"މަންމާ....އެކަމަކު..." އިޒްޔަން އެއްޗެކޭ ބުނަން އުޅުނެވެ. ބެލްކަނީގެ ދޮރު ރަގަޅަށް ނުލައްޕާ ހުރުމުން އައި ބާރު ވައިރޯޅިއަކާއިއެކު އުއްބައްތީގެ ހުޅުކޮޅު ނިވުނެވެ. ޒޯޔާ ތުއިގޮތަކަށް ހަޅޭއްލަވަމުން ނުކުމެގެން އައިގޮތަށް އިޒްޔަންގެ އުނގަށް ޖެހިގަތީ އެވަގުތުއެވެ. ބިރުގަންނަ ކަމަށް ހެދިގެން އިޒްޔަންއާއި ގާތްވާން އުޅުމުން ހިނދުކޮޅަކަށް ނަމަވެސް އެކަން ކާމިޔާބުވިއެވެ. ޒޯޔާގެ އެ އަމަލުން ހިތްހަމަނުޖެހިފައި ނާޒްލީ އެއްޗެކޭ ބުނެފައި ފޯނުން އަލިކުރަމުން ހިނގައިގަތީ ބެލްކަނީގެ ދޮރުތައް ރަގަޅަށް ލެއްޕުމަށެވެ.

"މަންމައަކީ ދެން ހާދަ މުސްކުޅި ޚިޔާލު މީހެކޭ ދޯ، ބޯ ހަލާކު..." ޒޯޔާ ވައި އަޑަކުން ކިޔާލައިފިއެވެ. އޭރުވެސް ޒޯޔާއިނީ އިޒްޔަންގެ ކަނދުރާގައި ބައްދައިގަތްގޮތަށް ދޫނުކޮށެވެ. އިޒްޔަން އެކަން ވިސްނިފައި އޯގާތެރިގޮތަށް އަތް ނައްޓުވާލުމުގެ ބަދަލުގައި މިފަހަރު ޒޯޔާ ދުރުކޮށްލީ ގަދަކަމުންނެވެ. އޭނަ ހުރީ ކަމަކާއި ހިތްހަމަނުޖެހިފައިކަން ޒޯޔާއަށް އެނގުނީ އިޒްޔަން ދެލޯ ހަނިކޮށްލާފައި ބަލާލި ގޮތަކުންނެވެ.

އިޒްޔަން ފޯނުން އަލިކުރަމުންގޮސް ކޮޓަރިއަށް ވަންއިރު މާމަގެ ގައިގާ ބައްދާލައިގެން އެމާ މައުސޫމްކޮށް ނިދާލާފައި އޮތެވެ. އިޒްޔަން ބައެއް އެއްޗެހި ޕެކްކޮށްލައިގެން ދަބަސް ކޮނޑުގައި އަޅުވާލައިގެން ގޮސް ދޮރާއި އަރާ ހަމަވިތަނާ ނާޒްލީ ގޮވާލުމުން ފިޔަވަޅުތައް ހުއްޓުނެވެ. އޭރު ނާޒްލީގެ ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. ކުޑައިރުކޮޅަކަށް ނަމަވެސް ގަދަޔަށް ރޮއިފަހުރިކަމުގެ ނިޝާންތައް މޫނުމަތިން ފާޅުވެގެން ދިޔައެވެ.ޒޯޔާވެސް ތުން އޫކޮށްލައިގެން ހުރެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލިލެއް ބާރުކަމުން ބިންގަނޑުވެސް ގުޑާލިހެން ހީވިއެވެ. އެއީ ރަނީންގެ ފަރާތުން ޒޯޔާ ދަސްކުރި އާދައެކެވެ.

"އިޒްޔަން، ސީރިޔަސްކޮށް މަންމަ މިބުނީ. އެ އަންހެނާއާއި އޮތްހާ ގުޅުމެއް ކަނޑާލާ. އިޒްޔަން ފަހުން ހިތާމަ ކުރާވަރުގެ ކަމެއް ނުކުރައްޗޭ......." ނާޒްލީ ވިސްނާދޭފަދަ ރާގަކަށް ބުނެލިއެވެ.

އިޒްޔަން ބޯ ޖަހާލާފައި ނުކުމެގެން ދާން ހިނގައިގަތްއިރު ބާރުވައިރޯޅިތަކުގެ އަޑުން ފަޒާގައި ޒޫމްގެ އަޑު ހަރުލައްވާފައިވެއެވެ. މިކަހަލަ ވައިޖެހޭ ރޭތައް ހާދަ ހިތްގައިމެވެ. ކައިރީގައި ހުންނާނެ ލޯބިވާ ބައިވެރިޔަކަށް ބޭނުންވިއެވެ. މަގަށް ނުކުމެފައި އިޒްޔަން ހުރީ ދާންވީ މަންޒިލެއް ނޭގިފައެވެ. ދާންވީ މަގެއް ނޭގި ހަޔާތުގެ ހަތަރު އަގޮޅި ކަންމައްޗަކަށް ނުކުމެވުނީއެވެ. އެންމެ ރަގަޅުގޮތަކީ ކޮން މަގެއް ޚިޔާރުކުރުން ކަން ނޭގުނަސް ހުރި ހިސާބުގައި މަޑުޖެހިލައިގެން ހުރެވޭކަށް ނެތެވެ. ކޮންމެވެސް އެއްމަގަކުން ހިނގައިގަންނަން ޖެހެއެވެ. ނަތާލީއާއި ވަކިވެއްޖެއްޔާ އޭނަގެ ކިޔެވުން ހުއްޓާލާފައި ޖެހޭނީ ވަޒީފާއަކަށް ނުކުންނާށެވެ. ނަތާލީގެ އަތުގައި ބަހައްޓާފައިވާ މެކްބުކާއިވެސް ވަކިވާން ޖެހުނީއެވެ. ވިސްނުމެއްގެ ތެރޭގައި ހުރެފައި އިޒްޔަން މައްޗަށް ބަލައިލީ ކޮންމެހެން ރަނީން ހުރެދާނެކަމަކަށް ނޫނެވެ. ބެލްކަނީގައި އޭނައަށް ނަޒަރު ހުއްޓާލައިގެން ރަނީން ހުރިތަން ފެނިފައި އިޒްޔަން ސައިކަލަށް އަރައިގެން ދުއްވާލިއިރު ރަނީންގެ ހިތަށް އަނިޔާ ލިބޭނެ ވަރު ހިތަކަށް ނުގެނެވުނެވެ.

ނިކީވިލާގެ މަގުމަތީގައި ސައިކަލް ޕާކްކޮށްފައި ފައިބައިގެން ގޮސް އެގެއަށް ވަންއިރު ގޭތެރޭގައި ދިއްލާލާފައިވާ ނިދާބޮކިތަކުގެ އަލި ފިޔަވާ އެހެން އަލިކަމެއްނުވެއެވެ. އިޒްޔަންގެ ފޯނަށް މެސެޖެއް އައުމުން އޭނަ ފާރުގައި އެއްފައި އަޅުވާލައިގެން ލެނގިލިއިރު އަނދިރީގެ ތެރެއިން ފެންނަނީ ހިޔަންޏެއްފަދައިންނެވެ.

"އިޒް، އަހަރެންގެ ހިތުގައި ޖެހުނު ވަރު ނޭގުނީތަ؟ "ރަނީން އޮތީ މެސެޖްކޮށްލާފައެވެ. އިޒްޔަންގެ ކެތްތެރިކަން ކޮޅުން ލާންފެށިއެވެ. ހިތްހަމަނުޖެހިފައި ހުއްޓާ އަދި ރަނީންގެ މައްސަލަ ބޮލުރިހުމަކަށް ވާން ފެށިއެވެ.

އިޒްޔަން ޗެޓުން ޖަވާބުދޭކަށް ބޭނުމެއް ނުވިއެވެ. އޭނަ ހުރީ ޓައިޕްކުރާ ކަހަލަ މޫޑެއްގައެއް ނޫނެވެ. އޭނަ ބޭނުމީ ސީދާ ރަނީންއަށް ގުޅައިގެން ވާހަކަ ދައްކާށެވެ.ރަނީންއަށް ގުޅާއިރަށް އޭނަ ފޯނު ނެގިއެވެ.

"ކީއްވެ؟ ކީއްވެ ހިތުގައި ޖެހެންވީ؟ "އިޒްޔަން އަހާލައިފިއެވެ.

"ދެން ނޭގޭ. ދެރަކުރާތީ......"

"ސޮރީ، އަހަންނަށް ނޭގުމުގެ ތެރޭގައި ދެރަކުރެވުނިއްޔާ......."

"އަހަރެން ލޯބިވާ ވާހަކަ ބުނީ ސަމާސާއަކަށް ނޫން، ވޯޒް ސީރިޔަސް. އިޒް ކީއްވެ ޖަވާބެއް ނުދިނީ؟"

"އަހަރެން ނުބުނަން ސަމާސާ ކުރަނީއޭ. އެކަމަކު ތީ އަދި ލޯތްބެއްނޫން، ތި އުމުރުގައި އިޝްގީ ލޯތްބަކީ ކޯންޗެއްކަމެއް ނޭގޭނެ ރަނީން، ތިއަށް އަދި އެހެން ނަމެއްދެވޭނީ، އިންފެޗުއޭޝަން ނޫނީ ކްރަޝްއޭ ބުނެވިދާނެ، ދުވަސްކޮޅަކުން އަހަރެންގެ މަތިން ހަނދާންނެތިދާނެ، ޓްރަސްޓްމީ، އަދި ރަނީން ދެކެ ލޯބިވާނެ ޕްރިންސެއް ހަޔާތަށް އަންނާނެ، އިޓްސް ނޮޓް މީ، އަހަންނާއި ރަނީންއަށް އެކީގައެއް ނޫޅެވޭނެ. ތި ލޯބި ގަބޫލުކޮށްފިއްޔާ ރަނީންއަށް ދެވޭ އަނިޔާއަކަށް ނޫނީ ނުވާނެ....." އިޒްޔަން ވިސްނާލާފައި ވާހަކަދެއްކިއެވެ. އައި ބާރު ވައިރޯޅިއަކާއިއެކު ކައިރީގައި ހުރި ގަހުގެ ގޮފިތައް ހޫރިގަތެވެ.

"ދެން ކީއްވެ؟ ކީއްވެ އެދުވަހު......" ރަނީން އުޅެ އުޅެވެސް އެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

"އަހަންނަށް ނޭގޭ އެވަގުތު އަހަންނަށް ވެފައި ހުރިގޮތެއް، އެކަމާ އަހަރެން މާފަށް އެދެން، ހާސްފަހަރުވެސް މާފަށް އެދެން، ވަގުތު އަދި ހާލަތުގެ ގޮތުން އެ ގޯސްހެދުނީ. އައިމް ސޮރީ....." އިޒްޔަން ގެ ހަނދާނުގެ މަޑިކިލަނބުގައި ފިޔަ ޖަހާލީ އެ ވަގުތުތަކެވެ. ވާރޭ ވެހޭ ކޮންމެ ދުވަހެއްގައިވެސް އެހަނދާން އާކުރުވާނެ ބާވައެވެ. ވައިގަދަވިޔަސް އޭނަގެ ހަނދާނަށް އަންނަނީ އެކުޑަ ކުޑަ ރަނީންއެވެ. އެ މައުސޫމް މޫނެވެ.

"އެކަމަކު ދެން ކިހިނެއް، އައިމް ރުއިންޑް......" ރަނީން ހީވީ ރޮއިގެންފާނެހެންނެވެ.

"އެދުވަސް ހަނދާން ނައްތާލާ. އަހަރެމެން ދެމީހުންގެ ދޭތެރޭގައި ހިނގިކަމެއް އެހެން މީހަކަށް އެނގޭކަށް ނުޖެހޭނެ....." އިޒްޔަން ގޮސް އިށީނދެލީ ގެއަށް ވަންނަން ހުރި ފަތްތަރު މަތީގައެވެ. އުދަރެހަށް ބަލައިލިއިރު ތަރިތައް ފާޅުވާން ހުއްޓެވެ. ވައިބާރުވިޔަސް އުޑު ސާފުކަމުގެ ހެއްކެކެވެ.

"ޕްލީޒް އިޒް....." ރަނީން އާދޭސްކުރިއެވެ.

"އަހަރެން ބުނެފީމެއްނު އެދުވަސް ހަނދާން ނައްތާލާށޭ.....ނީވޭތަ މިކިޔާ އެއްޗެއް؟ ޖަސްޓް ފޮގެޓް އިޓް އޯކޭ......" އިޒްޔަން ތަންކޮޅެއް ހަރުކަށިކަމާއިއެކު ބުނެލިއެވެ. އެކޮޅުން ޖަވާބެއް ނުލިބި މިނިޓްތަކެއް ފާއިތުވެގެން ދިޔައެވެ. އިޒްޔަން ހީކުރީ ރަނީން ފޯނު ކަނޑާލީކަމަށެވެ.

"ޔޫ ބްރޯކް މައި ހާޓް...." ރަނީން ބަލިކަށި އަޑަކުން ބުނެލިއެވެ.

"ނޯ އައި ޑިޑްންޓް. ރަނީން އަމިއްލައަށް ހިތް ހަލާކުކުރީ، އަމިއްލަ ނަފުސަށް ގެއްލުން ތިދެނީ، އަދި ފިރިހެނަކު ނުލިބިގެން ރަނީން އުޅޭކަށް ނުޖެހޭ، ބޮޑުނުވާ ކުއްޖަކު ތިގޮތަށް މީހުންނަށް އާދޭސްކުރުމަކީ ރީތިކަމެއްތަ؟ ރަނީން އަދި ކިހާ ޔަންގް، މުޅި އުމުރު ތިއޮތީ ކުރިއަށް، ވަގުތު ޖެހުމުން އެންމެ އެކަށީގެންވާ ބައިވެރިޔާ އަންނާނެ....." އިޒްޔަން ތަންކޮޅެއް މަޑުމައިތިރިކަމާއިއެކު ވިސްނާދޭފަދަ ގޮތަކަށް ބުނެލީ ހަމްދަރުދީވެގެންނެވެ.

"އިޒްއަށް ނުވިސްނެނީ ކީއްވެތަ؟ އަހަންނާއި ދޭތެރޭ ތިހާ ރޫޑްކޮށް ކަންތައް ކުރަނީ ކީއްވެތަ؟ އަހަރެން ލޯބިވާތީ......." ރަނީން އަހާލިއެވެ.

"އަހަރެންދެކެ ލޯބިވާށޭ ބުނިންތަ؟ ނުބުނަމެއްނު، އަހަންނާއި ހެދި އުޅޭށޭ އެއް ފަހަރުވެސް އަހަރެން ނުބުނަމެއްނު...." އިޒްޔަން ފުން ނޭވަޔެއްލިއެވެ. މިކުއްޖާއަށް ވިސްނައިދޭނެގޮތެއްވެސް ނޭގުނެވެ. ބުނާ އެއްޗެއް ގަބޫލުކޮށް އަޑުއެހުމެއްވެސްނެތެވެ.

"އިޒް، އައި ބެގް ޔޫ....." ރަނީން ރޮމުން ބުނެލިއެވެ.

"އިނަފް ރަނީން، ކިތައް ފަހަރު ބުނާނީ، އަހަރެން ބުނެފިން ނުވާނެއޭ، ކީއްވެ އަޑުނާހަނީ؟ ކީއްވެ ބުނާގޮތަށް ނެހެދެނީ؟ ލިސެން، އަހަރެން މީހަކާއި ނީދެ ހުސްހަށިބަޔަށް ހުންނަން ޖެހުނަސް ރަނީންއަކާއި ނީންނާނަން، މަންމަވެސް މައްސަލަ ޖައްސަނީ މިކަމާ ދޯ، އަހަރެންވީ ކުޑަކުއްޖާއި އިންނަން؟ ސޮރީ އައި ކާންޓް، އެހެން މީހަކު ހޯދާ، ރަނީންއާއި ހެދި އުޅޭނެ ކުދިން މަދެއްނުވާނެ، ލީވް މީ އެލޯން، އަދި ބުނަންތަ ވާހަކައެއް، އަހަރެން މީހަކާއި އިނުމުގެ ޚިޔާލު ދޫކޮށްފިން، ހެޕީތަ؟ އޯކޭ ތަ؟ މިހެން ބުނީމަ ދެން ހިތްހަމަޖެހިގެން އުޅެބަލަ........" އިޒްޔަން ނުރުހުންވިވަރުން ފޯނު ކަނޑާލާފައި ސްވިޗް އޮފްކޮށްލައިފިއެވެ.

ބަނޑުހައިވެ ހާންތިވެގެން ގޮސް ރަނީން ކޮޓަރިން ނުކުތީ އެއްޗެއް ކާންވެގެންނެވެ. ދެލޯ ދުޅަވެ ރަތްވެ އެރީތި ދެލޮލުގެ ވިދުން ފަނޑުވެފައިވެއެވެ. ކާހިތް ނުވިޔަސް ރޯދައަށް ހުރެވޭނީ ކޮންމެވެސް އެއްޗެއް އަނގަޔަށް ލައިގެންނެވެ. ތަފާތު ވައްތަރުގެ ކާ އެއްޗެހި ހުރިނަމަވެސް އޭނަ ކެއީ އެކަނި ޗިޕްސްއެވެ. ދެން ކޮފީތަށްޓެއް ތައްޔާރުކޮށްލައިގެން ކޮޓަރިއަށް ވަންގޮތަށް އެނދުގެ ފަޑީގައި ލެނގިލައިގެން ރަޖާ އޮޅާލައިގެން އެހެން އިނީ މޮޅިވެރިކޮށެވެ. އޭނަ އެތައް ފަހަރަކު އިޒްޔަންގެ ފޯނަށް ގުޅަން މަސައްކަތްކުރިއެވެ.

"އިޒް ކީއްތަވާނީ؟ އެޓްލީސްޓް ފޯނުން ވާހަކަ ދައްކަބަލަ، ތިހާ ރަހުމް ކުޑަނުވެ...." ރަނީން ފިކުރުބޮޑުވެފައި އިންވަރުން ކޮޓަރި ތަޅުލާކަށްވެސް ހަނދާނެއްނުވިއެވެ. ފަނޑު އަނދިރީގެ ތެރެއިން މީހަކު ވަންހެން ހީވެފައި އިސްއުފުލާލީ ސިހިފައެވެ. އެއީ ދޮންމަންމައެވެ. ނާޒްލީ ރަނީންގެ ކައިރީގައި އެނދުގެ މަގަތުގައި އިށީދެފައި ރަނީންއާއި ވާހަކަދެއްކީ ރީތިކޮށެވެ. ރަނީން ކަމަކާއި ހިތާމަކުރާކަން އޭނައަށް އެނގޭ ކަމަށާއި ހިތާމަކުރުމުން ފައިދާ އެއް ނެތްކަމުގައި ބުނެލިއެވެ. އުފާވެރިކަމަށް އެދި އަދި ހިތަށް ތަސައްލީ ހޯދަން ހެއްދެވިފަރާތަށް ދުޢާކުރުމަށް ނާޒްލީ ހަނދާންކޮށްދިނެވެ.

ނާޒްލީ ހީކުރީ އަދިވެސް ރަނީން ރުޅިއައިސްގެން އުޅެނީ ޓީވީގެ މައްސަލައިގާ ކަމުގައެވެ.

ރަނީން އަނގަޔަކުން ނުބުނެ ތުން ފިއްތާލައިގެން އިން ކަމުގައި ވިޔަސް ހިތުން އެވާހަކަ ގަބޫލުކުރިއެވެ. މިގޮތަށް ރޮއިގެން ހައްލެއް ނެތްކަން އެނގުނެވެ.

ރަނީން ދަމުނަމާދުކޮށްލައިގެން އިނީ ޤުރުއާން ކިޔަވާށެވެ. ހިތަށް ކުޑަ ފިނިކަމެއް ލިބި ހިތާމަތަކަށް ލުޔެއް ލިބުނެވެ. ނަމަވެސް ދޭތެރެއަކުން އިޒްޔަންގެ ހަނދާންތައް ޚިޔާލަށް ވެރިވެގަނެއެވެ. އިޒްޔަން މިހާރު އުޅެނީ ކޮންތާކު ބާވައެވެ. އިންނަން އުޅޭ އަންހެންކުއްޖާއާއި ބައްދަލުކުރަން ދިޔައީބާވައެވެ. އިޒްޔަން ފޯނު ނިއްވާލައިގެން އުޅެނީ ކީއްވެހެއްޔެވެ؟ އޭނަގެ ހިތް ހަލާކުކޮށްލާފައި އިޒްޔަން ކުޑަކޮށްވެސް ދެރަނުވަނީހެއްޔެވެ؟ އުފަލުން ހީހީ ހުންނައިރު އޭނަ ހިތާމައިގާ އަވަދިވެގެން ދަނީއެވެ. ހިތުގެ ދުޢާއަކީ އިޒްޔަންގެ އަނިޔާވެރި ހިތުގައި އޭނައަށްޓަކާ ލޯބި ލެއްވުމެވެ.

އިޒްޔަން ގެ ކުރިމަތީގައި ހުރި ސޯފާގައި ނަތާލީ އިށީނދެލައިގެން އިންއިރު ނަތާލީގެ ދެލޮލުން އަދިވެސް ނިދީގެ އަސަރު ފިލައިގެނެއް ނުދެއެވެ. ނަތާލީ ނިދަން އޮވެފައި އައިއިރުވެސް މޫނުމަތި ފެންނަނީ ތާޒާކޮށެވެ. ބުޅި އިސްތަށިގަނޑު އައްސާލާފައިއޮތެވެ. މޭކަޕްތައް ފިލުވާލާފައި ވުމުން ވަކިން ރީތިކަމަށް ފެނެއެވެ.ވަށް މޭޒުމަތީގައި ހުރީ ދުންއަރައަރާހުރި ދެކޮފީއެވެ.

"ދެން އިޒް ތިބުނަން އުޅޭ ވާހަކައެއް ބުނެދީފާނަންތަ؟ އަހަރެން މިއީ ވީކްމީހެއް ނޫން. ވަރަށް ގިނަ ކަންތައްތަކަށް ކެތްކޮށްގެން މިހިސާބަށް އައީ...." ނަތާލީ ބުނެލިއެވެ.

"ވެލް، މަންމަ ގަބޫލެއްނޫން އަހަރެން ނަތާއާއި އިންނާކަށް. ނަތާގެ ޕާސްޓް މަންމައަށް އެނގެނީޔޯ....." އިޒްޔަން ވިސްނުންތެރިކަމާއިއެކު ނަތާލީގެ މޫނަށް ބަލަން އިނީ ދެއަތްތިލަ ގުޅުވާލައިގެންނެވެ.

"އިޒް ދެން ހަދަން ތިއުޅެނީ ކިހިނެއް؟ "ނަތާލީގެ ދެލޮލުން އިތުރު ޝުޢޫރެއް ފާޅެއްނުވިއެވެ.

"ނަތާ އަހަންނަށް ޕާސްޓް ކިޔައެއް ނުދޭނަންތަ؟ މިހާރު އަހަރެންވެސް ބޭނުން މަންމަ އެހާ ނުރުހެނީ ކީއްވެކަން ބަލަން، އެކްޗުއަލީ އައި ޑޯންޓް ކެއަރ މަޗް، ހެވޭ ނަތާ ތީ ޕްރޮސްޓިޓިއުޓަކަށްވިޔަސް، އެކަމަކު އަހަންނަށް ކިޔާދީބަލަ، އޭރުން އަހަރެންވެސް އޮޅުމެއްގެ ތެރޭގައި ނުހުންނާނެ، މަންމައަށްވެސް އަހަންނަށްވުރެ ބޮޑަށް ނަތާ އެނގޭ، އެއީ ދެން ވެގެން ވާނެގޮތެއްނޫން........" އިޒްޔަންގެ ރީތި ދެލޮލާއި ހަތަރުކަޅި ހަމަވުމުން ނަތާލީގެ ހިތަށް ވީގޮތެއްވެސް ނޭގުނެވެ. ތަނުގައި ދިއްލާލާފައިވާ ރީދޫއަލީގެ ތެރެއިން އެ ޒުވާނާ ފެނުނުލެއް ހިތްގައިމުކަމުން ނަތާލީގެ ހިތް މޮޔަވިއެވެ. އިޒްޔަންއާއި ނުލައި ދުނިޔޭގައި އުޅުމަކީ ވާނެކަމެއް ނޫނެވެ.

"އިޒް ތިބުނީނު، ނާސިއަކަށްވިޔަސް ގަބޫލުކުރާނަމޭ، ދެން ބުނެބަލަ، އިހަށް މި ކައިވެނި ފަސްކުރާނީތަ؟ނޫނީ ހަމަ ޑޭޓަށް ނިންމަންވީތަ؟ " ނަތާލީ ދެވަނަފަހަރަށްވެސް އަހާލައިފިއެވެ.

"އަދިވެސް ނަތާ އަހަރެންގެ ސުވާލަށް ޖަވާބުނުދެމެއްނު...." އިޒްޔަން ދުވަހަކު ނުވާހާ ސީރިޔަސްވިއެވެ.

"މަންމަ ކައިރިން އެހިނަމަ، މަންމަ އެހާވަރުން އަހަރެންނާއި ނީންނަން ބުނިއްޔާ ސަބަބުވެސް ބުނެދޭން ޖެހޭނެކަން ނޭގޭ....." ނަތާލީ ކޮފީތަށިން ކޯވަރެއް ދަމައިލިއެވެ. ހޫނުކަމުން ދޫނުފިހުނީ ކިރިޔާއެވެ.

"މްމްމް...." އިޒްޔަން އެސްފިޔަތައް ތިރިކޮށްލިއެވެ. ހީވަނީ ކަމަކާއިމެދު މާ ވަރަކަށް ވިސްނާހެންނެވެ.

"އަހަރެން ބޭނުމެއްނޫން ގަދަކަމުން އިޒް ލައްވާ ކަމެއް ކުރުވާކަށް، ތީ ކުޑަކުއްޖެއްނޫން، ހެޔޮވިސްނޭ ފިރިހެނެއް، މަންމަ އެއްޗެކޭ ބުނިކަމުގައި ވިޔަސް އަދި އަމިއްލަ ސިކުނޑިއެއް ދެއްވާފައި އޮތީވެސް ކޮންމެވެސް ކަމަކު، އަހަރެންވެސް ވާން ޖެހޭ ތައްޔާރީތައް އެބަހުރި، ދެން ކޮންމެވެސް އެއްގޮތެއް ނިންމާފައި ބުނެބަލަ...." ނަތާލީ ބޭނުންވަނީ އިޒްޔަންގެ ނިންމުމެވެ.

"އޯކޭ، އިހަށް ދެން ލަސްކޮށްލާނީ، އަހަރެން ބޭނުމެއްނުވޭ މަންމަ އެހާވަރުން އުޅޭއިރު މަންމައަށް ސިއްރުން ކަމެއްކުރަން، މަންމައަށް އެނގިގެން އަހަރެން ނަތާއާއި އިންނާނީ..." އިޒްޔަންގެ ޖުމްލައިން ނަތާލީގެ ހިތް ކުދިކުދިވެގެން އެތައް އެތިކޮޅުތަކަށް ބުރައިގެން ދިޔަނަމަވެސް ނަތާލީ އެކަން ފޮރުވަން ވަރަށް ކުޅަދާނައެވެ. އިޒްޔަންއަށްވެސް އޭނަގެ ބަލިކަށިކަން ދައްކާކަށް ބޭނުމެއްނުވިއެވެ.

"އިޒްއަށް ފެންނަގޮތެއް....." ނަތާލީ ހިނިތުންވެލިއެވެ.

"ދެން ތިހެން ނީނދެ ކޮފީތަށި ބޮއިބަލަ، ހިހޫވެދާނެ...."ނަތާލީ ދެރަނުވާކަމަށް ހެދިގެން ކޮފީތަށި ކައިރިކޮށްލަދިނެވެ.

"އިހަށް އަހަރެން ފުރުންވެސް ކެންސަލް ކޮށްލައިފިން...." އިޒްޔަން ވިސްނާލާފައި ބުނެލިއެވެ.

"އެއީ ކީއްވެ؟ ފައިނަލް ޔިއަރވީމަ ދެން ފަރުވާކުޑަކޮށްލާކަށް ނުވާނެ...." ނަތާލީ ވިސްނާދޭ ރާގަކަށް ބުނެލިއެވެ.

"ހުރިހާ ކަމަކާ ބޯގޮވާފައި ހުރި ވަގުތެއްގައި ނުކިޔެވޭނެ...." އިޒްޔަން އާދައިގެ ގޮތަކަށް ބުނެލިއެވެ.

"އަހަންނަށް ވިސްނޭ، ތިބުނަން އުޅެނީ އަހަރެން އެހީ ނުވެދާނެތީ އެވާހަކަތަ؟ މި ކައިވެނި ކެންސަލް ކުރިކަމުގައި ވިޔަސް އަހަރެން ޚަރަދުކުރާނަން.. ނޯ ވޮރީސް..." ނަތާލީގެ ހިތަށް އަސަރުކުރިއެވެ. އިޒްޔަންއަށްޓަކާއި އޭނަ މާލާއި ޖާނުން ގުރުބާންވިއިރުވެސް އިޒްޔަންއަށް އެކަމެއް ނުފެނުނެވެ. މަންމަ ބުނެލާއިރަށް ކައިވެނި ފަސްކުރީއެވެ.

"ކޮންމެހެން އެހެން ވެގެނެއް ނޫން، އަހަރެން ދަނީ..." އިޒްޔަން ތެދުވެގެން ހިނގައިގަތެވެ. ނަތާލީ އެވާހަކަ ފެށުމުން އިޒްޔަން އިންތިހާއަށް ރުޅިގަދަވާގޮތްވިއެވެ. ނަމަވެސް އޭނަގެ މޫނުމަތިން އެކަމެއް ނުދައްކައެވެ. ޖަޒުބާތުތައް ފޮރުވަން ބޭނުންވެއްޖެ ހިނދެއްގައި އޭނަ އެކަމަށް ވަރަށް ކުޅަދާނައެވެ. ނަތާލީ އޭނައަށް ޚަރަދުކުރާކަން ހަނދާންކޮށްދިނުމުގެ މާނައެއް ނެތެވެ. ހީވަނީ މުޅި އުމުރުވެސް ދެން އޭނަ އުޅެން ޖެހޭނީ އެއިހުސާންތެރިކަމުގެ ކަސްތޮޅު އެޅިގެން ހެންނެވެ. ލާ ކޮންމެ ނޭވައެއް ލާން ޖެހެނީވެސް ނަތާލީގެ ހުއްދަ ލިބިގެންހެންނެވެ. އެއީ އޭނަގެ ފިރިހެންވަންތަކަމަށްވެސް ލިބޭ ހުތުރެކެވެ. ކޮންމެވެސް ދުވަހަކުން އޭނަ ނަތާލީއަށް އެފައިސާ އަނބުރާ ރައްދުކުރާނެއެވެ.

"އިޒް ރުޅިނާދެބަލަ، މަޑުކޮށްބަލަ..." ނަތާލީ ތެދުވެ އެއްލި އަތުން ހިފުނީ އިޒްޔަންގެ ޓީޝާޓުގައެވެ.

"އަހަރެން ބޭނުމީ އެކަނިވެލާން، ޕްލީޒް..." އިޒްޔަން ނަތާލީގެ އަތް ނައްޓުވާލާފައި ބާރަކަށް ހިނގާލާފައިގޮސް ސައިކަލަށް އަރައިގެން ދުއްވާލިތަން ބަލަން ނަތާލީ ހުރީ މާޔޫސްވެލާފައެވެ. އިޒްޔަން ގެއްލިދާނެކަމުގެ ބިރު މިހާ ބޮޑުވި ފަހަރެއް ނާދެއެވެ. ނަތާލީގެ ހިތަށް ހީވީ އެތައް ހާސް ކަށިތަކެއް އެތައް ފަހަރާ ހެރި ފޫއަޅުވާލިހެންނެވެ. ގަދަޔަށް ޖެހެމުން ދިޔަ ވަޔަކީ އަންނަން އުޅޭ ތޫފާނެއްގެ އިންޒާރެވެ. ބިންމައްޗަށް ވެރިފައިވާ ފަތްތައްވެސް އުދުހިގެން ވަޔާއިއެކު ދާތަން ފެނެއެވެ. އޭނަ އިރުކޮޅެއްވާންދެން މާދުރަށް ބަލަހައްޓައިގެން ގެއްލިފައިހުރިއިރު އެއިން ފަތެކޭ އޭނައެކޭ ތަފާތެއްނެތޭ ހިތަށް އެރިއެވެ. މަންޒިލެއް މަގުސޫދެއްނެތް ހިނދުކޮޅަކަށްވިއެވެ.

އިޒްޔަން ސައިކަލަށް ލެނގިލައިގެން ތޮށިގަނޑު ކައިރީގައި ހުރިއިރު ދަންވަރުގެ ހިމޭންކަމުގެ ތެރެއިން އިވުނީ ހަލަބޮލި ރާޅުތަކާއި ވައިރޯޅިތަކުގެ ރުޅިވެރި އަޑު އެކަނިއެވެ.އެހެން އެންމެން އަރާމު ފޮނި ނިދީގައިވާއިރު އޭނައަށް މިރޭ އިހުސާސްކުރެވުނީ އެކަނިވެރިކަމެވެ. މިރޭ ނިދަން ދާނެ ތަނެއް ނެތެވެ. މަންމަމެންގެ ގެއިން ޖާގަނުލިބުނު އިރު އޭނައަށް އެހީވާ ފަރާތަކަށް ހުރީ ނަތާލީ އެވެ. އެކަމަކު މަންމަ ބާރު އެޅުމުގެ ސަބަބުން ނަތާލީއާއި ދުރުވާން މަޖުބޫރުވީއެވެ. އެހެނޭ ކިޔާފައި އެކުވެރިއެއްގެ އެހީތެރިކަންވެސް އޭނަ ބޭނުމެއްނޫނެވެ. ދެން އޮތީ ވަޒީފާއެއް ހޯދުމެވެ. އެވެސް ހީކުރާހާ ފަސޭހަކަމެއްނޫނެވެ. މީހެއްގެ އެހީތެރިކަން ނެތި ވަގުތުން ވަގުތަށް ވަޒީފާ ހަމައެއް ނުޖެހޭނެއެވެ. ވިސްނުމެއްގެ ތެރޭގައި ހުރެފައި ފޯނު އޮންކޮށްލިއިރަށް މަންމަ ގުޅަން ފެށިއެވެ. ނުނަގަން ހުރެފައިވެސް އޭނަ ނެގީ ބޮޑުކަމެއްވެގެން އުޅޭކަމަށް ހީކޮށެވެ.

"ހާރު ކައިފިންތަ؟ " ނާޒްލީ އަހައިލިއެވެ.

"ކާހިތެއްނުވޭ، ތަންކޮޅެއްކުރިން ކުޑަގޮތެއް ހަދާލައިގެންމިހިރީ..." އެންމެ ފަހުން ކެއީ ކޮންއިރަކުކަން ހަނދާން ހުރީ އެއްވެސް ނޫނެވެ.

"އިޒްޔަން ގެއަށް އާދޭ، ދޮންބައްޕަ ބޭނުމެއްނުވޭ އިޒްޔަން އެކުވެރިންގެ ކައިރިއަށް ނިދަން ދާކަށް، ކޮންމެވެސް ކަހަލަ އިންތިޒާމެއް ހަމަޖައްސާނީ...."ނާޒްލީ ކިޔާވަރުން އެބައަންނަމޭ ކިޔާފައި އިޒްޔަން ފޯނު ބާއްވައިފިއެވެ. އޭރު ފަތިސްވާން އުޅޭކަމުގެ އަލާމާތްތައް އުޑުމަތިން ފެންނަން ފަށައިފިއެވެ. ފިނިކަން ގަދަވެ އޭނަގެ ހަށިގަނޑަށް ފިނީގެ އަސަރު ކުރަންފެށިއެވެ. މިރޭ ރޯދައަށް ހުންނަން ޖެހޭނީ ނުކައިކަން ޔަގީންވިއެވެ. ނަތާލީ ދިން ކޮފީތަށި ބޮވުނު ނަމައެވެ. ރަނީންގެ މަތިންވެސް ހަނދާންވިއެވެ. މެސެޖްތައް ފޮނުވާފައި ހުރީ ހަނދާންނުވާ ވަރަކަށް ނޫނެވެ. އެވަރުންވެސް އޭނަ މެސެޖްތައް ކިޔާލާކަށް ނޫޅުނެވެ. ކިޔައިގެން ހައްތަހާ ސިކުނޑިއަށް ބާރުކުރުން ނޫންކަމެއް ނުވާނެއެވެ.

ރަނީންގެ ކޮންމެ ދުވަހެއް ވޭތުވަމުން ދިޔައީ ހިތާމައާއި މޮޅިވެރިކަމުގައެވެ. ހިތްދަތިކަން އިތުރުވީ ޒޯޔާ ބުރުގާ އެޅިކަން އެނގުމުންނެވެ. ޒޯޔާގެ ރީތިކަން ފަނޑުވުމެއްނެތެވެ. އޭނަ އެހާ ބޭނުންވެގެން ހުއްޓާ އެކަމުގައިވެސް ޒޯޔާ ކުރިއަތުލީއެވެ. ދެން އޭނަ ބުރުގާ އަޅައިފިއްޔާ ޒޯޔާ ބުނާނީ ކޮޕީކުރީކަމުގައެވެ. ހަވީރު ޒީކާ އޭނައާއި ބައްދަލުކުރަން އެގެއަށް އައެވެ. ޒީކާ ފެނުމުންވެސް ރަނީން ވީ ފޫއްސެވެ. އެއްވެސް މީހަކާއި އަނގައިން ބުނާހިތް އެއް ނޫނެވެ. ނަމަވެސް ޒީކާ އަނގަދަ ގަދަކޮށްފައި އުޅެން ފެށުމުން ރަނީންވެސް އޭނައާއި އެކީގައި ރޯދަކުރުކޮށްލަން ހިނގާލަން ދިޔައެވެ. ނުކުތްތަނުން ފެނުނީ ތަފާތު މަންޒަރެކެވެ. އިޒްޔަން އޭނަގެ މަންމައަށް ބާޒާރުކޮށްލަދީގެން ގެއަށް އައިއިރު ކޮތަޅުތައް އުފުލާލަދިނީ އިޒްޔަންއެވެ. އިޒްޔަންގެ ރަގަޅު އެފަދަ ސިފަތައް ރަނީންދެކެއެވެ. މާމައާއި މަންމައަށް އޭނަ އަޅާލައެވެ. މާމަގެ އަތުގައި ހިފައިގެން ގޮސް ކިތަންމެ ފަހަރަކު ކޮޓަރިއަށް ވައްދާދެއެވެ. ހިނގުން ދަތިކަމުން މީހެއްގެ އެހީނެތި ނޫޅެވޭތީއެވެ. އަދި މަގު ހުރަސްކުރި ދުވަހެއްގައި މަންމައަށް އެހީވިތަން އޭނަވަނީ ދެކެފައެވެ. ރަނީންގެ ހިތް އެތައްފަހަރު ތަޢުރީފުކުރިއެވެ.

ރަނީން ގެއަށް ފޯރިއިރު އިރުއޮއްސެން ވަރަށް ކައިރިވެއްޖެއެވެ. ކޮޓަރިއަށްވަންގޮތަށް އޭނަ އަލަމާރި ހުޅުވާލައިގެން ހުރެ ބަލަމުން ދިޔައީ އިޒްޔަންގެ ފަރާތުން ލިބިފައިވާ އެއްޗެއްސަށެވެ. ވޮލެޓާއި ސްކިޕިން ރޯޕް އަދި ދަތްއުގުޅާ ބުރުހުގެ އިތުރުން ރަނީންވަނީ އެ ޚާއްސަ ދުވަހު އޭނަ ލައިގެން ހުރި ޓީޝާޓްކޮޅާއި ސްކިނީވެސް ހަނދާނަކަށް ފޮރުވާފައެވެ.

"ކީއްވެތަ އަބަދާއަބަދު އަހަރެންގެ ޚިޔާލުގައި މިވަނީ؟ އަހަންނަށް ހާދަ ވަރަކަށޭ އިޒްދެކެ ލޯބިމިވަނީ؟ "ރަނީން އެވޮލެޓް މޫނުގައި ޖައްސާލިއެވެ. ފޮޓޯގައި ބޮސްދިނެވެ. އަރްމާނީ ކޯޑުގެ މީރުވަސް އޭގައިވެސް ހިފާފައިވާ ހެން ހީވިއެވެ. ނޭފަތް އެތެރެއަށް ދަމާލެވުނެވެ. އިޒްޔަން ވާހަކަދެއްކިހެން ހީވެފައި ރަނީން ކުޑަކޮށް ރީތިވެލައިގެން އަވަހަށް ނުކުތީ އެ އަނިޔާވެރިޔާ ދެކޭހިތުންނެވެ. އޭނަގެ ހިތުގެ ހާލު އެނގޭއިރުވެސް އެހެރީ ނޭގޭކަމަށް ހެދިގެންނެވެ.

ދެންވެސް ފެނުނީ ހިތަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރުވި މަންޒަރެކެވެ. އިޒްޔަން ހުރީ މަންމައަށް އެހީވާށެވެ. އަލަނާސި ކޮށާދެނީ ޖޫސްހަދަން ކަމަށް ވެދާނެއެވެ. މިއީ އަދި އިޒްޔަންގެ އާސިފައެކެވެ. ބަދިގޭގެ ކަންތަކުގައި މިގޮތަށް އެހީވަނިކޮށް ރަނީން ދެކެފައެއްނުވެއެވެ. ހިތުގައިވާ ލޯބި އިތުރަށް ފުންވިއެވެ.

"އިޒް ހަދާ ޖޫސް ބޮވޭނެ މީހަކު ނުހުންނާނެ...." ނާޒްލީގެ މޫނުވެސް ވަކިން އައްޔެވެ. އަންހެން ދަރިން އެހީނުވިޔަސް ފިރިހެން ދަރިފުޅު ރަގަޅުވީމަ އުފާވަނީ އެވެ. ޒޯޔާވެސް ރޯދަކުރުކުރަން ދިޔަގޮތަށް ޚަބަރެއްނުވިއެވެ. އެމާ އޮތީ ވަރުބަލިވެގެން ތެދުވާނެ ވަރެއް ނެތިފައެވެ.

"ނިންނި، ބިއްލޫރިތަށިތައް ދޮވެލާފައި ކަދުރުޕެކެޓް ކަނޑާލަބަލަ......" ނާޒްލީ ރަނީންއަށް ބަލައިލަމުން ހިނިތުންވެލިއެވެ. އެވަރުންވެސް އިޒްޔަން އޭނަ އެތާހުރި ކަމަކަށް ހަދާނުލިއެވެ. ބަލާވެސް ނުލިއެވެ. އެވަގުތު މާމަ ފާޚާނާއަށް ދާންޖެހިގެން ގޮވަން ފެށުމުން ނާޒްލީ އެތެރެއަށް ވަނުމުން އިޒްޔަންއާއި ރަނީން އެތާ އެކަނިވިއެވެ. ރަނީންގެ ހިތްތެޅޭލެއް ބާރުކަމުން އެއަޑު އިޒްޔަންއަށް އިވޭނެކަމުގައި އޭނަ ހީކުރިއެވެ.

ކޮމެންޓް 0