ރަނީން ވާރޭ ކޯޓު ގަޔަށް މަހާލައިގެން މަގަށް ނުކުމެލިއިރު ފިނިވެގެންގޮސް އިނގިލިތައް ގަނޑުހިފާވަރުވިއެވެ. ބޮޑެތި ވާރޭތިކިތައް ކޯޓުގައި ބޮސްދޭން ފެށުމުން ރަނީންއަށް މަޖާވިއެވެ. އިސްތަށިގަނޑުގައި ފެންތިކިތަކުން ލުއިކޮށް ތަޅަމުންދާކަހަލަ އިހުސާސެއްކުރެވުނެވެ. މިފަހަކަށް އައިސް އަބަދު ހުވަފެނެއްގައި އުޅޭކުއްޖާ ވިސްނާނުލާ މަގު ހުރަސްކުރަން އުޅެނިކޮށް ސައިކަލެއް އަރާ ހަމަކުރިއެވެ. އެސައިކަލުގައި ތިބި ދެޒުވާނުންނަށްވެސް ބޯ ވާރޭގެ ސަބަބުން ރަނީން ފެނުނީ މާފަހުންކަން ނޭގެއެވެ. ހަޅޭއްލަވައިގެންފައި ސައިކަލްގެ ހުންގާނު އަނބުރަންވެސް އުޅުނެއްކަމަކު ރަނީންގެ ގައިގާ ސައިކަލުން ޖެހި އޭނަ ވިއްސައިގެންގޮސް ޖެހުނީ ދުވާރުމަތީގައެވެ.

"ޑޭމިޓް...." ފަހަތުގައި އިން ޒުވާނާ ސައިކަލުން ފުންމާލައިގެން އެދިމާލަށް ދުއްވައިގަތެވެ.

"ހާދަވަރަކަށޭ ބޮލުން ލޭ އަންނަނީ، އަހަންނަށް ވާރޭ ބޯކަމުން ނުފެނުނީ އޭ ލެވީ...." ދެން ހުރި އެކުވެރިޔާ ކިޔާލައިފިއެވެ.

ރަނީންގެ ފަޔަށް ތަދެއްގެ ބޮޑުކަމުން މޫނަށް ފުސްވާން އުޅުނު ވަގުތު އޭނައާއި ދިމާލަށް ގުދުވި ޒުވާނާގެ މޫނު ކިތަންމެ ރަގަޅަށްވެސް ރަނީންއަށް ފެނުނެވެ. ފުދޭވަރަކަށް ކައިރިންނެވެ. އަދި އެހެންމީހުންވެސް އެއްވާން ފެށިކަން އެނގުނެވެ. ރަނީން ހާސްވިވަރުން ދެލޯ މަރައި ތަގުޅިކޮށްލީ ގަތް ލަދަކާއި އެކު އެއަށްވުރެ ރަގަޅު ގޮތެއް ނުވިސްނުނީމައެވެ. ބާރުގަދަ މުލައްދަނޑިއެއްގެ ހިމާޔަތްލިބުނެވެ. އުފުލާލެވުނުގޮތަށް ބުރަކަށި ޖެހުނީ މަޑު ސީޓެއްގައެވެ. ރަނީން އެވަރުންވެސް ދެލޯ ހުޅުވާލާކަށް ގަސްތެއްނުކުރިއެވެ. އަތުގައި ރިއްސާވަރުން ނުރޯން ތުން ފިތާލައިގެން އޮތްއިރުވެސް އެސްފިޔަތައް ފޫދުއްވާލާފައި ކަރުނަތައް ކޯތާފަތްމަތިން ދެމެމުންދިޔައެވެ.

ހޮސްޕިޓަލުގެ އިމަރޖެންސީރޫމަށް ގެންދެވުމަށްފަހު އޭނަގެ ހާސްކަން އިތުރުވިއެވެ. އޭނަގެ ހަށިގަނޑު ސާފުކޮށްފައި އައިވީ އެއްޗެހި ގުޅަން ފެށިއެވެ. ރަނީންއަށް ތަދުވީވަރުން ދެލޯ ހުޅުވަން މަޖުބޫރުވިއެވެ. ޑޮކްޓަރު ސުވާލުކުރަން ފެށީމަ ރަނީން އޮތީ އަނގައިން ނުބުނެ ބަލާށެވެ. ގެއިން ބޭރަށް ނުދާން ބައްޕަ އަމުރުކޮށްފައި ދިޔުމުން ބުނާގޮތަށް ނެހެދުނު ކަމުގެ ނަތީޖާ ހާދަ ހިތިއެވެ. އޭނަ ބޭނުމީ ވީހާވެސް އަވަހަކަށް ގެއަށް ދާށެވެ.

ރަނީން ވިސްނާލާފައި ވިޝާމްގެ ނަމްބަރު ދިނުމުން އެމީހުން ގުޅައިލިއެވެ. އިއްތިފާގުން ވިޝާމް ހުރީ ހޮސްޕިޓަލުގައި އޮތް އެކުވެރިއަކު މާ ސީރިޔަސްވެގެން ލޭދޭން އައިސް އެތަނުގައެވެ. ރަނީން އެކްސިޑެންޓްވެގެން އުޅޭކަން އެނގުމުން އޭނަ އައުމުން ރަނީން އެދުނީ އިހަށް ބައްޕައަށް ސިއްރުކޮށްދިނުމަށެވެ.

"ސީޓީ ސްކޭނެއް ހައްދަންވެސް ޖެހޭނެހެން ހީވޭ، އެކަމަކު މިތާ ނިއުރޯސާޖަންގެ އޮޕީނިއަން އެއް ފުރަތަމަ ހޯދާލާނީ....." އެވަގުތު ޑިއުޓީ ޑޮކްޓަރ ވިޝާމްއާއި ވާހަކަދެއްކިއެވެ.

ދިހަވަރަކަށް މިނިޓް ތެރޭގައި ނިއުރޯ ސާޖަން ކަމަށްވާ ޑޮކްޓަރ މަންސޫރު ދުރުވިއެވެ. އެއީ ބައެއްފަހަރު ޓީވީއިން ފެންނަ މޫނެކޭ ރަނީންގެހިތަށް އެރިއެވެ. މަޝްހޫރު މީހެކެވެ. ދެބައި އުމުރުގެ މީހެއްނަމަވެސް އުމުރާއި ބަލާފައި ވަރަށް ސްމާޓެވެ. އޭނަ ރަނީން ބަލާފައި ބުނީ ސީޓީ ސްކޭން ހެދުމުގެ މާނައެއް ނެތްކަމަށާއި ސިކުނޑިއަށް އެހާ ބޮޑު ގެއްލުމެއް ލިބިފައި ނުވާކަމުގައެވެ.

"އެކަމަކު އަޅުގަނޑުމެން ބޭނުން ސްކޭނެއް ހަދަން...." ވިޝާމް ޑޮކްޓަރުންނަށް އިތުބާރެއް ނުކުރެއެވެ. ސްކޭނެއް ނަހަދާ އެތެރެއިން ވާ ގެއްލުމެއް މި މީހުންނަށް އެނގޭހާ ކުޅަދާނައެއް ނުވާނެއެވެ. ލޮލަށް އަލިކޮށްކޮށްފައި ރަގަޅުކަމަށް ބުނެގެން ވިޝާމް ނުހެއްލޭނެއެވެ.

"ސީޓީ ސްކޭން ބޭކާރުކޮށް ހަދާކަށް ނުވާނެ، ކޮންމެ ސްކޭނަކީ ސަތޭކަ އެކްސްރޭ ނެގުން ކަހަލަ ކަމެއްކަން އެނގޭތަ؟ އެހާ ހައި ރޭޑިއޭޝަނަށް އެކްސްޕޯސްކުރަން ޖެހޭނީ ގެއްލުމެއްވެފައިވާ ކަމަށް ޑޮކްޓަރުންނަށް ޝައްކުކުރެވޭނަމަ، ދަރިފުޅާ، ޓްރަސްޓްމީ، ޝީޒް ފައިން...." ޑޮކްޓަރ މަންސޫރު ހީލާފައި ވިޝާމްގެ ކޮނޑުގައި އަތް ބޭއްވިގޮތުން ވިޝާމްއަށް ގާތްކަމެއް އިހުސާސްކުރެވުނެވެ. ޚުދު ރަނީންވެސް ހުރީ މި ޑޮކްޓަރުގެ ހިތްހެޔޮކަމުން ހައިރާންވެފައެވެ.

"ވަޓް އެބައުޓް އެމް އާރް އައި....." ވިޝާމް އޮޅުން ފިލުވާން ބޭނުންވިއެވެ.

"އެމްއާރް އައިއަކު ރޭޑިއޭޝަނެއް ނުހުންނާނެ، ވަރަށް ސޭފްވާނެ އެކަމަކު ބޭކާރު ކަމެއްގައި ނެގުމުގެ މާނައެއްނެތް........." ޑޮކްޓަރު މަންސޫރުގެ ވާހަކައިން ރަނީން އެފަދަ އެއްވެސް ސްކޭނެއް ހަދަން ނުޖެހޭނެކަން ވިޝާމްއަށްވެސް ޔަގީންކުރެވުނެވެ. ތަންތަން މެށި ބޯ ފަޅައިގެންދިޔަސް ބޮޑު ގެއްލުމެއްނުވިކަން އެއީ ރަނީންއަށް ދަސްވި ފިލާވަޅެކެވެ. މައިންބަފައިން ބުނާގޮތަށް ހަދަންވާނެއެވެ. މަގު ހުރަސްކުރާއިރު ރަގަޅަށް ބަލަންވާނެއެވެ. ފުރާނައަކީ އަގުބޮޑު އެއްޗެކެވެ. އެމީހަކު އަމިއްލައަށް ނުވި ރައްކަލެއް އެހެން މީހުން ނުވާނެއެވެ.

ހަފްތާއެއްހާ ދުވަސްވީއިރު ރަނީން ހުރީ ދޮންމަންމަ އައުން ލަސްވެފައެވެ. ޔުނިފޯމް އިސްތިރިކޮށްދީ ހެދުން ދޮވެދޭނެ މީހަކު ނެތެވެ. ބައްޕަ ހޮޓަލުން ގެނެސްދޭ އެއްޗެހި އަނގަޔަށް ލެވެނީއެއް ނޫނެވެ. ނާޒްލީގެ ރަހަމީރު ކާއެއްޗެއްސަށް ދެވި ހިފީ މާވަރަކަށެވެ. އެއަށްވުރެ ބޮޑަށް އުދަގޫވީ އިޒްޔަންގެ ރީތި ސޫރަ ނުފެނިގެން ހިތަށް ލިބޭ ވޭނަކުންނެވެ. ދެލޯ ބޭގަރާރުވާރުވިއެވެ. ކެތްތެރިކަން ކޮޅުން ލިއެވެ. ނާޒްލީ ކޮންމެ ދުވަހަކުހެން ގުޅާލާފައި ރަނީންގެ ހާލު އޮޅުން ފިލުވައެވެ. ރަނީން ކެތްމަދުވިޔަސް ދޮންމަންމަ މިކޮޅަށް އަންނަނީ ކޮންދުވަހަކުން ހެއްޔޭ އަހާނުލިއެވެ.

ރަނީން ސްކޫލް ނިންމާލާފައި އެޕާޓްމެންޓަށް ވަނުމާއިއެކު ފިޔަވަޅުތައް ހުއްޓުނެވެ. އެހެން ދުވަހު ފަޅުކޮށް އޮންނަ އެޕާޓްމެންޓްތެރެ ހަލަބޮލިކަމުގެ އިންތިހާއެވެ. ނުދަންނަ މޫނުތައް ވަރަށް ގިނައެވެ. ނާޒްލީ ރަނީންއަށް ގޮވާ ގެނެސް އޭނަގެ ޢާއިލާ ތަޢާރަފުކޮށްދިނެވެ. މަންމަ އަނީސާ އާއި ދެކުދިންކަމަށްވާ ޒޯޔާއާއި އެމާއެވެ. ޒޯޔާގެ ބުޅި އިސްތަށިގަނޑު ބޯވެފައި ރަންކުލައިން ހައިލައިޓްކޮށްލާފައި ވެއެވެ. އެހާ ސްޓައިލިޝްވެފައި ފަސޭހައިން އެކުވެރިވާ ޒާތުގެ އަންހެންކުއްޖެކެވެ. ރަނީންގެ ދެއަތުގައި ހިފައިގެން ދެމީހުން ރޫމްމޭޓުންނަށްވީ ކަމުގައި ބުނެލިއެވެ. އެމާގެ ބޮޑު މުށިކުލައިގެ ދެލޮލުން ކަޅިޖަހާނުލާ ބަލަން އިންގޮތަކުން މީހަކު ރަކިވާނެއެވެ. އިސްތަށިގަނޑު ދެފަރާތަށް ބައިކޮށްލާފައި ގަތާލާފައިވާއިރު މޫނުން މައުސޫމްކަމެއް ފެންނަން ހުއްޓެވެ. މާމަ އިނީ ބަލިކޮށެވެ. ވާހަކަދައްކަނީ އެހާ ބަލިއަޑަކުންނެވެ.

ރަނީން ޒޯޔާ ގޮވައިގެން ކޮޓަރިއަށްވަންއިރު ރަނީން ނުތަނަވަސްވެފައި ހުރީ އެންމެ ކަމަކާއިހެދިއެވެ. އޭނަގެ މިނިވަންކަން އެއްކޮށް ނެތިގެން ދިޔައީއެވެ. ނަމަވެސް ކޮޓަރިއަށް ވަދެ ޒޯޔާ އަނގަތަޅަން ފެށިގޮތަށް ރަނީންއަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނާޒްލީ ނުބުނާ ވާހަކަތައްވެސް އެނގުނެވެ. ޒޯޔާއަކީ ނާޒްލީ މަންމަ ކިޔުއްވައިގެން އުޅުނަސް އަދި މަންމައެއް ނޫނެވެ. އެކުއްޖާއާއި އެމީހުންނާއި ލޭގެ ގޮތުން ގުޅުމެއްނެތެވެ. ޒޯޔާގެ ބައްޕަ އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލާ ބޮޑުކުރީއެވެ. އޭނަ ކުޑައިރު މަންމަ ނިޔާވުމުން ނާޒްލީއަށް މަންމަ ކިޔަން އާދަވީއެވެ. އިޒްޔަންވެސް މަންމަ ކިޔާތީއެވެ. އެތާ ބޮމެއްގޮއްވާލިނަމަވެސް އެހާވަރަށް ރަނީން ސިހޭނެކަމެއް ނޭގެއެވެ. ފަހުން ހަމަޖެހުމުން ރަނީން ރުޅިގަދަވެގެންގޮސް ކަންފަތުން ދުން އަރާގޮތްވިއެވެ. އިޒްޔަންގެ ކޮއްކޮއެއް ނޫންކަން އެނގުމާއިއެކު ރަނީންގެ ހިތުގައި ޒޯޔާއަށްޓަކައި ވަގުތުން ރުޅިވެރި އިހުސާސްތަކެއް ހޭލައިގަތެވެ. އަބަދު ދުލުކުރީގައި އިޒްޔަންގެ ނަން އޮތް މީހަކާއިއެކު ކޮޓަރި ހިއްސާކުރަން ވެއްޖެއްޔާ އޭނަ މޮޔަވެދާނެއެވެ. ރަނީން ފާޚާނާއަށް ވަދެފައި ޔުނިފޯމް ބަދަލުކޮށްލުމަށްފަހު ސްކިނީއަކާއި ޓީޝާޓެއް ލައިގެން ނުކުތެވެ. އެނދުގެ ކަނުގައި ކުޑަގޮތަކަށް އިށީދެލިއެވެ.

"މާމަ ކިޔާނެ އަހަރެން އިޒް އާއި މެރީކުރާށޭ...." ޒޯޔާ އޭރު ހުރީ ރަނީންގެ އަލަމާރި ހުޅުވާލައިގެންނެވެ.

"ވަޓް...." ރަނީން ދެލޯ ތަންމިނަށް ހުޅުވާލިއެވެ. މިއިވެމުންދާ އަޑަކުން އޭނައަށް ވާވަރު ދެނެވޮޑިގެންވަނީ އެންމެ ފަރާތެކެވެ. ހީވީ ނުބައި ހުވަފެނެއްގައި އިނދެވުނުހެންނެވެ.

"މަ މިބުނީ މަ މެރީ ކުރާނީ އިޒް އާއޭ، ދަރިން ލިބިއްޖެއްޔާ ކިޔާނެ ނަމާއިމެދު ވެސް ވިސްނައިފިން، އިޒްއަށް މާ ރީތި ނަމެކޯ ޒޯހަންއަކީ. އެއީ މަށާއި އިޒްއާއި ގުޅުވާފައި ދޭންވެގެން ކަމަށްވާނީ، އޭ ނިންނި، ހާދަ ލޯބިކޮށް ކުލަތައް ވަކިވަކިން ހެދުން އަޅުވާލަފައި މިހިރީ، އަހަރެން މިހާ އޯގަނައިޒްކޮށް ކަންތަކެއް ނުކުރަން....." ޒޯޔާ އެ ހެދުންތަކުގައި ފިރުމާފައި އަލަމާރީގެ އަނެއްފަރާތް ހުޅުވަން އުޅުނެވެ. އެފަރާތް ތަޅުލާފައި ހުރުމުން ސުވާލުކުރަން އުޅެފައިވެސް ޒޯޔާ އެބައިގާ ހުރި ބޮޑު ލޯގަނޑުން މޫނު ބަލާފައި އިސްތަށިގަނޑާއި ކުޅެންފެށިއެވެ.

"ތެދެއްތަ ނިންނި؟ އަހަރެންގެ ހެއަރ މެރީޑާއާއި ވައްތަރުތަ؟ " ޒޯޔާ ލޯބިކޮށް ހީލިއެވެ. ރަނީން ސިހުނެވެ. ފޮނިކަމާއި ބޮޑާކަމުގެ އިންތިހާއެވެ. މިނޫން އަންހެނަކަށް ރީތި އިސްތަށިގަނޑެއް ލިބުނުކަމެއް ނޭގެއެވެ.

"ނޫން، ވައްތަރީ ސަންތި މަރިޔަބާއި....." ރަނީން ހިތާހިތުން ކިޔާލި އެއްޗެއް ދުލަކާއި ހަމަޔަށް ނައެވެ.

"ހޫމް، ވަރަށް ޕްރިޓީ...." ރަނީން ޒޯޔާ އަނެއްފަރާތަށް އެނބުރުނުއިރު ލޮލަށް ވައްތަރެއް ޖެއްސިއެވެ.

"އެ އިޒްގަނޑު ކިޔާނީ ހަންޑިއޭ.....އެނޫން ނަމަކުން ގޮވައިފިއްޔާ ދުލަށް ފާފަވެރިވާނީތަ އަޅެ، އެ ފިރިހެނާ......" ޒޯޔާ ހިނިގަނޑެއްޖަހައިލިއެވެ. އިޒްޔަން އެގޮތަށް ވާހަކަދައްކާނީ ދެން ހާދަ ގާތްވީމައެވެ. ހާދަ ސަމާސާކޮށް އުޅޭތީއެވެ. ރަނީންގެ ހިތަށް ތޫނު ކަށިތަކެއް ހެރުނުހެން ހީވިއެވެ. އޭނަ ކުއްލިއަކަށް ނާޒްލީދެކެވެސް ފޫހިވެއްޖެއެވެ. އޭނަގެ ހުއްދަނެތި އޭނަގެ ކައިރިން އަހާލުމަކާއި ނުލާ ބައްޕަވެސް ދޮންމަންމަގެ އާއިލާ އެއްކޮށް ގެނެސް ގެއަށް ވެއްދީއެވެ. މި ހުރިހާ "ޕެސްޓް" ތައް މިގޭގައި އުޅެގެން އޭނައަކަށް މިގެއަކު އެންމެ ހިނދުކޮޅަކަށްވެސް ނުހުރެވޭނެއެވެ. މާމަގެ ގެއަށް ބަދަލުވާނީއެވެ. ނަމަވެސް އެއީވެސް އެހާ ފަސޭހަކަމެއްނޫނެވެ. އެގޭގެ ބޮޑުބަޔެއް ކުއްޔަށް ދީގެން އާއިލާ އުޅެނީ ކުޑަތަންކޮޅެއްގައެވެ. ދެން ހުރީ ޒީކާއެވެ. އެކުވެރިއެއްގެ ގެއަކަށް ބަދަލުވާކަށް އޭނަގެ ޒަމީރު ހުއްދައެއް ނުދޭނެއެވެ. ސިކުނޑިތެރޭގައި ހަނގުރާމައެއް ކުރެވެމުން ދިޔައިރު ހަލަނި ޒޯޔާ އެކޮޓަރި އަމިއްލަކޮށްލައިފިއެވެ. އަމިއްލަ ތަނެއްކަމުގައި ހަދާލަން ޒޯޔާ މާގިނައިރެއް ނުނެގިއެވެ. އޭނަގެ ދަބަސް ކޮޓަރިއަށް ވައްދައިގެން ހެދުންތައް ނަގާފައި އަލަމާރިތެރެއަށް ލާންފެށިއެވެ. ރީތިވާ މޭޒުމަތިވެސް ފުރެންފެށިއެވެ.

"ނިންނި އަލަމާރީގެ އަނެއްބައި ތަޅުލާފައި ހުރީ ކީއްވެތަ؟ މާ ރަގަޅެއްނު އެބައި އަހަންނަށް ދީފައި ނިންނި މިބައި ނެގިއްޔާ......." ޒޯޔާ ތަޅުދަނޑި ހޯދަން އެދުނެވެ.

"އެބައިގާ ޕާސަނަލް ސްޓަފް ހުންނާނީ...." ރަނީން ދަތްތަކަށް ބާރުލިއެވެ.

"ކުޑަކުއްޖެއްގެ ކޮން ޕާސަނަލް އެއްޗިއްސެއްތަ؟ " ޒޯޔާ ހީގަތެވެ.

"ޝަޓަޕް...." ރަނީންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔުމުން ކިޔާލެވުނެވެ.

"އައުޗް......ސީރިޔަސްލީތަ......ބިޓެއްނެގީތަ؟ "ޒޯޔާއަށް އެވަރުންވެސް ރަނީން އިނީ ރުޅިންކަމެއް ނޭގުނެވެ.

"އިޓްސް ނޮން އޮފް ޔޯ ބިޒިނަސް....." ރަނީން އެހެން ބުނެލާފައި ޒޯޔާގެ މޫނަށް ބެލުމާއިއެކު ޒޯޔާ ދެލޯ ބޮޑުކޮށްގެން ހުރިތަން ފެނިފައި އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. ގެއަށް އައިސް ތިބި މެހުމާނުންނަށް އެގޮތަށް އެއްޗެހި ކިޔުމަކީ އޭނަކޮށްގެން ވާނެކަމެއް ނޫނެވެ. ކެތްތެރިވާންވާނެއެވެ. ރަނީން ކުއްލިއަކަށް ހީގެންފާ އޭނަ ސަމާސާއެއްކޮށްލީ ކަމުގައި ބުނެލާފައި ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިފިއެވެ.

"އެބައިގާ ހުންނާނީ ވިޝާމްގެ އެއްޗެހި، ހީޒް އެ ކަޒިން، އޭނަ ފޮރުވަންދީފައި ހުރި އޭނަގެ އެއްޗެހި...." ރަނީން ވިސްނާލާފައި ވާހަކަދެއްކުމުން ޒޯޔާ ހީލިއެވެ. ޒޯޔާ އެއްޗެހި ތަރުތީބުކޮށް ނިމިގެން އައިގޮތަށް ދެން ފެނުނީ ރަނީންގެ ލިޕްގްލޮސް ތުންފަތުގައި ޖައްސަން އުޅުނުތަނެވެ.

"އެބަ އަންނަން އެއްޗެއް ކައިގެން...." ކެތްނުވެގެން އެއްޗެއް ބުނެވިދާނެތީ އޭނަ އަވަހަށް އެތަނުން ނުކުތެވެ. އޭރު އިޒްޔަންގެ ކޮޓަރީގެ ދޮރުމަތީގައި އެމާ ހުރިތަން ފެނުނެވެ. ހީވާގޮތުން މާމައާއި އެމާއަށް އެކޮޓަރި ދީފައި އިޒްޔަން އެހެން ތަނެއް ޚިޔާރުކުރީއެވެ. މިވާން އުޅެނީ ކިހިނެއްހެއްޔެވެ؟ މި ގަމާރު އާއިލާ މިއުޅެނީ އޭނަގެ ދިރިއުޅުން ނަރަކައަށް ހަދާލާށެވެ. އެމާ ބޮޑު ދެލޮލުން ބަލައިލުމުން ރަނީން ހީލާކަށްވެސް ބޭނުމެއްނުވިއެވެ. ނުފެންނަކަމަށް ހަދާފައިގޮސް ސޯފާގައި އިށީންގޮތަށް ރިމޯޓުން ޗެނެލްތައް ބަދަލުކުރަނިކޮށް ޓައިޓޭނިކް ދައްކާ މަންޒަރު ފެނިފައި ބަލަންފެށިއެވެ. އައިސްފައިވާ ރުޅީގެ ސަބަބުން ހުރިހާ ބާރެއްލެވުނީ އަތުތެރޭގައިވާ ކުޝަންއަށެވެ. ދޮންމަންމަ އޭނައަށް ޖެއްސުން ކުރަން ފެށީމަ ހަދަންވީގޮތް އޭނައަށްވެސް އެނގިއްޖެއެވެ. އަޑުގަދަކޮށް ފިލްމު ބަލަން އިންދާ އެޕާޓްމެންޓްގެ ދޮރު ހުޅުވައިލެވުނު އަޑަށް ބަލާލިއިރު އެއީ އިޒްޔަންއެވެ. ރަނީންގެ ހިތް ތެޅިގަތްވަރުން ކުޝަން މޭގައި ޖައްސާ ބާރުކޮށްލެވިއްޖެއެވެ. މަސްހުނި ޚިޔާލުތަކާއި ޖަޒުބާތްތަކުން ސިކުނޑީގައި އޮއިވަރެއް ހިނގަންފެށިއެވެ. އޭނަ ފަހަރެއްގައިވެސް އިޒްޔަންދެކެ މިވެވެނީ ލޯބިކަން ގަބޫލުކުރާކަށް ބޭނުމެއްނޫނެވެ. އެކަމަކު އޭނަ މިވީހާތަނަށް ކިޔާފައިވާ ވާހަކަތަކުގައި އުޅޭ މީހުންގެ ލޯތްބާއި އޭނައެކޭ މާ ބޮޑު ތަފާތެއްނެތެވެ. އެހާ ގަދަޔަށް އެހާ ވަރަކުން ލޯބިވުމަކީ ހަގީގަތެއްކަމަށް ގަބޫލުކުރަން ބޭނުމެއްވެސް ނޫނެވެ.

އިޒްޔަން އައިގޮތަށް އިށީނީ ކުރިމަތީގައި ހުރި ސޯފާގައެވެ. އެރީތި ދެލޯ ފޮރުވައިގެން ހުރެފައި ލޮލުގައިވާ ރޭބަން އަވިއައިނު ނެގުމުން ރަނީންގެ ހިތް ކުރިއަށްވުރެ އަވަސްވިއެވެ. އަންހެންކުދިން ފިދާވާފަދަ ދެލޮލެވެ. ރަނީން ގާބުދެއްހެން އިންދާ އެ ދިގު ދެފައި ދަމާލުމުން އޭނަގެ ފައިތިލައިގާ ކިރިޔާ ނުބީހޭކަމެވެ.

"ކޮން ފިލްމެއްތަ؟ "އިޒްޔަން އާދައިގެ ގޮތަކަށް އަހާލައިފިއެވެ.

"ޓައިޓޭނިކް...." އޭރު ރަނީންގެ މޫނަށް ރަތްކަމެއް ވެރިވާން ފަށައިފިއެވެ. އިޒްޔަންއަށް މަޖާވިއެވެ. ހުރިހާ އުމުރެއްގެ ކުދިންވެސް އޭނަ ފެނިފައި އުޅެނީ މިކަހަލަ ގޮތަކަށެވެ. ވަރަށް ތުއިވާނެއެވެ. ރަކިވާނެއެވެ. އަންހެންކުދިންނަކީ އަޖައިބެއް ކަހަލަ ބަޔެކެވެ. ރީތި މީހަކު ވެއްޖެއްޔާ ހިތް ކިޔާނެއެވެ. ނުލިބޭނެކަން އެނގުނަސް ފަރުވާލެއްނެތެވެ. މައްސަލައަކީ ގާނޫނީގޮތުން ނަތާލީގެ ހައްގަކަށް ނުވިޔަސް އޭނައަކީ ނަތާލީގެ މީހަކަށް ވާކަމެވެ. އެދޭތެރޭގެ ދުރުމިން އޭނަ ނައްތާލިތާ ކޮން ދުވަހެއް ހެއްޔެވެ؟ ކައިވެންޏާއި ނުލައި އެހެން އުޅުމުގެ ހުރި ނުބައިކަން އެނގޭއިރުވެސް އީމާންތެރިކަން ކުޑަވުމުން އެކަމުން ދުރުނުވެވިގެން އުޅެނީއެވެ.

"ލޯބީގެ ފިލްމު ބެލުމުގެ ހުއްދަ ބައްޕަ ދެނީތަ؟ "އިޒްޔަން އެހެންބުނެލިކަމުގައި ވިޔަސް އޭނައަށް އެނގެއެވެ. ރަނީންއަށްވުރެ މާ ކުޑަކުދިންވެސް އިނގިރޭސި ފިލްމުބަލައެވެ. ނެޓަށް ވަދެ އެކުދިން ބަލަން ބޭނުންހާ އެއްޗެއް ބަލާނެއެވެ. މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. ކުރީ ޒަމާންހާ މައުސޫމް ކުދިންނެއް ނޫޅޭނެއެވެ. ޅައިރުވެސް ނޭގޭ އެއްޗެއް ނުވާނެއެވެ.

"ބައްޕަ އަންނަންވާއިރަށް ޗެނެލް ބަދަލުކޮށްލަފާނަން....." ރަނީން ލާނެތްގޮތަކަށް އެއްލޯ މަރައިލިއެވެ.

"ހުރިގޮތަށް ހުރި ކުޑަ ޑެވިލްއެއް ދޯ، އަހަރެންގެ ޓޫތް ބްރަޝް ގެންދިޔައީމަ ދަތް ނޫގުޅިފައި މިހިރީ....." އިޒްޔަން ސީރިޔަސްވެލާފައި ބުނުމުން ރަނީން ދެލޯ ބޮޑުކޮށްލާފައި އަނގަޔަށް ނުބައިގޮތެއް ހަދާލިއެވެ. އިޒްޔަންގެ ހުދުހުދު ދަތްތައް ފެނިފައި އެވާހަކަ ގަބޫލުކުރަން ދަތިވިއެވެ.

"ޗީ، ދެން ބްރަޝްނުކޮށް......." ރަނީން އެއްޗެކޭ ބުނަން އުޅުނެވެ.

"ބްރަޝްނުކޮށް ނިދަން އޮތްވާ ޓޫތް ފެއަރީ އާ ދަތް ސެޓެއް ޖަހާދީފައި ދިޔައީއޭ....." އިޒްޔަން ރަނީންއާއި ވާހަކަދެއްކީ އެމާއާއި ވާހަކަދައްކާކަހަލަ ގޮތަކަށެވެ. ރަނީންއަށް އެކަމެއް ނުވިސްނުނެވެ. ރަނީން ހީކުރީ އިޒްޔަން ލާނެތީކަމަށެވެ. އޭނައާއި ދޭތެރޭ އިޒްޔަން ކުޑަކުއްޖެއްގެ ހައިސިއްޔަތުން ދެކޭކަމެއް ނޭގިހުރެ ރަނީން ރަކިގޮތަކަށް ހީލިއެވެ. ޓީވީ ސްކްރީނަށް ނަޒަރު ހުއްޓާލީ ދެން ބުނަންވީ އެއްޗެއް ނުވިސްނުމުންނެވެ. ދައްކަން ފެށި މަންޒަރަކުން އިޒްޔަންވެސް ޝައުގުވެރިވިއެވެ. ޖެކް ރޯޒްއަށްޓަކައި ވި ގުރުބާނީއާއި ދެއްކި ވާހަކަތައް އިވިފައި ރަނީން ޖަޒުބާތީވެ ފެންކަޅިވިއެވެ. ހާދަ މަތިވެރި ލޯތްބެކެވެ. އޭނައަށް އެމަންޒަރުވެސް ފެނުނީ އޭނައާއި އިޒްޔަންގެ ގޮތުގައެވެ. ކުއްލިއަކަށް ރަނީންގެ ދެލޮލުން ކަރުނަ އޮހިގަތީ އިންޒާރަކާއި ނުލައެވެ. ރަނީން ހަމަ ރަގަޅަށްވެސް ރޯތަން ފެނިފައި އިޒްޔަން ހައިރާންވިއެވެ. ފިލްމު ބަލާފައި އަދި ވާހަކަ ކިޔާފައި އަންހެންކުދިންގެ އިހުސާސްތައް މަތަނުކުރެވެންޏާ ހަގީގަތާއި ކުރިމަތިލުމުގެ ހިތްވަރު ލިބޭނީ ކިހިނެއް ހެއްޔެވެ؟

"ޑޯންޓް ކްރައި، އިޓްސް ޖަސްޓް އެ މޫވީ......" އިޒްޔަން ތެދުވެގެންގޮސް މޭޒުމަތީގައި ހުރި ޓިޝޫ ޕެކެޓް ކަނޑާލާފައި ރަނީންގެ އަތަށް ދިއްކޮށްލިއެވެ. އިޒްޔަންގެ އިނގިލިތައް ރަނީންގެ ހަމުގައި ބީހިލުމުން ރަނީންއަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. އެދެލޮލަށް ބަލާލާކަށްވެސް ނުކެރުނެވެ. އިޒްޔަންއަށް އެވަގުތު އެއްޗެއް ނުވިސްނުނީ އޭނަގެ މަންމަ ދޮރު މައްޗަށް އަރާފައި ގޮވާލުމުންނެވެ. އެހެންނޫންނަމަ އިޒްޔަންއަށް ރަނީންގެ ފަރާތުން އެފެންނަ ކުދިކުދި އާދަތަކުން އެއްޗެއް ވިސްނޭނެއެވެ. އެހެން ކުދިންނާއި ތަފާތު ލޯތްބެއް އެދެލޮލުން ފެނުނީސްކަން ޔަގީނެވެ.

އިޒްޔަންއަށް ނަތާލީ ހަދިޔާކުރި އެޕްލް މެކްބުކް ފެނުމުން އިޒްޔަން އުފާވިނަމަވެސް އޭނައަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. އޭނަގެ އެފަދަ ތަނަވަސްކަމެއް ނެތުމުން ނަތާލީއަށް އާދައިގެ ހަދިޔާއެއް ދޭއިރު ނަތާލީ މުސާރަކޮޅު އެއްކޮށްލައިގެން މިހާ އަގު ބޮޑު ހަދިޔާއެއް ދިނީއެވެ. އޮފީހެއްގެ އިސްވެރިއަކަށްވިޔަސް މިހާވަރަށް މުސާރަ ލިބިދާނެހެއްޔެވެ؟ އުމުރުދުވަހު ލިބުނު އެންމެ ހިތްގައިމު އެއްޗަކަށް މެކްބުކްވެގެން ދިޔައެވެ. ނަމަވެސް އޭނަ ފުރަންދެން ނަތާލީގެ އަތުގައި ލެޕް ބަހައްޓަން އޭނަ ނިންމިއެވެ. އެރޭ ގެއަށް އައިއިރު ވެސް އިޒްޔަން ހުރީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އޭނަ ގަބޫލުކުރާގޮތުން ފައިސާ ހޯދާ އަންހެނުންނަށް ޚަރަދުކުރުމަކީ ހަގީގީ ފިރިހެނެއްގެ ޒިންމާއެކެވެ. އެރޭ ނިދުމުގެ އިންތިޒާމު ހަމަޖެހިފައިވާގޮތުން އޭނަގެ އެނދުގައި ތިބީ މާމައާއި އެމާއެވެ. އޭނަ އޮންނަން ޖެހުނީ ބިންމަތީގައި ގޮދަޑި އަޅައިގެންނެވެ. ކިރިޔާވެސް އަލިކަމެއް ހުރެއްޖެއްޔާ އިޒްޔަންއަށް ނިދަން އުދަގޫވާނެއެވެ. މާމަ ތަފާތެވެ. މާމަގެ ބަލީގެ ގޮތުން ހޮޅިބުރި ދިއްލާލައިގެން ނޫނީ ނިދޭކަމަކަށް ނުވިއެވެ. އިޒްޔަން އަމިއްލަ ނަފުސަށްވުރެ އިސްކަންދިނީ މާމައަށެވެ. ބޮކިދިއްލާލައިގެން އޮންނަން ވުމުން ލޮލަށް އެއްގޮތަކަށްވެސް ނިންޖެއްނައެވެ. މަންމަ ގަދަޔަށް އަންގާފައި އޮތީ ސިޓިން ރޫމްގައި ނިދައިގެން ނުވާނެ ކަމުގައެވެ. އެކަން މަނާކުރި ސަބަބެއް ނުބުނިކަމުގައިވިޔަސް މަންމަ އޭނައަށް އިތުބާރު ނުކުރީއޭ ހިތަށް އަރާފައި ނުތަނަވަސްވިއެވެ. އޭނަ ހަމަހޭގައި ހުރެގެން ރަނީންއަށް ގޯނާ ނުކުރާނެކަން މަންމައަށް ހަމަ ނުވިސްނެނީހެއްޔެވެ؟ ރަނީންއަކީ އޭނައާއި ބަލާއިރު އެތައް އަހަރު ހަނގުކުއްޖެކެވެ. އެފަދަ ރޮގަކުން އޭނަ ބަލާފައެއްވެސް ނުވާނެއެވެ.

މަންމަވެސް މީޑިއާގެ ޚަބަރުތައް ކިޔަމުންގޮސް އަމިއްލަ ފިރިހެންދަރިއާއި މެދުގައިވެސް އިތުބާރު ގެއްލުނީއެވެ. ތިނެއްޖެހިއިރުވެސް އިޒްޔަން އޮތީ ފޯނު ހިފައިގެންނެވެ. ބޭބީގާލް އެތައް މެސެޖެއް ކޮށްލައިފިއެވެ. އިނގިރޭސި ފަށުވި ލޯބީގެ އިބާރާތްތަކެވެ. ހިތުގައި ބީހިލާފަދަ އަސަރުގަދަ ޖުމްލަތަކެވެ. ދެތިންފަހަރު ތަކުރާރުކޮށް ކިޔާލެވޭފަދަ ހިތްގައިމު މެސެޖްތަކަކަށް ވިއެވެ. މެއިލް ކުރަމުން އަދި އޭނަގެ ނަމްބަރުވެސް ހޯދައިގަތީ އޭނަ ދަންނަމީހެއް ތާއެވެ. ސިމް ނަގާފައިވަނީ އިންޑިއާ މީހެއްގެ ނަމުގައެވެ. އެއީ ނަތާލީ ކަމަށް ނިންމައިގެން ހިތްހަމަޖައްސާލައިގެން އޮވެ އިޒްޔަން އެމެސެޖްތައް ކިޔަސް ޖަވާބުދޭކަށް ގަސްތެއްނުކުރިއެވެ. މިލިއަނުން މެއިލް ކުރިޔަސް މެސެޖްކުރިޔަސް އޭނަ ހުންނާނީ ގޮތުގައެވެ. ސިއްރުން ލޯބިވާނެކަމެއްނެތެވެ. ކެރޭމީހެއް ވެއްޖެއްޔާ ކުރިމަތީގައި ހުރެ ބުނަން ޖެހޭނެއެވެ. ކޮންމެ ރެއަކު މެންދަމު ބާރައިން ފެށިގެން މެސެޖްތައް އަންނަން ފަށާތީ އެގަޑިއަށް އިންތިޒާރުކުރެވޭ ގޮތްވެސްވިއެވެ. އިޒްޔަން ނުނިދިފައި އޮތްވާ އެމާ ހޫނުވަނީއޭ ކިޔާފައި އޭނަގެ ކައިރީގައި އޮށޯތެވެ.

ހެނދުނު ސްކޫލަށް ދާންވީގަޑީގައި ރަނީން ހުރީ ވަރަށް ކަންނެތްވެފައެވެ. މާ ލަހުން ތެދުވުމުން ތެޅިފޮޅިގެން ދާން ހަދައިގެން ކާކަށް އޭނަ ބޭނުމެއްނުވިއެވެ. ނަމަވެސް ނާޒްލީ ކިރުތަށްޓާއި އޮމެލްޓްކާން މަޖުބޫރުކުރިއެވެ. ރަނީން ނުކުމެގެން ދަމުން އިޒްޔަން އުޅޭ ކޮޓަރިއަށް ސިއްރު ނަޒަރެއްހިންގާލިއިރު އިޒްޔަން ބަންޑުން ގޮދަޑިމަތީގައި އޮށޯވެގެން އޮތްތަން ފެނުނެވެ. ހިތަށް އަސަރުކުރީ މާވަރަކަށެވެ. މޭގައި ރިހުމެއް އުފެދުނުހެން ހީވިއެވެ. އިޒްޔަން އެފިނިރޭގައި ބިންމަތީގައި ނިންދަވަން ބާއްވާފައި އެންމެން މަޑު ގޮދަޑިމަތީގައެވެ. އޭނަ ސޯފާގައި އޮށޯތްނަމައެވެ. އެޚިޔާލުތަކުން ރަނީން މުޅި ދުވަހު ހުރީ މޮޅިވެރިވެލާފައެވެ.

އިޒްޔަން ފޫހިފިލުވާލަން އެންމެ ކުރާހިތްވާކަމަކީ ބިލިއާޑް ކުޅުމެވެ. އެކަމަށް އޭނަ ހުންނަނީ ދެވިހިފާފައެވެ. ކުޅެން ފެށުމަށްފަހު ވަގުތު ދާގޮތެއްވެސް ނޭގޭތާ އެހެން ކަމެއް އޭނަ ހަދާނެއް ނުހުރެއެވެ. އެތައް އިރަކު ކުޅެން އުޅެލާފައި ރެސްޓޯރެންޓަކަށް ވަދެ ކޮފީއަކަށް އޯޑަރުކުރިއެވެ. އެކަނިވެރިކަން ފިލުވާލަދޭން ނަތާލީ ގެންނަން އުޅުމުން އެކަން ކާމިޔާބެއްނުވިއެވެ. އެތާ ތިބި އަންހެންކުދިންގެ ސަމާލުކަން ހުއްޓިފައިވާކަމެއްވެސް އޭނައަކަށް ރޭކާނުލިއެވެ. އެކަނި މޭޒެއްގެ ދޮށުގައި އައި ފޯނު ހިފައިގެން އިންއިރު ފަނޑު އަލި މޫނަށް އެޅިފައި ފެންނަލެއް ވަރަށް ހިތްގައިމެވެ. އެގަޑީގައިވެސް ބޭބީގާލް މެސެޖްކުރަން ފެށުމުން އެ މެސެޖްތައް ކިޔަން އިނދެލާފައި އިޒްޔަން ގަސްތުކުރީ ނަތާލީއަށް ދޭން ހަދިޔާއެއް ގަނެލައިގެން އެގެއަށް ސަޕްރައިޒް ޒިޔާރަތެއްކުރުމަށެވެ. މިރޭ ނާދެވޭނެކަމަށް އޭނަ ބުނުމުން ނަތާލީ ހިތްހަމަނުޖެހިފައި ހުރުމުން ހިތްހަމަޖައްސާދޭނީ މިކަހަލަ ގޮތަކަށެވެ. އިޒްޔަން މާޓަކަށް ވަދެލާފައި ޖެހިލީ ޗޮކެލްޓް ހަރުގަނޑެއްގެ ކައިރިއަށެވެ.

"ގާލްސްއިން ލައިކްވާނެ ޗޮކެލްޓާއި ރޯޒްގެންގޮސްދިނީމަ....." އިޒްޔަން ސްވިސް ޗޮކްލެޓެއް ނެގިއެވެ.

ނަތާލީ ފިހާރައަށް ވަދެފައި ބޭނުންވާ ސާމާނު ގަތުމަށްފަހު ޓްރޯލީ ހިފައިގެން ހިނގައިގަތްތަނާ އޭނަގެ ލޮލުގައި އިޒްޔަން އަޅައިގަތެވެ. އިޒްޔަންއަށް ގޮވާލަން އުޅެނިކޮށް އިޒްޔަންގެ ފަހަތުން ފެނުނުމީހެއްގެ ސަބަބުން ނަތާލީގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. އެދިމާލަށް ފުރޭތައެއް ތިރިކޮށްލިނަމަވެސް އޭނަގެ މޫނު އެހާ ހުދުވެގެން ނުދާނެއެވެ. އެމީހަކަށް ނުފެންނަންވެގެން އަވަހަށް ހަރުގަނޑުގެ އަނެއްފަރާތަށް ވަންނަން ހިފެހެއްޓިވަގުތު ހަރުގަނޑުގައިވާ އެއްޗެހިތަކެއް ފައިބައިގަތް އަޑަށް އެތައް ލޯތަކެއް އެދިމާލަށް ހުއްޓުނެވެ.

ކޮމެންޓް 0