ރަނީންގެ ދެލޮލުން އެވަގުތު އަންނަން ވީ ވޭނީ ކަރުނައެއް ނޫނެވެ. އުފާވެރިކަމުގެ ކަރުނައެވެ. އެ ޖުމްލަތައް އަޑުއަހަން އޭނަ ކެތްމަދުވެފައި ހުންނަތާ ކޮން ދުވަހެއް ހެއްޔެވެ؟ އެންމެފަހުން ހިތަށް އެލިބުނު ފިނިކަމަކުން ގަނޑުފެން ގަނޑެއްގެ ތެރެއަށް ގެނބިގެން ދިޔަފަދަ އިހުސާސެއް ކުރެވުނެވެ.

ރަނީން އިޒްޔަންއާއި ދިމާލަށް އެއް ފިޔަވަޅު ކުރިއަށް އެޅިއެވެ. އެއާއިއެކު ހަނދާންވީ އިޒްޔަންއަކީ އޭނަގެ ކާކުކަމެވެ. ޖަޒުބާތުގެ އޮއިވަރުގައި ޖެހިގެންގޮސް އޮޔާއި ނުދިޔައީ ހަމަ ކިރިޔާއެވެ.

"އިޓްސް ޓޫ ލޭޓް އިޒް....." ރަނީން އަނެއް ފަރާތަށް އެނބުރުނެވެ.

"ވަޓް؟ " އިޒްޔަން ހައިރާންވެ އަންތަރީސްވިއެވެ.

"މިބުނީނު ލަސްވެއްޖެޔޭ. މިހުރިހާ ދުވަހު އަހަރެމެން އުޅުނު ހާލު އިޒްއަށް ނޭގުނު، ކީއްވެ މިހާރު އަންނަންވީ؟ މިހާރު ތިވާހަކަ ބުނަންވީ ކީއްވެތަ؟..." ރަނީން ހިތްވަރުކުރަމުން ދެވަނަ ފަހަރަށް ބުނެލީ ތަންކޮޅެއް ބާރަށެވެ.

"އައި ކެން އެކްސްޕްލެއިން...." އިޒްޔަން ފެށިއެވެ.

"ނޫން. ނޫން އެކްސްޕެލޭޝަނަކަށް މިއަދު އަހަރެން ބޭނުމެއްނުވޭ، އަހަންނަށް ނެތް ތިޔަ ލޯބި ގަބޫލުކުރެވޭކަށް....." ރަނީންގެ ހިތަށް ކުރާ އަސަރުތަކަށް ފުރަގަސްދެމުން އޭނަ މަޖުބޫރުވެފައި ހުރެ އިޒްޔަންގެ ލޯތްބަށް ދެކޮޅުހެދިއެވެ. އިޒްޔަން ބާރުބާރަށް އައިސް ރަނީންގެ އަތުގައި ހިފާ ގާތަށް ދަމާލިއިރު އޭނަގެ އަތަށް އިންތިހާއަށް ތަދުވެއްޖެއެވެ.

"އައްދިއްޔޯތް، ތަދުވެއޭ، ތިމާ މީހާގެ ބާރުވެސް އިހުސާސް ނުކުރެވޭ ދޯ......" ރަނީން އިޒްޔަންގެ އަތް ނައްޓުވާލަން މަސައްކަތްކުރި ވަރަކަށް އެއަތުގެ ދާއިރާ ހަނިކުރިއެވެ. ފާރުގައި ރަނީންގެ ނާޒުކް ހަށިގަނޑު ޖައްސާ ބާރުކޮށްލިއިރު އިޒްޔަންގެ ހޫނު ނޭވާތައް އޭނަގެ މޫނަށް އެޅެމުން ދިޔައެވެ.

"މިއަދު ނޫނެކޭ ބުނާ އަޑު އަހާކަށް ބޭނުމެއްނޫން، ހިތަކަށް ކެތްނުކުރެވޭނެ، އެހާވެސް އަހަރެން ރަނީންއަށް ބޭނުންވޭ، އެނގޭ ރަނީން ކޮންމެވެސް ކަމަކާއި މަޖުބޫރުވެފައި ހުރެ ދައްކާ ވާހަކައެއްކަން، އަހަރެންދެކެ ލޯބިވާވަރު އެނގޭ، ދެން މިއަދު ދެކޮޅު ނަހަދާ ރަނީން، ވަރަށް ދުވަސްވާންދެން ދެމީހުންނަށް ދުރުން އުޅެވިއްޖެ، އަހަންނަށް މިހާރު އެނގިއްޖެ ލޯބިވާ ދެމީހުން ދުރުކުރަން ދުނިޔެ ކުރާ މަސައްކަތާއި ހިތްތައް ހަލާކުވާވަރު، މިހާރު ހުރިހާ މަޖުބޫރީއެއް އެއްފަރާތްކޮށްލާފައި ހިތް އެދޭގޮތަށް ދިޔަދީ ޕްލީޒް، ނޫނީ އަނެއްކާ ދެމީހުންނަށް ހަޤީގީ ހިތްހަމަޖެހުމާއި އުފަލެއް ނުލިބޭނެ......." އިޒްޔަންގެ ވާހަކަތަކުން ރަނީންގެ ހިތަށް އަސަރުކުރިއެވެ.

ދެލޯބިވެރިން ގުޅެން ތަޤުދީރުގައި ނުވާނީ ހެއްޔެވެ؟ އޭނަ އިޒްޔަންދެކެ ލޯބިވެއެވެ. ވަރަށް ބޮޑަށެވެ. ވީއިރު މައިންބަފައިން ކުރި ކުށުގެ ބަދަލު އެދެމީހުން އުފުލަން ޖެހެނީ މިހާ ހިތިކޮށް ހެއްޔެވެ؟ އިޒްޔަން ބޭބެއެއްކަން އެނގެންވީ މިހާރު ހެއްޔެވެ؟ އަދި ހިތަށް އެކަން ގަބޫލުނުކުރެވިގެން އުޅެނީ ކީއްވެބާވައެވެ. އިޒްޔަން ބޭބެއެއްނަމަ މިކަހަލަ އިޝްގީ ލޯތްބެއް ހިތުގައި އުފެދޭނެހެއްޔެވެ؟ އެކަންތައް ގަބޫލުކުރަން ހިތް ފަސްޖެހެނީ ކީއްވެހެއްޔެވެ؟ ނަމަވެސް މަންމަގެ ސިޓީ އޭނަގެ ހިތުގެ މައްޗަށް ކުރި ހޯދިއެވެ.

"ސޮރީ......." ރަނީން އަށް ބުނެވުނެވެ. ޢަޖައިބުވަނީ އެފަދަ ލަފުޒުތައް އޭނަގެ ހިތަށް ކުރުވި އަސަރެވެ. އެހެން ބުނެގެން ނުވާނެކަމަށާއި އިޒްޔަންގެ ލޯބި ގަބޫލުކުރަން ހިތުގެ ކަނަކުން ގޮވާލިއެވެ.

އިޒްޔަން އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް މީހެއްގެ ފިޔަވަޅުގެ އަޑަށް އިޒްޔަން ދުރަށް ޖެހިލަމުން ޖީބަށް އަތް ޖަހާލައިފިއެވެ. ރަނީންވެސް ޕޭޕަރު ބަލާކަމަށް ހެދެމުން އަވަސް އަވަހަށް އެތަނުން ދާން ހިނގައިގަތްއިރުވެސް ހިތް ހީވަނީ މަޤާމު ދޫކޮށްލާފައި ފައިބަފާނެހެންނެވެ. ހިތުގެ ތެޅުން މައިތިރިކުރަން ފޮތްތައް މޭގައި ޖައްސާ ބާރުކޮށްލެވުނެވެ. އިޒްޔަންގެ ލޯތްބަށް ދެކޮޅު ހެދުމަށްފަހު އެހިތަށް ދެން ވާނެގޮތެއް އެނގެނީއެއް ނޫނެވެ. އިޒްޔަން ނަތާލީއާއި އިނދެގެން ހުރިނަމަ މިހާ ބޮޑަށް ހިތާމަކުރަން ނުޖެހުނީހެވެ. ނަމަވެސް އިޒްޔަން މިވަނީ މިހާރު އެކަނިވެރިޔަކަށް ވެފައެވެ. ރަނީންއަށްޓަކާ ހުރިކަން އިޒްޔަންވަނީ އަންގާދީފައެވެ. ވީއިރު އިޒްޔަންގެ ހިތް ހަލާކުކޮށްލާފައި އެހެން ފަރާތަކާއި ގުޅެންވެދާނެ ހެއްޔެވެ؟ އެއީވެސް އިޒްޔަންގެ ޢާއިލާއެވެ. ދާނަޝްއަކީ އިޒްޔަންގެ ބައްޕަ މަންސޫރުގެ ބޭބެގެ ދަރިފުޅެވެ. މަންމަގެ ސިޓީއިން ބުނާގޮތުން ވިއްޔާ ދާނަޝްއަކީ އޭނަގެވެސް ދެބެންގެ ދެދަރި ޒުވާނެކެވެ. މިކަހަލަ ޢާއިލާތަކުގެ ނަސްލު އެހާވަރަށް އޮޅެނީ އެފަދަ މުއްސަދި ފިރިހެނުން އަންހެނުން ކައިރިއަށް ޖައްސާލެއް ގިނަވީމައެވެ.

ޒީކާ އާއި ޒޯޔާ އެކީގައި ގޮސް ރެސްޓޯރެންޓަށް ވަދެ ކޮފީއާއި ސަބްމެރިންއަށް އޯޑަރުކޮށްލާފައި ވާހަކަދައްކަމުން ދިޔައީ ހީހީފައެވެ. އެއްވެސް ފިކުރެއް ޚިޔާލެއްނެތް ފަދައެވެ. ނަމަވެސް ޒޯޔާގެ ހިތުގައިވަނީ ވަރަށް ބޮޑަށް ކޫރުން އެޅިފައެވެ. އޭނަދެކެ ލޯބިވާ މީހަކު ނެތްކަމަށާއި މަންމަމެންވެސް އޭނައަށް ހެޔޮނޭދޭކަން ހިތަށް އަރާފައި ހިތަށް ލިބިފައިވާ ދަތިކަން އިތުރަށް ބޮޑުވެއްޖެއެވެ. ޒީކާފަދަ އެކުވެރި ކުދިންނާއި އެކީގައި ބޭރަށް ގޮސް އުޅެލުމުން ކޮންމެވެސް ވަރަކަށް އެކަންތަކަށް ލުޔެއް ލިބެއެވެ.

"ޒޯ، ސީރިޔަސްކޮށް އަދިވެސް ދާނަޝްދެކެ ލޯބިވޭތަ؟ "ކުއްލިއަކަށް ޒީކާ އަހާލައިފިއެވެ.

"އާނ، އެކަމަކު އޭނައަށް އަހަރެން ބެގް ކުރިން، އެވަރުންވެސް އަޑެއްނޭހި. ރަނީން ބުންޏަސް އަހަންނަކަށް އެކަމެއް ނުހުއްޓުވޭނެ، ރަނީން މިކައިވެންޏަށް ނޫނެކޭ ނުބުނަންޏާ އަހަރެން މަރުވެދާނެ، ދާނަޝް ނުލިބިއްޖެއްޔާ އަހަރެން ދުނިޔޭގައި ހުންނާނީ ކިހިނެއްތަ؟ ހީޒް ދަ ލަވް އޮފް މައި ލައިފް...." ޒޯޔާ ބުނެލިއެވެ. ޒީކާ ޖަވާބެއްނުދީ އިނީ މާދުރަށް ބަލަހައްޓައިގެން ވިސްނުމެއްގެ ތެރޭގައެވެ.

"ކޮން ދުނިޔެއެއްގައިތަ؟ އަހަންނަށްވެސް އަންގައިގެން އުޅެބަލަ......" ޒޯޔާ ޒީކާގެ މޫނާއި ދިމާލަށް އަތް ހިންގާލަމުން ކިޔާލައިފިއެވެ.

"ކޮންމެވެސް ގޮތެއް ހަދާފައި އިޒްޔަންއާއި ރަނީން ގުޅުވަން ހިނގާ، އޭރުން ޒޯއަށް ދާނަޝް ލިބޭނެއްނު......" ޒީކާ ކުއްލިއަކަށް ދެއްކި ވާހަކައަކުން ޒޯޔާގެ މޫނުގެ ކުލަ ބަދަލުވިއެވެ.

"އައިޑިއާއެއް ދޭންވީނު، އަހަރެންގެ ވިސްނުމަށް އެކައްޗެއްވެސް ނާދޭ، މައިންޑް ބްލޭންކްވެފައި މީނީ..ތީ ޕޮސިބްލްކަމެއް، އިޒްޔަންއާއި ނަތާލީ ދުރުވެއްޖެ. ސޯ ޓެލްމީ........." ޒޯޔާ ޝައުގުވެރިވިއެވެ. ޒީކާ އެބުނާފަދައިން އޭނައާއި ރަނީންއަށް އިޒްޔަން އަދި ދާނަޝް ލިބިއްޖެއްޔާ އެ ޢާއިލާއަށް އުފާވެރިކަން ލިބި އެންމެންގެ ހިތް އެކަކު އަނެކަކަށް ސާފުވެދާނެއެވެ. ޒޯޔާ މިހާރު ބޭނުމީ ކުރެވުނު ކުށަށް އެންމެންގެ ގާތުން މާފަށް އެދި އާފެށުމަކުން ފަށާށެވެ.

ޒީކާ ބުނީ އެކަމާއި ވިސްނާލާފައި އޭނަ ޒޯޔާއަށް ގުޅާނެކަމުގައެވެ.

ހޫނުގަދަ ދުވަހަކަށްވުމުން ކާރުގައި އައިއިރުވެސް ޒީކާގެ މޫނުމަތިން ދަލުގެ ރޮގުތައް ތިރިއަށް ދެމެމުން ދިޔައެވެ. ހޫނުކަމާއި އެއްވަރަށް ލިބިފައިވާ ހާސްކަންވެސް ބޮޑީއެވެ. ޒީކާ ޑޮކްޓަރ މަންސޫރުގެ ގޭތެރޭގައި ފައި އެޅުމުން ފިނިކަމާއި މީރުވަސް އޭނަގެ ހަށިގަނޑު ވަށާލެވުނުހެން ހީވިއެވެ. އަރާމުކަމުގެ އިންތިހާއެވެ. ހީކުރެވުނީ ބޮޑު ގަނޑުވަރަކަށް ވަދެވުނުހެންނެވެ. މަޑު ގޮދަޑިތައް ޖެހި ސޯފާތަކާއި ކުޝަންތައް ފެނުމުން އެއިން ސޯފާއެއްގައި އޮށޯވެލާހިތްވިއެވެ. ސަލާމް ގޮވާލުމުން ގެންގުޅޭ ކުއްޖަކު އައިސްފާ ނާޒްލީ ބަލާ އެތެރެއަށް ދިޔުމުން ޒީކާ އަވަހަށް ސޯފާއަކަށް ތިރިވިއެވެ. ދެތިން މިނިޓްތެރޭގައި އޭނަގެ ކުރިމަތީގައި ނާޒްލީ ހުރިތަން ފެނިފާ ޒީކާ އިތުރަށް ފިނިވިއެވެ.

"ޒީކާތަ؟ ނިންނި އުޅެނީ މިގެއަކު ނޫނޭ....." ނާޒްލީ ހިނިތުންވެލަމުން ބުނެލިއެވެ.

"އެނގޭ، މިއައީ ހަމަ ނާޒްލީ ދައްތައާއި ބައްދަލުކޮށްލަން ވެގެން، އަހަރެންވަނީ ވަރަށް ބޮޑު ކުށެއްކޮށްފައި. އެވާހަކަ ނާޒްދައްތައާއި ހިއްސާކޮށް ޚިޔާލެއް ހޯދާލަން ބޭނުން........" ޒީކާގެ ހިތް އަވަސްވެލިއެވެ.

"އަވަހަށް އާދޭ އެތެރެއަށް....." ނާޒްލީ ޒީކާއަށް ބަލާލާފައި ހިނިތުންވެލިއިރު މޫނުމަތިން ފެނުނީ އެކަނި ހިތްހެޔޮކަމެއްނޫނެވެ. އުފާވެރިކަންވެސް ހާމަކޮށްދިނެވެ. މުއްސަދި ދިރިއުޅުމަކުން ޖާގަ ލިބިއްޖެއްޔާ އެންމެނަށްވެސް މިފަދަ އުފާވެރިކަމެއް ލިބިދާނެއެވެ. އޭނައަށް މިފަދަ ނަސީބެއް ނުލައްވަނީ ކީއްވެބާވައޭ ހިތަށް އަރާފައި ހެއްދެވި ފަރާތާއި އެވަގުތުކޮޅުވެސް ޝަކުވާކޮށްލިއެވެ. ނާޒްލީގެ ފަހަތުން އެގޭގެ މަތީބަޔަށް އެރިއިރު ޒީކާގެ ތަލިން ކުޅު ހިކޭވަރުވިއެވެ. ރީތިކަމުގެ އިތުރަށް ސާފުތާހިރުކަމާއި ދުވާ މީރުވަހުން ގޭގެ ހައިބަވަންތަކަން އިތުރުކޮށްދީފައިވެއެވެ. އެތައް މިލިއަން ރުފިޔާއަކަށް ނޫނީ މިހާ ރީތި ޢިމާރާތެއް ނެހެދޭނެއެވެ. އެވަރަށް އޭނަ މަސައްކަތްކުރާއިރު މިވަރަށް ފައިސާ ނުލިބެނީ ކީއްވެހެއްޔެވެ؟ ޒީކާގެ ހިތުގައި ހަސަދައިގެ އަލިފާން އަނދަންފެށިއެވެ.

ނާޒްލީ ސަޔާއި ހަވީރުސަޔަށް ހަދާފައިވާ އެއްޗެހި ގެނެސް މޭޒުމަތީގައި އަތުރާލިއިރު ހަތަރުފަސް ބާވަތެއްގެ އެއްޗެހި ހުއްޓެވެ. މޭޒުމަތިންވެސް ފެންނަނީ ތަނުގެ ވެރިޔާގެ މުއްސަދިކަމެވެ.

"މިވާހަކަ ބުނާނީ ކިހިނެއް ބާވައޭ ހިތަށް އަރާ، ނާޒްދައްތަވެސް މިކަމާއި އިންވޯލްވޭ.. ނާޒްދައްތަ ރުޅިއަންނާނެކަން އެނގޭ، އެކަމަކު........" ޒީކާ ލަސްލަހުން ކިޔާލައިފިއެވެ.

"އިންސާނުންގެ ތެރޭގައި ކުށެއް ނުކުރެވޭ މީހެއް ހުރޭތަ؟ ތައުބާވާން އޮންނަނީވެސް އެހެންވެ. ކުށާއި ފާފަތައް ކުރެވޭނެ. އެކަމަކު ދެވަނަ ފަހަރަށް އެކަހަލަ ކަމަކަށް އަރައިނުގަންނަން ނިޔަތްގަންނަންވީ. ކިޔާދީ. ނާޒްދައްތައަކީ އެހާ ރުޅި އަވަސް މީހެއްނޫން.........." ނާޒްލީ ގްރީން ޓީގައި ތުނބު ޖެހިއެވެ.

"އަހަރެންގެ ސަބަބުން އިޒްޔަންއާއި ރަނީން ރުޅިވީ....."ޒީކާ އެޖުމްލަ ބުނެލާފައި ނާޒްލީގެ މޫނަށް ބަލައިލިއިރު ނާޒްލީވެސް އިނީ ހާސްކަމުގެ ނަޒަރަކުން ބަލާށެވެ.

"އަހަންނަށް އެނގޭ އެކުރެވުނީ އެހާ ރަގަޅުކަމެއް ނޫންކަން، ރަނީންގެ މަންމަގެ ނަމުގައި ރަނީންއަށް ސިޓީއެއް ލިޔެފައި އޭނަގެ ބައްޕަގެ ސާމާނުތަކުގެ ތެރޭގައި ބޭއްވީ، އިޒްޔަންގެ ބައްޕަ ޑޮކްޓަރ މަންސޫރަކީ ރަނީންގެ ބައްޕަކަމަށް ހަދާފައި އޭގައި ލިޔުނީ..........." ޒީކާ ބުނެލިއެވެ.

"އިޒްޔަންގެ ބައްޕައަކީ ޑޮކްޓަރ މަންސޫރު؟ ކާކު ދެއްކި ވާހަކައެއްތަ؟ "ނާޒްލީ ގެ ހިތްވެސް އެހިނދުކޮޅު ހުއްޓުނުހެން ހީވިއެވެ. މީރާ އެކުވެރިން ކައިރީގައިވެސް އެވާހަކަ ދައްކަން ފެށީހެއްޔެވެ؟

"އައިމް ސޮރީ، ނާޒްދައްތަ ރަނީންއަށް އެ ސިއްރު ކިޔާދިންއިރު އަޑު އިވުނީ......." ޒީކާ ހީލިއެވެ. ނާޒްލީ އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. އެހެން މީހަކު ފިލާ ހުރެގެން އެވާހަކަތައް އަހަން ހުރެފާނެކަން އެނގެން ވާނެ ނޫންހެއްޔެވެ؟

"ދެން ކީއްވެ ރަނީން ކައިރީގައި ނުބުނީ ޒީކާ އަމިއްލައަށް ލިޔުނު ސިޓީއެކޭ. ކީއްވެ މިހާރު އިޒްޔަންއާއި ރަނީން ގުޅުވަން ތިއުޅެނީ.........." ނާޒްލީ ސުވާލުކުރިއެވެ.

"އަމިއްލައަށް ލިޔުނު ސިޓީއެކޭ ބުނެފިއްޔާ އޭރަށް ނިންނި އަހަންނަށް ދުވަހަކު މާފެއްނުކުރާނެ، ނާޒްދައްތަ ބުނެދޭންވީނު ނާޒްދައްތަ އަމިއްލައަށް ލިޔުނު ސިޓީއެކޭ.. ޒޯޔާ ދާނަޝްއާއި ހެދި އުޅޭވަރު ފެނުނީމަ ހިތަށް އެރީ އަސްލު ލޯބިވެރިން ދުރުކުރާކަށް ނުވާނެއޭ، ރަނީން ދާނަޝްއާއި އިންނަން އުޅެނީ ލޯބިން ނޫން، އެދެމީހުން ސިއްރުން ބައްދަލުކުރާކަން އެނގޭ. އެހެންވެ އެންމެ ރަގަޅު ގޮތަކަށް ފެނުނީ ދާނަޝްއާއި ޒޯޔާ ގުޅުން އަދި ރަނީންއާއި އިޒްޔަން ގުޅެން............." ޒީކާ އެހެން މީހުންގެ ދިރިއުޅުން ހުރިގޮތަށް ދިރާސާކޮށްލައިގެން ހުރެ އޭނަ ބޭނުންވާ ގޮތަށް އެންމެންގެ ހަޔާތުގައި ކުލަ ޖައްސަން އުޅޭފަދައެވެ. ނާޒްލީއަށް ޒީކާގެ މަގުސަދެއް ނުވިސްނުނެވެ. ޒީކާގެ ހިތުގައި ހަސަދައިގެ އޮށް ފަޅާ ހެދި ބޮޑުވެ ނުކުޅަދާނަވާވަރުވީ ކަމެއް ނޭގުނެވެ. ޒީކާ އެހާވަރުން ނާޒްލީ ކައިރިއަށް އައީ އެއްގޮތަކަށްވެސް ރަނީންއަށް ހެޔޮއެދިގެން ކަމެއް ނުވިސްނުނެވެ.

ޒީކާ އެކި ގޮތްގޮތަށް އިޒްޔަންއާއި ރަނީން ވަކިކުރަން މަސައްކަތްކުރުމުން ކާމިޔާބުވީއިރު ރަނީންގެ އަތުގައި ނަސީބު ހިފައިފިއެވެ. އެކަން ދެކެންވެސް ޒީކާއަށް ކެތް ނުކުރެވުމުން ކުޅިބައި އަނބުރާލަން މަސައްކަތްފެށީއެވެ.

ނާޒްލީ ޒީކާ ގާތު އެދުނީ ރަނީންއަށް އެވާހަކަ ސިއްރުކޮށްދިނުމަށެވެ. އޭނަ ހުރިހާކަމެއް ހަމަޔަކަށް އަޅުވާނެކަމުގައި ބުނެ ޒީކާގެ ހިތްހަމަޖައްސާލަދިނެވެ. ޒީކާ އެގެއިން ނުކުތުމުން ނާޒްލީ ސައިބޯން އެކަނިމާ އެކަނި އިންއިރު ދެބުމަގޮށް ޖެހިފައިވިއެވެ. އޭނަ އަމިއްލަ ދަރިއެއްފަދައިން ރަނީންދެކެ ލޯބިވެ ހެޔޮއެދުނަސް އިޒްޔަންއާއި ރަނީން ގުޅޭކަށް މިހާރަކު ނޭދެއެވެ. އިޒްޔަންއަށްޓަކާ އެހެން އަންހެންކުއްޖަކު ހޯދަދޭނީއެވެ. ފައިރޫޒާގެ ގާތުގައި ވީ ވަޢުދު އޭނަ ފުއްދާނެއެވެ. އެކަމަކު އޭރުން އިޒްޔަންއަށްވާނީ ކީއްހެއްޔެވެ؟ އިޒްޔަންގެ ހިތް ކަތިލެވިދާނެއެވެ. ނޫނީ އިޒްޔަންއާއިހެދި މޮޔަވެގެން އުޅެނީ އެކަނި ރަނީންހެއްޔެވެ؟ އިޒްޔަން އެވަރުން ނޫޅޭކަން ނޭގެއެވެ. އޭނަ ހަދަންވީ ކިހިނެއް ހެއްޔެވެ؟ ރަނީންއަށް ހަޤީގަތް ކިޔާދޭންވީ ބާވައެވެ. ނޫނީ ދާނަޝްއާއި ރަނީންގެ ކައިވެނި ކުރެވެންދެން އޭނަ ހިމޭނުން އެއްފަރާތުގައި ހުންނަންވީހެއްޔެވެ؟ ޚިޔާލީ އޮއިވަރެއްގެ ތެރޭގައި ސިކުނޑި ފަތަމުންދާން ފެށުމުން ނާޒްލީއަށް ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ.

މަންސޫރު ޔަނާ ގޮވައިގެން ކާރު ދުއްވާލަން ދިޔުމުން ނާޒްލީ އުޅުނީ އެކުވެރިއެއްގެ ދަރިއަކުގެ ކައިވެންޏަށް ކޭކެއް ތައްޔާރުކުރުމުގެ މަސައްކަތުގައެވެ. ވަރަށް ގަޔާވެލާފައި އެމަސައްކަތުގައި އިންދާ ދޮރުމަތިން މީހެއްގެ ހިލަންވިހެން ހީވެފައި އެނބުރި ބަލާލުމާއިއެކު މޫނަށް ވެރިވީ ނުތަނަވަސްކަމުގެ ކުލަވަރެވެ. މަންސޫރުގެ ދެލޮލަށް ބަލާލުމާއިއެކު ވަރަށް ބޮޑުކަމެއް ވެއްޖެކަން އެނގުނެވެ. އެދެލޮލުން ހީވަނީ އަލިފާން ކަނި ބުރާހެންނެވެ. މަންސޫރު މިހާ ގަދަޔަށް ރުޅިއައިސްފާ ހުރިތަން އޭނައަށް ފެނުނީ އަލަށެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރިއިރު ކަރުގެ ނާރުތައްވެސް ފުއްޕާލާފައި ހުއްޓެވެ. އޭނަގެ ފިޔަވަޅުތައް ކާރިވަމުން ދިޔަވަރަކަށް ފަހަތަށް ޖެހެން ބޭނުންވިޔަސް ނާޒްލީ ހުރީ ޖެހި ތަބެއްހެން ގުޑާނުލެވިފައެވެ. ފިޔަވަޅުތައް އެހުރިތަނަށް ތަތްލަވާފައެވެ. ބަސްބުނާހާ ހިނދުކޮޅު ތެރޭގައި ނާޒްލީގެ މުޅި ހަށިގަނޑުގައި ފިނި ރާޅުތަކެއް ދުވެލިއެވެ.

"ކާކުގެ ދަރިއެއްތަ ޔަނާއަކީ؟ " މަންސޫރު ގެ އަޑު ގޭތެރޭގައި ގުގުމާލިއެވެ.

ކޮމެންޓް 0