"ނިންނިއާއި ލިއޯންގެ ކުޅިގަނޑު، މަގޭ ހިތަށް އަރާ އޭނަ ކޮންކަމެއްގެ ބަދަލުބާވައޭ ނިންނިގެ ފަރާތުން ހިފަން އެއުޅެނީ؟ ފިރިހެނަކު ކުރަން މާ ރީތިކަމެއް ނޫން، ޢާއްމުކޮށް މޮޔަ އަންހެންކުދިން ކުރާ ޒާތުގެ ކަމެއް ދޯ. ރިއަލް ފިރިހެނަކު ދެން އެކަހަލަ ކަންތައް އެފްބީއަކު ނުކުރާނެ، ނިންނި އެހާ ގަމާރު މީހަކާއި ގުޅުމެއް ބޭއްވިކަން ރަގަޅެއްނު، އަދި ދެން މަގޭ ފެވެރިޓް ކެރެކްޓަރގެ ނަން ނަގައިގެން އުޅޭތީ ފޫހިވެގެން ހަލާކުވާވަރުވޭ............" ޒޯޔާ ހީހީފައި ކިޔާލިއެވެ.

ކުއްލިއަކަށް ބޯ ވާރޭގެ އަޑުވެސް ކަނޑުވާލާހާ ތޫނުކޮށް މީހަކު ހަޅޭއްލަވައިގަތުމުން ޒޯޔާއާއި ރަނީންއަށް ބޭއިޚުތިޔާރުގައި ދުއްވައިގަނެވުނީ އެދިމާލަށެވެ. އެމާވެސް ދެލޯ ބޮޑުކޮށްގެން ނުކުމެ ދޮރަށް ލެނގިލިއިރު އެމޫނު ހުދު ކަފަކޮޅަކަށްވެއްޖެއެވެ. މާމަ އޭރުވެސް ކޮންމެވެސް އެކަކަށް ގޮވާލަ ގޮވާލާ އިނެވެ.

ރަނީން ބައްޕާއޭ ކިޔާފައި އެތާ ބިންމައްޗަށް ތިރިވެ އަޒީޒުގެ އަތުގައި ހިފާލިއިރު އަޒީޒުވަނީ ދަލުން ފެންވެރިފައެވެ. ވޭނެއްގައި އުޅެމުންދާކަން މޫނަށް ބަލާލުމުން ހެކިދެއެވެ. ހިތްވަރުގަދަކަމުން އަނގައިން އަޑެއް ލައްވާނުލި ނަމަވެސް އޭނަގެ ޙާލު ރަގަޅުނޫންކަން ކަމާއި އެޖެހުނީ ހާޓްއެޓޭކެއްކަން ޔަގީންވެފައި ނާޒްލީ އިނީ ގަނޑުވެފައެވެ. ދެލޯ ކަރުނުން ތެމިފައެވެ. އެފަދަ ވަގުތެއްގައި ހަދަންވީގޮތެއް ނުވިސްނިފައެވެ. ޒޯޔާ އެމްބިއުލެންސަށް ގުޅާފައި ދުމެއްޖެހިހެން ގޮސް ދޮރުހުޅުވާފައި އެހެން ލާފައި ދިޔަމީހަކަށް އެހީއަށް އެދި ގޮވިއެވެ. އެ ޒުވާނާ ދުވެފައި އައިސް އަޒީޒުގެ މޭމަތީގައި ތަޅައިގަތުމުން ކޮންމެވެސް ވަރަކަށް ދެލޯ ހުޅުވާލާފައި ރަނީންގެ އަތަށް ބާރުކޮށްލިއެވެ.

"ނާޒް، މަގޭ....ދަރި....ފުޅު ބަލާދެއްޗޭ......." އަޒީޒުއަށް ބުނެވުނެވެ.

މާގިނައިރުތަކެއް ނުވަނީސް އެމްބިއުލެންސްގައި އަޒީޒު ހޮސްޕިޓަލަށް ގެންދެވި އައިސީޔޫގައި އެޑްމިޓްކުރެވުނެވެ. ނަސީބު ދެރަކަމުން ދެވަނަފަހަރަށް ހާޓްއެޓޭކެއް ޖެހުމުން ހާލު ހައްތާ ދަށަށް ދާންފެށީއެވެ. ޑޮކްޓަރުންގެ ފަރާތުން އަޒީޒުގެ ޙާލު ސީރިޔަސްކަން އޮޅުން ފިލުމުން ކޮރިޑޯގައިތިބި އެންމެންގެ ރުއިމުގެ އަޑު އެތާ ހަރުލިއެވެ. ނުރޮއި ބުދެއްހެން ގާވެފައި ރަނީން ހުރީ އެންމެންގެ ލޯތަކުން ފައިބާ ކަރުނަ ދެކޭށެވެ. ބައްޕަގެ ޙާލު ސީރިޔަސްވިޔަސް އޭނަ އުއްމީދު ކަނޑައެއް ނުލިއެވެ. އެހާ ފިނޑިކުއްޖަކަށް އޭނަ ނުވާނެއެވެ.

ބައްޕައަށް ހާޓްއެޓޭކެއް ޖެހުނު ސަބަބު ރަނީންއަށް ވިސްނުނީ އެކުވެރިއަކު ގުޅާފައި ވީގޮތް ކިޔާދިނީމައެވެ. ރަނީންގެ ބައްޕަމެން ސްކޫލަށް ގެންގޮސް ފޭސްބުކްގައިވާ ސްޓޭޓަސްގެ ވާހަކަ ކިޔާދިނީއެވެ. އޭނަ ކުރީ ކުށެކެވެ. ފާފައެކެވެ. ހިތާމައަކީ އިޒްޔަން އޭނަގެ ކުށް ބޭޒާރުކޮށްލީމައެވެ. އެކަމުގެ ސަޒާ ލިބުނީ ކޮންފަދަ ހިތްދަތިކޮށް ހެއްޔެވެ؟ ބައްޕަގެ ކަންފަތަށް އެ ޚަބަރު އިވުމުން ބައްޕައަށް ކެތްނުވީއެވެ. ރަނީންއަށް އޭރު ނޭގުނީ އޭނަގެ ބައްޕަ އެވާހަކަ ގަބޫލު ނުކުރިކަމެވެ. ދަރިފުޅާއި އެއްބައިވެ އެތަނުގެ ވެރިންނާއި އޭނަ އަރައިރުންވިކަމެވެ. ބައެއް ކަންތައް ސިއްރު ވެގެން ދިޔައީއެވެ. ހަގީގަތް ފޮރުވުނީއެވެ. އަޒީޒު ގަބޫލުކުރިގޮތުން ބަޔަކު ކުށެއްނެތް ދަރިފުޅުގެ އަގު ވައްޓާލަން ދޮގުތަކެއް ހެދީއެވެ.

"އިރާދަކުރެއްވިއްޔާ ބައްޕައަށް ރަގަޅުވާނެ، އޭރަށް ބައްޕަގެ ކައިރިން މާފަށް އެދޭނަން، ބައްޕަ އެހެރީ އަހަރެންދެކެ ވަރަށް ރުޅިއައިސްފަކަން ނޭގޭ، ކިހާ ދެރަ..ބައްޕަގެ ކައިރިން މާފަށް އެދޭނެ ވަގުތެއް ލިބޭނެ އިރާދަކުރެއްވިއްޔާ..........." ރަނީން ތިރީ ތުންފަތުގައި ދަތް އަޅައިގަތެވެ. ކަންތައް ހިނގީ ރަނީން އުއްމީދު ކުރިފަދައަކުން ނޫނެވެ. އޭނަގެ ބައްޕަގެ އަޖަލު ޖެހިފައިވާކަމުން ދުނިޔޭގެ އެއްވެސް ބާރަކަށް އޭނަ ސަލާމަތެއް ނުކުރެވުނެވެ. ލިބުނު ފުން ހިތާމައަށް ކެތްނުކުރެވިގެން އޭނަ ދުނިޔެ ދޫކޮށް ދިޔައީއެވެ.

އަޒީޒުގެ ކުއްލި މަރުގެ ސަބަބުން އޭނަ ދަންނަހާ ބަޔަކު ފުން ހިތާމައެއްގެ ތެރެއަށް ވައްޓާލިއެވެ. އަޒީޒުގެ ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންދިޔައިރު ރަނީން އިނީ ގޭގައެވެ. ކޮޓަރީގައެވެ. އާއިލާގެ މީހުން ތަޢުޒިޔާކިޔަން އައިސްފާ ރަނީންގެ ގައިގާ ފިރުމާލާނެއެވެ. ވާހަކަދައްކާލާ ހިތްވަރުދޭނެއެވެ. ބޮލުގައި އަތް ބީއްސާލާނެއެވެ. ރަނީން އިނީ ބުދެއްހެން ހިމޭނުންނެވެ. ބައްޕަގެ ކުއްލި ވަކިވުން ގަބޫލުނުކުރެވިފައެވެ. އަދިވެސް ހީވަނީ ބައްޕަ ހިނިތުންވެލާފައި ކޮޓަރިއަށް ވަދެފާނެހެންނެވެ. ބައްޕަގެ އަޑު ގޭގެ ހަތަރުފާރުގައި ގުގުމާފައިވާހެންނެވެ. ރަނީންއާއި ކިތަންމެ ވަރަކަށް ސުވާލުކުރިޔަސް އޭނަ އަނގަޔަކުން ނުބުންޏެވެ. އެލޮލުން އެންމެ ކަރުނަތިއްކެއްވެސް ވައްޓާނުލުމުން އޭނަގެ ހިތްވަރާއިމެދު އެންމެން ޙައިރާންވެ އަންތަރީސްވިއެވެ.

ވެހެމުން ދިޔަ ބޯ ވާރޭގައި އަޒީޒު ވަޅުލާފައި އެންމެން ގެއަށް އައުމަށްފަހު ނާޒްލީ ވަނީ ކޮޓަރިއަށެވެ. އެނދުން ތެދުވާނެ ހިތްވަރެއް ނެތި އޭނަ އޮތީ ކޮޓަރީގައެވެ. މާމަގެ ކަންތައްތަކުގައި އަޅާލަން ޢާއިލާގެ ދެމީހަކު މަޑުކޮށްލިއިރު ޒޯޔާ އޮތީ ފޯނު ހިފައިގެން ސޯފާއަށް އަރާފައެވެ.

"ދެން ވަރަށް ބިރުގަނޭ، އަހަރެން ބޭނުމީ އެހެން ގެއަކަށް ދާން، މަރުވާ މީހުންގެ ރޫޙު ގޭތެރޭގައި ނޫޅޭނެތަ؟ "ޒޯޔާ ވައިބަރކޮށްލިއެވެ.

"ފުލޯކު ވާހަކަތައް ގަބޫލުކުރަނީތަ ޒޯ. ފިލްމުން ތިކަހަލަ ތާކުން ތާކު ނުޖެހޭ ކަންތައް ދައްކާ، އަހަރެން އެކަންތަކަށް އީމާނެއް ނުވަން، މަރުވީމަ އެނބުރި ދުނިޔެއަކަށް ނާންނާނެ......." ދާނަޝް ލިޔުނެވެ.

"އަހަންނަށް ތިގޭގައި ހުރެވިދާނެތަ؟ ނިންނިވެސް ގެންދާނަމޭ....... " ޒޯޔާ ބުނެލިއެވެ.

"މަގޭ ކައިރީގައި އޮންނަން އެކުއްޖާއަށް ކެރޭނެ؟ ވިއްސާރަ ރެއަކަށް ވީމަ ބައިވެރިޔަކަށް ބޭނުންވެފައި މިއޮތީ...." ދާނަޝް ސަމާސާކޮށްލުމުން ޒޯޔާގެ ކައިރިއަށް ހިނި އައެވެ.

"މިރޭ މާން ނެތީތަ؟ މާ އެކަނިވެގެން ތިއުޅެނީ....." ޒޯޔާ ދިމާކޮށްލިއެވެ.

"ތިހުރިހާ އެއްޗެއް ނުކިޔަސް ގެންނަން ބޭނުންނުވަންޏާ ނުވާނެއޭ ބުނެބަލަ....." ދާނަޝް ޖަވާބު ދިނެވެ./

"އަހަރެން އޮޅުވައެއްނުލާނަން، ޝީޒް ނޮޓް ދެޓް ޓައިޕް އިނގޭ، މެރީނުކޮށް އެއްވެސް ގޯސްކަމެއް ނުކުރާނެ. ވަރަށް ޑިފިކަލްޓްވާނެ އެކުއްޖާ ލައްވާ އެކަހަލަ ކަމެއްކުރުވަން، އަދި އަހަރެން ކިހިނެއް ދާނަޝްއަށް އިތުބާރުކުރާނީ؟ ކިހިނެއް ޔަގީންކުރާނީ އެކުއްޖާ ތިރޫމާއި ހަމަޔަށް ގެނެސްދިނީމަ އަތްނުލާ ހުންނާނެކަން، އަހަރެން ބޭނުމީ ދާނަޝް ނިންނިއާއި މެރީކުރުން، ވާނެތަ..........." ޒޯޔާ އަވަހަށް ލިޔެލިއެވެ.

"އެ ގާލް ދެކެ ލޯބިވާތީ އޭ މިގޮތަށް ވާހަކަ ދައްކަނީ؟ އަންހެންކުދިންނާއިއެކު މާ ސަކަރާތްޖަހާ މީހެއްހެން ހީވީތަ؟ ޒޯޔާ ފޮނުވި ވީޑިއޯ ބަލާފައި ނިންނިދެކެ ވަރަށް ލައިކްވެވިއްޖެ. އަހަންނަކީ ލޯތްބަކީ ދުނިޔޭގައިވާ އެއްޗެއްކަމަށް ގަބޫލުކުރި މީހެއްވެސް ނޫން، ނައު އައި ބިލީވް އިން ލަވް، ސީރިޔަސްކޮށް މިކަން ކޮށްދީފިއްޔާ އިތުރަށް ފައިސާ ދޭނަން. ބުނި ކޮންމެ އެއްޗެއް ދޭނަން........." ދާނަޝްގެ ވާހަކަތަކުން ޒޯޔާގެ ހިތުގައި ފޮނި ފޮނި ރާގެއް ކުޅެލައިފިއެވެ. ރަނީން އިޒްޔަންދެކެ ލޯބިވެގެން މޮޔަވިޔަސް މިހާ ލޯބިން އިޒްޔަން ވާހަކައެއް ނުދައްކާނެއެވެ. ރަނީންއަށް ބޭނުންވަނީ އޭނަދެކެ ލޯބިވާނެ މިފަދަ ޒުވާނެކެވެ. އިޝްގުން ހަޔާތުގެ ދާވަނި ފުރާލަދޭނެ ބައިވެރިޔެކެވެ. އިޝްގީ ބައިވެރިޔެކެވެ. އެކަމުން ރަނީންއަށް މުއްސަދި ދިރިއުޅުމެއް ލިބުމުގެ އިތުރުން އެމީހުންނަށްވެސް އުފާވެރިކަން ލިބޭނެއެވެ.

"އެކަމަކު......." ޒޯޔާ ކުޑަކޮށް ޖެހިލުންވިއެވެ.

"ބިރުގަތީތަ؟ އޭނަ ނޫނެކޭ ބުނެފާނެތީ ކަންބޮޑުވީ ދޯ..........." ދާނަޝް މޫޑު ޚަރާބުވާގޮތްވިއެވެ.

ޒޯޔާ ވިސްނާލިއެވެ. ދާނަޝްއާއި އޭނައާއި ދޭތެރޭގައި އޮތް އެކުވެރިކަމުން ލިބެން އުޅޭ ފައިދާ ކުޑައެއް ނޫނެވެ. ދާނަޝްގެ އަތުން ބޭނުންވަރަކަށް ފައިސާ ލިބޭނެއެވެ. އޭރުން އޭނައާއި އިޒްޔަންއަށް އުފާވެރި ޙަޔާތެއް ލިބިދާނެއެވެ. ދާނަޝް ކިތަންމެ މުއްސަންޖަސް ރީތިކަމުގެ ގޮތުން ބަލާއިރު އިޒްޔަން އާއި ވާދަކުރެވޭނެކަމަކަށް ޒޯޔާ ގަބޫލެއްނުކުރެއެވެ. ލޯބިވެވުމުންވެސް ވާނީ އެފަދަ ގޮތެކެވެ. އަމިއްލައަށް ދާނަޝް ޙާސިލުކުރަން އުޅެފައި އެންމެފަހު ވަގުތު ޒޯޔާވަނީ އެހެން ގޮތަކަށް އެ ޑްރާމާ އަނބުރާލާފައެވެ. އޭނަގެ މަގުސަދަކީ ރަނީން ހަޔާތުން ނެރެލާފައި ކުރި އަތުލުމެވެ. އޭނައަށް އިޒްޔަން ލިބެން އޮތީ ތަސްވީރުން ރަނީން އެއްކިބާކޮށްލެވުނީމައެވެ.

ޒޯޔާ ހާސްވެ މޫނުގެ ކުލަވަރު ބަދަލުވީ ކުއްލިއަކަށް ކަމެއް ހަނދާންވެފައެވެ. ރަނީންއާއި ދާނަޝްގެ ފަރަޤު ހިތަށް އަރާފައެވެ. އަދި ދާނަޝްއާއި ބެހޭގޮތުން މުޖުތަމަޢުގައި ފެތުރޭ ވާހަކަތައްދެކެ ޚުދު އޭނަވެސް ޖެހިލުން ވެއެވެ. އެކުވެރިން ބުނާގޮތުން ދާނަޝްއާއި އިމާންއަކީ ލޯބިވެރިންނެވެ. އެދެމީހުން އުޅެނީ އެކުވެރިން އުޅޭ ޒާތަކަށް ނޫނެވެ. އެއަށްވުރެ ގާތް ގުޅުމެއް އޮވެ މީހުންނަށްވެސް އެކަން އަންގަން ބޭނުންވާ ގޮތަށެވެ. ވީއިރު ރަނީންގެ ލޯބިވެރިޔެއް ގެ ގޮތުގައި ދާނަޝް ގަބޫލުކުރާނެ ހެއްޔެވެ؟ ދާނަޝްގެ ނުރައްކާތެރި ބެލުމާއި އެލޮލަށްޓަކާ ހިތްތައް ފިދާވާއިރުވެސް ރަނީންގެ ހިތް އަތުލެވޭނެ ބާވައެވެ. ރަނީންއަކީ ތަފާތު އަންހެންކުއްޖެކެވެ.

ދާނަޝްއާއި ހެދި އިމާން އުޅޭވަރު އެފްބީ ބަލާލިޔަސް އެނގޭނެއެވެ. އިމާން ކޮމެންޓްކޮށްލަނީ ލޯބިވެރިޔަކަށްވެސް ކޮމެންޓް ކޮށްލާނެ އުސޫލުންނެވެ.

ދާނަޝްގެ ޢާއިލާއަކީ ޑޮކްޓަރުންނާއި ވިޔަފާރިވެރިން ގިނަ މާލެއަށް ނަން މަޝްހޫރު ބަޔެކެވެ. ޑޮކްޓަރުންނާއި ވިޔަފާރިވެރިން ހިމެނޭ އެ ޚާންދާން ދަރިދަރިކޮޅަށް ގޮސްފައިވާއިރު ދުނިޔޭގެ އެތަންމިތަނުގައި އެމީހުންގެ ވިޔަފާރި ފުޅާވެފައި ވެއެވެ. ފަޒުލުއްދީންއަކީ ޢާއިލާގެ އިސްފަރާތެވެ. މުނި ކާފަ ދަރިންނާއި ހަމަޔަށް އޭނަގެ މުއްސަދިކަން ވާސިލުކޮށްދިން ލާމަސީލު މިސާލެކެވެ. ފަޒުލުއްދީންގެ ކާފަ ދަރިން ކުރެ މަންސޫރު ނިއުރޯ ސާޖަންއެއްގެ ގޮތުގައި މީޑިއާ ފަޅުފިލުވަމުންދާއިރު ބައްޕަގެ ވިޔަފާރިން މަޝްހޫރުކަން ހޯދީ މަންސޫރުގެ ބޭބެ ސުލްތާނެވެ. މަންސޫރުގެ ދަރިފުޅު ލިވާންއާއި މީރާ ބައްޕަގެ ފިޔަވަޅުމަތިން ހިނގަން މަސައްކަތްކުރިއިރު ސުލްތާންގެ ދަރިންތަކުގެ ތެރެއިން ދާނަޝް ބޭނުންވީ ސިއްހީ ޚިދުމަތަށް ވަނުމަށެވެ. ދާނަޝް ކިޔަވާ ނިމިގެން އައިސް ވަޒީފާއަށް އަންނަން ފެށުމާއިއެކު އަންހެންކުދިންގެ ފަރާތުން ހުށަހެޅުންތައް އަންނަން ފެށިލެއް ގިނަކަމުން ޚުދު އޭނަވެސް ހައިރާންވިއެވެ.

ހިތްގައިމު ރާގެއްހެން އެއް ވާނަކަށް ވާރޭވެހެމުން ދިޔައިރު ދާނަޝްއާއި އިމާން އެނދުގައި ކޮފީ ބޯންތިއްބެވެ. އުއްބައްތިއެއްގެ އޮރެންޖްއަލި ދެހަށިގަނޑަށް އެޅިފައިވާއިރު ދެޒުވާނުންވެސް ތިބީ އެކަނި ސޯޓުގައެވެ. އެ އޮމާން ހަށިގަނޑުތައް ޓޭންވެލާފައިވާވަރުން މޫދުގައި އުޅެން ލޯބިކުރާވަރު ހާމަކޮށްދެއެވެ. ސައިޑް ޓޭބަލްމަތީގައި ހުރި ކޮފީ ޖަގު ހުސްވަމުންދާއިރު ތަނުގައި ހިފާލާފައިވަނީ ކޮފީގެ މީރުވަހެވެ. ދާނަޝް ޒޯޔާއާއި ވައިބަރއިން ވާހަކަދައްކާއިރު އިމާން އޮތީ ހީހީއެވެ. އިމާން އަށް ދާނަޝް ފޮޓޯއެއް ދެއްކުމުން އިމާން އަނގަޔަށް ގޮތެއް ހަދާލިގޮތުން ހީވީ ހިތި އެއްޗެއް އަނގަޔަށް ލެވުނުހެންނެވެ.

"ކީއްކުރާށޯ ދެން ކުޑަކުއްޖަކު ހާސިލްކުރަން ބޭނުންވީ......." އިމާން އެހިއެވެ.

"އިންނަންވެސް އެއްބަސްކުރުވާނަމޯ......." ދާނަޝް މެސެޖެއް ދެއްކިއެވެ.

"ޖާރިޔާއަކަށް ގެންނާނަމޭ ބުންޏަސް މަ ގަބޫލުކުރާނަން، އެކަމަކު މެރިޖް، ހަމަ ރަގަޅަށްތަ؟ " އިމާން ބާލީސްތަކަށް ލެނގިލައިގެން އިނީ ނިކަން އަރާމުވެފައެވެ.

"ދީނީކުއްޖަކާއި މަށަށް ވައްތަރީ. އަދި މިކަހަލަ ކުއްޖަކާއި ދިމަލެއްނުވޭ. އަހަރެން ކޮންމެހެން ބޭނުންވެގެންނެއް ނޫނޭ މާން، ގަދަކަމުން ބޮލުގައި އަޅުވަން އުޅެނީ، ވަރަށް ބަސްއަހާ ރަގަޅުކުއްޖެކޯ، ރީތިކަން އަންގަންވެގެން ވީޑިއޯއެއްވެސް ނަގާފައި އެފޮނުވީ. ހަމަ ކިޔަނީ އިންނާށޭ، އިންނާށޭ، ދެން އަހަރެން ހަދަންވީ ގޮތެއް ނިކަން ބުނެބަލަ............." ދާނަޝް ފުން ނޭވަޔެއް ދޫކޮށްލާފައި ފޯނު އެއްފަރާތަކަށް އެއްލާލާފައި އެރީތި ހަށިގަނޑު ދަމާލިއެވެ. އެވަރުގަދަ މުލައްދަނޑިއާއި ތަނަވަސް މޭމަތީގެ ސަބަބުން ޖިމްގައި ވަގުތު ހޭދަކުރާ ޒުވާނެއްކަން އެނގެއެވެ. ކަނދުރާ ފަޅުފިލުވާފައިވަނީ ރިހިކުލައިގެ ފަށަކުންނެވެ. އެފަށް އަޅާފައި އޮތުމާއިއެކު އިސްތަށިގަނޑު ރަންމުށިކުލައަކުން ހައިލައިޓްކޮށްލާފައިވެއެވެ.

"ދީނީ ކުއްޖެކޭ؟ އެވަރުންވެސް ތިކަން ކުރަން ޖެހޭތަ؟ ހަނދާންނައްތާލާ......" އިމާން ބުނެލީ ފޫހިވެފައެވެ.

"ކީއްވެ ނުވާންވީ؟ ނުލިބޭ އެއްޗެއް ވިއްޔާ މާ ބޮޑަށް ހޯދާހިތްވޭ. ކޮންމެހެން ލޯބިވާތީއެއް ނޫން. ފައިސާގެ ބަދަލުގައި އަހަންނަށް ކޮންމެވެސް އެއްޗެއް ލިބެންވާނެއްނު. ޒޯޔާ އަހަރެންގެ އަތުން އެއްހާސް ޑޮލަރުވެސް އަތުލައިފި........." ދާނަޝް ކިޔާދިނެވެ.

"ސްޓްޕިޑްވިޔަސް ތަންކޮޅެއް ބޮޑު، މީހަކު އަހާލާ އިރަށް ދޭންޖެހޭތަ؟ ޖެނެރަސް ވިޔަސް ވަކި ލިމިޓެއް އޮންނަންވާނެ ބްރޯ................" އިމާން ހައިރާންވިއެވެ.

"ކޮއްކޮ ކެންސަރު ޖެހިގެން ފުރަންވެގެންނޯ...." ދާނަޝް ކަތި ނަޒަރަކުން ބަލައިލިއެވެ. އެހާ ފިނިގަދައިރުވެސް އޭސީ ޖައްސާފައި ހުރުމުން ހަށިގަނޑަށް ފިނީގެ އަސަރުވެސް ކުރަންފެށިއެވެ. ބެލްކަނީގެ ދޮރުތަކުގައި ފަރުދާތައް ތެޅޭއިރު އުއްބައްތިތަކުގެ ޢުމުރު ދެންމެ ދެންމެ ހުސްވެދާނެހެން ހީވާ ފަހަރު އާދެއެވެ. ހުޅުކޮޅުތައް ހެލިލާއިރު ކޮޓަރީގެ ފާރުގައި ހިޔަނިތައް ނަށާތަން ފެންނައިރު ވަރަށް ހިތްގައިމެވެ.

"ކުޑަކުދިންގެ ހިތްތައް ހަލާކުކުރާކަށް ނުވާނެ...."އިމާން ވިސްނާދިނެވެ.

"ރައްޖޭގެ ޤާނޫނުގައި ކުޑަކުދިންނަށް އުމުރެއް ކަނޑައަޅާފައިވިޔަސް އަހަރެން އެކަން ގަބޫލެއްނުކުރަން. އަހަރެން ހުއްޓާލާނީ އެކުއްޖާ އަހަންނަށް ފޯލްވާވަރުކޮށްފައި. ސިކްރެޓެއް ބުނަންތަ؟ އެކުއްޖާ އެޑްމިޓްކޮށްފައި އޮތްވާ އަހަންނަށް އެއްދުވަހު ދިމާވި، ޝީ ލުކްސް ލައިކް އެން އެންޖެލް......." ދާނަޝްގެ ރީތި ދެލޮލުގައި ނުރައްކާތެރި ވިދުވަރެއް އުފެދުނެވެ.

"ބީ ކެއަރފުލް އިނގޭ....މަންމަމެން ގަބޫލެއްނުވާނެ. ދޮންބެ ރާއްޖެތެރެއިން ކުއްޖަކާއި އިންނަން އުޅުނީމަ މަންމަ ފޭކް ހާޓްއެޓޭކެއް ޖެހިގެން އެޑްމިޓްކޮށްގެން ކިހާ ވަރެއްވި އެންމެފަހުން ދޮންބެ ޖެހުނީ މަންމަމެން ބުނި މީހަކާއި އިންނާކަށްނު.........." އިމާން ވިސްނާދިނެވެ.

"އައި ޑޯންޓް ކެއަރ، އެންމެން ރުހުނަސް ނުރުހުނަސް އަހަރެން ބޭނުންކަމެއް ކޮށްފައި ހުއްޓާލާނީ....." ދާނަޝްގެ ފިރިހެންވަންތަ އަޑު އިވުމުން އިމާންގެ ގައިންވެސް ހީބިހިނެގިއެވެ. އިމާން ހިނިގަނޑެއް ޖަހާލިއެވެ.

ރަނީން އެކަނިމާ އެކަނި ކޮޓަރީގައި އިނީ ކޮޓަރި މުޅިން އަނދިރިކޮށްލައިގެންނެވެ. އެއްގޮތަކަށްވެސް ބޮކި ދިއްލާލާކަށްވެސް އޭނަ ބޭނުމެއްނޫނެވެ. ޖެހެމުންދާ ވައިރޯޅިތައް ދޮރުފޮތިތަކާއި ކުޅެލަނީ ސިއްރުތައް ބުނަމުންދާހެންނެވެ. ރަނީން ވިސްނަމުން ދިޔައެވެ. ވާރޭވެހުނީމަ ބައްޕައަށް އުދަގޫ ނުވާނެހެއްޔެވެ؟ ފެން ނޭޅޭނެހެއްޔެވެ؟ ބައްޕަ ބިރުނުގަންނާނެ ހެއްޔެވެ؟ އެންމެންނަށްވެސް އެދުވަސް އަންނާނެކަން އޭނައަށް އެނގެއެވެ. މަރަކީ ކޮންމެ މީހަކު ދެކޭނެ ދުވަހެކެވެ. ކަށްވަޅުގައި އެކަނި ނިދާލާނެ ދުވަހެއް އަންނާނީ ކޮންއިރަކު ކިހިނެއްކަމެއް އެއްވެސް އިންސާނަކަށް އެނގިފައެއްނުވާނެއެވެ. އޭނަ މިވިސްނަނީ ކިހިނެއް ހެއްޔެވެ؟ މަރާއިމެދު އޭނަ މިވިސްނާލެއް މުޅިން ގޯހެވެ. އެދުނިޔެއަށް ނޭވާލުމަށްފަހު ފެންއެޅި އުދަގޫވުމުގެ ބަދަލުގައި ރަގަޅަށް އުޅުނު މީހުންނަށް ދެއްވާނެ ނިޢުމަތް ހިތަކަށްވެސް ނުގެނެވޭނެއެވެ.

"ހަޤީގަތަކީ މިއީ، ބައްޕަ ދެން ދުވަހަކު ނުފެންނާނެ، ދުވަހަކު ނާންނާނެ. ބައްޕަ އެދިޔައީ އަބަދުގެ އަބަދަށްޓަކާ ވަކިވެގެން، ކިތަންމެ ވަރަކަށް ރުޔަސް ކަރުނަތަކަކުން ބައްޕައެއް ނުގެނެވޭނެ، ކީއްވެ މިހެން ވާންވީ؟ މިއީ އަހަރެންގެ ކުށުގެ ސަޒާކަން ޔަގީން، ބައްޕާ ޕްލީޒް އެނބުރި އާދޭ، އޭރުން ބަސް އަހާނަން، ދުވަހަކު ގޯސްގޮތަކަށް ނޫޅޭނަން، އަހަންނަށް މާފުކޮށްދޭތި......" ރަނީން ހިތާހިތުން ވާހަކަދެއްކިއެވެ.

ޒޯޔާ ކޮޓަރިއަށްވަދެ ބޮކި ދިއްލާލިއިރު ރަނީން އިނީ އެނދުގައި އިށީންގޮތަށް ބާލީސް މޭގައި ޖައްސާލައިގެންނެވެ. އެލޮލުން ކަރުނައިގެ އަސަރެއް ނުފެނުނަސް އެކުއްޖާގެ ހިތް ހަލާކުވެފައިވާވަރު ދެލޮލުން ފާޅުވެއެވެ. ނޭގެނީ އެލޮލުގައި ފޮރުވިފައިވާ ކަރުނަތައް އޮހިގަންނާނެ އިރެކެވެ.

"ނިންނި، އެއްޗެއް ކާން ހިނގާބަލަ، މަންމަވެސް ބޭސްކައިގެން ނިދާފައި އޮތީ، ހިތްވަރުކުރަންވާނެ ދޯ، އަހަރެންވެސް ދެރަވޭ، އަޒީޒުބެއަކީ ވަރަށް ރަގަޅު މީހެއް......" ޒޯޔާ ރަނީންގެ އަތަށް އައިސްކްރީމް ބޯތަށްޓެއް ދިއްކޮށްލުމުން ރަނީން ބޯ ހޫރާލިއެވެ.

"އޯކޭ އޯކޭ، ނިންނި، މިގޭގައި ހުރީމަ ހައްތަހާ ބޮޑަށް ބައްޕަގެ މަތިން ހަނދާންވާނީ. ހިނގާބަލަ ފްރެންޑެއްގެ ގެއަށް........" ޒޯޔާ އެދުނެވެ.

ކޮމެންޓް 0