީންއަށް ދިން ހަދިޔާއެއް...." ނާޒްލީ ކަރުކެހިލިއެވެ.

"ކީއްވެ؟ އެއީ ދަންނަ މީހެއްވެސް ނޫން. ކުއްލިއަކަށް ހަދިޔާ ދޭންވީކީ......" ރަނީން ހާސްވިއެވެ.

"ނާޒްދައްތަގެ ރައްޓެހިން އެއްޗެހި ދޭނީ ނިންނި ނޫން ކާކަށް..." ނާޒްލީ އިނީ އެވާހަކަ ފަށާނެގޮތެއް ނުވިސްނިފައެވެ. އޭގެ ކުރިން އަދި ރަނީންއަށް ދޭންވީ އެހެން ޚަބަރެއްވެސް އެބައޮތެވެ. ދެ ޚަބަރުން ކުރު ކުރިން ރަނީންގެ ކަންފަތަށް އިއްވަންވީ ވާހަކައަކާއިމެދު ވިސްނާލާފައި ނާޒްލީ އިނީ ކަންބޮޑުވެފައެވެ. ރަނީންގެ ޢުމުރުގެ ބައެއް އަންހެންކުދިން މުދަލާއި ފައިސާއަށް ވިކުނަސް ރަނީން ތަފާތުކަން ނާޒްލީ ދަނެއެވެ. އަގުބޮޑު ގަހަނާތަކާއި ފައިސާއަކުން ރަނީން ގަނެނުލެވޭނެއެވެ. އެއަށްވުރެ ތަފާތު އަންހެންކުއްޖެކެވެ. ނާޒްލީ ދުރުދުރުން ވާހަކަ ދައްކަމުންގޮސް އެންމެ ފުރަތަމަ ދިން ޚަބަރުން ރަނީން ސިހޭގޮތްވިއެވެ. ވީއިރު ނާޒްލީ ގެ ކައިރިން ރޭގަނޑު ދަންވަރު ފެނުނީ ލޯބިވެރިއެއްނޫނެވެ. ނާޒްލީގެ ހަޔާތުގެ ބައިވެރިޔާއެވެ. ރަނީންއަށްވެސް ނާންގާ ދޮންމަންމަ އެހެން މީހަކާއި އިނީއެވެ. އޭނައާއި ހަމަޔަށް އެވާހަކަ އިއްވީ އެގެއަށް ދާން ތައްޔާރުވީމައެވެ. ރަނީންގެ ހިތަށް އަސަރުކުރިއެވެ. ނޫނެކެވެ. މިއަދުން ފެށިގެން ނާޒްލީއަކީ އޭނަގެ ދޮންމަންމައެއް ނޫނެވެ. އެހެން މީހެއްގެ ފިރިޔަކަށްވުމަށް ފަހުގައި އޭނަގެ ބައްޕައާއި ގުޅުމެއް އޮތްކަމަކަށް އޭނަ ގަބޫލެއް ނުކުރާނެއެވެ. އެޙަޔާތުން ދެން އޭނައަށް ޖާގައެއްނެތެވެ. ދޮންބައްޕައިންގެ ނުލަފާކަމުގެ ވާހަކަތައް އިވި އިވި އޭނަގެ ކަންފަތުގައި އެވާހަކަތައްވަނީ ހަރުލާފައެވެ.

ރަނީން އެއްވެސް އެއްޗެކޭ ބުނުމެއްނެތި އަވަހަށް ކެއުން ހުއްޓާލާފައި ކޮޓަރިއަށްވަންގޮތަށް ޕެކްކުރަންފެށިއެވެ. ނާޒްލީ ދޮރުމައްޗަށް އެރިއިރު އޭނަގެ މޫނުމަތިން ހިތާމައިގެ ކުލަވަރު ފެންނަން ހުއްޓެވެ.

"ކޮންތާކަށް ނިންނި ދާން ތިއުޅެނީ؟ " ނާޒްލީ ހުރީ ދޮރުކަނީގައި ބާރަށް ހިފަހައްޓާލައިގެންނެވެ.

"އަމިއްލަ ޢާއިލާ އެބައޮތް އަދި، ބޮޑުދައިތަ ކައިރިއަށް ދާން......" ރަނީން އިނީ އިސްއުފުލާލާ ބަލަން ބޭނުންނުވެފައެވެ.

"ނިންނި ގޮއްސިއްޔާ ޔަނާއަށް ވާނީ ކިހިނެއް؟ " ނާޒްލީ ރަނީން ހުއްޓުވަން ބޭނުންވިއެވެ. ޔަނާއާއި އޭނަގެ ލޭގެ ގުޅުން އޮތުން އެއީ އެހެން ކަމެކެވެ. އޭނަ ޔަނާދެކެ ކިތަންމެ ލޯބިވިޔަސް އެކީގައި ގެންދެވޭކަށް ނެތެވެ. ނާޒްލީގެ މޫނަށް އިރުކޮޅެއްވާންދެން ބަލަން އިނދެލާފައި ރަނީން އަނެއްކާވެސް ޕެކްކުރަންފެށިއެވެ. މަޑުމަޑުން ތުންފަތުގައި ދަތްއަޅާލީ ހިތުގައިވާ ރިހުން ފޮރުވާށެވެ. ދޮންމަންމައެއް ކަމުގައި ވިޔަސް އޭނައާއިމެދު ބެހެއްޓި ގާތްކަމާއި އަޅައިލުން އޭނަ ފަހަރެއްގައިވެސް ހަނދާން ނައްތާލަނީއެއް ނޫނެވެ. ނަމަވެސް ދޮންބައްޕައެއްގެ ގެއަށް ބަދަލުވާން އޭނަގެ ހިތް އިންކާރުކުރިއެވެ.

ނާޒްލީ ވިސްނާދިނުމުންވެސް ރަނީން ގޮތުގައި ހިފެހެއްޓިއެވެ. އޭނަގެ ހިތުގައި ނާޒްލީގެ މައްޗަށް ރުޅިވެރިކަމެއް ނެތްކަމުގަޔާއި އެކަމަކު ދޮންބައްޕައަކާއިއެކު އުޅުމަށްވުރެ އަމިއްލަ ބޮޑުދައިތައާއި އެކުގައި އުޅުމުން ހިތަށް މާ ފަސޭހަވާނެކަމުގައި ބުންޏެވެ. އެރޭ ރަނީން މާމަ އަދި ނާޒްލީއާއި ޔަނާއާއި ވަކިވުމުގެ ސަލާމްކޮށްލާފައި އެގެއިން ނުކުތްއިރު ނާޒްލީގެ ލޮލުން ކަރުނަ ފޭބިއެވެ. އަމިއްލަ ދަރިއެއްފަދައިން އެހިތުގައި ލޯތްބާއި ކުލުނު އުފެދިފައިވިއެވެ. އެއީ އޭނައަށް ނުލިބުނު އަންހެން ދަރިފުޅެވެ. ނާޒްލީ ހެއްދެވިފަރާތަށް ވަކީލުކޮށް ދުޢާކުރިއެވެ. ކޮންމެވެސް ދުވަހަކުން ރަނީންއަށް ވިސްނިގެން އެނބުރި އައުމަށް އެދެވުނެވެ. ރަނީން ނެތުމުން ގެ މުޅިން ފަޅުވެ އެއްބައި މަދުވިހެން ހީވިއެވެ. ލޯބިވާ މީހުން ފަހަރަކު މީހަކު ދަމުންގޮސް ހުސްވާއިރުވެސް ނާޒްލީ ހެއްދެވި ފަރާތަށް ވަކީލުކުރިއެވެ. އުފަލާއި ނަސީބަކީ އެފަރާތުން ދެއްވާ އެއްޗަކަށް ވާހިނދު ދަރިންވެސް އެފަދައެވެ. ލޯބިވާމީހުންވެސް އެފަދައެވެ.

ރަނީން ބޮޑުދައިތަ މާހިރާގެ ގެއަށް ބަދަލުވިއިރު އެގެވެސް ވަނީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކިތަންމެ ބޮޑު ބަދަލުތަކެއް އައިސްފައެވެ. އެ ޢިމާރާތް އެތައް ބުރިއަކަށް ހިއްލާފައިވާއިރު މާހިރާގެ ޢާއިލާއަށް ލިބުނީ ދިހަވަނަ ފްލޯރެވެ. ލިފްޓް ހުރިކަން ނަސީބެކޭ ރަނީންގެ ހިތަށް އެރިއެވެ. ބޮޑުދައިތަމެންނާއިއެކު ކޮޓަރިއެއް ހިއްސާކުރުން ފަސޭހަކަމަކަށް ނުވިޔަސް ހަޔާތުގެ ނައު އޭނަ ގެނެސް އަނެއްކާ މިވަނީ އެހެން މަންޒިލަކަށް ލައްގާފައެވެ. މަންޒިލެއް މަޤުސޫދެއްނެތް މުސާފިރެކޭ އޭނައެކޭ އެއްގޮތެވެ. ހިތް ކުދިކުދިވެފައިވާ ކުއްޖަކު އެ ހިތާމައިން އަރައިގަންނަން މަސައްކަތްކުރާއިރު އިތުރު ހިތާމަތައް އުފުލަން ވެއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ހިތްވަރުގަދަކަން މިއެނގެނީ މިހުރިހާ ހިތާމައަކާއިއެކު ހިނިތުންވާން އެނގޭތީއެވެ. ހިތާމަތައް ފޮރުވައިގެން ހުރެ ދިރިއުޅުމާއި ކުރިމަތިލާތީއެވެ.

"ރަނީން އަދިވެސް ކުއްޖަކާ ރައްޓެހިނުވަނީތަ؟ " އެރޭ ނިދަން އެނދަށް އަރާފައި މާހިރާ އަހާލިއެވެ. ކިތަންމެ އާދައިގެ ސުވާލަކަށްވިޔަސް ރަނީންއަށް ވިސްނުނީ އެހެން ގޮތަކަށެވެ. އޭނަ މިގެއަށް އައުމުން ބޮޑުދައިތައަށް އުދަގޫވީހެއްޔެވެ؟ އޭނަގެ ޒިންމާ ނަގަން ބޭނުންނުވަނީހެއްޔެވެ؟ މާހިރާ އެހެން އެހީ ކޮން މަގުސަދެއްގައި ކަން ނޭގިފައި އޮތްއިރު ނިދިވަނީ ރަނީންގެ ދެލޮލާއި ރުޅިވެފައެވެ. ކަނު އަނދިރިކަމުގެ ތެރޭގައި ދެލޯ ބޮޑުކޮށްލައިގެން އެގޮތް މިގޮތަށް ފުރޮޅިލާން އެތައް ދަމެއްވާންދެން އޭނަ އޮތެވެ.

ރަނީން ފަތިހު ހޭލައިގެން ފަތިސްނަމާދުކޮށްލައިގެން އިރުކޮޅަކު ޤުރުއާން ކިޔަވާލަން އިނެވެ. ބެލްކަންޏަށް ނުކުތްއިރު ފަޖުރުގެ ފަނޑުއަލިން ދުނިޔެ އަލިކޮށްލާފައިވެއެވެ. އޭނަ ކާކޮޓަރިއަށްވަދެފައި ކާއެއްޗެއް ތައްޔާރުކޮށްލަން ބަލައިލިއިރު ފްރިޖްގައި މާގިނަ އެއްޗެއްނެތެވެ. ޕާނެއްވެސް ނެތެވެ. އެކަނި ކޮފީއަކާއި ބިސްކޯދު ކާލައިގެން އޭނަ ތައްޔާރުވެގެން ނުކުތްއިރުވެސް މުޅިގެ އޮތީ ނިދާލާފައެވެ. ލިފްޓުން ފޭބިގޮތަށް މަޑުމައިތިރި ހިނގުމެއްގައި ދިޔައިރު އެތަނުގައި ތިބި ފިރިހެނުންތަކެއް ބަލަން ތިއްބެވެ. ރަނީން ގަޑިއަށް ބަލާލާފައި ފިޔަވަޅުތައް އަވަސްކޮށްލިތަނާ ދާދި ކައިރިން ކާރެއް ބަރުގޮނު އަޅާލުމުން މޫނު އަނބުރާލީ އެއީ ކާކުކަން ނޭގިފައެވެ.

"ގެޓް އިން. ނައު.. ޔެލޯ އެލާޓް ނެރެފަ އޮތީ.........."

ކޮމެންޓް 0