"ކޮފީ ބޯން ނާންނާނަންތަ؟ ވަރަށް ފިނިކަން ގަދައެއްނު......" ނާޒްލީ ދޮރުން ބޯ ދިއްކޮށްލިއެވެ.

"ނޯ ތޭންކްސް...." ރަނީން ގައިގާ ހުޅުހިފާވަރުވިއެވެ. ދޮންމަންމަގެ އުދަގޫ ބޮޑުކަމުގެ ހައްދެއްނެތެވެ. ކޮޓަރީގެ ތަޅު ހަލާކުވިގޮތަށް އެކަން ރަގަޅުކުރާކަށްވެސް ނޫޅުނީ އޭނަ މިތާގައި ނުބައިކަމެއް ކޮށްފާނެކަމަށް ހެއްޔެވެ؟ އޭނަ ސިގްރެޓްބޮނީއެއް ނޫނެވެ. ޑްރަގްނަގަނީއެއް ނޫނެވެ. ރަނީން ކަންފަތްމަތީގައި ބާލީސް އަޅަން އުޅުނުތަނާ އިޒްޔަންގެ އަޑު އިވުނުހެން ހީވެފައި ފުންމައިގެން ކޮޅަށް ތެދުވެ އިށީދެވިއްޖެއެވެ. މޭގައި އަތްއަޅާލެވުނެވެ. ދޮންމަންމައަށް ނޫނެކޭ ބުނެވުނުކަމުގެ މޮޔަހީވިއެވެ. ދޮންމަންމަ އެހާވަރުން ކޮފީދޭން އުޅުނީ އިޒްޔަން އައިސްގެންކަން ޔަގީނެވެ.

ހުކުރު ދުވަސްކަމުން ރަނީން ހުރީ ހެނދުނު އެއްކޮށް ނިދާފައި މެންދުރުފަހުން ތެދުވެގެން މާމަގެ ގެއަށް ދާން ރާވައިގެންނެވެ. އިޒްޔަންގެ ސަބަބުން ދުވަހުގެ ތާވަލް ބަދަލުކުރަން ބޭނުންވުމުގެ އިތުރުން ލޮލުގައިވާ ނިދިކޮޅު އެއްކޮށް ފިލައިގެން ހިނގައްޖެއެވެ. ފާޚާނާއަށްވަދެ ފެންވަރާ ތާޒާވެލުމަށްފަހު ވައިލެޓްކުލައިގެ ޓޮޕަކާއިއެކު ސްކިނީއެއް ލުމުން އެ ތުނި ހަށިގަނޑު ހީވަނީ ރޭމްޕް މޮޑެލްކުއްޖެއް ހެންނެވެ. ލޮލުގައި އަޅާލާ ތުންފަތުގައި ފިޔާތޮށިކުލައިގެ ލިޕްގްލޮސް ޖެއްސުމުން މޫނުގެ ރީތިކަން އިތުރުކުރުވިއެވެ.

"އިޒްޔަންއަށް ދައްކާކަށް ނޫނޭ ކޮންމެހެން...." ރަނީން ދޫ ނެރެލާފައި ވައްތަރެއް ޖެއްސިއެވެ. ރަނީން ލޯގަނޑު ކައިރީގައި ހުރެގެން އިޒްޔަންއާއި ވާހަކަދައްކަންވީ ގޮތާއި ބުނަންވީ އެއްޗެހި ހިތަށް އަރުވަން ފަނަރަވަރަކަށް މިނިޓްވާންދެން ހުއްޓެވެ. އިޒްޔަން އޭނައަށް ނުފެނި ގޮސްދާނެތީ އެހާ ކަންބޮޑުވިއެވެ. އޭނަގެ ކުރިމައްޗަށްދާން ހިތަށް އެރީމަވެސް އަތްތިލައިން ދާހިއްލާލައިފިއެވެ.

"ގަޓްނެތި ކަމެއްނުވާނެ، އިޒްޔަން ހުރިކަމެއް އަހަންނަށް އެނގެންޖެހޭތަ؟ އަހަންނަށް އެނގިފައިވާގޮތުން އޭނަ ހުރީ ބޭރު ގައުމެއްގައި ކިޔަވަންގޮސްފައި، ޕްރިޓެންޑްކުރާނީ އެގޮތަށް........" ރަނީން ލާނެތް ހުނުމަކަށްފަހު އަވަސްއަވަހަށް ދޮރު ހުޅުވާލައިފިއެވެ. ހަށިގަނޑު އެންމެ ސީދާކޮށްލައިގެން ހުރެ ސޯފާތަކާއި ދިމާލަށް ބަލާވެސް ނުލާ ގޮސް ފްރިޖް ހުޅުވާލައިފިއެވެ.

"ނިންނި، ހުކުރު ދުވަހު މާ ހެނދުނާ ކޮންތާކަށް ދާން ތައްޔާރުވެލީ؟ "ނާޒްލީ އަހާލައިފިއެވެ. އޭރު ސިޓިންރޫމްގައި ހިފާލާފައިވަނީ ކޮފީގެ މީރުވަހެވެ. ސިކުނޑީގައިވާ ނުތަނަވަސްކަން ފިލުވުމުގައި ކެފެއިން އެހީތެރިވިއެވެ.

"ގްރޫޕްސްޓަޑީ ހަދަންދާންކަމަށް...." ރަނީންހުރީ ބުނަންވާ އެއްޗެހި ހިތުން ރާވާލައިގެންނެވެ.

"ކޮންގެއަކަށްތަ؟ " ނާޒްލީ އަހާލިއެވެ.

"ޒީކްގެ ގެއަށް....." ރަނީން އަވަހަށް ބުނެލިއެވެ.

"އެކަނި ދާކަށް ނުވެސްވާނެ، މިގަޑީގައި ކާރެއް ލިބޭނީއެއްނޫން، ވިއްސާރަވީމަ ކެންސަލްކޮށްލަންވީނު ނިންނި......" ނާޒްލީ ބުނެލިއެވެ. ރަނީން ވަށްކަޅިއަކުން ބަލައިލިއިރު އިޒްޔަން އިނީ އިސްޖަހައިގެން އަތުގައިވާ ޓެބާއި ކުޅޭށެވެ. އެހާ މުހިއްމުވެގެން ބަލާ އެއްޗެއް އޮޅުން ފިލުވާހިތްވިއެވެ. އިޒްޔަން އަހާ މަޑުން އެއިނީ އޭނަގެ މަންމަ އިނީމަހެއްޔެވެ؟ މަންމަދެކެ ބިރުން އެހާ ފިނޑިވާ ފިރިހެނުން ދުނިޔޭގައި އުޅޭހެއްޔެވެ؟ ދޮން މަންމަ އުޅޭގޮތުން އިޒްޔަންގެ ހަށިފާރަވެރިއެކޭ އެއްގޮތެވެ. އެހާ ރީތި ފިރިހެން ދަރިއެއްހުރީމަ ގެއްލިދާނެތީ ބިރުން ދޮންމަންމަގެ އަމަލު އެހެން ހުންނަނީއެވެ. ރަނީން އަށް މިއަދު އިޒްޔަން ކުރިއަށްވުރެ ރީތިކަން ފާހަގަވިއެވެ. އިސްތަށިގަނޑު ބޯވެފައި ވަރުގަދައެވެ. ވިދައެވެ. ޝޭވްކޮށްލުމުންވެސް ފިރިހެންވަންތަކަން ފަނޑެއްނުވެއެވެ.

"ވިއްސާރަ ވެހޭތަ؟ ނުވެސް އެނގުނު، މިވީގޮތުން ކެންސަލް ކުރަންޖެހުނީ....." ރަނީން ހައިރާންވިގޮތަކަށް ބުމަ އަރުވާލިއެވެ. ފްރިޖް ހުޅުވާލައިގެން ބިއްލޫރިތަށްޓަކަށް ޖޫސްއެޅުމަށްފަހު ގަނޑުފެން ބްލޮކްތަކުން ފުރާލިއެވެ. ފިނިވެއްޖެއްޔާ ކޮފީ ބޯހިތުން އިންކުއްޖާ އިނީ މުޅިން އޮޅިފައެވެ. އިޒްޔަން ފެނުމަށްފަހު ހިތްތެޅެން ފެށިގޮތަށް ހީވީ ފުންމާލަން އުޅޭހެންނެވެ. އެދިމާލުން ދެތިން ފަހަރު މޭގައި އަތްވެސް އަޅާލެވުނެވެ. ރަނީން އަވަހަށް ޒީކާއަށް ގުޅަންވެގެން މޭޒުމަތީގައި އޮތް ފޯނުކަންފަތުގައި ޖެހިއިރުވެސް އެއީ ރިމޯޓްކަމެއް ނޭގުނެވެ.

"ނިންނި، އަދިވެސް ނިދާފަތަ؟" ނާޒްލީ ގޮވާލުމުން ރަނީންއަށް ވެގެން އުޅޭގޮތް ރޭކާލިއެވެ. ލަދުންގޮސް މޫނުހުރިގޮތަށް ރަތްވިނަމަވެސް ރަނީން އެކަން ފޮރުވަން ހީގަތެވެ. އޭނަ ހަގީގަތުގައިވެސް ނިދި ނުފިލަނީކަން އަންގަންވެގެން މޯޅިއަކަށް ދެމިލިތަނުން އިޒްޔަން ބަލާލާފައި ހީލައިފިއެވެ. އެހާ އަވަހަށް އިސްޖަހާލިއެވެ. ރަނީން ޖޫސްތަށްޓަށް އަތް ބާނާފައި ގަނޑުފެންކޮޅެއް އަނގަޔަށް ލައިގެން ހަފަންފެށިއެވެ. ނާޒްލީ ރަނީން ކައިރީގައި ބުނީ ސައިވެސް ބޮއިގެން ދެން ކޮޓަރިއަށް ވަނުމަށެވެ. ރަނީން ހިނިއަންނަގޮތްވިއެވެ. ކޮޓަރިއަށް ވަންނަން އުޅެނީ ކާކުހެއްޔެވެ؟

ނާޒްލީ ރަނީންކުރާކަމަކާއި އެހާ އަޅާނުލާ އިޒްޔަންއާއި ވާހަކަދައްކަންފެށިއެވެ.

"އިޒްޔަން، މަންމަ ވަރަށް ހިތްހަމަނުޖެހޭ އިޒްޔަން ގަވާއިދުން ނަމާދު ނުކުރާތީ، ދަތުރުކުރިޔަސް ކޮންމެ ހާލެއްގައިވެސް ނަމާދުކުރަންވާނެއްނު، ދަތުރުމަތީގައި ގަސްރުކޮށް ޖަމްޢުކުރެވެންވެސް އޮވޭ، މަންމަ ނަމާދުކޮށްފިހޭ އަހާލާއިރަށް އިޒްޔަން ކޮންމެވެސް ބަހަނާއެއް ތިދައްކަނީ، އިޒްޔަންގެ އުމުރުންވެސް ފަންސަވީސް އަހަރުވެއްޖެ، ފިރިހެނެއްގެ އެންމެ ޒުވާން އުމުރު ތީ، މަރުވާނެ އިރެއް އެކަކަށްވެސް އެނގެނީއެއްނޫން، ނިދަންވާނީ ނަމާދު ޤަޟާކޮށްލައިގެން އިނގޭ......." ނާޒްލީ ޒުވާން އުމުރުގެ ފިރިހެންދަރިއަކަށް އެފަދަ އަމުރުކުރާތަން ފެނިފައި ރަނީން އަޖައިބުވިއެވެ. މިހާ އަޅުވެރި އަންހެނެއް ވެއްޖެއްޔާ ކުދިންނަށް ނަސޭހަތްތެރިވެ ނަމާދުކުރުވަންވީ ދަރިން ބޮޑެތިވީމަހެއްޔެވެ؟

އިޒްޔަން ކޮފީތަށި މޭޒުމަތީގައި ބަހައްޓާފައި ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން ރަނީންގެ ހިތް އުފަލުން ނަށާލިއެވެ. އިޒްޔަން މިއަދު ނިދަން އޮންނަނީ މިގޭގައިހެއްޔެވެ؟ ބައްޕަ ތިން ކޮޓަރީގެ އެޕާޓްމެންޓެއް ހޯދާފައި ހުރިކަމީ ނަސީބެކެވެ. އޭރު ބައްޕަގެ ވިސްނުން ހުރީ އެއްކޮޓަރި ކުއްޔަށް ދޫކުރުމަށެވެ. ނަމަވެސް އުޅެވޭވަރަށް ފައިސާ ލިބޭތީއާއި ރަނީންގެ މިނިވަންކަމަށް ހުރަސްއެޅިދާނެކަމަށްޓަކާ ބައްޕަ ޚިޔާލު ބަދަލުކޮށްލީއެވެ.

"ޔޭ، ޔޭ........އަހަރެން ޒީކްއަށް މި ޚަބަރުދޭންވެސް ބޭނުން، އެއް ފުރާޅެއްގެ ދަށުގައި ނިދިކަން އެނގިއްޖެއްޔާ ހާދަ ޖޭވާނެއޭ....." ރަނީން ގަނޑުފެންތައް ކައިކައި އިންދާ ބައްޕަ އެޕާޓްމެންޓަށް ވަނީ ސަލާމް ގޮވާލާފައެވެ. އެވެސް ނާޒްލީގެ ސަބަބުން ބައްޕައަށް އައި ބޮޑު ބަދަލެކެވެ. ނާޒްލީ ބުނާގޮތުން އަމިއްލަ ގެއަށް ވަންނައިރު ސަލާމް ނުގޮވަންޏާ ޝައިތާނާއަށް ދައުވަތުދެވެނީއެވެ. އިސްލާމީ ރީތި އާދަތައް ހަރުލައްވަން ނާޒްލީ ކުރަންފެށި މަސައްކަތް ބަލައިނުގަނެވުނީ ރަނީންއަށެވެ. އެއީ ކޮންމެހެން އެކަމަށް ހިތް ނޭދޭތީއެއްނޫނެވެ. ނާޒްލީދެކެ އޭނަ ރުޅިއަންނާތީއެވެ. މަންމަގެ މަގާމު ހޯދަން ގެއަށް ވަދެގެން އުޅޭ ބީރައްޓެއްސެއްގެ ގޮތުގައި ރަނީން ނާޒްލީ ދެކޭތީއެވެ.

ބައްޕައައުމަށްފަހު ނާޒްލީ ސައި ތައްޔާރުކޮށްލަދިނީ ގެވެހި އަންބެއްފަދައިންނެވެ. ކޮޓަރިއަށް ވަނުމުން ނާޒްލީ މޭޒުމަތިން ތަށިތައް ނަގާފައި ސާފުކުރަންފެށިއެވެ. ރަނީން އިނީ ކޮޓަރިއަށް ވަންނަ ހިތް ނުވެފައެވެ. އެހެންދުވަހު ނާޒްލީގެ ސޫރަ ފެނިދާނެތީ ކޮޓަރިން ބޭރަށް ފިޔަވަޅެއް އެޅިޔަސް އަޅަނީ މަޖުބޫރުވެފައިވާ ހާލުގައެވެ.

"ނާޒްދައްތަގެ ގާލްސްއިން ކޮން ގެއެއްގަ އުޅެނީ؟ " ރަނީން އޮޅުން ފިލުވާހިތްވިއެވެ.

"މާމަގެ ކައިރީގައި ރަށުގައި ކިޔަވަން ތިބީ، އިޒްޔަން މާލެއަށް ކިޔަވަން ފޮނުވިގޮތަށް މިކޮޅުގައި އުޅުނީ، ނާޒްދައްތަ މިގޭގައިއުޅުނުއިރުވެސް އިޒްޔަން އުޅުނީ އެކުވެރިންނާއިއެކު ކުއްޔަށް ކޮޓަރިއެއް ހިފައިގެން، މިހާރު އަޒީޒު އެތައްވަރަކަށް ކިޔައިގެން ޗުއްޓީ ނިމެންދެން މިގޭގައި ހުންނަގޮތަށް އެއައީ......" ނާޒްލީ އޮޅުން ފިލުވާދިނީ ރަނީން އަޑުއަހާހިތުން ހުރި ވާހަކައެވެ. އިޒްޔަންގެ ހުރިހާ ސިއްރެއް ދެނެގަންނަ ހިތުންކެތްކުރެވެނީއެއް ނޫނެވެ. އިޒްޔަންގެ އުފަން ދުވަސް އެނގިފައިވެއެވެ. ނަމަވެސް އޭނަ އެންމެ ރުހޭ ކުލައާއި ލަވަތަކާއި ފިލްމުތަކާއި މިހެންގޮސް ދެނެގަންނަން ބޭނުންވާ އެތައްކަމެއް އެބަހުއްޓެވެ. އިޒްޔަންގެ މަންމައާއި ގުޅައިގެން ނޫނީ މިއިން ކަމެއް ދެނެގަނެވޭކަށް ނެތެވެ.

"ނާޒްދައްތަ މިއަދު ކޯންޗެއް ކައްކަނީ؟ ވިއްސާރަވީމަ ހުރިހާ ޕްލޭންތައް ކެންސަލްވީ، ކެން އައި ހެލްޕް، ޗޮކްލެޓް ފަޖްއެއް ހަދާލަންތަ؟ " ރަނީން މިނޫނީ ދުވަހަކުވެސް ނާޒްލީއަށް އެހީވާންހިތަކަށްވެސް ނާރައެވެ. ނާޒްލީ އެހާވަރަށް ބުނީމަވެސް ކޮންމެ ދުވަހަކު ބަހަނާއެއް ދައްކާފައި އޭނަ ކެއްކުމުގެ އެއްވެސްކަމެއްގައި އެހީތެރިއެއް ނުވާނެއެވެ. ސެލެޑްކޮޅެއް ހަދަން ބުންޏަސް ރަނީން ބުނާނީ ހޯމްވޯކް ހަދަންޖެހޭކަމުގައެވެ. ދަސްނުކުރާ ފިލާވަޅުތައް ބައިވަރުކަމަށެވެ. ފަހުން ފަހަށް ނާޒްލީއަށް އެއީ ނުވާނެކަމެއްކަން ޔަގީންކުރެވި ރަނީން ލައްވާ އެއްވެސްކަމެއް ކުރުވާކަށް ނޫޅުނެވެ. ފުރާވަރު ކުދިން މާބޮޑަށް ކަންނެތީއެވެ.

ރަނީން އަމިއްލައަށް ފޮނި އެއްޗެއް ތައްޔާރުކުރަން އުޅެގަތުމުން ނާޒްލީ އެކަމާއި ހިތާހިތުން އުފާކުރިއެވެ. އެކަން ފާހަގަކޮށް އެއްޗެކޭ ބުނެފިއްޔާ ކުރަން އުޅުނުކަންތައްވެސް ހުއްޓާލަފާނެއެވެ. ނާޒްލީ އަހާލީ ޗޮކެލްޓް ފަޖް ހަދަން ބޭނުންވާ އެއްޗެއްސެވެ. ރަނީން އެތާހުރި ހަރުގަނޑުން ކެއްކުމާއި ބެހޭފޮތެއް ހޯދައިގެން ނާޒްލީ ކައިރީގައި ގަންނަން ބޭނުންވާހާ ސާމާނެއް ކިޔާލަދީފިއެވެ. އެހާ ވިއްސާރައިގަވެސް ނާޒްލީ ކުޑަ ހިފައިގެން ގޮސް ރަނީންއަށް އެއެއްޗެހި ގެނެސްދިނެވެ.

ހަމަސްދުވަހަށްފަހު ނާޒްލީއާއި ރަނީންގެ ގުޅުން ރަގަޅުވާން އުޅޭކަމުގެ ކުޑަކުޑަ ނިޝާނެއް ފެނުމުން އެންމެ އުފާވި އެކަކީ އަޒީޒުއެވެ. ކޮޓަރިން ނުކުތްއިރު ދެމައިން މެންދުރަށް ކެއްކުމުގައި އަވަދިނެތި އުޅޭ މަންޒަރު ފެނިފައި އަޒީޒުގެ ތުންފަތްމައްޗަށް ހިނިތުންވުމެއްވެރިވިއެވެ. ދަރިފުޅު އުފަލުން ހުންނަތަން ފެނުމަށް އެދި އޭނަ ދުޢާކުރާތާ ކޮން ދުވަހެއްހެއްޔެވެ؟ ރަނީން ޗޮކްލެޓްފަޖް ހެދީ އަލަށް ކަމުން ހެދިފައިހުރީ އެންމެ ރަގަޅަކަށް ނޫނެވެ. އެހާ މީރެއްނޫނެވެ. ނާޒްލީ އެވަރުންވެސް ތައުރީފުކުރިއެވެ.

ނާޒްލީ އަޒީޒުއާއި އިޒްޔަންގެ ގަމީހާއި ފަޓްލޫނު އިސްތިރިކުރިއިރު ރަނީން އިނީ ސޯފާގައި އިށީދެލައިގެންނެވެ. އިޒްޔަންގެ އިންތިޒާރުގައި އިނދެ އޭނަގެ ހިތް ބޭގަރާރުވެއްޖެއެވެ. ދެލޯ ދިގުވެއްޖެއެވެ. ބޭއިޚުތިޔާރުގައި އެތައް ފަހަރަކު އެކޮޓަރިއާއި ދިމާލަށް އެނބުރި ބަލައިލެވިއްޖެއެވެ. އިޒްޔަން ނިދަނީ ހާދަވަރަކަށެވެ. ދޮންމަންމަނެތް ނަމަ ގަނޑުފެންތަކެއް ހިފައިގެންގޮސް މޫނަށް އަޅާލާނެއެވެ. ބާރަޖެހިއިރު ނާޒްލީ އިޒްޔަންގެ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިތަން ރަނީންއަށް ފެނުމުން ބުނަން ނޭގޭފަދަ އިހުސާސްތަކެއް ކުރެވުނެވެ.

"އިޒްޔަން، އިޒްޔަން........" ނާޒްލީގޮވަން ފެށުމުން ރަނީންގެ ހިތް އަވަސްވެ އެނބުރިވެސް ބަލާލެވިއްޖެއެވެ. އެދޮރު ހުޅުވާލާފައި ހުރުމުން ސޯފާގައި އިނދެ ކުޑަކޮށް އަރިވެލީ އިޒްޔަންގެ ހިޔަނިނަމަވެސް ދެކެލާހިތުންނެވެ. އިރުކޮޅެއްފަހުން އޭނަ ކޮޓަރިން ބޭރަށް ނުކުތީ އިޒްޔަން އެނދުން ތެދުކޮށްލާފައެވެ.

"ރަނީންވެސް ދޭ ނަމާދުކޮށް ދުޢާކޮށްލައިގެން އަންނަން....." ނާޒްލީ އަބަދުވެސް އަމިއްލަ ދަރިއެއްފަދައިން ރަނީންއާއި ވާހަކަދައްކައެވެ.

ރަނީން ރުންކުރުވެލާގޮތްވިއެވެ. ތަކުރާރުކޮށް ނަމާދު ނުކުރާ ދުވަސްކޮޅެކޭ ބުނާ ހިތެއްނުވިއެވެ. އެހެންވެ ތުންފިތާލައިގެން އިނދެ ފޯނާއި ކުޅުނެވެ.

އިޒްޔަން ފެންވަރާލައިގެން ނުކުތީ ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ފަޓްލޫނެއް ލައިގެންނެވެ. ތާޒާކަމުގެ ކޮޅެއްނެތެވެ. އެހާ މީރުވަސް ދުއްވާލައިގެން ނުކުމެގެން ދިޔައިރުވެސް ނާޒްލީ ހުރުމުން ރަނީންއަށް އަނގައިން ބުނާނެ ފުރުސަތެއްވެސް ނުލިބުނެވެ. އޭރު ނާޒްލީ ހުރީ މޭޒުމަތީގައި ހުރި ވާސްގައި މާތައް އަތުރާށެވެ. ނާޒްލީ ފެންނާނީ ކޮންމެވެސް ތަނެއް ރީތިކުރުމުގައި ނޫނީ ތަރުތީބުކުރުމުގައި އުޅޭތަނެވެ. ނޫނީ ގަސްތުގައި އޭނަ އާއި އިޒްޔަން ސިޓިންރޫމްގައި އެކަނި ނުކުރަންވެގެން ނާޒްލީ ހެދި އުކުޅެކެވެ.

މެންދުރު އެންމެން ކެއީ އެކީގައެވެ. އިޒްޔަން އިނީ ރަނީންގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. ގިނަ ވާހަކަދެއްކީ އަޒީޒުއެވެ. މުޅިންވެސް ދައްކަނީ ސިޔާސީ ވާހަކައެވެ. ރަނީންގެ އިތުރުން އިޒްޔަންވެސް މާ ގަޔާވާ ވާހަކައެއްނޫންކަން އެނގުނީ އޭނަގެ ބަސްމަދުކަމުންނެވެ. އަޒީޒުއާއި ނާޒްލީ ވަރަށް ޝައުގުވެރިކަމާއިއެކުގައި އެވާހަކަދައްކަމުން ދިޔައެވެ. އެދެކުދިން މަޑުން ތިބިކަން ފާހަގަވެފައި އަޒީޒު އިޒްޔަން ކައިރިން އޭނަގެ ކިޔެވުމާއި ބެހޭގޮތުން ކޮންމެވެސް ވަރަކަށް އެހިއެވެ. އިޒްޔަން މާސްޓަރަސް ޑިގްރީއަކަށް ކިޔަވަމުންދާކަމާއި ކޮލެޖް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރަން ޝައުގުވެރިވާކަން އެނގުމުން ރަނީންގެ ހިތް އަވަސްވެލިއެވެ. ޕްރޮފެސަރެއްގެ ގޮތުގައި އިޒްޔަން އަތުވެއްޖެއްޔާ ކިޔަވާކުދިން ހާދަ ވަރެއްވާނެއެވެ. އަޒީޒުއަށް ފޯނެއް އައިސްގެން އެއްފަރާތަކަށް ޖެހިލުމުން އިޒްޔަން ރަނީންއަށް ބަލައިލިއެވެ.އިޒްޔަންގެ އެހެރަ ސިއްރުވެރިދެލޮލެއްގެ ރީތިކަން ހިތަށް ގޯނާކުރިވަރުން ހިތް އަވަސްކޮށްލިއެވެ. ރަނީންގެ މޫނު ރަތްވާގޮތްވިއެވެ.

"މަންމާ، އަހަރެން ކުރީ ދުވަހުވެސް ހިތަށް އެރި އެމާއާއި ރަނީން އާއި ދޭތެރޭ ފަސް އަހަރުގެ ފަރަގެއް ހުރެއޭ އެކަކުވެސް ނުބުނާނެއޭ، ދިހައަހަރުގެ ކުޑަކުއްޖަކާއި ރަނީން ވައްތަރީ، އަނެއްކާ އުމުރު އޮޅުވާލާފައިތަ؟ " އިޒްޔަން ބުނި އެއްޗަކުން ނާޒްލީ ހިނިއަތުވެއްޖެއެވެ.

"މިއަހަރު ނޮވެމްބަރުގައި ސިކްސްޓީން ވާނެ......" ރަނީން އިޒްޔަންއަށް އެހާ ގަދަޔަށް ލޯ އަޅައިލަން ބޭނުންވި އިރެއް ނާދެއެވެ.ހިތަށް ހާދަ ވަރަކަށް އުދަގޫކޮށްފިއެވެ. އިޒްޔަން ތަންކޮޅެއް ހަރުމީހަކަށްވުމުން އޭނަގެ ޅަކަން ކޮންމެ ފަހަރަކު އަންގާދޭން ޖެހޭހެއްޔެވެ؟ އަދި އުމުރު އޮޅުވާލާފައޭ ވެސް ބުނެފިއެވެ. އިސްކޮޅު ދިގުވީކަންވެސް ހަމަ ފާހަގަނުވީހެއްޔެވެ؟ މިހާ ފޮނި އިންސާނެއް ދުނިޔޭގައި އުޅޭނެހެއްޔެވެ؟

"ހޫމް، ސްވީޓް ސިކްސްޓީން ދޯ، ފާހަގަ ކުރަން ޖެހޭނެ ދޯ މަންމާ......." އިޒްޔަން ކުޑަކޮށް ހީލިއެވެ. މަންމަ އިންނާނީ އޭނަ އެހާވަރަށް ވާހަކަދެއްކީމަވެސް ހާސްވެފައިކަން އިޒްޔަން ދެނެގަތެވެ. ރަނީން އޭނައާއި ވާހަކަދައްކާހިތުން ވާވަރު ފެނުމުން އަނގައިން ބުނެލިޔަސް އޭނަ ރަނީންއާއި ކައިރިވާރަކަށް ގަސްތެއްނުކުރެއެވެ. އެދޭތެރޭގައިވާ ދުރުމިން އޮންނަން ޖެހޭވަރު އޭނައަށް ނޭގެނީއެއްނޫނެވެ. މަންމަ ތަރުބިއްޔަތުކުރާ އަންހެންކުއްޖަކަށް ދެރަގޮތެއްވާކަށް ޚުދު އިޒްޔަންވެސް ބޭނުމެއްނޫނެވެ. އަޒީޒުވެސް ހިލާ އެކަމެއް ވިޔަކަނުދޭނެއެވެ. އެދޭތެރޭގައިވާ ފަރަޤު އޭނަ އަބަދުވެސް ހަނދާނުގައި ބަހައްޓާނެއެވެ.

"ބާތުޑޭއަކީ މުސްލިމުން ކޮންމެހެން ފާހަގަކުރަން ޖެހޭ ދުވަހެއްނޫން، މަންމަވެސް ކުރިން ދީނީކަންތައްތަކަށް އެހާ ސަމާލުކަމެއް ނުދެން، މިހާރު ދީނީ ފޮތްތައް ކިޔަން ފެށީމަ އެނގޭ އެހުންނަނީ ކޮންމެހެން އަހަރެމެން އެކަންތަކަށް ތަބާވާން ޖެހޭކަމެއްނޫންކަން......" ނާޒްލީ ބުނެދިނެވެ. ރަނީން ޔަގީންކުރީ ނާޒްލީ ހައްދު ފަހަނަޅާ ދަނީކަމުގައެވެ. އިޒްޔަންފަދަ ޒަމާނީ މީހަކުވެސް އޭނަގެ މަންމަ ދައްކާ އެކަހަލަ ވާހަކަ އަޑުއަހަން އެއިންނަނީ މަޖުބޫރުވެގެންކަމުގައި ރަނީން ނިންމިއެވެ.

ކައި ނިމުމުން އެތަނުގައި އިންނަން ނުކެރިގެން ރަނީން ކޮޓަރިއަށް ވަނީ ހޫނުކޮފީއެއް ހަދާލައިގެންނެވެ. ފިނިކަމުން ޝޯލްއެއް ނަގާ އޮޅާލައިގެން ބެލްކަންޏަށް ނުކުތެވެ. މޫސުމް ހާދަހާ ރީއްޗެވެ. ކުރިމަތީގައި ހުރި ގަހުގައި ވައި އަޅުވާ މަންޒަރެވެ. ފަތްތައް އުދުހޭ ގޮތެވެ. އުޑުމަތީގައި ދަތުރުކުރާ ބޮޑެތި އަޅި ވިލާތަކެވެ. ވާރެޔާއި ކޮފީ އަދި އިޒްޔަންއަކީ ރަނީން މިވަގުތު އެންމެ ލޯބިވާ އެއްޗެވެ. އެހެން ހިތަށް އަރާފައި ރަނީން އަމިއްލަ ނަފުސަށް އަޑުލިއެވެ. މިއުމުރުގައި އޭނަ ފިރިހެނަކާއިމެދު ވިސްނަން ޖެހޭ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނުނެވެ. ރަނީން ގޮނޑިއެއް ދަމާލައިގެން އިށީނދެލިގޮތަށް ހެޑްސެޓްއަޅައިގެން ލަވައެއް އަޑުއަހަންފެށިއެވެ. ކޮފީތަށިވެސް ލަސްލަހުން ބޮމުން ދިޔައެވެ.

"ޖިމީ ޖިމީ ޕްލީޒް ވެއިޓް ފޯރ މީ، އައިލް ގްރޯ އަޕް ސަމްޑޭ....." ރަނީން އެލަވަ އަޑުއަހަންފެށީ ކޯނޗެއް ހިތަށް އަރުވާފައިކަމެއްވެސް ނޭގެއެވެ. ހީވާންފެށީ އޭނަގެ ހިތުގެ އަޑުހެންނެވެ. އޭނަގެ ހަޔާތަށް އިޒްޔަން އަތުވެދާނެ ސިފައެއް ޚިޔާލަށް ނުގެނެވުނު ކަމުގައިވިޔަސް އިޒްޔަން އަކީ މިފަދަ ކޮންމެ ލަވައަކާއި ގުޅުން ހުރި ފަރާތް ކަމުގައި ވެ ނިމިއްޖެއެވެ.

އިޒްޔަން އަނދިރި ގޯޅިގަނޑުގެ ތެރެއިން ހިނގާލާފައި ދިޔައީ ޖީބަށް އަތް ޖަހާލައިގެން ހުރެއެވެ. ވިއްސާރަވެފައި ބޮކީގެ އަލި ފަނޑުކަމުން އޭނަ ނުދަންނަ މީހަކަށް އެއީ ކާކުކަން އެނގޭވަރެއްނޫނެވެ. އަޅާފައި ހުރި ތޮފި ތަންކޮޅެއް ތިރިކޮށްލައިގެން ހުރެ އިސްއުފުލާލައިގެން ހުރެ ދުރުދުރުގައި ފިޔަވަޅު އަޅަމުން ދިޔައެވެ. އެރީތި ދެލޮލުން ކޮންމެވެސް ވަރަކަށް ނުތަނަވަސްކަމެއް ފެނުނެވެ. އުމުރުން ފަންސަވީސް އަހަރުވީއިރުވެސް އޭނައަށް މި އަނދިރިގަނޑުން ނޭރިގެން މިއުޅެނީ ކީއްވެބާވައޭ މިއަދު އަމިއްލަ ނަފުސާއި ސުވާލުކުރަން ޖެހިފައިވެއެވެ. މީހުންގެ ކުރިމަތީގައި ގަދަރުހުރި މީހެއްގެ ގޮތުގައި އުޅެން މިހާރު އިޒްޔަން އިންތިހާއަށް ބޭނުމެވެ. ރީތިކޮށް ހަދާފައިވާ ގެއަކާއި އަރާހަމަވެފައި އިޒްޔަން ފޯނު ނަގާފައި ނަމްބަރަކަށް ގުޅާލިއިރަށް އެމީހަކު ހުރީ އިންތިޒާރުގައެވެ.

"ވަންނަންވީތަ؟" އިޒްޔަން ވާހަކަދެއްކީ ފޯނުންނެވެ.

ކޮމެންޓް 0