އިޒްޔަން ބަލަބަލާހުއްޓާ އެ މޫނު ކަފަކޮޅެއްހާ ހުދުވެ އޮމާން މޫނުމަތީގައި ދާތިކިތައް ބަބުޅަންފެށިއެވެ. ފިނިފެންމަލެއްގެ ފިޔައިގާ ޝަބްނަމް ވާ ފަދައިންނެވެ. ނާޒުކް މަލެއްގެ ގޮތުގައި އެކުއްޖާ ސިފަކުރެވުނު ވަގުތެކެވެ. އެރީތި ދެލޮލުން ބަލާލުމާއިއެކު އެއްޗެކޭ ބުނަން އުޅުނެވެ. ރަނީން އަރިއަޅާލިތަން ފެނުމުން ހުޝިޔާރުކަމާއިއެކު ހިފެހެއްޓިއިރު އިޒްޔަން ހީކުރީ ރަނީންގެ ފުރާނަ ހުސްވީކަމުގައެވެ. ނުދެނެހުރިކަމަށް ހަދާނުލައިގެން އުޅުނަސް އެކުއްޖާ އޭނައަށްޓަކާ ވާވަރު އޭނައަށް ނުވިސްނެނީއެއް ނޫނެވެ. އެތޫނުފިލި ރީތި ދެލޮލުގައިވާ ލޯތްބާއި ކުލުނުގެ ސަބަބުން އިޒްޔަންގެ ހިތަށްވެސް ލޮޅުމެއް އަރާފައިވެއެވެ.

އިޒްޔަން ރަނީން އަތްދަނޑިމައްޗަށް އުފުލާލިތަން ފެނުނީ ކޮޓަރިން ނުކުންނަން އައި ޒޯޔާއަށެވެ. ބާރބީ ބުދެއްހެން އެބާރުގަދަ މުލައްދަނޑިމަތީގައި އޮތްއިރު ފިލްމެއްގެ މަންޒަރު ސިފަވިއެވެ. ޒޯޔާ އަވަހަށް އެމަންޒަރު ވީޑިއޯ ކުރިއެވެ. އިޒްޔަން ބާރަކަށްގޮސް ރަނީންގެ ކޮޓަރީގެ ދޮރު ހުޅުވާލާފައިވަންތަން ފެނިފައި ޒޯޔާގެ ހަށިގަނޑުގައި ހުޅުހިފާލިއެވެ.

"އެކުޑަ ކުޑަ ވިޗް، މަކަރުން އަހަރެންގެ އިޒް ޖަހައިގަންނަން އެބައުޅޭ، އަހަރެންގެ ސްޓޯރީ ކިޔާދިނީމަވެސް ފަހަތުން ނުފިލި، ހާދަ ނުލަފާކުއްޖެކޭ، އަދި އިޒްވެސް އުޅޭގޮތެއް ބަލާބަ، މީހަކާއި އިންނާށޭ ކިޔާފައިވެސް އެހެން އަންހެންކުދިންގެ ހިތް އުފާކޮށްދޭން، އަހަރެންވީމަ ދޯ ނުވަނީ، އެނގިދާނެ........." ޒޯޔާ ދެލޯ އަޅާލައިގެން ހުރެފައި ކޮޓަރިތެރެއަށް ދެމިގަތެވެ.

އިޒްޔަން ރަނީންގެ މޫނުގައި ފެން ލާން ފަށާއިރަށް ރަނީންގެ މޫނުގައިވާ ހުދުކަން ކެނޑެންފެށިއެވެ. ނަމަވެސް އެއަތްތިލަ ގަނޑުފެންގަނޑެއްހާ ފިންޏެވެ. ތެމިފައިވާ އެސްފިޔަތައް ލަސްލަހުން ހުޅުވާލިގޮތަށް އިޒްޔަންގެ ދެލޮލަށް ބަލަން އޮތްއިރު ކުޑަ ޕަރީއެއްފަދައެވެ.ރަނީންގެ މޫނުގައި އެ އަތުން ފެންލުމުން ލިބުނު އަރާމަކުން ރަނީންގެ ހަށިގަނޑަށް ކުރެވުނީ ފޮނި ފޮނި އިހުސާސެކެވެ. މަޑުމަޑު ކަފަކޮޅެއް ތެންމާލާފައި ފިރުމާލި ނަމަވެސް އެހާ އަރާމެއްނުވާނެއެވެ. އެ އިނގިލިތަކުގެ އެންމެ ބީހިލުމެއްވެސް ރަނީންގެ ހިތަކުން ނުފިލާނެއެވެ.

"ތޭންކް ގޯޑް، އެކަމަކު ކީއްވެތަ ފެއިންޓްވީ؟ އަބަދު ވާގޮތެއްތަ؟ " އިޒްޔަން ހަމަޖެހުމުގެ ނޭވާއެއްލަމުން ތެދުވެ ޖިންސްގެ ޖީބަށް އަތް ޖަހާލައިފިއެވެ.

"ނުކައި ރޯދައަށް ހުރެވުނީ..."

"ޖޫސްތަށްޓެއް ގެނެސްދެންތަ؟ " އިޒްޔަން ސުވާލުކުރިއެވެ.

"ނޫން...އައި.. އައިމް އޯކޭ......އައިމް ނޮޓް ވީކް......." ރަނީން ރަކިވާގޮތްވިއެވެ. އިޒްޔަންގެ ތޫނު ދެލޮލުގެ ސަބަބުން އޭނައަށް ރަގަޅަށް ވާހަކަ ދެއްކެނީއެއްނޫނެވެ.

"ފެއިންޓްވާއިރުވެސް ނޮޓް ވީކް ޔޯ، ދެން ތިވަރަކަށް މީހަކު ސްޓްރޯންގްވާނީ......."އިޒްޔަން ދާންވެގެން އެނބުރިލިއެވެ.

"އިޒް......" ރަނީންގެ ދުލުން އެނަން ކިޔުނީ ބޭއިޚުތިޔާރުގައެވެ. އިޒްޔަންގެ ފިޔަވަޅުތައް ހުއްޓުނެވެ.

"އެއްޗެކޭ ބުނަން ބޭނުންތަ؟ "އިޒްޔަން ބުމަ އަރުވާލަމުން އަހައިލިއެވެ. ރަނީން ބޯ ހޫރާލިއިރު އޭނަ އޮތީ ބާލީސް މޭގައި ޖައްސާލައިގެންނެވެ.

"ޓޭކް ކެއަރ އިނގޭ......." އިޒްޔަން އިތުރު އެއްޗެކޭ ބުނަން އުޅުނުހެން ހީވި ސިކުންތުކޮޅެއްވެސް ދިޔައެވެ. ނަމަވެސް އެވަގުތު ފޯނު ރިންގްވާންފެށުމުން ފޯނުނެގިގޮތަށް މިހުރެވުނު ތަނާއިމެދުވެސް ވިސްނާލެވުނެވެ. އެހެން މީހަކަށް ފެނިދާނެތީ އިޒްޔަންވެސް ބޭނުންވީ އަވަހަށް އެކޮޓަރިން ނުކުތުމަށެވެ. އެކުވެރިން ޕްލޭންކުރަނީ ކޮންކަމެއްކަން ނޭގުނަސް އޭނަ އަވަސް ފިޔަވަޅުތަކެއްގައި ނުކުމެގެން ދަމުން ވަށައިގެން ނަޒަރު ހިންގާލިއިރު އެއްވެސް މީހަކު ސިޓިންރޫމްގައި ނެތްކަން އެއީ ނަސީބެކެވެ. އެހެންނޫންނަމަ އެހެން މީހަކަށް ކުށްހީއެއް ކުރެވިދާނެއެވެ.

އެންމެން ރޯދަވީއްލަން މޭޒުދޮށަށް އެއްވިއިރު އިޒްޔަންއާއި ރަނީން އަންނާކަށް ނޫޅުނެވެ. ނާޒްލީއިޒްޔަންއަށް ގުޅުމުން ބުނީ އެކުވެރިންނާއިއެކު ރެސްޓޯރެންޓަކަށް ދިޔައީކަމުގައެވެ. ނާޒްލީ ދެން އުޅުނީ ރަނީންއަށް ވެގެން އުޅޭގޮތެއް ބެލުމަށެވެ. ރަނީންގެ ކޮޓަރީގެ ދޮރުގައި ޓަކިދީފައި އެތައްފަހަރު ގޮވިއެވެ. ޚަބަރެއްނުވިއެވެ.

"މިގަޑީގައި ފެންވަރަންވަނީ ކަމަށްވާނީ، އަޅާނުލާ...." އަޒީޒު އިނީ ހަމަޖެހިލާފައެވެ. ނާޒްލީފަދަ ރަގަޅު ދޮންމަންމައެއް ދަރިފުޅަށް ހޯދަދެވުނުކަމަށްޓަކާ އޭނަ އުފާކުރެއެވެ.

"އަޒީޒުއަށްވެސް އަމިއްލަ ދަރީގެ ހުރި ނުބައިކަމެއް ނޭގޭ، ކުޑަކޮށް ހުއްޓަސް އީވިލް އަންހެނެއް، ދެން ނާޒްލީވެސް އިޒްޔަންއަށް އެއޮތްކުރާ އިތުބާރެއް، ބޮޑުދޮގު ހަދާއިރުވެސް އެނގުމެއްނުވޭ، އެއޮތީ އަންހެނެއްގެ ކައިރިއަށް ވަދެފައި ގޯޑް ނޯ ވަޓް ދޭ އާރ ޑުއިން އެކަމަކު ރެސްޓޯރެންޓެއްގަޔޯ، މަންމައާއި މާމަވެސް ބޭނުންވަނީ މިހާރު އިޒް އެ ވިޗްއާއި ގުޅުވަންކަން އަހަންނަށް ޔަގީންވެއްޖެ، މާލެއިން ތަންކޮޅެއް ލިބެންޏާ ކާކު އެކަމަށް ނޭދޭނީ، އަދި އެހާ ރީތި ކުޑަކުޑަ މަންޖެއެއް ލިބެންޏާ ދެން ނަސީބު އަތުގައި ހިފީއެއްނު. އަހަރެން އުމުރު ހުސްވަންދެން އިންތިޒާރުގައި ހުއްޓަސް އޭނަގެ ހިތަކަށް އެއްޗެއް ނާރާނެ......" ޒޯޔާ ދަތްތަކަށް ބާރުލާފައި ހިތާހިތުން އެއްޗެހި ގޮވިއިރު އޭނަގެ ސިކުނޑިއަށް ފެންނަނީ އެހެން މަންޒަރެކެވެ. އެކޮޓަރީގެ ހަތަރުފާރުން އެތެރޭގައި އެދެމީހުން ގަންނަ ގަނޑެކެވެ. މި ރަމަޟާން ރޯދަމަހު ހެއްދެވިފަރާތް ދެކެ ބިރުވެސް ނުގަންނަނީ ހެއްޔެވެ؟ އޭނަގެ ހިތަށް ކުރާ ބާރު އިޒްޔަންއަށް ހަމަ ނޭގެނީ ހެއްޔެވެ؟ ޒޯޔާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އޭނަގެ މުޅި އުމުރު އެ ރަހުމް ކުޑަ ފިރިހެނާއަށްޓަކާ ހުސްކޮށްލާފައިވާއިރުވެސް އެނގުމެއްނުވެއެވެ. އިހަށްދުވަހު ފެނުނު ބީރައްޓެހި އަންހެންކުއްޖަކާއިއެކު މަޖާނަގާއިރު ރޯދަވީއްލާ ގަޑިޖެހުނުއިރުވެސް ރޭކާނުލިއެވެ.

ޒޯޔާގެ ހިތަށް އަރާ ފައިބަމުން ދިޔަ އެއްޗެހީގެ ސަބަބުން މާޔޫސްވެ ހިތް ފަޅައިގެން ދާވަރުވިއެވެ. އެންމެންގެ ކުރިމަތީގައި ރޮވި ބޭޒާރުވެދާނެތީ ޖޫސްތަށި ދަމާލާފައި ކޮޓަރިއަށްވަންގޮތަށް ވުޟޫކޮށްލައިގެން ނަމާދުކުރަންފެށިއެވެ. ނަމާދުގައި ހުރެވެސް ޒޯޔާގެ ސިކުނޑީގެ ލޯގަނޑަށް އަރަނީ އެދެމީހުންނެވެ. ދުވަހަކުވެސް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރެވުނު ހަނދާނެއް އޭނަ ނެތެވެ. ދުނިޔަވީ ކަމެއް ސިކުނޑީގައި އެނބުރި ހުރެ ކުރާ ނަމާދު ނަމާދަކަށް ނުވާނެކަމުގައި ނާޒްލީ އެވަރަށް ބުނާއިރުވެސް ނަމާދަކަށް ރައްކާތެރިއެއް ނުވެވެއެވެ. ނަމާދުކޮށް ނިމިގެން ރަނީންއަށް އެތައް ބަދު ދުޢާއެއް ކުރެވުނެވެ. ހެޑްސެޓްއަޅައިގެން އެނދަށް ވެއްޓިގެން އޮވެ ތުންފަތް ހަފާ ހަފާ ތުންފަތުން ލޭފައިބައިގަންނަހާވަރުވިއެވެ.

"މިގޮތަށް ހަސަދަލުމުން އަހަންނަށްވާނެ ފައިދާއެއް އޮތީއެއް ނޫން، އިޒްގެ ހިތްވެސް އަހަންނަކަށް ލަންބައެއް ނުލެވޭނެ، މިއީ އެހާ ރަގަޅުކަމެއްތަ؟ ގޯޑް ވިލް ޑިސައިޑެއްނު، އަހަންނަށް ކިހިނެއް ތަގުދީރާއި ފައިޓްކުރެވޭނީ، ޕުއަރ ނިންނި، އަހަރެން މިހާ ރުޅި އަންނާކަށް ނުވާނެ، ކެތްކުރާނީ. ނަސީބުގައި ލައްވާފައި ނުވާކަމެއް ގަދަކަމުން ނުހޯދޭނެ. މިހާ މާތް މައްސަރެއްގައި ތައުބާވެގެން ރަގަޅަށް އުޅުނީމަ ރަގަޅުގޮތެއްވާނީ..އިޒްއާއި އަހަރެންގެ މެރިޖް ހެވަން ގައި ލިޔުއްވާފައިވާނަމަ ދުނިޔޭގެ ކޮން ބާރަކަށް ހުއްޓުވޭނީ........." ޒޯޔާގެ ދެލޮލަށް ކަރުނަ ޖަމާވުމާއިއެކު ދެލޮލުން ކަރުނަ ފޮހެލަމުން ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުކުރަން އަމިއްލަ ނަފުސަށް ވަޢުދުވިއެވެ. ހިތަށް ކުޑަ ފިނިކަމެއް ލިބި ތުންފަތަށް ކުޑަ ހިނިތުންވުމެއްވެރިވިއެވެ.

ރަނީން ފެންވަރާލައިގެން ނުކުތްއިރު ތާޒާކަމުންނާއި ދުވާ މީރުވަހުން ސިޓިންރޫމްތެރެ އެއްވަސްކުރުވިއެވެ. އެފަންއިސްތަށިގަނޑު ތެތްކޮށް އޮތުމުން އެދޮންމޫނާއި ނިކަން ގުޅެއެވެ.

"ނިންނި ރޯދަ މަކުރޫހަ ވާހާ ގިނައިރުކޮށްލާފައި ތިނުކުތީ؟ "ނާޒްލީ އަވަހަށް ކަދުރުތަށި ދިއްކޮށްލިއެވެ.

"ވަރުބަލިވާން ހެދީމަ ފެންވަރާލީ، އިރުގަނޑެއްފަހުން ކާނީ، ވަރަށް ޓަޔަޑް......" ރަނީން ކުޑަ ހިނިތުންވުމަކާއިއެކު ބުނެލާފައި ދެތިން ކަދުރުއޮށާއިއެކު ޖޫސްތަށި ހިފައިގެން ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. އެކަކުވެސް ހުއްޓުވާކަށް ނޫޅުނެވެ. ރަނީންއަށް އައިސްފައިވާ ބޮޑު ބަދަލުތަކުގެ އަސްލަކީ ނާޒްލީކަމުގައި އަޒީޒު ހީކޮށްފައިވާއިރު ނާޒްލީވެސް ދެކެނީ އެގޮތަށެވެ. އެހެންވުމުގެ ސަބަބުން ރަނީންގެ ހިތާއި ހަމަޔަށް އެކަކަށްވެސް އޮތީ ނުފޯރިފައެވެ.

ވިލާތަކުގެ ތެރޭގައި ފީކޮއިކުޅެމުން ދާތަރިތަކަށް ބަލަހައްޓައިން ހުރިއިރު ނާޒްލީގެ ޚިޔާލުގައިވަނީ އެންމެ ފަރާތެކެވެ. އުޅެއުޅެ އެހިތް އެހެން ފަރާތަކަށް ލަންބާނުލެވުނަސް އޭނަ އިންތިހާއަށް ކެތްތެރިވެއެވެ. ފިރިމީހާއަށް ވަފާތެރިކަންމަތީގައި ދެމިހުންނަން އޭނަ ކުރާ މަސައްކަތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ނަމަވެސް ތަރިތައް ފިޔަޖަހާތަން ފެނިފައިވެސް މާޒީގެ ތެރެއަށް އިރުކޮޅަކަށް ނަމަވެސް ފީނައިގަންނަން މަޖުބޫރުވިއެވެ.

"ނާޒް، އެކަނިމާއެކަނި ކޮން ޚިޔާލެއްގައި؟ "އަޒީޒު ފަހަތުން އައިސް ބެލްކަނީގައި އަތް އަޅުވާލިއެވެ.

"ކުދިންގެ ކަންތަކާއިމެދުވެސް ދެން ވިސްނޭނެތާ. ރަނީންވެސް އެހެރީ ހިތްހަމަނުޖެހިފައި. އަދި އިޒްޔަންވެސް ކިޔެވުން ހުއްޓާލީ . އެވެސް އެންމެ ފަހު އަހަރުގައި......"ނާޒްލީ މަޑުމައިތިރިގޮތަކަށް ބުނެލިއެވެ.

"އެއީ އެހާ ވިސްނަންވީކަމެއް ނޫން، އަހަރެމެން ކުދިންނަށް ރަގަޅުމަގު ދައްކަން ތިބިބަޔަކީ، ކުދިން ބުނާގޮތަށް ހެދުމުން އެކުދިންގެ މުސްތަގުބަލް އުޖާލާވާނެ، އަހަރެން ދުވަހަކުވެސް ނާޒްކައިރިން ނުކުރާ ސުވާލެއްކުރަން ބޭނުން، އިޒްޔަންގެ ބައްޕައަކީ ކާކުތަ؟ އެމާގެ ބައްޕައެއް ނޫން ދޯ....." އަޒީޒުގެ ސުވާލުން ނާޒްލީގެ މޫނަށް ވެރިވެގެން ދިޔަ ކުލަވަރުން އަޒީޒުއަށް ކިތަންމެ އެއްޗެއް ވިސްނުނެވެ.

"އަޒީޒު، އެވާހަކަ ނާހަފާނަންތަ؟ އިޒްޔަންއަށްވެސް އަހަރެން ބުނެނުދޭ އެކަނި ވާހަކައަކީ އެއީ....." ނާޒްލީ އެނބުރުނީ އަނެއް ފަރާތަށެވެ.

"އިޒްޔަންގެ ބައްޕައަކީ ނުލަފާމީހެއްކަން ޔަގީން، އޭނަ ނާޒް ދިރިއުޅުމުން ބޭރުކޮށްލީދޯ..." އަޒީޒު ނާޒްލީ ގަޔާއި ކައިރިކޮށްލިއެވެ. ޚަރަދުކުޑަކުރަންވެގެން ރޭގަނޑުވުމަށްފަހު ބޮކިތައް ނިވަން އާދަކޮށްފައިވާތީ ބެލްކަނިވެސް އޮތީ އަނދިރިކޮށެވެ. ހުރިހާ ބިލްތަކަށް ފައިސާ ދައްކަން ޖެހެނީ އެކަނި އަޒީޒުކަމުން އެކަމާއި ނާޒްލީ ކިތަންމެ ވަރަކަށްވެސް ވިސްނައެވެ. ދަރިފުޅު ކިޔަވާ ނިމިގެން ވަޒީފާއަކަށް ދާން ފަށާ ދުވަހަކަށްވެސް އިންތިޒާރުކުރެވޭ އެންމެ ބޮޑު ސަބަބަކީ އެއީއެވެ.

އެހިސާބާއި އަރާހަމަވި ރަނީންއަށް ކުޑަ ސިހުމެއްލިބުނެވެ. އޭނަ އަވަހަށް ފަހަތަށް ޖެހިލިއެވެ. އެއީ ރަނީން މިވީހާތަނަށް ފަހަރެއްގައިވެސް ވިސްނާލާފައިވާކަމެއް ނޫނެވެ. އިޒްޔަންގެ ބައްޕައަކީ ކާކުހެއްޔެވެ؟ އެއީ އެހާ ނުލަފާ މީހަކީ ހެއްޔެވެ؟ އެމީހަކު މި މާލޭގައި އެބައުޅޭހެއްޔެވެ؟ ފަހަރެއްގައި އެއީ ހަމަ މަތީ މަގާމެއްގައި ހުރި މީހަކަށްވުންވެސް އެކަށީގެންވެއެވެ. "ޑިޓެކްޓިވް" އަކަށްވެގެން އިޒްޔަންގެ ބައްޕަ ހޯދުމުގެ މަސައްކަތް ފަށައިގަންނަންވީ އެވެ. ދޮންމަންމަވެސް އެހާ ފޮރުވަން އުޅެންޏާ އޭނަވެސް ބަލާ ހިތްވާނެތާއެވެ. އިޒްޔަންގެ ކޮންމެ ކަމަކަށް އޭނަގެ ހިތް ދެވެނީ މާ ބޮޑަށެވެ.

އިޒްޔަން ހެނދުނު ހޭލާގޮތަށް ގިނަވަގުތު ހޭދަކުރަނީ ވަޒީފާއެއް ލިބުމަށް ކުރާ މަސައްކަތުގައެވެ. އެކަމުގައި އުޅެން ހަދައިގެން ނަތާލީގެ މަތިން ހަނދާން ކުރާނެ ވަގުތެއް ނުލިބެއެވެ. މެންދުރު މަންމައަށް މާރުކޭޓުން ބޭނުންވާ އެއްޗެހި ގަނެދީ ބަދިގޭގެ މަސައްކަތުގައި ބައިވެރިދީހަދައެވެ. މަސްގަނެދީ ހަދަނީވެސް އިޒްޔަންއެވެ. އިޒްޔަންގެ ހީވާގިކަމުން އެންމެ ބޮޑު ފަސޭހައެއް ލިބުނީ އަޒީޒުއަށެވެ.އޭރު އެމާ އުޅެނީ ތަންކޮޅެއް ބަލިކޮށެވެ. ދޭތެރެއިން ހުން އައުމާއި ވަރުބަލިވަނީއޭ ކިޔާފައި އެނދުން ނުތެދުވެ އޮތުން ގިނަވާންފެށިއެވެ. ނާޒްލީ ހީކުރީ އެމާވެސް ޓީވީ ނުފެންނާތީ މާބޮޑަށް ފޫހިވަނީ ކަމުގައެވެ. އެއީ އެހާވެސް ކާޓޫނުބަލަން ވަރު ހުންނަ ކުއްޖެކެވެ.

މާހިރާ ބަލިވެއުޅޭތީ އޭނައަށް ޒިޔާރަތްކުރަން އަޒީޒުގެ ދެމަފިރިން ދިޔައިރު މާމަ އެހާ ބަލިކޮށް އުޅެމުންވެސް ދާން ބޭނުންވިއެވެ. އިޒްޔަންއާއި އަންހެންކުދިން ކޮޅު ބަލަން ހަވާލުކޮށްފައި ދިޔައިރު ރަނީން އިނީ ލޯބީގެ ވާހަކަފޮތެއް ހިފައިގެން ކިޔަން ސޯފާގައެވެ. އެއީވެސް ނާޒްލީ ހިތްހަމަނުޖެހޭނެކަން އެގޭތީ ދައްކަންވެގެން ރަނީން ކުރި ކަމެކެވެ. އެވަރުންވެސް އެފޮތް ބާއްވާށެކޭ ނުބުނެ ނާޒްލީ ދިޔައީއެވެ.މަންމަމެން އަންނަންވާއިރަށް މޮކްޓެއިލް ހަދާފައި މޭޒުމަތި ތައްޔާރުކޮށްލަން އިޒްޔަން ނިންމިއެވެ. ކަރާ އާފަލު އަދި ސްޓްރޯބެރީއިން ޖޫހެއް ތައްޔާރުކުރުމުގައި އޭނަ އަވަދިނެތި އުޅުނުއިރު ކައުންޓަރުމަތީގައި ރެސިޕީފޮތެއް ހުޅުވާލާފައި އޮތެވެ. އެމާ ސްޓްރޯބެރީއެއްގެ ރަހަ ބަލާލާފައި ފްރިޖު ހުޅުވާލައިގެން ނެގި ޖޫސްޕެކެޓެއްގައި އަނގަ ޖެހިއެވެ.

"ޗީ ކޮންހާ ހަޑިއެއް ތިހާވަނީ؟ އެހެން މީހަކަށްވެސް ދެން ތި ޕެކެޓުން ނުބޮވޭނެއްނު......."ޒޯޔާ ދޮރުމައްޗަށް ނުކުމެފައި ކިޔާލިއެވެ. އެމާ މާފަށް އެދިފައި ބިއްލޫރިތަށްޓެއް ނެގިއެވެ.

"އެމީ ރޯދަނުހިފީ ކީއްވެތަ؟" އިޒްޔަން އަހާލައިފިއެވެ.

"އައި ފީލް ސިކް، ހެނދުނު ހޮޑުލެވުނީ....." އެމާގެ މޫނުމަތި ހުދުކަން އެވަގުތު އިޒްޔަން ފާހަގަކުރިއެވެ.

"ފޭކް ވާންވެގެން އެމީ ދޮގުހެދީ، ހޮޑެއްވެސް ނޫން ލެވުނީ....." ޒޯޔާ އަނގަޔަށް ވައްތަރެއް ޖައްސާލާފައި އައިސް ގަނޑުފެންގަނޑެއް އަނގަޔަށް ލިއެވެ.

"ޒޯ ދެން ޖޭވަނީ ހަމަ...." އެމާ ދޫނެރެލިއެވެ.

"ޝަޓަޕް ތުއިކުއްޖާ ގަނޑާ. ފޮނިވިޔަސް ތަންކޮޅެއް ބޮޑުވަރު......" ޒޯޔާ އިޒްޔަންއާއި ދިމާލަށް ނުސީދާކޮށް ބުނެލިއެވެ.

"ދޮންބެ......." އެމާ ކުއްލިއަކަށް ހީވީ ބިރެއް ފެނިގެން ރޮއިގަތްހެންނެވެ. އިޒްޔަން ބަލައިލިއިރު އެމާގެ ނޭފަތުން ލޭ ފައިބައިގަތީއެވެ. އެމާ ކުޑަ ދެއަތްތިލައިން ނޭފަތުގައި ހިފަހައްޓައިގެން ހުރިއިރު އެމޫނަށްވަނީ ހުދު ކުލަ އަރާފައެވެ. އިޒްޔަން ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ދުވެފައި އައިސް އެމާއަށް އެހީވާން އުޅުނުއިރު ޒޯޔާ ޖެހިލީ ދުރަށެވެ.

"ވަޓް ހެޕެންޑް....." އިޒްޔަން ޓިޝޫތަކެއް ނަގާފައި އެމާގެ މޫނު ސާފުކޮށްލަދޭންފެށިއެވެ.

"ނޯޒްޕިކް ކުރީމަ ވެސެލް އެއް ފަޅައިގެން ދިޔައީކަމަށްވާނީ. ވަރަށް ޔަކީ......." ޒޯޔާ އެގޮތަށް ޔަގީންކޮށްފައި އެމާއަށް ބަލަން ހުރީ ނުރުހުމުގެ ނަޒަރަކުންނެވެ.

"އެއްޗެހި ގޮވަން ނަހަދާ ފްލޯރ ސާފުކުރިއްޔާ ކީއްތަވާނީ..." އިޒްޔަން ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"ނުވާނެ ތިކަމެއް. ބްލަޑް ފެނުނީމަ ފެއިންޓްވާގޮތް ވެއްޖެ. ސޮރީ........" ޒޯޔާ ވައިރޯޅިއެއްހާ ބާރުމިނުގައި ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާލިގޮތަކުން ގެވެސް ގުގުމައިގެން ދިޔައެވެ. މިފަދަ ވަގުތެއްގައި ޒޯޔާ އެއްވެސް އެހީއެއް ނުވީތީ އިޒްޔަން އިންތިހާއަށް ފޫހިވިއެވެ. ޒޯޔާގެ އުޅުން އެހެރީ ކޮންގޮތަކަށްހެއްޔެވެ؟ އެވައްތަރު އަންހެންކުދިން އޭނައަކަށް ކަމަކުނުދެއެވެ. މާމަ އެވަރުންވެސް އޭނަ ކައިރީގައި ޒޯޔާއާއި އިންނަން ބުނާނެއެވެ. ރީތިކަމަށް ބަލާފައި މީހަކާއި އިންނަން ވެއްޖެއްޔާ ދުނިޔޭގައި އެތައް ހާހެއް އެބައުޅެއެވެ. އިޒްޔަން އެމާގެ ނޭފަތުގައި ގަނޑުފެން އަޅާލަދިނެވެ. ގެންގޮސް ސޯފާގައި ބައިންދާފައި އޭނަ ތެތް ފޮތިގަނޑަކުން ބިންމަތި ސާފުކުރަންފެށިއެވެ. އެމާ އިނީ ހިމޭންވެފައެވެ. ރަނީން ފޮތަށް ގެއްލިފައި ކަމަށް ހެދިގެން އިނަސް އޭނަ އިނީ އެމާ ބަލިވުމުން ކަންބޮޑުވެފައެވެ.

"މަންމަމެން އަންނަނީ ކޮންއިރަކުންތަ؟ " އެމާ ވަރުދެރަގޮތަކަށް އަހާލައިފިއެވެ.

"އަންނާނެ އިރުކޮޅަކުން، މިހާރު އޯކޭ ދޯ ދޫނި...." އިޒްޔަންތިންވައްތަރު މޭވާ ކޮށާފައި ހުރި ތަށްޓެއް ގެނެސް އެމާގެ އަތަށް ދިއްކޮށްލަމުން ކާން އެދުނެވެ. އިޒްޔަން އެމާ ބަލިވުމުން އެހީތެރިވި ގޮތާއި ވާހަކަދައްކާލެއް އޯގާތެރިކަމާއިމެދު ރަނީން ވިސްނިއެވެ. އަމިއްލަ ދަރިން ލިބުނީމަވެސް ވަރަށް އަޅާލާނެތާއެވެ. ކޮއްކޮއަކަށް އަޅާލާ މީހަކު ދަރިންނަށް ވަކިން ހެޔޮވާނެއެވެ. ލޯބިވާ މީހެއްގެ ފަރާތުން ދެކެން ބޭނުންވާ ހުރިހާ ސިފަތަކެއް އެބަހުއްޓެވެ. ސިއްރު ނަޒަރަކުން އިޒްޔަން އަށް ބަލައިލެވުނު ޢަދަދެއްވެސް ނޭގެއެވެ. ފަހަތުން ފެންނައިރުވެސް އެ ހަށިގަނޑު ހާދަ ރީއްޗޭ ހިތަށް އެރިއެވެ.އެމާ އެކި ވާހަކަ ދައްކަން ފެށުމުން އެކުއްޖާއަށް ސަމާލުކަން ދޭން ރަނީންއަށް ޖެހުނެވެ. އެމާ ކިޔާދޭންފެށީ ވަންފިޝް ކިޔާ ކާޓޫނެއްގެ ވާހަކައެވެ. އެއުމުރުގެ ކުއްޖަކަށްވިޔަސް ވާހަކަ ލިޔުމުގެ ޝައުގު އިންތިހާއެވެ. އެންމެ ދެކޭހިތްވާ ދުވަހަކީ އިޒްޔަންގެ ކައިވެނި ޕާޓީގައި ފްލާވަރގާލްއަކަށް ހުންނާނެ ދުވަސްކަމުގައި ބުނުމުން ރަނީންގެ ހިތް ތެޅިގަތްލެއް ބާރުކަމުން މޭގައި ކުޝަން ޖައްސާ ބާރުކޮށްލެވިއްޖެއެވެ.

އެވަގުތު ޒޯޔާވެސް މޫނުދޮވެލާ ހަދައިގެން އައިސް ސޯފާގައި ބުރަކަށި ޖައްސާލައިގެން ރަގްމަތީގައި އިށީދެ ހީހީފައި ވާހަކަ ދައްކަން ފެށިއެވެ. ޒޯޔާއަކީ ބައިޕޯލާ މީހެކޭ ރަނީންގެ ހިތަށް އެރިއެވެ. އެއްފަހަރު މޫޑު ސަކަރާތްވެފައި ހުރެއްޖެއްޔާ އަނެއް ފަހަރު އިންނަނީ މަޖާވެ އެހެންމީހެއް ފަދައިންނެވެ. އިންސާނާގެ މިޒާޖު ދުވަހަކު ދަހެއްނުވާނެއެވެ. އިޒްޔަން ޖޫސް ހަދާ ނިންމާލާފައި ކޮޓަރިއަށް ވަނުމުން ޒޯޔާ ފެށީ އިޒްޔަންގެ ވާހަކަ ދައްކާށެވެ. އިޒްޔަންގެ ފޮނިކަމުގެ ވާހަކައެވެ. މީހަކާއި އިންނަން އުޅޭތީ މާ ފޮނިވެގެން އެމީހުންނާއި ކުރިން އެޖަހާލާ ސަކަރާތް ނުޖަހާ ވާހަކައެވެ. އެހެން އުޅުނަސް އާއިލީ ވީމަ ރުޅިވެގެން އިރުކޮޅަކަށްވެސް ހުންނަން ޒޯޔާއަށް އުދަގޫވާކަމުގައެވެ. އެމީހުން ވާހަކައިގާ ތިއްބާ އިޒްޔަން ފެންވަރާ ތާޒާވެލައިގެން ނުކުމެގެން އައިއިރު ފެޝަން ޗެނެލްއަކުން ފުންމާލި ތަރިއެއްފަދައެވެ. ކަޅުފެހި ޓީޝާޓާއިއެކު ނޫ ޖިންސްގައި ހުރިއިރު ދެ އަންހެންކުދިންގެ ހިތާއި ކުޅެލިއެވެ. ދެކުދިންގެ ބަސް ހުއްޓި ހިމޭންވިއެވެ.

"މަންމަ ގުޅާފައި އެއްޗެކޭ ނުބުނޭތަ؟ "ވަކި މީހަކަށް އަމާޒުކުރުމެއްނެތި އިޒްޔަން އަހާލިއެވެ.

"ނުބުނޭ.....ދޮންބެ ތަނަކަށްދާން ރެޑީވެގެންތަ؟ ވަރަށް ބޯރޑްވާނެ ދޮންބެ ނެތީމަ..... "އެމާ އަހާލައިފިއެވެ. އިޒްޔަން އެމާގެ އިސްތަށިގަނޑުގައި ފިރުމާލާފައި ނިކަން ލޯބިން ވާހަކަދައްކާލާފައި ޒޯޔާއަށް ބަލައިލިއެވެ. ޒޯޔާގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. ރަނީން އިނީ ނިޔަފަތާއި ކުޅެކުޅެއެވެ. ބޮޑުކުއްޖަކަށްވާން އުޅުނަސް އިޒްޔަންއަށް ރަނީންގެ ފަރާތުން ފެންނަނީ އެމާގެ ސިފަތަކެވެ.

"ވިޝާމް މަންމަ ތަންކޮޅެއް ސިކްވެގެން ފަހުންނޯ މަންމަމެންނަށް އާދެވޭނީ، ދެން ހުރިހާ ކުދިން ފެންވަރާލައިގެން ރޯދަވީއްލަން އާދޭ....." އިޒްޔަންގެ ޖުމްލައިން ޒޯޔާ ލޮލަށް ވައްތަރެއް ޖައްސާލިއެވެ. ރަނީންވެސް ހިނިއައެވެ. މަންމަ ނެތީމަ އިޒްޔަން "ބޮސް" ހެދެނީއެވެ. އެރޭ އެކަކުވެސް ތަރާވީހަކަށް ނުދިޔައެވެ. ނުވައެއްޖަހަންވާއިރަށް އިޒްޔަން ބޭރަށް ގޮސްފައި އައީ ޗޮކްލެޓް ކޭކަކާއި ޕިއްޒާއެއްހިފައިގެންނެވެ. އެމާއަށް ލިބުނު ސަޕްރައިޒަކަށްވިއެވެ. އޭނަގެ އުފަން ދުވަސް އެކަކުވެސް ހަނދާންނެތްކަމަށް ހީކޮށް ދެރަވެފައި ހުއްޓާ ދޮންބެ އުފަންދުވަސް ފާހަގަކޮށްދިނީއެވެ. ކޭކެއް ފެޅުމުގެ ފުރުސަތުވެސް ލިބުނީއެވެ. ރަނީން އުޅުނީ ފޮޓޯނެގުމުގައެވެ. ހަތަރުކުދިން އެކީގައި އެމާގެ އުފަންދުވަސް ފާހަގަކޮށްފައި އިޒްޔަން ދިން ޕާރުސަލް ކަނޑާލާފައި އެމާ އުފަލުން ހަޅޭއްލަވައިގެންފާ އިޒްޔަންގެ ގައިގާ ހިފައިގަތްއިރު ބަލިކަން ހަނދާނެއްނެތެވެ.

އިޒްޔަން ޕާކްގެ ހިލަ ގޮނޑިއެއްގައި އިށީދެލައިގެން އިންއިރު ގަހުގެ ފަތްތައް އުދުހެމުންދާ މަންޒަރުން ހަނދާންވީ ޔޫކޭގައި އުޅުނު ދުވަސްތަކެވެ. މިހާރު ޚަރީފު މޫސުމުމުގެ ކުލަތައް ޔޫކޭއިން ފެންނަން ފަށަން މާ ގިނަ ދުވަސްތަކެއްނެތެވެ. އެތަނުގައި މާ ބޮޑު ހަނދާންތަކެއް ނެތަސް ކިޔެވުމުގެ އެންމެ ފަހު އަހަރު ގެއްލުވާލާކަށް އޭނަވެސް ނޭދެއެވެ. ނަމަވެސް ދާނީ ކިހިނެއް ހެއްޔެވެ؟ ނަތާލީއާއި އޭނަ ރައްޓެހިވެގެން އުޅެނީ އެކަނި ފައިސާއަށްޓަކައިބާވައޭ ހިތާ ސުވާލު ކުރަން ޖެހުނެވެ. އޭނަގެ ޒުވާންކަން ފުރިހަމަވެގެން އައިއިރު ލޯބި ދިން ފަރާތަކީ ނަތާލީއެވެ. ވީއިރު މިއަދު ނަތާލީ ހަޔާތުން ބޭރުކޮށްލުމަކީ ރަގަޅު ގޮތެއް ހެއްޔެވެ؟ ނަތާލީގެ ޚިޔާލުގައި އިންދާ ފޯނެއް އައުމުން އިޒްޔަން ނެގިއެވެ.

"ގޯޑް، ކިހިނެއްވެފައޭ؟ " އިޒްޔަން ލަސްލަހުން ތެދުވެގެން ހިނގައިގަތްއިރު އޭނަގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން ފެނުނެވެ.

ކޮމެންޓް 0