އިޒްޔަން ބަންޑުން ނިދާފައި އޮތްއިރު ހުރިހާ ބޮކިތައްވަނީ ނިވާލާފައެވެ. އަނދިރިކަމުންގޮސް ޖެހިގެން ހުންނަމީހާވެސް ވަކިވާވަރެއްނުވެއެވެ.

"އިޒްޔަން...." މީހަކު އޭނަގެ އިސްތަށިގަނޑާއި ކުޅެލަމުން ގޮވާލިއެވެ. ވެހެމުންދާ ބޯ ވާރެއާއިއެކު ގަދަ ވައިރޯޅިތަކުގެ ޒޫމް އަޑު ފަޒާގައި ވަކި ހިއްޕާލީ އިރުއޮއްސުމުގެ މާ ކުރީއްސުރެން ފެށިގެންނެވެ. އޭރުއްސުރެން އިޒްޔަން އެގޭގައި އޭނަގެ އެކަނިވެރިކަމުގެ ބައިވެރިޔަކަށްވެގެން އިޒްޔަން އެގޭގައި ހުރެލާފައި ނިދިފަހުންވެސް އިޒްޔަންގެ ލޯބިވެރިޔާ ނަތާލީއަށް އޮތީ ނުނިދިފައެވެ. ގަދަނިދީގައި އޮވެފައިވެސް ނަތާލީ ގެ އަތުގެ ފިރުމުންތަކާއި ގޯނާތަކުންއެންމެފަހުން ނަތާލީ ހޭލައްވާލަން މަޖުބޫރުކުރުވިއެވެ. ދެލޯ ހުޅުވާލުމުންވެސް ކަނުއަނދިރީގެ ތެރެއިން ތަނެއް ނުފެނުނެވެ.

"އިޒް، އިޒް......" ނަތާލީ އިޒްޔަންގެ މޫނުގައި ހިފަހައްޓާލީ ލޯބިން ފުރިފައިވާ ގޮތަކަށެވެ.

"ކީކޭ ނަތާ؟ އަނދިރިކޮށްލައިގެން ތިއުޅެނީ ޔޯ......." އިޒްޔަން އަށް ގަޑިންވީއިރެއް ލަފާކޮށްލާކަށްވެސް ނޭގުނެވެ.

"އަނދިރީގައި އޮވެ ނިދީމަ ބްރެސްޓް ކެންސަރު ޖެހުމުގެ ޗާންސް ކުޑަވާކަމެއް އިޒް ބުނީމެއްނު. އެހެންވެ މިހާރު އެގޮތަށް އާދަކުރަން ނިންމީ......" ނަތާލީ ބުނެލިއެވެ.

"ސައިންޓިސްޓުންނަކީ ދެއިރު ދެދަޅައަށް އާގޮތަކަށް ވާހަކަދައްކާ ބަޔެއްވީމަ އެމީހުން އެހުރިހާ އެއްޗެއްވެސް ކިޔާނެ، އެކަމަކު ދެން އަނދިރިވެފައި ވާރޭވެހުނީމަ ހާދަ ރޮމްއޭ ނަތާ......." އިޒްޔަން ނަތާ ކައިރިއަށް ދަމާލަމުން އެބާރުގަދަ އަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ. އެއަތުގެ ތެރޭގައި ނަތާލީ ބޮނޑިވެގަތުމުން އިޒްޔަންގެ ހަށިގަނޑުގެ ހޫނުކަން ލިބުމުން ހީފިލާ އަރާމުވިއެވެ.

"މިހާ ރޮމެންޓިކް ރެއެއްގައި އިޒް ދެފައި ދަމަދަމާފައި ތިއޮތް ނިދަނީއެއްނޫންތަ؟ "ނަތާލީ އިޒްޔަންގެ މޭގައި މަޑުމަޑުން އަތުން ޖަހާލިއެވެ.

"އެނގެއެއްނު ކީއްވެކަން ނިދުނީ؟ ދެން ކޮފީއެއް ބޯލައިގެން މިރޭ އިރުއަރަންދެން ހޭލާ ތިބޭނީ.." އިޒްޔަން ކުޑަކޮށް ބޯ ހިއްލާލިއެވެ.

"މަންމަ އިޒް ގެއަށް ނިދަން ނާންނާތީ ސުވާލެއް ނުކުރޭތަ؟ އެގޭގައި އުޅެމުން ކޮންމެ ރެއަކު މިހާރު މިގޭގައި ނިދަން ތި އޮންނަނީ....." ނަތާލީ އޮޅުން ފިލުވަން ބޭނުންވިއެވެ.

"މަންމައަށް އެވަރު ވިސްނޭނެ، އަހަރެން ނުޖެހޭނެ ސީދާކޮށް މަންމަ ކައިރީ ގާލްފްރެންޑް ކައިރިއަށް ދަނީއޭ ބުނާކަށް ދޯ، މަންމަމެން ކައިރީގައި ހުރިހާ ވާހަކައެއް ކިޔައެއް ނުދެވޭނެ، ރައްޓެއްސަކާއިއެއްކޮށޭ ބުނީމަ މަންމަ ވެސް ވިސްނާނެ، އަހަންނަކީ މިހާރު ކުޑަކުއްޖެއްނޫން، ދެން އިހަށް އެވާހަކަ ބާއްވާ، މިހާރު ހޭލައްވާލީމަ ކޮފީއަކަށްވުރެ އެހެން ކަމެއް މުހިއްމުވެއްޖެ........" އިޒްޔަން ނަތާލީގެ ބުޅިބުޅި އިސްތަށިގަނޑުތެރެއަށް އަތް މަހާލަމުން ބުނެލިއެވެ.

ދެމީހުން ކޮޓަރިން ނުކުމެގެންގޮސް ކާކޮޓަރިއަށްވަދެ ނަތާލީ ކޮފީމޭކަރުން ކޮފީ ހަދަން އިންއިރު އިޒްޔަން އިނީ ބަލާށެވެ. އެކަނި ބޮކްސާއެއްގައި ހުރިއިރު އެ ފިރިހެންވަންތަ ހަށިގަނޑުން ނަޒަރު ވަކިކޮށްލުން ނަތާލީއަށްވެސް އުދަގޫކަމަކަށް ވެފައިވެއެވެ. މިރޭ ނަތާލީއަށް ވިސްނުނީ އިޒްޔަން ކުޑަކުއްޖެއްގެ ގޮތުގައި ހުރެފައި ޒުވާންވީ މިންވަރެވެ. ފުރިހަމަ ޒުވާނަކަށް އޭނަ ބަދަލުވެފައިވެއެވެ. އިޒްޔަން ނަތާލީއަކީ ގާލްފްރެންޑްކަމަށް ބުނާ ކޮންމެ ފަހަރަކު ނަތާލީގެ މޭގައި ގޮށްމުށުން ޖަހާފަދަ އިހުސާސެއް ކުރެވި ހިތަށް އުދަގޫވެއެވެ. އިޒްޔަން އާއި އޭނަ ރައްޓެހިވެގެން އުޅޭތާ އެތައް ޒަމާނެއް ވޭތުވެގެން ދިޔައިރުވެސް "ގާލްފްރެންޑް"އަށް ވުރެ މައްޗަށް އެ ގުޅުން ގެންދާކަށް އިޒްޔަން ވިސްނާލާފައެއް ނުވެއެވެ. ލޯބިވެރިޔާ ނޫނީ އަނބިމީހާގެ ޝަރަފު ދުވަހަކު ނުލިބޭނެބާވައޭ ނަތާލީގެ ހިތަށް އަރާ ކިތަންމެ ފަހަރު އާދެއެވެ. ކޮންމެވެސް ދުވަހަކުން އެހިތުން މަގާމެއް ލިބުމަށް ނަތާލީ އެދެއެވެ. މަޖުބޫރުކޮށްގެނެއް ނޫނެވެ. އިޒްޔަންއާއި އޭނަގެ އުމުރުގެ ތަފާތު ބޮޑުކަން ނަތާލީ ދަނެއެވެ. ނަތާލީގެ ދަރިއެއްފަދަ ކުއްޖެކެވެ. އިޒްޔަންއާއި ރައްޓެހިވެގެން އުޅޭއިރު ނަތާލީގެ ހިތަށް ލިބިފައިވާ އުފާވެރިކަން ކުޑައެއްނޫނެވެ. އިޒްޔަންއަކީ އޭނަގެ އަމިއްލަ ހައްގެކެވެ. ހަގީގަތުގައި އޭނަ އިޒްޔަންއަށް ޝައްކު ކުރުމަކީ މޮޔަކަމެކެވެ. އިޒްޔަން ވަނީ އެތައް ފަހަރެއްގެ މަތިން އޭނައަކީ ތަފާތު ޒުވާނެއްކަން ހާމަކޮށްދީފައެވެ. އިޒްޔަންއާއިހެދި އުޅޭ ޅަ އަދި ޒުވާން އަންހެންކުދިންނަށް އިޒްޔަން މިވީހާތަނަށް ފަހަރެއްގައިވެސް ސަމާލުކަމެއް ދީފައެއްނުވެއެވެ. ވީއިރު އޭނަ ކުރަންވީ ކޮން ޝަކުވާއެއް ހެއްޔެވެ؟ އިޒްޔަން ކިޔަވާ ނިމިގެން އައިސް ނަތާލީގެ ކައިވެންޏަށް އަމިއްލައަށް އަހަންދެން އޭނަ މިހިރީ ދޫދީގެންނެވެ.

އިޒްޔަން އެހެން މީހެއްގެ ހައްގަކަށްވާތަން ދެކެން އޭނަ ހިމޭނުން ހުންނާނެހެއްޔެވެ؟ އެފަދަ ދުވަހެއް ނާންނާނެއެވެ. އިޒްޔަންއަކީ އޭނަގެ ލޯތްބެވެ. ހިތުގެ ވެރިޔާއެވެ. އިޒްޔަންއަށްޓަކާ އޭނަ މިދަނީ މާލާއި ޖާނުން ގުރުބާން ވަމުންނެވެ. އެކަން އިޒްޔަން ދުވަހަކު ހަނދާން ނައްތަލާނެކަމަކަށް އޭނަ ނުދެކެއެވެ.

ނިކީ ވިލާގެ ކޮންމެ ތަނެއްވެސް އެހާ ފުރިހަމަވެފައި އަރާމެވެ. މާބްލް ތަޅުންމަތީގެ އޮމާންކަމާއި އޮފްކަމުން ވިދައެވެ. ފާރުގައިވާ މޮޅު ކުރެހުންތަކާއި ދޮރު ފޮތިތަކުންވެސް ހާމަކޮށްދެނީ ގޭގެ ފުރިހަމަކަމެވެ. ގޭގެ ތަނަވަސް ބެލްކަނީގައިވާ ސޯފާގައި އިށީދެލައިގެން ދެމީހުން ކައިރީގައި ތިބެ އާވި އަރަ އަރާހުރި ކޮފީ ބޯން ތިބިއިރު ނަތާލީގެ އަތް އެންމެ ފަހަރަކުވެސް އިޒްޔަންގެ ގަޔާއި ވަކިވެވޭކަމަކަށް ނުވެއެވެ.އިޒްޔަން އަމިއްލައަށް މިފަދަ މުއްސަދިކަމެއް ބޭނުންވާއިރުވެސް އަދި މިވަނީ އެފަދަ ކަމަކަށް ކުޅަދާނަވާ ހިސާބެއްގައެއް ނޫނެވެ. އަންހެނެއްގެ އަތުން ހުރިހާ ޚަރަދެއް ކުރުވައިގެން ކުރިން އުޅުނަސް އެއީ އަބަދަށް އެގޮތުގައި އޮންނަންވާނެ އެއްޗެއް ނޫންކަން އޭނަ ދަނެއެވެ. އަމިއްލަ ނަފުސުގެ އަގެއްވެސް އޮންނަން ވާނެއެވެ. ނަމަވެސް އޭނައަކީ ކާކުކަން ވިސްނާލުމާއެކު އިސްޖަހާލެވުނެވެ. ލޮލުގައި ކުޑަކޮށް ކަރުނަ ހިނގާލާގޮތްވުމާއިއެކު ތަންކޮޅެއް ބާރަށް ކޮފީތަށީގައި ހިފާލެވިއްޖެއެވެ.

"އެވްރީތިން އޯލްރައިޓް ބޭބީ؟ " ނަތާލީއަށް އިޒްޔަންގެ މޫނުމައްޗަށް އައި ބަދަލު ފާހަގަވެފައި އަވަހަށް ކޯތާފަތުގައި އަތް ޖައްސާލައިފިއެވެ. އެފިނި އަތްތިލައިން ޖެހުމުން އިޒްޔަންވެސް ހީކަރުވާގޮތްވިއެވެ. އިޒްޔަން ވަރަށް އަވަހަށް ހަމަޔަކަށް އެޅި ނަތާލީއަށްވެސް ޝުޢޫރުތައް ފޮރުވާލައިފިއެވެ. އިޒްޔަން ސަމާސާގޮތަކަށް ނަތާލީ އާއި ކައިރިވެލާފައި ނިތްކުރިއާއި ނިތްކުރި ޖައްސާލާފައި އެއްޗެކޭ ބުނެލިއެވެ. އެލޯބި ހަރަކާތުން ނަތާލީގެ ހިތް ބަންޑުންވިއެވެ.

"އިޒް ފުރީމަ މިފަހަރު މިގެ ވަކިން ފަޅުވާނެ....." ނަތާލީ އިޒްޔަންގެ އިސްތަށިގަނޑާއި ކުޅެލަމުން ވާހަކަދެއްކިއެވެ.

"އަހަންނާއިއެކު ދާންވީނު...." އިޒްޔަން އެދުނެވެ.

"މަގޭ މަސައްކަތް ކުރާނީ ދެން ކާކުތަ؟ އަމިއްލަ މަސައްކަތުން މިހާވަރު ވެފައި ދެން އެހެން މީހުންގެ ބޮލަށް ޖަހާލާފައި ދާންވެއްޖެއްޔާ ހުރިހާކަމެއް ބޮއްސުންލަފާނެ......" ނަތާލީ ޗުއްޓީ ހޯދައިގެން އިޒްޔަން ކައިރިއަށް ޖައްސާލިޔަސް އެއްކޮށް އުޅެވެން އަންނަނީ މިއަންނަ އަހަރަށްފަހުގައެވެ. އިޒްޔަންގެ ކިޔެވުމަށް ޚަރަދުކުރަނީ އޭނައެވެ. ކިޔަވާ ނިމިގެން އަންނަގޮތަށް ފުރަތަމަ ކަމަކަށްވެސް ކައިވެންޏަށް އަހާނެކަމުގައި ނަތާލީ އުއްމީދުކުރެއެވެ.

"އޮފީސް މަސައްކަތްތައް ދޫކޮށެއް ނުލެވޭނެ... ހޫމް....." އިޒްޔަން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނދެފައި ކިޔާލިއެވެ. މޫނަށް ކޮފީގެ ދުންތައް އަރަމުންދާއިރު ރީތިކަމުން ނަތާލީއަށް ސެލްފީ ނުނަގާ ނީނދެވުނެވެ. އިޒްޔަން ނަތާލީ ބޭނުން ކޮންމެ ކަމަކަށް ހުއްދަދެއެވެ. ކޮންމެފަދަ ގޮތަކަށް ވީޑިއޯ ނެގިޔަސް އޭނަގެ ފަރުވާލެއްނެތެވެ. އެދެމީހުންގެ ގުޅުން ސިއްރުކުރާކަށް އިޒްޔަން ދުވަހަކު މަސައްކަތްކޮށްފައެއްނުވެއެވެ. އެހެން ލޯބިވެރިން ފަދައިން ރެސްޓޯރެންޓްތަކަށް ދާންވެސް އިޒްޔަން ބުނާ ކޮންމެ ފަހަރަކު ނަތާލީ ދެކޮޅު ހަދައެވެ. މި ގުޅުން ސިއްރު ކުރަން ބާރުއަޅަނީ ޚުދު ނަތާލީއެވެ. އެއީ ކީއްވެކަމެއް އިޒްޔަންއަކަށް ނޭގެއެވެ.

"އިޒް.....ލުކް އެޓް މީ...." ނަތާލީ އިޒްޔަންގެ މޫނުގައި ހިފާ އޭނައާއި ދިމާލަށް އަނބުރާލައިފިއެވެ.

"މިރޭ އަހަންނަށް ޚިޔާލު ކުރެވެނީ އިޒް އެހެން ދުނިޔެއަކަށް ގެއްލިފައި އަބަދު ހުންނަހެން، ދޮންބައްޕަގެ ގޭގައި އުޅެނީ ކޮންބަޔެއްތަ؟ "ނަތާލީ ދުވަހަކުވެސް މިނޫނީ އިޒްޔަންގެ އާއިލާއާއި ބެހޭގޮތުން ސުވާލެއްނުކުރެއެވެ.

"ދޮންބައްޕައާއި އަންހެންދަރިފުޅު...." އިޒްޔަންގެ ހަނދާނަށް ރަނީންގެ ސޫރަ ކުޑަ ހިނދުކޮޅަކަށް ވެރިވިއެވެ.

"އުމުރުން ކިހާވަރެއް؟ " ނަތާލީ ގެ ހިތަށް ނުބައި ގޮތެއްވިއެވެ. ދުރަށް ކުޑަކޮށް ޖެހިލާފައި އިޒްޔަންގެ މޫނަށް ބަލާލިގޮތުން ހީވީ އެމޫނު ދަސްކުރަން މަސައްކަތްކުރިހެންނެވެ. މިހާ ދުވަސްވީއިރުވެސް އޭނައަކަށްވެސް މި ޒުވާނާ މާ ބޮޑަށް ދަސްވެފައެއްނެތެވެ. އަބަދުވެސް ސިއްރުވެރިގޮތެއް ހުރެއެވެ. އެދެލޮލުގައި ބައެއްފަހަރު ރިހުމެއްވާހެން ހީވެފައި ނަތާލީގެ ހިތްވެސް ގެނބޭ ކިތަންމެ ފަހަރެއް އާދެއެވެ.

"ފޯޓީން، ކުޑަކުއްޖެކޭ އެއީ....." އިޒްޔަން ފަރުވާކުޑަގޮތަކަށް ބުނެލިގޮތުން ނަތާލީގެ ހިތަށް ފިނިކަމެއް ލިބިއްޖެއެވެ. އޭނަ އިޒްޔަންއާއިމެދު ޝައްކުކޮށްގެން ނުވާނެއެވެ. މިވީހާތަނަށް ރީތި ޅަ އަންހެންކުއްޖަކު ފެނިގެން އިޒްޔަން އެފަރާތަކަށް ލެނބިފައެއްނުވެއެވެ.

"ނަތާ، އަހަރެން ބުނެފީމެއްނު ތިގޮތަށް އަހަންނާއިމެދު ޝައްކު ނުކުރާށޭ، އަހަރެންނަކީ ފެންނަހާ އަންހެންކުއްޖަކަށް ހިތްކިޔަމުން ދުވާ ވައްތަރެއްނޫން، ޓްރަސްޓް މީ، ނަތާ ތިގޮތުގައި ހުރިއްޔާ އަހަރެން އަބަދަށް ހުންނާނީ ނަތާގެ މީހެއްގެ ގޮތުގައި........." އިޒްޔަން ކުޑަކޮށް ހިނިތުންވެލާފައި ނަތާލީގެ ދަތްދޮޅީގައި ހިފާފައި އުފުލާލިއެވެ. އެއިން ކޮންމެ އަދާއަކުންވެސް ނަތާލީގެ ހިތް ކަތިލާލައެވެ. އަމިއްލަ ނަސީބާއިމެދު އޭނަ ހަސަދަވެރިވާ ފަހަރުވެސް އާދެއެވެ.

ދެމީހުން ކޮފީ ބޮއިގެން އިރުކޮޅެއްވާންދެން އަތުގުޅުވާލައިގެން ބެލްކަނީގައި ތިބީ ވާރޭވެހެމުންދާ ރީތި މަންޒަރަށް ގެއްލިފައެވެ. ނަތާލީ އިޒްޔަންގެ ގަޔަށް ލެނގިލައިގެން އެ ތަނަވަސްމޭމަތީގައި ބޯ ޖައްސާލައިގެން ހުރިއިރު އިޒްޔަންގެ އިނގިލިތަކުން އިސްތަށިގަނޑާއި ކުޅެމުންދާތީ ނަތާލީއަށް ލިބޭ އަރާމަކުން ދެލޯ މަރައިލެވުނެވެ.

"ނިންޖެއް ނާދޭތަ؟ " ވިއްސަކަށް މިނިޓްފަހުން އިޒްޔަން އަހާލިއެވެ.

"ވާނެނަމަ މުޅި އުމުރަށްވެސް ހުންނާނީ ނުނިދާ...." ނަތާލީ ބުނެލިއެވެ.

"އެއީ ކީއްވެތަ؟ "އިޒްޔަން ހިނިތުންވެލިއެވެ. ނަތާލީ ހާދަ އިޝްގީއެވެ. މިހާ ހަރު އަންހެނަކަށް އިޒްޔަން ބޭނުންވާ ސަބަބަކީވެސް އެއީއެވެ. ޅަ އަންހެންކުދިން ވަރަށް މައުސޫމްވާނެއެވެ. ކުރާނީ މުޅިންވެސް މޮޔަކަންތައްތަކެވެ.

"ނިދުމުން އިޒް ނުފެންނާނެ، އަހަރެން ބޭނުންވަނީ ހޭލާ ހުރެގެން އަބަދު އިޒްއަށް ބަލަން ހުންނަން......" ނަތާލީގެ ތުންފަތްމަތީގައި އިޝްގީ ހިނިތުންވުމެއް ކުޅެލަ ކުޅެލާ ހުއްޓެވެ.

"ބޭނުން ވަރަކަށް ބަލަންވީ ހަމަ. މަށަކީ އެކަނި ނަތާގެ....." އިޒްޔަން އަދިވެސް ބޮޑަށް ނަތާލީ ގަޔާއި ކާރިކޮށްލަމުން ހިނިތުންވެލިގޮތުން ނަތާލީގެ ހިތް ހާސްފަހަރު ފިދާވިއެވެ. އާދައިގެމަތިން އިޒްޔަންގެ ކޯތާފަތުގައި އަތްޖައްސާލެވުނެވެ.

"އިޒް ވަކިން ފިރިހެންވަންތަވާނެ ތުނިކޮށް ތުނބުޅި ބަހައްޓައިފިއްޔާ....." ނަތާލީ ގެ ޖުމްލައިން އިޒްޔަން ހުރީ މަޖާވެފައެވެ.

ދެމީހުންވެސް އެކަކު އަނެކަކަށް މާޒީ ސިއްރުކޮށްފައިވިޔަސް ދެމީހުންގެ ދޭތެރޭގައިވާ ގުޅުން ހަރުދަނާވެފައި މައްސަލަތައް ކުޑައެވެ. އެކަކު އަނެކަކަށް ވަފާތެރިއެވެ.

ނަތާލީ މާލޭގައި ހުޅުވާފައި ހުންނަ ދެތިން ބިއުޓީ ސެލޫންއާއި ހެއަރ ސެލޫންގެ އިތުރުން ޖިމެއް ހިންގައެވެ. ދެތިން ރެސްޓޯރެންޓަކާއި ހޮޓަލެއް ހިންގައެވެ. އޮފީހެއްގެ އެމްޑީއަކަށް ވިޔަސް އޭނަ ވިޔަފާރީގެ ހުރިހާކަމަކަށް އެހާ އިސްކަން ދެއެވެ. ހުރިހާކަމެއް އަމިއްލަ ލޮލުންދެކެ މުވައްޒަފުންގެ ކަންތައްވެސް އެހާ ގަވާއިދުން ބަލާހަދައެވެ. އޭނަގެ ވިޔަފާރި އެހާ ކުރިއެރުމުގެ އަސްލަކީ ހަރުދަނާކަމާއި ވިސްނުން ތޫނުކަމެވެ. އޭނަގެ ހަޔާތަށް އިޒްޔަން އައިކަމީ އޭނަގެ ނަސީބުކަމެއް ނުވަތަ ނޫންކަމެއް ޚުދު ނަތާލީއަކަށްވެސް ނޭގެއެވެ. އެނގެނީ އިޒްޔަންހާ އޭނަ ލޯބިވާ އިންސާނެއް މިދުނިޔޭގައި ނެތްކަމެވެ. ނަމަވެސް އޭނަ ހުންނަނީ އޭނަގެ މުއްސަދިކަމާއި ކުރިއަރާފައިވާ ވަރު އިޒްޔަންއަށްވެސް ސިއްރުކޮށްލައިގެންނެވެ.

ޖޫން އަދި ޖުލައި މަހަކީ އާއްމުކޮށް މޫސުން ތަންކޮޅެއް ގޯސް ދުވަސްކޮޅަކަށްވާތީ އުޑުމަތި އަބަދުހެން އޮންނަނީ ބަނަކޮށެވެ. ރަނީން އަކީ ވާރެއާއިހެދި މޮޔަވެފައި ހުންނަ ކުއްޖެއްކަމުން އޭނަ ދުވަހަކުވެސް މި މޫސުން ނިމޭކަށް ނޭދެއެވެ. ވާރޭ ނުވެހުނު ކަމުގައިވިޔަސް ރޭގެ ތޫފާނަށްފަހު އަދިވެސް އުޑުމަތި އޮތީ ބަނަވެލާފައެވެ. ދޭތެރެއަކުން އަންނަ ވައިރޯޅިތައް ބާރުވެލާފައި އިތުރަށް ވިއްސާރަ ވެދާނެކަމުގެ އިންޒާރުވެސް ދެއެވެ. ދެފަރާތުގައިވާ ގަސްތަކަށް ވައިރޯޅިތައް ކުރާ ގޯނާތަކަށް ނުކުޅަދާނަވެގެން ބަލިކަށި ފަތްތައް ގަހާއި ވަކިވެގެން އުދުއްސައިގަންނަތަން ފެނެއެވެ.ރަނީންއާއި ޒީކާ ހިނގާލާފައި ދިޔައިރު ހެދުން ހިއްލިގެންދާން ފެށުމުން ހަޅޭއްލަވަ ލަވާފައި މަޖާވެގެން އުޅުނެވެ.

ހެދުން ވިއްކާ ފިހާރައަކާއި އަރާހަމަވެފައި ރަނީންގެ ލޮލުގައި އަޅައިގަތީ ރަނުން ޖަރީކޮށްފައިވާ ކަޅު ހެދުމެކެވެ. އެހެދުންލާ ހިތްވީލެއް ބޮޑުކަމުން އެތެރެއަށް ވަދެފައި ރަނީން އޭގެ އަގުވެސް އަހާލިއެވެ.

"އަހަރެންވެސް ކަޅުހެދުން ލާ ހިތްވޭ...." ޒީކާ ބުނެލިއެވެ.

"ރިއަލީ؟ އެކަމަކު ޒީކް ދޮންމަންމައަށް ޖޯކު ޖެހި ހަނދާނެއްވޭ....." ރަނީން ހައިރާންވީ ޒީކާގެ ވިސްނުން ބަދަލުވާވަރުންނެވެ.

"އެއީ ދެން ސަމާސާއަކަށް ބުނާ އެއްޗެހި، ހީވާގޮތުން ނިންނިއަށް ވުރެ ކުރިން އަހަރެން ކަޅު ހެދުން ލާނަން....." ޒީކާވެސް އެހެދުމުގައި ވަރަށް ފިރުމަ ފިރުމާފައި އުޅުނެވެ. ރަނީންގެ އަތުގައި ފައިސާ ނެތުމުން ރީތި ދެތިން ޓޮޕް ފެނުނީމަވެސް އެވަގުތު ގަނެލެވޭނެ ގޮތެއްނުވިއެވެ. ރަނީން ކުރާ ކޮންމެ ކަމެއް ނަކަލުކޮށްފައި ޒީކާ އުޅޭއިރު ރަނީން އެކަމާއިމެދު ފަހަރެއްގައިވެސް ވިސްނާލާފައެއްނުވެއެވެ. ރަނީން ދެކެނީ އެއީ އިޚުލާސްތެރި ހެޔޮއެދޭ އެންމެ ގާތް އެކުވެރިޔާކަމުގައެވެ.

ރަނީން އެޕާޓްމެންޓްގެ ދޮރުން ވަދެލާފައި ހިތް އަވަސްވީ އިޒްޔަންގެ ފައިވާން ދޮރުމަތީގައި ހުރިތަން ފެނިފައެވެ. އެހާ ފިނިގަދައިރުވެސް އަތުން ދާހިއްލާލައިފިއެވެ. ރަނީން އަތުން އިސްތަށިގަނޑު ރީތިކޮށްލަމުން އެތެރެއަށް ބޯދިއްކޮށްލިއިރު އިޒްޔަން ފެންނާކަށް ނެތެވެ. ދޮންމަންމަ ނާޒްލީ ސައި ތައްޔާރުކުރުމާއިގެން އަވަދިނެތި އުޅެއެވެ. ކޮފީގެ މީރުވަހާއި އެކު މޭޒުމަތީގައި ބެހެއްޓި ޕިއްޒާތަށި ފެނިފައި ރަނީންގެ ކުޅުދިޔާވިއެވެ.

"ނިންނި ސަލާމް ގޮވާލާފައި ވަދެބަލަ..." ނާޒްލީ އެކަން ހަނދާންކޮށްދޭނީ ކިތައް ފަހަރުކަމެއްވެސް ނޭގެއެވެ. ރަނީން ހީލާފައި ސަލާމް ގޮވާލާފައި އަވަސްވެލާފައިގޮސް ވަނީ ކޮޓަރިއަށެވެ. ގަޑިއެއްހާއިރު ކުރިން ފެންވަރާލައިގެން ހުރުމުން ތާޒާކޮށް ހުއްޓަސް ރަނީން ހިތްހަމަޖެހޭވަރުވީ ކުޑަކޮށް މޭކަޕްކޮށްލެވުމުންނެވެ. ސެންޓްވެސް ޖަހާލުމަށްފަހު ރަނީން ބޭރަށް ނުކުމެ ގޮނޑިއެއް ދަމާލައިގެން އިށީދެއްޖެއެވެ. އިޒްޔަން އައުމުން ރަނީންއަށް އިޒްޔަންގެ މޫނަށް ބަލައިލެވުނީ ބޭއިޚުތިޔާރުގައެވެ. ދެންމެ ފެންވަރާލައިގެން އައިކަން އެނގެނީ ތެތްކޮށްވާ އިސްތަށިގަނޑާއި މޫނުގެ ތާޒާކަމުންނެވެ. ކަޅުކުލައިގެ ޓީޝާޓާއި ނޫ ޖިންސްލައިގެން ހުރުމުން ހާދަ ހިތްގައިމެވެ.ދުވަންފެށި މީރުވަހުން ރަނީންގެ ސިކުނޑި އިތުރަށް ތާޒާވެލިއެވެ. އިޒްޔަން އައިފަހުން މިގޭގައި އަބަދުހެން ހަރުލާފައި ހުންނަ ވަހަކީ މިއީއެވެ. އޭނަގެ ކަނދުރާގައި ބޭސްމަލަންކޮޅެއް އަޅާފައި ހުރިތަން ފެނުމުން ރަނީން އިންތިހާއަށް ކަންބޮޑުވިއެވެ. އެކަމަކު ދޮންމަންމަ ހުއްޓާ އެސުވާލުކޮށްލާކަށް ނުކެރުނެވެ. ވާރޭވެހެން ފެށުމުން ކުޑަދޮރުތައް ލައްޕާލަން ނާޒްލީ އެތެރެއަށް ވަން ވަގުތު ބަލާލާފައި ރަނީން އެސުވާލުކޮށްލިއެވެ.

"އިންޖަރީއެއް ވީތަ؟ "ރަނީން ގެ މުށިދެލޮލުން ފެނުނީ ކަންބޮޑުވެފައިވާކަމުގެ ކުލަވަރެވެ. އިޒްޔަން މާނަވީގޮތަކަށް ހިނިތުންވެލާފައި ކޮފީތަށި ތުނބުގައި ޖެހިއެވެ.

"ވެމްޕަޔަރެއް ދަތް އެޅީކަމަށް ވާނީ......" އިޒްޔަންގެ ޖަވާބުން ރަނީން މަޖާވެފައި ހޭންފެށިއެވެ. އިޒްޔަން އެއްވެސް ކަމެއް ސީރިޔަސްކޮށް ނުނަގާނެއެވެ.

"ސިރިޔަސްކޮށް ދެން ބުނެބަލަ ޕްލީޒް...." ރަނީން އެނގެން ބޭނުންވިއެވެ.

"ކުޑަކުދިންނާއި އެހާ ސީރިޔަސްކޮށް ވާހަކަ ދެއްކުން މަނާކަން އެނގޭތަ؟ މިހާ ވިއްސާރައިގާ ކޮންތާކު އުޅެލާފައި ތިއައީ؟ އަހަރެން ގެއަށް އަންނައިރު ދުވަހަކު ގެއަކުން ނުފެނޭ......" އިޒްޔަން ދެއްކީ އެހެން ވާހަކައެކެވެ.

"ފްރެންޑަކާއިއެކު ހަމަ ހިގާލަން ދިޔައީ، ވާރޭ ވެހޭއިރު އަދި މޫންލައިޓްގައި ވަރަށް ހިނގާލަން ދާހިތްވޭ......." ރަނީންގެ މޫނަށް ކުޑަރަތްކަމެއް ވެރިވެގެން ދިޔައީ އިޒްޔަން ގެ ދެލޯ އޭނަގެ މޫނަށް ހުއްޓިފައިވާތަން ފެނިފައެވެ. އިޒްޔަންއާއި ހަތަރުކަޅިހަމަކޮށްލުން ފަސޭހަ ނުވަނީ ކީއްވެހެއްޔެވެ؟ އިޒްޔަންގެ ދެލޮލަށް ބަލައިލުމުން ހިތް އަވަސްވެ ފިނިވެދެއެވެ.

"އަހަރެންވެސް......" އިޒްޔަން ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފައި ހުއްޓާލިއެވެ.

"ކުޑައިރު މާމަގެ ރަށަށް ގޮއްސަ އުޅުނުއިރު ކަރުދާހުން ބޯޓު ހަދައިގެން ޕޮންޑްތަކުގައި ކުޅެން އުޅޭ ހަނދާންވޭ، ހުންނާނެ ފޮޓޯވެސް......"ރަނީން މާޒީ ހަނދާންކުރިއެވެ. އޭނަ ބޭނުންވީ އިޒްޔަންއާއި އެކުވެރިކަން ބަދަހިކުރާށެވެ. އިޒްޔަންގެ މަތިން ހަނދާންވާވަރުން ދުރުގައި ހުރުންވަނީ ވޭނަކަށްވެފައެވެ. މިގޮތަށް އިޒްޔަންއާއިއެކު ވަގުތު ހޭދަކޮށްފައި މިރޭ އެކަނިވުމުން އޭނައަށްވާ ވަރު އެހެން މީހަކަށް ނޭގޭނެއެވެ. އިޒްޔަންގެ ކައިރީގައި އެވާހަކަ ބުނުމަށްވެސް މިވަނީ ނުކުޅެދިފައެވެ.

"ވަޓް އެބައުޓް ޔޫ.....ރާއްޖެތެރެއަށް ދިޔައިންތަ؟ " ރަނީން އިނީ އިޒްޔަންގެ ދިރިއުޅުމާއިބެހޭގޮތުން ކުޑަ ކުޑަ މިންވަރެއްނަމަވެސް އެނގޭހިތުން ކެތްމަދުވެފައެވެ. މި ސިއްރުވެރި ޒުވާނާ އާއިއެކު އެއްގެއެއްގައި އުޅޭއިރުވެސް އޭނައަކީ ބީރައްޓެއްސެއްފަދައެވެ. އިޒްޔަން އެއްޗެކޭ ބުނަން އުޅުނުތަނުން ފޯނު ވައިބްރޭޓްވާން ފެށުމުން އިޒްޔަން އަވަހަށް ފޯނަށް ޖަވާބުދިނެވެ.

"އަންނާނަން އިރުކޮޅަކުން......" އިޒްޔަން ބަލައިލީ އަތުކުރީގައިވާ ގަޑިއަށެވެ. އިޒްޔަން ގަޑިއަޅައިގެން ހުރުންވެސް ރަނީންއަށްވީ ޚާއްސަކަމަކަށެވެ. އެއަތުކުރިއާއި ގަޑި ހާދަ ގުޅެއެވެ. އެކޮޅުން ވާހަކަދެއްކި މީހެއްގެ އަޑު ފުރޭނިގެން ނައީ ފަންކާގެ އަޑާއިއެކު ވާރޭ ބޯކުރަން ފެށުމުންނެވެ.

"އަދި މުޅި ރޭގަނޑުވެސް ކުރިއަށް އޮތީއެއްނު....." އިޒްޔަން ހީލާފައި ކިޔާލިއެވެ.

"އެކަންޏެއްނޫން، ފެމިލީއާއިއެކު ކޮފީ ބޯލަނީ......" އިޒްޔަން ބުނެލިއެވެ.

"މްމް. ހަމަ ވަރަށް ފިނިވޭތަ؟ ދެން އަހަރެން ދިޔައީމަ ހޫނުވެސް ވާނެ އިނގޭ........" އިޒްޔަން ރަނީންއާއި ދިމާލަށް ބަލާލާފައި ހޭންފެށިއެވެ. އެހެން ފަހަރެއްނަމަ އޭނަ ކޮންމެވެސް ކަހަލަ ނުލަފާ އެއްޗެއް ކިޔާނެއެވެ. ކުޑަކުއްޖެއް ކުރިމަތީގައި އިނުމުން އޭނަ ވާހަކަދެއްކީ ވަރަށް ވިސްނައިގެން ރީތިކޮށެވެ. ރަނީން އިނީ ވާނުވާ ނޭގިފައެވެ. އިޒްޔަން ވާހަކަދެއްކީ ކާކާއިކަމެއް އެއްގޮތަކަށްވެސް ޚިޔާލަށް ގެންނާކަށްވެސް ރަނީންއަކަށް ނޭގުނެވެ. ނަސީބުދެރަކަމުން އެކޯލު ނިމެންވާއިރަށް ނާޒްލީ އައިސް އިށީނެވެ. މިރޭވެސް ވައިގަދަވެ ގަޑިއަކު ފަންސާސް މޭލަށް ވައިބާރުވާނެކަމަށް މެޓު އޮފީހުން ބުނިކަމަށް ނާޒްލީ ބުނެފައި މޫސުމުގެ ވާހަކަދައްކަން ފެށިއެވެ. ބިރުން ނިދަން ނުކެރޭނެކަމަށް ބުނެފައި އިޒްޔަން ކައިރީގައި ނާޒްލީ އެދުނީ މިރޭ ގޭގައި މަޑުކުރުމަށެވެ.

"އިޒްޔަން މިރޭ ގޭގައި މަޑުކޮށްލާ...." ނާޒްލީގެ ޖުމްލައިވިފައި ރަނީންގެ ހިތް އުފަލުން ނަށާލައިފިއެވެ. އެރީތި ދެލޯވެސް ވިދާލިއެވެ. ކޮންމެ ރެއަކު މޫސުން ގޯސްވެ އިޒްޔަން ގޭގައި މަޑުކުރާނެނަމައެވެ. އިޒްޔަން ދޭނެ ޖަވާބަކަށް އިންތިޒާރުކުރާފަދަ ގޮތަކަށް ރަނީން އިޒްޔަންގެ މޫނަށް ބަލައިލެވުނުއިރު އިޒްޔަންވެސް އެދިމާލަށް ބަލައިލީއެވެ.

ކޮމެންޓް 0